Noor (Part 63)
“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ.
“އަފޫ! އަވަހަށް އާދެބަލަ ދަރިފުޅާ! ވިޔާމް އައިއްސި!” ކޮޓަރީގެ ބޭރުން މަންމަގެ އަޑު އައުމުން ޚިޔާލެއްގެ ތެރެއަށް ގެއްލިފައިވި އަފާފަށް އެދިމާލަށް ބަލާލެވުނީ ސިހުމަކާއެކީގައެވެ. އެހިނދު ޝާދިޔާ އޭނަގެ ފަހު ޖުމްލަ ބުނެލަމުން އެ ކޮޓަރީގެ ދޮރު ހުޅުވާލީއެވެ. ދޮރު ހުޅުވާލުމަށްފަހު ވެސް ޝާދިޔާ ހެވިފައި ހުރެ އަވަހަށް އަންނާށޭ ބުނެ ދާން ހިނގައިގަތެވެ. މަންމަ ލޯ މައްޗަށް ގެއްލުމުން އަފާފަށް ފަހު ފަހަރަށް މޫނުބަލާ ލޯގަނޑުން އޭނަގެ ސޫރައަށް ބަލާލެވުނެވެ. އަމިއްލަ މޫނުމަތިން ހިތްހަމަނުޖެހިގެން އުޅޭ އަސަރެއް ފެނިފައި އަފާފް މޫނު ރަނގަޅު ކުރެވޭތޯ ބަލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނަގެ ހިތްހަމަނުޖެހިފައިވީ މިއަދު އޮފީހުގައި އިވުނު ވާހަކަތަކެއްގެ އިތުރުން ކަންތައް މިވަނީ ވާންޖެހޭ ގޮތަށްނޫންކަން އެނގުންވާތީވެއެވެ. ޢިއްދައިގައި ހުއްޓާ އޭނައާއި އެހެން މީހެއްގެ ކައިވެނީގެ ވާހަކަ ދެކެވިގެން ވެސް ނުވާނެއެވެ. އެހެނަސް މަންމައާއި ބައްޕައަށް އެ ވާހަކަ ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ؟ މަންމައާއި ބައްޕަގެ ގޮތް ހިތަށް ވެރިވުމުން އެވަގުތު ވެސް އަފާފްގެ ހިތަށް ނުރުހުންތެރިކަމެއް ވެރިވިއެވެ. އޭގެ އިތުރުން ވިޔާމް އޭނަ ބޭރަށް ދިޔުމުން ވާހަކަ ދައްކާނީ ކޮން ރާގަކަށްކަން އެނގުންވުމުން އަފާފް އިތުރަށް ނުރުހުންވާ ގޮތްވިއެވެ. އިސާހިތަކު ވިޔާމަށް ދެވޭނެ ރުޅިވެރި ޖަވާބުތައް އަފާފްގެ ސިކުނޑީގައި ރޭވެން ފެށިއެވެ. އެހެނަސް މިއަދު ވިޔާމްގެ ދުލުން އިވުނު ވާހަކަތައް އަނެއްކާވެސް ހަނދާންވުމުން އަފާފްގެ އެ ޚިޔާލުތަކަށް ހުއްޓުމެއްއައެވެ. އޭނަ ކޮންމެ ވާހަކައެއް ދެއްކިޔަސް ވިޔާމް ދަށްކުރާ ފަދަ ވާހަކައެއް ދައްކައިގެން ނުވާނެކަން އަފާފަށް އެނގުންވިއެވެ. އެހެނީ ވިޔާމްގެ އެ ހިތް އެހާވަރަށް ހަރުވެފައިވަނީ ހަރުކަށި ހިތްތަކެއްގެ ވެރިން ކަންތައް ކުރި ގޮތުންނެވެ. ވީއިރު އިތުރު ހަރުކަށިކަމަކުން އެ ހިތް މަޑެއް ނުވާނެއެވެ.
އަފާފް އޭނަގެ ޚިޔާލުތަކުގައި ހުއްޓާ އަނެއްކާވެސް ބޭރުން މަންމަ ގޮވާލި އަޑަށް އަފާފް ލައްބައޭ ކިޔާލިއެވެ. މަންމަ މިފަހަރު އަންނާށޭ ބުނެލުމުން އަފާފް ދާން ހިނގައިގަތީ ވީހާވެސް އިޙްސާންތެރި ކަމާއެކީ ވިޔާމާއި މުޚާތަބު ކުރެވޭނެ ގޮތްތަކާއިމެދު ވިސްނަމުންނެވެ.
އަފާފް ހީކުރި ގޮތާއި ޚިލާފަށް އޭނަ ސިޑި ބަރިއާއި ހަމަވީއިރު ސިޓިންގް ރޫމުން އާ މޫނަކަށް އޭނައަށް ފެނުނީ ވިޔާމް އެކަންޏެއް ނޫނެވެ. ވިޔާމްގެ އިތުރުން އެތާހުރި ދިގު ސޯފާގައި ދުވަސްވީ އެހެން ދެ ފިރިހެނުންވެސް ތިއްބެވެ. އަފާފަށް ސިޑީގެ ތިންވަނަ ހަރުފަތާއި ހަމަކުރެވުނުތަނާހެން ތިރީގައި ހުރި ޝާދިޔާ އޭނަގެ ނަމުން ގޮވާލިއެވެ. އެއާއެކު ސިޓިންގް ރޫމުގައި ތިބި އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވުމުން އަފާފަށް ބޭއިޚްތިޔާރުގައި އިސްޖަހާލެވުނެވެ. އޭނަ ފަސްއެނބުރި އޭނަގެ ކޮޓަރިއަށް އަނބުރާ ދާން ބޭނުންވިއެވެ. އެހެނަސް އޭނަ ވާހަކަ ދައްކައިގެން ނޫނީ މި ޙާލަތު ޞުލްޙަވެރި ގޮތެއްގައި އޭނައަށް ޙައްލު ނުކުރެވޭނެކަން އެނގުންވުމުން އަފާފް އޭނަގެ ބަނޑުގައި އެއްއަތުން ހިފަހައްޓައިގެން ފަރުވާތެރިކަމާއެކީ ފައިބަން ފެށިއެވެ. ލައިގެން ހުރި ދޫ ހެދުމުގެ ސަބަބުން އޭނަގެ ބަނޑު ބޮޑުވަމުން އަންނަކަން ބޭރުފުށުން ފާހަގައެއް ނުވެއެވެ.
“ވަރަށް ބަލިކޮށް ދޯ އެ ކަނބުލޮ އުޅެމުންދަނީ؟” އެތާނގައި ތިބި ދެ ފިރިހެނުންގެ ތެރެއިން އިސްތަށިގަނޑު ނުރަވެފައިވި ފިރިހެން މީހާ އަފާފަށް ބަލަން ހުރެ އަހާލިއެވެ. ސިޑިން ފައިބަމުން ދިޔަ އަފާފަށް އެ ހިނދު އެމީހާއަށް ބަލާލެވުނެވެ.
“އާނ ރަމީޒް. އޭނަގެ ކުރީގެ ކައިވެނިން އޭނަ ވަރިވީއިރު އޭނަ ހުރީ ބަނޑުބޮޑުވެފަ. ވިޔާމް ކައިރީގަ އަހަރެން ބުނިން އެ ވާހަކަ. ދޯ ދަރިފުޅު؟” ހުސެއިން ނުހަނު ލޯބިން ވިޔާމާއި މުޚާތަބު ކުރި ވަގުތަކީ އަފާފަށް ދެބުމަ ކައިރި ކޮށްގެން ހުރެ ސިޑިން ފޭބުނު ވަގުތެވެ.
“އާނ……ރަމީޒްބެ، އަހަރެން ބޭނުން އެ ދަރިފުޅު އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލަން. އެހެންނޫނީ އަފޫ އެ ދަރިފުޅުގެ ބައްޕައަށް ނުރުހުންވާވަރަށް އެ ދަރިފުޅަށް ވެސް ނުރުހުންވާނަމަ ވިހެއިމަ އެ ކުއްޖާ ފޮނުވިދާނެ އޭނަގެ އަސްލު ބައްޕަ ކައިރިއަށް ވެސް.” ވިޔާމް އަފާފަށް ބެލުމެއްނެތި އެ ވާހަކަތައް ދެއްކީ އަފާފް ރުޅި އަރުވާލުމުގެ ނިޔަތުގައެވެ. އެކަން އަފާފަށް މާ ރަނގަޅަށް އެނގުންވިއެވެ. ފުރަތަމަ ސިކުންތުގައި އެ ވާހަކަތަކަށް އައި ރުޅީގައި އަޑު ހަރު ކުރަން ބޭނުންވިއެއްކަމަކު އަފާފް އަމިއްލަ ނަފްސު ހަމައަކަށް އެޅުވީ އެހެންވެއެވެ. އެހެނަސް އޭނަ ދެން ވިޔާމްގެ ކުރިމައްޗަށް ދާން ޚިޔާލެއް ނުކުރިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން. އެކަމަކު އަހަރެން ތިގޮތަކާ އެއްބަހެއް ނޫން. އަހަރެން ނުރުހުމެއްނުވޭ އަހަރެންގެ ދަރިފުޅު ދެކެވެސް އަދި އެ ދަރިފުޅުގެ ބައްޕަދެކެވެސް.” އަފާފް ހުރިތާ ހުރެ އެތާތިބި އެންމެންނަށް އިވޭ ވަރަށް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވީ ހިނދު އޭނަގެ މަންމައާއި ބައްޕަގެ މޫނުމަތިން އަފާފަށް ފެނުނީ ރުޅިވެރިކަމެވެ. އެހެނަސް އަފާފް އޭނަގެ ބަސްތައް ބަދަލުކުރާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
“ހެހެ…..އަފޫ ބޭނުމިއްޔާ އަހަރުމެންގެ ކައިވެންޏަށްފަހު އަހަރުމެންނާއެކީ ވެސް ތި ދަރިފުޅަށް އުޅެވޭނެއޭ. އަފޫއަކަށް ވެސް މުޅި ޢުމުރަކު ނުއުޅެވޭނެއްނު އަފޫގެ ހުންނަ ފަދަ ޙައިސިއްޔަތެއް ނެތް މީހަކާ އެކީގަ؟ އަފޫ ކަހަލަ ތަންތަނުގެ ވެރިންނާ ގުޅޭނީވެސް އެހެނިހެން ތަންތަނުގެ ވެރިންނެއްނު؟” ވިޔާމް އެހެން ބުނެލީ ނުހަނު ފަޚުރުވެރިކަމާއެކީ ޝަރަފް ދަށްކޮއްލުމުގެ ނިޔަތުގައެވެ. އެ ވާހަކައިން ވެސް އަފާފްގެ އަތް ގޮށްމުއްކެވިގެން ދިޔައެއްކަމަކު އޭނަ ދެންވެސް ވިސްނުންތެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ރަނގަޅު ވާހަކައެއް. އަހަންނަކީ އަހަރެންގެ ބައްޕައަށް އެހާބޮޑަށް ބަރޯސާނުވެ އަމިއްލަ މަސައްކަތުން އަމިއްލަ ކުންފުންޏެއް އުފެއްދި މީހެއް. އެހެންވީމަ އަހަރެން ކަހަލަ ޙައިސިއްޔަތެއް ހުންނާނީ ވެސް އެމީހެއްގެ ބައްޕަގެ ފަރާތުން ބޮޑު ވިޔަފާރިއެއް ވާރުތަ ކުރާ މީހެއްގެ ބަދަލުގަ އަމިއްލަ ބުރަ މަސައްކަތުން އަމިއްލަ ވިޔަފާރިއެއް ފަށާ މީހެއް، ދެއްތޮ؟” އަފާފް އޭނަގެ ވާހަކައިން ވިޔާމަށް ވުރެ މަތީ މަޤާމެއް ޝަރަފަށް ދީފިކަން އެތާ ތިބި އެންމެންނަށް ވެސް އެނގިގެން ދިޔަދިޔަހެން އެ އެންމެންގެ ވެސް ނިތަށް ރޫ ގިނަވެ ބުމަގޮށްޖެހިގެން ދިޔައެވެ. ވިޔާމް ރަތްވެގެން ދިޔަ މޫނަކާއެކީ ކުއްލިއަކަށް ކޮޅަށް ތެދުވީ އޭނަ މިހާ ދުވަސްވަންދެން ދަށްކުރަން އުޅޭ މީހަކު ފުރަތަމަ ފަހަރަށް އޭނައާއި އަޅާ ކިޔާލެވުނު އަޑު އިވުމުންނެވެ. އޭނަ ވަގުތުން އެއަށް ރައްދުދީ ވާހަކަ ދެއްކިއެވެ.
“ތިބުނާ މީހަކު އެ ބުރަމަސައްކަތެއް ކުރާކަން އަފާފަށް އެނގެނީ ކިހިނެއް؟ އޭނަ އަފާފާއި ވަރިވި ފަހުން އެންމެ ފަހަރަކުވެސް އަފާފަށް ގުޅިތަ؟ ބުނެބަލަ އަފާފް! އަފޫއާއިމެދު އަޅާލެވޭތީވެއޭ އަހަރެން އަފޫ ކައިރިއަށް މިއައީ. ތައުބާވުމަށްފަހު އަހަންނަށް ފެނުނު އަންހެން ކުދިންގެ ތެރެއިން އެންމެ ރަނގަޅު އަންހެން ކުއްޖަކީ ތިއީ. އަބަދުވެސް ބޭނުންވި އަފޫއާ އިންނަން. މި ހުރިހާ ދުވަހު އަފާފް އެހެން މީހެއްގެ ޙައްޤަކަށް ވެފައިވީތީ އަހަރެން ދުރުގަ ހުރީ. އެކަމަކު އަފާފް މިއަދު އެކަނިވެރިވީމަ އަހަރެން ބޭނުން އަފާފަށް އެހީވާން.” ވިޔާމް އޭނަގެ ވާހަކަ ފެށީ ހިސާބެއްގެ ހަރުއަޑުން ކަމަށްވިޔަސް އޭނައަށް ބަލަހައްޓައިގެން ތިބި ހުސެއިން މެން ފާހަގަވުމުން އެ ވާހަކައަށް ލޯބީގެ ރާގެއް އެޅުވިއެވެ. އޭނަގެ ދެއްކުންތެރިކަން ކިތަންމެ ފުރިހަމަ ވިއެއްކަމަކު އަފާފް ވެސް ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ.
“އަހަރެން އަދި ތިބުނާހެނެއް އެކަނިވެރިއެއްނުވޭ. އަހަންނަކީ އަދިވެސް އަހަރެންގެ ފިރިމީހާގެ ބެލުމުގެ ދަށުގައި ވާންޖެހޭ މީހެއް. އެއްގޮތަކަށް ވެސް އެހެން މީހަކަށް އަދިއެއް އަހަންނާއި ނުއެއް އިނދެވޭނެ.” އަފާފް ސާބިތުކަމާއެކީ އެހެން ބުނެލުމުން އެތާތިބި ރަމީޒާއި އަހުމަދުގެ ނަޒަރުވެސް ހުސެއިނަށް އަމާޒުވިއެވެ. ހުސެއިން ގަދަކަމުން ކަހަލަ ގޮތަކަށް ހީލަމުން ކޮޅަށް ތެދުވެލިއެވެ.
“ހެހެހެ…..އަފޫ އެ ދެއްކީ ރަނގަޅު ވާހަކައެކޭ. މި ދުވަސްވަރު އަފޫއަކަށް މީހަކާ ނީނދެވޭނެ. އެކަމަކު އަފޫ ވިހައިގެން ޢިއްދަ ހަމަވީމަ ވިޔާމާއި އިންނަ ގޮތަށް އޮތީ، ދޯ އަފޫ؟” ހުސެއިން ދޯ ދެމުން އެހެން މީހުންނަށް ނޭނގޭނެ ފަދައަކުން އަފާފަށް ސީރިއަސް ނަޒަރެއް ދިނެވެ. ޝާދިޔާ ވެސް ދުރުގައި ހުރެ އަފާފަށް ކަޅި އެޅިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެމީހުންނާއި އެއްބަސްވާން އަފާފްގެ ހިތް ބުންޏެވެ. އެހެނަސް އެއްބަސްވެއްޖެނަމަ އޭނައަށް ހެދޭނީ ދޮގެއްކަން އެނގުންވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
“ނޫން ބައްޕާ. އަހަރެން ބޭނުމެއްނޫން ވިޔާމާއި އިންނާކަށް.” އަފާފް ބުނެލި އެ ބަސްތަކުން މުޅި ތަނަށް މަރު ހިމޭންކަމެއް އައެވެ. ހުސެއިނާއި ޝާދިޔާގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު ރަމީޒާއި އަހުމަދު ނުރުހުންވެފައި އަފާފަށް ބަލަން ތިއްބެވެ. އަފާފާއި ކުރިމައްޗަށް ވާ ގޮތަށް ހުއްޓި ހުރި ވިޔާމްގެ ދަތްކުނޑި ވިކުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަށްފަހު ރަމީޒާއި އަހުމަދު ކޮޅަށް ތެދުވިއެވެ.
“ހުސެއިން! މި މަންޒަރު އަހަރުމެންނަށް ދައްކަންތަ އަހަރުމެން މިގެއަށް ގެނައީ؟” އަހުމަދު ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.
“ން…..ނޫނޭ އަހުމަދު! އަފޫ ސަމާސާއެކޭ އެ ކުރަނީ! އަފޫ ބޭނުމެއްނުވާނެ ތައުބާވެފައިވި މީހެއްގެ އެފަދަ އެދުމަކަށް ފަސްދޭން.” ހުސެއިން ދެންވެސް ހިނިތުންވާން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.
“ނޫން ބައްޕާ! ސަމާސާއެއް ނޫން މިކުރަނީ. އަހަރެން ބޭނުމެއްނޫން ޝަރަފް ނޫން އެހެން މީހަކާ އިންނާކަށް. ކަން މިހެން އޮތްވާ އަހަރެން ވިޔާމާއި އިނދެފިއްޔާ ވިޔާމަށް ވެސް ދެވޭނީ ދެރައެއް. ވިޔާމަށް ލިބިދާނެ އަހަންނަށް ވުރެ ބޮޑަށް އޭނަދެކެ ލޯބިވާނެ ރަނގަޅު ކުއްޖަކު.” އަފާފް ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކަ ނިމުނުތަނާހެން ޝާދިޔާ ދުރުގައި ހުރެ އަފާފްއޭ ކިޔައި ގޮވާލީ ހުއްޓާލާށޭ ބުނާ ފަދައަކުންނެވެ. އެހެނަސް އޭރު ޝާދިޔާއާއި ހުސެއިނަށް ވެސް ނޭނގުނު ކަމަކީ ދެން އެ ޙާލަތު އެމީހުން ބޭނުންވާ ގޮތަށް ބަދަލުވާން މާ ލަސްވެއްޖެކަމެވެ. އަފާފް އެ ވާހަކަ ދެއްކިތާ ހިނދުކޮޅެއް ފަހުން ރަމީޒް އޭނަގެ ކަރުކަހާލި އަޑު އިވުނެވެ.
“ހުސެއިން، ދުވަހަކުވެސް އަހަރުމެން މިހާ ބޮޑަށް ލަދުގަންނާކަށް ނުޖެހޭ. މި ވީގޮތުން އަހަންނަކަށް ދެން އަހަރެންގެ ނަންމައްޗަށް ބަދަލުކުރެވުނު ހުސެއިންގެ ވިޔަފާރި އަނބުރާ ދެވޭ ގޮތެއްނުވާނެ.” ރަމީޒް ޖެހިލުމެއްނެތި އަންގާލި އަންގާލުމުން ހުސެއިނާއި ޝާދިޔާއާއި އަފާފްގެ ހިތުގެ ތެރެއިން ވެސް ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. ހުސެއިންގެ މޫނުމަތިން ފެނިގެން ދިޔައީ ގޮތް ހުސްވީ ފަދަ އަސަރެކެވެ. ޚުދު އޭނަގެ އަމިއްލަ އަތުން އޭނަގެ އަމިއްލަ ނަފްސު ބަރުބާދުގެ ތެރެއަށް އެއްލާލެވުނުހެން އޭނައަށް ހީވިއެވެ. ހުސެއިނަށް ދެން ވާހަކަ ދެކެވުނީ ވެސް އުނދަގުލުންނެވެ.
“ރަ…..ރަމީޒް އަދި މަޑުކޮށްބަލަ. އަދި އަފާފް އެއްބަސް….” ހުސެއިންގެ ވާހަކަ މެދުކެނޑުނެވެ.
“އޭނަ އެއްބަހެއް ނުވާނެ! ކަލެއަށް އެކަމަށްޓަކައި އޭނަ ރަނގަޅަށް ތަރުބިއްޔަތު ވެސް ކުރެވިފައި ނެތީ. އެކަމުގެ ހިތި ރަހަ ކަލޭގެ ކަރުބުޑުގަ ލާނެ. މިއަދަށްފަހު ތި ކޯޓު ފަޓުލޫނު ބާލާފަ ދެ އަންނައުނު ގަނޑު އެއްކޮށްގެން ލާން ތައްޔާރަށް ހުރޭ!” ރަމީޒް ހުސެއިން ނިކަމެތި ވާ ފަދައަކުން ދެއްކި ވާހަކައިން އަފާފް އައި ރުޅިން މުޅި މީހާ ތުރުތުރު އެޅިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ރަމީޒް އޭނައާއި ދިމާލަށް ބަލާލިއެވެ.
“އަދި ކަލޭގެ ވިޔަފާރި ވެސް ޖަހައިގަންނާނަން! މާ ބޮޑު މީހެއްކަމަށްނު ތި ހެދިގެން އުޅެނީ. ކަލޭގެ އަތް ނުދޮވުނިއްޔާ މަށަށް ރަމީޒޭ ނުކިޔާނެ. އެދުވަހަކު ކަލޭ ޖެހޭނީ ބިމުގަ ހަތަރެސްފައި ޖަހައިގެން ވެސް ވިޔާމާއި އަހަރެންގެ ފައިބުޑަށް ވެއްޓި ކާ އެތިކޮޅަކަށް އެދެން!” ރަމީޒް ދުވަހަކުވެސް އަފާފާއި މުޚާތަބު ނުކުރެވޭ ފަދައަކުން އޭނައާއި ވާހަކަ ދެއްކިއެވެ. އެ ހިނދު އަފާފާއި އޭނަގެ މަންމައާއި ބައްޕަގެ ހިތްތައް އެތައް ދުވަހެއްފަހުން އެކަތި ގަނޑަކަށްވިއެވެ. ރަމީޒްގެ ވާހަކަ ހުރީ އޭގެ ތެރެއިން އެކަކު ވެސް ރުހޭފަދަ ގޮތަކަށް ކަމުގައި ނުވިއެވެ. އެ ތިން މީހުންގެ ތެރެއިން ރަމީޒަށް ޖަވާބެއް ދޭން ކެރުނީ އަފާފަށް އެކަންޏެވެ.
“ﷲ ގެ އިރާދަފުޅުން އަހަރުމެންނަށް އެފަދަ ޙާލެއް ނުޖެހޭނެ. އަދި ޖެހުނަސް އަހަރުމެން ނުވެއްޓޭނެ ތިކަހަލަ ބައެއްގެ ފައިބުޑަށް. އަހަރުމެން މީ ނުބައި ކަންތައް ކޮށްގެން ލިބޭ ލާރިއަށްޓަކައި ދަހިވެތިވެފައިވާ ބައެއްނޫން! ރިޒުޤު ދެއްވަނީ ހަމައެކަނި ﷲ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ރިޒުޤު އިތުރު ކޮށްދެއްވާ. އެކަމަށްޓަކައި އަހަރުމެން ނުޖެހޭ ތިކަހަލަ ބަޔަކަށް ސަލާންޖަހާކަށް!” އަފާފް އެހެން ބުނެލީ ސާބިތު ހިތަކާއެކީ ޔަޤީންކަމާއި އެކީގައެވެ. އޭނަ އެހެން ބުނެ ނިމުނުތަނާހެން ރަމީޒްގެ ހުތުރު ބަސްތައް އޭނައަށް އަމާޒުވިއެވެ. އެއަށްފަހު ރަމީޒް މަޑުކުރުމެއްނެތި ދާން ހިނގައިގަތެވެ. އޭނަގެ ފަހަތުން އަހުމަދާއި ވިޔާމް ވެސް ދާން ހިނގައިގަތެވެ. އެމީހުން ލޯމައްޗަށް ގެއްލުމުން ހުސެއިން އެ ހުރި ގޮތަށް ސޯފާއަށް ވެއްޓިގަތެވެ. ބައްޕައަށްވީ ގޮތް ފެނިފައި އަފާފްގެ ހިތަށް ކެތްނުވެގެން އޭނަ ބައްޕާއޭ ކިޔައި ގޮވާލަމުން ހުސެއިންގެ ކައިރީގައި ގޮސް އިށީނެވެ. ޝާދިޔާ ވެސް ހުސެއިންގެ ކައިރިއަށް އައިސް އެމީހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަމަށް ބުނަން ފެށިއެވެ. އެހެނަސް އެއީ ޙަޤީޤަތާއި ކިހާ ދުރު ވާހަކައެއްކަން ޔަޤީންވެފައިވީ ހިމޭނުން ހުރި ހުސެއިނަށެވެ. އޭނަ އެއްޗެކޭ ނުބުނެ އިނީ އެހެންވެއެވެ.
އޭގެ އަނެއްދުވަހުގެ ހެނދުނާއި ޖެހެންދެން ވެސް ހުސެއިން އަނގައިން އެންމެ ބަހެއް ވެސް ނުބުނެއެވެ. ކުރިމަތިވާން އުޅޭ މުޞީބާތުގެ ބޮޑުކަން އޭނައަށް އިޙްޞާޞްވެފައިވި ފަދައެވެ. އެއްވެސް ކަމެއް ދެން ރަނގަޅަށް ދާނެކަމުގެ އުއްމީދެއް ނެތެއްކަމަކު ހުސެއިން އެދުވަހުވެސް އޮފީހަށް ދާން ތައްޔާރުވިއެވެ. އަދި އަފާފާއެކީ އޮފީހަށް ދިޔުމަށްޓަކައި ކާރުގައި ދަތުރު ފެށިއެވެ. އަފާފް އޭނަގެ އޮފީހަށް ލައިދީފައި ހުސެއިން ދިޔައީ އޭނަގެ އޮފީސް ހުންނަ ޢިމާރާތަށެވެ. ދިޔައިރު ކަމަކު ދާކަށް ނެތެވެ. ޢިމާރާތުގެ މައި ދޮރުގައި ތަޅު އެޅުވިފައިވީއިރު އޮފީހުގެ މުވައްޒަފުން އެތާ ބޭރުގައި ސުވާލު އުފެދިފައި ތިއްބެވެ. ހުސެއިން އައުމާއެކު އެ އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވިއެވެ. އެހެނަސް ހުސެއިންގެ ކިބައިން ހުރިހާ ވަރެއް ދޫވެފައިވި ފަދައެވެ. އެތައް އަހަރެއް ވަންދެން އޭނަ އަމިއްލަ އަތުން ކުރި މަސައްކަތުން އެޅި ވިޔަފާރި އެންމެ ދުވަހެއްގެ ތެރޭގައި އަތުން ބީވެގެން ދިޔަ އިޙްޞާޞް ކުރެވުމުންނެވެ. މީގެ އިތުރުން ނަގާފައިވި ބޮޑު ތިން ލޯނުގެ މަތިން ހަނދާންވެފައި އޭނަ ދެން ހަދާނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު ހުސެއިންގެ މޫނުމައްޗަށް އަނދިރިވާން ފެށިއެވެ. އެތާތިބި އެންމެން ބަލަބަލާ ތިއްބާ ހުސެއިން ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ.
އެ ދުވަސްވެގެން ދިޔައީ އަފާފްގެ ޢާއިލާއަށް ފުރަތަމަ ފަހަރަށް އައި ބޮޑު ޠޫފާނެއްގެ ފެށުމަށެވެ. އޮފީހުގައި އިން އަފާފަށް އޭނަގެ ބައްޕަގެ ޚަބަރު ލިބުނުތާ މާ ގިނައިރެއްނުވެ އަފާފާއި ޝާދިޔާއަށް ތިބެވުނީ ހޮސްޕިޓަލުގައެވެ. ބައްޕައަށް ފަރުވާދޭން އެމަޖެންސީ ރޫމަށް ޑޮކްޓަރަކު ވަނުމުން އަފާފާއި ޝާދިޔާއަށް ތިބެވުނީ ފެންކަޅިވެފައެވެ. އެމީހުންގެ އުފާވެރި ދުވަސްތަކަށް ނިމުމެއް އައީހެން ދެމީހުންނަށް ވެސް ހީވިއެވެ.
އެހެނަސް އެ ދެމައިންނަށް ވެސް ނޭނގުނު ކަމަކީ ކޮންމެ މުޞީބާތެއްވެސް ކުރިމަތިވަނީ ރަނގަޅަކަށްކަމެވެ. އެދުވަހު ހޮސްޕިޓަލްގެ އެ ބެންޗުގައި ތިބެ އެތައް ދުވަހެއްފަހުން ޝާދިޔާއަށް ރޮއިގަންނަމުން އަފާފްގެ ގައިގައި ބައްދާލެވުނެވެ. އަފާފް ވެސް ހިތްވަރު ކުރަމުން ލޯތްބާއެކީ އޭނަގެ މަންމަގެ ބުރިކަށީގައި ފިރުމަމުން ހިތްވަރު ލައިދިނެވެ. ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމަށް ބުނަމުންނެވެ. އަފާފްވެސް އެ ހިނދު އެ ބަސްތައް ބުނެލީ ހަމައެކަނި ބުނާ ބުނުމެއްގެ ގޮތުގައެވެ. އެއީ ޝައްކެއްވެސް ނެތް ގޮތުގައި ކިހާ ބޮޑު ޙަޤީޤަތަކަށް ވާނެކަން އޭރު އަފާފަށް ވެސް ދޭހައެއް ނުކުރެވެއެވެ.
ހުސެއިނަށް ދިމާވީ ލޭގެ މައްސަލައެކެވެ. އެހެންކަމުން ލޭގެ ބޭސް ދީފައި އެދުވަހުން އެދުވަހަށް ވެސް އޭނަ ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. އެހެނަސް ހާސްވެ ކަންބޮޑުވާ ކަންތައްތަކާމެދު ނުވިސްނަން ޑޮކްޓަރުން ނަޞޭޙަތްތެރިވިއެވެ. ނަމަވެސް އެ ވެގެން ދިޔައީ ނާދިރު ކަމަކަށެވެ. ގެއަށް ދެވުމާއެކުހެން އަފާފާއި ޝާދިޔާއަށް ފެނުނީ ހުސެއިން ގޮސް ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެ ދެއަތުން މޫނު ފޮރުވާލި މަންޒަރެވެ. އެތަން ފެނިފައި އަފާފް ބައްޕަ ގާތު އުފާވެރި ވާހަކައެއް ދައްކަން އުޅުނުތަނާހެން ބައްޕަގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. އެ ގިސްލުމުގެ ތެރެއިން ހުސެއިން ވޭނީ އަޑަކުން ވާހަކަ ދެއްކިއެވެ.
“އަހަރެން…މުޅި ޢުމުރު ދުވަހު ކުރި ހުރިހާ މަސައްކަތެއް އެ ދިޔައީ ފެނަށް. ދެން އަހަރުމެން ކިހިނެއް އުޅޭނީ؟ އަދި ބާކީ އެބަހުރި އެތައް ލޯނެއް ލައްކައިން ދައްކަން. ލޯނު ނުދެއްކުނިއްޔާ އަހަރުމެންގެ ގެ ވެސް……” ހުސެއިނަށް ވާހަކަ ދެކެވުނީ ހަމައެކަނި އެހާވަރަށެވެ. އެވަގުތު ހުސެއިން އެ ފާޅުކުރި ކަންބޮޑުވުން އަފާފަށާއި ޝާދިޔާއަށް ވެސް އިޙްޞާޞް ކުރެވުނެވެ. އެތައް ގުނައެއް އިތުރު ވާ ލޯނުތައް ނެގުމަކީ ރަނގަޅުކަމެއް ނޫންކަމަށް އަފާފް އެންމެ ކުރިން ވެސް ބުންޏެވެ. އެހެނަސް ބައްޕަވަނީ އެ ބަސް އަޑުއެހުމެއްނެތި އެ ލޯނުތައް ނަގާފައެވެ. ކޮންމެ ގޮތެއްވިޔަސް މިއީ ބައްޕައަށް އެދުވަހުގެ މަތިން ހަނދާން ކޮށްދޭންވީ ދުވަސް ނޫންކަން އެނގި އަފާފް އެ ވާހަކަ އިތުރަށް ނުދައްކަން ނިންމިއެވެ. އަދި އޭނަގެ ޢާއިލާ ބަލަން ހުރި މީހަކީ އޭނަކަން ދަނެގެން ވަރުގަދަ ޢަޒުމަކާއެކީ ކޮޅަށް ތެދުވިއެވެ.
އަފާފް އޭނަ އުޅެމުން ދިޔަ ބަލި ޙާލާއެކީ ވެސް އެހެން ވަޒީފާއަކަށް ދާން ނިންމީ އެދުވަހުއެވެ. އެދުވަހުން އެ ދުވަހަށް ވެސް އޭނަ އެހެން އޮފީހަކުން މަތީ މަޤާމެއްގެ ވަޒީފާއަކަށް ލީ އެއްވެސް މީހަކަށް އެންގުމެއް ނެތިއެވެ. ހަފްތާތަކެއްގެ ތެރޭގައި އަފާފް އޭނަގެ އަމިއްލަ އޮފީހަށް ދަމުން ހަވީރުން ފެށިގެން ރޭގަނޑު ވަންދެން އޭނަގެ ދެވަނަ ވަޒީފާއަށް ވެސް ދާންފެށިއެވެ. އޭރު އޭނަގެ ބަނޑަށް 4 މަސްވެފައި އިތުރު ބަލިކަށިކަމެއް އިޙްޞާޞް ކުރެވުނެއްކަމަކު އަފާފް ހުރީ ބަލި ޤަބޫލުކުރާ ގޮތަކަށް ނޫނެވެ. އޭނަ ދެވަނަ ވަޒީފާއަށް ދާން ފެށީއްސުރެ މަންމައާއި ބައްޕައާ ޝަބާގެ އިތުރުން ދޭތެރެދޭތެރެއިން އޭނައާއި ބައްދަލުކުރަން އަންނަމުން ދިޔަ ޒޯ ވެސް އެހާ ބުރަކޮށް މަސައްކަތް ނުކުރުމަށް އޭނައަށް އަންގަމުން ދިޔައެވެ. އެހެނަސް އަފާފް އޭގެއިން އެއްވެސް އަޑެއް ނާހައެވެ. މި ވާހަކަތައް ޝަރަފްގެ ކަންފަތާއި ހަމައަށް ފޯރީ ޒޯގެ ފަރާތުންނެވެ.
“ޝަރަފް! އަފޫ މަސައްކަތް އެބަކުރޭ ކޮންމެ ދުވަހަކު 10 ގަޑިއަށް ވުރެ ގިނައިރު ވަންދެން!! އެއީ އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއްނޫން އަފޫއަށް ވެސް އަދި ބޭބީއަށް ވެސް. މިހާރު ބޭސްކެއުމުގަ ވެސް ފަރުވާކުޑަކަން ފާހަގަވޭ. އަދި މިއަދު ވަރަށް ގިނައިން ހޮޑުވެސް ލާފަ އެއްޗެއްވެސް ނުކެވޭ. އެހާވަރުންވެސް އޮފީހަށް ގޮއްސަ އޭނަ ހުރީ. ޕްލީޒް އޭނައަށް ނަޞޭޙަތެއް ދީބަލަ ޝަރަފް!” އެއްދުވަހު ހަވީރު ޒޯ އޭނައަށް ގުޅާފައި ދެއްކި ވާހަކައިން އާދައިގެ މަތިން ޝަރަފްގެ ހިތް މާޔޫސްވިއެވެ. އަފާފް އެފަދަ ބިކަ ޙާލެއްގައި ޖެހުނުކަން އެނގުނީއްސުރެ އޭނަ ޒޯ މެދުވެރިވެގެން އަފާފަށް ފައިސާ ފޮނުވަމުން ދިޔައެވެ. ޒޯ އެއެއްޗެހި ދެމުން ދިޔައީ އޭނަ ދޭ ޞަދަޤާތެއްކަމަށް ބުނަމުންނެވެ. އެހެނަސް މިފަހަރު ޒޯ ދެއްކި ވާހަކަތަކުން ޝަރަފް އަފާފަށްޓަކައި ފޮނުވަން ބޭނުންވީ ފައިސާއެއްނޫނެވެ. ހަދިޔާއެކެވެ. އޭނަ ހަމަ އެވަގުތުން ވަގުތަށް ގޮސް އެކި އެއްޗެހި ގަނެ ހަދިޔާއެއް ތައްޔާރު ކުރިއެވެ. އަދި އެއާއެކީ އަފާފަށްޓަކައި މެސެޖެއް ލިޔެ، އެރޭ މާލެއަށް ފުރާ މީހަކާއި އެ ހަދިޔާ ޙަވާލުކުރިއެވެ.
**
އެރޭ އަފާފް އެހާ ބޮޑަށް ބަލިވުމުގެ ސަބަބުން އޭނަގެ ދެވަނަ ވަޒީފާއަށް އެރޭ ނުނިކުމެވެ. އަފާފަށް އެރޭ ނަމާދު ކުރެވުނީ ވެސް ވަރަށް ބުރަކޮށެވެ. ދުވަސްވަމުން ދިޔަ ވަރަކަށް ފައިމައްޗަށް ތިރިވާން އޭނައަށް އުނދަގޫވަމުން ދިޔައެވެ. އޭނައަށް ދަތިވާ ކޮންމެ ފަހަރަކުހެން އޭނަ ޝަރަފްމަތިން ހަނދާންވަމުން ދިޔައެވެ. އެރޭވެސް ނަމާދަށްފަހު ޒިކުރު ކިޔައި ނިމުމުން ޝަރަފް މަތިން ހަނދާންވީ މިންވަރު އޭނައަށް އެއްފަހަރާ ޝަރަފަށްޓަކައި އެތައް ދުޢާއެއްކުރެވުނެވެ. ޝަރަފް ކޮންމެ ތަނެއްގައި ވިޔަސް އޭނަ ރައްކާތެރިކޮށްދެއްވުމަށާއި އޭނައަށް ކާމިޔާބީ ދެއްވުމަށް އެދި ދުޢާ ކުރެވުނެވެ. ހަމަ އެ ހިނދު އޭނަ އެއްކަލަ ދުވަސްފަހުން ޝަރަފާއި ގުޅަން މަސައްކަތް ނުކުރާކަން އެނގުންވުމުން އަފާފް އޭނަގެ ފޯނު ނަގަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު އޭނަގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށް އަފާފް އެދިމާލަށް ބަލާލަމުން ވަންނާށޭ ބުނެލިއެވެ. އެއާއެކު ކޮޓަރީގެ ތެރެއަށް ވަދެގެން އައީ ޒޯ ނޫން ދެވަނަ މީހެއްނޫނެވެ. އޭނަ ފުރިހަމަ ހިނިތުންވުމަކާއެކީ ކޮޓަރިއަށް ވަދެގެން އައިސް އަފާފްގެ ކައިރީގައި އެނދުމަތީގައި އިށީނދެވެ. ޙާލު އަހުވާލު އެހުމަށްފަހު ޒޯ އޭނަގެ އަތުގައި އޮތް ކަރުދާސް ކޮތަޅު އަފާފަށް ދިއްކޮށްލިއެވެ.
“މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ.
“ގިފްޓް.” ޒޯ ދިނީ ކުރު ޖަވާބެކެވެ.
“ކާކު ދިން އެއްޗެއް؟” އަފާފް އެހިއެވެ.
“ކޮންމެ މީހަކު ދިނަސް ތީތި ކަނޑާބަލަ ކާ އެއްޗެއް ހުރިތޯ ބަލަން.” ޒޯ ސަމާސާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައަށް އަފާފް ކުޑަކޮށް ހީލަމުން އެ ކޮތަޅުގެ ތެރޭގައި އޮތް ޕާރުސަލް ނަގައި ކަނޑަން ފެށިއެވެ. އޭގެ ބޭރުގައިވި ގަނޑު ނައްޓާލުމަށްފަހު އެ ފޮށި ހުޅުވާލުމާއެކުހެން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ.
ނުނިމޭ