ނަފްސީ (ފަސްވަނަ ބައި)
**2 ދުވަސް ކުރިން**
ކޮޓަރިއެއްގެ މޭޒުދޮށުގައި އިން ޒުވާނާގެ ލޯ ހުއްޓިފައިވީ މޭޒުމަތީގައި ހުޅުވާފައިވާ ލެޕްޓޮޕަށެވެ. މެއިލްއެއް ޓައިޕް ކުރަމުން ދިޔަ ވަގުތު އެ ޒުވާނާގެ ލޮލުން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ހުދުކުލައިގެ އެނދަކާއި އަލަމާރިއަކާއި ކިޔަވާ މޭޒެއް ހުރި އެ ކޮޓަރި ފެންނަމުން ދިޔައީ ފަޅު ގޮތަކަށެވެ. މޭޒުމަތީގައި ވެސް އެ ލެޕްޓޮޕް ފިޔަވައި އެހެން އެއްޗެއް ނެތެވެ.
އިރުކޮޅެއް ވަންދެން ޓައިޕް ކުރުމަށްފަހު ޒުވާނާ އެ މެއިލް ކިޔާލިއެވެ. އެއަށްފަހު ‘ސެންޑް’ ބަޓަނާއި ދިމާލަށް ކާރސާރ ގެންގޮސް އިރުކޮޅެއް ވަންދެން އިނުމަށްފަހު އެއަށް ފިތާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލީ އެކަމާއިމެދު ހިތްހަމަޖެހުނު ފަދައަކުންނެވެ.
ހަމަ އެވަގުތު ލައްޕާލެވިފައިވާ ކޮޓަރީގެ ދޮރުގައި މީހަކު މަޑު ޓަކިއެއް ދިން އަޑު އިވުނެވެ.
“ދާނިޝް ދަރިފުޅު!” ބޭރުން އިވުނު މަންމަގެ އަޑަށް ދާނިޝް ދޮރާއި ދިމާލަށް ބަލައިލިއެވެ.
“އާނ މަންމާ ދޮރު ހުޅުވާ…” ދާނިޝް އެހެން ބުނުމާއިއެކު ދޮރު ހުޅުވިގެން ދިޔައެވެ. ދޮރުމަތިން ފެނިގެން ދިޔައީ އޭނަގެ މަންމަ އަސްމާއެވެ. ބުރުގާ އަޅައިގެން ދިގު ހެދުން ލައިގެން ހުރި ގޮތުން ތަނަކަށް ދާން އުޅޭހެން ހީވެއެވެ.
“ލެޕްޓޮޕް އިން ކުރަން އުޅުނު ކަމެއް ނިމިއްޖެއްޔާ މަންމަގެ ކޮޓަރީގަ ލެޕްޓޮޕް ބަހައްޓައިދެއްޗޭ. ކޭސްތަކާ ގުޅޭ ވަރަށް މުހިއްމު ޑޮކިއުމެންޓްތައް ތީގަ ހުންނާނެ.” އަސްމާ ބުންޏެވެ.
“އޯކޭ މަންމާ….މަންމަ ތި ދަނީ ކޮން ތަނަކަށްތަ؟” ދާނިޝް ލެޕްޓޮޕް ލައްޕާލަމުން ލެޕްޓޮޕާއެކީ ތެދުވެލިއެވެ.
“މި ދަނީ ހިނގާލަން…” އަސްމާ ކުރު ގޮތަކަށް ބުންޏެވެ.
“ވަޓް؟! މަންމާ ނޯ! ތިހާ ބަލިއިރު ނުދާނެ އެއްވެސް ތަނަކަށް.” ދާނިޝް އެހެން ބުނެލީ ކަންބޮޑުވުމަކާއި އެކީގައެވެ. އެހެނަސް އަސްމާ އެ ވާހަކަ އަޑުއަހަން ބޭނުންވީ ހެނެއް ހިއެއް ނުވެއެވެ.
“ދާނިޝް….މަންމަ ވެސް ދެން މިއީ އަމިއްލަ ޞިއްޙަތު ނޭނގޭނެ ވަރުގެ ކުޑަ ކުއްޖެއް ނޫން. މަންމަ ވެއްޓުނު ފަހުން މިހާރު 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވާނެ. މިހާރު އެހާ ބޮޑަށް ތަދެއް ވެސް ނުވޭ. ތިހާ ބޮޑަށް ކަންބޮޑުނުވޭ. މަންމަ އަންނާނަން ގަޑިއެއްހާއިރު ތެރޭ އިން ޝާ ﷲ.” އަސްމާ އެހެން ބުނެ، ދާނިޝްއަށް އެއްޗެކޭ ބުނުމުގެ ފުރުސަތު ވެސް ނުދީ ދާން ހިނގައިގަތެވެ.
މަންމަ ލޯމައްޗަށް ގެއްލުމާއެކު ދާނިޝް އަވަސް ހިނގުމެއްގައި ކޮޓަރިން ނިކުތެވެ. ކޮޓަރިން ނިކުތުމާއިއެކު އެޕާޓްމެންޓުގެ މައިދޮރު ކައިރީގައި ހުރި މަންމަ، ޓެނިސް ބޫޓަކަށް އަރަމުން ދިޔަ މަންޒަރު ފެނުނެވެ.
“މަންމާ ޕްލީޒް ލިސެން ޓު މީ. ހަމައެކަނި މަންމަ ވެއްޓުނީތީވެއެއް ނޫނޭ އަހަރެން މިހެން މި ބުނަނީ. މަންމައަށް ވެސް އެބަ އިނގޭ އަހަރެން މި ދައްކާ ވާހަކަ. މަންމަ މިހާރު ހާދަ ގިނައިންނޭ ބޯ އަނބުރާފަ ވަރުބަލިވަނީ. އަދި ގިނައިރު ވަންދެން މަސައްކަތް ކޮށްފިއްޔާ ނޭވާ ވެސް އެބަ ކުރުވޭ. ކަން މިހެން އޮތްއިރު މަންމަ ކީއްވެ ހިނގަން ދާން ތިއުޅެނީ؟ ގޮއްސަ ހުއްޓާ އެކަހަލަ ކަމެއް ދިމާވެއްޖެއްޔާޔޯ؟” ދާނިޝް ދެން ވެސް ކަންބޮޑުވުން ފާޅު ކުރިއެވެ.
“މައި ސަން! އެކަހަލަ އެއްވެސް ކަމެއް ނުވާނެ އިން ޝާ ﷲ! ހިނގަން ނުދެވޭތީ ހާޓް ހެލްތް ދަށްވީމަހެން މަންމައަށް ހީވަނީ އެކަންތައް ދިމާވަނީ. ހިނގަން ދިޔައިމަ ރަނގަޅުވާނެ. ބޭސް ކައިގެން މިހިރީ އެހެންވީމަ ތި ބުނި އެއްވެސް ގޮތެއް ނުވާނެ އިން ޝާ ﷲ.” އަސްމާ އެ ބުނި ފަހު ބަސްތަކާއެކީ ދާނިޝް ގެ ދެލޯ ބޮޑުވިއެވެ.
“ހާދަ އަވަހަށް ތި ބޭސް ކެއީ؟ އަހަރެން ނުކާށޭ ބުނެފަ އޮތް ބޭސް ގުޅަ ވެސް ކެއީތަ؟” ދާނިޝްއަށް ބުނެވުނެވެ. އެހެން ރޭރޭ މަންމައަށް ބޭސް ނަގައިދެނީ އޭނައެވެ. ބޭސްތަކުގެ ތެރެއިން އޭނަ ހޯދި ހޯދުމުން މަންމަގެ ޙާލަތް އިތުރަށް ގޯސް ކުރުވާނެ ބޭހެއް އެ ބޭސްތަކުގެ ތެރޭގައިވިއެވެ. މަންމަ ބޭސް ކެއި ފުރަތަމަ ދުވަހު މާ ބޮޑަށް ނޭވާ ކުރުވި ފަހުން ދާނިޝް އެ ބޭސް ގުޅަ މަންމައަށް ނުދެއެވެ.
“ހުރިހާ ބޭހެއް ކެއީމައެއްނު އަވަހަށް ރަނގަޅުވާނީ؟ މަންމަ ވެސް ކޮންމެހެން ބޭނުމެއް ނޫނޭ މާ ގިނަ ދުވަހު ބަލިވެ އުޅޭކަށް.”
“މަންމާ ޕްލީޒް!!!! ކީއްވެ އެ ބޭސް ގުޅަ ކެއީ؟ އަހަރެން ކައިރިން އެއްފަހަރު އަހާލިނަމަ….”
“ދަރިފުޅު ތިއީ ޑޮކްޓަރެއް ވެސް ނޫނެއްނު ޑޮކްޓަރަކު ދޭ ބޭހަކަށް ބަސްބުނަން؟”
“އެރޭ އެތާ މަންމަ ބަލަން ހުރި ޑޮކްޓަރަށް އަހަންނަށް އިތުބާރެއް ނުކުރެވޭ. މަންމާ ޕްލީޒް ޑޯންޓް ގޯ! އެހެން ނޫނީ އަހަރެން ގޮސްދެންތަ މަންމައާއެކީ؟”
އަސްމާ ބޫޓަށް އަރައި ދާނިޝްއަށް ފަސްދިން ވަގުތު ދާނިޝްއަށް ކުރިއަށް ފިޔަވަޅެއް އަޅާލަމުން އަހާލެވުނެވެ. އެހިނދު އަސްމާ ފިޔަވަޅުތައް މަޑު ޖައްސާލުމުން ދާނިޝްއަށް ވެސް މަޑުކޮށްލެވުނެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. އެ ވަގުތުކޮޅަށްފަހު ވާހަކަ ދެއްކީ އަސްމާއެވެ.
“ހިތަށްއަރާ މަންމައަށް ފަޚުރުވެރި ކަމާއިއެކީ ދަރިފުޅު ގޮވައިގެން ހިނގަން ދެވޭނެނަމައޭ. އެކަމަކު….މަންމައާއި ދަރިފުޅު ވެސް މަޝްހޫރުވުމުގެ ގެއްލުން ކަންނޭނގެ މިއީ. މަންމަ މިއީ ދީން އުނގަންނައިދޭ މީހަކަށް ވީއިރު ދާނިޝް ވެސް އުޅޭ ގޮތް ވެސް އެހެން މީހުންނަށް އެނގޭ. އެއްގޮތަކަށް ވެސް ބޭނުމެއްނޫން އެ އުޅުމަކީ މަންމަ ރުހޭ އުޅުމެއްކަމަށް އެއްވެސް މީހަކަށް ހީކުރެވޭކަށް. އޭރުން މަންމަގެ ފަރާތުން ދީން އުނގެނުނު ޒުވާން ކުދިންނަށް ވެސް އޮޅުން އަރާނެހެން ހީވަނީ.” އަސްމާ ދާނިޝްއަށް ފަސްދީގެން ހުރެ މަޑުމައިތިރި އަޑަކުން ދެއްކި ވާހަކައިން ދާނިޝްގެ އަނގަ ބަންދުވިއެވެ.
ދާނިޝް ވަކި އެއްޗެކޭ ނުބުނެ ހުއްޓާ އަސްމާ އަނެއްކާވެސް ދާނިޝް އާއި ދިމާލަށް އެނބުރިލިއެވެ.
“ވެދާނެ މަންމަގެ އަމިއްލަ އެދުން ބޮޑީ ކަމަށް ވެސް. އެކަމަކު އަދި މަންމައަށް ނުކެރޭނެ ދަރިފުޅާއިއެކީ މާލޭގެ މަގުތަކުގަ ހިނގާކަށް. ދަރިފުޅު މަންމައާއިމެދު ތިހާ ކަންބޮޑުވަންޏާ، ދަރިފުޅު ފުރިހަމަ ތައުބާއަކުން ތައުބާވެ، ﷲ ގެ ޙަޟްރަތަށް ރުޖޫޢަވޭ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މަންމަގެ ހިތަށް ހާދަ އުދަގޫވާ ކަންތަކޭ މިއީ. އެއްގޮތަކަށް ވެސް ބޭނުމެއް ނުވެއޭ ދަރިފުޅު ނަރަކައާއި ގާތް ވެސް ވާކަށް.”
އަސްމާ އެ ވާހަކަތައް ދެއްކިއިރު އެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހިނދު ދާނިޝްގެ ހިތަށް ކުރި އަސަރާއެކީ އެ ލޮލަށް ވެސް ކަރުނަތައް ޖަމާވެ، ނޭފަތް ރަތްވިއެވެ.
“އައިމް ޓްރާއިންގް….މަންމާ.”
މަންމައަށް ބަލަހައްޓައިގެން ހުރެވުނު އެވަގުތު ހިތަށް ވެރިވި ބަސްތައް ދާނިޝްގެ ދުލާއި ހަމައަށް ނައެވެ. މަންމަ އެ ބުނާ ދިރިއުޅުމުގެ ރީތިކަން އޭނައަށް ފާހަގަވާން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އެހެނަސް އޭނައަށް އަދިވެސް އޭނަގެ ބައެއް ނުބައި އާދަތައް ދޫކޮށްނުލެވެއެވެ. މަންމަ ގާތު އެ ހުރިހާ ވާހަކައެއް ކިޔައިދޭން ބޭނުންވީ އެ ހުރިހާ ނުބައި އާދައެއް ދޫކޮށްލުމަށްފަހުއެވެ. އަދި މަންމަ އެ ބުނާހެން ޢާއްމު މީހުންގެ ނަޒަރުގައި ވެސް އޭނައަކީ މަންމަގެ ދަރިއަކަށްވާނެފަދަ ޤަދަރުވެރި މީހަކަށް ވުމަށްފަހުއެވެ. އެކަމަށްޓަކައި މިހާރު ވެސް އޭނަ ފިޔަވަޅުތައް އަޅަން ފަށާފައިވެއެވެ. އެހެނަސް ހުރިހާ ކަމެއް ޔަޤީން ނުވަނީސް މަންމަ ގާތު ބުނަން ބޭނުން ނުވީއެވެ.
“ކޮންމެ ގޮތެއް ވިޔަސް މަންމަ ދަރިފުޅު ދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ދުޢާ ކުރަނީ ދަރިފުޅަށް ދުނިޔެއާއި އާޚިރަތުގެ ވެސް ބާއްޖަވެރިކަން ލިބުމަށް. ﷲ ތަޢާލާ މަންމަ ގެ އެ ދުޢާ އިޖާބަ ކުރައްވާނެ ކަމާއިމެދު ޝައްކެއް ނުކުރަން. ދަރިފުޅަކީ ހިތްހެޔޮ އަޚްލާޤް ރަނގަޅު ކުއްޖެއް. ﷲ ގެ ހިދާޔަތް ތިފަދަ ހިތަކަށް ޙައްޤުވެގެންވޭ. ދަރިފުޅު އެ ގޯސް އެކުވެރިންނާއި މާޙައުލު ދޫކޮށްލާ. އެ އެކުވެރިން ދޫކޮށްލީމަ އެކަނިވެރި ވެދާނެ ކަމަށް ހީނުކުރައްޗޭ. އީމާންވެ، ޞާލިޙު ޢަމަލު ކުރަން ފެށީމަ ޞާލިޙު އެކުވެރިން ﷲ ތަޢާލާ ދަރިފުޅަށް ދެއްވާނެ. މަންމަގެ ނަސޭޙަތް ދަރިފުޅު ޤަބޫލު ކުރައްޗޭ.” އަސްމާ ކުރިއަށް ޖެހިލަމުން ގޮސް ދާނިޝްގެ މޫނުގައި އެއްއަތުން ހިފެހެއްޓިއެވެ.
މަންމަގެ އެ ޙަރަކާތުން އިސްޖެހިފައިވި ދާނިޝްއަށް މަންމައާއި ދިމާލަށް ބަލާލެވުނެވެ. މަންމަ އެ ގެނައި ޙަރަކާތަކީ މަންމަގެ އާދަތަކާއި ޚިލާފު ޙަރަކާތަކަށް ވުމުންނެވެ. އެއަށްވުރެ ބޮޑަށް ޙައިރާންވީ ދީނީ ނަޞޭޙަތެއް ދިނުމަށްފަހު ވެސް ކަރުނުން ފުރިފައިވި ލޮލާއިއެކީ މަންމަ އޭނައަށް ހިނިތުންވުމެއް ދައްކާލި ގޮތުންނެވެ. އެ ޙަރަކާތުންނާއި ހިނިތުންވުމުން މަންމަގެ ހިތުގައި އޭނައަށްޓަކައިވާ ހުރިހާ ލޯތްބެއް މަންމަ ދައްކަން އުޅުނު ފަދައެވެ.
އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި ދާނިޝް ހުއްޓާ މަންމަ އޭނަގެ ކޯތާފަތުގައި ފިރުމާލުމަށްފަހު އަތް ތިރިކޮށްލިއެވެ.
“މަންމަ އަންނާނަން 45 މިނެޓްސް ތެރޭ އިން ޝާ ﷲ! ގެއަށް އައިއްސަ އޮރެންޖް ޖޫސް ހަދައިދޭނަން. ގޭގަ އޮރެންޖް ނެތީމަ ނެހެދިފަ ހުރީ. އަދިވެސް މިގޭގެ ހުރިހާ ކަމެއް ހަމައަކަށް ނޭޅޭ ވިއްޔާ. ދެމީހުން ވެގެން މި އެޕާޓްމެންޓް ރީތި ކުރަމާ ދޯ؟” މަންމަގެ އަޑަށް ޖޯޝެއް ގެންނަމުން ބުނެލިއެވެ. އެއާއިއެކު ދާނިޝްގެ ހިތަށް ވެސް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. މަޑުމަޑުން ބޯޖަހާލެވުނީ މަންމަގެ އެ ވާހަކައާއި އެއްބަސް ވެވުމުންނެވެ.
އެހެނަސް މަންމަ އަނެއްކާވެސް އޭނައަށް ފަސްދީފައި ދާން ފެށުމުން ދާނިޝް ގެ ސިކުނޑި ހާސްވިއެވެ. މަންމަ އެޕާޓްމެންޓް ގެ ދޮރުން ނިކުމެ ލޯ މައްޗަށް ގެއްލުމުން އެ ހާސްކަން ދެގުނަވިއެވެ. މަންމަ ގާތު ނުދިޔުމަށް އިތުރަށް އެދެވުނު ނަމައޭ ހިތަށްއެރިއެވެ. އެހެނަސް ވާން އޮތް ކަމެއް ވެ ނިމިއްޖެކަން އެނގުންވި ހިނދު ދާނިޝްއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
މަންމަ ގެ ލެޕްޓޮޕް މަންމަގެ ކޮޓަރީގެ ކިޔަވާ މޭޒުމަތީގައި ބެހެއްޓުމަށްފަހު ދާނިޝް ދިޔައީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށް ގޮސް ވަދެވުމާއިއެކު ޖިންސް ގެ ޖީބުގައި އޮތް ވޭޕް ނެގުނެވެ. އަދި އިސާހިތަކު ވޭޕް އަނގައިގައި ޖައްސައި ދަމާލެވުނީ ސިކުނޑިއަށް ވެރިވެފައިވި ހާސްކަމަށް ލުޔެއް ލިބޭތޯއެވެ. އެވަގުތު މަންމަ ދެންމެ އޭނައަށް ދިން ނަސޭޙަތުގެ މަތިން ހަނދާންވިއެއްކަމަކު ދާނިޝްއަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރެއް ނުހޯދުނެވެ. ބެލްކަންޏަށް ނިކުމެ ވޭޕް ދަމާލެވުނީ އިހުނަށްވުރެ ވެސް ބޮޑަށެވެ.
ވޭޕް ހިފަހައްޓައިގެން ހުރެ ދާނިޝް ބެލްކަނީގެ ރެއިލިންގް ގައި އަތް އަޅުވާލަމުން ކުރިމަތިން ފެންނަމުން ދިޔަ ބެލްކަންޏަށް ނަޒަރު ހުއްޓާލިއެވެ. އެ ބެލްކަނީގެ އަނެއްފަރާތުން ފެންނަމުން ދިޔަ ބޮކިތައް ނިވިފައިވިއެވެ. އެ ބެލްކަންޏާއިމެދު ދާނިޝްގެ ހިތުގައި ޝައުޤުވެރިކަން އުފެދިފައިވީ މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އެއްދުވަހަކު ހަވީރު ދާނިޝް އަމިއްލަ ބެލްކަންޏަށް ނިކުތްއިރު، ބިއްލޫރި ރެއިލިންގްއެއް ލެވިފައިވާ އެ ބެލްކަނީގައި ހުއްޓި ހުރި އަންހެން ކުއްޖަކު ފެނުނެވެ. ގަދަ ދަނބުކުލައިގެ އަބާޔާ އަކާއި ހަމަ އެކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އެ އަންހެން ކުއްޖާ ހުރީ، އޭނައަށް ފަސްދީ، ރެއިލިންގްއަށް ލެނގިލައިގެން ފޯނު ކަންފަތުގައި ޖައްސައިގެންނެވެ.
އެ މަންޒަރަށް ބަލަހައްޓައިގެން ހުރެ ދާނިޝްއަށް ބެލްކަންޏަށް ނިކުމެ، ރެއިލިންގްގައި އަތް އަޅުވާލެވުނެވެ. ނޭނގޭ ސަބަބަކާހުރެ އެ ކުއްޖާއާއިމެދު ޝައުޤުވެރިވިއެވެ. 30 އަހަރުގެ ޢުމުރަށް އައިސްފައިވީ އިރު ދާނިޝް އެތައް ރީތި އަންހެން ކުދިންނާއި ދިމާވެފައިވެއެވެ. އެކި ޤައުމުތަކުންނެވެ. ދާނިޝް ރާއްޖޭގެ އަންހެން ކުދިންނާއި ދިމާވާން ފެށީ 25 އަހަރުގެ ޢުމުރަށް ދިޔަފަހުންނެވެ. ޙަޔާތުގެ ދުވެލި ހިސާބަކަށް މަޑުވެ، ރައްޓެހިވުމުގެ ޚިޔާލު އަންނަން ފެށީ ވެސް އެހާ ހިސާބުންނެވެ. އޭނަގެ ދިވެހި އެކުވެރިންގެ ތެރެއިން ބަޔަކު އޭނައަށް ދިވެހި ފިލްމު ކުޅުމުގެ ޚިޔާލު ދޭން ފެށީ ވެސް އެ ދުވަސް ކޮޅުގައެވެ.
ދާނިޝް ފިލްމު ކުޅުމުގެ ތެރެއަށް ވަނީ އެ އެކުވެރިންގެ އަވައިގައި ޖެހިގެންނެވެ. މަންމަ އެކަމަށް މަނާ ކުރަމުން ދިޔަޔަސް އެކަމުގެ ތެރެއަށް ވަދެވުނީ އެހެންވެއެވެ. އެއީ ކޮންމެހެން އިތުރު އާމްދަނީއެއް ބޭނުންވެގެންނެއް ނޫނެވެ. ދާނިޝް ބޭނުންވީ އޭނަގެ އެކުވެރިން ބުނި ފަދައިން އޭނަގެ ފިރިހެންވަންތަ ސޫރައިގެ ބޭނުން ހިފާށެވެ. އެ ބޭނުމުގެ ތެރޭގައި ރީތި އަންހެން ކުއްޖަކާއި ކައިވެނި ކުރުން ވެސް ހިމެނުނެވެ.
އެހެނަސް ފިލްމީ ދާއިރާގެ ތެރެއިން ދާނިޝް އެންމެ ހިތްހަމަޖެހޭ ޒާތުގެ އަންހެން ކުއްޖަކާއި ދިމާވެފައެއް ނުވެއެވެ. ކުއްޖަކު ރީތިވެގެން ރައްޓެހިވާ ހިސާބަށް ދިޔައީ އެންމެ ފަހަރަކުއެވެ. އެ ފަހަރު ވެސް މަހެއްހާ ދުވަސް ވެސް ނުވަނީސް އެ ކުއްޖާއާއި ވަކިވީ މާ ބޮޑު ގުޅުމެއް ނެތިއެވެ. މިއީ މަންމަ އޭނައަށްޓަކައި ކުރާ ދުޢާތަކުގެ އަސަރުތޯ ބައެއްފަހަރު ދާނިޝްގެ ހިތަށްއަރައެވެ. މަންމަގެ ނަޒަރުގައި ވެސް އަޚްލާޤެއް ނެތްހެން ހީވާނެ ކުއްޖަކު އޭނައަށް ހަމަ ކަމުނުދަނީއެވެ. ފިލްމީ ދާއިރާއިން މިހާތަނަށް ދާނިޝްއަށް ފެނިފައިވަނީ ހައްތަހާ ވެސް މަންމަ ހިތްހަމަނުޖެހޭނެ ޒާތުގެ ކުދިންނެވެ.
އެ ބެލްކަނީގައި ދިގު ހެދުން ލައިގެން ބުރުގާ އަޅައިގެން ހުރި ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނީ، މި ވާނީ ރަނގަޅު ކުއްޖަކަށް ކަމަށް ހިތް ބުނުމުންނެވެ. އޭނައަށް ފަސްދީގެން ހުރި އެ ކުއްޖާ އޭނައާއި ދިމާލަށް އެނބުރިލާނެ ނަމައޭ ހިތަށްއެރިއެވެ. ހަމަ އިސާހިތަކު އެ ކުއްޖާ އެނބުރިލުމާއިއެކު ދާނިޝްއަށް އަނެއް ފަރާތަށް އެނބުރިލެވުނީ ކުއްލިއަކަށެވެ. އެ ހިނދު ދާނިޝްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެހިނދު އޭނައަށް އެ ވީ ގޮތާއިމެދު ޚުދު އޭނަ ވެސް ޙައިރާންވިއެވެ. މިއީ އޭނަ އަންހެން ކުއްޖަކަށް ބަލަން ޖެހިލުންވި ފުރަތަމަ ފަހަރެވެ. ފިލްމީ ދާއިރާގައި 5 އަހަރުވީއިރު ޖެހިލުންވުމެއް ނެތި އަންހެން ތަރިންނަށް ބަލަން އޭނައަށް ދަސްވެފައިވެއެވެ. މަންމަ ބެލުން ތިރި ކުރުމަށް ދިން ނަސޭޙަތުގައި ހިފުނީ ފުރާވަރުގެ އެންމެ ދެ ތިން އަހަރެވެ. އެ ފަހުން ފިލްމީ ދާއިރާއަށް ވަދެވުނު ފަހުން އެކަމާއިމެދު އެއްގޮތަކަށް ނުވެސް ވިސްނެއެވެ. އެހެނަސް މިވަގުތު މި ވީ ކިހިނެއްތޯ ހިތަށްއެރިއެވެ.
އޭގެ ޖަވާބު މާ ގިނައިރެއްނުވެ ދާނިޝްއަށް ލިބުނެވެ. އަންހެން ފިލްމީ ތަރިންނަށް ބަލަން ޖެހިލުންނުވަނީ ޚުދު އެމީހުންނަށް ވެސް އެއީ މާ ބޮޑު މައްސަލައަކަށް ނުވާތީވެއެވެ. ކޮންމެ ފަދަ ހެދުމެއް ލައިގެން އައިސްވެސް އޭނަ ގާތު އެމީހުންނަށް ބަލައި ރީތިތޯ އަހާފާނެއެވެ. އެހެނަސް ދިގު ހެދުން ލައިގެން އެހެރަ އަންހެން ކުއްޖާއަށް އެ ފަދައިން ބަލަން އެ ކުއްޖާ ނުރުހޭނެކަން ދާނިޝްގެ ހިތަށް އެނގުނެވެ. އަމިއްލަ ނަފްސަށް ޤަދަރު ކުރާ އަންހެން ކުއްޖަކު ފެނުމުން ޚުދު އޭނައަށް ވެސް ޤަދަރު ކުރެވުނީތާއެވެ.
ވޭޕް ހިފައިގެން ބެލްކަނީ ކައިރީގައި ހުއްޓި ހުރި ދާނިޝް އެ ދުވަސް މަތިން ހަނދާންވެފައި ހީލިއެވެ.
ބަލަން ނުކެރުނެއްކަމަކު ދެންވެސް އެ އަންހެން ކުއްޖާ ދެކެން ދާނިޝްގެ ހިތް އެދުނެވެ. އެ ދުވަސްފަހުން ދޭތެރެ ދޭތެރެއިން ދާނިޝް ބެލްކަންޏަށް ނިކުމެވެ. އެހެނަސް އެ އަންހެން ކުއްޖާ ވަރަށް ބެލްކަންޏަށް ނިކުމެ ނަހަދާކަން އެނގުންވިއެވެ. އެހެނަސް ބެލިފައިވި ވަރުން އެ އަންހެން ކުއްޖާ ކޮންމެ ދުވަހަކު ކަޅު ކުލައިގެ ކާރެއްގައި ކޮންމެވެސް ތަނަކަށް ދާކަން އެނގެއެވެ. އެ ކުއްޖާގެ ސޫރަ މިހާތަނަށް އައިއިރު ފެނިފައި ނުވިޔަސް އެ ލާ ހެދުމާއި، ހިނގާ ގޮތުންނާއި ހަމުގެ ކުލައިން އެއީ އެ ކުއްޖާކަން ދާނިޝްއަށް ޔަޤީނާއި ގާތްވެފައިވެއެވެ. އެއާއިއެކު އެ ކުއްޖާ ދަނީ ކޮން ތަނަކަށް ކަމާއިމެދު ވިސްނުނެވެ. އެކުއްޖާގެ ޢުމުރަކީ ކޮބައިތޯ ހިތަށްއެރިއެވެ. އުޅެނީ މީހަކާއި އިނދެގެންތޯ ވިސްނެން ފެށިއެވެ. އެހާ ހިސާބަށް ވިސްނުން ދިޔުމުން މަންމަ ގާތު ވެސް އެ ކުއްޖާއާއި މެދު ސުވާލު ކުރަން ބޭނުންވިއެވެ. މިއީ މަންމަ ގާތު އޭނަ އަންހެން ކުއްޖެއްގެ ވާހަކަ ބުނަން ބޭނުންވި ފުރަތަމަ ފަހަރެވެ. އެހެނަސް މަންމަ ބަލިވެ އުޅޭތީ މިއީ އެކަމަށް އެންމެ މުނާސަބު ވަގުތު ކަމަށް ދާނިޝް ނުދެކުނެވެ. އަދި އަމުދުން އެކަހަލަ ކުއްޖަކަށް އޭނަ ކަމުނުގޮސްފާނެ ކަމުގެ ބިރުހީވިއެވެ.
އެ ބެލްކަންޏަށް ބަލަން ހުރި ހުރިހެން އެވަގުތު އެ ކުއްޖާ ވާނީ ނިދާފައިތޯ ދާނިޝް ގެ ހިތަށް އެރިއެވެ. ބޮކިތައް ނިވިފައިވުމުން އޮފީހަށް ގޮސްފައިވީތޯ ސިކުނޑި ސުވާލު ކުރިއެވެ. އެއާއިއެކު ހާދަ އަވަހަށް ނިދާ ކުއްޖެކޭ ހިތާހިތުން ކިޔާލެވުނެވެ. އޭނައަށް ވެސް އެފަދައިން ނިދޭނެ ނަމައެވެ.
އެ ޚިޔާލާއިއެކީ ދާނިޝްއަށް އަނެއްކާވެސް ވޭޕް ދަމާލެވުނީ ސިކުނޑިއާއި ހިތަށް ވެރިވި ހާސްކަމަކުންނެވެ. ނޭނގޭ ސަބަބަކާހުރެ އޭނައަށް ނުނިދޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ލަފާ ކުރެވޭ ގޮތުގައި އޭނައަށް މިހެން ވާން ފެށީ މީގެ 2 ހަފްތާ ކުރިން އޭނައާއިއެކީ ފިލްމު ކުޅޭ އެކުވެރިޔަކު ދިން ބޭސް ގުޅައަކުންނެވެ.
“މި ކާލަބަލަ….ހަންގަނޑު އަދި ތިއަށްވުރެ ވެސް ރީތިވެ މާ ގިނަ އަންހެން ކުދިން ފަހަތުން ދުވާނެ.”
އެކުވެރި މިންހާޖް އެހެން ބުނެލީ ފިލްމު ކުޅުން މެދުކަނޑައި ބްރޭކެއް ނަގާލި ވަގުތެވެ. އެންމެން ކޮންމެވެސް ބޭހެއް ކާ މަންޒަރު ފެނިފައި ދާނިޝް ކޮށްލި ސުވާލަށް މިންހާޖް ދިން ޖަވާބަކީ އެއީއެވެ. ދާނިޝް އެ ގުޅައިގައި ހިފީ ޖެހިލުންވުމަކާއި އެކީގައެވެ. މި ގުޅަ ނުކެޔަސް އޭނަގެ ސޫރައާއި މެދު އޭނަ ހިތްހަމަޖެހެއޭ ހިތަށްއެރިއެވެ. އެހެނަސް އެކުވެރިން ގާތު އެހެން ބުނާކަށް ނުކެރުނެވެ. އަދި އެންމެން ވެސް އެ ބޭސް ކާތީ ފެނިފައި ކާލެވުނީ އެކުވެރިންނާއި ބައިވުމަށެވެ.
އެރޭ ދާނިޝްއަށް އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. އޭސީ ފިނިގަދަ ކޮށްފައި ވިޔަސް ދާހިއްލައި ފަރާތް ފަރާތަށް އެނބުރެމުން ދިޔައެވެ. މި ޝަކުވާ އާއިގެން ވެސް ދާނިޝް ދިޔައީ މިންހާޖް ގާތަށެވެ. އޭގެ ޖަވާބަކަށް މިންހާޖް ދިނީ އެހެން ވައްތަރެއްގެ ބޭސް ގުޅައަކުން ފުރިފައި ހުރި ކުޑަ ފުޅިއެކެވެ. އެ ގުޅަ ކެއުމުން ރަނގަޅަށް ނިދޭނެ ކަމަށް މިންހާޖް ބުންޏެވެ.
މިންހާޖް ބުނި ފަދައިން އެ ގުޅަ ކެއުމުން އެރޭ ދާނިޝްއަށް ގަދައަށް ނިދުނެވެ. އެހެނަސް ނިދީގެ ތެރެއިން މުޅިން ވެސް ފެންނަން ފެށީ ސިކުނޑި ހާސް ކުރުވާ މަންޒަރުތަކެވެ. މަންޒަރުތަކުގެ ބިރުވެރިކަމުން ދާނިޝްއަށް ހޭލެވެނީ ހާސްކަން މަތީގައެވެ. އަދި އެންމެ ކުޑައިރުގެ އާދަ ފަދައިން ވާތް ފަރާތަށް ތިން ފަހަރު ލުއި ގޮތަކަށް ކުޅު ޖަހައި އަޢޫޒު ކިޔާލެވުނެވެ. ހިތުގައި މާ ބޮޑު އީމާންތެރިކަމެއް ނެތަސް މަންމަ ވެސް އެފަދައިން ކަން ކުރާތީ އެއިން ރައްކާތެރިކަމެއް ލިބޭ ކަމަށް ޤަބޫލު ކުރެވިފައިވެއެވެ.
ދާނިޝްއަށް ނޭނގިވެސް މިންހާޖްގެ ވަކިތަކުން ދާނިޝް ރައްކާތެރިވީ އެ ކުޑަކުޑަ ޢަމަލުން ކަންނޭނގެއެވެ. މިންހާޖް ދިން ބޭސްގުޅަ ކާންފެށިތާ މާ ގިނަ ދުވަހެއް ނުވެ އޭނައަށް ނުނިދެނީ އޭގެ ސަބަބުން ކަން ދާނިޝްއަށް އެނގުންވިއެވެ. އެހެންކަމުން ނުނިދޭ މައްސަލައަށް އެހެން ޙައްލެއް ހޯދަން ބޭނުންވިއެވެ. އެ ޙައްލު ހޯދަން އެއްރޭ ނުނިދުމުން ދާނިޝް ދަންވަރު ކޮޓަރިން ނިކުމެގެން ދިޔައީ މަންމަގެ ކޮޓަރި ކައިރިއަށެވެ. ކޮޓަރި ކައިރިއަށް ދިޔައިރު މަންމަ ޤުރުއާން ކިޔަވާ އަޑު އިވުނެވެ. އެއާއިއެކު މަންމަ ދަމު ނަމާދު ކުރަނީކަން އެނގުންވިއެވެ. އެއާއިއެކު ޚުދު އޭނަ ވެސް ދަމު ނަމާދު ކުރަން ބޭނުންވެގެން އުޅުނު ޒަމާނެއް ދާނިޝްގެ ހަނދާނަށް އައެވެ. ދަމު ނަމާދަށް މަންމަ އޭނައަށް ނުގޮވާތީ ކުޑައިރު މައްސަލަ ޖެއްސި ހަނދާނެއް އާވިއެވެ. އެއާއިއެކު ކުޑައިރު އެ ނަމާދު ކުރި މަދު ދުވަސްތަކުގައި ހިތަށްވެރިވި ހަމަޖެހުން މަތިން ވެސް ހަނދާންވިއެވެ.
ދާނިޝް އަމިއްލަ ކޮޓަރިއަށް ގޮސް އެ ނަމާދު ކުރަން ނިންމީ އެހާ ހިސާބުންނެވެ. އެހެން ނޫނަސް ރޭގަނޑު ނިދަން ދަތިވެފައިވުމުންނެވެ. އަދި ނިދިޔަސް ބިރުވެރި މަންޒަރުތައް ލޮލަށް ފެންނާތީވެއެވެ.
ނަމާދަކީ ދާނިޝް އަބަދުވެސް ކުރަމުން އައި އަޅުކަމެކެވެ. މަންމަ ބުނާތީވެއެވެ. އަދި ބުނުމާއިއެކު މަންމަ ނަމާދަށް ބަހައްޓާ ފަރުވާ ފެނިފައި އެއީ މުހިއްމު ކަމެއްހެން ހީވާތީވެއެވެ. އެހެނަސް ދާނިޝް ފުރާވަރަށް އެޅުނު ފަހުން ނަމާދަށް އެހާ ފަރުވާލެއް ނުބަހައްޓައެވެ. ޖެހުނު އެކުވެރިންގެ އަވައިގައި ޖެހިގެން ނަމާދު ވަގުތުން އަދާ ނުކުރިޔަސް އެއީ މާ ބޮޑު ކަމެއް ނޫންކަމަށް ހީކުރެވިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން ދާނިޝްއަށް ފަރުޟު ނަމާދުގައި ކިރިޔަ ކިރިޔާ ހިފެހެއްޓިފައިވީއެވެ.
އެހެނަސް އެރޭ ކުރަން ފެށި ދަމުނަމާދުން ދާނިޝް ގެ ހިތަށް އަޅުކަމާއިމެދު އިންޤިލާބެއް އައެވެ. މި ހުރިހާ ދުވަހު ނަމާދަށް ފަރުވާ ކުޑަ ކުރެވިފައިވުމުން ދަސްވެފައިވީ ވެސް ކުރު، މަދު ސޫރަތްތަކެވެ. ދަމުނަމާދުގެ ރަކުޢަތްތަކުގައި މުޅިން ވެސް ކިޔެވެމުން ދިޔައީ ޢަޞްރު ސޫރަތާއި އިޚްލާޞް ސޫރަތެވެ. އޭގެ މާނަ ނޭނގުނަސް އަދި ނަމާދަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް އެވަގުތު ކުރެވުނު ނަމާދުން ދާނިޝްގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ.
އެރޭ ތަކުރާރުކޮށް 2 ރަކުޢަތުން 2 ރަކުޢަތުން ނަމާދު ކުރަމުން ގޮސް ކުރެވުނީ ކިތައް ރަކުޢަތް ކަމެއް ވެސް ދާނިޝްއަށް ނޭނގުނެވެ. މިއީ ދެވިހިފާ ގޮތަށް ފަރުމާ ކުރެވިފައިވާ އަޅުކަމެއްތާއޭ ދާނިޝްގެ ހިތަށްއެރިއެވެ.
ދާނިޝްއަށް ނޭނގުނު ކަމަކީ، ނަމާދުން ހަމަޖެހުމެއް ލިބެމުން ދިޔައީ، ނޭނގި ނަމަވެސް އާޔަތަކާއި އެއްގޮތަށް ޢަމަލު ކުރެވެމުން ދިޔައީތީވެ ކަމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ ނަމާދާއި ކެތްތެރިކަމުން ވާގި ހޯދުމަށެވެ. އެކުވެރިޔަކު ބުނި ބަހަށް ހެއްލުމުގެ ބަދަލުގައި ދާނިޝް އެ އެހީ ހޯދަމުން ދިޔައީ ނަމާދުންނެވެ. އެފަދައިން އެހީ ހޯދާ އަޅުންގެ ހިތްތަކުގައި އެކަލާނގެ ހަމަޖެހުން ލައްވައެވެ. އަދި އަމުދުން ދާނިޝްއަށް އެ ހެޔޮ ގޮތް ޚިޔާރު ކުރުމަށް ހިދާޔަތް ލިބިގެން ދިޔައީ، ޖެހިގެން ހުރި ކޮޓަރީގައި ހުރި އޭނަގެ މަންމަގެ ދުޢާތަކުގެ ސަބަބުންކަމެއް ދާނިޝްއަށް ނޭނގެއެވެ.
ކޮންމެ ރެއަކުހެން ދާނިޝް ދަމުނަމާދު ކުރަން ފެށީ އެހާ ހިސާބުންނެވެ. ކޮންމެ ދުވަހަކުހެން އެކުވެރި މިންހާޖް ހަންގަނޑު ރީތިކުރަން ދޭ ބޭސް ގުޅަ އެމީހުންގެ އަވައިގައި ޖެހިގެން ކެވޭތީވެއެވެ. ނުނިދޭ ވާހަކަ ބުންޏަސް ދާނިޝްއަށް އެމީހުންގެ ވާހަކައިން ކުރި އެރުމެއް ނުލިބޭތީ އެ ބޭސްގުޅަ ކާން މަޖުބޫރު ވެފައިވެއެވެ. ރޭގަނޑު ނުނިދުމުން ބުރަވެ ހުރެވެސް ދާނިޝްއަށް ކުރެވެނީ ދަމު ނަމާދެވެ. ނިދަން އުޅެ އުޅެ ވެސް ނުނިދުމުން ދެން ކުރަން އޮތް އެންމެ މޮޅު ކަމަކީ އެއީ ކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
އެރޭ ވެސް ނުނިދޭނެ ކަން ޔަޤީންވިއެއްކަމަކު ދާނިޝް ކޮންމެ ރެއެކޭ އެއްފަދައިން ނިދޭތޯ އޮށޯންނަން ބޭނުންވިއެވެ. އެ ޚިޔާލާއިއެކު ކޮޓަރިއަށް ގޮސް ފާޚާނާއަށް ވަދެ، ފެންވަރައި ތާޒާވެލައިގެން ވުޟޫކޮއެއަށްފަހު ނިދަން ލައި އުޅޭ ފަސޭހަ އަތްކުރު އަޅި ކުލައިގެ ޓީޝާޓަކާއި އެކު ސޯޓެއްލާން އުޅެފައިވެސް ފަޓުލޫނެއް ލިއެވެ. އެރޭ އޮށޯތުމުގެ ކުރިން ނަމާދު ކޮށްލާނީއޭ ހިތަށް އެރުމުންނެވެ. ފުރަތަމަ ދަމު ނަމާދު ކޮށްފިނަމަ ރަނގަޅަށް ނިދިދާނެއޭ ހިތާއެވެ. ދަމުނަމާދުގެ ކުރިން ކުޑަކޮށް ނިދަން ޖެހޭ ކަން ދާނިޝްއަށް ނޭނގެއެވެ.
ނަމާދު ކުރަން އުޅެފައިވެސް ކިޔަވާ މޭޒު މަތީގައި އޮތް ފޯނު ދާނިޝްއަށް ނެގުނީ، މަންމައާއި މެދު ފިކުރު ބޮޑުވުމުންނެވެ. ފޯނު ނަގައި މަންމައަށް ގުޅަން އުޅެފައި ޚިޔާލު ބަދަލުވިއެވެ. މަންމަ ގެއިން ދިޔައިރު އެ ދެމެދުގައި ހިނގި ޖަޒުބާތީ ވާހަކައިގެ ސަބަބުންނެވެ. އެފަދަ ވާހަކައެއްގައި އަނެއްކާ ޖެހެން ބޭނުމެއް ނުވުމުން ދާނިޝް މެސެޖެއް ކޮށްލަން ނިންމިއެވެ.
“ވެއާރ އާ ޔޫ މަންމާ؟”
ދާނިޝް ޓެކްސްޓް މެސެޖެއް ފޮނުވިއެވެ. މެސެޖު ފޮނުވިތާ މިނެޓެއް ވީއިރު ވެސް ޖަވާބު ނައުމުން ދާނިޝްގެ ދެބުމަ ކައިރިވިއެވެ. މަންމައަކީ ޢާއްމު ގޮތެއްގައި ނުހަނު އަވަހަށް މެސެޖަށް ރިޕްލައި ކުރާ މީހެކެވެ. ވަކިން ޚާއްޞަކޮށް އޭނަގެ މެސެޖުތަކަށެވެ. މަންމައަށް ކަމެއްވީތޯ ހިތަށްއެރިއެވެ.
އެ ޚިޔާލާއި އެކު ވީ ކަންބޮޑުވުމާއިއެކީ ދެވަނަ ޚިޔާލެއް ނެތި މަންމައަށް ގުޅާލެވުނެވެ. އަދި ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ބެލްކަންޏަށް ދެވުނީ ތިރިން މަންމަ އަންނަ ތަން ފެންނާނެ ކަމުގެ އުއްމީދުގައެވެ. ރިންގުވަމުން ދިޔަ ފޯނުގެ އަޑު އަހަމުން ގޮސް ދާނިޝް ބެލްކަނީގެ ތިރިއަށް ބެލިއިރު ޙައިރާންކަމެއް ލިބުނެވެ. އޭނަ ނުހަނު ދެކެ ފަރިތަ ކަޅު ކުލައިގެ ކާރު ކުރިމަތީ ޢިމާރާތުގެ ބަދަލުގައި އެމީހުންގެ ޢިމާރާތް ކައިރީގައި މަޑުކޮށްލި ތަން ފެނުމުންނެވެ. ދާނިޝް ބަލަބަލާ ހުއްޓާ އެ ކާރުން މަންމަ ފޭބި މަންޒަރު ފެނި، ދާނިޝްގެ މެއަށް އުފަލުން ވީ ގޮތެއް ވެސް ނޭނގެއެވެ.
ނުނިމޭ