Noor (Part 57)
ސިކުންތުކޮޅެއްގެ ތެރޭގައި އެ ބެންޑޭޖް އަފާފްގެ ލޯމަތިން ނެގުނެވެ. އަފާފް ލަސްލަހުން އޭނަގެ ލޯ ހުޅުވައި ބަލާލިއެވެ. އެއާއެކު އޭނަގެ އަނގައިން ނިކުތް ކުރު ނޭވައެއްގެ އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއެކީ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ ލޯ ކުރިމަތިން ނުހަނު ސާފުކޮށް އެ ކޮޓަރީގެ ވަށައިގެން ފެންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ދުލުން ނިކުތީ ޙަމްދުގެ ބަސްތަކެވެ. އެ ހިނދު ހިތަށް ލިބުނު އިންތިހާ ދަރަޖައިގެ އުފަލާއެކީ އަފާފަށް އެއްފަހަރު އޭނަގެ ވާތްފަރާތުގައި ހުރި ޑޮކްޓަރާއި ނަރުހަށް ބެލުމަށްފަހު އަނެއްފަރާތުގައި ތިބި އޭނަގެ މަންމައާއި ބައްޕައަށް ބަލާލެވުނެވެ. އަފާފަށް ވަމުން ދިޔަ ގޮތް ފެނިފައި ޝާދިޔާއާއި ހުސެއިނަށް އެކަކު އަނެކަކަށް ބަލާލަމުން އެމީހުންގެ ދަރިފުޅަށް ބަލާލެވުނެވެ.
“އަފޫ އެބަ ފެނޭތަ؟” ހުސެއިނަށް އެހެން އަހާލެވުނީ ޑޮކްޓަރުވެސް އިނގިރޭސި ބަހުން އެހެން އަހާލި ވަގުތެވެ. އެ ހިނދު އަފާފަށް އަނެއްކާވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ހީލި ވަގުތު އޭނަގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ވެސް ފައިބައިގެން އައެވެ.
“އާނ ބައްޕާ. އެބަ ފެނޭ!” އަފާފް އޭނަގެ ކަރުނަތައް ފޮހެލަމުން އެތައް ދުވަހެއްފަހުން އޭނަގެ ފުރިހަމަ ހިނިތުންވުމާއެކީ ބުނެލިއެވެ. އަފާފް އެހެން ބުނި އަޑަށް ޝާދިޔާ ފިޔަވައި އެތާނގައި ތިބި އެންމެންގެ މޫނުމައްޗަށް ވެސް ވެރިވީ ހިނިތުންވުންތަކެވެ. ހުސެއިން ހަމަ އަސްލުވެސްތޯ އަހައި ސަމާސާއަކަށް އެކި ތަންތަނަށް ޢިޝާރާތްކޮށް އެހެރީ ކޯޗެއްތޯ އަހަން ފެށި ވަގުތު ޝާދިޔާގެ ޠަބީޢަތް ގޯސްވެގެން ދިޔައެވެ. އޭނަގެ ހުރި ހަމައެކަނި ދަރިފުޅަށް ލިބުނު އެހާ ބޮޑު ނަސީބެއްގެ ސަބަބުން އޭނަ އުފަލެއް ނުވުމުން ޚުދު ޝާދިޔާ ވެސް ޙައިރާންވާ ގޮތްވިއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ ކިބުރުވެރިކަމުގެ ސަބަބުން ޚުދު އޭނަގެ އަމިއްލަ އިޙްޞާޞްތައް ވެސް އޭނައަށް އޮޅިފައިވިކަމެވެ. މި ހުރިހާ ދުވަހުވެސް އޭނަގެ އަތުން ހެދުނުހާ ގޯހެއް ހެދުނީ އޭނަގެ ނަޒަރިއްޔާތު ކިހާ މޮޅުކަން އެހެން މީހުންނަށް ސާބިތުކޮށްދިނުމަށްޓަކައި ކަމެވެ. މިހާތަނަށް އައިއިރު އޭނައަށް ހެދުނު މަކަރުތައް ގިނަވެފައިވި ވަރުން ދެންވެސް ނުބައި ގޮތްތަކަށް އޭނައަށް ވިސްނެންފެށީ އޭނަގެ އަމިއްލަ ނަފްސު ސަލާމަތްކުރަން އެ ނަފްސު އޭނައަށް އެދުނީތީވެއެވެ. އޭނައަށް ގޯހެއް ހެދުނުކަން ޤަބޫލުކުރުމަކީ އޭނަގެ ކިބުރުވެރިކަމާއި އިދިކޮޅު ކަމެކެވެ. އެހެންކަމުން އޭނަ ކުރި ކަންތައް އަފާފަށް އެނގިދާނެތީ އޭނަ އިންތިހާއަށް ނުތަނަވަސްވިއެވެ. އަފާފަށް އޭނަ ފަޅާއަރާ ދުވަހަކުން އަފާފް އިންސާފުގެ ކުރިމައްޗަށް އޭނަ ގެންނާނެކަން ޝާދިޔާއަށް ޔަޤީންވިއެވެ. އޭނަ ބޭނުންވީ އޭގެ ކުރިން އޭނަ އެއްވެސް ކަމެއް ކުރިކަމުގެ ހުރިހާ ނިޝާނެއް ފިލުވާލާށެވެ. އޭނަ އެވަގުތުން ވަގުތަށް ވެސް ބޭރަށް ގޮސް އޭނަ މިހުރިހާ ދުވަހު ޝަރަފާއި ދެކޮޅަށް ރޭވުންތައް ރޭވުމުގައި އެކީގައި އުޅުނު ފައިހާއަށް ގުޅީ ފައިހާގެ ފަރާތުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް އެ އުއްމީދު ފުރިހަމައެއްނުވިއެވެ. ފައިހާ ގާތު އަފާފް ކައިރި އެއްވެސް އެއްޗެކޭ ނުބުނުމަށް ބުނުމުން ފައިހާ އެކަމާ އެއްބަސްވިއެއްކަމަކު ދެންވެސް ޝާދިޔާގެ ހިތުގައި ނުފިލާ ބިރުވެރިކަމެއްވިއެވެ. އެ ބިރުވެރިކަމާއި މާޔޫސްކަމުގެ ފަހަތުގައިވީ އޭނަ ﷲ ގެ ހަނދުމައިން ދުރުވެ އެކަލާނގެއަށް އުރެދުންކަން ޝާދިޔާއަށް އެއްގޮތަކަށް ވެސް ނުވިސްނެއެވެ. އެހެންކަމުން އޭނަ ދެންވެސް އަޅުކަންތަކާއި ދުރުގައި ދުވަސްތައް ހޭދަކުރަން ފެށީ އެ ނޭދެވޭ އިޙްޞާޞްތައް ހިތުތެރޭގައި ބައިތިއްބައިގެންނެވެ.
މަންމައަށްވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައިކަން އަފާފަށް އެރޭ ވެސް ނަގައިގަނެވުނެވެ. ޙަޤީޤަތުގައި މިއަދު އަފާފަށް މަންމަ ފެންނަމުން ދިޔައީ ވެސް ތަފާތު ނަޒަރިއްޔާތަކުންނެވެ. އޭނަގެ ލޯ އަނދިރިވުމުގެ ކުރިން އޭނައަށް ލޯބިދީ އަޅާލައި ހެދި މަންމަގެ ގޮތުގައި އެ މަންމައާއިމެދު ދެކެން އޭނަ ނުކުޅެދުނެވެ. އެއީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނު ފަހުން އެ މަންމަ ކަންތައް ކުރި ގޮތުންކަން އަފާފަށް އެނގުންވިއެވެ. ބައްޕައަށްވުރެ ވެސް ބޮޑަށް މަންމަ އެއްވެސް ކަމެއް ނުވަނީސްވެސް ޝަރަފާއިބެހޭ ގޮތުން ދެއްކި ވާހަކަތައް ހަނދާންވެފައި އަފާފަށް މަންމައާއި ހިނިތުންވާން ދަތިވިއެވެ. އެހެނަސް އަފާފް ގަދަކަމުން ވެސް އެ ގުޅުން ދަމަހައްޓަން މަސައްކަތް ކުރީ އެއީ އޭނަގެ މަންމައަށްވީތީވެއެވެ. ބައްޕަ ކައިރިންނާއި ޚުދު މަންމަ ކައިރިން ވެސް މަންމައަށް ކިހިނެއްވީތޯ އަހައި ވާހަކަ ދެއްކޭތޯ އަފާފް މަސައްކަތް ކުރިއެވެ. އެހެނަސް މަންމަގެ ފަރާތުން ޖަވާބެއް ލިބުން ވެގެން ދިޔައީ ނާދިރު ކަމަކަށެވެ.
އެރޭ 10 ޖަހަން ގާތްވެފައި ވަނިކޮށް މަންމަ ގެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އަފާފް މާޔޫސްވާގޮތްވިއެވެ. އެހެނީ އޭނަ ކުޑައިރުއްސުރެ މިހާތަނަށް އައިއިރު ވެސް އޭނަ ބަލިވެ އޮންނައިރު އޭނައާއި އެންމެ ގާތުގައި ހުންނަނީ އޭނަގެ މަންމަ ކަމަށްވާތީވެއެވެ. ޒަވާޖީ ޙަޔާތެއް ފެށުމުން އެހެނިހެން ގުޅުންތަކަށް ކިހާ ބޮޑެތި ބަދަލުތައް އަންނަކަން އޭނައަށް އެނގުންވީ އެވަގުތެވެ. ކައިވެނީގެ ކުރިން އޭނަގެ ޒަވާޖީ ޙަޔާތަކީ އެއްވެސް މައްސަލައެއްނެތި އޮމާންކަމާއެކީ ކުރިއަށް ދާނެ ޙަޔާތަކަށްވާނެ ކަމަށް އޭނަ ހާދަ އުއްމީދެއް ކުރިއެވެ. އެހެނަސް މި ދުނިޔޭގައި ހުރިހާ ކަމެއް ރަނގަޅަކަށް ނުދާނެ ނޫންހެއްޔެވެ؟ ﷲ އޭނައަށް ދެއްވާފައިވާ ހުރިހާ އެއްޗަކީ ވެސް އޭނައަށް އިމްތިޙާނަކަށްޓަކައި ދެއްވާފައިވި ތަކެއްޗެވެ. އަދި އޭނަގެ އަތުން ބީވެފައިވާ ހުރިހާ ކަމަކީ ވެސް އޭނަގެ އިމްތިޙާނަށްޓަކައި ބީވެފައިވާ ކަންތައްތަކެވެ. ކޮންމެ ގޮތެއްވިޔަސް އެ ހުރިހާ އިމްތިޙާނެއް ކުރިމަތިކުރައްވާ ރަސްކަލާނގެއަކީ އޭނަދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތްކަން ހަނދާންވާ ކޮންމެ ފަހަރަކު އަފާފްގެ ހިތުން ހުރިހާ ޝަކުވާއެއް ފިލައިގެންދެއެވެ.
އެރޭ ބައްޕަ، މަންމަ ގޮވައިގެން ގެއަށް ދިޔުމުން އަފާފް އެ ރޫމުގެ ތެރޭގައި އެކަނިވިއެވެ. އެ އެކަނިވެރިކަމުގެ ތެރެއިން އޭނަގެ ޚިޔާލުތައް ޝަރަފްގެ ހަނދާންތަކުން ފުރިގެންދިޔައެވެ. އޭނަގެ ލޮލަށް ފެނުނީއްސުރެ ވެސް ދޭތެރެދޭތެރެއިން އެ ހަނދާންތައް އާވަމުން ދިޔައެއްކަމަކު، އެ ހަނދާންތަކުގެ ފޮނި މީރުކަން އިޙްޞާޞް ކުރުމުގެ ފުރުޞަތެއް އޭނައަށް ލިބުނީ އެވަގުތެވެ. ސީލިންގްއަށް ނަޒަރު ހުއްޓައިގެން އޮތް ހިނދު އޭނަގެ ހިތް އަނެއްކާވެސް އިންތިހާއަށް އުފާވާންފެށީ އޭނައަށް ޝަރަފްގެ ސޫރަ ދެން ފެންނާނެކަން އެނގުންވުމުންނެވެ. މިހާ ދުވަސްވަންދެން ދުވަހަކުވެސް މީހަކު އޭނައާއި އަޅާނުލާ ވަރަށް އަޅާލި އެ ފަރާތުގެ ސޫރަ ދެކެން އޭނަ ކެތްމަދުވިއެވެ. ޝަރަފާއެކީ ހޭދަކުރި ވަގުތުތައް ހަނދާންވެފައި އަފާފްގެ މޫނުމައްޗަށް ހިނިތުންވުންތަކެއް ވެރިވަމުން ދިޔައެވެ. ހަމަ އެ ހިނދު އޭނައާއި ޝަރަފް މިއަދު ދުރުވެފައިވި މިންވަރު ހަނދާންވުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އޭނަ ޝަރަފް ގާތު ގެއިން ނިކުމެގެން ދާށޭ ބުނެލި ގޮތާއި ޝަރަފް އެއަށްފަހު އެއްވެސް އެއްޗެކޭ ނުބުނެ އޭނަ ބުނި ގޮތަށް ކަންތައް ކުރި ދުވަސް ހަނދާނަށް އައުމުން، އޭނައަށް އެދުވަހު ޝަރަފްގެ މޫނުމަތި ފެނުނުނަމައޭ އަފާފްގެ ހިތަށްއެރިއެވެ. ހަމަ ގައިމުވެސް އެމޫނުމަތިން އެދުވަހު ފެނުނީހީ އިންތިހާ ދަރަޖައިގެ ހިތާމަވެރިކަން ކަން އަފާފަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. އެ ހިތާމަވެރިކަން އޭނައަށް ފެނުނުނަމަ އޭނަ ޝަރަފް ދިޔަނުދިނީހޭ ހިތަށްއެރިއެވެ. މިފަދަ ޚިޔާލުތަކާމެދު ވިސްނަމުން ދަނިކޮށް ޝަރަފް ދިޔަފަހުން އޭނައަށް ލިބެން އުޅުނު އުފާވެރި ޚަބަރުގެ މަތިން ވެސް އަފާފް ހަނދާން އާވިއެވެ. އޭނަ އެ ޚިޔާލުގައި އޮވެ އޭނަގެ ބަނޑުގައި އަތް ޖައްސާލިތަނާހެން އެ ރޫމުގެ ދޮރު ހުޅުވުނެވެ. އެ ދޮރުން ވަދެގެން އައީ ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާއަށް ރަނގަޅަށް ބަލާލިއިރު އެ ކުއްޖާގެ އާދަޔާ ޚިލާފަށް ދޮން ހަމުގެ ކުލައާއި ނޫކުލައިގެ ލޯ އަފާފަށް ފާހަގަ ކުރެވުނެވެ. އެ ކުއްޖާ ހިނިތުންވުމަކާއެކީ އަފާފްގެ ކައިރިއަށް އައިހެން އަފާފް އެކުއްޖާގެ ނަން ހަނދާނަށް ގެނައެވެ.
“ޒޯ…” ދެލޯ ހަނިކޮށްގެން އެނދުމަތީގައި އޮވެ އަފާފަށް ކިޔާލެވުނެވެ. އަފާފަށް އެ ނަން ކިޔާލެވުމާއެކު ޒޯއަށް ހެވެން ފެށިއެވެ. ރިހި ކުލައިގެ ތަށްޓަކާއެކު ޒޯ އެތަނަށް އައީ އަފާފަށް ބޭސްދޭންވެގެންކަން އެނގުންވުމުން އަފާފް އަމިއްލައަށް ތެދުވެ ސީދާވެލިއެވެ.
“ހާދަ މޮޅޭ މާ ޝާ ﷲ! މިހާރު ހަމަ ރަނގަޅަށް އެބަ ފެނޭތަ އަސްލުވެސް؟ އަނދިރިއެއްނުވޭ އެއްވެސް ވަރަކަށް؟” ޒޯ ބޭސްތައް ބޭސް ކާޑުން ނައްޓަމުން އަހާލިއެވެ.
“އާނ އެބަފެނޭ އަލްޙަމްދުލި ﷲ!” އަފާފް ބުންޏެވެ.
“މާ ޝާ ﷲ! އަސްލު އެނގޭތަ؟ ވަރަށް ޔުނީކް ކޭސްއެއްމީ. އަސްލު ޕްރެގްވެގެން ހުރެ ހަދާ ލޮލުގެ ސާޖަރީތައް އެހާ ކާމިޔާބެއްނުވާނެ. އެކަމަކު ﷲ ގެ އިރާދަފުޅުން އަފޫ ތިހިރީ ރަނގަޅުވެފަ. ސުބްޙާނަ ﷲ!” ޒޯ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. ޒޯގެ ވާހަކައިގެ ކުރީކޮޅުން އިވުނު ބަހަކުން އަފާފަށް ހިނިތުންވާން ނޭނގިފައި އިނދެވުނީ އޭނަ ކަމެއް އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. އޭނައަށް އިންގޮތަށް އިނދެފައި ޒޯއަށް ގޮވާލެވުނީ ޖެހިލުންވުމަކާއެކީގައެވެ. ޒޯ ބަލާލުމުން އަފާފް ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ވާހަކަ ދެއްކިއެވެ.
“ބް…ބޭބީ ކް..ކިހިނެއް؟” އަފާފަށް ކެނޑިކެނޑިގެން އަހާލެވުނެވެ. އެ ސުވާލުކުރެވުނު ހިނދު އޭނަގެ ހިތް ހުއްޓުމަކަށް އައިހެން ވެސް އަފާފަށް ހީވިއެވެ. އެހެނަސް ޒޯ އޭނައާއިވީ ފަރާތަށް މުޅިން އެނބުރި ހިނިތުންވެލުމުން އެ ހިތް އަނެއްކާވެސް ތެޅެން ފެށިއެވެ.
“ހާސްނުވޭ. އިރާދަކުރެއްވީތީ ބޭބީވެސް ރަނގަޅު. އެހެންވެއެއްނު އަފާފަށްދޭން މިހާ ގިނަ ބޭސްތައް ހިފައިގެން މިއައީ؟ ހެހެ….ސާޖަރީއަށްފަހު ހެދި ޓެސްޓްތަކުގެ ނަތީޖާ ބަލާފަ ޑޮކްޓާރ ވެސް ހުރީ ޙައިރާންވެފަ. ހަމަ އަސްލުވެސް މީ އަޖާއިބު ކުރުވަނިވި ކޭސްއެއް. އެކަމަކު ﷲ އިރާދަކުރައްވާ ކަމެއް އެކަލާނގެ ކުރައްވާ، ދޯ؟” ޒޯ ބުނެލިއެވެ. އަފާފަށް ހެވިފައި އިނދެ ހީލަމުން ހޫންލައްވާލެވުނެވެ. އޭނަގެ ހަނދާނަށް އެވަގުތު އައި ޔާސީން ސޫރަތުގެ އާޔަތް އޭނައަށް ކިޔާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނދު ޒޯއަށް ޙައިރާންކަމާއެކީ އަފާފަށް ބަލަން ހުރެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން ހުރެފައި ވާހަކަ ދެއްކިއެވެ.
“އަފާފްވެސް ބިންތު ޢައްމާރު ފޮލޯކުރަންދޯ؟ ތިއީ ބިންތު ޢައްމާރު އެންމެ ފަހަކަށް ކުރި ޕޯސްޓުގައި އޮތް އާޔަތް.” ޒޯ އެހެން ބުނެލަމުން ބޭހާއި ފެންތަށި އަފާފަށް ދިއްކޮށްލިއެވެ. އަފާފް ޒޯގެ ވާހަކައަށް ލުއިގޮތަކަށް ހީލަމުން ބޭސްތައް ކައި ހުސްކުރިއެވެ. ފުރަތަމަ ސިކުންތުގައި ބިންތު ޢައްމާރަކީ ކާކުކަން ބުނެދޭން އަފާފް ބޭނުމެއްނުވިއެވެ. އޭނައަށް ވީ ވަރަކުން އޭނަ އަމިއްލަ ނަން ފޮރުވާފައި އޮންނަނީ އޭނަގެ އިޚްލާޞްތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށްވާތީވެއެވެ. އެހެނަސް ޒޯ އެތަނުން ދާން އުޅުނު ވަގުތު އަފާފަށް ޒޯއަށް ގޮވާލެވުނީ، ޒޯ ބިންތު ޢައްމާރާއި ބައްދަލުކުރަން ބޭނުންވާނެ މިންވަރު ތަޞައްވުރު ކުރެވުމުންނެވެ.
“ބިންތު ޢައްމާރާ ބައްދަލުކުރަން ބޭނުންވޭތަ ޒޯ؟” އަފާފް އަހާލިއެވެ. ޒޯ ވަގުތުން އެއްކޮށް އަފާފާއި ދިމާލަށް އެނބުރި އުޖާލާވެގެން ދިޔަ މޫނަކާއެކީ އާނއެކޭ ބުނެލިއެވެ.
“ބިންތު ޢައްމާރު މިހިރީ ޒޯގެ ކުރިމަތީގަ.” އަފާފް ބުނެލިއެވެ. ޒޯ ދެންވެސް އޮޅުމެއްގެ ތެރޭގައި ހުންނަން ފެށުމުން އަފާފް އޭނަގެ މޭމަތީގައި އެއްއަތް އަޅާފައި މިހިރީއޭ ބުނެލިއެވެ. އެއާއެކު ޒޯގެ މޫނުމައްޗަށް ވެރިވި ފުރިހަމަ ހިނިތުންވުމާއެކީ އޭނަ އަނެއްކާވެސް އަފާފްގެ ގާތަށް ގޮސް އޭނަގެ ގައިގައި ބައްދާލީ ތިމަންނަ ޤަބޫލުވެސް ނުކުރެވެއޭ ބުނަމުންނެވެ. އޭނަ އަފާފާއި ދުރުވެލަމުން ދެންވެސް ތަކުރާރުކޮށް ތިއީ އަސްލުވެސް ބިންތު ޢައްމާރުތޯ އަހައި އަފާފްގެ މަގަތުގައި އިށީނީ އަފާފާއި އެއްފަހަރާ އެތައް ވާހަކައެއް ދައްކަން ބޭނުންވާ ފަދައަކުންނެވެ. އޭނަ އަފާފަށް ޝުކުރު އަދާކުރަންވީ ގޮތެއް ނޭނގޭ ކަމަށްބުނީ ކަރުނުން ފުރެން ފެށި ދެލޮލާއެކީގައެވެ. އެއަށްފަހު އަނެއްކާވެސް އޭނަ އިސްލާމްވީ ކިހިނެއްކަން އަފާފަށް ތަފްޞީލުކޮށް ކިޔައިދިނެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނަތައް އެނގެން ފެށުމުން އޭނަގެ ހިތަށް ލިބުނު އާދަޔާ ޚިލާފު ހިތްހަމަޖެހުމުގެ ވާހަކަ ކިޔައިދިނެވެ. ޤުރުއާން އުނގެނެން ފެށި ފަހުން އޭނަ އޭނަގެ ހުރިހާ ނޭދެވޭ ޢަމަލުތަކުން ދުރުވި ގޮތުގެ ވާހަކަ ކިޔައިދިނެވެ.
“އެހާ ހިސާބުން ވެސް ބޭނުންވި އިސްލާމްވާން. އެކަމަކު ދެންވެސް އަހަރެންގެ ޢާއިލާ މީހުން ބުނާނެ ވާހަކައަކަށް ޖެހިލުންވީ. އެހެން ހުއްޓާ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ އަފާފް ޙިއްޞާކުރި އާލު ޢިމްރާން ސޫރަތުގެ އާޔަތަކުން. އޭގައި މީހަކު އަމިއްލައަށް އެމީހާ އީމާންވި ގޮތުގެ ވާހަކަ ﷲ އަށް ދަންނަވާފައިވި ގޮތުން ހިތަށް ވަރަށް އަސަރު ކުރި. އަހަރެންގެ ހިތަށް ލޮޅުމެއް އައީ އެމީހާ ﷲ ގެ ޙަޟްރަތުގައި ތިމާ އަމިއްލައަށް އީމާންވީކަމަށްބުނެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކޮށް އަދި ހެޔޮ މީހުންގެ ތެރެއިން މަރުގެންނެވުމަށް ދުޢާކުރި ގޮތުން. ދުވަހަކުވެސް ނުދެކެން މަރާއިމެދު އެފަދަ ގޮތަކަށް ދެކޭ ދީނެއް. އަހަރެން ކުޑައިރުއްސުރެ ވެސް ހިތަށްއަރަމުން އައީ އެއީ އަހަރެން އެކަމަކުން ފިލަން މަސައްކަތް ކުރަންޖެހޭ ކަމެއްކަމަށް. އެކަމަކު އިސްލާމް ދީނުން އަހަންނަށް އެނގުނީ އެއީ އަހަރެން ހަމަޖެހިފައިވާ ހިތަކާއެކީ ކުރިމަތިލާން މަސައްކަތް ކުރަން ޖެހޭ އެއްޗެއްކަން. އެފަދަ ހިތެއް ކޮންމެ މީހަކަށް ވެސް ލިބޭނީ މި ދުނިޔޭގައި އެހެން މީހަކަށް އަނިޔާނުކޮށް ރަނގަޅަށް އުޅުމުންކަން. އެހާ ހިސާބުން ޔަޤީންވި މިއީކަން އެންމެ ތެދުވެރި ދީނަކީ. އެހާ ހިސާބުން އެއްވެސް މީހެއްގެ ފަރާތުން ކުރިމަތިވާނެ ފާޑުކިޔުމަކަށް ބެލުމެއްނެތި އިސްލާމްވިން. އެއީ ހަމައެކަނި އަހަރެންގެ ވެރި ރަސްކަލާނގެއާއި ބައްދަލުވާ ހިނދު އަހަރެން ރަނގަޅު މީހުންގެ ތެރެއިން ވާނެކަމުގެ އުއްމީދުގަ.” ޒޯ ހިނިތުންވުމަކާއެކީ ކިޔައިދިން ވާހަކަ ނިމުނުއިރު އަފާފަށް އިނދެވުނީ ފެންކަޅިވެފައެވެ. އެތައް ދުވަހެއްފަހުން އަނެއްކާވެސް ﷲ ހިދާޔަތް ދައްކަވާ ގޮތުގެ ވާހަކައެއް އިވިގެން ދިޔުމުން އޭނަގެ އީމާންތެރިކަން ވަރުގަދަވެގެން ދިޔައެވެ. އަދި އޭނަގެ ކުރިމަތިން ފެންނަމުން މިދަނީ ﷲ އޭނަގެ މަސައްކަތުގައި ލެއްވި ބަރަކާތުގެ ނަތީޖާއެއްކަން އެނގުންވީ ވަގުތު އަފާފަށް ހިނިތުންވެލެވުނު ހިނދު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. ޒޯ އެ މަންޒަރު ފެނިފައި ހީލަމުން މޫޑު ބަދަލުކޮށްލުމުގެ ގޮތުން ސަމާސާއެއްކޮށްލިއެވެ. ތިމަންނަގެ ވާހަކައިގެ އަގެއްގެ ގޮތުން ދެން އަފާފްގެ ވާހަކަ ކިޔައިދިނުމަށް އެދުނެވެ. އަފާފްވާނީ ވަރަށް އުފާވެރި ދިރިއުޅުމެއް އުޅޭ ކުއްޖަކަށްދޯއޭ ޒޯއަށް ބުނެލެވުނީ ވިސްނުމެއްނެތިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަފާފްގެ ހިނިތުންވުން ފިލައި ދިޔުމުން ޒޯއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ޒޯ ވަގުތުން މަޢާފަށް އެދުނެވެ. އަފާފް ދެންވެސް ދެރަވެގެން އިންނަން ފެށުމުން ޒޯއަށް ނުހުރެވިގެން އަސްލު ކިހިނެއްވީތޯ އަހާލެވުނެވެ. އަފާފް ޒޯއަށް ބަލާލަމުން ޒޯއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީ ޒޯ ދެންމެ ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނައަށް އިތުބާރު ކުރެވުނު ވަރުންނެވެ. އަދި އެހެންނޫނަސް އަފާފްގެ ހިތަށް އުނދަގޫކުރަމުން ދިޔަ އިޙްޞާޞްތައް އެހެން މީހަކާއި ޙިއްޞާކުރަން ބޭނުންވެފައިވި މިންވަރުންނެވެ. އަފާފް ޝަރަފްގެ ނަން ހާމަނުކޮށް އޭނަގެ ޒަވާޖީ ޙަޔާތުގައި ދިމާވި މައްސަލަތައް ޒޯއަށް ކިޔައިދިނެވެ. ޒޯ އެ ވާހަކަތައް ކަނުލައި އަޑުއަހަން އިނދެފައި އަފާފްގެ ބޮލުގައި ފިރުމާލަމުން އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅު ވާނެ ކަމަށް ބުނެ ހިތްވަރު ލައިދިނެވެ. އަދި ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނެވެސް ހަނދުމަކޮށްދިނެވެ. އެއަށްފަހު ޒޯ އެތަނުން ދާންޖެހުނީ އެހެން ނަރުސް ކުއްޖަކު ގޮވާލުމުންނެވެ. ޒޯ އެ ރޫމުން ނިކުމެގެން ދިޔައީ އަފާފްގާތު ނިދާލުމަށް ބުނެފައި ފަނޑު ބޮތްކެއް ދިއްލާލަމުންނެވެ. ފަނޑު އަލީގެ ތެރޭގައި އަފާފަކީ އަބަދުވެސް ފަސޭހައިން ނިދޭ މީހަކަށް ވިޔަސް ދެންމެ ޒޯއާއި ޙިއްޞާ ކުރެވުނު ވާހަކަތަކުން އަނެއްކާވެސް އޭނަގެ ހިތުގެ ހަމަޖެހުން ފިލާފައިވިއެވެ. އަނެއްކާވެސް ޝަރަފް ކޮބައިތޯ ބުނެ އޭނަގެ ހިތް ތަކުރާރުކޮށް ސުވާލުކުރަން ފެށިއެވެ.
**
ދެލޯ މެރިފައި އޮތް ޝަރަފަށް ހަމަހޭވެރިކަމެއް ލިބުނީ ކުޑަ ދަޅެއް ކަހަލަ އެއްޗެއް ބިންމަތީގައި ޖެހުނު އަޑަށެވެ. ވަގުތުން ދެލޯ ހުޅުވަން ބޭނުންވިއެއްކަމަކު އޭނައަށް ދެލޯ ހުޅުވަން ދަތިވިއެވެ. އޭނައަށް އޮވެވުނީ ސޯފާއެއްގައިކަމާއި އޭނަގެ ގަމީހުގެ ގޮށްތައް ނެއްޓި މެދުހަށްޓާއި ދިމާލުން ބޭސްއެޅިފައިވިކަން ކުރެވުނު އިޙްޞާޞްތަކަކުން އޭނައަށް އެނގުންވިއެވެ. ހަމަ އެހިނދު ބުރަކަށްޓާއި ދިމާލުން އިޙްޞާޞް ކުރެވުނު ތޫނު ތަދާއެކީ ގައިގެ އެކި ތަންތާނގައި ރިއްސަންފެށިއެވެ. އެ ވޭނުގައި ޝަރަފަށް އޭނަގެ ދެލޯ ތަގުޅިކޮށްލެވުނެވެ. އެ ހިނދު މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އޭނައަށް އިވުނެވެ.
“ޝަރަފް! އާރ ޔޫ އަވޭކް؟ ޝަރަފް؟” އެމީހަކު އޭނަގެ ކޮނޑުގައި ހިފައި ތަޅުވަން ފެށުމުން ޝަރަފަށް އުނދަގޫވީ ހިނދު އެއީ ކާކުގެ އަޑެއްކަން އޭނައަށް އެނގޭހެން ވެސް ޝަރަފަށް ހީވިއެވެ. ތަކުރާރުކޮށް އެ އަޑު އިވެން ފެށުމުން ޝަރަފަށް ލޯ ހުޅުވާލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އެއާއެކު ޝަރަފް ހިސާބަކަށް ހުއްޓުން އެރިއެވެ. ހަތަރެސްކަން ބައްޓަމަށް ހުރި މޫނާއި، ކަނދުރައާއި ހަމައަށް ދިގުކުރެވިފައިވި ފަން އިސްތަށިގަނޑެއް ލިބިފައިވި ބިޔަ ހަށިގަނޑެއްގެ އެ ވެރިޔާއަކީ ކާކުކަން ޔަޤީންވީ ހިނދު ޝަރަފަށް އޭނަގެ ނަން ކިޔާލެވުނެވެ.
“ޝިނާޒް؟” ޝަރަފަށް ސުވާލުގެ ރާގަކަށް އެހެން ބުނެލެވުނީ ޤަބޫލުކުރަން ދަތިވި މިންވަރުންނެވެ. އޭނަ ޝިނާޒްގެ ކުރިމަތީގައި މިގޮތަށް އޮންނަން ޖެހުނު ސަބަބާމެދު ވިސްނަން ފެށިތަނާހެން ޝިނާޒް ވާހަކަ ދެއްކިއެވެ.
“މިހާރު ރަނގަޅުތަ؟” ޝިނާޒް ހިސާބެއްގެ ހާސްކަމަކާއެކީ އަހާލިއެވެ.
“އައި….ތިންކް ސޯ. އަހް!” ޝަރަފް ވާހަކަ ދައްކަމުން ތެދުވަން އުޅުނު ވަގުތު ގަތް ވޭނެއްގެ ސަބަބުން އޭނައަށް އަނބުރާ އޮށޯވެވުނެވެ. އެވަގުތު އެމީހުންތިބި އެޕާޓްމެންޓްގައި މީހަކު ބެލް އަޅުވާލި އަޑު އިވުނެވެ. ޝިނާޒް ތެދުވެގެން ގޮސް ދޮރުހުޅުވިތަން ބަލަހައްޓައިގެން ޝަރަފް އޮތެވެ. ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ މީގެ ދެ އަހަރެއްހާ ކުރިން އޮސްޓްރޭލިޔާގެ ކޯޓަކުން އޭނަގެ ބޭބެ މީހަކާ އިންނަން ދިޔަ ދުވަހު ޝަރަފަށް ފެނުނު އަންހެން ކުއްޖާއެވެ. ޝިނާޒް އެކުއްޖާއާއި އިން ފުރަތަމަ ދުވަސްކޮޅު ޝިނާޒް އުޅެމުން ދިޔައީ ދޮންބައްޕަގެ ގޭގައި ކަމަށްވުމުން އެއީ ޝަރަފް ދެކެ ފަރިތަވެފައިވާ ކުއްޖެކެވެ. އެކުއްޖާގެ ނަން ހަނދާންކުރަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.
“ޒޯ ޑޯންޓް ފްރީކް އައުޓް! މިއުޅެނީ ބަޔަކު މީހުން އަހަރެންގެ ކޮއްކޮ ތަޅައިގެން އޭނަ ގެއަށް ގެނެސްގެން. ޒޯ ގެނައީ އޭނައަށް އިތުރު ފަރުވާއެއްދޭންޖެހޭތޯ އަހައި ޔަޤީންކުރަންވެގެން.” ޒޯއަށް ގޭތެރޭގެ ސޯފާގައި އޮތް ޝަރަފް ފެނުމާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔުމުން އޭނައަށް އެއްޗެކޭ ބުނުމުގެ ކުރިން ޝިނާޒް ވާހަކަ ދެއްކިއެވެ.
“އެކަމަކު…..އެއީ ޝަރަފްދޯ؟ ކޮން ބަޔަކު ކީއްވެ ޝަރަފް ތެޅީ؟” ޒޯ ގޭގެ ތެރެއަށް ވަންނަމުން އަހާލިއެވެ. ޒޯ އެހެން އަހާލި ވަގުތު ޝަރަފަށް އެއްދިމާލަކަށް ނަޒަރު ހުއްޓާލަމުން އެރޭ ހިނގި ކަންތައްތަކެއްގެ މަތިން ހަނދާންކޮށްލެވުނެވެ. މީހަކު އޭނަގެ ބޮލަށް ބިއްލޫރި ފުޅިއެއް ތަޅާލި ހަނދާން އާވުމާއެކު އޭނަގެ ބޮލުގައި ރިހުމެއް އުފެދުނެވެ.
“އެއީ ވިޔާމްމެން. އެމީހުން އުޅެނީ ޙަސަދަވެރިވެ ދަހިވެތިވެގެން ކުރާނެކަމެއް ނޭނގިގެން. އެމީހުންނާ ދެންވެސް އޭނަގެ ފައިސާއިން ކުރާނެކަމެއް ނޭނގިގެން އުޅޭ މީހަކާ….މުޞީބާތެއްކަހަލަ ބައެއް! ޒޯ…..ޝަރަފްގެ ބުރަކަށީގަ ފުންކޮށް ގޮއްސަ ހުރި ބައި ފަހާފަ މިހާރު ބޭސްއަޅާފަ އެހެރީ. ވަރަށް ބޮޑަށް ތެޅި އެމީހުން. އެކަމަކު އެހާ ބާރަށް ގޮއްސައެއްނޫން ޝަރަފް ވެއްޓުނީ. އެކްސްރޭއެއްކަހަލަ އެއްޗެއް ބޭނުންވާނެތަ؟” ޝިނާޒް ވާހަކަ ދައްކަމުން އެތާ ބިންމަތީގައި ވެއްޓިފައި އޮތް ބެންޑޭޖް ދަޅު ނަގައި އެކި އެކި ފަރުވާދޭ ސަމާންތަކުން ފުރިފައިވި އެތާ މޭޒުމަތީގައި ހުރި ބޮޑު ފޮށްޓަށް އަޅާލިއެވެ. ޒޯ ޝަރަފަށް ބަލާލި ވަގުތު ޝަރަފަށް އާދައިގެ މަތިން ދުރުބެލެން ފެށިއެވެ. ޒޯވެސް ދުރުގައި ހުންނަން ޚިޔާރުކުރީ އެންމެ ރަނގަޅުވާނީ އެގޮތްކަން އޭނައަށް ވިސްނުނީތީވެއެވެ.
“ތަދުވާ ތަންތަނަށް ބަލާފަ އެކްސްރޭއެއް ނަގާލުން ރަނގަޅު. އެހާވަރަށް ތެޅީމަ ފަހަރެއްގަ ގޮތެއްވެފަ ހުރެދާނެ.” ޒޯ ބުނެލިއެވެ.
“އެކަމަކު….ޝަރަފް މިވަގުތަކު ގެއިން ބޭރަށް ގެންދެވޭކަށް ނެތޭ.” ޝިނާޒް ބުނެލިއެވެ.
“އެއީ ކީއްވެ؟” ޝަރަފަށް ދެބުމަ ކައިރިކޮށްލަމުން އަހާލެވުނެވެ. އެއާއެކު ޝިނާޒަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަ އަނެއްކާވެސް ޝަރަފްގެ ކައިރިއަށް ގޮސް ކަކޫ މައްޗަށް ތިރިވިއެވެ.
“ޝަރަފް ވަރަށް ރަނގަޅަށް އަޑުއަހާތި! މި ހުރިހާ ދުވަހު ޝަރަފަށާއި އަފާފަށް ކުރިމަތިވަމުން އައި ދަތިތައް ކުރިމަތިވަމުން ދިޔައީ އެންމެ މީހެއްގެ ސަބަބުން. ކުރިން އެމީހެއްގެ ހަމައެކަނި ދުޝްމިނަކަށް ވެފައިވީ އަފާފް. އެކަމަކު ޝަރަފް ތި ރިސޯޓެއް އަޅަން ފެށިފަހުން އޭނަ އަފާފްގެ މަތިން ހަނދާން ނައްތާލާފަ މިހާރު ޝަރަފްގެ ފަހަތު އަޅައިގެން އެ އުޅެނީ.” ޝިނާޒް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ކިޔައިދޭން ފެށި ވާހަކައިން ޝަރަފް އިތުރަށް ޙައިރާންވުން ނޫންކަމެއް ނުވެއެވެ.
“މީހަކު އަފާފް އަންދާލަން މަސައްކަތް ކުރުމާ، އަފާފާއި ޝަރަފްގެ ދެމެދުގަ ޝައްކުތައް އުފެއްދުމާ، އަފާފާއި ޝަރަފް ވަކިކުރުވުމާ…މިއީ ހައްތަހާވެސް އޭނަގެ އަމުރުގެ ދަށުން އޭނައަށްޓަކައި މަސައްކަތްކޮށްދޭ މީހުން ކުރި ކަންތައް.” ޝިނާޒް ރުޅިވެރިކަމާއެކީ ކިޔައިދިނެވެ.
“ކާކު؟” ޝަރަފަށް އަހާލެވުނެވެ. އެއާއެކު ހިނދުކޮޅަކަށް ޝިނާޒަށް މަޑުކޮށްލެވުނެވެ. އެއަށްފަހު އޭނަ އެއީ ކާކުކަން ހާމަކުރިއެވެ.
“ދޮންބައްޕަ.” ޝިނާޒް ބުނެލި ނަމަކުން ޝަރަފްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދޮންބައްޕަގެ ސޫރަ ލޮލަށް ސިފަވެގެން ދިޔަދިޔަހެން ޝިނާޒް އިތުރަށް ކިޔައިދޭން ފެށިއެވެ.
“އޭނައަށް މަސައްކަތް ކޮށްދޭ މީހުންގެ ތެރެއިން ވަރަށް މަދު ބަޔަކަށް އެނގޭނީ އެ މަސައްކަތް ކޮށްދެނީ އޭނައަށްކަން. އޭނަގެ ނަން ފޮރުވައިގެން އެހެން މީހުން ބޮޑު މީހުންނަށް ހަދައިގެން އޭނަ އުޅޭނީ. އަހަރުމެންނަށް ހެދިހެން އޭނަ ދުވަހަކުވެސް މަސްތުވާތަކެއްޗާއި ކައިރިވެސް ނުވާނެ މީހުންނަށް އެ ތަކެތި ދީގެން އޭނަ ހިންގާ ބާރތަކުގެ ވެރިންނަށް ހަދާފަ އެބަތިބި. އޭނަގެ އަމާޒަކީ ރާއްޖޭގައި ވެސް އެކަންތައްތަކަކީ ޢާއްމު މުޖުތަމަޢުގައިވެސް ޤަބޫލުކުރެވޭ ކަމަކަށް ހަދަން. އެއީ ވެސް އޭނައަށް ފައިދާ ލިބޭނެހެން. އޭނައަށްޓަކައި އެންމެ ހީވާގިކޮށް އަދި ކާމިޔާބުކޮށް މަސައްކަތް ކުރަމުން ދިޔަ ނަބީހް އަފާފްގެ ބަސްތައް ކިޔާފަ ތައުބާވީ ފަހުން އޭނަ އަފާފަށް ނަފްރަތު ކުރަން ފެށީ. އެހާ ހިސާބުން އޭނަ ވިޔާމް ލައްވައި އަފާފާއި ދެކޮޅަށް ރޭވުންތައް ރާވަން ފެށީ. އޭނައަށް ވިޔާމް އެހާ ގާތްކޮށް އެނގެނީ ވިޔާމްގެ ބައްޕައާއި އޭނަ ވަރަށް ގާތްކޮށް މަސައްކަތް ކުރަމުންދާތީ. އޭނަގެ ނަން ފޮރުވާފަ ނަބީހްމެންގެ ކުރިމަތީގަވެސް ވިޔާމް ބޮޑު މީހަކަށް ހަދާފަ ހުރީ އެހެންވެ. މިހާތަނަށް އައިއިރު އެ ފިނޑި ވިޔާމް ވެރިއަކަށް ހުރެގެން ކުރި ކަންތަކުން މާ ބޮޑު އަސަރެއް ނުކުރޭ. އެކަމަކު އަފާފާއި ޝަރަފް ވަކިވުން ވެގެން ދިޔައީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއަކަށް. އެއީ އެ ފަހުން އަފާފްގެ އެފްބީ ޕޯސްޓްތަކަށް ވެސް މެދުކެނޑުމެއް އައިސް ޝަރަފް ވެސް ޝަރަފްގެ ރިސޯޓުގެ މަސައްކަތްތައް މެދުކަނޑާލީތީ.” ޝިނާޒް ދިގުކޮށް ކިޔައިދިން ވާހަކަތައް އަޑުއަހަން އޮތް ޝަރަފަށް އޮވެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަދިވެސް އޭނައަށް އެނގެން އިތުރު ވާހަކަތަކެއް ހުރިކަން އެނގުންވުމުން އޭނަ ޝިނާޒް ވާހަކަ ދައްކަން ފަށާނެ އިރަކަށް އިންތިޒާރު ކުރިއެވެ.
“ދެރަކަމަކީ އަފާފްގެ މަންމައާއި ބައްޕަ ނޭނގުމެއްގެ ތެރެއިން ވެސް އޭނަގެ ބައިވެރިންނާ އަތުގުޅާލީމަ. އަފާފްގެ ބައްޕަ ވެސް މިހާރު އޭނަގެ ކުންފުންޏަކާއެކީ އެއްބަސްވުމެއް އެކުލަވާލަން އުޅެނީ. އެ ކުންފުންޏަކީ ރަލުގެ ބާވަތްތައް ވިއްކާ ކުންފުންޏެއްކަން އެނގޭނެހެން ހީވަނީ އަފާފްގެ ބައްޕައަށްވެސް. ހީވަނީ އަފާފްގެ ބައްޕައަށް ވިޔަފާރި ދަތިވީމަ ދޮންބައްޕަ އޭގެ ފައިދާ ނެގީހެން. އެ އެއްބަސްވުން އެކުލަވާލެވުނީ ޝަރުޠެއްގެ މަތިން. އެއީ އެމީހުން ކުރިމަތިކުރުވާ ދަތިތަކާއެކީ ވެސް ޝަރަފަށް ރިސޯޓު އެޅިއްޖެނަމަ އަފާފްގެ ބައްޕަ ޝަރަފްގެ ރިސޯޓް އެޅުމަށް ވެދޭ އެހީގެ ސަބަބުން ރިސޯޓް ނިމުމާއެކު ޝަރަފްގެ ނަމުން އަފާފްގެ ބައްޕަގެ ނަމަށް އެ ރިސޯޓް ބަދަލުކުރުން. އަދި އެއަށްފަހު އެ ރިސޯޓް ދޮންބައްޕައަށް ހިބައިން ދިނުން. އެގޮތަށް ކަންތައް ވުމުން އެ ރިސޯޓަށް ވާނެގޮތް ޝަރަފަށް ވެސް އެނގޭނެ.” ޝިނާޒް ކިޔައިދިނެވެ. މިފަހަރު އިވުނު ވާހަކަތަކުން ޝަރަފަށް ގަދަކަމުން ވެސް ސޯފާއިން ތެދުވެ އިށީނދެވުނެވެ. ޝިނާޒް އެކަމަށްޓަކައި ޝަރަފަށް އެހީތެރިވިއެވެ. ދެން އެމީހުންގެ ރޭވުމަކީ ކޮބައިތޯ ޝަރަފް ސުވާލުކުރަން އުޅުނު ވަގުތު ޝިނާޒް ކިޔައިދޭން ފެށީ އެ ވާހަކައެވެ.
“ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ…..” ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ.
ނުނިމޭ