Hadhiya (Part 17)
“އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ.” ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ތިރިއަށް ނަޒަރު ހިންގައި ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަމުން ކުއްލިއަކަށް އަޅަން ފެށި ދިގު ފިޔަވަޅުތަކާއެކީ ގޭޓުން ވަދެގެން ދިޔައެވެ. އެ ދިޔަ ގޮތަށް ގޮސް ސިޑިން އަރައިގެން ހުއްޓުމެއްނެތި ގޮސް އޭނަގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއާއި ހަމަ ކުރިއެވެ. އެ ހިނދު އޭނަގެ އެޕާޓްމެންޓްގެ ދޮރު ފެނިގެން ދިޔުމުން ނޭނގޭ ސަބަބަކާހުރެ އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. އެ ފިޔަވަޅުތަކުގައި ގޮސް އޭނަ އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްޓަކައި އަތް ހިއްލާލި ވަގުތު އެ އަތް ތުރުތުރު އަޅަމުން ދިޔައީ ހިތުގައި އުފެދިފައިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެހެނަސް އޭނަ ހިތްވަރު ކޮށްފައި ތަޅުގައި ހިފައި އަނބުރާލަމުން މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެ ހިނދު އަމްނާގެ މަޑުމަޑު ނާނާއެއްގެ އަޑު އިވިގެން ދިޔުމުން މިރްޒާންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދޮރު ރަނގަޅަށް ހުޅުވައި ބަލާލިއިރު އަމްނާ ހުރީ ދަރިފުޅު އަތްމަތީގައި ބާއްވައިގެން ސިޓިންގް ރޫމުގެ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. މިރްޒާނަށް ފެނުނުއިރު އަމްނާ އޭނައަށް ފަސްދީފައި ގޮސްގޮސް ހުރެފައި އަނެއްކާވެސް އޭނައާއިވީ ފަރާތަށް އެނބުރިލީއެވެ. އަމްނާ އޭނަ ފެނުމާއެކު އާދައިގެ މަތިން އެ ނާނާގެ ތެރެއިން ވެސް ހިނިތުންވެލިއެވެ. އެވަގުތު މުޙްސިން އަމްނާގެ އަތްމަތީގައި ފުން ނިންޖެއްގައި އޮތް މަންޒަރު ފެނިފައި މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލެވުނީ މަޑުމަޑުން ލަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީގައެވެ. މިރްޒާން އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާލި ވަގުތު އަމްނާ އަތުގެ ޢިޝާރާތުން ތިމަންނަ އެބަ އަންނަމޭ ބުނެލުމުން މިރްޒާން ބޯޖަހާލިއެވެ. މިރްޒާން ގޮސް އެތާހުރި ސޯފާގައި އިށީން ވަގުތު އަމްނާ މުޙްސިން ގޮވައިގެން މުޙްސިންގެ ކޮޓަރިއަށް ދިޔައެވެ. މިރްޒާން ދެންވެސް ސޯފާގައި އިނދެ ވިސްނުމެއްގެ ތެރެއަށް ގެއްލުނު ވަގުތު އަމްނާ މުޙްސިން ބާއްވާފައި އެކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވުނެވެ. އެހެނަސް އެ އަޑަށް ވެސް މިރްޒާނަށް އިސްއުފުލައި ބަލައެއް ނުލެވުނެވެ.
“ބެސްޓް ޖާނަލިސްޓްގެ އެވޯޑް ހޯދައިގެން އައިސް މީހުން ތިބޭ ގޮތަކީ ތިއީއެއްނޫން! ހެހެ…” އަމްނާ ގޮސް މިރްޒާންގެ ކައިރީގައި އިށީނދެލަމުން ހީލިއެވެ. އެހެނަސް އެވާހަކައިން ވެސް މިރްޒާންގެ މޫނުމަތީގައިވި ސީރިއަސްކަމަށް ބަދަލެއް ނައުމުން އަމްނާގެ ހިނިތުންވުން ފަނޑުވިއެވެ.
“ކިހިނެއްތަވީ މިޒް؟ މީހަކު އެއްޗެކޭ ބުނީތަ؟” އަމްނާ މިރްޒާންގެ މޫނަށް ރަނގަޅަށް ބެލޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ. މިރްޒާނަށް ދެންވެސް އަމްނާއަށް ބެލުމެއްނެތި ބޯހޫރުވާލެވުނެވެ.
“ދެން ކިހިނެއްވީ؟ އަހަންނަށް ކިޔާދީބަލަ މިޒް.” އަމްނާއަށް ވެސް މިފަހަރު އަހާލެވުނީ ހިސާބެއްގެ ކަންބޮޑުވުމަކާއެކީއެވެ. އެއާއެކު މިރްޒާން އަމްނާއަށް ބަލާލިއެވެ.
“އައްނު…..އައްނު ޤަވާޢިދުން ހެނދުނާއި ހަވީރުގެ ޒިކުރުތައް ކިޔަންދޯ؟” މިރްޒާން އެހެން އަހާލީ އުއްމީދީ ގޮތަކަށެވެ.
“އާނ…..މަސައްކަތް ކުރަން. އެކަމަކު ޢަބްދު ﷲ ލިބުނު ފަހުން ވަރަށް އެބަ ހަނދާންނެތޭ. އެ ވާގޮތަކީ އަސްލު އަހަރެން ޒިކުރު ކިޔާ ގަޑީގަ ހަމަ ޢަބްދު ﷲ ގެ ކޮންމެވެސް ކަމެއްކުރަން ޖެހުނީމަ އެބަ ހުރޭ ހަނދާން ނެތިފަ. ފަހަކަށް އައިސް އެއްވެސް ވަރަކަށް ނުކިޔޭ ދުވަސްތައް ވެސް ގޮއްސަ އެބަހުރި.” އަމްނާގެ ފަހު ޖުމްލަ އިވުނު ވަގުތު މިރްޒާންގެ ދެލޯ ބޮޑުވިއެވެ.
“އެކަމަކު ހަނދާން ނެތިގެން ނުވާނެއެއްނު އައްނު؟! ކަމެއް ދިމާވާނީ ބުނެފައެއްނޫން!” މިރްޒާނަށް އެހެން ބުނެލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އޭނަ އެހެން ބުނެ ހިތަށް ވެރިވި ހަމަނުޖެހުމާއެކީ އެތަނުން ތެދުވެގެން ދާން ފެށުމުން އަމްނާ ޙައިރާންކަމާއެކީ އޭނައަށް ބަލަން އިންކަން މިރްޒާނަށް އެނގުނެވެ. އެހެނަސް އަމްނާއާއި ފުރަތަމަ ފަހަރަށް އެގޮތަށް ވާހަކަ ދެކެވުމުން މިރްޒާން އަމްނާއަށް ފަސްއެނބުރި ބަލަން ޖެހިލުންވެފައި ހުރެ އެމީހުންގެ ކޮޓަރިއަށް ވަދެގެން ދިޔައެވެ. މިރްޒާން މަޑުކުރުމެއްނެތި ބެލްކަންޏާއި ދިމާލަށް ދިޔައީ ހާސްވެފައިވި ސިކުނޑިއަކާއި އެކީގައެވެ. އޭނަ ހިސާބެއްގެ އަވަސް ހިނގުމެއްގައި ބެލްކަންޏާއި ހަމައަށް ގޮސް ބެލްކަނީގެ ރެއިލިންގް ގައި އަތް އަޅުވާލިއެވެ. އޭނަ އެހެން ހުއްޓުނުތާ މާ ގިނައިރެއްނުވެ އަމްނާ ކޮޓަރިއަށްވަދެ ދޮރު ލައްޕާލި އަޑުއިވުނެވެ. މިރްޒާން ކުޑަކޮށް ފަސްއެނބުރި ބަލާފައި ދެންވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އަމްނާ ލަސް ފިޔަވަޅުތަކެއްގައި އައިސް އޭނަ ކައިރީގައި ހުއްޓިލުމުން ވެސް މިރްޒާނަށް އަމްނާއަށް ބަލާލާނެހާ ހިތްވަރެއް ނުލިބުނެވެ. ދެންމެ އަމްނާ ދިން ޚަބަރަކުން މުސްތަޤްބަލުގައި ކަން ވެދާނެ ގޮތަކާމެދު އޭނަގެ ހިތް ނުތަނަވަސްވެފައިވި މިންވަރުންނެވެ. މިރްޒާން އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އަމްނާގެ އަޑު އިވުނެވެ.
“އައިމް ސޮރީ މިޒް…އެނގޭ މިޒް ދެންމެ ރުޅި ތިއައީ އަހަރެން ފަރުވާ ކުޑަ ވުމުގެ ސަބަބުން އަހަންނަށް ދެރައެއް ލިބިދާނެތީވެކަން. އަހަރެން މީގެ ފަހުން އެ ޒިކުރުތައް ކިޔަން ހަނދާނުގައި ބެހެއްޓޭތޯ މަސައްކަތް ކުރާނަން.” އަމްނާ މިރްޒާނަށް ބަލަންހުރެ ދެރަ ގޮތަކަށް ވާހަކަ ދައްކަމުން މިރްޒާންގެ އަތްމަތީގައި އޭނަގެ އަތްއެޅިއެވެ. އެ ހިނދު މިރްޒާނަށް އަމްނާއާއި ދިމާލަށް ބަލާލެވުނެވެ. އަމްނާގެ ހިތާމަވެރި މޫނު ފެނިފައި މިރްޒާންގެ މޭގައި އުފެދުނު ރިހުމާއެކީ އޭނައަށް އަމްނާއާއިވީ ފަރާތަށް މުޅިން އެނބުރިލެވުނެވެ. އެއަށްފަހު އޭނަ އަމްނާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“އަހަންނަށް ވެސް މަޢާފްކޮށްދީ އައްނު. އަހަންނަށް ދެންމެ އެހެން ބުނެވުނީ މާ ރަނގަޅަކަށް ނޫން. އެކަމަކު އަހަރެން ހަމަ ވަރަށް ބޮޑަށް ކަންބޮޑުވާތީ އެހެން ބުނެވުނީވެސް. އަހަރެން ބޭނުމެއްނޫން އައްނުއަށް އެއްވެސް ގޮތެއްވާކަށް. އަހަރެން ބޭނުމެއްނޫން އަހަރުމެންނަށް އެއްވެސް ގޮތެއްވާކަށް.” މިރްޒާން އެހެން ބުނެލި ވަގުތު ހިތަށް ކެތްނުވާފަދަ ޚިޔާލުތައް ސިކުނޑިއަށް ވެރިވަމުން ދިޔަގޮތުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަމްނާގެ ގެނެސް އަމްނާގެ ގައިގައި ބާރަށް ބައްދާލީ މުޅި ދުނިޔެއަށް ވެސް އަމްނާ ފޮރުވަން އުޅޭ ފަދައަކުންނެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ އޭރު ވާންއޮތް އެއްޗެއް ވެނިމިފައި އޮތްކަމެވެ. އަދި އޭގެ ބިރުވެރި އަސަރުތައް އޭނައަށް ފެންނަން އޮތީ މަދު ވަގުތުކޮޅެއްކަމެވެ.
އޭގެ އަނެއްދުވަސް ވެސް މިރްޒާނަށް ފެށިގެން ދިޔައީ ނުހަނު އާދައިގެ ގޮތަކަށެވެ. އާދައިގެ މަތިން އޭނަ ފަތިސް ނަމާދަށްފަހު ކޮމްޕިއުޓަރުން މަސައްކަތެއްކުރަން އިންއިރު އަމްނާ އޭނަ އޮފީހަށް ދިޔުމަށްޓަކައި ގަމީހެއް އިސްތިރިކޮށްފައި ނާސްތާ ތައްޔާރުކުރަން ދިޔައެވެ. ދުވަހުގެ އާދަތަކުގެ ތެރެއިން ވަގުތުތައް ހިނގަމުން ދިޔަދިޔަހެން މިރްޒާން ރޭ ހިނގި ކަންތައްތަކުގެ މަތިން ހިސާބަކަށް ހަނދާންނެތޭ ގޮތްވެސްވިއެވެ. އޭނަ އޮފީހަށްދާން ތައްޔާރުވެގެން ނިކުތްއިރު މުޙްސިން ހޭލައިގެން ރޯންފެށި އަޑަށް ކޮންމެ ދުވަހަކޭވެސް އެއްފަދައިން މުޙްސިން މަސަލަސްކުރަން ދިޔައީ އޭނައެވެ. އޭނަ މުޙްސިން އެނދުގެ ތެރެއިން އަތަށް ނަގައި އަނގަ ވަށްކޮށްފައި ބައްޕަގެ ލޯބިއޭ ކިޔައި މުޙްސިންގެ ފުފިފައިވާ ކޯތާފަތުގައި ބޮސްދިނުމުން މުޙްސިން ލަސްލަހުން ރުއިން ހުއްޓާލިއެވެ. އެވަގުތު އަމްނާ އެތަނަށް އައުމުން ދެމީހުން އެކީގައި މުޙްސިންއަށް ލޯބިކޮށް ކޮންމެ ހެނދުނަކުވެސް ވާ ފަދައިން މުޙްސިން ބޮޑަށް ވައްތަރީ ކާކާއި ކަމާމެދު ބަހުސެއް ހިނގިއެވެ. އެއަށްފަހު މިރްޒާން ނާސްތާ ކުރުމަށްފަހު އޮފީހަށް ދިޔުމަށްޓަކައި ނިކުތީ އަމްނާގެ ނިތަށް ބޮސްދީފައި ވަރަށް ލޯބިވާކަމަށް ބުނުމަށްފަހުގައެވެ. އާދައިގެ މަތިން ބަދަލުގައި އަމްނާވެސް ރަތްވެގެން ދިޔަ މޫނަށް ވެރިވި ފުރިހަމަ ހިނިތުންވުމަކާއެކީ އޭނަވެސް ވަރަށް ލޯބިވާކަމަށް ބުންޏެވެ. އެދުވަހު އޭނަ ޢާއިލާ އެގެއަށް ދޫކޮށްފައި ދިޔަ މިރްޒާނަށް ނޭނގުނު ކަމަކީ އެއީ އޭނައަށް އެފަދަ އުފާވެރި ހެނދުނެއް ލިބޭނެ ފަހު ފަހަރު ކަމެވެ. މިއަށްފަހު އޭނަ އެ އެޕާޓްމެންޓަށް ވަންނަ ކޮންމެ ފަހަރަކު އޭނަގެ ހިތް ފުރިގެން ދާނީ ނުތަނަވަސްކަމާއި ބިރުވެރިކަމާއި ހިތްދަތިކަމުން ކަމެވެ.
މިރްޒާން އެދުވަހު އޮފީސް ނިންމާފައި ގެއަށް ދިޔައީ އިރުއޮއްސެން ގާތްވެފައިވަނިކޮށެވެ. ރޭގަ މައިސޫން ވާހަކަ ދައްކަން ހުރި މީހެއްގެ މަތިން ދޭތެރެދޭތެރެއިން ހަނދާންވަމުން ދިޔައީތީ މިރްޒާން އެދުވަހު ގެއަށް ދެވެންދެން ވެސް މަޑުނުކޮށް ކާރު ތެރެއިން ވެސް ޒިކުރުތައް ކިޔަންފެށިއެވެ. އޭނަ ގެއާއި ހަމައަށް ދިޔައީ އަމްނާވެސް ރޭ އޭނައާއި ވަޢުދުވީ ފަދައިން ޒިކުރުތައް ކިޔައިގެން ހުންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް ގެއަށް ދިޔައިރު ފެނިގެން ދިޔައީ އޭނަ ހީވެސް ނުކުރާފަދަ މަންޒަރެކެވެ. އެޕާޓްމެންޓްގެ ދޮރާއި ހަމަވީ ވަގުތު އިވެން ފެށީ އަމްނާ ކޮންމެވެސް މީހަކާއި ދިމާލަށް ހަޅޭއްލަވާ އަޑެވެ.
“ދުރުގަ ހުރޭ! އަހަންނަށް ގާތްވާން ހިތަށްވެސް ނާރުވާތި!!” އަމްނާގެ އެބަސްތައް އިވިގެން ދިޔަ ތަނާހެން ނުތަވަސްވެގެން ދިޔަ ހިތަކާއެކީ މިރްޒާނަށް ވަގުތުން އެ ދޮރު ހުޅުވާލެވެން އުޅުނެވެ. އެހެނަސް އެ ދޮރު ތަޅުލާފައި ހުރިކަން އެނގުންވުމުން އޭނަ އަތުގައި ހުރި ބާރު މިނަށް ގޮށްމުއްކަވާފައި އެ ދޮރުގައި ތަޅަން ފެށީ އަމްނާގެ ގައަށް އަތްލާން އުޅޭ މީހަކަށް އައި ރުޅިއާއި އެކީގައެވެ. އޭނަ ތަޅަން ފެށިތާ މާގިނައިރެއްނުވެ އެ ދޮރު ހުޅުވާލި މީހަކު ފެނިގެން ދިޔުމުން މިރްޒާންގެ ބުމަށްގޮށްޖެހިގެން ދިޔައެވެ. ދަތްކުނޑި ވިކިގެން ދިޔައީ މައިސޫން ގަމީހަކާއި ނުލާ ހަމައެކަނި ޖިންސްގައި ހުރި ގޮތުންނެވެ. އޭނަ އެތެރެއަށް ނަޒަރެއް ދިން ވަގުތު އާދައިގެ ބުރުގާއަކާއި އޭނަ ޢައްމުގޮތެއްގައި ގޭގައި ލައިގެން އުޅޭ ކަހަލަ ހެދުމެއްގައި ހުރި އަމްނާ ފެނިފައި މިރްޒާނަށް ވީގޮތް ނަގައިގަނެވުނެވެ. އަމްނާ ކަންބޮޑުވުން ވެރިވެފައިވި މޫނަކާއެކީ ފަހަތުން ވާހަކަ ދައްކަން އުޅުނު ވަގުތު މައިސޫން ވާހަކަ ދެއްކިއެވެ.
“އޫޕްސް….ގޭގެ ވެރިމީހާ އައިއްސި. ޓޫ ބޭޑް ދޯ އައްނު؟ އިތުރަށް މަޖަލެއްވެސް ނުކުރެވޭނެ.” މައިސޫން އެހެން ބުނެ ފުން ނޭވައެއް ދޫކޮށްލި ތަނާހެން އަމްނާ ވާހަކަ ދެއްކިއެވެ.
“ކަލޭ ކައިރި ބުނެފިން މަށަށް އެހެން ނުކިޔާށޭ! ނިކުމެގެން ދޭ މިގެއިން!! އަހަރެން ހުވަފެނަކުން ވެސް އަހަރެންގެ ފިރިމީހާ ނޫން އެހެން މީހަކާ ގާތްނުވާނަން! އަޑުއިވިއްޖެ؟” އަމްނާ ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅި އައިސްފައިހުރެ ހަރުއަޑުން އެންގިއެވެ. އެއާއެކު މައިސޫން ޗޮއްކަނޑާލިއެވެ.
“ތިއީ ހާދަ ބޯރިންގް ލައިފެކޭ އައްނު. މީނައަށްވުރެ އަހަރެން ހޮޓެއްނޫންތް..” މައިސޫންގެ ޖުމްލަ ފުރިހަމަ ނުވަނީސް އޭނަގެ ކޯތާފަތްމައްޗަށް މިރްޒާންގެ ހޫނު އެތިފަހަރެއް އެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި މައިސޫން ބޮޑުވެގެން ދިޔަ ދެލޮލާއި ރުޅިވެރިކަން ވެރިވެފައިވި މޫނަކާއެކީ މިރްޒާނަށް ބަލާލިއެވެ. އެވަގުތު މިރްޒާންގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އެކަހަލަ އަސަރެކެވެ.
“ނިކުމެގެންދޭ!!!” މިރްޒާން ބޭރަށް ޢިޝާރާތްކުރަމުން އެހެން ބުނެލީ ދެދަތްޕިލަ ޖައްސައިގެން ހުރެއެވެ. މައިސޫން ސީރިއަސްކަމާއެކީ އިރުކޮޅެއް ވަންދެން އޭނައަށް ބަލަން ހުރެފައި ކުއްލިއަކަށް ހީލި ގޮތުން މިރްޒާންގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
“ނޯ ވޮރީސް. އަހަރެން ހިނގައިދާނަން….އަސްލު އަހަރެން މިގެއަށް އައީ ކުޑަކަމެއް ބަލާލަންވެގެން. މިއީ މިރްޒާންގެ ބޭބެއޭ ބުނެ ކުޑަ ފެންފޮދެއް ބޯލަން ބޭނުމޭ ބުނީމަ މިހާ ރީތި ކުއްޖަކު އެހާ ލޯބިން އަހަރެން ވައްދައި ފެން ދިނީމަ އަހަންނަށް ދެން ހަމަ ކެތްނުކުރެވުނީ. މިރްޒާން ހަމަ ނަސީބުގަދައީ…..އެކަމަކު ނަސީބަކީވެސް އަބަދު އޮންނާނެ އެއްޗެއްނޫންކަން ކަލެއަށް އެނގެން އެންމެ ހިނދުކޮޅެއް ވެސް ދެން ބާކީއެއްނެތް.” މައިސޫން އޭނަގެ ފަހު ޖުމްލަ ބުނެލީ އަނެއްކާވެސް ރުޅިވެރިކަން ވެރިވެގެން ދިޔަ މޫނަކާއެކީ ގައެވެ. އޭނަ އެއްއަތުގެ އިނގިލިތަކުން ޓިކްޓިކްގެ ތިން އަޑު ލައްވައި މިރްޒާނާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލީ އިންޒާރެއް ފަދައިންނެވެ. އެއަށް ބުނާނެ އެއްޗެއް ނޭނގިފައި މިރްޒާނާއި އަމްނާ ތިއްބާ މައިސޫން އެތާ ސޯފާއެއްގެ މަތީގައި އޮތް އޭނަގެ ގަމީސް ނަގައި ގަޔަށް މަހަމުން އެޕާޓްމެންޓުން ނިކުމެގެން ދިޔައެވެ. މައިސޫން ލޯމައްޗަށް ގެއްލެންދެން ވެސް މިރްޒާނަށް އޭނައަށް ބަލަން ހުރެވުނެވެ. އެއަށްފަހު އޭނަ އެޕާޓްމެންޓަށް ވަނުމާއެކު ރޮވެން ކައިރިވެފައި ހުރި އަމްނާ އޭނަގެ ކައިރިއަށް އައެވެ.
“މިޒް ޕްލީޒް އަހަންނަށް އިތުބާރު ކުރައްޗޭ! އަހަރެން އޭނައާއި ކައިރި ނުވަން. އޭނައަށް ވެސް ކައިރި ނުވެވެނީސް މިޒް ތިއައީ. ޕްލީޒް މިޒް އަހަރެން ބުނާ އެއްޗެއް ޤަބޫލުކުރައްޗޭ.” އަމްނާ އާދަޔާ ޚިލާފަށް ހާސްވެފައިހުރެ އޭނަގެ އެއްއަތް ހިއްލައި އެއަތުގައި ފިރުމަމުން ދިޔަގޮތުން މިރްޒާން ހިސާބަކަށް ޙައިރާންވިއެވެ. އެފަދަ ކަމެއް ދިމާވިޔަސް އަމްނާ އޭނަ އިތުބާރު ނުކުރާނެތީ އަމްނާ އެހާ ކަންބޮޑުވެދާނެ ކަމަށް އޭނައަށް ހީކުރެވިފައި ނެތުމުންނެވެ.
“އިޓްސް އޯކޭ އައްނު! އައި ޓްރަސްޓް ޔޫ….އަހަންނަށް އެނގޭ އައްނު ޤަޞްދުގަ އެހެން މީހަކާ ކައިރިނުވާނެކަން.” މިރްޒާން އަމްނާގެ މޫނުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އޭނަ އެހެން ބުނުމުން ވެސް ނޭނގޭ ސަބަބަކާހުރެ އަމްނާ ހަމަޖެހޭ ގޮތެއްނުވިއެވެ.
“ޕްލީޒް މިޒް…..އަހަރެން ބިރު އެބަގަނޭ. އަހަންނަށް އެއްވެސް އަނިޔާއެއް ނުކުރައްޗޭ!” އަމްނާ ތުރުތުރު އަޅަން ފެށި ހަށިގަނޑަކާއެކީ އެހެން ބުނެލަމުން ހިތް ދެރަވީ ވަގުތު އަމްނާއަށް މިވަނީ ކިހިނެއްތޯ ވެސް ހިތް ސުވާލުކުރިއެވެ.
“އައްނު އަހަރެން ކިހިނެއް އައްނުއަށް އަނިޔާއެއްދޭނީ؟ އަހަރެން އަމިއްލަ ނަފްސަށްވުރެ ވެސް ބޮޑަށް އައްނުދެކެ ލޯބިވޭ.” މިރްޒާންގެ އެ ބަސްތައް އެ ޙާލަތުގައި ދުލުން ބޭރުވީ ހިތުގެ އެންމެ އަޑިންނެވެ. އޭނަ އެހެން ބުނުމާއެކު އަމްނާ ފަހަތަށް ޖެހި އޭނަގެ އަތާއި ދުރުވެލީ ގޮތުން މިރްޒާނަށް އިތުރު ޙައިރާންކަމެއް ލިބުނެވެ. އޭރުވެސް އަމްނާ ތުރުތުރު އަޅަމުން ދިޔަ ގޮތުން މިރްޒާންގެ މޭގައި ރިހުމެއް އުފެދުނެވެ.
“އައްނު ބަލިވެތަ ތިއުޅެނީ؟” މިރްޒާން އަނެއްކާވެސް ކުރިއަށް ޖެހިލަމުން އަމްނާގެ ދެއަތުގައި ދެކޮޅުން ހިފަހައްޓާލަން އަތް ހިއްލަމުން އެހެން ބުނެލީ ރޮވެން ކައިރިވެފައި ހުރި އަޑަކުންނެވެ. އޭނަ ހިފަހައްޓާލުމާއެކު ކުއްލިއަކަށް އަމްނާ އޯކަތް ދަމައިގަތްތަނާހެން އޭނައަށް ލޭ ލެވެން ފެށިއެވެ. ފެނުނު މަންޒަރުން ދެލޯ ބޮޑުވެގެން ދިޔަ މިރްޒާނަށް ވަގުތުން އަމްނާގެ ގައިން ދޫކޮށްލެވުނެވެ. އެއަށްފަހު ދެ ތިން ފަހަރަކު ކެއްސުމުން ވެސް އަމްނާއަށް ލޭ ލެވުނެވެ. އެއަށްފަހު އޭނަ ލެއިން ފޯވެފައި އޭނަގެ ތިރީ ތުންފަތާއި ދަތްދޮޅިއާއެކީ މިރްޒާނަށް ބަލާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ކުއްލިއަކަށް އަމްނާގެ ދެލޯ ބޮޑުވެގެން ދިޔައީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. އިސާހިތަކު އަމްނާ އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތުމުން މިރްޒާންގެ ހިތް ރޫރޫއަޅައިގެން ދިޔައެވެ. މިރްޒާން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަމްނާ ކުރުވެގެން ދިޔަ ނޭވައަކާއެކީ މިރްޒާނަށް ފަސްދީފައި ގޭގެ ތެރެއަށް ދާން ބާރަށް ދުއްވައިގަތެވެ. ހަމަ އެހިނދު އަމްނާގެ ހަޅޭކުގެ އަޑު އިވުނު މުޙްސިން ކޮޓަރީގެ ތެރެއިން ރޯންފެށި އަޑުވެސް މިރްޒާނަށް އިވުނެވެ. ދާންވީ ދިމާލެއް ޔަޤީންނުވެފައި ހުރެ މިރްޒާނަށް އަމްނާގެ ފަހަތުން ދެވުނީ ބޭއިޚްތިޔާރުގައެވެ. އަމްނާ ފަހަތް ބަލަމުން ދަނިކޮށް އޭނަ އަންނަ މަންޒަރު ފެނިފައި އިތުރަށް ބިރުން އުޅޭ ފަދައަކުން ހަޅޭކެއް ލަވަމުން އޭރު އޭނައަށް ދެވިފައިވި ހިސާބުން ބަދިގެއަށް ވަދެ ބާރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. މިރްޒާން އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއާއި ހަމަކޮށް ބަދިގޭގެ ދޮރު ހުޅުވާލިއެވެ. ބަދިގެއަށް ދިން ފުރަތަމަ ނަޒަރުން އަމްނާ ނުފެނުނެއްކަމަކު މިރްޒާނަށް އެތާތެރެއިން އަމްނާގެ ކުކުރުމުގެ އަޑު އިވުނެވެ. ބަދިގެއަށް ވަދެވުނު ވަގުތު ކައުންޓަރު ހެދިފައި ހުންނަ ކަނުގެ ކައިރިން ބިންމަތީގައި އަމްނާ ކުރުގެޅިލައިގެން އިންތަން މިރްޒާނަށް ފެނުނެވެ. އެ ހިނދު މިރްޒާންގެ މޭގައި އުފެދިފައިވި ރިހުން ތޫނުވިއެވެ.
“އައްނު…” މިރްޒާނަށް އަމްނާގެ ގާތަށް ދާން ފިޔަވަޅެއް އަޅާލަމުން ގޮވާލެވުނީ އަމްނާގެ ޙާލަތު ރަނގަޅުކޮށްދޭން ބޭނުންވެފައިވި މިންވަރުންނެވެ. އެހެނަސް އަމްނާ އެ އަޑު އިވިފައި އިތުރަށް ބިރުގަތް ފަދައަކުން ކުއްލިއަކަށް ނޭވައެއް އެތެރެއަށް ދަމާލި އަޑު އިވުނެވެ. އެއަށްފަހު އަމްނާގެ ކުކުރުން ލަސްލަހުން ގިސްލުމަކަށް ބަދަލުވީ އަޑު އިވިފައި މިރްޒާންގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނަ ދެންވެސް ކުރިއަށް ފިޔަވަޅުތައް އަޅަން ފެށީ އަމްނާ ހިތާމަކުރާތަން ދެކުމަކީ އޭނަގެ ހިތަށް ކެތްވާނެ ކަމަކަށް ނުވާތީވެއެވެ. އެހެންކަމުން މިރްޒާން ހިނގަމުން ގޮސް އަމްނާގެ ކައިރިއަށް ހުއްޓި ތިރިވެލަން އުޅުނެވެ. އެހިނދުން އަމްނާއަށް އޭނަ ފެނުމާއެކު ކުއްލިއަކަށް އޭނަގެ ކައިރީގައި ހުރި ކަބަޑެއް ހުޅުވާލަމުން ވަޅިއެއް ނެގިއެވެ. އެތަން ފެނިފައި މިރްޒާން ހުއްޓުން އަރައިގެން ހުރިގޮތަށް ހުއްޓާ އަމްނާ ކޮޅަށް ތެދުވެލަމުން ޖެހިލުމެއްނެތި އެ ވަޅިން މިރްޒާންގެ އަތުގެ ފަލަމަސްގަނޑު ޒަޚަމްކޮށްލިއެވެ. ވީ ތަދާއެކީ ހަޅޭއްލަވައިގަނެވުނު މިރްޒާނަށް އޭނަގެ އަތުގެ ކަނޑައިގެން ދިޔަތަނުގައި އަނެއްއަތުން އަތް އަޅާލެވުނެވެ. އެ ހިނދު އަމްނާ ވަޅި ވައްޓާލާފައި ދިޔައީ މަގޭ ދަރިއޭ ކިޔަމުން އެތަނުން ނިކުންނަން ދިޔައެވެ. މިރްޒާނަށް އޭނަގެ ލޭ ފައިބަމުން ދިޔަ އަތުގައި ހިފަހައްޓައިގެން ހުރެ އަމްނާ ދިޔަ ދިމާލަށް ބަލާލިއެވެ. އަމްނާ އޭނަގެ ލޯމައްޗަށް ގެއްލުނުތާ މާގިނައިރެއްނުވެ މުޙްސިންގެ ރުއިމުގެ އަޑު ގަދަވެގެން ދިޔަ ގޮތުން އަމްނާ މުޙްސިން ގޮވައިގެން ކޮޓަރިން ނިކުތީކަން އެނގުންވިއެވެ. އެއާއެކު ހިތަށް ވެރިވެގެން ދިޔަ ބިރުވެރިކަމާއެކީ މިރްޒާނަށް ބަދިގެއިން ނިކުންނަން ހިނގައިގަނެވުނީ އަމްނާ މުޙްސިންއަށް ވެސް ގޮތެއް ހަދާފާނެއޭ ހިތާއެވެ. އެހެނަސް އޭނަ ބަދިގޭގެ ދޮރުމައްޗަށް އެރި ވަގުތު އަމްނާ މުޙްސިން އަތްމަތީގައި ބާއްވައިގެން ގޮސް ސޯފާގައި އިށީންތަން ފެނުނެވެ. އެއަށްފަހު އެތާހުރި މޭޒުމަތީގައި ހުރި ފޯނު ނަގައި މީހަކަށް ގުޅަން ފެށިތަން ފެނުނެވެ. މާ ގިނައިރެއްނުވެ މުޙްސިންގެ ރުއިން ވެސް މަޑުވެގެން ދިޔަ ވަގުތު އަމްނާ ފޯނުން ވާހަކަ ދެއްކިއެވެ.
“ބައްޕާ! ބައްޕާ އަހަރެން ބަލާ އައިސްދީބަލަ ވަރަށް އަވަހަށް. މިގޭ މިހިރީ އަވަލާފަ. ގޭގެ ތެރޭގަ އެބައުޅޭ އަހަންނަށް އަނިޔާކުރަން އުޅޭ ބިރުވެރި އެއްޗެއް. އަހަރެން މިހިރީ އެކަނިމާއެކަނި ޢަބްދު ﷲ އާއެކީ. ބައްޕަ ލަސްނުކޮށް އައިސްދެއްޗޭ!” އަމްނާ އެހެން ބުނެ އެކޮޅުން ބުނާ އެއްޗެއް އަޑުއެހުމެއްވެސް ނެތި ފޯނު ބޭއްވިއެވެ. އަމްނާ ދެއްކި ވާހަކަތައް އިވިފައި މިރްޒާންގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވިއެވެ. އަމްނާއަށް އޭނަ ފެންނަނީ ބިރުވެރި ކަމެއްގެ ގޮތުގައި ހެއްޔެވެ؟ އަމްނާއަށް ހީވަނީ އޭނަ އަމްނާއަށް އަނިޔާކުރަން އުޅޭހެން ހެއްޔެވެ؟ އޭނަ ހުއްޓާވެސް އަމްނާއަށް އެކަނިވެރިކަމެއް އިޙްސާސްކުރެވެނީ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން ޙައިރާންކަމާއި ނުތަނަވަސްކަން އެ ހިތް ވަށާލިއެއްކަމަކު ހިތުގައި އުފެދުނު ތޫނު ރިހުން އެ ހުރިހާ ޖަޒުބާތެއްގެ މައްޗަށް ބާރު ހޯދިއެވެ. ހިތަށް ލިބިފައިވި ސިހުމެއްގެ ސަބަބުން ކަރުނައެއް އޮހޮރަން ވެސް ނޭނގިފައި އޭނައަށް ހުރެވުނެވެ. އޭނަ ހުރިގޮތަށް ހުއްޓާ އޭނަގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ހަމަ އެހިނދު އަމްނާ ފަސްއެނބުރި އޭނައަށް ބަލާލަން އުޅުނު ވަގުތު އަމްނާއަށް ފެނުމުގެ ކުރިން މިރްޒާން ބަދިގޭގެ ތެރެއަށް ދެމި، ނިވާވެލިއެވެ. އެ ހިނދު ވެސް އޭނަގެ ހިތުގައި ވޭންއެޅިއެއްކަމަކު އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މިރްޒާން އޭނަގެ ޒަޚަމްވެފައިވާ އަތުން ފޯނު ނަގައި ޖަވާބު ދިނެވެ. އެކޮޅުން ގުޅީ ހާޝިމް ނޫން ދެވަނަ މީހެއްނޫނެވެ.
“މިރްޒާން ދަރިފުޅު ކޮންތާކުތަ ތިހިރީ؟ އަމްނާ އެބައުޅޭ ގެއިން ކޮންމެވެސް އެއްޗެއް ފެނިގެން ބިރުން.” ހާޝިމް ކަންބޮޑުވުމަކާއެކީ ވާހަކަ ދެއްކި ހިނދު މިރްޒާންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ދެފައިން ވާގި ދޫވާން އުޅޭހެން ހީވުމުން މިރްޒާނަށް ލަސްލަހުން ހުރި ދިމާލަށް ތިރިވެވެން ފެށިއެވެ. އޭނައަށް ބިންމަތީގައި އިށީނދެވުނު ވަގުތު އަނެއްކާވެސް ހާޝިމް ވާހަކަ ދެއްކި އަޑު އިވުނެވެ.
“މިރްޒާން އޮފީހުގަ ހުރިއްޔާ އަވަހަށް ގެއަށް ދޭބަލަ. ބައްޕަވެސް މިދަނީ.” ހާޝިމް އެހެން ބުނެ އަވަސްއަވަހަށް ފޯނު ބާއްވަން އުޅުނެވެ. އެހެނަސް މިރްޒާން އޭގެ ކުރިން ވާހަކަ ދެއްކިއެވެ.
“ބައްޕަ މިގެއަށް އައިސް އަމްނާ ގޮވައިގެންދޭ. އަމްނާއަށް އަހަންނާ އެކީ ހުރެވޭނެހެނެއް ހިއެއްނުވޭ.” މިރްޒާން އެހެން ބުނެލިއިރު އޭނަގެ އަޑު އޭނައަށް އެއްބާރުލުން ދޭން ދެކޮޅު ހަދަމުން ދިޔައެވެ.
“އެއީ ކިހިނެއްވީ؟ ދެކުދިން ކަމަކާ ރުޅިވީތަ؟ ރުޅިވިއްޔާ މައްސަލަ ޙައްލުކުރާނީއޭ ދަރިފުޅު.” ހާޝިމް ބުންޏެވެ.
“ނޫން ބައްޕާ….މިއީ ތިހެން ޙައްލުކުރެވޭނެ މައްސަލައެއްނޫން. މިވަގުތު ބައްޕަ އެއްވެސް ސުވާލެއް ނުކުރިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު. ބައްޕަ އައިސް އަމްނާ ގޮވައިގެންދޭ. ޕްލީޒް!” މިރްޒާނަށް އެންމެ ފަހު ބަސް ބުނެލެވުނީ ދެލޯ މަރާލަމުން ވައި އަޑުންނެވެ. އޭނަ ދެލޯ މަރާލި ވަގުތު އަނެއްކާވެސް ކަރުނުން ފުރިގެން ދިޔަ އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. މިރްޒާންގެ ނަސީބު ރަނގަޅުކަމުން ހާޝިމް އިތުރު ސުވާލުތަކެއް ނުކޮށް އެންމެ ރަނގަޅޭ ބުނެލަމުން ފޯނު ކަނޑާލިއެވެ.
ހާޝިމްމެން އަންނަންދެން މިރްޒާނަށް އެ އިންގޮތަށް އިނދެވުނެވެ. އަތުން ލޭފައިބަމުން ދިޔުމުގެ ސަބަބުން މުޅި މީހާގެ ގައިގެ ވަރުދެރަވަމުން ދިޔައެއްކަމަކު އޭނަ އެއަކަށް ފަރުވާލެއް ހޯދަން ބޭނުމެއްވެސް ނުވިފަދައެވެ. އޭނަވީ އެއްވެސް ކަމެއްކުރަން ބޭނުންވާވަރަށްވުރެ ބޮޑު ޝޮކެއްގެ ތެރޭގައެވެ. ބަދިގެއިން ނިކުންނަން އޭނަ ޚިޔާލު ނުކުރީ އަމްނާގެ ކުރިމައްޗަށް ދިޔުމުން ވެދާނެ ގޮތަކުން އޭނަގެ ހިތަށް އިތުރު ސަޒާއެއް ނުދިނުމަށެވެ. އެހެން އިންއިރު ބޭރުން އިވެމުން ދިޔަ އަޑުތަކުން އަމްނާ ކޮޓަރިއަށްވަދެ، ނިކުމެ ސިޓިންގް ރޫމުގައި ލޭ ހުރިތަނުގައި މޮޕްއެޅިކަން އެނގުންވިއެވެ. މިހާރު އޭނަ ބޭރަށް ގޮސްފިނަމަ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ހިތުގެ ކަނަކުން ބުންޏެއްކަމަކު އަމްނާ އޭނަ ފެނިފައި ހަޅޭއްލަވައިގަތް ގޮތް ހަނދާނަށް އައުމުން މުޅި މީހާގެ ގައިން ވާގި ދޫވާން އުޅޭހެން މިރްޒާނަށް ހީވަމުން ދިޔައެވެ.
ހާޝިމްމެންނަށް މިރްޒާންގެ އެޕާޓްމެންޓާއި ހަމައަށް ދެވުނީ ހާޝިމް މިރްޒާނަށް ގުޅިތާ ބައިގަޑިއިރެއްހާއިރު ފަހުންނެވެ. ހާޝިމްމެން ދޮރުގައި ޓަކި ދިނުމުން އަމްނާ ދޮރު ހުޅުވާލި އަޑު މިރްޒާނަށް އިވުނެވެ. އެއަށްފަހު އެމީހުން ދެއްކި ވާހަކަތައް ވެސްމެއެވެ.
“ދަރިފުޅު ކޯޗެއްތަ ފެނިގެން ތިއުޅެނީ؟ ކޮބައިތަ މިރްޒް……” ހާޝިމްގެ ސުވާލު ފުރިހަމަ ނުވަނީސް އަމްނާ ވާހަކަ ދެއްކިއެވެ.
“ބައްޕާ ހިނގާ އަވަހަށް މިތަނުންދާން. މިތާ ތިބޭކަށް ނުވާނެ. އަހަރެން ބިރުގަންނަނީ ބައްޕާ!” އަމްނާ އެންމެ ފަހުން ބުނި ޖުމްލަ އޭނަ ވާހަކަ ދެއްކި ގޮތުން ހާމަވިއެވެ.
“އެއީ ކީއްވެތަ ދަރިފުޅު؟ ކޯޗެއްތަ ދަރިފުޅަށް ފެނުނީ؟” ޙަމީދާ ވެސް ޙައިރާންވެފައި ސުވާލުކުރިއެވެ. އެހެނަސް އެއިން އެއްވެސް ކުރިއެރުމެއް ލިބޭގޮތެއް ނުވިއެވެ. އަމްނާ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނަ ބިރުގަންނަ ވާހަކައެވެ. މިރްޒާންގެ ނަން ގަނެވުމުން ވެސް އަޑުހަރުކޮށްފައި ވާހަކަ އޮޅުވަމުން އޭނަ ގެއަށް ގެންދިޔުމަށް އެދެމުން ދިޔައެވެ. އިތުރު ޖަވާބެއް އަމްނާގެ ފަރާތުން ނުލިބޭނެކަން ޔަޤީންވުމުން ހާޝިމްމެން އަމްނާގާތު ހިނގާށޭ ބުނެލިއެވެ. ހަމަ އެއާއެކު އޭނަ ދާނީ ދަރިފުޅު ވެސް ގޮވައިގެން ކަމަށް ބުނި އަޑު އިވުނު މިރްޒާންގެ ހިތް ގެނބިގެން ދިޔަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އަމްނާ މުޙްސިންގެ ކޮޓަރިއަށްވަދެ ނިކުތް އަޑަށްފަހު އެންމެން އެކީގައި އެޕާޓްމެންޓުން ނިކުމެ ދޮރު ލައްޕާލި އަޑު އިވިފައި އޭނަ ދުވަހަކުވެސް އެކަނިވެރި ނުވާވަރަށް އެކަނިވެރިވިހެން މިރްޒާނަށް ހީވިއެވެ. ލަސްލަހުން ތެދުވެލަމުން އޭނަ ބަދިގެއިން ނިކުމެގެން ދިޔައިރު ހަމަ މިއަދު ހެނދުނު އުފާވެރިކަމުން ފުރިފައިވި އޭނަގެ އެޕާޓްމެންޓަށް ވެރިވެފައިވީ ފަޅުކަމެވެ. ސިޓިންގް ރޫމުގައި ޖެއްސިފައިވި ފަންކާގެ އަޑު ފިޔަވައި އެހެން އަޑެއް އިވެން ނެތުމުން އެތާނގެ ހުސްކަން މިރްޒާނަށް އިޙްސާސް ކުރެވުނެވެ. އޭނަ ޢާއްމު ގޮތެއްގައި ކަންބޮޑުވެ ހާސްވާ ކޮންމެ ފަހަރަކު ފަދައިން އެފަހަރުވެސް ލަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް މުޙްސިންގެ ކޮޓަރިއާއި ހަމަކޮށްލަމުން ދޮރު ހުޅުވާލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ވަދެގެން ގޮސް މުޙްސިންގެ އެނދާއި ހަމަކޮށްލަމުން އެނދުގެ ތެރެއަށް ނަޒަރު ހުއްޓާލިއެވެ. ފެހި ކުލައިގެ ކުދިކުދި ބާލީސްތައް ރޭވިފައިވި ދަނބުކުލައިގެ އެނދު ހުހަށްހުރި ތަން މިރްޒާނަށް ފެނުނީ ފުސްކޮށެވެ. ހިނދުކޮޅެއްގެ ތެރޭގައި އެކަނިވެރިވީ އެ ބައްޕަގެ ވޭނީ ގިސްލުމުގެ އަޑު މުޅި ކޮޓަރި ތެރޭގައި ހަރުލިއެވެ.
އެރޭ މިރްޒާންގެ ސިކުނޑި ހާސްވެފައިވި މިންވަރުން އެ ހިނގި ޙާދިސާތައް ހިނގީ ކީއްވެކަމާއިމެދު ވެސް އޭނަ ވިސްނަން އޭނަ ނުކުޅެދިފައިވިއެވެ. އެރޭ އެތައް އިރެއްވަންދެން އޭނައަށް ރޮވުނީ އެކަން ނުވިސްނުމުގެ ސަބަބުން މި ޙާލަތު ބަދަލުވެސް ވެދާނެއޭ ބުނަން އޭނަގެ ހިތުގައި ވަރެއްނެތުމުންނެވެ. އެހެނަސް އޭނަގެ އުއްމީދުގެ ހުޅުކޮޅު މުޅިން ނުނިވެނީސް އޭގެ އަނެއްދުވަހު ހާޝިމް އޭނައަށް ގުޅިއެވެ. އަދި ކަންތައްވީ ގޮތާއިމެދު ސުވާލުކޮށް އެކަން އެހެންވީ ކީއްވެކަމާމެދު ސުވާލުކުރިއެވެ. މައިސޫންގެ ނަން މިރްޒާންގެ ހަނދާނަށް އައީ އެވަގުތެވެ. އަދި މިއީ މައިސޫން ކާކުލައްވާ ކުރުވި ކަމެއްކަން ވެސް އެނގުންވުމާއެކު އޭނަ ވަގުތުން ހާޝިމާއި އެ ވާހަކަތައް ޙިއްސާކުރިއެވެ.
“ސުބްޙާނަ ﷲ! މިރްޒާން ކީއްވެ ކުރިން ބައްޕައަށް ތި ވާހަކަ ނޭންގީ. އެ ނޫންނަމަ ތިކަން އެމީހުންނަށް ކުރެވުމުގެ ކުރިން ވެސް ހުއްޓުވުނީސް….ދެން މިހާރު ވާންއޮތް ކަމެއް ވެނިމިއްޖެ. އަދިވެސް ވަގުތު ފާއިތެއްނުވޭ. ސިޙުރު ޖެހިފަ ހުރީ މިރްޒާނަށްތޯ ނުވަތަ އަމްނާއަށްތޯ ބަލާފަ ރުޤްޔާ ކުރަންވީ ހަމަ މިއަދުން ފެށިގެން ވެސް. އިން ޝާ ﷲ ހުރިހާ ކަމެއް ރަނގަޅުވާނެ.” ހާޝިމް އެންމެ ފަހަކަށް ބުނެލި އުއްމީދީ ބަސްތަކާއެކީ މިރްޒާންގެ ހިތަށް ކުޑަވެސް ލުއެއް ލިބުނެވެ. އެމީހުން އެ ގެއްލުމެއް ދީފައި ހުރީ އޭނައަށް ކަމަށްވުމަށް އޭނައަށް އިންތިހާއަށް އެދެވުނެވެ. އަމްނާ އެންމެ ދުވަހަކުވެސް އެފަދަ ނުރައްކަލެއްގެ ތެރޭގައި ވުމަށް އޭނަގެ ހިތް ނޭދުމުންނެވެ.
އެހެނަސް ސިޙުރު ޖެހިފައިވީ މިރްޒާނަކަށްނޫނެވެ. އަމްނާއަށެވެ. އެރޭ ހާޝިމް މިރްޒާންގެ ކައިރިއަށް އައިސް ބައެއް އާޔަތްތަކެއް ކިޔެވުމުން އޭނައަށް އެއްވެސް ގޮތެއްނުވެއެވެ. ނަމަވެސް އަމްނާ ގާތު އެ އާޔަތްތައް ކިޔެވިގެން ދިޔުމުން އޭނަ ހޮޑުލަވައި ވަރަށް ޙާލު ދެރަވީ ވާހަކަ ހާޝިމް މިރްޒާނަށް ކިޔައިދިނެވެ.
“ދެން އައްނު ރަނގަޅުވާނެތަ ބައްޕާ؟” މިރްޒާނަށް އަހާލެވުނެވެ.
“އިން ޝާ ﷲ ބަލަމާ. ވަރަށް ފާހަގަ ކުރެވުނު އަމްނާ އަޅުކަންތަކާވެސް ދުރުކަން. ވެދާނެ މިކަމުގެ ސަބަބުން ވީ ކަމަކަށްވެސް. އަޅުކަންތަކާ ދުރުވެ ހުރެ ކުރާ ރުޤްޔާއިން ފައިދާއެއް ކުރުން ވަރަށް ދުރު. އެކަމަކު ބައްޕަމެން ވަރަށް އެބަ ނަޞޭޙަތްތެރިވަން. ބައްޕަމެންގެ ބަސް އަޑުނާހާނެއޭ ހިތާ ކޮންމެވެސް އެހެން އަންހެނަކު ވެސް ގެނެސް ނަޞޭޙަތްދީ ރުޤްޔާ ކުރުވަން ބައްޕަމެން އެބަ ވިސްނަން.” ހާޝިމް ބުނެލިއެވެ. މިރްޒާން އެ ވާހަކައަށް ބޯޖަހާލީ އަނެއްކާވެސް އާލާވާން ފެށި އުއްމީދަކާއި އެކީ ނުހަނު އަވަހަށް އޭނަ އޭނަގެ ޢާއިލާއާއި ގުޅިގެންދާނެ ކަމަށް މިރްޒާނަށް ހީކުރެވުނެވެ. އެހެނަސް ކަންތައްވާން ފެށީ އޭނަގެ އެ އުއްމީދާއި މުޅިން އިދިކޮޅަށެވެ.
ހަފްތާއެއް ވޭތުވީއިރު ވެސް އަމްނާގެ ޙާލަތާއިމެދު ހާޝިމްމެންގެ ފަރާތުން މިރްޒާނަށް އިވެމުން ދިޔައީ އެއްވާހަކައެކެވެ. އަމްނާއަށް ރަނގަޅަށް ނުކެވޭ ވާހަކައާއި ރޭގަނޑު ދޭތެރެދޭތެރެއިން ބިރުވެރި ހުވަފެންތައް ފެނިގެން ހޭލެވޭ ވާހަކަ މިރްޒާން ފޯނުން އަޑުއަހަމުން ދިޔައީ ބަރުވަމުން ދިޔަ ހިތަކާއެކީގައެވެ. އެފަދަ ޙާލަތެއްގައި އަމްނާއާއި އެކީގައިވެސް ވާން އޭނަގެ ހިތް އިންތިހާއަށް އެދުނެވެ. އެހެނަސް އޭނަގެ އެދުން ފުރިހަމަވުމުން އަމްނާގެ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން އެނގުންވާ ކޮންމެ ފަހަރަކު މިރްޒާންގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް އޭނަގެ ރިހުން ދަތުރުކުރެއެވެ. އޭނަގެ ދަރިފުޅު ވެސް ނުފެނި އޭނަ ހީކުރިވަރަށްވުރެ ގިނަ ދުވަސްވާން ފެށުމުން ފަހަކަށް އައިސް މިރްޒާނަށް އިނދެވެނީ އެއްވެސް ކަމެއް ކުރާ ހިތް ނުވެފައެވެ. ގިނަ ދުވަހު އޭނަ އޮފީހަށްދަނީ ސައިނުބޮއެވެ. އޮފީހަށް ގޮސް އެއްވެސް މީހަކާ ވާހަކަ ދެއްކުމެއްނެތި މަސައްކަތް ކޮށްފައި އޭނަ ގެއަށްދަނީ އެވެ. ގެއަށް ގޮސް އޭނައަށް ގިނަ ވަގުތު ހޭދަކުރެވެނީ މުޙްސިންގެ ކޮޓަރީގައެވެ. އޭނަގެ ދަރިފުޅު އޭނަ އަތްމައްޗަށް ނުނަގާތާ ވެސް ދުވަސްތަކެއް ވެފައިވާކަން އެނގުންވާ ކޮންމެ ފަހަރަކު އޭނަގެ އަތުގައި ވެސް ރިއްސައެވެ. އެއްރެއަކު ގޭގެ ފޯނުން އޭނައަށް ހާޝިމަށް ގުޅާލެވުނީ އަމްނާ ނުފެނުނަސް މުޙްސިން އެންމެ ފަހަރަކުވެސް ދެކިލަން ބޭނުންވުމުންނެވެ.
“ބައްޕާ….ބައްޕާ އަހަންނަށް އާދެވިދާނެދޯ މުޙްސިން ބަލާލަން؟ ކުޑައިރުކޮޅަކަށް ވިޔަސް ހެޔޮ. އަމްނާ ނެތް ގަޑިއެއްގަ ބައްޕަ އަހަންނަށް ގުޅާލައްޗޭ. އޭރުން އަހަރެން….” މިރްޒާންގެ ވާހަކަ ނުނިމެނީސް އެކޮޅުގައި ހުރި މީހެއް ވާހަކަ ދެއްކިއެވެ.
“މޮޔަވެގެންތަ ކަލޭ ތިއުޅެނީ؟ ކަލެއާހެދި އަހަރުމެންގެ ދަރިފުޅަށް މިހެން މި ދިމާވީ…..އަމްނާއަށް ރޭގަނޑުގެ ހަމަ ނިދިވެސް ލިބެންފެށީ އަދި ކިރިޔާ. ދެން އަހަރުމެންވީ ކަލޭ މިގެއަށް ވަނަދޭން؟ ދެންވެސް އަމްނާ ވަރިކޮށްފަ އަމްނާ ނުފެންނަ ހިސާބަކަށްދޭ!” އެކޮޅުން ވާހަކަ ދެއްކީ މިރްޒާނަށް މީގެ ކުރިން ދުވަހަކުވެސް ރުޅި އިސްކޮށްފައި ނުވާ ޙަމީދާއެވެ. ޙަމީދާ އެހެން ބުނުމަށްފަހު މިރްޒާނަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ފޯނު ކަނޑާލިއެވެ. އެ ހިނދު މިރްޒާންގެ ނޭވާ ހުއްޓުމަކަށްއައެވެ. ޙަމީދާ ބުނި އެއްޗަކާމެދު ވިސްނާލެވުމުން އެތައް ހާސް ކަރުނައެއް އެއްފަހަރާ އޭނަގެ ލޮލަށް ޖަމާވެ އޭނައަށް ރޮވެން ފެށިއެވެ. އަމްނާއަށް އެހެން ދިމާވީ އޭނައާއި ހެދި ހެއްޔެވެ؟ އޭނަ އެދޭ ގޮތަށް ވެވޭނެނަމަ އޭނަ އަމްނާގެ އެ ހުރިހާ ވޭނެއް ނަގައި އަމިއްލަ ނަފްސަށް ދިނީހެވެ. އެމީހުން ބޭނުންވަނީ އޭނައާއި އަމްނާ ދުރުކުވަން ހެއްޔެވެ؟ އަދި އެހެން ހެދުމުގައި އޭނަ އޭނަގެ ދަރިފުޅާއި ވެސް މުޅިން ވަކިކުރަން ހެއްޔެވެ؟ އޭނައަށް އޭނަގެ ދަރިފުޅު ފެންނަން ވެސް ނެތް ދުނިޔެއެއްގައި އުޅެން އެމީހުން އުއްމީދުކުރަނީ ކިހިނެއް ހެއްޔެވެ؟ ހިތަށްވެރިވި ވޭންދެނިވި ސުވާލުތަކަކުން މުޅި އެރޭ ހުއްޓުމެއްނެތި މިރްޒާނަށް ކަރުނަ އެޅުނެވެ. ނިދި އޭނައާއި ރުޅިވެފައިވި އެރޭގެ ބޮޑުބައި އޭނަ ހޭދަކުރީ ނަމާދު ކުރުމުގައެވެ. ނަމާދުގެ ތެރެއިން ވެސް އޭނަގެ ޢާއިލާ އޭނައަށް އަނބުރާ ގެނެސްދެއްވުމަށް އެދި ދުޢާ ކުރަމުން ދިޔައިރު އޭނަގެ ލޮލުން ކަރުނަ ނުހިކެއެވެ.
މިރްޒާންގެ ޙާލަތު އެންމެ ގާތުން ފެންނަމުން ދިޔަ އެކަކީ އޭނައާއި އެކީގައި މަސައްކަތް ކުރަމުން ދިޔަ އާތިފެވެ. ޙަމީދާ ދެއްކި ވާހަކަތަކަށްފަހު މުޙްސިނާއި ބައްދަލު ނުވިޔަސް މުޙްސިނަށް ދޭން އެއްޗެހި ފޮނުވަން މިރްޒާންގެ ހިތް އެދުނުވަރުން އޭނަ އެކަން ޙަވާލުކުރީ އާތިފާއެވެ. އެހެންކަމުން އާތިފް ދުވަސްދުވަހުން މިރްޒާން ގަނެދޭ ކުދިކުދި ޓީޝާޓްތަކާއި ކުޅޭ އެއްޗެހި މުޙްސިނަށް ދޭން އެގެއަށް ހިފައިގެން ދެއެވެ. ކޮންމެ ދުވަހަކު އެ ހަދިޔާ ދީފައި އާތިފް އޭނަ ކައިރިއަށް އައުމުން މުޙްސިން ކިހިނެއްތޯ މިރްޒާނަށް އަހާލެވެއެވެ. އަދި އެ ހަދިޔާ ލިބުމުން މުޙްސިން އުފާވިތޯ ސުވާލުކޮށްލެވެނީ ހިތާމަވެރި ހިނިތުންވުމަކާއެކީގައެވެ. މިގޮތުން އާތިފް ކޮންމެ ދުވަހަކުހެން މިރްޒާނަށް މުޙްސިންގެ ޚަބަރު ދެނީ އޭނަގެ އެކުވެރިޔާއަށްޓަކައި ދެރަވެފައިވާ ޙާލުގައެވެ. އެއްދުވަހަކުވެސް އޭނައަށް އެ ސުވާލުކޮށްލެވުނީ އެދުވަހު މުޙްސިނަށް އޭނަގެ ބައްޕަ ކިހާ ބޭނުންވާނެކަން އެނގި ކެތްނުވެގެންނެވެ.
“ދެން އެމީހުން ހަމަ މިއްޒޭ މުޙްސިން ކައިރިއަށް ދިޔަ ނުދެނީތަ؟ އަމްނާގެ ބައްޕަ ބުނީ ކީކޭ؟” އެދުވަހު އޮފީހުގެ ޓެރެސް މަތީގައި މިރްޒާނާއެކީ ހުރެ އާތިފް ސުވާލުކުރިއެވެ.
“ބައްޕަ ބުނީ އަމްނާއަށް އެހެންވީ ފަހުން މަންމަ ވެސް އުޅެނީ ބަލިވެއޭ. މަންމަގެ ހިތުގެ މައްސަލައެއް ހުންނާތީވެއޭ އެގޮތަށް އެ ވާހަކަ ދެކެވުނީ. އެހެންވެ ބައްޕައަށް ވެސް ރަނގަޅީ މިރްޒާން އެގެއަށް ނުދިޔުމޭ.” މިރްޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ކިޔައިދިނެވެ. އާތިފް ވަގުތުން ރުޅިވެރިކަމާއެކީ ޗޮއްކަނޑާލިއެވެ.
“ތިއީ ކޮންކަހަލަ ބައެއްތަ؟! އެމީހުން ކިހިނެއްތަ ޤަޞްދުގަ ބައްޕައާއި އޭނަގެ ދަރިފުޅު ވަކިކޮށްގެން އެތިބެނީ؟ އަހަރެން މިވޭތުވެދިޔަ ދެދުވަހެއްގެ މަތިން މިއްޒޭ ދެރަނުކުރަން މިއްޒޭ ކައިރި ދޮގެއް ހެދިޔަސް ދެން ނެތިން ފޮރުވާކަށް. މުޙްސިން ރަނގަޅެއްނޫން މިއްޒޭ. މުޙްސިން އުޅެނީ ބަލިވެ. ދެދުވަސް ވެއްޖެ މުޙްސިންގެ ހުން ފިނި ނުވެގެން އެމީހުން އުޅޭތާ. އަހަރެން އެގެއަށްދާ ކޮންމެ ފަހަރަކު އިވެނީ މުޙްސިން ރޯ އަޑު!” އާތިފް ދެރަވެފައިހުރެ ކިޔައިދިން ވާހަކައިން މިރްޒާނަށް އޭނައާއި ދިމާލަށް ބަލާލެވުނީ ބޮޑުވެފައިވި ދެލޮލާއި އެކީގައެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާނަށް އެތަނުން ދާން ހިނގައިގަނެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
މިރްޒާން ކާރަށް އަރައި ވަގުތުން މިޞްރާބުޖެހީ މާލެއަށް ގޮސް އަމްނާމެންގެ ގެއަށް ދިޔުމަށެވެ. އޭނަ އެގެއަށް ދިޔުމުން ވެދާނެ ގޮތަކާމެދު ވިސްނުމަށްވުރެ އެވަގުތު އޭނަގެ ސިކުނޑިވީ މުޙްސިންއާމެދު ކަންބޮޑުވެފައެވެ. ފެރީގައި މާލެއަށް ދެވުމާއެކު ޓެކްސީއެއްގައި ގޮސް އޭނަ އަމްނާމެން ގެއާއި ހަމަކުރިއެވެ. އަދި ޖެހިލުމެއްނެތި އެ ޢިމާރާތަށް ވަދެގެން ގޮސް އަމްނާމެން އުޅޭ ފަންގިފިލާއަށް ދިޔައެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އޭނަ އެދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވާލީ ގޭގެ މަސައްކަތުގައި އުޅޭ ބޭރު އަންހެނެކެވެ. އެ އަންހެން މީހާ އޭނައާއި ހިނިތުންވެލުމުން ފަރުވާލެއްނެތި މިރްޒާނަށް އެތެރެއަށް ވަދެގެން ދެވުނެވެ. ގެއަށް ވެރިވެފައިވި ހިމޭންކަމުން އެވަގުތު ގޭގައި އެކަކުވެސް ނެތްފަދައެވެ. އެހެނަސް އޭނަ ގެއަށް ވަންތާ މާ ގިނައިރެއްނުވެ ކޮޓަރިއަކުން ޅަ ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އެ އަޑު އިވިފައި އޭނަގެ ޙަޔާތުގައި ވެސް އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަހެއް ހަނދާނަށް އައުމުން އަނގައިން ނިކުތް ލުއި އާހަކާއެކީ މިރްޒާނަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު ނުހަނު ގާތުން އެތައް ދުވަހެއްފަހުން އޭނަގެ ދަރިފުޅުގެ އަޑު އިވުމުން މިރްޒާނަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭނަ ކަރުނަތަކުން ފުރެމުން ދިޔަ ދެލޮލާއެކީ ކުރިމަތިން ފެންނަމުން ދިޔަ އެނދުގެ ކައިރިއަށް ދިޔައެވެ. އެނދުގެ ތެރޭގައި އޮވެ ބާރަށް ރޮމުން ދިޔަ މުޙްސިން ފެނިފައި މިރްޒާން އާދައިގެ މަތިން މުޙްސިން އޭނަގެ އަތަށް ނެގިއެވެ. އެއަށްފަހު އެ ލޯބިލޯބި ކޯތާފަތަށް ބޮސްދީފައި އިވޭ ނުއިވޭ އަޑަކުން ‘ބައްޕަގެ ލޯބި’ އޭ ކިޔާލިއެވެ. ހަމަ އެ ހިނދު މުޙްސިންގެ ރުއިން ހުއްޓިގެން ދިޔުމުން މިރްޒާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. މުޙްސިން ޙަޤީޤަތުގައި ވެސް ވަރަށް ގަދައަށް ހުން އައިސްފައިވިކަން އޭނައަށް އެނގުންވީ އެ ހިނދެވެ. ވަގުތުން މުޙްސިން ޑޮކްޓަރަށް ދައްކާލަން ކަމަށް އޭނަ އަނެއްފަރާތަށް އެނބުރިލީ ވަގުތު ހުއްޓުން އެރިއެވެ. ކޮޓަރީގެ ދޮރުމަތީގައި ހުއްޓިހުރީ އަމްނާ ނޫން ދެވަނަ މީހެއްނޫނެވެ. އަމްނާ ހުރީ އެންމެ ފަހުން ވެސް އޭނައަށް އަމްނާ ފެނުނު ދުވަހު ހުރި ފަދައިން އޭނަ ފެނިފައި ބިރުގަނެ ސިހުންވެފައެވެ. މިރްޒާން ބެލިތާ މާ ގިނައިރެއްނުވެ އަމްނާ އަޑުގެ ކޮޅަށް މަންމާއޭ ކިޔާލި އަޑު އިވުނެވެ. އެއާއެކު މުޙްސިން ރޯން ފެށި ވަގުތު ވަގުތު ފިހާރައަށް ގޮސްފައި ގެއަށް އައި ހާޝިމާއި ޙަމީދާ އެތަނަށް އައެވެ. ޙަމީދާއަށް މިރްޒާން ފެނުމާއެކު ވަގުތުން ހަޅޭއްލަވަމުން އޭނަ ކައިރިއަށް އައެވެ. އެ ހިނދު އަމްނާ ރޮއިރޮއިފައި މަންމަ ޢަބްދު ﷲ ސަލާމަތްކޮށްދޭށޭ ކިޔަން ފެށުމުން އަމްނާއަށް ވިސްނައިދެވޭތޯ މިރްޒާނަށް މަސައްކަތް ކުރެވުނެވެ. އަމްނާގެ ނަމުން ގޮވައި މިއީ މިރްޒާންކަމަށް ބުނަމުންނެވެ. އޭނަ އަމްނާދެކެ ލޯބިވާ ކަމަށްބުނެ އަމްނާވެސް އޭނަދެކެ ލޯބިވާ ކަމަށް ބުނަމުންނެވެ. އެހެނަސް އެއިން އަމްނާގެ ރުއިން މަޑުވާ ގޮތެއްނުވިއެވެ. ބޮލަށް އުދަގޫވެގެން ކެތްނުވީ ޙަމީދާ މިރްޒާންގެ އަތުން މުޙްސިން ޖަހައިގަތެވެ. އަދި ވަގުތުން އެގެއިން ނިކުމެގެން ދިޔުމަށް އަމުރުކުރިއެވެ. ރޮމުން ދިޔަ އަމްނާ ހާޝިމްގެ ގައިގައި ހިފަހައްޓައިގެން ހުރުމުން ހާޝިމަށް ވެސް އެވަގުތު އެއްޗެކޭ ނުބުނެވުނެވެ. މިރްޒާން ނިކުންނަން ދިޔަ ވަގުތު އަމްނާ ވެސް ސަކަރާތްވެގެން ހޮޑުލެވުނު މަންޒަރު އޭނައަށް ފެނުނެވެ. އޭނަ އެތާނގައި މަޑުކުރަން ކިތަންމެހާވެސް ބޭނުންވިއެވެ. އޭނަގެ އެންމެ ގާތް ދެމީހުންގެ ރުއިމުގެ އަޑުއަހަން އޭނައަށް ކެތްނުވާތީވެއެވެ. އެ ރުއިން ހުއްޓުވަން ކޮންމެވެސް ކަމެއް ކޮށްދޭން އެދެވުނު ވަރުންނެވެ. އެހެނަސް އޭނަ ވަނީ އެދެމީހުންނަށްޓަކައި އެއްވެސް ކަމެއް ކޮށްދިނުމަށް ނުކުޅެދިފައިކަން އެނގުންވީ ވަގުތު މިރްޒާން ހިތާއި ދެކޮޅަށް ވެސް ފަހު ފަހަރު އަމްނާއާއި މުޙްސިނަށް ބަލާފައި އެތަނުން ދާން ހިނގައިގަތެވެ. އޭނައަށް ނޭނގުނު ކަމަކީ އެއީ ޙަޤީޤަތުގައި ވެސް އޭނައަށް އަވަސް މުސްތަޤްބަލެއްގައި އެމީހުން ފެންނަން އޮތް އެންމެ ފަހު ފަހަރު ކަމެވެ.
އޭގެ އަނެއްދުވަހު މިރްޒާން އޮފީހުގައި އޭނަގެ ކެބިންގައި އިންދާ ކެބިންއިން ނިކުންނަން މަޖުބޫރުވީ އޮފީސް ތެރެއިން މީހަކު ހަޅޭއްލަވާހެން ހީވުމުންނެވެ. އެ ހަރުއަޑުގެ ތެރެއިން މިރްޒާން ކޮބާހޭ އަހާލި އަޑު އިވުމުން މިރްޒާން ގޮނޑިން ތެދުވެލީ ހިތަށްވެރިވި ނާމާން އިޙްސާސްތަކާއެކީގައެވެ. ކެބިން އިން ނިކުމެ އޮފީހުގެ މެދުގައި އޮންނަ ހުސްބަޔާއި ހަމައަށް ދިޔަތަނާހެން އެތާ ރޮވިފައި ހުރި ހާޝިމް މިރްޒާނަށް ފެނުނެވެ. ހާޝިމްގެ ނަޒަރު މިރްޒާނަށް ހުއްޓުމާއެކު ހާޝިމްގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.
“އުފާވެއްޖެތަ މިހާރު؟ އިއްޔެ ކަލޭ އަހަރުމެން ގެއަށް ދިޔައިމަ އެގޭގަ ވެސް ހުންނަން ބިރުން އަމްނާ މުޙްސިން ގޮވައިގެން ގެއިން ނިކުމެގެން ގޮސްފި!” ހާޝިމް އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑަކާއެކީ އެހެން ބުނެލަމުން އަތުގައި އޮތް ގަނޑު މިރްޒާނާއި ދިމާލަށް އުކާލިއެވެ. ހާޝިމް ބުނި ވާހަކައާއިމެދު ވިސްނާލެވުމުން އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން މިރްޒާނަށް ހީވިއެވެ. ހަމަ އެހިނދު އޭނަ އޭނަގެ ފައި ކައިރިއަށް އައިސް ވެއްޓުނު ގަނޑު ނަގައި ކިޔާލިއެވެ. އެއީ އަމްނާގެ ތުރުތުރު އަޅާފައި ހުރި ލިޔުމުން ލިޔެފައިވި ސިޓީއެކެވެ. އެ ސިޓީއިން ވެސް ހާޝިމް ދެންމެ ދެއްކި ވާހަކަ ފެނިގެން ދިޔައުމުން ނޭވާލާން ވެސް ނޭނގިފައި މިރްޒާނަށް ހުރެވުނެވެ.
“ދެން އޭނަ ހޯދަން މަސައްކަތް ނުކުރާތި! ކަލޭ ފެނިފަ އަމްނާ އިތުރަށް ދުރަށް ދިޔުން ނޫންކަމެއް ނުކުރާނެ! އާދޭހެއް މިކުރަނީ!” ހާޝިމް ރޮވިފައިހުރެ ބުނެލިއެވެ. އެއަށްފަހު މިރްޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. އެވަގުތު މިރްޒާންގެ ހިތުތެރޭގައި ހައިޖާނެއް އުފެދުނެވެ. އޭނަ އޭނަގެ އަންހެނުންނާއި ދަރިފުޅު ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ހުންނާނީ ކިހިނެއް ހެއްޔެވެ؟ އަދި އެއީ ވެސް އޭނަ އެމީހުންނާއި ވަކިވީއިރު އެދެމީހުންވެސް ބަލިވެ އުޅެނިކޮށެވެ. އަމްނާއާއި މުޙްސިންވީ ކޮން ޙާލެއްގައިތޯ ހިތަށް އެރި ތަނާހެން އަތުގައި އޮތް ގަނޑު އުކާލަމުން އޮފީހުން ނިކުންނަން މިރްޒާނަށް ދުއްވައިގަނެވުނެވެ. މަންޒަރު ފެނުނު އާތިފް ވެސް އޭނައަށް ގޮވާލަމުން އޭނަގެ ފަހަތުން އައިކަން މިރްޒާނަށް އެނގުނެވެ.
މިރްޒާން އޮފީހުން ނިކުންނަމުން ވެސް ފުލުހުންނަށް ގުޅައި އަމްނާއާއި މުޙްސިން ހޯދުމަށްޓަކައި އެހީވުމަށް އެދުނެވެ. އެއަށްފަހު އެދެމީހުންގެ ފޮޓޯ ގޮސް ފުލުހުންނާއި ޙަވާލުކުރިއެވެ. އަދި އަމްނާގެ ގެ ހުންނަ ހިސާބުން ފެށިގެން އޭނަ ވެސް ފައިމަގުގައި ހިނގަމުން ކުރުވަމުން ދިޔަ ނޭވައަކާއެކީ އަމްނާއާއި މުޙްސިންގެ ފޮޓޯ އެކި މީހުންނަށް ދައްކަމުން އެމީހުން ދުށްތޯ އަހަމުން ދިޔައެވެ. އެ ޢިމާރާތުގެ ކައިރީގައި ހުރި ހުރިހާ ޢިމާރާތްތަކުގެ ތެރެއަށްވަދެ ވެސް ވަކިވަކި މީހުން ކައިރިން އެހުމުން ވެސް އެންމެން މިރްޒާނަށް ބޯހޫރުވަމުން ދިޔަ ގޮތުން އޭނަގެ ހިތް ބިރުގަންނަމުން ދިޔައެވެ. އޭނަގެ ފަހަތުން އައި އާތިފްގެ ޚިޔާލަކަށް މިރްޒާން އެއާރޕޯޓުން އެރޭ ފުރި މީހުންގެ މަޢުލޫމާތުވެސް ހޯދިއެވެ. އެހެނަސް އޭގެ ތެރެއިން ވެސް އަމްނާގެ ނަން ފެންނަން ނެތުމުން ދެންވެސް މިރްޒާން ހުއްޓާލުމެއްނެތި ދިޔައީ ބަނދަރު ކައިރިއަށެވެ. ބަނދަރު ކައިރީގައި ތިބި އެކި މީހުން ކައިރިން އަހަމުން ދަނިކޮށް އެކަކަށް އަމްނާ ފެނުނު ވާހަކަ ބުނުމުން މިރްޒާންގެ މޫނު އުޖާލާވިއެވެ. އެހެނަސް….
“އަހަރެން ދުށިން ތި އަންހެން މީހާ ތި ކުއްޖާއާއެކީ މިތަނުން ދޯންޏަކަށް އެރި މަންޒަރު ރޭ ދަންވަރު. އެކަމަކު އަހަންނަށް ޔަޤީނެއްނޫން ކޮން ދޯންޏަކަށްކަން އެރީ. ރޭގަ އެ ދޯނި އެކަންޏެއް ނޫން މިތަނުން ފުރީވެސް.” އެމީހާ އޮޅުމެއްގެ ތެރޭގައި ހުރެ މިރްޒާންގާތު ބުނެލިއެވެ. އެއާއެކު އެރޭ އެތަނުން ފުރި ދޯނިތަކެއް އެނގޭ މީހަކު ހުރިތޯ އޭނަ އުޅެއުޅެ ފެންނަ ގޮތެއްނުވިއެވެ. އެ ސުވާލުކުރުމުގެ ތެރޭގައި އަމްނާމެންގެ ފޮޓޯ ދައްކަމުން އެމީހުން އެރީ ކޯޗަކަށްތޯ ވެސް ތަކުރާރުކޮށް އެހެމުން ދިޔަ ގޮތުން މީހުން މިރްޒާނަށް ނުރުހުންތެރިކަމުން ފުރިފައިވި މޫނުތައް ދައްކަން ފެށިއެވެ. ވަކި ހިސާބަކުން މިރްޒާނަށް ކިޔޭ ނުކިޔޭ އެއްޗެއް އޭނައަށްވެސް ސާފުވާ ގޮތެއްނުވިއެވެ. ފަހަތުން އާތިފް އޭނަގެ ކޮނޑުގައި އަޅައި އޭނަގެ ނަން ކިޔަމުން ދިޔަކަން އެނގުނެއްކަމަކު މިރްޒާނަށް އޭނައަށް ޖަވާބެއް ނުދެވުނެވެ. އެންމެ ފަހުން އޭނަގެ މޫނަށް އަނދިރިވާން ފެށިހެން ހީވިތާ މާ ގިނައިރެއްނުވެ އޭނަގެ ކަކޫ ބިންމައްޗަށް ތިރިވިއެވެ. އޭނަގެ ދެލޯ މެރެން ފެށި ވަގުތުވެސް އަމްނާއާއި މުޙްސިން ކޮބައިތޯ ހިތަށްއެރި ވަގުތު އޭނައަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.
**
އެދުވަހު އެ ލެވި ހަޅޭކުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމާލިހެން ހީވި މިރްޒާން މޭޒުކައިރީގައި އިނދެވެސް ސިހުންވިއެވެ. އެ ހިނދު އޭނަގެ ލޯ އެދުވަހު ދުޅަވެފައިވީވަރަށް ދުޅަވެފައިވީއިރު އޭނަގެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި އުފެދިފައިވީ ހަމަ އެ ރިހުމެވެ. 15 އަހަރު ވޭތުވީއިރު ވެސް އޭނަގެ ހިތް ތަކުރާރުކޮށް ކުރަމުން ދަނީ އެންމެ ސުވާލެކެވެ. އަމްނާއާއި މުޙްސިން ކޮބައިތޯއެވެ.
ނުނިމޭ
Bubbly girl
June 11, 2021 @ 6:32 pm
Hama rovijje 😭