Vaudhu (Part 43)
“އަޔާޒް! އަޔާޒް ވަރަށް އަވަހަށް މަލޫ ހުރި ތަނަކަށްދޭ! މަލޫވަނީ ނުރައްކަލެއްގެ ތެރޭގަ. އިތުރަށް ކިޔައިދެވޭކަށް ނެތް އަޔާޒް އާދޭސްކޮށްފަ މި ބުނަނީ އެ ކަނބުލޮ ސަލާމަތްކޮށްދީ!” ބައްޕަ ހަރުއަޑުން އެ ބަސްތައް ބުނެލިއިރު އެ އަޑު ރޫރޫއަޅައިގެން ދިޔަ ގޮތުން އަޔާޒްގެ މެއަށް ވެސް ގޮތެއްވިއެވެ. މަލާކަށް ގޮތެއްވެދާނެކަމުގެ ޚިޔާލުން ވެސް އޭނަގެ ސިކުނޑީގެ މަސައްކަތް ހުއްޓެން އުޅުނުހެން ހީވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި އޭނަ ސުވާލެއްވެސް ކުރުމެއްނެތި ފޯނު ކަނޑާލަމުން ގޮނޑިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި އެ ރޫމުން ނިކުމެގެން ދިޔައެވެ.
ހޮސްޕިޓަލުން ނިކުމެގެން ގޮސް ކާރަށް އެރި ވަގުތުވެސް އަޔާޒްގެ ސިކުނޑީގައި އެކިއެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. މަލާކަށް އެންމެ ގޯސް ގޮތްތައް މެދުވެރިވާ މަންޒަރު ލޮލަށް ސިފަވަމުން ދިޔަދިޔަހެން ޙަރަކާތްތައް އަވަސް ކުރެވެމުން ދިޔައެވެ. މަލާކްގެ ބައްޕަ ވެގެން އުޅޭ ގޮތެއް އެވަގުތު ކިޔައިދެވެން ނެތްކަމަށް ބުންޏެއްކަމަކު އަޔާޒަށް ކާރު ތެރެއިން އަނެއްކާވެސް ބައްޕައަށް ގުޅާލެވުނީ މަލާކަށް ވީގޮތް ޔަޤީންނުވެ އޭނައަށް މާ ގިނައިރު ބަރުދާސްތު ނުކުރެވޭނެހެން ހީވުމުންނެވެ.
“ބައްޕާ ކިހިނެއްތަވީ މަލާކަށް؟ އަހަރެން މިހާރު މިހިރީ މަލާކްގެ އޮފީހަށްދާ މަގުމަތީގަ.” އަޔާޒް އޭނަ ޢާއްމުގޮތެއްގައި ކާރު ދުއްވާ ސްޕީޑަށްވުރެ މަތީގައި ކާރު ދުއްވަމުން ދިޔައީ ކިރިޔާވެސް ކުރިމައްޗަށް އަރައިފިނަމަ ނުރުހުންތެރިކަމާއެކީ ބަރުގޮނު އަޅަމުންނެވެ.
“މައުވާ އެބަހުއްޓޭ ތިކޮޅުގަ އަޔާޒް….މައުވާ އުޅެނީ މަލާކްއަށް ދެރަގޮތެއް ހަދަން. ދެންމެ ބައްޕަ މައުވާއަށް ގުޅީމަ އެކަހަލަ އިންޒާރެއް ދިނީ.” މަޒީދު ދެންވެސް ނުތަނަވަސްކަން ނުފިލާ އަޑަކާއެކީ ކިޔައިދިނެވެ.
“މައުވާއޭ؟ ކޮން މައުވާއެއް؟ އައިޝަތު މައުވާ މަޒީދު…..ތަ؟” މައުވާގެ ނަން އިވިފައި އަޔާޒްގެ ލޮލަށް ސިފަވި ސޫރައިން އޭނައަށް ސުވާލުކުރެވުނެވެ. އެ މައުވާއަކު މަލާކަށް ޙަސަދަވެރިވާންވީ ސަބަބެއް އެބައޮތްކަން އެނގުންވުމާއި ވެސް އެކީގައެވެ. މައުވާގެ ފުރިހަމަ ނަން އޭނައަށް ކިޔާލެވުނީ މަލާކްގެ ބައްޕައަށް މައުވާ އެނގޭނީ ކިހިނެއްތޯ ހިތް ސުވާލުކުރުމުންނެވެ. އެހެނަސް އެ ނަން ފުރިހަމަ ކުރެވުނު ހިނދު އެނގުންވި އެނގުންވުމާއެކު އޭނައަށް ކުޑަ ސިހުމެއް ލިބޭ ގޮތްވިއެވެ.
“އާނ އަޔާޒް….އައިޝަތު މައުވާ މަޒީދު. އަޔާޒް ރައްޓެހިވެގެން އުޅުނު މައުވާ. އަޔާޒަށް ވެސް އެނގޭނެ މައުވާގެ ގޮތް. މިވަގުތު އޭނަ ހުރީ މަލާކަށް ވަރަށް ރުޅި އައިއްސަ. މަލާކަށް ކޮންމެ ފަދަ ކަމެއް ކޮށްލަން ވެސް އޭނަ ޖެހިލުމެއްނުވާނެ. މަލާކްގެ ފުރާނަ….” މަޒީދުގެ ވާހަކަ އެހާ ހިސާބުން މެދުކެނޑިގެން ދިޔައެވެ.
“އަހަރެން ދުނިޔޭގަ ހުއްޓާ އޭނަ އަތުން މަލާކަށް ގެއްލުމެއްވިޔަ ނުދޭނަން އިން ޝާ ﷲ!” މައުވާއާއިމެދު ހިތުގައި އުފެދުނު ރުޅިވެރިކަމާއެކީ ބުމަގޮށްޖެހުނު ވަގުތު އަޔާޒަށް ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ވަގުތުން ފޯނު ކަނޑާލީ މަލާކާއި ހަމައަށް ދިޔުމަށް އޭނަ ކުރަމުން ދިޔަ ދަތުރަށް ހުރިހާ ސަމާލުކަމެއް ދިނުމަށެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު އަޔާޒްގެ ކާރު ގޮސް މަލާކްގެ އޮފީސް ހުންނަ ފިހާރަ ކުރިމައްޗަށް މަޑުކުރިއެވެ. ކާރު ޕާކްކުރެވުމާއެކު އަޔާޒް ކާރުން ފައިބައިގެން ދިގު ފިޔަވަޅުތަކެއްގައި ގޮސް ޢިމާރާތުގެ ތެރެއަށްވަނެވެ. އަޔާޒް އެތާ ކައުންޓަރު ކައިރީގައި ތިބި ކުދިން ކައިރިން ވެސް ނުދަންނަ މީހަކު މަތީ ބަޔަށް ދިޔަތޯ ސުވާލުކުރަން އުޅުނެއްކަމަކު ފިހާރައަށް ވިޔަފާރިކުރަން އައިސްފައި ތިބި މީހުން ތިބީތީ އެތާނގައި އެވާހަކަ ނުދައްކަން ޚިޔާރުކުރިއެވެ. އޭގެ ބަދަލުގައި އެ ދިޔަ ގޮތަށް ގޮސް މަތީ ބަޔަށް ދިޔުމަށްޓަކައި ލިފްޓާއި ދިމާލަށް ދާންފެށިއެވެ. އެހެނަސް ހަމަ އެވަގުތު އެއްފަރާތަކުން އިވުނު ވާހަކައިން އޭނަގެ ސަމާލުކަން އެދިމާލަށް ދިޔައެވެ.
“ދެން މިހާރު މަތީ ބައިގަ އެއްވެސް ވަރަކަށް ކަރަންޓެއް ނެތީތަ؟ ލިފްޓުތައް ވެސް ވޯކެއްނުކުރޭ؟” އަޔާޒް ބަލާލިއިރު މާރކެޓިންގް ބައިގައި މަސައްކަތް ކުރާ އަންހެން ކުއްޖަކު އެ ސުވާލުތައް ކޮށްލީ މަލާކާއި އެންމެ ގާތުން މަސައްކަތްކުރާ މާނާ ކައިރިންނެވެ.
“އާނއެކޭ! އަނެއްހެން ކުޑަކަމެއްދޯ އަހަރެން ކޮށްލަން މިޖެހުނީ؟ މިތަނުން މަތީ ބައިގެ ކަރަންޓު ކަނޑާފަ މަތީ ބައިގެ ތަނުން ލިފްޓުތައް ހުއްޓުވުން. އެކަމަކު 25 ކޭ ލިބުނޭ މިކަމަށް! ކޭން ޔޫ ބިލީވް އިޓް؟!” މާނާ ވައި އަޑުން އެ ވާހަކަ ބުނެލީ ނުހަނު އުޖާލާވި ހިނިތުންވުމަކާއި އެކީގައެވެ. އެހިނދު އަޔާޒްގެ ގޮށްމުއްކެވި އޭނަގެ ދަތްކުނޑި ވިކުނެވެ.
“ތި ލިބުނު 25 ކޭ އަށް ވަރަށް ބޮޑަށް މަރުޙަބާ!! ދެން ކަލޭ މި ފުރާޅު ދަށުގަ ހުރެގެން ކުރާ އެންމެ ފަހު ކަމަކަށް ތި ސްޓޯރ ރޫމަށް ވަދެގެން ގޮއްސަ މަތީ ބަޔަށް ކަރަންޓު ފޮނުވާ! އަހަރެން މިވަގުތު މައްޗަށްދާއިރު އެތާނގަ ކަރަންޓު ނެތިއްޔާ މިވަގުތުން މިވަގުތަށް ވެސް ކަލޭ ޖެހިދާނެ ކުޑަ ގޮޅިއަކަށްދާން!” އަޔާޒް އައި ރުޅީގައި އޭނައަށް ހަރު އަޑަކުން ވާހަކަ ދެކެވުނެވެ. އޭގެ ސަބަބުން ފިހާރައިގައި ތިބި މީހުންގެ ނަޒަރުތައް އޭނައާއި މާނާއަށް ވެސް އަމާޒުވާ ގޮތްވިއެވެ. މާނާ ހުއްޓުން އަރައި ނުތަނަވަސްވެފައި ހުންނަން ފެށުމުން އަޔާޒް ވީ އިތުރު ނުރުހުމުގައި ހަރުއަޑުން ދާށޭ ބުނެލުމުން މާނާ ދެވަނަ ވިސްނުމެއްނެތި އޭނަގެ ފުރަގަހަށްވާ ގޮތަށް ހުރި ސްޓޯރ ރޫމާއި ދިމާލަށް ދާން ފެށިއެވެ. މާނާ ސްޓޯރ ރޫމަށް ވަން މަންޒަރު ފެނިފައި އަޔާޒަށް އަނެއްކާވެސް ލިފްޓާއި ދިމާލަށް ދެވެން އުޅުނެވެ. އެހެނަސް ލިފްޓު މަސައްކަތް ނުކުރާ ކަމާއި ތިރީގެ ބަޔަކުން ލިފްޓު ރަނގަޅު ނުވެސް ކުރެވޭނެކަން އެނގުންވުމުން އަޔާޒް ދިގު ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާލަށް ދިޔައީ އޭނައަށް އަމާޒުވެފައިވި ނަޒަރުތަކަށް ސަމާލުކަން ދިނުމެއްނެތިއެވެ.
“މަލާކަށް ހީވަނީ މަލާކް މިހާރު މިހިރީ ސިޑީގެ ކައިރީގަހެން. ތިކުއްޖާވެސް އެކި ތަންތާނގަ އަތްޖައްސަމުން މިތަން ހޯދާލަބަލަ ވަރަށް އަވަހަށް.” މަލާކް ވެއްޓިދާނެތީ ދެއަތުން ރެއިލިންގްގައި ބާރަށް ހިފަހައްޓައިގެން ހުރެ އެދުނެވެ. އެއާއެކު މަލާކް މި ޙާލަތުގައި ވެސް އޭނަ ހީކުރި ވަރަށްވުރެ ކުރި އަރައިގެން ދިޔުމުން އޭނަ އައީ އަމަށަކު ރުޅިއެއްނޫނެވެ. ހަމަ އެހިނދު އޭނަގެ ފޯނަށް މެސެޖެއް އައުމުން އެ އަނދިރީގެ ތެރެއިން އޭނަގެ ފޯނު ދިއްލިގެން ދިޔައެވެ. މާނާގެ ފަރާތުން އައި މެސެޖުގައި އަޔާޒް ސާރ ޢިމާރާތަށް އައިސްފައި ކަރަންޓު ފޮނުވަން އެންގި ވާހަކަ ކިޔާލެވުނު ވަގުތަކީ މުޅި އެތަން އަލިވެގެން ދިޔަ ވަގުތެވެ. އެއާއެކު ފަސްއެނބުރި އޭނައަށް ބަލާލި މަލާކްގެ ސޫރަ ފެނުމާއެކު އޭނައަށް ކުރެވުނު ނާކާމިޔާބީގެ އިޙްސާސާއެކީ އައި ރުޅީގައި އޭނައަށް ކުރިއަށް ޖެހިލަމުން ގޮސް މަލާކްގެ ކަރުގައި ހިފާލިއެވެ.
“މިއަދު ހަމަ މަރާލާނަން ކަލޭ!” މައުވާ އެހެން ބުނެލަމުން މަލާކްގެ ކަރުގައި ހިފާފައިވި އަތަށް އިހުނަށްވުރެ ބާރުކޮށްލީ ދުވަހަކުވެސް ރުޅިނާންނަ ވަރަށްވުރެ ބޮޑަށް ރުޅި އައިސްފައިވާ ޙާލުގައެވެ. މަލާކަކީ ކުޑައިރުއްސުރެ އޭނައަށް ދިމާވިހާ ހިތާމަތަކެއްގެ އަސްލުކަމަށް ހިތާހިތުން ނިންމަމުން ދިޔައީ އޭނައާއި އޭނަގެ މަންމަ ރުއި ރުއިންތަކާއެކީ އަޔާޒް ވެސް އޭނައާއި ވަކިވެގެން ދިޔަގޮތް ހަނދާން ކުރަމުން މަލާކަކީ އޭނަގެ ކޮއްކޮއެއްކަމުގެ ޙަޤީޤަތަށް ހިތާހިތުން ފަސްއަޅަން މަސައްކަތް ކުރަމުންނެވެ. އެހެނަސް މަލާކް ކެއްސަން ފެށުމާއެކު އޭނަގެ އަނގައިން ހުދުކުލައިގެ ފޮނުތައް އަންނަން ފެށި ވަގުތު ހިނދުކޮޅަކަށް ނަމަވެސް މިއީ އޭނައާއި ގާތްކުއްޖެއް ކަމުގެ އިޙްސާސް ކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ކަރުގައި ހިފިފައިވި އަތަށް ދުލެއް ދެވުނީ ލިބުނު ޝޮކާއެކީ ހިތުގައި އުފެދުނު ކުލުނެއްގެ ސަބަބުން ވެސްމެއެވެ. އެހެނަސް އިސާހިތަކު ޖާމިޒް ބުނި ބަސްތައް ހަނދާންވެފައި އޭނަ އެ ޝޮކާއި ކުލުނުގެ މަތިން ހަނދާން ނައްތާލުމަށްފަހު މަލާކް ގެނެސް ސިޑީގެ ކައިރީގައި ބެހެއްޓީ އަނެއްކާވެސް އޭނަ މަލާކަށް ނަފްރަތު ކުރަންވީ ސަބަބުތަކުގެ މަތިން ހަނދާން ކުރަމުންނެވެ. އޭނަ ބަލަބަލާ ހުއްޓާ މަލާކް އެއްފަރާތަކަށް ވެއްޓެން އުޅުނު ވަގުތު ހިފަން ހިތަށްއެރިއެއްކަމަކު އޭނަގެ ދެއަތް މުއްކަވައިގެން ހުރީ އެ ނުބައި މިއަދު ހަދަން ގަދަ އަޅައި ޢަޒުމެއް ކަނޑައަޅަމުންނެވެ. އެހެނަސް އިސާހިތަކު އަޔާޒް ހަރު އަޑުން މަލާކްގެ ނަމުން ގޮވާލި އަޑަށް މައުވާއަށް އެދިމާލަށް ބަލާލެވުނީ ސިހުމަކާއި އެކީގައެވެ. އޭނަ ހުރި ގޮތަށް ހުއްޓާ އަޔާޒް އޭނަގެ ފައިގައި ހުރި ބާރު މިނެއްގައި އައިސް ވެއްޓެން އުޅުނު މަލާކްގެ ގައިގައި ހިފަހައްޓާލިއެވެ. އަދި އޭގެ ދެވަނަ ސިކުންތުގައި ކަންބޮޑުވުމާއެކީ މަލާކްގެ ނަމުން ގޮވަމުން އެ ހުރި ދިމާލަށް މަލާކް ޓައިލްސް މަތީގައި ސީދަލަށް ބޭއްވިއެވެ. އެހިނދު މަލާކްގެ ހަތަރެސްފަޔަށް އިންތިހާއަށް ބާރުލެވިފައިވީއިރު ރުއިމުގެ ސަބަބުން ދުޅަވެފައިވި ދެލޯ ބޮޑުވެ ދެދަތްޕިލަ ޖައްސައިގެން އޮތް ޙާލު މަލާކަށް ހަޅޭކެއްވެސް ލެވެމުން ދިޔައެވެ.
“މަލާކް ޕްލީޒް….އަވަހަށް ރަނގަޅުވެލައްޗޭ ޕްލީޒް…..” އަޔާޒް މަލާކްގެ ކައިރީގައި ޓައިލްސް މަތީގައި އިށީނދެ މަލާކްގެ ބޮލުގައި ފިރުމަމުން އެހެން ބުނެލި ވަގުތު އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އޭނަ ބޮޑަށް ދެރަވީ މަލާކްގެ އެ ޙާލަތް ރަނގަޅު ކުރުމަށްޓަކައި އޭނައަށް އެވަގުތު ކުރެވޭނެ އޮތްކަމެއް ނެތްކަން އެނގުންވުމުންނެވެ. ނަގައިގެން އެހެން ތަނަކަށް ގެންދަން އުޅެފިނަމަ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެއެވެ. އެހެންކަމުން މިވަގުތު އޭނައަށް ކުރެވެން އޮތްހާވެސް ކަމަކީ މަލާކްގެ އެ ޙާލަތު ހިތަށް ބަދަލުވަންދެން އިންތިޒާރު ކުރުމެވެ. އަދި މި ޙާލަތު ނިމިގެން ދާއިރު މަލާކް ޞައްޙަ ސަލާމަތުން ހުންނާނެ ކަމަށް އުއްމީދު ކުރުމެވެ. މިފަދަ ޙާލަތަކަށްފަހު މަލާކަށް އަމިއްލައަށް ވިސްނެން ފަށާ ވަގުތު ކުރިމަތިވެދާނެ ނޭދެވޭ ކަންތައް އޭނަގެ ސިކުނޑިއަށް ވެރިވާން ފެށި ހިނދު އޭނައަށް ބޯހޫރުވެން ފެށިއެވެ. ހަމަ އެހިނދު އެތާ ހުއްޓި ހުރި މައުވާ ޗޮއްކަނޑަން ފެށުމުން އަޔާޒަށް އެދިމާލަށް ބަލާލެވުނެވެ.
“އަޔާޒް އަހަރެން ދޫކުރީ ހަމަ ތި ނުކުޅެދުންތެރި އަދި ބިރުވެރި ކުއްޖާއާއެކީ އުޅެންތަ؟” މައުވާ ސުވާލުކުރިއެވެ. އެއަށްފަހު އޭނަ މަލާކަށް އަމާޒުވާ ފަދައަކުން އިނގިރޭސި ނުބައި ބަހެއް ކިޔާލި ގޮތުން އަޔާޒަށް އޭނަގެ ހިތާމައިގެ ތެރެއިން ވެސް ދަތްކުނޑި ވިކުނެވެ.
“މަ ދުވަހަކުވެސް ކަލެއަށް މަޢާފެއް ނުކުރާނަން މިކަމަށްޓަކައި…..ހިތުން މިހެން ހެދީ އަހަރެން މަލާކް މަތިން ފޫހިވާނެ ކަމަށްތަ؟ ނޫން! އަހަރެންގެ ހިތުގައި މަލާކަށްޓަކައިވާ ލޯބި އަދިވެސް އެގޮތުގަ އެބަހުރި. ޙަޤީޤީ ލޯތްބެއް ވެވުމަކީ ކޮބައިކަމާއި އެފަދަ ލޯތްބެއް ލިބިގަތުމަކީ ކޮބައިކަން އަހަންނަށް ދަސްވީ މަލާކްގެ ފަރާތުން. އެހެންވީމަ ރަނގަޅުވާނީ މައުވާ ނުވާން އޮތްކަމެއް ކުރަން ނޫޅުނިއްޔާ. ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދުވަހެއްގެ ކޮޅުން ވެސް މަލާކް ދުލެއް ނުކުރާނަން!” އަޔާޒް ސާބިތުކަމާއެކީ އަންގާލިއެވެ. އަޔާޒްގެ އެ ބަސްތަކަށްފަހު ނުރުހުންތެރިކަމާއެކީ އަޔާޒަށް ބަލަން ހުރުން ނޫންކަމެއް މައުވާއަށް ނުކުރެވުނެވެ. އެމީހުން ތިބި ގޮތަށް ތިއްބާ ކުއްލިއަކަށް މަލާކްގެ އަޑު ކެނޑި މަލާކް ހިމޭންވެގެން ދިޔުމުން ދެމީހުންނަށް ވެސް މަލާކާއި ދިމާލަށް ބަލާލެވުނެވެ. އެހިނދު ހަނި ކުރެވިފައިވި މަލާކްގެ އެސްފިޔަތަކުގެ ދޭތެރެއިން މަލާކް ލަސްލަހުން ކަޅި ހިންގާލި މަންޒަރު ފެނުނެވެ.
“މަލާކް! މަލާކް ހޭލާ…..ލޯ ނުމަރައްޗޭ! އަހަންނަށް ބަލާ މަލާކް. އެބަ އިނގޭތަ މިއީ ކާކުކަން؟” އަޔާޒް މަލާކް ކައިރިއަށް ގެނެސް އޭނަގެ އަތުތެރެއަށް ލައި ތަޅުވަމުން ސުވާލުކުރިއެވެ. އެހެނަސް އޭނަ ގެ ސުވާލުތަކަށް ނިމުމެއް އައި ތަނާހެން މަލާކްގެ ލޯ މެރި އަޔާޒްގެ އަތުތެރެއަށް އޭނަގެ ހޭނެތުނެވެ. އެއާއެކު އަޔާޒަށް ގެނބިގެން ދިޔަ ހިތަކާއެކީ ހަރުވަމުން ދިޔަ އަޑަކުން ތަކުރާރުކޮށް މަލާކްގެ ނަމުން ގޮވައި މަލާކް ތަޅުވަމުން ދިޔައެވެ. އެހެނަސް މަލާކް ހޭނޭރުމުން އަޔާޒް ފެންކަޅިވެފައިވި ދެލޮލާއެކީ މަލާކްގެ އެއްއަތް ނަގައި ވިންދު ބަލާލިއެވެ. އިންތިހާއަށް ދަށްވެފައިވި ވިންދެއް އިޙްސާސް ކުރެވުމުން އަޔާޒަށް އަވަސްއަވަހަށް އޭނަގެ ފޯނު ނަގައި ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.
“ކުއީންސް ޝޮޕްއަށް ހުރިހާ އިކުއިޕްމެންޓްތަކާއެކީ ހުރި އެމްބިއުލާންސެއް ފޮނުވާ ވަރަށް އަވަސް!!!” އަޔާޒަށް އެއްނޭވައިން އެ ހުރިހާ ވާހަކައެއް ބުނަމުން ފަހު ދެ ބަސް ބުނެލެވުނީ އަޑުގެ ކޮޅަށެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފޯނު ޖީބަށްލަމުން މަލާކް އޭނަގެ އަތްދަނޑިމައްޗަށް އުފުލަމުން ތެދުވެލިއެވެ. އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ތިރިއަށް ދާން އަވަސްވީއިރު ވެސް މައުވާ އޭނަގެ ރުޅިވެރި މޫނާއެކީ ހުރިގޮތަށް ހުއްޓެވެ.
ޙާލަތުގެ ގޮތުން ލިފްޓު ރަނގަޅުކުރަން ހަނދާނެއްވެސް ނެތި އަޔާޒަށް ސިޑިން މަލާކާއެކީ ފިހާރައިގެ އެންމެ ތިރީ ފްލޯއަށް އާދެވުނުއިރު އެމްބިއުލާންސްގެ އަޑު އިވެއެވެ. އަޔާޒް އެންމެ ސިކުންތަކަށް ވެސް މަޑުނުކޮށް އޭނަގެ ފައިގެ ވަރުބަލިކަމުގެ މަތިން ވެސް ހަނދާން ނައްތާލަމުން މަލާކް އަމިއްލަ ދެއަތުން އެމްބިއުލާންސަށް އަރުވައި އަމިއްލައަށް ވެސް އެއަށްއެރިއެވެ. އެއަށްފަހު އޭގެ ތެރޭގައި ތިބި ނަރުހުންނާއެކީ އޭނަވެސް މަލާކަށް ފަރުވާކުރަން ފެށިއެވެ. އެމްބިއުލާންސްގެ ތެރެއިން ވެސް މަލާކްގެ ވިންދާއި ނޭވާ ރަނގަޅުވާން ފެށުމުން އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެއްކަމަކު އޭނަ ދެންވެސް ވީ ކަންބޮޑުވުމެއްގެ ތެރޭގައެވެ. މިފަދަ ޙާލަތަކަށްފަހު ބަލި މީހެއްގެ ސިކުނޑިއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް އޭނައަށް އެނގޭތީވެއެވެ. ހަނދާން ބަލިވުމުން ފެށިގެން ސިކުނޑި އެއްކޮށް ގޯސްވުމާއި ހަމައަށް ކޮންމެ ފަދަ ކަމެއްވެސް ދިމާވުމުގެ ފުރުޞަތު އެބައޮތެވެ. މަލާކަށް އެފަދަ ގޮތެއް މެދުވެރި ނުކުރެއްވުމަށް އެދި އޭނައަށް ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ.
އެމްބިއުލާންސްގައި މަލާކް ހޮސްޕިޓަލަށް ގެނެވުނުއިރު އޭނަގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން މަލާކް ވޯޑަކަށް ފޮނުވާލަން އެހެނިހެން ޑޮކްޓަރުން ވެސް އެއްބަސްވިއެވެ. އެހެންކަމުން އަޔާޒް ހޮސްޕިޓަލުގެ ޕްރައިވޭޓް ވޯޑެއްގައި މަލާކް އެޑްމިޓްކުރިއެވެ. އެޑްމިޓް ކުރުމުގެ ހުރިހާކަމެއް ނިމުނުއިރު މަޣްރިބް ނަމާދު ވަގުތުވެފައިވުމުން އޭނަ ނަރުހެއްގާތު މަލާކަށް ނަޒަރު ދޭން އެންގުމަށްފަހު ހޮސްޕިޓަލުގެ ކައިރީގައި ހުރި މިސްކިތަށް ނަމާދަށް ދިޔައެވެ. ނަމާދަށްފަހު ވެސް މަލާކަށްޓަކައި އެތައް ދުޢާއެއް ކުރެވުނެއްކަމަކު ނަމާދުން ފައިބައިގެން ވޯޑަށް ދިޔަ މަގުމަތީގައި ވެސް އޭނައަށް ހިތާހިތުން ތަކުރާރުކޮށް ދުޢާ ކުރެވެމުން ދިޔައެވެ. ނަމާދުކޮށްގެން އަޔާޒް އަނބުރާ އައިއިރު ދޮންބެއާއި ބޮޑުމަންމަ އެ ޚަބަރުވެގެން މަލާކް ބަލަން އައިސްފައިވިއެވެ. އަޔާޒް ވީ ކަންބޮޑުވުމުގެ ތެރޭގައި އޭނަ އެމީހުންނަށް ގުޅަން ހަނދާނެއްވެސް ނެތީއެވެ. އަޔާޒް ވޯޑުގެ ތެރެއަށް ވަނުމާއެކު އެމީހުންގެ ސުވާލުތަކާއި އޭނަ ކުރިމަތިވިއެވެ. އެހެނަސް އެވަގުތު އެ ހުރިހާ ވާހަކައެއް ކިޔައިދޭނެހާ ހިތްވަރެއްވެސް ނެތުމުން އޭނަ ބުނެލީ އެއީ ބަޔަކު މީހުން ރޭވިކަމެއްކަމަށެވެ. އިތުރަށް ވެސް ދޮންބެ ސުވާލުކުރަން ފެށުމުން އޭނަ ފަހުން ކިޔައިދޭނެ ވާހަކަ ބުނެލި ގޮތުން އަޔާޒްވީ ކިހާ ބޮޑު މާޔޫސްކަމެއްގެ ތެރޭގައިކަން ދެމީހުންނަށް ވެސް ނަގައިގަނެވުނެވެ. އެހެންކަމުން އެމީހުން ވަކި އިތުރު ސުވާލެއް ނުކުރިއެވެ. އަޔާޒްގާތު އިރުކޮޅަކަށް ގެއަށް ގޮސްފައި އައުމަށް ވެސް ބޮޑުމަންމަ އެދުނެއްކަމަކު އޭނަ އެގޮތާއިމެދު ހިތްހަމަނުޖެހުނެވެ. މަލާކާއި ދުރަށް ގޮސްފިނަމަ މަލާކަށް ވެދާނެ ގޮތާއިމެދު ވިސްނައި އޭނަގެ ހިތަށް އުދަގޫވުން ނޫންކަމެއް ނުވާނެކަން ދަނެގެން އަޔާޒް އިންކާރު ކުރީ ސަބަބުވެސް ކިޔައިދީފައެވެ. އެހެންކަމުން އެންމެ ފަހުން ދޮންބެއާއި ބޮޑުމަންމަ ހަތިޔާރު ބަހައްޓާފައި ގެއަށް ދިޔައީ ގޭގައި ތިބި ދެކުދިން ބަލަން އިމްތިޙާންތަކަށް ތައްޔާރުވަމުން ދިޔަ ހައިފާއާއި އަނުމްއަށް ދަތިވާނެތީވެއާއި އެކީގައެވެ. އަދި މަލާކަށް ބޭނުންވާނެ އެއްޗެހި ތައްޔާރުކޮށް ފޮނުވުމަށްޓަކައި ވެސްމެއެވެ.
އެރޭގެ ޢިޝާ ނަމާދު ވަގުތު ފާއިތުވެގެން ދިޔައިރު ވެސް މަލާކް ހޭނޭރުމުން އަޔާޒް ކަންބޮޑުވުން ނޫންކަމެއް ނުވިއެވެ. އޭނައަށް ދޭތެރެދޭތެރެއިން ޑޮކްޓަރ ނަޒީހަށް ގުޅައި އެކިއެކި ސުވާލުތައް ކުރެވެމުން ދިޔައީ އެހެންވެއެވެ. އެހެނަސް އޭގެއިން ކޮންމެ ފަހަރަކު ޑޮކްޓަރ ނަޒީހް މަލާކް ހޭއަރާނެކަމަށް ލަފާކުރެވޭ ވާހަކަ ބުނަމުން ދިޔަގޮތުން އޭނަގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއްވިއެވެ. މަލާކް ހޮސްޕިޓަލަށް ގެނެވުނީއްސުރެ ނަމާދަށް ދިޔުން ފިޔަވާ މަލާކަށް ބަލަހައްޓައިގެން އިނުން ނޫންކަމެއް އަޔާޒަށް ނުކުރެވެއެވެ. ރޭގަނޑު 9 ޖަހައި ބޮޑުވީވެސް އޭނަ މަލާކް އޮތް އެނދު މައްޗަށް އަރައި އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން މަލާކްގެ ބޮލުގައި ފިރުމަން އިންދައެވެ. ހަމަ އެވަގުތު އޭނަގެ ފޯނު ރިންގުވާން ފެށުމުން އަޔާޒަށް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. ސްކްރީނުން ނުދަންނަ ނަންބަރެއް ފެނިފައި އަޔާޒް ޙައިރާންކަމެއްގެ ތެރޭގައި ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“އަޔާޒް! މިއީ ބައްޕައޭ…..ބައްޕަ މިހާރު މިހިރީ މާލޭގަ. މަލާކް ރަނގަޅުތަ؟” އެކޮޅުން ބައްޕަގެ އަޑުއައިއިރު ފްލައިޓްތަކުގެ އަޑުވެސް އިވެމުން ދިޔަ ގޮތުން ބައްޕައަށް އާދެވުނީ ދެންމެކަން އެނގުންވިއެވެ. ހަމަ އެއާއެކު އޭރު އޭނައަށް އެ ޚަބަރު ދިނުމާއެކު ބައްޕަ ފުރަން ގޮސްގެން ނޫނީ މިހާއިރުވާއިރު ބައްޕައަށް ނާދެވޭނެކަން ވެސް އޭނައަށް އެނގުނެވެ.
“މަލާކް…..ރަނގަޅު ބައްޕާ! އެ މައުވާއަކު ހަމަ އަސްލުވެސް ބޭނުންވީ މަލާކަށްވީ އެންމެ ނުބައިކޮށް ކަންތައް ކުރަން. އެކަމަކު އަހަންނަށް ރަނގަޅު ވަގުތަށް ދެވުނު އެތަނަށް އަލްޙަމްދުލި ﷲ! ދިމާވި ގޮތުން މިވަގުތު މަލާކް އޮތީ ހޮސްޕިޓަލުގަ ބާއްވާފަ. ހެއެއްނެތް އަދިއެއް. އެކަމަކު އެއީ ކަންބޮޑުވާންވީ ކަމެއް ނޫން. ހުރިހާ ކަމެއް ރަނގަޅުވާނެ އިން ޝާ ﷲ! ބައްޕަ އަންނަންވީއެއްނު ސީދާ މިތަނަށް؟” އަޔާޒް ބުނެލިއެވެ. އެއާއެކު އެކޮޅުން މަޒީދު އިތުރު ސުވާލުތަކެއްނުކޮށް އާނއެކޭ ބުނެލަމުން ހޮސްޕިޓަލުގެ ނަން ހޯދިއެވެ. އެއަށްފަހު މަލާކް ރަނގަޅަށް ބެލުމަށް އެދުމަށްފަހު ފޯނު ކަނޑާލިއެވެ. އަޔާޒް ފޯނު ކަނޑާލަމުން ކަންފަތުން ނަގާލި ވަގުތު މަލާކްގެ މެރިފައިވި ދެލޯ ތަގުޅި ވި މަންޒަރު އަޔާޒަށް ފެނުނެވެ. އެއާއެކު އޭނައަށް ވައި އަޑުން މަލާކްގެ ނަމުން ގޮވާލަމުން މަލާކްގެ މޫނުގައި އެއްއަތުން ހިފަހައްޓާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭރުވެސް މަލާކްގެ ދުޅަވެފައިވި ލޯ ލަސްލަހުން ހުޅުވިގެން ދިޔައެވެ. ލޯ ހުޅުވިގެން ދިޔުމާއެކު އެ ލޯ އަޔާޒަށް އަމާޒުވުމުން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“މަލާކް ރަނގަޅުތަ؟” އަޔާޒް ކުރަން ކިތަންމެ ގިނަ ސުވާލެއްވިއެއްކަމަކު އެވަގުތު ވައި އަޑުން އަހާލެވުނީ ހަމައެކަނި އެހެންނެވެ. މަލާކް ދެންވެސް އުދަގޫވެގެން އުޅޭ ފަދައަކުން ލޯ މަރާލުމަށްފަހު ހުޅުވާލަމުން ހޫންލައްވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކް އަޔާޒަށް ބަލާލުމާއެކު އޭނަވެސް ކަންބޮޑުވުމަކާއެކީ ތެދުވަން އުޅުމުން އަޔާޒަށް ޙައިރާންކަމާއެކީ މަލާކްގެ ނަމުން ގޮވަމުން މަލާކްގެ ދެކޮނޑުގައި ހިފަހައްޓައި ތެދުވެ އިންނަން އެހީވިއެވެ.
“އަޔާޒް ރަނގަޅުވީތަ؟ ބޮލަށް އެއްވެސް ގޮތެއްނުވޭދޯ އަސްލު؟ ނޭވާ އެބަ ލެވޭދޯ؟ ހުރިހާކަމެއް ރަނގަޅުދޯ؟” މަލާކް އިސާހިތަކު ކަރުނުން ފުރިގެން ދިޔަ ދެލޮލާއެކީ އަޔާޒްގެ ބޮލުގައައާއި މޫނުގައި އަތްލަމުން އަވަސްއަވަހަށް ސުވާލުކުރިއެވެ.
“މަލާކް ކީކޭތަ ތި ކިޔަނީ؟ އަހަންނަށް އެއްވެސް ކަމެއް ނުވެއޭ.” އަޔާޒް ހިނިތުންވާން މަސައްކަތް ކުރަމުން ބުނެލިއެވެ.
“މާނާ….މާނާ ބުނީ ފިހާރައިގެ ކުރިމަތިން އަޔާޒްގެ އެކްސިޑެންޓެއް ވިއްޔޭ….ވަރަށް ބޮޑުވަރުވެފަ ނޭވާވެސް ނުލެވެޔޯ ބުނީ. މަލާކް އެ ޚަބަރު ލިބުމާއެކު އޮފީހުން ނިކުންނަން ދިޔައީ. ދިޔައިރު އެންމެ ފުރަތަމަ ކެބިންގެ ދޮރު ހުރީ ތަޅުލެވިފަ. ދެން ކޮންމެވެސް ގޮތަކަށް ތަޅު ހުޅުވުނީމަ މަލާކް ބޭރަށް ދިޔަތަނާހެން ކަރަންޓު ކެނޑުނީ. ދެން އެތާހުރި ކޮންމެވެސް އަންހެން ކުއްޖަކު ބުނީ މިވަގުތު ލިފްޓު މަސައްކަތް ނުކުރެއޭ. ތިމަންނަ އެހީވާނަމޭ ސިޑިން ތިރިއަށް ގޮއްސަ އަޔާޒް ބަލަން. އެކަމަކު މަލާކް ބިމުގަ ފިޔަވަޅު އެޅި ތަނާހެން ބޯޅަތަކެއް ކަހަލަ އެއްޗެހީގަ އަޅާފަ ކައްސާލައިގެން ބަންޑުން ވެއްޓުނީ. އެ އަންހެން ކުއްޖާ ބުނީ ތިމަންނަގެ ދެފައި ހޯދައިގެން ދެފައިގަ ހިފިއްޔާޔޯ ދެން އަޔާޒް ކައިރިއަށް ދެވެން އޮތީ. މަލާކް އެހެން ވެސް ހަދަން އުޅުނީ ހަމައެކަނި އަޔާޒް ދެކިލަންވެގެން. ދެން ނަސީބަކުން މަލާކް ރެއިލިންގްގަ އަތް ޖައްސައިގެން ތެދުވެފަ ހުރެވެސް އެކުއްޖާގެ ހެލްޕަށް އެދުނިން. ހަމަ އެވަގުތު ކަރަންޓު އައިމަ އެކުއްޖާގެ މޫނު ވެސް ފެނުނު. އެކަމަކު މިވަގުތު ހަނދާނެއްނެތް އެއީ ކިހިނެއް ހުރި ކުއްޖެއްކަމެއް. ދެންވީ ގޮތެއް ހަނދާނެއްނެތް. ކިހިނެއްވީތަ މަލާކަށް އަޔާޒް؟ އަޔާޒަށް ކިހިނެއްތަވީ؟ މަލާކް ވަރަށް ކަންބޮޑުވި އަޔާޒްއާމެދު. ހިތަށްއެރީ މަލާކަށް ދެން އަޔާޒް ނުފެނިދާނެއޭ….” މަލާކް އެންމެ ފަހު ޖުމްލަ ބުނެލިއިރު އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން ދިޔަދިޔަހެން އޭނަގެ އަޑު ރޮވިފައިވި އަޑަކަށް ބަދަލުވިއެވެ. އިވުނު ވާހަކަތަކުންނާއި މަލާކަށްވަމުން ދިޔަގޮތް ފެނި ހިތަށް ކެތްނުކުރެވުމުން އަޔާޒަށް މަލާކް ގެނެސް އޭނަގެ މޭތެރޭގައި ފޮރުވާލެވުނެވެ. އެއާއެކު އޭނަގެ މޭގައި ބޯއަޅައިގެން އޮވެ މަލާކް ގިސްލަގިސްލާފައި ރޯން ފެށުމުން އަޔާޒް ވާހަކަ ދެއްކިއެވެ.
“އެހެންނެއްނުވާނެ މަލާކް، އިން ޝާ ﷲ! ކިހިނެއް އަހަރުމެން ނުފެނި ދާނީ؟ ދެން ކޮންމެވެސް އެއްދުވަހަކުން ދެމީހުންވެސް އެހެން ދުނިޔެއަކަށް ދިޔުން އެއީ އަހަރުމެންނަށް ބާރުފޯރުވޭނެކަމެއް ނޫންދޯ؟ އެއަށްފަހު ވެސް އަހަރުމެން ބައްދަލުވާނެއެއްނު މިއަށްވުރެ ރީތި ތަނަކުން؟ އެހެންވީމަ ރޯންވީ ސަބަބެއްނެތް އެ ޙާލަތުގަވެސް. އެހެންނޫނަސް އަހަރެން މިއަދު މިހިރީއެއްނު ކައިރީގަ. އެހެންވީމަ އަވަހަށް ހުއްޓާލާ…” އަޔާޒް ނުހަނު ލޯތްބާއެކީ މަލާކްގެ އިސްތަށިގަނޑުގައި ފިރުމަމުން ލޯތްބާއެކީ ބުނެލިއެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ހިތުތެރޭގައި ރުޅިވެރިކަމުގެ އަލިފާނެއްވެސް ރޯވިއެވެ. މަލާކާއިމެދު މައުވާ ކަންތައް ކޮށްފައިވާ ގޮތް ނިކަމެތިކަން އެނގުންވުމުންނެވެ. އެ ނިކަމެތިކަމާއި އެއްފަދަ ނިކަމެތިކަމެއް މައުވާ ތަޙައްމަލުކުރާތަން ދެކެން އޭނަ ކެތްމަދުވިއެވެ. މަލާކާއިމެދު އޭނަ ކަންތައް ކުރި ގޮތަށް އޭނަ ދުލެއްނުދޭނެއެވެ.
އަޔާޒް އޭނަގެ އަމިއްލަ ޚިޔާލުތަކުގައި އިންދާ ދެންވެސް މަލާކްގެ ރުއިމަކަށް ބަދަލެއް ނާންނަކަން އެންގުމުން އޭނަ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އެއަށްފަހު ސަމާސާ މޫޑަކަށް އަޅުވަމުން މަލާކް އޭނައާއި ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ.
“ޕިސް ޕިސް…..ހިއެއްނުކުރަން އަންހެން ކުއްޖަކު އަހަންނަށްޓަކައި މިހާވަރަށް ރޮއިހަދާ ވަރަށް އަހަރެން ޗާރމިންގްކަމެއް.” އަޔާޒް ދެންވެސް މަލާކްގެ ކޮނޑުގައި ދެއަތުން ހިފަހައްޓައިގެން ހުރެ ބުނެލި ވާހަކައިން އިސާހިތަކު މަލާކްގެ ގިސްލުމަށް ހުއްޓުމެއްއައެވެ. އޭގެ ދެވަނަ ސިކުންތުގައި މަލާކަށް ހީލެވުނުތަން ފެނިފައި އަޔާޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހަމަޖެހުމާއެކީ އޭނަ މަލާކްގެ ކަރުނަތައް ފޮހެލަދެމުން އެއްޗެއް ކާންވީދޯއޭ ބުނެލިއެވެ. އެނދުން ތެދުވެ އެނދުގެ އަނެއްފަރާތުގައި ހުރި އަރިމަތީ މޭޒުގެ ވަތްގަނޑު ދަމާލަމުން އޭނަ ނަމާދުން އަނބުރާ އައި މަގުމަތީގައި ގަތް މޭވާތަކުގެ ތެރެއިން އާފަލެއް ނަގައި ކުޑަ ވަޅިއެއްވެސް ނެގިއެވެ. އާފަލު ކެނޑުމުން މަލާކް ނުކާން އުޅުމުން އޭނަ އެ ވާހަކައިން ވެސް ސަމާސާއެއް ހަދައި ދޫކުރީ ހަމަ މަލާކް ކާން އެއްބަސްވުމުންނެވެ. މަލާކް ކާ ހިތްވާނެ ފަދައަކުން އޭނަ ވެސް ކަމުން ދިޔައެއްކަމަކު އޭނަ ވާހަކައިގައި އަޅުވައިގެން މަލާކަށް އޮޅުވަމުން ކެއީ މަދު އެތިކޮޅެކެވެ. ކައިގެން ނިމުނު ވަގުތުވެސް މަލާކްގެ ލޯ އުދަގޫވާވަރަށް ދުޅަވެފައިވި މަންޒަރު ފެނިފައި އޭނަ އެތާހުރި ކުޑަ އައިސްއަލަމާރިން ފިނި ފެން ފުޅިއަކުން ރުމާލެއް ތެންމައި މަލާކްގެ ލޮލުގައި އަޅާލަދިނެވެ. އެގޮތަށް ލޮލަށް ފިނި ކުރުމުން މަލާކްގެ ލޮލުގެ ދުޅަކަން ކުޑަވިއެއްކަމަކު އަޔާޒްގެ ފޯނުގެ ސެލްފީ ކެމެރާއިން މޫނު ފެނިފައި ދެންވެސް މަލާކްގެ ޝަކުވާއެއްވިއެވެ.
“އަޔާޒް ކީއްވެގެންތަ މަލާކް ރޮއި ނިމިގެން ޤަރުނެއްވާއިރު ވެސް ބުމައިން ހީވަނީ ދެންމެހެން ރޮއި ނިމުނީ؟ ހަމަ ވަރަށް އުދަގޫވާކަމެއް އެއީ. ރަށުގަ އުޅުނުއިރުވެސް މަލާކް ރުއިތާ އެތައް ގަޑިއިރެއްފަހުން އެކަން ހަނދާންވެސް ނެތޭ ފަހުން އެކުވެރިން އަހާނީ ޙަޔާތް ބަރުބާދުވެގެންހޭ ތިއުޅެނީ. ހެހެ…..އެއީ ކީއްވެ؟” މަލާކް ސަމާސާވެރި ގޮތަކަށް ސުވާލުކުރިއެވެ. އަޔާޒް އޭނަ ބެލެހެއްޓި ގޮތުން އޭނައަށް ދިމާވި ބޮޑު ކަމުން ވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނައަށް އަރައިގަނެވިފައި ވާތީވެއެވެ.
“އެއީ މޫނުގަ ވެސް ހުންނަނީ ފޭޝަލް މަސްލްސް ކަމަށްވާތީ. މަލާކްގެ ބްރައިންއަށް އުދަގޫވަނީ މަސްލްސްތައް ކޮންޓްރޯލްކުރަން އެއީ ކޮންމެ ވައްތަރެއްގެ މަސްލްއެއްވިޔަސް. މިގޮތަށް މަސާޖުކުރީމަ ރަނގަޅުވާނެ. ދައްކަ….ސްމައިލްކޮށްގެން ހުރޭ. ހުމް….އެހެރީއެއްނު މިސް ވޯލްޑް؟” އަޔާޒް މަޑުމަޑުން މަލާކް ލައްވާ ހިނިތުންކުރުވައިގެން ހުރެ ނިތްކުރީގައި އިނގިލިތައް ހިންގިއެވެ. މަލާކަށް އެންމެ ފަހުން އުފާވެރި މޫނެއް ދައްކާލަމުން އަޔާޒް ބުނެލި ބަސްތަކުން އޭނަގެ ހިނިތުންވުން އިތުރަށް ފުންވި ހިނދު އޭނައަށް ހީލެވުނެވެ.
“ހެހެހެ…..އަސްލު އެހެންވެދޯ ސްމައިލް ކުރީމަ ވެސް ދެން އެ ސްމައިލް ކުޑަކުރަން މަލާކަށް އުދަގޫވަނީ؟ ކިހިނެއް ސްމައިލް ކުޑަކުރަން މަސާޖުކުރާނީ؟ މިހެން؟” މަލާކް އޭނަގެ ކޯތާފަތަށް ދެއަތުން ފިތާލަމުން ބުނެލިއެވެ.
“ސްމައިލް ކުޑަކުރާނެ ކަމެއްނެތް….އަބަދުވެސް ތިގޮތުގަ ހުންނަންވީ…” އަޔާޒް މަލާކްގެ ކޯތާފަތުން ދެއަތް ނަގާލަމުން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް މަލާކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ހަމަ އެވަގުތު ރޫމުގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވިފައި މަލާކް ސިއްސައިގެން ދިޔަ ވަގުތު ދެމީހުންނަށް ވެސް އެދިމާލަށް ބަލާލެވުނެވެ. މަލާކް ވަގުތުން އޭނަގެ ބުރުގާ ދޭން އެދުމުން އަޔާޒް މަލާކަށް ބުރުގާ އަޅަން އެހީވެދިނެވެ. އަޔާޒް އާދައިގެ ހިނގުމެއްގައި ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން އެނގޭ ޙާލުގައެވެ. އެހިނދު އޭނަ ހިސާބަކަށް ނުތަނަވަސްވިއެވެ. ބައްޕަ އަންނައިރު މަލާކްގެ ހޭ ހުންނާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. މިފަދަ ޙާލެއްގައި މަލާކަށް އެހާ އާކަމެއް އެނގުން ރަނގަޅުވާނެތޯ ހިތަށްއެރިއެވެ. އެހެނަސް އެ ވަގުތު ވެސް މަލާކްގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވުމުން އަޔާޒް ދޮރު ހުޅުވާލީ ޖެހިލުންވުމެއްނެތިއެވެ. އެވަގުތު އޭނަ އުއްމީދު ކުރި ފަދައިން ދޮރުމަތީގައި ހުރީ މަޒީދު ނޫން ދެވަނަ މީހެއްނޫނެވެ. މަޒީދު އަޔާޒަށް ހިނިތުންވުމެއްދީ އަޔާޒްގެ ނަމުން ގޮވުމަށްފަހު ވޯޑުގެ ތެރެއަށްވަނެވެ. އެހިނދު މަލާކަށް ސީރިއަސްކަމާއެކީ އެ ބީރައްޓެހި މޫނާއި ދިމާލަށް ބަލަން ހުރެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެއީ އޭނަ ދުށް ސޫރައެއްހެން އޭނައަށް ހީވިއެވެ. މަލާކް ވިސްނުމެއްގައި އިންދާ އެމީހަކު ވާހަކަ ދެއްކިއެވެ.
“ކިހިނެއްތަ؟ މަލޫ؟” އެމީހަކު އޭނައަށް ގޮވާލި ނަމަކުން މަލާކް ހުއްޓުން އަރާ ގޮތްވިއެވެ.
ނުނިމޭ