Vaudhu (Part 30)
އެހެންކަމުން މަލާކަށް ހިނގޭނެނަމައޭ އެދުވަހު އަޔާޒްގެ ހިތަށްއެރީ ފުރަތަމަ ފަހަރަށެވެ. ހަމައެއާއެކު މަލާކަށް ނުހިނގެނީ ކީއްވެކަން އޭނައަށް އެނގޭކަން ވެސް އެނގުންވިއެވެ. އޭނަ މިހާތަނަށް އައިއިރު މަލާކަށް ފަރުވާ ނުކުރީ ކީއްވެތޯ ހިތް ސުވާލުކުރުމުން ކައިވެނީގެ ފުރަތަމަ ރޭ މަތިން އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދިނެވެ. އޭނަ ފަރުވާގެ ވާހަކަ ދެއްކުމުން މަލާކް އިސްކުރި ރުޅިމަތިން ހަނދާންވިއެވެ.
“މަލާކް ބޭނުމެއްނޫން ބަލި މީހަކަށްވާކަށް!” މަލާކް ބުނެލި އެ ބަސްތައް އަޔާޒްގެ ސިކުނޑީގައި ގުގުމާލިއެވެ. އެ ބަސްތައް ދޭހަކުރަން އަދަށްދާންދެންވެސް އަޔާޒަށް ދަތިވިއެވެ. އޭނައަށް މަލާކް އެނގިފައިވާ ގޮތުގަ ކަމަށްވާނަމަ މަލާކަކީ ފަރުވާ ކުރުމުގައި ދިމާވެދާނެ ދައްޗަކަށް ޖެހިލުންވާވަރަށްވުރެ ޢަޒުމް ވަރުގަދަ ކުއްޖެކެވެ. ވީއިރު މަލާކް އެހެން ބުނެފައިވާނީ ކީއްވެ ހެއްޔެވެ؟ މުޅި ޢުމުރު މީހުން އޭނަ ބަލި މީހެއްގެ ގޮތުގައި ދެކުނީތީ އޭނަ އިތުރަށް ޑޮކްޓަރަކަށް ދައްކަން ބޭނުމެއްނުވަނީ ހެއްޔެވެ؟ އެހެންކަމަށްވާނަމަ ޑޮކްޓަރެއްގެ ޙައިސިއްޔަތުން މަލާކްގެ އެ އިޙްސާސް ޤަބޫލުކުރަން އަޔާޒް ނިންމިއެވެ. އެހެނަސް މަލާކަށް ފަރުވާވެސް ކުރަން ބޭނުންވުމުން މަލާކް ބަލި މީހަކަށް ހެދުމެއް ނެތި އޭނައަށް ފަރުވާ ކުރެވިދާނެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އިސާހިތަކު އޭގެ ޖަވާބު ލިބިގެން ދިޔުމުން އަޔާޒަށް ހިނގާފައި ދަމުން ވާހަކަ ދެކެވުނެވެ.
“މަލާކް….ހިނގާދޯ މިރޭ ސްވިމިންގް ޕޫލަށް ފައިބަން؟” އަޔާޒަށް އެ ސުވާލުކޮށްލެވުނީ ހިމޭންކަމުގެ ތެރެއިން ކުއްލިއަކަށެވެ. އެއާއެކު ސިހުމެއް ލިބުނު މަލާކް ކުއްލިއަކަށް ދެއަތުން ފުރޮޅީގައި ހިފަހައްޓައި ގޮނޑި މަޑުކުރުވަމުން ‘ވަޓް’އޭ ކިޔައި އަޔާޒަށް ބަލާލިއެވެ. އެއާއެކު އަޔާޒް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. މަލާކްގެ ފަރުވާއަށްޓަކައި އޭނަ ބުނެލި ފުރަތަމަ ވާހަކައަށް ވެސް މަލާކްގެ ޖަވާބު އައިގޮތުން މިއީ ފަސޭހަކަމަކަށް ނުވާނެކަން އެނގުންވިއެވެ. މަލާކް އޭނަ އިތުރަށް ކިޔައިދޭނެކަމުގެ އުއްމީދުގައި ހިސާބެއްގެ ކަންބޮޑުވުމެއްގައި ބަލަހައްޓައިގެން ހުންނަން ފެށުމުން އަޔާޒް ވާހަކަ ދެއްކިއެވެ.
“އެއީ ހަމަ އަހަރެން ހިތަށްއެރި އެއްޗެއް. މަލާކް ބުނިހެން މިހާ ޚަރަދުކޮށްގެން އަހަރުމެން ކުރާ ދަތުރެއްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގަ ހިފަންޖެހޭން. ޕޫލަކީ އަހަރުމެން އަދި ޓްރައި ނުކުރާ ކަމެއްދޯ؟” އަޔާޒް ހަމަޖެހޭ ގޮތް ދައްކަމުން ބުނެލިއެވެ. މަލާކް އެ ވާހަކަ އަޑުއަހަން އޭނައަށް ބަލަން ހުރެފައި ވިސްނުމެއްގައި އިނދެ އަނެއްފަރާތަށް އެނބުރި ގޮނޑިއަށް ލެނގިލިއެވެ.
“އަޔާޒް ބޭނުމިއްޔާ ޕޫލަށް އެރިފަ ފަތާލާ…..މަލާކްއަށް ނޭނގޭ ފަތާކަށް.” މަލާކް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެހެން ބުނެލީ ހިތުގައި ޝަކުވާއެއްވާ ޙާލުގައެވެ. އޭނައަށް ކަނޑައެޅިގެން ނުކުރެވޭނެކަން އެނގޭ ކަމެއް އަޔާޒް އޭނަ ލައްވާ ކުރުވަން އުޅޭތީވެއެވެ.
“ނުފެތިޔަސް މައްސަލައެއްނެތޭ މަލާކް….ވަކި ފަތަން އެނގިގެނެއް ނޫންދޯ މީހުން ޕޫލަށް ފައިބަނީ؟” އަޔާޒްގެ ވާހަކަ ނިމުނުތަނާހެން މަލާކް ވާހަކަ ދެއްކިއެވެ.
“މަލާކަކީ އެހެން މީހުން ކަހަލަ މީހެއްނޫނޭ. ފަތަން ނޭނގޭ ޙާލު މަލާކަށް އަމިއްލައަށް އޭގެ ތެރޭގަ ފައި ޖެއްސޭނީއެއްނޫން….ވަގުތުން ބަންޑުންވެ އަޑިއަށް ދާނެކަން އެނގިހުރެ އޭގެ ތެރެއަށް ފައިބަން މަލާކް ނެތިން. އޭރުން އަޔާޒްއަށް ވެސް ވަރަށް ބޮޑު ބުރައަކަށްވާނީ. ވަރަށް ބޮޑަށް މަޢާފަށް އެދެން މަލާކް އާދައިގެ މީހަކަށް ނުވީތީ. އާދައިގެ މީހަކަށް ކުރެވޭނެ ކޮންމެ ކަމެއް މަލާކަށް ނުކުރެވޭނެ…” މަލާކަށް އެހެން ބުނެލެވުނީ އިންތިހާއަށް މާޔޫސްވެފައިވި ހިތަކާއި އެކީގައެވެ. އަޔާޒްގެ ކުރިމަތީގައި ފުރަތަމަ ފަހަރަށް އޭނަގެ ‘ނުކުޅެދުންތެރިކަމަށް’ އުސްއަލި އެޅުވިގެން ދިޔުމުންނެވެ. އޭނަ ދެންމެ ދެއްކި ވާހަކައިން އަޔާޒަށް އެކަން ފާހަގަވެ އޭނަމަތިން ފޫހިވާނެކަމަށް ހިތާހިތުން ނިންމުނެވެ. އެހެނަސް….
“ކާކު ބުނީ އާދައިގެ މީހަކަށް ކުރެވޭނެ ކަންތައް މަލާކަށް ނުކުރެވޭނެއޭ؟” އަޔާޒް މަޑުމައިތިރި އަޑަކުން އެ ސުވާލު ކުރި އެ ސުވާލުން މަލާކްގެ ހިތަށް ޙައިރާންކަން ލިބިގެން ދިޔައެވެ. އެ ޙައިރާންކަމުގެ ތެރެއިން އެ ހިތަށް ލަސްލަހުން ހަމަޖެހުން ލިބެން ފެށި ވަގުތު އޭނަގެ ފުރަގަހުގައި ހުއްޓިހުރި އަޔާޒް ގޮނޑީގެ އަތްގަނޑު ދޫކޮށްލަމުން އޭނަގެ ކުރިމައްޗަށްއައެވެ. އަދި ކުރުފައިމައްޗަށް ތިރިވެ މަލާކާއި ހަތަރުކަޅި ހަމަކުރަމުން ގޮނޑީގެ އަތްގަނޑުގެ ތިރީ ބައިގައި ހިފަހައްޓާލިއެވެ.
“ބިލީވް މީ މަލާކް….ތިބުނާ އާދައިގެ މީހުން ކުރާ ކޮންމެ ކަމެއް މަލާކަށް ކުރެވޭނެ. އަދި އެކަންތަކުގެ އިތުރަށް ވެސް މަލާކަށް ކުރެވޭނެ ކަންތައް ހުންނާނެ. އެހެންނޫނަސް މަލާކަށް ހީވޭތަ އާދައިގެ މީހުންނަށް ވެސް ބޭނުން ކޮންމެ ކަމެއް ކުރެވޭހެން؟ ކޮންމެ މީހަކަށް ވެސް ނުކުރެވޭނެ ކަންތައް ހުންނާނެ. ކޮންމެ ކަމެއްވެސް ދަސްވާނީ އެމީހެއްގެ ހުރި ހިތްވަރުން. އެމީހަކު ބޭނުމިއްޔާ ހިތްވަރާއެކީ މަސައްކަތް ކޮށްގެން ދަސްނުކުރެވޭނެ ހުނަރެއް އަދި ޙާޞިލުނުކުރެވޭނެ ކަމެއް ނުހުންނާނެ. މިއެއް ނޫންތަ މަލާކްގެ މަންމަ ބުނެ އުޅޭ ވާހަކައަކީ؟” އަޔާޒް ޖޯޝާއެކީ ވާހަކަ ދެއްކީ އެއްދުވަހު މަލާކް އޭނަގާތު ބުނި ވާހަކައެއް ހަނދާންކުރަމުންނެވެ. އަޔާޒްގެ ބަސްތައް އިވުނު މަލާކަށް ހުއްޓުން އަރާފައި އިނދެވުނެވެ. އަޔާޒްގެ ބަސްތަކުން އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމައެވެ. މާޒީގައި އޭނަގެ ޤާބިލިއްޔަތުކަމާމެދު ޔަޤީންކުރާ މީހަކަށް ހަމައެކަނި ހުރީ އޭނަގެ މަންމައެވެ. މިއަދު އަނެއްކާވެސް އޭނަ ލޯބިވާ އިތުރު މީހަކު އޭނައާމެދު އެފަދަ ޔަޤީންކަމެއް ބާއްވާކަން އެނގުންވުމުން އޭނަގެ ހިތަށް އާދަޔާ ޚިލާފު އުފާވެރިކަމާއި ސާބިތުކަމެއް ލިބިގެން ދިޔައެވެ. އޭނަ ދެންވެސް އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އަޔާޒް ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ކީކޭ ބުނަނީ؟ ޕޫލަށް ފައިބާނަންތަ؟” އަޔާޒް އެ ސުވާލު ކޮށްލީ އުއްމީދީ ހިނިތުންވުމަކާއި އެކީގައެވެ. އެ ހިނިތުންވުން ސިހުރެއް ފަދައިން މަލާކްގެ ހިތާއި ކުޅެލިއެވެ. އެ ހިނިތުންވުން ފެނުމާއެކު މަލާކަށް އޭނަގެ ނިންމުން ޔަޤީންވީ އެހެންވެތާއެވެ.
“ދެން ފައިބަންތާ ޖެހޭނީ…..މަލާކަށް ގޮތެއްވެއްޖެއްޔާ އަޔާޒް ޖެހޭނީ ހުރިހާ ޒިންމާއެއް ނަގަން. ފަހުން ކޯޓަށް މައްސަލަ ހުށަހަޅާނަން އަޔާޒާއި ދެކޮޅަށް.” މަލާކް ހިނިތުންވުމަކާއެކީ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“އާނ ހުށަހަޅާތި! އޭރުން ދޮންބެ އުފަލާއެކީ އަހަރެންގެ ބަދަލުގަ މަލާކްގެ ވަކީލަކަށްވެދޭނެ. ހެހެ….އެހެންނޫނަސް އަހަރެން ހުއްޓާ އެއްވެސް ކަމެއް ނުވާނެ މަލާކްއަށް. އަހަރެންގެ ނޭވާ ހިނގާހާ ހިނދަކު އެއްވެސް ކަމެއް ވިޔައެއް ނުދޭނަން މަލާކްއަށް.” އަޔާޒްގެ އެ ފަހު ބަސްތައް އައީ އޭނަގެ ހިތުގެ އަޑިންނެވެ. ބުނެލެވުނު ބަސްތަކުން މަލާކާއި އެއްވަރަށް އޭނަވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހާ މާނަ ފުން ބަސްތަކެއް އޭނަ ދުވަހަކުވެސް އަންހެން ކުއްޖަކު ކައިރީގައި ބުނެފައެއް ނުވެއެވެ. އޭނައަށް މި ވަނީ ކިހިނެއްތޯ ހިތަށްއެރިއެވެ. މަލާކް އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލަހައްޓައިގެން އިންނަން ފެށުމުން ގެއަށް ހިނގަމާދޯއޭ އަޔާޒަށް ބުނެލެވުނެވެ. އެއާއެކު މަލާކް އޭނަގެ ހުއްޓިފައިވާ ނޭވާ ރަނގަޅުކުރުމަށް ފުން ނޭވައެއް ލީ ހިނދު އަޔާޒް ކޮޅަށް ތެދުވިއެވެ. އަދި އަނެއްކާވެސް ގޮނޑީގެ ފަހަތަށް ގޮސް އަތްގަނޑުގައި ހިފަހައްޓާލަމުން ގޮނޑި ދުއްވަން ފެށިއެވެ.
ހަވީރު އަޔާޒް އެ ބުނެލި ބަސްތައް އެރޭ ވީއިރުވެސް މަލާކްގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އެރޭގެ ޢިޝާ ނަމާދަށްފަހު ކެއި ގަޑީގައި ވެސް އެދެމެދަށް ޒާތެއްގެ ހިމޭންކަމެއް ވެރިވެފައިވީ އެ ބަސްތަކުގެ ސަބަބުންނެވެ. އަޔާޒް އެކިއެކި ސަމާސާތައް ކުރަމުން ދެމީހުންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ފިލުވޭތޯ ބެލިއެވެ. އޭނަ އެހެން ބުނެލީ އެއީ އޭނައަށް ފިލްމަކުން އިވުނު ބަސްތަކަށްވެފައި ސަމާސާއެއް ކުރުމަށްޓަކައި ކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ބަސްތައް ދޮގަކަށް ހަދަން އޭނަގެ ހިތް އިންކާރު ކުރިއެވެ. އޭގެ މައްޗަށް އޭނައަށް އެއްގޮތަކަށް ވެސް ބާރެއް ނުފޯރުވުނެވެ.
އެރޭ 9 ޖެހި ވަގުތު ކޮޓަރީގައި ޕޫލަށްދާން ތައްޔާރުވެ ހުދުކުލައިގެ ކުރުތާއަކާއި ހަރުވާޅެއް ލައިގެން ރީތިވާ މޭޒުގެ ކުރިމަތީގައި ހުރި މަލާކްގެ ހިތުތެރޭގައި ނުތަނަވަސްކަމެއްވިއެވެ. އެއީ އޭނަ ޕޫލަށް ފައިބަން ޖެހޭތީވެކަމެއް ނޫނީ އެތަނަށް ދިޔުމުން އޭނައާއި އަޔާޒާއި ދެމެދު ވެދާނެ ކަމަކާއިމެދު ކަމެއް މަލާކަށް ޔަޤީނެއް ނުކުރެވުނެވެ. ޔަޤީންކުރެވުނު ކަމަކީ އަޔާޒްގެ ކައިރިއަށް ދިޔުމުގެ ޚިޔާލުންވެސް އޭނަގެ ހިތް އަވަސްވަމުން ދިޔަކަމެވެ. އަދި އަމުދުން މިއަދު ހަވީރު އަޔާޒް ބުނެލި ވާހަކަ ހަނދާންވަމުން ދިޔަވަރަކަށް މަލާކްގެ ގައިން ހީބިހި ނަގަމުން ދިޔައެވެ.
މަލާކަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ އޭނަގެ ވާތްފަރާތުން ކޮޓަރީގެ ބޭރުން ފެންތައް ބުރައިގެން ދިޔަ އަޑު އިވުމުންނެވެ. މަލާކް އެ ދިމާލަށް ބަލާލިއިރު ބޭރަށް ނިކުމެވޭ ބިއްލޫރި ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ޕޫލުގެ ތެރެއިން އަޔާޒް ފަތާފައި ދިޔަ މަންޒަރު ފެނުނެވެ. އެ މަންޒަރު ދުރުން ފެނިފައިވެސް މަލާކްގެ އަތާއި ފައިން ވާގި ދޫވާން އުޅުނުހެން އޭނައަށް ހީވިއެވެ. އެހެނަސް ފުން ނޭވައެއް އެތެރެއަށް ލަމުން އޭނަ ފަހު ފަހަރަށް ލޯގަނޑުން އޭނަ ހުރިގޮތް ބަލާލިއެވެ. ވިހުރާލެވިފައިވި އިސްތަށިގަނޑުމަތިން އަތް ހިންގަމުން އޭނަ އިސްތަށިގަނޑުގެ ބައެއް ދެ ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލީ އޭނަ އެންމެ ރީތީ އެހެން ހުރުމުންހެން އޭނައަށް ހީވާތީވެއެވެ. ދެންވެސް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން މަލާކް އެންމެ ފަހުން ބޭރަށްދާން ގޮނޑި އަނބުރާލިއެވެ. ފިނިވެފައިވާ ދެއަތުން ފުރޮޅު އަނބުރަމުން އޭނަ ގޮސް ބިއްލޫރި ދޮރާއި ހަމަކޮށްލިއެވެ. އެއަށްފަހު ދެވަނަ ވިސްނުމެއްނެތި ދޮރު ކަހާލަމުން ޕޫލާއި ދިމާލަށް ދާން ގޮނޑި ދުއްވާލިއެވެ. ހަމަ އެ ވަގުތު މަލާކް އަންނަމުން ދިޔަ ދިމާލުން އަޑީގައި އޮވެފައި އަޔާޒް މައްޗަށް އެރިއެވެ. އަޔާޒް މަލާކް ފެނުމާއެކު ފުރިހަމަ ހިނިތުންވުމެއް ހަދިޔާކުރިއެވެ.
“ތިއައީދޯ މަލާކް؟ މަޑުކުރޭ އެބަ އަންނަން….” އަޔާޒް އެހެން ބުނެ ޕޫލުގެ ސިޑިއާއި ދިމާލަށް ދާންފެށި ވަގުތު މަލާކަށް ކުއްލިއަކަށް މަޑުކޮށްލެވުނީ ވަކި އަޔާޒް ބުނީތީވެއެއްނޫނެވެ. އެހެނެއްކަމަކު ފެންގަނޑުތެރޭގައި އޮތް އަޔާޒް ހުރީ މަތިން ހުސްގަޔާއި ކަން އެނގުންވުމުންނެވެ. މަލާކް ނޭވާ ހިފަހައްޓައިގެން ބަލަން ހުއްޓާ އަޔާޒް ސިޑިން އަރައިގެން އައިސް ޕޫލުން މައްޗަށްއެރިއެވެ. އެހިނދު ހަމައެކަނި ކަކުލާއި ހަމައަށް އޮތް ސޯޓެއްގައި ހުރި އަޔާޒް ފެނިފައި މަލާކަށް އޭނަގެ ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. މީގެ ކުރިން ދުވަހަކުވެސް މިފަދަ މަންޒަރެއް ހަމަ ލޮލަށް ފެނިފައި ނުވާ މަލާކް ގަތް ލަދާއެކީ ދެލޯ މަރައި ތަގުޅި ކޮށްލަމުން ގޮނޑި އަނބުރާލުމުގެ މަސައްކަތް ފެށުނީ ހަމަ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ފުރަތަމަ ފަހަރަށް އޭނަގެ ހުސްގައި މަލާކަށް ދައްކާލެވުނުކަން އަޔާޒަށް އެނގުންވީ މަލާކްގެ މޫނުމައްޗަށް ވެރިވި ކުލަވަރުންނާއި މަލާކްގެ އެ ޙަރަކާތުންނެވެ. މަލާކަށް ވަމުން ދިޔަ ގޮތް ފެނިފައި އޭނަ މަލާކަށް ގޮވަން އުޅުނު ވަގުތު އޭނައަށް ވެސް ހީލެވުނީ ހިސާބަކަށް ލަދުގެންފައި ހުރެއެވެ. އެހެނަސް މަލާކް ކޮޓަރިއަށް ވަދެ މާ ދުރަށް ނުދަނީސް އަޔާޒް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މަލާކަށް ގޮވާލިއެވެ.
“ސޮރީ އިނގޭ….އަހަރެން މި ލަނީ ޓީޝާޓް….މިކަމާހެދި ދެން ޕްލޭންސް ޗޭންޖް ނުކުރައްޗޭ…” އަޔާޒް އެހެން ބުނެލީ އެތާހުރި ދިގު ގޮނޑި ކައިރިއަށް ގޮސް އޭގެ މަތީގައި އޮތް އޭނަގެ ހުދުކުލައިގެ ޓީޝާޓް ނަގަމުންނެވެ. އަޔާޒްގެ އަޑަށް އޭނަގެ ގޮނޑި މަޑުކޮށްލި މަލާކް ފަހަތް ބަލާލިއިރު އަޔާޒް އެ ޓީޝާޓް އޭނަގެ ބޮލުން ވައްޓަމުން ގަޔަށް މަހާލީއެވެ. އަޔާޒް ޓީޝާޓް ލުމުން ވެސް އޭނަގެ ހިތަށް އުދަގޫވި ގޮތުން މަލާކަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. ކޮންމެއަކަސް މަލާކް އަނެއްކާވެސް އަޔާޒާއިވީ ފަރާތަށް ގޮނޑި އަނބުރާލަމުން އެދިމާލަށް ދާންފެށިއެވެ. މަލާކްގެ މޫނުމަތިން ދެންވެސް އުދަގުލެއްވެގެން އުޅޭހެން ހީވުމުން އަޔާޒް ސަމާސާ މޫޑަކަށް ދިޔައެވެ.
“ކީއްވެބާ އަހަރެން އެހެން ހުއްޓާ ބަލަން މަލާކަށް ނުކެރޭނީ؟ އަހަރެން ހަމަ އެހާވެސް ހޮޓްވީމަތަ ހަމަ މިތަނުން ދާން މަޖުބޫރުވީ؟ ޖަސްޓް ކިއުރިއަސް….” އަޔާޒް ނިތަށް ރޫއަރުވައި ވިސްނާކަމަށް ހެދެމުން އެހެން ބުނެލި ވަގުތު މަލާކް އޭނަގެ ކުރިމައްޗަށް އައިސް ހުއްޓިލީއެވެ.
“ނޫނޭ….ފެނުނު މަންޒަރުން ހޮޑުލަވާހެން ހީވީމަ އެތެރެއަށްދާން އަވަސްވީ….” މަލާކް އެހެން ބުނެލިއިރު ވެސް އޭނަގެ ކޯތާފަތް ރަތްވެފައިވިއެވެ.
“އަސްލުވެސްތަ؟ އެކަމަކު ތި މޫނުމަތިން ކިޔައިދެނީ އެހެން ވާހަކައެއް….” އަޔާޒް ދެއަތް އުރާލަމުން މަލާކްގެ މޫނަށް ނަޒަރު ހުއްޓައިގެން ހުރެ މާނަވީ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއިން މަލާކްގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވިއެވެ. ޙާލަތު އިތުރަށް ގޯސްނުވަނީސް މަލާކް ފުން ނޭވައެއް އެތެރެއަށްލަމުން ވާހަކަ ދެއްކިއެވެ.
“މަލާކް މިހިރީ މަލާކް ޕޫލަށް ފައިބާނެ ގޮތް ރާވައިގެން. ހިތަށްއަރަނީ މިރޭ ހަމަ މިތާ ކައިރީގަ އިނދެ ފެނުގަ ފައިތިލަ ޖައްސާނީއޭ….ކިހިނެއްވާނީ؟” މަލާކް ހިސާބެއްގެ ޖޯޝަކާއެކީ ކިޔައިދެމުން ސުވާލުކުރިއެވެ. މަލާކް ނިންމައިގެން ހުރިގޮތް އެނގުންވުމުން އަޔާޒް ހުއްޓުންއަރާ ގޮތްވިއެވެ. އޭނަ ހީކުރީ މަލާކް އެއަށްވުރެ ބޮޑަށް ޕޫލުތެރޭގައި އުޅެން ބޭނުންވާނެ ކަމަށެވެ. އޭނަގެ މިރޭގެ މުރާދު ޙާޞިލުވާންވެސް އޮތީ މަލާކް ރަނގަޅަށް އެ ފެންގަނޑުގެ ތެރެއަށް ފައިބައިގެންނެވެ. އެހެނަސް ދެންމެ މަލާކް އެ ވާހަކަ ބުނެލިއިރު އެ އަޑުގައިވި ނުތަނަވަސްކަމުން އޭނަ އަދިވެސްވީ އެކަމާމެދު ބިރުވެރިކަމެއްގެ ތެރޭގައިކަން އެނގުންވިއެވެ. އެހެންކަމުން ލަސްލަހުން އޭނަ ބޭނުންވާ ގޮތަށް މަލާކް ލައްވާ ކަންތައް ކުރުވުމަށްޓަކައި މަލާކް ބޭނުން ގޮތަށް ފުރަތަމަ ކަންތައް ކޮށްދޭން އަޔާޒް ބޭނުންވިއެވެ. މަލާކްގެ އިތުބާރު އޭނައަށް ލިބިގެންނޫނީ އޭނަގެ ރޭވުން އޭނައަށް ކާމިޔާބު ނުކުރެވޭނެކަން ޔަޤީންވުމުންނެވެ.
އެހެންކަމުން އޭގެ އިރުކޮޅެއްގެ ތެރޭގައި މަލާކް އިނީ އޭނަގެ ކަކޫ ގެނެސް މޭގައި ޖައްސައިގެން ޕޫލުގެ ކައިރީގައި އިށީނދެލައިގެންނެވެ. އެހެން އިނދެއިނދެފައި އޭނަ ދޭތެރެ ދޭތެރެއިން އޭނަގެ ދެފައިންކުރެ އެއްފައި ފެންގަނޑުގެ ތެރެއަށް ބާލަން މަސައްކަތް ކުރެއެވެ. މަލާކް އެހެން ހަދަން އިން މަންޒަރު މަލާކްގެ ކަނާތް ފަރާތުގައި ހުރި ގޮނޑީގައި މަލާކަށް މޫނު ވާ ގޮތަށް އިށީނދެގެން އިން އަޔާޒަށް ފެންނަމުން ދިޔައެވެ. އޭނަ ބޭނުންވީ މަލާކްގެ ‘ފަރުވާ’ ފެށުމުގެ ކުރިން މަލާކްގެ ޙަރަކާތްތައް ރަނގަޅަށް ދެނެގަންނާށެވެ. ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް މަލާކް އެ މަސައްކަތް ކުރަނީ ޕޫލަށް ފައިބަން ހިތްވަރު އެއްކުރެވޭތޯކަން އަޔާޒަށް އެނގުންވިއެވެ. ދޭތެރެއަކުން މަލާކް އިހުނަށްވުރެ ފުންކޮށް ފައި ފެނުގެ ތެރެއަށް ކޮއްޕަމުން ސިހިގެންދާ ފަދައަކުން އަވަހަށް އެ ފައި ނެރެމުން ދިޔަ މަންޒަރު އެތައް ފަހަރެއްގެ މަތިން އަޔާޒަށް ފެނުނެވެ. އޭނަ އިންތިޒާރު ކުރަމުން ދިޔައީ މަލާކް އަމިއްލައަށް ކުޑަމިނުން އޭނަގެ ދެފައި އެއްކޮށް ބާލާނެ އިރަކަށެވެ. އެހެނަސް އެ ވަގުތުކޮޅު ނާންނާނެހެން ހީވުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“މާ ފިނީތަ ފެންގަނޑު؟” އަޔާޒް އޭނައަށް ހީވި އެއްޗެއްގެ މައްޗަށް ސުވާލުކުރިއެވެ.
“އާނ ފިނި….އެކަމަކު މަލާކް ބޮޑަށް ބިރުގަންނަނީ. މަލާކް ފެންގަނޑުގެ ތެރެއަށް ވެއްޓިދާނެތީ…” މަލާކް އެހެން ބުނުމާއެކު އަޔާޒް އޭނައަށް ސީރިއަސް ނަޒަރެއް ދީގެން ހުރެފައި ފުން ނޭވައެއް ދޫކޮށްލަމުން ކޮޅަށް ތެދުވެލިއެވެ. ބައެއް ކަންތައް އޭނަ ގަދަކަމުން ކުރުވައިގެން ނޫނީ މަލާކްގެ ނަޒަރިއްޔާތުވެސް ބަދަލުކުރެވޭކަށް ނެތްކަން އެނގުންވުމުންނެވެ. އަޔާޒް އޭނައާއި ގާތްވަމުން ދިޔަދިޔަހެން މަލާކްގެ ނޭވާވެސް ކަރުގައި ތާށިވިއެވެ. އޭނަ ބަލަބަލާ ހުއްޓާ އަޔާޒް އޭނަގާތު ބުނުމެއްވެސް ނެތި އޭނަ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަޔާޒް އޭނަ ތިރިކުރަން ފެށިހެން ހީވުމުން މަލާކް ގަތް ބިރާއެކީ ހަޅޭއްލެވުނެވެ.
“އަޔާޒް ނޯ! ޕްލީޒް ޕްލީޒް އަޔާޒް….” ނުހަނު ބާރު އަޔާޒްގެ ޓީޝާޓުގައި ހިފައިގެން ހުރެ މަލާކަށް އާދޭސްކުރެވުނީ ފެންކަޅިވެގެން ދިޔަ ލޮލާއި އެކީގައެވެ. އޭނަ ހާސްކަމާއެކީ ދެލޯ މަރައި ތަގުޅިކޮށްގެން ހުއްޓާ އޭނަގެ ފައި ފެންގަނޑުގެ ތެރެއަށް ގެނބި އޭނަ ޕޫލުގެ ފާރުމަތީގައި ބޭންދިގެން ދިޔައެވެ. އެކަން އެނގުންވީ ވަގުތު މަލާކަށް ދެލޯ ހުޅުވައި ބަލާލެވުނެވެ. އެހިނދު އޭނަގެ ދެފައިގެ ބޮޑުބައެއް ފެންގަނޑުގެ ތެރެއިން ފެނިފައި ގަތް ބިރާއެކީ އެއްފަރާތަކަށް ޖެހިލެވުނު ވަގުތު އޭނައާއި ނުހަނު ކައިރީގައި ކުރުފައިމައްޗަށް ތިރިވެ ހުރި އަޔާޒްގެ ގައިގައި ޖެހުނެވެ.
“އެބަ ވެއްޓޭތަ؟” މަލާކް އޭނައަށް ބަލާލުމުން އަޔާޒް ސުވާލުކުރިއެވެ. އަޔާޒް އެ ކުރި ސުވާލު އެނގުންވުމުން މަލާކަށް އަނެއްކާވެސް ފެންގަނޑުގެ ތެރޭގައިވި އޭނަގެ ފަޔަށް ބަލާލަމުން ވިސްނާލެވުނެވެ. ދާދި ދެންމެއަކު އޭނަ މިހެން އިނދެފިނަމަ އޭނަ ވެއްޓިދާނެކަން އޭނައަށް ހާދަ ޔަޤީންވިއެވެ. އެހެނަސް އެކަން އެގޮތަށް ނުވުމުން އޭނަގެ ސިކުނޑިއަށް ޙައިރާންކަމެއް ވެރިވިއެވެ. އެ ޙައިރާންކަމުގެ ތެރެއިން އަނެއްކާވެސް އޭނަގެ ފައިގެ ބޮޑުބައިވީ ފެންގަނޑުގައިކަން އޭނައަށް ފާހަގަވެ އަނެއްކާވެސް ވެއްޓިދާނެކަމުގެ ބިރުބޮޑުވާންފެށިއެވެ.
“ނުވެއްޓޭ…..އެކަމަކު އަދިވެސް ހީވޭ ވެއްޓިދާނެހެން.” މަލާކަށް އެހެން ބުނެލެވުނީ ޕޫލުގެ ކައިރި ފަށުގައި ދެއަތުން ބާރަށް ހިފަހައްޓާލަމުންނެވެ. މަލާކްގެ ވާހަކަ އިވިފައި އަޔާޒް ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ ފައިވެސް ޕޫލުގެ ތެރެއަށް ބޭނުމަށްފަހު މަލާކްގެ ކައިރީގައި އިށީނެވެ.
“ހީވާ ކޮންމެ ހީވުމަކީ ޙަޤީޤަތަކަށްނުވެ ހިނގައިދާނެއެއްނުދޯ މަލާކް؟ ބައެއްފަހަރު ބިރުގަންނަންވީ ސަބަބެއްނެތި ވެސް މި ސިކުނޑި ބުނެފާނެ ވަރަށް ބޮޑުކަމެކޭ ވާންމިއުޅެނީ. އެކަމަކު އެއީ ހާއްޔެއް…..ދެން މިހެން ހަދާ…..މިހާރު މި ދަސްކޮށްދެނީ ޕޫލެއްގަ އެންޖޯއި ކުރަންވީ ގޮތް…” އަޔާޒް އެހެން ބުނެ ފެނުގެ ތެރެއިން އޭނަގެ ދެފައި ވަކިވަކިން ހެއްލަން ފެށިއެވެ. މަލާކް އަޔާޒްގެ ޙަރަކާތަށް ބަލަން އިނދެފައި ހީލިއެވެ. އެއަށްފަހު އަމިއްލައަށް އެހެން ހެދުމަށްޓަކައި އެއްފައި ހިއްލާލީ އޭނައަށް ތަދުވެދާނެކަމަށް ހީކުރުމެއްނެތިއެވެ. އެހެންކަމުން އޭނަގެ ކަނާތުފައި ފެނުގެ ތެރެއިން މައްޗަށް ހިއްލާލި ވަގުތު ފައިގެ ފަލަ މަސްގަނޑުގައި ތަދެއް ހިފާލި ގޮތުން ފައި ތިރިކޮށްލެވުނު ހިނދު ވޭނީ އާހެއްގެ އަޑު އޭނައަށް ލައްވާލެވުނެވެ. މަލާކް އޭނަގެ ފައި މަތީގައި އެއްއަތް އަޅާލި ގޮތުން އަޔާޒަށް ކަންބޮޑުވުމަކާއެކީ މަލާކްގެ އަނެއްއަތުގެ ކޮނޑާއި ދިމާލުން އަތުގައި ހިފަހައްޓާލެވުނެވެ. މަލާކްގެ މޫނުމަތިން ފެނުނު ވޭނުން ހިތް ދެރަވިއެއްކަމަކު އަޔާޒް ހަމަޖެހޭ ގޮތް ދެއްކިއެވެ.
“އިޓްސް އޯކޭ މަލާކް…..އެއީ މާ ބޮޑުކަމެއްނޫން. މަލާކަށް ތަދުނުވާވަރަށް ފައި ހިއްލާނީ….” އަޔާޒް ބުނެލިއެވެ.
“މަލާކް ބޭނުމެއްނޫން އަޔާޒް….މަލާކް މީ އަޔާޒްއާއެކީ ޕޫލް އެންޖޯއި ކުރެވޭނެ މީހެއްނޫން.” މަލާކް ދެރަގޮތަކަށް ބުނެލިއެވެ.
“ނޫން މަލާކް! ތިހެން ނުބުނޭ…..މަލާކަށް ފައި ހިއްލޭ ވަރަކުން ހިއްލާ…..މަލާކް ތިއީ އެއްވެސް ކަމަކަށް ފަސްޖެހޭވަރަށްވުރެ ހިތްވަރުގަދަ ކުއްޖެއްނު؟ މިއަދު މަންމަ ހުރިނަމަ ތިގޮތަށް ގިވް އަޕް ކުރާކަން އެނގިއްޖެނަމަ މަންމަ ކިހާ ދެރަވާނެ؟” އަޔާޒް މަލާކަށް ވިސްނައިދިނެވެ. އެއާއެކު މަލާކް އޭނައަށް ބަލާލިއެވެ. އެއަށްފަހު އޭނަގެ ފަޔަށް ބަލާލަމުން މަންމަ ބުނި ބަސްތަކެއްގެ މަތިން ހަނދާންކުރިއެވެ.
“ނުވާނެއޭ ނުބުނޭ މަލާކް! ވާނެ! ﷲ ގެ އިރާދަފުޅުން ކޮންމެ ކަމެއްވެސްވާނެ. އެކަލާނގެ ދެއްވާފައި ނެތް ޤާބިލިއްޔަތާމެދު ވިސްނުމެއްނެތި އެކަލާނގެ ދެއްވި ނިޢުމަތްތަކުގެ ބޭނުން ހިފާ. އެއްއަތުން ނުހިފެންޏާ ދެއަތުން ހިފާ….ދެއަތުން ވެސް ނުވަންޏާ ފައިވެސް ބޭނުން ކޮށްގެން ތީތި ހިފައިގެން އާދޭ….” މަންމަ އެހެން ބުނެފައިވީ އޭނަ ވަރަށް ކުޑައިރު ފުރިފައިހުރި 2 ލީޓަރުގެ ފެންފުޅިއެއް ނުނެގޭނެ ވާހަކަ ބުނުމުންނެވެ. އޭނަ ޙަޤީޤަތުގައިވެސް އެދުވަހު ފުރަތަމަ ވިސްނީ އޭނައަށް ނުކުރެވޭނެ ކަމަކާއި މެދުގައެވެ. އޭނައަށް އަބަދުވެސް ފެނިފައިވީ މަންމައާއި ބައްޕަ އެއްއަތުން ފެންފުޅި ނަގާ މަންޒަރެވެ. މަންމަގެ ބަސްއަހައިގެން އޭނަ އުދަގުލާއެކީވެސް ދެއަތުން އެ ފެންފުޅި މޭޒުމަތިން ނެގިއެވެ. އަދި އޭތި އުނގުމަތީގައި ބާއްވައިގެން ގޮނޑި ދުއްވާފައި މަންމަ ކައިރިއަށް ދިޔައެވެ. އެ ޚިޔާލުގައި ހުރެފައި މަލާކަށް އަނެއްކާވެސް އޭނަގެ ފަޔަށް ނަޒަރެއް ދެވުނެވެ. އޭރުވެސް އޭނަ ހިއްލާލި ފައިގެ ބައެއް މަސްތަކުގައި ރިހުމެއްވިއެވެ. އެހެނަސް މަންމަގެ އެ ނަޞޭޙަތުގެ ބަސް ހަނދާންކުރަމުން މަލާކް ލަސްލަހުން އޭނަގެ ފައި އިހުނަށްވުރެ ތިރި ހިސާބަކަށް ހިއްލާލިއެވެ. އަދި ލަސްލަހުން އެ ފައި ތިރިކޮށްލަމުން އަނެއްފައި މައްޗަށް ހިއްލިއެވެ. އަދި އެ ދެ ޙަރަކާތް ތަކުރާރުކޮށް ގެންނަން ފެށިއެވެ. އެ ޙަރަކާތްތައް ލަސްލަހުން ގެންނައިރުވެސް ފައިގެ އެކި މަސްތަކަށް އެކި ވަގުތުގައި ތަދުވަމުން ދިޔައެއްކަމަކު މިފަހަރު އެއީ އޭނައަށް ތަޙައްމަލުކުރެވޭނެ ތަދަކަށްވިއެވެ. މަލާކް އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ ފަޔަށް ދީގެން އެ ޙަރަކާތް ގެންނަމުން ދިޔަ ގޮތް ފެނިފައި އަޔާޒްގެ ހިތުގައި މަލާކަށް އިތުރު ޤަދަރަކާއި ފަޚުރެއް އުފެދިގެން ދިޔައެވެ. މީގެ ކުރިން އޭނައާއި ރައްޓެހިވީ އަންހެން ކުއްޖާއަކީ ކިރިޔާވެސް ކަމެއް ނުކުރެވޭނަމަ އޭނަގެ ކަރުގައި އޮޅުލައިގަނެގެން އުޅުނު ކުއްޖެކެވެ. އެހެނަސް މިވަގުތު އޭނަގެ ކައިރީގައި މިހިރީ އާދަޔާ ޚިލާފު ކުއްޖެކޭ ހިތަށްއެރިއެވެ. އޭނަ މިރޭ ދިއްކޮށްލި ކުޑަ އެހީގެ އަތުގައި ހިފައިގެން ފުރަތަމަ ރޭވެސް ހިތްވަރާއެކީ އެ ދައްކާލީ ހާދަ ބޮޑު ކުރިއެރުމެކެވެ. އިރުކޮޅެއް ވަންދެން ހިނިތުންވުމަކާއެކީ މަލާކްގެ މޫނަށް ބަލަން އިނދެފައި އަޔާޒަށް ވާހަކަ ދެކެވުނެވެ.
“މިހާރު ތިކުރަނީ އާދައިގެ މީހުން ކުރާކަމެއް ނޫންތަ؟ ވީލްޗެއާރއެއްގަ ހުންނަ ކުއްޖަކު ޕޫލް ޓައިމް އެންޖޯއި ކުރާތަން އަހަންނަށް މި ފެނުނީ ފުރަތަމަ ފަހަރަށް. އެބަ އިނގޭތަ އެކަން؟!” އަޔާޒް ފުރިހަމަ ހިނިތުންވުމަކާއެކީ އެ ވާހަކަ ތެދުތެދަށް އެވަގުތު ބުނެލީ މަލާކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އެކަން ކާމިޔާބުވެސްވިއެވެ. މަލާކް އޭނަގެ ފައި ހުއްޓާލުމެއްނެތި އަޔާޒަށް ބަލާލަމުން ލުއި ގޮތަކަށް ހީލިއެވެ. އެ ހިނދު ދުވަހަކުވެސް އޭނަގެ ޤާބިލުކަމާމެދު ނުއުފެދޭފަދަ ޔަޤީންކަމެއް މަލާކްގެ ހިތުގައިވިއެވެ. އޭނައަށް ނުކުރެވޭނެކަން ޔަޤީނާއި ގާތްވާ ކަންތައްވެސް މަންމަ ބުނިހެން ﷲ ގެ އިރާދަފުޅުން އޭނައަށް ކުރެވިދާނެކަން އެނގުންވިއެވެ. ހަމަ އެހިނދު އަޔާޒްވެސް އޭނައާއި ދާދި އެއްވަރަކަށް ދެފައި ހެއްލަން ފެށުމުން އޭނައަށް ވެސް ‘އާދައިގެ’ މީހަކަށް ވެދާނެކަމުގެ އުއްމީދު ހިތުގައި އުފެދުނެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު އަނުމް އާދައިގެ މަތިން އޭނަގެ ސްކޫލަށް ގޮސް ވަނީ 7:15 ހިކަށްހާއިރެވެ. އާދައިގެ މަތިން އެދުވަހުވެސް އޭނަ ސްކޫލަށް ވަދެގެން އައިއިރު ފަހަތުން ކަހަލަ ގޮތަކަށް އެއްކަލަ ޒުވާނާގެ ކާރު ސްކޫލްގެ ގޭޓުން ވަދެގެން ގޮސް ވެހިކަލްތައް ޕާކްކުރާ ޞަރަޙައްދުގައި ޕާކްކުރެވިގެން ދިޔައެވެ. ޒުވާނާގެ ކާރުގެ ދޮރު ހުޅުވި އޭނަ ކާރުން ފައިބާކަން އެނގުންވާ ވަގުތު ކޮންމެ ދުވަހަކުހެން އަނުމް ފަސްއެނބުރި ބަލާލަން ކިތަންމެހާވެސް ބޭނުންވެއެވެ. އެހެނަސް އޭނަ ބަލާނުލަނީ ބޮޑުމަންމަގެ ނަޞޭޙަތުގައި ހިފުމަށެވެ. އަދި އަމުދުން އެ ޒުވާނާއަށް އިތުރަށް ބަލައި އެ ޒުވާނާއަށްޓަކައި ހިތުތެރޭގައި އިޙްސާސްތަކެއް ނުއުފެއްދުމަށެވެ. އެ އިޙްސާސްތަކެއް އުފެދުނަސް އެއަށް ވަކި ކުރިމަގެއް ނުލިބޭނެކަން ޔަޤީންކުރަމުންނެވެ.
އަނުމް އެއީ ކާކުތޯ ހޯދަން ކިތަންމެ ބޭނުންވިއެއްކަމަކު އެކަން ވެސް ނުކޮށް ހުރީ މި ސަބަބުތަކަށްޓަކައެވެ. ހާހުން ދަރިވަރުން ތިބޭ އެ ސްކޫލްގައި އެ ޒުވާނާ ހުންނަނީ ކޮން ކުލާހެއްގައި ކަމާއި އޭނައަށް ކިޔަނީ ކޮން ނަމެއް ކަމެއްވެސް އަނުމްއަކަށް ނޭނގެއެވެ. އަނުމްގެ އުއްމީދަކަށްވެފައިވީ އޭނަ މިހެން އުޅެމުން އުޅެމުން ގޮސް އެ ޒުވާނާ މަތިން މުޅިން ހަނދާން ނެތޭ ގޮތްވުމެވެ. އެހެނަސް އެއީ ފުދޭވަރަކަށް ދަތިކަމަކަށްވިއެވެ. ކޮންމެ ދުވަހަކު އޭނަ ސްކޫލަށް އަންނަ މަގުމަތީގައާއި ގެއަށް ދާ މަގުމަތީގައި އެ ކާރު ފެންނަ ގޮތުން އޭނަގެ ހަށިފާރަވެރިއަކަށް އެ ޒުވާނާ ހުންނަނީހެން އަނުމްއަށް ހީވެއެވެ. ދޮންބެއާއެކީ ކާރުގައި ސްކޫލަށް ދާ ދުވަސްދުވަހުވެސް އެ ކާރު ފެނުނެއްކަމަކު އެ ދުވަސްދުވަހު އެ ކާރު ކުރި އަރައިގެންދާ މަންޒަރު ފެނެއެވެ. އަދި އަމުދުން އެދުވަހު އެ ޒުވާނާ ވާހަކަ ދެއްކިފަހުން ނިމާލްވެސް އުޅެނީ އޭނައާއި ދުރުދުރުންކަން އަނުމްއަށް ފާހަގަވެއެވެ. މި ހުރިހާ ކަމަކަށްޓަކައި އޭނަ އެ ޒުވާނާއަށް ޝުކުރު އަދާކުރަން ބޭނުންވިއެއްކަމަކު އެއީ ވެސް އޭނައަށް ނުކުރެވޭނެކަމެއް ކަމަށް އަނުމް ނިންމަނީ ދަތިވަމުންދާ ހިތަކާއި އެކީގައެވެ.
އަނުމްއަށް ނޭނގުނު ކަމަކީ އަނުމްގެ އެ ‘ހަށިފާރަވެރިޔާ’ އޭނަ ބެލެހެއްޓުމުގެ މަސައްކަތް ކުރަނީ ހަމައެކަނި ސްކޫލަށް ދާ ދަތުރުމަތީގައެއް ނޫންކަމެވެ. އެހެނެއްކަމަކު ސްކޫލް ތެރޭގައި ވެސް ވަގުތުވާ ވަރަކުން އެ ޒުވާނާގެ ނަޒަރު އަނުމްއަށް ހުއްޓިފައިވާކަމެވެ. އަދި އަނުމް އެތައް އަނިޔާއަކުން ސަލާމަތްވެފައިވަނީ ވެސް އެ ނަޒަރުގެ ސަބަބުންކަމެވެ.
ކޮންމެއަކަސް އަނުމް ރައްކާތެރިކުރަމުން ދިޔަ އެ ނަޒަރަށް ނަފްރަތު ކުރަމުން ދިޔަ ބައިގަނޑު އެމީހުންނަށް ކާމިޔާބު ކުރެވޭނެހެން ހީވާ ރޭވުމެއް ރޭވިއެވެ. އަދި މި ރޭވުމުގައި އަނުމްގެ ކްލާހުގައި އޭނައާއި އެންމެ ކައިރީގައި އުޅޭ ދެ އަންހެން ކުދިންވެސް ހިމެނިއެވެ. އެހެންކަމުން އެ ދެ އަންހެން ކުދިން ދާދި ކުއްލި ގޮތަކަށް އަނުމްއާއި އެކުވެރިވިކަން އަނުމްއަށް ފާހަގަވިއެވެ. އެއްދުވަހު އިންޓަވަލް ގަޑި ޖެހުމުން އޭގެ ތެރެއިން އެއް އަންހެން ކުއްޖަކު އޭނަ މަޑުކުރުވިއެވެ.
“އަނުމް އިންގްލިޝްއިން ދަށްވާތީ އަހަރެން މިއައީ އަނުމްއަށްދޭން އެއްޗެއް ހިފައިގެން.” އަލީނާ އޭނަގެ ދަބަސް ތެރެއިން ނެގީ މުށިކުލައިގެ ގަނޑު ލެވިފައިވާ ބޯ ފޮތެކެވެ.
“މީ ކޯޗެއް؟” އަނުމްއަށް އެ ފޮތުގެ މެދާއި ހިސާބުން ހުޅުވަމުން އަހާލެވުނެވެ. ބަލާބެލުމަށް އެއީ އިނގިރޭސި ވާހަކައެއްހެން ހީވިއެވެ.
“ތިއީ ވަރަށް ރޮމޭންޓިކް އިންގްލިޝް ލަވް ސްޓޯރީއެއް. ތީގަ އުޅޭނީ ދެ ޕައިލެޓުން. ދެމީހުން އެކީގަ ގޮއްސަ ޕްލޭންއެއް ކްރޭޝްވީމަ ދެން ކަންތައްވާ ގޮތް ކިޔައިދީފަ ހުންނާނީ. އަދި ވަރަށް ސަޅި އެހެނިހެން ކެރެކްޓާސްތައް ވެސް އުޅޭނެ…..” އަލީނާ އެ ވާހަކަ ދެއްކިއިރު ދޭތެރެދޭތެރެއިން އަނުމްގެ އަނެއްފަރާތުގައި އިން ވަފާއަށް އޭނަ ނަޒަރުތަކެއް ދެމުން ދިޔައެވެ. ވަފާ އޭނައަށް ފަސްދީގެން އިން އަނުމްއަށް ބަލަން އިނދެ މޭޒުގެ ކަބަޑުތެރޭގައި އޮތް އޭނަގެ ޕާހުގެ ތެރެއިން ކަޅުކުލައާއި ރަތްކުލައިގެ ޕެން ޑްރައިވެއް ނެގިއެވެ. އަދި ދެންވެސް އަނުމް އެ ފަރާތަށް ބަލާތޯ ބަލަބަލާހުރެ ނުހަނު ސިއްރުން އަނުމްގެ ދަބަހުގެ އެއްފަރާތަށް އެ ޕެންޑްރައިވް އެޅިއެވެ.
“ވަރަށް ކިޔައި ނުއުޅެން ލަވް ސްޓޯރީތައް އަހަރެން. އެހެން ކަހަލަ ސްޓޯރީއެއް ނެތްތަ؟” އަނުމް ސުވާލުކުރިއެވެ.
“ތިއީ އަހަރެން އަތުގަ އޮތީ އެންމެ ބެސްޓް އެއްޗަކަށް. ތީތި ކިޔާލައްޗޭ! އިޓްސް އެޑިކްޓިވް!” އަލީނާ ބުންޏެވެ. އެއާއެކު އަނެއްކާވެސް އަނުމްއަށް އެ ފޮތާއި ދިމާލަށް ބަލާލެވުނެވެ. އެއަށް ބަލަން އިން އަނުމްއަށް ނޭނގުނު ކަމަކީ އެއީ އޭނަގެ ހަލާކުގެ ފެށުންކަމެވެ. އަލީނާ އެ ބުނެލި ފަހު ބަސްތަކަކީ ކިހާ ބޮޑު ޙަޤީޤަތެއްކަމެވެ. އެހެނަސް އެވަގުތު އަނުމްއަށް އެ ބަސްތައް ނެގުނީ މަޖާޒީ ގޮތުގައެވެ. މިއީ އޭނަގެ ޙަޔާތަށް އަންނާނެ އެންމެ ދަތި އުދަގޫ އިމްތިޙާންކަން އޭނައަށް އެއްގޮތަކަށް ވެސް ރޭކާނުލައެވެ.
އެދުވަހު ގެއަށް ގޮސް ފެންވަރައިގެން ކައި ނިންމުމަށްފަހު އާދައިގެ މަތިން އަނުމް އޭނަގެ ހުރިހާ ފިލާވަޅެއް ނިންމާލިއެވެ. ފިލާވަޅުތައް ނިންމުމަށްފަހު ޢާއްމު ގޮތެއްގައި އަނުމްގެ އާދައަކީ ހައިފާއާއި ބޮޑުމަންމައާއެކީ ވަގުތު ހޭދަކުރުމެވެ. އެހެނަސް ކިޔަވާ މޭޒު ދޮށުން ތެދުވަން އުޅުނު ވަގުތު މިއަދު އަލީނާ އޭނައަށް ދިން ފޮތް ލޮލުގައި އެޅިއެވެ. ވާހަކަ ފޮތެއްގެ ބޭރުގައި އެގޮތަށް ގަނޑު ލާފައި ހުރުމުން އަނުމްއަށް ވަރަށްވެސް އައިބުވިއެވެ. އެއީ ކީއްވެތޯ ހިތަށްއެރިއެއްކަމަކު އަނުމް އެންމެ ފަހުން އެ ފޮތް ކިޔަން ނިންމަމުން ކިޔަވާ މޭޒު ދޮށުގައި އިށީނެވެ. ފޮތުގެ ފުރަތަމަ ޞަފްޙާގައި ލިޔެވިފައިވީ މިއަދު އަލީނާ އޭނައަށް ކިޔައިދިން ޚުލާޞާއެވެ. ބޮޑުމަންމަ އޭނަގާތު ހިލޭ ފިރިހެނުންނާއި އަންހެނުންނާއި ދެމެދު އޮންނަން ޖެހޭ ދުރުމިން ކިޔައިދީފައިވުމުން މި ވާހަކައިގައި އެ ޤަވާޢިދު ނުހުންނާނެހެން ހީވުމުން ވެސް އެ ވާހަކައަށްޓަކައި އަނުމްގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. އެހެނަސް އަލީނާ ބުނިހެން އޭނަ އިނގިރޭސިން ދަށްވުމުން ރަނގަޅުވާނީ ވާހަކަތައް ކިޔުމުން ނޫންތޯ ހިތައި އޭނަ އޭތި ކިޔަން ފެށިއެވެ. ކިޔަން ފެށިތާ މާ ގިނައިރެއްނުވެ އޭނައަށް އުދަގޫވާން ފެށީ ތަފްޞީލު ކުރަން ނުޖެހޭ ކަންތައް އޭގައި ތަފްޞީލު ކުރެވިފައި ހުރުމުންނެވެ. ވާހަކައިގައި އަންހެން މީހާއާއި ފިރިހެން މީހާއާއި ދެމެދު ހިނގި ވަގުތުކޮޅު ސިފަކުރެވެން ފެށި ގޮތުން އޭނަގެ ސިކުނޑިއަށް ގޮތެއްވީހެން ވެސް އަނުމްއަށް ހީވިއެވެ. މިއީ އޭނަ ކިޔަން ނުޖެހޭ އެއްޗެއްކަން ޔަޤީންވީ ވަގުތު އަނުމްއަށް އިސާހިތަކު އެ ފޮތް ލައްޕާލެވުނެވެ. އެ ހިނދު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. އޭނައަށް ވަރަށް ބޮޑު ގޯހެއް ހެދިއްޖެކަމުގެ އިޙްސާސުން އޭނަގެ ހިތް ގެނބެން އުޅުނުހެން ވެސް އަނުމްއަށް ހީވިއެވެ. އަދި އަމުދުން ދެންމެ އެ ކިޔާލެވުނު ބަސްތަކުން އޭނަގެ ކަޅު މާޒީގެ ޞަފްޙާތައް ލޯމަތިން ސިފަވާން އުޅުނުހެން ހީވުމުން އަނުމްއަށް ދެލޯ މަރައި ތަގުޅިކޮށް ބޯހޫރުވާލެވުނެވެ. އެ ޚިޔާލުތަކުން ސަލާމަތްވުމަށްޓަކައި އަނުމް އާދައިގެ މަތިން ޤުރުއާން އަޑުއަހާލަން ނިންމިއެވެ. އޭނަ އަޑުއަހާ ސޫރަތް އަޑުއަހާ ހިސާބުން ޕޯޒް ކުރެވިފައިވީ އައިޕޮޑް ގައި ކަމަށްވުމުން އަނުމް މޭޒުމަތީގައި ހުރި އޭނަގެ ދަބަހުގެ އަރިމަތީ ޖީބަށް އަތް ކޮއްޕާލިއެވެ. އެ ހިނދު އައިޕޮޑާއި އެކީ ނެގުނު އެއްޗެއް މޭޒުމައްޗަށް ވެއްޓުމުން އަނުމްއަށް އެއާއި ދިމާލަށް ބަލާލެވުނެވެ. ކަޅުކުލައާއި ރަތްކުލައިގެ އެ ޕެންޑްރައިވް ފެނިފައި އެއީ އޭނަގެ އެއްޗެއް ނޫންކަން އަނުމްއަށް އެނގުންވިއެވެ. އެއީ ކާކުގެ އެއްޗެއްތޯ ހިތަށްއެރި ވަގުތު އެއަށް ނަމެއް ދެވިފައިވޭތޯ ބަލާލަން އަނުމް ނިންމިއެވެ. އެހެންކަމުން އޭނަ މޭޒުމަތީގައި ހުރި އޭނަގެ ކުޑަ ލެޕްޓޮޕް ހުޅުވާލަމުން އެއަށް އެ ޕެންޑްރައިވް ގުޅާލިއެވެ. ދިސް ޕީސީއަށް ގޮސް ޑިވައިސެސްއަށް ބަލާލިއިރު އޭގެ ތެރެއިން އެ ޑިވައިސްގެ ނަމަށް ބޮޑު އަކުރުން ‘އަނުމް’ އޭ ލިޔެވިފައި އޮތް މަންޒަރު ފެނިފައި މެއަށް ފިނިވީ ހިނދު ދެބުމަވެސް ކައިރިވިއެވެ. މިއީ މީހަކު ރާވައިގެން އޭނަގެ ދަބަހަށް އެޅި އެއްޗެއްކަން ޔަޤީންކުރަމުން އޭނަ އެ ޑިވައިސް ހުޅުވާލިއެވެ. އޭގައި ހުރީ އެންމެ ވީޑިޔޯއެކެވެ. ވީއެލްސީއިން ހުޅުވޭ އެ ވީޑިޔޯގެ ނަމަކަށް އެކިއެކި އަކުރުތައް ލިޔެވިފައިވިއެވެ. އެއީ ކޯޗެއްތޯ ބަލަން ބޭނުންވި މިންވަރުން އަނުމް އެ ވީޑިޔޯ ހުޅުވާލިއެވެ. އެއާއެކު ފެންނަން ފެށި މަންޒަރުތަކުން އަނުމްގެ ދެލޯ ބޮޑުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި ބާރު އަޑަކާއެކީ ލެޕްޓޮޕް ލައްޕާލެވުނުއިރު އޭނަގެ ދެލޯ ރަތްވެ ނޭވާ ކަރުގައި ތާށިވެފައިވިއެވެ.
ނުނިމޭ