Vaudhu (Part 15)
“ނޫނޭ ބޮޑުމަންމާ….ބޮޑުމަންމަ ކައިރި އެއްޗެކޭ ބުނެލަން ބޭނުންވެގެން މި ގުޅާލީ….އަހަރެން ބޭނުން މަލާކްއާ އިންނަން…” ފޯނުގެ އެކޮޅުން އިވުނު ބަސްތަކުން ލިބުމާއެކީ ކޮޓަރީގެ ރީތިވާ މޭޒުކައިރި ހުއްޓިހުރި ވަސީމާއަށް ސިހުމެއް ލިބުނެވެ. އެ ބަސްތައް ޤަބޫލުކުރަން ނޭނގިފައި އޭނައަށް ސިކުންތުކޮޅަކަށް ހުރެވުނެވެ. މިއީ ހަމަ ޙަޤީޤަތެއްތޯ ހިތަށްއެރި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ.
“އަޔާޒް ކީއްވެތަ ކުއްލިއަކަށް ތިހެން ތިބުނީ؟ މަލާކްއާ އިންނަން ބޭނުންނުވަންޏާ ނުއިންނައްޗޭ….އެއީ ރަނގަޅުކަމެއް ނޫން.” ވަސީމާއަށް އެހެން ބުނެލެވުނީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އަޔާޒް މި ނިންމުން ނިންމީ އޭނައާއި ނިޝާން ކިޔާވަރުން ދަތިވެގެން ކަމަށް ހީކުރެވުނެވެ.
“މިއީ ކުއްލިއަކަށް ނިންމި ނިންމުމެއް ނޫނޭ ބޮޑުމަންމާ….އަހަރެން ހަމަ…ބޭނުންވަނީ…ވަކިން ޚާއްޞަކޮށް މިއަދު އެކުއްޖާގެ މަންމަ ދުނިޔެ ދޫކޮށް ދިޔައިމަ. އެ މަންމަ އަހަރެން ގާތު އެންމެ ފަހަކަށް ބުނެލި ބަސްތަކަކީ އެކުއްޖާ ބަލައިދޭށޯ. އެކަމަށް އަހަންނަށް އެއްބަސްވެސް ވެވުނު…އެހެންވީމަ ބޮޑަށް އިންނަން ބޭނުން މިވަނީ…” އަޔާޒް ބުންޏެވެ. އެ ހިނދު އޭނައަށް އެ ބުނެވުނީ މުޅިއަކުން ގޯސް ވާހަކައެއް ނޫންކަމަށް އޭނަގެ ހިތް ބުންޏެވެ. އޭނަގެ ރޭވުމުގެ މަތިން އޭނައަށް އެ ވަޢުދު ވެސް ފުއްދިދާނެކަމަށް ހިތާހިތުން ކިޔާލެވުނު ހިނދު އެ ރޭވުމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ތަޢުރީފު ކުރެވުނެވެ.
“ދެން މައުވާ؟ އޭނައާއި ވަކިވެއްޖައިންތަ މިހާރު؟” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވަސީމާ ސުވާލުކުރިއެވެ. އެ ސުވާލާއެކީ އަޔާޒްގެ ތުންފަތުގައި ކުޅެލަކުޅެލާ ހުރި ހިނިތުންވުން ފިލައިދިޔައެވެ. ބޮޑުމަންމައަށް މި ހީވަނީ ހާދަ ބޮޑު ކުށްހީއެކޭ ހިތަށްއެރިއެވެ. އޭނަ ދުވަހެއްގެ ކޮޅުންވެސް މައުވާ ދޫނުކުރާނެކަމަށް ބުނެ ހިތް ހަޅޭއްލެވި ހިނދު އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި އަތަށްވެސް ބާރުކޮށްލެވުނެވެ.
“ވަރަށް އަވަހަށް ވަކިވާން މިއުޅެނީ ބޮޑުމަންމާ….އެކަމާ ކަންބޮޑުނުވުން އެދެން. ބޮޑުމަންމަ ކިޔައިދިން ވާހަކަތައް އަހަންނަށް މިހާރު ވިސްނޭ. އެހެންވީމަ ބޭނުމެއްނޫން މައުވާއާއެކީ އުޅޭކަށް.” އަޔާޒް ބުނެލިއެވެ. މިއީ ޙަޔާތުގައި ވެސް އޭނައަށް މިހާ ބޮޑު ދޮގެއް ހެދުނު ފުރަތަމަ ފަހަރޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަމަށްޓަކައި އޭނައަށް ދުވަހަކުވެސް މީހަކު ކުށްވެރި ނުކުރާވަރަށް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަގެ ބައްޕައާއި ބައްޕަ ދުވަހަކުވެސް ދޮގު ނެހެދުމަށް ދިން ނަޞޭޙަތްތަކުގެ މަތިން ހަނދާންވެފައި ދެރަވެސްވިއެވެ. އެހެނަސް އަޔާޒް އަމިއްލަ ނަފްސު ދިފާޢުކުރީ މިއީ އޭނައަށް މަޖުބޫރު ޙާލަތެއްކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ.
“ހަމަ އަސްލުވެސްތަ އަޔާޒް؟! ޤަބޫލެއްވެސް ނުކުރެވޭ ބޮޑުމަންމައަށް! އަލްޙަމްދުލި ﷲ! ހަމަ ޔަޤީނުންވެސް ﷲ އެކަލާނގެ އިރާދަކުރެއްވި އަޅަކަށް ހެޔޮ ގޮތް ދައްކާ….އުފާ ކުރޭ ދަރިފުޅު. އިން ޝާ ﷲ ކުރިއަށް އޮތް ތަނުގަ ދަރިފުޅަށް ލިބެން އުޅެނީ ވަރަށް ވެސް އުފާވެރި ދިރިއުޅުމެއް. މަލާކަށް ނުހިނގުނަސް ކިހާ ރީތި ޝަޚްޞިއްޔަތެއް ހުރި ކުއްޖެއް އެއީ؟ އަދި އަޔާޒް ތިއީ ޑޮކްޓަރަކަށްވީމަ މަލާކްގެ ފަޔަށް ފަރުވާވެސް ކޮށްދެވިދާނެއެއްނު؟ އެއީ ފަރުވާއެއް ނެތް ކަމެއްވިއްޔާ ބޭރު ޤައުމަކުން އެހީ ހޯދައިގެން ދިރާސާ ކޮށްގެން ވިޔަސް އަޔާޒަށް ފަރުވާ ހޯދައިދެވިދާނެއެއްނުދޯ؟” ވަސީމާ އުފާވެރި ހިނިތުންވުމަކީ އޭނަގެ ޚިޔާލުތައް ޙިއްސާ ކުރިއެވެ.
“އާނ ބޮޑުމަންމާ….އެއަށް ފަރުވާ ހޯދައިދިނުމަކީ މުޅިއަކުން ނުވާނެކަމެކޭ އަހަރެން ނުބުނާނަން…” އަޔާޒަށް އެހެން ބުނެލެވުނީ މަލާކްގެ ފަރުވާއަށްޓަކައި އޭނައަށް ކުރެވިދާނެ ކަންތަކާއިމެދު ވިސްނަމުންނެވެ. ހަމަ އެ ހިނދު ނޭނގޭ ސަބަބަކާހުރެ އޭނަ މަލާކާއި އިނދެގެން އުޅުމަށް އޭނަ ދެންމެ ނިންމި ވަގުތުކޮޅުގެ ތެރޭގައި މަލާކަށް ފަރުވާކޮށްދިނުމުގެ ޝައުޤުވެރިކަން ބޮޑުވިއެވެ. އެހެނަސް މައުވާ މަތިން ހަނދާންވުމުން އޭނަ ވަގުތުން ސިކުނޑިން އެ ޚިޔާލު ފޮޅުވާލިއެވެ.
“އިން ޝާ ﷲ މަލާކްވެސް އަދި ރަނގަޅުވާނެ. އަދި ﷲ ގެ ރަޙްމަތްފުޅުން ތި ދެކުދިންނަށް ލިބޭނީ ވަރަށް ބާއްޖަވެރި ޒަވާޖީ ޙަޔާތެއް.” ވަސީމާއަށް އެހެންވެސް ބުނެލެވުނީ ނުފިލާ ހިނިތުންވުމެއްގައި ހުރެއެވެ. އެހެނަސް އެ ބަސްތައް އަޑުއަހަން އިން އަޔާޒްގެ މޫނުމަތީގައިވީ ސީރިއަސްކަމެވެ. އޭނައަށް މައުވާ ނޫން މީހަކާއެކީ އުޅެގެން އުފަލެއް ލިބިދާނެކަމަށް ހީކުރަން ވެސް ބޭނުމެއްނުވިއެވެ. މިއީ ހައްތަހާވެސް މިވޭތުވެދިޔަ އަހަރު ތަކުގައި މައުވާ އޭނަގެ ސިކުނޑީގައި ބިންވަޅު ނަގައި ހަރުކޮށްފައިވި ޚިޔާލެއްކަން ދަނެގަންނަން އަޔާޒް ނުކުޅެދިފައިވިއެވެ. އެހެންކަމުން އެރޭ އެ ފޯނު ކަނޑާލި ވަގުތުވެސް އޭނަ ހުރީ އަދިވެސް މައުވާއާއި އޭނަގެ ގުޅުން ދެމެހެއްޓުމަށް އޭނަ ރޭވި ރޭވުން ކުރިއަށް ގެންދިޔުމުގެ ނިޔަތުގައެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އާދައިގެ މަތިން އަޔާޒަށް ހޭލެވުނީ ފަތިސް ނަމާދަށްޓަކައި އޭނަގެ ބޮޑުމަންމަ އޭނައަށް ގޮވުމުންނެވެ. އާދައިގެ މަތިން އޭނަ ދޮންބެއާއެކީ މިސްކިތަށް ގޮސް ނަމާދު ކޮށްގެން ގެއަށްއައެވެ. މިސްކިތަށް ދިޔަ މަގުމަތީގައި އޭނަ ކައިވެންޏަށް އެއްބަސްވީ ވާހަކަ ދޮންބެއަށް އިވިފައިވިކަން އަޔާޒަށް އެނގުންވިއެވެ. ދޮންބެވެސް ބޮޑުމަންމައާއި އެއްވަރަށް އެކަމާމެދު ހިތްހަމަޖެހިގެން ވާހަކަ ދެއްކުމުން އަޔާޒް ވަކި އިތުރު އެއްޗެކޭ ނުބުނެ ހިނިތުންވުންތައް ދައްކަމުން ދިޔައީއެވެ.
ހެނދުނު ގެއަށް ގޮސް އޭނަގެ ތަނަވަސް ކޮޓަރިއަށް ވަދެ ކޮންމެ ދުވަހެއްގެ އާދަތަކުގެ މަތިން އޭނަ ހެނދުނު ކުރާ ކަސްރަތުތައް ކުރަން ފެށިއެވެ. މާލެއަށް އަނބުރާ އައިފަހުން އަދި ޖިމަކަށް އެޕްލައި ކުރުމުގެ ފުރުޞަތެއް ނުލިބޭތީ އޭނަ ކަސްރަތުތައް ކޮށް އުޅެނީ އޭނަގެ ތަނަވަސް ކޮޓަރި ތެރޭގައެވެ. ކަސްރަތު ކުރަމުން ދިޔައިރު ވެސް ކީއްވެކަމެއް ނޭނގެއެވެ. ދޭތެރެ ދޭތެރެއިން އޭނައަށް ސިފަވަމުން ދިޔައީ މަލާކްގެ ސޫރައެވެ. މަލާކް އެއާރޕޯޓް ތެރެއިން ފެނުނު ދުވަހެވެ. އޭނަގެ އަތާއި ފަޔަށް ބާރު ކުރެވިފައިވި ގޮތެވެ. އޭނަ ފެނުމުން މަލާކް ސިއްސައިގެން ދިޔަ ގޮތެވެ. އަމިއްލައަށް ގޮނޑި ދުއްވާފައި ދާއިރު އެ ހުންނަ ހިތްވަރެވެ. އަދި އޭނަ މަލާކް ދަށްކޮށްލަން އުޅުމުން ވެސް މަލާކް އެ ދެއްކި ސާބިތުކަމެވެ. އެއަށްފަހު މަލާކްގެ މަންމަ ދުނިޔެއާއި ވަކިވީ ވާހަކަ އިވުމުން އެ މޫނުމަތިން ފެނުނު ހިތާމަވެރިކަން ހަނދާންވެފައި އަޔާޒްގެ ޙަރަކާތްތަކަށް ހުއްޓުމެއްއައެވެ. ގޮނޑިއެއްގައި އިނދެ އެއްއަތުން އުފުއްލަމުން ދިޔަ ބޭރި ލަސްލަހުން ތިރިކޮށް އޭނައަށް އޭތި ކައިރީގައި ހުރި ތިރި ކަބަޑު މަތީގައި ބާއްވާލެވުނެވެ. އޭނަ ވިސްނުމަކަށް ގެއްލިފައިވަނިކޮށް ބޭރު ކޮޓަރީގެ ތެރެއިން ބޮޑުމަންމަ އޭނައަށް ގޮވައި ސައިބޯން އައުމަށް ބުނެލި އަޑުއިވުނެވެ. އެއާއެކު އަޔާޒް މި އަންނަނީ ކަމަށް ބުނެ ފެންވަރަން ދިޔައެވެ.
ފެންވަރައި ތާޒާވެލައިގެން އަޔާޒް ކޮޓަރިން ނިކުތީ އޭނަ މާލޭގައި ވަޒީފާ އަދާކުރާނެ ހޮސްޕިޓަލަކާއި މެދު ޚިޔާލުކުރަމުންނެވެ. މި ހުރިހާ ދުވަހު އެކަމާ ނޫޅެ ހުރެވުނީ އޭނަ އަނެއްކާވެސް އަނބުރާ ރަޝިޔާއަށް ދާކަހަލަ ގޮތަކަށް ނިންމައިގެން ހުރީތީވެއެވެ. އެހެނަސް އޭނަ މިހާރު ރާވައިގެން އުޅޭ ރޭވުމަށްޓަކައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ދޮންބެމެން އުއްމީދު ކުރާ ގޮތަށް ހަދަން އެބަޖެހެއެވެ. ކާގެއަށް ދެވުނު ވަގުތު އޭނަ ހަމަ އެދުވަހުން އެދުވަހަށް ސިޓީ ލާނެ ހޮސްޕިޓަލް ނިންމާލެވުނީ އެހެންވެއެވެ. އެހެނަސް އޭނައަށް ސައިބޯން ނުއިށީނދެވެނީސް މޭޒުމަތި ތައްޔާރުކުރަމުން ދިޔަ ބޮޑުމަންމަ ވާހަކަ ދެއްކިއެވެ.
“އަޔާޒް ތިރިއަށް ގޮއްސަ މަލާކްއާ އޭނަގެ ބައްޕަ ގޮވައިގެން އަންނަންވީއެއްނު ސައިބޯން؟ އަހަރުމެން ނުބުނަންޏާ އެމީހުންނަށް ވެސް ނޭނގޭނެތާ! އަހަރުމެންގެ އެދުމަށް އެމީހުން މިކޮޅަށް އައީ….ހެޔޮ ނުވާނެ އެމީހުން އެހެން ދޫކޮށްލާކަށް. ގޮއްސަ ގޮވައިގެން އާދޭ އަޔާޒް!” ވަސީމާ ބުނެލިއެވެ. އަޔާޒް އެ ވާހަކަ އަޑުއަހަން ހުރެފައި ބޯޖަހާލަމުން ވަކި ދެކޮޅު ހެދުމެއްނެތި ދިޔައެވެ. ނިކަމެތި ޙާލެއްގައި ތިބި ބަޔަކަށް އެހީތެރިވާން އޭނަވެސް ބޭނުންވުމުންނެވެ. އަދި މި ޙާލަތުގައި އޭނަ މަލާކް ބަލާ ދިޔަޔަސް އެދެމީހުންގެ ގުޅުމަކަށް ވަކި ބަދަލެއް ނާންނާނެކަމަށް އަޔާޒަށް ނިންމުނެވެ. އަޔާޒް އެމީހުން އުޅޭ ފަންގިފިލާއިން ނިކުމެގެން ގޮސް ތިރިއަށް ދިޔުމަށްޓަކައި ލިފްޓަށް އެރީ އެއީ ކިހާ ބޮޑު ކުށްހީއެއްކަން ނޭނގިއެވެ.
ލިފްޓުން ގޮސް އަޔާޒް ފޭބީ ޢިމާރާތުގެ ފަސްވަނަ ފަންގިފިލާއަށެވެ. ލިފްޓުން ފޭބުމަށްފަހު އަޔާޒް އޭނައާއި ދިމާ ކުރިމަތިން ފެންނަން ހުރި ދޮރާއި ދިމާލަށް ދިޔައެވެ. އޭނަ އެ ދޮރުގެ ކައިރީގައި ހުރި ބެލްއަށް ފިތާލަން އުޅުނު ވަގުތު ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުމަތިން އޭނައަށް ފެނިގެން ދިޔައީ މިލާފައިވި މޫނަކާއެކީ ހުރި މަސްޢޫދެވެ. މަސްޢޫދު ފެނުނު ފުރަތަމަ ސިކުންތުގައި އަޔާޒް އެއްޗެކޭ ބުނަން ޖެހިލުންވިއެވެ. އެހެނަސް އެއްޗެކޭ ނުބުމުން ޙާލަތް ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެން އޭނައަށް ވާހަކަ ދެކެވުނެވެ.
“ސަލާމް ބޭބޭ! ބޭބެއާއި މަލާކް ބަލާ އަހަރެން މިއައީ. ބޮޑުމަންމަ ބޭބެމެންނަށް ދަޢުވަތު އެބަދޭ ހެނދުނު ސައިބޯން….ބޭބެމެން އަންނަންވީއެއްނު އަހަންނާއެކީ؟” އަޔާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހިނދު އޭނައަށް ބަލަންހުރި މަސްޢޫދުގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
“ޝުކުރިއްޔާ އަހަރުމެން ބަލާ އައި ކަމަށްޓަކައި….އަހަރުމެން ތި ދަޢުވަތު ޤަބޫލުކުރާނަން. ސައިބޯން ގޮއްސަ ބޭބެއަށް ބުނެވޭނެ ކަންނޭނގެ އަޔާޒްގެ ދޮންބެ ކައިރި ބުނަން ބޭނުންވެފަ ހުރި ވާހަކަ.” މަސްޢޫދު އެ ފަހު ބަސްތައް ބުނެލީ އިސްޖަހާލަމުންނެވެ.
“ކޮން ވާހަކައެއްތަ ބޭބޭ؟” އަޔާޒަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. އެއާއެކު މަސްޢޫދު އޭނަގެ އަތުގައި އޮތް އާދައިގެ ސިޓީ އުރައެއް ދައްކާލިއެވެ.
“މިއީ ތިކުދިންގެ ބައްޕަގެ ވަޞިއްޔަތް….އަޔާޒް މަލާކްއާ އިނަސް ނުއިނަސް ބޭބެ މިހިރީ މީތި ދީފަ ކޯޓުގަ ހެކިބަސް ދޭން ތައްޔާރަށް…ހިއެއްނުވޭ މި ޙާލަތުގަ މަލާކަށް އަޔާޒްއާ އިންނަން އެއްބަސްވެވޭނެހެން….މަލާކަކީ ހިތްދެރަ ކުއްޖެއްނޫން. މަލާކަށް ވެވޭނެ ނަމަ ބޭބެއަށްވުރެ ވެސް ކުރިން ރުއިން ހުއްޓައި ބޭބެއަށް ހިތްވަރުދޭ ކުއްޖަކަށް ވީސް. އެކަމަކު ކުޑައިރުއްސުރެވެސް ރޮވެން ފަށައިފިނަމަ ހުއްޓާލުމަކީ އޭނައަށް ވަރަށް އުދަގޫކަމެއް. ވަރަށް މަސައްކަތް އެބަކުރޭ އޭނަ މިވަގުތުވެސް އެކަމަކު…..” މަސްޢޫދުގެ ވާހަކަ އެހާ ހިސާބުން މެދުކެނޑުނީ މަލާކް ރޯ މަންޒަރު ސިފަވުމުން އޭނަގެ ހިތްވެސް ސާރިޔާގެ ހަނދާންތަކުން ފުރިގެން ދިޔުމުންނެވެ. މަސްޢޫދަށް ވީ ގޮތް ފެނިފައި އަޔާޒަށް ދެބުމަ ކައިރިކޮށްލަމުން ގޭގެ ތެރެއަށް ނަޒަރެއް ދެވުނީ ބޭއިޚްތިޔާރުގައެވެ. ދުރުދުރަށް ނަޒަރު ހިންގާލުމުން ވެސް މަލާކް ފެންނަން ނެތުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“ކޮބައިތަ މަލާކް؟” އޭނައަށް އަހާލެވުނެވެ.
“އެބަހުރި ކޮޓަރީގަ….ބޭބެ އެބަ އަންނަން ގޮވައިގެން.” މަސްޢޫދު އެހެން ބުނެ އެތެރެއަށް ދާން އުޅުނެވެ.
“އަހަރެން ދިޔަޔަސް އެންމެ ރަނގަޅުތަ؟” އަޔާޒަށް އަވަސްއަވަހަށް އަހާލެވުނެވެ. މަލާކަށް އޭނަގެ އިޙްސާސްތައް އަމިއްލަ ބާރުގެ ދަށަށް ނުގެނެވޭ ވާހަކަ ބުނުމުން އޭނަ އެކަން ދެކެން ބޭނުންވިއެވެ. އަދި އެކަން އޭނައަށް ޙައްލުކުރެވިދާނެތޯ ބަލަން ބޭނުންވިއެވެ. އެހެނަސް މަސްޢޫދުބެ ހުއްޓުން އަރާފައި އޭނައަށް ބަލާލި ނަޒަރުން އޭނަ ހިސާބަކަށް ޖެހިލުންވިއެވެ. ބުނި ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އޭނަ އެކަން ކުރަން އުޅެނިކޮށް މަސްޢޫދުބެ ބޯޖަހާލަމުން އެންމެ ރަނގަޅޭ ބުނެލިއެވެ. އެއާއެކު ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލަމުން އަޔާޒް އެގެއަށް ވަދެގެން ދިޔައެވެ. މަސްޢޫދުބެ އޭނަގެ ފަހަތުން އަންނަމުން މަލާކް ހުރީ ކަނާތް ފަރާތުން ތަންކޮޅެއް އެތެރޭގައި ހުރި ކޮޓަރީގައި ކަމަށް ބުންޏެވެ. ކޮޓަރިއާއި ހަމައަށް ދެވެންދެން ވެސް މަސްޢޫދު އަޔާޒްގެ ފަހަތުން ދިޔައެވެ. އެހެނަސް އެ ބޭބެ އޭނަގެ ފަހަތުން އަންނަމުން ދިޔަކަން ވެސް އަޔާޒްގެ ހަނދާނުން ފިލައިގެން ދިޔައި ހުޅުވިފައިވި ކޮޓަރިއެއްގެ ދޮރާއި ހަމަވުމުންނެވެ. އޭނަ އެ ދޮރުމައްޗަށް އެރުމުގެ ކުރިން ވެސް މަލާކްގެ ގިސްލުމުގެ އަޑު އިވިގެން ދިޔައެވެ. އޭނަ އެތަނަށް އައި ހަމައެކަނި ސަބަބަކީ އެކަން އޭނައަށް ޙައްލުކުރެވިދާނެތޯ ބެލުން ކަމަށްވިޔަސް އެ އަޑުން އޭނަގެ ހިތަށް އަސަރުކުރީ ކީއްވެކަމެއް އޭނައަށް ދޭހައެއް ނުކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް އަޔާޒް އެ ދޮރުމައްޗަށް އެރިއެވެ. އެ ހިނދު އެ ދޮރަށް ފަސްދީގެން ކަހަލަ ގޮތަކަށް ކޮޓަރީގެ މެދާއި ހަމައަށް ގެނެވިފައިވި ގޮނޑީގައި އިން މަލާކް އަޔާޒަށް ފެނުނެވެ. އޭނަގެ އެއްފަރާތުން މަސްޢޫދުބެ އަންނަން ފެށުމުން އަޔާޒަށް އެއްއަތް ދައްކައި މަޑުކޮށްލާށޭ ބުނެލެވުނީ ވެސް އެހެން ދިމާލަކަށް ނަޒަރު ހިންގުމެއްނެތިއެވެ. އެއަށްފަހު މަލާކަށް ބަލަން ހުރެ އެއްޗެކޭ ބުނަން އުޅެފައި ވެސް ނުބުނެވުނީ އޭނަ މިވަގުތު އެއްޗެކޭ ބުނެފިނަމަ މަލާކް ސިއްސައިގެންދާނެކަން ޔަޤީންވުމުންނެވެ. ހަމަ އެއާއެކު ޚިޔާލެއް ލިބިގެން އަޔާޒް ކޮޓަރީގެ ދޮރާއި ތަންކޮޅެއް ދުރު ހިސާބަކަށް ދިޔައެވެ. މަންޒަރު ބަލަން ހުރި މަސްޢޫދު ވާނުވާއެއް ނޭނގި ބަލަހައްޓައިގެން ހުއްޓެވެ. އަޔާޒް ގޮސް އެތާ ހުރި ސޯފާގައި ކައިރީގައި ހުއްޓިލަމުން އޭނަގެ ފޯނު ނެގިއެވެ. އަދި މަލާކަށް ބަލަން ހުރެ ލުއި އަޑެއް އިވިގެންދާނެ ފަދައަކުން އޭނަގެ ފޯނު ސޯފާގެ މައްޗަށް ދޫކޮށްލިއެވެ. ދުރުން އިވުނު ލުއި އަޑާއެކީ މީހަކު ހުރިކަން އެނގުންވުމުން މަލާކް އެދިމާލަށް ބަލާލީ ސިހުމެއް ނެތިއެވެ. އެ މަންޒަރު ފެނުމުން އަޔާޒްގެ މޫނުމައްޗަށް ވެރިވެގެން ދިޔައީ ކާމިޔާބުގެ ހިނިތުންވުމެކެވެ. އޭނައަށް ވާހަކަ ދެކެވެން ފެށީ މަލާކް އުޅެނީ ހިތާމައެއްގައިކަން ވެސް ހަނދާން ނައްތާލަމުންނެވެ.
“ހާއި…..ބޮޑުމަންމަ ބުނީ ސައިބޯން އަންނާށޯ.” އަޔާޒް އެހެން ބުނެލީ ދެންވެސް ދެންމެ ކުރެވުނު ކަމާމެދު ހިސާބަކަށް ފަޚުރުވެރިވެފައި ހުރެއެވެ. އެހެނަސް މަލާކްގެ މޫނުމަތިން އުޖާލާކަމެއް ނުފެނުމުން އޭނަގެ ހިނިތުންވުން ފިލުވާލަން އަޔާޒަށް މަޖުބޫރުވިއެވެ. ހަމައެއާއެކު މަލާކް މިވަގުތު ވާނީ ކިހާ ބޮޑު ހިތާމައެއްގައިކަން ވެސް އެނގުންވީ އެވަގުތެވެ. މަންމަގެ މަރަކީ އޭނަ ވެސް މީގެ ދުވަސްކޮޅެއް ކުރިން ތަޙައްމަލުކޮށްފައިވި ހިތާމައެކެވެ. އޭނަގެ ޙަޔާތުގެ ބޮޑުބައި އޭނަ ހޭދަކޮށްފައިވީ މަންމައާއި ދުރުގައި ކަމަށްވިޔަސް އެ ޚަބަރުވެގެން ދިޔައީ އޭނަގެ މުޅި ދުވަސް ބަނަކޮށްލި ޚަބަރަކަށެވެ.
“މް….މް..މަންމަ ނިޔާވެއްޖެ….އަޔާޒް!” ދޮންބެގެ ރޮވިފައިވާ އަޑުން އޭނައަށް އެ ބަސްތައް އިވިގެން ދިޔައީ ފޯނުންނެވެ. ރަޝިޔާއަށް ހަވީރުގެ އެވަގުތު އޭނަ ހުރީ މުޅި ޔުނިވާރސިޓީއިން އެއްވަނަ ހޯދައިގެން ދަސްވެނިވުމަށްފަހު ގައުންއާއެކީ ޔުނިވާރސިޓީގެ ގޭޓު ކައިރީގައި ހުއްޓިލައިގެންނެވެ. އެ ޚަބަރު އިވުމުގެ ކުރިން އޭނަގެ މޫނުމައްޗަށް ވެރިވެފައިވީ މުޅި ޙަޔާތުގައިވެސް ވެރިވި އެންމެ އުފާވެރި ހިނިތުންވުމެވެ. އެހެނަސް އެ ޚަބަރު އިވުމަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފިލައި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނައަށް ގިސްލެވެން ފެށީ އޭނައަށް އެދުވަހު އެއްވެސް އުފަލެއް ލިބުނުކަން ވެސް ހަނދާން ނައްތާލަމުންނެވެ. އެދުވަހު އޭނަ އުޅުނު އެޕާޓްމެންޓަށް އަނބުރާ ގޮސްފައިވެސް އޭނައަށް ހުއްޓުމެއްނެތި ރޮވުނީ މަންމަ އޭނައާއެކީ ހުރި ދުވަސްކޮޅު ކޮށްދިންހާ ކަންތަކުގެ މަތިން ހަނދާންވުމުންނެވެ. އިތުރު ހިތްދަތިކަމެއް ލިބިގެންދިޔައީ ވިއްސާރަވުމުގެ ސަބަބުން ފަހު ފަހަރަށް މަންމަގެ މޫނުބަލަން ވެސް އޭނައަށް ފުރައިގެން ދެވޭ ގޮތްނުވުމުންނެވެ.
މަލާކަށް ބަލަން ހުރެފައި އެދުވަސްމަތިން ހަނދާންވުމުން މަލާކް ހިތްހަމަޖައްސައިދޭން ބުނާނެ ވަކި އެއްޗެއް އޭނައަށް ނުވިސްނުނެވެ. ކޮންމެ އެއްޗެކޭ ބުންޏަސް އެ ހިތާމައަކީ އެއްވެސް މީހަކަށް އެއިން އަރައިގަންނަން ފަސޭހަ ހިތާމައެއް ނޫންކަން އޭނައަށް އެނގުންވީތީވެއެވެ.
އަޔާޒް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ މަސްޢޫދު ގޮސް މަލާކް ގާތު ސައިބޯން އައުމަށް އެދުނެވެ. އެއާއެކު މަލާކް ބޯޖަހާލަމުން އޭނަގެ ކޯތާފަތް ދެއަތުން ފޮހެލިއެވެ.
މަލާކް ކިތަންމެ ހިތްވަރު ކުރިއެއްކަމަކު ތިރިއަށްދާން ލިފްޓަށް އެރި ހިނދު ވެސް އޭނަގެ ލޮލުން ކަރުނަތައް ފޭބިއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަ ސާބިތުކަމާއެކީ އެ ކަރުނަތައް ފޮހެލިއެއްކަމަކު އެކަން ކޮންޓްރޯލެއްނެތި ތަކުރާރުވަމުން ދިޔައެވެ. ހެނދުނުގެ ސައިގެ ތެރެއިން ވެސް އެހެން މީހުންނަށް ފެންނަމުން ދިޔައީ ހަމައެކަނި މަލާކްގެ ހިތާމަވެރިކަން ކަމަށްވިޔަސް އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރު ހިންގުމަށް ހަމައެކަނި ބަސްތަކަށްވުރެ އިތުރު އެހީއެއް ބޭނުންވާކަން އެނގުންވީ ހަމައެކަނި އަޔާޒަށެވެ. އެހެނަސް އެކަމާމެދު އޭނަ އެއްޗެކޭ ނުބުނީ އޭނަގެ ހިތުގައި މަލާކަށްޓަކައި އިޙްސާސްތަކެއް ވާހެން ހީވާ ފަދަ ޢިޝާރާތެއް އެކަކަށްވެސް އަންގަން ބޭނުމެއް ނުވުމުންނެވެ. އަދި އަމުދުން އޭނަގެ ހިތުގައި މަލާކަށްޓަކައި އަޅާލުމެއް ވާކަން ޤަބޫލުކުރަން ބޭނުމެއް ނުވުމުން ވެސްމެއެވެ.
މަސްޢޫދު އޭނަ އެގެއަށް އައި ސަބަބު ކިޔައިދިނީ ހެނދުނުގެ ސަޔަށްފަހު އެންމެން އެކީގައި ގޮސް ސިޓިންގް ރޫމުގައި އިށީނުމުންނެވެ. މަސްޢޫދު އޭނަގެ އަތުގައި އޮތް ވަޞިއްޔަތް ނިޝާންގެ އަތަށް ލައިދިނީ އަމާންކަމާއި އެކީގައެވެ.
“މިއީ ތިކުދިންގެ ޙައްޤެއް. މީތި ހިފަހައްޓައިގެން ތިބުމުގެ ޙައްޤެއް އަހަރުމެންނަކަށް ލިބެގެނެއްނުވޭ….ޙަޤީޤަތަށް ބުނާނަމަ އަހަރުމެން މިކޮޅަށް އައީ މީގެ އެހީގަ އަހަރުމެންގެ މަލާކަށް އެހީއެއް ލިބިދާނެކަމުގެ އުއްމީދުގަ. އެކަމަކު ގޮތެއް ނިންމަން އިއްޔެ ވެސް މަލާކް ކައިރިން ސުވާލު ކުރީމަ ދެކުދިން އިންނަން ބޭނުން ނުވާނެހެން ހީވީ. އާޔަޒްއާ މަލާކްއާ ގުޅުމެއް ނެތިއްޔާ ވަކި ފައިސާގެ އެހީއަކަށް އެދޭކަށް އަހަރުމެން ނެތިން. އަހަރުމެން މިއަދު ވެސް ފުރަން ކަމަށް ނިންމައިގެން މިތިބީ….” މަސްޢޫދު ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ. އޭނަ ޙަޤީޤަތުގައި ވެސް ވަނީ މިއަދު ފަތިހު މަލާކް ކައިރިން އަޔާޒާއި ބެހޭގޮތުން ސުވާލުކޮށްފައެވެ. އަޔާޒާއި މަލާކް ބައްދަލުވެ ވާހަކަ ދެއްކިތަން އޭނައަށް ފެނިފައި ނުވުމުން މަލާކް ދެކޭ ގޮތް ދެނެގަތުމަށެވެ. އޭނަ ހީކުރީ މަލާކަށް އަޔާޒް ކަމުދާނެ ކަމަށެވެ. އެހެނަސް…..
“މަލާކް ބޭނުމެއްނޫން މިދުވަސްކޮޅު އެއްވެސް ކައިވެންޏެއް ކުރަން ބައްޕާ. މަލާކް ތައްޔާރެއްނޫން. މި ކައިވެންޏަކީ މަންމަގެ ކިތަންމެ ބޮޑު އެދުމަކަށް ވިޔަސް އޭނަވެސް އާނބަސް ދޭނެހެން ހިއެއްނުވޭ….ރަނގަޅުވާނީ ވީހާވެސް އަވަހަކަށް މިގެއިން ދިޔުން، ބައްޕާ.” މަލާކް އޭނަގާތު ބުނެފައިވެއެވެ.
އޭނަގެ ވާހަކައަށްފަހު މަލާކް ބުނެލި ބަސްތަކުގެ މަތިން ހަނދާކޮށްލަމުން މަސްޢޫދަށް މަލާކާއި ދިމާލަށް ބަލާލެވުނެވެ. ކުރީ ދުވަހެކޭ އެއްގޮތަށް އޭނަ އަޔާޒްގެ ކުރިމައްޗަށް ވާގޮތަށް އިންއިރު އޭނަ އެދުވަހު އިނީ އޭނަގެ ދުޅަވެފައިވާ ދެލޮލާއެކީ އިސްޖެހިފައެވެ. އޭރު އޭނަގެ ކުރިމަތީގައި އިން އަޔާޒަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެނެވެ. އޭނަ ހީކުރީ މަލާކް އޭނައާއި ޖަދަލުކޮށްފައި ވިޔަސް ކޮންމެ އަންހެން ކުއްޖެކޭ އެއްފަދައިން މަލާކް އޭނައާއި އިންނަން ބޭނުންވާނެ ކަމަށެވެ. އޭނަގެ ބޭރުފުށުގެ ރީތިކަމަކީ އޭނަ އެއާއިމެދު އެއްޒަމާނެއްގައިވެސް ޝައްކުކުރި ކަމަކަށް ނުވާތީވެއެވެ. ފުރާވަރުއްސުރެ އަންހެން ކުދިން އޭނަގެ ސޫރައަށް ފިދާވަމުން ދާކަމީ އާ ކަމެއްނޫނެވެ. އެހެނަސް ދެންމެ އެ އިވުނީ ކޮން ވާހަކައެއް ހެއްޔެވެ؟ މަލާކް ދެއްކި ވާހަކައަކުން ‘ދެކުދިން’ އިންނަން ބޭނުންނުވާ ވާހަކަ އިވެންވީ ކީއްވެ ހެއްޔެވެ؟ އިވުނިއްޔާ ވެސް އިވެންވީ މަލާކް އިންނަން ބޭނުންވިޔަސް އޭނަ މަލާކާއި އިންނަން ބޭނުންނުވާހެން ހީވާ ހީވުމުގެ ވާހަކަ ނޫންހެއްޔެވެ؟ އަޔާޒަށް ޤަބޫލުވެސް ކުރަން ދަތިވެފައި މަލާކަށް ބަލަން އިނދެވުނެވެ.
“ހެހެ…..މަލާކަށް ކަމުނުދަނީތަ އަޔާޒް؟ އިއްޔެގަ ވާހަކަ ދެކެވުނު ގޮތުން ކަންނޭނގެދޯ އެއީ؟ އެކަމަކު އަޔާޒަކީ އަސްލު ވަރަށް ރަނގަޅު ކުއްޖެކޭ މަލާކް. އަދި ރަނގަޅަށް ދެނެގަންނަން މަސައްކަތް ކުރީމަ އެނގޭނެހެން ދައްތައަށް ހީވަނީ….” ވަސީމާ ލުއި ހީލުމަކާއެކީ ޙާލަތް ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އޭގެ ބަދަލުގައި މަސްޢޫދު އެއްޗެކޭ ބުނަން އުޅެފައި ވެސް މަލާކަށް ބަލާލިއިރު މަލާކް އިންގޮތަށް އިނީއެވެ. އަޔާޒް ފަރުވާތެރިކަމާއެކީ މަލާކަށް ބަލަން އިނދެ ވާހަކަ ދެއްކީ، މަލާކަށް އޭނައަށް ނޫނެކޭ ނުބުނެވޭނެފަދަ ގޮތަކާއިމެދު ވިސްނަމުންނެވެ. އޭނަގެ ރޭވުން ކުރިއަށް ދިޔުމަށްޓަކައި އޭނަ ކޮންމެހެން ވެސް މަލާކާއި އިންނަން ޖެހޭތީވެއެވެ.
“އެނގޭ ވަރަށް ދަތި ދުވަސްކޮޅެއްކަން މިއީ މަލާކްއަށް…އެކަމަކު އަހަރެން އަސްލު ވަރަށް ބޭނުން މަލާކްއާ އިންނަން…އަހަންނަށް އިއްޔެ ވާހަކަ ދެކެވުނު ގޮތުން މަލާކް ދެރަވިނަމަ އަހަރެން މަޢާފަށް އެދެން…އެކަމަކު މަލާކްގެ މަންމަ އަހަންނާ ޙަވާލުކޮށްފަ ދިޔަ ޒިންމާ އެންމެ ފުރިހަމަ ގޮތުގަ އަދާކުރަން އަހަރެން ބޭނުން. މަލާކްގެ މަންމަގެ އެދުމަކަށް ވެފައިވީ މަލާކް އަހަންނާ އިނުން ކަންނޭނގެ. އެވަގުތުން ފަށައިގެން އަހަރެން ބޭނުންވީ މަލާކްއާ އިންނަން. އަހަރެން މިއީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އަހަރެން މިއީ އަބަދުވެސް ވަޢުދު ފުއްދާ މީހެއް…” އަޔާޒް ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް އެ ބުނެވުނު ބަސްތަކާއިމެދު އޭނަ ހީކުރި ވަރަށްވުރެ ބޮޑަށް އޭނަ ހިތްހަމަޖެހުނެވެ. އޭނަ އެ ބަސްތައް ބުނެލީ ހަމަ ޙަޤީޤަތުގައި ވެސް އެ ވަޢުދު ފުއްދުމަށްޓަކައި ކަމަށް ހިތުގެ ކަނަކުން އެންގުމުންނެވެ. އޭނަ ހުރިހާ ގޮތަކުން ވެސް މުޅި ޢުމުރަށް މަލާކް ބަލަހައްޓައި ރައްކާތެރި ކުރާ މަންޒަރު ވެސް ހިނދުކޮޅެއްގެ ތެރޭގައި ސިފަވެގެން ދިޔުމުން އޭނައަށް އުދަގޫވެސްވިއެވެ. އޭނައަށް ޖެހިގެން މިއުޅެނީ ކޮން ސިހުރެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ.
އަޔާޒް ދެއްކި ވާހަކައަށްފަހު މުޅި ތަނަށް ހިމޭންކަމެއް ވެރިވިއެވެ. އެންމެން އިންތިޒާރު ކުރަމުން ދިޔައި އެ ވާހަކަ އިވުމަށްފަހު އިސްއުފުލައި އަޔާޒަށް ބަލާލި މަލާކްގެ ޖަވާބަކަށެވެ. އެވަގުތު މަލާކްގެ ސިކުނޑީގައިވި އެއްވެސް އެއްޗެއް ދެނެގަތުމުގައި އެތާ ތިބި އެއްވެސް ބަޔަކު ކާމިޔާބެއް ނުވެއެވެ. އެކަކަށްވެސް ނޭނގުނު ކަމަކީ އެވަގުތު މަލާކަށް އިޙްސާސް ކުރެވެމުން ދިޔައީ އަޔާޒްގެ ޙަމްދަރުދީއެއް ކަމެވެ. އަދި އެ ޙަމްދަރުދީގެ ސަބަބުން އޭނަ ހަނދާންވަމުން ދިޔައީ މިހާތަނަށް އައިއިރު މަންމަ އޭނަގާތު ބުނެފައިވިހާ ހިތްވަރުގެ ބަސްތަކެއް ކަމެވެ. ވީވަރަކުން އެއްވެސް މީހަކަށް ބަރޯސާނުވެ އުޅުމަށް މަންމަ ދިން ނަޞޭޙަތެވެ. ކިތަންމެ ގާތް ބަޔަކަށް ވެސް މާ ބޮޑަށް އިތުބާރު ނުކުރުމަށް ބުނެފައިވި ބުނުމެވެ. އެއްވެސް މީހަކަށް އެއްވެސް ފަދައަކުން އޭނަގެ ކިބައިން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ނުދިނުމަށް ބުނެލި ބުނުމެވެ.
މަލާކް އަޔާޒަށް ބަލަން އިންއިރު މަންމަގެ އެ ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔައެވެ. ކޮންމެ މީހަކާއި މެދުވެސް އޭނަގެ ނަޒަރިއްޔާތު ހުންނަ ގޮތުން އަޔާޒަށް ވެސް އިތުބާރުކުރުން ވެގެންދިޔައީ މަލާކަށް ދަތި ކަމަކަށެވެ. މަންމަ އަޔާޒަށް އިތުބާރު ކުރިޔަސް މުއްސަނދިކަން ލިބިފައިވި މި ޒުވާނާ އެހެން އެދުމެއް ނެތި އޭނަ ކަހަލަ ކުއްޖަކާއި އިންނަން އެއްބަސްވެދާނެ ކަމަށް ޤަބޫލުކުރަން މަލާކް ބޭނުމެއްނުވިއެވެ. އެހެނަސް އޭނަ މަންމައާއި ބައްޕަ ދެކުނު ހުވަފެންތައް ފުރިހަމަ ކުރަން ޖެހޭކަން ހަނދާން ކުރަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު…ތިކޮޅުން އެއްބަސްވަންޏާ މަލާކްވެސް ބޭނުން ކައިވެނިކުރަން. އެއީ މިއަދު މަންމަ ހުރިނަމަ މަންމަ އުފާކޮށްދިނުމަށްޓަކައި މަލާކް ހެދީހީ އެހެން ކަމަށްވާތީ. ތިކޮޅުން ބޭނުން ދުވަހަކުން ހަމަ އިންނަންވީ…” މަލާކް އެހާރުއްސުރެ ބަހުވެސް އަޔާޒް ދުރުކޮށްލަމުން ވާހަކަ ދެއްކީ އެދެމެދުގައި އޭނަ ބާއްވަން ބޭނުންވާ ގުޅުން އެހެން މީހަކަށް ނޭންގިޔަސް އަޔާޒަށް އެންގުމަށެވެ. އޭނަ އެގޮތަށް ވާހަކަ ދެއްކުމުން ވާ ފޫއްސެއްގައި އަޔާޒް އޭނަގެ ޚިޔާލު ބަދަލުކޮށްލާނެ ކަމަށްވެސް މަލާކަށް ހީކުރެވުނެވެ. އެހެނަސް އޭނަ އެހެން ބުނުމާއެކު އަޔާޒް ތުން ފިއްތައި ބޯޖަހާލަމުން ތިން ދުވަސް ފަހުންނޭ ބުނެލިއެވެ. އޭނަގެ ކުއްލި ޖަވާބުން މަލާކްގެ ޝައްކުތައް އިތުރުވުން ނޫންކަމެއް ނުވިއެވެ. އެހެނަސް އޭނަވެސް ލަސްނުކޮށް އެއްބަސްވެލީ މަންމަގެ އެދުން ފުއްދުމަށްޓަކައި ހިތުގެ ވަށައިގެން ވަރުގަދަ ފާރެއް ލަމުންނެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ޖަޒުބާތުގައި ޖެހިގެން އެއްވެސް ކަމެއް ނުކުރުމަށް ނިންމަމުންނެވެ. މިގުޅުން ނިމުމަކަށް އަޔަސް އޭނަގެ ދިރިއުޅުން ހުއްޓުމަކަށް ނާންނާނެ ފަދައަކުންނެވެ.
އަމިއްލަ ރޭވުންތައް ރާވަމުން ދިޔަ ދެ ހިތް ގުޅިގެންދާނެ އެއްވެސް އަލިމަގެއް ނެތް ފަދައެވެ. ދެ ހިތްވެސް ބޭނުންވަމުން ދިޔައީ އަމިއްލަ ގޮތުގައި ހިފަހައްޓައި އެއްވެސް ބަދަލެއް ނެތި ތިބުމަށެވެ. އެހެނަސް އެ ދެ ހިތަށްވެސް ނޭނގުނު ކަމަކީ، ހިތްތަކަކީ އޭގެ ޒާތުގައި ވެސް އެއްގޮތެއްގައި ތިބޭ އެއްޗެއް ނޫންކަމެވެ. ހީވެސް ނުކުރާ ފަދައަކުން ނޭގިވެސް ހިތަކަށް އެ ހިތުގެ ވެރިޔާ އުއްމީދުވެސް ނުކުރާފަދަ މިޞްރާބަކަށް ދެވިދާނެކަމެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މަލާކާއި އަޔާޒްގެ ކައިވެނި ކުރެވޭ ދުވަސް ޖެހުނެވެ. ކައިވެނި ކުރެވެން ނިންމިފައި އޮތީ އެރޭގެ 8:30 ހިކަށްހާއިރު ކަމަށްވީއިރު، ޕާޓީ ބާއްވަން ހަމަޖެހިފައިވީ އަޔާޒްމެންގެ މިލްކުގައިވި ޢިމާރާތްތަކުގެ ތެރެއިން މަތީ ދެ ފަންގިފިލާގައި ހޮޓަލެއް ހުންނަ ޢިމާރާތެއްގައެވެ. އަނބި ޤަބޫލުކުރުމުގެ ކުރިން އިވިގެން ދިޔަ ކައިވެނީގެ ޚުތުބާއިން ދެމީހުންގެ ހިތަށް ވެސް އަސަރު ކުރިއެވެ. ދެމީހުންނަށް އެކަކު އަނެކަކާ ދޭތެރޭ އެގޮތަށް ކަންތައް ކުރެވިދާނެތޯ ދެމީހުންގެ ހިތަށްވެސް އެރިއެވެ. އެހެނަސް ދެމީހުން ވެސް އެ ޖަޒުބާތުތަކުގެ މަތިން ހަނދާން ނައްތާލީ އެކުއެކީހެންނެވެ.
ޕާޓީގެ ހުރިހާ ކަމެއްގައި ބަސް ކިޔުނު މީހަކަށްވީ ވަސީމާ ކަމަށްވުމުން ކައިވެނި ޕާޓީ ބޭއްވިގެން ދިޔައީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. ވަސީމާ އުޅެއުޅެ ކައިވެންޏާއި ގުޅޭ ގޮތުން އަޔާޒާއި މަލާކްގެ ފަރާތުން އެއްވެސް ޚިޔާލެއް ލިބޭގޮތެއް ނުވިއެވެ. އޭނަ އެޅިހާ ބަތަކަށް އެދެމީހުން ވެސް ރިހަ ކިޔަމުން ދިޔަ ގޮތުން ވަސީމާ ކަންބޮޑުވެސް ވަމުން ދިޔައެވެ. އަދި އަމުދުން ޕާޓީގެ ތެރެއިން ވެސް އެދެމީހުން ރޫޙު މަރުވެފައި ތިބިގޮތުން އޭނައަށް މިހެދުނީ ވަރަށް ބޮޑު ގޯހެއްތޯ ވެސް ހިތާހިތުން ސުވާލު ކުރެވެމުން ދިޔައެވެ.
ވަސީމާއަށް ނޭނގުނު ޙަޤީޤަތްތަކަކީ އަޔާޒް އެރޭ އިންތިޒާރު ކުރަމުން ދިޔައީ މައުވާގެ މެސެޖަކަށް ކަމެވެ. އޭނަގެ ކައިވެނީގެ ވާހަކަ އިވިފައި މައުވާ އޭނައަށް ގުޅާނެ ކަމަށް އަޔާޒް އުއްމީދު ކުރަމުން ދިޔައިރު، މަލާކް އިނީ އޭނަގެ ކައިވެނީގެ ފުރަތަމަ ރެއާއި މެދު އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައެވެ. ކައިވެންޏާއިމެދު އަޔާޒްގެ ފަރާތުން ފެންނަމުން ދިޔަ ފަރުވާ ކުޑަ މިޒާޖުގެ ސަބަބުން މިރޭ ކަންތައް ވެދާނެ ގޮތުގެ އެންމެ ގޯސް ޚިޔާލުތައް މަލާކްގެ ހިތަށް ވެރިވަމުން ދިޔައެވެ. ފުރަތަމަ ރޭވެސް އަޔާޒް އޭނައާއި ދިމާލަށް އެއްޗެހި ގޮވައި ދުރުގައި އުޅުމަށް ބުނާނީތޯ އެއްފަހަރު ހިތް ބުނާއިރު، އަޔާޒް އޭނައަށް އަނިޔާ ކޮށްފާނެ ކަމަށްވެސް ހިތް ބުނަމުން ދިޔައެވެ. އަޔާޒް އޭނައަށް ހެޔޮ ވެދާނެ ކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެއްކަމަކު އޭނަ އޭނަގެ ހިތުގައި އެ ޚިޔާލު ޒީނަތްތެރިވިޔައެއް ނުދިނެވެ. މީހެއްގެ ފަރާތުން އުއްމީދު ކޮށްގެން އޭނައަށް ހިތްދަތިކަމެއް ނުލިބޭނެކަމަށް ބުނެ މަންމަ ބުނެލި ބަސްތައް ހަނދާން ކުރަމުންނެވެ.
އެހެނަސް މިފަހަރު ކަންތައް ވެގެން ދިޔައީ މުޅިއަކުން މަލާކް ހީކުރި ގޮތަކަށް ނޫނެވެ. ޕާޓީއަށްފަހު މަލާކް ގެއަށް އަންނަން އެންމެން އުއްމީދު ކޮށްގެން ތިބީ އަޔާޒްގެ ކާރުގައި ކަމަށްވުމުން، ފުރަތަމަ ފަހަރަށް އޭނަ ހަމަހޭގައި ހުއްޓާ އަޔާޒްގެ އަތުގެ ބާރުގަދަކަން އިޙްސާސް ކުރުމުގެ ފުރުސަތު އޭނައަށް ލިބުނެވެ. އަޔާޒް އޭނަ އަތްދަނޑިމައްޗަށް އުފުލާލި ވަގުތު މަލާކަށް ހާސްވެފައި އަޔާޒްގެ ގަމީހުގައި ބާރަށް ހިފަހައްޓާލެވުނީ އޭނަ ވެއްޓިދާނެ ކަމަށް ސިކުނޑި ތަކުރާރުކޮށް ބުނަމުން ދިޔައީތީވެއެވެ. އެހެނަސް އަޔާޒް އެއްފަހަރު އޭނަގެ އަތަށް އަނެއްފަހަރު އޭނަގެ މޫނަށް ސީރިއަސް ނަޒަރަކުން ބަލާލުމުން މަލާކް އޭނަގެ އަތަށް ދުލެއް ދިނީ އަޔާޒް އޭނަ ވެއްޓުނަ ނުދޭނެކަން ޔަޤީން ކުރަމުންނެވެ.
ކާރުގައި ގެއަށް ދިޔަ މަގުމަތީގައިވެސް އެދެމެދަށް ވެރިވެފައިވީ ހިމޭންކަމެކެވެ. އެ ހިމޭންކަމުގެ ތެރެއިން އަޔާޒް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބަލަމުން ދިޔަކަން މަލާކަށް ފާހަގަވިއެވެ. އެހެނަސް އޭނަ އެކަމާމެދު ވެސް ވަކި އެއްޗެކޭ ނުބުނެ އިނުން ނޫންކަމެއް ނުކުރިއެވެ.
މަލާކާއި އަޔާޒަށް ގެއަށް އާދެވުނުއިރު ނިޝާންގެ ކާރު އެމީހުންގެ ކާރަށްވުރެ ކުރިން ގޭގެ ގަރާޖުގައި ޕާކްކުރެވިފައިވިއެވެ. ކާރުން ފޭބުމަށްފަހު މަލާކް ގޮނޑީގައި ބަހައްޓާލަ ދިނުމާއެކު އޭނަ އަމިއްލައަށް ގޮނޑި ދުއްވަން ފެށުމުން އަޔާޒް އޭނަ އެގޮތަށް ދޫކޮށްލިއެވެ. އަޔާޒް ހުރީ މަލާކާއިމެދު ވިސްނާވަރަށްވުރެ ބޮޑަށް މައުވާއަށް އޭނަގެ ކައިވެނީގެ ވާހަކަ އިވިފައި ވެދާނެ ގޮތް ދެނެގަންނަން ބޭނުންވެފައެވެ. އޭނަ ރާވައިގެން ހުރީ އޭނައަށް ވެސް މައުވާއާއި ދުރުވެވިދާނެކަން ދައްކާށެވެ. އަދި އޭގެ ސަބަބުން މައުވާ އޭނަގެ ކައިރިއަށް އާދޭސްކުރަމުން އަންނާނެ ކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އޭނަ ވަނީ އޭނަގެ އެކުވެރިއެއް ކައިރި މައުވާ ގާތު އޭނަގެ ކައިވެނީގެ ވާހަކަ ބުނަން ވެސް އަންގާފައެވެ. އެހެނަސް އެހާތަނަށް އައިއިރު ވެސް މައުވާގެ ޚަބަރެއް ނުވުމުން އަޔާޒަށް ހުރެވުނީ ބޯ ބޮޑުވެފައެވެ. އެންމެ ފަހުން އެކަމަށް ކެތްނުވުމުން އަޔާޒް އޭނަގެ ފޯނަށް ވެސް އައި ރުޅީގައި ގެއަށް ވަންނަން ދިޔައީ އޭނަގެ ކާރު ސީޓުގެ މައްޗަށް ފޯނު ދޫކޮށް ދޮރު ލައްޕާލަމުންނެވެ.
މީގެއިން އެއްވެސް ކަމެއް ރޭކާނުލި ވަސީމާ އަޔާޒްއާއި މަލާކް އެމީހުން އުޅޭ ފަންގިފިލާއަށް އައުމާއެކު މަރުޙަބާ ކިޔުނީ އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. އަޔާޒް އޭނަގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހުމުން މަލާކްވެސް އޭނަގެ ފަހަތުން ދަމުން ދިޔަ މަންޒަރު ފެނިފައި، ކޮޓަރި ހުންނާނީ އެރެއަށް ތައްޔާރު ކުރެވިފައި ކަމަށް ބުނެލި ބުނެލުމުން ދެމީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ.
“މަލާކް ދަރިފުޅަށް ހެދުން ބަދަލުކުރެވޭނެތަ އަމިއްލައަށް؟ މަލާކްގެ ބައްޕަ ބުނި ޢާއްމުގޮތެއްގަ މާ ދަންވުމުން މަލާކް ހުންނަނީ މާ ބޮޑަށް ވަރުބަލިވެފައޭ. ވަރުބަލިވީމަ މަންމައޭ ހެދުން ބަދަލުކޮށްދީ ހަދަނީ. ދެން ކިހިނެއް ހަދާނީ؟” ވަސީމާ ހިނިތުންވުމަކާއެކީ އެ ސުވާލުކޮށްލީ، މަލާކް ހިލޭ ފިރިހެނެއްގެ ކުރިމަތީގައި ބުރުގާ ނަގަން ވެސް ލަދުގަންނާނެ ވާހަކަ ފޮރުވަމުންނެވެ. އޭނަގެ އެދުމަކަށް ވެފައިވީ އަޔާޒް ކުރިއަށް ޖެހިލަމުން އަޔާޒަށް އެހީވެވިދާނެ ކަމަށް ބުނާނެ ގޮތެއްވުމަށެވެ. އެހެނަސް އޭނަ އެހެން ބުނުމުން ދެމީހުން ވެސް ދުރުބަލަން ފެށުމުން ވަސީމާ ހީލިއެވެ.
“މާ ބޮޑަށް ލަދުއެބަގަނޭދޯ މަލާކް؟ ބަލާބަ މި އަޔާޒްވެސް ހުންނަ ގޮތް ރަކިވެފަ! ހެހެ….ދެން އެންމެ ރަނގަޅު. މިރޭ ބޮޑުމަންމަ މަލާކްގެ ހެދުން ބަދަލުކޮށްލަދޭނަން.” ވަސީމާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. މަލާކް އެއަށްވެސް ނޫނެކޭ ބުނެ ހަޅޭއްލަވަން ބޭނުންވިއެވެ. އޭނަ ހުރީ ކިތަންމެ ވަރުބައްޔެއް ވިޔަސް މަންމަ ނެތް މި ބީރައްޓެހި ދުނިޔޭގައި ދުވަހަކުވެސް ހިތްވަރު ނުކުރާވަރަށް ހިތްވަރު ކުރާށެވެ. އެހެނަސް އޭނައަށް އެހީތެރިކަމެއް ދިއްކޮށްލި އެ ދައްތަގެ މޫނުމަތިން ފެނުނު ހިތްހެޔޮކަމުން އޭނައަށް އިންކާރު ކުރާކަށް ނުކެރުނެވެ.
މަލާކް ހެދުން ބަދަލުކޮށް ނިމެންދެން އަޔާޒް ކޮޓަރިން ބޭރުގައި ހުންނަން ޚިޔާރުކުރިއެވެ. މަލާކްގެ މިޒާޖާއިމެދު ވިސްނާނެ ފުރުސަތެއް އޭނައަށް ލިބުނީ އެ ހިނދެވެ. މަލާކްގެ އަމިއްލަ ކައިވެނީގެ ތެރެއިން ވެސް އޭނަގެ ކިބައިން ފެންނަމުން މިދަނީ އަޔާޒް ހީނުކުރާ ޒާތެއްގެ ސީރިއަސްކަމެކެވެ. އެއީ މަލާކްގެ މަންމަގެ މަރުގެ ސަބަބުން އައި ބަދަލެއްކަމަށް ޤަބޫލުކުރަން އަޔާޒް ނުކުޅެދުނީ މަލާކް ހިނިތުންވުންތަކާއެކީ އަނުމްމެންނާއި ވާހަކަ ދައްކާ މަންޒަރު ފެނިފައިވީތީވެއެވެ. އެހެނަސް އޭނައާއި މަލާކްގެ ހަތަރުކަޅި ބައްދަލުވާ ހިނދު އެ މޫނުމަތިން ފެނިގެން ދަނީ އެއްވެސް މީހަކަށް ހެއްލިގެން ނުދާނެ ފަދަ އަސަރެކެވެ. އޭނަގެ ރޭވުން ފަޅާއަރާފައިވި ކަމަށް އެދެލޮލުން މަލާކް އަންގަން އުޅޭހެން ހީވާ ކޮންމެ ފަހަރަކު އަޔާޒް ޖެހިލުން ވެސް ވަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ހުރީ މިރޭ ނޫނަސް ކޮންމެވެސް އެއްދުވަހަކު މަލާކަށް ޙަޤީޤަތް ކިޔައިދޭން ނިންމައިގެންނެވެ. އޭނަ ރޭވީ ގޯސް ރޭވުމަކަށް ވިޔަސް އޭނަ މަލާކް އަނދިރީގައި ބަހައްޓަން ބޭނުމެއް ނުވެއެވެ. ކޯޓުގައި އެމީހުންގެ ގެދޮރުގެ ވަޞިއްޔަތުގެ މައްސަލަ ނިމެންދެން މަލާކްގެ ފިރިއެއްގެ ގޮތުގައި އުޅެން އޭނަ ނިންމައިގެން ހުރި ވާހަކަ އޭނަ މަލާކް ގާތު ބުނާނެއެވެ. އަދި މިގެ އެއް ބޭނުމަކީ އޭނަގެ ލޯބިވެރިޔާއާއި އޭނަ އަނބުރާ ގުޅިގެން ދިޔުން ކަމަށްވެސް އޭނަ ބުނާނެއެވެ. އެހެނަސް މަލާކްގެ ހުރިހާ އެދުމެއް ފުރިހަމަ ކޮށްދޭން ވެސް އޭނަ ހުރީ ނިންމައިގެންނެވެ. މި ހުރިހާ ވާހަކައެއް އޭނަ މަލާކަށް ސާފުކޮށް ކިޔައިދޭނެއެވެ. އެކަންތަކަށް މަލާކް އެއްބަސްވާނެ ކަމަށްވެސް އަޔާޒަށް ޔަޤީނާއި ގާތްކުރެވުނީ ކީއްވެކަމެއް އޭނައަށް ނުވިސްނުނެވެ.
ބޮޑުމަންމަ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަޔާޒްގާތު ނިމިއްޖެކަމަށް ބުނެލުމުން އަޔާޒް ކޮޓަރިއަށް ވަންނަން ދިޔައީ މާ ބޮޑު ވިސްނުމެއް ނެތިއެވެ. އެހެނަސް ދޮރުމައްޗަށް އެރުމާއެކު ބުރުގާއަކާނުލާ އާދައިގެ ތުނި ކުރުތާއަކާއި ހަރުވާޅެއްގައި އޭނަގެ ގޮނޑީގައި އިން މަލާކް ފެނިފައި އަޔާޒާއި އެއްވަރަށް މަލާކްވެސް ހުއްޓުން އެރިއެވެ. މަލާކްގެ ކޮނޑާއި ހަމައަށް އޮތް ފަން އިސްތަށިގަނޑު ދެފަރާތުން ކޮނޑު މަތިން ކުރިމައްޗަށް ވެއްޓިފައިވި ގޮތުން އޭނައަށް ވަކިން ރީތިވުމުން އަޔާޒް އަމިއްލަ ނަފްސަށް ނުރުހުން ވާގޮތްވެސް ވިއެވެ. ބޮޑުމަންމަ ދެމީހުންނަށް ބަލަން ހުރެފައި ކޮޓަރީގެ ދޮރު ލައްޕާލުމުން އޭނައަށް މަލާކްގެ މޫނުން ނަޒަރު ވަކިކޮށްލެވުނު ހިނދު، ގައިން ހީބިހި ނަގަމުން ދިޔަ މަލާކްވެސް ދުރު ބަލަން ފެށިއެވެ. އަޔާޒް ކުރިއަށް ދެތިން ފިޔަވަޅު އަޅާލަމުން ދާން އުޅެފައިވެސް ފިޔަވަޅުތައް މަޑުޖައްސާލީ، މަލާކްގާތު މިރޭ ކޮންމެހެން ވެސް ބުނަންޖެހޭ ވާހަކައެއް އޮތްކަން ހަނދާންވުމުންނެވެ.
“އަހަރެން އޮންނާނަން އެތެރޭގެ ކޮޓަރީގަ. މިތާނގަ މަލާކް އޮންނާނީ.” އަޔާޒް އެހެން ބުނެލީ އެވަގުތު އިތުރަށް ކިޔައިދިނުމުގެ ޝައުޤަކާއި ވަރެއްވެސް ނެތުމުންނެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް މަލާކް އެއްފަހަރު އޭނަ ޢިޝާރާތް ކުރި އެނދަށް އަނެއްފަހަރު އޭނައަށް ބަލާލަމުން ވަކި ޝަކުވާއެއް ނެތި ބޯޖަހާލިއެވެ. އެކަމާއިމެދު ހިސާބަކަށް ޙައިރާންވިއެއްކަމަކު އަޔާޒް އެކަން މޫނުމަތިން ނުދައްކައި ވެވޭތޯ ބެލިއެވެ. އެހެނަސް މަލާކް އެހާ ފަސޭހައިން އޭނަގެ އެދުމަށް އެއްބަސްވުމުން މަލާކަށް އެހީވުމަށް ވެސް އޭނަގެ ހިތް އެދުނެވެ. އެހެންކަމުން އެނދަށް އަރަން އެހީވަންތޯ އޭނައަށް އަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. މަލާކް އެއަށް ވެސް ވަކި އަސަރެއްނެތި ބޯޖަހާލުމުން އަނެއްކާވެސް އަޔާޒް އޭނަގެ އަތްމައްޗަށް މަލާކް ނެގިއެވެ. އެހިނދު ދެމީހުންގެ ލޯ ބައްދަލުވެގެން ދިޔައީ އިހުނަށްވުރެ ދިގު ވަގުތުކޮޅަކަށް ކަމަށްވިޔަސް އަޔާޒް ގޮސް މަލާކް އެނދުމަތީގައި ބޭއްވުމާއެކު ދެމީހުން ދުރުވިއެވެ. އަޔާޒް އެ އެނދާއި ދުރުވެލީ މަލާކްގެ ގައިގައި ރަޖާވެސް އަޅައިދީފައެވެ. މަލާކް ވަރުބަލިވުމުން އެއްވެސް ޙަރަކާތެއް ގެންނަން ކިހާ އުދަގޫވާނެކަން އަޔާޒަށް ވެސް ތަޞައްވުރު ކުރެވޭތީވެއެވެ. ރަޖާ އެޅިގެން ދިޔުމާއެކު މަލާކް ދެލޯ މަރާލީ މުޅި މި ޙަޤީޤަތަށް ވެސް ފަސްދޭން އުޅުނު ފަދައަކުންނެވެ. އެހިނދު އަޔާޒް މަލާކަށް ބަލަމުން ބަލަމުން ގޮސް އެ ކޮޓަރީގައި ބެހެއްޓިފައިވި ކިޔަވާ މޭޒުމަތީގައި އޮތް އޭސީ ރިމޯޓު ނަގައި އޭސީ ޖައްސާލީ އެ ކޮޓަރިތެރެ އޭނައަށް ފުދޭވަރަކަށް ހޫނުވުމުންނެވެ. އޭނައަށް ކަމުދަނީ އޭސީ އެންމެ ފިނިކޮށްގެން ކަމަށްވުމުން އޭނަ އެ ކޮޓަރީގެ އޭސީ ވެސް 16 އަށްލީ މައްސަލައެއް ނުޖެހޭނެ ކަމަށް ނިންމަމުންނެވެ. އެއަށްފަހު އޭނަ ރިމޯޓް ބާއްވަމުން އޭނަގެ ކޮޓަރިއަށް ގޮސް ވަނީ، ދެލޯ މަރައިގެން އޮތް މަލާކަށް ބަލަމުން އެ ކޮޓަރީގެ އަލި ބޮކި ފަނޑު ބޮތްކަކަށް ބަދަލު ކޮށްލަމުންނެވެ.
ދެލޯ މެރިފައި އޮތް މަލާކް މިނިޓްތަކެއްގެ ތެރޭގައި ފުން ނިންޖެއްގެ ތެރެއަށް ގެނބެން ކައިރިވިއެވެ. އެހެނަސް އޭނަ މުޅިންހެން ނިދެން އުޅެނިކޮށް ފަޔަށް މާ ބޮޑަށް ފިނިވާން ފެށިހެން ހީވި ހިނދު ނުތަނަވަސްކަމެއް އޭނަގެ ހިތް ވަށާލިއެވެ. ފުރަތަމަ ސިކުންތުގައި އޭނަ އެ އިޙްސާސުގެ މަތިން ހަނދާން ނައްތާލެވޭތޯ ބެލިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އޭނައަށް އޮވެވުނީ އިސްޓާކީނަކާއި ވެސް ނުލާކަން އެނގުންވުމުން މަލާކަށް ލޯ ހުޅުވާލެވުނީ ކުއްލިއަކަށެވެ. ހަމަ އެވަގުތު އޭނަގެ ދެފައިގައި ވެސް ރިހުމެއް އުފެދެން ފެށުމުން މަލާކަށް އޭނަގެ އެއްފަރާތަށް ނަޒަރު ހިންގާލެވުނެވެ. އޭނަގެ އިސްޓާކީން ބާއްވާފައި އޮންނަނީ އަބަދުވެސް އަރިމަތީ މޭޒުމަތީގައި ކަމަށްވާތީވެއެވެ. އެހެނަސް އޭނައަށް މި އޮވެވުނީ މުޅިން އާ ގެއެއްގައިކަން އެނގުންވުމުން މަލާކްގެ ހިތް ގެނބުނެވެ. އަދި އަމުދުން އިޙްސާސްކުރެވެމުން ދިޔަ ފިންޏަކުން އިސްޓާކީނަކުން ވެސް އޭނައަށް މާ ބޮޑު އެހީއެއް ނުލިބޭނެކަން ޔަޤީންވުމުން މަލާކަށް ސީދާވެލަމުން އެނދުގައި އިށީނދެވުނެވެ. ހަމަ އެވަގުތު އޭނައަށް ދެފައި ވެސް ލަންބާލެވުނު ހިނދު ފައިތިލައިން މުޅި ދެފަޔަށް ވެސް ފެތުރިގެން އައި ތަދާއެކީ މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މަޑުމަޑުން މަންމައޭ ކިޔައި ގޮވަމުން ކުކުރެން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭނަގެ ފައިގެ އިނގިލިތަކަށް ވާންވާން ފެށިހެން ހީވުމުން ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު އޭނައަށް ހަޅޭއްލެވުނެވެ.
“މަންމާ!” މަލާކްގެ ރޮވިފައި އަޑު ޖެހިގެން ހުރި ކޮޓަރީގައި ހުރި އަޔާޒަށް އިވުމާއެކު އޭނައަށް ކަންބޮޑުވުމަކާއެކީ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ.
ނުނިމޭ
Mish
June 23, 2021 @ 4:09 pm
Sis, mi part ekkoh furihama nukurevi dhw meenee
Jana
July 5, 2021 @ 2:22 pm
Labba. mihaaru ehery furihama koffa ^_^