ނަފްސީ (ހަވަނަ ބައި)
އެ ޚިޔާލާއި އެކު ވީ ކަންބޮޑުވުމާއިއެކީ ދެވަނަ ޚިޔާލެއް ނެތި މަންމައަށް ގުޅާލެވުނެވެ. އަދި ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ބެލްކަންޏަށް ދެވުނީ ތިރިން މަންމަ އަންނަ ތަން ފެންނާނެ ކަމުގެ އުއްމީދުގައެވެ. ރިންގުވަމުން ދިޔަ ފޯނުގެ އަޑު އަހަމުން ގޮސް ދާނިޝް ބެލްކަނީގެ ތިރިއަށް ބެލިއިރު ޙައިރާންކަމެއް ލިބުނެވެ. އޭނަ ނުހަނު ދެކެ ފަރިތަ ކަޅު ކުލައިގެ ކާރު ކުރިމަތީ ޢިމާރާތުގެ ބަދަލުގައި އެމީހުންގެ ޢިމާރާތް ކައިރީގައި މަޑުކޮށްލި ތަން ފެނުމުންނެވެ. ދާނިޝް ބަލަބަލާ ހުއްޓާ އެ ކާރުން މަންމަ ފޭބި މަންޒަރު ފެނި، ދާނިޝްގެ މެއަށް އުފަލުން ވީ ގޮތެއް ވެސް ނޭނގެއެވެ.
ދާނިޝްއަށް ހަމަހޭވެރިކަމެއްވީ ފޯނުގެ އަނެއްކޮޅުން މަންމަ ފޯނު ނަގައި ވާހަކަ ދެއްކުމުންނެވެ.
“އައްސަލާމްޢަލައިކުމް ދަރިފުޅު. މަންމައަށް ހަމަ ދެންމެ މި އާދެވުނީއޭ.” މަންމަ ބުނި އަޑު އިވުނެވެ.
“އާނ މަންމާ…ދުށީމޭ ތިރިން މަންމަ އައި މަންޒަރު….ކާ..ކު ކާރެއްތަ އެއީ؟” ދާނިޝްއަށް ޖެހިލުންވުމަކާއިއެކު އަހާލެވުނެވެ. އެކަމާއިމެދު ޚުދު އޭނަ ވެސް ޙައިރާންވާ ގޮތްވިއެވެ.
“މަޑު ކުރޭ އެބަ އަންނަން ކިޔައިދޭން. ވަރަށް ލޯބި ކުއްޖެއް މަންމަ ގެއަށް ގެނެސްދިނީ. ބޭއްވީއޭ. މި އަރަނީ ލިފްޓަށް.”
“އޯކޭ މަންމާ….”
ދާނިޝް އެހެން ބުނެ ފޯނު ކަނޑާލި ވަގުތު އޭނައަށް ނޭނގި އެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ. އެކަން އެނގުންވުމުން ދާނިޝްއަށް ދެލޯ މަރައި ތަގުޅިކޮށް ބޯހޫރުވާލެވުނީ، އަމިއްލަ ނަފްސާއިމެދު ޤަބޫލު ކުރަން ވެސް ދަތިވެފައިވާ ޙާލުގައެވެ. ރަނގަޅަށް ނުވެސް ފެނޭ އަންހެން ކުއްޖެއްގެ ސަބަބުން އޭނައަށް މިފަދަ އަސަރެއް ކުރަނީ ކީއްވެތޯ ހިތަށްއެރިއެވެ. ކައިވެންޏެއް ކުރަން އޭނަ އެހާ ވެސް ބޭނުންވެފައި ވަނީތޯ ހިތަށްއެރިއެވެ. އެއާއިއެކު އަމިއްލަ އަމިއްލައަށް ބޯހޫރުވާލެވުނީ، އެންމެ ރަނގަޅު ވާނީ މިފަދަ މޮޔަ ޚިޔާލުތަކުން ދުރުވުން ކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ.
ކޮންމެ ގޮތެއްވިޔަސް މަންމަ ފެނުމާއިއެކު އެ މޮޔަ ޚިޔާލުތަކާއިއެކީ ދާނިޝްއަށް ކުރިއަށް ދެވުނެވެ. އެހެނަސް އެ ހިތުގައިވި ޖޯޝު ފޮރުވަން ދާނިޝް މަސައްކަތް ކުރިއެވެ. މަންމަ އެޕާޓްމެންޓަށް ވަދެ އަމިއްލައަށް އެ ވާހަކަ ފަށަންދެން ދާނިޝް ކެތްކުރިއެވެ.
“ހެލޯ މަންމާ. ކޯޗެއް ތިއީ؟” މަންމަ ފެނުމާއިއެކު ދާނިޝް އެހެން ވާހަކައެއް ފެށީ ގަދަކަމުންނެވެ.
“މިއީ އެޕްލް އާއި އޮރެންޖެސް. ދަރިފުޅަށް ދޭން އޮރެންޖް ޖޫސް ހަދައިދޭން ވެގެން.” މަންމަ ގޭގެ ތެރެއަށް ވަދެ ބޫޓު ބާލަމުން ބުންޏެވެ.
“އަޅޭ މަންމާ…މިރޭ ދެން ނުގަތް ނަމަވެސް އޯކޭ ވީސް. އާރ ޔޫ ފީލިންގް އޯކޭ ބާއި ދަ ވޭ؟” ދާނިޝްއަށް މަންމަގެ ނިތުގައި އަތުގައި ނުފުށް ޖައްސާލަމުން ބުނެވުނެވެ. އެހިނދު އަނެއްކާވެސް މަންމައަށްޓަކައިވި ކަންބޮޑުވުމުން ހިތް ފުރިގެން ދިޔައެވެ.
“އައި އޭމް ފައިން! ދާނިޝްއަށް އޯކޭ ވިޔަސް މަންމައަށް އޯކޭއެއް ނޫނޭ. މިއީ މަންމަގެ އެންމެ ފަހު ރެއަށް ވިޔަސް މަންމައަށް ހިތްހަމަޖެހޭނީ ދަރިފުޅު ބޭނުންވާ ކަމެއް ފުރިހަމަ ކޮށްދީފަ ދިޔައިއްޔާ.” މަންމަ އެ ބުނި ވާހަކައެއް ނަގައިގަންނަން ދާނިޝްއަށް އުދަގޫވިއެވެ.
“ފަހު ރެއޭ ތިބުނީ؟…..މަންމާ ތިހެން ވާހަކަ ނުދައްކަބަލަ!” ދާނިޝްއަށް އެނގުންވުމާއިއެކު އެ ފަހު ބަސްތައް ބުނެވުނީ ވެސް އާދައަށްވުރެ ހަރު އަޑަކުންނެވެ. އެހިނދު މަންމަ އޭނަގެ އެއްއަތުގައި ހިފައި މަޑު އަޑަކުން އޭނަގެ ނަމުން ގޮވިއެވެ.
“އާދެބަލަ މަންމައާއިއެކު މިތާ އިށީންނަން. ކުޑަކޮށް ވާހަކަ ދައްކާލަން.” މަންމަ އެދުނެވެ. އެއީ ވެސް މަންމަ ޢާއްމުކޮށް ކޮށް އުޅޭ ކަމަކަށް ނުވުމުން ދާނިޝްގެ ހިތަށް ނުތަނަވަސް އިޙްސާސްތައް ވެރިވިއެވެ. ދުނިޔެ ދޫކުރަން އުޅޭ މީހުންގެ ބައެއް ނިޝާންތަކުގެ ވާހަކަ އޭނަ އަޑު އަހާފައިވެއެވެ. މަންމަގެ ފަރާތުން މި ފެންނަނީ އެ ނިޝާންތަކަށް ނުވުމަށް ހިތް އެދި އާދޭސް ކުރިއެވެ.
ދާނިޝް ބަލަބަލާ ހުއްޓާ މަންމަ އޭނަގެ އަތުގައި ހިފައިގެން ގޮސް އޭނައާއި އެކީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނެވެ. އަދި އަތުގައި އޮތް ކޮތަޅު ސިޓިންގް ރޫމުގެ މޭޒުމަތީގައި ބެހެއްޓިއެވެ.
“ދަރިފުޅަށް އެނގޭތަ؟ މިރޭ މަންމައާއި ދިމާވީ ވަރަށް ގިނަ ދުވަސް ވަންދެން މަންމަގެ ޙަލަޤާތަކުގަ އުޅުނު ކުއްޖެއް.” މަންމަ ހިނިތުންވުމަކާއިއެކީ ކިޔައިދޭން ފެށިއެވެ. އެއާއިއެކު ދާނިޝްއަށް ކަންފަތް ހުޅުވާލެވުނެވެ.
“އެހެންތަ؟” ދާނިޝް އިތުރު ސުވާލެއް ނުކުރަން ގަދަ ހެދިއެވެ.
“އާނ….ހިލްޔާ ކިޔާ ކުއްޖެއް އެއީ. ހާދަ ދީންވެރި ކުއްޖެކޭ އެއީ އެންމެ ކުޑައިރުއްސުރެ ވެސް. ދަރިފުޅަށްވުރެ ދެ ތިން އަހަރު ކަންނޭނގެ ހަގު ވާނީ. ޑޮކްޓަރުކަން ކިޔަވައިގެން އައިސް ހުރީ. ހުހަށް ހުރީ ވެސް. ދުވަހަކުވެސް ކައިވެންޏެއް ނުކުރޭ.” މަންމަ ކިޔައި ދިންދިންހެން ދާނިޝް ގެ ހިތުގައިވި ޖޯޝު މައިތިރި ކުރަން އޭނައަށް އުދަގޫވަމުން ދިޔައެވެ.
“އެންޑް؟” ދާނިޝްއަށް އެހެން ބުނެވުނުއިރު ހިނިތުންވެފައިވިއެވެ.
“އެންޑް ހިތަށްއެރީ….އެއީ ދާނިޝް އާއި ގުޅޭނެ ކުއްޖަކަށް ވެދާނެއޭ. އެކަމަކު….” މަންމަގެ ހިނިތުންވުން ފޭދުމުން ދާނިޝްގެ ހިނިތުންވުން ވެސް ފޭދުނެވެ.
“އެކަމަކު؟”
“އެކަމަކު….ދާނިޝް ތި އުޅޭ ދާއިރާއެއްގެ ސަބަބުން ހިއެއްނުވޭ އެ ކުއްޖާ ދާނިޝްއަށް ރުހޭނެ ހެންނެއް. އަދި ކައިވެނި ކުރިޔަސް އެކަހަލަ ޢިއްފަތްތެރި ކުއްޖަކަށް ދާނިޝް ތި އުޅޭ ދާއިރާގެ ސަބަބުން ލިބޭނީ ހިތްދަތިކަމެއް ނޫންތަ؟ އެކަން އެނގުންވީމަ މަންމަ ވަރަށް ހިތަށް އުދަގޫވެފަ މިހިރީ. ހިތަށް އަރަނީ އެކަހަލަ ޞާލިޙު ކުއްޖަކު ދަރިފުޅާއި ގުޅޭނީ ކޮން ދުވަހަކުން ބާވައޭ.” މަންމަ އަސަރުން ފުރިގެންވި ލޮލާއިއެކީ ދާނިޝްއަށް ބަލައިލިއެވެ. އެހިނދު ބުނާނެ ވަކި އެއްޗެއް ނޭނގި އިނދެފައި ދާނިޝް ވާހަކަ ދެއްކިއެވެ.
“ކުއްޖަކާ ގުޅެން ބޭނުންވާނީ ހަމައެކަނި އެކުއްޖާގެ ބައްޕަގެ ވަލީއެއް ނޫންތަ؟ ކުއްޖަކު ރަނގަޅަށް ގެންގުޅެވޭނެ ކަމުގެ ޔަޤީންކަން އޮތިއްޔާ އެ ބައްޕައަކު ވަލީ ދޭނެއޭ މަންމަ ބުނަމެއްނު؟ ސޯ ވާއި ވޮރީ؟ އެހެންނޫނަސް ޞާލިޙު ކުއްޖަކާ މެރީ ކުރީމަ އަހަރެން ވެސް ޞާލިޙު ވެދާނެއެއްނު؟” ދާނިޝް މޫޑު ބަދަލުކޮށްލުމުގެ ގޮތުން ސަމާސާ ރާގެއް އެޅުވިއެވެ.
“ތިހެން ނުބުނޭ ދަރިފުޅު. ދަރިފުޅު އިޞްލާޙުވުމަށް ޙަޔާތުގެ ބައިވެރިޔަކަށް ބަރޯސާ ނުވޭ. ﷲ ގެ މަގަށް ރުޖޫޢަވުމަކީ ކޮންމެ މީހަކު އަމިއްލައަށް ކުރަންޖެހޭ ކަމެއް. ކަށްވަޅުގައި ކުރެވޭ ސުވާލުތަކަށް އަހަރުމެން ޖަވާބު ދޭންޖެހޭނީ އަމިއްލައަށް. ޤިޔާމަތް ދުވަހު އަހަރުމެންނާއި ކުރެވޭ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނީ އަމިއްލައަށް. ޞިރާތު މަގު ހުރަސް ކުރަންޖެހޭނީ އަމިއްލައަށް. އަމިއްލަ ހިތުގައި އޮތް އީމާންތެރިކަމާއި ކުރި ހެޔޮ ޢަމަލުތަކުގެ ނޫރެއްގެ އެހީގަ. މި ކަންތަކުގައި އެހެން މީހުންނަށް ވެދެވޭނެ އެހީއެއް ނެތް. މި ދުނިޔޭގައި އެހެން މީހަކަށް ނަސޭޙަތް ދެވިދާނެ. މަންމަ މި ނަސޭޙަތް ދޭގޮތަށް. އެކަމަކު ހިދާޔަތަކީ ދަރިފުޅު ޚިޔާރު ކުރާ ކަންތަކުން ލިބިދޭ ނިޢުމަތެއް.”
މަންމަ ދިން އެ ނަސޭޙަތްތަކުން ދާނިޝްގެ އަނގަ ބަންދުވެ، އިސްޖަހާލެވުނެވެ. އެހިނދު މަންމަ އޭނަގެ އެއްއަތުގައި ދެ އަތުން ހިފުމުން ދާނިޝްއަށް މަންމަ އާއި ދިމާލަށް ބަލާލެވުނެވެ.
“ދަރިފުޅު މިވަގުތު ތި ދާ މިޞްރާބުން ގޯސް ކަންތައް ޚިޔާރު ކުރެވި، އެ ހިދާޔަތާ ދުރުވެދާނެ ކަމުގެ ބިރު މަންމައަށް ހީވޭ. ތިފަދަ ގޮތަކަށް އުޅެންޏާ ދަރިފުޅު ގުޅޭނީ ވެސް ގޯސް ބައިވެރިޔަކާ. ނަތީޖާއެއްގެ ގޮތުން ދަރިފުޅަށް ލިބޭ ދަރިން ވެސް ގޯސްވުން އެކަށީގެންވޭ. މަންމަގެ ހާދަ ބޮޑު ދުޢާއެކޭ މަންމަގެ ދަރިފަސްކޮޅަކީ ހިދާޔަތް ލިބިގެންވާ ޞާލިޙު ދަރިފަސްކޮޅަކަށްވުން. އެ ހުވަފެން ޙަޤީޤަތަކަށް ވެވޭނީ މަންމަގެ ތި ހަމައެކަނި ދަރިފުޅު ރަނގަޅު މަގަށް އެޅުނީމަ. މި ދުނިޔޭގަ އެ ދަރިފަސްކޮޅު ނުފެނުނަސް، ސުވަރުގޭގަ އެ ދަރިފަސްކޮޅާއި ބައްދަލުވުމަކީ މަންމަގެ އުއްމީދެއް އިން ޝާ ﷲ.”
މަންމަ އެ ބުނި ފަހު ބަސްތަކާއިއެކު އަނެއްކާވެސް ދާނިޝްގެ ހިތަށް އުދަގޫވިއެވެ. އެ އުދަގުލާއިއެކީ މިފަހަރު ވާހަކަ ދެކެވުނެވެ.
“ކީއްވެ މަންމައަށް ނުފެންނަންވީ؟ މަންމަ ހުންނަން ވާނެ އެ ކުދިންނަށް ރަނގަޅު ގޮތް ކިޔައިދޭން.” ދާނިޝްއަށް ނުހަނު ސީރިއަސް ކަމާއިއެކީ ބުނެވުނެވެ. އެއާއިއެކު މަންމަ ހީލިއެވެ.
“އެއްވެސް މީހަކަށް މުޅި ޢުމުރު ދުވަހަކު ނުއެއް އުޅެވޭނެ ދޯ ދާނިޝް؟ ދަރިފުޅު ތަންކޮޅެއް އަވަހަށް ކައިވެނިކޮށް ކުދިން ހޯދިނަމަ މަންމައަށް ވެސް މާމަ ދަރިން ފެނުނީހެއްނު؟ ހެހެހެ…ކޮންމެ ގޮތެއްވިޔަސް ކަންތައް ވާނީ ﷲ އިރާދަ ކުރައްވާ އެންމެ ފުރިހަމަ ގޮތަށް. ދެން އެ ވާހަކަ ބާއްވަމާ. މަންމަ މި ދަނީ ޖޫސް ހަދަން.” މަންމަ އެހެން ބުނެލީ، މޭޒުމަތީގައި އޮތް ކޮތަޅާއި އެކީ ތެދުވެލަމުންނެވެ.
މަންމަ ހީލިއެއްކަމަކު ދެންވެސް ދާނިޝްގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މަންމަ ސޯފާއިން ތެދުވެގެން ލޯމައްޗަށް ގެއްލެންދެން ވެސް މަންމައަށް ފަރުވާތެރިކަމާއިއެކީ ބެލެމުން ދިޔައެވެ. އޭނައަށް މި ހީވާ ހީވުމަކީ ގޯސް ހީވުމެއްކަމުގައި ލެއްވުމަށް އެދި ދުޢާ ކުރެވެން ފެށިއެވެ. ހަމަ އެއާއިއެކު ހިތަށް އުދަގޫވުމުން ނަމާދު ކުރަން ދާނިޝް ބޭނުންވިއެވެ. މި ވާހަކަ މަންމަ ގާތު ބުނަންވީތޯ އެވަގުތު ހިތަށްއެރިއެވެ. އޭނަ ދަމު ނަމާދު ކުރާކަން އެނގިއްޖެނަމަ ހަމަ ގައިމުވެސް މަންމަ އުފާވާނެއެވެ. އެހެނަސް ދެންވެސް ޖެހިލުންވިއެވެ. ފިލްމު ކުޅެމުން ވޭޕް ބޮމުން ކުރާ މީހެއްގެ ނަމާދުގައި ހުންނާނީ ކޮން ހެވެއްތޯ ހިތަށްއެރިއެވެ. އެހެންކަމުން މަންމަ ގާތު ބުނުމުގެ ޚިޔާލު ބަދަލު ކޮށްލެވުނެވެ. އެ ވާހަކަތައް ކިޔައިދޭން ބޭނުންވީ އޭނަ މުޅިން އިޞްލާޙުވުމުންނެވެ.
ދާނިޝްއަށް ނޭނގުނު ކަމަކީ އެއީ ހައްތަހާވެސް ޝައިޠާނީ ވަސްވާސްތަކެއް ކަމެވެ. އެއްވެސް ހެޔޮ ޢަމަލަކީ ބޭކާރު ޢަމަލެއް ނޫނެވެ. މީހަކު ކިތަންމެ ގިނަ ފާފަތައް ކުރަމުން ވެސް ކުރާ ހެޔޮ ޢަމަލެއް ﷲ ސުބްޙާނަހޫ ވަތަޢާލާ ޤަބޫލު ކުރައްވައެވެ. އިޚްލާޞްތެރި ކަމާއިއެކު ކުރެވޭ އެއްވެސް ހެޔޮ ޢަމަލެއް އެކަލާނގެ ބޭކާރު ނުކުރައްވައެވެ. އެ މަދު ހެޔޮ ޢަމަލުތަކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅާއަށް ހިދާޔަތް އިތުރު ކޮށްދެއްވާ ސަބަބަކަށް ވެސް ވުން އެކަށީގެންވެއެވެ.
އެރޭ ދަމު ނަމާދު ކުރުމަށްޓަކައި ދާނިޝް އަލަމާރި ކައިރީގައި ހުރި ދިގު ލޭމްޕް ނަގައިގެން ޢާއްމުކޮށް ގުޅައި އުޅޭ ސޮކެޓަށް ގުޅިއެވެ. އެ ގަޑީގައި ނަމާދު ކުރާއިރު ދާނިޝްއަށް ކަމުދަނީ އަލި ބޮތްކެއްގެ ބަދަލުގައި ފަނޑު އަލިކަމެއް ކަމަށްވުމުންނެވެ. އެހެނަސް އެރޭ އެ ސޮކެޓަށް ގުޅުމުން އުޅެ އުޅެ ބޮކި ދިއްލޭ ގޮތެއްނުވިއެވެ. ކަރަންޓު މައްސަލައެކޭ ހިތައި ދާނިޝް ދެން އެ ލޭމްޕް ގެންދިޔައީ ކޮޓަރީގެ އަނެއްކޮޅުގައި ހުރި ސޮކެޓް ކައިރިއަށެވެ. އެ ސޮކެޓަށް ގުޅައި ބޮކި ދިއްލާލެވުމުން ދާނިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭރުން ބޮކި ހުރީ އޭނަ ނަމާދު ކުރާއިރު ސީދާ ކުރިމައްޗަށް ކަން އެނގުންވުމުން ހިސާބަކަށް ހިތްހަމަނުޖެހުނެވެ. އެހެނެއްކަމަކު މާ ބޮޑު އަޅާލުމެއް ނެތި ޢާއްމުކޮށް ނަމާދު ކުރާ ތަނުގައި ގޮސް ހުއްޓިލަމުން ހަޝަމް ބަނެވެ.
ކޮންމެ ރެއެކޭ ވެސް އެއްފަދައިން އެރޭ ވެސް ދާނިޝް ނުހަނު ދަމު ނަމާދު ކުރަމުން ދިޔައީ ޢަޞްރު ސޫރަތާއި އިޚްލާޞް ސޫރަތް ކިޔަވަމުންނެވެ. އާދައިގެ މަތިން ނަމާދު ފެށުމާއިއެކު ދާނިޝްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއީ ކީއްވެކަމެއް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. ވަކިން ޚާއްޞަކޮށް ސަޖިދައިގައި އޮންނައިރު ބުނެދޭން ނޭނގޭ އިޙްސާސެއް ކުރެވެއެވެ. ފަހުން ފަހުން އައިސް ސަޖިދައިގައި ގިނައިރު ހޭދަ ކުރެވެނީ ވެސް އެ އިޙްސާސުގެ އަސްލު ދަނެގަތުމަށެވެ. ސަޖިދައިގައި އެ ކިޔޭ އެއްޗެއްގެ މާނަ ހަނދާން ކުރަން ދާނިޝް ވަރަށް މަސައްކަތް ކުރިއެވެ. ކޮންމެ ރެއަކު ނަމާދު ކުރާއިރު އެ ބަސްތަކުގެ މާނަ ދަސްކުރާނީއޭ ހިތަށްއަރައެވެ. އެހެނަސް މިހާތަނަށް އައިއިރު ނަމާދުން ފައިބާއިރަށް އެކަން ހަނދާން ނެތިފައިވެއެވެ.
އެހެނަސް އެރޭ އެކަން ހަނދާން ނުނެއްތުމަށްޓަކައި ދެ ރަކުޢަތް ކުރުމަށްފަހު އެ އިންތާ އިނދެ ދާނިޝް ފޯނު ހުޅުވައިލިއެވެ. އަދި ވަގުތުން މުސްލިމުންގެ ނަމާދުގައި ކިޔޭ އެއްޗެހީގެ މާނަ ހޯދަން ފެށިއެވެ. އެންމެ ފުރަތަމަ ވެސް ބަލާލެވުނީ ސަޖިދައިގައި ކިޔޭ ޒިކުރުގެ މާނައެވެ.
“سُبْحَانَ رَبِّيَ الْأَعْلَى….ޕާރފެކްޓް އިޒް މައި ލޯޑް، ދަ މޯސްޓް ހައި.”
ފޯނުގެ ސްކްރީން ބަލަން ބިންމަތީގައި އިނދެ، ހިތާހިތުން އެހެން ކިޔާލެވުނުއިރު ދާނިޝް ވިސްނުމަކަށް ގެއްލުނެވެ. އޭނައަށް އެންމެ ތިރީގައި އޮވެވޭ މި މަޤާމުގައި މި ކިޔާލެވެނީ މިހެންތާއޭ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު އެ މާނަ ތިން ފަހަރު ހިތަށް ގެނެވުމުން، ކުއްލިއަކަށް ސަޖިދައިގައި އެ ބަސްތައް ކިޔަން ބޭނުންވިއެވެ. އެހެންކަމުން އިތުރު ލިޔުމެއް ނުކިޔައި އަނެއްކާވެސް ދެ ރަކުޢަތް ކުރަން ތެދުވިއެވެ.
ދާނިޝްއަށް އެރޭ ކޮންމެ ދެ ރަކުޢަތެއް ކުރުމަށްފަހު ނަމާދުގައި ކިޔޭ ކޮންމެވެސް އެއް ޒިކުރެއްގެ މާނަ ބެލެމުން ދިޔައެވެ. އަދި އެ ޒިކުރާއިމެދު ވިސްނެމުން ދިޔައެވެ. ޒިކުރުތަކުގެ މާނަ އެނގެމުން ދިޔަދިޔަހެން އަދި ނަމާދު ކުރާ ހިތްވީ މާ ބޮޑަށެވެ. ނަތީޖާއެއްގެ ގޮތުން އެރޭ ގަޑި ހިނގާ ދިޔަ ގޮތެއް ވެސް ދާނިޝްއަށް ނޭނގުނެވެ. އެރޭ 1 ޖެހީ ވެސް ދާނިޝް ނަމާދު ކުރަން ހުއްޓާއެވެ.
އެ ނަމާދުތަކަށް ކުއްލި ހުއްޓުމެއް އައީ 1 ޖެހި ފަހުން ދާނިޝް ފެށި ނަމާދުގެ ތެރެއިންނެވެ. އެ ނަމާދުގެ ފުރަތަމަ ސަޖިދައިގައި އޮތްވާ ބޭރުން ކުއްލިއަކަށް އިވިގެން ދިޔައީ ބަރު، ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަ އަޑެވެ. އިސާހިތަކު މަންމަގެ ސޫރަ ހަނދާންވެފައި ސަޖިދައިން ތެދުވެލެވުނީ ކުއްލިއަކަށެވެ.
“މަންމާ…”
ހިތް ވަށާލެވިގެން ދިޔަ ބިރުވެރިކަމުން ކޮޓަރީގެ ދޮރަށް ބެލި ހިނދު އެ ބަސް ދާނިޝްގެ އަނގައިން ނިކުތީ ވައި އަޑުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އިންތަނުން ތެދުވެ ދުއްވައިގަނެވުނު ގޮތެއްވެސް ދާނިޝްއަށް ނޭނގުނެވެ. ދިއްލިފައި ހުރި ލޭމްޕް އަތުގައި ޖެހި، ވެއްޓި އޭތިވެސް ތަޅައިގެން ގޮސް އަނދިރިކަން ވެރިވެގެން ދިޔުމުން ބާރަށް ތެޅެމުން ދިޔަ ހިތަށް އިތުރު ލޮޅުމެއް އައެވެ. އެހެނަސް ދެންވެސް މަޑުނުކޮށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލަމުން ބަލާލެވުނެވެ. އެހިނދު ފަނޑު އަލިކަމެއް ވެރިވެފައި އޮތް ކޮރިޑޯގެ ބިންމަތީގައި، ބިއްލޫރި ތޮށިތަކުގެ ތެރޭ މަންމަ ވެއްޓިފައި އޮތް މަންޒަރު ފެނިފައި ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ދާނިޝްއަށް ހީވިއެވެ.
“މަންމާ!!!!”
މިފަހަރު ދާނިޝްގެ އަޑު ނިކުތީ ހަރު އަޑުންނެވެ. އިސާހިތަކު މަންމަ އޮތް ދިމާލަށް ގޮސް ތިރިވެލަމުން މަންމަގެ ބޯ ހިއްލައި ވާހަކަ ދެކެވެން ފެށިއެވެ.
“މަންމާ؟ މަންމާ ބަލާބަލަ އަހަންނަށް….ލޯ ހުޅުވާފަ ބަލާބަލަ. މަންމާ!” މަންމަގެ ކޮނޑުގައި ހިފައި ތަޅުވަމުން ދާނިޝް އެ ސުވާލުތައް ކުރިއިރު އަޑު ރޫރޫ އެޅިއެވެ. މަންމަ ލޯ ނުހުޅުވުމުން ވީ ކަންބޮޑުވުމާއިއެކީ ވަށައި ހޯދަމުން ވީ ގޮތް ނަގައިގަނެވޭތޯ ދާނިޝް މަސައްކަތް ކުރިއެވެ. މަންމަ ލައިގެން ހުރި ހަރުވާޅު ހެދުމާއި ވަށް ބުރުގާއާއި ކައިރީގައި ތެޅިފައި އޮތް ބިއްލޫރި ޖަގާއި، ތަނަށް ފެތުރިފައި ހުރި ފެން ފެނިފައި މަންމަ ދިޔައީ ފެން އަޅަންކަން އެނގުންވިއެވެ. އެހެނަސް މަންމަ ހޭނެތެންވީ ކީއްވެތޯ ހިތަށްއެރިއެވެ.
އެއާއިއެކު ކަރުނުން ފުރެމުން ދިޔަ ލޮލާއިއެކީ މަންމައަށް އިތުރަށް ގޮވާލެވުނެވެ. މަންމަ ލޯ ހުޅުވާނެ ކަމުގެ އުއްމީދުގައެވެ. ހަމަ އެވަގުތު އެރޭ އޭނައަށް ހީވި ހީވުންތައް ހަނދާންވެފައި ހިތުގައި އިތުރު ބިރުވެރިކަމުގެ ރާޅުބާނީތައް ނެގިއެވެ. އިސާހިތަކު އޭނަގެ ފޯނު ނަގަން ފަޓުލޫނުގެ ޖީބުގައި އަތް ޖެއްސިއެވެ. އެހެނަސް ފޯނު ނެތްކަން އެނގުމުން އަމިއްލަ ނަފްސަށް ރުޅިއައެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް މަންމަ އުފުއްލައިގެން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ބޭއްވިއެވެ. އެއަށްފަހު ކޮޓަރިއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލުމުގެ ޚިޔާލެއް ވެސް ނެތި އުދަގުލާއި އެކީ އަނދިރީގެ ތެރެއިން ގޮސް ފޯނު ނެގިއެވެ. އެއާއިއެކު ފޯނުގައި ޖެހެން އުޅުނީ ބޭރު ޤައުމެއްގެ އެމްބިއުލާންސް ނަންބަރެވެ. އެހެނަސް މިއީ ރާއްޖެކަން ހަނދާންވުމާއިއެކު މަންމަ އެންމެ ފަހުން ދައްކަން ދިޔަ ހޮސްޕިޓަލުގެ ފާރުގައި އޮތް ކުރު ނަންބަރެއް ހަނދާންކޮށް އެ ނަންބަރަށް ގުޅައި އެމްބިއުލާންސަކަށް އެދުނެވެ.
އެއަށްފަހު ދާނިޝް އަނެއްކާވެސް ބާރަށް ތެޅެމުން ދިޔަ ހިތަކާއެކު ދުވެފައި ގޮސް މަންމަ ގާތަށް ދިޔައެވެ. މަންމަ ދެންވެސް އޮތްގޮތަށް އޮތުމުން ބަދިގެއަށް ގޮސް ތަށްޓަކަށް ފެން އަޅައިގެން އައިސް މަންމައަށް ގޮވަމުން، މަންމަގެ މޫނަށް ފެންޖަހައި، މޫނުގައި ހާކަން ފެށީ، ދެންވެސް މަންމަ ހޭލާނެ ކަމުގެ އުއްމީދުގައެވެ. އެމްބިއުލާންސް އައުމުގެ ކުރިން ވެސް މަންމަގެ ޙާލު ރަނގަޅުވެ، މަންމަ ހޮސްޕިޓަލަށް ދާން ނުޖެހޭނެ ގޮތެއްވުމަށް އުއްމީދު ކުރެވުނެވެ. އެހެނަސް ހޮސްޕިޓަލުގެ މުވައްޒަފުން ޢިމާރާތަށް އައިއިރު ވެސް މަންމަ ހެއެއް ނާރައެވެ.
އޭގެ އިރުކޮޅެއްގެ ތެރޭގައި ދާނިޝްއަށް އިނދެވުނީ އެމްބިއުލާންސް ތެރޭގައެވެ. އެވަގުތު އެމްބިއުލާންސް ތެރެއިން ވެސް މަންމަގެ މޫނުގައި އޮކްސިޖަން މާސްކް އެޅުވި، ފާރުވާ ދޭން ފެށިފައިވިއެވެ. ދާނިޝް ކުރި ސުވާލުތަކަށް އެމީހުން ދިން ޖަވާބުތަކުން މަންމަގެ ވިންދު ދަށްވެ، އޮކްސިޖަން ވެސް މަދުވެފައިވާކަން އެނގުނެވެ. އެހިނދު ދާނިޝްއަށް ދެންވެސް މަންމަގެ އަތުގައި ހިފާލެވުނީ އުއްމީދީ ގޮތަކަށެވެ. ކޮންމެވެސް ގޮތަކަށް ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ހީކުރެވުނެވެ. އޭނައަކީ ޙަޔާތުގައި އެހާ ބަދުނަސީބު މީހެއް ނޫނެވެ. އޭނަ ވަރަށް ކުޑައިރު ބައްޕަ ނިޔާވެފައި ވިޔަސްމެއެވެ. މަންމަ ފިޔަވާ އިތުރު އެހެން ގާތް ޢާއިލާ މީހެއް ނެތަސްމެއެވެ. ލިބިފައިވާ ތަނަވަސް ދިރިއުޅުމުގެ ސަބަބުން ފައިސާއިން ހުރިހާ ކަމެއް ޙައްލުވާނެ ކަމަށް ދާނިޝްއަށް ހީކުރެވިފައިވެއެވެ. މިކޮޅުން މަންމައަށް ފަރުވާ ނުލިބިއްޖެނަމަ މަންމަ ވަގުތުން ވަގުތަށް ވެސް ބޭރަށް ގެންގޮސް ފަރުވާ ކުރުމުގެ ޚިޔާލު ދާނިޝްއަށް ކުރެވެމުން ދިޔައެވެ.
އެހެނަސް އެރޭ ހޮސްޕިޓަލަށް ދިޔައިރު ދާނިޝްގެ ހިތުގައި އޭނައަށް ބީރައްޓެހި ބިރުވެރި ކަމެއްވިއެވެ. މިއަދު އޭނައަށް ދިމާވާން މިއުޅޭ ހިތާމައިން އޭނައަށް ނުރެކޭނެހެން ހީވަމުން ދިޔައެވެ. ހޮސްޕިޓަލުގެ އެނދަކަށް މަންމަ އެރުވި، އެމަޖެންސީއާއި ދިމާލަށް ބާރު ބިނުގައި އެނދު ގެންދެވެން ފެށި ވަގުތު، ދާނިޝްގެ މޭ ވެސް ނުބައި ކުރަމުން ދިޔައެވެ. ނޭނގޭ ސަބަބަކާ ހުރެ ލޯ ވެސް ކަރުނުން ފުސްވަމުން ދިޔައެވެ. އެހެނަސް އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ދިޔައީ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ.
އެމަޖެންސީއަށް މަންމަ ވައްދާލެވުމާއިއެކު އެތާ ހުރި ބޭރު ފިރިހެން ޑޮކްޓަރާއި ނަރުހުން މަންމައަށް ފަރުވާ ދިނުމަށް އަވަސްވި ގޮތުން ދާނިޝްގެ މެއަށް އިތުރު ލޮޅުމެއް އައެވެ. މަންމަގެ ޙާލަތު އަދިވެސް ރަނގަޅު ނުވަނީތޯ ހިތަށްއެރިއެވެ. ވަކި ހިސާބެއްގައި މަޑުކޮށްގެން ބަލަން ހުއްޓާ އެމީހުން އިތުރު ފަރުވާއެއް ދިނުމަށް އަވަސް އަވަހަށް މަންމަ އޮތް އެނދުގެ ވަށައިގެން ފޮތިގަނޑު ވެސް ދަމައިފިއެވެ. މަންމަގެ ސޫރަ ލޯ މަތިން ގެއްލުމުން ދާނިޝްއަށް ބޭއިޚްތިޔާރުގައި އެ ދިމާލަށް ދެ ތިން ފިޔަވަޅު އަޅާލެވުނެވެ. އެހިނދު އިވެން ފެށި އަޑުތަކުން މަންމަގެ ހިތުގެ ތެޅުން މާ ބޮޑަށް ދަށްވުމުން ޝޮކް ދެވެނީކަން އެނގުންވި ހިނދު، ދާނިޝްގެ ފިޔަވަޅުގައި ކަސްތޮޅު އެޅުވުނެވެ. އޭނަ އެފަދަ ޝޮކުގެ ވާހަކަ އަޑުއަހާފައިވަނީ ހަމައެކަނި ފިލްމުތަކުންނެވެ. މިވަގުތު މަންމަ ވަނީ ހަމަ އެފަދަ ޙާލެއްގައިތޯ ހިތް ސުވާލު ކުރެވުނު ހިނދު، އޭނައަށް މިއުޅެވެނީ ހުވަފެނެއްގައިތޯ ހިތަށް އެރިއެވެ. މިއީ ހުވަފެނެއް ނަމަ އޭނަ އަވަހަށް ހޭލަން ބޭނުންވިއެވެ. އޭނަގެ ލޯބިވާ މަންމަ އޭނައާއި ވަކިވެދާނެ ކަމުގެ ޚިޔާލުން ދުރުވާން ބޭނުންވިއެވެ.
އެފަދަ ޚިޔާލެއްގައި ދާނިޝް ބަލަބަލާ ހުއްޓާ އެމީހުން ފޮތި ކަހާލުމުން އަނެއްކާވެސް ދާނިޝްއަށް މަންމަގެ ސޫރަ ފެނުނެވެ. އޮކްސިޖަން މާސްކް އެޅުވިފައިވި މަންމަ އޭރުވެސް އޮތީ ލޯ މެރިފައެވެ. ނޭނގުމެއްގެ ތެރެއިން ވެސް ދާނިޝްއަށް އެދިމާލަށް ދެވުނީ ދިގު ފިޔަވަޅުތަކެއްގައެވެ. މަންމަގެ އެނދު ކައިރި ހުއްޓިލެވުނު ވަގުތު އެތާ ހުރި ޑޮކްޓަރު ވާހަކަ ދެއްކިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން މިހެން ބުނަން ޖެހޭތީ އެކަމަކު….އިތުރު އުއްމީދެއް ނެތް….”
ޑޮކްޓަރު އެ ބުނެލި ފަހު ބަސްތަކާއިއެކު ދާނިޝްގެ ލޮލަށް އެއްވެގެން ދިޔަ ކަރުނަތައް ލޮލުން ފޭބިއެވެ. ދެންމެ ޑޮކްޓަރު އެ ބުނީ މާ ކުރިން އޭނަގެ ހިތަށް އެނގޭ ޙަޤީޤަތެއް ފަދައަކުންނެވެ. އެހެނަސް އޭނަގެ ސިކުނޑި ދެންވެސް ޤަބޫލުކުރަން ބޭނުމެއް ނުވެފައިވިއެވެ. މަންމަގެ މޫނަށް ބަލާފައި އެތާ ހުރި މޮނީޓަރަށް ބަލާލެވުނީ ދެންވެސް އުއްމީދެއް ލިބޭތޯއެވެ. އެހެނަސް މޮނީޓަރުން ފެންނަމުން ދިޔަ ނަންބަރުތައް ވީ އިންތިހާއަށް ދަށްވެފައެވެ. ހިތުގެ ތެޅުން ދައްކާ ރޮނގު މައްޗަށް އަރަމުން ދިޔައީ ކިރިޔަ ކިރިޔާއެވެ.
އެވަގުތު ދާނިޝް މި މީހުންނަށް ފަރުވާދޭން ނޭނގެނީއޭ ކިޔައި ހަޅޭއްލަވަން ބޭނުންވިއެވެ. އެހެނަސް އޭނަގެ އަރުތެރެ ބެދި، ހިތުގައި ތޫނު ރިހުމެއް އުފެދި، އިތުރު ކަރުނަތައް ލޮލުން ފައިބައި ރޮވެން ކައިރިވިއެވެ. ޑޮކްޓަރު ބުނި ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔަދިޔަހެން މަންމަގެ އަތް މަތީގައި އަތް ބާއްވާލަމުން މަންމައަށް ބަލާލެވުނެވެ. މަންމަ އޭރުވެސް ލޯ މެރިފައި އޮތް ގޮތުން މަންމަ ދެން އޭނައާއި ވާހަކައެއް ވެސް ނުދައްކާނީތޯ ހިތަށްއެރިއެވެ.
ހަމަ އެވަގުތު މޮނީޓަރުން އިވެން ފެށި ތޫނު އަޑަކުން ދާނިޝްއަށް އެއާއި ދިމާލަށް ބަލާލެވުނެވެ. މޮނީޓަރުން ފެންނަމުން ދިޔަ ރޮނގު އެއްކޮށް ސީދާވެގެން ދިޔަ ގޮތުންނާއި، އިވެން ފެށި އަޑުގެ ބިރުވެރިކަމުން ދާނިޝް ހުއްޓުން އަރާ ގޮތްވިއެވެ. އެހެނަސް ހަމަ އެވަގުތު މަންމަގެ މޫނަށް ބަލާލެވުނެވެ.
“މް…މަންމާ…މަންމާ..މަންމާ!”
ދާނިޝްއަށް ކުއްލި ގޮތަކަށް މަންމަގެ އަތުގެ ފަލަ މަސްގަނޑުގައި މަޑުމަޑުން ޖަހަމުން، ހަރުވަމުން ދިޔަ އަޑަކާއެކީ ގޮވެން ފެށިއެވެ. މަންމަ އެ ދާން އުޅޭ ގަދަ ނިންޖަކުން މަންމަ ހޭލައްވަން ބޭނުންވި ފަދައަކުންނެވެ. އެހެނަސް އެތާ ހުރި ޑޮކްޓަރު ދާނިޝް ގެ ކޮނޑުގައި ދެ އަތުން ހިފުމުން ދާނިޝްއަށް އަމިއްލަ ބަލިކަށިކަން އިޙްސާސް ކުރެވުނެވެ. އިސާހިތަކު މަންމަގެ ނަން ގޮވެމުން ރޮވެން ފެށީ ކޮންޓްރޯލެއް ނެތިއެވެ. ހަމަ އެއާއިއެކު ދެފައިން ވާގި ދޫވެ، ކަކޫ މައްޗަށް ތިރިވެ، އެނދުގައި ބޯ އަޅާލެވުނެވެ.
“ޓައިމް އޮފް ޑެތް….4 އޯގަސްޓް 2022، 1:10”
ޑޮކްޓަރު ބުނި އެ ބަސްތައް ދާނިޝްގެ ކަންފަތުގައި ގުގުމީ، ހޮނު ގުގުރީގެ ސިފައިގައެވެ. އިސާހިތަކު އިހުނަށްވުރެ ގަދައަށް ރޮވެން ފެށީ، ހިތުތެރޭގައި ގަދަވަމުން ދިޔަ ރިހުމަށް ކެތްނުކުރެވުމުންނެވެ. އޭނައަށް ދެންމެ މި އިވުނު ބަސްތައް ބަދަލުވެދާނެ ނަމައޭ ހިތަށްއަރަމުން ދިޔައެވެ. ﷲ އެފަދަ ގޮތެއް މިންވަރު ކުރައްވާނެތޯއޭ މަންމަ ގާތު އަހަން ބޭނުންވިއެވެ. މަންމަ ބުނާ ގޮތުން ﷲ ރުހިވޮޑިގެންވާ ގޮތަށް އުޅޭ މީހުންގެ ހިތުގެ އެދުންތައް އެކަލާނގެ ގިނަ ފަހަރު މަތިން ފުރިހަމަ ކޮށްދެއްވައެވެ. މިވަގުތު ﷲ ރުހިވޮޑިގެންވާނީ ކީއްކުރުމުންތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު މަންމަ މިފަދަ ޙާލަތްތަކުގައި ދަސްކޮށްދީފައިވާ ބައެއް ބަސްތައް ހަނދާން ކުރަމުން ދާނިޝްއަށް ކިޔެން ފެށިއެވެ.
“إِنَّا لِلّهِ وَ إِنَّا إِلَيهِ رَاجِعُون…. إِنَّا لِلّهِ وَ إِنَّا إِلَيهِ رَاجِعُون… إِنَّا لِلّهِ…. وَ إِنَّا….. إِلَيهِ رَاجِعُون.”
ތަކުރާރުކޮށް ދާނިޝްއަށް އެ ބަސްތައް ކިޔެން ފެށީ، ތަޤްދީރުގެ ނިޔާ ބަދަލުވޭތޯއެވެ. މި ބިރުވެރި ހުވަފެނުން އޭނައަށް ހޭލެވޭތޯއެވެ. ﷲ އޭނަގެ ހިތަށް އުފާވެރިކަމެއް ގެންނަވާތޯއެވެ. އެހެނަސް އެއްވެސް ކަމެއް ބަދަލު ނުވުމުން ދާނިޝްއަށް ހަމަ ރޮވެމުން ދިޔައެވެ.
ދާނިޝްއަށް ނޭނގުނު ކަމަކީ، އެ ބަސްތަކުން ތަޤްދީރުގެ ނިޔާ ބަދަލު ނުކުރެވުނަސް، އެއީ އޭނަގެ ހިދާޔަތް އިތުރުވުމަށް ފަހިވި މަގެއް ކަމެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަޤީޤަތުގައި ވެސް އެކަލާނގެ އަޅުންނަށް އެއްވެސް ދެރަގޮތެއް މިންވަރު ނުކުރައްވާނެ ކަމެވެ. އަޅުންނަށް މުޞީބާތެއް ކުރިމަތިވާ ހިނދު އެކަން ފަހުމް ނުވިޔަސް، ކެތްތެރިކަން ޚިޔާރު ކޮށްފިނަމަ އެކަލާނގެ ގެ ރޭވުންތެރިކަމުގެ ޙިކުމަތްތެރިކަން އެކަލާނގެ ދައްކަވައެވެ.
ނުނިމޭ
April 16, 2025 @ 12:35 am
“And We will surely test you with something of fear and hunger and a loss of wealth and lives and fruits, but give good tidings to the patient, (155) Who, when disaster strikes them, say, “Indeed we belong to Allah, and indeed to Him we will return.” (156) Those are the ones upon whom are blessings from their Lord and mercy. And it is those who are the [rightly] guided. (157)” – Suratul Baqarah, 155-157
April 16, 2025 @ 11:43 am
Can’t wait for next part ❤️
Haadha reehcheyy maasha allah❤️❤️❤️
You’re the best maasha Allah ❤️❤️❤️
Jana ge vaahaka thah kiyaalumun imantherikan varugadha vey… that’s why I like your stories….
baehfaharu namaadhu kuran beynun viyas namaadhu kuraa hiyy nuvey… but jana ge stories kiyaa iru vrh faruvaatheri vegen namaadhu vx kurevey… namaadhu hunnairu focus gehleythy vx jana liyefa hunna eki kahala aayaii thah handhaan v ma focus kurevey…. ekm gina faharu namaadhu kuran kanneii vany ehn vaathy dhera vx vey…. beynun vey sunnaii namaadhu vx kuran but hithah arany namaadhu thah vaguthu faaithu vaan kairi vefa huhta kurevey iru sunnaii namaadhu kuryma meehun keekey baaeh hithah araany 😭😭😭…. dhamu namaadhu vx vrh kuraa hiyy vey… ekm namaadhah huhta meehakah heylevigen ehchekey bunefaane thy vx biruganey…. please rangalhu dua eii bune dheefaanan tha??
April 17, 2025 @ 12:05 pm
Alhamdhulillah (All praise and thanks belong to Allah) ^_^
Varah baivaru vaahaka dho Anonymous, hehe….Ma Sha Allah ein engeny Anonymous ah heyo amaluthah kurun muhimmu kan. Allah swt aai gaaivvun muhimmukan. Ekamaai medhu kanbodu vaakan. Mi ee ves aslu varah bodu niumatheh ingey Anonymous. Iman therikamuge nishaaneh miee.
Aslu aharumen emmenves varah samaaluvaan jehey kameh aharumen kuraa kanthakun aharumenge hithah asaru kuraakan. Anonymous thi buny ehnu Jana ge vaahaka thah kiyaafa namaadhu kuraa hiyvva vaahaka? Ey aslu mi vaahaka thakuga huri heyo naseyhaiythakaai aayah thakun Anonymous ge hithah kuri asaru. Ehenveema heyo naseyhaiy libumah hama ekani Jana ge vaahaka thakah barosa nuve hama gina ginain dheenee liyunthah kiyanvy. Adhi dharusthah adu ahanvy.
Alhukan kurumuga meehun dhekey gothakaai medhu nuvisnahchey Anonymous. Meehun komme ehchekey bunyas hithah anna komme heyo ‘amaleh kuranvaane. Misaalakah miadhaky aharumenge fahu dhuvahah vejje nama aharumen evves meehaku bunaa bahakah visnumeh nethi hithah ai hurihaa amaleh kuraane dho? Abadhuves e visnun gengulhen vaane. Kahvalhuga aharumenge baiveriakah vaany hama ekani aharumenge heyo amaluthah. Eyrun aharumen hithah araane mi dhuniye aai dhuniyeygai vaahaaa ehchakah vure bodah e heyo amaluthakah samaalukan dhevunu namaey.
Dhamu namaadhu kuran beynumiyyaa Allah aai aharumennaai dhemedhu dhurumineh genna hurihaa kamakun dhuruvaan jeheyne. Ey kudhi adhi bodu faafathakun ves. Aharumennah neyngives dhuvas thereygai varah gina faafa kureveyne. Ehenveema faafa fussevuma edhi ginaginain dua kurun muhimmu. Migothah istighfaar kurumaky hiy e faafathakuge asarun saafu kohdhey kameh.
Meege ithurun Quran aai gaai gulhumeh badhahi kurun muhimmu. Quran aky emme mathiverivegenvaa zikuru. Handhuma kohdhinun. Varah gina faharu aharumennah heyo amaluthah nukureveny, ehen noony goas kanthakah araigeneveny sikundi hevaai nubai handhaan huttas, hiy eyge mathin handhaan nuhunnaathy. Quran e hithah handhuma kohdheyne. Ey eyge veri rabbuge basfulhukan e hithah engeythy hiy emme bodah heylavvaalany Quranun. Komme dhuvahaku Quranun minvareh kiyavanvy. Adhi vakin khaassakoh nidhumuge kurin Quran thankolheh extra koh kiyavanya Dhamu namaadhah heylevumuge chance boduvaane In Sha Allah.
And yes dua is absolutely the way to go. Aharumennah evves kameh nukureveyne Allah swt ge ehy aai nulai. Ehenveema dhivehi bahun ves Anonymous Jana ah thi shakuvaa kuri fadhain Allah ah shakuvaa dhannavan vy. Heyo amaleh kuran edhey alhaku ekamah ikhlaastheri kamaa eku edhumun ekalaange ijaaba nudhevvumaky naadhiru kameh.
Jana thireega ves baeh dua thah hissaakollaanan In Sha Allah
يَا مُقَلِّبَ الْقُلُوب, ثَبِّت قَلْبِي عَلَى دِينِكَ
“Oh Turner of hearts, keep my heart firm on Your religion”
اللّهُمَّ مُصَرِّفَ الْقُلُوْب, صَرِّفْ قُلُوْبَنَا عَلَى طَاعَتِكَ
“Oh Allah, Controller of hearts, direct our hearts to Your obedience”
Mi ee Rasool (SAW) emme ginain kurevvi dua thah kamah vey ^_^
Hadhith references
https://sunnah.com/riyadussalihin:1489
https://sunnah.com/muslim:2655
April 16, 2025 @ 12:07 pm
Mi part vx varah varah reethi maashaa Allah..
April 17, 2025 @ 12:07 pm
Alhamdhulillah ^_^
April 16, 2025 @ 2:44 pm
This part is so amazing maashaa Allah 😊
April 17, 2025 @ 12:08 pm
This part was actually heartbreaking for me to write hehe….I hope I got the point across though. Alhamdhulillah ^_^
April 16, 2025 @ 3:02 pm
Mi part vx varah varah reethi maashaa Allah
April 17, 2025 @ 5:18 am
Varah reethi
April 17, 2025 @ 12:08 pm
Alhamdhulillah ^_^