Noor (Part 53)
“އާނ.” ޝަރަފް އެހެން ބުނެލުމާއެކުހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އެ އަޑު އިވިގެން ދިޔަތަނާހެން ދުރުގައި ހުރި އަފާފަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ސިކުންތުގައި އޭނައަށް ނުރުހުންވެވުނީ ޝަބާއަށެވެ. އެ ނުރުހުންތެރިކަމުގައި އޭނައަށް އެއްޗެކޭ ބުނެވެން ވެސް އުޅުނެވެ. އެހެނަސް ޝަބާގެ އެ ޙަރަކާތުގެ ފަހަތުގައިވީ ކޮން ސަބަބެއްކަން އެނގުންވުމުން އަފާފްގެ ހިތް ގެނބިގެން ދިޔަދިޔަހެން އޭނައަށް އަނގަ ލައްޕާލެވުނެވެ. ހަމަ އެ ހިނދު އޭނަގެ މޭގައި ދުވަހަކުވެސް ނުއުފެދޭ ފަދަ ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އިސާހިތަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އެ ވަގުތު ދުރުގައި ހުރި ޝަރަފްގެ ނަޒަރު އަފާފަށް ހުއްޓުނެވެ. މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ނުކުރެވޭވަރަށް އެވަގުތު އޭނައަށް ކުށްވެރި ކުރެވުނެވެ. އެއީ އޭނަ ޤަޞްދުގައި ކުރިކަމެއް ނޫންކަމަށް ބުނެ ރޮއިރޮއިފައި އަފާފްގެ ގާތަށް ދާން ބޭނުންވިއެއްކަމަކު، އަފާފް ހުރިގޮތުންނާއި ޙާލަތުގެ ގޮތުން އަފާފަށް އޭނަގެ އެއްވެސް ބަހެއް ޤަބޫލެއް ނުކުރެވޭނެކަން އޭނައަށް ޔަޤީން ކުރެވުނެވެ. އެއްޗެކޭ ނުބުނަން ނިންމިޔަސް އޭނަ އެއްޗެކޭ ނުބުނެ ދެން ކުރަން ޖެހޭނީ ކޮންކަމެއްކަން އެނގުންވުމުން އޭނަގެ އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައެއް ފައިބައިގެން އައެވެ. މޭތެރޭގައި އޮތް ހިތަށް ކެތްނުވާވަރަށް ތަދުވާން ފެށި ވަގުތު އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެވަނަ ފިޔަވަޅާއެކީ އޭނަ ވައި އަޑުން އަފާފްގެ ނަން ކިޔާލެވުނު ތަނާހެން އަފާފް ހަޅޭއްލެވިއެވެ.
“ނިކުމެގެންދޭ މިގެއިން!!!” އަފާފް ދޮރަށް ޢިޝާރާތް ކުރަމުން އެ ވާހަކަ އިއްވާލީ ކަރުނުން ފުރިގެންވި ދެލޮލާއެކީ ރުޅިވެރި އަޑަކުންނެވެ. ފުރަތަމަ ފަހަރަށް އަފާފް އެހާ ރުޅިވެރި އަޑަކުން އެފަދަ ބަސްތަކެއް އިއްވާލުމުން ޝަރަފްގެ ހިތަށް ލިބުނު ސިހުމާއެކީ މުޅި މީހާ ގަނޑުވިއެވެ. އިވުނު އެއްޗަކާމެދު ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި އޭނައަށް އަފާފަށް ބަލަން ހުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ އަފާފަށް ގިސްލެވެން ފެށިއެވެ. އަފާފް މޫނުގައި ދެއަތް އަޅައި ސޯފާއަށް ތިރިވި މަންޒަރު ބަލަން ހުރެފައި އަނެއްކާވެސް ޖަޒުބާތުގައި ޖެހިގެން އަފާފްގެ ގާތަށް ދިޔުމަށް ޝަރަފްގެ ހިތް އެދުނެވެ. އެހެނަސް ދެންމެ ޚުދު އަފާފްގެ އެ ދުލުން އިވުނު ބަސްތައް ހަނދާންވެފައި ޝަރަފް އޭނަގެ މޫނުމައްޗަށް ސާބިތުކަން ވެރިކުރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ދިގު ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާލަށް މިޞްރާބު ޖެހިއެވެ. ޝަރަފް ސިޑިން އަރައިގެން ދިޔައިރު ޝާދިޔާއާއި ހުސެއިން އަފާފްގެ ކައިރީގައި އިށީންއިރު ޝަބާއަށް ޝަރަފާއި ދިމާލަށް ބަލަން ހުރެވުނެވެ.
ޝަރަފް ގޮސް އޭނައާއި އަފާފް އެކީގައި ޙިއްޞާކުރި ކޮޓަރިއަށް ވަދެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ހުޅުވިއެވެ. އެއަށްފަހު އަލަމާރީގެ ކައިރީގައި ހުރި ހެދުން ފޮށި ނަގައި އޭތި ބިންމައްޗަށް ޖަހައި އޭގެ ޒިބު ކަހައި ހުޅުވާލިއެވެ. އަދި އަލަމާރީގައި ހުރި އޭނަގެ ހުރިހާ އެއްޗެއްވިއްޔާ ނަގައި ދަބަސް ތެރެއަށް އަޅަން ފެށިއެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައިވީ އޭނަގެ ޙާލަތު ގޯސްވެ އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ދިޔުމުގެ ކުރިން އެކަން ނިންމަން އުޅޭ ފަދަ ގޮތަކަށެވެ. އެ އަވަސް ޙަރަކާތްތަކެއްގައި އޭނަ އަލަމާރީގެ މަތީ ބައިގައި ހުރި ފަޓުލޫނުތައް ނަގަން އުޅެނިކޮށް އޭނަ ނެގި އެއްޗެއްސާއި އެކީގައި ބިންމައްޗަށް ފޮޓޯ އަލްބަމެއް ވެއްޓުނެވެ. ޝަރަފް އެއާއި ދިމާލަށް ބަލާލިއިރު އެ އަލްބަމް އޮތީ ހުޅުވިފައެވެ. އޭގެ ތެރޭގައި ހަރު ކުރެވިފައިވި ފޮޓޯތައް ފެނިފައި ޝަރަފްގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަ ލަސްލަހުން ތިރިވެލަމުން އެ އަލްބަމް ނަގައި ބަލާލިއެވެ. އޭގައި ހުރީ އޭނައާއި އަފާފް ކައިވެނި ކުރި ރޭ އެ ހޮޓެލްގެ ތެރެއިން ނެގިފައިވި ފޮޓޯތަކެވެ. ފެންނަމުން ދިޔަ ހުރިހާ ފޮޓޯތަކެއްގައިވެސް ޝަރަފް ފުރިހަމަ ހިނިތުންވުންތަކެއްގައި ހުރިއިރު އަފާފްގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުރަކި ހިނިތުންވުންތަކާއި ޖެހިލުންކަމެވެ. އަފާފްގެ އެ ޖެހިލުންކަން ފިލުވުމަށްޓަކައި އޭނަ ކުރި މަސައްކަތަށްފަހު އަފާފްގެ މޫނުމަތިން ފެންނަން ފެށި އުޖާލާކަމާއި، ދެމީހުން އެކީގައި ޙިއްޞާކުރި ހީލުންތަކާއި، އެއަށްފަހު ދެމީހުން އެކީގައި ގެއަށް ގޮސް ގާތްވިގޮތް ހަނދާންވެގެން ދިޔަދިޔަހެން ޝަރަފްގެ ލޯ ކަރުނުން ފުސްވިއެވެ. އިސާހިތަކު ޝަރަފް އެ އަލްބަމް ލައްޕާލަމުން އޭތި މެއާއި ލައި ބޮނޑިކުރީ ދުވަހަކުވެސް އެ ހަނދާންތަކުން ދުރުވާން ބޭނުންނުވާ ފަދައަކުންނެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އެ ހަނދާންތަކުން ދުރުވެގެން ނޫނީ އޭނައަށް ހިތްހަމަޖެހުމެއް ނުލިބޭނެކަން އެނގުންވި ވަގުތު ޝަރަފަށް ގިސްލެވެން ފެށިއެވެ. އޭނަ އެތައް އުއްމީދުތަކާއެކީ ފެށި ދިރިއުޅުމުން ވަކިވެދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އޭނަގެ އެތައް ވަގުތަކާއި އޭނަގެ ހިތުން އެހާ ބޮޑު ޖާގައެއް ދެވުނު ފަރާތެއްގެ މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން ޝަރަފްގެ އެ ހިތުގައި އުފެދިފައިވި ޒަޚަމްތައް ފުންވުން ނޫންކަމެއް ނުވިއެވެ. އެހެނަސް އޭނަ މާ ގިނައިރެއްނުކޮށް އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި އެ އަލްބަމަށް ބަލަން ހުރެފައި އޭތިވެސް ފޮށްޓައްލީ އޭނަ އެ އަލްބަމް ހެދީ ކީއްވެކަން ހަނދާންވުމުންނެވެ. އޭނަ އެ ފޮޓޯތައް ރައްކާކޮށްފައިވީ އަފާފްގެ ލޮލުގެ ފެނުން އަނބުރާ އައި ދުވަހަކުން އެ ހަނދާންތައް އަފާފާއެކީ އާ ކުރުމުގެ ނިޔަތުގައެވެ. އެހެނަސް ދާދި ދެންމެ އަފާފް ބުނެލި ބަސްތަކުން އަފާފް އެގޮތް ބޭނުންނުވާކަން ޔަޤީންވުމުން ޝަރަފް އެ އަލްބަމް އެޅުނު ފޮށި ލައްޕައި ޒިބު އަޅުވާލިއެވެ.
**
ސިޓިންގް ރޫމުގައި އިން އަފާފްގެ ގިސްލުން ހުއްޓުމަކަށް އައީ ޝަރަފް ސިޓިންގް ރޫމުގެ ތެރެއިން އޭނަގެ ފޮށި ދަމަމުން އައި އަޑަށެވެ. ހާސްވެގެން ދިޔަ ހިތަކާއެކީ އަފާފަށް އަޑު އަންނަމުން ދިޔަ ދިމާލަށް ބެލުނެވެ. ޝަރަފް ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ އެ ބަސްތައް އަޑުއަހައި އޭނަ ދޫކޮށްދަނީތޯ ހިތަށްއެރިއެވެ. އޭނައަށް ބެލުމެއްވެސް ގަދަކަމުން އޭނައަށް ފަސްދީފައި ދަމުން ދިޔަ ޝަރަފްގެ ހިތަށްވެސް ވެރިވަމުން ދިޔައީ އެފަދަ ސުވާލުތަކެވެ. ދެމީހުން އަނެއްކާވެސް ގުޅިގެންދާނެ ކަމަށް ހިނދުކޮޅަކަށް ނަމަވެސް އެ ދެމީހުންގެ ހިތް ބުންޏެވެ. އެހެނަސް……
“ވަރިވުމަށްޓަކައި ކޯޓަށް ހާޒިރުވާންވީ ދުވަސް ވަރަށް އަވަހަށް އެނގިގެންދާނެ.” ހުސެއިން ހުރިތާހުރެ މަޑުމައިތިރި އަޑަކުން އެންގި ވާހަކައިން ޝަރަފްގެ ފިޔަވަޅުތައް މަޑުޖެހުނު ވަގުތު އަފާފަށް ލިބުނު ސިހުމާއެކީ އޭނައަށް ބައްޕަ ހުރި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. އޭނަ ވަގުތުން ނޫނެކޭ ކިޔައި ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު ޝަރަފަށް ވެސް އަފާފް އެފަދަ އެއްޗެކޭ ބުނާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. އެހެނަސް މިއަދު ދެމީހުންގެ ގުޅުމަށް ބާރު އަޅާނެ އެއްވެސް މަގެއް ނެތްކަން އެނގުންވުމުން ދެމީހުންނަށް ވެސް ހިމޭންކަން ޚިޔާރު ކުރެވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ޖަވާބުގެ އިންތިޒާރުގައި އިރުކޮޅެއް ވަންދެން ތިބެވުނެވެ. އެންމެފަހުން އަފާފް އެއްޗެކޭ ނުބުނާނެކަން ޔަޤީންވުމުން ޝަރަފް ކުރިއަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަކުގެ އަޑު އިވުނު އަފާފަށް ތެޅިގަތް ހިތަކާއެކީ އެދިމާލަށް ބެލުނެވެ. އެހެނަސް ޝަރަފް މަޑު ކުރުމެއްނެތި އެގެއިން ނިކުމެގެން ދިޔައެވެ. މަންޒަރު ބަލަން ހުރި ޝަބާއަށް އެއްފަހަރު އަފާފަށް، އަނެއްފަހަރު ޝަރަފަށް ބެލެމުން ދިޔައެވެ. މި ވަނީ ވަރަށް ބޮޑު ގޯހެއްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އަމިއްލަ އެދުން ބޮޑު، ބޭވަފާތެރިއެއްގެ ފަރާތުން ފެންނާނެ ސިފަތައް އޭނައަށް ޝަރަފްގެ ފަރާތުން ފާހަގަ ނުކުރެވުނީ ކީއްވެކަމެއް އޭނައަށް ޔަޤީނެއް ނުވިއެވެ. އަމިއްލަ ވިސްނުމެއްގެ ތެރޭގައި ހުރެ ޝަބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަ އިތުރަށް މަޑު ކުރުމެއްނެތި ޝަރަފްގެ ފަހަތުން ދިޔައެވެ. ޝަބާއަށް ނިކުމެވުނުއިރު ޝަރަފް ޓެކްސީއަކަށް އަރައިގެން ދުއްވާލިއެވެ. ޝަބާ އެކަމާމެދު ނުރުހުންވިއެއްކަމަކު ޝަރަފްގެ އެ ހިމޭންކަމާމެދު އޭނައަށް ދެންވެސް ވިސްނުނެވެ.
ޝަރަފް އޭނަގެ ފޮށްޓާއެކީ ގެއަށް ވަތްތަން އެންމެ ފުރަތަމަ ފެނުނީ ބޮޑު ކޮޓަރީގައި އިން ޢައްބާސްއަށެވެ. ޝަރަފްގެ މޫނުމަތިން ފެނުނު ކުލަވަރުން ޢައްބާސް ވަގުތުން ކަންބޮޑުވުމަކާއެކީ ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝަރަފް ޖަވާބު ދޭން ބޭނުންވިއެއްކަމަކު އެކަމަށްޓަކައި ކުޑަވެސް ހިތްވަރެއް ނުލިބުމުން އޭނަ އިސްޖަހާލަމުން ގޮސް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އޭނަ އައިތާ މާ ގިނައިރެއްނުވެ ޝަބާ ވެސް ގެއަށްވަނެވެ. ޝަބާ ވަގުތުން ގޮސް ޝަރަފާއި އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އެއަށްވުރެ ކުރިން ބައްޕަގެ ސުވާލުތައް އޭނައަށް އަމާޒުވުމުން ޝަބާއަށް އެކަން ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ.
ޝަބާއަށް އެފަހުން ވެސް ޝަރަފާއި ވާހަކަ ދެއްކުމުގެ ފުރުޞަތެއް ނުލިބުނީ ޝަރަފްގެ މުޅި އެ ދުވަސް ކޮޓަރި ތެރޭގައި ވޭތުވެގެން ދިޔައީތީވެއެވެ. އެކަނިމާއެކަނި އެ ހަތަރުފާރުގެ ތެރޭގައި ވަގުތުތައް ފާއިތުވަމުން ދިޔަދިޔަހެން އޭނަގެ ސިކުނޑި ވިހަގަދަ ޚިޔާލުތަކުން ފުރެން ފެށިއެވެ. މޭތެރޭގައި އުފެދިފައިވި ރިހުމަށް ކެތްނުކުރެވޭނެހެން ހީވި ވަގުތު އޭނައަށް މި ޙާލަތް ދިމާވާންވީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނައަށް ގޯސްކޮށް ކުރެވުނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އޭނައަށް ނުވެސް އެނގި އޭނައަށް ކުރެވުނު ފާފައެއްގެ ޢަޒާބު ﷲ އޭނައަށް ދެއްވަނީ ހެއްޔެވެ؟ އެހެނަސް އެއީ ހާދަ ނާއިންސާފު ގޮތެކެވެ. ހަމަ އެއާއެކު އޭނައަށް މި ޙާލަތް ކުރިމަތިވީ ވެސް އޭނަ ﷲ އަށްޓަކައި ފެށި ކަމެއްގެ ސަބަބުންކަން އޭނައަށް އެނގުންވިއެވެ. އޭނަ އެ ރިސޯޓެއް އަޅަން ނުފެށި ނަމަ ނުލަފާ ބަޔަކު އޭނައާއި ދެކޮޅަށް ރޭވުންތައް ނުރޭވީހެވެ. އަދި އަފާފަކީ ވެސް މީހުންނަށް ހެޔޮ ނަޞޭޙަތެއްދޭން މަސައްކަތް ކުރާ ކުއްޖަކަށް ނުވިނަމަ އެދެމީހުންގެ ޙަޔާތަށް ގޮންޖެހުންތަކެއް ކުރިމަތި ނުވީހޭ ހިތަށްއެރިއެވެ. އެހެނަސް މިއަދު އެދެމީހުން ކުރަން މަސައްކަތް ކުރި ހެޔޮ ކަންތައްތަކެއްގެ ސަބަބުން ދެމީހުންނަށް ވެސް ޖެހިފައި މިވަނީ ހިތްދަތި ޙާލެކެވެ. ކީއްވެ ހެއްޔެވެ؟
އެ ސުވާލާއިމެދު ވިސްނަމުން ދިޔަދިޔަހެން ޝަރަފްގެ ވިސްނުން އިހު ހުރި ގޮތަށް ބަދަލުވާން އުޅުނެވެ. އޭނަގެ ޙަޔާތުގައި ދެން އެއްވެސް ކަމެއް ރަނގަޅު ނުވާނެކަމަށް ހިތް ބުނިތަނާހެން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވެން އުޅުނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް އެންގެވިފައި އޮތް އާޔަތް ހަނދާންވިޔަސް އޭނަ އެވަގުތު އެއްގޮތަކަށް ވެސް ﷲ އާއިމެދު ހެޔޮކޮށް ވިސްނަން ބޭނުމެއް ނުވިއެވެ. ހެޔޮކޮށް ވިސްނޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އޭނަ މި ހުރިހާ ދުވަހު ކުރި ހެޔޮ ކަންތައްތަކެއްގެ ބަދަލުގައި އޭނައަށް މި ފެންނަނީ މިފަދަ ދުވަހެކެވެ. އޭނަގެ ޙަޔާތަށް މިފަދަ އަނދިރިކަމެއް ވެރިވެފައިވާނީ އެކަލާނގެ ކޯފާ އޭނައަށް އަމާޒުވެފައިވާތީވެކަމަށް އޭނައަށް ނިންމުނެވެ. ހަމަ އެ ހިނދު އެކަމާމެދު އަޅާނުލައި އަނެއްކާވެސް ނުބައި މަގުން ހިނގައިގަތުމަށް ޝައިޠާނާ ވަސްވާސްދޭން ފެށިއެވެ.
އާހިލް އެ ޗުއްޓީ ދުވަހު ޓިއުޝަންގައި ހުރެފައި ގެއަށް އައީ މެންދުރު ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތެވެ. އާދައިގެ މަތިން އޭނަ ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ކާމޭޒު ދޮށުގައި އިން ޝަބާ ވާހަކަ ދެއްކިއެވެ.
“އާހިލް މިއަދު ބައްޕަ ކޮޓަރިއަށް ގޮސް ފެންވަރާ.” ކަންވެފައި އޮތް ގޮތާއިމެދު ބޮލުގަ ރިއްސައިގެން އިނދެ ޝަބާ ބުންޏެވެ.
“އެއީ ކީއްވެ؟” އާހިލްއަށް އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.
“ދޮންބެ އެބަހުރި އެކޮޓަރީގަ. އިތުރު ސުވާލުތަކެއް ނުކުރާތި!” ޝަބާ އާހިލްއާ އެ ވާހަކަ ޙިއްޞާކުރަން ބޭނުމެއްނުވިއެވެ. އެހެނަސް ޝަބާއަށް ނޭނގުނު ކަމަކީ އާހިލްއަށް ގެއަށް އައި މަގުމަތީގައި ތުންތުންމަތިން އެފަދަ ވާހަކައެއް އިވުނު ކަމެވެ. އަދި ދޮންބެ ގޭގައި ހުރުމާއި އެ ވާހަކަ އޭނަ ނުހަނު ފަސޭހައިން ގުޅުވާލި ކަމެވެ.
“ދޮންބެއާއި އަފޫ ދައްތި ޑިވޯސް…..” އާހިލްއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން ޝަބާ އާހިލްގެ ނަމުން ގޮވަމުން މޭޒުމަތީގައި އެއްއަތުން ޖަހައި ކޮޅަށް ތެދުވިއެވެ.
“އާހިލްއާ ނުގުޅޭ ކަންކަމުގެ ވާހަކަ އާހިލް ނުދެއްކިއްޔާ ރަނގަޅުވާނީ! ހަނދާން ހުންނާނެ؟” ޝަބާ އައި ރުޅީގައި ހަރުކަށި ގޮތަކަށް ވާހަކަ ދެއްކީ، މި ވޭތުވެ ދިޔަ ދުވަސްތަކުގައި އާހިލްއަށް އައިސްފައިވި ބަދަލުތައް އޭނައަށް ފާހަގަ ކުރެވިފައި ނުވާތީވެއެވެ. އާހިލްއަކީ މިއަދު 5 ވަގުތު 5 ނަމާދު އަދާކުރާ ކުއްޖެކެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން އުނގެނި، ޤުރުއާން ހިތުދަސްކުރާ ކުއްޖެކެވެ. ދުވަހުގެ ވަގުތުގެ ބޮޑުބައެއް އޭނައަށް ޤުރުއާނަށް ދެވެނީ އެ ފޮތަށްޓަކައި ހިތުގައި ޖެހިފައިވި ލޯތްބެއްގެ ސަބަބުންނެވެ. އެ ލޯބި އޭނަގެ ހިތުތެރޭގައި ޖެހުނީ އޭނަގެ ޙަޔާތަށް ވަރަށް ބޮޑު އަޑިގަނޑެއް އައި ދުވަސްވަރެއްގައެވެ. މީގެ މަސްތަކެއްކުރިން ދޮންބެގެ އެހީގައި އޭނަ ދުވަސްކޮޅަކަށް މާއިޝްގެ އަތް ދަށުން ސަލާމަތް ވެވުނެއްކަމަކު ދުވަސްކޮޅަކުން އެއަށްވުރެ ގިނަ ކުދިންގެ އަނިޔާތަކާއި މަލާމާތްތަކާ އޭނަ ކުރިމަތިލާން ޖެހުނެވެ. އެ ދުވަސްވަރު އޭނަ އެއްވެސް މީހަކާ އެ ވާހަކަތައް ޙިއްޞާ ކުރަން ބޭނުމެއްނުވީ އެކުދިން ބުނާހެން އޭނަ ‘ކަޓު’ މީހަކަށް ވެދާނެތީވެއެވެ. އެހެންކަމުން އޭނަ އެދުވަސްކޮޅު އުޅެމުން ދިޔައީ ނުވާ މޮޅެއްގައި މޮޅުވެގެންނެވެ. ޚުދު އޭނައަށް އަނިޔާ ދެމުން ދިޔަ މީހުންނާއި އެއްގޮތަށް ޔުނިފޯމް އަޅައި އެމީހުން ހިނގާ ގޮތަށް ހިނގަން ފެށީ ވަކި އެގޮތަށް އުޅެން ފަސޭހަވެގެންނެއްނޫނެވެ. އެހެނަސް އެހެން އުޅުމުން އެމީހުންގެ މަލާމާތްތަކުން ކޮންމެވެސް އެއްދުވަހަކުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. ކޮންމެ ދުވަހެއް ނިމިދާން ފެށީ އާހިލްގެ އެ އުއްމީދު ފުނޑުފުނޑުވަމުންނެވެ. ހެވާއި ނުބައިގެ ތަފާތު ނޭނގޭ އަނދިރިގަނޑެއްގައި ވަނިކޮށް އޭނައަށް އަލިމަގެއްގެ ހިލަމެއް ވެގެން ދިޔައީ އެއްދުވަހު މަންމަ ބުނެގެން ވަރަށް ގިނައިރު ވަންދެން ޤުރުއާން އަޑު އެހުމުންނެވެ. އެ އާޔަތްތަކުގެ މާނަ ނޭނގުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެދުވަހު އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭގެ އަނެއްދުވަހު ވެސް އޭނަގެ ހިތް ދެރަވެފައިވި ވަގުތެއްގައި އޭނަ ޤުރުއާން އަޑުއެހުމުން ވެގެން ދިޔައީ އެކަހަލަ ގޮތެކެވެ. އެންމެ ފަހުން ޤުރުއާން އަޑުއެހުން އޭނަގެ އާދައަކަށްވެގެން ދިޔައެވެ. އޭގެ މާގިނަ ދުވަހެއްނުވެ ޤުރުއާނުގެ އާޔަތްތަކުގެ މާނަތަކާމެދު އިތުރަށް އުނގެނެން ބޭނުންވުމުން އޭނަ އެކި މިސްކިތްތަކުގައި ދޭ ތަފްސީރު ދަރުސްތަކަށް ވެސް ދާންފެށިއެވެ. އެ އިވެމުން ދިޔަ ދަރުސްތަކެއްގެ ސަބަބުން އޭނަ ވަށައިގެންވި މީހުންނާއިމެދު ވިސްނާ ގޮތާއި އެމީހުންނާއި މެދު ކަންތައް ކުރާ ގޮތްވެސް ތަފާތުވިއެވެ. މިގޮތުން އޭނައަށް އަނިޔާ ކުރާ ކުދިންނަކީ ވެސް ކޮންމެވެސް ހާސްކަމެއްގައި ވާ ބައެއްގެ ގޮތުގައި ފެނުނެވެ. އަދި އެމީހުން ކުރާ ކަންތައްތަކެއްގެ ބަދަލު ހިފުމުގެ ބަދަލުގައި އާހިލް އެމީހުންނަށް ވެސް ވީހާވެސް ހެޔޮކޮށް ހިތަން ފެށިއެވެ. މިގޮތަށް ކަންތައް ކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އާހިލްގެ މުޅި ޙަޔާތް ބަދަލުވިއެވެ. އޭނައަކީ ޒިންމާދާރު، އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށްވިއެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުން އޭނަގެ ހިތުތެރޭގައި އަބަދުވެސް ނުފިލާ ހަމަޖެހުމެއްވެއެވެ. ޤުރުއާނާއެކީ ވަގުތު ހޭދަކުރާ ކޮންމެ ފަހަރަކު އެ ހަމަޖެހުން އިތުރުވުން ނޫންކަމެއް ނުވެއެވެ.
އާހިލް އޭނަގެ އަމިއްލަ ތަޖުރިބާގެ މަތިން ވިސްނާލުމަށްފަހު ދޮންބެއާއި މެދު ވިސްނިއެވެ. ދޮންބެއާއި އަފޫ ދައްތި ވަކިވީ ވާހަކަ ސަބަބާއެކީ އޭނައަށް މަގުމަތިން އިވިފައިވަނީ ދޮންބެގެ ނަން ވެއްޔާއި މޮޑެވިދާ ފަދައަކުންނެވެ. މިފަދަ ޙާލަތެއްގައި ދޮންބެ ކިހާ ހިތާމައެއް ކުރާނެކަން އޭނައަށް ތަޞައްވުރު ކުރެވުނެވެ. ދޮންބެ ކޮޓަރިތެރޭގައި އެ ގޮތަށް ހުންނާނީވެސް އެހެންވެތާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު ދޮންބެއަށްޓަކައި ކުރެވިދާނެކަމެއް އާހިލްގެ ޚިޔާލަށްއައެވެ. އޭނަ ވަގުތުން ގޮސް ޓީވީގެ ރެކް ހުޅުވާލުމަށްފަހު ސީޑީއެއް ނަގައި ޑީވީޑީ ޕްލޭޔަރަށް ލައްވާލިއެވެ. އާހިލްއަށް އޭރުވެސް އިތުބާރު ނުކުރެވޭ ޝަބާ ތި ކީއްކުރަނީތޯ ކިޔައި ކުދި ކިޔަމުން ދިޔައެވެ. މާ ގިނައިރެއްނުވެ ބިސްމީގެ އަޑު އިވެން ފެށުމުން ޝަބާގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ޙައިރާންކަމާއެކީ އޭނަގެ ދަރިފުޅަށް ބަލަން ހުރެވުނެވެ. ޔޫސުފް ސޫރަތް ފެށިގެން ދިޔަދިޔަހެން އާހިލް ލަސްލަހުން ފަސްއެނބުރި އޭނަގެ މަންމައަށް ބަލާލިއެވެ. މަންމަ ދެންވެސް އަޖާއިބުވެފައި އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާހިލް ހިނިތުންވުމަކާއެކީ އެތާ ފާރުގައި މާނައާއެކީ ހަރުކުރެވިފައިވި އާޔަތަށް ޢިޝާރާތް ކުރިއެވެ. އެއީ ހަނދާންކޮށްދިނުމެއްގެ ގޮތުން ޚުދު އާހިލް އަމިއްލައަށް އެދުވަހު ލިޔެ، ހަރުކޮށްފައިވާ ގަނޑެކެވެ. އޭގައި ލިޔެވިފައިވަނީ ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިން ކަމަށެވެ. އެ މާނަ ފެނިފައި ޝަބާއަށް އާހިލްއާއި ދިމާލަށް ބަލާލެވުނު ވަގުތު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެފައިވިއެވެ. ދޮންބެއަށް އެހީވުމަށްޓަކައި އާހިލް އެ ޚިޔާރު ކުރިގޮތުން ޝަބާގެ ހިތް ލޯބިން ފުރިގެން އައެވެ. ހަމަ އެހިނދު ޝައްކެއްވެސް ނެތް ގޮތުގައި ﷲ އަކީ ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެކަން އެނގުންވުމުން ޝަބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އޭނައަށް ދިގު ފިޔަވަޅުތަކެއްގައި ގޮސް އާހިލްގެ ގައިގައި ބައްދާލެވުނީ އާހިލްއަށްޓަކައި ހެޔޮ ދުޢާ ކުރާ ޙާލުގައެވެ. އާހިލްއަށް ހެޔޮގޮތް ދެއްކެވި ކަމަށްޓަކައި ޙަމްދު ކުރެވުނު ވަގުތު އޭނަގެ ކޮއްކޮއަށް ވެސް މިފަދަ ދަނޑިވަޅެއްގައި ހިދާޔަތް އިތުރު ކޮށްދެއްވުމަށް އެދި ޝަބާއަށް ދުޢާ ކުރެވުނެވެ.
ޝަބާއަށް ނޭނގުނެއްކަމަކު އޭނަގެ އެ ދުޢާ އިޖާބަވާން މާ ގިނައިރެއްނުނެގިއެވެ. ބޭރުން ބިސްމީގެ އަޑު އިވެން ފެށުމުން ކޮޓަރީގެ ބިންމަތީގައި އިށީނދެގެން އިން ޝަރަފްގެ ގާތަށް ފުރަތަމަ އައީ ރުޅިއެކެވެ. އެއީ އެވަގުތު އޭނަގެ ސިކުނޑި ތެރޭގައި ހިނގަމުން ދިޔަ ނޭދެވޭ ޚިޔާލުތަކެއްގެ ސަބަބުންނެވެ. ފެށިގެން ދިޔައީ ޔޫސުފް ސޫރަތްކަން އެނގުންވުމުން އޭނަ އިތުރަށް ފޫހިވާ ގޮތްވިއެވެ. އެއީ ދިގު ސޫރަތަކަށްވެފައި އެ ސޫރަތުގައި ދެކެވިފައިވަނީ ކިހާ ހިތާމަވެރި ވާހަކައެއްގެ ވާހަކަކަން އެނގުންވުމުންނެވެ. ސޫރަތް ފެށުނު ފުރަތަމަ ސިކުންތުގައި ވެސް އޭތި އަޑު ނާހަން ޝަރަފް ނިންމިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ސޫރަތުން ދެކެވެމުން ދިޔަ ވާހަކަތަކަށް އޭނައަށް ސަމާލުކަން ދެވުނެވެ. އިރުކޮޅެއްގެ ތެރޭގައި އޭނައަށް ހީވީ އޭނައަށް ޔޫސުފް ޢަލައިހިއްސަލާމްގެ އެ ވާހަކައިގެ ތެރޭގައި އުޅެވެމުން ދިޔައީ ހެންނެވެ. ޔޫސުފް ޢަލައިހިއްސަލާމްއާއި މެދު އެހާ ގޯސްކޮށް ކަންތައްވެފައި ވަނިކޮށް ވެސް، އެކަލޭގެފާނު ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން އެ ދުޢާ އިޖާބަވެ، އެކަލޭގެފާނު ނުބައި ރޭވުމަކުން ސަލާމަތްވި ގޮތުގެ ވާހަކަ އިވިގެން ދިޔަ ހިނދު ޝަރަފަށް ހީވީ އެ ވާހަކަތައް އަމާޒުވަމުން ދިޔައީ ޚުދު އޭނައަށް ހެންނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވި، ކުޑަ ގޮޅިއެއްގައި ހުންނަވަން ޖެހިވަޑައިގަތް އިރުވެސް އެކަލޭގެފާނު ﷲ ގެ ދީނަށް ގޮވައިލައްވަން ލިބިވަޑައިގަތް ފުރުޞަތުގެ ބޭނުން ހިފައި ޖަލުގެ ދެ އެކުވެރިންނަށް ނަޞޭޙަތް ދެއްވި ގޮތުގެ ވާހަކަ އިވެމުން ދިޔަދިޔަހެން ޝަރަފްގެ ހިތް މަޑުވަމުން ދިޔައެވެ. އެ ވާހަކައިގައި އެތައް އަހަރެއް ފަހުން ވިޔަސް އުއްމީދު ވެސް ނުކުރާ ފަދަ ގޮތަކަށް ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅު ބަދަލުވާން ފެށި ގޮތުން ޝަރަފްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ޝަރަފްގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ ވާހަކަ ނިމެން ގާތްވެފައިވަނިކޮށް ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ދޫފުޅުން އިވުނު ވާހަކަތަކުންނެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ނުފެނި އެތައް އަހަރެއްވެފައި ވީއިރު ވެސް އެކަލޭގެފާނު ﷲ ގެ ރަޙްމަތުން އުއްމީދު ނުކެނޑުމަށް ވިދާޅުވި ގޮތުންނެވެ. އަދި ކާފިރުވާ ބަޔަކު ނޫނީ އެކަލާނގެ ރަޙްމަތުން އުއްމީދު ނުކަނޑާނެކަމަށް އިވުނު ވާހަކައިން ޝަރަފްގެ ލޮލުން ކަރުނަ ހިލި، އޭނައަށް ގިސްލެވެން ފެށިއެވެ. ހަމަ ޙަޤީޤަތުގައި ވެސް ދާދި ދެންމެއަކު އޭނަ ދީނާއި އެހާ ދުރުވާން އުޅުނީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވުމުންކަން އޭނައަށް އެވަގުތު އެނގުންވިއެވެ. އެފަދަ މީހަކަށް ނުވުމަށްޓަކައި ޝަރަފް ސިކުންތުކޮޅެއް ވެސް ބޭކާރު ކޮށްލުމެއްނެތި އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވިއެވެ. އަދި ވުޟޫ ކުރުމަށްފަހު މެންދުރު ނަމާދު ކުރުމަށްޓަކައި ޤިބްލައަށް ކުރިމަތިލީ ދާދި ދެންމެއަކު އޭނައަށް ދެން ދުވަހަކުވެސް ނުލިބޭނެހެން ހީވި ހިތުގެ ހަމަޖެހުމާއެކީގައެވެ. ނަމާދުގައި ވެސް ޔަޢުޤޫބް ޢަލައިހިއްސަލާމްގެ އެ ބަސްފުޅު އޮތް އާޔަތް ހިމަނައި ޝަރަފް ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކީ އެ ބަސްތައް ތަކުރާރު ކުރަމުން ދިޔައީ އޭނަ އެ ބަސްތައް ހަނދާންނުނެތޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
އެ ނަމާދުވެގެން ދިޔައީ އެތައް ދުވަހެއްފަހުން ޝަރަފް ކުރި ނަމާދުތަކެއްގެ ތެރެއިން އޭނައަށް އުއްމީދުން ފުރިގެންވި ކަރުނަތަކުން އޭނައަށް ރޮވުނު ނަމާދަކަށެވެ. އެ ނަމާދުން ސަލާމް ދިން ވަގުތު އޭނައަށް ދިމާވެފައިވި މުޞީބާތް އޭނައަށް ފެންނަމުން ދިޔައީ ކުޑަކަމެއްގެ ގޮތުގައެވެ. އެއްވެސް މުޞީބާތަކީ ﷲ ގެ އިރާދަފުޅުން ނުފިއްލަވާނެ މުޞީބާތެއް ނޫންކަން އޭނައަށް ޔަޤީންވެފައިވީތީވެއެވެ. ހަމަ އެއާއެކު ޚުދު އެ މުޞީބާތަށްޓަކައި ވެސް އޭނައަށް ޙަމްދު ކުރެވުނެވެ. އޭގެ ތެރެއިން އޭނަގެ ހިތުގެ އީމާންތެރިކަން ވަރުގަދަވިކަން އޭނައަށް އިޙްޞާޞް ކުރެވުމުންނެވެ. އޭނަ އެވަގުތު ކަންބޮޑުވީ އެންމެ ކަމަކާއި މެދުގައެވެ. އާޔަތެއް މެދުވެރިވެގެން އޭނަގެ އިޙްޞާޞްތަކަށް މިފަދަ ބަދަލެއް އަޔަސް އަފާފަށް މިފަދަ ހަމަޖެހުމެއް ލިބިފައިވެދާނެ ކަމާމެދު ޝައްކު ކުރެވުނީތީވެއެވެ.
ޝަރަފަށް ހީވެފައި އޮތީ ރަނގަޅަށެވެ. އާޔަތެއްގެ ސަބަބުން އޭނައަށް ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހުމެއް ލިބުނަސް އަފާފްގެ އިޙްޞާޞްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިންކަމަށް ބުނެ މުޅި ދުވަހު އޭނަގެ ހިތް އޭނައަށް ހަނދާން ކޮށްދިނެއްކަމަކު އޭނައަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. މި ހުރިހާ ދުވަހު އޭނައަށް ލޯބިދިން ފިރިމީހާ އޭނައަށް ބޭވަފާތެރިވުމުގެ ސަބަބުން އޭނައާއި މުޅި ޢުމުރަށް ވަކިވާން ޖެހޭނެ ކަމުގެ ޚިޔާލާއެކީ ޤުރުއާން އަޑުއެހިޔަސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަމަށް އަފާފަށް ނިންމިފައި އޮތް ފަދައެވެ. ވަކިން ޚާއްޞަކޮށް މަންމައާއި ބައްޕަ މިހާރުއްސުރެ ދައްކަން ފެށި ވާހަކަތަކެއްގެ ސަބަބުން ދެން ހުރިހާ ކަމެއްވާނީ ގޯހުން ގޯހަށްހެން އަފާފަށް ހީވާން ފެށިއެވެ.
“މާދަމާ ހެނދުނު އަފާފާއި އޭނަގެ ވަރި ސާބިތުކުރުން އޮތީ. މި ޚަބަރު ލިބިފަވެސް މިހާރުއްސުރެ އަފާފާއި އިންނާނެ މީހުންގެ ކިއުއެއް ހެދިއްޖެ.” ހުސެއިން އެރޭ ކާމޭޒުދޮށުގައި އިނދެ އެވާހަކަ ބުނެލީ މާ ބޮޑު ކަމެއް ނުވާ ފަދައަކުން ހެވިފައި ހުރެއެވެ. އޭނައާއި ޝާދިޔާއަށް ވެސް ނޭނގުނު ކަމަކީ އެ ވާހަކައިން އަފާފްގެ މޭނުބައި ކުރިކަމެވެ. އޭނަ އެހާ ރަނގަޅު ކަމަށް ހީކުރި ފިރިއަކު އޭނައަށް ބޭވަފާތެރިވެފައިވި ވާހަކަ އަދި އޭނައަށް ހަޖަމް ނުކުރެވިގެން އުޅެނިކޮށް އޭނަގެ ދެވަނަ ކައިވެންޏެއްގެ ވާހަކަ އިވުމުންނެވެ.
“ޢިއްދަ ހަމަވާއިރަށް އަފާފް އިންނާނެ މީހަކު ހަމަޖައްސާފަ ބަހައްޓާ ހުސެއިން. އެ ކައިވެނީގަ އަފާފަށް ދަރިއަކު ނުލިބި ހުރިކަން އެއީ އަހަރުމެންގެ ނަސީބު.” ޝާދިޔާ އެހެން ބުނެލުމާއެކުހެން އަފާފް އޯކަތް ދަމަން ފެށިއެވެ.
ނުނިމޭ