Hadhiya (Part 9)
“އަދި އެ ގޮލާއަށް ކެރިއްޖެ މަ ރިޕޯޓް ކުރަން! މަ!! އޭނައަށް ނޭނގެނީ މަށަކީ ކާކުކަން. މަރާލާނަން އޭނަ. މަރާލާނަން!!!” ލިއާމް އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑުން ބުނެލި ވާހަކައާއި އެ ވާހަކަ އަމާޒުވީ ކާކަށްކަން އެނގުންވުމުން މާޝާގެ ހިތް ރޫރޫއެޅިއެވެ. ހުޅުވާލެވިފައިވި ކުޑަދޮރުތަކުގެ ދޭތެރެއިން ކޮރިޑޯ ތެރޭގައި އޭނަގެ އެކުވެރިންނާ ވާހަކަ ދައްކަން ހުރި ލިއާމްގެ ރުޅިވެރި މޫނު ފެނި ހިތަށް ބިރުވެރިކަމެއްވަނެވެ. އެހެނަސް މާ ގިނައިރެއްނުވެ އެ ތަނަށް ބިދޭސީ މުދައްރިސަކު އައިސް ތި ދައްކަނީ ކޮން ވާހަކައެއްތޯ އިނގިރޭސި ބަހުން އެހުމުން ލިއާމްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނަ ޖަވާބެއް ނުދީ އެ މުދައްރިސަށް ފަސްދިނެވެ. އަދި އެ މުދައްރިސަށް ނޭނގޭނެ ފަދައިން ދިވެހި ނުބައި ބަހެއް ކިޔާލުމުން އޭނަގެ އެކުވެރިން މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. މިއީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނަމަ މާޝާއަށް ވެސް އެވަގުތު ހެވުނީހެވެ. އޭނަގެ ލޯބިވެރިޔާ މުދައްރިސުންނަށްވުރެ ވެސް ކިހާ ‘ގަދަ’ ހޭ ހިތަށްއެރީހެވެ. އެހެނަސް އެވަގުތު މާޝާގެ ހިތުގައި އެ ހުރިހާ ކަމަކަށްޓަކައި ނަފްރަތެއް ނޫނީ އެހެން އެއްވެސް އިޙްސާސެއްނެތެވެ. ރަނގަޅު އަޚްލާޤެއްގެ ފުރިހަމަ މިސާލެއް ފެނުމުން އޭނައަށް އެއްދުވަސްވަރެއްގައި ރީތިވި އެ ކަންތައް އޭނަގެ ހިތަށް ހުތުރުވެފައިވި ފަދައެވެ. ލިއާމް އޭނަ އިން ކުލާހަށްވަދެ އޭނައާއި ހިނިތުންވެލުމުން ވެސް މާޝާއަށް އިނދެވުނީ ނުރުހުންވެފައެވެ. އެކަން އޭނަގެ މޫނުމަތިން ފާޅުވަމުން ދިޔައީތީ ކަންނޭނގެއެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް ލިއާމް ގޮނޑިއެއް ނަގައި އޭނަ ކުރިމަތީގައި އިށީންނަން ނޫޅެ މާޝާ ކައިރީގައި އިން ސަފާ ކައިރި ތެދުވެވިދާނެތޯ އެހިއެވެ. ސަފާ ވަގުތުން ހިނިތުންވުމަކާއެކީ ތެދުވެ ވާހަކަ ދެއްކިއެވެ.
“މި ދެ ލަވް ބާރޑްސްއަށް ސްޕޭސްދީފަ އަހަރުމެން ދާން ހިނގާ ރައި.” ސަފާ އޭނަ ހުރިތަނުން ތެދުވެ ކުލާހުން ނިކުންނަން ދަމުން ރައިނާ ކައިރި ބުނެލިއެވެ. އެއާއެކު ކޮޅަށްހުރި ރައިނާ ވެސް ހީލަމުން ސަފާއާއެކީ ބޭރަށް ދިޔައެވެ. އެއާއެކު ލިއާމާއި މާޝާ އެކަނިވެގެން ދިޔުމުން މާޝާއަށް އެކަން އެނގުންވެގެން ދިޔައީ މާ ބޮޑަށެވެ. ލިއާމް އައިސް އޭނަގެ ކައިރީގައި އިށީނުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތްހަމަނުޖެހުނެވެ. މިއީ ލިއާމް އޭނަގެ ކައިރީގައި އިށީން ފުރަތަމަ ފަހަރެއްނޫނެވެ. ލިއާމް މިގޮތަށް އިށީނދެ އޭނައާއި ގާތްވެ އޭނަގެ ގައިގައި ހިފަހައްޓައިގެން ވެސް ހުރެއެވެ. މީގެ ދުވަސްކޮޅެއްކުރިން އެކަންތައްވެފައިވީ މާޝާގެ ނަޒަރުން އޭނަގެ ލޯބިވެރިޔާއާއި އޭނައާއި ދެމެދު އޮތް ގުޅުމުގެ ވަރުގަދަކަން ދައްކުވައިދޭ ނިޝާންތަކަށެވެ. އެހެނަސް އެވަގުތު ލިއާމް އޭގެއިން އެއްވެސް ކަމެއް ކޮށްފިނަމަ އޭނައަށް އިންތާ އިންނަން ކެތްނުވާނެހެން މާޝާއަށް ހީވީ ކީއްވެކަމެއް އޭނައަށް ޔަޤީނެއް ނުކުރެވުނެވެ. ލިއާމް ވާހަކަ ދައްކަން ފެށީ މާޝާ ދެންވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންދައެވެ.
“އެނގޭ ލޯބި ވަރަށް ރުޅިއައިސްފަކަން ތިއިނީ…..ވަރަށް ބޮޑަށް ސޮރީ އަސްލު އެދުވަހު ކަންތައްވީ ގޮތަށްޓަކައި. ކިހިނެއް އެނގޭނީދޯ އެގޮތަށްކަން ކަންތައްވާނީ ވެސް. އެ ބޭރު މީހާވެސް އެތަނަށް އަންނަން ޖެހުނީ ހަމަ އެވަގުތު. އަދި ނުވިތާކަށް އެ މަސައްކަތު މީހާވެސް އައިސް އަހަންނާ ދިމާލަށް ގޮވި އެއްޗެހީގެ ސަބަބުން އަހަރެން ލޯބި މަތިން ހަނދާން ނެތުނީ.” ލިއާމް އޭނަގެ ކުށުގެ ޒިންމާ އޭނަ ފިޔަވައި މުޅި ދުނިޔޭގައި ތިބި އެންމެންގެ ބޮލުގައި އަޅުވަން އުޅުނު ފަދައެވެ. އެކަން އެނގުންވުމުން މާޝާ އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. އޭނަގެ ކައިރީގައި އެވަގުތު އިނީ އައްޒާމަށްވިނަމަ އައްޒާމް އެހެން ނެހެދީއޭ އޭނަގެ ހިތް ބުނަން ފެށިއެވެ. އޭނަގެ ހަނދާނަށް އައީ އައްޒާމަށް އެދުވަހު އޮޅުމެއްގެ ތެރެއިން ބުނެވުނު ބަހަކަށްޓަކައި ވެސް އޭނަ ހިތާމަކޮށް މަޢާފަށް އެދުނު ގޮތެވެ. ތިމާގެ އަމިއްލަ ކުށް ތިމާއަށް ނުފެންނާނީ ކިހާ އަނދިރިވުމުންތޯ މާޝާގެ ހިތަށްއެރިއެވެ.
“އަދި އެނގޭތަ މާޝް؟ އެ މިސްކިތުގެ މަސައްކަތު މީހާއަށް ކެރިއްޖެ އަހަރެންގެ ވާހަކަ ފުލުހުންނަށް އަންގަން. ދެންމެ ފަސީހާއި އަހަރެން ދެއްކީ އެ ވާހަކަ. ވަރަށް ރުޅިއައިސް ދެރަވެސްވެފަ މިހިރީ އެކަމާމެދުވެސް.” ލިއާމް ރުޅިވެރިކަމާއެކީ އޭނަ ރުޅިއައި ވާހަކަ ބުނެ ގަދަކަމުން މޫނުމަތީގެ ކުލަވަރު ބަދަލުކޮށް މަޑުމައިތިރި ކަމާއެކީ ދެރަވީ ވާހަކަ ބުނެލީ، ހިތުން މާޝާގެ ޙަމްދަރުދީ ހޯދައި މާޝާ އޭނައާއި ގާތްވާނެކަމުގެ އުއްމީދުގައެވެ. އެހެނަސް މާޝާ ދެންވެސް އިންގޮތަށް އިންނަން ފެށުމުން އޭނަ ހިސާބަކަށް ޙައިރާންވިއެވެ. އެއީ ކީއްވެކަމާމެދު ވިސްނާލެވުމުން ލިއާމްގެ ހަނދާނަށް އައީ އެކްސިޑެންޓް ހިނގި ދުވަހު ރަށުތެރޭގައި ފެތުރުނު ވާހަކައެވެ. އެދުވަހު މާޝާ ބިންމަތީގައި އިންދާ އޭނައަށް އެހީވެދިނީ މިސްކިތުން ނިކުމެގެން އައި ޒުވާނެކޭ ބުނަމުން ދިޔަ ވާހަކައެވެ. މާޝާއަށް މިއައި ބަދަލެއް އައިސްގެން އުޅެނީ އޭނަގެ ސަބަބުންތޯ ހިތަށްއެރިއެވެ. ހަމަ އެއާއެކު ޙަސަދަވެރިކަމުގެ އަލިފާންގަނޑެއް ލިއާމްގެ އެތެރެ ހަށީގައި ރޯވިއެވެ. އޭނައާއި ރައްޓެހިވެގެން އުޅޭ ކުއްޖަކަށް އޭނަ ނޫން މީހަކު ކުޑަ މިންވަރަކުން ވެސް ކަމުގޮއްސިހެން ހީވުމުން އައި ރުޅީގައި އޭނަގެ ހެއަށްވެސް ގޮތަށްވިއެވެ. ކުއްލިއަކަށް މާޝާއާއި ދިމާލަށް އެތަކެއްޗެއް ގޮވައިގަންނަން ބޭނުންވިއެވެ. އެހެނަސް އޭގެ ކުރިން އޭނަގެ މައްޗަށް މާޝާ އެ ‘ޚިޔާރު’ ކުރި އެ ދަށު ދަރަޖައިގެ މީހާއަށް ފާޑު ކިޔަން ހިތް އެދުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ އަނގައިން ނުބައި ބަހެއް ނިކުތުމުން މާޝާ އޭނައަށް ބަލާލީ ލިބުނު ސިހުމެއްގެ ސަބަބުންނެވެ.
“މީހަކަށް މީހެއްގެ ފެންވަރު އޮޅުނަސް އެއީ ދެން ބޮޑުވަރު! ހިތުން އޭނަ މާޝާއަށް އެހީވާން އުޅުނީ އޭނަގެ ނަޖިސް އަތުން ރީތި އަންހެން ކުއްޖެއްގެ ގައިގަ ހިފާލެވޭތޯކަން މަށަށް ޔަޤީނޭ. އަދި މާޝާވެސް މޮޔަވެގެން އޭނަގެ ފަހަތުން ގޮސްފީމެއްނު؟ ކަލެއަށް ކިހިނެއްތަ ކެރުނީ މަ ހުއްޓާ އޭނަގެ ފަހަތުންދާން؟” ލިއާމަށް އެންމެ ފަހު ސުވާލުކޮށްލެވުނީ މާޝާގެ މޫނާއި އޭނަގެ މޫނު ކައިރިކޮށް ދަތްކުނޑި ވިކަމުންނެވެ. އެ ހިނދު ލިއާމަށްޓަކައި މާޝާގެ ހިތުގައި ދުވަހަކުވެސް ނުވާފަދަ ބިރުވެރިކަމެއް އެވަގުތު އުފެދިގެން ދިޔައެވެ. ލިއާމްގެ ކިބައިން އަބަދުވެސް އެފަދަ މިޒާޖެއް ފެނުނެއްކަމަކު ދުވަހަކުވެސް އެފަދައިން އޭނައާއި މުޚާތަބު ކޮށްފައެއްނުވެއެވެ. ނުރައްކަލެއްގެ ރަތް ސިގްނަލް އޭނަގެ ސިކުނޑި ދިނުމާއެކު މާޝާއަށް ކޮޅަށް ތެދުވެލެވުނެވެ. އަދި ލިއާމަށް ފުރުޞަތެއް ދިނުމެއްނެތި އަވަހަށް ކުލާހުން ނިކުންނަން ދިޔައީ ލިއާމަށްޓަކައި ހިތުގައި ނަފްރަތެއްވެސް އުފެދިފައިވާ ޙާލުގައެވެ. އޭނައާއި ދެންމެ ލިއާމް ވާހަކަ ދެއްކި ގޮތަށްވުރެ ބޮޑަށް އޭނަ އައްޒާމާއި ބެހޭގޮތުން ދެއްކި ވާހަކަތަކަށްޓަކައެވެ. ހިތާހިތުން ލިއާމާއި ދިމާލަށް އެއްޗެހި ކިޔެންފެށި ތަނާހެން ފުރަގަހުން އޭނައަށް ލިއާމްގެ އަޑު އިވުނެވެ.
“ތި ހުރި ފިޔަވަޅު މަތީގަ މަޑުކުރޭ! ހަމަ މިވަގުތު!” ކޮރިޑޯގެ ތެރެއަށް ނިކުމެ ލިއާމް ބުނެލި އަޑަށް މާޝާގެ ފައިގައި ތަޅުއެޅުވުނުހެން އޭނައަށް ހީވިއެވެ. އެ ހިނދު އޭނަގެ ހިތް ބާރަށް ތެޅެން ފެށިއެއްކަމަކު ދާދި ދެންމެއަކު އެ ހިތަށް ވެރިވެފައިވި ނުތަނަވަސްކަމުގެ މައްޗަށް ރުޅިވެރިކަން ކުރި ހޯދިއެވެ. އޭނައަށް އެފަދަ ގޮތަކަށް އަމުރުކުރަން ލިއާމަކީ ކާކުތޯ ހިތަށްވެރިވި ވަގުތު ރުޅިވެރި މޫނަކާއެކީ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ.
“ލިއާމް ބުނެގެން އަހަރެން މަޑުނުކުރިއްޔާ ދުނިޔެ ހުއްޓުމަކަށް އަންނާނީތަ؟ މަޑެއް ނުކުރާނަން އަހަންނެއް! އަޑުއިވިއްޖެ؟ ބޭނުމެއްނޫން ތިކަހަލަ ޤަދަރުކުރަން ނުދަންނަ، ކިބުރުވެރި މީހަކާއެކީ ދިރިއުޅުން ވޭތުކުރާކަށް. ޔޫ އާރ ޑިސްގަސްޓިންގް! އައި ބްރޭކް އަޕް ވިތް ޔޫ!” މާޝާ ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެހެން ބުނެލީ ސާބިތުކަމާއެކީގައެވެ. ނޭނގޭ ސަބަބަކާހުރެ އެވަގުތު އެބުނެވުނު ބަސްތަކުގެ ނަތީޖާ ނިކުމެދާނެ ގޮތަކާމެދު އޭނަގެ ހިތުގައި އެއްވެސް ނުތަނަވަސްކަމެއްނެތެވެ. އޭނަގެ ހަނދާނުގައި ހުރީ އައްޒާމް އެދުވަހު ލިއާމާއި ވާހަކަ ދެއްކި ގޮތުގެ މިސާލެވެ. އަދި ވަކި މީހަކަށްވީތީ ބުނަންވާ އެއްޗެއް ނުބުނެ ނުހުންނަން އައްޒާމްގެ ކިބައިގައި ހުރި ވަރުގަދަ ޢަޒުމެވެ. އެވަގުތުވެސް އެ ހަނދާން އާވެފައި އޭނައަށް ހިތާހިތުން އައްޒާމަށް ތަޢުރީފުކުރެވުނެވެ. އެހެނަސް އެ ޚިޔާލުތަކުން ނިކުމެވުނީ އޭނަގެ ކުރިމަތީގައިހުރި ލިއާމް ދެލޯ ހަނިކޮށްގެން އޭނައަށް ބަލަން ހުރެފައި ކުއްލިއަކަށް އޭނަގެ ބުމަގޮށްޖެހިގެން ދިޔަގޮތުންނެވެ. ނުބައި އެއްޗެއް ލިއާމް އަވަލައިގަތީހެން މަންޒަރު ބަލާ މީހަކަށް ހީވެދާނެއެވެ. އޭނަ ދަތްކުނޑި ވިކަމުން ހަރުއަޑުން ބުނެލި ވާހަކަ މާޝާއަށް ސާފެއްވެސް ނުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ލިއާމް އޭނައާއި ދިމާލަށް އަންނަން ފެށުމުން މާޝާ އަނެއްކާވެސް އޭނައަށް ފަސްދީފައި ފަޔަށް ލެވުނުހާ ބާރަކަށް ހިނގަންފެށީ ދެން އެންމެ ދުވަހަކުވެސް ލިއާމްގެ އަތުގައި ނުޖެހެން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. ލިއާމްގެ ދިގު ފިޔަވަޅުތަކުން ސަލާމަތްވުމަށްޓަކައި މާޝާ އެކި ފަހަރުމަތިން އޭނަގެ ހިނގުން ދުވުމަކަށް ވެސް ބަދަލުކުރަމުން މިޞްރާބު ޖެހީ ސްކޫލްގެ އޮފީހާއި ދިމާލަށެވެ. އޮފީހުގެ ކުރިމައްޗަށްވާ ގޮތަށް އޮންނަނީ ބިޔަ ގަސްތަކުން ހިޔާވެފައި އޮންނަ ބަޔަކަށްވުމުން އެތާނގައި އެވަގުތު ފުދޭވަރަކަށް ކުދިންނާއި މުދައްރިސުން ތިބޭނެކަން ދަނެގެންނެވެ.
**
ސްކޫލްގެ ޕްރިންސިޕަލާއި ބައެއް ލީޑިންގް ޓީޗަރުންނާއެކީ ބޭއްވި ކުރު ބައްދަލުވުމަށްފަހު އައްޒާމް މަޑުކުރުމެއްނެތި އޮފީހުން ނިކުންނަން ދިޔައެވެ. އޮފީހުގެ ދޮރު ހުޅުވި ވަގުތު އޭނަގެ އެސިސްޓެންޓެއްގެ ފަރާތުން މެސެޖެއް އައުމުން އައްޒާމް އޮފީހުން ނިކުމެގެން އައީ ފޯނަށް ބަލަހައްޓައިގެން ހުރެއެވެ. މެސެޖެއް ލިޔަމުން ކުރިއަށް ހިނގަމުން ދަނިކޮށް ފޯނުން ނަޒަރު ވަކިކުރަން އޭނައަށް މަޖުބޫރުވީ، ކަނާތް ފަރާތުން ކޮންމެވެސް މީހަކު ނުހަނު އަވަސް ފިޔަވަޅުތަކެއްގައި އޭނައާއި ދިމާލަށް އަންނަމުން ދާހެން ހީވުމުންނެވެ. އޭނަ ބަލާލި ވަގުތަކީ އެކުއްޖާ އޭނަ ހުރި ހިސާބަށް އައުމުގެ ކުރިން އޭނައަށް ދުރުވެވިދާނެހެން ޝައްކުކުރެވުނު ވަގުތެވެ.
**
އޮފީސް ހުންނަ ޢިމާރާތާއި ހަމަވި ވަގުތު މާޝާގެ ފަޔަށް ތަދުވާން ފަށާފައިވިއެވެ. އެހާ ހިސާބަށް އައިއިރު ލިއާމާއެކީ އޭނަގެ އެކުވެރިންގެ ބައިގަނޑެއް ވެސް އޭނަގެ ފަހަތުން އަންނަމުން ދިޔަކަން އެނގުންވުމުން މާޝާގެ ހިތްވަރު އެލޭ ގޮތްވިއެވެ. އަނިޔާވެރި ބައެއްގެ އަތްދަށުން އޭނައަށް ދެންވެސް ސަލާމަތް ވެވިދާނެކަމަށް އަމިއްލަ ނަފްސުގާތު އޭނަ ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެހެނަސް ވަށައިގެން ފެންނަމުން ދިޔަ އޭނަގެ އެކުވެރިންގެ ތެރެއިން ވެސް އެއްވެސް މީހަކު މަންޒަރު ބެލުން ނޫންކަމެއް ނުކުރާކަން އެނގުންވުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އިސްޖަހައިގެން ހިނގަމުން ދިޔަ މާޝާގެ އުއްމީދުގެ ހުޅުކޮޅު މުޅިން ނިވިގެން ދާން އުޅުނު ވަގުތު އޭނަ އެ ދިޔަ ބާރު މިނުގައި ގޮސް މީހެއްގެ ގައިގައި ޖެހުނެވެ. ޖެހުނު ގޮތަށް އޭނައަށް ފަހަތަށް ޖެހިލެވުނު ވަގުތު ދެއަތުން އޭނަ ގައިގައި ނުޖެހި އޭނަ ވަށާލެވުނުކަން މާޝާއަށް އެނގުންވީ، ތަގުޅިކޮށްލެވުނު ދެލޯ ހުޅުވާލެވުމުންނެވެ. އެއީ ކާކުކަން ޔަޤީނާއި ގާތްވި ވަގުތު އޭނައަށް އެ އަތުގެ ވެރިޔާގެ ސޫރައަށް ބަލާލެވުނީ ކެތްމަދުވެފައިވި ހިތަކާއެކީގައެވެ. އައްޒާމްގެ ސީރިއަސްކަން ވެރިވެފައިވި މޫނު ފެނިފައި މާޝާއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭނައަށް އެވަގުތުކޮޅަށް މުޅިން ގެއްލޭ ގޮތެއް ނުވީ އައްޒާމްގެ ނަޒަރު އޭނަގެ ފުރަގަހުން އަންނަމުން ދިޔަ މީހުންނަށް އަމާޒުވެފައިވުމުންނެވެ. މާ ގިނައިރެއްނުވެ އެމީހުން އެހާ ހިސާބާއި ހަމަވުމުން އައްޒާމް އޭނަގެ އަތްތިރިކޮށް މާޝާއާއި ދުރުވެލިއެވެ.
“ކަލޭ ހިތުން ކޮންތަނަކަށް ގޮއްސަތަ މަށަށް ފިލަން ތިއުޅެނީ؟” އޭރު އެތާނގައި ބައެއް މުދައްރިސުން ވެސް ތިއްބެއްކަމަކު ލިއާމް ވާހަކަ ދެއްކީ ހަރުއަޑުން ހުތުރު ބަހުރުވައިންނެވެ. އެވަގުތު އޭނައަށް ގިނަ ބައެއްގެ ނަޒަރު އަމާޒުވިއެވެ. ލިއާމްގެ އެ ސުވާލުން މާޝާއަށް އައްޒާމާއި ދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. މާޝާ ބަލާލުމުން ލިއާމަށް ވެސް އެދިމާލަށް ބަލާލެވުނެވެ. އެތާ ހުރީ ސީރިއަސް މޫނެއްގައި ހުރި އައްޒާމްކަން ލިއާމަށް އެނގުންވީ އެވަގުތެވެ.
“އައްދެ! މި ސޮރު މި ސްކޫލަށް ވަދެގެން އުޅެނީ ކީއްކުރަން؟ މިސްކިތުން ލިބޭ އެއްޗަކުން ނުވެގެން ސްކޫލްގަ ވެސް ނޯކިރީ އަދާކުރަންވެގެންތަ؟ އެންޑް ޔޫ! ކަލެއަށް ހީވަނީ ކަލޭ މަށަށް ޖެއްސި ޙާލަށްޓަކައި މަ ކަލެއަށް ކުރާނެ ހުރިހާ ކަމަކުން މި މީހާއަށް ކަލޭ ސަލާމަތްކުރެވޭނެ ކަމަށްތަ؟ އެހެން ހީކުރެވެންޏާ ތިއީ ކުށްހީއެއް!” ލިއާމް އައްޒާމާއި ވާހަކަ ދައްކާފައި ދެންވެސް މާޝާއާއި ވާހަކަ ދެއްކުމަށްފަހު މާޝާގެ އަތުގައި ހިފަހައްޓާލަން އުޅުނެވެ. އެހެނަސް އޭގެ ކުރިން އައްޒާމް އޭނަގެ ބާރުގަދަ އަތުން ލިއާމްގެ އަތުގައި ހިފަހައްޓާލިއެވެ. ލިއާމް ރުޅިވެރިކަމާއެކީ އައްޒާމަށް ބަލާލި ވަގުތު އައްޒާމްގެ މޫނުވެސްވީ ރަތްވެފައެވެ. ލިއާމް ގަދަ ހަޅޭކަކާއެކީ އޭނަގެ އަތް ދަމައިގަންނަމުން ނުބައި ބަސްތައް ކިޔަން ފެށިއެވެ. އެވަގުތު ސްކޫލްގެ ޕްރިންސިޕަލް ބޭރުތެރެއިން އަޑުހަރުވެގެން އޮފީހުން ނިކުތެވެ. އަދި ހުރިތާ ހުރެ ލިއާމްގެ ނަމުން ގޮވާލުމުން ލިއާމާއެކީ އެތާތިބި އެންމެންނަށް އެދިމާލަށް ބެލުނެވެ. ޕްރިންސިޕަލް ފެނިފައި ލިއާމާއި އޭނަގެ އެކުވެރިންވެސް ހިސާބަކަށް ހިމޭންވިއެވެ. އެހެނަސް ޕްރިންސިޕަލް އެދިމާލަށް އަންނަން ފެށުމުން އެތަނުން ދާކަށް އެކަކަށްވެސް ނުކެރުނެވެ.
“ވީގޮތް ކިޔައިދެވޭނެ ކުއްޖަކު އެބަހުރިތަ؟” އެންމެންނާއި ކުރިމަތިލަމުން ޕްރިންސިޕަލް ސުވާލުކުރިއެވެ. އެހެނަސް ވީގޮތުގެ ތަފްޞީލު ދިގުކަމުންނާއި ޙާލަތުގެ ގޮތުން އެކަކަށްވެސް ޖަވާބު ދޭކަށް ނުކެރުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޕްރިންސިޕަލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“މުދައްރިސަށް އިވުނީ ހަމަ ގައިމުވެސް ލިއާމްގެ އަޑު……ލިއާމް ތިއީތަ ސްކޫލަށް އަންނަ މެހުމާނުންނާ ދޭތެރޭވެސް ކަންތައް ކުރާ ގޮތް؟ އައްޒާމްގެ ކުރިމަތީގަ ތި ބަސްތައް ބޭނުންކުރާއިރު އެއީ ކާކުކަން އެބައިނގޭތަ؟ އެއީ މުޅި މި ރާއްޖޭގައި ވެސް ހުރި އެންމެ ހަގު އެހެނަސް އެންމެ ހުނަރުވެރި އެއް އައިޓީ ޓެކްނީޝިއަން. އެއީ ތިކުދިން އެ ޝަޚްޞިއްޔަތަކުން ހިތްވަރު ލިބިގަންނަންޖެހޭ ލާމަސީލު މިސާލެއް.” ޕްރިންސިޕަލް ކިޔައިދިންދިންހެން ލިއާމްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވެ އޭނަގެ ނިތުން ރޫފިލައިދިޔަ ވަގުތު އައްޒާމަށް ބަލާލެވުނީ ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި ހުރެއެވެ. ލިއާމަށް ވީގޮތް ފެނިފައި ހިސާބެއްގެ އުފަލެއް ލިބުނު މާޝާ އޭނަގެ ހިނިތުންވުން ފޮރުވުމަށްޓަކައި އިސްޖަހާލިއެވެ.
“ވަރަށް ދެރަވެއްޖެ އައްޒާމަށް މި ސްކޫލުން މިފަދަ ކަމެއްކުރިމަތިވީމަ. އަޅުގަނޑު ސްކޫލްގެ ފަރާތުން ވަރަށް ބޮޑަށް މަޢާފަށް އެދެން މިކަމަށްޓަކައި. ލިއާމްވެސް އައްޒާމަށް މަޢާފަށް އެދިފަ އޮފީހަށް ވަންނަންވީ.” ޕްރިންސިޕަލް އެ އެންގި އަޑަށް ލިއާމަށް ބަލާލެވުނީ ސިހުމަކާއެކީގައެވެ. އޮފީހަށް ވަނުމަށްވުރެ އޭނައަށް ބޮޑުކަމަކަށްވީ އައްޒާމަށް މަޢާފަށް އެދުމެވެ. އޭނަ ބަލަހައްޓައިގެން ހުންނަން ފެށުމުން ޕްރިންސިޕަލް އަވަހަށް ބުނެލާށޭ ބުންޏެވެ. އެ ހިނދު އެހެން ގޮތެއް ނެތްހެން ހީވުމުން ލިއާމް އެތެރެއިން އަނދައަނދާހުރެ ގަދަކަމުން ‘ސޮރީ’ އޭ ބުނެލިއެވެ. އޭނަ އެހެން ބުނުމާއެކު އައްޒާމް ހިނިތުންވެލިއެވެ.
“އިޓްސް އޯކޭ…” އައްޒާމް އެހެން ބުނެފައި މާޝާއަށް ވެސް މަޢާފަށް އެދެން ވާނެއޭ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނައަށް ކަންވީގޮތް ރަނގަޅަށް ނޭނގުމާއެކީ އެއިން މާޝާއަށް ދެރަގޮތެއް ދިމާވެދާނެތީ އައްޒާމް އެހެން ނުބުނަން ނިންމިއެވެ. އޭނައާއި މާޝާ އެކީގައި ބަލަބަލާ ތިއްބާ ލިއާމް ޕްރިންސިޕަލްގެ ފަހަތުން އޮފީހަށް ދިޔައެވެ. އެވަގުތަކީ އިންޓަވަލް ގަޑި ނިމުނު ވަގުތަށްވުމުން އެންމެން ކުލާސްތަކަށް ދާން އަވަސްވެގަތެވެ. އައްޒާމްވެސް މާޝާގެ ކައިރީގައި ހުންނަން ބޭނުންވިއެއްކަމަކު އޭނަ މާޝާއަށް ބަލަން ހުއްޓާ މާޝާ އޭނައަށް ބަލާލުމުން އައްޒާމަށް ވަގުތުން ދުރަށް ނަޒަރު ހިންގާލެވުނެވެ. އެއަށްފަހު މާޝާއަށް ފަސްދީފައި ދާން ހިނގައިގަތެވެ. މާ ދުރަށް ނުދެވެނީސް މާޝާގެ އަޑުއިވުނެވެ.
“ސްކިއުޒް!” ދާދި އިހަކަށް ދުވަހު އޭނަ ބުނި ބަހެއް އިވިފައި އައްޒާމްގެ މޫނުމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ. އޭނަ ފަސްއެނބުރި ބަލާލިއިރު މާޝާ އޭނައަށް ބަލަހައްޓައިގެން ހުއްޓެވެ.
“ތޭންކްސް.” މާޝާ ލުއި ހިނިތުންވުމަކާއެކީ ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު އައްޒާމްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވީ އޭނަގެ ހިތުގެ އިޙްސާސްތައް ބޭރުފުށުން ފެންނާނެ ފަދައަކުންނެވެ. އޭނަ މަޑުމަޑުން ބޯޖަހާލުމުން މާޝާވެސް ފުރިހަމަ ހިނިތުންވުމެއް ދައްކައި ލަދުރަކި ގޮތަކަށް އެތަނުން ދާން ހިނގައިގަތެވެ. މާޝާ ލޯމަތިން ގެއްލެންދެން ބަލަން ހުރެފައި އައްޒާމަށް ލުއި ހީލުމެއް ހީލަމުން އިސްޖަހާލެވުނެވެ. އެއަށްފަހު އޭނަ ދާން ހިނގައިގަތީ މިއީ އޭނަގެ ޙަޔާތުގެ ވާހަކައިގެ އުފާވެރި ނިމުން އަންނާނެ ބާބުގެ ފެށުންކަމަށް އުއްމީދުކުރަމުންނެވެ.
އައްޒާމްމެންގެ ޙަޔާތުގައި އުފާވެރިކަމުގެ ބާބެއް ފެށިގެން ދިޔައެއްކަމަކު މިރްޒާންގެ ޙަޔާތުގައި އެފަދަ ބާބެއް ފެށޭނެކަމުގެ އެއްވެސް އަލިމަގެއް އޭނައަށް ފެންނާކަށް ނެތެވެ. އޭނަ އެކަނިމާއެކަނި ތަޙައްމަލު ކުރަމުންދާ ހިތާމަތަކާއެކީ ޝަހާނީ އޮފީހަށް އަންނަން ފެށީއްސުރެ އޭނަވެގެން ދިޔައީ މިރްޒާންގެ ބޮލުގައި އުފެދުނު އިތުރު ރިހުމަކަށެވެ. މަސައްކަތްކުރަން އޮފީހަށް އައި ފުރަތަމަ ދުވަހުއްސުރެ ވެސް އޭނަ އުޅެނީ މިރްޒާންގެ ފަސްފަހަތުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދޭތެރެދޭތެރެއިން މިރްޒާންގެ ކެބިންއަށްވަދެ އޭނަގެ ސެޓްތަކަށް ދިޔުމަކީ ޝަހާނީގެ އާދައެކަށްވަނީ ވެފައެވެ. އޭގެ މައްޗަށް އޭނަ މިރްޒާނަށް އެ ކުރު ނަމުން ގޮވުން ހުއްޓައެއް ނުލައެވެ. އެ ނަމުން ގޮވާ ކޮންމެ ފަހަރަކު މިރްޒާނަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ވަގުތު ނަގައެވެ. ސީރިއަސްކަމާއެކީ އޭނައަށް އޭނަގެ ފުރިހަމަ ނަމުން ގޮވުމަށް މިރްޒާން ޝަހާނީގާތު އެދުނެވެ. އެހެނަސް އެއިން ކުރި އަސަރެއްނެތެވެ. ބަދަލުގައި ޝަހާނީ އިހުނަށްވުރެ ވެސް ގިނައިން އެ ނަން ބޭނުންކުރަން ފެށީއެވެ. މިރްޒާނަށް ރުޅި އިސްނުކޮށް ހުރެވެނީ ވަރަށް ވެސް ކެތްކޮށްގެންނެވެ.
އެއްދުވަހު މިރްޒާން އޭނަގެ ކެބިންގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަން އިންދާ ޝަހާނީ ހެވިދިއްލިފައި ހުރެ ކެބިންއަށްވަނެވެ. އައިސް ނުވެސް އިށީނދެ އޭނަ އުޖާލާވި ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.
“މިޒް އެނގޭތަ މިއަދު މީ ކޮން ދުވަހެއްކަން؟!” ޝަހާނީ ވަދެ މިރްޒާންގެ މޭޒުމަތީގައި ހުރި ކަލަންޑަރު ނަގައި ބަލަމުން އަހާލިއެވެ. އަނެއްކާވެސް އެ ނަން އިވިގެން ވީ ނުރުހުމުގައި މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“ޝަހާނީ ޕްލީޒް! އަހަރެން މިހިރީ ވަރަށް ބިޒީކޮށް. އުދަގޫނުކޮށް މިތަނުން ގޮސްދިނުން އެދެން.” މިރްޒާން ކިތަންމެ ބޭނުމެއްނުވިއެއްކަމަކު އޭނަގެ އަޑުގައި ރުންކުރު ރާގެއް އެކުލެވިގެންވިއެވެ. އެކަމާމެދު އޭނައަށް މިފަހަރު ހިތާމައެއްވެސް ނުކުރެވުނެވެ. އެކަން ޝަހާނީއަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ.
“ހަމަ ސީރިއަސްކޮށް ހަނދާނެއް ނެތީތަ މިއީ ކޮން ދުވަހެއްކަން؟” ޝަހާނީ ދެވަނަ ފަހަރަށް ވެސް އަހާލުމުން މިރްޒާނަށް ވިސްނެން ފެށިއެވެ. އެހެނަސް މި ދުވަހުގައި އެއްވެސް ޚާޞިއްޔަތުކަމެއްވީކަމެއް އޭނަގެ ހަނދާނަށްނައެވެ. ޝަހާނީ ޙައިރާންވެފައި ގޮތަށް ‘އޯ މައި ގޯޑް’ އޭ ކިޔާލިއެވެ. އެއަށްފަހު މިރްޒާންގެ ކުރިމަތީގައި އިށީނުމުން މިރްޒާނަށް ބަލަހައްޓައިގެން އިނދެވުނެވެ.
“ޔުއާރ ވައިފްސް ބާތްޑޭ.” ޝަހާނީ ލަސްލަހުން އެހެން ބުނެލުމުން މިރްޒާން ހުއްޓުން އެރިއެވެ. އެ ބުނި ބަސްތަކާއެކީ އެތައް ހަނދާނެއް އެއްފަހަރާ އޭނަގެ ސިކުނޑިއަށް ވެރިވިއެވެ. އެ ޚިޔާލުތަކުގެ ސަބަބުން ޝަހާނީއަށް އޭނަގެ އަންހެނުންނާބެހޭ މަޢުލޫމާތު އެނގެނީ ކިހިނެއްކަމުގެ ޙައިރާންކަން ވެސް ފަނޑުވެގެން ދިޔައެވެ. އޭނައަށް އެކަމާމެދު ސުވާލެއް ކުރުމެއްނެތި ޝަހާނީ ބުނި އެއްޗަކާ ގުޅިގެން ބަހެއް ބުނެވުނީ އެހެންވެއެވެ.
“ބާތްޑޭ ފާހަގަ ނުކުރާ ބަޔަކު ބާތްޑޭ ހަނދާން ނުހުންނާނެތާ…” ޚިޔާލުތަކެއްގެ ތެރޭގައި ޣަރަޤުވެފައިވުމުން މިރްޒާންގެ އަޑުގައިވެސް މަޑުމައިތިރިކަމެއް އެކުލެވިގެން ދިޔައެވެ.
“އާނދޯ؟ ފަހުން ތި މީހުން ޗޭންޖްވި ފަހުން ނުކުރަންދޯ؟ ހުމް….ވަރަށް ކިއުޓް ކަޕްލްއެއްތީ އަސްލު. ޖާނަލިޒްމްގެ ކިންގްއާ ލިޓްރޭޗާރ ގެ ކުއީން.” ޝަހާނީ އެހެން ބުނެލިއިރު އޭނަގެ ލޮލުގައި ވިދުމެއްވިއެވެ. އޭނަ ބުނެލި ބަސްތަކުން މިރްޒާންގެ މޫނުމައްޗަށް އިންތިހާ ދަރަޖައިގެ ޙައިރާންކަމެއް ވެރިވިއެވެ.
“ޝް…ޝަހާނީއަށް ކިހިނެއް އެނގެނީ؟” މިރްޒާނަށް އަހާލެވުނެވެ. ޝަހާނީ ކޮޅަށް ތެދުވަމުން ހީލިއެވެ.
“ކިހިނެއް ނޭނގޭނީ؟ ތިއީ އޭރުގެ އެންމެ ޕޮޕިއުލާ ކަޕްލްވިއްޔާ. ޕޮޕިއުލާވީމަ ވީކަމެއް ނެތްތާ! އެހާ ލޯބިން އުޅެފަވެސް އޭނަ މިޒް ދޫކޮށްލާފަ ދިޔައީވިއްޔާ.” ޝަހާނީ މިރްޒާނަށް ފަސްދީގެން ހުރެ ވާހަކަ ދައްކަމުން ‘ކަޕްލް’ އޭ ކިޔަމުން ދިޔައިރު އެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. އެ މަންޒަރު މިރްޒާނަށް ނުފެނުނެއްކަމަކު އިވުނު ވާހަކައިން އޭނައަށް ވެސް ކޮޅަށް ތެދުވެވުނެވެ.
“ޤަޞްދުގައެއްނޫން ދޫކޮށްލާފަ ދިޔައީ!” މިރްޒާނަށް އެހެން ބުނެލެވުނީ ތުރުތުރު އަޅަމުން ދިޔަ ހަރު އަޑަކުންނެވެ. އޭނަގެ އަޑު ކެނޑުނުތަނާހެން ޝަހާނީ އޭނައާއިވީ ފަރާތަށް އެނބުރި ހަމަ އެފަދަ އަޑަކުން ވާހަކަ ދެއްކިއެވެ.
“ޤަޞްދުގަ ދިޔައީ! މިރްޒާން ލޯ ހުޅުވާފަ ޙަޤީޤަތް ބަލާބަލަ! ބޯ ހަމަނުޖެހޭ ވާހަކައެއް އޭނަގެ ޢާއިލާއިން ވެސް ކިޔައިދެނީ. ނުދެކެންތަ މައިސޫންވެސް އޭނައާ ހެދީ އުޅުނު ގޮތް؟ އެއީ ހަމަ އޭނަ ކަމެއްނުކޮށްވީ ކަމެއް؟ ހުނ! ރަނގަޅަށްވިއްޔާ އޭނަ މިހާރުވެސް އޮންނާނީ ކޮންމެވެސް މުއްސަނދި ފިރިހެނެއްގެ އަތުތެރޭގް….” ޝަހާނީގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާ މިރްޒާން އަޑުގެ ކޮޅަށް ހުއްޓާލާށޭ ބުނެލިއެވެ. އޭރު ރުޅީގެ ސަބަބުންނާއި މޭގައި އަޅަމުން ދިޔަ ވޭނެއްގެ ސަބަބުން މުޅި މީހާ ރޫރޫއަޅަމުން ދިޔައެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވިއެއްކަމަކު އޭނަ އެކަމަށް ނުކުޅެދުނެވެ. ބަދަލުގައި އޭނައަށް ފުން ނޭވާތަކެއްލަމުން އިސްޖަހާލެވުނެވެ. އެއަށްފަހު އެތަނުން ދާން ހިނގައިގަތީ އޭނަ ބަލިކަށިވާ މަންޒަރު އެކަކަށްވެސް ދައްކަން ބޭނުމެއް ނުވުމުންނެވެ.
މިރްޒާން ކެބިންއިން ނިކުމެގެން ދިޔަ ގޮތަށް އޮފީހުން ވެސް ނިކުންނަން ދިޔައެވެ. ރިސެޕްޝަންގެ ކައިރިން އާތިފަށް އޭނަ ފެނި އާތިފް އޭނައަށް ގޮވާލުމުން ވެސް އޭނަ ޖަވާބެއްނުދިނެވެ. މިރްޒާންގެ މޫނުމަތީގެ ކުލަވަރު ފެނިފައި އާތިފް އޭނަގެ ފަހަތުން ވެސް ދިޔައެވެ. އެހެނަސް އޭނައަށް މިރްޒާނާއި ހަމަ ނުކުރެވެނީސް މިރްޒާން ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަގެ ކާރަށް އަރައި ކާރު ދުއްވާލިއެވެ. ކާރު ލޯ މައްޗަށް ގެއްލެންދެން ވެސް ކަންބޮޑުވުމެއްގެ ތެރޭގައި އާތިފަށް ހުރެވުނެވެ.
ހެނދުނުގެ އެވަގުތުގައި މިރްޒާންގެ ކާރު ގޮސް މަޑުކޮށްލީ އޭނަ އުޅޭ ޢިމާރާތުގެ ކައިރިއަށެވެ. ކާރު ޕާކްކުރުމަށްފަހު ޢިމާރާތަށް ވަނުމަށްޓަކައި ގޭޓުގައި ހުރި ފިތްތަކަށް ފިތަމުން ދިޔައިރު އެތާހުރި ބޭބެ ކިހިނެއްވީތޯ އެހުމުން ވެސް އޭނައަށް ޖަވާބެއް ނުދެވުނެވެ. މިރްޒާން އެ އެ ބޭބެއަށް ބަލާލުމެއްވެސް ނެތި އެތެރެއަށް ވަދެގެން ދިޔަގޮތުން ބޭބެގެ މޫނުމަތިން ވެސް ފެނިގެން ދިޔައީ ޙައިރާންކަމެވެ. އޭނަ ލިފްޓަށް އަރައި ވެސް އެއްވެސް މީހަކާ ވާހަކަ ދެއްކުމެއްނެތި އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރީއެވެ. އޭނަ ހުރި ގޮތުން އެންމެންގެ ނަޒަރުތައް އޭނައަށް އަމާޒުވަމުން ދިޔައެވެ. އޭނަގެ މޫނުމަތިން ފާޅުވަމުން ދިޔައީ މުޅި ދުނިޔޭގައިވާހާ ހިތާމައެއް އޭނައާއި ކުރިމަތިވެފައިވީ ކަހަލަ އަސަރެކެވެ. މިރްޒާން އޭނަގެ އެޕާޓްމެންޓާއި ހަމައަށް ދަންދެން ވެސް ހުރީ އެގޮތަށެވެ. އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާލަމުން އޭނަ އަވަސް ހިނގުމެއްގައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެވެސް ދޮރު ލައްޕާލިއެވެ. އެއާއެކު އޭނަގެ ލޯ ކަރުނުން ފުރި އޭނައަށް ގިސްލެވެން ފެށިއެވެ. ރަނގަޅަށް ރޮވެން ފެށި ވަގުތު ޝަހާނީގެ ވިހަގަދަ ބަސްތައް ކަންފަތުގައި ގުގުމަމުން ދިޔަދިޔަހެން މިރްޒާނަށް ބިންމައްޗަށް ތިރިވެލެވުނެވެ. އެވަގުތު އޭނަގެ ހިތުގައި އެތައް ޝަކުވާއެއްވިއެވެ. އޭނަގެ ހިތުގައިވި ޒަޚަމްތަކުގައި އެފަދަ ބަސްތަކުން ވަކި އަޅަން އޭނައަށް ލިބިފައިވާ ހިތާމަތައް މަދީތޯ ހިތަށްއެރިއެވެ. އޭނަ ހިނިތުންވެގެން ހުއްޓެއްކަމަކު އޭނަގެ ހިތަށް ތަދުވަމުން ދާކަން އެކަކަށްވެސް ނޭނގެނީ ހެއްޔެވެ؟ އެތައް އަހަރެއް ވޭތުވީއިރު ވެސް އޭނަގެ އުފާވެރި ޙަޔާތް އޭނައަށް އަނބުރާ ލިބޭނެ ކަމުގެ އުއްމީދުގައި އޭނަ ހިފަހައްޓައިގެން ހުރީ ކިހާ މަސައްކަތުންކަން އެއްވެސް މީހަކަށް އިޙްސާސް ނުކުރެވެނީ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ މިރްޒާނަށް އޭނަގެ ކަރުނަތައް ފޮހެމުން ބަލާލެވުނީ އޭނަގެ ކިޔަވާ މޭޒާއި ދިމާލަށެވެ. ކިޔަވާ މޭޒުމަތީގެ އެއްކަނެއްގައި ރަތްކުލައިގެ ގަނޑު ލެވިފައިވި ފޮތްތަކެއްވިއެވެ. އެ ފޮތްތައް ފެނިފައި މިރްޒާން ތެދުވެލަމުން ލަސް ހިނގުމެއްގައި ގޮސް އޭނަގެ ކިޔަވާ މޭޒުދޮށުގައި އިށީނެވެ. އަދި އޭގެ ތެރެއިން އެންމެ މަތީގައި އޮތް ފޮތް ނަގައި އޭގެ މަތިން އެއްއަތް ހިންގާލިއެވެ. ބޭރުގަނޑުގައި ބޮޑުއަކުރުން “حَيَاتِي” ލިޔެވިފައިވީއިރު އޭގެ ދަށުގައި ޢަރަބި އަކުރުތަކުގެ 1 ލިޔެވިފައިވިއެވެ. މިރްޒާން އެ ފޮތް ހުޅުވައި ފަސްވަރަކަށް ގަނޑު އެއްފަހަރާ ހިއްލާލިއެވެ. އޭނަ އިތުރަށް ހިއްލަން އުޅުނެއްކަމަކު ފެނުނު ޢަރަބި ބަސްކޮޅަކުން އޭނައަށް މަޑުކޮށްލެވުނެވެ. އޭނަ އެއަށް ބަލަން އިންދާ ލޮލުން ފައިބައިގެން ދިޔަ ކަރުނައެއް ގޮސް އެ ޞަފްޙާގައި ޖެހުމުން އެދިމާލުން ދެލި ފޭދިގެން ދިޔައެވެ. އެ ހިނދު އޭނަގެ ލޮލަށް ސިފަވާންފެށި ޚިޔާލުތަކާއެކީ އޭނަ މަޒީގެ ފުންކަނޑަށް ގެނބުނެވެ.
**18 އަހަރު ކުރިން**
ލަންޑަންގެ މަގަކުން ދުއްވާފައި ދިޔަ ބަހެއްގެ ކުޑަދޮރު ކައިރީގައި ހުރި ސީޓުގައި އިން މިރްޒާންގެ ނަޒަރު ހުއްޓިފައިވީ ކުޑަދޮރުން ބޭރަށެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ހައިބަތު ޢިމާރާތްތަކާއި، އެކި ޒާތްޒާތުގެ ބުދުތަކާއި، ފެންއަރުވާ ވަޑާންތައް ފެންނަމުން ދިޔަގޮތުން އޭނައަށް ސުވަރުގެއަށް ދެވިގެން އުޅޭހެން މިރްޒާނަށް ހީވިއެވެ. މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުމުން، އޭނައެކޭ ދުނިޔޭގެ އާ ކަންތައް ފެނި، އިތުރަށް ތަޖުރިބާކުރަން ކެތްމަދުވެފައި ހުރި ކުޑަކުއްޖެކޭ ތަފާތެއްނެތެވެ.
މިރްޒާންގެ ފޯނު ރިންގުވާން ފެށީ އޭނަ ބޭރުން ފެންނަމުން ދިޔަ މަންޒަރުތަކަށް ގެއްލިފައި ވަނިކޮށެވެ. ފޯނުގެ ސްކްރީނަށް ބަލާލިއިރު ‘ބްރޯ’އޭ އަރާފައި އޮތް މަންޒަރު ފެނިފައި އޭނައަށް ހިނިތުންވެލެވުނެވެ. އޭނަ ފޯނު ކަންފަތުގައި ޖައްސައި ޖަވާބު ދިނީވެސް އެ ހިނިތުންވުމުގައި ހުރެއެވެ.
“ޔޯ ބްރޯ މި އާދެވިގެން އުޅެނީ ހާދަ ސަޅި ތަނަކަށޭ!” މިރްޒާން އެ ވާހަކަ ބުނަން ބޭނުންވެފައިވި މިންވަރުން އެކޮޅުން ވާހަކަ ދެއްކުމުގެ ކުރިން ވެސް އޭނައަށް ބުނެލެވުނެވެ.
“ހޫނ ހޫނ…..ދެން އަހަރުމެންނަށް ނުފެނުނަސް އެބައިނގޭ ސަޅިވާނެކަން. މާ ފޮނިވާނެކަމެއްނެތް. މިހާރު ކީއްކުރަނީ؟” އެކޮޅުން މިރްޒާންގެ ބޭބެ މައިސޫން ވާހަކަ ދެއްކި އަޑުއިވުނެވެ.
“މިހާރު ޔުނިވާރސިޓީއަށް ދިޔުމުގެ މަގުމަތީގަ.” މިރްޒާން ދެންވެސް ބޭރަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ.
“އާނ….ކަލޯ ބަސްއަހައިގެން ކިޔަވާތި. އަހަރުމެން ކަހަލަ މީހުން ނުކިޔަވައި ފޫހި ވަޒީފާތަކުގަ ތިއްބަސް. ގިނަގިނައިން މިކޮޅަށް ގުޅާތި. ގުޅާފަ ކިޔައިދޭތި ތިތަނުން ފެންނަ ޢިމާރާތްތަކާއި، ކުޅިވަރުތަކާއި……ރީތި އަންހެން ކުދިންގެ ވާހަކަ.” މައިސޫން އިރުކޮޅަކަށް މަޑުކޮށްފައި އެންމެ ފަހު ބަސްތައް ސިއްރު އަޑުން ބުނެލި ގޮތުން މިރްޒާނަށް ހެވުނެވެ. މައިސޫނަކީ މިރްޒާންގެ ދޮށީ ބޭބެއަށްވުރެ ބޮޑަށް އޭނަގެ އެކުވެރިއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދެމީހުންގެ މިޒާޖު ބޮޑުތަން ތަފާތުވިޔަސް ދެބެއިންގެ ދެމެދުގައި އޮންނަނީ ގާތް ގުޅުމެކެވެ. މިއަދު މިރްޒާން އޭލެވެލް ނިންމައިގެން ލިބުނު ސްކޮލާރޝިޕްގެ ދަށުން ކިޔަވަން ލަންޑަނަށް އައިސްފައިވީއިރު، މައިސޫން އޭ ލެވެލް ގައި ފަރުވާ ކުޑަކުރުމުގެ ސަބަބުން ކިޔަވަން އިތުރު ފުރުޞަތެއް ނުލިބުމުން، އަދާކުރަމުން ދަނީ ސަރުކާރުގެ އާދައިގެ ވަޒީފާއެކެވެ. އެހެނަސް މީގެ ސަބަބުން މިރްޒާން އޭނަގެ ބޭބެ މައްޗަށް ބޮޑާވެއެއް ނުގަނެއެވެ. އެއީ އޭނަގެ ޒާތުގައި ނުވާ ކަމަކަށްވާތީވެއެވެ. އޭނަގެ އުއްމީދަކީ އޭނަގެ ބޭބެއަށް ވެސް މުސްތަޤްބަލުގައި މިފަދަ ފުރުޞަތުތަކެއް ލިބިގެން ދިޔުމެވެ.
މިރްޒާން ދަތުރުކުރަމުން ދިޔަ ބަސް، ޔުނިވާރސިޓީގެ ކައިރީގައި ހުރި ބަސް ސްޓޮޕެއްގެ ކައިރިއަށް މަޑުކޮށްލީ ވެސް އޭނަ މައިސޫނާއި ވާހަކަ ދައްކަން އިންދައެވެ. އޭނަގެ ސްޓޮޕް އައިއްސިކަން އެނގުމުން އޭނަ އަވަސްއަވަހަށް ފޯނު ކަނޑައި ބަހުން ފައިބަން އަވަސްވެގަތެވެ. ފޮތް ދަބަސް އެއްކޮނޑުގައި އަޅުވައިގެން ޔުނިވާސިޓީގެ ފެހި ވިނަތަކުން ފުރިފައިވި ގޯތީގެ ތެރެއަށް ވަންއިރު އޭނައަށް މި ހުރެވުނީ ފިލްމެއްގެ މަންޒަރެއްގަހެން މިރްޒާނަށް ހީވިއެވެ. ފިލްމުތަކުގައި ވާހެން އޭނައަށް އޭނަގެ ޙަޔާތުގެ ބައިވެރިޔާ ފެނިގެންދާނީ މިތަނުންތޯ ހިތަށްއެރީ، ފޯނު ބޭއްވި ވަގުތު މައިސޫން ދައްކަމުން ދިޔަ ވާހަކަތަކުގެ ޒާތުންނެވެ. 20 އަހަރުގެ ޢުމުރަށް އައިސްފައިވީއިރު އޭނަވެސް ވަނީ އަންހެން ކުދިންނާއި ރައްޓެހިވެފައެވެ. އެހެނަސް އޭނަ އެކަން ކުރީ ހަމައެކަނި މަޝްހޫރުވުމަށެވެ. އޭނަގެ އެކުވެރިން ކުރާތީ އެއީ ‘ކުރަންޖެހޭ’ ކަމެއްހެން ހީވުމުންނެވެ. އޭނަ މިހާތަނަށް ރައްޓެހިވެފައިވި އެއްވެސް އަންހެން ކުއްޖަކާއެކީ އޭނައަށް ފުރިހަމަ ހިތްހަމަޖެހުމެއް ލިބިފައެއްނުވެއެވެ. ކޮންމެ އަންހެން ކުއްޖެއްގެ ކިބައިން ވެސް އޭނައަށް ނޭދެވޭ ސިފައެއް ފެނިގެން ދަނީއެވެ. އެހެންކަމުން މިރްޒާންވަނީ ރައްޓެހިވުމުގެ އެ ބާބު އޭނަގެ ޙަޔާތުގައި ލައްޕާލުމަށް ނިންމާފައެވެ. އަދި އަންހެން ކުދިންނަށް ސަމާލުކަން ދިނުމުގެ ބަދަލުގައި އޭނަގެ ކިޔެވުމަށް ހުރިހާ ސަމާލުކަމެއް ދިނުމަށް މިރްޒާން ނިންމިއެވެ. އޭނަ ކިޔަވަން ޚިޔާރު ކުރީވެސް އޭނަ ލޯބިވާ ދާއިރާއަކުން ކަމަށްވާތީވެއެވެ. ޖާނަލިޒްމްގެ ދާއިރާއަށް މިރްޒާން ޝައުޤުވެރިވީ ފުރާވަރުގެ ދުވަސްވަރުގައެވެ. ޓީވީއިން ޖާނަލިސްޓުން ފެންނައިރު އޭނަ ވެސް އެކި ތަންތަނަށް ދަތުރުކޮށް ޚަބަރު ހޯދައި އެ ޚަބަރު ހުށަހަޅަން ބޭނުންވާ މިންވަރުންނެވެ. އަދި ސިޔާސީ ކަންކަމަށް އޭނަގެ ހިތުގައި އޮންނަ ޝައުޤުވެރިކަމެއްގެ ސަބަބުންވެސްމެއެވެ. އޭނައާއި އޭނަގެ މުޅި ޢައިލާއަކީ ވެސް އެއްޕާޓީއަކަށް ނިސްބަތްވެ އެ ޕާޓީއަށް ‘މަރުދޭ’ ބައެކެވެ. އޭނަ ބައްޕަ ލަތީފާއި މަންމަ ހާފިޒާ ވެސް ސިޔާސީ ވާހަކަތަކުގައި އެތައް އިރެއް ހޭދަކުރާތަން މިރްޒާނަށާއި މައިސޫނަށް ވެސް ވަނީ ފެނިފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު އެމީހުން އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވުމުން އެމީހުންވަނީ އެ ޕާޓީގެ ‘އެކްޓިވިސްޓުންނަށް’ވެފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިރްޒާން ޔުނިވާރސިޓީގެ ތެރެއަށް ހިނގާފައި ދިޔައީ އޭނަގެ މުސްތަޤްބަލް އޭނަގެ ޚިޔާލުތަކުގައި ކުރަހަން މަސައްކަތް ކުރަމުންނެވެ. އަދި އެ މުސްތަޤްބަލަށްޓަކައި އޭނައަށް ވީ އެންމެ ފުރިހަމައަށް ހުރިހާ ކަމެއް ކުރަން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. މީގެ ދުވަސްތަކެއްކުރިން އޭނަ އޮރިއެންޓޭޝަނަށް އައިސްފައިވުމުން ޔުނިވާރސިޓީގެ ތެރެ އޭނައަށް ބީރައްޓެއްސެއްނުވިއެވެ. އެހެނަސް އޮރިއެންޓޭޝަންގެ ތެރެއިންވެސް އަދި އޭނަ ވަން ފުރަތަމަ ކުލާހުން ވެސް އެންމެ ދިވެހި ކުއްޖަކު ވެސް ނުފެނުމުން އޭނަ ހިސާބަކަށް ނުތަނަވަސްވިއެވެ. އިތުރަށް ނުތަނަވަސްވެގެން ދިޔައީ ޕްރޮފެސަރުން އޭނައަށް ‘މިސްޓަރ ލަތީފް’ ގެ ނަމުން މުޚާތަބު ދިޔަ ގޮތުން ބައެއް ދޮން ކުދިން އޭނައަށް ތަފާތު ނަޒަރަކުން ބަލަމުން ދިޔަގޮތުންނެވެ. އެއީ އޭނައަކީ މުސްލިމަކަށްވުމުންތޯ އޭނަގެ ހިތަށްއަރަމުން ދިޔައެވެ.
ދިގު 2 ކުލާސް މިރްޒާން ކަނޑައްތު ކުރީ އެންމެ ދިވެހި ކުއްޖަކުވެސް ނުފެނިއެވެ. އެހެންކަމުން 3 ވަނަ ކުލާހަށް ދިޔުމަށްޓަކައި މިރްޒާން ހިނގައިގަތީ ހިސާބަކަށް ފޫހިވެފައި ހުރެއެވެ. އޭނަގެ ކިޔެވުމުގެ މި ދައުރުގައި އޭނައަށް އެންމެ އެކުވެރިއެއްވެސް ނުލިބޭނީތޯ ހިތަށްއަރަމުން ދިޔައެވެ. ދެން އޮތް ކުލާހަށް ދިޔުމަށްޓަކައި ދިޔަ މަގުމަތީގައި ޖާނަލިޒްމް ގެ ކުދިން މި އެއްވަނީ ލިޓްރޭޗާރގެ ކުދިންނާ އެކީގައިކަން ބައެއް ކުދިން ދެއްކި ވާހަކަތަކުން އޭނައަށް އެނގުންވިއެވެ. އެއާއެކު މިރްޒާންގެ ހިތްވަރު އެލުނެވެ. އެކި ބަސްބަހުން ލިޔެވިފައި ހުންނަ އެކި ޒާތުގެ ލިޔުންތަކާއި ޅެންތައް ދިރާސާކުރާ ޢިލްމަކުން މަތީ ތަޢުލީމު ޙާޞިލްކުރާނީ ކޮން ދިވެހި ކުއްޖެއްތޯ އޭނަގެ ހިތަށްއެރިއެވެ. މިއަދު ކިޔަވަން އޮތް ފަހު މާއްދާއަކީ ވެސް އޭނަ އެއްވެސް ދިވެހި ކުއްޖަކާއެކީ ޙިއްސާކުރާނެ މާއްދާއަކަށް ނުވާނެކަން ޔަޤީންކުރަމުން މިރްޒާނަށް ކުލާހަށް ވަދެވުނީވެސް އެންމެ ފަހުންނެވެ. އޭނަ ވަންވަގުތު ކުލާހުގައި ހުރި ހުރިހާ ބަރިއެއްވަނީ ފުރިފައެވެ. ރަނގަޅަށް ބަލާލިއިރު ފަހަތުން ދެވަނަ ބަރީގެ ކަނެއްގައި ހުރި އަންހެން ކުއްޖެއްގެ ކައިރީގައި ހުސްގޮނޑިއެއް ހުއްޓެވެ. އެ އަންހެން ކުއްޖާ އިން ގޮތުން މިރްޒާން ހިސާބަކަށް ޖެހިލުންވިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއެކީ ޖިންސް ޖެކެޓެއް ލައިގެން އިންއިރު ޖެކެޓުގެ ބައެއް ބޮލުގައި އެޅިފައިވިއެވެ. އިސްޖަހައިގެން އިންއިރު އޭނަގެ ފަންއިސްތަށިގަނޑުގެ ބައެއް މޫނުގެ ދެފަރާތުން ފެންނަމުން ދިޔައެވެ. އެހެނަސް އިސްއޮބައިގެން އިންވަރުން އެ މޫނު ފެންނަ ގޮތެއްނުވިއެވެ. ދުރުން ފެންނަމުން ދިޔަ ގޮތުން މީ ކޮން ޒާތެއްގެ އަންހެން ކުއްޖެއްތޯ މިރްޒާންގެ ހިތަށްއެރިއެވެ. އޭނަ އެދިމާލަށް ހިނގައިގަތީ އިށީންނާނެ އެހެން ތަނެއް ނެތުމާއެކު ޕްރޮފެސަރު ކިޔަވައިދޭން ވެސް ފެށުމުންނެވެ. މިރްޒާން އަވަސް ފިޔަވަޅުތަކެއްގައި މައްޗަށް އަރައިގެން ގޮސް އެ ގޮނޑި ބަރިއަށް ގޮސް އެ ހުސް ގޮނޑިއާއި ހަމަ ކުރިއެވެ. އެ އަޖާއިބުކުރުވަނިވި އަންހެން ކުއްޖާ އެހާވަރަށް އިސްއޮބައިގެން އިންނަންވީ ސަބަބު މިރްޒާނަށް އެނގުނީ ގޮނޑީގައި އިށީން ވަގުތެވެ. އެ އަންހެން ކުއްޖާގެ އަތުގައި ރަތްކުލައިގެ ގަނޑުން ކަފާފައި އޮތް މަލެއް އޮތްއިރު އޭނަ ދިޔައީ ކުޑަ ކަތުރަކުން އޭގެ ފިޔަތައް އޮޅުމުގެ މަސައްކަތް ކުރަމުންނެވެ. ކުލާސް ފެށިގެން އުޅޭ އެ ވަގުތު އެކުއްޖާ އެ މަސައްކަތުގައި އިނުމުން މިރްޒާން ހިސާބަކަށް ޙައިރާންވިއެވެ. އެހެނަސް ބޭރު ކުދިންގެ ޒާތު އޭނައަށް ނޭނގޭނެތާއޭ ހިތާ އޭނަ މާ ބޮޑު ސަމާލުކަމެއްނުދީ ޕްރޮފެސަރަށް ބަލާލިއެވެ. ފިލާވަޅަށް މިރްޒާނަށް ފުރިހަމަ ސަމާލުކަން ދެވުނީ އެންމެ 15 މިނެޓަށެވެ. އޭނަ އެހާ ކިޔަވާ ހިތްވާ މާއްދާއަކަށް ނުވުމުން އޭނައަށް އަނެއްކާވެސް އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާއަށް ނަޒަރެއް ދެވުނެވެ. އެވަގުތު އެ އަންހެން ކުއްޖާގެ އަތުގައި އޮތް މާ ނުހަނު އަސްލާއި ގާތްވެފައި އޮތުމުން އޭނައަށް ހިތާހިތުން ތަޢުރީފުކުރެވުނެވެ. ބިންމަތީގައި ހުރި އޭނަގެ އަތްދަބަސް ތެރެއިން އެ އަންހެން ކުއްޖާ ނެގި ނަރުކޮޅެއް އެ މަލުގެ ތަނޑިއަށް ހަދައި، އެ ނަރުކޮޅުގައި ފެހިކުލައިގެ ގަނޑު އެކުއްޖާ އޮޅާލީވެސް މިރްޒާން ބަލަން އިންދައެވެ. އެންމެ ފަހުން ފެންނަން ފެށީ އެކުއްޖާ ތެރަސް ފުޅިއެއް ނަގައި މަލުގެ ފިޔަތަކުގައި ތެރަސްލާން ފެށި މަންޒަރެވެ. މިރްޒާން ޙައިރާންވެފައި އެ މަންޒަރު ބަލަން އިނީ އޭނަ ހަދަން އުޅޭ އެއްޗެއް ނޭނގުމުންނެވެ. މާ ގިނައިރެއްނުވެ އެކުއްޖާ އަތްދަބަސްތެރެއިން ކުޑަ ދަޅެއް ނެގިތަން ފެނުނެވެ. އެ ދަޅުގެ ބޭރުގައި އޮތް ނަމުން އެއީ ރަތް ކުލައިގެ ވިދާ ކުނޑިކަން މިރްޒާނަށް އެނގުނެވެ. އެކުއްޖާ އޭނަގެ މާ އެއްއަތުން ހިފަހައްޓައިގެން ހުރެ ދަޅު ހުޅުވަން މަސައްކަތްކުރަން ކުރިއެވެ. އޭނައަށް އެކަން އުދަގޫވެގެން އުޅޭކަން މިރްޒާނަށް އެނގުންވީ ވަގުތު ޕްރޮފެސާރ ތަންކޮޅެއް ބާރަށް ނަމެއް ގޮވާލި އަޑަށް މިރްޒާނަށް ބަލާލެވުނެވެ.
“މިސް ހާޝިމް އާރ ޔޫ ހިއާރ؟” ޕްރޮފެސާރ އެ ސުވާލުކޮށްލީ ވަގުތު ގިނަ ކުދިންގެ ނަޒަރު އޭނަ ކައިރީގައި އިން ކުއްޖާއަށް އަމާޒުވި މަންޒަރު ފެނިފައި މިރްޒާނަށް ވެސް ބަލާލެވުނެވެ. އެހެނަސް އެކުއްޖާއަށް މީހަކު ގޮވާކަން އެކުއްޖާއަށް އެނގުނުހެނެއް ހިއެއްނުވެއެވެ. އޭނަ ދެންވެސް މަސައްކަތް ކުރަމުން ދިޔައީ އަތުގައި ހުރި ދަޅު ހުޅުވޭތޯއެވެ.
“މިސް ހާޝިމް!” ޕްރޮފެސާރ އިހުނަށްވުރެ ހަރުއަޑުން ގޮވާލުމާއެކު އެ އަންހެން ކުއްޖާ ސިއްސައިގެން ދިޔަ ވަގުތު އެ ދަޅު ހުޅުވިގެން ގޮސް އޭގައި ހުރި ކުނޑިތައް އޭނަގެ ގަޔަށާއި ކައިރީގައި އިން މިރްޒާންގެ ގަޔަށް ބުރުއްސައިގެން ގޮސް ދަޅާއި ދަޅުގެ މަތިގަނޑު ބިންމަތީގައި ޖެހުނު އަޑުއިވުނެވެ. ކުނޑިތަކުން ސަލާމަތްވުމަށް އެދިމާލަށް އަތްދިއްކޮށް ދެލޯ މަރާލެވުނު މިރްޒާން ލޯ ހުޅުވާލީ ލަސްލަހުންނެވެ. އެވަގުތު އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާގެ ބޮލުގައި އޮތް ބައި ވެއްޓިފައިވުމުން ފެނިގެން ދިޔަ ސޫރައިން އޭނައަށް އެހެން ދިމާލަކަށް ނަޒަރު ހިންގާކަށް ނޭނގުނެވެ.
ނުނިމޭ