ނަފްސީ (ސޯޅަވަނަ ބައި)
“ވަރަށް ގިނަ ފައިސާވެރިންނާއި ދިމާވެފަ ހުރި މީހެއްގެ ހައިސިއްޔަތުން ބައްޕަ ހިލްޔާއަށް ނަސޭޙަތެއް ދީފާނަން. އަތުގަ ވަރަށް ގިނަ ލާރި ހުންނަ ފަޤީރުން އުޅޭ. އަދި އަތުގަ ވަރަށް މަދު ލާރި ހުންނަ މުއްސަނދިން އުޅޭ. ގިނަ ލާރި ހުންނަ މީހަކު ކަމަކަށް ހޭދަ ކުރަން މުށްބާރު ކުރާ ގޮތުން ހީވެދާނެ އޭނަގެ ލާރި ދެންމެ ދެންމެ ހުސްވެދާނެހެން. އަދި މަދު ލާރި ހުންނަ މީހަކު ހޭދަ ކުރާ ގޮތުން ހީވެދާނެ އޭނަގެ އަތުގަ ހުސް ނުވާވަރަށޭ ލާރި ހުރީ. މީހެއްގެ ބޭންކް އެކައުންޓް ގަ ހުރި ފައިސާއިންނެއް މީހެއްގެ މުއްސަނދިކަން ނަގައި ނުގަނެވޭނެ….” ބައްޕަ ބުންޏެވެ.
ބައްޕަ އެ ބުނެލި ވާހަކައިން ހިލްޔާ ވިސްނުމަކަށް ގެއްލުނެވެ. ބައްޕަ އެ ބުނީ ތެދަކަށް ވެދާނެތޯ ހިތަށްއެރިއެވެ.
އެވަގުތު ހިލްޔާ އެއްޗެކޭ ބުނަން ނޭނގިފައި އިންދާ ބައްޕަ އިތުރު އެއްޗެކޭ ނުބުނެ އެތަނުން ތެދުވެގެން ދާން ހިނގައިގަތެވެ. ބައްޕަ އޭރުވެސް ހުރީ އޭނައާއި މެދު ހިތްހަމަނުޖެހިފައިކަން އެނގުންވުމުން ދެރަވިއެވެ. އެހެނަސް ދެންވެސް ބައްޕަ ދެއްކި ވާހަކައާއި މެދު ސިކުނޑިއަށް ބާރު ލާފައި ވިސްނުނެވެ.
ބައްޕަ އެ ދިނީ ހަމަ ގައިމުވެސް ދީނީ ނަސޭޙަތެއް ކަމުގައި ނުވާނެއެވެ. ބައްޕައަކީ ޢާއްމު ގޮތެއްގައި ދީނުގެ ވާހަކަ ދައްކާ މީހަކަށް ނުވާތީވެއެވެ. ބައްޕަ ނަސޭޙަތެއް ދިނިއްޔާ ދޭނީ އަމިއްލަ ތަޖުރިބާތަކުން ދަސްވެފައި ހުރި ކަންތަކުންނެވެ. މިހާތަނަށް އައިއިރު ބައްޕަގެ ނަސޭޙަތެއް ބޮލާލައި ޖެހުމުން ހިލްޔާއަށް ގެއްލުމެއް ނޫނީ ލިބިފައެއް ނުވެއެވެ. ކޮންމެހެން ވެސް ބައްޕަގެ ނަސޭޙަތްތަކުގައި ހިފަން ބޭނުންވަނީ އެހެންވެއެވެ.
އެ ޚިޔާލުތަކުން ހިނދުކޮޅަކަށް ނަމަވެސް ރާފިލް އާއި މެދު ހަނދާން ނައްތާލަން ހިތަށްއެރިއެވެ. އެހެނަސް އެ ޚިޔާލުން ހިތަށް ވީ އުދަގުލާއިއެކު އެ ޚިޔާލު ސިކުނޑިން ބޭރު ކޮށްލެވުނެވެ. ރާފިލް ބައްޕަ އެ ބުނާ ފަދަ ‘ފަޤީރު’ މީހަކަށް ނުވާނެ ކަމަށް އަމިއްލަ ޒަމީރު ގާތު ބުނަމުންނެވެ. މުއްސަނދި ވިޔަސް ދީލަތި މީހުން އުޅެއެއް ނޫންހެއްޔެވެ؟ ޚުދު ބައްޕައަކީ ވެސް އޭގެ މިސާލެކެވެ. އެހެންކަމުން އަދި ރާފިލް އާއި އޭނަ ގުޅުނަސް އޭނަ ބައްޕަގެ ނަސޭޙަތަށް ފަސް ދިން ކަމަށް ނުވާނެއެވެ.
އެރޭ އެލީ އާދައިގެ މަތިން ހަމްރާ ގޮވައިގެން ލެޕްޓޮޕާއި އެކީ ހިލްޔާގެ ކޮޓަރިއަށް އައެވެ. ބައްޕަ ދެއްކި ވާހަކައިން ހިސާބަކަށް މޫޑު ޚަރާބުވެފައިވުމުން އޭނަ އެލީމެންނާއި ދައްކަން ބޭނުންވި ވާހަކަ ނުދައްކަން ވެސް ނިންމިއެވެ. އަދި އަމިއްލަ އަމިއްލައަށް ނިންމުމެއް ނިންމަން ބޭނުންވިއެވެ. ނޭނގޭ ސަބަބަކާހުރެ ރާފިލްއާއި މެދު ދޮންތަ ވެސް ނުރުހުން ފާޅުކޮށްފާނެހެން ހީވުމުންނެވެ.
އެހެނަސް ހިލްޔާގެ ހިތް އެ ޚިޔާލުތަކުން ފުރިފައިވުމުން އެ ވާހަކަ ނުދައްކާ ވެސް ނުހުރެވުނެވެ.
“އެލީ، ދޮންތާ….ކޭން އައި ޝެއާރ ސަމްތިންގް؟”
އެލީއަށް ލެޕްޓޮޕުން ޑްރާމާ ނުހުޅުވެނީސް ހިލްޔާ އެހެން ބުނުމުން އެލީ އާއި ހަމްރާ އެކުއެކީގައި ހިލްޔާއަށް ބަލާލިއެވެ.
“ޔެސް ތުއްތާ….”
“ކިހިނެއްވީ؟”
އެލީ އާއި ހަމްރާ އެކުއެކީގައި ބުންޏެވެ. ހިލްޔާއަށް ހެޑްބޯޑަށް ލެނގިގެން އިނދެފައި އެ ދެމީހުންނާއި ދިމާލަށް އެނބުރިލެވުނެވެ.
“އިއްޔެގަ ބުނީމެއްނު ކޮންމެވެސް މީހެއްގެ ވާހަކަ؟ ދަ މާސިޑީސް ބެންޒް ގާއި؟ މިއަދު ވީ ގޮތަކީ އިނގޭ….”
ހިލްޔާ ކުރު ގޮތަކަށް ބުނަން އުޅެފައިވެސް ދިގުކޮށް އެ ވާހަކަ ކިޔައިދޭން ފެށިއެވެ. ވާހަކައިގެ ފޯރި ނަގަން ބޭނުންވުމުންނެވެ. މިއީ ރީތި ލޯބީގެ ވާހަކައެއްގެ ފެށުމެއް ގޮތުގައި އެލީއަށާއި ދޮންތައަށް ސިފަ ކޮށްދިނުމަށެވެ. ހިލްޔާ ވާހަކަ ކިޔައިދެމުން ދިޔަދިޔަހެން ޑްރާމާ ބަލާއިރު އެލީގެ ފަރާތުން ފެންނަ ޙަރަކާތްތައް ފެންނަމުން ދިޔަ ގޮތުން ހިލްޔާއަށް ހިތްވަރެއް ލިބުނެވެ. އެހެނަސް ދޮންތަގެ ޝައްކުގެ ނަޒަރުތަކުން ހިލްޔާގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ.
ހިލްޔާގެ ވާހަކަ ނިމުމަކަށް އައިތަނާހެން އެލީ ވާހަކަ ދެއްކިއެވެ.
“ވޮހް! ތިއީ ހަމަ އޯސަމް ޑްރާމާއެއް ނޫންތަ؟ ސޭއި ޔެސް ތުއްތާ! ތީގަ ވިސްނަންވީ ކަމެއްވެސް ނެތެއްނު؟” އެލީ ޖޯޝާއިއެކު ބުނެލިތަނާހެން ހަމްރާ ސީދާވެލަމުން ވާހަކަ ދެއްކިއެވެ.
“ވަޓް؟ ނޯ! އަހަންނަށް ހީވަނީ ތިއީ މަކަރުވެރިއެއް ހެން. އޭނަ ހިލްޔާއަށް ތި ޕްރޮޕޯޒް ކުރީ ހިލްޔާއާއި ބެހޭގޮތުން ކޮން ކަމެއް އެނގިގެން؟” ހަމްރާ އެހިއެވެ.
“އައި މީން….ހީ މޭއި ހޭވް ލައިކްޑް މީ. އަދި އޭނަ ވެސް ވިސްނީ އަހަރެން ވިސްނި ގޮތަށް ކަންނޭނގެ ދޯ؟ އަސްލު ޑޮކްޓާރސް އެންމެ ކޮމްޕެޓިބަލް ވާނީ ޑޮކްޓާރސް އާ އޭ ދޮންތާ. އެ ބިޒީ ޝެޑިއުލް އަންޑަސްޓޭންޑް ވާނީ ހަމަ ޑޮކްޓަރަކަށް. އެހެންވީމަ ކަންނޭނގެ ރާފިލް ވެސް ޑޮކްޓާރއެއް އެ ޗޫޒް ކުރަނީ.” ހިލްޔާ ބުންޏެވެ.
“އޭނަ ހަމައެކަނި ޑޮކްޓަރަކަށް ވީމަތަ ހިލްޔާއަށް ވެސް އޭނަ ކަމުގޮސްގެން ތި އުޅެނީ؟ ހިލްޔާއަށް ވެސް އޭނައާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް އެނގެނީއެއް ނޫން. މީހަކު ކޮންމެހެން ކަމުދިޔުމަކީ އޭނައާއި ވަގުތުން އިންނަން ޖެހޭ ސަބަބެއް ނޫނޭ ބުނަނީ ހިލްޔާއެއް ނޫންތަ؟” ހަމްރާ ވާހަކަ ދެއްކިއެވެ.
“ޔާ ބަޓް….އައި ތިންކް ދިސް އިޒް އަ ސޯލްމޭޓް ސިޗުއޭޝަން. މީހުން ބުނެއެއްނު ސޯލްމޭޓް އާ ދިމާވީމަ ޔޫ ޖަސްޓް ނޯ އޭ؟ އެކަހަލަ ގޮތެއްވީ ރާފިލް ފުރަތަމަ ފެނުނީމަ ވެސް.” ހިލްޔާ ބުންޏެވެ. އެހެން ބުނި ވަގުތު ވެސް އެއީ މުޅިން ޙަޤީޤަތެއް ނޫންކަން ހިލްޔާއަށް އެނގުންވިއެވެ. ‘ސޯލްމޭޓް’ އަށް ވުމުގެ އިޙްސާސަށް ވުރެ ބޮޑަށް ހިލްޔާއަށް ވިސްނެމުން ދިޔައީ ރާފިލް ގެ މުއްސަނދި ކަމާއި މެދުގައެވެ. ރާފިލް އާއި ކައިވެނި ކޮށްފިނަމަ ހިލްޔާގެ އެކުވެރިންގެ މެދުގައި އޭނަގެ އަގު އުފުލޭނެ ކަމާއި މެދުގައެވެ. ރާފިލްގެ މުއްސަނދި ކަމުގެ ސަބަބުން މުޅި ޢުމުރު އެއްވެސް ދަތިކަމެއްގައި އުޅެން ނުޖެހޭނެ ކަމާއި މެދުގައެވެ.
ދުނިޔެއަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މީހަކު ދެކެ ޙަޤީޤީ ލޯތްބެއް ވާން ވެސް ހިލްޔާ ނުކުޅެދިފައިވާކަން ހިލްޔާއަށް ރޭކާނުލައެވެ.
“ދެޓްސް ނޮންސެންސް ހިލްޔާ! ކައިވެންޏަކީ ތިހާ ރަޝް ކޮށްގެން ކުރާ ވަރު ކަމެއް ނޫން. ދޮންތަ ދޭ ނަސޭޙަތެއް އަޑުއަހަންޏާ ތި މީހަކަށް ނުގުޅާ. ނުގުޅާ ފުރަތަމަ އިސްތިޚާރާ ނަމާދު ކުރޭ. ކޮށްފަ ބައްޕަ ގާތު ތި މީހެއްގެ ވާހަކަ ބުނޭ. ދޮންތައަށް ހެދުނު ގޯސްތައް ހިލްޔާ ވެސް ހަދަން ނޭދޭތީ މިހެން މި ބުނަނީ.” ހަމްރާ ހިލްޔާއަށްޓަކައި ހިތުގައިވާ އަޅާލުމާއިއެކު އިޚްލާޞްތެރި ނަސޭޙަތެއް ދިނެވެ.
އެހެނަސް ރޫޙާނީ ގޮތުން އަނދިރިވެފައިވާ ހިލްޔާގެ ހިތަށް އެ އިޚްލާޞްތެރިކަން އިޙްސާސެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ޝައިޠާނާ އެވަގުތު ދޮންތަ ދެއްކީ އޭނައަށް ޙަސަދަވެރިވެގެން އުޅޭ މީހެއްގެ ގޮތުގައެވެ. އޭނައަށް ރަނގަޅު ފިރިހެނަކު ލިބުމުން ދޮންތަ އޭނައަށް ޙަސަދަވެރިވަނީ ކަމަށް ޤަބޫލު ކުރެވުނެވެ. އޭނައާއި އެ ފިރިހެން މީހާ ނުގުޅުވަން މަސައްކަތް ކުރަނީ އެހެންވެ ކަމަށް ޔަޤީން ކުރެވުނެވެ.
ނަތީޖާއެއްގެ ގޮތުން ހިލްޔާ ދޮންތަގެ އެ ވާހަކަތަކަށް ވަކި އެއްޗެކޭ ނުބުންޏެވެ. ދޮންތަގެ ޙާލާއި މެދު ވިސްނާފައެވެ. ދޮންތަގެ ހިތުގައި އެފަދަ އިޙްސާސްތައް ވަނީ ދޮންތައަށް ކުރިމަތިވެފައިވާ ޙާލަތުގެ ސަބަބުން ކަމަށް ހިތާހިތުން ބުނެވުނެވެ. އެކަމަށްޓަކައި ދޮންތައަށް ޙަމްދަރުދީ ވެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް ދޮންތަގެ ހިތް އުފާ ކޮށްދޭން ދޮންތަ އެ ބުނި ގޮތަށް ހަދަން ހިތަށްއެރިއެވެ. އެހެނަސް އެއީ ކަމުދާ ޚިޔާލަކަށް ނުވިއެވެ. އިސްތިޚާރާގެ ނަތީޖާގެ ގޮތުން ރާފިލްއަކީ އޭނައާއި ނުގުޅޭ މީހެއްގެ ގޮތުގައި ފެނުމުގެ ދޮރެއް ހުޅުވަން ބޭނުމެއް ނުވިއެވެ. އަދި އަމުދުން ބައްޕަ މިރޭ އޭނައާއި ދެއްކި ވާހަކަތަކަށް ފަހު އޭނައަށް ކަމުދާ ފައިސާވެރި ފިރިހެނެއްގެ ވާހަކަ ބުނުމުން ބައްޕަ އޭނައަށް އިތުރަށް ނުރުހުންވުން އެކަށީގެންވެއެވެ. ބައްޕަ ގާތު ނުބުނެ އޭނައާއި ރާފިލްގެ ގުޅުން ކުރިއަށް ގެންދިޔުމަށް އޮތީ އެންމެ ގޮތެކެވެ. އޭނަ އަމިއްލައަށް ރާފިލްއަށް ގުޅުމެވެ.
އެލީއާއި ދޮންތައާއި އެކީ ޑްރާމާ ބަލައި ނިންމުމަށްފަހު މިހާރުގެ އާދައިގެ މަތިން ހިލްޔާ ނިދަން ތައްޔާރުވެ، އެނދަށް އެރީ 10:30 ވެ ބޮޑުވި ފަހުންނެވެ. ހިލްޔާ އެނދަށް އެރިއިރު ރާފިލް އޭނައަށް ދިން ކާޑު އަތުގައި އޮތެވެ.
“އަޙްމަދު ރާފިލް ނަސީމް، އެމްބީބީއެސް
ވައިސް ޕްރެޒިޑެންޓް، ޒެނިތް ކޮމްޕެނީސް”
ކާޑުގައި އިނގިރޭސިން ލިޔެފައިވާ އެ ބަސްތަކުގެ ތިރީގައި ނަންބަރުތަކާއި މެއިލް އައިޑީއެއް ދެވިފައިވިއެވެ. އަދި ރާފިލްގެ އިންސްޓާގްރާމް އައިޑީ އާއި ޓްވިޓާ އައިޑީ ވެސް ލިޔެވިފައިވިއެވެ.
ކާޑަށް ބަލަން އިނދެ ‘ޒެނިތް ކޮމްޕެނީސް’ އަކީ ކޮބައިތޯ ހިލްޔާގެ ހިތަށްއެރިއެވެ. އެއީ ބައްޕަގެ ދުލުން ވެސް އޭނަ ދުވަހަކުވެސް އަޑުއަހާފައިވާ ކުންފުންޏެއްގެ ނަމެއް ނޫނެވެ. އެއީ ރާފިލްގެ ބައްޕަގެ ކުންފުނިތޯ ހިތަށްއެރިއެވެ. ހަމަ އެއާއިއެކު ފޯނުން ގޫގުލްއަށް ވަދެ ‘ޒެނިތް ކޮމްޕެނީސް’ ސާޗްކޮށްލެވުނެވެ. އެއާއިއެކު އެއީ ހަމަ ރާއްޖޭގެ ކުންފުންޏެއްކަން އެނގުނެވެ. އަދި އެއީ ތޯތޯ ކުންފުންޏެއް ނޫނެވެ. އެއީ އެކި ޒާތްޒާތުގެ ޚިދުމަތްތައް ރާއްޖޭގެ އިތުރުން އެކި ޤައުމުތަކަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. ހޯލްސޭލް އާއި ރީޓެއިލް ވިޔަފާރި އާއި ކޮންސްޓްރަކްޝަނާއި ފާރމަސީތަކުގެ އިތުރުން ދުއްވާ އެއްޗެއްސަށް ތެޔޮ އެޅުމުގެ ވިޔަފާރި ވެސް އެ ކުންފުނިން ކުރެއެވެ.
އެ ކަންތައް އެނގެމުން ދިޔަދިޔަހެން ދުނިޔޭގެ އެދުމުން ފޯވެފައިވާ ހިލްޔާގެ ހިތަށް ޖޯޝެއް ވެރިވަމުން ދިޔައެވެ. ރާފިލް އާއި އެކީ ދިރިއުޅުމެއް ފަށަން ކެތްމަދުވިއެވެ. ވަކި ރާފިލްއަށްޓަކައެއް ނޫނެވެ. އޭނައަށް ވެސް މުއްސަނދި، މޮޅު ފިރިއަކު ލިބުނު ކަމުގެ އުފާވެރިކަން ފާޅު ކުރުމަށެވެ.
އެ އިޙްސާސާއިއެކީ ހިލްޔާ އޭނަގެ ފޯނު ހުޅުވިއެވެ. ގަޑިން 10:51 ވީ މަންޒަރު ފެނިފައި ރާފިލްއަށް ގުޅަން މިހާރު މާ ލަސްވެއްޖެތޯ ހިތަށްއެރިއެވެ. އެ ސުވާލަށް އާނއެކޭ ހިތުގެ ކަނަކުން ގޮވި ހިނދު، ގޯސް ކަންތަކަށް ލެނބިފައިވާ ހިލްޔާގެ ނަފްސު އެކަމަށް ދެކޮޅު ހެދިއެވެ. ރާފިލް މިވަގުތު ހުންނާނީ އޭނަގެ އިންތިޒާރުގައޭ ކުއްލިއަކަށް ހިތަށްއެރިއެވެ. މިރޭ ރާފިލްއަށް ނުގުޅާ އޭނަ ނިދައިފިނަމަ އޭނަ ރާފިލްއަށް ނޫނެކޭ ބުނީ ކަމަށް ރާފިލް ހީކޮށްފާނެ ތާއެވެ. އޭރުން ރާފިލް ހާދަ ދެރަވާނެއެވެ. ރާފިލް އިންތިޒާރުގައި ބައިންދާފައި ނިދާލުން ވާނީ ހާދަ ގޯސް ކަމަކަށެވެ.
އެ ފަދައިން ޝައިޠާނާ އެ ވަގުތުކޮޅު ހިލްޔާއަށް ޒީނަތްތެރިކޮށް ދިނެވެ. ފޯނުގައި ރާފިލްގެ ނަންބަރު ޖަހާފައި ވެސް ގުޅާލަން ހިލްޔާ ޖެހިލުންވިއެވެ. އޭނައަކީ އެއް ޒަމާނެއްގައި ވެސް ސަބަބަކާއި ނުލާ ހިލޭ ފިރިހެނަކަށް ގުޅައިގެން ވާހަކަ ދެއްކި މީހެއް ނޫނެވެ. އެހެނަސް އޭނަ ދެން އެފަދައިން އުޅުނަސް އެއީ ވަކި މައްސަލައެއް ވެސް ނޫނެއް ނޫންހެއްޔޭ ހިތް ބުންޏެވެ. އޭނައަކީ 26 އަހަރު ވެފައިވާ އަންހެނެކެވެ. ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް އޭނަ ވެސް ކައިވެނި ކުރަން ބޭނުމެވެ. ކައިވެންޏަށް ހިތް އެދޭ މީހަކު ފެނިއްޖެނަމަ އެމީހަކު ދަނެގަންނަން ވެސް ޖެހޭނެ ނޫންހެއްޔެވެ؟
އެވަގުތު ކައިވެންޏަށްޓަކައި މީހަކު ދަނެގަނެވޭނެ ހުރިހާ ރީތި ގޮތްތައް ހިލްޔާ ހަނދާން ނެތިއްޖެއެވެ. އަދި ބައްޕައާއި ދޮންތަގެ ވެސް ހުރިހާ ނަސޭޙަތެއް ހަނދާން ނައްތާލަމުން ހިލްޔާ ރާފިލްގެ ނަންބަރަށް ގުޅިއެވެ. އެހިނދު އަތް ފައި ފިނިވެ، ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ތިން ހަތަރު ރިންގަކަށްފަހު އެކޮޅުން ރާފިލްގެ އަޑު އިވުނެވެ.
“ހެލޯ؟” ރާފިލްގެ އަޑު އެހާ ގާތުން ކަންފަތް ދޮށުން އިވި، ހިލްޔާގެ ކަނދުރާގައިވާ ލޯލިތައް ކޮޅަށް ޖެހުނެވެ. ހިތް ބާރަށް ތެޅެން ފެށި ވަގުތު ދޫ ބަންދުވިއެވެ. އެއްޗެއް ބުނަން ބޭނުންވިއެއްކަމަކު އަރުތެރެ ބެދިފައިވުމުން އެކަން ކާމިޔާބެއް ނުވިއެވެ.
ހިލްޔާ އެއްޗެކޭ ނުބުނެ އިންދާ އެކޮޅުން އަނެއްކާވެސް ރާފިލް ގެ އަޑު އިވުނެވެ.
“ހިލްޔާ ތަ؟”
ރާފިލް މަޑުމައިތިރި އަޑަކުން އެހެން ބުނުމާއިއެކު ހިލްޔާގެ ލޯ ކުޑަކޮށް ބޮޑުވިއެވެ. އޭނައަށް މި އުޅެވެނީ ހަމަ ޑްރާމާއެއްގައިތޯ ހިތަށްއެރިއެވެ. ރާފިލް މިއީ އޭނަގެ ‘ސޯލްމޭޓް’ ނޫންނަމަ މި ވާ އެއްވެސް ކަމެއްގެ ޙަޤީޤަތް ބުނެދޭން ނޭނގޭނެ ނޫންތޯ ހިތް ސުވާލު ކުރިއެވެ
“އާނ… ހިލްޔާ…” ހިލްޔާއަށް ޖެހިލުންވުމަކާއި އެކީ ބުނެވުނެވެ. ރާފިލްއަށް ގުޅައިގެން އޭނައަށް މި އެއްބަސްވެވުނީ ކޮން ކަމަކަށް ކަން ހަނދާންވަމުން ދިޔައީތީވެއެވެ.
“އައި ނިއު ޔޫ ވުޑް ކޯލް! އެހެންވީމަ އަސްލު އިންތިޒާރުގަ ހުރީ…” ރާފިލް ބުންޏެވެ.
“ކިހާއިރެއް ވަންދެން އިންތިޒާރު ކުރީ؟” ހިލްޔާއަށް ހިނިތުންވުމެއްގައި އިނދެ އަހާލެވުނެވެ.
“ވެލް މުޅި ދުވަހު ފޯނަށް ބެލެމުން ދިޔައީ. ރޭގަނޑު ވީމަ ކުޑަކޮށް ހިތަށްއެރި ނުގުޅާނެއޭ ވެސް. އެކަމަކު އެކަން ޤަބޫލު ކުރަން ބޭނުމެއް ނުވި. ހިލްޔާ އެންމެ ފުރަތަމަ ފެނުނީމަ ވެސް އައި ފެލްޓް އަ ކަނެކްޝަން. ޔޫ ނޯ ވަޓް އައި މީން؟”
ރާފިލް ސީދާ އޭނަގެ ހިތުގައި ހުރި ބަސްތައް ބުނަމުން ދިޔަ ގޮތުން ހިލްޔާ އާގަމަވާ ގޮތްވިއެވެ. ރާފިލް އާއި އެއްބަސްވާ ކަމަށް ބުނެ ‘ޔެސް’ އޭ ބުނެވުނީ ޖޯޝާއި އެކީގައެވެ.
އެ ވެގެން ދިޔައީ ރާފިލްއާއި ހިލްޔާގެ ގުޅުމުގެ ފެށުމަށެވެ. ދެމީހުންގެ ދެމެދުގައި ބައިވަރު ވާހަކަތަކެއް ދެކެވުނެވެ. ރާފިލް ވާހަކަ ދައްކަން އިސްނެގި ގޮތުން ހިލްޔާ އުފާވިއެވެ. ރާފިލް އޭނަގެ ޝާހީ މުއްސަނދި ޢާއިލާގެ ވާހަކަ ކިޔައިދިނުމުން ހިލްޔާ އަދި ރާފިލް އާއި ގުޅުން ބަދަހި ކުރަން އިތުރަށް ބޭނުންވިއެވެ. ޙަޔާތުގެ މަޤްޞަދަކީ އެއީ ކަމަށް ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ޙަޔާތުގެ ޙަޤީޤީ މަޤްޞަދު ބަޔާން ކުރާ ޤުރުއާނާއި ދުރުވުމުން، ހިތް އޭގެ އަމިއްލަ ޒާތުގައި މަޤްޞަދެއް ޚިޔާރު ކުރާނެއެވެ. އެ މަޤްޞަދަކީ އިންސާނާގެ ކާމިޔާބަށް ނޫނީ ހަލާކަށް މަގުފަހި ކުރާ މަޤްޞަދަކަށް ވެދާނެއެވެ.
ﷲ އަށްޓަކައި ކަނޑައަޅާ މަޤްޞަދުތަކުން އިންސާނުންނަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބެއެވެ. އަދި އެކަލާނގެއަށް އުރެދުން ހިމެނޭ މަޤްޞަދުތަކުން ދެ ދުނިޔެއިން ގެއްލިދެއެވެ.
ނުނިމޭ