ނަފްސީ (ނުވަވަނަ ބައި)
ކޮންމެ ރެއެކޭ ވެސް އެއްފަދައިން ޑިއުޓީ ނިންމުމަށްފަހު ފެންވަރައި ނަމާދުކޮށްލައިގެން ހިލްޔާ ރީތިވާ މޭޒު ދޮށުގައި އިށީނެވެ. އެހެނަސް އެރޭ މޫނުބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ސަމާލުކަން ނުދެވުނެވެ. އެރޭ އޭނަ ދެއްކި ވާހަކަތަކުގެ އަޑުތައް ސިކުނޑި ތެރޭގައި ގުގުމަމުން ދިޔައީތީވެއެވެ.
“ސޮރީ ޓު ސޭއި ދިސް އެކަމަކު ސާރ ބޮޑު ގޮނޑިއެއްގަ އިންނެވިޔަސް ތި ވާހަކަ ދައްކަވަނީ އެހާ ރަނގަޅަކަށް ނޫން. ސާރ ގެ މި ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރުންނަކީ މަދު ބައެއް ނޫން. ބަލިމީހުންގެ ތެރެއިން އަންހެނުންނާއި ކުޑަ ކުދިންނަށް ގިނަ ފަހަރު ކަމުދަނީ އަންހެން ޑޮކްޓަރުން. އަޅުގަނޑު ސާރ ގެ ގާތަށް މިއައީ އެހާ ބޮޑު މައްސަލައަކާއި އެކީ ކަމަށް ނުވެދާނެ. އެކަމަކު އޭގެ މާނައެއް ނޫން ސާރއަށް އަޅުގަނޑާއި ތިގޮތަށް ވާހަކަ ދެކެވޭނެއޭ. މިއިން ހަމަ ގައިމުވެސް އަޅުގަނޑު ސާރ އަށް ކުރި ޤަދަރު ކުޑަވެއްޖެ. މާ ބޮޑު އަޚްލާޤެއް ސާރ ގެ ނެތްކަން އެނގިއްޖެ.”
“ތި މީހުން ލައިފްސްޕޭން ކުޑަ ކުރާ ހިތުންތަ ހަމަ ވޭޕް ބޮއި ތިއުޅެނީ؟ ތިއީ އެއްގޮތަކަށް ވެސް ކޫލް ކަމެއް ނޫން! ތިއީ ހަމަ އަމިއްލަ މީހާގެ ހަލާކު. އަމިއްލަ މަރާއި ގާތް ކުރުވާނެ ކަމެއް ތި ކުރެވެނީ.”
އެއްފަހަރު ބާސިމް އާއި ދެކެވުނު ވާހަކަ، އަނެއްފަހަރު އެ ބީރައްޓެހި ޒުވާނާއާއި ދެކެވުނު ވާހަކަތައް ހަނދާންވަމުން ދިޔަދިޔަހެން ހިލްޔާއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ބޯހޫރުވާލެވުނީ އެއްވެފައިވާ އިޙްސާސްތަކާއި އެކީއެވެ. ހޮސްޕިޓަލުގެ ވެރިމީހާ ބާސިމް ވާހަކަ ދެއްކި ގޮތުން އަދިވެސް ހިލްޔާގެ ހިތުގައި ރުޅިވެރިކަން ވީ ހިނދު، އެ ބީރައްޓެހި މީހާއާއި ވާހަކަ ދެކެވުނު ގޮތުން ހިލްޔާ ލަދުގަންނަ ގޮތްވިއެވެ.
އެ ޒުވާނާ ހިތަށް އަރާނީ ކީކޭބާއޭ ހިތް ސުވާލު ކުރިއެވެ. ރަނގަޅަށް ވިއްޔާ އެ ވާނީ މަގުމަތީ އުޅޭ ޒުވާނަކަށެވެ. ޙަޔާތާއިމެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ޒުވާނަކަށެވެ. ހިލްޔާ ހަޅޭއްލެވުމުން އެ ޒުވާނާއަށް އެ ވާނީ މަޖަލަކަށްތާއެވެ. އެ ވެގެން ދާނީ އެ ޒުވާނާގެ އެކުވެރިންނަށް ގޮސް ކިޔައިދޭން އޮތް ހެއްވާ ވާހަކައަކަށެވެ.
އެ ޚިޔާލު ހިތަށް ވެރިވި ހިނދު ލޯ ހުޅުވާލަމުން ހިލްޔާ އަމިއްލަ ނަފްސަށް ނުރުހުމުގެ ނަޒަރެއް ދިނެވެ.
“ސަމްޓައިމްސް ޔޫ ޝުޑް ޖަސްޓް ޝަޓް އަޕް!”
ހިލްޔާ އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބުނެލިއެވެ.
ހިލްޔާއަށް ނޭނގުނު ކަމަކީ އެވަގުތު އެ ހިތާމަ ކުރެވެމުން ދިޔައީ އޭނަ އެ ވާހަކައަކާއިމެދު ފަޚުރުވެރި ވާން ޖެހޭ ވާހަކައަށްޓަކައި ކަމެވެ. އެހެނީ އެ ޒުވާނާ ގާތު ހިލްޔާ އެ ވާހަކަތައް ބުނެލީ އިޚްލާޞްތެރި ނަސޭޙަތެއްގެ ގޮތުގައެވެ. އެ ޒުވާނާ ގެއްލުމަކުން ރައްކާތެރި ކުރުމުގެ ނިޔަތުގައެވެ. ހެޔޮ ނިޔަތްތަކެއްގައި ކުރެވޭ ޢަމަލުތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ބަރަކާތް ލައްވައެވެ. ހިލްޔާ ހީވެސް ނުކުރާ ފަދައަކުން، ހިލްޔާގެ އެ ބަސްތަކުން އެ ޒުވާނާއަށް ރަނގަޅު ފިޔަވަޅެއް އަޅަން ހިތްވަރު ލިބުނުކަން ހިލްޔާއަށް އެނގޭނެނަމައެވެ.
އެރޭ ނިދަން އޮށޯތްއިރު ވެސް ހިލްޔާއަށް ހިތާމަ ކުރެވެމުން ދިޔައީ އެ ޒުވާނާއާއި މުޚާތަބު ކުރެވުނު ގޮތާއި މެދުގައެވެ. ބާސިމާއި ވާހަކަ ދެކެވުނު ގޮތް ގޯސްހެނެއް އެއްގޮތަކަށް ވެސް ހިއެއްނުވިއެވެ. ބާސިމް ވެސް އޭނައާއި ވާހަކަ ދެއްކީ ގޯސްކޮށް ކަމަށް ވުމުން އޭނަގެ ރުޅިވެރިކަން ޙައްޤުކަމަށް އެވަގުތު ހިތް ބުނަމުން ދިޔައެވެ. ހަމަ އެއާއިއެކު ޝައިޠާނާ އެ ރުޅިވެރިކަން ޒީނަތްތެރިކޮށް، ބާސިމް ދެއްކި ވާހަކަ އޭނަގެ އެކުވެރި އެހެން ޑޮކްޓަރުންނާއި ޙިއްސާ ކުރުމުގެ ރޫޙެއް ވެސް ހިތުގައި އުފެދުނެވެ. އެހެންކަމުން މާދަމާ ޑިއުޓީގައި އެކުވެރިންނާއި ދިމާވާ ވަގުތު އެ ވާހަކަ ދައްކަން ހިލްޔާ ނިންމީ، ޣީބަބުނުމަކީ އަދި އިތުރު ފާފައެއް ކަން އިޙްސާސް ނުކުރެވޭ ޙާލުގައެވެ. އަދި ކޮންމެ ފާފައެއްގެ ނަތިޖާ ވެސް ގޯސްވެ، އަނެއް ފާފައަށް މަގުފަހިވާކަން ނޭނގިއެވެ.
އޭގެ އަނެއްދުވަހު ވެސް ހިލްޔާއަށް ހޭލެވުނީ އިރުއަރަން 5 މިނެޓަށް ވެފައި ވަނިކޮށެވެ. އިރުއެރުމުގެ ކުރިން ފަތިސް ނަމާދު ކޮށްލެވުނީ ކިރިޔާއެވެ. ފަތިސް ނަމާދަށްފަހު ނުނިދަން ހިލްޔާ ނިންމީ، ދޮންތަގެ ޙާލު ބަލަން ނިންމަމުންނެވެ. މިއަދަކީ ދޮންތަ ވިހަން ތައްޔާރުވުމަށް ހޮސްޕިޓަލަށް ދާން އޮތް ދުވަހެވެ.
ކޮޓަރިން ނިކުމެ ހިލްޔާ ސިޑިން ފައިބަމުން ދަނިކޮށް ފިޔަވަޅުތައް ލަސްވެގެން ދިޔައީ، ދުވަހުގެ އެ ވަގުތު ދޮންތަގެ ފިރިމީހާ އަސްލަމް ގޭގެ މައިދޮރުން ވަން މަންޒަރު ފެނުމުންނެވެ. އަސްލަމް ހުރީ އޭނަގެ އާދައިގެ އަތްދިގު ގަމީހާއި ކުރު ކުރެވިފައިވާ ފަޓުލޫނު ލައިގެންނެވެ. ހިސާބަކަށް ފަލަ ހަށިގަނޑުގެ ސަބަބުން ގަމީސް ގަޔަށް ބާރުވެފައިވިއެވެ. އަސްލަމް ގެއަށް އެއައީ އިއްޔެއްސުރެ ގެއަށް ނައިސް ހުރެތޯ ހިލްޔާގެ ހިތަށްއެރިއެވެ. އޭނައަށް އަސްލަމް މިގޭގެ ތެރެއިން މި ފެނުނީ ކިތައް ދުވަސްފަހުން ކަމެއް ވެސް ނޭނގެއެވެ. ވަރަށް ދަން ވާ ފަހުން ގެއަށް އަންނަ ވާހަކަ ދޮންތަ ބުނެފައި ވިޔަސް އެކަން ވެސް ޤަބޫލު ކުރަން ހިލްޔާއަށް ދަތިވެފައިވެއެވެ.
“އަނހަ ހިލްޔާ! ކިހިނެއް؟” ހިލްޔާ ސިޑިމަތީގައި ހުއްޓިގެން ހުއްޓާ އަސްލަމް އޭނަ ފެނިފައި ހިނިތުންވުމަކާއި އެކީ އަހާލިއެވެ. ހިސާބަކަށް ހުދުވާން ފަށާފައިވާ ދިގު ތުނބުޅިއާއިއެކީ ހުރި އެ ހިނިތުންވުން ހިލްޔާއަށް ފެނުނީ މީގެ 4 އަހަރު ކުރިންނެވެ. އޭރު އެއީ ހާދަ ހިތްހެޔޮ ހިނިތުންވުމެކޭ ހިތަށްއެރިއެވެ. އެހެނަސް މިފަހުން އިވެން ފަށާފައިވާ ވާހަކަތަކުން ހިލްޔާއަށް އެ ސޫރަ ފެންނަމުން ދިޔައީ ތަފާތު ގޮތަކަށެވެ.
“ރަނގަޅު. ދޮންތަބެ ކޮން ތަނަކުން ތި އައީ؟ ހާދަ ނުފެނެއޭ.” ހިލްޔާ ސިޑިން ފައިބަމުން އާދައިގެ ގޮތަކަށް އެހިއެވެ. ހިލްޔާގެ އެ ސުވާލާއެކު އަސްލަމް ގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ.
“އެ….އެއީ ކުޑަ ކަމަކު ބޭރުގަ އުޅެލާފަ. މިހާރު އޮފީސް ވެސް ވަރަށް ބިޒީ. އޮފީސް ނިމުނީމަ ކުޑަކޮށް މާލެއަށް ގޮސްލާފަ މި އަންނަނީ.” އަސްލަމް ދިން ޖަވާބުން ހިލްޔާގެ ދެ ބުމަ ކައިރިވިއެވެ.
“ކީއްވެ މާލެއަށް ދަނީ؟ ދޮންތަބެ ގެ އޮފީސް ހުންނަނީ ހުޅުމާލޭގައެއް ނޫންތަ؟” ހިލްޔާ އެއްކޮށް ސިޑިން ފޭބުމަށްފަހު އަސްލަމް އާއި ކުރިމަތިލިއެވެ.
“އެއީ….މާލޭގަ ވެސް އުޅޭ ތިމާގެ ބަޔަކު. ދޮންތަ ކޮބާ؟ ކޮޓަރީގަ ދޯ؟ ގޮސްލާނަން.” އަސްލަމް އެހެން ބުނެ ހިލްޔާއަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ވެސް ނުދީ ދާން ހިނގައިގަތެވެ. އެހިނދު ހިލްޔާގެ ބުމަގޮށްޖެހި، ގޮށްމުއްކެވުނެވެ.
**
ހަމްރާ ރީތިވާ މޭޒުދޮށުގައި އިނީ އަތްކުރު ރަތްކުލައިގެ މައްޗަކާއި ކަޅުކުލައިގެ ހަރުވާޅެއް ލައިގެންނެވެ. ހެނދުނު އެވަގުތު ވެސް ހަމްރާ ލޯގަނޑު ބަލައިގެން މޭކަޕް ކުރަމުން ދިޔައީ ތަނަކަށް ދާން ފަދައެވެ. އެހެނަސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ.
ހަމްރާ 9 މަހުގެ ބަނޑާއިއެކީ އެވަގުތު ކިތަންމެހާ ވެސް ވަރުބަލިވެފައިވިއެވެ. ހަށިގަނޑުގެ ހުރިހާ ބައެއް އެދެމުން ދިޔައީ އޮށޯވެ އަރާމުކޮށްލުމަށެވެ. އެހެނަސް އެވަގުތު އެކަން ހަނދާން ނައްތާލަން މަސައްކަތް ކުރަމުން ރީތި ވެވެމުން ދިޔައީ އޭނަ ލޯބިވާ ފިރިމީހާ އަސްލަމް އަށްޓަކައެވެ. އެ ޙާލަތުގައި އެ މަސައްކަތް ކުރެވެމުން ދިޔައީތީ ހަމްރާއަށް މޮޔަވެސް ހީވަމުން ދިޔައެވެ. އެހެނަސް ނަފްސާނީ ގޮތުން އޭނަ މި ޙާލަތަށް އައިސްފައިވަނީ ފާއިތުވި 4 އަހަރުތެރޭގައި ކަންތައް ވެފައިވާ ގޮތުންނެވެ.
އަސްލަމް އާއި ހަމްރާ ދިމާވީ މާލެ ތެރެއިންނެވެ. މީގެ 4 އަހަރު ކުރިން ރޯދަ މަހެއްގައި ހަމްރާ ދިޔަ މިސްކިތުގެ އިމާމަކަށް ހުރީ އަސްލަމެވެ. ތުންތުންމަތިން އަސްލަމް ގެ ދީންވެރިކަމުގެ ވާހަކަ ހަމްރާއަށް އިވުމުން އަސްލަމަށްޓަކައި ހަމްރާ ގެ ހިތް ކިޔުނެވެ. ޒަމާނަކީ އެހާ ދީންވެރި ބަޔަކު ނުވެސް އުޅޭ ޒަމާނަކަށްވުމުންނެވެ. އޭރު ހަމްރާއަށް ޢިލްމު ލިބިފައިވާ ގޮތުން ޚިޔާރު ކުރަންޖެހޭނީ ދީންވެރި މީހެކެވެ. ދީންވެރި މީހަކު ޚިޔާރު ކޮށްފިނަމަ އެ މީހަކު އޭނައާއިމެދު ރަނގަޅަށް ހިތާނެއެވެ.
ހަމްރާއަށް އޭރު ނޭނގުނު ކަމަކީ، ބޭރު ފުށުން ދީންވެރި ވިޔަސް ތަޤްވާވެރި ނުވެއްޖެނަމަ އެމީހެއްގެ އަޚްލާޤް ގޯސްވާނެ ކަމެވެ. ރަސޫލާ ﷺ މީހެއްގެ ދީންވެރިކަމާއެކީ އެކީ އަޚްލާޤަށް ވެސް ބެލުމަށް ނަސޭޙަތްތެރިވެފައިވާކަމެވެ. ހަމްރާ އަސްލަމް ގެ އަޚްލާޤަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އޭނައަކީ އޭނަގެ ރަށުގައި އަމިއްލަ މައިންބަފައިންނާއި މެދު ވެސް ގޯސްކޮށް ހިތާފައިވާ މީހެއްކަން އިވިފައި ވިޔަސް އެއަށް ސަމާލުކަމެއް ނުދެއެވެ. ޚުދު ހަމްރާގެ ބައްޕަ އާއި މާމައަށް ވެސް ބައެއް ވާހަކަތައް އިވިގެން ހަމްރާއާއި ޙިއްސާކޮށްފައިވެއެވެ. އެހެނަސް ހަމްރާ އެ ބަސްތައް އަޑެއް ނޭހިއެވެ. އަދި އަމުދުން އަސްލަމްއާއި ފޯނުން ވާހަކަ ދައްކަން ފެށި ފަހުން އަސްލަމް އެ ހުރިހާ ގޯސް ވާހަކަތަކަށް ރައްދު ދީފައިވާ ގޮތުން، އެއީ އަސްލަމް އެ ކަންތަކުން ތައުބާ ވެފައިވާ ކަންތަކެއް ކަމަށް އަސްލަމް ބުނެފައިވެއެވެ. އަމިއްލަ ޢާއިލާ މީހުން ބުނަމުން ދިޔަ ވާހަކަތަކަށް ވުރެ ހަމްރާއަށް ބަރޯސާވެވުނީ އަސްލަމް ބުނި ބަސްތަކަށެވެ. އިސްތިޚާރާ ނަމާދު ކުރުމަށް މާމަ އެންގިއެއްކަމަކު މިއީ ޔަޤީން ނިންމުމެއް ކަމަށް ހަމްރާ ބުންޏެވެ.
ހަމްރާއާއި އަސްލަމް ގެ ކައިވެނި ކުރެވުނީ މިފަދަ ގޮތަކަށެވެ. ކައިވެނީގެ ފުރަތަމަ ރެއިން ފެށިގެން ހަމްރާއަށް އަސްލަމް ގެ ޙަޤީޤީ ކުލަތައް ފެންނަން ފެށިއެވެ.
“ހަމްރާ އަހަންނަށް އިތުބާރު ކުރާތީ ވަރަށް ތެދުތެދަށް ވާހަކައެއް ބުނާނަން. އަހަރެން ކޮންމެހެން ހަމްރާއާއި އިނީ ލޯބިންނެއް ނޫން. އަހަރެން އިނީ ހަމްރާގެ ބައްޕަ އަހަންނަށް ދޭން ވަޢުދުވި ވަޒީފާއާއި ފައިސާއަށްޓަކައި. ކޮންމެހެން ނުބުނަން ހަމްރާއާއި އެކީ އުޅެން ބޭނުމެއް ނުވެއޭ. ތިއީ ހަމަ ވަރަށް ރީތި ކުއްޖެއް. ވަކިން ޚާއްސަކޮށް ތިހެން ރީތިވެގެން ހުންނައިރު.”
އަސްލަމް އެރޭ ހަމްރާ އާއި ގާތް ވެސް ވުމުގެ ކުރިން ދެއްކި ވާހަކަތަކުން ހަމްރާގެ ހިތް ކުދިކުދިވިއެވެ. އެހެނަސް އެ ހުރިހާ ވާހަކަތަކުގެ ތެރެއިން ހަމްރާއަށް ހިފަހައްޓާލެވުނީ އަސްލަމް އެ ބުނި ފަހު ބަސްތަކުގައެވެ. އޭނައަށް ރަނގަޅަށް ރީތިވާން ދަސްވެއްޖެނަމަ އަސްލަމް ދުވަސްކޮޅަކުން އޭނަ ދެކެ ލޯބިވެދާނެ ކަމަށް ނިންމުނެވެ.
އަސްލަމްއަށްޓަކައި އަބަދުވެސް ރީތިވެގެން ހުރުމަށް ހަމްރާއަށް ނިންމުނީ އެހާ ހިސާބުންނެވެ. މުޅި ޙަޔާތުގެ މަޤްޞަދަކީ އަސްލަމްގެ ރުހުން ހޯދުން ކަމަށް ހަމްރާއަށް ނިންމުނެވެ. އެހެނަސް އެ ނިޔަތުން ހަމްރާއަށް ހިތްދަތިކަމެއް ނޫނީ ނުލިބެއެވެ. އަސްލަމް ގެ ފަރާތުން އޭނަ ދުވަހަކުވެސް ބޭނުންވާފަދަ އަޅާލުމަކާއި ސަމާލުކަމެއް ނުލިބެއެވެ. އެ ގުޅުމުގެ ބޭނުމަކީ ހަމައެކަނި އަސްލަމްގެ އެދުން ފުއްދުމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފަހުން ފަހުން އައިސް އަސްލަމްގެ ހުތުރު ބަސްތަކާއި ވެސް ހަމްރާއަށް ކުރިމަތިލާން ޖެހުނެވެ. އެ ބަސްތައް އެމުނިގެން ދިޔަ ގޮތުން ދެންވެސް ގޯހީ އޭނަ ހެން ހަމްރާއަށް ހީވަމުން ދިޔައެވެ.
ކަންތައް މިހެން ދަނިކޮށް އަސްލަމް ޒުވާން ފުރައިގެ އަންހެން ކުއްޖަކާއި ރައްޓެހިވެގެން އުޅޭކަން ހަމްރާއަށް އެނގުނީ މި އަހަރެވެ. އެ ދެމީހުންގެ އަލަތު ދަރިފުޅަށް ބަލިވެ އިންތާ 3 މަސް ފަހުންނެވެ. އެކަން އެނގުނީ އެއްދުވަހު އަސްލަމްގެ ފޯނަށް އައި ކޯލަކަށް އަސްލަމް ނެތް ވަގުތެއްގައި ހަމްރާއަށް ޖަވާބު ދެވުމުންނެވެ. ހަމްރާ ވަގުތުން އެކަމާއިމެދު އަސްލަމް އާއި ކުރިމަތިލިއެވެ.
“އަހަރެން ހަމްރާއަށް ދޮގެއް ނަހަދާނަން. އެއީ އަހަރެން ދެ އަންބަށް އިންނަން އުޅޭ އަންހެން ކުއްޖާ.”
އަސްލަމް ދިން ޖަވާބުން ހަމްރާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަކުގެ ތެރެއިން ކަރުނައެއް ކޯތާފަތަށް ފައިބައިގެން އައެވެ. މުޅި ދުނިޔެ ވަށައިގެން އެނބުރެން ފެށިހެން ހީވި ވަގުތު، މެއަށް ތަދުވެ، ފައިން ވާގި ދޫވެދާނެހެން ހީވިއެވެ.
“އެކަމަކު….ކީއްވެ؟ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީތަ؟” ލިބިފައިވާ ޝޮކުގެ ތެރެއިން ހަމްރާއަށް ކޮށްލެވުނީ އެ ސުވާލެވެ. އަންބެއްގެ ގޮތުން އޭނަ އަދާ ކުރަންޖެހޭ އެއްވެސް ޒިންމާއެއްގައި އޭނަ ފަރުވާ ކުޑަ ކޮށްފައެއް ނުވެއެވެ.
“ކުރިން ވެސް ބުނިހެން އަހަރެން ހަމްރާ ދެކެ ލޯބިވެގެންނެއް ނޫން ހަމްރާ އާއި އިނީ. އަހަރެން ވެސް ލޯބިވާ ކުއްޖަކާއި އިނުން އަހަންނަށް ޙައްޤުދޯ؟ ދީންވެރި ކުއްޖެއްގެ ގޮތުގައި މި ކަމާއިމެދު ހަމްރާ މައްސަލަ ނުޖައްސާނެ ކަމަށް އުއްމީދު ކުރަން. ދެ އަންބަށް އިނުމަކީ ރަސޫލާ ﷺ ގެ ސުންނަތެއް.” އަސްލަމް ބުންޏެވެ.
އަސްލަމް އެހެން ބުނުމަށްފަހު ހަމްރާއަށް އެހާ ހިސާބުން ބުނާނެ ވަކި އިތުރު އެއްޗެއް ނޭނގުނެވެ. ރަސޫލާ ﷺ ގެ ނަން ގަނެވުމުން ވަކި އެއްޗެކޭ ބުނަން ވެސް ޖެހިލުންވީއެވެ. އަދި އަސްލަމް އެ ބުނިހެން އޭނަ ދީންވެރި ވެއްޖެނަމަ އޭނަ އެކަމާއިމެދު އެއްޗެކޭ ބުނެގެން ނުވާނެކަމަށް ވެސް ޤަބޫލުކުރެވުނެވެ.
ހަމްރާ ނިންމީ ރަނގަޅު ނިންމުމަކަށް ވިޔަސް އަސްލަމް ކަން ކުރަމުން ދިޔައީ ގޯހުން ގޯހަށެވެ. ސުންނަތާއި އެއްގޮތަށް އުޅުމުގެ ނަމުގައި އެ ބުނާ އަންހެން ކުއްޖާއާއި އެކީ ރައްޓެހިވެ، ގާތްކޮށް އުޅެން ފެށިއެވެ. އަސްލަމް ގެ ސައިކަލު ފަހަތުން އަންހެން ކުއްޖަކު ފެންނަ ވާހަކަ ހަމްރާއަށް އިވުނީ އެކުވެރިއެއްގެ ފަރާތުންނެވެ. ހަމްރާ ހީކުރީ އަސްލަމް އެ އަންހެން ކުއްޖާއާއި އެހާ ހިސާބުން އިނީ ކަމަށެވެ. އެހެނަސް….
“އަދި ނުއިންނަމޭ. އަދި އެ ކުއްޖާ ރަނގަޅަށް ދަނެގަންނަން މި މަސައްކަތް ކުރަނީ. 3 މަސް ތެރޭ އިންނަން ކަމަށް މި ނިންމަނީ.”
އަސްލަމް އެ ބުނި ވާހަކައިން ހަމްރާ ފުރަތަމަ ފަހަރަށް އަސްލަމާއި ޒުވާބެއް ކުރިއެވެ. އެ ޒުވާބު ނިމިގެން ދިޔައީ އަސްލަމް ގެ ހޫނު އެތިފަހަރެއް ހަމްރާގެ ކޯތާފަތަށް ލިބުމުންނެވެ. އެ އެތިފަހަރާ އެކީ ހަމްރާ ޤަބޫލު ކުރަން ވެސް ދަތިވެފައި އަސްލަމަށް ބަލަހައްޓައިގެން ހުއްޓެވެ. އަސްލަމް އެކަމާއި ހިތާމަކޮށް އޭނައަށް މަޢާފަށް އެދޭނެ ކަމަށް ހީކުރެވުނެވެ. އެހެނަސް އަސްލަމް ގެ ލޯ މަތިން ކުޑަވެސް ރަޙުމެއް ހަމްރާއަށް ނުފެނުނެވެ. އަސްލަމް ދެންވެސް ރުޅީގައި ހުރެ، ހަމްރާއަށް ފަސްދީފައި ދިޔައީއެވެ.
ހަމްރާ އެދުވަހު ވީ ދެރައާއި އައި ރުޅީގައި އެދުވަހުން ދުވަހަށް ވެސް އަސްލަމާއި ގުޅުން ކަނޑާލަން ބޭނުންވިއެވެ. އަސްލަމް އެ ކަން ކުރީ ހަމަ ގައިމުވެސް އޭނައާއިމެދު ކަން ކުރެވެން ޖެހޭ ގޮތަކަށް ނޫންކަން ޔަޤީންވީތީވެއެވެ. އަދި އަމުދުން އޭނަގެ 4 މަހުގެ ބަނޑުގައި އަސްލަމްގެ ދަރިފުޅު އޮއްވައެވެ. އެހެނަސް އަސްލަމާއި ދެކޮޅަށް ފިޔަވަޅެއް އަޅަން ޖެހިލުންވީ ވެސް އެ ދަރިފުޅާއި މެދު ވިސްނާފައެވެ. ކޮންމެ ގޮތެއްވިޔަސް އަސްލަމަކީ އެ ދަރިފުޅުގެ ބައްޕައޭ ހިތަށްއެރިއެވެ. އެ ދަރިފުޅު ބައްޕައަކާއި ނުލާ ބޮޑުވުމަށް ހަމްރާގެ ހިތް ނޭދުނެވެ. ހަމަ އެއާއިއެކު އަމިއްލަ ބަދުނަސީބުކަން ހަމްރާއަށް އިޙްސާސް ކުރެވުނެވެ.
އެހެނަސް ޙަޤީޤީ ބަދުނަސީބުވެރިންނަކީ ޢިލްމު ލިބިފައި ވެސް އެ ޢިލްމުގެ ޙިކުމަތް ފަހުމް ނުވާ މީހުންކަން ހަމްރާއަށް ނޭނގެއެވެ. އާނއެކެވެ. ބަދުނަސީބުވެރިޔަކީ ރަސޫލާ ﷺ ރީތިވެގެންވާ ސުންނަތް އެނގިފައި ވެސް އެ ސުންނަތާއި އެއްގޮތަށް އުޅެން ނުކުޅެދިފައިވާ މީހެކެވެ. އަދި އަމުދުން އެ ރީތިވެގެންވާ ސުންނަތަށް ހުތުރު ލިބޭނެ ފަދައަކުން އުޅޭ މީހެކެވެ.
ރަސޫލާ ﷺ އަކީ އަންހެނުންނަށް އަނިޔާ ނުކުރުމަށް އެންގެވި ނަބިއްޔާއެވެ. މީސްތަކުން ކުރެ އެންމެ ހެޔޮ ބަޔަކީ އެމީހުންގެ ޢާއިލާއަށް އެންމެ ހެޔޮ މީހުންކަމަށް އެންގެވި ރަސޫލާއެވެ. އަދި އޭގެ ފުރިހަމަވެގެންވާ ނަމޫނާ އެކަލޭގެފާނުގެ އަމިއްލަފުޅު ދިރިއުޅުއްވުމުން ދެއްކެވި ސާހިބާއެވެ. އެކަލޭގެފާނު ކުރެއްވި ކޮންމެ ކަމެއްގައި އިޙްސާންތެރިކަންވީ ފަދައިން، އެކަލޭގެފާނުގެ ކައިވެނިފުޅު ބައްލަވައިގަތުމުގައި ވެސް ތަޤްވާވެރިކަން ވިއެވެ. އޭގެއިން އެއްވެސް ކައިވެނިފުޅަކީ އެކަލޭގެފާނުގެ ހަވާ ނަފްސަށް ތަބާވުމަށް ކުރެއްވި ކައިވެނިފުޅެއް ނޫނެވެ. އެހެނެއްކަމަކު އޭގެއިން ކޮންމެ ކައިވެނިފުޅެއްގެ ފަހަތުގައި މަތިވެރިވެގެންވާ ސަބަބުތަކެއްވިއެވެ. އެކަލޭގެފާނު ކުރިމަތިލެއްވި އެ ޙާލަތްތަކުގައި ﷲ އެންމެ ރުހިވޮޑިގެންވާ ނިންމެވުމަކަށް ނިންމެވޭނީ ކައިވެނި ބެއްލެވުންކަން، އެ ސީރަތު ދަސްކުރާ މީހަކަށް ފަހުމްވެގެންދާނެއެވެ.
އެހެންކަމުން ދެދުނިޔެއިން ވެސް ކާމިޔާބުވާ ނަސީބުވެރިންނަކީ އެ ސީރަތުގެ ފަހަތުގައިވާ ޙިކުމަތްތައް އެނގި، އެ ޙިކުމަތްތަކާއި އެއްގޮތަށް އުޅޭ މީހުންނެވެ. ބަދުނަސީބުވެރިޔަކީ ދެ ދުނިޔޭގެ ކާމިޔާބީގެ އެ ތަޅުދަނޑި ގެއްލުވާލާ މީހެކެވެ.
އެހެނަސް ޚުދު ހަމްރާއަށް ވެސް އެފަދަ ޢިލްމެއް ލިބިފައި ނުވުމުން، ހަމްރާއަށް ދެން ކުރިމަތިލާން ޖެހުނީ ހިތްދަތި ދުވަސްތަކާ އެވެ. އެދުވަހު އަސްލަމާއި ދެއްކި ވާހަކައަށްފަހު ހަމްރާ ވަކި އެ އަންހެން ކުއްޖާއާއި މެދު އިތުރަށް ޝަކުވާއެއް ނުކުރެއެވެ. އޭގެ ބަދަލުގައި އެ އަންހެން ކުއްޖާއާއި މެދު އިތުރަށް ހޯދައި އެ އަންހެން ކުއްޖާއާއި އެއްވަރަށް ރީތިވެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަސްލަމަށް އިހުނަށްވުރެ ހެޔޮކޮށް ހިތޭތޯ މަސައްކަތް ކުރިއެވެ. ކޮންމެވެސް ހިސާބަކުން އަސްލަމް އެ އަންހެން ކުއްޖާ ދޫކޮށް އޭނަ ގާތަށް އަނބުރާ އައިސްދާނެ ކަމުގެ އުއްމީދުގައެވެ.
ވޭތުވެ ދިޔަ 5 މަސް ދުވަހުގެ ތެރޭގައި އެ ހުރިހާ ކަމަކުން އަސްލަމަށް ބަދަލެއް ނަޔަސް ހަމްރާ ދެންވެސް ބަލި ޤަބޫލެއް ނުކުރެވެއެވެ. ބަލިވެފައިވާ ހަށިގަނޑާއި ހިތާއި އެކީވެސް ރީތިވާ މޭޒު ދޮށުގައި އިނދެ އަސްލަމަށްޓަކައި ހަމްރާ ރީތިވަމުން ދިޔައީ އެހެންވެއެވެ.
އެ މޭޒު ދޮށުގައި ހަމްރާ އިންދާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ހަމްރާ ކަނާތް ފަރާތަށް ބަލާލިއެވެ. އަދި އަސްލަމް ފެނުމާއިއެކު ހިނިތުންވެލަމުން އުދަގުލާއިއެކީ ވެސް ތެދުވެލިއެވެ.
“ބަލިވެފަދޯ ތިހިރީ؟ ސައި ހަދައިދެންތަ؟” ހަމްރާ ހަމަ އެ ހިނިތުންވުމުގައި ހުރެ އެހިއެވެ. ބަދަލުގައި އަސްލަމް ހަމްރާއަށް ބަލާލުމެއްވެސް ނެތި ކޮޓަރިއަށް ވަދެގެން އައެވެ. ހިލްޔާއާއި ވާހަކަ ދެއްކިއިރު ވެސް އެ މޫނުމަތިން ފެނުނު އުޖާލާކަމުގެ ކަންފުޅެއް ވެސް ނެތެވެ. އަސްލަމް ހެދުން އަލަމާރީގެ ކައިރީގައި ހަމްރާއަށް ފަސްދީގެން ހުރެ ގަމީހުގެ ގޮށްތައް ނައްޓަން ފެށިއެވެ.
“ސަޔަށް ހަދައިދޭންވީ ކޯޗެއް؟ އެއްކަލަ ގޮތަށް ކުޑަ ބޯކިބާއެއް އަޅައިދެންތަ؟” އެއްވެސް ކަމެއް ކުރާނެ ހަކަތައެއް ނެތަސް ހަމްރާއަށް ބުނެވުނެވެ. މިފަހުން އައިސް އަސްލަމް އޭނަ ދައްކާ ގިނަ ވާހަކައަށް ޖަވާބެއް ވެސް ނުދޭކަން ހަމްރާއަށް ފާހަގަވެފައިވެއެވެ. އެހެންކަމުން އެކި ވާހަކަތައް އެމުނުމަށް ސިކުނޑި ހާސްވެފައިވީ، އަސްލަމްގެ ރައްދެއް ލިބޭނެ ފަދަ ވާހަކައެއް ދެއްކޭތޯއެވެ.
އެންމެ ފަހުން ކުރި ސުވާލަށް ވެސް އަސްލަމް ވަކި އެއްޗެކޭ ނުބުނުމުން ހަމްރާ އިތުރަށް ވާހަކަ ދެއްކިއެވެ.
“މިއަދަކީ އަހަރުމެންގެ ދަރިފުޅު ވިހާ ދުވަސްކަމަށް ވެސް ވެދާނެ…..އަސްލަމް އަންނާނަން ދޯ ހޮސްޕިޓަލަށް؟” ހަމްރާ އެހެން ބުނުމުން އޭނައަށް ފަސްދީގެން ހުރި އަސްލަމްގެ ޙަރަކާތްތައް ހުއްޓުނެވެ. އެއާއިއެކު ހަމްރާގެ ހިތުގެ ތެޅުން ވެސް މަޑުޖެހުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަސްލަމް ވާހަކަ ދެއްކިއެވެ.
“އަންނާނަން….” އަސްލަމް އެހެން ވެސް ބުނެލީ ހަމްރާއަށް ބެލުމެއް ނެތިއެވެ. އެހެނަސް އަސްލަމް ގެ އެ ކުރު ޖަވާބުން ވެސް ހަމްރާގެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ. ލޯތްބަށް ފެންބުވައިގެންފައި ވަނިކޮށް އޭގެ ކޯވަރެއް ވެސް ލިބުމުން އެ ހިތް އުފަލުން ފޮޅެން ފެށިއެވެ. އަސްލަމް ދެންވެސް އޭނަގެ ބެލުމެއް ނެތި ތުވާއްޔެއް ނަގައިގެން ގޮސް ފާޚާނާއަށް ވަނުމުން ހަމްރާ ވަކި ދެރައެއް ނުވީ އެހެންވެއެވެ. އެންމެ ފަހުން އޭނަގެ އުއްމީދުތައް ފުރިހަމަ ވަނީއޭ ހިތަށްއެރިއެވެ. އެހެންކަމަކަށް ނުވިޔަސް އެމީހުންގެ ދަރިފުޅުގެ ސަބަބުން އެ ދެމީހުންގެ ގުޅުން އަނެއްކާވެސް ފުންވެގެން ދާނެ ގޮތް ހަމްރާއަށް ޚިޔާލު ކުރެވުނެވެ. ކަން ވާނީ ހަމަ އެހެން ކަމަށް އެވަގުތު ހަމްރާއަށް ޔަޤީން ކުރެވުނެވެ.
އެ ދުވަހުގެ މެންދުރު ވަގުތު ހަމްރާ ހޮސްޕިޓަލަށް ދިޔައީ އެ އުއްމީދާއި އެކީގައެވެ. މެންދުރު ވަގުތު އަސްލަމް ގޭގައި ނެތް ކަމުގައި ވިޔަސްމެއެވެ. އެފަހުން އަސްލަމް އޭނައާއި ވާހަކައެއް ދައްކާފައި ނުވިޔަސްމެއެވެ. އެދުވަހުގެ އޮފީސް މަސައްކަތް ނިންމާފައި އަސްލަމް ހޮސްޕިޓަލަށް އަންނާނެ ކަމަށް ހަމްރާއަށް އުއްމީދު ކުރެވުނެވެ.
ހަމްރާ އެރޭގެ ވަގުތެއްގައި ވިހެއުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރު ބުނުމުން ހިލްޔާ އެދުވަހު ޑިއުޓީއަށް ނުދާން ނިންމިއެވެ. ހަމްރާ އާއި ހިލްޔާ ގޮވައިގެން ހޮސްޕިޓަލަށް އައި ނަހީދު ވެސް އެ ޚަބަރު އިވިފައި އޮފީސް ނިންމާލާފައި ވީހާ ވެސް އަވަހަކަށް އަންނާނެ ވާހަކަ ބުންޏެވެ.
“އެހެންވީމަ ހިލްޔާ ދޮންތަ ކައިރި މަޑުކޮށްލާ. އެއްވެސް ކަމެއް ވަންޏާ ބައްޕައަށް ގުޅާލާ. ބައްޕަ އަންނާނަން އެލީއާ މާމަ ވެސް ގޮވައިގެން ހަވީރު 4 ޖަހާއިރަށް. އަސްލަމް ކޮބައިތަ، ހަމްރާ؟”
ހަމްރާ ބޭއްވިފައި އޮތް ޕްރައިވޭޓް ރޫމުގެ އެނދު ކައިރީގައި ހުރެ ނަހީދު ހަމްރާއާއި، ހިލްޔާއަށް ވާ ގޮތަށް ވާހަކަ ދެއްކިއެވެ. އެހިނދު އެނދު ކައިރީގައި ހުރި ގޮނޑީގައި އިން ހިލްޔާއަށް ވެސް ހަމްރާއަށް ބަލާލެވުނެވެ.
“އަސްލަމް ވެސް….އަންނާނަމޯ ބުނީ. ހަވީރު އަންނާނެ.” ހަމްރާ އެ ވާހަކަ އަވަސްއަވަހަށް ބުނެލީ ޚުދު އޭނަގެ އަމިއްލަ ޝައްކުތަކަށް ފުރުސަތެއް ނުދިނުމަށެވެ.
ނަހީދު ހަމްރާގެ އެ ބަސްތަކުން ތަސައްލީއެއް ހޯދައިގެން ދިޔަޔަސް، އެއިން ހިލްޔާގެ ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ދޮންތަ އެ ޖަވާބު ދިންއިރު އެ މޫނުމައްޗަށް ވެރިވި ނުތަނަވަސްކަން މާ ރަނގަޅަށް ވެސް ފެނުނީތީވެއެވެ. އެހިނދު ހިތުގައި އުފެދުނު ރުޅިވެރިކަމާއިއެކީ އެކަމާއިމެދު ދޮންތައާއި އިތުރަށް ސުވާލުކޮށް ނުރުހުންތެރިކަން ހާމަކުރަން ބޭނުންވިއެވެ. އެހެނަސް އެހެން ނެހެދީ ދޮންތަ ގެ ޙާލަށް ވިސްނާފައެވެ.
ހަވީރު ވީއިރު ވެސް އަސްލަމް ހޮސްޕިޓަލަށް ނައުމުން ހިލްޔާގެ ހިތުގައިވި ރުޅިވެރިކަން ދެ ގުނަވިއެވެ. އަސްލަމް ނެތް ތާނގައި، އަސްލަމް ދޮންތައާއި ދަރިފުޅަށް ގަނެދިން އެއްޗެއް ވެސް ނެތެވެ. އެތާ ހުރިއްޔާ ހުރީ ހިލްޔާ އާއި ބައްޕަ ގަނެދީފައި ހުރި ތަކެއްޗެވެ. މިއީ ހަމައެކަނި ނަމެއްގައި ބައްޕައަކަށް ވާން އުޅޭ މީހެއްތޯ ބުނެ ހިލްޔާއަށް ހިތާހިތުން ހަޅޭއްލެވުނެވެ.
ރުޅިވެރިކަން ހައްދުފަހަނަޅައި ގޮސްފާނެތީ ހިލްޔާ އެއްޗެކޭ ނުބުންޏަސް ނަހީދާއި ހާފިޒާގެ ސުވާލުތައް ހަމްރާ އާއި ކުރިމަތިވިއެވެ.
“ން….ނޭނގެ ބައްޕާ. އޮފީސް މާ ބޮޑަށް ބިޒީވީމަ ކަންނޭނގެ ދޯ އަސްލަމް ފޯނު ބިޒީ ކުރާނީ….” އަސްލަމްއަށް ގުޅުމުން ފޯނު ނުނަގާ ވާހަކަ ބުނުމުން ހަމްރާ ބުންޏެވެ. ނަހީދު އެހެންދޯއޭ ބުންޏަސް އެއިން މިފަހަރު ނަހީދަށް ވެސް ތަސައްލީއެއް ނުލިބުނުކަން އެތާތިބި އެންމެންނަށް ވެސް އެނގުންވިއެވެ. އެހެނަސް އެކަކުވެސް އިތުރު އެއްޗެކޭ ނުބުނީ، އެ ނާޒުކު ޙާލަތުގައި ހަމްރާއަށް އިތުރު ދެރައެއް ނުދިނުމަށެވެ.
ޢާއިލާ މީހުން ކިތަންމެ މަސައްކަތް ކުރިޔަސް އެވަގުތު ހަމްރާގެ ހިތް ދެރަވެފައިވިއެވެ. ވަރުބަލިވެފައިވިއެވެ. އަސްލަމް ނައުމުގެ ހިތާމައާއި އެކު އަސްލަމް އޭނަ ގާތަށް ނައިސް ހުންނާނީ ކޮންތާކު ކަން އެނގުންވަމުން ދިޔަ ހިނދު ހިތަށް ހަންޖަރުތަކެއް ހެރެމުން ދިޔައެވެ. ދޭތެރެދޭތެރެއިން ލޮލުން ކަރުނަތައް ވެސް ފައިބަމުން ދިޔައެއްކަމަކު ހަމްރާ އެ ކަރުނަތައް ފޮހެމުން އެހެން މީހުންނަށް ފޮރުވޭތޯ ބަލަމުން ދިޔައެވެ. އަދި މިވަގުތު އަސްލަމް ނަޔަސް ދަރިފުޅު ވިހެއުމުން އަސްލަމް އަންނާނެ ކަމަށް ހަމްރާ އުއްމީދު ކުރަން ފެށިއެވެ.
ހަމްރާގެ ބަނޑުގައި ވިހެއުމުގެ ވޭން އަޅަން ފެށީ އެރޭ 8:30 ވާން ގާތްވެފައި ވަނިކޮށެވެ. ހަމްރާގެ ޑޮކްޓަރާއި ނަރުހުންނާއިއެކު ހިލްޔާ ވެސް ވިހާ ކޮޓަރިއަށް ވަނެވެ. އަދި ވިހަންދެން ހަމްރާއާއި އެކީ ހިލްޔާ ހުއްޓެވެ. އެއިން ހަމްރާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ.
ގަޑިއިރެއްހާއިރު ހޭދަ ކުރި ގަދަ ވޭނަށް ފަހު އިވެން ފެށި ތުއްތު ދަރިފުޅުގެ އަޑާއިއެކު ހަމްރާގެ ލޮލަށް ޖަމާވީ އުފާވެރިކަމުގެ ކަރުނަތަކެވެ. އިސާހިތަކު ދެންމެ ތަޙައްމަލު ކުރެވުނު ހުރިހާ ވޭނެއްގެ މަތިން ހަނދާން ނެތުނު ފަދައެވެ. ހަމްރާ ހިލްޔާއަށް ބަލާލި ހިނދު، ހިލްޔާ ނަރުހެއްގެ އަތުން އެ ފިރިހެން ދަރިފުޅު ހޯދައިގެން ގެނެސް އޭނައާއި ގާތް ކުރީއެވެ. އެ ހިނދު އެ ކުޑަ ކުޑަ ލޯބި މޫނު ފެނިފައި ހިނދުކޮޅަކަށް ހަމްރާ އޭނަގެ ހުރިހާ ހިތާމަތަކުގެ މަތިން ހަނދާން ނެތުނެވެ.
އޭގެ އިރުކޮޅެއްފަހުން ވޯޑަށް ބަދަލު ކުރެވުމާއިއެކު ހަމްރާ އަސްލަމް މަތިން ހަނދާންވާން ފެށިއެވެ. އެމީހުންގެ ދަރިފުޅު ފެނުމުން ލިބުނު އުފާވެރިކަން އޭނަ އަސްލަމާއި ޙިއްސާ ކުރަން ބޭނުންވިއެވެ. ބައްޕައާއި މާމައާއި ދެ ކޮއްކޮއިން ފާޅު ކުރަމުން ދިޔަ އުފާވެރިކަމުން އޭނައަށް ނުފުދުނެވެ. އަސްލަމްއަށް ގުޅާލަން ހިތް އެދެމުން ދިޔައެއްކަމަކު ފޯނު އޮތްތަނެއް ނޭނގުނެވެ.
އެހެންކަމުން ހަމްރާއަށް އަސްލަމަށް ގުޅާނެ ފުރުސަތެއް ލިބުނީ، ބައްޕަ މާމައާއި އެލީ ގޮވައިގެން ގެއަށް ދިޔުމުންނެވެ. ހިލްޔާއާއި އެކީ އެކަނިވުމާއިއެކު ހަމްރާއަށް ވާހަކަ ދެކެވުނެވެ.
“ހިލްޔާ ދޮންތަގެ ފޯނު ކޮބައިތަ؟” އެނދު ކައިރީގައި އިށީނދެ އިން ހިލްޔާއާއި ހަމްރާ ސުވާލު ކުރިއެވެ. އެވަގުތު އެނދުގައި ހަމްރާގެ ކަނާތްފަރާތުގައި ކުޑަ ދަރިފުޅު ބޭއްވިފައި އޮތެވެ.
“މީގެއިން ވަތްގަނޑަކަށް ކަންނޭނގެ އަހަރެން އެޅީ. ކިހިނެއްވީ؟” ހިލްޔާ އަތްދިއްކޮށްލަމުން އެތާ ހުރި ކަބަޑުގެ ވަތްގަނޑުތައް ދަމަމުން އެހިއެވެ.
“އަސްލަމް…އަށް ގުޅާލަން ވެގެން….” ހަމްރާއަށް އެހެން ބުނެވުނީ ވެސް ޖެހިލުންވުމަކާއި އެކީގައެވެ. މި ހުރިހާއިރު ވީއިރު އެކަކު ވެސް އަސްލަމް ގެ ނަން ވެސް ގަނެފައި ނުވެއެވެ. އެހެންކަމުން އަސްލަމާއި މެދު އެންމެންގެ ހިތުގައިވީ ކޮންކަހަލަ އިޙްސާސްތަކެއްކަން ހަމްރާއަށް ފަހުމްވެފައިވެއެވެ.
އަސްލަމް ގެ ނަން އިވުމާއިއެކު ހިލްޔާ ވަތްގަނޑުން ފޯނު ނަގަން އުޅެފައިވެސް ނުރުހުންތެރިކަމާއިއެކު ޙަރަކާތްތައް މަޑުކޮށްލިއެވެ.
“ކީއްކުރަން ދެން އޭނައަށް ގުޅަންވީ ދޮންތާ؟ އޭނަގެ ބޭނުމެއް އެބައޮތްތަ މިތާނގަ؟ ސީރިއަސްލީ ދޮންތާ! ނައު އިވެން ބައްޕާ އިޒް ނޮޓް އޯކޭ ވިތް ހިމް. ދޮންތަ އޭނަ ގާތު އެއްޗެކޭ ބުނަން ބޭނުމިއްޔާ އޭނައާއި ވަކިވާން ބޭނުންވާ ވާހަކަ ބުނޭ. އޭނައާއި އެކީ ތިހެން އުޅުމަށްވުރެ މާ އުފާވެރި ދިރިއުޅުމެއް ދޮންތައަށް ލިބޭނީ އޭރުން.” ހިލްޔާ އޭނަގެ ހިތުގައި ދޮންތައަށްޓަކައިވާ ލޯތްބާއިއެކު ވާހަކަ ދެއްކިއެވެ.
“ހިލްޔާ ޕްލީޒް. ހިލްޔާއަކަށް ނޭނގޭނެ. އެކަމަކު މިއީ މިހާރު ހަމައެކަނި ދޮންތައަށް އަސަރު ކުރާނެ ނިންމުމެއް ނޫން. ދޮންތަގެ ދަރިފުޅަށް ވެސް އަސަރު ކުރާނެ ކަމެއް. ކޮންމެ ގޮތެއްވިޔަސް އަސްލަމް އާއި އެކީ އުޅެން ބޭނުން.”
“ޕްލީޒް ދޮންތާ….ދޮންތަ އުފަލުގަ ނުއުޅެންޏާ ތި ދަރިފުޅަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވޭނެހެން ދޮންތައަށް ހީވޭތަ؟ އަދި އަމުދުން ތި މީހަކީ ތި ދަރިފުޅަށް ރަނގަޅު ބައްޕައަކަށް ވާނެތް-“
“ހިލްޔާ!”
ހަމްރާ ހިސާބެއްގެ ހަރުކަށި އަޑަކާއިއެކު ނުރުހުންތެރިކަމާއެކު ހިލްޔާއަށް ގޮވާލުމުން ހިލްޔާގެ އަނގަ ބަންދުވިއެވެ. އޭނަ ދެން ކޮންމެ އެއްޗެކޭ ބުންޏަސް ދޮންތަ އަޑު ނާހާނެހެން ހީވުމުން ހިލްޔާ އޭނަގެ އަތުގައި އޮތް ފޯނު ނަގައި ހަމްރާއަށް ދޭން އުޅެފައިވެސް ޚިޔާލު ބަދަލު ކުރީ، ހަމްރާގެ ހުސްކޮށް އޮތް އަތުގައި އައިވީ އެޅުވިފައިވުމުންނެވެ. އެހެންކަމުން ހިލްޔާ ވަކި އެއްޗެކޭ ނުބުނެ ނުރުހުންތެރިކަމާއިއެކީ ވެސް އަސްލަމަށް ގުޅާލަމުން ސްޕީކަރަށް ލުމަށް ފަހު ކަބަޑު މަތީގައި ފޯނު ބޭއްވިއެވެ. ހިލްޔާ ހީކުރީ މާ ގިނައިރެއް ނުވެ އެ ފޯނު ބިޒީވެގެން ދާނެ ކަމަށެވެ. އެހެނަސް ދެ ތިން ރިންގަށްފަހު އެކޮޅުން އަސްލަމް ސަލާމް ގޮވާލި އަޑު އިވުނެވެ. އެހިނދު ހަމްރާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.
“ވަޢަލައިކުމުއްސަލާމް އަސްލަމް. ކޮންތާކުތަ ތިހިރީ؟” ހަމްރާ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއިއެކު ވާހަކަ ދެއްކިއެވެ.
“މިހިރީ ޕާޓީއެއްގަ…ހަމްރާ. ވަރަށް މުހިއްމު ވާހަކައެއް ބުނަންވެފަ އެބައޮތް.” އަސްލަމްގެ އަޑު ސީރިއަސްވެގެން ދިޔަ ގޮތުން ހަމްރާގެ ހިނިތުންވުން ފޭދުނެވެ. އެއާއިއެކު އޭނަ ބުނަން އުޅުނު ވާހަކައަށްވުރެ އަސްލަމް ބުނަން އުޅޭ ވާހަކަ މުހިއްމުހެން ހީވިއެވެ.
“ކޮން ވާހަކައެއް؟” ހަމްރާއަށް އަހާލެވުނެވެ. އެހިނދު ދެބުމަ ކައިރިކޮށްގެން އިން ހިލްޔާއަށް ވެސް ކަންފަތް ހުޅުވާލެވުނެވެ.
“އަހަރެން އެއްކަލަ ކުއްޖާއާއި އިނދެފިން. އެ ކުއްޖާ ނުރުހޭ އަހަރެން ހަމްރާއާއިއެކީ އުޅޭކަށް. އެހެންވީމަ ހަމްރާ ތިހިރީ ވަރިކޮށްފަ.”
އަސްލަމްގެ ބަސްތައް ހަމްރާއަށް ހޮނު ގުގުރީގެ ސިފައިގައި އިވުނު ހިނދު، ހިލްޔާ އައި ރުޅިއެއްގައި ހުރެވުނު ތަނެއްވެސް ނޭނގުނެވެ.
ނުނިމޭ