ޤަދަރު (ތޭވީސްވަނަ ބައި)
މަޖީދު އެ މީހުންނަށް ފަސްދީފައި ދާން ފެށުމުން ވެސް އަފްޒަލަށް ސީރިއަސް ނަޒަރެއްގައި މަޖީދަށް ބަލަން އިނދެވުނެވެ. އެކަން ފާހަގަވި ފަލަކް ކިހިނެއްވީތޯ އަހައިލިއެވެ. އަފްޒަލް ކުއްލި ގޮތަކަށް ފަލަކަށް ބަލައިލަމުން، ގަދަކަމުން ހިނިތުންވެ، ކަމެއް ނުވެއޭ ބުނެލިއެވެ. އެހިނދު މަޖީދު ލޯމަތިން ގެއްލިފައިވުމުން އަފްޒަލް ދެން ނުބައިކޮށް ނުވިސްނަން ނިންމިއެވެ. އެ ޚިޔާލާއިއެކީ އަފްޒަލް އަނބުރާ އޭނަގެ ކެއުމަށް ދާން އުޅުނުތަނާހެން، ބޭރުން ތަށިތައް ތަޅައިގެން ދިޔަ ބާރު އަޑެއް އިވިގެން ދިޔައެވެ.
އިސާހިތަކު އަފްޒަލް ގޮނޑިން ތެދުވެ، އަވަސް އަދި ދިގު ފިޔަވަޅުތަކެއްގައި ދާން ހިނގައިގަތެވެ. އަފްޒަލަށް ވީގޮތް ފެނި، ފަހަތުން ފަލަކް ވެސް ދިޔައެވެ. ރެސްޓޯރެންޓުގެ ކައުންޓަރާއި ހިސާބަށް އަފްޒަލަށް ދެވުމާއިއެކު އަފްޒަލްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ސިކުންތެއް ފަހުން ފަލަކަށް ވެސް އަފްޒަލާއި އަރާ ހަމަ ކުރުމަށްފަހު ފެނުނު މަންޒަރުން ހުއްޓިލެވުނެވެ. މަޖީދު އެތާ ބިންމަތީގައި ހޭނެތިފައި އޮތްއިރު، ތަބަށް އުފުއްލާ ރިހި ކުލައިގެ ކުރު ޓްރޯލީއެއް ބަންޑުންވެ، އޭގެ މަތީގައި ހުރި ތަބަތަކާއި ބިއްލޫރި ތަށިތަކުގެ ބައިތަކުގެ އިތުރުން އެކި ބުއިންތަކުގެ ކުލަތައް ބިންމަތީގައި އެއްވެފައިވިއެވެ.
މަންޒަރުގެ ޝޮކުގައި ފަޅި ސިކުންތަކަށް އަފްޒަލަށް ހުރެވުނެއްކަމަކު ވަގުތުން މަޖީދުބެއޭ ކިޔައި ގޮވަމުން މަޖީދުގެ ކައިރިއަށް ގޮސް ތެދު ކުރުވަން އުޅުނެވެ. ފަލަކަށް ދެންވެސް ހުއްޓުން އަރާފައި ހުރެވުނުއިރު ފަލަކަށް ނޭނގި، އެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ.
**
އޭގެ މިނެޓްތަކެއް ފަހުން އަފްޒަލާއި ފަލަކަށް ތިބެވުނީ ހުޅުމާލޭގެ ހޮސްޕިޓަލުގެ ގޮނޑިބަރިއެއްގައެވެ. އެންމެ ކައިރިން ދެވެން އޮތް ހޮސްޕިޓަލަކީ އެއީ ކަމަށްވުމުން އަފްޒަލް ގުޅައިލީ އެ ހޮސްޕިޓަލުގެ އެމްބިއުލާންސަށެވެ. ކަން ދިމާކުރި ގޮތުން އެވަގުތު އެމަޖެންސީގައި ހުރި ޑޮކްޓަރަށް މަޖީދު ފެނުމާއިއެކު މަޖީދު އެނގުނެވެ. އަދި ވަގުތުން ހޭނެތުނީ ކޮން އިރަކުތޯ އަހައި މަޖީދުގެ ޙާލު ބަލަން ފެށިއެވެ.
އެވަގުތު މަޖީދު ޕްރައިވޭޓް ވޯޑަކަށް ބަދަލު ކުރެވިފައިވިއެއްކަމަކު ޑޮކްޓަރު އޭރުވެސް މަޖީދުގެ ޙާލު ބަލަމުން ދިޔައީތީ އަފްޒަލްމެން ގާތު ބޭރުގައި މަޑުކުރުމަށް އެންގިއެވެ. އަދި މި ވަގުތަށް މަޖީދުގެ ޙާލު ރަނގަޅުކަމަށް ކުރު ގޮތަކަށް ބުންޏެވެ.
“އެއީ ފަލަކް ދަންނަ ޑޮކްޓަރެއްތަ؟” އަފްޒަލް މި ވަމުން ދާ ގޮތް ދަނެގަންނަން ނުހަނު ބޭނުންވެފައި އިނދެ އެހިއެވެ.
އަފްޒަލްގެ ސުވާލުގެ ޖަވާބަކަށް ފަލަކް އިސްޖެހިފައި އިނދެ ބޯހޫރުވައިލީ ގޮތުން، ފަލަކް ދެރަވެފައި ހުރި މިންވަރު އަފްޒަލަށް އަންދާޒާ ކުރެވުނެވެ.
“ބައްޕަ މި ދޭތެރޭގަ ބަލިކޮށްތަ އުޅުނީ؟” އަފްޒަލް ސުވާލުކުރިއެވެ. އެއާއިއެކު ފަލަކް ތުން ފިއްތައިލިއެވެ.
“ނޭނގެ…” ވަރަށް ވަރުން ފަލަކްގެ އެ ޖަވާބު އައީ ވައި އަޑުންނެވެ. އެހިނދު އެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ފަލަކް ވަގުތުން އިނގިލީގެ ނުފުށުން ކަރުނައެއް ފޮހެ، އެ އިނގިއްޔަށް ނަޒަރެއް ދިނީ، ރޮވޭތީ ޙައިރާންވެގެން އުޅޭ ފަދައަކުންނެވެ. ފަލަކް ވީ ހައިޖާނެއްގެ ތެރޭގައިކަން އަފްޒަލަށް އެނގުންވީ އެ ވަގުތެވެ.
އަފްޒަލަށް ހީވީ ހަމަ ރަނގަޅަށެވެ. ފަލަކް އޭރު އިނީ އަމިއްލަ އިޙްސާސްތައް ދޭހަކުރަން ދަތިވެފައެވެ. އޭނައަށް މި ހުރިހާ ދުވަހު ޤަބޫލު ކުރެވިފައިވާ ގޮތުގައި އޭނަ ބައްޕައަށް ކުރަނީ ނަފްރަތެވެ. މަންމައާއިމެދު ބައްޕަ ކަންތައް ކުރި ގޮތަށް ފަހު އޭނައަށް އަބަދުވެސް އެދެވެނީ ބައްޕައަށް ދެރަ ގޮތް މެދުވެރިވުމެވެ.
އެހެނަސް މިއަދު ބައްޕަ އޮތް ޙާލު ފެނިފައި ކީއްވެ ކަމެއް ނޭނގެއެވެ. ލޮލުން ކަރުނަ ހިލެމުން ދަނީ އޭނަގެ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ހިތުގައި ބައްޕައަށްޓަކައި ކުލުނެއް ވާހެން ހީވެއްޖެއެވެ. އެހެނަސް ބައްޕައާއިމެދު މިފަދަ އިޙްސާސެއް ހިތުގައި ވާނަމަ އޭނައަށް އެ ވެވެނީ މަންމައަށް ކިހާ ބޮޑު ނާއިންސާފެއްތޯ ވެސް ހިތަށްއަރަމުން ދިޔައެވެ. މި ހުރިހާ ކަމެއްގެ ތެރެއިން އޭނައާއި ބައްޕައާއި ދެމެދު އޮތް ދުރުމިން ފެނި، އަފްޒަލް އޭނައާއިމެދު ދެކޭނީ ކިހިނެއް ކަމާއިމެދު ވެސް ފިކުރު ކުރެވެމުން ދިޔައެވެ.
ހަމަ އެވަގުތު، އަފްޒަލް ހިމޭންކަމުގެ ތެރެއިން ވާހަކަ ދެއްކިއެވެ.
“އިޓްސް އޯކޭ ފަލަކް…މާ ބޮޑަށް ކަންބޮޑު ނުވޭ. ފަލަކްގެ ބައްޕަ ވަރަށް އަވަހަށް ރަނގަޅުވެދާނެ އިން ޝާ ﷲ! އެ ޢުމުރުގަ މާ ބުރަކޮށް މަސައްކަތުގަ އުޅުނީމަ ދިމާވި ގޮތެއް ކަންނޭނގެ އެއީ…” އަފްޒަލް އޭނަގެ ހިތު ތެރޭގައިވި ނުބައި ހީވުންތައް އެއްފަރާތް ކުރަމުން އެހެން ބުނެލީ، ފަލަކްގެ ހިތްހަމަ ޖައްސައި ދިނުމަށެވެ. އޭނަގެ އެ ވާހަކަ އިވިފައި ފަލަކް އަނެއްކާވެސް ކޯތާފަތް ފޮހެލަމުން ބޯޖަހައިލި ގޮތުން އަފްޒަލްގެ ހިތަށް ފިނިކަމެއް ލިބުނެވެ.
އެވަގުތު ކައިރީގައި ހުރި ޕްރައިވޭޓް ރޫމުގެ ދޮރު ހުޅުވުނު އަޑަށް އަފްޒަލާއި ފަލަކަށް އެކު އެކީގައި އެދިމާލަށް ބަލައިލަމުން ގޮނޑިން ތެދުވެލެވުނެވެ. އެ ހިނދު މަޖީދު ބަލަން އެ ރޫމަށް ވަތް ދިވެހި ޑޮކްޓަރު ނިކުތީއެވެ.
“ޑޮކްޓާރ….މަޖީދުބެގެ ޙާލު ރަނގަޅު ދެއްތޯ؟” އަފްޒަލް ކުރިއަށް ޖެހިލަމުން ކޮށްލީ، ފަލަކަށް ކުރަން ނޭނގިފައި ހުރެވުނު ސުވާލެވެ.
“މިވަގުތަށް….ރަނގަޅުކަމަށް ބަލަމާ. ފަރުވާދީފަ މިހާރު އަހަރުމެން މިހިރީ. މިވަގުތަށް ހުރިހާ ކަމެއް ރަނގަޅުކަމަށް ދައްކަނީ…” ޑޮކްޓަރު ޔަޤީން ނޫން ރާގަކަށް އެ ވާހަކަ ބުނުމުން އަފްޒަލްގެ ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ.
“މިވަގުތަށޭ ތި ބުނުއްވީ؟ މަޖީދުބެގެ ބައްޔެއް ހުރީތޯ؟ ކުރިން ވެސް މަޖީދުބެ ތި ޑޮކްޓަރު ގާތުން ފަރުވާ ހޯދިތޯ؟” އަފްޒަލަށް އަވަސްއަވަހަށް ސުވާލު ކުރެވުނެވެ.
އެހިނދު އެ ޑޮކްޓަރު އަފްޒަލާއި ފަލަކްގެ ކަންބޮޑުވުން އެކުލެވިގެންވި މޫނަށް ވަކިވަކިން ބަލައިލިއެވެ. އެ މޫނުމަތިން ފާޅުވީ ޙަމްދަރުދީގެ އަސަރެކެވެ.
“ތިއީ މަޖީދާއި ގާތް ކުދި ބައެއްހެން ހީވަނީ. އެކަމަކު މަޖީދު އަޅުގަނޑު ކައިރި ބުނެފަ އޮތީ އެއްވެސް މީހަކަށް ތިމަންނަގެ ޙާލަތު ނާންގާށޭ. މަޖީދަކީ އަޅުގަނޑުގެ ގާތް އެކުވެރިއަކަށްވީމަ އެ ވަޢުދު ފުއްދަން ނިންމައިގެން މިހިރީ.” މެދު ޢުމުރުގެ އެ ޑޮކްޓަރު އެހެން ބުނުމާއިއެކު އަފްޒަލް ވާހަކަ ދެއްކިއެވެ.
“އެކަމަކު ތިއީ ރަނގަޅު ގޮތެއް ނޫނެއްނު؟ މަޖީދުބެ ބަލިވެ އުޅެންޏާ މަޖީދުބެ ގެ ޢާއިލާއަށް ވެސް އެކަން އެނގުން މުހިއްމެއް ނޫންތަ؟ މިހިރީ މަޖީދުބެގެ ހުރި ހަމައެކަނި ދަރިފުޅ-“
“އަފްޒަލް!”
ފަލަކް ގޮވައިލުމާއިއެކު އަފްޒަލްގެ ވާހަކަ މެދުކެނޑުނެވެ. އަފްޒަލް ފަލަކަށް ބަލައިލީ، ތިމަންނަ މި ބުނަނީ ތެދެއް ނޫންހޭ ބުނާ ފަދައަކުންނެވެ.
ތި ކުދިން ބޭނުމިއްޔާ މަޖީދު ހޭ އެރީމަ މަޖީދާއި ސުވާލުކޮށްލުން ރަނގަޅު. މަޖީދު އަމިއްލައަށް އެދުނީމަ ނޫނީ އަޅުގަނޑު މަޖީދުގެ ސިއްރު ފާޅު ކުރާކަށް ނެތިން…” ޑޮކްޓަރު އެހެން ބުނުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އެތަނުން ދާން ހިނގައިގަތެވެ. އަފްޒަލް އިތުރަށް ވާހަކަ ދައްކަން އުޅެފައިވެސް ޚިޔާލު ބަދަލުކުރީ، އެ ޑޮކްޓަރު ދެން މަޑު ނުކުރާނެކަން ދަނެގެންނެވެ. އަދި އަމުދުން އޭނަ އިތުރަށް އެ ވާހަކަ ދައްކަން ފަލަކް ނުރުހޭނެހެން ވެސް ހީވުމުންނެވެ.
ދެންމެ އޭނަ ދައްކަން އުޅުނު ވާހަކަ ފަލަކް ހުއްޓުވީ ކީއްވެތޯ ހިތަށްއެރިއެވެ. އެއީ އޭނަ ކުޑަ ކަމެއް މާ ބޮޑުކުރަން އުޅޭތީވެ ހެއްޔެވެ؟ އެހެންނޫނީ ފަލަކަކީ މަޖީދުބެގެ ހުރި ހަމައެކަނި ދަރިފުޅޭ ބުނުމުގައި ގޯހެއް އޮތީ ހެއްޔެވެ؟
އަފްޒަލްގެ ސިކުނޑީގައި ސުވާލުތައް ގިނަވެގެން ދިޔައެއްކަމަކު އޭނަ އޭގެއިން އެއްވެސް ސުވާލެއް ދުލާއި ހަމައަށް ނުގެނައެވެ. އަދި ބަދަލުގައި ފަލަކް އެވަގުތު ގެއަށް ދާންވީ ނޫންތޯ އަހައިލީ، ފަލަކްގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައީތީވެއެވެ.
**
ލަންކާއަށް ހަވީރުގެ ވަގުތުގައި ޕެނޮރާމާ ރެޒިޑެންސްގެ އެންމެ މަތީ ބައިގައިވި ތަނަވަސް ބެލްކަނީއިން އިވެމުން ދިޔައީ އަންހެނުންތަކެއްގެ ހުނުމުގެ އަޑެވެ. އެ ބެލްކަނީގެ އެއްފަރާތުގައި ޝާހީ ޒާތަކަށް ފަރުމާ ކުރެވިފައިވި ވަށްމޭޒު ވަށައިގެން 5 ގޮނޑި ހުރިއިރު، އޭގެއިން އެއްވެސް ގޮނޑިއެއް ހުހަށް ނެތެވެ. ބަލާބެލުމަށް އެއީ މެދު ޢުމުރުގެ އަންހެން އެކުވެރި ބައެއްގެ އެއްވުމެކެވެ.
މޭޒުމަތީގައި އެކި ޒާތްޒާތުގެ ހެދިކާއާއި ބިސްކޯދު ރީތި ތަށިތަކުގައި އެތުރިފައި ވީއިރު، އާނިސާ މޭޒުގެ މެދުގައި ހުރި ހުދު ކުލައިގެ ސައި ކުރަ ނަގައި އޭނަގެ އެކުވެރިންނަށް ސައި އަޅައިދޭން ފެށިއެވެ. އޮހެން ފެށި އެ ސަޔާއި އެކީ އެމީހުންގެ ދޫތަކުން ވެސް އޮލަ ވާހަކަތައް އޮހެން ފެށިއެވެ.
“އޭ އެއްކަލަ ގޭ ރަޒީނާ އޭނަގެ ފިރިމީހާއާ ވަރިވި ވާހަކަ އަޑު އެހިންތަ؟” އެއް އަންހެނަކު އެހެން ބުނުމާއިއެކު ތިން ބަޔަކު ދެލޯ ބޮޑުވެފައި އަސްލުވެސްހޭ ކިޔަން ފެށިއިރު އަނެކަކު ވާހަކަ ދެއްކިއެވެ.
“އާނއެކޭ….މަ އަޑުއެހިން. އެ ޚާލިދު އެކި ވިޔަފާރި ދަތުރުތަކުގަ ގޮއްސަ އެކި އަންހެނުންނާއި އެކީ އުޅޭކަން ރަޒީނާއަށް ވެސް މާ ކުރިން އެނގޭ. ކުދިންނާއި ހެދި ހަމަ ނޭނގޭ ކަމަށް ހަދައިގެން ހުރީ.”
“ކީކޭ ބުނާނީ ވެސް ދޯ؟ މިހާރު އެ ކުދިން ބޮޑުވެއްޖެހެން ހީވަނީ. އެންމެ ކުޑަ މަންޖެވެސް މި އަހަރު ކަންނޭނގެ ސްކޫލް ނިމުނީދޯ؟ ދެރަ ކޮންމެ ގޮތެއް ވިޔަސް…”
“މަ ނަމަ ކުދިންނަށް ވަޒީފާ ލިބި ކުދިންވެސް މީހުންނާއި އިންނަންދެން ކައިވެނީގެ ގޮށް ނުމޮހެ ހުރެދާނަން. މަގޭ ދަރިންނަށް ހުރިހާ ޚަރަދެއް ކުރަނީ ފިރިސޮރުވިއްޔާ…”
“އައްޗީޑި އެކަމަކު އެކަހަލަ ފިރިހެނުންނަށް ދެވަނަ ފުރުސަތެއް ދިނުމަކީ ހަމަ މޮޔަކަމެއް. އަހަރުމެން ކޮންމެ ސަބަބަކާ ހެދި ހުރެވެސް ބޭވަފާތެރިވާ ފިރިހެނަކާ އެކީ ނުއުޅޭނަން. ކީކޭ އާނިސާ؟”
“އޭ އާނިސާ ވެސް އުޅެން ޖެހޭނީ ނިކަން ބަލައިގެންނޭ. އޭނަގެ ފިރިސޮރު އުޅެނީ އަދި ދުބާއި އިން ސިންގަޕޫރުން މެލޭޝިއާއިން ދަތުރުކޮށްކޮށް. އެތަނުން މީހަކު ނުނަގާނެކަން އެނގެނީ ކިހިނެއް؟ ހަހަހަ….”
އެ އަންހެން މީހާ އާނިސާއާއި މުޚާތަބުކޮށް ގަދައަށް ހޭން ފެށުމުން އެހެން އަންހެނުންނަށް ވެސް ހީލެވުނެވެ. އެހެނަސް ހަމަ އެވަގުތު އެ އެންމެންގެ ނަޒަރު އާނިސާއަށް އަމާޒުވީ ހިނދު އާނިސާގެ ސީރިއަސް ނަޒަރު ފެނިފައި އެންމެން އަނގަ ބަންދުކޮށްލަން މަޖުބޫރުވި ފަދައެވެ.
އެކުވެރިން އިސްޖަހައިލަމުން ސައިބުއިމާއިގެން ކުރިއަށް ދާން ފެށުމުން އާނިސާ އޭނަގެ ކުރިމަތީގައި ހުރި ސައިޖޯޑު ނަގައި، ކޯވަރެއް ދަމައިލިއެވެ.
“ފިރިހެނުން އެހެން އަންހެނުން ކައިރިއަށް ދަނީ އެއްވެސް ހަސަބާއި ނަސަބެއް ނެތް އަންހެނުންނާ އިނީމަހެން އަހަންނަށް ހީވަނީ. ކިތަންމެ ދޮންވެފަ ރީތި ވިޔަސް، ފިރިމީހާއަށް ފަޚުރުވެރި ކަމާއިއެކީ އެހެން މީހުންނަށް ތަޢާރަފު ކުރެވޭނެ އަންހެނެއް ނޫނިއްޔާ އެ ކައިވެނި ނާކާމިޔާބުވާނެ. އެއީ މަޖީދު އަހަރެން ގާތު ބުނި ވާހަކައަކީ. މަޖީދު ކުރިން އިނީ ތި ބުނާ ދުބާއިގެ އަންހެނަކާއެއްނު؟ އެއްވެސް ވަޒީފާއަކަށް ނުގޮސް ގޭގަ ހުންނަ އަންހެނެއް އެއީ. މަންމައާއި ބައްޕަ ނިޔާވެގެން އެކި ފިހާރަތަކުގެ ސޭޓުކަން ކުރަން ހުރީ. އޭނަ ގޮވައިގެން މަޖީދުގެ އެކުވެރިންނަށް ތަޢާރަފު ކުރަން ދިޔަޔަސް އެމީހުން ދައްކާ ވާހަކައެއް އެ އަންހެނާއަށް އެނގޭނީއެއް ނޫން. މި ސަބަބުތަކާއި ހުރެ މާ ބޮޑަށް އެކަނިވެރިވީ ކަމަށް މަޖީދު ބުނީ….”
އާނިސާ މޫނުމަތިން މާޔޫސްކަން ދައްކަމުން ބޯހޫރުވައިލިއެވެ.
“އަސްތާ އެހެންވެދޯ އެ އަންހެން މީހާ ދުނިޔޭގަ ހުރިއިރު ވެސް މަޖީދު އާނިސާއާއި ބައްދަލުކުރަން އައީ؟” އެކުވެރިއަކު ސުވާލުކުރިއެވެ.
“ބަލަ އާނއެކް-“
“މަންމާ!”
އާނިސާ ކުރިއަށް ގެންދަން އުޅުނު ވާހަކަ މެދުކެނޑުނީ، ޔުނިފޯމުގައި ހުރި ޒުހާ އައިސް އޭނައަށް ގޮވައިލުމުންނެވެ. އެއާއިއެކު އެތާތިބި ހުރިހާ އަންހެނުން ޒުހާއަށް ބަލައިލިއެވެ.
“އަނހަ! މިއޮތް އައީއެއްނު އަހަރުމެންގެ ލޯބި، މޮޅު ދަރިފުޅު…އެނގޭތަ؟ ގްރޭޑް 10 ގަ އުޅެމުން ވެސް ޒުހާ މިވަގުތު އެ މަސައްކަތް ކުރަނީ އޭ ލެވެލްގެ ބައެއް މާއްދާތަކުގެ އިމްތިޙާންތައް ހެދޭތޯ؟ ކިހިނެއްތަ މިއަދުގެ އިމްތިޙާން ދިޔައީ، ދަރިފުޅު؟ މެތްސް ދޯ މިއަދު އޮތީ؟” އާނިސާ އެއްފަހަރު އޭނަގެ އެކުވެރިންނަށް، އަނެއްފަހަރު ޒުހާއަށް ބަލަމުން އެހިއެވެ.
“ރަނގަޅަށް ދިޔައީ…” ޒުހާ، ޖަވާބު ދޭން ފޫހިވެފައިވާ ޒާތަކަށް ބުންޏެވެ.
“ހަމަ ބަރާބަރު ދޯ؟ އޭޒް އޯލްވޭސް. ޔޫ މޭކް އަސް ޕްރައުޑް. ދެން އަވަހަށްދޭ ހެދުން ބަދަލުކޮށްލައިގެން އެއްޗެއް ކާލަން. މަންމަ އޯޑަރު ދީގެން ގެނެސްފަ ހުންނާނެ ޕިއްޒާ…”
އާނިސާ އެހެން ބުނުމުން ޒުހާއަށް ހަމައެކަނި ހޫންލައްވައިލުން ނޫންކަމެއް ނުކުރެވުނެވެ. އެއަށްފަހު މަންމައަށް ފަސްދީފައި ހިނގައިގަތް ހިނދު އަނެއްކާވެސް މަންމައާއި މަންމަގެ އެކުވެރިންގެ ވާހަކަތައް ކުރިއަށް ދާން ފެށި އަޑު އިވުނެވެ. އެ ވާހަކަތައް ދެން ފެށިގެން ދިޔައީ އޭނައަށް އަމާޒުވާ ތަޢުރީފުގެ ބަސްތަކުން ކަމަށް ވިޔަސް، ޒުހާ އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ.
ޒުހާ އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި ހިނދު، އައިސްފައިވި ރުޅީގައި މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެއެވެ. އެވަގުތު ހިނގަމުން ދިޔަ ހިތުގެ ކޮންމެ ތެޅުމަކާއިއެކީ ގައިގެ ނާރުތަކަށް ހިންގަމުން ދިޔައީ ހޫނު ލޭ ފަދައެވެ. މަންމަ ދެންމެ ބުނި ބަސްތައް ހަނދާންވަމުން ދިޔަދިޔަހެން ރުޅި ގަދަ ވަމުން ދިޔައެވެ.
ބައްޕަ، މަންމައާއި އެކީގައިވުމަށް ބައްޕަގެ ކުރީގެ އަނބިމީހާއަށް ބޭވަފާތެރިވި ވާހަކައަކީ ޒުހާއަށް ކުރިން ވެސް އިވިފައިވާ ވާހަކައެކެވެ. އެހެނަސް އެ ވާހަކަ ޒުހާއަށް ޤަބޫލުކުރަން ދައްޗެވެ. ސަބަބަކީ އެ ވާހަކަ އޭނައަށް އިވިފައިވަނީ ހަމައެކަނި މަންމަގެ ދުލުން ކަމަށްވާތީވެއެވެ. އެ ވާހަކަ އިވުމުގެ މާ ކުރިން ބައްޕަ ވަނީ، ބައްޕަގެ ކުރީގެ އަނބިމީހާ ކަމަށް ޒަހްރާގެ ފޮޓޯ އޭނައަށް ދައްކައި އެ އަނބިމީހާ ތަޢާރަފުކޮށްފައެވެ. މިއީ ފަލަކް ދޮންތަގެ ނިޔާވެފައިވާ މަންމަ ކަމަށްބުނެ އެ އަންހެން މީހާއަށް ތަޢުރީފު ކުރުން ނޫންކަމެއް ބައްޕަ ނުކުރެއެވެ.
މަންމަ، ޒަހްރާއާއި ބެހޭގޮތުން ނޭދެވޭ ވާހަކަތައް ދެއްކުމުން ޒުހާ ނުރުހޭ ސަބަބަކީ މިއީއެވެ. ކުޑައިރު އެ ހުރިހާ ކަމަކާއިމެދު އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައި ހުއްޓަސް މިހާރު އޭނައަށް ހުރިހާ ކަމެއް ސާފުކޮށް ފެނެއެވެ. މަންމަ އެކުވެރިން ގާތުގައި އެ ހަދަނީ ދޮގެކެވެ. ބައްޕައަކީ އެހެން އަންހެނަކަށް ބޭވަފާތެރިވެދާނެ މިޒާޖެއްގެ މީހެއް ނޫނެވެ. މަންމަގެ ބޭނުމަކީ އެކުވެރިންގެ މެދުގައި ސަޅިބައިސާ ކެނޑުމެވެ. އަމިއްލަ ނަން އެހެން މީހުންގެ ކުރިމަތީގައި މަތިވެރި ކުރުމުގެ މަޤާމުގައި ދޮގު ހެދުމަކީ ހާދަ ނުބައި ކަމެކެވެ.
މަންމައާއި މެދު ނޭދެވޭ ގޮތަކަށް ވިސްނެން ފެށުމުން ޒުހާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ގޮތްވިއެވެ. އިސްލާމް ދީނުގައި މަންމަގެ މަޤާމް އޭނައަށް މިހާރު ދޭހަ ކުރެވިފައި ވާތީވެއެވެ. އެހެނަސް މަންމަ ގޯހެއް ހެދިޔަސް މަންމަ އެކަމުން ދުރު ކުރުވުމަކީ ވެސް އޭނަގެ ވާޖިބެއްކަން ޔަޤީންވިއެވެ. އެހެންކަމުން ޒުހާ ވަގުތުން އޭނަ މި ހުރިހާ ދުވަސްތަކެއް ވަންދެން ހީތަކެއްގެ މައްޗަށް ބިނާ ކޮށްފައިވާ ބައްޕަގެ މާޒީ ދަނެގަންނަން ބޭނުންވިއެވެ.
އެކަމަށްޓަކައި ޒުހާ ހަމަ އެ ވަގުތުން ވަގުތަށް ގޮސް އޭނަގެ ފޯނު ނެގިއެވެ. ފޯނު ނެގުމާއި އެކުހެން ޒުހާއަށް ފެނިގެން ދިޔައީ ޒައުލް ފޮނުވާފައި އޮތް މެސެޖެކެވެ. މެސެޖު ހުޅުވުމާއިއެކުހެން ޒުހާއަށް ފެނިގެން ދިޔައީ ‘ހޫމް’ ލިޔެފައި އޮތް ކުރު ޖަވާބެކެވެ. އެއީ ޒުހާ މި ވޭތުވި ދެ ދުވަސް ތެރޭގައި ކުރި އެތައް މެސެޖެއްގެ ތެރެއިން ފަހު މެސެޖަކަށް މި ދުވަސްކޮޅު ބިޒީތޯ އަހައިލުމުން ދިން ޖަވާބެވެ.
ނޭނގޭ ސަބަބަކާއިހުރެ އެވަގުތު ޒައުލްއަށް ވެސްވީ ނޭނގޭ ފޫއްސެކެވެ. ދޮންތަ ބުނާހެން މި ފިރިހެނުންނަކީ އަންހެނުން ފަދައިން އަނެކާއަށް އަޅާލައި އުފާވެރި ގުޅުމެއްގައި އުޅެން ނުދަންނަ ބައެއް ހެއްޔެވެ؟ އެހެނަސް ޒުހާ އެފަދަ ގޮތަކަށް ވިސްނަން ބޭނުމެއް ނުވިއެވެ. އޭނަގެ އަމިއްލަ ބައްޕަ އޭނައަށް ފެނިފައިވާތީވެއެވެ. ބައްޕައަކީ ވިޔަފާރީގެ ސަބަބުން ގިނަ ދުވަހު ގޭގައި ނުހުރެވޭ މީހަކަށް ވިޔަސް، މަންމަގެ ފަރާތުން ނުލިބޭ ލޯތްބާއި އަޅައިލުން، ޒުހާއަށް ބައްޕަގެ ފަރާތުން އިޙްސާސް ކުރެވިފައިވެއެވެ.
އެކަން އެނގުންވުމުން، ޒައުލްގެ މެސެޖުތަކަށް ވަކި ފަރުވާލެއްނެތި ޒުހާ ގުޅައިލީ ބައްޕަގެ ނަންބަރަށެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން ފޯނު ނެގުމާއިއެކު ޒުހާ ވާހަކަ ދެއްކިއެވެ.
“ސަލާމް ބައްޕާ! ބައްޕަ އަދިވެސް މާލޭގަ ތަ؟” ޒުހާ ޖޯޝާއި އެކީ ސުވާލު ކުރިއެވެ.
“ވަޢަލައިކުމުއްސަލާމް ޒުހާ….މިއީ ދޮންތަ އޭ.” އެކޮޅުން ފަލަކް ދޮންތަގެ އަޑު އިވުމުން ޒުހާއަށް ޙައިރާންކަމެއް ލިބުނެވެ.
“އަނހަ ދޮންތާ! ދޮންތަ އަތުގަ ބައްޕަގެ ފޯނު އޮތީ ކީއްވެ؟”
“އެއީ….ބައްޕަ ކުޑަކޮށް ބަލިވެގެން ހޮސްޕިޓަލުގަ ބާއްވާފަ އޮންނާތީ.”
“ވަޓް؟! ހޮސްޕިޓަލުގައޭ؟! ބައްޕައަށް ކިހިނެއްތަވީ ދޮންތާ؟ މާލޭގަތަ އަދިވެސް ދޮންތައާއި ބައްޕަ ތި ތިބީ؟!”
“އާނ މާލޭގަ. އެހާ ކަންބޮޑުވާ ވަރު ކަމެއް ނޫން. މި ދުވަސްކޮޅު މާލެ ތެރޭގަ އޮތް ވައިރަލް ފީވާރއެއް ޖެހިގެން ހުން ގަދަވެގެން ހޮސްޕިޓަލުގަ ބޭއްވީ. ޑޮކްޓަރު މިހާރު ބޭސް ދީފި. ބުނީ ވަރަށް އަވަހަށް ރަނގަޅުވާނެއޭ…”
“އޮހް….ބައްޕަ ނިދިފަތަ އޮތީ؟ ހޭލީމަ ޒުހާއާއި ގުޅައިދެއްޗޭ ދޮންތާ…”
“އޮފްކޯސް! ކިހިނެއްތަ ޒުހާގެ އެގްޒާމްސްތައް ދަނީ؟ ބުނީމެއްނު އެޑްވާންސްކޮށް އޭ ލެވެލްގެ ޕޭޕާރތައް ހަދާ ވާހަކަ…”
“ޕޭޕާރތައް ހަމަ ރަނގަޅަށް ދަނީ ދޮންތާ….އެކަމަކު މިހާރު ބައްޕަ ބަލިވީމަ މޫޑް އޮފްވެފަ މިހިރީ…”
“މާ ބޮޑަށް ނުވިސްނާ ޒުހާ…ދޮންތަ މިހިރީއެއްނު ބައްޕަ ކައިރި؟ އެގްޒާމްސްއަށް ފޯކަސް ކުރޭ. ފޯކަސް ގެއްލުވާ ހުރިހާ ވިސްނުމެއް ޑިލީޓް ކުރޭ…”
“ޔާ…ވިލް ޓްރައި…”
“އޯކޭ ބޭއްވީ އިނގޭ ޒުހާ….ބައްޕަގެ ބޭސް ނަގަން ދާން މިއުޅެނީ. ބައްޕަ ހޭލީމަ ގުޅައިދޭން އިން ޝާ ﷲ. ލަވް ޔޫ. ބާއި!”
“ލަވް ޔޫ ޓޫ ދޮންތާ. ބާއި!”
ދޮންތަ އެކޮޅުން ފޯނު ކެނޑުމުން ޒުހާއަށް ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނެވެ. ޢާއްމު ގޮތެއްގައި ދޮންތައާއި ވާހަކަ ދެއްކުމުން ޒުހާއަށް ހަމަޖެހުމެއް ލިބުނަސް، ދޮންތަ ދިން ޚަބަރުން، ޒުހާގެ ކަންބޮޑުވުން އެކުލެވިފައިވި މޫނަށް ބަދަލެއް ނާދެއެވެ. އެހެނަސް އޭނައަކީ ނޭނގުމެއްގެ ތެރެއިން ވެސް ދޮންތަގެ ބަސް އެހޭ މީހަކަށްވުމުން، ދޮންތަ ބުނިހެން ނޭދެވޭ ވިސްނުންތަކުން ދުރުވެވޭތޯ މަސައްކަތް ކުރިއެވެ.
ބައްޕަ އިތުރަށް ބަލިވެދާނެ ކަމުގެ ގޯސް ޚިޔާލު އެއްފަރާތް ކުރި ތަނާހެން ޒުހާގެ ސިކުނޑި ހިސޯރު ކުރީ ޒައުލްގެ ޚިޔާލުތަކެވެ. އިސްތިޚާރާ ކުރި ފަހުން ޒައުލްގެ ކޮންމެ ޚިޔާލަކީ ޒުހާ ވަރުބަލި ކުރުވާ ފަދަ ޚިޔާލަކަށް ވަނީ ވެފައެވެ. ޒައުލްއަކީ އޭނައަށް ރަނގަޅަށް ހިތާނެ ފިރިހެން ކުއްޖެއް ނޫންކަމަށް އޭނަގެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔަ ފަދައެވެ. އެ ބަސްތައް ހިތަށް ވެރިވާ ކޮންމެ ފަހަރަކު ޒައުލްއާއި ވަކިވާން ވެސް ޢަޒުމް ކަނޑަ އެޅެއެވެ. އެހެނަސް 2 އަހަރު ވަންދެން އޭނައާއި އެހާ ގާތްކޮށް އުޅުނު ޒައުލްއާއި ކުއްލި ގޮތަކަށް ވަކިވުމަކީ ވެސް އޭނަގެ ހިތަށް ކެތް ނުކުރެވޭނެ ކަމެއް ކަމުގެ ބިރުވެސް ހީވަމުން ދިޔައެވެ.
ކޮންމެ ގޮތެއް ވިޔަސް ޒުހާ އެވަގުތު ފޯނުން ޒައުލްގެ ނަންބަރު ހުޅުވައިލިއެވެ. އަދި އިތުރު ވިސްނުންތަކެއް ނެތި އެ ނަންބަރަށް ގުޅައިލިއެވެ. ދެ ތިން ރިންގަކަށްފަހު އެކޮޅުން ޒައުލް ފޯނު ނެގިއެވެ.
“ހައި ލޯބި….ކިހިނެއްވީ؟” ޒައުލް އެހިއެވެ. ޒައުލް އެހާ ލޯބިން އޭނައާއި މުޚާތަބު ކުރުމާއިއެކު އަނެއްކާވެސް ޒުހާގެ ޚިޔާލުތައް ބަދަލުވާން އުޅުނެވެ. އެހެނަސް…
“ޒައުލް….މި އަންނަ ތާޒްޑޭގަ އަހަންނަށް ޓައިމެއް ދެވިދާނެތަ؟ ވީޑިއޯ…ކޯލްއެއް ކުރަން ހިނގާ…” ޒުހާއަށް އެ ފަހު ބަސްތައް ބުނެވުނީ އިޚްތިޔާރަކާއި ނުލައެވެ. އޭނައަށް އެހެން ބުނެވުނީ ނޭނގުމެއްގެ ތެރެއިން ވެސް ޒައުލް ދެކެން ނުހަނު ބޭނުންވެފައި ވުމުންކަން އެނގުންވިއެވެ. އެ ހިނދު ޒުހާއަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ.
“ޝުއާރ….އަހަރެން ވެސް ޒުހާއާއި ދައްކަން ޖެހޭ މުހިއްމު ވާހަކައެއް އެބަ އޮތް. ތާޒްޑޭ ނައިޓްގަ ފޭސްޓައިމް ކުރަމާ…” ޒައުލް ބުންޏެވެ.
“އޯކޭ…” ޒުހާ އެހެން ބުނެލީ ހިތަށް އުދަގޫވާ ޙާލުގައެވެ. އޭނައަށް ވުރެ ކުރިން ޒައުލް އޭނައާއި ވަކިވާ ވާހަކަ ދައްކަން އުޅެނީތޯ ހިތަށްއެރިއެވެ. ޒައުލްއަށް އެ ވާހަކަ ވާނީ ފަސޭހަ ވާހަކައަކަށްތޯ ހިތަށްއެރިއެވެ. އޭނަ މި ވަގުތުކޮޅު ވެސް އެ ވާހަކަ ނުދައްކައި ފަސް ކުރީ، އެ ވާހަކައިގެ އަސަރުން އޭނަ މާދަމާ ހަދަން އޮތް ފަހު އިމްތިޙާން ރަނގަޅަށް ނެހެދޭނެހެން ހީވީތީވެއެވެ.
ޒުހާގެ ހިތަށް ވެރިވި ސުވާލުގެ ޖަވާބު ހަމަ އެ ވަގުތު އޭނައަށް ލިބުނެވެ. ޒައުލް ވަކި އިތުރު އެއްޗެކޭ ނުބުނެ ފޯނު ކަނޑައިލުމުން، ޒައުލްގެ ނަޒަރުގައި އޭނަގެ ވަކި އަގެއް ނެތްކަން ޔަޤީން ކުރެވުނެވެ. އެއާއިއެކު ޒުހާއަށް އިރުކޮޅެއް ވަންދެން ފޯނުގެ ސްކްރީނަށް ބަލަން ހުރެވުނެވެ.
**
ބައިވެރިޔާ ދުރުވަމުންދާ ކަމުގެ އިޙްސާސް ކުރެވެމުން ދިޔައީ ހަމައެކަނި ޒުހާއަކަށް ނޫނެވެ. ސޯޝަލް މީޑިއާގައި އެބައެއް ޒަވާޖީ ޙަޔާތުގެ އުސްއަލިތައް ޙިއްސާ ކުރަމުންދާ އެތައް ބަޔަކީ އެމީހުންގެ ބައިވެރިޔާއާއިމެދު ހިތްހަމަޖެހޭ ބައެއް ނޫނެވެ.
ރާއްޖެއާއި އެތައް މޭލު ދުރުގައި އޮންނަ ކެލިފޯނިއާގެ ޕާލާރއެއްގައި އިން ލީނާއަކީ އޭގެ ތެރެއިން އެކެކެވެ. ފަސްތަރީގެ އެ ޕާރލާގައި، ޔުނިފޯމް ލައިގެން ހުރި އަންހެން ކުއްޖަކު އޭނަގެ އިސްތަށިގަނޑު ފަންކުރުމުގެ މަސައްކަތް ކުރަމުން ދިޔައެވެ. އެހިނދު ލީނާ އޭނަގެ އަތުގައި އޮތް ފޯނުން، އިންސްޓާގްރާމަށް ލުމަށްޓަކައި އޭނައާއި އޭނަގެ ފިރިމީހާއާއި އެކީ ކެލިފޯނިއާއަށް އައިސް ނަގާފައިވާ ރަނގަޅު ފޮޓޯއެއް ފެނޭތޯ ގެލަރީ ހާވަމުން ދިޔައެވެ.
ހިތްހަމަޖެހޭ ޒާތުގެ ފޮޓޯއެއް ފެނުމުން ލީނާ އެ ފޮޓޯއަށް ފިތައިލިއެވެ. އެއީ ލީނާ، އޭނަގެ ފިރިމީހާ ކަމަށްވާ ނާޒިމްއާއި އެކީ ކެލިފޯނިއާގެ އަތިރިއެއްގައި ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި ލީނާ ނާޒިމްގެ ގާތުގައި ޖެހިގެން ހުރިއިރު، ލީނާ ހުރީ އަތްކުރު މުށިކުލައިގެ މައްޗަކާއި، ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. ފޮޓޯ ނެގި ވަގުތު ވައިރޯޅި އައިސްފައިވި ގޮތުން، ލީނާގެ ފަން އިސްތަށިގަނޑު ވަޔާއި އުދުހިގެން ގޮސްފައިވެއެވެ.
ނާޒިމްއާއި އިނުމުގެ ކުރިން ލީނާ ރާއްޖޭގައި އުޅެމުން ދިޔައީ ބުރުގާ އަޅައިގެންނެވެ. ނަމަވެސް ނާޒިމްގެ މުއްސަނދި ކަމާއި އެކީ ދުނިޔޭގެ އެކި ޤައުމުތަކަށް ދަތުރު ކުރެވެމުން ގޮސް، ލީނާއަށް މުޅިންހެން ބުރުގާ ނަގައިލެވިއްޖެއެވެ. އެކަމާއިމެދު ކުރީ ކޮޅު ހިތަށް އުދަގޫ ވިޔަސް މިހާރު މާ ބޮޑު އެއްޗެއް ހިތަކަށް ނާރައެވެ.
އެ ވަގުތުވެސް އެ ފޮޓޯއިން އޭނަ ހުރި ގޮތް ރީތިވުމުން ލީނާއަށް ހިނިތުންވެލެވުނެވެ. ފޮޓޯގެ ތިރީގައި ލިޔުންކޮޅަކަށް ލީނާ ލިޔަން ފެށީ އިނގިރޭސި ލަވައެކެވެ. އެތައް އަހަރުތަކެއް ފަހުން ވެސް ލޯބިވަނީ ހަމަ އެ ލޯބިވެރިޔާއާއިކަމަށް ސިފަކޮށްދޭ ލަވައެއްގެ ތަންކޮޅެކެވެ. އެ ފޮޓޯ ފެންނަ މީހަކަށް އެ ދެމެދުގައި އޮތީ ޙަޤީޤަތުގައި ވެސް ބަދަލުނުވާ ލޯތްބެއްހެން މީހަކަށް ހީވެދާނެއެވެ.
އެހެނަސް ޙަޤީޤަތަކީ އެ ފޮޓޯގައި އެ ދެމީހުންގެ މޫނުމަތިން ވެސް ފެންނަމުން ދިޔަ ހިނިތުންވުންތަކަކީ މަޢުނަވީ ހިނިތުންވުންތަކެއް ކަމެވެ. އެ ފޮޓޯ ނެގުނީ ވެސް ލީނާ ނާޒިމްގާތު އާދޭސް ކުރުމުން ކަމެވެ. ކައިވެންޏަށް ވެގެން ދިޔަ 5 އަހަރާއި އެކީ އެދެމީހުން ދުރުވުން ނޫންކަމެއް ނުވިކަމެވެ. ނާޒިމް ގިނަގިނައިން ވިޔަފާރި ދަތުރުތަކުގައި ދާތީ ލީނާ ޝަކުވާ ކުރުން ނޫންކަމެއް ނޯވެއެވެ. އެ ޝަކުވާތަކުގެ ސަބަބުން ނާޒިމްވެސް ލީނާއަށް ލޯބިން ކަންތައް ކޮށްދިނުން ހުއްޓާލައިފިއެވެ. އެކަމާއިމެދު ލީނާ ނާޒިމަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. ލީނާ މިއަދު ނާޒިމް ގާތު ހުރިހާ ވެސް ސަބަބަކީ ނާޒިމްގެ ފައިސާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ފޮޓޯ އަޕްލޯޑްވުމާއިއެކު ލައިކްތައް ލިބެން ފެށުމުން ލީނާއަށް ވަގުތީ އުފަލެއް ލިބުނެވެ. އޭނަގެ އުއްމީދު ގެއްލިފައިވާ ޒަވާޖީ ޙަޔާތަކީ އަދިވެސް އަގެއް ހުރި ޙަޔާތެއްކަމަށް އެ ލައިކްތަކުން ލީނާއަށް ޤަބޫލު ކުރެވުނެވެ. އެހެނަސް ހިތުގެ ފުން މިނުގައި ވަނީ އުދާސްކަމެކެވެ. އޭނަ ޙަޤީޤަތުގައި ވެސް އުފަލުގައި ގެންގުޅޭނެ ބައިވެރިއެއް އޭނައަށް ލިބޭނެނަމައޭ ލީނާގެ ހިތަށްއަރައެވެ.
އެވަގުތު އެ ޚިޔާލު ހިތަށް ވެރިވުމުން ލީނާ އިންސްޓާގްރާމްގެ ސާރޗް ބަޓަނަށް ފިތައިލިއެވެ. އަދި އެވަގުތު ހަނދާނަށް އައި ނަމެއް ޓައިޕް ކުރަން ފެށިއެވެ. ލަސްލަހުން ޓައިޕް ކުރަމުން ގޮސް ނިމުނުއިރު ލިޔެވިފައިވީ ‘އަފްޒަލް’ އެވެ.
އެ ނަން ޓައިޕް ކުރެވުމާއިއެކު އެންމެ މަތިން ފެނިގެން ދިޔައީ ‘އަފްޒަލް އާމިރު’ ގެ ނަމެވެ. ލީނާ ދެވަނަ ވިސްނުމެއް ވެސް ނެތި އެ ޕްރޮފައިލަށް ފިތައިލުމާއިއެކު އަފްޒަލްގެ ޕްރޮފައިލް ފޮޓޯ ފެނިގެން ދިޔައެވެ. ލީނާ އެ ފޮޓޯއަށް ފިތައިލުމުން އެ ފޮޓޯ ބޮޑުކޮށް ފެނިގެން ދިޔައެވެ. އެއީ އަފްޒަލް ރިސޯޓުގައި މަސައްކަތް ކުރި ދުވަސްވަރު ހުދުކުލައިގެ ޔުނިފޯމެއް ލައިގެން ނަގާފައި ހުރި ފޮޓޯއެކެވެ.
ލީނާ އެ ޕްރޮފައިލް ސްކްރޯލް ކޮށްލިއިރު އެންމެ ފަހުން ލާފައި ހުރި ފޮޓޯއަކީ ވެސް މީގެ އަހަރެއްހާ ދުވަސް ކުރިން ލާފައި ހުރި ފޮޓޯއެކެވެ. މިއީ މީގެ މަސްތަކެއް ކުރިން އޭނަ އެ ޕްރޮފައިލް ހުޅުވިއިރު ވެސް ހުރި ގޮތެވެ.
އާނއެކެވެ. ލީނާ މިފަހުން އައިސް މީގެ 6 އަހަރު ކުރިން އޭނަ ފަސްދިން ލޯބިވެރިޔާ މަތިން ހަނދާންވަނީ މާ ބޮޑަށެވެ. އޭނައަށް އެދުވަހު އަފްޒަލް ދޫކޮށްނުވުނުނަމަ، އަފްޒަލް މިއަދާއި ޖެހެންދެން ވެސް އޭނަ ލޯބިން ގެންގުޅުނީހޭ ހިތަށްއެރިއެވެ. އޭނަ އޭރު އަފްޒަލް ދޫކޮށްލީ އަފްޒަލްގެ އަތުގައި ފައިސާއެއް ނުހުންނާތީވެއެވެ. އެހެނަސް ގުޅުމެއްގައި މުހިއްމީ ފައިސާއެއް ނޫންކަން މިއަދު ލީނާއަށް ދޭހަ ކުރެވެއެވެ.
އަފްޒަލް ކޮބައިތޯ ލީނާގެ ހިތަށްއަރަމުން ދިޔައެވެ. މިހާ ދުވަސްވީއިރު އަފްޒަލް މީހަކާއި އިނދެފައި ވެދާނެ ހެއްޔެވެ؟ އޭނަ މަތިން ހަނދާން ނެތިފައިވެދާނެ ހެއްޔެވެ؟ އަފްޒަލް އޭރު ހުޅުވަން ބޭނުންވި ރެސްޓޯރެންޓު ހުޅުވިފައި ވެދާނެ ހެއްޔެވެ؟
ލީނާ ކުއްލި ގޮތަކަށް އެ ހުރިހާ ކަމެއް ހޯދައިގަންނަން ބޭނުންވިއެވެ.
ނުނިމޭ
Jana
April 27, 2023 @ 2:03 pm
Mood: Screaming to tell her it’s too late! >.<
I love this story
May 15, 2023 @ 3:51 pm
Omg omg omg I love this story