Noor (Part 42)
“އައި ލަވް ޔޫ…..އައި ލަވް ޔޫ ސޯ މަޗް!” އެ ބަސްތައް އިވިގެން ދިޔައީ ޝަރަފްގެ އަޑުނޫން އެހެން އަޑަކުންނެއް ނޫނެވެ. އެ ބަސްތައް އިވިފައި ޓީވީ ބަލަން އިން އަންހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
**
ޝަރަފް އަފާފާއިއެކީގައި ހޭދަވި ހަފްތާ ވޭތުވެގެން ދިޔައީ އޮމާންކަމާއި އެކީގައެވެ. ދެމަފިރިން އެކީގައި ހޭދަކުރީ ލޯބިން ފުރިގެންވި ދުވަސްތަކެވެ. އެކީގައި ރެސްޓޯރެންޓްތަކަށާއި ޕާކްތަކަށް ޒިޔާރަތް ކުރަމުން ދިޔައިރު ނުލަފާ ނަޒަރުތަކެއް އެ ދެމީހުންނަށް އަމާޒުވަމުން ދިޔަކަމެއް އެކަކަށްވެސް ރޭކާނުލައެވެ.
މާލޭގައި އެ ހޭދަވި ހަފްތާތެރޭގައި ޝަރަފް އެތައް ފަހަރެއްގެ މަތިން “އެލެގެންޓް ހޯމްސް” ގެ ޢިމާރާތަށް ވަދެފައިވެއެވެ. އޭނަ އެ ޢިމާރާތަށް ގޮސް އެއްވެސް ޝައްކުވާފަދަ މީހެއް ހުރިތޯ ހޯދީ ހަމައެކަނި ފިރިހެނުންގެ ބައިންނެވެ. އަފާފަށް ދިމާވި ޙާދިސާވަރުގެ ކަމެއް ކުރެވޭނީ ފިރިހެނަކަށްހެން އޭނައަށް ހީވެފައި އޮތުމުންނެވެ. އަދި އަންހެނުންގެ ބައިގައި ޝައްކުވާފަދަ މީހަކު ހުރިނަމަ އޭނަގެ ދޮންތަ އޭނަގާތު ބުނީހޭ އޭނަގެ ހިތް ބުނަމުން ދިޔައީތީވެއެވެ. އޭނަ ދޮންތަ ކައިރިން އެ ވާހަކަ އަހަންވެސް އެހިއެވެ. އެހެނަސް ޝަބާ އޭނައަށް ޝައްކުވާ މީހެއްގެ ވާހަކަ ނުބުނީ އެއީ ހަމައެކަނި އޭނައަށް ހީވާ ހީވުމެއްކަމަށް ނިންމުނީތީވެއެވެ. އެހެންނޫނަސް އެ އޮފީހުގައި ވަޒީފާ އަދާކުރަން ފަށާ އަންހެން މުވައްޒަފުންގެ ތެރެއިން އަފާފަށް ޙަސަދަވެރިވާ މީހަކަށް ފެނުނީ ހަމައެކަނި މި ދިޔަ މަހު އެ ކުންފުންޏާއި ގުޅުނު އަންހެން ކުއްޖާ ނޫންކަން ޝަބާގެ ހަނދާނުގައި ހުރީތީވެސްމެއެވެ.
ޝަބާ ހަނުހުރުމުގެ ސަބަބުންނާއި، ޚުދު އޭނައަށް ވެސް އެ އޮފީހުގެ ތެރެއިން އަފާފަށް ގެއްލުމެއް ދީފާނެހެން ހީވާފަދަ މީހަކު ނުފެނުމުން ޝަރަފް އެހެން ކަންކަމަށް އޭނަގެ ސަމާލުކަން ދޭންފެށިއެވެ. ޝަރަފް މާލެ އައިތާ ހަތަރުވަނަ ދުވަހުގެ ހެނދުނު އަފާފް ހޭލީއްސުރެ އޭނައަށް ދޭތެރެދޭތެރެއިން ލޯމަތިން އަލިކަމެއް ފެންނަ ވާހަކަ އޭނަ ބުނަން ފެށުމުން ޝަރަފް ވަގުތުން ގުޅާލީ އޭނަ އެ ދުވަސްވަރު ވާހަކަ ދައްކަމުން ދިޔަ އިންޑިޔާގެ ޑޮކްޓަރާއި އެވެ. ޑޮކްޓަރާއި އެ ވާހަކަ ޙިއްޞާ ކުރުމުން އަފާފް ރަނގަޅުވާނެކަމުގެ އިތުރު އުއްމީދެއް ޑޮކްޓަރުގެ ފަރާތުން ވެސް ލިބުމުން ޝަރަފްގެ މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއިއެކި އޭނައަށް ހިތުގެ އެންމެ ފުން މިނުން ޙަމްދުކުރެވުނެވެ. އޭނަ އެދުވަހުން އެދުވަހަށް ދެން އަންނަ މަހުގެ ދުވަހަކަށް އެ ޑޮކްޓަރާއި އެޕޮއިންޓްމެންޓެއް ހެއްދިއެވެ. އެއަށްފަހު އެދުވަހަކަށް ފުރުމަށް އޭނަގެ ރައްކާކުރެވިފައިވި ފައިސާ ބޭނުންކޮށްގެން ޓިކެޓް ވެސް ގަތެވެ. ޓިކެޓް ގަނެގެން އޭނަ ގެއަށް އައީ އަފާފަށް އެ ޚަބަރު ދޭން ނިންމައިގެންނެވެ. އެހެނަސް ދުވަސް ކައިރިވުމުން އަފާފަށް ‘ސަޕްރައިޒެއް’ ދޭން ނިންމަމުން ޝަރަފް އެ ޓިކެޓް ޙަވާލުކުރީ ހުސެއިނާއެވެ. ހުސެއިނަށް ހުރިހާ ވާހަކައެއް ކިޔައިދިނުމުން ޝަރަފް ހީކުރީ ހުސެއިނާއި ޝާދިޔާ އޭނައާއި މެދު ދެކޭ ގޮތަށް ކުޑަވެސް ބަދަލެއް އަންނާނެކަމަށެވެ. އެހެނަސް އޭނަގެ ވާހަކަ ނިމުނުތަނާހެން ޝާދިޔާގެ ވާހަކަ ފެށުނެވެ.
“މީ ހިތުން ކަލެއާމެދު އަހަރުމެންގެ ހިތް ސާފުވާނެކަމަށް ކުރިކަމެއްތަ؟ އެއީ ދުވަހެއްގެ ކޮޅުން ވެސް ވާނެ ކަމެއްނޫން. އަހަރުމެންގެ ދަރިފުޅު ކަނުކޮށްލާފަ މަޢާފު ލިބޭނެކަމަށްތަ ކަލޭ ހީކުރަނީ؟ ތިމަންނަ ދިޔަ ވެސް ދޭނަމޯ ކިޔާފަ އެ ފައިސާ ދީފަ މިހާރުވެސް އަފާފްގެ ލާރިން ތި ކައިބޮއި ހަދަނީ. މީނަ ކޮންމެވެސް ގޮތެއް ހަދާފަ މިގެއިން ނެރެބަލަ ހުސެއިން! އަފާފަށް ލިބިދާނެ މިއަށްވުރެ ރަނގަޅު މީހަކު.” ޝާދިޔާ ރުޅިވެރިކަމާއެކީ އާދައިގެ މަތިން މާ ބޮޑު ވިސްނުމެއްނެތި ވާހަކަ ދެއްކިއެވެ. ޝަރަފް ހުސެއިނަށް ބަލާލީ އޭނަ އިތުރު އެއްޗެކޭ ބުނޭތޯއެވެ. އެހެނަސް ހުސެއިންގެ މޫނުމަތިން ވެސް ނުރުހުންތެރިކަމެއް ފެނުނެއްކަމަކު އޭނަ އެ ޓިކެޓަށް ބަލާފައި އިތުރު އެއްޗެކޭ ނުބުންޏެވެ. ޝަރަފް ވެސް އިތުރު އެއްޗެކޭ ނުބުނެ އެތަނުން ދިޔައެވެ.
އަފާފް ބަހައްޓާފައި ޝަރަފް އަނެއްކާވެސް ފުރަން އޮތީ ބުރާސްފަތި ދުވަހެއްގެ ހަވީރު ވަގުތެވެ. ކުރީ ފަހަރެކޭވެސް އެއްފަދައިން އަފާފް އެދުވަހު ވެސް މާޔޫސްވާގޮތްވިއެވެ. ޝަރަފް އަފާފްގެ ހިތް ފުރެންދެން އެންމެ ފަހު ވަގުތުގައި ވެސް އަފާފްގެ ގައިގައި ބައްދައިގެން ހުއްޓެވެ. އޭނަ އަފާފްގެ ގައިން ދޫކޮށްލީ އޭނަ އަނެއްކާވެސް އަނބުރާ އަންނާނީ ހަފްތާއެއްހާ ދުވަސްފަހުން ކަމަށް ބުނަމުންނެވެ. ޝަރަފް، އަފާފަށް ފަސްދީފައި ދާން ހިނގައިގަތީ އަންނަން އުޅޭ ޠޫފާނެއްގެ ހިލަމެއްވެސް ނުވެއެވެ. އަފާފް ޝަރަފަށްޓަކައި ހެޔޮ ދުޢާކުރީ މިއަށްފަހު އޭނައަށް ޝަރަފް ސިފަކުރެވޭނީ އެހެން ނަޒަރިއްޔާތަކުންކަން ނޭނގިއެވެ.
އޭގެ އަނެއްދުވަހުގެ މެންދުރު ވަގުތު ކެއުމަށްޓަކައި ޝާދިޔާ އަފާފް ގޮވައިގެން ކާ މޭޒުދޮށަށް ދިޔަ ވަގުތު ގޭގެ ބެލް ޖަހާލި އަޑުއިވުނެވެ. ގޭގަ އުޅޭ މަސައްކަތު މީހަކު ގޮސް ހުޅުވާލުމާއެކު ފެނިގެން ދިޔަ އާ މޫނުގެ ސަބަބުން ޝާދިޔާއާއި ހުސެއިންގެ ނިތްތަކަށް ރޫގިނަވިއެވެ. އެއީ އިސްކޮޅުން ހިސާބަކަށް ކުރުކޮށް ހުރި އަންހެން ކުއްޖެކެވެ. ކޮނޑާއި ހަމައަށް އޮތް އިސްތަށިގަނޑު ފަންކޮށްފައިވީއިރު މޫނުގެ އަސްލު ސޫރަ ފޮރުވޭނެ ވަރަށް މޭކަޕް ކުރެވިފައިވިއެވެ. ލައިގެން ހުރި ކަކުލާއި ހަމައަށް އޮތް އަތްކުރު ހެދުމުގެ ސަބަބުން ޝާދިޔާއާއި ހުސެއިން ވެސް ނުރުހުންވީ އެއްވަރަކަށެވެ. އެއްކޮނޑުގައި އެޅުވިފައިވި އަތްދަބަހުން އޭނަ އައީ އޮފީހެއްގައި ހުރެފައިހެން ހީވެއެވެ.
“ހާއި!” އެ އަންހެން ކުއްޖާ ހިނިތުންވުމަކާއެކީ ބުނެލި އަޑު އަފާފަށް ވެސް އިވުނެވެ.
“ތިއީ ކާކު؟” އެންމެންގެ ހިތަށް ވެސް ވެރިވެފައިވި ސުވާލު ޝާދިޔާ ކޮށްލިއެވެ. އެ ސުވާލާއެކީ އެ އަންހެން ކުއްޖާ އިސްޖަހާލީ އަސްލު ޖަވާބު ދިނުމުގެ ކުރިން ވިސްނާލާ ފަދައަކުންނެވެ. ހިމޭންކަމުގެ ސިކުންތުތަކަށްފަހު އެ އަންހެން ކުއްޖާ އިސްއުފުލާލިއެވެ.
“އަހަންނަށް ކިޔަނީ އައިޝާ.” ލިޕްސްޓިކް ލެވިފައިވި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން، ހަނާ އޭނަގެ އަސްލު ނަން ފޮރުވިއެވެ. އޭނަގެ އަސްލު ނަން އަފާފްގެ ކުރިމަތީގައި ހާމަކޮށްފިނަމަ އޭނަ ބޭނުންވާވަރަށްވުރެ އަވަހަށް އަފާފް ވާހަކަ ދައްކަނީ އޭނައާއިކަން ޝަރަފަށް އެނގިދާނެކަމުގެ ބިރު ހަނާގެ ހިތުގައި އޮތެވެ. ޝަރަފަށް އޭނަގެ ނަން އިވިއްޖެނަމަ ވެސް ކަންތައް ގޯހުން ގޯހަށް ހިނގައިދާނެކަން ހަނާއަށް އެނގެއެވެ. އެކަން އެނގުންވީ މީގެ ދެދުވަހެއްހާ ކުރިން ޝަރަފް އޮފީހަށް ގޮސް ކުރި ސުވާލުތަކުގެ ވާހަކަ، ބައެއް ފިރިހެން މުވައްޒަފުންގެ ފަރާތުން އޭނައަށް އިވިފައިވާތީވެއެވެ. އެހެންކަމުން އޭނަ އޭނަގެ ރޭވުމުގެ ކާމިޔާބީއަށްޓަކައި އޭނަގެ ނަން ބަދަލުކުރިއެވެ.
“ކޮން އައިޝާއެއް؟” ޝާދިޔާއާއި އަފާފް ޙައިރާންކަންމަތީ ތިއްބާ އެ ސުވާލުކޮށްލީ ހުސެއިނެވެ.
“ހެހެ…..ބޭބޭ އަޅުގަނޑަކީ އަފޫގެ އޮފީހަށް އަލަށް ޖޮއިން ކުރި އެކައުންޓެންޓް. ކުޑަކޮށް އަފޫއާ ބައްދަލުކޮށްލާ ހިތުން މިއައީ. އަޅުގަނޑަށް އަފޫއާ ބައްދަލުކުރެވިދާނެތޯ؟” ހަނާ ނުހަނު އަދަބުވެރިކަމާއެކީ އެދުނެވެ. އެއާއެކު ޝާދިޔާއާއި ހުސެއިން އެކަކު އަނެކަކަށް ބަލާލުމަށްފަހު އަފާފް އައިޝާއާ ބައްދަލުކުރަން ބޭނުންތޯ ސުވާލުކުރިއެވެ. އަފާފް ވަގުތުން އެއްބަސްވުމުގެ ގޮތުން ‘އައިޝާ’ ގާތު އައިސް އިށީނުމަށް އެދުނެވެ. އައިޝާ ގޮސް ސޯފާގައި އިށީން ވަގުތަކީ ޝާދިޔާ ވެސް އަފާފް ގެންގޮސް އެ ދިގު ސޯފާގައި ބޭންދި ވަގުތެވެ.
އަފާފް ހީކުރި ގޮތާއި ޚިލާފަށް އައިޝާ އައީ އޮފީސް ކަމަކުއެއް ނޫނެވެ. އޭނައައީ އަފާފްގެ ޙާލު ބަލާށެވެ. ކުރު ގޮތަކަށް އޮފީހުގެ މި ދުވަސްވަރުގެ ހިސާބުތަކުގެ ވާހަކަ ދެއްކުމަށްފަހު އައިޝާ މުޅިންހެން ދެއްކީ އަފާފަށް ދިމާވި ޙާދިސާގެ ވާހަކައާއި މެދުގައެވެ. އެކަމާމެދު ހިތާމަ ފާޅުކޮށް އެފަދަ ކަމެއް ހިނގީވެސް ކިހިނަކުންތޯ ބުނެ ސުވާލުކުރިއެވެ. އަދި އެފަދަ ކަމަކުން ސަލާމަތް ވުމަށްޓަކައި ކުރިއަށް އޮތްތަނުގައި ވެސް އެޅިދާނެ ފިޔަވަޅުތަކުގެ ވާހަކަ ދެއްކީ މުޅި ކުންފުންޏާއިވެސް އަޅާލާ މީހަކު ފަދައިންނެވެ.
ބައިގަޑިއިރެއްހާއިރު ވަންދެން އެދުވަހު އައިޝާ އަފާފާއި ވާހަކަ ދައްކަން އިނުމަށްފަހު ދިޔައީއެވެ. އޭނަ ދާން އުޅުމުން އައިޝާ މިގެއަށް އައިސް އޭނައާއި ބައްދަލުކުރަން ޖެހުނީ ކީއްވެތޯ އަހާލަން އަފާފް ބޭނުންވިއެވެ. އެހެނަސް އޭނަ ޚިޔާލު ބަދަލުކޮށްލީ އޭނައާއި ގުޅުން ބަދަހިކުރަން ބޭނުންވާ މުވައްޒަފެއްގެ ކިބައިން އެ ފުރުޞަތު ނިގުޅައިނުގަތުމަށެވެ. ބަޔަކު މީހުންނަށް މަސައްކަތެއް ކުރުމަށް ހިތްވަރެއް ދެވޭނީ އެމީހުންނާއި ރަނގަޅު ގުޅުމެއް ޤާއިމްކޮށްގެންކަން އަފާފަށް ޤަބޫލު ކުރެވޭތީވެއެވެ.
އަފާފް ހީކުރީ އެދުވަހަށްފަހު އޭނަ ދެން އައިޝާއާއި ބައްދަލު ނުވާނެ ކަމަށެވެ. އެހެނަސް އެދުވަހަށްފަހު ކޮންމެ ދުވަހަކުހެން އައިޝާ އޭނައާއި ބައްދަލުކުރަން އަންނަން ފެށިއެވެ. އައިޝާ ގިނައިރު ވަންދެން އޭނައާއި ވާހަކަ ދައްކަން އިނުމުން އަފާފަށް ހިސާބަކަށް އުނދަގޫވިއެއްކަމަކު އޭނަ އައިޝާގާތު ބުނެ ފޮނުވާލަން ޖެހިލުންވަމުން ދިޔައެވެ. ވަކިން ޚާއްޞަކޮށް މަންމަ، އައިޝާގެ ސިފަތައް އޭނައަށް ކިޔައިދިން ފަހުންނެވެ. އައިޝާވާނީ ދީނާއި ދުރު، ލަދުކުޑަ ކުއްޖަކަށޭ މަންމަމެން ބުނަމުން ދިޔަ ގޮތުން އަފާފްގެ ހިތްދަތިވަމުން ދިޔައެވެ. ލާފައި ހުންނަ ހެދުމެއްގެ ސަބަބުން މީހެއްގެ ހިތުގެ ޙާލަތު އެނގޭނީ ފަހެ ކިހިނަކުން ހެއްޔެވެ؟ ކުރު ހެދުން ލައިގެން ވެސް އޭނަ އަފާފް ކައިރިއަށް އަންނަނީ ތައުބާވުމަށް ހިތްވަރެއް ލިބޭތޯ ނޫންކަމެއް އެނގެނީ ކިހިނެއް ހެއްޔެވެ؟ އައިޝާގެ އެ ބައްދަލުވުންތައް ހުއްޓުވަން އަފާފް ބޭނުމެއްނުވީ އެހެންވެއެވެ. ތައުބާވާން އެދޭ ހިތެއްގެ ވެރިއަކަށް ކުޑަވެސް ހަރުކަށިކަމެއް ދައްކަން އަފާފް ބޭނުމެއް ނުވީތީވެއެވެ. އޭނަ އައިޝާއާއި ބައްދަލުވާން ފެށިތާ ހަތަރު ވަނައަށް ވީ ދުވަހު ލޯތްބާއި އެކުވެރިކަމާއެކީ އައިޝާއާއި ބައެއް އާޔަތްތައް ވެސް ޙިއްޞާކުރަން ފެށީއެވެ. އައިޝާ ނުހަނު ޝައުޤުވެރިކަމާއެކީ އަޑުއަހައި ‘ސުބްޙާނަ ﷲ’ ފަދަ ބަސްތައް ބޭނުން ކުރަމުން ދިޔަ ގޮތުން އަފާފްގެ ހިތުގައި އައިޝާއަށްޓަކައި ލޯތްބެއް އުފެދުނެވެ. އެންމެ ފަހުން ޚުދު އޭނަ އަމިއްލައަށް ވެސް އައިޝާއާއި ބައްދަލުކުރަން އެދެވެން ފެށިއެވެ.
އެއްދުވަހު އައިޝާ އަފާފާއި ބައްދަލުކުރަން އަފާފްގެ ކޮޓަރިއަށް އައިއިރު އޭނަ ހުރީ މާޔޫސްވެފައިކަން އަފާފަށް އޭނަގެ އަޑުން އެނގުނެވެ. ކުރީކޮޅު އެއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ. އެހެނަސް އައިޝާ އައިތާ މިނެޓްތަކެއް ފަހުން އަފާފް ވާހަކަ ދައްކަމުން ދިޔައިރު ވެސް އޭނަ ނޭވާ ދަމަމުން ދިޔަ ގޮތުންނާއި، އެތައް އިރެއްފަހުން އައިޝާ ވާހަކަ ދެއްކިއިރު އޭނަގެ އަޑު ކުރެހިފައިވި ގޮތުން އަފާފަށް އެކަމާމެދު ސުވާލުކޮށްލެވުނެވެ. އައިޝާ ކަމެއްނުވެއޭ ބުނެ ވާހަކަ ދޫކޮށްލަން އުޅުނެވެ. ނަމަވެސް އަފާފް ދޫނުކޮށް އައިޝާގެ އަތުގައި ހިފައި ތިމަންނައަށް ކިޔައިދޭށޭ ބުނެލިއެވެ. އެއަށްފަހު އައިޝާ ހިމޭންކަމެއްގެ ވަގުތުކޮޅަކަށްފަހު ޖަވާބުދިނެވެ.
“އަ….އަހަންނަށް…..ފް…ފިރިހެނަކާއެކީ…..” އައިޝާ ކުރެހިފައިވާ އަޑަކުން އެހާ ހިސާބަށް ބުނެލިތަނާހެން އަފާފްގެ މެއަށް ނުބައި ގޮތެއްވިއެވެ. މިއީ އޭނަ މީހެއްގެ ފަރާތުން މިފަދަ ވާހަކައެއް އަޑުއެހި ފުރަތަމަ ފަހަރެއްނޫނެވެ. އެހެނަސް މިއީ އޭނަގެ ކުރިމަތީގައި ހުރެގެން މީހަކު އެފަދަ ވާހަކައެއް ޙިއްޞާކުރި ފުރަތަމަ ފަހަރެވެ.
“އަހަރެން….އޭނަ…” އައިޝާ އޭގެ އިތުރަށް ވެސް ކިޔައިދޭން ފެށުމުން އަފާފް އޭނަ ހުއްޓުވިއެވެ.
“ޕްލީޒް އައިޝް….އައިޝްއަށް ކުރެވުނު ފާފަތަކަކީ އައިޝްއާ ﷲ ދެމެދުގަ ވާ ކަންތައް. އެ ވާހަކަތައް ތިންވަނަ މީހަކަށް ކިޔައިދިނުމުގެ ބޭނުމެއްނެތް. އެ ފާފަ ފުއްސެވުމަށް އެދި ދުޢާކޮށް ﷲ އަށް ތައުބާވީމަ އެ ނިމުނީ.” އަފާފް ނަޞޭޙަތްތެރިވިއެވެ. އެ ނަޞޭޙަތް ނިމުނުތަނާހެން އައިޝާ ވާހަކަ ދެއްކިއެވެ.
“ނު….ނޫން އަފޫ. މިކަމުގަ އަހަރެން ވަރަށް ހެލްޕް ބޭނުން. އަފޫއަށް ހެލްޕް ދެވޭނީ ކަންވީ ގޮތް ރަނގަޅަށް އެނގިގެން.” އައިޝާ ރޮވިފައިވާ އަޑަކުން ބުންޏެވެ. އެއަށްފަހު އިތުރު އެއްޗެކޭ ނުބުނެ އައިޝާ އެނދުން ތެދުވެލީކަން އަފާފަށް އެނގުނެވެ. އައިޝާ ކޮޓަރިން ނިކުމެގެން ދަނީހެން ހީކުރެވުނުތަނާހެން ޑީވީޑީ ޕްލޭޔަރު ބެހެއްޓިފައި ހުންނަ ކަބަޑު ހުޅުވާލެވުނު އަޑު އަފާފަށް އިވުނެވެ. އޭގެ މާގިނައިރެއްނުވެ މިއުޒިކެއްގެ އަޑު އިވެން ފެށުމުން އެއީ އެ ޕްލޭޔަރަށް އަޅުވާލެވުނު އެތި ޓީވީއިން ފެންނަން ފެށީކަން އަފާފަށް އެނގުންވިއެވެ. އޭނަ ހުރި ތަނެއްގައި އޭނަ ނުރުހުންވާނެތޯ ވެސް ނުބަލައި އެފަދަ އެއްޗެއް ޖަހާލުމުން އަފާފަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އެހެނަސް މާ ގިނައިރެއްނުވެ އިވިގެން ދިޔަ އަޑުން އަފާފަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ.
“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ.
ނުނިމޭ