ދާރިސް (ސޯޅަވަނަ ބައި)
އެ ކޯލު ނިމުނުތާ މިނިޓެއްގެ ތެރޭގައި އީތަންއަށް ހޮޓެލްގެ ނަންބަރު ލިބިގެން ދިޔައެވެ. އިސާހިތަކު އީތަން އެ ނަންބަރަށް ގުޅައިލިއެވެ. ތިން ފަހަރު ރިންގުވީއިރު ވެސް އެ ހޮޓެލުން ފޯނު ނުނެގުމުން މިއީ ވެސް އޭނަ އޮޅުވައިލަން ފޮނުވައިލި ނަންބަރެއް ކަމަށް އީތަންއަށް ހީކުރެވުނެވެ. އޭނަ ފޯނު ކަނޑައިލަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކި އަޑަށް އީތަންއަށް މަޑުކޮށްލެވުނެވެ.
“ހެލޯ. ސްޓާރލައިޓް ހޮޓެލް، ހައު ކޭން ވީ ހެލްޕް ޔޫ؟” އެކޮޅުން އަންހެން ކުއްޖަކު އެހެން ބުނެލި އަޑަށް އީތަން ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް އޭގެ ކުރިން ފޯނުގެ އަނެއްކޮޅުން އިވުނު ފިރިހެނެއްގެ އަޑަށް ހުއްޓުން އެރިއެވެ.
“އެކްސްކިއުޒް މީ….ހިބާ ޝަހީދުގެ ރޫމް ނަންބަރު އަހަންނަށް ދެވިދާނެތަ؟” ފިރިހެން މީހާގެ އެ ސުވާލުގައި ހިބާގެ ނަން ހިމެނިގެން ދިޔުމުން އީތަންގެ ހުރިހާ ސަމާލުކަމެއް އެދިމާލަށް ދިޔައެވެ. އެމީހަކު ހިބާގެ ރޫމް ނަންބަރު ހޯދަނީ ކީއްކުރަންތޯ ހިތަށްއެރިއެވެ. އެއީ ހިބާގެ ފިރިމީހާ ހެއްޔެވެ؟ އެހެނަސް ފިރިމީހާނަމަ އެހެން މީހެއްގެ ކައިރިން ހިބާ ހުރީ ކޮން ކޮޓަރިއެއްގައިތޯ ސުވާލުކުރަންޖެހޭނެ ހެއްޔެވެ؟ ފަޅި ސިކުންތެއްގެ ތެރޭގައި އެހުރިހާ ސުވާލެއް އީތަންގެ ސިކުނޑިއަށް ވެރިވި ވަގުތު އެކޮޅުން އަނެއްކާވެސް އަންހެން ކުއްޖާގެ އަޑު އިވުނެވެ.
“ސާރ….ހިބާ ޝަހީދުވަނީ ޕާރމިޝަންއާ ނުލާ ރޫމް ނަންބަރު ނުދޭން އަންގާފަ.” އެކުއްޖާ ބުނެލި އެ ވާހަކައާއި އެކީ ދެންމެ އީތަންގެ ހިތަށްވެރިވި ހުރިހާ ޝައްކެއް ފިލައި ދެބުމަ ކައިރިވިއެވެ.
“ހަހް! ތީނަ މިތާ މަސައްކަތް ކުރަން ފެށީ އިހަށް ދުވަހު ދޯ؟ ހޮޓެލްގެ ވެރިމީހާ ބުނީމަ ބުނިގޮތަށް ކަންތައް ކުރާނީ!” އެކޮޅުން ފިރިހެން މީހާ ބުނެލި ވާހަކައާއިއެކީ އީތަންގެ މޫނު ރުޅިން ރަތްވެ ގޮށްމުއްކެވުނެވެ.
އާސިފްގެ އެ ވާހަކައާއިއެކީ ރިސެޕްޝަންގައި ހުރި ކުއްޖާ ނުތަނަވަސްކަމާއެކީ އެންމެ ރަނގަޅޭ ބުނަމުން ކޮމްޕިއުޓަރުން ސާޗް ކުރުމަށްފަހު ވާހަކަ ދެއްކިއެވެ.
“ހަވަނަ ފްލޯގެ ރޫމް ނަންބާރ 124 ގަ ހިބާ ޝަހީދު ހުންނެވީ…” އެ ކުއްޖާ އެހެން ބުނެލީ ދެންވެސް ފޯނުގެ އަތްގަނޑު ހިފަހައްޓައިގެން ކަމަށްވުމުން އީތަންއަށް އެ ވާހަކަ ވެސް އިވުނެވެ.
“ހުމް….ފުރަތަމަ ވެސް އަނގަގަދަ ނުކޮށް ތިހެން ބުނިނަމަ ރަނގަޅުވީސް!” އާސިފް ކައުންޓަރާއި ގާތްވެ ދަށްކުރެވިފައިވާ އަޑަކުން ނުރުހުންތެރިކަމާއެކީ އެހެން ބުނެލީ ވަށައި ނަޒަރެއް ދެމުންނެވެ. އެއަށްފަހު ޗޮއްކަނޑައިލަމުން ހޮޓެލަށް ވަދެގެން ދާން ފެށިއެވެ. އާސިފް ދިޔުމުން އަންހެން ކުއްޖާ އަނެއްކާވެސް ފޯނުގެ އަތްގަނޑު ކަންފަތުގައި ޖެއްސިއެވެ. އެކުއްޖާ ހީކުރި ގޮތާއި ޚިލާފަށް އެވަގުތު ވެސް އެ ކޯލު ކެނޑިފައެއް ނުވެއެވެ.
“ސޮރީ އެބައުޓް ދަ އިންޓަރަޕްޝަން. ހައު ކޭން ވީ ހެލްޕް ޔޫ؟” އެ ކުއްޖާ ދެވަނަ ފަހަރަށް އެހިއެވެ.
“އިޓްސް އޯކޭ. އަޅުގަނޑު ބޭނުންވަނީ ދެންމެ އެ ވާހަކަ ދެއްކި އާސިފް ސާރއާއި ވާހަކަ ދައްކާލަން.” އީތަން ބުންޏެވެ.
“އާސިފް ސާރ އުޅުއްވަނީ ތަންކޮޅެއް ބިޒީކޮށް އިނގޭތް-“
“ބިޒީވީމަ ދެއްތޯ އަންހެން ކުއްޖެއްގެ ކޮޓަރިއަކަށް ދާން އެއުޅެނީ؟”
“އެ…އެއީ މުހިއްމު އެޕޮއިންޓްމެންޓަކަށް ސާރ އެ ވަޑައިގަންނަވަނީ. ފަހުން ގުޅުއްވުން އެދެން.”
“އަޅުގަނޑު ފަހުން ނުގުޅާނަން އިނގޭތޯ. ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު އަޅުގަނޑަށް މިރޭ އާސިފް ސާރއާއި ވާހަކަ ނުދެއްކިއްޖެއްޔާ ހޮޓެލްގެ ޕަބްލިސިޓީއަށް ނޭދެވޭ އަސަރުތައް ކުރުން ވަރަށް ގާތް. ދެންމެ އާސިފް ސާރ ދެއްކި ވާހަކަތައް އަޅުގަނޑަށް ވަނީ އިވިފައި. ދެންމެ އެ ނަން ގަނެވުނީ އަޅުގަނޑަށް އެނގޭ އަންހެން ކުއްޖެއްގެ ނަމެއް. އެކުއްޖާއަށް އެއްވެސް ގޮތެއްވެއްޖެއްޔާ އަޅުގަނޑު ބަރުދާސްތެއް ނުކުރާނަން އިނގޭތޯ؟ އެހެންވީމަ މި ވަގުތުން ވަގުތަށް ވެސް ތި ސާރއެއްގެ ނަންބަރު އަޅުގަނޑަށް ފޮނުވައިދީ!”
އީތަންއަށް އެ ވާހަކަތައް ބުނެލެވުނީ އިންޒާރެއްގެ ގޮތުގައެވެ. ހިބާއަށް ވާންއުޅޭ ގޮތް ސިކުނޑިއަށް ވެރިވުމުން ވެސް އޭނަގެ ހޭ ގެއްލެން އުޅޭހާވަރަށް ރުޅި އައިސްފައިވިއެވެ. ރުޅި އައީ އެ އާސިފް ދެކެއެވެ. އަދި އަމުދުން އެދުވަހުގެ ކޮންފަރެންސްގައި ހިބާއަށް ލިބުނު ދެރައަކީ ވެސް އެމީހެއްގެ ސަބަބުން ލިބުނު ދެރައެއްކަން އެނގުންވުމުން އެ ރުޅިވެރިކަން ދެ ގުނަވިއެވެ. އޭނަ ހިބާއާއި ކިތަންމެ ދުރުގައި ހުއްޓަސް އެ މީހެއްގެ ކިބައިން ހިބާ ސަލާމަތްކޮށްފައި ނޫނީ ނުހުއްޓަން އީތަންއަށް އަމިއްލަ ނަފްސާއި ވަޢުދު ވެވުނެވެ.
**
ކޮޓަރީގެ އެނދުމަތީގައި ހިބާ އިންދާ އަނެއްކާވެސް ދޮރާއި ދިމާލަށް ބަލައިލެވުނީ ބެލްގެ އަޑު އިވިގެން ދިޔުމުންނެވެ. އޭރުވެސް އޭނައަށް ފިކުރު ކުރެވެމުން ދިޔައީ އޭނައަށް ދެންމެ ނުފެނުނު ފައިލްއާއި މެދު ކަމަށްވުމުން އޭތި އެހެން ތަނަކުން ފެނިފައި އޮވެދާނެކަމަށް ހިބާއަށް އުއްމީދު ކުރެވުނެވެ. މިފަހަރު ދޮރުމަތިން ފެނިގެން ދާނީ އެ ފައިލް ފެނުނު ވާހަކަ ބުނަން އައި ކުއްޖެއްކަމަށް ހިބާއަށް ހީކުރެވުނީ އެހެންވެއެވެ. އެހެނަސް ކޮޓަރީގެ ދޮރު ހުޅުވައިލި ވަގުތު ދޮރުމަތިން ފެނިގެން ދިޔަ ސޫރައިން ހިބާ ސިހުންވާ ގޮތްވިއެވެ.
“އާސިފް!” ހިބާއަށް ބޭއިޚްތިޔާރުގައި ވެސް އެ ނަމުން ގޮވައިލެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ. އާސިފް އެހާގާތުން ފެނުމުން އޭނަ ހިތްހަމަނުޖެހުނީއެވެ.
“ހައި! އައި ރިއަލީ ޑިޑްންޓް މީން ޓު ޑޫ ދިސް އިނގޭ. ވަރަށް މުހިއްމު ފައިލެއް ނުފެނިގެން މި އައީ. ހިބާގެ ކޮޓަރިއަށް އަމިއްލައަށް ނާންނަންވެގެން ފުރަތަމަ ހޮޓެލްގެ ކުއްޖަކު ފޮނުވީ. އެކަމަކު ހިބާ އަމިއްލައަށް ހޯދީމަ ނުފެނުނު ދޯ؟” އާސިފް ވާހަކަ ދެއްކިއެވެ.
“އަ…އާނ….ހިއެއްނުވޭ އޭތި މިތާ އޮތްހެނެއް. ފަރީދުބެ ކައިރިން އެހިންތަ އޭތި އޮތްތޯ ބަލަން؟” ހިބާ އެހިއެވެ.
“އާނ އެކަމަކު ބޭބެވެސް ބުނީ ހިބާގެ ކޮޓަރީގައޭ އޭތި އޮންނާނީ. އިފް ޔޫ ޑޯންޓް މައިންޑް….އަހަރެން އަމިއްލައަށް ބަލައިލިޔަސް އޯކޭތަ؟” އާސިފް ނުހަނު އަދަބުވެރިކަމާއެކީ އެދުނެވެ. ހިބާ އެ ވާހަކައަށް އާނއެކޭ ބުނަން އުޅެފައިވެސް ޖެހިލުންވިއެވެ. އާސިފް އޭނަގެ ކޮޓަރިއަށް ވަންނަ ޚިޔާލުން ވެސް އޭނައަށް އުދަގޫވާ ގޮތްވިއެވެ. އެ ވާހަކަ ދުލާއި ހަމައަށް ގެންނަން ބޭނުންވިއެއްކަމަކު އެކަން ނުކުރެވުނީ އާސިފް އައީ މުހިއްމު ކަމެއްގެ ބަހަނާގައި ކަމަށްވުމުންނެވެ.
“އެންމެ ރަނގަޅު….” ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހިބާ އިސްޖަހައިގެން ހުރެ ބުންޏެވެ.
“ތޭންކްސް!” އާސިފް އެހެން ބުނެ ހިނިތުންވުމަކާއެކީ ބޫޓު ބޭލުމަށްފަހު ކޮޓަރީގެ ތެރެއަށް ވަންނަން ދިޔައެވެ. ހިބާ ދޮރު ލައްޕައިލަން އުޅެފައިވެސް އެ ދޮރު ބޮޑުކޮށް ހުޅުވައި ދޮރު ކައިރީގައި މަޑުކޮށްލީ އާސިފާއި އެކީ އެއްތަނެއްގައި އެކަނިވާން އެއްގޮތަކަށް ވެސް ބޭނުމެއް ނުވުމުންނެވެ. އެވަގުތު އެތާ ބޭރުން މީހުން ހިނގަމުން ދިޔަ މަންޒަރު ފެންނަމުން ދިޔަ ގޮތުންނާއި، އާސިފްގެ ފޯނު ރިންގުވާން ފެށުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއަށްވުރެ ވެސް ބޮޑަށް ހަމަޖެހުމަށްޓަކައި ހިބާ އާސިފް ބަލަހައްޓައިގެން ނެތް ވަގުތަކު ކޮޓަރިން ނިކުމެ ހުޅުވިފައިވާ ދޮރުގެ އެއްފަރާތެއްގައި މަޑުކޮށްލިއެވެ. އެ ވަގުތު ފައިދަށުން ވެލީގެ އިޙްސާސް ކުރެވުމުން ހިބާ އަނެއްކާވެސް ދޮރުން ވަދެ ދޮރުގެ ކައިރީގައި ހުރި ދުވާ ބޫޓަށް އަރަން ފެށިއެވެ. އެއީ މާލެއަށް އައިފަހުން ވަލީދުބެ އޭނައަށް ގަނެދީފައިވާ ހަދިޔާއެކެވެ. ބޫޓަށް އަރަމުން ދަނިކޮށް ހިބާއަށް އާސިފްގެ އަޑު އިވިގެން ދިޔައެވެ.
“ކީކޭ ހިތަށް އަރައިގެން މި ގަޑީގަ މަށަށް ތި ގުޅަނީ؟” ރިސެޕްޝަނުން ގުޅުމުން އާސިފް އައި ރުޅީގައި ވާހަކަ ދެކެވުނީ ދަތްކުނޑި ވިކަމުންނެވެ. އާސިފްގެ އަޑު ދަށްކުރެވިފައިވި ގޮތުން އެދިމާލަށް ބަލައިލި ހިބާއަށް އާސިފް ބުނި އެއްޗެއް ސާފެއްނުވިއެވެ. ހިބާ ވަކި އަޅާލުމެއްނެތި ކޮޓަރިން ނިކުމެ ދޮރު ކައިރީގައި މަޑުކޮށްލިއެވެ.
“ސާރ….ސާރ މީގެ އިރުކޮޅެއް ކުރިން ގުޅާފަ ބުނީމެއްނު ކޮންމެވެސް ޗީފް ޑައިރެކްޓާރއެއްގެ ވާހަކަ؟ ދެންމެ ސާރ ހިބާ ޝަހީދުގެ ރޫމަށް ދިޔަކަން އެ ބޭފުޅާއަށް އެނގިއްޖެ. ބުނީ ސާރއާ މިރޭ ނުގުޅިއްޖެނަމަ ހޮޓެލަށް ވަރަށް ގެއްލުންވާނެޔޯ.” ރިސެޕްޝަންގައި ހުރި ކުއްޖާ ވާހަކަ ދެއްކީ ނުތަނަވަސްކަމާއި އެކީގައެވެ.
“ތި މީހަކުވެސް ހާދަ ވަރެކޭދޯ ތިވަނީ؟ ކޮންމެ ގޮތެއްވިޔަސް މަގޭ ނަންބަރު ނުދޭތި. ތި ބިދޭސީ މީހާއަށް ބޭރު ޤައުމެއްގަ ހުރެގެން އަހަރުމެންނަށް ދެވޭނީ ކޮން ގެއްލުމެއް؟” އާސިފް ދެންވެސް ވާހަކަ ދެއްކީ މަޑު އަޑަކުންނެވެ.
“އެކަމަކު ސާރ-“
“ދެން ފޯނު ބާއްވާ!”
އާސިފް އެހެން ބުނެ އެކުއްޖާއަށް ފުރުސަތެއް ވެސް ދިނުމެއްނެތި ފޯނު ކަނޑައިލިއެވެ. އެއަށްފަހު ފޯނު ޖީބަށް ލަމުން ފަހަތް ބަލައިލީ ހިބާ ފެނޭތޯއެވެ. ހިބާ ފެންނަން ނެތުމުން އޭނަގެ ދެބުމަ ކައިރިވިއެވެ.
“ހިބާ!” އާސިފަށް ގޮވައިލެވުނެވެ. އެއާއިއެކު ބޭރުގައި ހުރި ހިބާއަށް ތެޅިގެންފައި ދޮރު މައްޗަށް އާދެވުނެވެ.
“ކިހިނެއްވީ ބޭރުގަ ތިހިރީ؟” އާސިފް މޫނުމައްޗަށް ކަންބޮޑުވުން ވެރި ކުރުވަމުން އެހިއެވެ.
“އެއީ….ކަމެއްނުވޭ. ކުޑަކޮށް ބޭރު ބަލައިލީ.” ހިބާއަށް ދޮގެއް ހަދައިލެވުނީ ވިސްނުމެއްވެސް ނެތިއެވެ.
“ހެހެ….ތިތާ އިންޓީރިއާ ވަރަށް ރީތިދޯ؟ އައި އެގްރީ. އެކަމަކު ހިބާ އެތެރެއަށް އައިއްސަ އަހަންނަށް ކިޔާލަދީބަލަ ހިބާ ހޯދި ތަންތަން.” އާސިފް އެހެން ބުނެލީ އެ ރޫމުގައި ހުރި ކުޑަ ކަބަޑެއްގެ ދޮރުތައް ހުޅުވަމުންނެވެ.
“ހުރިހާ ތަނެއް ބެލިން. ސައިޑް ޓޭބަލްތަކާއި އަލަމާރިއާއި ތި ކަބަޑުވެސް ބެލިން. ނެތް އެއްވެސް ތަނަކު ފައިލެއް ކަހަލަ އެއްޗެއް.” ހިބާ އެހެން ބުނެލީ ކޮޓަރިއަށް ކުޑަކޮށް ވަނުމަށްފަހު ހުޅުވިފައިވާ ދޮރު ކައިރީގައި މަޑުކޮށްލަމުންނެވެ.
“އަސްލުވެސްތަ؟” އާސިފް އެހެން ބުނެ ހިބާ އެ ބުނި ތަންތަން ކުޑަ ގޮތަކަށް ބެލިއެވެ. އެއަށްފަހު ނެތްދޯއޭ ބުނެލަމުން ކޮޓަރިން ނިކުތުމަށް ދޮރާއި ދިމާލަށް ދާން ފެށިއެވެ.
އާސިފް އޭނައާއި ގާތްވަމުން ދިޔަދިޔަހެން ހިބާ ކޮޓަރީގެ ތެރެއަށް ވަދެލީ އާސިފަށް ތަން ދިނުމަށެވެ. އާސިފް އޭނައަށް ފަސްދީފައި ދިޔަ ވަގުތު އާސިފްގެ ކޮނޑުގައި އޭނަގެ ކޮނޑު ޖެހުނެވެ. އެއީ ޤަޞްދުގައި އާސިފް ކުރި ކަމެއްކަމެއް އެހެންނޫނީ ނޭނގުމެއްނެތި ވީ ކަމެއްކަމެއް ހިބާއަށް އޮޅުން ނުފިލިއެވެ. އާސިފް އެކަމާއިމެދު މަޢާފަށް އެދޭނެ ކަމަށް ހިބާއަށް ހީކުރެވުނެވެ. އެހެނަސް އެއްޗެކޭ ނުބުނެ އާސިފް ދަނީއޭ ހިތައި ހިބާ ކޮޓަރީގެ ތެރެއަށް ވަދެގެން ދާން ފެށިއެވެ. ހަމަ އެވަގުތު އާސިފް ފަސްއެނބުރި ހިބާއަށް ބަލައިލިއެވެ.
“މިއަދު ކޮންފަރެންސްގަ….ހިބާއަށް ނުލިބުނުދޯ ވަނައެއް؟” އާސިފް އެހެން އަހައިލީ ދޮރުގައި ހިފަހައްޓައިގެން ހުރެއެވެ. އާސިފްގެ އަޑު އިވުމުން ހިބާގެ ފިޔަވަޅުތައް މަޑުޖެހުނެވެ.
“އާނ ނުލިބޭ ވަނައެއް.” ހިބާ ފަސްއެނބުރިލިއެއްކަމަކު ދުރަށް ނަޒަރު ހުއްޓައިގެން ހުރެ ޖަވާބުދިނެވެ.
“ހާދަ ދެރައޭދޯ؟” އާސިފް ޙަމްދަރުދީވާ ފަދައަކުން އެހިއެވެ. އެހިނދު ހިބާއަށް ފާހަގަ ނުވާނެހެން އޭނަ ހިފަހައްޓައިގެން ހުރި ދޮރު ލައްޕަން ފެށިއެވެ.
“އެހާ ދެރައެއްނުވޭ އަނެއްހެން. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަކަށް.” ހިބާ އެހެން ބުނެ އިސްއުފުލައިލިއެވެ. އެވަގުތު އާސިފް ދޮރު ލައްޕަމުން ދިޔަކަން އެނގުންވުމުން ބިރުވެރިކަމެއް އޭނަގެ ހިތް ވަށައިލިއެވެ.
“ތިހެން ބުންޏަސް ދެރަވާނެކަން އެބަ އެނގެއޭ ހިބާ. ހިބާ ބޭނުމިއްޔާ ޝަރުޠެއްގެ މަތިން އަހަރެން ހިބާއަށް އެ ފުރުސަތު ހޯދައިދީފާނަން…” އާސިފް އެހެން ބުނެލީ ކޮޓަރީގެ ދޮރު ލައްޕައި ތަޅުލަމުންނެވެ. އެ ހިނދު ހިބާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ބޭނުމެއްނޫން އެއްވެސް ޝަރުޠެއް ޤަބޫލުކުރާކަށް…” އާސިފް އޭނައާއި ދިމާލަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކީ ފަހަތަށް ފިޔަވަޅެއް އަޅަމުން ހިބާ ވާހަކަ ދެއްކިއެވެ. ކިތަންމެ ސާބިތުވާން މަސައްކަތް ކުރިއެއްކަމަކު އިންތިހާއަށް އަވަސްވެފައިވި ހިތެއްގެ ސަބަބުން އެވަގުތު އޭނަގެ އަޑު ތުރުތުރު އެޅިއެވެ.
“ހަމަ ޔަޤީންތަ؟” އާސިފް އެހެން އަހައިލީ ހިބާ ފަހަތަށް ދަމުން ގޮސް އެތާހުރި ކަބަޑުގެ ކައިރިން ފާރުގައި ޖެހުނު ވަގުތެވެ. އާސިފް ހިބާގެ ކައިރިއަށް އައިސް ހިބާގެ އަތުގެ ފަލަމަސްގަނޑުގައި ހިފަން އުޅުނު ވަގުތު އަނެއްކާވެސް އާސިފްގެ ފޯނު ރިންގުވާން ފެށިއެވެ.
އެއާއިއެކު އާސިފް ނުބައި ބަހެއް ކިޔައިލަމުން ޖިންސްގެ ޖީބުން ފޯނު ނެގިއެވެ. އާސިފް ފޯނުގެ ސްކްރީނަށް ބެލި ވަގުތުކޮޅުގެ ބޭނުން ހިފައި ހިބާ ވަގުތުން އާސިފާއި ދުރަށްދާން ހިނގައިގަތެވެ. އާސިފް ހިބާގެ އަތުގައި ހިފައިލަން އުޅުނެއްކަމަކު އެކަން ނުވީ ސްކްރީނުން ފެނިގެން ދިޔަ ދިގު ނަންބަރުން ލިބިގެން ދިޔަ ޙައިރާންކަމުންނެވެ. އެ ބޭރު މީހާ އޭނައަށް ގުޅަންވެސް ފެށީތޯއޭ ހިތަށްއެރި ތަނާހެން ދެވަނަ ވިސްނުމެއްވެސް ނެތި ފޯނު ކަނޑައިލެވުނެވެ. އަދި އެއަށްފަހު ފޯނު ނިވާލުމަށްފަހު ފޯނު އެނދުމައްޗަށް އެއްލައި އިސާހިތަކު ފަހަތް ބަލައިލިއެވެ. ހިބާ ކޮޓަރީގެ ދޮރާއި ދިމާލަށް ދަމުން ދިޔަތަން ފެނިފައި އާސިފް ދިގު ފިޔަވަޅުތަކެއްގައި ގޮސް ހިބާގެ އަތުގެ ކުޑަހުޅާއި ދިމާލުން ބާރަށް ހިފައި އޭނައާއި ދިމާލަށް އަނބުރައިލިއެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ހިބާ ގޮސް އާސިފްގެ ގައިގައި ޖެހެން އުޅުނެވެ. އެހެނަސް އޭގެ ކުރިން ހިބާ އޭނަގެ ފިޔަވަޅުތައް ހަމައަކަށް އެޅުވިއެވެ.
“ދޫކުރޭ!” ހިބާ އަތަށް ދަމަމުން އެހެން ބުނެލީއިރު ލޯ ރަތްވެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ.
“އޯ ޔޫ ވިޝް! މިރޭ ދޫކުރާ ކަހަލަ ޚިޔާލެއްގައެއް ނޫން މިހިރީ.” އާސިފް އެހެން ބުނެލީ ހިބާގެ އަތުގައި އިހުނަށްވުރެ ބާރަށް ހިފަމުންނެވެ. ވީ ތަދާއެކީ ހިބާއަށް ލުއި އާހެއްގެ އަޑު ލައްވައިލެވުނެވެ. ލޮލުން ކަރުނަ ފައިބައިގެން ދިޔަ ވަގުތު އިސްޖަހައިލެވުނެވެ.
އެހިނދު އޭނަ ލައިގެން ހުރި ބޫޓާއި އާސިފްގެ ހުސްފައި ފެނިފައި ހިބާ އޭނަގެ ބޫޓުން އާސިފްގެ ފައިމައްޗަށް އަރައި ގަދައަށް އޮބައިލިއެވެ. ވީ ތަދާއެކީ އާސިފް އަޑު ލައްވައިލި ވަގުތު ހިބާގެ އަތަށް ވެސް ދުލެއް ދިނެވެ. ހިބާ ފުރުސަތުގެ ބޭނުން ހިފައި އަތް ފޮޅުވައިލަމުން އަނެއްކާވެސް އާސިފާއި ދުރަށްދާން ހިނގައިގަތެވެ. މިފަހަރު ވެސް އާސިފް އޭނަގެ އެއްއަތުގައި ހިފުމުން ހިބާ އައި ރުޅީގައި އަނެއްއަތުން އާސިފްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައި އޭނަގެ އިސްތަށިގަނޑުގައި ހިފައި ދަމައިލިއެވެ. މިފަހަރުވެސް ވީ ތަދާއެކީ އާސިފް އަޑެއް ލައްވައިލި ވަގުތު ހިބާއަށް އޭނަގެ އަތް މިނިވަން ކުރެވުނެވެ. އެއަށްފަހު ހިބާ ދިގު ދެ ފިޔަވަޅު އަޅައިލަމުން އެތާހުރި އަރިމަތީ މޭޒު ކައިރިއަށް ގޮސް މޭޒުމަތީގައި ގަހެއް ޖަހާފައިހުރި ބިއްލޫރި ފެންފުޅިއެއް ނެގިއެވެ. އާސިފް އަނެއްކާވެސް އޭނައާއި ދިމާލަށް އަންނަން އުޅުނުތަނާހެން، ހިބާ އެ މެދުމިނުގެ ފުޅި އޭނައާއި ދިމާލަށް ވާގޮތަށް ބިންމައްޗަށް ވައްޓައިލިއެވެ.
ޓައިލްސްމަތީގައި ފުޅި ޖެހުނު އަޑުފަތްގަނޑާއިއެކީ އެތައް ބިއްލޫރި ކޮޅުތައް އެއްލިގެން ދިޔަދިޔަހެން ފުޅީގައި ހުރި ފެން ވެސް ބިންމައްޗަށް އޮއްސި ގަހުގެ ބައިތައް ވެސް އެކި ދިމަދިމާލުގައި ގޮސް ޖެހުނެވެ. އެކަންތައް ހިނގި ފަޅި ސިކުންތުގައި އާސިފްއަށް ފަހަތަށް ޖެހިލެވުނެވެ. އަދި އަމުދުން ފެން ފެތުރިގެން އައިސް އޭނަގެ ފައިގައި ޖެހުމުން އިހުނަށްވުރެ ފަހަތަށް ޖެހިލެވުނެވެ. އެ ވަގުތު ހިބާއަށް ބަލައިލަމުން އާސިފް ފަޔަށް ލިބޭނެ ގެއްލުމަކަށް ވެސް ބެލުމެއްނެތި ކުރިއަށް ދާން އުޅުނެވެ.
އެހެނަސް ހަމަ އެވަގުތު ހޮޓެލް ރޫމުގެ ދޮރުގައި މީހަކު ބާރަށް ޓަކިދީ ސަލާމް ގޮވައިލި އަޑަށް ކޮޓަރީގައި ތިބި ދެމީހުންނަށް ވެސް ސިހުމަކާއިއެކީ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެއީ ބޮޑުބޭބެކަމަށް ހިބާއަށް ހީކުރެވުނު ވަގުތު، ދެވަނަ ފަހަރަށް އިވިގެން ދިޔަ ބާރު ޓަކީގެ އަޑާއެކީ ސަލާމް ގޮވައިލި އަޑަށް އެއީ ބީރައްޓެއްސެއްކަން ހިބާއަށް އެނގުނެވެ. އާސިފް އަނެއްކާވެސް އައި ރުޅީގައި ނުބައި ބަހެއް ކިޔައިލަމުން ގޮސް ދޮރު ހުޅުވައިލިއެވެ. އެ ހިނދު ދޮރުމަތީގައި ތިބީ ފުލުހުންނެވެ.
“ތިއީ އަޙްމަދު އާސިފް މުޢީންތޯ؟” މެދުގައި ހުރި ފުލުސް މީހާ ސުވާލުކުރިއެވެ. ހިބާއަށް ހުރެވުނު ހިސާބުން އޭނައަށް ވެސް ފުލުސް މީހާގެ ޔުނިފޯމުގެ ބައެއް ފެންނަމުން ދިޔައީތީ ވާނުވާއެއް ނޭނގިފައި ހުރެވުނެވެ.
“އާނ…ކިހިނެއްވީ؟ ކަލޭމެން ނުޖެހޭނެ ހުއްދައާނުލާ ހޮޓެލަށް ވަދެގެން އައިސް މީސްމީހުންގެ ކޮޓަރިއަށް ވަންނާކަށް.” އާސިފް ދެންވެސް އިސްކުރީ ރުޅިއެވެ.
“އަޅުގަނޑުމެން މި އައީ މި ހޮޓެލްގެ މި ކޮޓަރީގައި ތިބޭފުޅާގެ ފަރާތުން އަންހެން ކުއްޖަކަށް އަނިޔާއެއް ލިބެން އުޅޭކަމުގެ މައްސަލައެއް މީހަކު ހުށަހަޅައިގެން. އެހެންވީމަ އަޅުގަނޑުމެން ކޮޓަރި ތެރެ ކުޑަކޮށް ބަލައިލާނަން.” ފުލުސް މީހާ އެހެން ބުނެ އާސިފަށް އެއްޗެކޭ ބުނުމުގެ ފުރުސަތެއް ނުދީ ކޮޓަރިއަށް ވަނީ އަނެއް ދެ ފުލުހުންނާއި ވެސް އެކީގައެވެ. އެމީހުންނަށް މާ ދުރަށް ނުފެނެނީސް ހިބާއާއި އެކީ ޓައިލްސް މަތިން ފެނުނު މަންޒަރުން އެމީހުން ހުއްޓުން އެރިއެވެ.
“ތިއީ ހިބާ ޝަހީދުތޯ؟” އިސްކޮށް ހުރި ފުލުސް މީހާ ސުވާލުކުރިއެވެ.
“އާދެ…” ހިބާއަށް ބުނެވުނީ ހަމައެކަނި އެހާ ވަރަށެވެ. ފުލުސް މީހާއަށް އިތުރު އެއްޗެކޭ ނުބުނެވެނީސް އާސިފް އަޑުހަރު ކުރިއެވެ.
“އާނ އެއީ ހިބާ ޝަހީދު! އެއީ މަގޭ ވާން އުޅޭ އަނބިމީހާ. ހިބާ ޝަހީދުގެ ވެސް އެދުމަކަށް އަހަރެން މިކޮޓަރިއަށް ވަދެގެން އަ….”
“ނޫން! ދޮގު! އަޅުގަނޑުގެ ހުއްދައާއި ނުލާ އާސިފް މި ކޮޓަރިއަށް ވަދެގެން އައީ. އައިއްސަ ގަދަކަމުން އަޅުގަނޑުގެ އަތުގަ ހިފީ-“
“ބަލާބަލަ މިހާރު ލޮލަށް ކަރުނަ ގެނެސްގެން ދޮގު ހަދާ ގޮތް. ދެންމެ މަގޭ ގައިގަ އޮޅުލައިގަނެގެން އުޅުނު ގޮތުން ހީވަނީ….”
އެހާ ހިސާބުން އާސިފްގެ ދުލުން ހިބާއަށް އަމާޒުވާން ފެށީ ނުބައި ބަސްތަކެވެ. އެ ބަސްތަކުން ހިބާ ހުއްޓުންއެރި ވަގުތު ފުލުސް މީހާ ވާހަކަ ދެއްކިއެވެ.
“ތިބޭފުޅާ ދެން ހުއްޓައިލުން އެންމެ ރަނގަޅުވާނީ. ތީނަ މި ކޮޓަރިއަށް ވަދެގެން އައީ އަންހެން ކުއްޖާގެ ހުއްދައާއި ނުލާކަން ރިސެޕްޝަނުން ވެސް އަޅުގަނޑުމެންނަށްވަނީ ޔަޤީންވެފަ. އެހެންވީމަ ދެން އެންމެ ރަނގަޅުވާނީ ތީނަ އަޅުގަނޑުމެންނާއެކީ އައިއްޔާ!” އިސްކޮށް ހުރި ފުލުސް މީހާ އެހެން ބުނުމަށްފަހު ދެން ތިބި ދެ ފުލުހުންނަށް ޢިޝާރާތްކުރިއެވެ. އެއާއިއެކު އެދެމީހުން އާސިފްގެ ދެފަރާތުން އޭނަގެ ގައިގައި ހިފެހެއްޓިއެވެ.
“ކަލޭމެން….ކަލޭމެންނަށް އެބަ އިނގޭތަ މަށަކީ ކާކުކަން؟ މީގެ ނަތީޖާ ކަލޭމެންނަށް ވަރަށް ހިތިވާނެ!” އާސިފް އެމީހުންގެ އަތްދަށުން ސަލާމަތްވާން މަސައްކަތް ކުރަމުން ބުންޏެވެ. ފުލުހުން އިތުރު އެއްޗެކޭ ނުބުނެ އޭނަ ގެންދަން ފެށުމުން އާސިފް އަނެއްކާވެސް ހިބާއަށް ބަލައިލިއެވެ.
“ހީނުކުރާތި ކަލޭ މިހާ ހިސާބުން މިނިވަންވީއޭ. ކަލޭވާނީ ހަމަ މަގޭ މިލްކަކަށް. މަގޭ މުދަލަކަށް! ކަލޭ ޖެހޭނީ…” އާސިފް ދެން ބުނަން ފެށި ބަސްތައް އަޑުއަހަން ވެސް ހިބާއަށް ދަތިވާ ގޮތްވިއެވެ. އެ ޖުމްލައަށްފަހު އާސިފް ކޮޓަރިން މުޅިން ނެރެވުނެއްކަމަކު އޭނަ ކިޔަމުން ދިޔަ ހުތުރު ބަސްތައް ހިބާއަށް އިވެމުން ދިޔައެވެ.
ފެންކަޅިވެފައި ހިބާއަށް ހުރި ގޮތަށް ހުރެވުނީ އެއީ ދުވަހަކުވެސް އެއްވެސް މީހަކު އޭނައާއި މުޚާތަބު ކުރި ގޮތެއް ނޫންވީމައެވެ. އަދި ދުވަހަކުވެސް މީހަކު އޭނައާއި އެފަދައިން މުޚާތަބު ކޮށްފާނެކަމަށް ހީކުރި ބަސްތަކަކަށް ވެސް ނުވުމުންނެވެ. އަދި އަމުދުން އެ ބަސްތަކަކާއި އެކީ ދެންމެ އާސިފް އޭނައާއިމެދު ކަންތައް ކުރަން އުޅުނު ގޮތް ހަނދާންވިއެވެ. އާސިފް އޭނަ ކައިރިން އެހުމެއްނެތި ކޮޓަރީގެ ދޮރު ލައްޕައިލި ގޮތެވެ. އަދި އޭނަ ސާފުކޮށް ޝަރުޠެއް ޤަބޫލު ނުކުރާނަމޭ ބުނުމުން ވެސް އޭނަގެ ކައިރިއަށް އައިގޮތެވެ. ގަދަކަމުން އޭނައަށް ތަދުވާވަރަށް އަތުގައި ހިފައިލި ގޮތެވެ. އެވަގުތު އިޙްސާސް ކުރެވުނު ބަލިކަށިކަމެވެ. އެއަށްފަހު ވެސް ނެތް ހިތްވަރަކާއެކީ އޭނަ ހިތްވަރު އެއްކުރަން ޖެހުނު ގޮތެވެ.
ބަލިކަށިކަން އެވަގުތު ވެސް އިޙްސާސް ކުރެވިގެން ދިޔުމުން ހިބާއަށް ބިންމައްޗަށް ތިރިވެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ލޮލަށް ޖަމާވެފައިވި ކަރުނަތައް ފައިބަން ފެށުމާއިއެކު ގިސްލެވެން ފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. އޭނަ ދާދި ދެންމެއަކު ސަލާމަތްވީތީ ހިތާހިތުން ޙަމްދު ކުރެވުނެއްކަމަކު އޭނައަށް ވެސް ސާފުނުވާ ސަބަބަކާއިހުރެ ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. ނޭނގޭ ސަބަބަކާއިހުރެ އެވަގުތު ބައްޕަ މަތިން ހަނދާންވީ މާ ބޮޑަށެވެ. ބައްޕަ ހުރިނަމަ އޭނަ މިފަދަ ޙާލަތަކުން ރައްކާތެރިކޮށް އޭނަގެ މި ކަރުނަތައް ހުއްޓުވައިދޭން ހުރީހޭ ހިތަށްއެރިއެވެ. ބައްޕަ އޭނަ ދެރަވި ކޮންމެ ދުވަހެއްގައި އޭނަ ހިތްހަމަޖައްސައިދޭން ކޮށްދީފައިވާހާ ކަންތައް ހަނދާނަށް އަންނަން ފެށުމުން ހިބާއަށް އިތުރަށް ރޮވޭ ގޮތްވިއެވެ.
**
ސްވިޓްޒަލޭންޑަށް ހަވީރު 5 ޖަހަން ގާތްވަމުން ދިޔަ ވަގުތު ވެސް އީތަން ހުރީ އޮފީހުގައެވެ. އޮފީހުގައި ހުރި ސިޑިއެއްގެ މަތީގައި އިށީނދެގެން އިނދެ އީތަން އިންތިޒާރު ކުރަމުން ދިޔައީ ދާދި ދެންމެއަކު އޭނަ ގުޅައިލި ރާއްޖޭގެ ފުލުސް ސްޓޭޝަނުން އޭނައަށް ގުޅާނެ އިރަކަށެވެ.
ސްޓާރލައިޓް ހޮޓެލްގެ ރިސެޕްޝަންގައި ހުރި ކުއްޖާ އޭނަ އެތައް ވާހަކައެއް ދެއްކުމުން އާސިފްގެ ނަންބަރު އޭނައަށް ދިނުމުގެ އިޒުނަ އެބަ ހޯދަންކަމަށް ބުނެ ފޯނު ކަނޑައިލިއެވެ. އެ ފޯނު ކެނޑިގެން ދިޔުމުން ވެސް އީތަންއަށް މަޑުން ހުންނަން އުދަގޫވިއެވެ. ފޯނުގެ އަނެއްކޮޅުން އާސިފް ބުނެލި ވާހަކަ ހަނދާންވަމުން ދިޔަދިޔަހެން ހިބާއަށްޓަކައި ކޮންމެވެސް ކަމެއްކުރަން ބޭނުންވިއެވެ. މާ ލަސްވުމުގެ ކުރިންނެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލާއިއެކީ ވަގުތުން އޭނަގެ ދޮންބެއަށް ގުޅައި މާލޭގެ ޕުލުސް ސްޓޭޝަނެއްގެ ނަންބަރު ހޯދައި އެ ސްޓޭޝަނަށް ގުޅައިލެވުނެވެ. އޭނަ ދެންމެ ކަންތައްވީ ގޮތް ކިޔައިދިނުމާއެކު އެ ކޮޅުން ތިން މިނިޓް ތެރޭ ސްޓާރލައިޓް ހޮޓެލާއި ކައިރި ކުރާނެ ވާހަކަ ބުނުމުން އީތަންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއަށްފަހު ހިބާގެ ރައްކާތެރިކަމަށްޓަކައި ހިތާހިތުން ދުޢާކުރެވުނެވެ. ފަހުން ރިސެޕްޝަނުން ގުޅައި އާސިފްގެ ނަންބަރު ދިނުމުން އޭނަ ވަގުތުން އާސިފަށް ގުޅައިލިއެވެ. އެހެނަސް އާސިފް އެ ފޯނު ކަނޑައިލުމަށްފަހު ފޯނު ނިވައިލުމުން އީތަންއަށް އާސިފް ހުއްޓުވޭ ގޮތް ނުވީއެވެ.
އެވަގުތުކޮޅާއި ޖެހެންދެން ވެސް އީތަންއަށް ހުއްޓުމެއްނެތި ހިބާއަށްޓަކައި ދުޢާކުރެވެމުން ދިޔައީ، އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔަ އެންމެ ގޯސް ޚިޔާލުތައް ފިލުވަން ގަދައަޅައި މަސައްކަތް ކުރަމުންނެވެ. އެހެން އިންދާ އޭނަގެ ފޯނު ރިންގުވުމުން އީތަންއަށް ވަގުތުން ކޯލު ނަގައި ކަންފަތުގައި ޖައްސައިލެވުނެވެ.
“ހެލޯ! ކިހިނެއްތޯ ކަންތައްވީ؟ ހި…ހިބާގެ ޙާލު ރަނގަޅުތޯ؟” އީތަންއަށް އަވަސްއަވަހަށް އަހައިލެވުނެވެ.
“އާދެ….އަޅުގަނޑުމެން ދިޔައިރު އާސިފަށް މާ ބޮޑުކަމެއް ނުކުރެވޭ. މިހާރު އަޅުގަނޑުމެން އާސިފް ހައްޔަރުކޮށްފިން.”
“ޔަޤީންތޯ ހިބާ ރަނގަޅުކަން؟”
“އާދެ….އަޅުގަނޑުމެން ސުވާލުކުރީމަ ހިބާ ދެންނެވި އާސިފް ގަދަކަމުން ހިބާގެ އަތުގައި ހިފި ވާހަކަ. ހިބާ ސެލްފް ޑިފެންސަށް ވެސް ވަރަށް މަސައްކަތް ކޮށްފައި ހުރިކަން ފާހަގަވި ކޮޓަރި ތެރެއިން ފެނުނު މަންޒަރުތަކުން.”
ފުލުސް މީހާ ކިޔައިދިނެވެ. އެ އާސިފަކު ހިބާގެ އަތުގައި ހިފި ވާހަކަ އިވުމުން ވެސް އީތަންގެ ގޮށްމުއްކެވުނެވެ. އިސާހިތަކު އަމިއްލަ ޚިޔާލުތަކުގެ ތެރެއިން އާސިފްގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލައިލެވުނެވެ. އީތަން އެ ޚިޔާލުތަކުގައި އިންދާ އެކޮޅުން ފޯނު ބާއްވަން އުޅުމުން އީތަންއަށް ވާހަކަ ދެކެވުނެވެ.
“ތި ބޭފުޅުން އެތަނަށް ދިޔަ ފަހުން ހިބާގެ ޢާއިލާ މީހަކު ހިބާގެ ކައިރިއަށް ނުދޭތޯ؟” އީތަން ސުވާލުކުރިއެވެ.
“ނުދޭ އިނގޭތޯ؟ އެއީ އެކަނި އުޅޭ ކުއްޖެއްހެން އަޅުގަނޑުމެންނަށް ހީވަނީ.” ފުލުސް މީހާ ބުނެލި ވާހަކައިން އީތަންގެ ދެބުމަ ކައިރިވިއެވެ. އީތަން އެންމެ ރަނގަޅޭ ބުނުމަށްފަހު ފޯނު ކަނޑައިލި ވަގުތު ޝަހީދުބެ ކޮބައިތޯ ހިތަށްއެރިއެވެ. ޝަހީދުބެ އެވަގުތު ތަނަކަށް ގޮސްފައިވީތޯ ހިތަށްއެރިއެވެ. އެހެންކަމަށްވާނަމަ އެވަގުތު ހިބާގާތު ރަނގަޅުތޯ އަހައިލާނެ މީހެއްވެސް ނުހުންނާނެކަން އެނގުންވުމުން އީތަންގެ ހިތް ދެރަވާ ގޮތްވިއެވެ.
ހަމަ އެއާއިއެކު އޭނަ އެވަގުތުން ވަގުތަށް ވެސް ހިބާ އުފާކޮށްދޭން ފިޔަވަޅެއް އަޅަން ބޭނުންވިއެވެ. އެއީ އެހެންނޫނަސް މީގެ އިރުކޮޅެއްކުރިން އޭނަ ކުރަން ބޭނުންވެގެން ހުރި ކަމެވެ. އެކަމަށްޓަކައި އަނެއްކާވެސް ފޯނުގެ ކޯލް ލޮގް ސްކްރޯލްކޮށްލަމުން ގުޅައިލީ، ރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ނިސްބަތްވާ ނަންބަރަކަށެވެ. އެއީ އޭނަ ކުރިން ގުޅިއިރު ނިވާލާފައި އޮތް ނަންބަރެވެ. އެހެނަސް އެވަގުތު އެކޮޅުން ފޯނު ނެގުމުން އީތަންއަށް ވާހަކަ ދެކެވުނެވެ.
“ހެލޯ….ތިއީ އެންއައިއީގެ ބޭފުޅެއް ދެއްތޯ؟” އީތަން ބުންޏެވެ.
**
އެރޭގެ ޢިޝާ ނަމާދަށްފަހު ހިބާ ހިސާބަކަށް ހަމައަކަށް އެޅިފައިވިއެއްކަމަކު އޭރުވެސް އެ ލޯމަތިން ވަރުބަލިކަމެއް ފެންނަމުން ދިޔައެވެ. އޭރު ބިންމަތީގައި ރޯން އިށީނދެވުނު ގޮތަށް ހިބާއަށް ހުއްޓައިލެވުނީ ކޮޓަރި ސާފުކުރަން މީހަކު އައުމުންނެވެ. އެއާއިއެކު ހިބާ ގަދަކަމުން ކަރުނަތައް ފޮހެލަމުން ކޮޅަށް ތެދުވެލިއެވެ. އެހެން މީހުންގެ ކުރިމަތީގައި އަބަދުވެސް ހިތްވަރު ކުރުމަކީ އެކަނި އުޅެން ފެށިފަހުން ހިބާގެ އާދައަށް ވާތީވެއެވެ.
ކޮޓަރި ސާފުކުރުމަށްފަހު އެމީހާ ނިކުމެގެން ދިޔުމުން ހިބާ ފެންވަރައިލިއެވެ. ފެންވަރައި ނިމުމަށްފަހު ވެސް އޭނަގެ އަތުގައި އާސިފް ހިފައިލި ތަނުން އެ އިޙްސާސް ކުރެވެމުން ދިޔަހެން ހީވަމުން ދިޔަގޮތުންނާއި އެތަން ރަތްވެފައިވި ގޮތުން ތަކުރާރުކޮށް އެތަން ދޮވެވުނެވެ. އެކަން ކުރަމުން ދިޔަ ވަގުތު އަނެއްކާވެސް ހިބާއަށް ރޮވުމުން އަނެއްކާވެސް ގަދަކަމުން ކަރުނަތައް ފޮހެލަމުން އެކަމާއިމެދު ނުވިސްނަން ނިންމިއެވެ. ނަމާދު ކުރިއިރު ވެސް ތަކުރާރުކޮށް އާސިފްގެ ރުޅިވެރި މޫނާއި އޭނަގެ ބަސްތައް ހަނދާންވަމުން ދިޔަގޮތުން އިންތިހާއަށް ހިތްދަތިވެ އުދަގޫވިއެވެ.
ނަމާދުން ފޭބުމަށްފަހު ހިބާ އެނދުގައި އިށީނދެ ފޯނުން ޤުރުއާނުގެ އެޕްލިކޭޝަނެއް ހުޅުވައި ޤުރުއާން ކިޔަވަން ފެށީވެސް އެ ޚިޔާލުތަކުން ދުރުވެވޭތޯއެވެ. ހިބާ ޢާއްމުގޮތެއްގައި ހަދާހެން ކޮންމެ އާޔަތެއް ކިޔަވައި މާނަވެސް ކިޔަމުން ދިޔައެވެ. އެއީ ކުޑައިރު ބައްޕަ އޭނައަށް ދީފައިވާ ނަސޭޙަތެއްގެ މަތިންނެވެ.
ހިބާ ކިޔަވަން ފެށިތާ މާ ގިނައިރެއްނުވެ ފޯނު ރިންގުވާން ފެށިއެވެ. ނުދަންނަ ނަންބަރެއް ސްކްރީންގެ މަތިން ފެނިގެން ދިޔުމުން ހިބާގެ ދެބުމަ ކައިރިވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ހިބާ އެ ކޯލު ރިސީވްކޮށް ފޯނު ކަންފަތުގައި ޖެއްސިއެވެ.
“އައްސަލާމްޢަލައިކުމް. ތިއީ ހިބާ ޝަހީދު ދެއްތޯ؟” އެކޮޅުން އިވުނީ ނުދަންނަ އަންހެނެއްގެ އަޑެކެވެ.
“ވަޢަލައިކުމުއްސަލާމް. އާދެ…” ހިބާ ބުންޏެވެ.
“އަޅުގަނޑު މި ގުޅީ އެންއައިއީގެ ފަރާތުން އިނގޭތޯ؟ މިއަދު ހަވީރު ޓޮޕް 5 ގަ ހިބާގެ ނަން ނުހިމެނުނުކަމަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. އަސްލު ތަންކޮޅެއް ފަހުން އަޅުގަނޑުމެންނަށް ފާހަގަވީ ހިބާއަށް ހުރިހާ ފަނޑިޔާރުންގެ ފަރާތުން ވެސް ސްކޯރ ލިބިފަ ހުރީ ވަރަށް މަތިންކަން. މިހާރު އަސްލު އަޅުގަނޑުމެން ވަނީ މިއަދު އެނައުންސް ކުރެވުނު ޓޮޕް 5 ގެ ބައިވެރިންނަށް ސްވިސްއަށްދާން ބޭނުންވާ ޓިކެޓާއި ބަޖެޓް ވެސް ދީފަ. އެކަމަކު ހިބާ ޝަހީދު ބޭނުމިއްޔާ އިތުރު ބައިވެރިއެއްގެ ގޮތުގައި އަޅުގަނޑުމެން އެ ދަތުރުގައި ފޮނުވަން ބޭނުން.” އެކޮޅުން ދެއްކި ވާހަކަ ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި ހިބާއަށް އިރުކޮޅެއް ވަންދެން އިނދެވުނެވެ. އެހެނަސް ކަމެއް އެނގުންވުމުން މާ ގިނައިރެއްނުވެ ވާހަކަ ދެކެވުނެވެ.
“އެހެންވީމަ އަޅުގަނޑު އަމިއްލައަށްތޯ ޓިކެޓް ގަނެ ބަޖެޓް ހަމަޖައްސަން ޖެހޭނީ؟” ހިބާ އެހިއެވެ.
“ނޫން އިނގޭތޯ؟ ހިބާ ޝަހީދަށް ސްޕޮންސާރ ކުރައްވާނީ ވިންޓޭޖް ޓެކްނޮލޮޖީސް ގެ ޗީފް ޑައިރެކްޓާރ އިސްމާޢީލް އީތަން އަމިއްލަފުޅަށް. އީތަން ސާރއަށް ވެސް ވަރަށް ކަމުދިޔަ ހިބާގެ ހުށަހެޅުން. ސާރ އަޅުގަނޑުމެންނަށް ގުޅުއްވައިގެން އެންގެވީ ހިބާއަށް މި ފުރުސަތު ހޯދައިދިނުމަށް. ހިބާ ޝަހީދުގެ އެކޮމޮޑޭޝަން އީތަން ސާރގެ ގެއިން ހަމަޖެހޭނެކަމަށް ސާރ ދެންނެވީ. ހިބާ އެކޮޅަށް ވަޑައިގަންނަވާނީ ބައްޕައާއިއެކީގަ ދެއްތޯ؟” އެކޮޅުން ސުވާލު ކުރިއެވެ.
“ބް….ބޮޑުބޭބެއާއިއެކު…” ހިބާއަށް އެހެންވެސް ބުނެވުނީ ދެންވެސް އަމިއްލަ ކަންފަތަށް އިތުބާރުކުރަން ދަތިވެފައިވާ ޙާލުގައެވެ.
“އާދެ….އެހެންވެއްޖެއްޔާ ހިބާއަށާއި ހިބާގެ ބޮޑުބޭބެއަށް ވެސް އީތަން ސާރ އެކޮމޮޑޭޝަން ހަމަޖައްސަވައިދެއްވާނެ އިނގޭތޯ؟ އިތުރު މަޢުލޫމާތު އަޅުގަނޑު މާދަމާ ހެނދުނު މެއިލްކޮށްލަދޭނަން. އެންމެ ރަނގަޅު ދެއްތޯ؟” އެކޮޅުން ބުންޏެވެ. ހިބާ އާދެއޭ ބުނުމުން އެ ކޯލު ނިމުމަކަށް އައެވެ.
ފޯނު ތިރިކޮށްލުމަށްފަހު ދެންމެ އެ އިވުނު ވާހަކަތައް ހަޖަމްކުރަން ހިބާއަށް ވަގުތުކޮޅެއް ނެގިއެވެ. ދާދި ދެންމެއަކު އޭނަ ނުހަނު ދެރަވެފައި ވަނިކޮށް ކުއްލިއަކަށް މިވީ ކިހިނެއްތޯ ހިތަށްއެރިއެވެ. މިފަހަރު ހިބާއަށް ނޭނގުމެއްގެ ތެރެއިން އެ ތުންފަތްމަތިން ލުއި ހިނިތުންވުމެއް ކުޅެލިއެވެ. ހަމަ އެ ހިނދު ފޯނުން އޭނައަށް ހުޅުވާލެވިފައިވި ސޫރަތާއި އޭނަ ކިޔަވަން އުޅުނު އާޔަތަށް ނަޒަރެއް ދެވުނެވެ. ޔޫނުސް ސޫރަތުގެ އާޔަތް ފެނިފައި ހުއްޓުން އެރީ އެ އާޔަތުން ވާހަކަ ދެކެވުނީ ޚުދު އޭނައާއިހެން ހީވުމުންނެވެ.
“އަދި ﷲ ތިބާއަށް ގެއްލުމެއް މެދުވެރި ކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ތިބާއަށް ހެޔޮކަމެއް އިރާދަކުރައްވައިފިނަމަ އެކަލާނގެ ފަޟްލަވަންތަކން އަނބުރައި ރައްދުކުރެވޭނެ ފަރާތެއް ނުވެއެވެ…”
އެ އާޔަތް ފެނިފައި އެ ވަގުތު ހިތަށް ވެރިވެފައިވި އެތައް ޖަޒުބާތުތަކާއި އެކީވެސް ހިބާއަށް ހީލެވުނެވެ. އެ ހިނދު އުފާވެރިކަމުގެ ކަރުނަތައް އެ ލޮލަށް ޖަމާވެފައިވިއެވެ.
ނުނިމޭ
Jana
July 24, 2021 @ 8:10 am
Assalaam’alaikum. Hurihaa kiyuntheringe ves haalu rangalhu kamah ummeedhu kuran. Mi eh dhuvas varah drag vegen gossi dho story ga. Dhen anna bayakun Swiss ah dhaan beynunvaa kiyuntherin avahah dhathuru hadhan fashanvy 😉
Mi bayaai gulhey post thah In Sha Allah maadhamaa genesdheynan. Stay safe! Much love! 🙂 <3
Aayaa
July 24, 2021 @ 12:18 pm
siss i’m goood Alhamdhulillah. And hope sis vx rangalhu vaaney kamah. finally yayyyy. i’m soooo happyyyy. of course midhany avahah dhathuru hadhan😉 onww. hiba ekolhah gosfa ethan ge geyga dhw ulheyny😲 alheyy. mi part kiyafa v happy vejje. adhi ehfaharu kiyala hiy vx vejje. waiting for next part. stay safe too siss. love you so much❤🥰
Jana
July 26, 2021 @ 7:55 am
Jana ves rangalhu Alhamdhulillah! hehe…varah happy Jana ves mi bai in kanthah vee gothun. yes heevany Hiba dhaan jeheny Ethan ge geah hen dho? kommeves meehaku kuda iru ulhuny ehen meehegge ge ehga viyya dho? 😉 hehe….Next part Wednesday ga In Sha Allah. Love you too <3 <3 <3
Jana
July 24, 2021 @ 8:10 am
FB Post:
I’ve been thinking about this since I mentioned about Salaah in part 15 of the story. I don’t know about you but I had a hard time understanding how the Salaah can be the ‘coolness of our eyes’ during tough times. It was before I started to learn deeply about the Salaah.
It’s not only the sayings in our Salaah that is so beautiful. It’s also the actions that we make in the Salaah that bring such an impact to the heart. Every one of those sayings and actions has a deeper meaning.
The short book below was the beginning of my journey to learning more about the Salaah. I plan on translating this book to Dhivehi and uploading it on the website as a series. Will start this series sometime this week In Sha Allah. I pray that Allah allows me to translate it without losing the impact hidden in those words and I pray that I benefit from it along with you all.
For now, I will just leave it here for you all. Enjoy! Much love! ❤
https://download.understandquran.com/…/extras/Salah.pdf
Mish
July 28, 2021 @ 2:01 am
Sis link nuhulhuvey
Jana
July 28, 2021 @ 11:56 am
Oh…Mish ehen vejjeyya google ga search kollahchey How to taste the true beauty of Salaah pdf. eyrah fennaane In Sha Allah
Ibaa
July 24, 2021 @ 9:14 am
Woww vrh reethi story kuriyah dhaa goiyh. vrh inspiring. Alhe ibaa mihr swiss ah dhaa hithun hurevenyky noon hiba a ehkkoh. hehe. can’t wait. hama vrh vrh next part kiyaala hiyhvefa mihury. May Allah bless you sis. Stay safe. Lots of love..
Jana
July 26, 2021 @ 7:56 am
So glad to hear that it inspired you sis. Jana ves mihiry varah Swiss ah dhaa hithun. hehe…Next part Wednesday ga In Sha Allah. May Allah bless you too. Ameen! Stay safe! Lots of love! <3 <3 <3
bilalxikuraa@gmail.com
July 24, 2021 @ 11:32 am
varah reethi when next
Jana
July 26, 2021 @ 7:56 am
Alhamdhulillah! Next part Wednesday ga In Sha Allah
Zaeyn...
July 24, 2021 @ 11:51 am
alhe haadha rulhi eh araey e aasif dheke.. naseebennu eethan ah engunu kan.. alhamdhulillah.. yaaayyyyyyyyy hibaa ah swis ah dheveny yeyyy.. waiting for next part curiously.. be safe sis.. lysm
Jana
July 26, 2021 @ 7:57 am
Dho Zaeyn. Asif ah hate club eh hadhanvy. hehe….hama asluves Ethan ah engunukan rangalhu. and yes Hiba aa eky aharumen ves hingaa Swiss ah 😀 Next part Wednesday ga In Sha Allah. Be safe. Love you too <3 <3 <3
Jana
July 26, 2021 @ 8:00 am
Mifaharuves post thah lasvefa lahun reply kurevunyma Jana dheravejje. In Sha Allah miadhun feshigen Jana komme reaku Isha ah fahu post eh up koffa comment thakah reply kureveytho balaanan.
Mi bayaai gulhey post thah mihiry.
English post:
https://storiesbyjana.com/you-will-have-your-fair-share/
Dhivehi post:
https://storiesbyjana.com/%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%99%de%a6%de%87%de%b0%de%a4%de%aa%de%88%de%a7-%de%84%de%a6%de%87%de%a8-%de%8c%de%a8%de%84%de%a7%de%87%de%a6%de%81%de%b0-%de%8d%de%a8%de%84%de%ad/?fbclid=IwAR23RojQj9UhNx4E8Naz8TT1jV1-gxMo5E4kzAp-NIJFvFPFnl-tsagpvM0