Noor (Part 33)
“އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް.” ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ނަބީހްއާއި އޭނަ ގާތްވެގެން އުޅޭ މައިގަނޑު އެއްސަބަބުގެ މަތިން ކުއްލިއަކަށް ހަނދާންވެގެން ދިޔުމުން ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އޭނައަށް އެންމެ ބަހެއްވެސް ބުނެ ނުލެވެނީސް ނަބީހް ވާހަކަ ދައްކަން ފެށިއެވެ.
“އަހަރެން މި ދައްކާ ވާހަކަތައް ވަރަށް ރަނގަޅަށް އަޑުއަހާތި ޝަރަފް. ޝަރަފްއަށް ފަހަރެއްގަ އެނގިފަ އޮވެދާނެ ކަންނޭނގެ ޝަރަފްގެ ވައިފްއަކީ ބިންތު ޢައްމާރުގެ ނަމުން ޕޭޖެއް ހިންގާ އަންހެން ކުއްޖެއްކަން. އެކުއްޖާގެ އެ ޕޭޖުގެ ސަބަބުން ގިނަ ބައެއްގެ ރުޅިވެރިކަން އެކުއްޖާއަށް އަމާޒުވެގެން މިއުޅެނީ. އެއީ ވަކިން ޚާއްޞަކޮށް އަހަރެން ބިންތު ޢައްމާރުގެ ޕޯސްޓެއް ކިޔާފައި ތައުބާވިފަހުން. މި ވާހަކަތައް ކިޔައިދޭން ލަދުގަނޭ އެކަމަކު ޝަރަފަށް މި ވާހަކަތައް ކިޔައިދިނުން މުހިއްމުހެން ހީވީމަ އަހަރެން ކިޔައިދޭނަން…. ހިތަށްއެބައަރާ ޝަރަފްއާ ވަކިން ބައްދަލުކޮށްފައޭ މި ވާހަކަތައް ކިޔައިދޭންވީ. އެކަމަކު މި ވާހަކަތައް ޝަރަފަށް ވީހާވެސް އަވަހަކަށް އެނގުނިއްޔާ ރަނގަޅީ. ޝަރަފަށް ވަގުތެއް އެބައޮތްތަ މި ވާހަކަތައް އަޑުއަހަން؟” ނަބީހް އަހާލިއެވެ. އޭނަ އެހާވަރަށް ވާހަކަ ދެއްކިއިރު ވެސް ހާމަކުރީ ޝަރަފަށް އެނގޭ ޙަޤީޤަތްތަކެއްގެ ވާހަކަތައްކަން އެނގުންވީ ހިނދު ޝަރަފް އިހުނަށްވުރެ ކެތްމަދުވިއެވެ. އޭނައަށް ވަގުތުން އާނއެކޭ ބުނެލެވުނީ އެހެންވެއެވެ.
“ޝަރަފް….އަހަންނަކީ މީގެ މަސްތަކެއް ކުރިން އެންމެ ގަދައަށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަމުންދިޔަ ބައިގަނޑެއްގެ ބޮޑުމީހާ. އަހަންނަށް 25 އަހަރުގަ އަހަރެން އެންމެ ފުރަތަމަ މަސްތުވާ އެއްޗެއްގެ ތަޖުރިބާއެއް ލިބުނީ. އެއީ އަހަރެން ރިސޯޓެއްގައި އަދާކުރަމުން ދިޔަ ވަޒީފާއެއްގެ ތެރެއިން. އެދުވަސްފަހުން އަހަރެން ހަމަ އެ މަސްތުގަ ޣާފިލުކަންމަތީ އުޅެމުން ދިޔައީ. ބޭރު މީހުންނާ ގުޅުން ބަދަހިކޮށްގެން އެއެއްޗެހި ރާއްޖެއަށް ގެނައުމުގެ ބޮޑު ރޭވުމެއް ރޭވުނީ ވެސް އަހަރެން އެދުވަސްވަރު އަނދިރިވެފައިވި މިންވަރުން. ދީނާއިމެދު ޝައްކު އުފެދި އެ ޝައްކުތައް ފަތުރަން ފެށީ ވެސް އަހަރެން އެ ފާފަތަކުގައި ޣަރަޤުވެފައިވި މިންވަރުން. އެކަމަކު އަހަރެން އެ އަނދިރިގަނޑުގައި މުޅިން ޣަރަޤުނުވަނީސް ސަލާމަތްވެވޭނެ އަލިމަގެއް ފެނުނު. އަހަންނަށް ކުރީގަ ވެސް ޤުރުއާނުގެ އާޔަތްތައް ފެނިފަވޭ. އެކަމަކު ބިންތު ޢައްމާރުގެ ޕޭޖަށް ވަން ދުވަހު ފެނުނު ޠާހާ ސޫރަތުގެ އެ އެއްއާޔަތުން އަހަރެންގެ ހިތަށް އެހާ ބޮޑު އަސަރެއް ކުރީ ކީއްވެކަމެއް ނޭނގޭ. ﷲ ގެ ހަނދުމައިން ދުރުވެގަންނަ މީހަކަށް އޮތީ ހިތްދަތި ދިރިއުޅުމެއްކަމަށް ވަޙީކުރެވިފައިވި އާޔަތް ފެނިފައި އަހަރެން ވަގުތުން އެއަށް ދެވޭނެ ރައްދަކާމެދު ވިސްނަން ފެށިން. އެކަމަކު…..އަހަންނަކަށް ހަމަ އެއްގޮތަކަށް ވެސް ދޭނެ ރައްދަކާމެދު ނުވިސްނުނު. އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އަހަރެން އުޅެނީ އުފަލުގައޭ ބުނެ ޖަދަލުކުރަން ބޭނުންވި. އެކަމަކު އަހަންނަށް ހަމަ އެވަގުތު ހިތުގެ ފުން މިނުން އެނގުނު އަހަރެން އުޅެނީ ކިހާ ހިތްދަތި ދިރިއުޅުމެއްކަން. އޭރު ދުނިޔޭގައި ތިބި އަހަރެންގެ މަންމައާ ބައްޕަވެސް ރޮއްވާލާފަ….އެމީހުން ބަލިވީ ދުވަހުވެސް އެމީހުން ބަލަން ނުގޮސް…..އަހަރެން އުޅެމުން ދިޔައީ އެކި ޒާތްޒާތުގެ ފާފަތަކުގެ ތެރޭގަ. އަހަރެން ކިތަންމެ ގިނަ އަންހެން ކުދިންނާއި ރައްޓެހިވިޔަސް އަހަރެންގެ ހިތަކަށް ލޯތްބެއް އިޙްޞާޞެއް ނުކުރެވޭ. އަހަރެންގެ ދައްތައާއި ކޮއްކޮ އެތައް ދުވަހެއްގެ މަތިން ރޮއިރޮއިފައި އަހަންނަށް އާދޭސްކުރީމަވެސް އަހަރެން އަޑުނާހައި އެމީހުންނަށް ވެސް އަނިޔާކުރިން. އަހަރެން ކައިވެންޏެއް ކޮށްގެން އުޅުނަސް އެ ކައިވެނީގައި އެއްވެސް މާނައެއް ނެތް. އަހަރެންގެ ދަރިފުޅުވެސް އަހަންނަށް ބިރުގަނެ، ނަފްރަތުކުރޭ. އެ ހުރިހާ ކަމަކުން ވެސް އަހަރެންގެ ހިތަށް ލިބިފައިވި އެތައް ޒަޚަމަކާމެދު އަހަންނަށް އެނގުންވީ އެ އާޔަތް ފެނުނީމަ އަހަންނަށް އެނގުންވި. އަހަރެން ވަރަށް މަސައްކަތް ކުރިން އެ އާޔަތުގެ މަތިން ހަނދާން ނައްތާލެވޭތޯ. އެކަމަކު މަސްތުގެ ޙާލުގައި ވަނިކޮށް ވެސް އަހަރެންގެ ހަނދާނަށް އަންނަމުން ދިޔައީ އެ އާޔަތް. އެ އާޔަތް ހަނދާންވެފައި ދޭތެރެދޭތެރެއިން ރޮވެން ވެސް ފެށި. އަނެއްކާވެސް ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައީ އޭނައާއި ދިމާލަށް އެއްޗެހި ގޮވީމަ އެ އާޔަތުގެ މަތިން ހަނދާން ނެތިދާނެކަމަށް ހީކޮށް. އެކަމަކު އެ ޕޭޖުން އަހަންނަށް އަނެއްކާވެސް ފެނިގެން ދިޔައީ އަހަރެންގެ ހިތަށް އަސަރު ފޯރުވި އާޔަތެއް. އެއަށްފަހު އެ އާޔަތުގެ މަތިން ވެސް ހަނދާން ނައްތާލަން އުޅެއުޅެ ހަނދާނެއް ނުނެތުނު. މިހެން ގޮސް އަހަންނަށް އެތައް އާޔަތެއްގެ މާނަ ތަފްޞީލުކޮށް ބިންތު ޢައްމާރުގެ ޕޭޖުން ކިޔެން ފެށި. އޭގެ ނަތީޖާއެއްގެ ގޮތުން އަހަންނަށް ނުވެސް އެނގި އަހަރެންގެ އުޅުމަށް ބަދަލުތައް އަންނަން ފެށި. ޤުރުއާން ކިޔަވަން ބޭނުންވި. ނަމާދުކުރަން ބޭނުންވި. ރަނގަޅުވާން ބޭނުންވި. އެކަމަކު އަހަރެންގެ ގޯސް އެކުވެރިންގެ ސަބަބުން އެތައް ދުވަހެއް ވަންދެން އަހަރެން އިޞްލާޙުވުން ލަސްވެގެން ދިޔަ. އެކަމަކު އަހަރެން ގަދަކަމުން ﷲ ގެ ހަނދުމައިން ދުރުވާން އުޅުމުން ވެސް އެކަލާނގެ އެގޮތް މެދުވެރިނުކުރެއްވީ އެކަލާނގެ އަހަރެންދެކެ ވާ ލޯބިފުޅުގެ ނިޝާނެއްކަން އެނގުންވީ ހިނދު އަހަރެން އެ ހުރިހާ ކަމެއް ދޫކޮށްލަން ބޭނުންވި. އެކަލާނގެ ހަނދުމައިން ދުރުވާ މީހަކަށް އޮތީ ހިތްދަތި ދިރިއުޅުމެއްގެ ޢަޒާބަކަށްވީއިރު ވެސް އެކަލާނގެ ފާފަތަކެއްގައި ޣަރަޤުވެފައިވި މި އަޅާ ގް….ގަދަކަމުން ވެސް އެކަމުން ސަލާމަތް…..” ނަބީހްގެ ވާހަކައިގެ ވަކި ހިސާބަކުން އޭނަގެ އަޑު ތުރުތުރު އަޅައިގެން ގޮސް ޝަރަފަށް ގިސްލުމެއްގެ އަޑު އިވުނެވެ. ނަބީހްގެ އިޙްޞާޞްތައް އެވަގުތު ތަޞައްވުރު ކުރެވިގެން ދިޔުމުން ޝަރަފްގެ ހިތްވެސް ރޫރޫއެޅިއެވެ. ހިނދުކޮޅަކަށް ވިޔަސް ނަބީހް އޭނަގާތު ހާމަކުރަން އުޅުނު ސިއްރުތަކެއްގެ މަތިން އޭނަ ހަނދާންނެތޭ ގޮތްވިއެވެ. އަނެއްކާވެސް ﷲ އެކަލާނގެ އާޔަތްތަކުން މީހަކަށް ހިދާޔަތް ދައްކަވާ ގޮތާއިމެދު އޭނަގެ ހިތް އަޖާއިބުން ފުރިގެން ދިޔައެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ރީތި ގޮތުގައި ހިދާޔަތް ދައްކަވާ ފަރާތަކީ ހަމައެކަނި ﷲ ކަން އެވަގުތު ޝަރަފަށް ޔަޤީންވެގެން ދިޔައެވެ.
މިނެޓެއްހާއިރު ވަންދެން ނަބީހް އެއްޗެކޭ ބުނަން އުޅުމުން ވެސް އޭނައަށް ގިސްލެވި، ރޮވެމުން ދިޔައެވެ. ޝަރަފް އެއްޗެކޭ ނުބުނެ އޭނަ ދެން ވާހަކަ ފަށާނެ އިރަކަށް އިންތިޒާރުކުރިއެވެ. މާ ގިނައިރެއްނުވެ އަނެއްކާވެސް ނަބީހް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އެނީވޭސް….އެފަދަ ގޮތަކަށް ހިދާޔަތް ލިބިގެން ދިޔުމުން އަހަރެން ﷲ ގެ އިރާދަފުޅުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވި. އެއީ ވެސް އަޖާއިބުކުރުވަނިވި ގޮތަކަށް. އަހަންނަށް އެކަމުން އަރައިގަނެވުނީ އަހަރެން ހީކުރި ވަރަށްވުރެ އަވަސް މުއްދަތެއްގެ ތެރޭގަ. އަހަރެން މުޅިންހެން އަހަރެންގެ އެ ބައިގަނޑާއި ގުޅުން ކަނޑާލަން އުޅުނިން. އެކަމަކު އެއީ ފަސޭހަ ކަމަކަށްނުވި. އެމީހުން އެ ސަބަބާމެދު ސުވާލުކުރުމުން އަހަރެން ކުރީކޮޅު އެއްވެސް ޖަވާބެއް ނުދެން. އެކަމަކު އަހަންނަށް ހިދާޔަތް ލިބުނު ފަދައިން އެމީހުންނަށް ވެސް ހިދާޔަތް ލިބިދާނެކަމުގެ އުއްމީދުގަ އަހަރެން އެމީހުންނާވެސް ބިންތު ޢައްމާރުގެ ޕޭޖު ޙިއްޞާކުރިން. މައްސަލަތައް ފެންމަތިވާން ފެށީ އެހާ ހިސާބުން. އެމީހުން ކުރީގަ ވެސް ބިންތު ޢައްމާރަށް ނަފްރަތު ކުރިޔަސް ޢަމަލީ ގޮތުން އެމީހުން ބިންތު ޢައްމާރަށް އެންމެން ކުރިމަތީގަ އެހާ ނުރައްކާތެރި އިންޒާރުތައް ދޭންފެށީ އެހާ ހިސާބުން. އެއީ އަހަރެން އެމީހުން ދޫކޮށްލުމުން އެމީހުންނަށް ގެއްލުންވަމުން ދިޔައީތީ. އަހަރެން އެމީހުން ދޫކޮށްލުމުން އެމީހުންނަށް ކާމިޔާބުކަމާއެކީ އެއެއްޗެހި އެތެރެކުރެވުނީ އެންމެ ފަހަރެއްގެ މަތިން. މީގެ ސަބަބުން އެމީހުންނާއެކީ އަހަރެން އޭރު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގެ އާ މެނޭޖަރުގެ ރުޅިވެސް އަހަންނަށް އަމާޒުވި. އެއީ އަހަރެންގެ ވިޔަފާރިން އޭނައަށް ވެސް ގިނަ އިންސައްތައެއްގެ ފައިދާއެއް ލިބޭތީ. އަދި ފަހުން އޭނަވެސް ބިންތު ޢައްމާރަށް އެ ރުޅި އަމާޒުކުރަން ފެށީ އަހަރެން ނަޞޭޙަތް ދެމުން ދިޔަ ބައެއް އެކުވެރިންގެ ތެރެއިން މީހުން ދީނީ ވާހަކަތައް ދައްކައި އެ ބައިގަނޑު ދޫކުރަން ބޭނުންވާ ވާހަކަ ދައްކަން ފެށި ހިސާބުން. ބައެއްކުދިން ﷲ ގެ ރަޙްމަތް ފުޅުން އެކަން ދޫކުރަން ވެސް ދޫކުރި. މީގެ ސަބަބުން އެ މެނޭޖަރަށް ވެސް ލިބެމުން ދިޔަ ލާރިކޮޅު މަދުވަމުން ދިޔަ. އޭނަ އަހަރެން ކަނޑާލަން އުޅުނު ދުވަހު އަހަރެން އަމިއްލައަށް އެދިގެން ކެނޑިގެން އައީ. އެއަށްފަހު މާލޭގަ އާދައިގެ އޮފީހެއްގެ ވަޒީފާއެއްގަ އުޅެމުން މިދަނީ. އަހަރެން ހީކުރީ ދުވަސްކޮޅަކުން އެމީހުންގެ ނަފްރަތު ފޭދިގެން ހިނގައިދާނެ ކަމަށް. އެކަމަކު ދުވަސްތައް ފާއިތުވާވަރަކަށް އެމީހުންގެ ރުޅިވެރިކަން އަންނަނީ އިތުރުވަމުން. ދޭތެރެއަކުން އަހަންނަށް ވެސް މެސެޖެއް ކޮށްލާނެ ބިންތު ޢައްމާރާއި ދެކޮޅަށް ރާވާ ރޭވުމުގައި ބައިވެރިވުމަށް. އެކަމަކު އިރާދަކުރެއްވީތީ އަހަރެން އެމީހުންގެ ބަހަކަށް ނުހެއްލޭ. އެކަމަކު ވަކިން ޚާއްޞަކޮށް އެ މެނޭޖަރުގެ ބަހަށް ހެއްލޭ ވަރަށް ގިނަ މީހުން އެބަތިބި. އޭނަ އެމީހުންނަށް ދިއްކޮށްލާ ފައިސާގެ ސަބަބުން ދެލޯ މަރައިގެން އޭނަ ބުނާހާ ގޮތަކަށް ކަންތައް ކުރަން އެދޭ މީހުން އެބަތިބި. އެ ބައިގަނޑުން ދޭތެރެދޭތެރެއިން ކުދިން މަދުވިޔަސް އެ ބައިގަނޑު ކުޑައެއް ނޫން، ޝަރަފް. އެންމެ ފަހުން އަހަންނަށް އެނގިގެން ބިންތު ޢައްމާރަށް ގެއްލުމެއް ދޭން އުޅުނީ އަހަރެންގެ ގާތް އެކުވެރިއެއްގެ ގޮތުގަ އުޅުނު އަރަޝް. އެ ވާހަކަ އިވުނު ދުވަހުއްސުރެ ވެސް އަހަރެން އަރަޝްއަށް ވަރަށް ނަޞޭޙަތްތެރިވިން. އެކަމަކު އަރަޝް ރަށުތެރޭގައި ތުންތުންމަތިން ދެކެވޭ އެކިއެކި ވާހަކަތަކުގެ ތެރެއިން ބިންތު ޢައްމާރަކީ ކޮން ކުއްޖެއްކަން ހޯދައިފި. އެއްދުވަހު އޭނަ މަގުމަތިން ނެގި ފޮޓޯއެއް އަހަންނަށް ވެސް ދައްކާފައިވާތީ އަހަންނަށް ބިންތު ޢައްމާރުގެ ސޫރަ އެނގިފައިވަނީ. އަރަޝް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އެ ރޭވުމުގަ ބައިވެރިވިކަމަށްވަނީ. އެކަމަކު އަހަރެންގެ އެތައް ނަޞޭޙަތަކަށްފަހު ފަހުން އޭނަވެސް އިޞްލާޙުވި. އޭގެ ނަތީޖާއެއްގެ ގޮތުން އެ މެނޭޖަރު ބިންތު ޢައްމާރުގެ ސޫރަ އޭނައަށް ހާމަކުރަން އަރަޝްގާތު އެދުމުން އަރަޝް އެ ސޫރަ ހާމައެއް ނުކުރި. އެއިން ވެސް އެމީހުންގެ ރުޅިވެރިކަން ވަނީ އިތުރުވެފަ….އެމީހުން ދެން ރާވާނީ ކޮންފަދަ ރޭވުމެއްކަން އަހަންނަށް އެއްގޮތަކަށް ވެސް ނޭނގޭ ޝަރަފް. މިހާރު އެ މެނޭޖަރާއެކީ ތިބީ އަހަންނާ މުޅިންވެސް ދުރުވެފައިވާ އެކުވެރިން…..” ނަބީހް ކިޔައިދިން ވާހަކަތަކުން ޝަރަފަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަފާފާއި ދެކޮޅަށް ބަޔަކު ރޭވުމެއް ރޭވިޔަސް މިހާ ދެކޮޅުވެރިވެދާނެ ކަމަށް އޭނަ އެއްގޮތަކަށް ވެސް ހިއެއްނުކުރެއެވެ. އެހެނަސް ﷲ ގެ މަގުގައި ކަމެއް ކުރާ މީހަކާއި ދަތިތަކެއް ކުރިމަތިވާނެކަން ހަނދާނަށް އައި ވަގުތު އެއީ މާ ބޮޑު ޙައިރާންކަމެއްގެ ގޮތުގައި ޝަރަފަށް ނުފެނުނެވެ. އޭގެ ބަދަލުގައި އޭނަ ބޭނުންވީ ނަބީހްގެ ފަރާތުން އެނގޭނެ ވަރެއް އެނގިގެން ކޮންމެހެން ހަދާފައިވެސް އެ ނުބައި އަތްތަކުގެ ދަށުން އަފާފް ސަލާމަތް ކުރާށެވެ. ހިތަށް އެފަދަ ޖޯޝެއް ވެރިވީ ވަގުތު އަނެއްކާވެސް އެކޮޅުން ނަބީހް ވާހަކަ ދައްކަން ފެށިއެވެ.
“ޝަރަފް ވަރަށް ބަލައިގެން އުޅޭތި. އެމީހުން ކޮންމެ ފަދަ ކަމެއް ކޮށްފާނެ ޝަރަފަށް ވެސް. ޝަރަފް ބިންތު ޢައްމާރުގެ އެހާ ގާތް މީހަކަށްވީމަ……އަހަރެން ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮޑަށް ބޭނުން އެމީހުންގެ ދުވަސްދުއްވާލަން. އެކަމަކު އެއީ އެމީހުންނަށް އަނިޔާއެއް ދީގެނެއްނޫން. ރަނގަޅު ގޮތަކީ ކިހާ ފުރިހަމަ ގޮތެއްކަން އެމީހުންނަށް ދައްކައިގެން އެމީހުންގެ ހިތްތައް މަޑުކޮށްގެން. އަހަރެން ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް އެމީހުން އެ ހިންގާފަދަ ވިޔަފާރިއެއް ފެށޭތޯ މަސައްކަތް ކުރަނީ އެހެންވެ. އެއީ ޙަޤީޤަތުގަ އަހަރެން އެ ރިސޯޓުގަ ވޯކްކުރިއިރު ކޮންމެވެސް ބޭބެއަކު ވަރަށް ގިނައިން ދެމުން ދިޔަ ޚިޔާލެއް. އެއްވެސް މަސްތުވާ އެއްޗެއް ނުވިއްކާ ރިސޯޓެއް ހިންގޭނެނަމައޭ. ހެހެ….އެނގޭ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްކަން އެކަމަކު ކޮންމެ މީހަކަށް ވެސް ހުވަފެންތައް ބެލިދާނެދޯ؟” ނަބީހް އޭނަގެ ވާހަކައިގެ ފަހު ކޮޅުން ސަމާސާ ރާގެއް އެޅުވިއެވެ. އެހެނަސް ޝަރަފްގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އޭނަ ވިސްނުމެއްގެ ތެރޭގައި އިނދެފައި ވާހަކަ ދައްކަން ފެށީ ކުއްލިއަކަށެވެ.
“ނަބީހް؟ ނަބީހް ތި ދެއްކީ ކޮން ރިސޯޓެއްގެ ވާހަކަތަ؟ އެ….އެއީ ކޮން މެނޭޖަރެއްތަ؟ އޭނަގެ ނަން ނަބީހަށް އެނގޭތަ؟” ޝަރަފް އެއްފަހަރާ އެތައް ސުވާލެއް ކޮށްލީ ކަމެއް ހީވުމުންނެވެ. އޭނައަށް ޖަވާބަކަށް އިންތިޒާރު ކުރެވުނީ ނޭވާ ހިފަހައްޓައިގެން ހުރެއެވެ.
“އެއީ ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާ ގެ ވެރިޔާ، ވިޔާމް އަހްމަދު.” ނަބީހް ކިޔާލި ނަމަކުން ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ.
ނުނިމޭ