Noor (Part 50)
“ސިހުރެއް ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް އެ ރިސޯޓެއް ފުރިހަމަ ކުރެވުނަސް ނުކުރެވުނަސް އޭނަގެ ނަންވެސް މި ދުނިޔެއިން ފޮހެލަން!” ވިޔާމް އޭނަގެ ސޯފާގައި އިނދެ އެތިފޮދެއް ބޮމުން ބުނެލިއެވެ.
ފުރަތަމަ ދުވަހު އަފާފާއި އެފަދަ ދުރުކަމެއް އިޙްޞާޞް ކުރެވުނެއްކަމަކު ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އަނެއްކާވެސް އަފާފާއި ޝަރަފްގެ ގުޅުން ވަރުގަދަ ވާންފެށިއެވެ. ފެންނުދީ ގިނަ ދުވަސްވުމުން މޯޅިވާ ގަހަކަށް އަނެއްކާވެސް ފެން ލިބިގެން ދިޔުމުން ހެދިގެންދާ ފަދައަކުންނެވެ. ޝަރަފް ގިނަ ދުވަސްވަންދެން އަފާފް ކައިރީގައި މަޑުކުރަން ނިންމީވެސް މި ނާޒުކު ޙާލަތުގައި ގުޅުން ދެމެހެއްޓުމުގެ ނިޔަތުގައެވެ. އޭނަ ދޭތެރެ ދޭތެރެއިން ޠޮލާލަށް ގުޅާފައި ރިސޯޓުގެ ޚަބަރު ބަލަމުން ދިޔައެވެ. ޠޮލާލު ހަމަ މުޅިން ވެސް ކިޔައިދެމުން ދިޔައީ ހުރިހާ ކަމެއް ރަނގަޅަށް ހިނގަމުންދާ ގޮތުގެ ވާހަކައެވެ. ޠޮލާލާއި ރިސޯޓު ޙަވާލުކުރެވުނު ވާހަކަ ނަބީހް ގާތު ބުނުމުން ނަބީހް ވެސް އޭނައާއި ވާހަކަ ދައްކަމުން ދިޔައެވެ. ޠޮލާލު ދޭތެރެދޭތެރެއިން އަލަށް ހެދޭ ތަންތަނުގެ ފޮޓޯ ވެސް ފޮނުވަމުން ދިޔަ ގޮތުން ދެމީހުންނަށް ވެސް އޭނައަށް އިތުބާރު ކުރެވޭ ގޮތްވިއެވެ. އާ ބައިވެރިއެއް ލިބުނު ކަމުގެ އިޙްޞާޞާއެކު ޝަރަފް އުފާކުރަމުން ދިޔަތާ މާ ގިނަ ދުވަހެއްނުވެ ކޮންމެވެސް އެހެން ކޮންސްޓްރަކްޝަން ކުންފުންޏަކުން އޭނަގެ ޕްރޮޖެކްޓަށް އެހީވާން ބޭނުންވާ ވާހަކަ އިވުމުން ޝަރަފަށް ހީވީ ދުނިޔޭގައިވި ހުރިހާ އުފަލެއް އޭނަގެ ފަސްބަޔަށް އެޅުނީހެންނެވެ. ދެން އެއްވެސް ކަމެއް ގޯސްކޮށް ނުވާނެހެން ހީވި ވަގުތު ހުރިހާ ކަމެއް އެ ފުށްމިފުށަށް ޖެހެން ފެށީ އޭނައަށް ނުވެސް އެނގިއެވެ. އޭނަގެ ދުޝްމިނުންގެ ދުލުން އިވުނުހެން އޭނަ ހީވެސް ނުކުރާ ފަދައަކުންނެވެ.
އެއްރެއަކު ޝަރަފް އަފާފާއެކީ ރެސްޓޯރެންޓަކަށް ދިޔައީ އަފާފާއެކީ އެކަހަލަ ކަމެއް ނުކުރެވޭތާ ވެސް އެތައް ދުވަހެއް ވެފައިވީތީވެއެވެ. ދެމީހުން އެކީގައި ގޮސް ހިނިތުންވުންތަކާއެކީ މޭޒެއްގެ ދޮށުގައި އިށީންއިރު އެމީހުންނާއި ދިމާލަށް ދުރުގައިވި ނަޒަރެއް އަމާޒުވެފައިވިކަން އެމީހުންނަކަށް ނޭނގެއެވެ. އެއީ ރެސްޓޯރެންޓްގެ ކަނެއްގައި އެކަނި އިށީނދެގެން ހުރި އަންހެން ކުއްޖެއްގެ ނަޒަރެވެ. ބާރު ކުރުތާއަކާއެކީ ބުރުގާ އަޅައިގެން ހުރި އެ އަންހެން ކުއްޖާ އެ ދެމީހުންނަށް ބަލަން އިރުކޮޅެއް ވަންދެން އިނެވެ. އެމީހުންނަށް ކާ އެއްޗެހި ލިބި ދެންވެސް އުފާވެރިކަމާއެކީ ވަގުތު ހޭދަކުރަމުން ދިޔަ މަންޒަރު ބަލަން އިނދެފައި ނަންބަރުތަކަށް ފިތާލިއެވެ. އެއާއެކު ރިންގުވާން ފެށީ ޝަރަފްގެ އަތުގެ ކައިރީގައި އޮތް ފޯނެވެ. ފޯނު ރިންގުވާން ފެށުމާއެކު ޝަރަފަށް އެއަށް ބަލާލަމުން ޗޮއްކަނޑާލެވުނެވެ.
“މި ކާކުތަ މި ގުޅަނީ؟ ދެން ފޯނު ނުގެންނާނީ މިކަހަލަ ތަންތަނަށް.” ޝަރަފް އެއްއަތުން އޭނަގެ ފޯނު ސްކްރީން ހުރި ފަރާތަށް އަނބުރަމުން ވަގުތުން ފޯނު ކަނޑާލަން ބޭނުންވިއެވެ. އެހެނަސް ނުދަންނަ ނަންބަރެއް ފެނުމުން ޝަރަފް ނަގަން ބޭނުންވިއެވެ. އެއީ އޭނަ އެއްބަސްވުމެއް އެކުލަވާލަން އުޅޭ ކުންފުނީގެ މީހަކަށް ވެސް ވެދާނެކަމަށް ހިތް ބުނީތީވެއެވެ.
“މިއީ މުހިއްމު ކޯލެއް އިނގޭ އަފޫ. މަޑުކޮއްލައްޗޭ.” ޝަރަފް އެހެން ބުނެލަމުން އެއްއަތުން އެ ކޯލް ރިސީވް ކުރިއެވެ. އެވަގުތު އޭނައަށް ސްޕީކާރ އޮން ކޮށްލެވުނީ އޮޅުމަކުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އަންހެން ކުއްޖަކު ހެލޯއޭ ކިޔާލި އަޑު އޭނައާއެކީ އަފާފަށް ވެސް އިވުނެވެ. އެ ހިނދު ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ މެއަށް ފިނިވީ ވަގުތު އޭނައަށް އަފާފާއި ދިމާލަށް ބަލާލެވުނެވެ. އަފާފް ވެސް ހުރީ ލިބުނު ސިހުމަކާއެކީ ދެބުމަ ކައިރިކޮށްގެން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެންނެވެ. ދުރުގައި ހުރި އެ އަޑުގެ ވެރިޔާއަށް އެ މަންޒަރު ފެނުމާއެކު އޭނަ އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފިއެވެ.
“ލޯބިވާ މިރޭ ކޮންތަނަކަށްތަ ދަނީ؟” އެ ޖުމްލައިގެ ފަހު ބަސް ފުރިހަމަ ނުވަނީސް ޝަރަފް ސްޕީކާރ އޮފް ކުރިއެވެ. އޭނަ އެ ގުޅި މީހަކާމެދު ނުރުހުންވެ ހުރެ އަފާފަށް ބަލާލިއެވެ. އެ ހިނދު އަފާފްގެ މޫނުމަތިން އަނެއްކާވެސް އެދުވަހު ފެނުނު ކުލަވަރުތައް ފާޅުވާން ފެށި މަންޒަރު ފެނިފައި ޝަރަފްގެ ރުޅިވެރިކަން އިތުރުވެގެން ދިޔައެވެ. އޭނައަށް އެ ފޯނު ކަންފަތުގައި ޖައްސާލެވުނީ ދެންމެ އެ ވާހަކަ ދެއްކި މީހަކާއި ބަދަލު ހިފުމުގެ ނިޔަތުގައެވެ.
“މި ނޫން ނަންބަރަކަށް ގުޅާފަ ތި ވާހަކަ ދައްކާ!” ޝަރަފް ރުޅިވެރިކަމާއެކީ އެހެން ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު އަނެއްކާވެސް އަފާފަށް ބަލާލިއެވެ. އަފާފް އުނދަގުލެއް ވެގެން އުޅޭ ފަދައަކުން އިންގޮތަށް އިނދެފައި އިސްޖަހާލި ގޮތުން ޝަރަފްގެ ހިތަށް އުނދަގޫވިއެވެ. މީގެ ދުވަސްކޮޅެއް ކުރިން މިފަދަ ކަމެއް ދިމާވި ނަމަ ތިމަންނަ ކިހާ ކާމިޔާބުހޭ ކިޔައި އޭނައަށް މުޅި މި ޙާދިސާ ސަމާސާއަކަށް ހަދާލެވުނީހެވެ. އެހެނަސް މިއަދު އޭނައާއި އަފާފްގެ ގުޅުންވަނީ އެފަދަ ސަމާސާއެއް ކުރެވޭވަރަށް ވުރެ ވެސް ހީނަރުވެފައިކަން އެނގުންވުމުން ޝަރަފްގެ ހިތަށް ތަދުވިއެވެ. އޭނައަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެއްކަމަކު އޭނަ ވާހަކަ ދެއްކީ ދެންވެސް އަފާފްގެ ހިތުގައި އޭނައަށްޓަކައި ޝައްކު އުފެދިދާނެކަމުގެ ބިރަށްޓަކައެވެ.
“އެއީ ނުބައި ނަންބަރެއް.” ޝަރަފަށް އެހެން ބުނެލެވުނީ ސީރިއަސްކަމާއި އެކީގައެވެ. އިތުރަށް ވާހަކަ ދެއްކުމުގެ ހިތްވަރެއް ނުލިބުނީ އަފާފް ގަދަކަމުން ހިނިތުންވުމެއް ދައްކާލަމުން ދުރަށް ނަޒަރު ހުއްޓަން ފެށި ގޮތުންނެވެ. އަފާފަށް އޭނަ ބުނި ބަސްތައް ޤަބޫލުކުރަން ދަތިވިކަން އެ ޙަރަކާތުން އޭނައަށް އެނގުންވިއެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. އަފާފަށް އެ ބަސްތައް ޤަބޫލެއް ނުކުރެވުނެވެ. އެ އަންހެން ކުއްޖާގެ އަޑު އިވުމާއެކު އޭނަގެ ހަނދާނަށް އަނެއްކާވެސް އަންނަން ފެށީ ހަނާ ދެއްކި ވާހަކަތަކެވެ. އެ ވާހަކަތައް ހަނދާން ނައްތާލަން އެވަގުތު ވެސް މަސައްކަތް ކުރިއެއްކަމަކު އޭނައަށް އެކަން ނުކުރެވުނެވެ. ވަކިން ޚާއްޞަކޮށް އެ އަންހެން ކުއްޖާ އެންމެ ފަހަކަށް އެ ކުރި ސުވާލުން އަފާފްގެ ހިތް ދަތިވިއެވެ. ޝަރަފް އެއީ ނުބައި ނަންބަރެއް ކަމަށް ބުންޏެއްކަމަކު އެކަން ޤަބޫލުކުރަން ދަތިވީ އެންމެ ފުރަތަމަ ވެސް ޝަރަފް އެއީ މުހިއްމު ކޯލެކޭ ބުނެފައިވި ގޮތުންނެވެ. އެ ވާހަކަ ފާހަގަކުރަން އަފާފް ބޭނުންވިއެއްކަމަކު އެކަން ކުރަން އޭނައަށް ނުކެރުނެވެ. އޭގެ ނަތީޖާ ނިކުންނާނެ ގޮތަކާއިމެދު އޭނަ ބިރުގަތީތީވެއެވެ. ޝަރަފް ދީފާނެ ޖަވާބަކުން އޭނަގެ ހިތްދަތިވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ.
އެ ކޯލަށްފަހު އެރޭގެ ކެއުން ކުރިއަށް ދިޔައީ ހިމޭންކަމާއި އެކީގައެވެ. ދެމީހުންވެސް އެއްޗެކޭ ބުނަން ޖެހިލުންވެފައި ތިބި އިރު މޭގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން ދެމީހުންނަށް ވެސް ކާން ދަތިވިއެވެ. އަފާފް ކެއުމެއްނެތި އެހެން އިންނަން ފެށުމުން ވީ ދެރައާއެކީ ޝަރަފް މޫޑު ބަދަލު ކޮށްލުމުގެ ގޮތުން ތިމަންނަގެ ޑިޝް މާ މީރޭ ކިޔައި ވާހަކަ ދެއްކިއެވެ. އެއަށްފަހު އޭނަގެ ތަށިން އެތިކޮޅެއް ނަގައި އަފާފަށް ކާންދިނެވެ. އޭނަގެ އެ ޙަރަކާތުން ވެސް އަފާފްގެ ހިނިތުންވުން ފެންނަ ގޮތެއް ނުވުމުން ޝަރަފްގެ ހިތްވަރު އެލުނެވެ. އޭނައަށް ދެން އިތުރު ވާހަކައެއް ނުދެކެވުނެވެ.
އެރޭ ކަން ހިނގި ގޮތުން ޝަރަފަށް ކިތަންމެ ދަތިވިއެއްކަމަކު ދުވަސްކޮޅަކުން އަނެއްކާވެސް އޭނައާއި އަފާފްގެ ގުޅުން ރަނގަޅުވެގެން ދާނެކަމަށް އޭނަ ހީކުރިއެވެ. އެހެނަސް މި ފަހަރު އޭނައާއި ދެކޮޅަށް ރޭވުނު ރޭވުން އެއަށްވުރެ ވެސް ވަރުގަދަކަން އޭނައަށް ރޭކާވެސް ނުލިއެވެ. އެ ރޭވުމުގެ ބޮޑުބައި ދެން ހަމައެކަނި “ފެންނަން” ފެށީ އަފާފަށެވެ.
އަފާފް ވެސް ހުރީ އަނެއްކާވެސް އޭނައަށް ޝަރަފަށް އިތުބާރު ކުރެވޭނެކަމަށް ނިންމައިގެންނެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ ޚުދު އޭނަގެ މަންމަ ވެސް އޭނައާއި ދެކޮޅަށް ރާވާ ރޭވުންތެރިންނާއި އަތުގުޅާލައިގެން މަސައްކަތް ފެށިކަމެވެ. ފައިހާ ޝާދިޔާއާއި ދިމާކުރީ އެއްދުވަހު ފިހާރައެއްގެ ތެރެއިންނެވެ.
“ހާއި ދައްތާ! ހާދަ ދުވަހެއް ފަހުންނޭ ދައްތަ މިފެނުނީދޯ؟” އެދުވަހު ފައިހާ އުޖާލާވި މޫނަކާއެކީ ގޮސް ޝާދިޔާގެ އަތުގައި ހިފިއެވެ. ފައިހާ ބަދަލުވެފައިވި މިންވަރުން އެއީ ކާކުކަން ނަގައިގަންނަން ޝާދިޔާއަށް އިރުކޮޅެއް ނެގިއެވެ.
“އަނހަ! ފައިހާ ދޯ؟ ބުރުގާ ނަގާލައިގެންތަ މިހާރު އުޅެނީ؟” ޝާދިޔާއަށް އަހާލެވުނެވެ.
“އާނ ދައްތާ! މިއޮތްފަދަ ހޫނު ދުވަސްވަރެއްގަ އެހެން ނުވެސް އުޅެވޭނެއެއްނު ދޯ؟ ހެހެ……އަފާފް ކިހިނެއްތަ؟” ފައިހާ ޝާދިޔާގެ އެ ސުވާލަކީ މާ ބޮޑު އެއްޗަކަށް ނަހަދައި އެހެން ސުވާލެއް ކުރިއެވެ. އަފާފްގެ ނަން އިވުމާއެކު ފައިހާ އެ ދެއްކީ ގޯސް ވާހަކައެއްކަން ވެސް ޝާދިޔާއަށް ހަނދާން ނައްތާލެވުނެވެ. ހޫނުވުމުގެ ސަބަބުން ބުރުގާ ނެގުމަށްވުރެ ވެސް އަފާފް ޝަރަފާއިއެކީ އުޅުން އޭނަގެ ނަޒަރުގައި ނުބައި ވެފައިވި ފަދައެވެ.
“ނޭނގެ މަށަކަށް! އޭނަ އެބަ އުޅޭ ކޮންމެވެސް ޒާތެއްގެ މީހަކާ އިނދެގެން ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން.” ޝާދިޔާ އެހެން ބުނެލަމުން ޝަރަފަށް އަމާޒުކޮށް ނުބައި ބަހެއް ކިޔާލިއެވެ.
“އޮހް! އަފާފް މެރީކޮށްގެން އުޅެނީ އަނެއްކާ އެ ޝަރަފް ޢައްބާސްއާތަ؟ އޯ މައި ގޯޑް ހީ އިޒް ސޯ…..ދައްތައަށް ނުވެސް އެނގޭ އެއީ ކޮންކަހަލަ މީހެއްކަން. އޭނަ އަފާފާ އިންފަހުން މަށާވެސް ރައްޓެހިވެގެން އުޅުނު. އޭނަ އުޅެނީ އަފާފާއި އިނދެގެންކަން އެނގުނީމަ އަހަރެން ވަގުތުން ބުނިން އަހަންނަށް ދެން އެގުޅުމުގަ ނުއުޅެވޭނެއޭ. އޭނަ ވަރަށް ރުޅިއައިސްގެން އަހަންނަށް ބިރުވެސް ދެއްކި. އެކަމަކު މިއަދު ނަސީބަކުން އަހަރެން މިވަނީ އޭނަގެ ވަކިތަކުން ސަލާމަތްވެފަ. އެކަމަކު މިހާރު އޭނަ އުޅެނީ ވަފާ ކިޔާ ކުއްޖަކާ ރައްޓެހިވެގެން.” ފައިހާ ނުހަނު އަސަރާއެކީ ކިޔައިދިނެވެ.
“ޔާ ރައްބީ! މަށަށް އެންމެ ކުރިން ވެސް ހީވި އެއީ އެކަހަލަ މީހެއްހެން. މަ ބުނަން ވެސް ބުނިން. އެކަމަކު އެކަކު ވެސް މަގޭ ވާހަކަ ޤަބޫލެއް ނުކުރާނެވިއްޔާ! ދެން މަގޭ ދަރި މަ ކިހިނެއް އޭނަގެ ފުށުން ސަލާމަތް ކޮށްދޭނީ؟” ޝާދިޔާ ހިސާބެއްގެ ހިތާމައަކާއެކީ އެހިއެވެ.
“އަފާފް ސަލާމަތް ކޮށްދެވޭނެ ގޮތެއް އެބައޮތް ދައްތާ.” ފައިހާ ބުންޏެވެ. ޝާދިޔާ ވަގުތުން ކޮން ގޮތެއްތޯ އަހާލިއެވެ. އެއާއެކު ފައިހާ ވަގުތުން ކިޔައިދޭން ފެށީ އަފާފްގެ ހިތުގައި ޝަރަފާއިމެދު ޝައްކުތައް އުފެއްދިދާނެ ގޮތްތަކެވެ. ފައިހާ ބުނިގޮތުގައި ޝަރަފަކީ ހުރިހާ ކަމެއް ފޮރުވަން މޮޅު މީހެކެވެ. އެހެންކަމުން އޭނަގެ ޙަޤީޤަތް އަފާފްގެ ކުރިމައްޗަށް ގެނައުމަށްޓަކައި އޭނަގެ “ޙަޤީޤަތް” އޮޅުވައިގެން ނަމަވެސް އަފާފަށް އެންގުން މުހިއްމެވެ. ޝާދިޔާ އިސާހިތަކުން ފައިހާގެ އެ ވިހަގަދަ ބަސްތަކާއި އެއްބަސްވިއެވެ.
އޭނަގެ މަންމައާއި އޭނަގެ ދުޝްމިނަކަށް ވެފައިވާ އެކުވެރިޔާ ރޭވުމެއް ރާވާކަން ރޭކާވެސް ނުލައި އަފާފް އުޅުނީ އޭނަގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި ކުރެވޭތޯއެވެ. އަންހެނެއްގެ އަޑު ޝަރަފްގެ ފޯނުން އިވުނު ރެއާއި ޖެހިގެން އައި ތިން ދުވަހަށްފަހު އަފާފް ގަދަކަމުން އަނެއްކާވެސް އޭނަގެ މޫނުމަތި އުޖާލާކޮށްލީ ހަމައެކަނި ޝަރަފަށްޓަކައެވެ. އެދުވަހު ހެނދުނު އަފާފް ލޯތްބާއެކީ ޝަރަފްގެ ގައިގައި ބައްދާލަމުން އަވަހަށް އައުމަށް އެދުނެވެ. ޝަރަފް އޭނަ އެއްބަސްވުމެއް އެކުލަވާލަން އުޅޭ ކުންފުނީގެ ވެރިމީހާއާއި ބައްދަލުކުރަން އޮތް ދުވަހަކީ އެއީއެވެ. އަފާފް އެހެން ބުނި ވަގުތަކީ ޝަރަފް އެތަނަށް ދިޔުމަށް ވަގުތު ކުޑަވަމުން ދިޔަ ގަޑިއަކަށް ވިޔަސް ޝަރަފް އަވަސް އެރުވުމެއްނެތި އަފާފްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.
“އައި ލަވް ޔޫ އަފޫ…..” ޝަރަފް ތުރުތުރު އަޅާ އެހެން ބުނެލީ ހިތުގެ އެންމެ ފުން މިނުން އެ ބަސްތައް އިޙްޞާޞް ކުރަމުންނެވެ. އަދި އަފާފަށް އެހެން ކަމެއް ޤަބޫލު ނުކުރެވުނަސް އޭނަގެ އެ ބަސްތައް ޤަބޫލުކުރެވޭނެ ކަމަށް އުއްމީދު ކުރަމުންނެވެ. އެހެނަސް އަފާފަށް ޝަރަފްގެ އެ ބަސްތަކުގެ ތެދުކަމާމެދު އެވަގުތު ޝައްކުކުރެވުނެވެ. ޝަރަފްގެ އަޑުގައިވި ވޭނުން އަފާފްގެ ހިތްދަތިވިއެއްކަމަކު ޝަރަފްގެ ފަރާތުން ފަހަކަށް އައިސް އޭނައަށް ފެންނަމުންދާ ކަންތައްތަކުގެ މަތިން ވެސް އޭނަގެ ހަނދާން އާވިއެވެ. ޝަރަފް ބުނެލި ބަސްތަކަށް އޭނައަށް ޖަވާބެއް ނުދެވުނީ އެހެންވެއެވެ. ޝަރަފް އިރުކޮޅެއް ވަންދެން އޭނަގެ ގައިގައި ހިފަހައްޓައިގެން ހުރީ އެ ޖަވާބުގެ އިންތިޒާރުގައި ކަމެއް އަފާފަކަށް ރޭކާނުލިއެވެ. އެންމެފަހުން ޝަރަފް އޭނަގެ ގައިން ދޫކޮށް ދުރަށް ހިނގައިގަތީ އެކަމާހެދި ދެރަވެފައިވި ހިތަކާއި އެކީގައިކަން ވެސްމެއެވެ.
އެދުވަހު ޝަރަފް ދިޔަތާ މާ ގިނައިރެއްނުވެ ޝާދިޔާ އަފާފްގެ ކަންފަތް ފުރާލުމަށްޓަކައި އެކޮޓަރިއަށް އައެވެ. ޝާދިޔާ ތަކުރާރުކޮށް ޝަރަފް ހުރި އެ ނޭދެވޭ ވީޑިޔޯގެ ވާހަކަ ދައްކަމުން ދިޔަދިޔަހެން އަނެއްކާވެސް އަފާފްގެ ހިތް ޝަރަފަށްޓަކައި ނުބައިވާން ފެށިއެވެ. ޝަރަފް އެ ހުރިހާ ކަމެއް ކުރަނީ މަންމައާއި ބައްޕަ ބުނާހެން ފައިސާއަށްޓަކައިހެން ހީވާންފެށީ މަންމަ ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ބަސްތައް ތަކުރާރުކުރަމުން ދިޔައީތީވެއެވެ. ފަހަކަށް އައިސް އެ ކުންފުންޏާއި ގުޅުން ބަދަހިކުރުމަށޭ ކިޔާފައި ޝަރަފް ބޭރަށްދާ ދިޔުމާއިމެދު ވެސް އަފާފް ހިތްހަމަނުޖެހެން ފެށިއެވެ. އެ ހިތްހަމަނުޖެހުން އިތުރުވާން ފެށީ ޝަރަފްގެ ގަމީސްތަކުން އޭނަ ޖަހާ ސެންޓެއް ނޫން އެހެން އަންހެން ސެންޓެއްގެ ވަސް ދުވަން ފެށުމުންނެވެ. އޭނަ އެ ގަމީހުގައި ވަސްއެހި ވަގުތު ޝާދިޔާ އެތަނަށް އައިސް އެ ގަމީހުގައި ހުރި އެހެނިހެން ނިޝާންތަކުގެ ވާހަކަ ވެސް ހަދަހަދައިގެން ކިޔައިދިނެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހައިގެން އަފާފަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މަންމަ ދިޔުމުން ވެސް އަފާފަށް އެ ޝޮކުގައި ހުރިގޮތަށް ހުރެވުނެވެ. އޭނަ އެހެން ހުއްޓާ އޭނަގެ ލޮލުން ކަރުނައެއް ފޭބިއެވެ. އެހެނަސް އޭނައަށް ރޮއިގަންނަން ނޭނގިފައި ހުރެވުނީ ދެންވެސް އޭނަގެ ހިތް އެއްނިންމުމެއް ނިންމަން ބޭނުމެއްނުވީތީވެއެވެ. މަންމަމެން ދައްކަމުން ދިޔަ ވާހަކަތަކުން ޝަރަފަށް ކިތަންމެ ވަރަކަށް ޝައްކުކުރެވުނަސް ޝަރަފަކީ ނުބައި މީހެއްކަމަށް ނިންމަން އޭނަ ނުކުޅެދުނެވެ. އެއީ މިހާ ދުވަސްވަންދެން ޝަރަފް އޭނައަށްޓަކައި ކޮށްދިންހާ ކަންތައްތަކެއްގެ ސަބަބުން ކަންނޭނގެއެވެ. އެހެނަސް މަންމަމެންގެ ފަރާތުން އިވުނު ވާހަކަތައް ޝަރަފާއި ޙިއްޞާ ކުރާކަށް ވެސް އަފާފް ބޭނުމެއްނުވިއެވެ. އެ ވާހަކަތަކުން އޭނައާއި ޝަރަފް ވަކިވުން ނޫންކަމެއް ނުވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ.
ހައިޖާނެއް އުފެދިގެން ދިޔަ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތަކެއްގެ ސަބަބުން ފަހުން އައިސް އަފާފް މުޅިން ވެސް ހުންނަނީ ހިމޭންވެފައެވެ. އޭނަ އެއްވެސް ވާހަކައެއް ދައްކަން ނުކުޅެދޭ ޙާލުގައި މީހަކު ސުވާލެއް ކުރުމުން ޖަވާބެއް ދެނީ ވެސް މަދު ފަހަރަކުއެވެ. އެ ހިމޭންކަމުގެ ފަހަތުގައިވި ސަބަބު އެނގިތިބެ ވެސް ފާޅުނުކޮށް އޭގެ އިލްޒާމު އެޅުވުނީ ޝަރަފްގެ ބޮލުގައެވެ. އެހެނަސް އަފާފްގެ އެ ޙާލާއިމެދު އެންމެ ބޮޑަށް ހިތާމަކުރި އެކަކަށްވީ ޝަރަފެވެ. އޭނައަށް އަފާފްގެ އަޑު އެއްފަހަރުވެސް ނުއިވި ދުވަސްތައް ފާއިތުވާން ފެށުމުން ޝަރަފަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. އަފާފަށް އެ ތަޖުރިބާ ކުރެވެނީ އޭނަގެ ފާފަތަކުގެ އަސަރުހެން ހީވުމުންނެވެ. އަފާފް ލައްވާ ވާހަކައެއް ދެއްކުމަށްޓަކައި ޝަރަފް އެތައް މަސައްކަތެއްކުރިއެވެ. އެއްވެސް ކަމެއްނުވާ ކަމަށް ހަދައި ހީލުންތަކާއެކީ ސަމާސާކޮށް އަފާފް އެކި ތަންތަނަށް ގެންގޮސް ހެދިއެވެ. އެހެނަސް އަފާފަށް އޭނަ ދައްކާ އެއްވެސް ވާހަކައެއް ނުވެސް އިވޭ ފަދައެވެ. އެއްރެއަކު ޝަރަފްގެ ހިތާމަވެރިކަން ރުޅިވެރިކަމަށް ބަދަލުވީ ވަގުތެއްގައި އޭނައަށް އަފާފާއި ވާހަކަ ދެކެވުނެވެ.
“އަފާފް ޕްލީޒް! ވާހަކަ ދައްކަބަލަ އަހަންނާ. ވީ ކަމެއް ބުނީމައެއްނު އެނގޭނީވެސް؟ އަހަންނަކަށް ނޭނގެއޭ އަފާފްގެ ހިތުގަ އޮތް އެއްޗެއް! އަހަރެން ބުނެފީމެއްނު އަފާފް ކައިރި އެދުވަހު ގުޅީ ނުބައި ނަންބަރަކުންނޭ؟ ކީއްވެގެންތަ ޤަބޫލުނުކުރެވިގެން ތިއުޅެނީ؟ އެނ؟” ޝަރަފް އެރޭ އެހެން ބުނެލީ އަފާފާއެކީ ކޮޓަރީގައި ހުރެ އޭނަގެ ކޮނޑުގައި ހިފައި ތަޅުވަމުންނެވެ. އޭނައަށް އެންމެ ފަހުން އެގޮތްވެސް ޚިޔާރު ކުރެވުނީ ހަދާނެ ގޮތް ހުސްވުމުން ފަދައެވެ. އަފާފް ރުޅިން ވެސް އޭނައާއި ވާހަކަ ދައްކަފާނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެއިން ވެސް އަފާފް އިސްވެސް އުފުލާ ނުލުމުން ޝަރަފަށް އަފާފްގެ ކޮނޑުން ދޫކޮށްލެވުނެވެ. މި ގުޅުން ދަމަހައްޓަން މަސައްކަތް ކުރަނީ ހަމައެކަނި އޭނަހެން ހީވި ވަގުތު އޭނަ ބަލި ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް އަފާފާއި ވަކިވުމުގެ ޚިޔާލު އޭނައަށް ބަރުދާސްތު ކުރެވޭފަދަ ޚިޔާލަކަށް ނުވިއެވެ. އެހެންކަމުން އޭނަ ދެންވެސް އެކި ގޮތްގޮތުން އަފާފާއި ވާހަކަ ދައްކަން ނިންމީ އުއްމީދު ކަނޑާލާ މީހުންގެ ތެރެއިން ނުވުމަށެވެ.
ކޮންމެއަކަސް އޭގެ އަނެއްދުވަހު ޝަރަފް ޠޮލާލާއި ނަބީހްގެ އެދުމުގެ މަތިން އަނބުރާ ރިސޯޓަށްދާން ޖެހުނެވެ. ޙާލަތުގެ ނާޒުކުކަމުން ޝަރަފް ބޭނުންވީ ވެސް އަފާފް ގޮވައިގެންދާށެވެ. އެހެނަސް އޭނަ ގޮވައިގެން ދިޔަޔަސް އަފާފް ގިނަ ވަގުތު ހޭދަކުރަން ޖެހޭނީ ގޭގައި އެކަނިކަން އެނގުންވުމުން ޝަރަފް އެ ޚިޔާލު ބަދަލުކުރިއެވެ. އަދި ފުރައިގެން ދިޔައީ އޭނައާއި އަފާފްގެ ގުޅުން އެންމެ ކުރިއަށްވުރެ ވެސް ވަރުގަދަ ކޮށްދެއްވުމަށް އެދި ދުޢާކުރަމުންނެވެ. އޭނަ އޭނަގެ މަންޒިލާއި ހަމައަށް ދިޔައީ، މިއީ މިއަދު އޭނައަށް މިވަގުތު ލިބިފައިވި ކުޑަ އުފާވެރިކަން ވެސް ނިގުޅައިގަނެ އޭނަގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާނެ ދަތުރުކަން ނޭނގިއެވެ. އޭނަ ކުރާ ދުޢާއެއްގެ ނަތީޖާއަކީ ހަމައެކަނި އޭނަ ދުޢާކުރި ގޮތަށް އިޖާބަވުމެއް ނޫންކަން ނޭނގިއެވެ. އަދި ބައެއްފަހަރު އެންމެ ބޮޑެތި އުފާތައް ލިބިގެންދާނީ ހިތްދަތި އިމްތިޙާންތަކެއްގެ ތެރެއިންކަން ނޭނގިއެވެ.
ނުނިމޭ