Hadhiya (Part 5)
“ކިހިނެއް މިވަނީ؟” އައްޒާމް ދެންވެސް އެ ޙާދިސާ ހިނގި ހިސާބާއި ކައިރިވެލަމުން ލިއާމާއި މަޑުމައިތިރި އަޑަކުން މުޚާތަބު ކުރިއެވެ. ދަންނަ އަޑެއް އިވިގެން ދިޔުމުން މާޝާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އަތަށްވަމުން ދިޔަ ތަދާއި އެކީގައި ވެސް އޭނައަށް އުނދަގުލާއެކީ ހިންދެމިލެވުނީ އެއީ ކާކުކަން ޔަޤީންކުރަން ބޭނުންވި މިންވަރުންނެވެ. އަދި އެމީހެއްގެ ކުރިމަތީގައި އެފަދަ ގޮތަކަށް އޮންނަން ބޭނުމެއް ނުވުމުންނެވެ. ކޮނޑުގައި އޮތް ދަބަހާއެކީ ބިންމަތީގައި އިށީނދެވުނު ވަގުތު ދުރުގައި ހުރި އެ ޒުވާނާ ފެނުމުން މާޝާގެ ދެލޯ ބޮޑުވެ މެއަށް ފިނިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލިއާމަށް ބަލާލި ތަނާހެން ލިއާމް ވާހަކަ ދެއްކިއެވެ.
“މީ އަދި ކާކުތަ މާ ބޮޑާވެގެން މަށާ ވާހަކަ ދައްކަން؟” ލިއާމް އައްޒާމާއި ދިމާލަށް އަންނަމުން ބުމަގޮށްޖަހައިގެން ހުރެ ހަރު އަޑުން އެހިއެވެ. އޭރު އެތަނަށް މީހުން ވެސް ޖަމާވާން ފަށާފައިވިއެވެ. ބޭރު ތެރެއިން ކަމެއް ހިނގައިފިހެން ހީވި ހާޝިމް ވެސް ނުހުރެވިގެން ފާރުގައި ހިފަމުން އައިސް މިސްކިތުގެ އެތެރޭގެ ދޮރާއި ހަމަވީ އެވަގުތެވެ.
“ތީނަގެ ސައިކަލާއި މި މީހާގެ ބައިސްކަލު ޖެހުނު މަންޒަރު ދުށް މީހެއް. ސައިކަލު ދުއްވަމުން އައީ ނުބައި ފަޅިއަކުންކަން ފާހަގަވި.” އައްޒާމް ދެންވެސް ސާބިތު އަޑަކާއެކީ ވާހަކަ ދެއްކިއެވެ.
“ކަލޭ؟ ކަލޭތަ މަށަށް ކިޔައިދޭނީ ރަނގަޅު ފަޅިއާ ނުބައި ފަޅިއަކީ ކޮބައިކަން؟ ކަލޭ ޙަޔާތުގައި ވެސް ސައިކަލެއް ދުއްވިންތަ؟ މިސްކިތުގަ ކުނިފޮހެ މޮޕްއަޅައިގެން ލިބޭ ލާރިން ކިރިޔާ ދެކޮޅު ޖެހޭވަރު ވާނީ! އެކަމަކު އެވަރުން ނުވެގެން އެބައުޅެއެއްނު ބްރޭންޑެޑް ގަމީހާއި ޖިންސް ލައިގެން؟ އަމިއްލަ ފެންވަރު ދަނެގެން އުޅޭ!” ލިއާމް ރުޅިވެރިކަމާއެކީ އެހެން ބުނެ އައްޒާމަށް ފަސްދީފައި ދާން އުޅުނެވެ. އެ ހިނދު އައްޒާމް އިހުނަށްވުރެ އަޑު އިސްކޮށްފައި ވާހަކަ ދެއްކިއެވެ.
“ތީނަ ދަންޏާ ދާންޖެހޭނީ މި މީހާއަށް މަޢާފަށް އެދިފަ! އަދި އެމީހާއަށް ލިބުނު ގެއްލުމުގެ ބަދަލުވެސް ދީފަ. އެހެންނޫނީ އަހަންނަށް މި ސައިކަލުގެ ނަންބަރު އެނގޭކަން މި އަންގާލީ ވަރަށް ހިތާމައާއެކީ.” އައްޒާމް އޭނަގެ ފަހު ޖުމްލަ ބުނެލީ އިންޒާރެއްގެ ގޮތުގައެވެ. އެއާއެކު ލިއާމް ލަސްލަހުން އޭނައާއިވީ ފަރާތަށް އެނބުރިލީ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅިއައިސްފައި ހުރެއެވެ. ދުރުގައި އިން މާޝާއަށް ވެސް އެ ރުޅިވެރިކަމުގެ ދިލަ އިޙްސާސް ކުރެވުމުން އޭނަގެ ހިތަށްވެސް ބިރުވެރިކަމެއް ވެރިވިއެވެ. މިހާތަނަށް އައިއިރު އެއްވެސް މީހަކު ލިއާމާއި އެފަދަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ލިއާމަށް އިންޒާރެއް ދޭން އެއްވެސް މީހަކަށް ނުވެސް ކެރެނީއެވެ. ކަން މިހެން އޮތްވާ ދެން ވެދާނެ ގޮތަކާއިމެދު މާޝާއާއެކީ އެތަނަށް އެއްވެފައިތިބި ސްކޫލްގެ ބައެއް އެހެން ކުދިންވެސް ތިބީ ޖެހިލުންވެފައެވެ. އެމީހުން ބަލަބަލާ ތިއްބާ ލިއާމް އައްޒާމާއި ކައިރިއަށް ޖެހިލިއެވެ.
“ކަލެއަށް އެބަ އިނގޭތަ ތި ވާހަކަ ދައްކަނީ ކާކާކަން؟” ލިއާމް އެހެން އަހާލީ ދަތްކުނޑި ވިކަމުންނެވެ. އެއަކުން އައްޒާމް ބިރުގަތްހެނެއް ހިއެއްނުވެއެވެ.
“ރަސްގެފާނުގެ ދަރިއަށްވިޔަސް އަހަރެން ބުނަންވާ އެއްޗެއް އަހަރެން ބުނާނަން.” އައްޒާމް ކުޑަވެސް ޖެހިލުންވުމެއް ނެތި ބުނެލިއެވެ. އެއާއެކު ލިއާމް ވަގުތުން އައްޒާމްގެ ގައަށް ކުޅުޖަހަން އުޅުނެވެ. އެހެނަސް އައްޒާމް ޚުޝިޔާރުކަމާއެކީ އޭނަގެ ގައަށް ކުޅު ދިޔުމުގެ ކުރިން ދުރަށް ޖެހިލިއެވެ.
“ދައްކާލާނަން ކުޅި ކަލެއަށް! ދައްކާނަން!!!” ލިއާމް އިނގިލި ދިއްކޮށް އައްޒާމާއި ދިމާލަށް އެހެން ބުނަމުން ނުބައި ބަސްތަކުން އެކި އެއްޗެހި ގޮވަން ފެށިއެވެ. އޭނަ ގޮސް ސައިކަލަށް އެރީ އެ އެއްޗެހި ގޮވަމުންނެވެ. އަދި މީހުންގެ ތެރެއިން ވެސް ބާރަކަށް ސައިކަލު ދުއްވާލީ އޭރުވެސް ބިންމަތީގައި އިން މާޝާގެ މަތިން ހަނދާން ނައްތާލަމުންނެވެ. ލިއާމް ދިޔަތާ މާ ގިނައިރެއްނުވެ އެތަނުން މީހުން އެކި ދިމަދިމާލަށް ދާން ފެށިއެވެ. އެ ބޭރު މީހާވެސް ބޯހޫރުވަމުން އޭނަގެ ކެޔޮގަނޑު ނަގައިގެން އަނެއްކާވެސް ބައިސްކަލަށް އަރައި ދުއްވާލިއެވެ. ތަނުން މީހުން މަދުވާން ފެށުމުން މާޝާ ވެސް އަވަސްއަވަހަށް ކައިރީގައި ހުރި ފާރުގައި އަތްޖައްސައި ތެދުވާން އުޅުނެވެ. އެހެނަސް އަތުން ނެގި ދިލައާއި ކޮނޑަށް އެރި ތަދެއްގެ ސަބަބުން އޭނައަށް ވޭނީ އަޑެއް ލައްވާލެވުނެވެ. ފަސްއެނބުރި މިސްކިތަށް ދާން އުޅުނު އައްޒާމަށް އެ ދިމާލަށް ބަލާލެވުނީ އެ އަޑަށެވެ. އައްޒާމް ބަލާލިހެން ހީވުމުން މާޝާއަށް ވެސް އެދިމާލަށް ބަލާލެވުނެވެ. އެފަދަ ޙާލެއްގައި އިންދާ އައްޒާމާއި ހަތަރުކަޅި ބައްދަލުވުމުން މިފަހަރުވެސް މާޝާ ލަދުގަންނަ ގޮތްވިއެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް މިފަހަރު އައްޒާމް އޭނައާއި ދިމާލަށް އަންނަން ފެށިއެވެ. އަދި އޭނަގެ ކައިރިއަށް އައިސް ހުއްޓިލަމުން ވާހަކަ ދެއްކިއެވެ.
“ސައިކަލުން ވެއްޓުނީ ދޯ؟ އާރ ޔޫ އޯކޭ؟” އައްޒާމް އެންމެ ފަހު ސުވާލުކޮށްލީ ކުރުފައި މައްޗަށް ތިރިވަމުންނެވެ. އެއީ އޭނައަށް ކުރިން ވެސް ފެނިފައިވި ސޫރައެއްކަން އައްޒާމަށް އެނގުންވީ އެވަގުތެވެ. އެއާއެކު އޭނަ ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އެރެއަށްފަހު އަނެއްކާވެސް މި އަންހެން ކުއްޖާއާއި ބައްދަލުވެދާނެ ކަމަށް އޭނައަށް ހީކުރެވިފައި ނެތުމުންނެވެ. އަންހެން ކުއްޖާއަށް ބަލަން ހުރެފައި އައްޒާމަށް އެ ކުއްޖާގެ އަތަށް ނަޒަރެއް ދެވުނީ އެދިމާލުން އައިބެއް ފެންނަމުން ދިޔަހެން ހީވުމުންނެވެ. ހުދުކުލައިގެ ޔުނިފޯމްގައި އަތާއި ދިމާލުން ލޭގެ ރޮނގުތައް ފެންނަމުން ދިޔަގޮތުން އެއަތްވަނީ ޒަޚަމްވެފައިކަން އައްޒާމަށް އެނގުންވިއެވެ. އެއާއެކު އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވެލަމުން މިސްކިތާއި ދިމާލަށް ދާންފެށިއެވެ. މިސްކިތުގެ ދޮރުމަތިން ކާފަ ފެނިފައި އިތުރަށް ކުރިއަށް ނުގޮސް އޭނަ ވާހަކަ ދެއްކިއެވެ.
“ކާފާ ދެންމެ މިތާނގަ އެކްސިޑެންޓެއް ހިނގައިގެން ކުއްޖަކު ކުޑަކޮށް ޒަޚަމްވެފަ އެބައިން. އަހަރެން މިދަނީ އެކުއްޖާ ގޮވައިގެން މަރުކަޒަށް. އަނބުރާ އަންނާނަން މެންދުރު ނަމާދަށް.” އައްޒާމްގެ އެ ވާހަކަ ހާޝިމާއި އެކީ މަގުގައި އިން މާޝާއަށް ވެސް އިވުނެވެ. ހާޝިމް މައްސަލައެއްނެތޭ ބުނުމުން އައްޒާމް މާޝާއާއި ދިމާލަށް އަންނަން ފެށި ވަގުތު މާޝާގެ ހިތުތެރޭގައި އެތައް ޖަޒުބާތެއް އެއްފަހަރާ އުތުރިއަރައިގަތެވެ. އޭނަ އުފާވާންވީކަމެއް ނޫނީ ލަދުގަންނަންވީ ކަމެއް ނުނިންމެނީސް އައްޒާމް އަނެއްކާވެސް އޭނަ ކައިރިއަށް އައިސް ހުއްޓިލިއެވެ.
“އެބަ ތެދުވެވޭތަ އަމިއްލައަށް؟” އައްޒާމް އަހާލިއެވެ. ނޭނގޭ ސަބަބަކާހުރެ އައްޒާމްގެ ކުރިމަތީގައި މިފަހަރު މާޝާ ‘މޮޅުވާން’ ބޭނުންވިއެވެ. އޭނައަކީ ފިރިހެން ކުއްޖެއްގެ އެހީތެރިކަމެއް ބޭނުންނުވާ މިނިވަން އަންހެން ކުއްޖެއްކަން ދައްކަން ބޭނުންވިއެވެ. ލިއާމް ދެންމެ އޭނައާއި ދޭތެރޭގައި ހެދި ގޮތް ވެސް އެ ޖަޒުބާތުގެ ފަހަތުގައިވިއެވެ. ނަތީޖާއެއްގެ ގޮތުން މާޝާ ގައިގައި އަޅަމުން ވޭނާއި އެކީގައި ވެސް ފާރުގައި އަތް ޖައްސަމުން ކުރިން ނެތް ހިތްވަރާ އެކީ ފައިމައްޗަށް ތެދުވިއެވެ. އެ ހިނދު ކަނާތު ފައިގެ ތަނބިކަށްޓާއި ދިމާލުން ވީ ތަދެއްގެ ސަބަބުން މާޝާ އަރިއަޅާލަން އުޅުނެވެ. މަންޒަރު ފެނިފައި އައްޒާމަށް ބޭއިޚްތިޔާރުގައި ކުރިއަށް ޖެހިލަމުން މާޝާގެ ކޮނޑުގައި ހިފަހައްޓާލެވެލެވެން އުޅުނެވެ. އެހެނަސް އޭގެ ކުރިން މާޝާ ހަމައަކަށް އެޅިލިއެވެ. އޭނައަށް އެއްފަހަރު ކައިރީގައި ހުރި އައްޒާމްގެ އަތަށް އަނެއްފަހަރު އައްޒާމްގެ މޫނަށް ބަލާލެވުނެވެ. އެ މޫނުމަތިން ފެނުނު ހިސާބެއްގެ ކަންބޮޑުވުމުން މާޝާއަށް އުފަލެއް ލިބުނީ ކީއްވެ ކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. އައްޒާމް އަތް ތިރިކޮށްލީ މާޝާ ބަލަބަލާ ހުއްޓައެވެ.
“އާދޭ!” އައްޒާމް އެހެން ބުނެ ކުރިއަށް ހިނގައިގަތުމުން އޭނަގެ ފަހަތުން ދާންވީކަން މާޝާއަށް އެނގުނެވެ. ފުރަތަމަ ސިކުންތުގައި އޭނަ އެކަމަށްޓަކައި ފިޔަވަޅެއް އަޅަން އުޅުނެއްކަމަކު ދެވަނަ ސިކުންތުގައި އޭނަގެ ބައްޕަ މަތިން ހަނދާންވިއެވެ. ހަމަ އެއާއެކު ނުތަނަވަސްކަމުގެ ރާޅުބާންޏެއް އޭނަގެ ހިތުތެރޭގައި ނެގިއެވެ. އޭނަ ލިއާމާއި އެކީ ސައިކަލުން އައިސް މި އެކްސިޑެންޓް ހިނގީ ވެސް ގެއާއި ނުހަނު ކައިރިންކަން އޭނައަށް އެނގުންވީ އެވަގުތެވެ. ކަން މިހެން އޮތްވާ އޭނަ އެހެން ފިރިހެން ކުއްޖަކާއެކީ ގެއަށް ގޮސްފިނަމަ ބައްޕަ ހަދާނެ ގޮތެއްވެސް އެނގެނީއެއްނޫނެވެ. އެ ޚިޔާލު ހިތަށް ވެރިވުމާއެކު މާޝާއަށް ވާހަކަ ދެކެވުނެވެ.
“އިޓްސް އޯކޭ……އަހަރެން އަމިއްލައަށް ގެއަށް ގޮސްފާނަން.” މާޝާއަށް އެހެން ބުނެލެވުނީ އައްޒާމް އެތާ ޕާކް ކުރެވިފައި އޮތް ނޫކުލައިގެ ކާރާއި ހަމަވި ވަގުތެވެ.
“ގެއަށް ދިޔުމުގެ ކުރިން ފަރުވާ ހޯދައިގެން ދިޔުން މާ ބުއްދިވެރިވާނެ ކަންނޭނގެ.” އައްޒާމް ކާރުގެ ދޮރު ކައިރީގައި ހުރެ މާޝާއަށް ބަލާލަމުން ބުނެލިއެވެ. މާޝާއަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އެ ބުނީވެސް ތެދެކެވެ. ފަޔަށް ވަމުން ދިޔަ ތަދެއްގެ ސަބަބުން އޭނައަށް ރަނގަޅަށް ނުވެސް ހިނގޭނެކަން އޭނައަށް ޔަޤީނެވެ. މަގުމަތިން ހިނގާފައި ދަނިކޮށް ގޮތެއް ދިމާވެއްޖެއްޔާ އެކަން މިއަދުގެ އަނެއް ފަލަ ޞުރުޚީއަށް ވެދާނެއެވެ. މާޝާ ކުރިއަށް ފިޔަވަޅުތައް އަޅަން ފެށީ މި ޚިޔާލުތަކާއި އެކީގައެވެ. ކޮރުޖަހަމުން ކަހަލަ ގޮތަކަށް ކާރާއި ދިމާލަށް ދާންފެށީ މަންމަމެން ގާތު ބުނާނެ އެއްޗަކާއިމެދު ވިސްނަމުންނެވެ. ހަމަ އެވަގުތު އޭނައަށް އައްޒާމަށް ކުރެވެމުން ދިޔަ އިތުބާރާއިމެދު ވެސް މާޝާ ޙައިރާންވަމުން ދިޔައެވެ. ކާރާއި ހަމަވުމުން އައްޒާމް އޭނައާއި ވީހާވެސް ދުރުގައި ހުރެ އޭނައަށްޓަކައި ކާރުގެ ފަހަތު ދޮރު ހުޅުވާލަދިން ގޮތުން އެ އިތުބާރު އިތުރުވުން ނޫންކަމެއް ނުވިއެވެ. އަދި މާޝާއަށް އާއްމުކޮށް ފެނިފައިވި ފިރިހެން ކުދިން ފަދައިން މިފަދަ ވަގުތެއްގައި މާ އޮލަކޮށް ވާހަކަ ދައްކައި، އެސްފިޔަ ޖެހުމެއްނެތި ބަލައި، ޤަޞްދުގައި ސަބަބެއްނެތި ހިފަން ނުއުޅުނު ގޮތުން އައްޒާމަށްޓަކައި ހިތުގައި ޤަދަރެއް އުފެދިގެން ދިޔައެވެ. މާޝާ ކާރަށް އެރެންދެން ވެސް އައްޒާމް އޭނައަށް ނުބަލާކަން އޭނައަށް ފާހަގަ ކުރެވުނެވެ.
މާޝާ ކާރަށް އެރުމުން އައްޒާމް ދޮރު ލައްޕާލާފައި ޑްރައިވާސް ސީޓަށް އެރިއެވެ. އޭނަ ކާރު ދުއްވަން ފެށުމުން މާޝާގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އޭރު މިސްކިތް ތެރޭ މަސައްކަތް ކުރަން ހުރީ އައްޒާމްކަން އޭނަ ލައިގެން ހުރި ހެދުމުން މާޝާއަށް ޔަޤީންކުރެވުނެވެ. އެހެނަސް އައްޒާމަކީ މިސްކިތެއްގެ މަސައްކަތު މީހެއްކަމަށް ޤަބޫލުކުރަން މާޝާއަށް ދަތިވިއެވެ. މަސައްކަތު މީހެއްނަމަ އަމިއްލައަށް ދުއްވާނެ ކާރެއް އޮންނާނެ ހެއްޔެވެ؟ ލިއާމް ބުނިހެން ‘ބްރޭންޑެޑް’ ގަމީހާއި ޖިންސް ލައިގެން ހުންނާނެ ހެއްޔެވެ؟ ނޫނެކެވެ. އައްޒާމް ވާނީ ކޮންމެވެސް ހައިބަތު ހުރި މަޤާމެއްގައި ހުންނާނެ މީހަކަށެވެ. އެހެނަސް އެފަދަ މަޤާމެއްގައި ހުންނަނަމަ އޭނަ މިސްކިތް ތެރޭގައި ފިހިގަނޑު ހިފައިގެން ހުރިތަން ފެނުނީ ކީއްވެ ހެއްޔެވެ؟ އެ ސުވާލު ހިތަށްވެރިވެ މާޝާ އޮޅުން އެރި ވަގުތަކީ އައްޒާމް ކުރީ ސީޓުގައި އިނދެ ވާހަކަ ދެއްކި ވަގުތެވެ.
“ފޯނެއް އެބައޮތްތަ؟” އައްޒާމް ސުވާލުކުރިއެވެ. މާޝާ އެ ސުވާލާމެދު ހިސާބަކަށް ޙައިރާންވެ ހުރެ އޭނަގެ ދަބަހުގެ ސައިޑް ޕޮކެޓުގައި އަތްޖައްސާލީ ސްކޫލްގެ ޤަވާޢިދާއި ދެކޮޅަށް އޭނަ ގެންދާ ފޯނު އޮތްތޯއެވެ. އޭނައަށް ފޯނު ގޭގައި ބާއްވާފައި އާދެވުނީ ހަމަ މިފަދަ ދުވަހެއްގައިކަން އެނގުންވުމުން މާޝާއަށް ވާހަކަ ދެކެވުނެވެ.
“ނެތް….” މާޝާ އެހެން ބުނެ އެއީ ކީއްކުރަންތޯ އަހަން ބޭނުންވިއެވެ. އެހެނަސް އަހާކަށް ނުކެރުނެވެ. އޭނަ އިންގޮތަށް އިންދާ އައްޒާމް ކާރުގެ ޑޭޝްބޯޑުގައި ހުރި ސްކްރީނުން ބްލޫޓޫތް ޖައްސައި ކީޕެޑް ހުޅުވާލިއެވެ.
“މަންމަ ނަންބަރު ކިޔާ.” އައްޒާމް ބުނެލިއެވެ. އައްޒާމް އެހެން ބުނިގޮތުން އޭނައަކީ ގެއްލިގެން އުޅޭ ކުޑަކުއްޖެއްހެން މާޝާއަށް ހީވިއެވެ. އެކަމާމެދު ހިސާބަކަށް ނުރުހުންވިއެއްކަމަކު މާޝާއަށް އައްޒާމް ކުރަން އުޅޭ ކަމަކާމެދު ވިސްނާލެވުނެވެ. އައްޒާމް އުޅެނީ އޭނަގެ މަންމައަށް ގުޅައިގެން އޭނަ ވީތަނެއް އަންގަން ހެއްޔެވެ؟ އެ ސުވާލުން ފުރަތަމަ ސިކުންތުގައި މާޝާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެއްކަމަކު ނޭނގޭ ސަބަބަކާހުރެ އައްޒާމް ހުރިހާ ކަމެއް ހަމައަކަށް އަޅުވާނެކަމުގެ ޔަޤީންކަމެއް އޭނައަށް ލިބުނެވެ. މާޝާއަށް ނަންބަރު ކިޔައިދެވެން ފެށީ އެ ލިބުނު ޔަޤީންކަމުގެ ސަބަބުންނެވެ. ނަންބަރު ކިޔައިދީ ނިމުނުއިރު އައްޒާމް ހުރީ ކީޕެޑުން އެ ނަންބަރު ޖަހާފައެވެ. އަދި ދެވަނަ ވިސްނުމެއްނެތި އޭނަ ފެހި ކުލައިގެ ބަޓަނަށް ފިތާލުމުން އެ ނަންބަރަށް ގުޅެން ފެށި އަޑު މުޅި ކާރަށް އިވެން ފެށިއެވެ. މާ ގިނައިރެއް ނުވެ މާޝާގެ މަންމަ ހާފިޒާގެ އަޑު އެކޮޅުން އިވުނެވެ.
“އައްސަލާމްޢަލައިކުމް.” ހާފިޒާ ސަލާން ގޮވި އަޑު އައްޒާމާއެކީ މާޝާއަށް ވެސް އިވުނެވެ. މާޝާ އެންމެ އަޑެއްވެސް ލައްވަން ނުކެރިފައި އިންދާ އައްޒާމް ޖަވާބުދިނެވެ.
“ވަޢަލައިކުމުއްސަލާމް. ތިގޭގަ އުޅޭ އަންހެން ކުއްޖަކު ކުޑަ އެކްސިޑެންޓެއް ހިނގައިގެން ޒަޚަމްވެފަވާތީ އަޅުގަނޑު މިހާރު މިދަނީ އެކުއްޖާ ގޮވައިގެން މި އަވަށުގަ ހުންނަ ޞިއްޙީ މަރުކަޒަށް. ވީހާވެސް އަވަހަކަށް އެތަނަށް އައިސްދިނުން އެދެން.” އައްޒާމް ކާރު ދުއްވަން އިނދެ ވާހަކަ ދެއްކިއެވެ. އެއާއެކު ހާފިޒާގެ ކަންބޮޑުވުމުން ފުރިފައިވި އަޑު އިވުނެވެ.
“ކީކޭ؟!! އަހަރުމެންގެ މާޝާ އެކްސިޑެންޓެއް ވިއްޔޭ؟؟!! ތިއީ ކާކު؟” ހާފިޒާ ރޮވެން ކައިރިވެފައިހުރެ އެހި އަޑު އިވުނެވެ. އެ ސުވާލުތަކަށް ޖަވާބު ދިނުމުގެ ކުރިން އައްޒާމް ހިސާބަކަށް ހުއްޓުން އެރިކަން މާޝާއަށް ފާހަގަވިއެވެ. އެއީ ކީއްވެތޯ ހިތަށް އެރުމާއެކު ދާދި ދެންމެއަކު އައްޒާމަށް އޭނަގެ ނަން އެނގިއްޖެކަން އެނގުންވުމުން އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.
“އަޅުގަނޑު މީ އެ އެކްސިޑެންޓްވި މަންޒަރު ދުށް މީހެއް. މިހާރު ހަމަ މަރުކަޒު ކައިރިއަށް އައިސް މި މަޑުކޮށްލީ. ވީހާވެސް އަވަހަކަށް މިކޮޅަށް އައިސްދިނުން އެދެން…..މާޝާ ހުރީ ޞައްޙަ ސަލާމަތުން.” އައްޒާމް ގޮސް އޭނަގެ ކާރު މަރުކަޒުގެ ތެރެއަށް ވައްދަމުން އެންމެ ފަހު ޖުމްލަ ބުނެލީ ޖެހިލުންވުމަކާއި އެކީގައިކަން މާޝާއަށް އެނގުނެވެ. އެއީ އޭނަގެ ނަން ކިޔަންވުމުންކަން ޔަޤީންވުމުން މާޝާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެ ތިރީ ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލެވުނެވެ.
މަރުކަޒަށް ގެންގޮސްފައިވެސް އައްޒާމް އަމިއްލައަށް މާޝާ ގޮވައިގެން އުޅޭކަށް ނޫޅުނެވެ. ބަދަލުގައި މަރުކަޒަށް ދިޔަ ގޮތަށް އޭނަ ދިޔައީ ނަރުހަކު ހޯދާށެވެ. މާޝާ ކާރުން ނެރެ މަރުކަޒުގެ ތެރެއަށް ވައްދާލެވުނީވެސް ނަރުހެއްގެ އެހީގައެވެ. މާޝާއަށް ފަރުވާ ދެވެން ފެށިތާ މާ ގިނައިރެއްނުވެ ހާފިޒާއާއި ލަތީފް ވެސް އެތަނަށް ހާޒިރުވިއެވެ. އެހެނަސް އައްޒާމް މާޝާގެ ފަރުވާ ނިމެންދެން މަރުކަޒުގައި މަޑުކުރަން ނިންމިއެވެ. އޭނަ ކުރަން އައިކަމެއް ފުރިހަމަވުމުން ނޫނީ ނުދިޔުމަށެވެ. ލަތީފްމެން އައިތާ މާ ގިނައިރެއްނުވެ މާޝާގެ އަތުގައި ބޭސްއެޅި، އޭނަ ފަރުވާދޭ ކޮޓަރިން ނެރެވުނެވެ. ލަތީފް މާޝާއަށް ބޭނުންވާނެ ބޭސް ގަންނަން ކައިރީގައި ހުރި ބޭސް ފިހާރައަކަށް ދިޔުމުން، މާޝާ އޭނަގެ މަންމައާއެކީ ބަލި މީހުން މަޑުކޮށްގެން ތިބޭ ގޮނޑިބަރިތަކުގެ ތެރެއިން އައްޒާމްގެ ކުރިމައްޗަށްވާ ގޮތަށް ހުރި ގޮނޑިބަރީގައި އިށީނެވެ. މާޝާ އޭނައަށް ބަލާލުމާއެކު އައްޒާމަށް ދުރުބެލެން ފެށިއެވެ. އެއަށްފަހު އައްޒާމް އޭނަގެ ފޯނާއި ކުޅެން ފެށުމުން މާޝާއަށް ވެސް އިތުރަށް ބަލާކަށް ނުކެރުނެވެ.
މަރުކަޒުގެ ހިމޭން މާޙައުލު ކުއްލިއަކަށް ހަލަބޮލިވެގެން ދިޔައީ ބޭސް ގަނެގެން އައީ ލަތީފް ނުހަނު ބާރަށް މަރުކަޒުގެ ދޮރު ހުޅުވައި ވަދެގެން އައުމުންނެވެ. މާ ބޮޑުކަމެއް ވެއްޖެހެން ހީވި ހާފިޒާ ކޮޅަށް ތެދުވެ އެއްޗެކޭ ބުނަން އުޅުނުތަނާހެން ސީދާ މާޝާ ކުރިމަތީގައި ހުއްޓިލަމުން ރުޅިވެރި ހަރު އަޑަކުން ވާހަކަ ދެއްކިއެވެ.
“ކާކު ފަހަތަށް އަރައިގެން ސައިކަލުގަ ދިޔައީ؟!!” ލަތީފް އެ ސުވާލުކޮށްލީ ރުޅިން ރަތްވެފައި ހުރެއެވެ. ބައްޕަ ވާހަކަ ދެއްކުމުން މާޝާގެ ހިތުގައި ނެގި ބިރުވެރިކަމުގެ ރާޅުބާންޏާއެކީ އިސާހިތަކު އޭނަގެ ލޮލަށް ކަރުނަތައްވެސް ޖަމާވިއެވެ. އެވަގުތު ދުރުގައި ހުރި އައްޒާމަށް ވެސް ސީރިއަސް މޫނަކާއެކީ ކޮޅަށް ތެދުވަމުން ވަށައިގެން އެދިމާލަށް ނަޒަރު ހިންގަމުން ދިޔަ މީހުންނަށް ބަލާލެވުނެވެ.
“ކާކުގެ ފަހަތުންހޭ ދިޔައީ؟!! މާޝާއާއޭ މި ވާހަކަ ދައްކަނީ! ޖަވާބުދީ!!!” ލަތީފް އިރަކަށް އިރަކަށް ހަރުވަމުން ދިޔަ އަޑަކުން ވާހަކަ ދެއްކުމުން ހާފިޒާ ވެސް ތަންކޮޅެއް މަޑުން ވާހަކަ ދައްކާށޭ ބުނަން ފެށިއެވެ. އެވަގުތު މާޝާގެ ލޮލުން ކަރުނަތައް ފައިބައިގެން އައިސް އޭނަގެ އަރުތެރެ ބެދުނެވެ.
“ޖަވާބު…!” މިފަހަރު ލަތީފްގެ ޖުމްލަ ފުރިހަމަ ނުވަނީސް މާޝާ ވާހަކަ ދެއްކޭތޯ ބެލިއެވެ.
“ލި….ލިއަ..އާމް.” މާޝާއަށް އެހެން ބުނެލެވުނީ އޭނަގެ ނޭވާ ހަމައަކަށް އަޅުވަން ނުކުޅެދޭ ޙާލުގައެވެ. އެ މަންޒަރު ފެނިފައި ދުރުގައި ހުރި އައްޒާމްގެ މޫނުމަތިން ޙަމްދަރުދީގެ އަސަރުތައް ފާޅުވިއެވެ.
“ތިއީދޯ އަހަރުމެން މާޝާއަށް ދިން ތަރުބިއްޔަތަކީ؟ ފިރިހެން ކުދިންގެ ސައިކަލު ފަހަތަށް އަރައިގެން ދުއްވަން ރެއާ ދުވާލު މާޝާގެ މަންމައާއި ބައްޕަ މަސައްކަތް ކޮށްގެން ސްކޫލަށް ފޮނުވަނީ. އައްސަރިބަހާއި ސާބަސް!” ލަތީފް އެހެން ބުނެ އޭނަގެ އަތުގައި އޮތް ބޭސްކޮތަޅު އަތުގެ ކޮޅަށް ހޫރާލަމުން މަރުކަޒުން ނިކުންނަން ދިޔައެވެ. އެއާއެކު މާޝާއަށް ގިސްލަގިސްލާފައި ރޮވެން ފެށިއެވެ. ހާފިޒާ ކުރުފައިމައްޗަށް ތިރިވެ އެއީ ބައްޕަ މާ ބޮޑަށް ރުޅި އައީ ކަމަށް ބުނެ މަސަލަސްކުރަން އުޅުމުން މާޝާއަށް މާ ބޮޑު ބަދަލެއްނައެވެ. އައްޒާމަށް ދެބުމަ ކައިރިކޮށްގެން އިރުކޮޅެއް ވަންދެން އެ މަންޒަރު ބަލަން ހުރެވުނެވެ. މެންދުރު ނަމާދަށް ބަންގި ގޮވަން ފެށީ އައްޒާމް އެދިމާލުން ނަޒަރު ވަކިކުރަން ނޭނގިފައި ވަނިކޮށެވެ. ބަންގި ދޭން ފެށުމުން މާޝާގެ މަންމަ މާޝާ ގަދަކަމުން ތެދުކުރުވައި ދާން ތައްޔާރުވުމުން އައްޒާމް ވެސް ފުން ނޭވައެއް ދޫކޮށްލަމުން ދާން ހިނގައިގަތެވެ.
**
އެދުވަހުގެ މެންދުރު 2 ޖަހައި ބޮޑުވީއިރު ވެސް މާޖިދު ގެންނަން އުޅޭ ކުއްޖަކު އޮފީހުން ފެންނަ ގޮތެއް ނުވެއެވެ. އެންމެން އެކީގައި ނުރުހުންވާންފެށީ ގެއަށްދާ ގަޑި ޖެހުމުން ވެސް މާޖިދު އެކުއްޖާއަށްޓަކައި އެންމެން ގާތު ކުޑަކޮށް މަޑުކޮށްލަދިނުމަށް އެދުނު ގޮތުންނެވެ. ބައެއް މުވައްޒަފުން އެކި އުޒުރުތައް ދައްކާފައި ގެއަށްދާން ފެށިއެއްކަމަކު މިރްޒާނާއި އާތިފާއެކީ ފުދޭވަރަކަށް ގިނަ މުވައްޒަފުން މަޑުކޮށްގެން ތިއްބެވެ. މާޖިދު ވައިބާރ ގްރޫޕްގައި އެދުނު އެދުމުގެ މަތިން ހުރިހާ އެންމެން މީޓިންގް ހޯލުގައި އެތުރިލައިގެން ތިބީ، މިނެޓްތަކެއްގެ ތެރޭގައި އެކުއްޖާ އަންނާނެ ކަމަށް ބުނެފައި އޮތުމުންނެވެ.
“މިއީވާ ދިރިއުޅުމެއް! މީގެ އަހަރުތަކެއް ކުރިން އަހަރުމެން މި އޮފީހަށް ފުރަތަމަ ފަހަރަށް ވަދެގެން އައިއިރު އެއްވެސް މީހަކު ކަހާތަން ހިރުވައެއްވެސް ނުލާ. އެކަމަކު އަހަރުމެން މިޖެހެނީ އެހެން މީހުންގެ އިސްތިޤުބާލުގަ ކޮޅަށް ތިބެން. އައިމް ސަޕްރައިޒްޑް ކުރުނބަލެއް ހިފައިގެން ހުންނާށޭ ނުބުނީތީ!” އާތިފަށް ކުދި ނުކިޔައި ނުހުރެވުނެވެ. އޭނަ ކައިރީގައި ހުރި މިރްޒާނަށް ހީލެވުނެވެ.
“ހެހެހެ…..ނަސީބެއްނު އެހެން ނެހެދިކަން އަހަރުމެންނަށް. އެހެން ނޫނީ މިހެން ކޮޅަށް ތިބެން ޖެހުމުގެ ނުރުހުންތެރިކަމާއި މުޅި ޢުމުރަށް ކުރިމަތިލާން ޖެހުނީސް. ދެން ޝަޝް! ތި ބަރުކުރަނީ އަމިއްލަ ފަތް. އެވެސް ނުބައި ކޮޅުގެ.” މިރްޒާން ސަމާސާ ކުރަމުން ވެސް އޭނަގެ އެކުވެރިޔާއަށް ނަޞޭޙަތްތެރިވިއެވެ. އާތިފް ދެންވެސް ބޯހޫރުވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތަކީ ހޯލުގެ ދޮރު ހުޅުވިގެން ދިޔަ ވަގުތެވެ. އެންމެންނަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނު ހިނދު ހިނިތުންވުމަކާއެކީ މާޖިދު އެތެރެއަށް ވަނީއެވެ.
“އެވްރީވަން، ޕްލީޒް ވެލްކަމް….ޑޮކްޓާރ އައިޝަތު ޝަހާނީ.” މާޖިދު އެ ނަން ކިޔާލުމާއެކު އޭނަ ހުޅުވާލި ދޮރުން ވަދެގެން އައީ ނުހަނު ޒުވާން އުމުރެއްގެ އަންހެން ކުއްޖެއްހެން ހީވާ އަންހެނެކެވެ. ހިމަތޮޅި ހަށިގަނޑެއްގެ ވެރި އެ އަންހެން ކުއްޖާއަށް ލިބިފައިވީ ވަށްކޮށް ހުރި ދޮން މޫނެކެވެ. ފަންކޮށްފައިވި ކަޅު އިސްތަށިގަނޑުގެ ބައެއްގައި ގަދަ މުށިކުލައެއް ޖައްސާފައިވީއިރު، ލައިގެން ހުރީ ހުދުކުލައިގެ އަންހެން ގަމީހަކާއި ކަކުލަށްވުރެ ތަންކޮޅެއް މައްޗަށް އޮތް އަޅިކުލައިގެ ބާރު ތިރެކެވެ. އެ އަންހެން ކުއްޖާ މީޓިންގް ހޯލުގެ މެދަށް އައިސް މަޑުކޮށްލީ ސީދާ މިރްޒާނާއި ކުރިމައްޗަށް ވާގޮތަށެވެ. މިރްޒާނަށް ހިސާބަކަށް ނުރުހުންވެފައި ބަލަން ހުރެވުނީ މިއީ އޭނައަށް ކަމުދާ މިޒާޖެއްގެ މީހަކަށް ނުވާނެކަން ޔަޤީންވުމުންނެވެ.
“އައި….ހޯޕް އައި އޭމް ވެލްކަމް.” ސީދާ އިނގިރޭސިވިލާތުގެ މީހުން ވާހަކަ ދައްކާ ބީދައިން ޝަހާނީ އެހެން ބުނެލީ ސީދާ މިރްޒާނަށް ބަލަން ހުރެއެވެ. އެކަމުން މިރްޒާން އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ.
“އޮފްކޯސް ޔޫ އާރ. ވީ އާރ އޮނާރޑް ޓު ހޭވް ޔޫ….ޑޮކްޓަރ ޝަހާނީއަކީ ޖާނަލިޒްމް ގެ ދާއިރާއިން ޕީ އެޗް ޑީ ޙާޞިލުކޮށްފައިވާ މަދު ދިވެހިންގެ ތެރެއިން އެކަކު. ވަރަށް އުއްމީދު ކުރެވޭ ޝަހާނީގެ ފަރާތުން އަހަރުމެންގެ ޗެނަލްއަށް ބޮޑެތި ކުރިއެރުންތައް ލިބިގެން ދާނެކަމަށް.” މާޖިދު އެންމެންނަށް ވާގޮތަށް ޝަހާނީއާއި ބެހޭގޮތުން އިތުރަށް ކިޔައިދިނެވެ. އެ ހިނދު ޝަހާނީ ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ.
“އަޅުގަނޑުގެ އުއްމީދަކީވެސް އަޅުގަނޑުގެ ފަރާތުން މި ޗެނަލްއަށް ބޮޑެތި ކޮންޓްރިބިއުޝަންތަކެއް ލިބިގެން ދިޔުން. ހުރިހާ ޗެނަލްތަކެއްގެ ތެރެއިން މި ޗެނަލަށް ޖޮއިން ކުރަން ބޭނުންވީ ބައިވަރު ސަބަބުތަކާ ލައިގެން.” ޝަހާނީ އޭނަގެ އެ ފަހު ޖުމްލަވެސް ބުނެލީ މިރްޒާނަށް ތޫނު ނަޒަރެއް އަމާޒުކޮށްގެން ހުރެއެވެ. އެހާ ހިސާބުން ކޮންމެވެސް ގޯހެއް ހިނގާކަމުގެ ހިލަމެއް މިރްޒާނަށްވިއެވެ. ޝަހާނީއަށް އޭނަ އެނގެނީތޯ ހިތާހިތުން ސުވާލުކޮށްލެވުނުއިރު އޭނައަށް ކުރިން ޝަހާނީ ފެނިފައިވޭތޯ ބަލަން ވެސް އޭނަ ސިކުނޑިއަށް ބާރުލިއެވެ. އެހެނަސް މީގެ ކުރިން އެ ނަންވެސް އިވިފައިވި ހަނދާނެއް އޭނަ ނުވެއެވެ.
“ދެން ޝަހާނީ ހުރިހާ މުވައްޒަފުންނާ ތަޢާރަފުވެލަންވީ ނޫންތޯ؟ އެކޮޅުން ފަށަމާ.” މާޖިދު މިރްޒާންމެން ތިބި ސަފުގެ އެންމެ ކޮޅަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. އެއާއެކު ޝަހާނީ އާއެނކޭ ބުނެ އެކޮޅުގައި ހުރި ޒުވާނާއަށް ބަލާލިއެވެ. ތިންވަނައަށް އައި ޒުވާނާ މާ ދިގު ނަމެއް ކިޔުމުން ލޯބިން ކިޔާ ނަމަކީ ކޮބައިތޯ ޝަހާނީ އެހިއެވެ. އެއާއެކު އެތާތިބި އެންމެންނަށްހެން ހެވިގެން ދިޔަދިޔަހެން މާޙައުލުގެ ސީރިއަސްކަން ކޮންމެވެސް ވަރަކަށް ގެއްލުނެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ ކުރު ނަން ކިޔުމަށް މާޖިދުވެސް އެދުނު ފަހުން ޒުވާން ކުދިން ހެވިލާފައި ތިބެ އެމީހުންނަށް ގޭގައި މުޚާތަބު ކުރެވޭ ނަން ކިޔައިދެމުން ދިޔައެވެ. މިރްޒާންގެ ކަނާތް ފަރާތުގައި ހުރި އާތިފް އޭނަގެ ނަން ބުނުމާއެކު އަނެއްކާވެސް ޝަހާނީގެ ވިދުމެއްވި ނަޒަރު މިރްޒާނަށް އަމާޒުވިއެވެ.
“މިރްޒާން.” އެއްގޮތަކަށް ވެސް ސަމާސާކުރާ މޫޑެއްގައި ނުހުރުމާއިއެކީ، އަންހެން ކުދިން އޭނައަށް ކުރުކޮށް ގޮވުމަކީ އޭނަ ރުހޭ ގޮތަކަށް ނުވުމުން މިރްޒާން އޭނަގެ ފުރިހަމަ ނަން ބުނެލިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ޝަހާނީ ދެންވެސް އޭނަގެ މޫނުން ނަޒަރު ވަތްކެއް ނުކުރިއެވެ. އޭގެ ބަދަލުގައި ވާހަކަ ދެއްކިއެވެ.
“ހާދަ ހީވެއޭ ތި ނަމަށް ވަރަށް ރީތި ނިކްނޭމްއެއް އޮންނާނެހެން.” ޝަހާނީ އެސްފިޔަ ޖަހާލުމެއްނެތި މިރްޒާނަށް ބަލަންހުރެ ބުނެލިއެވެ. މިރްޒާން އެވަގުތު އައި ރުޅީގައި ބުމަގޮށްޖެހިގެން ދިޔަ ވަގުތު މާޖިދާއެކީ އެތާތިބި ގިނަ މީހުން މިއްޒޭއޭ ކިޔަން ފެށިއެވެ. ޝަހާނީ ދެންވެސް އެހެން ދިމާލަކަށް ބެލުމެއްނެތި ނަމެއް ކިޔާލިއެވެ.
“މިޒް…” ޝަހާނީ އެހެން ބުނެލުމާއެކު މިރްޒާންގެ ދެލޯ ބޮޑުވެ މުޅި މީހާ ގަނޑުވެގެން ދިޔައެވެ.
ނުނިމޭ