ތިބާއަށް ޙައްޤުވާ ބައި ތިބާއަށް ލިބޭނެއެވެ.
ޙަޔާތުގައި ބައެއްފަހަރު ދަތިކަމެއް ދިމާވުމުން އެހެންނޫނީ ފުރުސަތެއް ގެއްލުމުން އަޅުގަނޑުމެން އެހެން މީހުންނަށް އޭގެ ނަފްރަތު އަމާޒުކުރެވޭތަން އާދެއެވެ. އަޅުގަނޑުމެންނަށް ބުނެވެއެވެ.
“އޭނައާއި ހެދި ނޫންނަމަ އަހަންނަށް މިހެން ނުވީހެވެ.”
“އެ ފުރުސަތު އަހަންނަށް ހަމަ ޔަޤީނުންވެސް ޙައްޤެވެ. އެމީހުން އިންސާފުވެރިއެއް ނޫނީއެވެ.”
“އެމީހުންނާއިހެދި ނޫންނަމަ އަހަރެންގެ ޙަޔާތް މިހާ ބުރައެއް ނުވީހެވެ.”
މި ޝަކުވާތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް މުޅި ޢުމުރު ދުވަސް ހޭދަކުރެވިދާނެއެވެ. އަޅުގަނޑުމެންނަށް ދެރަ ދިން މީހުން އަޅުގަނޑުމެންގެ ޙަޔާތުގައިވާތީވެއެވެ. އަދި އެމީހުން އަޅުގަނޑުމެންނަށް ނުފެންނަ ހިސާބެއްގައި ވިޔަސް، އެ މީހުން ބުނި ބަސްތަކާއި އެމީހުން ދިން ނަޒަރުތައް އަޅުގަނޑުމެންގެ ހަނދާނުގައި ހަރުލާފައި ހުރުން އެކަށީގެންވެއެވެ. އެމީހުން އެ ބުނި ބަސްތަކާއި ކުރި ކަންތަކުގެ ރައްދުދޭން އަޅުގަނޑުމެން ބޭނުންވެއެވެ. އެމީހުންގެ ކިބައިން ބަދަލު ހިފަން އަޅުގަނޑުމެން ބޭނުންވެއެވެ. އެމީހުން އަޅުގަނޑުމެންނަށް ދެރަ ދިން ފަދައިން އެމީހުން ދެރަވާ މަންޒަރު ދެކެން ބޭނުންވެއެވެ. މީގެއިން އެއްވެސް އިޙްސާސަކީ އަޅުގަނޑުމެންގެ ހިތްތަކަށް އިތުރަށް ދަތިކުރުވާ އިޙްސާސްތަކެވެ. ލިބިފައިވާ ހިތާމައިގައި ހިތަށް ލިބިފައިވާ ޒަޚަމްތައް އިތުރަށް ގޯސްކުރުވާ އިޙްސާސްތަކެވެ.
ޙަޤީޤަތުގައި ތިބާ އެމީހުންނާއި ކުރިމަތިލާން ނުޖެހޭކަން އެނގިއްޖެނަމަ ތިބާއަށް އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ޙަޔާތުން ގެއްލި ދިޔަ ހެވަކަށްޓަކައި އެމީހުންގެ ބޮލުގައި އިލްޒާމް އަޅުވަން ނުޖެހޭކަން ތިބާއަށް އެނގިއްޖެނަމަ އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟ ތިބާގެ ޙަޔާތުގައިވާ ހުރިހާ މައްސަލައެއް އެކުއެކީގައި ޙައްލުކުރެވޭނެ ފަރާތަކަށްވަނީ އެންމެ ފަރާތެއްކަން އެނގުމުން އިޙްސާސް ކުރެވޭނީ ކިހިނެއް ހެއްޔެވެ؟
މި ސުވާލުތައް ހަނދާނުގައި ބަހައްޓައިގެން ތިރީގައިވާ އާޔަތް ކިޔުއްވާށެވެ.
وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ ۖ وَإِن يُرِدْكَ بِخَيْرٍ فَلَا رَادَّ لِفَضْلِهِ ۚ يُصِيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَهُوَ الْغَفُورُ الرَّحِيمُ
“އަދި اللَّه ތިބާއަށް ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ، އެކަން ފިއްލަވާނޭ އެހެންފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ކަލޭގެފާނަށް ހެޔޮކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ فضل ވަންތަކަން އަނބުރާ ރައްދުކުރެވޭނެ ފަރާތެއް ނުވެތެވެ. އެ فضل ވަންތަކަން އެކަލާނގެ ދެއްވަނީ، އެކަލާނގެ އަޅުންގެ ތެރެއިން، އެކަލާނގެ އިރާދަކުރެއްވި މީހަކަށެވެ. އަދި އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ رحيم ވަންތަ ރަސްކަލާނގެއެވެ” ސޫރަތް ޔޫނުސް، 107
މި އާޔަތުގައި ﷲ ވަޙީކުރައްވާފައި މިވަނީ އަޅުގަނޑުމެންނަށް ކުރިމަތިވާ ހުރިހާ ގެއްލުމަކާއި ހެވެއްގެ ފަހަތުގައިވަނީ އެކަލާނގެ ކަމެވެ. އަޅުގަނޑުމެންނަށް ލިބުނު ހިތްދަތިކަމަކުން އަރައިގަތުމަށްޓަކައި އެހެން މީހުންގެ ބޮލުގައި އިލްޒާމް އަޅުވާކަށް އަޅުގަނޑުމެން ނުޖެހެއެވެ. އެހެނެއްކަމަކު އަޅުގަނޑުމެން އެހީއަށް އެދި ދުޢާކުރަން ޖެހެނީ އަޅުގަނޑުމެންގެ ތަޤްދީރުގެ މައްޗަށް ބާރު ލިބިވޮޑިގެންވާ ފަރާތަށެވެ. އެކަލާނގެ އިރާދަފުޅުން މެނުވީ އެއްވެސް މީހެއްގެ ފަރާތުން އަޅުގަނޑުމެންނަށް ގެއްލުމެއް ނުލިބޭނެއެވެ. އަދި އެކަލާނގެ އަޅުގަނޑުމެންނަށްޓަކައި ހެވެއް އިރާދަކުރައްވައިފިނަމަ އެކަން އަޅުގަނޑުމެންގެ ކިބައިން ޖަހައިގަނެވޭނެ އެއްވެސް މީހަކު ނުވެއެވެ.
އެހެންކަމުން މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެންގެ އުފާވެރިކަން އެހެން މީހަކު ޖަހައިގަންނާނެތީ އަޅުގަނޑުމެން ބިރުގަންނާކަށް ނުޖެހެއެވެ. އެހެނީ އަޅުގަނޑުމެންގެ ޙަޔާތުގެ ހުރިހާ ކަމެއް އިރާދަކުރައްވައި ނިންމަވަނީ ﷲ އެވެ. ޙިކްމަތަކާއި ނުލާ އެއްވެސް ދަތި ޙާލަތެއް އެކަލާނގެ އަޅުގަނޑުމެންނަށް ނުޖައްސަވައެވެ. އަދި މަޤްޞަދަކާއި ނުލައި އެކަލާނގެ އަޅުގަނޑުމެންނަށް ނިޢުމަތްތަކެއް ވެސް ނުދެއްވައެވެ..
އެހެންކަމުން އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ އެކަމެއް ފޯރުކޮށްދެއްވައެވެ. އެހެނީ އަޅުގަނޑުމެންގެ ޙާލަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. ސުބްޙާނަ ﷲ!
ނޯޓް: މީގެ މާނައަކީ އަޅުގަނޑުމެންނަށް އަނިޔާ ލިބޭ ޙާލަތްތަކުގައި އަޅުގަނޑުމެން އިންސާފު ހޯދަން މަސައްކަތް ކުރަން ނުޖެހޭ ވާހަކައެއް ނޫނެވެ. މުސްލިމުންގެ ގޮތުގައި އަޅުގަނޑުމެން ކޮންމެހެން ވެސް އަނިޔާވެރިންގެ ޢަމަލުތައް ހުއްޓުވަން ޖެހެއެވެ. މި ޕޯސްޓުގައި އަޅުގަނޑު މި އަލި އަޅުވައިލީ ތިބާ އެ ޙާލަތެއް ރަނގަޅުކުރުމަށް ކުރެވޭނެ އިތުރު ކަމެއް ނެތަސް ތިބާގެ ޒަޚަމްތަކުގެ ސަބަބުން އެ ހަނދާންތައް އާވާ ޙާލަތްތަކެވެ. އެހެންނޫނީ އެ ޙާލަތް ރަނގަޅުކުރަން ހުރިހާ ކަމެއް ކުރުމަށްފަހު ވެސް މީހުން ތިބާއާއިމެދު ދަށްކޮށް ދެކި ތިބާއާއި މެދު ވާހަކަތައް ދައްކާ ޙާލަތްތަކެވެ.