Hadhiya (Part 11)
އެހެނަސް އަމްނާގެ ޤަދަރަށް މީހަކު އަރައިގަތް ކަހަލަ އިޙްސާސެއް ކުރެވުމުން އައީ އަމަށަކު ރުޅިއެއްނޫނެވެ. މައިސޫން އެންމެފަހުން ތިމަންނައާއި ޙިއްސާކޮށްލަންވީ ނޫންތޯ ބުނެލި ބުނުމާއެކީ އައި ރުޅީގައި މިރްޒާނަށް އޭނަގެ ފޯނު އަތުގެ ކޮޅަށް ހޫރާލެވުނެވެ. އެ ހިނދު އެ ފޯނުގެ ގޮސް ކޮޓަރީގެ ފާރުގައި ޖެހި ތަޅައިގެން ދިޔައެވެ. ބާރު އަޑުފަތްގަނޑެއް އިވުމުން މިރްޒާން އެދިމާލަށް ބަލާލިއެއްކަމަކު އެއީ މާ ބޮޑުކަމެއްކަމަށް އޭނަ ބެލިހެން ހިއެއްނުވެއެވެ. ބުމަގޮށްޖެހިފައިހުރެ ކުރު ނޭވާތަކެއް ލަމުން ދިޔަގޮތުން އޭނަގެ ރުޅިވެރިކަމުގެ އަލިފާނުގެ ހޫނުކަން އޭނަ ބޭރުކުރަން އުޅޭހެން ހީވިއެވެ. މޭތެރޭގައި އޮތް ހިތް ބާރަށް ތެޅެމުން ދިޔައިރު މައިސޫންގެ ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔައީއެވެ. އޭނަގެ ބޭބެ އޭނަ ލޯބިވެގެން އުޅޭ ކުއްޖާއާއިމެދު އެގޮތަށް ވާހަކަ ދައްކަންވީ ކީއްވެބާއޭ ހިތަށްއެރިއެވެ. އޭނައަށް ބޭބެއާއި އެކުއްޖާ ޙިއްސާކުރެވިދާނެތޯ އަހަން ކެރުނީ ކިހިނެއްހެއްޔެވެ؟ އެއީ އޭނައަށް އަމްނާ ކަމުދާކަން ބޭބެއަށް ނޭނގޭތީވެ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލުން މިރްޒާންގެ ރުޅިގަނޑު ހިސާބަކަށް ފިނިވިއެވެ. އެހެނަސް އޭނަ ދެންވެސް ނުރުހުންވިއެވެ. ކޮންމެ އަންހެން ކުއްޖެއްގެ ނަން ލައިގެން ކުރިއަސް ބޭބެ ދެންމެ އެ ކުރީ ހާދަ ވިޔާނުދާ ކަމެކެވެ. އެކަމަށްޓަކައި އިތުރު ނަފްރަތެއް އުފެދިގެން ދިޔައީ، އެ ވާނީ ހަމަ ޔަޤީނުންވެސް އަމްނާ ނަފްރަތުކުރާ ޢަމަލަކަށް ކަމަށް ހިތް ބުނުމުންނެވެ. އަމްނާގެ ސޫރަ ލޮލަށް ސިފަވެގެން ދިޔުމާއެކު މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހިތްހަމަޖެހުމާއެކީ އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު ކޮޅަށް ތެދުވެލީ، ދެން ބޭބެއަށް ގުޅާ ފަހަރަކު އޭނަގެ އިޙްސާސްތައް ރަނގަޅަށް ކިޔައިދޭން ނިންމަމުންނެވެ. އެއަށްފަހު އޭނަގެ ބޭބެގެ ފަރާތުން އެފަދަ ޢަމަލެއް ނުފެންނާނެކަމަށް މިރްޒާނަށް އުއްމީދުކުރެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ މިއަދު އެ ފެނިގެން ދިޔައީ އޭނަގެ ޙަޔާތް ނުފެށެނީސް އެ ޙަޔާތް ބަރުބާދުވާން އުޅޭކަމުގެ ފުރަތަމަ ނިޝާންކަމެވެ.
މައިސޫން އެ ވާހަކަތައް ދެއްކި ފަހުން އަމްނާ ހަމައެކަނި އޭނަގެ ޙައްޤަކަށް ހަދަން މިރްޒާންގެ ހިތުގައި އޮތް އެދުން ބޮޑުވިއެވެ. އަމްނާގެ ހިތްހެޔޮ ކަމާއި ރަނގަޅުކަމުން އޭނަ މުޅި ޙަޔާތް ވޭތުކުރަން ބޭނުންވަނީ އެކަހަލަ ކުއްޖަކާއި އެކީގައިކަން އޭނައަށް ޔަޤީންވެސް ވިއެވެ. އެހެނަސް އެފަދަ އެދުމެއް އަމްނާ ގާތު އެދެން އެތައް ސަބަބަކާހުރެ އޭނަ ޖެހިލުންވިއެވެ. އަމްނާ އަދި އެފަދަ ކަމަކަށް ތައްޔާރު ނުވެދާނެއޭ ހިތަށްއެރުމާއެކު އޭނަ އަމްނާއާއި ގުޅެން އޭނަގެ ޢާއިލާއިން ރުހޭނެތޯ ވެސް ހިތް ބުނަމުން ދިޔަވަރުންނެވެ. ސިޔާސީ ފިކުރުތައް ތަފާތު ދެ ޢާއިލާއަކަށް ނިސްބަތްވާ ދެމީހުން ގުޅިގެން އުޖާލާ މުސްތަޤްބަލެއް ލިބިދާނެ ހެއްޔެވެ؟ މިރްޒާންގެ ހިތަށް އެންމެ ބޮޑަށް އުދަގޫކުރަމުން ދިޔަ އެއްސުވާލަކީ އެއީއެވެ. އަމްނާގެ ނަންވެސް މަންމައާއި ބައްޕަ ކުރިމަތީގައި ބުނަން ޖެހިލުންވަމުން ދިޔައީ އެހެންވެއެވެ. މި ހުރިހާ ކަމަކާހެދި މިރްޒާނަށް ކައިވެނީގެ ޚިޔާލު ފަސްކޮށްލަން ނިންމުނެވެ. އެހެންނޫނަސް ރައްޓެހިވެގެން ‘މަޖާކޮށްލަން’ ޖެހޭ ދުވަސްކޮޅެއް ވެސް އޮންނަންވާނެ ނޫންހޭ ބުނެ ޝައިޠާނާ ވަސްވާސްދިނުމުންނެވެ.
މިރްޒާން އުއްމީދު ކުރި ފަދައިން އޭނައަށް ވަކި ވަގުތުކޮޅަކަށް އެ މަޖާ ނެގުނެވެ. ޔުނިވާރސިޓީގައި ހޭދަވި ފުރަތަމަ އަހަރުތެރޭގައި އޭނައާއި އަމްނާގެ ނަން އެންމެންނަށް މަޝްހޫރުވެގެން ދިޔައެވެ. އެދެމީހުން ދެމީހުންގެ އުފަންދުވަހުގައި އެކަކު އަނެކަކަށް ދިން ‘ސަޕްރައިޒް’ތަކެއްގެ ސަބަބުންނެވެ. އެދެމީހުން އަބަދު އެކުއެކީގައި އުޅޭތަން ފެންނަ ގޮތުންނެވެ. އަދި އެމް.އެސް.އެން މެދުވެރިވެގެން އެދެމީހުންގެ ވާހަކަ ގިނަ ބަޔަކު ދައްކައި އެމީހުންގެ ‘ލޯބި’ ފޮޓޯތައް ފެތުރެމުން ދިޔަގޮތުންނެވެ. މި ހުރިހާ ކަމަކަށްވުރެ ބޮޑަށް އެދެމީހުންގެ ނަމަށް އެންމެ ރީތި ޖޯޑުގެ ލަޤަބު ލިބިގެން ދިޔައީ އެ އަހަރުގެ ‘ޕްރޯމް ނައިޓް’ ގައި އެދެމީހުން އެކީގައި ކުރި ލޯބީގެ ނެށުމެއްގެ ސަބަބުންނެވެ. އެ ރެއަކީ އަމްނާއާއި ރައްޓެހިވިފަހުން މިރްޒާންގެ ޙަޔާތަށް އައި އެންމެ އުފާވެރި ރެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެރޭ އޭނައަށް ދުވަހަކުވެސް އަމްނާއާއި ގާތްނުވެވޭވަރަށް ގާތްވެވުނީތީވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެރޭ އަމްނާ ހުރީ ކޮންމެވެސް ކަމަކާ ކަންބޮޑުވެފައެވެ. އަމްނާ ޢާއްމު ގޮތެއްގައި ނުލާ ކަހަލަ ކަކުލުން މައްޗަށް އޮތް އަދި ކުޑަ އަތެއް ހުރި ހެދުމެއް ލައިގެން ހުރުމުން އުދަގޫވެގެން އުޅޭހެން ވެސް ހީވިއެވެ. ނެށުމަށްޓަކައި މިރްޒާން އަމްނާއަށް އަތްދިއްކޮށްލުމުން އަމްނާ އޭނަގެ އަތް ދިނީވެސް ޖެހިލުންވުމަކާއި އެކީގައެވެ. މުޅި ނެށުމުގެ ތެރެއިން ވެސް އެ މޫނުމަތިން ހިނިތުންވުމެއްގެ ބަދަލުގައި ފިކުރު ބޮޑުވެފައި ހުރި އަސަރެއް ފެންނަމުން ދިޔަ ގޮތުން މިރްޒާންގެ ހިތްދަތިވިއެވެ. ނެށުން ނިމުމާއެކު މުޅި ތަނުގައި އަތްތިލަ ބަޑީގެ އަޑު ގުގުމާލުމުން އަމްނާ އަވަސްއަވަހަށް އޭނައާއި ދުރުވެ އެތަނުން ނިކުންނަން ދިޔުމުން މިރްޒާނަށް އަމްނާއަށް ގޮވާލެވުނެވެ. އެހެނަސް އަމްނާ އޭނައަށް ބަލާލުމެއްނެތި ދިޔަގޮތުން މިރްޒާން ކަންބޮޑުވިއެވެ. އޭނަ އަމްނާގެ ފަހަތުން ދިޔަދިޔަހެން ގޮސް ޔުނިވާރސިޓީގެ މައިދޮރުން ނިކުމެވުނެވެ. އަމްނާ އެންމެ ފަހުން ސިޑި ބަރީގެ އެންމެ ތިރިއަށް ފައިބައި މަޑުކޮށްލި މަންޒަރު ފެނިފައި މިރްޒާނަށް ދެންވެސް އަމްނާއަށް ގޮވާލަމުން އަވަސް ފިޔަވަޅުތަކެއްގައި އޭނައާއި ދިމާލަށް ދެވުނެވެ. އެހެނަސް ސިޑިބަރީގެ މަތިން އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ ކުއްލިއަކަށް އަމްނާގެ ގިސްލުމުގެ އަޑު އިވިގެން ދިޔުމުންނެވެ. ފުރަތަމަ ފަހަރަށް އެ ގިސްލުމުގެ އަޑު އިވުމުން މިރްޒާންގެ ހިތަށް ތަދުވިއެވެ. ހަމައެއާއެކު އޭނަ އަމްނާ ހިތްހަމަޖައްސައިދޭން އަވަސްވެގަތެވެ.
“އައްނު! ކިހިނެއްވީތަ ލޯބި؟” މިރްޒާން ގޮސް އަމްނާގެ ކުރިމަތީގައި ހުއްޓިލަމުން އެ ވަށްމޫނުގައި ދެއަތުން ހިފަހައްޓާލިއެވެ. އަދި ލޯތްބާއެކީ އެ ކަރުނަތައް ފޮހެލަދިނެވެ. އެއާއެކު އަނެއްކާވެސް އަމްނާއަށް އިތުރަށް ގިސްލެވުމުން އާ ކަރުނަތައް އޭނަގެ ލޮލުން ފައިބަން ފެށުމުން މިރްޒާންގެ ހިތަށް ކެތްނުކުރެވުނެވެ. އޭނައަށް ވަގުތުން އަމްނާ އޭނަގެ އަތުތެރެއަށް ގެނެވެން އުޅުނެވެ. އެހެނަސް އޭނަ އެހެން ހަދަން އުޅުނުތަނާހެން އަމްނާ އިސްޖެހިފައިހުރެ އޭނަގެ މޭމަތީގައި އެއްއަތް އަޅާލީ އެހެން ނަހަދާށޭ ބުނަން އުޅޭ ފަދައަކުންނެވެ. މިރްޒާން ޙައިރާންވެފައި އަމްނާއަށް ބަލަހައްޓައިގެން ހުއްޓާ އަމްނާ ކަރުނުން ފުރިގެންވި ދެލޮލާއެކީ އޭނައަށް ބަލާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.
“وَ اللّهُ بِمَا تَعْمَلُوْنَ بَصِيْرُ…” އަމްނާ ވާހަކައެއް ބުނާ ފަދައަކުން ރޮވިފައިވާ އަޑަކުން އާޔަތެއްގެ ބައެއް ކިޔައިދިނެވެ. އެއާއެކު މިރްޒާންގެ ނިތަށް ރޫގިނަވީ އަމްނާ ބުނި އެއްޗެއްގެ މާނަ ނޭނގުމުންނެވެ. އަދި އަމުދުން މިފަދަ ވަގުތެއްގައި އާޔަތެއް ކިޔުމުންނެވެ. އެތަނެއްގެ ތެރޭގައި ބަޔަކު ނަށަމުންދާ މިއުޒިކެއްގެ އަޑު އިވެމުންދާ ‘އަނދިރި’ ޞަރަޙައްދެއްގައެވެ. އާޔަތެއް ހަނދާންކޮށް ކިޔަންޖެހެނީ ބުރުގާ އަޅައިގެން މިސްކިތެއްގެ ތެރޭގައި އިނދެ ނޫންހެއްޔެވެ؟ ނުހަނު ޒަމާނަށް ފެތޭ އޭނަގެ ލޯބިވެރިޔާއަށް ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އަމްނާ އާޔަތް ކިޔުމަށްފަހު ވޭތުވި ހިމޭންކަމުގެ ވަގުތުކޮޅުގައި މިރްޒާންގެ ސިކުނޑީގައި ދައުރުވި ޚިޔާލުތަކަކީ އެއީއެވެ. އަމްނާ އެބުނި އެއްޗެއްގެ ފުންކަން މިރްޒާނަށް އިޙްސާސް ކުރެވުނީ އޭނަ އިތުރަށް ވާހަކަ ދެއްކުމުންނެވެ.
“ﷲ ބައްލަވާވޮޑިގެންވޭ މިޒް. އަހަރުމެން ކުރާ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވޭ. އަހަރެން މިރޭ މަޣްރިބް ނަމާދު ނުކޮށް މިތަނަށް އައިކަން. އަހަރެން މިތާ ހުއްޓާ ޢިޝާ ނަމާދު ވަގުތުވީއިރު ވެސް ނުގޮސް ހުރިކަން. ގޯސްކަމެއްކަން އެނގިހުރެ ވެސް އަހަރެން މިކަހަލަ ހެދުމެއް ލައިގެން މިކަހަލަ ތަނަކަށް އައިކަން. މިޒް މިރޭ އަހަރެން ލައްވާ ގޯސްކަމެއް ކުރުވަން އުޅުނީމަ މިޒް ހުއްޓުވުމެއްނެތި އަހަންނަށް އެކަމުގައި ބައިވެރި ވެވުނުކަން. އެ ހުރިހާ ކަމެއް ﷲ ބައްލަވާވޮޑިގެންވި…” އެހާ ހިސާބަށް ކިޔައިދީފައި އަމްނާއަށް އަނެއްކާވެސް ގިސްލެވުނެވެ. އެ ހިނދު މިރްޒާނަށް ދެބުމަ ކައިރިކޮށްގެން ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. ދީނާއިމެދު ކިތަންމެ ގިނަ ޝައްކުތަކެއް ހުއްޓެއްކަމަކު އެވަގުތު އަމްނާ ބުނެލި ބަސްތަކުން އޭނަގެ ހިތަށް އަސަރު ކުރިއެވެ. އެއީ ދޮގަކަށް ވެދާނެއެކޭ ހިތަށް ނާރައެވެ. އެހެނަސް ހިތަށް ޙައިރާންކަމެއް ލިބުނީ އަމްނާ ނަމާދާއިމެދު ދެއްކި ވާހަކައިންނެވެ. އަމްނާ ނަމާދު ކުރަންފެށީ ކޮން ދުވަހަކުތޯ ހިތް ސުވާލުކުރިއެވެ. ހަމަ ގައިމުވެސް އޭނައަށް އެނގިގެން ނަމާދު ވަގުތުތައް ދާހާއިރު ވާއިރުވެސް އަމްނާ ޔުނިވާރސިޓީގައި ހުންނަ ދުވަސްތައް ދެއެވެ. މިރްޒާން އޭނަގެ ޚިޔާލުތަކުގައި ހުއްޓާ އަމްނާ ދެންވެސް ވާހަކަ ދެއްކިއެވެ.
“އެއީ އަހަރުމެން ހެއްދެވި ފަރާތް މިޒް. އަހަރުމެން މި ހުރިހާ ދުވަހު އެކަލާނގެއަށް ފަސްދިންއިރު ވެސް އެކަލާނގެ އަހަރުމެންނަށް ފަސްނުދެއްވާ. އަހަރުމެން ނިޢުމަތްތަކުން މަޙްރޫމްކޮށް އަހަރުމެންނަށް ގަދަފަދަ ޢަޒާބެއް ނުފޮނުއްވާ. އެއީ އަހަރުމެންދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ ފަރާތް. ދެން ކިހިނެއް އަހަރުމެން އެކަލާނގެއަށް ފަސްދޭނީ؟” އަމްނާ އަސަރާއެކީ ވާހަކަ ދައްކަމުން އެ ސުވާލުކުރިއެވެ. އަނެއްކާވެސް މިރްޒާނަށް ބަސް ހުއްޓިފައި އަމްނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެ ވާހަކަތަކަކީ ރޭގަނޑާއި ދުވާލު ފަދައިން އެނގޭ ޙަޤީޤަތްތަކެއްހެން ހީވާ ފަދައަކުން އަމްނާ އެ ވާހަކަތައް ދައްކަނީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭނައަށް އިތުރަށް ނުވިސްނެނީސް އަމްނާ ކަރުނަތައް ފޮހެމުން ފަހު ފަހަރަށް ވާހަކަ ދެއްކިއެވެ.
“ވަރަށް ގިނަ ދުވަސްވަންދެން ޙަޤީޤަތް އެނގި، ނުފެންނަ ކަމަށް ހަދައިގެން ހުރެވިއްޖެ. އެކަމަކު ދެނެއްނޫން. ﷲ ރުހިވޮޑިގެންނުވާނެހެން ހީވެސްވާ އެއްވެސް ކަމެއްކުރަން ބޭނުމެއްނޫން. މިއަދަށްފަހު އަހަންނާ ގާތްނުވުން އެދެން……މިރްޒާން.” އަމްނާ އެންމެ ފަހުން ބުނެލި ބަސްތަކަކުން ލިބުނު ސިހުމާއެކީ މިރްޒާންގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ރިހުން ތޫނުވެގެން ދިޔައީ އަމްނާ އޭނައަށް ގޮވާލި ނަމުން ވެސް އޭނަ ދުރުކޮށްލި އިޙްސާސް ކުރެވުމުންނެވެ. އޭނަ ހުރިގޮތަށް ހުއްޓާ އަމްނާ އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. މިރްޒާނަށް އެ މަންޒަރު ބަލަހައްޓައިގެން ހުރިގޮތަށް ހުރުން ނޫންކަމެއް ނުކުރެވުނެވެ.
ކަން ދިމާވީ ގޮތާއިމެދު ހިތާމަ ކުރެވުނެއްކަމަކު މިއީ ކުއްލިއަކަށް އަމްނާއަށް އައި ބަދަލެއް ނޫންކަން ވިސްނާލުމުން މިރްޒާނަށް އެނގުންވިއެވެ. އެރޭގެ ކުރިންވެސް އަމްނާ ފަހަކަށް އައިސް އޭނައާއެކީ އިންނަނީ ބަސްމަދުވެފައިކަން މިރްޒާންގެ ހަނދާނަށްއައެވެ. އޭނައަށް ކުރިން އެކަން ފާހަގަނުވީއެވެ. ކޮންމެ ގޮތަކަށް ކަންތައް ވެފައިވިޔަސް މިރްޒާން ދެންވެސް ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. އަމްނާ އެހެން ބުނީ އެރޭ މޫޑު ހުރިގޮތުންކަމަށް މިރްޒާން އަމިއްލަ ނަފްސުގާތު ބުންޏެވެ. އެ މޫޑު ބަދަލުވުމުން އަނެއްކާވެސް އަމްނާ އޭނަގެ ގާތަށް އައިސްދާނެއޭ ހިތަށްއެރިއެވެ. އަދި އެހެންނޫނަސް އަމްނާ އެދުނީ ހަމައެކަނި އަމްނާއާއި ގާތް ނުވުމަށެވެ. އެހެންކަމުން އެ ދެމީހުން އެރޭގެ ކުރިން އުޅުނު ފަދައިން ދުރުގައި އިށީނދެގެން ތިބެވެސް އެކީގައި އުޅެވިދާނެ ނޫންހެއްޔެވެ؟
އަމްނާ އެ ބުނި ބުނުމުގެ ސީރިއަސްކަން މިރްޒާނަށް އެނގުންވީ އެ ހަފްތާ ނިމުމަށްފަހު ޖެހިގެން އައި ހަފްތާގައެވެ. މުޅި އެއްހަފްތާ ވަންދެން ޔުނިވާރސިޓީއަށް ނައިސް ހުރެފައި މިރްޒާނަށް އަމްނާ ފެނުނީ އަނެއް ހަފްތާގެ ފުރަތަމަ ދުވަހު އެއްކުލާހުން އަނެއް ކުލާހަށް ބަދަލުވުމުގެ މަގުމަތީގައެވެ. އަމްނާ އޭނަ ފަހަނަޅައި ދާން ފެށުމުން މިރްޒާނަށް ‘އައްނު’އޭ ކިޔައި ގޮވާލެވުނެވެ. އެއާއެކު އަމްނާ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ. މިރްޒާން ހިނިތުންވުމަކާއެކީ އަމްނާގެ ކައިރިއަށް ދާން ފެށުމާއެކު އަމްނާ އޭނައަށް ފަސްދީފައި އިހުނަށްވުރެ އަވަސް ފިޔަވަޅުތަކެއްގައި ކުރިއަށް ހިނގައިގަތެވެ. އެ މަންޒަރު ފެނިފައި މިރްޒާންގެ ހިނިތުންވުން ފަނޑުވެ އޭނަގެ ހިތަށް މާޔޫސްކަން ވެރިވިއެވެ. މިއީ އޭނައާއި އަމްނާގެ ގުޅުމުގެ ނިމުންތޯ ހިތް ސުވާލު ކުރި ވަގުތު މިރްޒާނަށް އިސްޖަހާލެވުނެވެ. ހަމަ އެ ހިނދު އެއީ ކީއްވެކަން ހަނދާންވުމުން މިރްޒާންގެ ބުމަގޮށްޖެހުނެވެ. އަމްނާ އެ ބުނާ ފަދައިން ﷲ އޭނަދެކެ އެހާ ލޯބިވެވޮޑިގެންވާނަމަ އޭނައަށް މިހާ ބޮޑު ދެރައެއް ލިބެންވީ ކީއްވެ ހެއްޔެވެ؟ އެކަލާނގެ ނިޢުމަތްތަކުން މަޙްރޫމް ނުކުރައްވާނަމަ އޭނަ އޭނަގެ ލޯބިވެރިޔާއާއި ވަކިވާންވީ ކީއްވެ ހެއްޔެވެ؟ އޭނައަށް ނޭނގުނުކަމަކީ މިއީ އޭނައަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުމަށް ކަނޑައްތު ކުރަންޖެހޭ މަރުޙަލާއެއްކަމެވެ. އަދި މި މަރުޙަލާއިން އޭނައަށް ލިބިގެންދާނެ ހިތްވަރަކީ މުސްތަޤްބަލުގައި އޭނައަށް ކުރިމަތިވާން އޮތް އިމްތިޙާންތަކަށް ނުހަނު ބޭނުންވާނެ ހިތްވަރެއްކަމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައީ އެއްގޮތެއްގައެވެ. މިރްޒާން ދުރުދުރުން އަމްނާއަށް ބަލަމުން ދިޔައިރު އަމްނާގެ ޙަޔާތް މުޅިން ބަދަލުވެފައިވިއެވެ. މިރްޒާނަށް ފެންނަ ކޮންމެ ފަހަރަކު އަމްނާ ހުންނަނީ އޭނަގެ އެކުވެރިއަކާއި ކޮންމެވެސް އާޔަތެއް ޙިއްސާ ކުރާށެވެ. މުސްލިމް ނޫން ކުދިންނާވެސް ޤުރުއާނާއި ބެހޭ ވާހަކަތައް ޙިއްސާ ކުރަމުން ދިޔައީ ޖެހިލުންވުމެއްނެތިއެވެ. އަމްނާ ވާހަކަ ދައްކާ ރާގުން އެފޮތާއިމެދު އޭނަގެ ހިތުގައި އޮތް ޔަޤީންކަމާއި އެ ފޮތަށްޓަކައި އޭނަގެ ހިތުގައި އޮތް ލޯބި ހާމަވަމުން ދިޔައެވެ. އެކަން ފާހަގަވަމުން ދިޔަ ވަރަކަށް ނޭނގޭ ސަބަބަކާހުރެ މިރްޒާންގެ ހިތުގައި ވެސް އެ ފޮތަށްޓަކައި ޝައުޤުވެރިކަމެއް އުފެދުނެވެ. އެ ޝައުޤުވެރިކަން ދެގުނަވެގެން ދިޔައީ އަމްނާ ކޮންމެވެސް އާޔަތްތަކެއް ޙިއްސާކުރި މުސްލިމް ނޫން ކުއްޖަކު މުސްލިމްވީ ވާހަކަ މުޅި ޔުނިވާރސިޓީއަށް ފެތުރިގެން ދިޔުމުންނެވެ. އެ އާޔަތްތަކުގައި ވަނީ އެފަދަ ކޮން ބާރެއްތޯ މިރްޒާންގެ ހިތަށްއަރަމުން ދިޔައެވެ.
އެ ފުރަތަމަ އަހަރު ނިމިގެން ދިޔައީ އެގޮތުގައެވެ. މިރްޒާން އަހަރީ ޗުއްޓީއަށްޓަކައި ރާއްޖެއަށް އައީ އޭނައަށް ޖަވާބު ނުލިބޭ ސުވާލުތަކާއި އެކީގައެވެ. އޭނަ އެ ސުވާލުތައް އެއްވެސް މީހަކާ ޙިއްސާ ކުރާހިތެއްނުވިއެވެ. އަދި ނޭނގޭ ސަބަބަކާހުރެ ޢާއިލާ މީހުން ދައްކަމުން ދިޔަ ސިޔާސީ ވާހަކަތަކަށް ވެސް އޭނައަށް މާ ބޮޑު ސަމާލުކަމެއް ދެވޭ ގޮތެއްނުވިއެވެ. ޤުރުއާނާއިމެދު އިތުރަށް އެނގެން އޮތް އެދުމުން އޭނަގެ ހިތް ފުރިފައި އޮތް ފަދައެވެ. އޭނަގެ ހިތުގައި އެހެން ކަމަކަށްޓަކައި އިތުރު ޖާގައެއް ނެތް ފަދައެވެ.
ޖެހިގެން އައި އަހަރުވެގެން ދިޔައީ މިރްޒާންގެ މުޅި ޙަޔާތް ބަދަލުކޮށްލި އަހަރަށެވެ. އެހެނަސް އެ އަހަރުގެ ފުރަތަމަ ދުވަހު އޭނަ ޔުނިވާރސިޓީގެ ތެރެއަށް ވަދެގެން ދިޔައީ އެކަން ރޭކާލުމެއްނެތިއެވެ. އެ އަހަރު އެންމެ ފުރަތަމަ އޭނައަށް އެންމެ ބޮޑު ސިހުމެއް ގެނުވި ކަމަކަށްވީ އަމްނާ ބުރުގާ އަޅައިގެން ހުރިކަމެވެ. އާދައިގެ ބުރުގާއަކާއެކީ ދިގުކޮށް އަދި ގަޔަށް ދޫކޮށް އޮތް ކަޅުކުލައިގެ ހެދުމެއްގައި އަމްނާ ހުރިތަން ފެނިފައި މިރްޒާނަށް ބަލަހައްޓައިގެން ހުރެވުނީ އަޖާއިބުވެފައެވެ. އޭނަގެ ހަނދާނަށް އައީ އަމްނާ އޭނައާއި ބައްދަލުވި ފުރަތަމަ ދުވަހު ދެއްކި ވާހަކައެވެ. ސަޢޫދީއަށް ދިޔައިއްޔާ ބޮޑު ހެދުންގަނޑެއްގެ ތެރެއަށް އެރި ސިކުނޑި ދޮވެވިދާނެކަމަށް އަމްނާގެ ތުއްތަ ބުނި ކަމަށް އޭނަ ބުނި ވާހަކައެވެ. އަމްނާ އެ ތުއްތަ ބުނި ގޮތަށް ހެދުމުން ވެސް ވީގޮތް ނިކަން ދެކެބަލާށެވެ. ތެދަކަށްވީ އަމްނާގެ ބައްޕަ ބުނި ބަސްތާއެވެ. ﷲ ގެ ބަސްފުޅުގެ ރީތިކަން ފެންނަން ހުރި މީހަކަށް ކޮންމެ ތަނެއްގައި ހުއްޓަސް ފެންނާނެތާއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން މިރްޒާން ޚުދު އަމިއްލަ ނަފްސާއިމެދު ޙައިރާންވަމުން ދިޔައެވެ. އޭނަގެ ވިސްނުމަށް މިވަނީ ކިހިނެއްބާއޭ ހިތަށްއެރިއެވެ. އެކަން ޔަޤީން ނުކުރެވުނެއްކަމަކު އޭނައަށް އެނގުނީ އޭނަ ޤުރުއާން އުނގެނެން ބޭނުންވާ ކަމެވެ. އެއާއިމެދު އޭނަގެ ހިތުގައި އޮތް ހުރިހާ ސުވާލެއް ކުރަން ބޭނުންވިކަމެވެ. އެކަމަށްޓަކައި ރަނުގެ ފުރުޞަތެއް އޭގެ މާ ގިނަ ދުވަހެއް ނުވެ އޭނައަށް ލިބުނެވެ.
ޔުނިވާރސިޓީގައި މުސްލިމް ކުދިންގެ ކްލަބެއް އުފެދިގެން ދިޔަ ވާހަކަ އިވިގެން ދިޔައީ އެ އަހަރު ފެށިގެން ދިޔަތާ 3 ވަނަ ހަފްތާގައެވެ. އެ ކްލަބްގެ ބައްދަލުވުމަކަށް މިރްޒާނަށް ދަޢުވަތު ލިބުނީ އިންޑިޔާގެ މުސްލިމް ފިރިހެން ކުއްޖެއްގެ އަތުންނެވެ. އަމްނާއަކީ އެ ކްލަބްގެ އަންހެން ކުދިންގެ ބައިގެ އެންމެ އިސް މަޤާމު އަދާ ކުރާ ކުއްޖާކަން މިރްޒާނަށް އެނގުނީ އެ ދަޢުވަތުގައި ލިޔެވިފައި އޮތުމުންނެވެ. އެއާއެކު އޭނަ ކޮންމެހެން ވެސް އެ ބައްދަލުވުމަށް ދާން ބޭނުންވީ އަމްނާ ފެނިދާނެކަމުގެ އުއްމީދުގައެވެ. އެހެނަސް އޭނަ އުއްމީދު ކުރި ގޮތާއި ޚިލާފަށް އޭނަ އެ ބައްދަލުވުމަށް ދިޔައިރު ތިބީ ހުސްވެސް ފިރިހެން ކުދިންނެވެ. ވާހަކަ ދައްކަން ވެސް ހުރީ ފިރިހެން ކުއްޖެކެވެ. އަންހެން ކުދިން ތިބެނީ ވަކިން ބައެއްގައިކަން އޭނައަށް އެނގުންވީ މާ ފަހުންނެވެ. އެކަމާމެދު ހިސާބަކަށް ފޫހިވިއެއްކަމަކު މިރްޒާން ދެންވެސް އެތާ އިށީންނަން ނިންމިއެވެ. ވާހަކަ ދެކެވެން އުޅެނީ ޤުރުއާނާއި ބެހޭގޮތުން ކަން އެނގުމުންނެވެ. ޕޯޑިއަމަށް ޒުވާން ފިރިހެން ކުއްޖަކު އަރައި ބިސްމި ކިޔައި ޞަލަވާތް ކިޔަވަން ފެށުމުން މިރްޒާން އިނީ އޭނައަށް ކަމުދާ ކަހަލަ ވާހަކައެއް ނުއިވޭނެކަމަށް ޔަޤީންކޮށްގެނެވެ. އޭނައަށް އިވިފައިވި ގިނަ ނަޞޭޙަތްތަކަކީ ހަމައެކަނި އީމާންވުމަށާއި ތަޤްވާވެރިވުމަށް ބުނެފައިވި ނަޞޭޙަތްތަކެވެ. އެކަންތައް ކުރަންވީ ކީއްވެކަމެއް އެއްވެސް މީހަކު އޭނައަށް ކިޔައިދީފައެއް ނުވެއެވެ. އެކަން ހަނދާންވި ވަގުތަކީ އަހަރުމެން ޤުރުއާނަށް އީމާންވާންޖެހެނީ ކީއްވެތޯ ޕޯޑިއަމްގައި ހުރި ޒުވާން ކުއްޖާ ޖޯޝާއެކީ ސުވާލުކުރި ވަގުތެވެ. އެއާއެކު މިރްޒާނަށް އޭނަގެ ދެކަންފަތް ހުޅުވާލެވުނެވެ. އެ ހުއްޓުން އެރި ގޮތަށް އޭނައަށް އެދިމާލަށް ނަޒަރު ހުއްޓައިގެން އިނދެވުނީ ދުވަހަކުވެސް އަޑުނާހާ ޒާތުގެ ވާހަކަތައް އިވެން ފެށުމުންނެވެ. ޤުރުއާން އަހަރުމެންނާއި ހަމައަށް އައިސްފައިވި ގޮތުގެ ތަފްޞީލު ކިޔައިދިންއިރު މިރްޒާނަށް އިނދެވުނީ ހިރިލަންވެސް ނުކެރިފައެވެ. ޤުރުއާނުގައިވި ބައެއް އާޔަތްތައް އަޖާއިބުކުރުވަނިވި ގޮތަކަށް އެތުރިފައިވި ގޮތް ޕްރެޒެންޓޭޝަނެއްގެ އެހީގައި ކިޔައިދެމުން ދިޔައިރު މިރްޒާނަށް އިނދެވުނީ ކުޑަކޮށް އަނގަވެސް ހުޅުވިފައެވެ. އެތައް ދުވަހެއް ވަންދެން އޭނަގެ ލޯމަތީގައި އެޅިފައިވި ފަރުދާއެއް ނަގާލެވުނު ކަހަލަ އިޙްސާސެއް އެވަގުތު ކުރެވުނެވެ. އެއާއެކު އޭނަގެ މުޅި ދިރިއުޅުމަކީ މި ފޮތަށް ބިނާވެ މި ފޮތް ބާވައިލެއްވި ފަރާތަށް ތަބާވާންޖެހޭ ދިރިއުޅުމެއްކަން މިރްޒާނަށް ޔަޤީންވިއެވެ.
އެދުވަސްފަހުން މިރްޒާން ޤަވާޢިދުން އެ ބައްދަލުވުންތަކަށް ދެއެވެ. ފުރަތަމަ ދުވަހު އެ ޔަޤީންކަން ލިބުނެއްކަމަކު އޭނައަށް ދެންވެސް އޭނަގެ އުޅުމަށް މާ ބޮޑު ބަދަލުތަކެއް ނުގެނެސް ހުރެވުނެވެ. އެ ބަދަލުތައް ފަށަންވީ ހިސާބެއް އަދި ފަށަންވީ ގޮތެއްވެސް ނޭނގުނީއެވެ. އޭނަ އެހެން ހުއްޓާ އޭނަގެ އުޅުމަށް ބަދަލެއް އައީ އެއްދުވަހު އިސްލާމް ކްލަބްގެ ބައްދަލުވުމަށް ދިޔަ މަގުމަތީގައި ރޫމެއްގެ ތެރެއިން އެތައް ދުވަހެއްފަހުން އަމްނާގެ އަޑު އިވުމުންނެވެ. ރޫމުގެ ދޮރު ހުޅުވިފައިވި ހަނި ދާއިރާއިން އަމްނާ ހުރީ ކްލަބްގެ މީޓިންގްއެއްގައި އަންހެން ކުދިންނާއި މުޚާތަބު ކުރަންކަން މިރްޒާނަށް އެނގުނެވެ. މިރްޒާން އަޑުއަހައިގެން ހުއްޓާ އަމްނާ ކިޔާލީ އާޔަތެއްގެ ބައެކެވެ.
“مَا عِنْدَ اللّهِ خَيْرٌ وَ أَبْقَي…..ﷲ ގެ ޙަޟްރަތުގައި ވާ އެއްޗަކީ މާ ހެޔޮކަން ބޮޑުވެފައި މާ ގިނަ ދުވަހަށް ދިގުދެމިގެންދާ އެއްޗެކޭ. މިއީ ފާފައަކުން ދުރުވެގަންނަން އަހަރުމެން މަސައްކަތް ކުރާއިރު ހަނދާންކޮށްލަން ޖެހޭ ބަސްކޮޅެއް. އެއިން ދުރުވެގަންނަން ކިތަންމެ ދަތިވިޔަސް، ކިތަންމެ ހިތަށް ތަދުވިޔަސް، ހަނދާންކުރަން ޖެހެނީ މިކަމަށްވުރެ ﷲ ގެ ޙަޟްރަތުގައިވި ނިޢުމަތްތައް މާ ފުރިހަމަކަން. އަދި އެ ނިޢުމަތްތައް ދުވަހަކުވެސް ނިމިގެން ނުދާނެކަން. މިކަން ހަނދާންކުރިއްޔާ ﷲ އަށް ވަކީލުކުރަން ވެސް ފަސޭހަވެގެންދާނެ. އެއޮތީއެއްނު ދޯ އާޔަތުގެ ފަހަތުގަވެސް؟ ﷲ އަށް އީމާންވާ މީހުންނަށާއި ﷲ އަށް ވަކީލުކުރާ މީހުންނަށޭ. ﷲ އަށް ވަކީލުކުރަންޏާ ﷲ އަށްޓަކައި ކަމެއް ދޫކޮށްލުމަކީ ދަތިކަމެއްނޫން. އެއީ އެކަލާނގެ ރަނގަޅަކަށް މެނުވީ ތިބާ ކަމަކުން ދުރުނުކުރައްވާނެކަން ތިބާއަށް ޔަޤީންވާތީ. އަދި އެކަމެއް ތިބާއަށް އަނެއްކާ މިދުނިޔޭގައި ލިބެން އޮތްނަމަ ލިބޭނީ މާ ފުރިހަމަ ގޮތެއްގައިކަން ޔަޤީންވާތީ…” ސްޓޭޖް މަތީގައި ހުރެ އިނގިރޭސިން ވާހަކަ ދައްކަމުން ދިޔަ އަމްނާ އެ ފަހު ޖުމްލަތައް ބުނި ހިނދު އެ މޫނުމައްޗަށް ވެރިވީ މާޔޫސްކަމުގެ ކުލަވަރުތަކުން މިރްޒާންގެ ހިތަށް ތަދުވިއެވެ. އެހެނަސް އަމްނާ ދެންމެ ދެއްކި ވާހަކަތަކުން އޭނައަށް އުއްމީދެއް ލިބުނެވެ. އަދި ކުރިއަށް ދެއްކި ވާހަކަތަކުން އެ އުއްމީދު ވަރުގަދަވެގެން ދިޔައެވެ. ކުރިއަށް ހުރި އާޔަތްތަކުގެ އަލީގައި އަމްނާ ކިޔައިދިނީ އެފަދަ ނަޒަރިއްޔާތެއް ގެންގުޅުމަށްޓަކައި އުޅުމަށް ގެންނަންޖެހޭ ބަދަލުތަކާއި ބެހޭގޮތުންނެވެ. އެންމެ ފުރަތަމަ ވެސް ނުބައި ފާފަތަކާއި ފާޙިޝް ކަންތައްތަކުން ދުރުހެލިވުމަށް އާޔަތުގައި އޮތް ވާހަކަ އަމްނާ ކިޔައިދިން ގޮތުން މިރްޒާންގެ ހަނދާނަށް އައީ އަމްނާއާއެކީ އޭނަ ހޭދަކުރި އެންމެ ފަހު ރެއެވެ. އަމްނާއަށް މިއައި ބަދަލެއް އައީ އެ ފާޙިޝް ޢަމަލުން އޭނަ ދުރުވެގަތުމުންތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ. ހަމަ އެ ހިނދު ‘ޕްރޯމް ނައިޓް’ ފަދަ ކަންތަކުން ދުރުހެލިވުމަށް އަމްނާ އެންގިއެވެ. އަދި ފިރިހެން ކުއްޖެއްގެ ސަމާލުކަން ލިބުނަސް އެކަމަށް އިތުރު ހިތްވަރެއް ނުދިނުމަށް ނަޞޭޙަތްތެރިވިއެވެ. އަދި ވީހާވެސް ވަރަކުން ބެލުން ތިރިކުރުމަށް އެންގިއެވެ. އެ ވާހަކަތައް އިވެމުން ދިޔަދިޔަހެން އެއާއި އެއްގޮތަށް ޢަމަލުކުރަން މިރްޒާނަށް ދުވަހަކުވެސް ނުލިބޭފަދަ ހިތްވަރެއް ލިބުނެވެ. މީގެ ދުވަސްތަކެއް ކުރިން އޭނައާއި ނުހަނު ގާތުގައިވި ކުއްޖަކު ދިރިއުޅުމަށް އެފަދަ ބޮޑެތި ބަދަލުތަކެއް ގެނެސްފިނަމަ އޭނައަށް އެ ބަދަލުތައް ނުގެނެވޭނެ ސަބަބެއްނެތޭ މިރްޒާންގެ ހިތަށްއެރިއެވެ.
ހިތަށްވެރިވި އެ ޚިޔާލާއެކީ މިރްޒާން އޭނަގެ ދިރިއުޅުން ބަދަލުކުރުމަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. އެދުވަހު އޭނަ އިސްލާމް ކްލަބްގެ ފިރިހެން ކުއްޖެއްގެ ކައިރިއަށް ގޮސް އޭނައަށް ނަމާދުގެ ޒިކުރުތައް ހޯދައިދިނުމަށް އެދުނެވެ. އެކުއްޖާ ޙަވާލުކުރި ފޮތުގައި ހުރި ޒިކުރުތައް މިރްޒާން އެދުވަހުން އެދުވަހަށް ދަސްކުރަން ފެށިއެވެ. ހަމަ އެކުއްޖާގެ އެހީގައި އޭނަ ނަމާދުގެ ވަގުތުތައް ހޯދައި އޭނަގެ އެޕާޓްމެންޓްގެ ކޮޓަރީގައި ޤިބްލަ ހުންނާނީ ކޮން ފަރާތަކަށްކަން ހޯދިއެވެ. އެއަށްފަހު ނަމާދު ކުރަން ފެށީ ހަމައެކަނި ރަނގަޅު މީހަކަށްވުމުގެ ނިޔަތުގައެވެ. ދީންވެރި މީހުން ފަދައިން އޭނައަށް ނަމާދު ކުރާއިރު ނުރޮވުނަސް ނަމާދުގައި ހިފެހެއްޓީ އޭނަގެ ވެރިރަސްކަލާނގެ ރުހިވޮޑިގެންވާ ގޮތަކީ އެއީކަން ހަނދާންކުރަމުންނެވެ. ޤުރުއާން ވެސް ކޮށިކޮށް ކިޔަވަމުން ދިޔައީ ހަމައެކަނި އެ ސަބަބަށްޓަކައެވެ. އަދި އޭނައަށް ވީވަރަކުން ފުރަތަމަ ފަހަރަށް ޙަޔާތުގައި ބެލުން ތިރިކުރަން މަސައްކަތް ކުރިއެވެ. އެކަން އުދަގޫވެގެން އޭނަ އިސްލާމް ކްލަބްގެ އަޚެއްގެ ކައިރިން ނަޞޭޙަތް ހޯދިއެވެ. ހެޔޮ ޢަމަލުތައް އިހުނަށްވުރެ ވެސް ގިނަ ކުރުމަށް އޭނައަށް ނަޞޭޙަތް ލިބުނެވެ. އެހެނީ ހެޔޮ ޢަމަލުކުރުމުން އީމާންތެރިކަން ވަރުގަދަވުމުން ފާފަތަކުން ދުރުވުމަށްވެސް އިތުރު ހިތްވަރެއް ލިބޭނެ ކަމަށް އޭނަ ގާތު ބުނެވުނެވެ. އެހެންކަމުން މިރްޒާން އިހުނަށްވުރެ ގިނައިން ޤުރުއާން ކިޔަވައި ޒިކުރުތައް ކިޔަން ފެށިއެވެ. ބަސް ތެރެއިން ވެސް ފަހަކަށް އައިސް އޭނައަށް ގިނައިން އިނދެވެނީ ޤުރުއާން ކިޔަވާށެވެ. ޤުރުއާނުގެ އާޔަތްތަކުގެ މާނައާއިމެދު ވިސްނަންޖެހޭކަން އެނގުންވި ފަހުން އޭނަ އަބަދުވެސް ގެންގުޅެނީ ތަރުޖަމާއެކެވެ. ކޮންމެ އާޔަތެއް ކިޔަވާފައި އާޔަތުގެ މާނަ ކިޔުމަށެވެ. އެ މާނަތައް ކިޔުމުގެ ތެރޭގައި ނަމާދު ވަގުތުން އަދާކުރުން ކިހާ މުހިއްމުކަން އޭނައަށް އެނގުންވިއެވެ. އެއާއެކު ކޮންމެ ތަނެއްގައި ވިޔަސް ވަގުތުން ނަމާދުކުރަން އޭނަ ޢަޒުމް ކަނޑައެޅިއެވެ. މިގޮތުން އޭނަ ޔުނިވާރސިޓީގައި ހުންނަ ވަގުތުތަކުގައި ވެސް ނަމާދުކުރަން ފެށިއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މިރްޒާންގެ ހިތް ދުވަހަކުވެސް މަޑުނުވާވަރަށް މަޑުވިއެވެ. އޭނަ އަބަދުވެސް ފެންނަންފެށީ އުޖާލާވި ހިނިތުންވުންތަކާ އެކީގައެވެ. އަޚެއްގެ ފަރާތުން އޭނަ ދެރަވާ ފަދަ ބަހެއް އިވުނަސް ނުހަނު ފަސޭހައިން އެ އަޚަށް މަޢާފު ދެވެއެވެ. ހުރިހާ ކަމަކަށްވުރެ ވެސް އޭނައަށް މުހިއްމުވީ ﷲ ގެ ރުހިވޮޑިގަތުން ކަމަށްވުމުންނެވެ.
އެއްރެއަކު އިސްލާމް ކްލަބްގެ ޕްރޮގްރާމަކަށްޓަކައި މިރްޒާން ޢިޝާ ނަމާދު ވަގުތު ގާތްވެފައި ވަނިކޮށް ޔުނިވާރސިޓީއަށް ދިޔައެވެ. ޕްރޮގްރާމްގެ މަސައްކަތްތައް ގިނަވުމުން ގިނަ ޢަދަދެއްގެ ކުދިން ނަމާދު ގެއަށް ގޮސް ކުރަން ނިންމިއެވެ. އެހެނަސް މިރްޒާން ބޭނުންވީ ވަގުތުން ނަމާދު އަދާ ކުރާށެވެ. އެހެންކަމުން އޭނަ ވުޟޫކޮށްލައިގެން ހުސް ކުލާސް ރޫމަކަށް ދިޔައެވެ. އެއީ އެމީހުން ޢާއްމު ގޮތެއްގައި ޕްރޮގްރާމަށްޓަކައި ބޭނުންކުރާ މައިކްތަކާއި އެހެނިހެން ސާމާންތައް ލާފައި ހުންނަ ބޭނުންނުކުރާ ކުލާސް ރޫމެކެވެ. މިރްޒާން އޭނަގެ ފޯނުން ޤިބްލަ ހޯދާލަމުން ނަމާދު ކުރަން ފެށިއެވެ. އޭރު އޭނަގެ ފުރަގަސްވީ އެ ކުލާހުގެ ދޮރަށެވެ. އޭނަ ފަހު އައްތަޙިއްޔާތަށް އިށީން ވަގުތު އެ ދޮރު ހުޅުވުނު އަޑު އޭނައަށް އިވުނެވެ. އެހެނަސް އޭނަ އަވަސް އެރުވުމެއްނެތި އައްތަޙިއްޔާތު ކިޔާލަމުން ސަލާމް ދިނީ އެވާނީ ކޮންމެވެސް އަޚެއްކަމަށް ހީކުރަމުންނެވެ. ނަމަވެސް އޭނަ ފަސްއެނބުރިލަމުން ތެދުވެލީ ވަގުތު ދޮރުމަތީގައި ހުރި ކުއްޖަކު ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ކަޅުކުލައިގެ ދިގު ހެދުމަކާއި ކަޅުކުލައިގެ ބުރުގާއެއް އަޅައިގެން އޭނައަށް ބަލަހައްޓައިގެން ހުރީ ކާކުކަން އެނގުންވީ ވަގުތު މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެތައް ދުވަހެއްފަހުން އަމްނާގެ ސޫރަ އެހާ ގާތުން ފެނުމުން ތަފާތު އިޙްސާސްތައް އޭނަގެ ހިތުގައި ހިނގަން ފެށި ވަގުތު މިރްޒާނަށް އިސްޖަހާލެވުނީ އޭނަ އަނެއްކާވެސް އޭނަ ބަލިކަށި ވެދާނެކަމުގެ ބިރަށްޓަކައެވެ. އެހެނަސް ދެވަނަ ފަހަރަށްވެސް ކުރިމަތީގައި ހުރި އަމްނާއަށް ބޭއިޚްތިޔާރުގައި ބަލާލެވުނީ ޝަކުވާގެ ނަޒަރަކުންނެވެ. އަމްނާ އޭނަގެ ކުރިމައްޗަށް އައި ކަމުގެ ޝަކުވާއެވެ. އެ ޝަކުވާ އިތުރުވެގެން ދިޔައީ އަމްނާ އޭނައަށް ބަލަހައްޓައިގެން ހުރެ ކަރުނުން ވިދަން ފެށި ދެލޮލާއެކީ ހިނިތުންވެލުމުންނެވެ. އަމްނާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައިކަން މިރްޒާނަށް އެނގުންވިއެވެ. އެއީ ކީއްވެކަމާމެދު ވިސްނަން ފެށުމުން އޭނަ އަމްނާގެ ކައިރިއަށް ގޮސް ބައްދާލަން ބޭނުންވިއެވެ. އެތައް ދުވަހެއް ފަހުން އޭނަ އެހާ ބޮޑަށް ލޯބިވީ ކުއްޖާއާއި އަނެއްކާވެސް ގުޅިދާނެކަމުގެ އިޙްސާސެއް ކުރެވުމުންނެވެ. އަމްނާއަށް ވެސް މިވަގުތު އެފަދަ ކަމަކަށް އިންކާރު ކުރަން ދަތިވާނެކަން މިރްޒާނަށް ޔަޤީންވިއެވެ. އެއާއެކު އޭނަގެ ކެތްތެރިކަން ވެސް ކޮޅުންލާ ހިސާބަށް ދިޔައެވެ. އެހެނަސް މިރްޒާން އެހާ ހިސާބުން އެ ޚިޔާލުތައް އެއްފަރާތްކޮށް ބެލުން ތިރިކޮށްލަމުން އެތަނުން ނިކުންނަން ދިޔައީ، އެވަގުތުކޮޅުގެ ނުބައިކަމުން އަމްނާއާއި އޭނަގެ އަމިއްލަ ނަފްސު ވެސް ސަލާމަތްކުރުމަށް ހިތް އެދުމުންނެވެ.
އެރޭ ގެއަށް ގޮސްފައި އެތައް ދުވަހެއްފަހުން މިރްޒާނަށް އަމްނާއާއިމެދު ވިސްނެން ފެށިއެވެ. އެ ސޫރައާއި އެ ހިނިތުންވުން މަތިން ހަނދާން ނައްތާލަން އޭނައަށް ދަތިވަމުން ދިޔައެވެ. އެހެންކަމުން އޭނަ ކޮންމެ ދަތި ޙާލެއްގައި ކަންކުރާ ފަދައިން އޭނަ ޤުރުއާނުގެ ތަރުޖަމާ ނެގިއެވެ. އަދި އޭނަ އެންމެ ފަހުން ކިޔެވުން ހުއްޓި ހިސާބުން ކިޔަވަން ފެށިއެވެ. ނޫޙް ސޫރަތް ފަށައިގެން އޭނަ އާޔަތްތަކާއި ތަރުޖަމާވެސް ކިޔަން ފެށީ ބާރަށެވެ. ބާރަށް ކިޔުމުން އޭނަ އެ އާޔަތްތައް ހަނދާން ހުންނަހެން ހީވުމުންނެވެ.
“فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا….ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ގައި ފާފަފުއްސެވުމަށްއެދި، ތިޔަބައިމީހުން ދަންނަވާށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމުގައިވެއެވެ. يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا.” އިނގިރޭސި ބަހުން ތަރުޖަމާ ކިޔަމުން ދެން އޮތް އާޔަތް ކިޔަވާލެވުނުތަނާހެން މިރްޒާންގެ ފޯނު ރިންގުވާން ފެށިއެވެ. އޭނަ ކިޔެވުން ހުއްޓައި ފޯނަށް ބަލާލިއިރު ގުޅަނީ އޭނަ ވަޒީފާއަކަށްޓަކައި ސިޓީ ލާފައި އޮތް އޮފީހަކުންނެވެ. އޭނަ ވަޒީފާއަކަށް ސިޓީ ލީ ފައިސާ ލިބޭނެ ގޮތެއް ހެދުމަށްވުރެ ބޮޑަށް އޭނަގެ ހުސް ވަގުތުތައް މަދު ކުރުމަށެވެ. މާ ގިނައިން ހުސް ވަގުތު ލިބުމުން ވެސް ނުބައި ކަންތަކަށް އަރައިގަނެވޭކަން އޭނައަށް ފާހަގަވެފައި ވާތީވެއެވެ. ފޯނު ނެގިތަނާހެން އޭނައަށް އިވިގެން ދިޔައީ އޭނައަށް ވަޒީފާ ލިބުނު ވާހަކައެވެ. އެކަމަށްޓަކައި ޙަމްދުކުރަމުން އޭނަ ފޯނު ބޭއްވިތާ މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނަގެ ފޯނު ރިންގުވިއެވެ. މިފަހަރު ސްކްރީނަށް އެރީ އޭނަ ނުދަންނަ ރާއްޖޭގެ ނަންބަރެކެވެ. އޭނަ ޙައިރާންކަމާއެކީ ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް. ތިއީ މިރްޒާންއޭ ކިޔާ ކުއްޖެއްތަ؟” އެކޮޅުން އިވުނީ ދޮށީ ފިރިހެނެއްގެ އަޑެވެ. މިރްޒާން ދެންވެސް ޙައިރާންވެފައި އިނދެ ލައްބައޭ ބުނެލިއެވެ.
“އާނ….މިރްޒާންއަށް މި ގުޅާލީ ބޮޑު ކަމަކު. އަޅުގަނޑުގެ ދަރިފުޅަށް މިރްޒާން ވަރަށް ކަމުގޮސްގެން މިރްޒާންއާ އިންނަން ބޭނުންވާތީ އެކަމާމެދު މިރްޒާންގެ ބަހެއް ހޯދަން މި ގުޅާލީ.” އެ ބީރައްޓެހި ފިރިހެން މީހާ ބުނެލިއެވެ.
“ކް….ކޮން ކުއްޖެއް؟” މިރްޒާނަށް އަހާލެވުނެވެ.
“އެއީ މިރްޒާންއާ އެއް ޔުނިވާރސިޓީއެއްގަ ކިޔަވަމުންދާ ކުއްޖެއް. އައިޝަތު އަމްނާ ހާޝިމް.” އެ ނަން އަޑު އިވިގެން ދިޔުމާއެކު މިރްޒާންގެ މެއަށް ފިނިވެގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަ އަމްނާއާއިއެކީ ހޭދަކުރި ހުރިހާ ވަގުތުތަކާއެކީ މިރޭ ކަން ދިމާވި ގޮތާއި ހަމައަށް އޭނަގެ ސިކުނޑި އޭނަގެ ލޮލަށް ސިފަކޮށްދިނެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުމެއް ވެރިވީ ވަގުތު އޭނަގެ އަނގައިން ލުއި އާހެއްގެ އަޑު ނިކުތެވެ.
“އެނގޭ ފޯނުން ގުޅައިގެން މިކަހަލަ ބޮޑު ނިންމުމެއް ނިންމަން އުދަގޫވާނެކަން. އެހެންވެ މި އަހަރުގެ ޗުއްޓީ ތެރޭގަ ތި ދެކުދިން މިކޮޅަށް އައިމަ ދެ ޢާއިލާއާ އެކީގަ ވާހަކަ ދައްކާނީއޭ ބޭބެގެ ހިތަށްއަރަނީ. މިރްޒާން ބުނަނީ ކީކޭ؟” އަމްނާގެ ބައްޕަ އެހިއެވެ. އަމްނާއާއި އިނުމާމެދު އޭނަގެ ހިތުގައި އެއްވެސް ޝައްކެއްނެތެއްކަމަކު މިރްޒާނަށް އެންމެ ރަނގަޅޭ ބުނެލެވުނެވެ. އަމްނާގެ ބައްޕަ ފޯނު ބޭއްވީ ދެންވެސް ސަލާމް ބުނަމުންނެވެ. ފޯނު ކެނޑުމާއެކު މިރްޒާނަށް ދެންވެސް ވީ އުފަލުގައި ހީލެވުނެވެ. ދުނިޔޭގައި ވީހާ އުފަލެއް އެއްރެއެއްގެ ތެރޭގައި އޭނަގެ ފަސްބަޔަށް އެޅުނުހެން އޭނައަށް ހީވިއެވެ. ހިތާހިތުން ދެވަނަ ފަހަރަށްވެސް ޙަމްދުކޮށްލަމުން އޭނަ އަނެއްކާވެސް ތަރުޖަމާ ނެގިއެވެ. އެ ހިނދު އޭނަ ދެން ކިޔަން އޮތް ތަރުޖަމާ ފެނުމުން މިރްޒާނަށް ހުއްޓުން އަރާފައި އިނދެވުނެވެ.
“يُرْسِلِ السَّمَاءَ عَلَيْكُم مِّدْرَارًا……އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް ވެހޭ ގޮތުގައި އުޑު އޮއްސަވާނެއެވެ…..” މިރްޒާނަށް އެންމެ ފަހު ބަސްތައް ކިޔާލެވުނީ ވައި އަޑުންނެވެ. އެ ހިނދު އިސްލާމް ކްލަބްގެ ޕްރޮގްރާމެއްގެ ތެރެއިން މި އާޔަތުގެ މާނަ ކިޔައިދެވުނު ހަނދާން އޭނަވިއެވެ. ‘އުޑު އޮއްސުމުގެ’ މާނައަކީ ހަމައެކަނި ވާރޭ ވެހުމެއް ނޫންކަން އެދުވަހު ކިޔައިދީފައިވެއެވެ. އެހެނެއްކަމަކު އޭގެ މާނައަކީ ފާފަ ފުއްސެވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން ﷲ ރިޒްޤު ތަނަވަސްކޮށްދެއްވާ ވާހަކައެވެ. އެ ބަސްތައް ހަނދާންވެގެން ދިޔަދިޔަހެން ފުރަތަމަ ފަހަރަށް ﷲ ހަނދުމަކޮށް މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވީ އެކަލާނގެ ބަސްފުޅުގެ ޙައްޤުކަމާއި އެކަލާނގެ ވަޢުދުފުޅުތަކުގެ ތެދުކަން އިޙްސާސް ކުރެވުމުންނެވެ. އޭނަ ތައުބާވިތާ މާ ގިނަ ދުވަހެއް ނުވަނީސް އޭނައަށް މި ލިބުނީ ހާދަ ގިނަ ރިޒްޤެކެވެ. އޭނަ މި ހުރިހާ ދުވަހު ވެސް ފަސްދިނީ ހަމަ މި ކަލާނގެއަށްތޯ ހިތަށްއެރި ވަގުތު އޭނައަށް އިތުރަށް ރޮވުނެވެ. އޭނައަކީ ދުވަހަކުވެސް އެކަލާނގެ މަގުން އެއްކިބާވެގެންވާ މީހެއްކަމުގައި ނުލެއްވުމަށް އެދި އެވަގުތު ހިތާހިތުން ދުޢާކުރެވުނެވެ.
ނުނިމޭ