Vaudhu (Part 39)
“ތިހާވަރުން ވިއްޔާ ޤަރުނަކުންނެއްނު ތި ފެން ހިކޭނީ؟ ދައްކަބަލަ!” އަޔާޒް މަލާކްގެ ކުރިމަތީގައި ކުރުފައި މައްޗަށް ތިރިވެ މަލާކްގެ އަތް ތުވާލި މަތިން ނަގައި ތުވާލިން ރަނގަޅަށް މަލާކްގެ އިސްތަށިގަނޑު ހިއްކައިދޭން ފެށިއެވެ. ތުވާލި ހިންގަމުން ދިޔަ ވަރަކަށް އަޔާޒަށް މަލާކްގެ މޫނުވެސް ފެންނަމުން ދިޔައެވެ. އެކަމަށް އޭނައަށް ސަމާލުކަން ދެވޭގޮތްވީ އެ މޫނު މުޅިން ކަޝްފުވެ ތުވާލި ބޯމަތިން ކައްސާލައިގެން ގޮސް ފަހަތަށް ވެއްޓުނެވެ. އެހިނދު ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު ދެމީހުންގެ ވެސް ހިތުގެ ތެޅުން އަވަސްވިއެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާއެކީ މާޙައުލަށް ވެރިވެފައިވި އަނދިރިކަމުން ދެމީހުންގެ ހިތަށްވެސް ވެރިވީ އެއްކަހަލަ ޖަޒުބާތުތަކެވެ. މަލާކްގެ މޫނުމައްޗަށް އިސްތަށިކޮޅެއް ވެއްޓިފައި ވަނިކޮށް އަޔާޒަށް އޭތި ރަނގަޅުކުރަން އަތް އުފުލާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އިސްތަށިކޮޅު މަލާކްގެ ކަންފަތުގައި އަޅުވާލުމަށްފަހު އަތް ތިރިކުރުމުގެ ބަދަލުގައި އަޔާޒަށް މަލާކްގެ މޫނާއި ކަނދުރައިގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އެހިނދު މަލާކްގެ މެއަށް ވެރިވި ނުތަނަވަސްކަމާއެކީ ހަތަރެސްފަޔަށް ބާރުވެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަޔާޒް ހުރީ އެކަމަށް ސަމާލުކަން ދެވޭވަރަށްވުރެ ބޮޑަށް މަލާކްގެ ރީތިކަމަށް ގެއްލިފައެވެ. އެ ރީތިކަމުގެ އަވައިގައި ޖެހުމުން އަޔާޒްގެ ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު މަލާކާއި ގާތްވާން ބޭނުންވިކަމެވެ. މަލާކް އަތުތެރެއަށް ގެނެސް ބާރަށް ބައްދާލާ މަންޒަރު ހާސްފަހަރު ހިތަށްއެރީ އޭނަގެ އެ ޙަރަކާތުން ވެސް މަލާކްދެކެ އޭނަ ވާ ލޯބި އިޙްސާސް ކޮށްދެވޭތޯއެވެ. މަލާކްގެ މޫނު މިހާ ގާތުން އޭނައަށް ދެވަނަ ދުވަހަކު ފެންނާނެކަމުގެ ޔަޤީންކަމެއް އޮތީއެއްނޫނެވެ. އެ މޫނުގައި މިގޮތަށް ލޯބިން ހިފަހައްޓާލުމުގެ ފުރުޞަތު ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. މަލާކްދެކެ ލޯބިވާ ވާހަކަ ބުނުމުގެ ނަސީބެއް ލިބޭނެކަމެއް އެނގެނީއެއްނޫނެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނަގެ ހިތަށް ތަދުވީ ވަގުތު އަތުގައިވެސް ރިއްސާލިއެވެ. ހަމަ އެވަގުތު ރޫރޫއަޅައިގެން ދިޔަ ހިތަކާއެކީ ވެސް އޭނަގެ އެ ހިތުގެ އެދުން ފުރިހަމަ ކުރުމަށްޓަކައި އަޔާޒަށް ހިނިތުންވުމަކާއެކީ ވާހަކަ ދެކެވުނެވެ.
“ހިތަށް އެބައަރާ ދޯ އަޔާޒް ކީއްވެގެން ހެއްޔޭ މަލާކްއަށް މިހެން ބަލަން ހުރީ….ބަލާބަލަ އަހަރެންގެ ލޮލަށް މަލާކް. ފިރިހެނަކު މިގޮތަށް އަންހެން ކުއްޖަކަށް ބަލަހައްޓައިގެން ހުންނާނީ ކީއްވެކަން މަލާކަށް އެނގޭތަ؟” އަޔާޒް ހިތާމަވެރި ލޮލަކާއެކީ ވެސް އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ސުވާލުކުރިއެވެ. އަޔާޒްގެ ސުވާލުން މޭމައްޗަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން މަލާކަށް ހީވިއެވެ. އަޔާޒް އޭނައާއި ކައިރިވެގެން ހިނގައިދާނެ އެކިއެކި ގޮތްތައް ޚިޔާލުކުރެވުމުން އޭނަ އަޔާޒްގެ ސުވާލަށް ޖަވާބުދޭންވުމުން ލަދުގަންނަ ގޮތްވިއެވެ. އެހެނަސް އަޔާޒް ބުނި ފަދައިން އޭނަގެ ލޮލަށް ބަލާލުމުން މަލާކަށް ފެނިގެން ދިޔައީ އޭނައަށް ދޭހަކުރަން ދަތިވި އަސަރެކެވެ. އޭގެ ފަހަތުގައިވި އިޙްސާސް އޭނައަށް ދޭހަ ނުކުރެވުނެއްކަމަކު އެނގުނުހާ ކަމަކީ އެ އިޙްސާސްތައް ރައްދުވަމުން ދިޔައީ އޭނައަށް ކަމެވެ.
“ން…ނޭނ..ގެ.” އަޔާޒްގެ ލޮލަށް ގެއްލިފައި އިނދެ މަލާކަށް އެހެން ބުނެލެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ.
“ލޯބިވާތީ…” އަޔާޒް މަލާކްގެ ކޯތާފަތުގައި ބޮޑުވާ އިނގިލިން ފިރުމާލަމުން ބުނެލި ވާހަކައިން މަލާކްގެ ހިތް ހިނދުކޮޅަކަށް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. އަޔާޒް ބުނި ބަސް އޭނައަށް ދޭހަ ކުރެވުނު ތަނާހެން އެ ހިތް ތެޅެން ފެށީ މަލާކް ބިރުގަންނަހާ ބާރު މިނެއްގައެވެ. އެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާން ފެށި ވަގުތު އަނެއްކާވެސް އަޔާޒްގެ އަޑުއިވުނެވެ.
“ލޯބިވާތީ….ދުނިޔޭގައި ވީހާ އުފަލެއް ހޯދައިދޭން ބޭނުންވާތީ. އޯގާތެރިކަން އިޙްސާސްކޮށްދޭން ހިތް އެދޭތީ…” އަޔާޒް އޭނަގެ ހިތުތެރޭގައި ފޮރުވިފައިވި ހުރިހާ އިޙްސާސެއް އެއްފަހަރާ ބަންޑުންކުރިއެވެ. އެހިނދު އޭނައަށް ބަލަން އިން މަލާކްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔަ ގޮތުން ޚުދު މަލާކްވެސް ޙައިރާންވިއެވެ. އޭނައަށް އެވަގުތު ރޮވެންވީ ކީއްވެތޯ ހިތަށްއެރިއެވެ. ވާ އުފަލެއްގެ ބޮޑުކަމުން ލޮލުން ކަރުނަ ހިލިދާނެކަން އޭނައަށް ޤަބޫލުކުރެވުނީ އެ ވަގުތެވެ. މަލާކް ނުރޯން މަސައްކަތް ކުރަމުން އަޔާޒަށް ހިނިތުންވުމެއް ދައްކާލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އަޔާޒް ނުހަނު ލޯތްބާއެކީ އޭނަގެ ބޮޑުވާ އިނގިލިން އެ ކަރުނަ ތިކި ފޮހެލިއެވެ. ހަމަ އެވަގުތު އަޔާޒްގެ ލޮލަށް ވެސް ކަރުނަތައް ޖަމާވެގެން ދިޔަދިޔަހެން އޭނައަށް ހީލެވުނެވެ.
“ހިއެއްނުކުރަން މިހާ އާދައިގެ ގޮތަކަށްކަން އަހަރެން އެންމެ ފަހުން މި ބަސްތައް ބުނެލާނީ. ޓޭކް ދަ މޯމެންޓް އެންޑް މޭކް އިޓް ޕާރފެކްޓް. ހެހެ…..އެކަމަކު މި މޯމެންޓް އިތުރަށް ކުރިއަށް ދާވަރަށްވުރެ އަހަރެންގެ ނަސީބު ދެރަދޯ މަލާކް؟” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ސުވާލުކޮށްލިއިރު އޭނަގެ ހިނިތުންވުން މުޅިންހެން ފޭދިގެން ދިޔައެވެ. އެ މަންޒަރު ފެނިފައި މަލާކްގެ ހިނިތުންވުން ވެސް ފިލައިދިޔައެވެ. އަޔާޒްގެ މޫނުމައްޗަށް މުޅިންހެން ހިތާމަވެރިކަން ވެރިވާން ފެށި ވަގުތު މަލާކް އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ވާހަކަ ދެއްކިއެވެ.
“މަލާކް ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން މަލާކަށް ރުޅިނުވާނަން. އެންމެ ފުރަތަމަ މަލާކަށް ފަސްދިނީ އަހަރެން ދޯ؟ މަލާކްގެ އިޙްސާސްތަކާމެދު ވިސްނާލުމެއްނެތި މަލާކްގެ ކުރިމަތިން ލޯބިވެރިޔަކުވެސް ގެންގުޅުނީ ހަމަ އަހަރެން. އަހަރެން އެގޮތަށް ކަންތައް ކޮށްފަ ވަނިކޮށް މަލާކް އެހެން މީހެއްގެ ކައިރިއަށް ދާން ނިންމަން ބޭނުންވުމުގަ ވަކި މަލާކްގެ ކުށެއްނެތް…” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ދައްކަން ފެށި ވާހަކައިން މަލާކްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. އޭނަ ‘އަޔާޒް’ އޭ ކިޔައި އެއްޗެކޭ ބުނަން އުޅުނުތަނާހެން އަޔާޒް ދެންވެސް ވާހަކަ ދެއްކިއެވެ.
“އެހެންނޫނަސް ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫންދޯ މަލާކް…..އަހަރެން ހުންނާނެ އަހަންނަށް ވީ ވަރަކުން މަލާކަށްޓަކައި އިންތިޒާމްތައްކޮށްފަ. މަލާކް މިގެއިން ގޮއްސަ ހުންނާނެ އެޕާޓްމެންޓެއް ހަމަޖައްސާފަ ހުންނާނެ. މަލާކް ބޭނުންވަނީ އަހަރެން ދޫކޮށް ރަށަށް ގޮއްސަ އެހެން މީހަކާ އިންނަން ކަމަށްވިޔަސް އަހަރެން ބުނާނީ މިކޮޅުގަ ހުރެގެން ކިޔެވުން ނިންމާށޭ. އެއީ މަލާކްއަށް އެންމެ ރަނގަޅު ގޮތް. އެޕާޓްމެންޓަށް ބަދަލުވިޔަސް އެކަނި ނޫޅެއްޗޭ. މާލޭގަ އުޅޭ އެކުވެރިޔަކާއެކީ ވެސް އެތާނގަ އުޅެވިދާނެ. އެހެންނޫނީ…” އަޔާޒަށް ބުނެލެވުނީ ހަމައެކަނި އެހާ ހިސާބަށެވެ. އެހާ ހިސާބުން ސިކުނޑިއަށް ވެރިވި ޚިޔާލުން އޭނަގެ ނޭވާވެސް ހުއްޓުމަކަށް އައުމުންނެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ މަލާކަށް ބަލާލަމުން ގަދަކަމުން ހިނިތުންވުމެއް ދައްކައި މަލާކްގެ މޫނާއި އޭނަގެ އަތް ވަކިކޮށްލަމުން ތެދުވެލިއެވެ. އަޔާޒް ދެއްކި ވާހަކަތަކުން ލިބިފައިވި ޝޮކެއްގެ ބޮޑުކަމުން މަލާކަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި އިނދެވުނެވެ. އޭނަ ދެވަނަ ފަހަރަށް އަޔާޒަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތީ އޭނައަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ވެސް ނުދީއެވެ. އަޔާޒް ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ފެނުމުން މަލާކް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އަޔާޒް ދެންމެ އެ ދެއްކި ވާހަކައެއް ދައްކަން ޖެހުނު ސަބަބާއިމެދު ވިސްނެންފެށިއެވެ. އޭނަ އަޔާޒާއި ވަރިވެގެން ރަށަށްދާށޭ ބުނި ބުނުން ސިކުނޑީގައި ގުގުމުމާއެކު އޭނަގެ ހަނދާނަށްއައީ އޭނައާއި ރައުފާއާއި ދެމެދު ދެކެވުނު ވާހަކަތަކެވެ. އިސާހިތަކު އޭނަގެ ހަނދާނަށް އައީ ރައުފާ އެފަދަ ވާހަކައެއް އޭނަ ގާތު ބުނި ހިނދު ފަހަތުން އަޔާޒްގެ ކޮޓަރީގެ ދޮރު ލައްޕާލެވުނު އަޑު އޭނައަށް އިވުނު ގޮތެވެ. އޭނަ އެ އަޑު އިވިފައި ފަހަތްވެސް ބެލިއެވެ. އެހެނަސް އަޔާޒް ފެންނަން ނެތުމުން އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ނިންމައި އޭނަ ކޯލަށް ސަމާލުކަން ދިނީއެވެ. ހަމަ އެއާއެކު އެ ކޯލުގެ ފަހުކޮޅުން އޭނަ ރައުފާގާތު ދެއްކި ވާހަކަތައް އަޔާޒަށް ނުއިވޭކަން މަލާކަށް އެނގުންވިއެވެ. އެ ވާހަކަތައް އަޔާޒަށް އިވުނު ނަމަ އަޔާޒް މިވަގުތު އެހުރި ނަޒަރިއްޔާތެއް ނެތީހޭ ހިތަށްއެރި ވަގުތު މަލާކަށް ދެބުމަ ކައިރިކޮށްލެވުނެވެ. އިސާހިތަކު މަލާކަށް އޭނަގެ އަތަށް ތަދުވަމުން ދިޔަކަން ވެސް ހަނދާން ނައްތާލަމުން އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް އޭނަގެ ފޯނު ނެގުނެވެ. ފޯނުން ނަންބަރުތަކަށް ފިތާލުމަށްފަހު އޭނަ ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް ހައިފާ! ހައިފާގެ އެއްކަލަ ފްރެންޑް ތްރޫކޮށް މަލާކް ދޮންތިއަށް ކޯލް ރެކޯޑިންގްއެއް ހޯދައިދެވިދާނެތަ؟ އެއީ މަލާކް ދޮންތިގެ އަމިއްލަ ކޯލްއެއް….” މަލާކް އެދުނެވެ. އެކޮޅުން ހައިފާ ވިސްނާލުމަށްފަހު ބަލާލާނަމޭ ބުނުމުން މަލާކް އޯކޭއޭ ބުނެ ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އަޔާޒްގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލެވުނެވެ. ހިތާހިތުން އަޔާޒްގާތު ނޫނެކޭ ބުނެވުނެވެ. އަޔާޒް ޚިޔާލުކުރި ‘ޕާރފެކްޓް މޯމެންޓް’ގެ ބާކީ އޮތްބައި އޭނަ ފުރިހަމަ ކޮށްދޭނެއެވެ. ކައިރިވާން އުޅޭ ދެމަފިރިއެއްގެ ދެމެދަށް ޝައިޠާނާ އައިސް ޝައްކުތައް އުފައްދާކަމީ އޭނައަށް އެނގޭކަމެކެވެ. އެހެނަސް އެފަދަ ޝައްކުތަކުގައި އޭނައާއި އަޔާޒްގެ ގުޅުން އޭނަ ނިމިދިޔައެއް ނުދޭނެއެވެ. ބަދަލުގައި ދެމީހުންގެ ގުޅުން ޒީނަތްތެރިކުރަން އޭނައަށް ކުރެވެން އޮތްހާކަމެއް އޭނަ ކުރާނެއެވެ. ހިތަށްވެރިވި އެ ޚިޔާލުތަކާއެކީ އޭނައަށް ހިނިތުންވެލެވުނީ އެކަންތައް ކުރަން އޭނަ ކެތްމަދުވުމުންނެވެ. ހަމަ އެހިނދު ހިތް އުފާވެރިކަމުން ފުރިގެންދިޔައީ އަޔާޒް ދެންމެ ބުނެލި ލޯބީގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމާލުމުންނެވެ.
މަލާކް ބޭނުންވެގެން ހުރި ކަން އޭނައަށްޓަކައި ފުރިހަމަ ކުރެވިގެން ދިޔައީ އެރޭ 9 ޖަހައި ބޮޑުވި ފަހުންނެވެ. އޭގެ ކުރިން މުޅި ދުވަސްތެރޭގައި އޭނައަށް އަޔާޒް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޔާޒް ނަމާދަށް ބޭރަށް ނިކުންނަމުން ދިޔަ ވަގުތުތަކުގައި މަލާކް އަޔާޒަށް ހިނިތުންވުންތައް ދެއްކުމުން އަޔާޒް ލުއި ހިނިތުންވުންތައް ދައްކަމުން ދިޔައެވެ. މަލާކް ކިތަންމެ ހިތް އެދުނެއްކަމަކު މުޅި ދުވަސް ތެރޭގައި އޭނަ އަޔާޒާއި ވާހަކަ ނުދެއްކީ އޭނައާއި އަޔާޒާއި ދެމެދު އޮތް ޝައްކު ނުހަނު ސާފު ގޮތެއްގައި ފިލުވައިގެން ނޫނީ ދެން އަޔާޒާއި ވާހަކަ ނުދެއްކުމަށެވެ. އެރޭ 9:25 ވީ ވަގުތު ބޭރަށް ގޮއްސަ ގެއަށް އައި ހައިފާ އޭނަ އަތަށް އައިޕޮޑެއް ލައިދިނުމުން މަލާކް ވަގުތުން އެއާއެކީ ކޮޓަރިއަށް ވަންނަން ދިޔައީ އަޔާޒަށް ވީހާވެސް އަވަހަކަށް އެ ރެކޯޑިންގް އިއްވައި އޭނަގެ އިޙްސާސްތައް ވެސް އަޔާޒަށް ފާޅުކޮށްދިނުމަށެވެ. އެހެނަސް އޭނަ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކުހެން ބޯކޮށް ވާރޭ އޮއްސިގަތް އަޑަށް މަލާކް ހިސާބަކަށް ހުއްޓުންއެރިއެވެ. ބަންދުކޮށްފައިވި ބިއްލޫރި ދޮރުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ތެމެމުން ދިޔަ ބެލްކަނީ ފެނިފައި ލިބުނު ޚިޔާލާއެކީ މަލާކަށް ހިނިތުންވެލެވުނެވެ. މަލާކް އަވަސްއަވަހަށް ގޮނޑި ދުއްވާފައި ގޮސް ފަތެއްގެ ބައްޓަމަށް ހެދި ފާރުގައި ހަރުކޮށްފައި ފޮތް ހަރުގަނޑުގެ ހުސް ބައެއްގެ ތެރޭގައި އޭނަގެ އަތުގައި އޮތް އައިޕޮޑް ބޭއްވިއެވެ. އެ ހަރު ހުރީ މިއަދު ހެނދުނު އަޔާޒް އޭނަގެ ގޮނޑި ދުއްވަމުން ގޮސް މަޑުކޮށްލި ހިސާބާއި ދާދި ގާތުގައެވެ. އައިޕޮޑް ބޭއްވި ތަނާއިމެދު ނުހަނު ހިތްހަމަޖެހި ހެވިފައިހުރެ މަލާކް އަޔާޒްގެ ކޮޓަރިއާއި ދިމާލަށް ދާންފެށިއެވެ. ފެންލައިޓުން ކޮޓަރި ހުރީ ދިއްލާފައިކަން ޔަޤީން ކުރަމުން މަލާކް ގޮސް ކޮޓަރީގެ ދޮރުގައި ޓަކިދިނެވެ. ހިތުގެ ތެޅުން އަވަސްވެފައިވާ ޙާލު އޭނަ އުޖާލާވި ހިނިތުންވުމެއްގައި އިންދާ ސިކުންތުކޮޅެއްފަހުން އަޔާޒް އައިސް ދޮރު ހުޅުވިއެވެ.
“ކިހިނެއްވީ މަލާކް؟” އަޔާޒް ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.
“އަޔާޒް…..ބަލާބަލަ ވާރޭ ވެހެނީ….ހިނގާބަލަ އަހަންނާއެކީ ވާރެއާ ތެމެން.” މަލާކަށް އެހެން ބުނެލީ އާދޭހުގެ ރާގަކަށެވެ.
“ނޫން މަލާކް ރޭގަނޑު ގަޑީގަ ނުދާނެ. އަދި އެހާ ވައި ބާރުކޮށް ބޯކޮށް އެ ވެހެނީ. ނުލާހިކު ފިނިވާނެ…” އަޔާޒް އެހެން ބުނެލީ އޭނައަށްވުރެ ބޮޑަށް މަލާކާއިމެދު ވިސްނަމުންނެވެ. މާ ބޮޑަށް ފިނިވެއްޖެނަމަ މަލާކަށް ވާ ގޮތްގޮތް އޭނައަށް އެނގޭތީވެއެވެ.
“ނުވާނެ އެހާ ފިންޏެއް….ދެން ހިނގާބަލަ ޕްލީޒް…މަލާކަށް އެކަނި ދާން ނުކެރޭނެ.” މަލާކަށް މިފަހަރު އެހެން ބުނެލެވުނީ އަޔާޒްގެ އަތުގައިވެސް ހިފާލަމުންނެވެ. އެއާއެކު އޭނަގެ ޖެހިލުންކަން ކުޑަވެގެން ދިޔަ ގޮތާއިމެދު ވެސް އޭނަ ހިސާބަކަށް ޙައިރާންވިއެވެ. މަލާކް އޭނަގެ އަތުގައި ހިފާލުމުން އަޔާޒްގެ ހިތަށް ކުރި އަސަރާއެކީ އޭނައަށް އެއަތަށް ބަލާލެވުނެވެ. އިސާހިތަކު އޭނަ ގެންދާ ތާކަށް ގެންދާށޭ ބުނަން ހިތަށްއެރިއެވެ. އެހެނަސް މަލާކާއި އޭނައާއި ދެމެދު އޮތް ދުރުމިން ހަނދާންވެ މަލާކްގެ ޞިއްޙަތާއިމެދު ވެސް ވިސްނުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“އަހަންނަށް ނުދެވޭނެ މަލާކް….” އަޔާޒަށް އެހެން ބުނެލެވުނީ ހިސާބެއްގެ ސީރިއަސްކަމާއި ހިތާމައެއް އެކުލެވޭފަދަ ގޮތަކަށެވެ. އަޔާޒްގެ އިސްޖެހިގެން ދިޔަ ގޮތް ފެނިފައި މަލާކްވެސް ވީ ދެރައާއެކީ އޭނަގެ ހިތްވަރު އެލޭ ގޮތްވިއެވެ. އެހެނަސް އޭނަ ދެންވެސް ބަލި ޤަބޫލެއް ނުކުރިއެވެ.
“ފައިން! ބޯރިންގް ޕީޕަލް! މަލާކް މި ދަނީ ދާން. ކިނބިހި އެޅި ހުން އަޔަސް މިރޭ ވާރެއާ ތެމިލާފަ ނިދަން ބޭނުމީ.” މަލާކް އަޔާޒްގެ އަތުން ދޫކޮށް ނުރުހުންވާ ކަމަށް ހެދެމުން ބުނެލިއެވެ. އޭނަ އެ ފަހު ބަސްތައް އިތުރުކޮށްލީ އެ ބަސްތައް އަޑު އަހާފައި އަޔާޒަށް ނުހުރެވޭނެކަން ދަނެގެންނެވެ. އޭނަ އެހެން ބުނުމުން އަޔާޒް އޭނަގެ ނަމުން ގޮވާލިއެއްކަމަކު މަލާކް ހެވިފައިހުރެ އަވަސްއަރުވާލަމުން އޭނަގެ ގޮނޑި ދުއްވާލިއެވެ. އެއަށްފަހު ސިކުންތުކޮޅެއްގެ ތެރޭގައި ބެލްކަނީގެ ދޮރު އުދަގުލާއެކީ ކަހާލުމަށްފަހު ބެލްކަންޏަށް ނިކުތެވެ. އޭނަ ނިކުންނަން ދިމާކުރި ވަގުތުވެސް ކަންބޮޑުވެފައި ހުރި އަޔާޒަށް މަލާކްގެ ނަމުން ގޮވާލެވުނެވެ. އޭނަ ގޮވާލުމުން ވެސް މަލާކް މަޑުކުރުމެއްނެތި ނިކުތުމުން އަޔާޒަށް ދެބުމަ ކައިރިކޮށްލެވުނީ މަލާކަށް ހިސާބަކަށް ނުރުހުންވުމުންނެވެ. މަލާކް އޭނަގެ ބަސް އަޑުއެހުމެއްނެތި އެ ދިޔަ ޙާލަތަކަށްދާން ދޫކޮށްލަން ހިތަށްއެރިއެއްކަމަކު އޭނަގެ ހިތަށް އެ ޚިޔާލު ބަރުދާސްތެއް ނުކުރެވުނެވެ. އެހެންކަމުން އެ ހުރިގޮތަށް ހުރެފައިވެސް އެންމެފަހުން އަޔާޒަށް ފުން ނޭވައެއް ދޫކޮށްލަމުން ލަސް ހިނގުމެއްގައި ގޮސް ބެލްކަންޏަށް ނިކުމެވޭ ދޮރުމަތީގައި މަޑުކޮށްލިއެވެ. އެހިނދު އޭނައަށް ފަސްދީގެން ދެފަރާތުން ދެއަތް ދިއްކޮށް މައްޗަށް ބޯހިއްލައިގެން ހުރި މަލާކް ފެނި އޭނައަށް ހުއްޓުން އަރާފައި ބަލަހައްޓައިގެން ހުރެވުނެވެ. އެހެނަސް މަލާކްގެ ދެއަތް ގޮނޑީގައި އަތްގަނޑުމަތީގައި ބޭއްވި އޭނަ ދެކޮނޑު އަރުވާލި ތަނާހެން ތުރުތުރު އަޅައިގެން ދިޔަގޮތުން އަޔާޒަށް ބެލްކަންޏަށް ނިކުންނަން ހިނގައިގަނެވުނެވެ. އޭނަ ވާރޭ ތެރެއަށް ނިކުތީ އެ ދިޔަ މަގުމަތީ އެތާ ބޭރު ފާރަށް ލައްކުރެވިފައިހުރި ފެހި ކުލައިގެ ކުޑައެއް ނަގައި އޭތި ހުޅުވާލަމުން އޭގެ ހިޔަލުގައެވެ. މަލާކާއި ހަމައަށް ދެވުމާއެކު އޭނަ މަލާކާއި ނުހަނު ކައިރީގައި ހުއްޓިލީ އޭނައާއިއެކީ މަލާކްވެސް ހިޔާކޮށްދިނުމަށެވެ. ވާރޭގެ ތިކިތައް އޭނަ ގައިގައި ޖެހުން ހުއްޓުމާއެކު މަލާކަށް އިސްއުފުލައި ބަލާލެވުނެވެ.
“ބުނީމެއްނު މި ގަޑީގަ ފިނިވާނެއޭ؟” މަލާކް ހަޝަމް ބަދެގެން ކަހަލަ ގޮތަކަށް އިންގޮތުން އަޔާޒަށް ބުނެލެވުނެވެ.
“އޮހް! ޖަޒާކަ ﷲ ޚައިރަން މަލާކްއާމެދު ވިސްނާލީތީ. މަލާކްގެ އަތަށް ކުޑަ ދެވިދާނެތަ؟ އަޔާޒް ހިފަހައްޓައިގެން ހުރީމަ މިކޮޅުން ކުޑަކޮށް އެބަ ތެމޭ.” މަލާކް އަޔާޒާއިވީ ފަރާތް ނޫން އަނެއްފަރާތުގެ ކޮނޑަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. އަޔާޒް އެ ކުޑަ އޭނަގެ ބޯމަތިން ނަގައި މަލާކާއި ދިމާލަށް ދިއްކޮށްލީ ވަކި މަލާކަށް ދޭކަށް ނޫނެވެ. އެހެނަސް އޭނަ ދިއްކޮށްލުމާއެކު މަލާކް އޭތި ޖަހައިގަންނަމުން އެއްފަރާތަކަށް ދޫކޮށްލިއެވެ. އެއާއެކު މަލާކް ބޭނުންވިހެން އޭނައާއެކީ އަޔާޒް ވެސް ތެމެން ފެށުމުން މަލާކަށް ހީލެވުނެވެ.
“މަލާކް! ވަޓްސް ރޯންގް ވިތް ޔޫ؟” އަޔާޒަށް އެހެން އަހާލެވުނީ ހަމަ ޙަޤީޤަތުގައި ވެސް އަޖާއިބުވެފައި ހުރެއެވެ. މަލާކްގެ ފަރާތުން މިފަދަ މިޒާޖެއް އޭނައަށް މި ފެންނަނީ ފުރަތަމަ ފަހަރަށެވެ.
“ވަރަށް ބަސްނާހާދޯ މިރޭ؟ ކީއްކުރާނީ؟ މިރޭގެ މޫޑު ހުރިގޮތް އެއީ ހަމަ….ހެހެ….ދެން އަޔާޒްވެސް ކުޑަކޮށް އެންޖޯއި ކޮށްލަބަލަ. ލައިފްގަ އަންނާނީ މިކަހަލަ މަދު މޯމެންޓްސްދޯ؟ މިކަހަލަ މަދު ޕާރފެކްޓް މޯމެންޓްސް….” މަލާކް އެ ފަހު ޖުމްލަ ބުނެލީ ލަސްލަހުން ބަސްތައް އަމުނައި އަޔާޒަށް ބަލާލަމުންނެވެ. އެ ފަހު ބަސްތައް އިވިގެން ދިޔުމާއެކު އަޔާޒް އިރުކޮޅަކު ހުރެފައި ދުރަށް ނަޒަރު ހިންގާލީ އެއްޗެކޭ ބުނަން ވެސް ނުކުޅެދުމުންނެވެ. އަޔާޒްގެ މޫނުމަތީގެ ސީރިއަސްކަން ފިލުވުމަށް މަލާކް އިތުރަށް ވާހަކަ ދެއްކިއެވެ.
“ވާރޭ ވެހޭ ވަގުތު ދުޢާކުރުމުން އިޖާބަ ކުރައްވައެއްނު އަޔާޒް؟ އެހެންވީމަ މިއީ އެންމެ ބޭނުންވާ ކަންތަކަށް ވިޝްކުރަންވީ ގަޑި. ހެހެ….އަޔާޒް ދުޢާއެއް ނުކުރާނަންތަ؟” މަލާކް ހިނިތުންވުމަކާއެކީ އެ ސުވާލުކުރީ ހިތުން މަލާކަށް އަޔާޒްދެކެ ލޯބިވާނެ ގޮތް ހެއްދެވުމަށް އަޔާޒް ދުޢާކުރަން ބޭނުންވާ ވާހަކަ ސަމާސާއަކަށް ނަމަވެސް އަޔާޒް ބުނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އަޔާޒްވީ އެއަށްވުރެ ބޮޑަށް ހިތްދަތިވެފައިކަން އޭނަ ބުނެލި ބަސްތަކުން މަލާކަށް އެނގުންވިއެވެ.
“އަހަރުމެން އެންމެ ބޮޑަށް ދުޢާކުރަންޖެހޭނީ ފާފަ ފުއްސެވުމަށް އެދިދޯ؟ ދެން އާޚިރަތަށްޓަކައި ދުޢާކުރަން ބޭނުންވަނީ. މި ދުނިޔެއިން ކަމަކަށް އެދުމަށްވުރެ ނޭދުން ހިތަށް މާ ފަސޭހަވާނެ.” އަޔާޒް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި އެ ބަސްތަކުން މަލާކްގެ ހިތުގައި ވެސް ރިހުމެއް އުފެދެން އުޅުނެވެ. ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން ހުރުމަށްފަހު މަލާކަށް ވާހަކަ ދެކެވުނެވެ.
“އަޔާޒް ދެން ހިނގާ އެތެރެއަށް….މަލާކް ކުޑަކޮށް ފިނިވާން ފަށައިފި.” މަލާކް އެހެން ބުނެލީ ޙަޤީޤަތުގައި ވެސް ފިނިކަމެއް އިޙްސާސް ކުރެވެން ފެށުމުންނެވެ. އެހެނަސް އެއަށްވުރެ ބޮޑަށް އޭނަ ވީހާވެސް އަވަހަކަށް އަޔާޒްގެ ހިތާމައަށް ނިމުމެއް ގެންނަން ބޭނުންވެފައިވިއެވެ. އަޔާޒް ހިނގާށޭ ބުނުމުން މަލާކް އޭނަ ގެންގޮސްދޭނަންދޯއޭ ބުނެލިއެވެ. އަޔާޒް އިރުކޮޅަކު ހުރުމަށްފަހު ހޫންލައްވާލަމުން ގޮނޑީގެ ފަހަތުގައި ހިފެހެއްޓި ވަގުތު މަލާކް އޭނަގެ އުނގުމަތީގައި އަތް ބޭއްވިއެވެ. އަޔާޒް މަލާކް ކޮޓަރީގެ ތެރެއަށް ވަނުމާއެކު ކަންތައް ވާން ފެށީ މިއަދު ހެނދުނު ކަންތައް ހިނގި ގޮތަށެވެ. އަޔާޒް އޭނަ ގެންގޮސް ގޮނޑި މަޑުކޮށްލީ އޭގެ ފަހަތް ފާރަށް ވާގޮތަށް އެއްކަލަ ހަރުގަނޑުގެ ކައިރީގައި ކަހަލަ ގޮތަކަށެވެ. މަލާކް އެތާ ބެހެއްޓުމަށްފަހު މަލާކަށް ދޭން ތުވާލި ނެގުމަށްޓަކައި އަޔާޒް ދިޔައީ ވަކި ވިސްނުމެއްނެތިއެވެ. އެހެނަސް ހަރުގަނޑުން ތުވާލި ނަގައިގެން މަލާކާއި ދިމާލަށް ދިޔަ މަގުމަތީގައި މަލާކް ބުރުގާ ނަގައި އުނގުމަތީގައި ބޭއްވި މަންޒަރު ފެނި އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް އޭނަގެ ތެތް އިސްތަށިގަނޑުވެސް ނިއުޅާލަމުން އޭނައަށް ބަލާލި ތަނާހެން އަޔާޒަށް ހަމަހޭވެރިކަމެއް ލިބުނެވެ. އެއާއެކު އޭނަ މިއީ ވަކި މާ ބޮޑުކަމެއްކަމަށް ނަހަދާ ފެން ހިއްކާށޭ ބުނަމުން ގޮސް މަލާކްގެ އަތަށް ތުވާލި ދިނެވެ. އެއަށްފަހު އޭނަގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވުމަށްޓަކައި އަޔާޒް އޭނަގެ ކޮޓަރިއަށްދާން ޚިޔާލުކުރިއެއްކަމަކު ކޮޓަރި ތެމިދާނެކަމުގެ ބަހަނާއާއެކީ މަލާކްގެ އަލަމާރި ކައިރިއަށް ދިޔައެވެ. އަދި މިއަދު ހެނދުނު ފަދައިން އެ އަލަމާރިން ތާޒާ ތުވާލިއެއް ނަގައި އޭނަގެ ބޯ ހިއްކަމުން މަލާކަށް ނަޒަރެއް ދިނެވެ. މަލާކް އޭރުވެސް އިނީ ބޮލާއި އެކީ މޫނުވެސް ތުވާލިން ފޮރުވައިގެންނެވެ. އަތް ހިންގަމުން ދިޔަގޮތުން މަލާކަށް އުދަގޫވެގެން އުޅޭކަން އެނގުމުން އަޔާޒް އެދިމާލަށް ދާން ބޭނުންވިއެއްކަމަކު އޭނަ ދުރަށް ނަޒަރު ހިންގާލިއެވެ. އޭނަ ބޭނުންވީ މަލާކް އޭނައާއިމެދު ބެހެއްޓި ދުރުކަން މަލާކާއި ވެސް ބަހައްޓާށެވެ. މުޅި ދުވަސް ތެރޭގައި މަލާކް އޭނަ ކައިރިއަށް އައިސް އޭނަ ނޫން މީހެއްދެކެ ލޯބިނުވާކަމަށް ބުނާ މަންޒަރު އަޔާޒަށް ސިފަކުރެވުނެވެ. އެހެނަސް މަލާކް އޭނަ ހީކުރި ގޮތަށް ކަންތައް ކުރުމުން އަޔާޒް ‘ޙަޤީޤަތާއި’ ކުރިމަތިލާން ބޭނުންވެފައިވިއެވެ. އެހެނަސް….
“އަޔާޒް…..އަޔާޒް ފެން ހިއްކައި ނިމުނީމަ އައިސްދެވިދާނެތަ މަލާކަށް ހެލްޕްވާން؟ އަހް ސީރިއަސްލީ!” މަލާކް އެހެން ބުނެލީ ހަމަ ޙަޤީޤަތުގައިވެސް އަތުން ވަރުބަލިކަމެއް އިޙްސާސް ކުރެވުމުންނެވެ. އެހެނަސް އޭނަ ބޭނުންވި ނަމަ އޭނައަށް އެ ވަރުބަލިކަމާއި އެކީގައި ވެސް ބޮލުގެ ފެން ހިއްކާލެވުނީހެވެ. އޭނަ އިންތިހާއަށް ވަރުބަލިވާ ކަމަށް ހެދި ތުވާލި ބޯމަތީގައި އޮތްގޮތަށް ބާއްވައި ދެއަތް ވައްޓާލި މަންޒަރު އަޔާޒަށް ދައްކާލީ ވަކި މުރާދެއް ޙާޞިލު ކުރުމަށެވެ. އެ މުރާދު ޙާޞިލުވާން ގާތްވެސްވިއެވެ. އިސާހިތަކު އަޔާޒަށް މަލާކްގެ ކައިރިއަށް ދެވެން އުޅުނެވެ. އެހެނަސް އެހެން ޚިޔާލެއް ލިބުމުން އޭނަ މަޑުކޮށްލިއެވެ.
“މަޑުކުރޭ ހައިފާއަށް ގުޅާފަ ބުނާނަން ހެއާރ ޑްރަޔާރއިން ހިއްކައިދޭށޭ…” އަޔާޒް އެހެން ބުނިތަނާހެން މަލާކް އޭނަގެ މޫނުމަތިން ތުވާލި ނަގައި ބޯމަތީގައި ބާއްވަމުން ވާހަކަ ދެއްކިއެވެ.
“އުނހު ހެއާރ ޑްރަޔާރއަށް މަލާކް ވަރަށް ބިރުގަނޭ. އޭގެ ތެރޭގަ އިސްތަށްޓެއް ހަރުލަފާނެތީ. އަދި އެހާ ބާރު އަޑެއް ކިޔާނީ…” މަލާކް ކަންބޮޑުވުން އެކުލެވިގެންވި ގޮތަކަށް ބުނެލިއެވެ.
“އިޓްސް އޯކޭ މަލާކް. ހައިފާ ވަރަށް މޮޅުވާނެ އޭތި ގެންގުޅެން. އިސްތަށްޓެއް ހަރުނުލާނެ.” އަޔާޒް ބުންޏެވެ.
“އެކަމަކު ނޫނޭ އަޔާޒް. މި ގަޑީގަ ހައިފާ ނިދަން ކަންނޭނގެ އުޅޭނީވެސް. މާދަމާ ޓެސްޓެއް އޮތް ވާހަކަވެސް ބުނި. އެކުއްޖާއަށް ވެސް އުދަގޫ ކުރާކަށް ނުވާނެދޯ؟ އަދި މަލާކްގެ ވެސް ޓެސްޓްތައް ފެށޭނެ ވަރަށް އަވަހަށް. ފެން ނުހިއްކާ ހުއްޓާ ބަލިވެއްޖެއްޔާ ސަކަރާތްވާނެ.” މަލާކް ބުނެލިއެވެ. މިފަހަރު އޭނަ އެހާވަރަށް ވާހަކަ ދެއްކުމުން މަލާކްގެ އެދުމަކީ ކޮބައިކަން އަޔާޒަށް އެނގުންވި ވަގުތު ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަލާކް ބޭނުންވަނީ އޭނަގެ އިޙްސާސްތަކާއި ކުޅެންތޯ ހިތަށްއެރި ވަގުތު އުދަގޫވެގެން އުޅޭފަދަ އަސަރެއް އޭނަގެ މޫނުމައްޗަށް ވެރިވީވީހެން އިސްޖަހާލެވުނެވެ. އެހެންކަމަށްވާނަމަ އެގޮތްވެސް ހެވެއެވެ. މަލާކާއި ވަކިވުމުގެ ކުރިން ކުޑަ ދުވަސްކޮޅަކަށް ވިޔަސް އޭނަ މަލާކާއެކީ ހުންނަ ބިލާހެއްގެ ތެރޭގައި އުޅެލަން އޭނަވެސް ބޭނުންވެއެވެ. ހިތަށްވެރިވި އެ ޚިޔާލާއެކީ އަޔާޒް ލަސް ހިނގުމެއްގައި ގޮސް މިއަދު ހެނދުނު ހެދި ގޮތަށް މަލާކްގެ ކުރިމަތީގައި ކުރުފައިމައްޗަށް ތިރިވިއެވެ. އެއަށްފަހު ލަސްލަހުން މަލާކްގެ ބޯމަތީގައި އޮތް ތުވާލީގައި އަތް އަޅައި އޭނަގެ އަތް ހިންގަން ފެށިއެވެ. އަނެއްކާވެސް ނުހަނު ގާތުން އަޔާޒްގެ މޫނު ފެނިގެން ދިޔުމުން މަލާކްގެ ހިތުގެ ތެޅުން އަވަސްވާ ގޮތްވިއެވެ. މިއަދު ހެނދުނު އަޔާޒް ބުނި ބަސްތައް ހާސްވަނަ ފަހަރަށް ހަނދާންވެގެން ދިޔަ ހިނދު އަޔާޒްގެ ލޮލަށް ނަޒަރު ހުއްޓާލެވުނެވެ. އެހެނަސް ހެނދުނާއި ޚިލާފަށް އެ ލޯ އޭނައަށް އަމާޒުވެފައެއް ނުވެއެވެ. އަދި އެ ލޯމަތިން އެވަގުތު ފެންނަމުން ދިޔައީ މިއަދު އަޔާޒް ސިފަކުރި ލޯތްބަށްވުރެ ބޮޑަށް ވަރުބަލިކަމެވެ. އޭނައާއިހެދި އަޔާޒް މުޅި ދުވަސް ތެރޭގައި ތަޙައްމަލުކޮށްފައިވި ވޭންތައް ހިތަށް ގެނެވުމުން މިހާއިރު ވީއިރު ޙަޤީޤަތް ކިޔައިނުދެވުނު ކަމަށްޓަކައި އެވަގުތު އަމިއްލަ ނަފްސު ކުށްވެރިވެސް ކުރެވުނެވެ. އިސާހިތަކު އައިޕޮޑް ނަގައި އެ ރިކޯޑިންގް ޕްލޭ ކުރަން ބޭނުންވިއެއްކަމަކު އެ ވަގުތުކޮޅުގެ ޒާތުން އެހެން ޚިޔާލެއް މަލާކްގެ ސިކުނޑިއަށް ވެރިވިއެވެ. މިއަދު ހެނދުނު އަޔާޒް އޭނަގެ މޫނުގައި ހިފަހައްޓައިގެން ހުރި ގޮތުން އެ ވަގުތުކޮޅު ކުރިއަށް ދިޔަނަމަ ވާނެގޮތް ހިތަށް ގެނެވުނެވެ. އެ ޚިޔާލުތައް ލޮލަށް ސިފަވުމުން ވެސް ޖެހިލުންވިއެއްކަމަކު އޭނައަށް އެނގުނުހާވެސް ކަމަކީ އޭނަ އެވަގުތު އަޔާޒް އުފާކޮށްދޭން ބޭނުންވިކަމެވެ. އެހެންކަމުން ޖެހިލުންވުމެއްގައި ސިކުންތުކޮޅެއް ވަންދެން އަޔާޒަށް ބަލަން އިނދެފައި މަލާކް ކުއްލި ގޮތަކަށް ކުރިއަށް ޖެހިލަމުން އަޔާޒްގެ ކޯތާފަތުގައި ބޮސްދިނެވެ. އެއާއެކު އެކަހަލަ ކަމަކަށް އުއްމީދުކޮށްގެން ނެތް އަޔާޒް ހުއްޓުން އަރައި މަލާކަށް ބަލާލިހިނދު ކުރެވުނު ކަމާމެދު ނުތަނަވަސްވެ މޫނު ރަތްވެފައި އިން މަލާކްގެ ނަޒަރުވެސް ހުއްޓިފައިވީ އޭނައަށެވެ. ކަންވީގޮތް ނަގައިގަންނަންވެސް އަޔާޒަށް ހިނދުކޮޅެއް ނެގިއެވެ. ނަގައިގަނެވުމާއެކު މަލާކް އެގޮތަށް ހަދަންވީ ކީއްވެތޯ ހިތަށްއެރިއެވެ. ފަޅި ސިކުންތަކަށް އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެއްކަމަކު މާގިނައިރެއްނުވެ ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން އެ ހިތް ފޫއަޅުވާފައި އެ އުފާވެރިކަން ގެއްލިދާން ފެށިއެވެ. މަލާކް މިހެން މި ހަދަނީ އޭނައަށްވާ ޙަމްދަރުދީއެއްގެ ސަބަބުންތޯ ހިތަށްއެރި ހިނދު އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ. އޭނަ މަލާކްދެކެ ލޯބިވާތީ ވަކި މަލާކް ލޯބިނުވާ ޙާލު އޭނައާއި ކައިރިވާން މަޖުބޫރެއް ނޫންކަމަށް ބުނަން ބޭނުންވިއެވެ. އެހެނަސް އެފަދަ ބަސްތައް ދުލާއި ހަމައަށް ގެންނަން ނުކުޅެދުމުން އަޔާޒް އެހެން ހުރެހުރެފައި ކޮޅަށް ތެދުވެލިއެވެ. އަޔާޒަށް ވީ ގޮތުން އަޔާޒަށް ނެގުނީ އޭނަގެ އެ ޙަރަކާތުގެ ވެސް ނުބައި މާނައެއްކަން މަލާކަށް އެނގުންވީ ހިނދު އަޔާޒް އޭނައަށް ފަސްދީފައި ދާން ހިނގައިގަތުމުން މަލާކް އޭނަގެ ނަމުން ގޮވާލިއެވެ. އާދައިގެ މަތިން މަލާކް ގޮވާލުމާއެކު އަޔާޒަށް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ.
“އަންހެންކުއްޖަކު ޖެހިލުންވާއިރުވެސް ފިރިހެނަކާއި އެގޮތަށް ކައިރިވާނީ ކީއްވެކަން އަޔާޒަށް އެނގޭތަ؟” މަލާކް ސުވާލުކުރިއެވެ. މަލާކް ސުވާލުކުރި ގޮތުން އަޔާޒްގެ ސިކުނޑި ޚުދު އޭނަ ކުރި ސުވާލެއްގެ މަތިން ހަނދާންކޮށްދިނެވެ. އެއާއެކު އޭނަގެ ހުރިހާ ސަމާލުކަމެއް އެ ބަސްތަކަށް ދެވުނު ހިނދު އޭނަގެ ހުރިހާ ޙިއްސެއް ހޭލިއެވެ.
“ލޯބިވާތީ….ލޯބިވެރިޔާ އުފާކޮށްދޭން ބޭނުންވާތީ. ދެރަވެފަ ހުންނަތަން ދެކެން ބޭނުންނުވާތީ. ހިތްހަމަޖައްސައިދޭން ހިތް އެދޭތީ.” މަލާކް ލަސްލަހުން އަޔާޒް އޭނަގާތު ބުނި ބަސްތައް ހަނދާންކުރަމުން އޭނަގެ އިޙްސާސްތައް ހަމަ އެފަދަ ގޮތަކަށް ފާޅުކުރިއެވެ. މަލާކް ބުނެލި ބަސްތަކާއެކީ އަޔާޒްގެ ލޮލުން ދިލަނަގަން ފެށިހެން އޭނައަށް ހީވިއެވެ. އޭނަ ދެންމެ އިވުނު ބަސްތައް ޤަބޫލުކުރަންވެސް ނޭނގިފައި ހުރިގޮތަށް ހުއްޓާ އޭނައަށް އަނެއްކާވެސް މަލާކްގެ އަޑުއިވުނެވެ. އަޑު އައި ގޮތުން އެއީ ރިކޯޑިންއެއްކަން އޭނައަށް އެނގުންވިއެވެ.
“އާނދޯ؟ އެހެންވިއްޔާ މަލާކްވެސް ވަރިވެގެން ރަށަށް ގޮއްސިއްޔާ އިންނާނެ މީހަކު ހުންނާނެތާ!”
އިވިގެންދިޔަ ބަސްތަކުން އެއީ އޭނައަށް އިއްޔެ އިވުނު މަލާކްގެ އަޑުކަން އަޔާޒަށް އެނގުންވީވީހެން އޭނަގެ ހިތް ދެރަވިއެވެ. އެހެނަސް އެ ވާހަކަ ކުރިއަށް އިވެން ފެށުމުން އަޔާޒަށް އަޑުއެހުނެވެ.
“އާނއެކޭ….ހިޝާމް ލޯބިވާނެ މަލާކް ދެކެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް. އެއީ މަލާކްގެ ހިޝާމްއެއްނު؟ ހެހެހެ…..”
“ހެހެ….އެކަމަކު ޓޫ ބޭޑް. މަލާކް ލޯތްބެއްނުވޭ ހިޝާމްދެކެ….”
“އެބުނީ އެއްކަލަ ވާހަކަ! ދެން ކާކުދެކެ ލޯބިވަނީ؟ ތި އިނދެގެން އުޅޭ އަޔާޒްއަކާ؟ ބަލާތި ދުވަސްކޮޅަކުން މަ ދޫކުރި މީހާހެން ތީނަ ވެސް އެހެން އަންހެނަކާއެކީ ނިކުންނަތަން ފެންނާނީ. އަހަރުންނަށް ޔަޤީނޭ މަލާކް ކިތަންމެ ފޮރުވަން އުޅުނަސް އޭނަ ލޯބިވެރިއެއް ގެންގުޅޭނެކަން. ރަޝިޔާގަ ހުއްޓާ އަހަރެން ގުޅިއިރު އެތައް ރެއަކު އޭނަ ގޭގަ ވެސް ނެތެއްނު؟ ފައިސާވެރި މަލޭ ފިރިހެނުންގެ ވައްތަރު އެއީ.”
“އޭނަ ލޯބިވެރިއެއް ނުގެންގުޅެއޭ ރައު. އޭނަ ވަރަށް ރަނގަޅު. ވަކިން ޚާއްޞަކޮށް އަދި މިހާރު. މަލާކަށް ވަރަށް ކަންތައް ކޮށްދޭނެ. ބަލިވީމަ ފަރުވާދޭން ކައިރީގަ ހުންނާނެ. މަލާކް ޞިއްޙަތަށް ގެއްލުންހުރި ގޮތަކަށް އުޅެންޏާ ސަމާސާއަކަށް ހަދާފަވެސް އެކަމުން ދުރުކުރާނެ. މަލާކަށް ކިޔަވަންވެސް ފުރުޞަތު ހޯދަދީ ވަޒީފާއަށް ދެވި ވަޒީފާގެ މާޙައުލަށް ހޭނެން ވެސް ދަސްކޮށްދިނީ ހަމަ އޭނަ. ބަދަލުގަ އަސްލު މަލާކްވެސް ބޭނުންވޭ އޭނައަށްޓަކައި ކަންތައްކޮށްދޭން…”
“މަލާކް ކޮޔާ މަ ބުނާނެ ވާހަކައެއްނެތް. ތިހެން އުޅެމުން ގޮސް އޭނަދެކެ ލޯބިނުވާތި! ކޮންމެވެސް އެއް ބޭނުމަކު އޭނަ މަލާކް ކަހަލަ ކުއްޖަކާ އިންނާނީ. ބޭނުން ފުދުނީމަ އޭނަ މޫނަށްވެސް ބަލާނުލާ މަލާކް ތި ގެއިން ނެރޭނީ.”
“ހެހެ……މަލާކް މިހިރީ އެހެންނޫނަސް އޭނައާއި ވަކިވާން އެދެންވެގެން. އަޔާޒް ކަހަލަ ރަނގަޅު ފިރިއަކަށް ޙައްޤުވަނީ ހަމަ އޭނަ ފަދައިން ދެފައި މައްޗަށް ކޮޅަށް ތެދުވެވޭ ޤާބިލު އަންބަކު. އެފަދަ ދިރިއުޅުމެއް އަޔާޒަށް ހޯދަދޭން މަލާކް މިހިރީ ތައްޔާރަށް. އެކަމަށްޓަކައި މަލާކްގެ އުފާވެރިކަން ޤުރުބާންކުރަން ޖެހުނަސް..”
“ކީކޭ މަ ބުނާނީ ދެން؟ މަށަށް ހީވަނީ ސިހުރެއް ޖެހިފަހެން ތިހުރީ މަލާކް.”
“ހެހެ….ވެދާނެދޯ ތިހެންވެސް؟ ދެން ބޭއްވީއޭ. ބައިވަރު މަސައްކަތްތައް އެބަހުރި.”
މަލާކް އެހެން ބުނެލި އަޑަށްފަހު ރައުފާ އޯކޭއޭ ބުނެލުމާއެކު އެ ރިކޯޑިންގްއަށް ނިމުމެއްއައެވެ. އެއާއެކު މަލާކް އައިޕޮޑަށް ބަލައިގެން ހުރެފައި އޭނަގެ ކުރިމަތީގައި ހުރިގޮތަށް ހުރި އަޔާޒަށް ބަލާލެވުނެވެ. ސިކުންތުކޮޅެއް ހިމޭންކަމަށްފަހު އަޔާޒް އޭނައާއިވީ ފަރާތަށް މުޅިންހެން ފަސްއެނބުރި އޭނައަށް ބަލާލިއެވެ.
“ކާކު ބުނީ މަލާކް ތިއީ އަހަންނަށް ޙައްޤުވާ ކަހަލަ އަންބެއްނޫނޭ؟” އަޔާޒް އެވަގުތު ބުނަން އެތައް ވާހަކައަކާއި ކުރަންހުރި އެތައް ސުވާލެއްވިއެއްކަމަކު އެހެން ބުނެލެވުނީ އޭނަގެ ހިތަށް އެންމެ އަސަރުކުރި ތަންކޮޅަކީ އެއީ ކަމަށްވާތީވެއެވެ. އަޔާޒް ބުނެލި ވާހަކައިން މަލާކަށް ހީލެވުނެވެ.
“ޙައްޤުވާ ކަހަލަ އަންބެއްވިއްޔާ ދެން އެ މާ ބޮނޑި ދޭންވީއެއްނު؟” މަލާކް ހިނިތުންވުމަކާއެކީ އެހެން ބުނެލި ހިނދު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. އެހިނދު އަޔާޒްގެ ހިތަށްވެސް ވެރިވި އުފާވެރިކަމާއެކީ އޭނައަށް ހީލެވުނު ވަގުތު އޭނަގެ ލޮލުން ކަރުނަތައް ހިލުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ މަޑުކުރުމެއްނެތި ދިގު ފިޔަވަޅުތަކެއްގައި ގޮސް މަލާކްގެ ކުރިމައްޗަށް ތިރިވެ މަލާކްގެ ގައިގައި ބާރަށް ބައްދާލިއެވެ. ބަދަލުގައި މަލާކްވެސް އަޔާޒްގެ ގައިގައި ބައްދާލި ވަގުތު މަލާކަށް ބާރަށް ހިފޭ އަތާއި ދިމާލުން އަޔާޒްގެ ގަމީހުގައި ރޫތައް ނެގިގެން ދިޔައެވެ.
އެރޭ މަލާކާއި އަޔާޒާއި ދެމެދު ވީހާ ފަރުދާއެއް ނެގި އެމީހުންގެ ޙަޔާތުގައި އާ ބާބެއް ފެށިގެން ދިޔައެވެ. އެދުވަހު ދެމީހުން އެކަކު އަނެކެއްގެ ކައިރީގައި ބުނި ލޯބީގެ ބަސްތައް ދެމީހުންނަށް ވެސް އިޙްސާސް ކުރެވުނީ އެރޭގެ ތެރެއިންނެވެ. އަޔާޒްގެ ކޮންމެ ޙަރަކާތަކުން މަލާކަށް އިޙްސާސް ކުރެވުނީ ލޯތްބާއި އޯގާތެރިކަމެވެ. މަލާކްގެ ކޮންމެ އިސްނެގުމަކުން އަޔާޒަށް އިޙްސާސް ކުރެވުނީ މަލާކް އޭނަ އުފާކޮށްދޭން ބޭނުންވި މިންވަރެވެ. އެ ކުރެވުނު އިޙްސާސްތަކާއެކީ ދެމީހުންނަށް ވެސް އެއްކަމެއް ޔަޤީންވިއެވެ. ދެމީހުން އެކަކު އަނެކަކާއި ވަކިވާން ބޭނުންނުވާކަމެވެ.
އޭގެ އަނެއްދުވަހު ދެމީހުންނަށްވެސް ހޭލެވުނީ ފަތިސް ނަމާދު ވަގުތަށް މަލާކްގެ ފޯނު އެލާމްވާން ފެށުމުންނެވެ. ނިދި ބަރުވެފައި ލޯތައް ހުޅުވަން މަސައްކަތް ކުރަމުން ދަނިކޮށް ނިދިފިލައި ދިޔައީ މަލާކް އޭނަ ކައިރީގައި އަޔާޒް އޮތްތަން ފެނިފައި ސިއްސައިގެން ދިޔުމުންނެވެ. އެއާއެކު ދެމީހުންނަށް އެކުއެކީގައި ހެވެން ފެށިއެވެ.
އާދައިގެ މަތިން އެދުވަހުވެސް އަޔާޒް ފަތިސް ނަމާދަށް މިސްކިތަށް ދިޔައިރު މަލާކް ގޭގައި ނަމާދު ކުރިއެވެ. ނަމާދަށްފަހު ޤުރުއާން ކިޔަވައި ޒިކުރުވެސް ކިޔުމަށްފަހު އެހެން ދުވަސްދުވަހެކޭ ވެސް އެއްފަދައިން މަލާކް އެނދުގައި އިށީނީ އޭނަގެ ފައިގެ ކަސްރަތުތައް ހެދުމަށެވެ. އެ ޙަރަކާތްތައް ގެންނަމުން ދިޔައިރުވެސް މަލާކަށް ހެވިފައި އިނދެވުނީ އަޔާޒާއި އޭނަގެ ހަނދާންތައް ތަކުރާރުކޮށް ހަނދާންވަމުން ދިޔައީތީވެއެވެ. އަޔާޒަށް ވެސް މިސްކިތުން ގެއަށް އައި މަގުމަތީގައި ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައީ ހިތަށްވެރިވެފައިވި އުފާވެރިކަމެއްގެ ސަބަބުންނެވެ. އޭނަ ގެއަށް އައިސް ކޮޓަރިއަށް ވަން ވަގުތު އެނދުގައި އިން މަލާކް އޭނައަށް ފެނުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް އޭނަ ކަސްރަތު ކުރާކަން މަލާކް އަޔާޒަށް އިތުރަށް ފޮރުވަން ބޭނުމެއްނުވުމުން މަލާކް އެ އިންގޮތަށް އިނދެ އޭނަގެ އެއްފައި ހިއްލައި ކަކޫ ސީދަލަށް ބެހެއްޓޭތޯ ބެލިއެވެ. މަލާކަށް އެންމެ ގިނަވެގެން ވެސް އެހެން ހުރެވެނީ 10 ވަރަކަށް ސިކުންތަށެވެ. އެއަށްފަހު މަލާކް ވަރުބަލިވެގެން ފަދަ ގޮތަކަށް ފައި ތިރިކޮށްލެވުނު މަންޒަރު ފެނިފައި އަޔާޒް ވާހަކަ ދެއްކިއެވެ.
“ހާދަ ކުޑައިރުކޮޅަކަށް ތި ހުންނަނީ. ތިހާވަރުން ކުރާނެ ފައިދާއެއް ނުހުންނާނެ.” އަޔާޒް އެހެން ބުނެލަމުން ގޮސް މަލާކްގެ ކުރިމައްޗަށްވާ ގޮތަށް ބިންމަތީގައި އިށީނދެ މަލާކް ދެންމެ ހިއްލި ފައިގެ ތަނބިކަށީގައި ހިފައި އޭނަގެ ކޮނޑުމަތީގައި ފައި ބޭއްވިއެވެ. ފައި ދެންމެ ހުރިގޮތަށް ސީދާވެގެން ދިޔުމުން ކަކުލަށްވީ ކުޑަ ތަދާއެކީ މަލާކަށް ވާހަކަ ދެކެވުނެވެ.
“އައުޗް! ތަދުވެއޭ އަޔާޒް…” އޭނަ އެހެން ބުނިއިރު ތަދު ފިލައިދިޔައެއްކަމަކު އަޔާޒާއި ސަމާސާވެރި ޖަދަލެއްކުރަން ބޭނުންވުމުން އޭނަ ބުނެލިއެވެ.
“ހުމް….އެނގެއޭ. ތަދުކުރަންވެގެންނެއްނު މިއުޅެނީ؟” މަލާކަށް ތަދުވާނެ ވަރު ރަނގަޅަށް އެނގިހުރެ އެ ފައި މަސާޖުކުރަމުން އަޔާޒް ބުނެލިއެވެ. އެއާއެކު މަލާކަށް ލުއިގޮތަކަށް ހީލެވުނެވެ.
“އަސްލު އެނގޭތަ އަޔާޒް؟ މިއީ ކުރީ ދުވަހަކު މަލާކަށް ޔޫޓިއުބުން ފެނުނު އެކްސަސައިޒްތަކެއް މި ހަދަނީ. އެއީ ހަމަ ނުހިނގޭ ކުއްޖަކު ހަދާ ކަސްރަތުތައް. އޭގެއިން ބުނޭ އެ ކަސްރަތުތައް ހެދީމަ އެކުއްޖާއަށް ހިނގިވެސް ދާނެއޭ. އެހެންވެ މަލާކް މިއެއްޗެހި މި ހަދަނީ. ހީވޭ ކުޑަކޮށް ކުރިއެރުންތައް ލިބޭހެން ވެސް. މިހާރު އެނދަށް އަރަން ތެދުވާއިރުވެސް އެހާ ބޮޑަށް ބިރެއްނުގަނޭ. ގޮނޑިން ތެދުވެފަ ރަނގަޅަށް އެނދުގަ އިށީނދޭނެކަމުގެ ޔަޤީންކަމެއް އޮވޭ. ދެން މި މޫވްމެންޓްސްތައް ގެންނައިރު ވެސް މިހާރު ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު. މިހާރު އެކި ގޮތްގޮތަށް ފައި މޫވްކުރާއިރުވެސް ވަރަށް ކުޑަކޮށް ތަދުވަނީ. މީތި ހަދާއިރުވެސް ތަދުނުވެ ހަމައެކަނި ވަރުބަލިވަނީ…” މަލާކް ތަފްޞީލުކޮށް ކިޔައިދިނެވެ.
“އަސްލުވެސްތަ؟” އަޔާޒް ނޭނގޭކަމަށް ހަދަމުން ބުނެލިއެވެ.
“ހުމް….އެކަމަކު މަލާކްގެ ހުރި ބައްޔެއްނޫން ޔޫޓިއުބްގަ އެ ހުންނަ ކުއްޖާގެ އެ ހުންނަނީ. ސެރެބްރަލް ޕަލްސީއެއްނޫން މަލާކްގެ ބައްޔަކީ.” މަލާކް ބުންޏެވެ.
“އެހެންތަ؟ އެހެންވިއްޔާ ދެން ކޮން ބައްޔެއްތަ މަލާކްގެ ތިހުރީ؟” އަޔާޒް އެހެން އަހާލީ ހިސާބެއް ޙައިރާންކަމަކާއި އެކީގައެވެ. މަލާކް އެފަދަ ވާހަކައެއް ބުނަންވީ ސަބަބެއް ނުވިސްނުމުންނެވެ.
“ނޭނގެ މަލާކަށް އެ ބަލީގެ ނަން ކިޔާކަށް. އެ ނަން އޮތް މަލާކްގެ އެމްއާރްއައި ރިޕޯޓުގަ….ވަރަށް ނުރައްކާތެރި ބައްޔެއް އަސްލު މަލާކްގެ ހުރީ. ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރީ. ދުވަސްވާރަކަށް އެ ގެއްލުން ބޮޑުވަމުން ދާނެއޯ ރިޕޯޓުގަ އޮތީ…” މަލާކް ބުނެލި ވާހަކައިން އޭނަގެ ފައިގައި ހިފަމުން ދިޔަ އަޔާޒްގެ އަތުގެ ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. މަލާކް ބުނެލި ވާހަކައިން އޭނަގެ ހަނދާންތައް މީގެ 4 ވަރަކަށް މަސް ކުރިއަށް ދަތުރުކުރިއެވެ. އިންޑިޔާގެ ހޮސްޕިޓަލުގައި އިނދެގެން އޭނަ ލިޔުނު އެމްއާރްއައި ރިޕޯޓެވެ. އެ ރިޕޯޓު ހިފައިގެން ޑޮކްޓަރަށް ދައްކަން އައި މެދު ޢުމުރުގެ ފިރިހެން މީހާއެވެ. ދެންމެ މަލާކް ބުނި ފަދަ ގޮތަކަށް ރިޕޯޓު ބަދަލުކުރަން އެ ފިރިހެން މީހާ އޭނަގާތު އެދުނު ގޮތެވެ. ވިސްނުމެއްގައި އިނދެފައި އަޔާޒަށް ވާހަކަ ދެކެވުނެވެ.
“މަލާކް…..ކާކުތަ މަލާކްގެ އެމްއާރްއައި ރިޕޯޓް އެދުވަހު ގެނެސްދިނީ؟ މި ބުނީ ހޮސްޕިޓަލުން ރިޕޯޓް ނަގަން ދިޔައީ ކާކުހޭ؟” އަޔާޒަށް އަހާލެވުނެވެ.
“ރިޕޯޓް ނަގަން ދިޔައީ ބޮޑުބޭބެ…އަޔާޒަށް ފަހަރެއްގަ އެނގިދާނެ ބޮޑުބޭބެ. ފާރޫޤު ހަސަން ކިޔާނީ. ފްރީސްޓައިލް ފިހާރަ އެނގޭތަ؟ އެ ފިހާރައިގެ ވެރިޔާ.” މަލާކް ބުނެލިއެވެ. ފާރޫޤުގެ ނަން އިވުމާއެކު އަޔާޒްގެ ދެބުމަ ކައިރިވިއެވެ. މަލާކްގެ ރިޕޯޓު ބަދަލުކުރި ކަމުގެ ނުރުހުންތެރިކަން ފާރޫޤަށް އަމާޒުވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނީ ކުރިން ދުވަހަކު ދޮންބެ ހަމަ އެ ފާރޫޤުގެ ވާހަކަ ދެއްކިހެން ހީވި ހީވުމާއި އެކީގައެވެ.
ނުނިމޭ