Hijra (Part 1)
ކުލާސްތެރޭގައި ހުރި މުދައްރިސް އަތްމަތީގައި އޮތް ފޮތެއް ބަލައިގެން ބޯޑުގައި އެއްޗެއް ލިޔަމުން ގެންދިޔައެވެ. ކުލާހުގައި ތިބި ކުދިން އެ ލިޔެވޭ އެއްޗެއް ފޮތްތަކަށް ނަގަމުން ދިޔައިރު އެމީހުންގެ މެދުގައި އެކިއެކި ވާހަކަތައްވެސް ދެކެވެމުން ދިޔައެވެ. އެއްބަޔަކު މިއީ ހާދަ ފޫހި ގަޑިއެކޭ ބުނަމުން ދިޔައިރު އަނެއްބަޔަކު ކޮންމެވެސް ކަމަކާ ހޭން ތިއްބެވެ. ކުލާހުގެ އެންމެ ފަހަތު ބަރީގައި ތިބި އަންހެން ކުދިންތައް އޮލަ ވާހަކައެއްގައި ތިއްބެވެ. އެހެން ދުވަސްތަކަކާ ޚިލާފަށް މިއަދު އަފްރީން އިނީ އެ ބަރީގައެއްނޫނެވެ. އަފްރީން އިނީ އެންމެ ކުރީ ބަރީގައި އަވަސްއަވަހަށް އޭނަގެ މަސައްކަތް ނިންމާށެވެ. މަސައްކަތުގެ ތެރެއިން އޭނަ ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު އިރުއޮއްސި ހައެއްޖަހައިފިއެވެ. ހަމަ އެވަގުތު ރަނގަބީލުގެ އަޑު އިވުނުތަނާ އަފްރީންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނަ ފޮތް ލައްޕާލިތަނާ މުދައްރިސް ފަސްއެނބުރި ބަލާލައިފިއެވެ.
“ފިލާވަޅު ނުނިންމާ އެއްވެސް ކުއްޖަކު ގޮސްގެންނުވާނެ!” އިނގިރޭސި ބަހުން މުދައްރިސް އިއްވާލިއެވެ. ހަމައެއާއެކު ބައެއްކުދިން ޗޮއްކަނޑާލި އަޑު އިވުނެވެ. އަފްރީން ވަގުތުން ފޮތް ހުޅުވައި މުދައްރިސަށް ދައްކާލިއެވެ. މުދައްރިސް ބޯ ހަލުވާލުމުން އަފްރީން އަނެއްކާވެސް ފޮތް ލައްޕައި އަތުގައި އޮތް ފަންސުރާއެކީ އޭތި ދަބަހަށް ވައްޓައި ޒިބު އަޅުވާލިއެވެ. އެއްކޮނޑުގައި ދަބަސް އަޅުވާލަމުން އަފްރީން ދިގު ފިޔަވަޅުތަކެއްގައި ކުލާހުން ނިކުންނަން ދިޔައެވެ.
“އަފޫ!” ފަހަތު ބަރީގައި ތިބި އަންހެން ކުދިންގެ ތެރެއިން ގޮނޑިން ތެދުވެފައި ހުރި ނައުފާ ގޮވާލުމުން ވެސް އަފްރީން ބަލައެއްނުލިއެވެ.
ކޮރިޑޯ ތެރެއިން ހިނިތުންވުމަކާއެކީ ބާރަށް ހިނގާފަ ދިޔަ އަފްރީންގެ ދިގު ފިޔަވަޅުތައް ދުވުމަކަށް ވެސް ބަދަލުވަމުން ދިޔައެވެ. އެހެންކަމުން ފަހަތުން އައި ނައުފާއަށް އޭނައާއި އެއްހަމަ ކުރެވުނީ ދުވެފައި އައިހެވެ.
“އަފޫ ކިހިނެއްވެގެންތަ މިއަދު ތިއުޅެނީ؟ އަހަރެންނަށް ވެސް ދޯކާދީފަ ފަސްޓް ރޯއަށް މިއަދު ގޮއްސަ ހުރީ.” ނައުފާ އަފްރީން އާއި އެއްވަރަށް ހިނގަމުން ޝަކުވާގެ ރާގަކަށް ބުންޏެވެ. އެވަގުތު އެހެން ކުލާސްތަކުން ވެސް ކުދިން ނިކުންނަމުން ދިޔައީތީ ކޮރިޑޯތެރެ އަޑުގަދަވެފައިވިއެވެ
.
“ހެހެހެ…..ފަސްޓް ރޯއަށް ދިޔައީ މަސައްކަތް ނިންމޭތޯ ބަލަންވެގެން. ނައުމެންނަށް ވާހަކަ ދައްކަމުން ފިލާވަޅު ނިންމުނަސް އެއީ އަހަންނަށް ވާނެ ކަމެއްނޫން. ޕްލަސް މިއަދު ދޮންތަ އެބައާދޭ!” އަފްރީން ފޯރިއާއެކީ އެހެން ބުނެލަމުން ތޫލި އަޑެއް ލައްވާލިއެވެ.
“އޯވް…..އެހެންވެދޯ އަވަސް އަރުވާލައިގެން ތި އުޅެނީ؟” ނައުފާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފްރީން ހޫނލައްވާލިއެވެ.
.
ވަކި ހިސާބަކުން ސްކޫލް އޮފީހަށް ވަދެގެން ދިޔަ ނައުފާއާ ވަކިވެ އަފްރީންއަށް ސްކޫލްގެ ގޭޓާއި ހަމައަށް ދެވުނުއިރު ސީދާ އެ ގޭޓުގެ ކުރިމަތީގައި އަޅިކުލައިގެ ޖިޕެއް އޮތެވެ. އެ ޖިޕް ފެނުމާއެކު އަފްރީން އެއާއި ދިމާލަށް ދުވެފައި ގޮސް އޭގެ ކުރީ ސީޓަށްއެރޭ ދޮރު ހުޅުވާލިއެވެ.
“ޔުނިފޯމް ބަދަލުކޮށްގެންދާނެ ވަގުތެއްނެތް އިނގޭ؟” އަފްރީން ޖިޕަށް އަރައި ދޮރު ލައްޕާލި ވަގުތު ކުރީ ސީޓުގައި އިން އޭނަގެ ބައްޕަ ޝަރީފް ބުނެލިއެވެ.
“ދޮންތައާނުލާ ގެއަށްދާކަށްވެސް ނުއުޅެން ދެނެއް.” އަފްރީން ސީޓުގައި ހަމަޖެހެމުން ބުނެލިއެވެ. ޝަރީފް އަފްރީންއަށް ބަލަންހުރެ ލުއިގޮތަކަށް ހީލަމުން ޖިޕު ދުއްވާލިއެވެ.
ޝަރީފް އެހެން ބުންޏެއްކަމަކު އަފްރީންއާއެކީ އެއާރޕޯޓަށް ދެވުނުތާ ދިހަ މިނެޓު ހިނގިއިރުވެސް ފްލައިޓެއް ނުޖައްސައެވެ. ޝަރީފް ކިތަންމެ ނޫންކަމަށް ހަދައިގެން ހުއްޓަސް ޙަޤީޤަތަކީ ޝަރީފްވެސް އަފްރީންއާ އެއްވަރަށް ކެތްމަދުވެފައި ހުރިކަމެވެ. އޭނަގެ ދޮށީ އަންހެން ދަރިފުޅުކަމަށްވާ ނަސްރާ ދެކިލުމަށްޓަކައެވެ. މިއަދަކީ ނަސްރާ ފަސް އަހަރުގެ ދިގު މުއްދަތެއްގެ ޓީޗިންގް ކޯހަކަށްފަހު ސައުދީ އަރަބިޔާއިން އަނބުރާ ރަށަށް އަންނަ ދުވަހެވެ. ނަސްރާ ދިޔަ ދުވަހުއްސުރެ ޝަރީފަށް އޭނަގެ އުނިކަން އިޙްޞާސްކުރެވުނީ ހީކުރިވަރަށްވުރެވެސް ބޮޑަށެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ނަސްރާމެންގެ މަންމަ އާބިދާ މި ދުނިޔެ ދޫކޮށްފައިވަނީ ނަސްރާގެ އުމުރު ފުރާވަރަށް އެޅިގެން އުޅެނީހެވެ. އޭރު އަފްރީންއަށް އެންމެ ތިން އަހަރު ވީއިރު ޢާއިލާގެ އެންމެ ދޮށީ ދަރިފުޅު ކަމަށްވާ އަފްރާޒްއަށް ސަތާރަ އަހަރެވެ. އާބިދާގެ މަރު ވެގެން ދިޔައީ މުޅި ޢާއިލާއަށް އައި ލޮޅުމަކަށެވެ. ޝަރީފް ހިންގާ ވިޔަފާރިންވެސް އެދުވަސްކޮޅު ގިނައިން ލިބެމުން ދިޔައީ ގެއްލުމެވެ. ވިޔަފާރީގެ ކަންތައްތަކުގައި އުޅެމުން ކުދިން ނުބެލޭތީ ޝަރީފް އާބިދާގެ ދައްތަ ޝަކީލާގެ އެހީ ހޯދަންޖެހުނެވެ. މި ދަތިތަކާއެކީ ވެސް އޭގެއިން އެއްވެސް ކުއްޖެއްގެ ތަޢުލީމަށް އަސަރުކުރި ކަމަކަށް ނުވެއެވެ. ސަބަބަކީ އެ ތިން ކުދިންނަކީވެސް ތޫނުފިލި އަދި ކިޔެވުމަށް ޝައުޤުވެރިކަން ބަހައްޓާ ކުދިންނަށް ވާތީވެއެވެ. އަފްރާޒްއަށް އޭލެވެލްގައި ލިބުނު ރަން ވަނަތަކެއްގެ ސަބަބުން އޭނައަށް ސަރުކާރުގެ ފަރާތުން ސްކޮލާރޝިޕެއް ލިބުނެވެ. އޭނަ ސައުދީ އަރަބިޔާއަށް ކިޔަވަން ދިޔައީ އެ ސްކޮލާރޝިޕްގެ ދަށުންނެވެ. އަފްރާޒް ދިޔަތާ އަހަރުތަކެއް ފަހުން ނަސްރާވެސް ފުރައިގެން ދިޔައެވެ. އޭގެ ފަހުން ގެއަށްވެރިވީ އާދަޔާ ޚިލާފު ފަޅުކަމެކެވެ. ގިނަފަހަރު އަފްރީންގެ ކަންތައް ބަލައި ހަދަންޖެހުނީ ޝަރީފަށެވެ. ޝަކީލާއަށް އޭނަގެ އަމިއްލަ ގޭގެ ކަންތަކުން އަވަދިނުވާތީވެއެވެ. ނަމަވެސް އެއީ މާޒީއެވެ. މިއަދު އެ ކުޑަކުޑަ އަފްރީންވެސް ވަނީ ބޮޑު އަންހެން ކުއްޖަކަށްވެފައެވެ. ޝަރީފްގެ ވިޔަފާރިވެސް ވަނީ މުޅި ރަށުން ހޮވާލެވޭފަދަ ވިޔަފާރިއަކަށްވެފައެވެ. އަދި އަމުދުން މިއަދު ނަސްރާ އައުމުން އެ ޢާއިލާގެ އުފާވެރިކަން ފުރިހަމަ ވާނެކަމަށް ޝަރީފްގެ ހިތް ބުންޏެވެ.
“ބައްޕާ ފްލައިޓް!” ޚިޔާލެއްގެ ފުންކަނޑަށް ގެނބެމުން ދަނިކޮށް ޝަރީފް ސިހިގެން ދިޔައީ އަފްރީން އޭނަގެ އަތުގައި ހިފައި ތަޅުވާލުމުންނެވެ. އެއާއެކު ޝަރީފަށްވެސް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ އެއާރޕޯޓުގައި އަޑުގަދަވެގެން ދިޔަ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ދެންމެ ޖެއްސި ފްލައިޓް ބާރު ސްޕީޑެއްގައި ރަންވޭމަތިން ދިޔަތަން ޝަރީފަށް ފެނުނެވެ.
“އޯ މައި ގޯޑް އޯ މައި ގޯޑް އޯ މައި ގޯޑް!” ޝަރީފް ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮއްލި ވަގުތު އަފްރީން ދެއަތް ޖޯޑުކޮށް ފުއްމަމުން އެހެން ކިޔަމުން ދިޔައެވެ.
ނަސްރާ އެއާރޕޯޓުން ނިކުންނާނެ އިރެއްގެ އިންތިޒާރުގައި އަފްރީންއަށް ހުރެވުނީ ޓާމިނަލްގެ ކޮޅުގައި ހުރެ ދެކޮޅުން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝަރީފްވެސް ދުރުގައި ހުއްޓި ދެޖީބަށް އަތްޖަހާލައިގެން ހުރީ އޭނަގެ ޝުޢޫރުތައް ކޮންޓްރޯލް ކޮށްގެނެވެ. އެދެބަފައިން އެހެން ތިއްބާ ކުއްލިއަކަށް އެދެމީހުންގެ ނަޒަރު ފަސިންޖަރުން ނިކުންނަ ގޭޓަށް ހުއްޓުނީ އެ ގޭޓް ހުޅުވުމުންނެވެ. އަފްރީން ފިޔަވަޅުތައް މަޑުޖައްސާލަމުން އެދިމާލަށް ބަލާލީ އެސްފިޔަ ނުޖަހަން ހުވާކޮށްގެން ފަދައެވެ. މީހުންތައް ނިކުންނަން ފެށުމުން އަފްރީންއަށް ދެލޯ ބޮޑުކޮށްގެން އެދިމާލަށް ބަލަހައްޓައިގެން ހުރެވުނީވެސް ކުޑަކޮށް އަނގަ ހުޅުވައިގެންނެވެ. އަފްރީން އޭނަގެ ކަޅި ދެފަރާތަށް ދެފަރާތަށް ހިންގަ ހިންގާ ހުއްޓާ ކުއްލިއަކަށް މީހަކު އަފްރީންގެ ދަތްދޮޅީގައި ޝަހާދަތް އިނގިލި ޖައްސައި އޭނަގެ އަނގަ ލައްޕައިފިއެވެ. ޙައިރާންކަމެއް ލިބިގެން އަފްރީން ވާތް ފަރާތަށް ބަލާލީ އެއީ ކާކުތޯ ބެލުމަށްޓަކައެވެ. އެވަގުތު އޭނަ ކައިރީގައި ހުއްޓިހުރީ ދެލޯ ފިޔަވައި އެހެން ހުރިހާ ތަނެއް ކަޅުކުލައިގެ ފޭރާމުން ނިވާކޮށްގެން ހުރި އަންހެން ކުއްޖެކެވެ. އެ ކުއްޖާގެ އިސްކޮޅު އަފްރީންއަށްވުރެ ކުޑަ ތަންކޮޅެއް ދިގެވެ. އޭނަގެ ދެލޯ ހަނިވެފައިވި ގޮތުން އޭނަ ހުރީ ހިނިތުންވެލައިގެންކަން އަފްރީންއަށް ނަގައިގަނެވުނެވެ. އެއީ ކާކުކަން އަފްރީންއަށް ނަގައިގަންނަން އިރުކޮޅެއްނެގިއެވެ.
“އޯ މައި….ދޮންތާ!” ކާކުކަން ނަގައިގަނެވުމާއެކު އަފްރީންއަށް އެ އަންހެން ކުއްޖާގެ ގައިގައި ބައްދާލެވުނެވެ. އެ އަންހެން ކުއްޖާވެސް އިރުކޮޅަކު ހުރުމަށްފަހު އަފްރީންގެ ގައިގައި ބައްދާލިއެވެ..
އަފްރީންގެ ބުރުގާގެ މަތިން އޭނަގެ ބޮލުގައި ފިރުމަމުން ނަސްރާއަށް ދުރުގައި ހުރި ޝަރީފަށް ބަލާލެވުނެވެ. ޝަރީފް ހިތާމަވެރިކަމާއި އުފާވެރިކަން އެކުލެވޭފަދަ ހިނިތުންވުމެއް ނަސްރާއަށް ހަދިޔާކުރިއެވެ. ނަސްރާވެސް ހިނިތުންވެލީކަމަށް އޭނަގެ ލޯ ޢިޝާރާތްކުރިއެވެ.
“ދޮންތާ….އައި މިސްޑް ޔޫ ސޯ މަޗް….އެއީ ދޮގު، އެހާވަރަކަށް މިސްއެއްނުވޭ.” އަފްރީން ނަސްރާގެ ގައިން ދޫކޮއްލަމުން ބުނެލީ ތެދަކަށް ވިޔަސް އޭނަ އެވާހަކަ ދޮގު ކޮއްލިއެވެ.
“ހޫމް، އެބަ އިނގޭ މިސްއެއް ނުވާކަން، ނުވެސް އެނގުނެއްނު؟” ނަސްރާ މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
“ކިހިނެއް އެނގޭނީވެސް؟ ސީދާ ސައުދީގެ ކުއްޖެއް ގޮތަށްވިއްޔާ ތިއައީ.” އަފްރީން ބުނެލި ވާހަކައިން ނަސްރާގެ ގާތަށް ކުޑަކޮށް ހިނިއައެވެ..
“ދޮންބެ ދިޔަތަ ނަސްރާ ފުރުވަން؟” ޝަރީފް ސުވާލުކުރުމުން ނަސްރާއާއެކު އަފްރީންއަށްވެސް އެދިމާލަށް ބަލާލެވުނެވެ.
“ލައްބަ.” ނަސްރާ އެއްފަހަރު ބޯޖަހާލަމުން ބުނެލިއެވެ.
“ދެން ހިނގާ އަވަހަށް!” އަފްރީން ނަސްރާގެ އަތަށް ދަމާލަމުން ބުނެލިއެވެ. ނަސްރާ ހީލިވަގުތު ޝަރީފް ނަސްރާގެ ފޮށި ނެގުމަށް އަވަސްވެގަތެވެ.
ޝަރީފްގެ ޖިޕް ގޮސް މަޑުކޮއްލީ ބޮޑު، ތަނަވަސް ގެއެއްގެ ކުރިމައްޗަށެވެ. ދެ ބުރިއަށް ނަގާފައިވާ ގެއަކަށް ނުވިއަސް އެއީ ބޮޑު ގޯއްޗެކެވެ. ޖިޕުން އެންމެ ފުރަތަމަ ފޭބީ އަފްރީންއެވެ. އަފްރީންގެ ފަހަތުން ނަސްރާވެސް ފައިބައި އެ ގޭގެ ގޭޓު ކައިރިއަށް ހުއްޓިލިއެވެ. އެއީ ނަސްރާގެ އިސްކޮޅާއި އެއްވަރުގެ ފާރެއްގެ މެދުގައި ހުރި ގޭޓެކެވެ. ނަސްރާއަށް އެ ގޭޓު ކައިރީގައި ހުރެ ގޭގެ ތެރެއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ދިޔަފަހުން އެގެއަކަށް ވަކި މާބޮޑު ބަދަލެއްނާދެއެވެ. އެގޭގެ ފެންޑާގައި އޮންނަނީ ހަމަ އެތަޅުންގަނޑެވެ. ތަޅުންގަނޑުގެ އެއްފަރާތުގައި އެ ތަޅުންގަނޑު އެޅުމުގެ ކުރިންވެސް އެތާހުރި އަނބުގަސް އަދިވެސް އެބަހުއްޓެވެ. ފެންޑާ ފަހަނަޅާފައި ގޮސް ދެވެން ހުރި ގޭގެ މެދުގައި ހުރީ ހަމަ އެ އާދައިގެ ދޮރެވެ. ބަދަލުވެފައިވަނީ އެ ދޮރާއި ކައިރީގައި ހުރި ކުޑަދޮރުތަކުގެ ކުލަތަކެވެ. އޭގެ އިތުރަށް ނަސްރާއަށް އާ ކަމަކަށްވީ އަނބުގަހުގެ ގޮތްޕެއްގައި އެލުވާފައިވާ އުނދޯއްޔެވެ. ނަސްރާ ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަށް ގެއްލިފައި ހުއްޓާ ސިހިގެން ދިޔައީ އޭނަގެ ފައިގައި އެއްޗެއް ޖެހުނުހެން ހީވުމުންނެވެ. ނަސްރާ ތިރިއަށް ބަލާލި ވަގުތު އެގޭގަ އޮންނަ ހުދުކުލައިގެ ބޭރު ބުޅާ އޮތީ އޭނަގެ ވާތު ފައިގައި ހިފަހައްޓައިގެންނެވެ. އެތައް ދުވަހެއްފަހުން އޭތިވެސް ފެނުމުން ނަސްރާގެ ހިތް ލޯބިން ފުރިގެންއައެވެ. އޭނައަށް މޫނުފޮތިކޮޅުގެ މަތިން އަނގަމަތީގައި ދެއަތް އަޅާލެވުނެވެ.
“ހެހެހެ….މީނަވެސް އޮތީ ދޮންތަގެ އިސްތިޤްބާލުގަ.” ނަސްރާގެ ކައިރިއަށް އައިސް ހުއްޓުނު އަފްރީން ބުނެލިއެވެ. ޝަރީފް ނަސްރާގެ ދަބަސް ހިފައިގެން އައިސް އެތެރެއަށް ހިނގާށޭ ބުނެލީ އެވަގުތެވެ. އެއާއެކު ތިން މީހުން އެކީގައި ގެއަށް ވަދެގެން ދިޔައެވެ.
ނަސްރާއަށް އޭނަ ވަރުބަލިވެފައިހުރި ވަރު އިޙްޞާސް ކުރެވުނީ އޭނައަށް އޭނަގެ ބޮޑު އެނދު ފެނުނު ވަގުތެވެ. އޭނަ ވަގުތުން ދުވެފައި ގޮސް އޭގެ މައްޗަށް ބަންޑުންވާން ބޭނުންވިއެވެ. ނަމަވެސް ކެތްކޮއްލީ އޭނަގެ ފަހަތުން އައި އަފްރީން އަދިވެސް އޭނައާއި ވާހަކަ ދައްކަދައްކައި ހުރީތީވެއާއެކު ޝަރީފްވެސް އޭނަގެ ފޮށިތައް ހިފައިގެން އައިސް ކޮޓަރީއަށް ވައްދަމުން ދިޔައިތީވެއެވެ. ނަސްރާ ހުރީ އެދެމީހުންނަށްވެސް ފުރަގަސްދީ ނިދިބަރުވެފައިވާ ދެލޮލާއެކު ކޮޓަރިއަށް ނަޒަރު ހިންގައި އެކޮޓަރީގެ ވެސް އެހާރާއި މިހާރު ހިތާހިތުން އަޅައި ކިޔަމުންނެވެ.
“އަފޫ މިހާރު ދޮންތަ ހުންނާނީ ވަރުބަލިވެފައޭ. ފަހުން ވާހަކަ ދައްކާނީ. މިހާރު އާދޭ….” ޝަރީފް ނަސްރާގެ ފޮށި ބަހައްޓާފައި ކޮޓަރީގެ ދޮރުކައިރީ ހުރެ އަފްރީންއަށް ގޮވާލިއެވެ. އަފްރީން ޝަކުވާގެ ރާގަކަށް ދެނޭ ކިޔަމުން ޝަރީފަށް ޝަކުވާގެ ނަޒަރެއް ދިނެވެ. ނަސްރާ އިރުކޮޅަކު ހުރުމަށްފަހު ފަސްއެނބުރެމުން އޭނަގެ މޫނުފޮތިކޮޅު ނަގާލިއެވެ. އެއަށްފަހު ބަލި ގޮތަކަށް ފުން ނޭވައެއްދޫކޮއްލުމަށްފަހު ޝަރީފާއި އަފްރީނަށް ވެސް ވާގޮތަށް ހިނިތުންވުމެއް ހަދިޔާކޮއްލިއެވެ. އެވަގުތު ބަލަން ހުރި މީހަކަށް ހީވެގެންދާނީ އެ އަލި މޫނުން މުޅި އެތަންވެސް އަލިވެގެން ދިޔައީހެންނެވެ. ނަސްރާއަށް ލިބިފައިވަނީ ހިތުގެ ބަށްޓަމައްވާ މޫނެކެވެ. އެދެލޯ ޢިޝާރާތް ކުރަމުން ދިޔައީ މައުސޫމްކަމަށާއި ހިތްތިރިކަމަށެވެ. އެ ލުއި ހިނިތުންވުން ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ފިނިކަމެއް ލިބޭނެއެވެ. މިހުރިހާކަމެއްވެސް ޝަރީފަށް ހަނދާންކޮށްދިނީ އާބިދާގެ މަތިންނެވެ. ނަސްރާ އޭނަގެ މަންމައާ ވަރަށްވެސް ވައްތަރެވެ.
“ޖަޒާކައް ﷲ ޚައިރަން ބައްޕާ، ފޮށި ބަހައްޓައިދިން ކަމަށްޓަކައި…..އަފޫ ޔުނިފޯމް ބަދަލުކޮށްގެން ވުޟޫކޮށްލައިގެން އާދޭ ނަމާދަށް. މަޣުރިބް ނަމާދަށް ބަންގި ގޮވާކަށެއްނު މިހާރު އުޅޭނީ؟” ނަސްރާ ހަމަ އެހިނިތުންވުމުގައި ހުރެ އޭނަގެ މަޑުމައިތިރި އަޑުން ބުނެލިއެވެ. ނަސްރާގެ ވާހަކަ ހުރިގޮތުން ޝަރީފްގެ މޫނުމައްޗަށް ހަމަޖެހުން ވެރިވީއިރު އަފްރީން ހުރީ ޤަބޫލުނުކުރެވިފައި ކަހަލަ ގޮތަކަށް ބޯއަރިކޮށްގެން އަނގަ ހުޅުވައިގެން ނަސްރާއަށް ބަލާށެވެ. އޭނަ އިރުކޮޅަކު ހުރުމަށްފަހު ނަސްރާގެ ކައިރިއަށް ގޮސް ނަސްރާގެ ނިތުގައި އަތުގެ ނުފުށް ޖައްސާލިއެވެ.
“ދޮންތާ އާރ ޔޫ އޯކޭ؟ މަޣުރިބް ނަމާދަށް ބަންގި ގޮވަންވެސް އަދި ދިހަ މިނިޓު އެބަހުރި…..ދޮންތައެއް ނޫންތަ ބުނެއުޅުނީ މަޣުރިބް ނަމާދު ކުރާނީ ޢިޝާ ނަމާދާ އެކީގައޭ؟ އަދި ޢިޝާ ނަމާދުޖެހެން ކިހާ ވަގުތެއް އެބައޮތް؟ މި ވަގުތުކޮޅުގެ ތެރޭގަ ދޮންތަ އަހަންނަށް…..” އަފްރީންގެ ވާހަކަ މެދުކެނޑުނީ ނަސްރާ އޭނަގެ ދެކޮނޑުގައި ހިފައި އަފްރީންގެ ނަމުން ގޮވާލުމުންނެވެ. އަފްރީން ނަސްރާގެ މޫނަށް ބަލާލިއެވެ. އެވަގުތު ނަސްރާގެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. ވީ މުޅިންވެސް ސީރިއަސްކަމެވެ. ދުރުގައިހުރި ޝަރީފްގެ މޫނުމަތީގައިވެސްވީ ހަމަ އެފަދަ އަސަރެކެވެ.
“އަފްރީން….އެއީ ގޯހެއް. ކޮންމެ ނަމާދެއްވެސް ކުރަންޖެހޭނީ ހަމަ އެނަމާދެއްގެ ވަގުތުގަ. ނަމާދަކީ އަހަރުމެންނަށް މި ދުނިޔޭގައި ކުރެވޭނެ އެންމެ ރަނގަޅުކަން. އެކަމަށްޓަކައި ގޮވުމުގެ ކުރިން އެކަންކުރުމަށް ތައްޔާރުވެގެން ހުރުމުގައި ކޮބައިތަ ނުބައަކީ؟” ނަސްރާ ނަޞޭޙަތުގެ ރާގަކަށް ވާހަކަ ދެއްކިއެވެ.
“ބަޓް މުހިންމީ ނަމާދު އަދާކުރުމެއްނު؟ ހަމަ ޢިޝާ ނަމާދާ ކައިރިކޮށްފަ ވެސް އަދާކުރެވި….” އަފްރީންގެ ވާހަކަ މިފަހަރު މެދުކަނޑާލީ ޝަރީފެވެ.
“އަފްރީން ވާހަކަ ދިގުނުކޮށް ދޮންތަ ބުނާ ގޮތަށްހަދާ.” ޝަރީފް އަފްރީންގެ ނަން ފުރިހަމައަށް ބުނެލި ގޮތުން އެ ހަރުކަށިކަން އަފްރީންއަށް އިޙްޞާސް ކުރެވުނެވެ. އޭނައަށް އިތުރު އެއްޗެކޭ ބުނަން ނުކެރުނީ އެހެންވެއެވެ. އޭނަ ނަސްރާ ގާތު އެބައަންނަމޭ ބުނެލުމުން ނަސްރާ ބޯޖަހާލިއެވެ. އަފްރީން ޖެހިލުންވެފައިހުރެ ޝަރީފްއާއި ވީފަރާތަށް ފަސްއެނބުރިލިއެވެ. ކުރިމައްޗަށް ބަލާލުމާއެކު ޝަރީފްގެ ސީރިއަސް މޫނު ފެނިފައި އަފްރީންއަށް އިސްޖަހާލެވުނެވެ. އަދި ޖެހިލުންވެހުރެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީން ދިޔުމުން ޝަރީފް ނަސްރާއަށް ބަލާލިއެވެ. ޝަރީފް އޭނަގެ ސީރިއަސް މޫނަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ބެލިއެވެ.
“އަވަހަށް ވަރުބަލި ފިލުވައިގެން ކާން އާދޭ އިނގޭ.” ޝަރީފް ބުނެލިއެވެ. ނަސްރާ އަނެއްކާވެސް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އޭގެ އިރުކޮޅެއްނުވެ ޝަރީފް އެކޮޓަރިން ނިކުންނަމުން ދޮރު ލައްޕާލިއެވެ. .
އެރޭގެ މަޣުރިބު ނަމާދާއި ޢިޝާ ނަމާދުވެސް އަފްރީންއާއި ނަސްރާކުރީ އެކުއެކީގައެވެ. މަޣުރިބް ނަމާދަށްފަހު އަފްރީން ދާން އުޅުމުން ނަސްރާ އޭނަ މަޑުކުރުވިއެވެ.
“އަފޫ ދެކޭގޮތުގަ ނަމާދު ވަގުތުން ނުކުރިއަސް އެއީ މާބޮޑު މައްސަލައެއްނޫންދޯ؟” ނަސްރާ އަހާލިއެވެ.
“ޔާ…އޭޒް ލޯންގް އޭޒް ދެން އަންނަ ނަމާދަށްވުރެ ކުރިން އެނަމާދު ކުރެވެންޏާ އެއީ މާބޮޑު މައްސަލައެއް ނޫނެއްނު؟” އަފްރީން ބުނެލިއެވެ. ނަސްރާ އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
“އަފޫއަށް ކީއްވެގެންތަ ވަގުތުން ނަމާދު ނުކުރެވެންވީ؟ އަފޫގެ އެއްދުވަހުގެ ޝެޑިއުލް ކިޔާލަދީބަލަ ދޮންތައަށް.” ނަސްރާ ސުވާލުކުރިއެވެ.
“ވެލް، ފުރަތަމަ ފަތިހު ފަހެއްޖަހާއިރު ތެދުވެގެން ސްކޫލަށްދާން ތައްޔާރުވެގެން ތެޅެމުން ފަތިސް ނަމާދު ކޮށް ސައިބޮއިގެން ދުވެފަ ދާނީ ސްކޫލަށް. ދެން ޓުވެލް ތާޓީއިން ގެއަށް އައިސް ފްރެޝްވެލައިގެން ކައިގެން ހޯމްވޯކް ހަދާނީ. އެކަމަކު އޭގެ ކުރިން ކުޑަކޮށް އެފްބީއަށް ވަދެލާފަ އިނގޭ އެއީ….” އަފްރީން އެންމެ ފަހު ވާހަކަ ބުނެލީ ހެމުންނެވެ.
“ދެން ކޮބައިތަ މެންދުރު ނަމާދު؟” ނަސްރާ އަހާލިއެވެ.
“އެއީ މަސައްކަތް ހުންނާތީއޭ ނަމާދުނުކޮށް މަސައްކަތް ފަށަނީ. ދޮންތައަށް ނޭނގޭނެ ޓެންއަށް އައިފަހުން ބައިވަރު މަސައްކަތްތައް ހުރޭ. އަދި އަނެއްކޮޅުން އަނެއްކާ ހަވީރު އެކްސްޓްރާއަށް ދާންޖެހޭ.” އަފްރީން ކިޔައިދިނެވެ.
“އެހާ ވަރަށް މަސައްކަތް ހުންނާތީތަ ނަމާދުނުކޮށް ގޮސް އެންމެ ފުރަތަމަ އެފްބީއަށް ވަންނަނީ؟” ނަސްރާގެ އެވާހަކައިން އަފްރީންގެ ބަސްހުއްޓުނެވެ. އޭނައަށް ޙަޤީޤަތުގަވެސް ވަކި އެހާ ވަގުތެއްނުވަނީއެއް ނޫންކަން ކުއްލިއަކަށް އިޙުޞާސް ކުރެވުނެވެ. އަފްރީން އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން ނަސްރާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަދި އެއްވާހަކަ. އަފޫ ވިސްނާލަބަލަ، އަފޫ އެ ގޮތަށް ފަހުން ނަމާދު ކުރަންވެގެން ހުންނަނީ ކާކު ގެރެންޓީއެއް ދީގެންތަ މިދުނިޔޭގަ ހުންނާނެ ކަމުގެ؟” ނަސްރާ ބުނެލިއެވެ. އަފްރީންއަށް ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަސްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“ވާވް ދޮންތާ! ދޮންތަ ހަމަ ސައުދީ ކުއްޖެއް ގޮތަށް މިހާރު ވާހަކަވެސް ތި ދައްކަނީ….ހެހެހެ…އެނީވޭސް، ވަރަށް ރަނގަޅު ވާހަކައެއް ދޮންތަ ތި ދެއްކީ. މޭޑް މީ ތިންކް. ނައު އެކްސް ކިއުޒް މީ އަފޫ އަދި ބައިވަރު ހޯމްވޯކްތައް ހަދަންވެފަ އެބަހުރި.” އަފްރީން އެހެން ބުނެލަމުން ތެދުވެގެން އެ ކޮޓަރިން ނިކުމެގެން ދިޔައީ ނަސްރާއަށް އިތުރު އެއްޗެކޭ ބުނެލާނެ ފުރުޞަތެއް ނުދީއެވެ. ނަސްރާ އިތުރަށް ބުނަން ބޭނުންވި އެއްޗެއް ނުބުނެވުނެއްކަމަކު އޭނައަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ.
ޢިޝާ ނަމާދަށްފަހު ނަސްރާ ލައިގެން ހުރީ އޭނަ ގެއަށް އައިއިރު ވެސް ލައިގެން ހުރި ކަހަލަ ހެދުމެކެވެ. ތަފާތަކީ އޭނަ މޫނު ނިވާނުކޮށް ހުރިކަމެވެ. އޭނަ ކޮޓަރިން ނިކުތްތަނާހެން އަފްރީން އައިސް ސައުދީ ކުއްޖާއަށް ހޫނެއްވެސް ނުވަނީހޭ އަހައި ދިމާކުރިއެވެ. ނަސްރާ އެއަށް ލުއި ގޮތަކަށް ހީލިތަނާހެން އަފްރީން އޭނަގެ އަތުގައި ހިފައިގެން ކޮޓަރިއަށް ވަންނަން އުޅުނީ އޭނައަށް ދޭން އެއްވެސް އެއްޗެއްވެސް ނުގެންނަނީތޯ ކިޔާފައެވެ. ނަމަވެސް ސިޓިންގް ރޫމުގައި އިން ޝަރީފް ނަސްރާއަށް ގޮވާލީ އެވަގުތެވެ. އަފްރީން ނަސްރާގެ އަތުން ދޫކޮއްލުމުން ނަސްރާ ލައްބައޭ ކިޔައި އަޑު އައި ދިމާލަށް ދިޔައެވެ. އަފްރީން ދިޔައީ ޖެހިގެން ހުރި އޭނަގެ އަމިއްލަ ކޮޓަރިއަށެވެ.
“ކިހިނެއްވީތޯ ބައްޕާ؟” ނަސްރާ އިށީނުމެއްވެސް ނެތި ސޯފާގައި އިން ޝަރީފްގެ ކުރިމަތީގައި ހުއްޓިލަމުން އަދަބުވެރިކަމާއެކީ އަހާލިއެވެ.
“އިށީނދޭ…” ޝަރީފް އޭނަގެ އަތުގައި އޮތް ފައިލް ލައްޕައި ކުރިމަތީގައި ހުރި މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ. ނަސްރާ އިށީނުމުން ވެސް ޝަރީފު އިރުކޮޅަކު ހުއްޓެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.
“އަފްރީން އުޅެނީ ރަނގަޅަކަށް ނޫންދޯ؟” ޝަރީފް ބިމަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ.
“ބައްޕާ….އެއީ އެ އުމުރުގެ ކުދިންނަށް އާއްމުގޮތެއްގަ ވާގޮތް. އެމީހުންނަށް ބޭނުންވާނީ ނަޞޭޙަތް. އަހަރުމެން މި ތިބީއެއްނު އަފޫއަށް ނަޞޭޙަތްދޭން؟” ނަސްރާ ބުނެލިއެވެ. ޝަރީފް ދެންވެސް ނަސްރާއަށް ބެލުމެއްނެތި ބޯޖަހާލިއެވެ.
“ބައްޕަގެ އުއްމީދަކީ ވެސް އެއީ. ނަޞޭޙަތްދީގެން ރަނގަޅުވާނެ ކަމަށް. ބިރުގަންނަނީ މާޒީ ތަކުރާރު ވެދާނެތީ.” ޝަރީފް ނަސްރާއަށް ބަލާލީ އެންމެ ފަހު ޖުމްލައާއެކީގައެވެ. އެއާއެކު ނަސްރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. ޝަރީފް ދެންވެސް ހުރީ ނަސްރާގެ ޖަވާބަކަށް އިންތިޒާރު ކޮށްގެނެވެ. ނަސްރާ އެތެރެއަށް ނޭވައެއްލަމުން ޝަރީފަށް ބަލާލިއެވެ.
“އެހެންނެއްނުވާނެ، އިން ޝާ ﷲ.” ނަސްރާގެ ބަހުގައި ސާބިތުކަމެއްވިއެވެ. އެ ބަސް އަޑުއަހައިގެން ހުރި ޝަރީފްގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ހަމަ އެއާއެކު އޭނަވެސް ބޯޖަހާލިއެވެ.
“އެހެންވިއްޔާ ވަރަށް ރަނގަޅު….އަސްލު ބައްޕަ ނަސްރާ މިގެނައީ އެހެން ވާހަކަ ދައްކަންވެގެންނޭ.” ޝަރީފް އޭނަގެ ވާހަކައިގެ ރާގު ބަދަލުކޮއްލިއެވެ.
“ކޮން ވާހަކައެއް؟” ނަސްރާ ދެބުމަ ކައިރި ކޮއްލަމުން ޝަރީފްގެ އުޖާލާވެގެން ދިޔަ މޫނަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ޝަރީފް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިތަނާ އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވުނެވެ.
“ދޮންތާ! ދޮން….ބެ….” އަފްރީން ފޯރިއާއެކީ ލެޕްޓޮޕް ހިފައިގެން ދުވެފައި އައިސް ނަސްރާގެ ކައިރީގައި ހުއްޓުނުތަނާހެން ޝަރީފް ފެނުމާއެކު އޭނަގެ އަޑު ފޭދިގެން ދިޔައެވެ.
“ކިހިނެއްވީ؟ ދޮންބެ އޮންލައިންގަ ހުރީތަ؟” އަފްރީންގެ އަތުގައި ހުރި ލެޕްޓޮޕް ހުޅުވާފައިވުމުން ޝަރީފަށް އަހާލެވުނެވެ. އަފްރީން ހެވިފައިހުރެ އަވަސްއަވަހަށް ބޯޖަހާލިއެވެ.
“ގެނޭ އަވަހަށް…” ޝަރީފް އެހެން ބުނުމާއެކު އަފްރީން އެތާ މެދުގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ބޭންދިއެވެ. އެއަށްފަހު ލެޕްޓޮޕާއި ސީދާ ކުރިމަތީގައި އިން ނަސްރާގެ ކައިރީގައި އިށީނެވެ. ޝަރީފްވެސް ލެޕްޓޮޕް ސްކްރީން ފެންނާނެހެން ބޯދިއްކޮއްލިއެވެ.
“ސަލާމް، ސަލާމް…” ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔައީ އުނގުމަތީގައި ކުޑަކުއްޖަކު ބަހައްޓައިގެން އިން އަފްރާޒް އެކުއްޖާގެ ކުޑަ ކަނާތު އަތް ދެފަރާތަށް ހަލުވަމުން ދިޔަތަނެވެ. އަފްރާޒް އެގޮތަށް ހަދަމުން ދިޔައިރު އެކުއްޖާ ވަރަށް ރީއްޗަށް ހެވިފައި އިނެވެ.
“އަޅޭ…ލޯބި ލޯބި އާޒް…” އަފްރީންއާއި ނަސްރާ އެކަކު އަނެކެއްގެ އަޑުދަށުން ކަހަލަ ގޮތަކަށް ކިޔަންފެށިއެވެ. އާޒްއަކީ އަފްރާޒްގެ ހަތަރު މަހަށްދާ ދަރިފުޅެވެ. އަފްރާޒް މީހަކާ އިނީ އޭނަ ސައުދީގައި ކިޔަވަމުން ދަނިކޮށެވެ. އެއީ ނަސްރާވެސް އެތަނަށް ނުދަނީހެވެ. އަފްރާޒް އިނދެގެން އުޅެނީ އޭނައަށް ސައުދީއިން ދިމާވި ދިވެހި އަންހެން ކުއްޖަކާއެވެ. ސަދަފްއަކީ އަފްރާޒްއަށް ވަރަށް ކަމުދިޔަ ކުއްޖަކަށްވިއެވެ. އަފްރާޒް އޭރު ދުވަހަކުވެސް އެފަދަ ޞާލިޙު ކުއްޖަކާ ދިމާވެފައެއްނުވެއެވެ. އަފްރާޒް ސަދަފްއާއި ރައްޓެހިވުމެއްވެސް ނެތި ބޭނުންވީ ސީދާ ކައިވެންޏާއި ހަމައަށް ދާށެވެ. ސަދަފް ކަހަލަ ކުއްޖަކަށް އެންމެ ކަމުދާނީވެސް އެގޮތްކަން އަފްރާޒްއަށް އެނގޭތީވެއެވެ. އަފްރާޒް ކައިވެނިކުރަން އުޅޭ ވާހަކަ ޝަރީފް ގާތު ބުނުމުން ޝަރީފް އެކަމަށް ރުހުންދޭން ޖެހިލުންވިއެވެ. އެހާ ޒުވާން ފުރައެއްގައި އަވަސް އަރުވާލައިގެން ކުރާ ކަމެއް ދެމިނުހުންނާނެކަމަށް ހީކުރެވުނެވެ. ޝަރީފް ޖެހިލުންވެފައިހުރެ އާނބަސް ދީފައި ޒަވާޖީ ޙަޔާތާމެދު އަފްރާޒްއަށް އެތައް ނަޞޭޙަތެއް ދިނެވެ. އެދުވަހު އަފްރާޒް ފޯނު ބޭއްވީ އެއީ ދޫކުރެވޭވަރަށްވުރެ ރަނގަޅުކުއްޖެއްކަމަށް ބުނެފައެވެ. ޝަރީފަށް އަފްރާޒްގެ އެބަސްތައް ޤަބޫލުކުރެވުނީ މިއަދެވެ. އެހެނީ މިއަދުވެސް އަފްރާޒް އުޅެމުން ދަނީ އަލަށް ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭހާ އުފަލުގައެވެ. އެ އަންހެން ކުއްޖާ ވެގެން ދިޔައީ އަފްރާޒްގެ ކިޔެވުމަށް ލިބުނު އިތުރު ހިތްވަރަކަށެވެ. ނަތީޖާއެއްގެ ގޮތުން އަފްރާޒް އެންމެ ފަހުގެ ކިޔެވުން ވެސް ނިންމާލީ ރަން ވަނަތަކާއެކީގައެވެ. މިއަދު އޭނައަކީ އަބޫ ދާބީގެ ކާމިޔާބު ކުންފުންޏެއްގެ މަތީ މަޤާމެއްގައި މަސައްކަތް ކުރަމުންދާ ޒުވާނެކެވެ.
“ކޮބާ ކިހިނެއްތަ ހުރިހާ ކުދިން؟ ނަސްރާ، ހޮޑުލެވުނުތަ ފްލައިޓް މަތިން؟” އަފްރާޒް ކޮއްލި ސުވާލުން ނަސްރާއަށް އޭނަގެ ރަތްވެގެން ދިޔަ މޫނުމަތީގައި ދެއަތް އަޅާލެވުނެވެ.
“ދޮންބޭ!” ނަސްރާ ހެވިފައިހުރެ ނުރުހުމުގެ ރާގަކަށް ދިގުކޮށް ގޮވާލިއެވެ. އަފްރާޒް މަޖާވެލާފައި ހީލިއެވެ. އެވަގުތު އޭނަގެ އުނގުގައި އިން އާޒް އަޑުކިޔާ ކުޅޭ އެއްޗަކަށް ގެއްލިފައި އިނެވެ.
“މިކޮޅުގަ ހުރިހާ ކަމެއްވެސް ރަނގަޅު…ތިކޮޅުގެ ކަންތައް ކިހިނެއް؟” ޝަރީފް ސުވާލުކުރިއެވެ.
“ހަމަ ރަނގަޅޭ. މިއިނދަ އަފޫ ރީންގެ ކިޔެވުން ކިހިނެއްތަ؟ އަބަދު އަބަދު އޮންލައިންގައޭ އޮންނަނީ.” އަފްރާޒް ބުނެލިއެވެ.
“ހޫނ….މިހާރުވެސް ނަގާ ކޮންމެ ޓެސްޓަކުން ހައެސްޓް…ދެން އެހާވަރަށް ކަންނޭނގެދޯ ކިޔެވުން ރަނގަޅުވާނީ؟” އަފްރީން ފޮނި ގޮތަކަށް ބުނެލިއެވެ. އަފްރާޒް އަނގަޔަށް ގޮތެއް ހަދާލިއެވެ.
“ތި ވާހަކައެއްނޫނޭ ދޮންބޭ. ކޮބައިތަ އަހަރެންގެ ގްރެޖުއޭޝަން ގިފްޓް؟ ހަނދާން ނައްތާލީދޯ؟” މިފަހަރު ވާހަކަ ދެއްކީ ނަސްރާއެވެ.
“އޮހް…..މި ނަސްތުއަށް ދޭންޖެހޭ ގިފްޓްތައް ގިނަކަމުން މަ ބޯހަލާކު…އެހާ ގިނައިން ހަދިޔާ ދޭންޖެހިއްޖެއްޔާ ދޮންބެ ހުލިވެދާނެއެއްނު އަޅެ ކޮއްކޯ.” އަފްރާޒް ވާހަކަ ދެއްކިގޮތް މަޖާކަމުން އަފްރީންއާއި ނަސްރާގެ އިތުރުން ޝަރީފަށްވެސް ހެވުނެވެ.
“ރައިޓް! ޔޫ.އޭ.އީގެ ކެޕިޓަލްގަ މަސައްކަތް ކުރާ މީހަކު ހުލިވާ ވާހަކަ މި އަޑުއެހީ ފުރަތަމަ ފަހަރަށް.” ނަސްރާ ބުނެލިއެވެ. އޭނަ ވާހަކަ ދެއްކީ ވަކި ހަދިޔާއެއް ހޯދާކަށެއް ނޫނެވެ. އޭނަގެ ދޮންބެއާ ސަމާސާކޮއްލުމުގެ ގޮތުންނެވެ.
“ހެހެހެހެހެ…..ނަސްރާ! ނަސްރާއަށް ހީވޭތަ ދޮންބެ ދޭނަމޭ ބުނެފަ ނުދީ ހުންނާނެހެން؟” އަފްރާޒް ހުނުން ހުއްޓުމަށްފަހު އެއްމިޔަކަނުން ހިނިތުންވެގެން ހުރެ ބުނެލިއެވެ. ނަސްރާ އިރުކޮޅަކު އަފްރާޒަށް ބަލަން އިނދެފައި ބޯހޫރުވާލިއެވެ.
“ނަސްރާގެ ގިފްޓް މިހާރުވެސް އޮތީ ތައްޔާރަށް. އެކަމަކު އޭތި ދޮންބެ ނަސްރާއަށް ދޭނީ ވެޑިންގް ގިފްޓެއްގެ ގޮތުގަ.” އަފްރާޒް ބުނެލިއެވެ.
“ތިއީ ތިހެންވިއްޔާ ނުލިބުނު އެއްޗެއް ކަމަށް ބަލައިފިން.” ނަސްރާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“ކިހިނެއްވީ؟ ނަސްރާގެ ވެޑިންގް އަކީ ދެން މާ ދުރުގަ އޮތް ކަމެއްނޫނެއްނު؟” އަފްރާޒް ވާހަކަ ދެއްކީ ސީރިއަސްކަމާއެކީގައެވެ.
“ހަމަ އަސްލުވެސް؟” ނަސްރާ އަދިވެސް ވާހަކަ ދެއްކީ އަފްރާޒް އެކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ.
“ބައްޕާ، އަދިވެސް ނުބުނަންތަ؟” އަފްރާޒް ޝަރީފާއި ސުވާލުކުރުމުން ނަސްރާގެ ހިނިތުންވުން ފަނޑުވިއެވެ. އޭނަ ޖަވާބަކަށް އުއްމީދުކުރާފަދަ ގޮތަކަށް ޝަރީފަށް ބަލާލިއެވެ. އަފްރީން ވެސް ހުރީ ވާނުވާއެއް ނޭނގިފައެވެ.
“ބުނަން އުޅެނިކޮށް އަފްރީން ދެންމެއަކު އައީ. ނަސްރާ……ބައްޕަ ދެކޭގޮތުގަ…..ބައްޕައާއި ދޮންބެ ވެސް ދެކޭގޮތުގަ ދެން…..ނަސްރާވެސް ވީ މީހަކާ އިންނަން.” ޝަރީފް ޖެހިލުންކަމާއެކީ ބުނެލިއެވެ. އެއާއެކު ނަސްރާ ހުއްޓުން އެރިއެވެ. މުޅި ތަން ހިމޭންވިއެވެ. ޝަރީފަށް ބަލަހައްޓައިގެން ހުރެފައި ނަސްރާ މަޑުމަޑުން އިސްޖަހާލިއެވެ. އަދި ސޯފާގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދެލޯ މަރާލިއެވެ.
“ނަސްރާ؟” އަފްރާޒްއަށް ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ގޮވާލެވުނެވެ. ނަސްރާ އަފްރާޒަށް ބަލާލިއެވެ.
“ނަސްރާ ތައްޔާރެއް ނޫނިއްޔާ ލަސްކުރެވިދާނެއޭ.” ނަސްރާ އެއްޗެކޭ ނުބުނުމުން އަފްރާޒް ބުނެލިއެވެ. އަފްރާޒްގެ ވާހަކަ ނިމުނުތަނާ ނަސްރާ ބޯހޫރުވާލިއެވެ.
“އަހަރެން ތައްޔާރު….” ނަސްރާ އޭނަގެ ނޭވާ ހަމައަކަށް އަޅުވަމުން ކަހަލަ ގޮތަކަށް ބުނެލިއެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމަތިން ދެންވެސް ފެނުނީ ކަންބޮޑުވުމެވެ.
“ސީރިއަސްލީ ދޮންތާ؟ އެރޭންޖްޑް މެރިއޭޖް؟” އަފްރީން ޤަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ކިހިނެއްވީ؟ އެކޮއެ ވެސް ބޭނުންވަނީތަ އެރޭންޖްޑް މެރިއޭޖެއްކުރަން؟” އަފްރާޒް މޫޑު ބަދަލުކޮއްލަމުން އަހާލިއެވެ.
“އީއޫ….ނުއުޅެން. އޯ ގޯޑް، ޓިއުޝަން ގަޑިވެސް ޖެހިއްޖެ. ބައްޕާ އަވާސް!” އަފްރީން މޫނު ކުނިކޮށްގެން ހުއްޓާ އެއްލިކަޅިއަކުން ގަޑި ފެނުމުން ވަގުތުން ތެދުވެވުނެވެ. ޝަރީފް ވެސް އަފްރީންގެ ޓިއުޝަން މަތިން ހަނދާންވުމުން އޭނަވެސް މިވަގުތު އޮފީހަށް ދާންޖެހިފައި އޮތްކަން ހަނދާންވިއެވެ. އޭނަވެސް އަވަހަށް ތެދުވެ އަފްރާޒަށް ވަރަށް ސަލާމޭ ބުނެލަމުން ދިޔައީ ކޮޓަރިއަށެވެ.
“ނަސްރާ!” އެއޮތްހާއިރު އިސްޖެހިފައި އިން ނަސްރާއަށް އިސްއުފުލާލެވުނީ އަފްރާޒް ގޮވާލި އަޑަށެވެ.
“ވަދާޢު.” އަފްރާޒް ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“ވަދާޢު.” ނަސްރާގެ މޫނަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.
ނަސްރާ ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން އުޅެފަވެސް ބައްޕައާ އަފްރީން ނާންނަނީސް ނުކެއުމަށް ނިންމިއެވެ. އަފްރީންއާއި ޝަރީފް ކެއުމަށް ވަގުތެއްނެތޭ ކިޔައި ދިޔައީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއްފަހުން އެގޭގެ ކަންތައް މިހާ ދުވަހަށް ބެލި ޝަކީލާއައެވެ. ނަސްރާ ފެނިފައި ޝަކީލާ ނިހާޔަތަށް އުފާވިއެވެ. އޭނަ ނަސްރާއަށް ހޫނު މަރުޙަބާއެއް ކިޔުނެވެ. އެއަށްފަހު ފާއިތުވި އަހަރުތަކުގައި ޝަރީފް އުޅުނު ދަތި ޙާލު ކިޔައިދިނެވެ. ޝަކީލާއަށް ބައެއް ދުވަސްދުވަހު އަމިއްލަ ގޭގެ ކަންތައް ކުރަމުން އެގެއަށް ނުދެވޭ ވާހަކަ ކިޔައިދިނެވެ. ނަމަވެސް ދެން އެކަން ބަދަލުވާނެ ނޫންހޭ ބުނެލީ ހެވިފައި އިނދެއެވެ. ނަސްރާ އެކަމާ އެއްބަސްވީ ހިސާބަކަށް ޖެހިލުންވެހުރެއެވެ. އޭނައަށް ދެން އޭނަގެ ބައްޕަގެ ޚިދުމަތުގައި ވެސް މާ ގިނަ ދުވަހު ނުހުރެވޭނެ ނޫންހޭ އަމިއްލަ ހިތާ ސުވާލުކޮއްލެވުނެވެ.
ޝަކީލާ ދިޔުމުން ނަސްރާ މޫނު ނިވާކޮށްގެން ގޮސް އޮތީ ގޭގެ ފެންޑާގައި އެލުވާފައި އޮތް އުނދޯލީގައެވެ. އޭނަ ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ވަރުބަލި ވެފައިކަން ހާމަވެއެވެ. އެހެން އޮތްއިރު ނަސްރާގެ ކަންފަތުގައި ގުގުމަމުން ދިޔައީ މިރޭ އޭނަގެ ބައްޕައާއި ދޮންބެ ދެއްކި ވާހަކަތަކެވެ. ދޮންބެ އާއި ބައްޕަ އޭނަގެ ކައިވެނީގެ ވާހަކަ ދެއްކުމުން އޭނައަށް އާނބަސް ދެވުނުތަން ޚިޔާލު ކުރެވުމުން ނަސްރާއަށް އޭނަގެ މަރާލެވިފައިވާ ދެލޯ ތަގުޅިކޮށްލެވުނެވެ. އޭނަގެ އެސްފިޔަތަކުގެ ތެރެއިން މާޒީގެ އެކިއެކި މަންޒަރުތައް ސިފަވާން ފެށިއެވެ. މަންޒަރަކަށްފަހު މަންޒަރެއް އަވަސްއަވަހަށް ފެނިގެއްލެމުން ދަނިކޮށް އިވުނު އަޑަކާއެކު ނަސްރާއަށް ސިއްސައިގެން ގޮސް ތެދުވެވުނެވެ. އެވަގުތު އޭނަގެ ކުރިމަތީގައި އޮތީ އެގޭގައި އޮންނަ ބުޅަލެވެ. ހަމަ އެއާއެކު އެ އިވުނު އަޑަކީ ބުޅާ ގަހުގައި އޮވެފައި ފުންމާލި އަޑުކަން ނަސްރާއަށް ނަގައިގަނެވުނެވެ.
“މީނަ! ބިރުންގޮސް ހަލާކުނުވީ ކިރިޔާއޭ.” ނަސްރާއަށް ބުނެލެވުނެވެ. އެސޮރުވެސް އޭގެ ބަހުރުވައިން އެއްޗެކޭ ބުނެލައިފިއެވެ. ނަސްރާއަށް އިރުކޮޅަކު ބަލަން އިނދެފައި އަމިއްލަ ނަފްސާ ހީލެވުނެވެ. އޭނަ ބަލަ ބަލާ ހުއްޓާ އެ ބުޅާ އަނެއްކާވެސް ބާރު މިނެއްގައި އެގަހަށް އަރަންފެށިއެވެ. ވަކި ހިސާބަކަށް ގޮސް ތިރިއަށް ބަލާފައި ވަރަށް ނުފަރިތަ ގޮތަކަށް ފައިބައިފިއެވެ. އެސޮރު ބޭނުންވަނީ ކުޅެންކަން ނަސްރާއަށް ވިސްނުނެވެ. އޭތި ފެންޑާގެ ވަށައި އެކި ގޮތްގޮތަށް ފުންމަމުން ދިޔަތަން ނަސްރާ މަޖާވެލާފައި ބަލަން އިނެވެ. އޭނަ ހަމަ ބަލަން އިންދާ އެ ބުޅާ ގޭގެ ގޭޓުން އަނދިރި މަގަށް ނިކުމެފިއެވެ.
“އަނހަ…” ބުޅާ އޭނަގެ ލޯމަތިން ގެއްލުމުން ނަސްރާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ. އޭނަ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ގޭގެ ގޭޓު ކައިރީގައި ހުއްޓިލިއެވެ. ގޭގެ ފެންޑާއިން މަގުގެ ވަކި ހިސާބަކަށް ގޮސްފައިވާ އަލި ފިޔަވައި އެހެން އައްޔެއް އެ މަގުގައި ނެތެވެ. އެ މަގުގެ އަނދިރިކަމުގެ ތެރެއިން ބުޅާ ރޯލި އަޑު ނަސްރާއަށް އިވުނެވެ. އެ އަޑު އައީ އެހާ ދުރަކުންނެއް ނޫނެވެ. ނަސްރާ މަގަށް ނިކުންނަން ހީކޮއްލިތަނާ ފިރިހެންވަންތަ ހުނުމެއްގެ އަޑު އޭނައަށް އިވުނެވެ. އެ އަޑު ލަސްލަހުން ކައިރިވަމުން ދިޔައެވެ. ނަސްރާގެ ހިތަށް ވެރިވި ނުތަނަވަސްކަމާއެކު އޭނަ ގޭތެރެއަށް ދާން ހިތަށްއެރިއެވެ. އެމީހަކު ނަސްރާއާ ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވިއެވެ. އެފަދަ ޙާލަތަކަށްޓަކައި ނަސްރާ ހިތާހިތުން އެމީހަކު ފޮނުވާލުމަށްޓަކައި ހަރުކަށިކޮށް ބުނެލެވޭނެ ބަސްތައް ރާވަމުން ދިޔައެވެ. މާ ގިނައިރެއްނުވެ އެމީހަކު އަނދިރީގެ ތެރެއިން ނިކުމެފިއެވެ. އެއީ ގައިގެ ކުލަ އަލި އާދައިގެ ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ކަޅުކުލައިގެ ތެތް އިސްތަށިގަނޑު މައްޗަށް ކަހާލެވިފައިވާއިރު ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުކޮށްފައިވިއެވެ. އޭނަ ލައިގެން ހުރި ހުދުކުލައިގެ ގަމީހުގެ އަތުކުރި އޮޅާލެވިފައިވާއިރު އޭނަގެ އަތްމަތީގައި ނަސްރާމެންގެ ބުޅާ އޮތެވެ. ދުރު ބަލަން ހުރި ނަސްރާއަށް އޭނަގެ ހުރިހާ ސިފައެއް ނުފެނުނެވެ. ނަސްރާ ހުރި ގޮތަށް ހުއްޓާ އެމީހަކު ބުޅާ ގޭގެތެރެއަށް ދޫކޮއްލައިފިއެވެ. އަދި ނަސްރާއަށް ވެސް ވަކި ބެލުމެއްނެތި އެގެއިން ނިކުމެގެން ދިޔައެވެ. އެ ޒުވާނާ އަނދިރީގެ ތެރެއަށް ގެއްލިގެން ދިޔަ ދިމާލަށް ބަލަން ނަސްރާއަށް ހުރެވުނީ ޙައިރާންކަންމަތީގައެވެ. އޭނަ ކަންތައް އެކުރީ ނަސްރާ އެއްގޮތަކަށް ވެސް ހީކުރި ގޮތަކަށް ނޫނެވެ. އަންހެން ކުއްޖަކު އެކަނި ހުއްޓާ އެންމެ ބަހެއްވެސް ބުނެ ނުލީތީ އަންތަރީސްވިއެވެ. އެޒުވާނާ އެ ކަންތައް ކުރި ގޮތުން ނަސްރާއަށް ލުއިގޮތަކަށް ހިނިތުންވެލެވުނެވެ. އޭނަ ފުން ނޭވައެއް ދޫކޮއްލަމުން ގޭގެ ގޭޓު ލައްޕާލިއެވެ.
ނުނިމޭ