Vaudhu (Part 34)
އޭގެ އަނެއްދުވަހުގެ ހެނދުނެވެ. ފާއިޤް އާދައިގެ މަތިން ސްކޫލަށް ދިޔުމަށްޓަކައި ލަމްޔާ އޭނައަށް ދީފައިވާ ކާރަށް އެރީ 6:30 ހިކަށްހާއިރެވެ. 6:45 ވާއިރު ސްކޫލްގައި ހުންނަން ޖެހުމާއެކު އޭނަ ސްކޫލަށްދާން ޚިޔާރު ކުރާ ދިގު މަގު ކަނޑައްތު ކުރެވޭނީ އެހާއިރުންކަން އޭނައަށް އެނގޭތީވެއެވެ. އޭނަ ދާ ސްކޫލް ހުންނަނީ އޭނަ މިހާރު އުޅޭ ޢިމާރާތާއި ނުހަނު ގާތުގައި ކަމަށްވިޔަސް އޭނަ އެހެން މަގަކުން ދަނީ ‘ސަންރައިޒް’ ޢިމާރާތް ހުރަސްކޮށްފައި ދިޔުމަށެވެ. އެދުވަހުވެސް އޭނަ އެ ޢިމާރާތާއި ގާތްވަމުން ދިޔަ ވަގުތު އާދައިގެ މަތިން އަނުމް އެ ޢިމާރާތުން ނިކުތް މަންޒަރު ފެނުނެވެ. އަނުމް ފެނުމާއެކު ކޮންމެ ދުވަހެކޭވެސް އެއްފަދައިން ފާއިޤް އޭނަގެ ނޫކުލައިގެ ކާރުގެ ސްޕީޑް ދަށްކޮށްލިއެވެ. ހަމަ އެހިނދު މި ފަހުގެ އާދައާއި އެއްގޮތަށް އަނުމް ފަހަތް ބަލާލުމުން ފާއިޤްއަށް އޭނަގެ ބޯ ތިރިކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. އެކަމާމެދު ފާއިޤް އަމިއްލަ ނަފްސަށް ނުރުހުންވެއެވެ. އޭނަ ޖެހިލުންވާންވީ ސަބަބެއް ނެތް ކަމަށް އޭނަ އެތައް ފަހަރެއްގެ މަތިން އަމިއްލަ ހިތަށް އަންގައިދީފިއެވެ. އޭނަ އަނުމްގެ ފަހަތުން ދާކަން އަނުމްއަށް ފާހަގަވިޔަސް ވަކި އަނުމްއަށް އޭނަ ކުށްވެރި ކުރެވޭނީ ހެއްޔެވެ؟ މި ކާރު ނޫނަސް އަނުމްއަށް ކޮންމެ ދުވަހަކު މި މަގުމަތިން ތަކުރާރުކޮށް ފެންނަ އެހެނިހެން އުޅަނދުތައް ހުންނާނެއެވެ. އެހެނަސް އޭނަ ޖެހިލުންވަނީ ވަކި އަނުމް އޭނަ ކުށްވެރިކޮށްފާނެތީ ނޫންކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. އޭނަ ނުތަނަވަސްވީ އޭނައަށް އަނުމް ކަމުގޮސްގެން އުޅޭހެން އަނުމްއަށް ހީވެދާނެތީވެއެވެ. އެ ޚިޔާލުން ވެސް ފާއިޤްއަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އެފަދަ ހީވުމެއްގައި ބެދޭކަށް ފާއިޤް އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. ކުއްޖަކާއި ރައްޓެހިވެގެން އުޅުމުގެ ޚިޔާލަކީ އޭނައަށް މި ދުވަސްކޮޅު ދުރުދުރުން ވެސް ޙަޤީޤަތަކަށް ވާތަން ފެންނަ ޚިޔާލެއް ނޫނެވެ. އެހެން އެއްވެސް ކަމަކަށްވުރެ އޭނަގެ ހިތުގައި އޮތް އޭނަގެ ތުއްތައަށްޓަކައި ބަދަލު ހިފުމުގެ ރޫޙު އެއަށްވުރެ ވަރުގަދަވުމުންނެވެ.
ތުއްތައާއިމެދު ގޯސްކޮށް ކަންތައް ކުރި އެންމެންގެ ސިފަތައް ވަކިވަކިން ފާއިޤްގެ ލޮލަށް ސިފަވެގެން ދިޔަދިޔަހެން އޭނަ ހުންގާނު ބުރުގައި ހިފަހައްޓައިގެން ހުރި އިނގިލިތަކަށް ބާރުވެގެން ދިޔައެވެ. އެއާއެކު އޭނަ ދުރަށް ހިނގަމުން ދިޔަ އަނުމްއަށް ބަލާލީ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. ތުއްތަ އޭނައަށް ކުރި ވަޞިއްޔަތުގެ މަތިން ހަނދާންވުމުން ފާއިޤް ގިޔަރު ބަދަލުކޮށްލަމުން ކާރު ބާރަށް ދުއްވާލީ އަނުމްއާއި ދާދި އެއްހަމައެއްގައި ދިޔުމަށެވެ. އަނުމްއަށް ކިރިޔާވެސް ގެއްލުމެއްވިޔަ ނުދިނުމަށެވެ.
ހެނދުނު ހެނދުނާ ހިތަށް ވެރިވި އެ ޢަޒުމާއި އެކީ ފާއިޤްއަށް ސްކޫލަށް ދިޔަ މަގުމަތިން ފެށިގެން ސްކޫލް ތެރޭގައި ވެސް އެދުވަހު ފާއިޤްއަށް އަނުމްއާއި ދިމާލަށް މާ ގިނަ ނަޒަރުތަކެއް ދެވެމުން ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފާއިޤްއަށް އަނުމްގެ މޫނުމަތީގެ ކުލަވަރު އެދުވަހު ފެންނަމުން ދިޔައީ އިހުނަށްވުރެ ސާފުކޮށެވެ. އަނުމް ކޮންމެވެސް ކަމަކާމެދު ހިތްހަމަނުޖެހިގެން އުޅޭހެން އޭނައަށް ހީވާ ދެ ތިން ދުވަސްވެއްޖެއެވެ. އޭގެ ފަހަތުގައިވި ސަބަބު އޭނަ ދެނެގަންނަން އުޅެއުޅެ އެކަންވަނީ ކާމިޔާބުވާ ގޮތެއްނުވެފައެވެ. ނިމާލްމެންގެ ވާހަކަތަކަށް ފާރަލައިގެން އޭނަވަނީ އެމީހުން އެންމެ ފަހަކަށް ރޭވި ރޭވުން ވެސް ނާކާމިޔާބު ކޮށްފައެވެ. ވީއިރު އަނުމްއަށްވެގެން މިއުޅެނީ ކިހިނެއްތޯ އޭނަގެ ހިތަށް އަރަމުން ދިޔައެވެ.
ސްކޫލަށް ގޮސް ކާރުން ފައިބައިގެން އަނުމްގެ ފަހަތުން ކަހަލަ ގޮތަކަށް ދިޔަ އިރާއި ސެޝަންގެ ތެރެއިން އެކިއެކި ގަޑިތަކުގައި ފާއިޤް އޮފީހަށް އެކި ކަންކަމުގައި ދާން ޖެހުނު ވަގުތު އޭނަ އަނުމްއަށް ފުން ނަޒަރުތަކެއް ދެމުން ދިޔައެވެ. ކުލާހުގައި އިންއިރު ވެސް އަނުމްގެ އާދަޔާ ޚިލާފު ހިމޭންކަމުން ފާއިޤްގެ ހިތަށް އުދަގޫވިއެވެ. އެހެނީ އަނުމްގެ ފަރާތުން އޭނައަށް ފެނުނު އެންމެ އަޅައިގަންނަ އެއްސިފައަކަށްވީ މީހުންނާއި ދުރުދުރުން އުޅުނަސް ކިޔެވުމަށް މަސައްކަތް ކުރާ ކުއްޖަކަށްވުމެވެ.
އަނުމްއަށް ފާރަލުމުގެ ‘ފުރުޞަތު’ އޭނައަށް ލިބި އަނުމް އޭނައަށް ފުރަތަމަ ފެނިގެން ދިޔަގޮތް ގޮތް ފާއިޤް އަދަށްދާންދެން ވެސް ސާފުކޮށް ހަނދާން އެބަ ހުއްޓެވެ. އެދުވަހު އެ ކަޅު ކޮޓަރީގައި ބަންދުވުމަށްފަހު ބޭރުގައި ތިބި މީހުންނާއި ދިމާލަށް އެއްޗެހި ގޮވައި ހަމަ އެމީހުން ބޭނުންކުރާ ފަދަ ނުބައި ބަސްތައް އޭނައަށް ބޭނުންކުރެވުނެވެ. އެއަށްފަހު އޭނައަށް ދެންވެސް އެ ދޮރުގައި ތަޅަމުން ގަދައަށް ރޮއިގަނެވުނީ ކޮންމެ ގޮތެއްވިޔަސް އޭނަގެ ތުއްތަ އޭނައާއި ވަކިވެއްޖެކަން އޭނައަށް އެނގުންވުމުންނެވެ. އޭނަގެ މުޅި ޙަޔާތުގައި ވެސް އޭނަގެ ޢާއިލާއަކަށް ފެނުނު ހަމައެކަނި މީހަކީ އޭނަގެ ތުއްތައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެމީހުންގެ މަންމައަކީ ފާއިޤް ހަނދާން ހުންނަން ފެށީއްސުރެވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހި ކޮންމެ 6 މަހުން ނޫނީ އަހަރަކުން ޖަލުގައި ހުންނަ އަންހެނެކެވެ. ބައްޕަގެ ސިޔާސީ ވަޒީފާގެ ސަބަބުން ބައްޕަ ގިނަ ފަހަރު އެމީހުންނަކަށް ނުފެނެއެވެ. އެހެނަސް އެމީހުންނަށް ތަނަވަސް ދިރިއުޅުމެއް ލިބިފައިވަނީ ބައްޕައަށް ލިބޭ ލާރިން ކަމަށްވުމުން ބައްޕައަކީ ރަނގަޅު މީހެއްކަމަށް ފާއިޤްއަށް ނިންމިފައިވިއެވެ. އެއްދުވަހު އޭނައާއި އޭނަގެ ތުއްތަ ގޭގައި ތިއްބާ ކޮންމެވެސް ފިރިހެނުންގެ ބަޔަކު އެމީހުން ހައްޔަރު ކޮށްގެން ގޮސް ގެއަކަށް ލުމުގެ ކުރިންނެވެ. އަދި އޭނައާއި އޭނަގެ ތުއްތަ ގަދަކަމުން ވަކިކޮށް އެ ފިރިހެނުން ތުއްތަ ގޮވައިގެން ގޮސް ވަކި ކޮޓަރިއަކަށް ލުމުގެ ކުރިންނެވެ. ތުއްތަގެ ސަލާމަތަށްޓަކައި ތުއްތަ ކައިރިއަށް ދިޔުމުން ފާއިޤް މަޑުކުރެވިފައިވީ ބޮޑު މާސިންގާ 3 ފިރިހެނުން އޭނަގެ ގައިގައި ހިފަހައްޓައިގެން ތިބުމުންނެވެ. އޭނަ ހަރުއަޑުން ތުއްތައަށް ގޮވަގޮވާ ހުއްޓާ ރޮވިފައިހުރި ތުއްތަ ލޯމައްޗަށް ގެއްލުނު ވަގުތު ފާއިޤް އޭނަގެ ކައިރީގައި ތިބި މީހުންގެ އަތްތައް ފޮޅުވަމުން އެމީހުންނާއި ކުރިމަތިލައި ހަޅޭއްލެވިއެވެ.
“ތިއީ ކޮންބައެއް؟! ތުއްތަ ދޫކޮށްލާ ހަމަ މިވަގުތު! އަހަރެން ބައްޕައަށް ގުޅައިފިއްޔާ މާ ރަނގަޅެއް ނުވާނެ!” ފާއިޤް އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. އެއާއެކު އެ ތިން ފިރިހެނުން ވެސް މަލާމާތުގެ ޒާތަށް ހީލިއެވެ.
“ކޮޔާ! މީ އެކޮއިގެ ބައްޕަ ބޭނުންވާ ގޮތް. އެކޮއިގެ ބައްޕަ އެހެން އަންހެނަކާ އިނދެގެން އެކޮއިމެން އުޅޭ ޝާހީ ގެއަށް ބަދަލުވީ. އެހެންވީމަ ބައްޕަ ބުނުއްވީ އެކޮއިމެން މިގެއަށްލާފަ އަހަރުމެން ބޭނުންކަމެއް ކުރިޔަސް މައްސަލައެއްނެތޭ.” މެދުގައި ބިޔަކޮށް ހުރި ފިރިހެނަކު ބުނެލި ވާހަކައިން ފާއިޤްގެ ދެލޯ ބޮޑުވީ ހިނދު އޭނަގެ ހިތް ރޫރޫއެޅިއެވެ. އިވުނު ވާހަކަތައް ޤަބޫލުކުރަން ބޭނުމެއްނުވިއެއްކަމަކު ބައްޕަ އެމީހުންނާއިމެދު ބަހައްޓާ ފަރުވާ ކުޑަކަމުން އެއީ ހަމަ ޙަޤީޤަތަކަށް ވެދާނެކަމަށް އޭނަގެ ޒަމީރު ބުންޏެވެ. އެހެނަސް ބައްޕައަށްޓަކައި ހިތުގައި އޮތް އިތުބާރު ގެއްލެން އުޅުނު ވަގުތު ފާއިޤްއަށް ދެންވެސް ނޫނެކޭ ބުނެލެވުނެވެ. ލިބިފައިވި ޝޮކުގައި އަމިއްލަ އަމިއްލައަށް ބޯ ހޫރުވަމުން ނޫނެކޭ ތަކުރާރުކޮށް ކިޔެން ފެށިއެވެ. އެހިނދު އޭނަގެ ކުރިމަތީގައި ތިބި ފިރިހެނުން ހަމަ އެއްޒާތަކަށް ހެމުން އޭނަގެ ގައިގައި ހިފެހެއްޓިއެވެ. އެއަށްފަހު އޭނަ ގަދަ ހެދިއެއްކަމަކު ކޮޓަރިއެއްގެ ތެރެއަށް ގެންގޮސް އޭނަގެ އަތްފައި ބަނދެ ހައްޔަރުކޮށްފައި ބޭންދުމަށްފަހު އެ ކޮޓަރީގައި ބަންދުކޮށްފައި ދިޔައީއެވެ. އެ ކޮޓަރީގެ ބިންމަތީގައި އެގޮތަށް އިންއިރު އެ ކޮޓަރިއާއި ދިމާކުރިމަތީގައި ހުރި ކޮޓަރިން ތުއްތަގެ ވޭނީ ހަޅޭކުގެ އަޑުތަކާއި އެ ފިރިހެނުންގެ ނުލަފާ ހުނުންތަކުގެ އަޑުތައް އިވެމުން ދިޔަ ގޮތުން އެއްފަހަރާ ހުރިހާ ނޭދެވޭ އިޙްސާސްތަކެއް ހިތަށްވެރިވެ ފާއިޤްގެ ސިކުނޑި ގޯސްވާން އުޅުނުހެން އޭނައަށް ހީވިއެވެ. ކަރުނަ އަޅައި ގަދައަށް ރޮމުން އަޑުގެ ކޮޅަށް ތުއްތާއޭ ކިޔައި ގޮވެމުން ދިޔައެވެ. 13 އަހަރުގެ ޢުމުރުގައި އެފަދަ ކަމެއް ތަޖުރިބާ ކުރެވުނު އެ ފުރަތަމަ ދުވަހު އޭނައަށް ހީކުރެވިފައިވެސްވީ އެ ހުރިހާ ފިރިހެނުންވެގެން ތުއްތަ ގައިގައި ހަމައެކަނި ތަޅަނީ ކަމަށެވެ. އޭނައަށް ހީކުރެވުނީ އޭނައަށް ދެން ފެންނާނީ ތުއްތަގެ ފުރާނަނެތް ހަށިގަނޑު ކަމަށެވެ. އެހެނަސް އޭގެ އަނެއްދުވަހުގެ ހެނދުނު ތުއްތަ ޞައްޙަ ސަލާމަތުން ހުރެ އޭނަގެ ކޮޓަރިއަށް ވަދެގެން އައި މަންޒަރު ފެނިފައި ފާއިޤްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ތުއްތަގެ ފަރާތުން އޭނައަށް ފެނުނުހާ ވެސް ތަފާތަކީ މިލާފައިވާ މޫނުމަތީގެ ލޮލުގެ ކައިރިން ނޫފަންގަނެފައިވުމާއި ތުއްތަ ހިނގާފައި އައިއިރު ކޮރުޖަހަމުން އައުމެވެ.
“ތުއްތާ…..ތު…ތުއްތަ ސަލާމަތުންދޯ ތިހިރީ؟ ތުއްތައަށް އެމީހުން މާ ބޮޑުކަމެއް ނުކުރޭދޯ؟” ތުއްތަ ދަތި ގޮތަކަށް ހިނގާފައި އައިސް އޭނަ ކައިރިއަށް ތިރިވެ އޭނަގެ ފައި ބަނދެވިފައި ފަށްތަށް މޮހެން ފެށުމުން ފާއިޤް އުއްމީދީ ގޮތަކަށް ސުވާލުކުރިއެވެ. އެހިނދު ތުއްތަ އޭނައަށް ބަލާލީ އޭނަގެ ވިސްނުން ހުރި ހިސާބު އެނގުންވި ފަދައަކުންނެވެ. އެއާއެކު ތުއްތަ ކަރުނުން ފުރިގެންވި ދެލޮލާއެކީ ވެސް އޭނައަށް ހިނިތުންވުމެއް ދައްކާލިއެވެ.
“އާނއެކޭ ކޮއްކޯ! ކޮއްކޮ ބޭކާރު ގޮތުގަ ރޭ ހަޅޭއްލެވީ….އެއީ އެމީހުން ބުނީ ތުއްތަ ކައިރި ކޮންމެވެސް އެއް ޑްރާމާއެއް ކުޅެދޭށޭ. ފައިސާވެސް ލިބޭނެއޭ….އެހެންވެ ތުއްތަ އެމީހުން ބުނިގޮތަށް ހެދީ……ދެން ނުރޮއްޗޭ އިނގޭ ތުއްތަ އެގޮތަށް ގެންދިޔަޔަސް. ހިނގާ އަވަހަށް ސައިބޯން….އަދި މިއަދު މެންދުރު ސްކޫލަށްވެސް ދާންވާނެއެއްނު؟” އޭނަގެ 19 އަހަރުގެ ތުއްތަ ކަރުނަތައް ފައިބަމުން ދިޔަ ލޮލާއެކީ ތުރުތުރު އަޅާ އަޑަކުން ވާހަކަ ދައްކަމުން ވެސް މަތި އޮމާންކުރިއެވެ. ހުރިހާ ކަމެއް ރަނގަޅުކަމަށް ނިންމަން އިންތިހާއަށް ބޭނުންވެފައިވި ހިތެއްގެ ސަބަބުން ފާއިޤް އޭރު ހިނިތުންވުމަކާއެކީ ބޯޖަހާލީއެވެ. އެދުވަހުގެ ފަހުން ތުއްތަ އެ ބުނި ޑްރާމާގެ އެހެނިހެން ޒާތުގެ މަންޒަރުތައް އޭނައަށް ފެނި އެ މަންޒަރުތައް ކުޅޭ އަޑު އޭނައަށް އިވޭނެ ކަމަށް ފާއިޤްއަށް ހީކުރެވުނެވެ. އެހެނަސް ކޮންމެ ރެއަކުހެން އިވެނީ ހަމަ ތުއްތަގެ އެ ރުއިމުގެ އަޑެވެ. އޭނަގެ ލޯ ކުރިމަތިން ތުއްތަ ދުވަހަކަށްވުރެ ދުވަހަކަށް ބަލިކަށިވަމުން ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. ތުއްތަ އޭނައަށް ހެދީ ދޮގެއް ކަމުގެ އިޙްސާސް ކުރެވެން ފެށީ އެހާ ހިސާބުންނެވެ. ކޮންމެވެސް ގޯހެއް އެބައުޅޭކަން އެނގުންވީވެސް އެހާ ހިސާބުންނެވެ. އޭނައާއި އެކީގައި އުޅޭ އެކުވެރިންގެ ފަރާތުން އެ ޒާތުގެ ވާހަކަތައް އޭނައަށް އިވެން ފެށީ ވެސް އެދުވަސްވަރެވެ. އެކުވެރިންގެ ފަރާތުން އެ ވާހަކަތައް އިވި ގޭގެތެރެއިން އިވޭ އަޑުތަކަށް ވިސްނުމުން ކަންތައް ވަމުންދާ ގޮތް ފާއިޤްއަށް އެނގުންވި ދުވަހު އޭނައަށް ނަފްސާނީ ގޮތުން އަސަރުކުރިއެވެ. އެދުވަހު ސްކޫލްގެ ގޮނޑިއެއްގައި އިނދެ އޭނަ ހިމޭންވީ ގޮތަށް ސެޝަން ނިމެންދެން ވެސް އެގޮތުގައި އިނދެވުނެވެ. ހަމަހޭވެރިކަމެއް ލިބިގެން ދިޔައީ މުދައްރިސަކު އޭނަގެ ކޮނޑުގައި އަތް އަޅައި ގޮވާލުމުންނެވެ. އެދުވަހު އޭނަ ގެއަށް ދިޔައީ ގައިގެ ވަރުދޫވެފައިވާ ޙާލުގައެވެ. އޭނަގެ ގޯސް އެކުވެރިން ސަމާސާތަކުގެ ގޮތުގަ ސިފަކޮށްދިން މަންޒަރުތައް އޭނަގެ ތުއްތައާއެކީ ޚިޔާލުކުރަންވެސް އޭނަގެ ސިކުނޑި ނުކުޅެދުނެވެ. އެހެނަސް އެއީ ޙަޤީޤަތްކަމަށް އޭނަގެ ހިތް ބުނަމުން ދިޔަ ކޮންމެ ފަހަރަކު އޭނައަށް ބޯހޫރުވެމުން ދިޔައެވެ.
އެދުވަހު އިރުއޮއްސުނު ވަގުތު ގެއަށް ގޮސް ވަނުމާއެކު ވެސް ކޮންމެވެސް ފިރިހެނަކު ތުއްތަގެ އިސްތަށިގަނޑުގައި ހިފައި ދަމަމުން ދިޔަ މަންޒަރު ފެނުމުން އައި ރުޅީގައި ފާއިޤްއަށް ހަޅޭކެއް ލައްވާލެވުނެވެ. ތުއްތައާއެކީ އެމީހާވެސް އޭނައަށް ބަލާލުމާއެކު ރުޅިން ތުރުތުރު އަޅާ ޙާލު ދިގު ފިޔަވަޅުތަކެއްގައި އެ ދިޔަ ގޮތަށް ގޮސް ގޮށްމުށުން އެމީހާގެ ބަނޑާއި ދިމާލަށް އެތިފަހަރެއް ވިއްލާލިއެވެ. އެއީ އޭނަގެ ޙަޔާތުގައިވެސް މީހަކާއި ދިމާލަށް އެގޮތަށް އަތް އިސްކުރެވުނު ފުރަތަމަ ފަހަރެވެ. އެ ފުރަތަމަ ފަހަރު ވެގެން ދިޔައީ މުޅިން އާ ފެށުމަކަށެވެ. އޭނަ އެ އެތި ފަހަރު ވިއްލި މީހާ އޭނަގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައި ވައްޓާލިއެއްކަމަކު އޭނަ އައިސްފައިވި ރުޅީގައި އަނެއްކާވެސް ތެދުވެ ޖެހިއެވެ. އެހެނަސް އެފަދަ ކޮންމެ ތަޅާފޮޅުމެއް ނިމޭ ފަދައިން އެ ތަޅާފޮޅުން ވެސް ނިމިގެން ދިޔައީ ތިން ހަތަރު ފިރިހެނުންވެގެން އޭނަ ގައިގައި ހިފަހައްޓައި ތުއްތަ އޭނައާއި ދުރަށް ގެންދިޔުމުންނެވެ.
އެރޭ ތުއްތަގެ ރުއިމުގެ އަޑު އެ ކޮޓަރިން އިވުމުން އޭނަ ކޮޓަރިން ނިކުތެވެ. އޭނަ ފަހަކަށް އައިސް އެކަމާމެދު އަޑު ނުއުފުލާތީ އޭނަ ހުންނަނީ ނުވެސް ބަނދެވިއެވެ. އޭގެ ބޭނުން ހިފައި އޭނަ ތުއްތަގެ އަޑު އަންނަމުން ދިޔަ ކޮޓަރީގެ ދޮރު ކައިރިއަށް ގޮސް އެ ދޮރުގައި ގޮށްމުށުން ތެޅިއެވެ. ތުއްތަ ދޫކޮށްލުމަށް ގޮވަމުންނެވެ. ދޫނުކުރިއްޔާ ފަހުން ހިތާމަކުރަން ޖެހިދާނެކަމަށް ބުނަމުންނެވެ. އެއާއެކު އަނެއްކާވެސް ފާއިޤް އެ ފިރިހެނުންނާއި ކުރިމަތިލާން ޖެހުނެވެ. އެ ތަޅާލުން ނިމުނުއިރު ފާއިޤްގެ މޫނާއި ހަށިގަނޑުގެ އެކި ތަންތަންގަނޑު ނޫފަންގަނެފައިވީއިރު އޭނަގެ ޚަބަރު ހުސްވެ އޭނަގެ ކޮޓަރީގެ ބިންމައްޗަށް ދޫކޮށްލެވުނެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނު ފާއިޤްއަށް ހޭލެވުނީ ރޮވިފައިހުރި އޭނަގެ ތުއްތަ އޭނައަށް ގޮވަމުން އައިސް ތިރިވެ އޭނަގެ މޫނުގައި ހިފަހައްޓައި ރަނގަޅުތޯ ސުވާލުކުރަން ފެށުމުންނެވެ. ހަނިގޮތަކަށް ލޯ ހުޅުވާލުމުން ތުއްތަ ފެނިފައި ފާއިޤްއަށް ކުއްލިއަކަށް ތެދުވެލެވުނެވެ. އެއާއެކު ފުރަތަމަ ފަހަރަށް ތުއްތަގެ ޒަޚަމްތައް އެ ޒަޚަމްތަކުގެ ގޮތުގައި އޭނައަށް ފެނުނެވެ. ތުއްތަގެ މޫނުގެ އިތުރުން ކަރާއި އަތުގެ މުލައްދަނޑީގެ ތަންތަން ވެސް ރަތްވެ ތުއްތަގެ ހަށިގަނޑު އަނަރޫފަވެފައިވި މަންޒަރު ފެނިފައި ފާއިޤްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މި ހުރިހާ ދުވަހު އޭނަ ތުއްތައާއި އެއްފުރާޅެއްގެ ދަށުގައި ވީއިރުވެސް ތުއްތައަށްޓަކައި އެއްވެސް ކަމެއް އޭނައަށް ނުކުރެވުނުކަން އިޙްސާސް ކުރެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނައަށް ތުއްތަގެ މޫނުން ނަޒަރު ވަކިކޮށްލަމުން ކޮޅަށް ތެދުވެ ތުއްތައަށް ފަސްދެވުނީ ތުއްތައާއި ހަތަރުކަޅި ހަމަކުރަން ވެސް ނުކުޅެދުމުންނެވެ. ތުއްތަ ރައްކާތެރިކުރުމުގައި އޭނަ ނާޤާބިލުވެއްޖެކަން ޔަޤީންވި ވަގުތު ފާއިޤްއަށް ގިސްލެވެން ފެށިއެވެ. އެ ގިސްލުމުގެ ތެރެއިން ތުއްތައާއިމެދު ހިތުގައި އުފެދުނު ޝަކުވާވެސް ދުލާއި ހަމައަށް ގެނެވުނެވެ.
“ތު….ތުއްތަ ކޮއްކޮއަށް ދޮގު ހެދީ….އެމީހުން ތުއްތައަށް…..” ފާއިޤް އެހެން ބުނެލި ހިނދު މޭގައި އުފެދުނު ރިހުމުގެ ސަބަބުން މޭމަތީގައި އަތްއަޅާލަން ޖެހުނެވެ. އެ ހިނދު ތުއްތައަށް ވެސް ގިސްލެވުނު އަޑު އިވިފައި އެ ރިހުން ތޫނުވުން ނޫންކަމެއް ނުވިއެވެ. ތުއްތަ ލަސް ހިނގުމެއްގައި އައިސް އޭނަގެ ކޮނޑުގައި އަތްއަޅާލުމުން ވެސް ފާއިޤް ދުރުވެލީ ތުއްތަ ދޮގު ހެދި ކަމަށްޓަކައި ރުޅިވުމަށްވުރެ އޭނަގެ އަމިއްލަ ނަފްސަށް ވީ ނުރުހުމުގައެވެ.
“ފާއިޤްވެސް ދެން ތުއްތައާ ވާހަކަ ނުދައްކާނީތަ ތުއްތައަށް މިހެން ދިމާވީމަ؟” ތުއްތަގެ ރޮވިފައިވި އަޑުން އެ ބަސްތައް އިވިގެން ދިޔަ ހިނދު ފާއިޤް ދުވަހަކުވެސް ދެރަނުވާވަރަށް ދެރަވިއެވެ. އޭނައަށް ތުއްތައާއި ދިމާލަށް ބަލާލެވުނީ ކަރުނުން ތެމިފައިވި ކޯތާފަތާއި އެކީގައެވެ.
“ނޫން ތުއްތާ…..ކޮއްކޮ ރުޅިއަންނަނީ….ވަރަށް ގަދައަށް. ކޮއްކޮ އަދި މާ ބޮޑަށް އަނިޔާކުރާނަން! ތުއްތައަށް އެހެން ހެދި މީހުންނަށް. ޕޮލިހުންނަށް ގުޅާފަ ޕޮލިހުންނާ ޙަވާލުކުރާނަން! ތުއްތަ ސަލާމަތް ކޮށްދޭނަން ކޮއްކޮ!” ފާއިޤް ތުއްތަ ކައިރިއަށް ދަމުން ވަރުގަދަ ޢަޒުމަކާއެކީ ބުނެލިއެވެ. އެއާއެކު ތުއްތަ އޭނަގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“އެމީހުންނަށް އަނިޔާކޮށްފަ އެމީހުން ކަހަލަ މީހަކަށް ވާންތަ ފާއިޤް ބޭނުންވަނީ؟ ފުލުހުންނަށް އަންގަން ތުއްތަ ވެސް ޓްރައި ކޮށްފިން. އެކަމަކު މިއީ ފުލުހުންގެ އަތްދަށަށް ވެސް ދާނެ ބައެއްނޫން. ބައްޕައަށް ގުޅަން ވެސް ޓްރައި ކޮށްފިން. އެކަމަކު ބައްޕަގެ ނަންބަރަށް ނުގުޅޭ ތުއްތައަކަށް…..ދެން ކޮއްކޮ ރުޅިވެގެން އިތުރު ކަމަކަށް އެމީހުން ގައިގަ ނުޖަހައްޗޭ. ބަލާބަލަ ކޮއްކޮއަށްވެފަ ހުރި ގޮތް……އިން ޝާ ﷲ އަދި ހުރިހާ ކަމެއް ރަނގަޅުވާނެ. ކެތްތެރިކަމާއެކު މި ދުވަސްކޮޅުގެ ތެރޭގަ އުޅެލާނީ އަހަރުމެން. ﷲ އަހަރުމެންނަށް މަގެއް ފަހިކޮށްދެއްވާނެ. މަގެއް ފަހި ނުވިއްޔާވެސް މި އިމްތިޙާނަކީ އަހަރުމެންނަށް މިއިން ގިނަގުނަ ސަވާބު ލިބޭނެ އިމްތިޙާނަކަށް ހަދަމާދޯ؟” ތުއްތަ އޭނަގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ހިނިތުންވުމެއް ދައްކަން މަސައްކަތް ކުރަމުން ބުންޏެވެ.
އެހެނަސް ފާއިޤް ތުއްތަގެ އެ ބަހެއް ޤަބޫލެއް ނުކުރެއެވެ. ﷲ އެމީހުންނަށް އެހީއެއްވާނެނަމަ މިހާރު ވާންވީ ނޫންތޯއޭ ހިތަށްއަރަމުން ދިޔައެވެ. އެ ޚިޔާލު ހިތަށްވެރިވާ ކޮންމެ ފަހަރަކު އަންނަ ރުޅީގައި އޭނައަށް އަތުން ފައިން ގޯހެއް ހެދެއެވެ. އޭނަ އެކި ގޮތްގޮތުން އެ ގޭގެ ތެރޭގެ ހަމަޖެހުން ނަގަން މަސައްކަތް ކުރެއެވެ. އޭނަ އޭގެއިން ކޮންމެ ފިރިހެނެއްގެ ގައިގައި ޖަހަނީ އެމީހަކު މަރާލުމުގެ ނިޔަތުގައެވެ. އެ ނިޔަތް ހިތަށް ވެރިވާ ކޮންމެ ފަހަރަކު ޚުދު އޭނަގެ ހިތްވެސް ބިރުގަތެއްކަމަކު އޭނަގެ ހިތުގައި އެމީހުންނަށްޓަކައި ވާ ރުޅި މާ ބޮޑެވެ. 13 އަހަރުގެ ޢުމުރުގައި އޭނަގެ ހިތަށް ވެރިވި އެ ރުޅިވެރިކަން 5 އަހަރު ވަންދެން ވެސް އެގޮތުގައި ދެމިގެން ދިޔައެވެ. އޭނައާއި ތުއްތަ އެ ވޭނާއި ކެކުޅުމުގައި އެހާ ގިނަ ދުވަސް ހޭދަކުރިއެއްކަމަކު އެ ދެބެއިން ވެސް އެ ވޭނަށް އާދައެއްނުވެއެވެ. ތުއްތަގެ ހަޅޭކާއި ރުއިމުގެ އަޑު އިވޭއިރު ފާއިޤް ދެރަވަމުން ދިޔައީ ހަމަ އެއްވަރަކަށެވެ. ފަހަކަށް އައިސް ފާއިޤްގެ މޭގައި ހުންނަނީ ވެސް ނުފިލާ ރިހުމެކެވެ. އެއްވެސް ކަމެއް ކުރާ ހިތެއްނުވިއެއްކަމަކު ސްކޫލަށް ދެވުނު ވަރަކުން ދަމުން ދިޔައީ އޭނަ ކިޔަވައި މޮޅުވެ ފައިސާ ލިބެން ފެށުމުން އޭނައަށް ތުއްތަ ރައްކާތެރި ކުރެވިދާނެއޭ ހިތާއެވެ. އެހެނަސް އެންމެ ފަހުން ތުއްތަ އެ ވޭނަށް ކެތްނުކުރެވި އޭނަ ދޫކޮށްފައި ދިޔުމުން އޭނައަށް އަޑުގެ ކޮޅަށް ވެސް މަރުގެ އިންޒާރުތައް ދެވެން ފެށީ އެ ހިތާމައިގައި ހިތް ފިސްފިސްވެދާނެހެން ހީވުމުންނެވެ.
އެދުވަހު ލަމްޔާގެ އެދުމަށް އޭނަ ކޮޓަރިއަކަށް ލެވުމުން އެތައް އިރެއްވަންދެން އޭނަ ހަޅޭއްލެވިއެވެ. އެ ހުރިހާ ހަޅޭކަކަށްފަހު ވަރުބަލިވުމުން އޭނައަށް ބިންމައްޗަށް ތިރިވެ ދުވަހަކުވެސް ނުރޯވަރަށް ރޮވުނެވެ. އޭނަ ދުނިޔޭގައި މުޅިން އެކަނިވެރިވިކަމުގެ އިޙްސާސް ކުރެވުމުންނެވެ. އޭނައަށް މީހަކު ރައްކާތެރި ކުރެވިދާނެހެން ހީވި ދުވަހު ރައްކާތެރިކޮށްދޭނެ ލޯބިވާ މީހަކު ނެތްކަން އެނގުންވުމުންނެވެ. އޭނަ އެހެން އިންދާ ރޮމުން ދަނިކޮށް ފޯނަށް މެސެޖެއް އައި އަޑަށް ފާއިޤް އޭނަގެ ބަނދެވިފައިވި ދެއަތް ސޯޓުގެ ޖީބާއި ދިމާލަށް ގެންގޮސް އެއްއަތުން ފޯނު ނެގިއެވެ. އެއީ ތުއްތައަށް އެގޭގައި ތިބޭ މީހުން ބައެއްފަހަރު ދޭ ލާރި އެއްކޮށްގެން ތުއްތަ އޭނައަށް ގަނެދިން ފޯނެކެވެ. އެމީހުން އޭނައަށް އަނިޔާއެއް ކޮށްފާނެތީ ކަމެއް ދިމާވެއްޖެނަމަ ތުއްތައަށް ގުޅަން އެދެމުން ދިން ފޯނެކެވެ. ފޯނަށް އައި މެސެޖު ބަލާލިއިރު އެއީ ފޯނުގެ ލާރި ހުސްވީކަން އެންގުމަށް އައި މެސެޖެކެވެ. ހަމަ އެވަގުތު ވައިބާރއިން ވެސް އޭނައަށް މެސެޖެއް އައިސްފައިވިތަން އެދުވަހު ފާއިޤްއަށް ފެނުނީ ފުރަތަމަ ފަހަރަށެވެ. އެއީ އެދުވަހުގެ ހެނދުނު ނިޔާވުމުގެ ކުރިން ތުއްތަ އޭނައަށް ފޮނުވާފައިވި މެސެޖުތަކެވެ. އޭގެއިން ތުއްތަ ވަރަށް ތަފްޞީލުކޮށް ކިޔައިދީފައިވާ ގޮތުގައި އެގޭގައި އުޅޭ ފިރިހެނުން އަނިޔާކުރަނީ ހަމައެކަނި ތުއްތައަށް ނޫނެވެ. ތުއްތަ ބުނި ގޮތުގައި މިހާތަނަށް އައިއިރު އެއްވެސް އެހެން އަންހެން ކުއްޖަކަށް އަނިޔާއެއްދޭން އެމީހުން ރާވާކަން ތުއްތައަށް އެނގިއްޖެނަމަ ތުއްތަވަނީ އެކުއްޖަކަށް ގުޅައި އެމީހުންގެ ރޭވުމުން ސަލާމަތްވާން އަންގާފައެވެ. އެހެނަސް އެމީހުން އެންމެ ފަހަކަށް އެކުއްޖަކާ ބެހޭގޮތުން އެ ވާހަކަ ދައްކާ ‘އަނުމް’ އަކީ ފޯނެއް އޮތް ކުއްޖެއްނޫންހެން ތުއްތައަށް ހީވާ ވާހަކައެވެ. އަދި އެކުއްޖާ އުޅެނީ ރާއްޖެތެރޭގެ ރަށެއްގައިހެން ހީވާ ވާހަކަވެސްމެއެވެ. އެކަމަކު ވަރަށް އަވަހަށް އެކުއްޖާ ފާއިޤް ދާން އުޅޭ ސްކޫލަށް ދާން އުޅޭ ޚަބަރު ތުއްތައަށް ލިބުނު ވާހަކައެވެ.
އަނުމްގެ ފޮޓޯއެއް ފޮނުވުމަށްފަހު އަނުމް ރައްކާތެރި ކޮށްދޭން ތުއްތަ އޭނައަށް އެދިފައިވަނީ އެއަށްފަހުގައެވެ. ތުއްތައަށްޓަކައި ބަދަލު ހިފުމުގެ ގޮތުން ކުރެވިދާނެކަމަކީ އެއީ ކަމަށް ތުއްތަ ބުނި ބުނުމުން ފާއިޤް އޭނަގެ ގޮތްގަނޑު ބަދަލުކުރަން ނިންމިއެވެ. ކޮންމެހެންވެސް އޭނަ މިހާރު ބަލަމުން ދިޔަ އެ ލަމްޔާގެ އިތުބާރު ހޯދައި އޭނަ ދާން ރާވާފައި އޮތް ސްކޫލަށް ދިޔުމަށެވެ. ތުއްތަގެ އެ ފަހު އެދުން ކޮންމެހެން ވެސް ފުރިހަމަ ކޮށްދިނުމަށެވެ.
ނަތީޖާއެއްގެ ގޮތުން ދެތިން ހަފްތާ ތެރޭގައި އޭނަގެ މަޑުމައިތިރި އަޑާއި އިޙްތިރާމް ހުރި ގޮތްތަކުގެ ބޭނުން ހިފައި ފާއިޤް އެންމެ ފަހުން ލަމްޔާގެ އިތުބާރު ހޯދިއެވެ. އެއަށްފަހު ލަމްޔާ އޭނައަށް އާ ހެދުންތައް ގަނެދީ ރީތި ކޮޓަރިއެއް ވެސް ދިނީ ބޮޑު މީހާގެ ކުއްޖާއަށް ރަނގަޅަށް ހިތަންވާނެތާއޭ ބުނަމުންނެވެ. ކޮންމެ މަހަކު ހާހުން ލާރިވެސް ދެނީ އެ ބުނާ ބުނުމާއި އެކީގައެވެ. ފާއިޤް އެ ހުރިހާ ކަމެއްގެ ބޭނުން ހިފަމުން ދިޔައެއްކަމަކު އޭނަ އެ ކަންކަމަށް ނުހެއްލެއެވެ. އެއަށްވުރެ ބޮޑަށް އޭނަގެ އަމާޒު އޭނައަށް ސާފެވެ. ސްކޫލަށްދާން ފެށި ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނަ އަނުމް ހޯދަން ފެށީ އެހެންވެއެވެ. އެހެނަސް ސްކޫލް ފެށި، ދެ މަހެއްހާ ދުވަސް ފާއިތުވީއިރު ވެސް އެ އަނުމް އެ ސްކޫލަށް ނާންނަކަން ފާއިޤްއަށް އެނގުންވިއެވެ. އޭނަ އެކުއްޖާ ފެންނާނެ ކަމުގެ އުއްމީދު ކަނޑާލަން އުޅުނު ވަގުތު އޭނައަށް އެކުއްޖާގެ ވާހަކަ އިވިގެން ދިޔައީ ލަމްޔާ އެއްދުވަހު ގެއަށް ގެނައި އޭނައާއި ދާދި އެއް ޢުމުރެއްގެ ފިރިހެން ކުއްޖެއްގެ ފަރާތުންނެވެ.
“ނިމާލްދޯ ކިޔަނީ؟ ތިއީ ފާރޫޤުގެ ދަރިދޯ؟” ލަމްޔާ ނިމާލް ކުރިމަތީގައި ބައިންދައިގެން ވާހަކަ ދައްކަން ފެށުމުން އެވަގުތު ގެއަށް ވަދެގެން އައި ފާއިޤަށް އަޑުއަހަން ހުރެވުނެވެ.
“ހެހެ….އާނ….ފާރޫޤުގެ ހުރި ހަމައެކަނި ދަރިފުޅު. ބައްޕައެއްނު އެއްކަލަ ނިޝާން ލައްވާ މަހީރާ ދައްތަގެ މައްސަލައެކޯ ކިޔާފަ އޭނަ ވާ ވައްދަނީ؟ ހެހެހެ….” ނިމާލް އެހެން ބުނެފައި ހޭންފެށުމުން ފާއިޤްގެ ދެބުމަ ކައިރިވިއެވެ.
“އޯހް! ހެހެހެ…..ހާދަ ހެއްވައޭ ނިޝާން ވާ ވައްދާ ވާހަކަ އިވުނީމަ. ހެހެ……އެނީވޭސް….އެހެންވެއްޖެއްޔާ ތިއީ އެއްކަލަ އަނުމްއާ އެއްރަށެއްގަ އުޅުނު ކުއްޖެއްދޯ؟” ލަމްޔާ އެ ސުވާލުކުރުމުން ފާއިޤް އޭނަގެ ހުރިހާ ސަމާލުކަމެއް އެއަށްދިނެވެ.
“އާނ……އަހަރެން އަނުމްއާ އެކީގަ ކިޔެވީ ގްރޭޑް 5 އާ ހަމައަށް. އެއަށްފަހު ބައްޕައާއެކީ މާލެ އައީ. މާލެ އައިފަހުން ވެސް ދޭތެރެދޭތެރެއިން ރަށަށް ދަން. އެހެންވީމަ ތިކުއްޖާ އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ.” ނިމާލް ބުނެލިއެވެ.
“އޯކޭ….ސޯ ޔޫ އާރ ރައިޓް ފޯ ދިސް ޖޮބް……އަނުމް ހައްލާލައިގެން އެއްކަލަ ގެއަށް ގެންދިޔުމުގެ މަސައްކަތް މި ޙަވާލުކުރީ…..” ލަމްޔާއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން ފާއިޤް ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“އަހަންނަށް ދީ!” ފާއިޤް އެހެން ބުނެލުމާއެކު ލަމްޔާއާއި ނިމާލް އެކުއެކީގައި އޭނައަށް ބަލާލިއެވެ. ދެމީހުން ވެސް ވަކި އެއްޗެކޭ ނުބުނީ ފާއިޤް އެ ބުނި އެއްޗެއް އިތުރަށް ތަފްޞީލުކޮށްދޭށޭ ބުނާ ފަދައަކުންނެވެ.
“އަ…ހަރެން ބޭނުން އަހަންނަށް އިތުބާރު ކުރެވޭނެކަން ސާބިތުކޮށްދޭން. އަހަންނާ ކަމެއް ޙަވާލުކުރީމަ ކަންނޭނގެ އެ އިތުބާރު ބިނާކުރެވޭނީ.” ފާއިޤް ބުނެލިއެވެ. އެހިނދު ނިމާލް އޭނައަށް ނުރުހުމުގެ ނަޒަރެއް ދިންއިރު ލަމްޔާ ވިސްނުމެއްގައި އޭނައަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
“ވޯންޓް ބީ އަ ބޭޑް އައިޑިއާ އައި ތިންކް. ފާއިޤްގެ އެބަހުރި ދޯ ލުކްސް ވެސް. އެކުއްޖާ ހެއްލިދާނެ ފަސޭހައިން ތި ލުކްސްއިން ވެސް. އަހަރެން އެކުއްޖާގެ ފޮޓޯ ދައްކަދީފާނަން. ފާއިޤް ކޮންމެވެސް އެއް ޕްލޭންއެއް ހަދައިގެން އެކުއްޖާ އަމިއްލަ މުށުތެރެއަށް ގެންނަންވީ. އެއަށްފަހު ދެން ހަދަންވީ ގޮތް ކިޔައިދޭނަން. އެންމެ ރަނގަޅު؟” ލަމްޔާ ބުނެލިއެވެ. އެއާއެކު ފާއިޤް ބޯޖަހާލިއިރު އޭނައަށް ނިމާލްގެ ޙަސަދަވެރި ލޯ އަމާޒުވެފައިވިކަން އޭނައަށް މާ ރަނގަޅަށް ވެސް އެނގުނެވެ. އެހެނަސް އޭނަ އެކަމާމެދު މާ ބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އޭގެ ބަދަލުގައި ނިމާލް އަމިއްލައަށް ވެސް ލަމްޔާގެ އިތުބާރު ހޯދުމަށްޓަކައި ސްކޫލްގެ އެހެން ފިރިހެން ބައިގަނޑެއް ލައިގެން އަނުމް އަތުލަން ކުރަމުން ދިޔަ ހުރިހާ މަސައްކަތެއް ފޭލްކުރަމުން ދިޔައެވެ. ފާއިޤްއަކީ އަތްއިސްކޮށްގެން މައިތިރިކުރެވޭނެ މީހެއްނޫންކަން އެންމެ ފުރަތަމަ ދުވަހު އޭނައާއި ކުރިމަތިލީ ދުވަހުވެސް ނިމާލަށް ސާފުވިއެވެ. ގޭގައި ލަމްޔާ ނެތް ވަގުތަކު ނިމާލް ހިތުން އޭނަގެ 3 އެކުވެރިންނާއެކީ އެގެއަށް ދިޔައީ ފާއިޤް ތިރިއަރުވައި އޭނަގެ މަޤާމް އަންގައި ދޭށެވެ. އެހެނަސް އެ ތަޅާފޮޅުންގަނޑު ނިމުނުއިރު ތިރި އެރުވިފައިވީ ނިމާލާއި އޭނަގެ އެކުވެރިންނެވެ. އަދި އަމުދުން ނިމާލްގެ އެކުވެރިން ސްކޫލް ތެރޭގައި ވެސް އަނުމްގެ ވީޑިޔޯތައް ކޮށް ފޮޓޯ ނަގާ މަންޒަރު ފެނުނަސް ފާއިޤް އެމީހުންނަށް ވެސް ދުނިޔޭގެ ދެކޮޅު ދައްކާލާ ގޮތުން ފަހަކަށް އައިސް ނިމާލްގެ އެ ބައިގަނޑު ފާއިޤްގެ އެންމެ ނަޒަރަކުން ވެސް ޖެހިލުންވެއެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ފާއިޤް ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް އަނުމް ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ހިމޭންކަމެއް ވެރިވެގެންދެއެވެ. އަނުމްވަނީ ނުހަނު ގާތް މާޒީއެއްގައި ވެސް ތުއްތަ ފަދައިން ދަތިތަކެއް ތަޙައްމަލުކޮށްފައިކަން އޭނައަށް އެނގުންވީ ލަމްޔާގެ ފަރާތުން އެއްދުވަހު އިވުނު ވާހަކަތަކުންނެވެ. އެއީ އޭނައަށް އަނުމް ހަމަ ލޮލަށް ފެނުމުގެ ކުރިންނެވެ. އޭނައަށް ހީކުރެވިފައިވީ އެފަދަ މާޒީއެއް ތަޙައްމަލުކޮށްފައިވި ކުއްޖަކު އެއްގޮތަކަށް ވެސް ހިނިތުންވާތަނެއް ނުފެންނާނެއެވެ. އަދި އެހެން މީހަކާއި ވާހަކަ ދައްކައި އެހީވާ މަންޒަރެއް ވެސް ނުފެންނާނެއެވެ. އެހެނަސް އަނުމް އޭނައަށް ފެންނަން ފެށިފަހުން އެ ހުރިހާ ހީކުރުންތައް ވިއްސިވިހާލިވެގެން ދިޔައެވެ. އަނުމްއަކީ ހިމޭނުން ހުންނަ ކުއްޖަކަށް ވިޔަސް ގިނަގިނައިން ކުލާހުގައި ޖަވާބުދޭ މަންޒަރު ފެންނާނެއެވެ. ކައިރީގައި ހުރި ކުއްޖާއަށް ނޭނގިގެން އުޅޭނަމަ ކިޔައިދޭ މަންޒަރު ފެންނާނެއެވެ. މަދުން ވިޔަސް ބައެއްފަހަރު އޭނަ ބަލާ އަންނަންދެން މަޑުކޮށްގެން ހުންނަ ވަގުތު އެއްދިމާލަކަށް ނަޒަރު ހުއްޓައި ހިނިތުންވެގެން އިންނަ މަންޒަރު ފެންނާނެއެވެ. އެ މަންޒަރު ފެނިފައި ހިތަށް ވެރިވާ ޙައިރާންކަމާއެކީ ފާއިޤަށް ހީލެވެއެވެ. ތުއްތަހެން މި އަންހެން ކުއްޖާގެ ހިތުގައި ވެސް ބަދަލު ހިފުމުގެ ރޫޙެއް ހަމަ ނެތީތޯ ހިތަށްއަރައެވެ. ބަދަލު ހިފުމުގެ ފުރުޞަތު ލިބިފައިވަނިކޮށް އޭނައަށް އަނިޔާ ދިން މީހުންގެ މަތިން ހަނދާން ނައްތައި އެހާ ހިމޭންކަމާއެކީ އެ އިންނަނީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވެއެވެ.
ކޮންމެ ގޮތެއްވިޔަސް ފަހަކަށް އައިސް އަނުމްގެ މޫނުމަތިން އޭނައަށް ފެންނަމުން ދަނީ އެ ހިމޭންކަމެއް ނޫނެވެ. ކޮންމެވެސް އެއް ހިތްހަމަނުޖެހުމެއް އެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އެއީ ކީއްވެކަން ދެނެގަންނަން ބޭނުންވި ވަރުން އެންމެ ފަހުން ފާއިޤް އަނުމް ކައިރިން އެކަމާމެދު ސުވާލުކުރަން ނިންމިއެވެ. އެކަމަށްޓަކައި އޭނަ އެންމެ ފުރަތަމަ ޖެހޭނީ އަނުމްއާއި އެކުވެރިވާންކަން އެނގުންވުމުން އޭނަގެ ހިތުގެ ތެޅުމަށް ގޮތެއްވިއެވެ. އެއާއެކު ވީ ޖެހިލުމުގައި އޭނަ އަނުމްއާއި އެކުވެރި ނުވާން ނިންމިއެވެ. އެކުވެރި ނުވިޔަސް ހުރިހާ ކަމެއް ރަނގަޅުތޯ ސުވާލުކުރެވިދާނެއެއްނޫންތޯ ހިތާހިތުން ބުނެލެވުނެވެ.
ސްކޫލްގެ ސެޝަން ނިމުނު ވަގުތު ފާއިޤް އަވަސް ފިޔަވަޅުތަކެއްގައި އޭނަގެ ކުލާހުން ނިކުމެ ދުވެފައި ކަހަލަ ގޮތަކަށް އޭނަގެ ކުލާސް ހުންނަ ޢިމާރާތުން ފައިބަން ދިޔައީ އަނުމް ސްކޫލުން ނިކުތުމުގެ ކުރިން އަނުމްއާއި ދިމާކޮށްލުމަށެވެ. ނަސީބު ރަނގަޅު ކަމުން އޭނަ އަނުމްގެ ކްލާހާއި ހަމަވަމުން ދިޔަ ވަގުތަކީ އަނުމް އެއްކޮނޑުގައި ދަބަސް އަޅުވައިގެން ކުލާހުން ނިކުތް ވަގުތެވެ. އަނުމް އޭނަގެ އެކުވެރިއެއް ކައިރީގައި ވާހަކައެއް ދައްކަމުން ކުރިއަށް ދަމުން ދިޔަ މަންޒަރު ފެނިފައި ފާއިޤް އެމީހުންނަށް ޝައްކު ނުވާނެހެން އެމީހުންނާއި އެއްކޮރިޑޯއަކަށް އަރައި ތަންކޮޅެއް ދުރު ހިސާބަކުން އެމީހުން ފަހަތުން އަންނަން ފެށިއެވެ. އެހެނަސް އޭނަ އެގޮތަށް ހިނގަން ފެށިތާ މާ ގިނައިރެއްނުވެ އެކުވެރިޔާއަށް އަލްވަދާޢު ކިޔާލި އަނުމްއަށް އޭނަގެ ފަހަތުން މީހަކު އަންނަމުން ދިޔަހެން ހީވިއެވެ. އޭނަ ފަސްއެނބުރި ބަލާލުމާއެކު ފާއިޤްއާއި ހަތަރުކަޅި ހަމަވުމުން ދެމީހުންވެސް ހިސާބަކަށް ހުއްޓުން އެރިއެއްކަމަކު ދެމީހުން ވެސް އަވަސްއަވަހަށް ދުރު ބަލައި ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. އެހިނދު ފާއިޤްއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނީ އަނުމްއަށް ނުބައި މާނައެއް ނެގިދާނެތީވެއެވެ. އޭނައަކީ އަނުމްއާހެދި އާވާރާވެގެން އުޅޭ މީހެއްހެން ހީވެދާނެތީވެއެވެ. އޭނަ ލޯ ހުޅުވާލަމުން އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލީ އަނުމްއާއި ހަމަކޮށް އޭނަ ބޭނުންވާ ސުވާލުކޮށްލުމަށެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ އަނުމްއަށް ނެގުނީ މުޅިން އެހެން ޒާތެއްގެ ނުބައި މާނައެއް ކަމަށެވެ. އެ ފިރިހެން ކުއްޖާއަކީ އޭނަގެ ގަޔަށް އަތްލާން އުޅޭ ޒާތުގެ ކުއްޖެއްހެން ހީވީ ނިމާލްއާއި އޭނަގެ އެކުވެރިންގެ ފަރާތުން ތަކުރާރުކޮށް ފެނިފައިވި ސިފަތަކެއްގެ ސަބަބުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އަނުމްގެ ސިކުނޑިއަށް އެވަގުތު ވެރިވެގެން ދިޔައީ ކުރިން ދުވަހަކު ހައިފާ އޭނައަށް ކިޔައިދިން ވާހަކައެވެ. އެ ޒާތެއްގެ ފިރިހެން ކުއްޖަކު ކައިރިވާން މަސައްކަތް ކޮށްފިނަމަ އަމިއްލަ ދިފާޢުގައި ކުރެވިދާނެ ކަންތަކެވެ. އެ ޚިޔާލުތައް ސިކުނޑިއަށް ވެރިވުމުން އަނުމް އޭނަގެ ދަބަހުގެ ކޮނޑުގައި އެޅުވެފައިވި ފަށުގައި އެއްއަތުން ބާރަށް ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ފާއިޤް އޭނައާއި ހަމަކުރަމުން ‘ސްކިއުޒް’ އޭ ކިޔާލުމާއެކު އަނުމް ދެވަނަ ވިސްނުމެއްނެތި އޭނަގެ ދަބަސް ކޮނޑުން ނަގައި ފާއިޤްއާއިވީ ދިމާލަށް ވިއްލާލިއެވެ. ފާއިޤްގެ ބަނޑާއި މޭމައްޗަށް ވާގޮތަށް ގޮސް ދަބަސް ޖެހުނު ވަގުތު އެކަހަލަ ކަމަކަށް އުއްމީދު ކޮށްގެން ނެތް ފާއިޤް ހުއްޓުން އެރިވަގުތު ވީ ތަދާއެކީ އާހެއްގެ އަޑު ލައްވާލެވުނެވެ. އެހިނދު އަނުމްއަށްވެސް ހުއްޓުން އަރާފައި ދަބަހުގެ ފަށުގައި ހިފައިގެން އެއަތް ދިއްކުރި ގޮތަށް ހުރެވުނެވެ. ފާއިޤްގެ މޫނުމަތިން ފެނުނު އަސަރުން އެ ފިރިހެން ކުއްޖާއަކީ އޭނަ ހީކުރިފަދަ ކުއްޖަކަށް ނުވާނެކަމަށް އަނުމްގެ ހިތަށްއެރި ވަގުތު އޭނަގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. އިސާހިތަކު ކެނޑިކެނޑިގެން ދިޔަ އަޑަކުން ސޮރީއޭ ބުނެ އަނުމް އޭނަގެ ދަބަސް ކޮނޑުގައި އަޅުވައި އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ. އަނުމް ލޯ މައްޗަށް ގެއްލެންދެން އެދިމާލަށް ބަލަން ހުރި ފާއިޤަށް އެ މަންޒަރު ބަލަން ހުރެހުރެފައި ބޭއިޚްތިޔާރުގައި ހީލެވުނެވެ.
ފާއިޤްއަށް އެދުވަހު ނޭނގުނެއްކަމަކު އަނުމްގެ ހަމަޖެހުން ގެއްލިފައިވީ ކުރީ ދުވަހު ވަފާ އޭނައަށް ދިން ޕެންޑްރައިވްގެ ސަބަބުންނާއި އަލީނާ އޭނައަށް ދިން ވާހަކަ ފޮތުގެ ސަބަބުންނެވެ. ސްކޫލަށް ގޮސް އޭނައަށް ފާރަލާ އެ އާ ފިރިހެން ކުއްޖާ ފެންނަ ކޮންމެ ފަހަރަކު އެ ނޭދެވޭ އިޙްސާސްތަކުން އޭނަ ދުރުވިއެއްކަމަކު ގޭގައި އެކަނިވުމުން އޭނަ ދޭތެރެދޭތެރެއިން އެދުވަހު ފެނުނު މަންޒަރުތަކުގެ މަތިން ހަނދާންވެއެވެ. އެ މަންޒަރުތަކުގެ ސަބަބުން އަމިއްލަ ހިތި މާޒީ މަތިން ހަނދާންވާތީ އެ މަންޒަރުތައް ހަނދާންވާ ކޮންމެ ފަހަރަކު ހިތާމައިގެ ވަގުތުކޮޅެއް ހޭދަ ކުރަންޖެހެއެވެ. އެވަގުތު ކޮޅުގައި އަމިއްލަ ނަފްސަށް ޙަމްދަރުދީވެ ތިމަންނައަކީ މާ ބޮޑު އަގެއްހުރި މީހެއްނޫންތާއޭ ހިތަށްއަރައެވެ. އެޚިޔާލު ހިތަށްވެރިވާ ވަގުތު ބޮޑުމަންމަ ހުރިހާ އާދަމުގެ ދަރިން ޤަދަރުވެރި ކުރައްވާފައިވާ ވާހަކަ ހަނދާންވިއެއްކަމަކު އެ ބަސްތައް ދޭހަކުރެވޭވަރު ދަށްވުމުން އެ ބަސްތަކުން އޭނަގެ ހިތަށް މާ ބޮޑު އަސަރެއް ނުކުރެއެވެ. އަދި އަމުދުން އަނުމްއަށް ފާހަގަ ނުކުރެވުނެއްކަމަކު ފަހަކަށް އައިސް ސްކޫލްގެ މަސައްކަތްތައް ވެސް ބުރަވުމުން އޭނައަށް ޤުރުއާން ކިޔެވޭ ވަރާއި އަޑުއެހޭ ވަރު ވެސް މަދުވެފައިވެއެވެ. ކުރިން ޤުރުއާން އަޑުއެހުމެއްނެތި އެންމެ ދުވަހެއް ފާއިތުނުވިޔަސް ވޭތުވި ތިން ދުވަހުންކުރެ އެއްވެސް ދުވަހެއްގައި އޭނަ ޤުރުއާން އަޑުއަހާފައެއް ނުވެއެވެ. އަދި ހެނދުނާއި ހަވީރުގެ ޒިކުރުތަކަށް ވެސް އޭނަ ފަރުވާ ކުޑަ ވެފައިވެއެވެ.
އެދުވަހުވެސް ގެއަށް ގޮސް ކޮޓަރިއަށް ވަނުމާއެކު ލެޕްޓޮޕް ފެނިފައި އެދުވަހު ފެނުނު މަންޒަރުތަކުގެ މަތިން ހަނދާންވިއެވެ. އެހެނަސް އަވަސްއަވަހަށް އެ ޚިޔާލުތައް ފޮޅުވާލަމުން އޭނަ ފެންވަރައި ހެދުން ބަދަލުކޮށް ރީތިވެލިއެވެ. އެއަށްފަހު އޭނަ ކިޔަވާ މޭޒުދޮށުގައި އިށީނީ އޭގެ އަނެއްދުވަހަށް ނިންމަންޖެހޭ ކެމިސްޓްރީ އެސައިންމެންޓް ނިންމުމަށެވެ. އެސައިންމެންޓް ހެދުމަށްޓަކައި ދަބަހުން ފޮތްތައް ނަގަމުން ދިޔަ ވަގުތު އޭނައަށް ހިނިތުންވެވެމުން ދިޔައީ އެދުވަހު އޭނައާއި ފާއިޤްއާއި ދެމެދު ހިނގި ކަންތައް ހަނދާންވުމުންނެވެ. ފޮތްތައް ނަގައި ގޮނޑީގައި އިށީނދެ އަތުރަމުން ދިޔަ ވަގުތުވެސް ރަތްވެފައިވި ކޯތާފަތާއެކީ އޭނައަށް އެ ހިނިތުންވުމުގައި އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެހެނަސް މަސައްކަތަށް ސަމާލުކަން ދިނުމުގެ ގޮތުން އޭނަ އެ ޚިޔާލުތަކުން ދުރުވެ ލިޔާފޮތުގެ ތެރެއަށް އެޅިފައިވި ވޯކްޝީޓަށް ބެލިއެވެ. އެތައް ބައިވަރު ފޯމިއުލާތަކާއި އީކުއޭޝަންތަކުން ފުރިފައިވި އެ ޝީޓް ފެނިފައި އަނުމްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މިއީ އޭނައަށް އެހެންނޫނަސް އުދަގޫ މާއްދާއަކަށްވުމުން ފުރަތަމަ ސުވާލުވެސް އޭނައަށް އެނގޭގޮތެއް ނުވިއެވެ. އެހާ ހިސާބުންވެސް އޭނަ އޭތި ބާއްވަން ބޭނުންވިއެއްކަމަކު މާދަމާ ދޭންޖެހޭ އެއްޗެއްކަން އެނގުންވުމުން އަނުމް ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އެ ސުވާލުގެ ޖަވާބު އޭނައަށް ނަގައި ގަނެވޭތޯ ބެލުމަށް އެކަހަލަ ސުވާލުތައް ޙައްލުކުރާނެ ގޮތެއް ގޫގުލްއިން ސާޗްކުރަން ފެށިއެވެ. ސާޗްކުރަން ފެށިތާ ވެސް އިރުކޮޅެއްވުމުން ނުފެނުމުން އަނުމް އަނެއްކާވެސް ބަލި ޤަބޫލުކުރަން އުޅުނެވެ. ހަމަ އެވަގުތު ވަދެވިފައިވި ސައިޓަކުން ބަލަން ނުޖެހޭ ޒާތެއްގެ އިޝްތިހާރެއް ފެނިފައި އަނުމް ވަގުތުން އެ ޓެބް ކްލޯޒް ކުރިއެވެ. އަދި އެއަށްފަހު މާ ގިނައިރެއްނުވެ ލެޕްޓޮޕް ވެސް ލައްޕާލިއެވެ. ދެންވެސް އެ ވޯކްޝީޓަށް ބަލާލުމުން އަނުމްގެ ސިކުނޑިއަށް ވެރިވީ ނޭދެވޭ އިޙްސާސްތަކެވެ. އޭނަގެ ނާޤާބިލިއްޔަތު ކަމުގެ އިޙްސާސްތަކެވެ. އެ ނޭދެވޭ އިޙްސާސްތަކުގެ ތެރެއިން ވެސް ނޭނގޭ ސަބަބަކާހުރެ އެއްކަލަ މަންޒަރުތައް އޭނަގެ ސިކުނޑި އޭނައަށް ހަނދާންކޮށްދެމުން ދިޔައެވެ. އެ ހަނދާން އާވެގެން ދިޔަދިޔަހެން މިފަހަރު އަނުމްއަށް ނަޒަރެއް ދެވުނީ އޭނަގެ މޭޒުގެ ކަނެއްގައި ބާއްވާފައި އޮތް ފޮތާއި ދިމާލަށެވެ. އެއީ އަލީނާ އެދުވަހު އޭނައަށް ދިން ފޮތެވެ. އަލީނާއަށް އެ ފޮތް އަނބުރާ ދޭން އުޅެއުޅެ ތިއީ އަނުމްއަށް ދިން ހަދިޔާއެއްކަމަށްބުނެ އޭނަ އޭތި ނުހޯދިއެވެ. ނޭނގޭ ސަބަބަކާހުރެ ހަމަ އެވަގުތު އެ ފޮތް ކިޔަން އަނުމް ބޭނުންވިއެވެ. އެދުވަހު އޭނައަށް އެފަދަ އެންމެ މަންޒަރެއް އެފޮތުން ކިޔާލެވުނަސް މުޅި ވާހަކައިގައި ހަމައެކަނި އެފަދަ މަންޒަރުތަކެއް ނުހުންނާނެ ނޫންތޯ ހިތަށްއެރިއެވެ. އަދި އެހެން ނޫނަސް މިއީ އެ މަންޒަރުތައް ބަލަނީއެއްނޫނެއްނޫންތޯ ހިތަށްއެރިއެވެ. ވީއިރު އޭގެއިން ލިބޭނެ ގެއްލުމެއްނެތްކަމަށް ހިތް ބުންޏެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއެކީ އަނުމް އެ ފޮތް ނެގީ އޭނަ ކުޑަ ‘ބްރޭކް’ އެއް ނަގާފައި ވޯކްޝީޓަށް އަނބުރާ ދިޔުމުން އޭތި ދޭހަ ކުރެވޭނެކަމަށް ހިތާހިތުން ބުނަމުންނެވެ. އޭނަ ކުރަން ހުރި މަސައްކަތުގެ މަތިން ހަނދާން ނައްތާލުމަށްފަހު އަނުމް ހަމަ ޖެހިލައިގެން އެ ވާހަކަ ކިޔަން ފެށީ އޭނައަށް ނޭނގުމެއްގެ ތެރެއިން މި އެރުނީ ކިހާ އަނދިރި މަގަކަށްކަން ނޭނގިއެވެ.
އަނުމްގެ ޙަޔާތަށް ވެރިވި ކޮޅިގަނޑާއިމެދު ރޭކާވެސްލުމެއް ނެތި އަޔާޒާއި މަލާކް އެމީހުންގެ ކަންތައްތަކާއިގެން ކުރިއަށް ދިޔައެވެ. މިގޮތުން އަޔާޒް މާލޭގެ ބޮޑު ހޮސްޕިޓަލްއަކަށް އެޕްލައި ކުރިއިރު މަލާކްވެސް މާރކެޓިންގް ކިޔެވުމަށްޓަކައި އޮންލައިންކޮށް ކިޔެވޭ ޔުނިވާރސިޓީއަކަށް އެޕްލައި ކުރިއެވެ. މަލާކް އޮންލައިންކޮށް ކިޔަވަން ނިންމީ އެއްގޮތަކަށް ވެސް ގޮނޑީގައި ތަންތަނަށް ދާން ލަދުގަތީތީވެއެއް ނޫނެވެ. އެހެނަސް އޭނަ ގޮވައިގެން ދާން ނިންމައިގެން ހުރި އަޔާޒަށް ފަސޭހަ ކޮށްދިނުމުގެ އިތުރުން އޭނަގެ ވަގުތު ވެސް ސަލާމަތް ކުރުމަށެވެ. ދެތިން ހަފްތާ ތެރޭގައި އަޔާޒް ހޮސްޕިޓަލަށް ދާން ފެށިތާ މާ ގިނަ ދުވަހެއްނުވެ މަލާކްގެ ވެސް ކިޔެވުން ފެށިގެން ދިޔައެވެ. ދެމީހުންގެ މަސައްކަތް ވެސް ބުރަވެގެން ދިޔައެއްކަމަކު ދެމީހުންވެސް ކޮންމެ ދުވަހަކު އެކަކު އަނެކަކާއެކީ ވަގުތުކޮޅެއް ހޭދަކުރެއެވެ. ވަކި ޚާއްޞަކޮށް ރާއްޖެއަށް އަނބުރާ އައި ދަތުރު މަތީގައި ދެމީހުން އެކީގައި ޤުރުއާން އުނގެނެން ކަނޑައެޅި ޢަޒުމުގެ ސަބަބުން އަޔާޒް ގޭގައި ހުންނަ ރޭތަކުގައި ދެމީހުން އެކީގައި އެކި އެކި އާޔަތްތަކަށް ބަލައި އެއާއި މެދު ވާހަކަތައް އެކަކު އަނެކަކާއި ޙިއްސާ ކުރަމުން ދެއެވެ. މަލާކް އޭނަގެ މަންމަ ފަރާތުންނާއި މަލީހާ ދައްތަ ފަރާތުން އެނގުނު ވާހަކަތައް ކިޔައިދޭއިރު އަޔާޒްވެސް އޭނަގެ ބައްޕަ ގެންގުޅުނު ފޮތްތަކާއި އެކިއެކި ދަރުސްތައް އަޑުއަހައި ނަގާފައި ހުރި ލިޔުންތައް ބަލައިގެން އެ ލިޔުންތަކުން އެކިއެކި އާޔަތްތަކުން ބުނާ ވާހަކަތައް ކިޔައިދެއެވެ. ބައްޕަގެ އެ ހަނދާންތައް ނަގައިގެން ޖެހިލުމެއްނެތި ކިޔައިދިނުން ވެގެން ދިޔައީ އަޔާޒަށް ލިބުނު އުފަލަކަށެވެ.
“ބަލާބަލަ އަޔާޒް މި ފޮތުގަ އޮތް ވާހަކައެއް. މިތާނގަ ހަމައެކަނި وَ އޮތީމަ އެނގިގެން ދަނީ ސުވަރުގޭގެ ދޮރުތައް ހުންނާނީ ސުވަރުގެއަށް ވަންނަން ދާއިރުވެސް ހުޅުވިފަކަން. އެކަމަކު ނަރަކައިގެ ދޮރުތައް ހުންނަނީ ލެއްޕިފަ ނަރަކައިގެ އަހުލުވެރިން ދާއިރު. އެމީހުން އެހާ ހިސާބަށް ދިޔައިމަ ހުޅުވޭނީ. ސުބްޙާނަ ﷲ އެއިން އެނގެނީ ﷲ އެކަލާނގެ އަޅުން ވައްދަވަން އެދިވަޑައިގަންނަވަނީ ސުވަރުގެއަށްކަން….” މަލާކް ނުހަނު ޖޯޝާއެކީ ކިޔައިދިނެވެ.
“އިވެން މޯރ އޯސަމް ދޭން ދެޓް! ރޭގަ ކޮންމެވެސް نُزُل ގެ މާނައެއް ނޭނގިގެން އުޅުނީމެއްނު؟ ބައްޕަގެ ވޮކޭބިއުލަރީ ފޮތުގަ މިއޮތީ. އެއީ އަސްލު ގެއަކަށް ދާއިރު އެންމެ ފުރަތަމަ ދެވޭ އެއްޗެހި. މިސާލަކަށް ފެން ތަށްޓެއް ނޫނީ ބަދަން ކަހަލަ އެއްޗެއް. އެ އެއްޗެއް ދީފަ އަސްލު މީލް ދޭނީ. ދެޓްސް ޖަސްޓް ދަ ސްޓާޓާރ!” އަޔާޒް ނުހަނު އަޖާއިބުވެފައި ހުރެ ބުނެލިއެވެ.
“މާނައަކީ ފުއްޞިއްލަތު ސޫރަތުގަ ސިފަކުރެވިފައިވި ސުވަރުގޭގަ ދެވޭ އެއެއްޗެއްސަކީ އަދި ކިރިޔާ ފެށުމޭތަ؟ އޯއެމްޖީ!” ރޭގަ ދެމީހުން އެކީ އެ ބެލި އާޔަތް ހަނދާންވެފައި އެއިން ބުނާ އެއްޗެއް ދޭހަ ކުރެވުމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. އާޔަތްތަކާއެކީ ވަގުތު ހޭދަކުރުމުގެ ސަބަބުން ދެމީހުންގެ ގުޅުން ވަރުގަދަވުމުގެ އިތުރުން ދެމީހުން ވެސް އަޅުކަންތަކާއި ގާތްވާން ފެށިއެވެ. ފަހަކަށް އައިސް އަޔާޒް ވެސް ވަކި މަލާކް ނޫނީ ބޮޑުމަންމަ ނޫނީ ދޮންބެ ވެސް ހަނދާންކޮށްދިނުމުގެ ކުރިން ނަމާދަށް ދާންފެށިއެވެ. މީގެ އިތުރުން އެއްދުވަހު މަލާކް ނުހަނު ދެރަވެފައި އޭނަ ޤުރުއާން މުބާރާތަކަށް ހިތުން ދަސްކުރި ސޫރަތްތައް ހަނދާން ނެތުނު ވާހަކަ ބުނުމުން ދެމީހުން އެކީގައި ހިތުން ދަސްކުރުމުގެ ‘މުބާރާތެއް’ ފެށުނެވެ. އެންމެ އަވަހަށް އެންމެ ފަރިތަކޮށް ދަސްކުރެވެނީ ކާކަށްތޯ ބެލުމުގެ މުބާރާތެކެވެ. އަޔާޒް ވެސް އެކަން ކުރާހިތުން ކުރަމުން ދިޔައީ އޭނަ މުޅި ޤުރުއާން ހިތުން ދަސްކޮށްފިނަމަ ބައްޕަ އުފާވާނެ ވާހަކަ ބައްޕަ ބުނެފައި އޮތް ހަނދާން އާވުމުންނެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އަޔާޒް މަލާކްގެ ފަރުވާގެ މަތިން ހަނދާން ނައްތައެއް ނުލައެވެ. މަލާކް ކިޔެވުމުގެ ތެރޭގައި މަޝްޣޫލުވިފަހުން ކޮޓަރި ތެރޭގައިވެސް އޭނަ ކުރިން ދަސްކޮށްދީފައިވި ޙަރަކާތް ނަހަދާކަން އޭނައަށް ކެމެރާގެ އެހީގައި އެނގުންވިއެވެ. ކެމެރާގެ އެހީގައި އޭނަ މަލާކަށް ބަލަމުން ދިޔައެއްކަމަކު އޭނަ އެ ކެމެރާއަށް އެހެން މީހަކަށް އެކްސެސް ނުކުރެވޭތޯ ޔަޤީންކުރުވިއެވެ. މިގޮތުން ކެމެރާ ފެނުނު ފުރަތަމަ ދުވަހުވެސް އައިޓީ މީހެއްގެ އެހީގައި ކެމެރާއަށް އެކްސެސް ކުރެވޭ ޕާސްވޯޑް ވަރުގަދަކޮށް އެއްވެސް އެހެން ޑިވައިސްއަކުން ކެމެރާގެ މަންޒަރު ފެނޭގޮތަށް ހެދޭތޯ ބަލަންޏާވެސް އޭނައަށް އެލާޓެއް ލިބޭނެ ގޮތެއް ހެދިއެވެ. މަލާކްގެ ރައްކާތެރިކަން ޔަޤީންކުރަން އަޔާޒް ބޭނުންވި ވަރުންނެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ ކެމެރާ އޭނައާއި ދެކޮޅަށް އޭނަގެ ދުޝްމަނުން ބޭނުންކުރަން ނިންމާފައިވީ އޭނަ ހީވެސް ނުކުރާ ފަދައަކުންކަމެވެ.
ކޮންމެ ގޮތެއްވިޔަސް އަޔާޒް ދެންވެސް މަލާކްގެ ފަރުވާގެ ކަންތަކާއިގެން ކުރިއަށްދާން ނިންމިއެވެ. މިގޮތުން ހޮސްޕިޓަލުގައި ހުންނައިރު ވެސް ލިބޭ ހުސް ވަގުތުތަކުގައި މަލާކްގެ ބައްޔާއިމެދު ދިރާސާކޮށް މަލާކަށް ދަސްކޮށްދެވޭނެ ޙަރަކާތްތަކާއިމެދު ބަލައި ހޯދަމުން ދިޔައެވެ. އޭނަ ކުރަމުން ދިޔަ ދިރާސާތަކުގެ ތެރެއިން ފެނުނު އެއް ވާހަކައަކުން އަޔާޒްގެ މެއަށް ފިނިވެގެން ދިޔައެވެ. ކިޔަމުން ދިޔަ އާރޓިކަލް އަކުން ފެނުނު ވާހަކައަކުން އޭނަ ގޫގުލްގައި ސާޗްކޮށްލީ ‘ސެރެބްރަލް ޕަލްސީ އެންޑް އެޕިލެޕްސީ’ އެވެ. އެއަށްފަހު އޭނަ ހުޅުވާލި ދިރާސީ ކަރުދާހެއްގައިވީ ހަމަ އެ ޞުރުޚީއެވެ. އޭގެ ތެރެއިން ސްކްރޯލް ކުރަމުން ދިޔައިރު އަޔާޒްގެ ދެބުމަ ކައިރިވެފައިވީއިރު ހިތާހިތުން ނޫނެކޭ ކިޔެމުން ދިޔައެވެ. އެންމެ ފަހުން އޭނަ އެވަގުތުން އެވަގުތަށް ވެސް ކަމެއް ޔަޤީންކުރަން ބޭނުންވުމުން އޭނަ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. ދެތިން ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“ހެލޯ މަސްޢޫދުބޭ! މް…މިއީ އަޔާޒް. މަލާކްއާ ބެހޭގޮތުން ކުޑަ ވާހަކައެއް އަހާލަންވެގެން…” އަޔާޒް ވާހަކަ ދެއްކިއިރު އޭނަ ހިސާބަކަށް ހާސްވެފައިވިއެއްކަމަކު އޭނަ ހަމަޖެހޭ ގޮތް ދެއްކިއެވެ.
“އާނ….ކީކޭ؟” އެހެން ބުނެލި މަސްޢޫދު ސީރިއަސް ނަޒަރެއްގައި ހުރެ ފްލައިޓަކަށް އަރަމުން ދިޔައީއެވެ.
“މް…މަލާކަށް އެއްވެސް ގޮތެއްވީ އެއްނޫން އިނގޭ އެކަމަކު…..މަލާކް ކުޑައިރު އެއްވެސް ވަރަކަށް ފިޓް ޖެހުނުތަ؟ އެއްފަރާތަކަށް ވެއްޓި އަނގައިން ފޮނު އައިސް ދުލުގަ ދަތްއެޅި ވާނުވާ ނޭނގޭ ގޮތްވިތަ؟” އަޔާޒް އަވަސްއަވަހަށް އެވާހަކަތައް ބުނެލިއިރު މަލާކް އެފަދަ ޙާލެއްގައިވިތަން ސިފަކުރަން ވެސް އޭނައަށް ދަތިވިއެވެ. އެކޮޅުން ޖަވާބަކަށް ނޫނެކޭ އިވުމަށް އެދި އޭނަގެ ހިތް ގޮވިއެވެ. އެހެނަސް…..
“އާނ…..ކުޑައިރު ވަރަށް ގިނައިން އެހެންވި. އެކަމަކު އެހެންވާ ކޮންމެ ފަހަރަކު ވަރަށް އަވަހަށް ރަނގަޅުވޭ. ޑޮކްޓަރުން ބުނީ ނަސީބު ރަނގަޅުކަމުންނޭ ހަނދާން ބަލިނުވެ ހުންނަނީ. ކުޑައިރު އެހެންވެފަ ވަރަށް ގިނަ ދުވަސްވަންދެން ނުވެ ހުރެފަ އޯލެވެލް ހެދި އަހަރު އެންމެ ފަހުން އެހެންވީ….އެފަހުން ނުވޭ އަދި އަލްޙަމްދުލި ﷲ!” މަސްޢޫދު އެހެން ބުނެލީ ފްލައިޓް ތެރެއަށް އަރައި އޭނަގެ ސީޓު ހޯދުމަށްފަހު ސީޓުގައި އިށީންނަމުންނެވެ. މަސްޢޫދުގެ ވާހަކަ އިވުނު އަޔާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއާއެކު އެ ބޭބެއަށް ޝުކުރު އަދާކޮށްލަމުން އޭނަ ފޯނު ކަނޑާލީއެވެ. އަޔާޒްގެ ފޯނު ކަނޑާލި ވަގުތަކީ މަސްޢޫދުއިން ފްލައިޓްގެ ދޮރު ލައްޕާލެވިގެން ދިޔައެވެ. އެއާއެކު ދަތުރު ފެށުމުގެ ކުރިން އެންގޭ އެންގުނަތައް އަންގަން ފެށި ވަގުތު މަސްޢޫދު އޭނަ އަތުން ހިފައިގެން އޮތް ފޮޓޯއަކަށް ބަލާލިއެވެ. އެއީ މީގެ 23 އަހަރު ކުރިން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މުވައްޒަފުން ކެއުމަކަށް ގޮސް އެކީގައި ނަގާފައި ހުރި ފޮޓޯއެކެވެ. އޭގެ އެންމެ ކުރީ ސަފުގައި އޭނަގެ ކައިރިން ޙަލީމް ހުރިއިރު ޙަލީމްގެ ކައިރީގައި މަލީހާ އިނެވެ. މަލީހާގެ ކައިރީގައި މަހީރާއާއި މަޒީދު ޖެހިޖެހިގެން ތިބިއިރު އެމީހުންގެ ފަހަތުގައި ކަހަލަ ގޮތަކަށް ދެވަނަ ސަފުގައި ކޮޅަށް ހުރީ ސާރިޔާއެވެ. ފޮޓޯއަށް ބަލަން އިނދެފައި މަސްޢޫދަށް ހިނިތުންވެލެވުނީ އެދުވަހު އެއެންމެންގެ މޫނުމަތީގައިވި އުފާވެރި ހިނިތުންވުންތައް ފެނުމުންނެވެ. އެހެނަސް އެ ހުރިހާ ހިނިތުންވުންތައް ގެއްލިދިޔަ ހިތާމަވެރި ގޮތްވެސް ހަނދާންވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފޭދިގެން ދިޔައެވެ.
މަސްޢޫދަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ދަތުރު ފަށަން މިއުޅެނީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓަށް ކަމަށްބުނެ ކަމަރު އެޅުމަށް ފަހު ފަހަރަށް ހަނދާން ކޮށްދިނުމުންނެވެ. އެއާއެކު މަސްޢޫދު އޭނަގެ ކަމަރު އަޅުވައި ސީޓަށް ލެނގިލަމުން ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
މަސްޢޫދުބެއާއި ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ އަޔާޒްގެ ބްރޭކް ގަޑި ޖެހުމުން އޭނަ މިޞްރާބުޖެހީ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރާއި ބައްދަލުކުރަން ދިޔުމަށެވެ. ކަން ދިމާކުރި ގޮތުން އޭނަ ހިނގާފައި ދިޔަ ހޯލުގެ ތެރެއިން ވެސް އޭނައާއި އެކުވެރި ޑޮކްޓަރ ނަޒީހާއި ދިމާވުމުން ދެމީހުން އެކީގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލުމުން އަޔާޒް އޭނަގެ ހިތުގައި އުފެދިފައި އޮތް ސުވާލުކުރިއެވެ. ސެރެބްރަލް ޕަލްސީ ޕޭޝަންޓަކު ފިޓް ނުޖެހި ހުރެފައި ކުރިއަށް އޮތްތާނގައި ޖެހުމަށް އޮތީ ކިހާވަރުގެ ފުރުޞަތެއްތޯއެވެ.
“އަނެއްހެން އެގޮތަށް ގެޕެއް އައިއްސިއްޔާ ދެން ވަރަށް ނުޖެހޭނެ. ވަރަށް ރެއާރވާނެ އެކަހަލަ ކޭސެސްތައް. ބަޓް ވީ ނެވާ ނޯ…..ބްރައިންގަ އެ އިންޖަރީ ހުރީމަ ފަހަރެއްގަ ވަކި ޙާލަތެއް ހޭންޑްލް ނުވެ ހިނގައިދާނެ. ވަކިން ޚާއްޞަކޮށް އޯވާރވޯކްކޮށް ނޫނީ މާ ބޮޑަށް ސްޓްރެސްވީމަ. އެހެންނޫނީ އިމޯޝަނަލް ޓްރޯމާއެއްގެ ސަބަބުންވެސް ހަމަ ކުރިމަތިވެދާނެ….” ޑޮކްޓަރ ނަޒީހް ކިޔައިދިނެވެ. އަޔާޒަށް އެ ވާހަކަތަކާއިމެދު ވިސްނެން ފެށި ވަގުތު އޭނައަށް ނޭނގުނު ކަމަކީ އެ ވާހަކަ އަޑުއަހަން އޭނަގެ ފަހަތުގައި ހުރި މޭޒެއްގައި އިން މީހަކު އަޑުއަހަން އިން ކަމެވެ.
ނުނިމޭ