Hadhiya (Part 3)
“އައްޒާމް…” މާޝާއަށް ވައި އަޑުން އެ ނަން ކިޔާލެވުނުތަނާހެން އޭނަގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު އޭނަގެ ބައްޕަ ސޫޓްކޭސް ޑިކީއަށްލުމަށްފަހު ކާރަށް އެރުމަށް އެންގިއެވެ.
**
“ކާފާ މިހާރު ފައި ކިހިނެއްތަ؟ އެއްވެސް ވަރަކަށް ރަނގަޅު އެބަވޭތަ؟” އައްޒާމް ކާރުގެ ފަހަތު ސީޓުގައި އޭނަގެ ކާފަ ހާޝިމްގެ ކައިރީގައި އިނދެ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.
“އަދިވެސް އެބަ ރިއްސާ. މުސްކުޅިވީމަ ދެން މިކަހަލަ ކަންތައް ވެސް ދިމާވާނެދޯ؟ އެއީ އަދި ކޮންމެވެސް ތަނަކަށް އެނބުރިދާން ޖެހޭކަމުގެ ހަނދުމަކޮށްދިނުމެއް. އަލްޙަމްދުލި ﷲ!” ހާޝިމް ވާހަކަ ދެއްކީ ބަދަލުނުވާ އުޖާލާވި ހިނިތުންވުމެއްގައި އިނދެއެވެ.
“ތިކަން އޮތީ ތިހެން. އެކަމަކު ސަބަބުތަކުގައި ވެސް ހިފުން އޮވޭދޯ ހާޝިމްބެ؟ އައްޒާމްއަށް އެނގޭތަ؟ އައްޒާމް ނެތި ދިޔަ މި އެއްދުވަހުގެ ތެރޭގަ ހާޝިމްބެ އަހަރެން ކައިރީގަ ނުބުނެ އެތައް ތަނަކަށް ހިނގާ ގޮސް ހެދި.” އެހެން ބުނީ ޑްރައިވާސް ސީޓުގައި އިން ލަބީބެވެ. ލަބީބަކީ ފުވައްމުލަކުގައި އުޅޭ ހާޝިމްގެ ދުރުތާ ތިމާގެ ޢާއިލާއަކަށް ނިސްބަތްވާ މެދުޢުމުރުގެ ފިރިހެނެކެވެ. ހާޝިމް މިގޮތަށް ކޮށްއުޅޭ ދަތުރުތަކުގައި އޭނައަށް އަބަދުވެސް ލަބީބްގެ ފުރިހަމަ އެހީތެރިކަން ލިބެއެވެ.
“އެއީ ތެދެއްތަ ކާފާ؟” ލަބީބް ދެއްކި ވާހަކަތަކުން އައްޒާމަށް އަހާލެވުނެވެ.
“ދެން ލަބީބަށް އެހާ އުނދަގޫވެސް ކުރާކަށް ނުވާނެއެއްނު؟ އެހެން ނޫނަސް އެއްވެސް ވަރަކަށް އަމިއްލައަށް ހެލިފެލިވެ ނޫޅެންޏާ ތަންމަތީގަ އޮވެވިދާނެ.” ހާޝިމް ބުންޏެވެ.
“އެކަމަކު ކާފައަށް ގޮތެއްވެއްޖެއްޔާ މާ ދެރައެއްނު؟ އަހަރެން ބުނީމެއްނު ކާފަ ކައިރި އަހަންނާ އެކީގަދާން މަޑުކޮށްލަދޭށޭ؟ ޓިކެޓް ނެގިފަ އޮތަސް ކާފައަށް މިހާރު އެކަނި ދަތުރުކުރެވޭ ވަރެއްނޫނޭ. ވަރަށް ދެރަވާނެ ކާފައަށް އަނިޔާއެއް ލިބިއްޖެއްޔާ.” އައްޒާމް ހިތާމަވެރި މޫނަކާއެކީ އޭނަގެ ކާފައަށް ބަލަން އިނދެ، ސީޓުމަތީގައި އޮތް ކާފަގެ އަތްމަތީގައި އަތް އަޅާލަމުން ބުނެލިއެވެ. ބަދަލުގައި ކާފަ އޭނައާއި ހިނިތުންވުން ނޫންކަމެއް ނުކުރުމުން އައްޒާމަށް ދެންވެސް ދެރަވެފައި ކާފައަށް ބަލަން އިނދެވުނެވެ. އައްޒާމަށް މުޅި ޢުމުރުގައި ވެސް އޭނަގެ ޢާއިލާއެއްގެ ގޮތުގައި ފެނިފައިވަނީ އޭނަގެ ކާފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޢުމުރުން އެންމެ 5 އަހަރުގައި އައްޒާމްގެ މަންމައާއި ބައްޕަވަނީ އޭނައަކީ ބުރައެއް ކަމަށް ދެކި އޭނަ ގެއިން ނެރެލާފައެވެ. އެދުވަހުވެސް އޭނައަށްޓަކައި އަޑުއުފުލި މީހަކަށްވީ ހަމައެކަނި އޭނަގެ މަންމަ ފަރާތު ކާފައެވެ. އެ މަންމައަށާއި ބައްޕައަށް ވިސްނައިދެވޭތޯ އެތައް ދުވަހެއް ވަންދެން މަސައްކަތް ކުރީ އެ ކާފައެވެ. އެންމެފަހުން މަންމައާއި ބައްޕަ އަދާކުރަމުން ދިޔަ ވަޒީފާގެ ސަބަބުން އެމީހުން އިނގިރޭސިވިލާތަށް ބަދަލުވާން ޖެހުނެވެ. އެއީ އައްޒާމްގެ ޢުމުރުން 7 އަހަރުގައެވެ. މަންމަމެން ފުރަން އޮތް ދުވަހު އައްޒާމް މަންމަގެ ގައިގައި ބައްދައި ރޮއިރޮއިފައި އޭނަ ދޫކޮށް ނުދިޔުމަށް އާދޭސްކުރިއެވެ. އެހެނަސް އޭނަގެ މަންމަ އޭނައަށްދިނީ ބީރު ކަންފަތެކެވެ. މަންމަ ގަދަކަމުން އޭނަ ދުރުކޮށް، މޭގައި އަތްއަޅައި ކޮއްޕާލި ދުވަހަކީ އޭނަގެ ހަނދާނުން ފިލައިގެން ދާނެ ދުވަހެއްނޫނެވެ. އެދުވަހު ހިތުތެރޭގައި އުފެދިގެން ދިޔައީ ބޭހަކުން ފަރުވާ ނުކުރެވޭނެފަދަ ޒަޚަމްތަކެވެ. އެ ޒަޚަމްތަކުގެ ތެރޭގައި އޭނަ ޣަރަޤުވަމުން ދަނިކޮށް އޭނަ ސަލާމަތްކޮށްދިނީ އޭނަގެ ކާފައެވެ. އޭނައަށް ލޯބީގެ ހިޔާވެއްސެއްދީ އޭނަ ރައްކާތެރިކުރީ ކާފައެވެ. އޭނައަށް ކާންދީ އަންނައުނު ދިނީ ކާފަ މާލޭގައި ހިންގަމުން ދިޔަ ބޮޑު ވިޔަފާރީގެ އެހީގައެވެ. ކާފަ އަތުގައި ކިތަންމެ ލާރިއެއް ހުއްޓެއްކަމަކު އައްޒާމް ބޮޑުވަމުން އައީ އެ ލާރިއަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ވަރުގަދަ ޢަޒުމަކާއި އެކީގައެވެ. އޭނަގެ ކާފަ އޭނައަށް ދިން ތަރުބިއްޔަތަކީ އެއީއެވެ. މިގޮތުން އޭނަ ގްރޭޑް 10 ގައި ކިޔަވަމުން ދިޔައިރު ވެސް އަމިއްލައަށް އިސްނަގައިގެން ކާފަ މާލޭގައި ހިންގަމުން ދިޔަ ފޯނާއި ލެޕްޓޮޕް ވިއްކާ ފިހާރައިގައި މަސައްކަތް ކުރަން ފެށިއެވެ. އައްޒާމް އެންމެ ޝައުޤުވެރިވީ އެ ފިހާރައިގައި ހުންނަ ހަލާކުވާ ފޯނުތަކާއި ލެޕްޓޮޕްތައް ރަނގަޅުކުރާ ބަޔަށެވެ. އެހެންކަމުން ސްކޫލް ނިންމުމަށްފަހު އޭނަ ގިނަ ވަގުތު ހޭދަކުރަމުން ދިޔައީ އެ ސަމާން ރަނގަޅު ކުރަމުން ދިޔަ މަންޒަރު ބެލުމުގައެވެ. މަސްތަކެއްގެ ތެރޭގައި އައްޒާމަށް އަމިއްލައަށް ވެސް އެކަން ކުރަން ފެށީ ކުރާ ހިތްވި ވަރުންނެވެ. އޭގެ ދުވަސްތަކެއް ފަހުން އޭނަ އައިޓީ ދާއިރާއިން ކޯހެއް ހަދަން ފެށީ އޭނަ ކުރިއަށް ދާން ބޭނުންވަނީ އެ ދާއިރާއިންކަން ޔަޤީންވުމުންނެވެ. މި އަހަރަކީ އޭނަގެ އެ ކޯސް ނިމުނު އަހަރެވެ. މިއަދާއި ހަމައަށް އައިއިރު އައްޒާމްވަނީ ޑިޖިޓަލް އާލާތްތައް ރަނގަޅުކުރުމާއި، ސައިޓްތައް ހެދުމާއި، ހެކަރުންގެ ކިބައިން ސައިޓްތައް ސަލާމަތް ކުރުމުގެ މާހިރަކަށްވެފައެވެ. ކޯސް ހެދުމުގެ ތެރޭގައި އޭނަގެ އެކުވެރިއެއްގެ ފޯނު ރަނގަޅު ނުކުރެވޭނެކަމަށް މީހަކު ބުނެވިފައިވަނިކޮށް އައްޒާމް ރަނގަޅު ކޮށްދިނުމުން އެ ވާހަކަ ފެތުރެމުން ގޮސް އެކި މީހުން އައްޒާމްގެ އެހީއަށް އެދެން ފެށިއެވެ. އައްޒާމް އެކަން ވިޔަފާރިއަކަށް ހެދީ ކާފަގެ އެދުމުގެ މަތިންނެވެ. ނަތީޖާއެއްގެ ގޮތުން މިއަދާއި ހަމައަށް އައިއިރު އެފަދަ ޚިދުމަތްތައް ފޯރުކޮށްދޭ އައްޒާމްގެ އަމިއްލަ ކުޑަކުޑަ ތަނެއްވެސް މާލޭގައި ހުރެއެވެ. އެ ތަން ބޮޑުކުރުމަށް ކާފަ އެހީވާން އުޅުނެއްކަމަކު އެކަން ޤަބޫލުނުކުރީ ދެންވެސް ކާފަގެ ނަޞޭޙަތުގައި ހިފައި އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށެވެ. އެހެނަސް އޭނައަށް މިހާ ހިސާބަށް އާދެވިފައިވަނީވެސް ކާފަ ދިން ހިތްވަރުގެ ސަބަބުންކަން އައްޒާމް ހަނދާން ނައްތައެއް ނުލައެވެ.
މިނެޓްތަކެއް ވަންދެން ދުއްވުމަށްފަހު ލަބީބް އޭނަގެ ގޭގެ ކައިރިއަށް ކާރު މަޑުކޮށްލަމުން ކާރުން ފައިބައި އައްޒާމް ގާތު ކުރިއަށް އައުމަށް އެންގިއެވެ. އެ ނޫކުލައިގެ ކާރަކީ ހާޝިމާއި އައްޒާމް މިރަށަށް އައުމުގެ ކުރިން ލަބީބާއި ގުޅައިގެން ކުއްޔަށް ހިފާފައި އޮތް ކާރަކަށްވާތީވެއެވެ. ލަބީބް އަލްވަދާޢު ކިޔާފައި އޭނަގެ ގެއަށް ވަން ވަގުތު އައްޒާމް ޑްރައިވާސް ސީޓަށް އަރައި ދޮރު ލައްޕާލަނީއެވެ. ސީޓު ބަދަލުކުރަން ވެއްޖެނަމަ އިތުރު ތަކުލީފުތަކެއް ވެދާނެތީ ހާޝިމް އެ އިންތާ އިންނަން ނިންމިއެވެ. ކާފަ އެކަނި ބައިންދަން އައްޒާމް ހިތްހަމަނުޖެހުނެއްކަމަކު ކާފައަށް އެންމެ ރަނގަޅުވާނީ އެގޮތްކަން އެނގުންވުމުން އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އޭނަގެ ކާފަ އޭނަގެ ލޯމަތިން ބަލިކަށިވަމުން ދާކަން އެނގުންވާ ކޮންމެ ފަހަރަކު އައްޒާމްގެ ހިތަށް މާޔޫސްކަމެއް ވެރިވެގެން ދެއެވެ. އެވަގުތުވެސް އޭނަ ކާރު ދުއްވާލީ އެ މާޔޫސްކަމުގެ ތެރޭގައި ހިމޭންވެފައި އިނދެއެވެ. އެ ހިމޭންކަން ނެތިދިޔައީ ހާޝިމް ފަހަތުގައި އިނދެ ވާހަކަ ދެއްކުމުންނެވެ.
“ކޮބާ އެއްކަލަ ދަޢުވަތުތައް ބަހާލެވުނުތަ އައްޒާމް؟” ހާޝިމް އަހާލިއެވެ.
“ލައްބަ ކާފާ. އެ ޙަސަނޭ ކިޔާ މީހާ ދަޢުވަތުތައް ސިޓީ އުރައަކަށް ލައިދޭށޭ ބުނީމަ ވަރެއްކޮށްލާފަ ހުރީ. ކޮންމެ ދަޢުވަތެއް ޕާރުސަލަކަށް ލާފަ…..އެއީވާ ވަރެއްގެ މީހެއް!” އައްޒާމް އޭނަގެ އެންމެ ގާތް އެކުވެރިޔާ ޙަސަންގެ ވާހަކަ ކިޔައިދިނީ ޝަކުވާގެ ރާގަކަށް ވިޔަސް އޭނަގެ ހިތުގައި ޙަސަނަށްޓަކައި ކުލުނެއް އުފެދިފައިވިއެވެ.
“ހެހެ…..ޙަސަނަކީ ކަމެއް ޙަވާލުކޮށްފިއްޔާ އަބަދުވެސް އެކަމެއް އެންމެ ފުރިހަމައަށް ކުރާ ކުއްޖެއްނު؟ އެއީ އަހަރުމެން ކަހަލަ ފަރުވާ ކުޑަ މީހެއްނޫނޭ…..މާ ޝާ ﷲ! ދެން ޙަސަން އެވަރަށް މަސައްކަތް ކުރީމަ ކިހާވަރެއްގެ ތަރުޙީބެއް ލިބުނުތަ އެއާރޕޯޓް ތެރެއިން؟” ހާޝިމް އެހިއެވެ.
“ދެން އެހާއެހާއެއްނޫން. ކޮންމެ މީހަކަށް ވެސް އޭތި ދިނީ އައިސްދިނުމަށް އެދިފަ. ވަކި އެއްޗެކޭ ނުބުނޭ އެއްވެސް ބަޔަކު. ކޮންމެވެސް އަންހެން ކުއްޖަކު ހީކުރީ އެއީ ކައިވެނީގެ ދަޢުވަތެއްކަމަށް…” ވާހަކަ ދައްކަމުން ގޮސް ބުނެވުނު ފަހު ޖުމްލައާއެކީ އައްޒާމްގެ އަނގަ ބަންދުވިއެވެ. އިސާހިތަކު އެ ބަސްތައް އަނބުރާ ގެންނަން އޭނަ ބޭނުންވިއެވެ. އަންހެން ކުއްޖެކޭ ބުނެފިނަމަ އޭނަގެ ކާފަ އޭނައަށް ނުރުހުންވާނެތީވެއެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނަ އަމިއްލަ ނަފްސަށް ނުރުހުންވީ އެފަދަ އަންހެން ކުއްޖެއްގެ ވާހަކަ އޭނައަށް އޮޅުމަކުން ވެސް ދެކެވުމުންނެވެ. ފްލައިޓް ތެރެއިން އެ އަންހެން ކުއްޖާ ފެނުމާއެކު އައްޒާމަށް ހިތާހިތުން އެކުއްޖާގެ ރީތިކަމަށް ތަޢުރީފު ކުރެވުނެވެ. އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި އޭނައަށް ދެބުމަ ކައިރިކޮށްލެވުނީ އެކުއްޖާ ލައިގެން ހުރި ބާރު ހެދުން ފާހަގަވުމުންނެވެ. އެއަށްވުރެ ބޮޑަށް ފޫހިވެގެން ދިޔައީ ލަދުކުޑަ ހިނިތުންވުމެއް އޭނައަށް ދައްކާލި ގޮތުންނެވެ. އޭނަ ވަގުތުން ސީޓު ބަދަލުކުރަން ބޭނުންވީ އެހެންވެއެވެ. އައްޒާމްގެ މި މިޒާޖުގެ ސަބަބުން ސްކޫލް ދައުރުގައި އޭނަގެ އެކުވެރިން އޭނައަށް އެތައް މަލާމާތްތަކެއް ކޮށް ހެދިއެވެ. އޭނަ ބައެއް ކަހަލަ އަންހެން ކުދިންނަށް ފޫހިވާ ކަމަށް ހެދެނީ، އޭނަގެ ކާފައަކީ ދީނީ ޢިލްމުވެރިއަކަށްވެފައި އަންހެން ކުއްޖަކަށް ތަޢުރީފު ކުރުމުން އޭނައަށް އަދަބެއް ލިބިދާނެތީވެކަމަށް އޭނަގެ އެކުވެރިން ދެކެއެވެ. އެހެނަސް ޙަޤީޤަތަކީ އޭނަގެ ކާފަ އޭގެއިން އެއްވެސް ވާހަކައެއް އޭނަގާތު ނުދައްކާ ކަމެވެ. އަދި މިހާތަނަށް އައިއިރު ދުވަހަކުވެސް ކާފަ އޭނައަށް އަދަބެއްގެ ބިރު ދައްކާފައި ނުވާކަމެވެ. ލަދުކުޑަ ކޮންމެ ކަމަކަށް ނަފްރަތު ކުރަނީ ޝަރަފަށް ލޯބިކުރާ އައްޒާމްގެ ހިތެވެ. ދޮގު ހެދުމާއި މަކަރު ހެދުމުން އައްޒާމް މިހާތަނަށް އައިއިރުވެސް ދުރުހެލިވެފައިވަނީ އޭނަ އަޚްލާޤަށް ކުރާ އިޙްތިރާމެއްގެ ސަބަބުންނެވެ. އައްޒާމްގެ އެކުވެރިން އޭނަ ‘އަޖާއިބެއް’ގެ ގޮތުގައި ސިފަ ކުރާއިރު އެމީހުން އޭނަ ނަފްރަތު ކުރާ ކޮންމެ ކަމެއް ކުރާ ގޮތުން އައްޒާމް އަންތަރީސްވެއެވެ.
“އެއީ އަނެއްކާ ކޮން ކުއްޖެއް؟ މާ ރީތި ކުއްޖަކީތަ އަނެއްކާ އޭނަގެ ވާހަކަ ވަކިން ތި ދެކެވުނީ؟” ހާޝިމް ލާނެތް ރާގަކަށް ވާހަކަ ދެއްކީ އައްޒާމް ތަޅުވާލުމުގެ ނިޔަތުގައެވެ. އޭނަ އެހެން ވާހަކަ ދެއްކުމުގެ ނުބައި މާނައެއް އައްޒާމް ނުނަގާނެ ކަމުގެ ޔަޤީން ކަމާއި އެކީގައެވެ.
“ހެހެ…..ދެން ކާފަ ވެސް ދޯ؟ ބޭރުފުށުން ރީތި ވިޔަސް އެއީ އަދި ހުރިހާ ކަމެއް ފުރިހަމަވީއެއްނޫނެއްނު ކާފާ؟ އެއީ އެހާ ރަނގަޅު ކުއްޖެއްހެން އަހަންނަށް ހިއެއްނުވޭ. ވަރަށް ބާރު ހެދުން ލައިގެން ހުރީ. އޭނަގެ މުސްކުޅި ބައްޕައާއި ހަރުއަޑުން ވާހަކަ ދެއްކި އަޑު ވެސް އަހަރެން އެހިން. އެކަހަލަ ކުއްޖެއްގެ ބޭރުފުށުގެ ރީތިކަން ވެސް ފަނޑުވެގެންދޭ އެފަދަ ސިފަތަކުން.” އައްޒާމް ތެދުތެދަށް އޭނަ ދެކޭ ގޮތް ކިޔައިދިނެވެ. ކާފަ ދަރިފުޅުގެ ވާހަކަ އަޑުއަހަން އިން ހާޝިމަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އައްޒާމަށް ހިދާޔަތް އިތުރުކޮށްދެއްވުން އެދި ހިތާހިތުން ދުޢާ ކުރަން ފެށިތަނާހެން އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.
“އަހަންނަށް ހިއެއްނުވޭ އެ އަންހެން ކުއްޖާ ކާފަގެ ދަރުސްތަކަށް އަންނާނެހެން ވެސް. އެ ޒާތުގެ ކުއްޖެއް އެއީ.” އައްޒާމް ބުންޏެވެ. އެއާއެކު ހާޝިމަށް ވާހަކަ ދެކެވުނެވެ.
“މީހުންނާމެދު އެހާ ގޯސްކޮށް ވިސްނަން ނުވާނެ އައްޒާމް. އެކުއްޖާ އެއްދުވަހު ތައުބާވުމުން ވެގެންދާނީ އަހަރުމެންނަށް ވުރެ ﷲ ގެ ޙަޟްރަތުގައި މާ ބޮޑަށް ޤަދަރު އުފުލިގެންވާ ކުއްޖެއް ނޫން ކަމެއްވެސް އެނގެނީއެއްނޫން…..އަދި އެހެން ނޫނަސް އައްޒާމް ވެސް ދުވަހަކުވެސް ކާފަގެ ދަރުހަކަށް އައިންތަ؟ ނާންނަމެއްނު؟ އެކަމަކު އައްޒާމަކީ ގޯސް ކުއްޖެކޭ ކާފަ ނުބުނާނަން.” ހާޝިމް އައްޒާމަށް ވިސްނައިދެވޭތޯ ބެލިއެވެ. އެ ވާހަކަ ނިމުމާއެކުހެން އައްޒާމް ވާހަކަ ދައްކަން އުޅުނެވެ. ތިމަންނައާއި އެ އަންހެން ކުއްޖާ ތަފާތޭ ބުނެ އަމިއްލަ ކޮޅު ދިފާޢުކުރަން އުޅުނެވެ. އެހެނަސް އެންމެ ފަހުން ކާފަ ބުނެލި ވާހަކަތަކާމެދު ވިސްނާލެވުމުން ދުލުގައި ތަޅު އެޅުވުނެވެ. ކާފަ އެ ބުނީ ތެދެކެވެ. މި ހުރިހާ ދުވަހު ކާފައާއެކީ އުޅުނުއިރު އޭނަ ދުވަހަކުވެސް ކާފަގެ ދަރުހަކަށް ގޮސްފައެއްނުވެއެވެ. ކާފަ އެކި ރަށްރަށަށް ކުރާ ދަތުރުތަކުގައި އޭނައަށް ޗުއްޓީ ދުވަސްކޮޅެއް ލިބިފައިވާނަމަ އޭނަ އަބަދުވެސް ގޮސް ހަދައެވެ. އެހެނަސް ކޮންމެ ފަހަރަކު ދަރުހަށް ނުދަނީ ކިޔެވުމުގެ ނޫނީ ކޮންމެވެސް ސައިޓެއްގެ މަސައްކަތުގެ ބަހަނާ ދައްކާފައެވެ. ޙަޤީޤަތަކީ ދެންމެ އޭނަ އެ އަންހެން ކުއްޖާ ދަރުހަށް ނުދާނެ ވާހަކަ ދެއްކިއެއްކަމަކު އޭނަވެސް ދަރުސްތަކަށް ދާހިތްނުވާ ކަމެވެ. މި ހުރިހާ ދުވަހު އޭނަ ނަމާދުކޮށް ޤުރުއާން ކިޔަވައި ހެދީ ހަމައެކަނި ކާފައަށް އިޙްތިރާމް ކުރުމުގެ ގޮތުންނެވެ. އެކަންތައް ކުރުމުން ﷲ ލޯބިވެވޮޑިގެންވާކަމަށާއި، ޘަވާބު ލިބި ސުވަރުގެއަށް ވަދެވޭނެ ވާހަކަ ތަކުރާރުކޮށް އައްޒާމަށް އިވެއެވެ. އެހެނަސް ކާފައަށްވުރެ މޮޅަށް ބޭރު ތަންތަނުން ކިޔަވައިގެން އައިސް ތިބޭ ޒުވާން ކުދިން އެ ވާހަކަތަކަށް ހަޖޫޖަހާ އަޑުވެސް އޭނައަށްވަނީ އިވިފައެވެ. މިއޮތް ޒަމާނެއްގައި އެފަދަ ކަންތައް ޤަބޫލުކުރާނީ ކާކުތޯ ބުނެ ދައްކާ ވާހަކަތަކެވެ. އައްޒާމްގެ ސިކުނޑި ބޮޑަށް ލެނބެމުން ދިޔައީ އެ ޒުވާން ކުދިންގެ ވާހަކަތަކަށެވެ. ކާފައަށް ނޭނގޭ ގިނަ އެއްޗެހި އެކުދިންނަށް އެނގިފައިވާނެހެން އޭނައަށް ހީވަނީއެވެ. އޭނަ ކާފަގެ ދަރުސްތަކަށް ނުދަނީ އޭނަގެ ސިކުނޑި ތެރޭގައި ފޮރުވިފައިވި އެ ޚިޔާލުތައް ދުލާއި ހަމައަށް އައިސް އޭނަ ކާފައާއި ޖަދަލުކުރަން ޖެހިދާނެކަމުގެ ބިރަށްޓަކައެވެ. އެހެނަސް މިފަހަރު އޭނައަށް އެ ދަރުސްތަކާއި ދުރުވާން ދެއްކޭނެ ބަހަނާއެއްނެތެވެ. އޭނަގެ ކޯސް ނިމި އޭނަ ދަސްވެނިވީ މީގެ 2 ދުވަސް ކުރިންނެވެ. އޭނަގެ މަސައްކަތުގައި އެހީތެރިވެދޭނެ އެސިސްޓެންޓުން ވެސް ތިބުމުން އޭނައަށް މަސައްކަތުގެ ބަހަނާވެސް ދެއްކޭކަށް ނެތެވެ.
ފުވައްމުލަކުގައި އައްޒާމާއި އޭނަގެ ކާފަ 3 މަސް ވަންދެން އުޅެން ހަމަޖެހިފައިވި ގެސްޓް ހައުސްއާއި ހަމައަށް ދެވުނީ އައްޒާމް އެ ޚިޔާލުތަކުގައި ވަނިކޮށެވެ. ގެސްޓް ހައުސްގެ އެއްފަރާތެއްގައި ހުރި ޕާކިންގް އޭރިއާގައި ކާރު ޕާކް ކުރުމާއެކު އައްޒާމް ކާރުން ފައިބައި ކާފައަށް އެހީތެރިވާން އަވަސްވިއެވެ. ކާފަ ގޮވައިގެން 3 ކޮޓަރީގެ އެ ތަނަވަސް ގެއަށް ވަދެގެން ދިޔައިރު ދެމީހުންނަށް ވެސް ގޭގެ ވަށައިގެން ނަޒަރު ހިންގުނެވެ. ސިޓިންގް ރޫމް ބޮޑުވެފައި ވަކިން ކާގެއަކާއި ބަދިގެއެއް ހުރުމުން އެގޭގެ ވެރިމީހާ ހެދީ ދޮގެއް ނޫންކަން އެމީހުންނަށް ޔަޤީންވިއެވެ. އައްޒާމް ލަސްތަކެއް ނުކޮށް ކާފަ ކޮޓަރިއެއްގެ ތެރެއަށް ވައްދައި އެނދުމަތީގައި ފަރުވާތެރިކަމާއެކީ އިށީންނަން އެހީތެރިވިއެވެ. އެއަށްފަހު ކާރުގެ ޑިކީގައި ތިބި އެމީހުންގެ ދަބަސްތައް ނަގަން އައްޒާމް އަނެއްކާވެސް ނިކުމެގެން ދާން އުޅުނެވެ. އެ ހިނދު ހާޝިމް އޭނައަށް ގޮވާލިއެވެ.
“އައްޒާމް…” ހާޝިމް މަޑުމައިތިރި އަޑަކުން ގޮވާލުމުން އައްޒާމް ފިޔަވަޅުތައް މަޑުޖައްސައި އެ ދިމާލަށް ބަލާލިއެވެ.
“ކީކޭ ކާފާ؟” އައްޒާމަށް އަހާލެވުނެވެ.
**
ގެއަށް ގޮސް އެއޮތް ދަންގަޑީގައި ވެސް ފެންވަރައިގެން މާޝާ ތައްޔާރުވީ އަރާމުގައި ނިދާލުމަށެވެ. ގެއަށް އައިސް އޭނަގެ މަޑު އެނދު ފެނިފައި އޭނަ ނިދިއައިސްފައިވި މިންވަރު އޭނައަށް އިޙްސާސް ކުރެވުނީތީވެއެވެ. ނިދަން ތައްޔާރުވެ ނިމުނުއިރުވެސް ފަތިސް ނަމާދަށް ބަންގި ނުގޮވާތީ މާޝާ ފޫހިވާ ގޮތްވިއެވެ. އުދަގުލެއްނެތި ނިދާލެވެން އޮތީ ނަމާދު ކޮށްގެން ކަން އޭނައަށް އެނގޭތީވެއެވެ. ނިދަން އޮތްވާ ބައްޕަ ނޫނީ މަންމަ ދޮރުގައި ބާރަށް ޓަކި ޖަހަމުން ނަމާދު ކޮށްފިތޯ އަހައި އޭނަގެ ނިދި ޚަރާބުކޮށްފިއްޔާ މާ ދެރައެވެ. އަދި އެހެންނޫނަސް ނޭނގޭ ސަބަބަކާހުރެ ނަމާދު ނުކުރުމުން މާޝާގެ ހިތަށް ވެސް އުދަގުލެއްވެއެވެ. ބައްޕަ އެ ދައްކާ ޤިޔާމަތް ދުވަހުގެ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާހެން އޭނައަށް ހީވަނީ ކަންނޭނގެއެވެ. މާޝާއަށް މިހާތަނަށް އައިއިރު ނަމާދު އެޅިފައިވަނީ ގިނަފަހަރު ނަމާދު ފަސްކުރުމުގެ ސަބަބުންނެވެ. އޭނަ ގިނަފަހަރު ސްކޫލްގެ ޙަރަކާތްތަކުގައި އުޅޭއިރު ނަމާދު ފަސްކުރަން ހަދައިގެން އޭނައަށް އޮންނަނީ ހަނދާންނެތި، ނަމާދު ނުވެފައެވެ. މާޝާ އޭގެއިން ކޮންމެ ފަހަރަކު އޭނަގެ އަމިއްލަ ނަފްސަށާއި ބައްޕައަށް ދައްކާ އުޒުރަކީ އޭނަ ހަނދާންނެތުނީ ކަމަށެވެ. އެހެނަސް ނަމާދު ފަސްކުރަން ޤަޞްދުކުރީ ހަނދާން ހުއްޓާ ކަމަށްބުނެ އޭނަ ކުށްވެރިކުރަނީ ޚުދު އޭނަގެ އަމިއްލަ ނަފްސެވެ.
މާޝާ އަމިއްލަ ޚިޔާލުތަކުގައިހުރެ ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ އެނދުމަތީގައި އިށީނެވެ. އެ ހިނދު ކުރިމައްޗަށް ނަޒަރު ހުއްޓާލުމާއެކު އޭނައަށް އޭނަގެ ސޫޓްކޭހާއި އޭގެ މަތީގައި އޮތް އޭނަގެ އަތް ދަބަސް ފެނުނެވެ. މާޝާ ވަގުތުން އެއަތް ދަބަސް ނަގަން ދިޔައީ އޭގެ ތެރޭގައި ހުރި އޭނަގެ މޭކަޕް ސާމާންތައް ރީތިވާ މޭޒު މަތީގައި ރާވާލުމަށެވެ. ވަރުބަލިވެފައިވި މިންވަރުން އޭނަ އެއާރޕޯޓުގައި ހިނގި ކަންތައް ހަނދާން ނެތިފައިވި ފަދައެވެ. އެކަންތައްތަކުގެ މަތިން ހަނދާން އާ ވެގެން ދިޔައީ ދަބަސް ތެރެ ހާވަމުން ދަނިކޮށް ފެނުނު ޕާރުސަލުންނެވެ. ޕާރުސަލް ފެނުމާއެކު މާޝާގެ ލޮލަށް ސިފަވެގެން ދިޔައީ އައްޒާމްގެ ސޫރައެވެ. އެއާއެކު ބޭއިޚްތިޔާރުގައި އޭނައަށް ހިނިތުންވެލެވުނެވެ. އަދި އަވަސްއަވަހަށް ޕާރުސަލް ނަގައިގެން ގޮސް އެނދުމަތީގައި އިށީނދެ ހަމަޖެހިލިއެވެ. އެއަށްފަހު އޭގެ ތެރޭގައި އޮތް އެއްޗެއް އެނގެން ކެތްމަދުވެފައި ހުރެ އޭގައި ހުރި ރަތް ކުލައިގެ ރިބަން ނިއުޅާލިއެވެ. އަދި އޭގެ މަތިގަނޑު ހިއްލާލިއެވެ.
**
“ކާފައަށް ހީވަނީ އައްޒާމް ތިބުނާ ކުއްޖާވެސް މިފަހަރުގެ ދަރުސްތަކަށް އަންނާނެހެން.” ހާޝިމް ލުއި ހިނިތުންވުމަކާއެކީ ބުނެލިއެވެ. އައްޒާމަށް ޙައިރާންވެފައި ކާފައަށް ބަލަން ހުރެވުނީ ކާފަ އެހާ ކުއްލި ގޮތަކަށް އެ ވާހަކަ ދެއްކުމުންނެވެ. އެއީ ކީއްވެތޯ އަހާފަދަ މޫނަކާއެކީ އައްޒާމް ބަލަހައްޓައިގެން ހުންނަން ފެށުމުން ހާޝިމް ކިޔައިދިނެވެ.
“މިފަހަރު ދަޢުވަތު ލިޔެފަ ކާޑު ހަދާތަނާއި ޙަވާލުކުރީ ކާފަ އަމިއްލައަށް. ވަރަށް ބޭނުންވި އައްޒާމް ލައްވާ އޭތި ހައްދަން. އެކަމަކު އެދުވަސްކޮޅު އައްޒާމް އިމްތިޙާންތައް ހަދަމުން ދިޔައީތީ ކާފަ އައްޒާމް ކައިރި ނުބުނީ. އައްޒާމްވެސް ދަޢުވަތު ކާޑު ކިޔާލައްޗޭ.” ހާޝިމް އެ އެދުން އެދުނީ ނުހަނު އުއްމީދާއި އެކީގައެވެ. އައްޒާމަކީ ދީނީ ޢިލްމު ލިބި ދީނަށްޓަކައި ކޮޅަށް ތެދުވާ ކުއްޖަކަށްވުމަކީ އޭނަ އަބަދުވެސް ދެކޭ ހުވަފެނެކެވެ. އެކަމަށްޓަކައި އޭނައަށް ދުޢާކުރެވުނު ޢަދަދެއްވެސް ނޭނގެއެވެ. އައްޒާމް އޭނަގެ ދަރުސްތަކަށް ނާންނަން ބަހަނާ ދައްކާ ކޮންމެ ފަހަރަކު ހާޝިމްގެ ހިތްދަތިވެއެވެ. އެހެނަސް އައްޒާމް ކަހަލަ ވިސްނުންތޫނު، ރަނގަޅު އަޚްލާޤެއްގެ ވެރިއަކު ގެއްލެނިވެފައިވި މީހުންގެ ތެރެއިން ނުވާނެކަން ހާޝިމަށް ޔަޤީންވެސް ކުރެވެއެވެ.
ކާފަގެ އެދުމަށް ހަމައެކަނި ބޯޖަހާލަމުން އައްޒާމް އަނެއްކާވެސް ހިނގައިގަތީ ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކާއި އެކީގައެވެ. ދަޢުވަތެއްގެ ސަބަބުން މީހެއްގެ ހިތް ބަދަލުވާނީ ކިހިނެއްތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ. ދަޢުވަތުގައި އޮންނާނީ ހަމައެކަނި ދަރުހަށް އައިސްދިނުމަށް އެދިފައި ނޫންހެއްޔެވެ؟ ކާފަ އޭތި ލިޔުމުން އޭގައި ބަރަކާތެއް ވާނެހެން ކާފައަށް ހީވަނީ ހެއްޔެވެ؟ މިފަދަ ސުވާލުތައް އަމިއްލަ ހިތާއި ކުރަމުން ދިޔަ އައްޒާމަށް ނޭނގުނު ކަމަކީ އޭގައި ބަރަކާތެއްވަނީ އެހެންކަމެއްގެ ސަބަބުންކަމެވެ.
**
ޕާރުސަލްގެ މަތިގަނޑު ނަގާލުމާއެކު އެ ފޮށިކޮޅުގެ ތެރެއިން މާޝާއަށް ފެނުނީ ކުޑަ ކާޑެކެވެ. ޙައިރާންވެފައިހުރެ މާޝާ އެ ކާޑު ނަގައި ބަލާލިއެވެ. އޭގެ މަތީގައި އެންމެ ފުރަތަމަ ވެސް ބިސްމި ލިޔެވިފައިވީއިރު ބިސްމީގެ ދަށުން ލިޔެވިފައިވީ އާޔަތެއްގެ ބައެކެވެ. އިތުރަށް އަޖާއިބުވެ ހުރެ އޭނަ ދިވެހި ބަހުން ލިޔެވިފައިވި އެ އާޔަތުގެ މާނަ ކިޔާލިއެވެ.
“….އަދި އޭގެ ސަބަބުން އެމީހުން އިންތިހާއަށް އުފާވާންޖެހެއެވެ. އެއީ އެމީހުން އެއްކުރާ ހުރިހާ ތަކެއްޗަށްވުރެ ހެޔޮ އެއްޗެކެވެ.” މާނައިގެ ފަހަތުގައި ޔޫނުސް ސޫރަތޭ ލިޔެވިފައިވިވުމުން އެއީ އެ ސޫރަތުގެ އާޔަތެއްކަން މާޝާއަށް އެނގުނެވެ. ނޭނގުނީ އެ އާޔަތުން ދޭހަވާ އެއްޗެކެވެ. އޭނަ އިންތިހާއަށް އުފާވާންޖެހެނީ ކޮންކަމަކާ މެދުގައިހެއްޔެވެ؟ ދަޢުވަތުގެ ފަހަތުގައި ވެސް ލިޔެފައިވީ އެ ސުވާލެވެ. އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ދާންވީ ތަނާއި ތާރީޚު ލިޔެވިފައިވިއެވެ. އެއީ ގެ ކައިރީގައި ހުންނަ މިސްކިތެއްކަމާއި ސުވާލުގެ ޖަވާބު ދޭން އުޅެނީ ޝޭޚެއްކަން އެނގުމުން މިއީ ދަރުހެއްގެ ދަޢުވަތުކަން އޭނައަށް އެނގުންވިއެވެ. އައްޒާމް މި ދަޢުވަތުތައް ބަހަންވީ ކީއްވެތޯ ހިތުގެ ކަނަކުން ސުވާލުކުރިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެ ސުވާލު އެވަގުތު މާޝާއަށް މުހިއްމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އޭނަ ޝައުޤުވެރިވެފައިވީ ދެންމެ އެ ފެނުނު އާޔަތާއި މެދުގައެވެ.
ނުނިމޭ