Hadhiya (Part 21)
“ރޭގަ މަންމަ ގުޅި.” އައްޒާމް ހުރިގޮތަށްހުރެ ބުނެލި ވާހަކައިން ހާޝިމްގެ ހިނިތުންވުން ފިލައި އޭނަ ހުއްޓުންއެރިއެވެ. އައްޒާމް އެ ނަންގަތް މީހެއްގެ ސޫރަ ހާޝިމްގެ ލޮލަށް ސިފަވެގެން ދިޔަ ވަގުތު އައްޒާމް ކުއްލިއަކަށް އޭނަގެ އަތުގައި އޮތް ހޮޅި ބިމަށް ޖަހާލާފައި އިސްކުރު ކައިރިއަށް ގޮސް ފެން ބާރުކޮށްލިއެވެ. އެއަށްފަހު އޭނަ ހާޝިމާއިވީ ފަރާތަށް އެނބުރި ކުރިއަށްދާން އުޅުނެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ކުރިއަށް އެއްފިޔަވަޅު އެޅުމަށްފަހު އިސްޖަހާލަމުން ގޮށްމުއްކަވާލި މަންޒަރު ހާޝިމަށް ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އިސްއުފުލާލަމުން ރުޅިވެރި އަޑަކުން ވާހަކަ ދެއްކިއެވެ.
“އެމީހުން ދެން ކީއްކުރަންތަ އަހަރެން ގެންނަން އެއުޅެނީ؟!! އެންމެ ބޭނުންވި ދުވަހު އެމީހުން އަހަރެން ދޫކޮށްލާފަ ދިޔައީ މީނައާހެދި ތިމަންނަމެންނަށް ވަޒީފާވެސް އަދާ ނުކުރެވެއޭ ކިޔާފަ! މިއީ ބޮޑު ބަލާއެކޭ ކިޔާފަ! ދެން ކީއްކުރަން މިއަދު އެމީހުން އަނެއްކާ އަހަރެން މަތިން ހަނދާންކުރަންވީ؟!” އައްޒާމް ހަރުއަޑުން އެ ވާހަކަ ދެއްކިއިރު އޭނަގެ ރަތްވެގެން ދިޔަ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އެ މަންޒަރު ފެނި އައްޒާމް އެ ދެއްކި ވާހަކަތަކާމެދު ވިސްނާލެވުމުން ހާޝިމްގެ ހިތްވެސް ދެރަވިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކުޅެދިފައި އައްޒާމަށް ބަލަން ހުއްޓާ އައްޒާމް އަވަސް ހިނގުމެއްގައި ގެއަށް ވަންނަން އައެވެ. އައްޒާމް އޭނައާއި ހަމަ ވުމާއެކު ހާޝިމަށް ވާހަކަ ދެކެވުނެވެ.
“ކީކޭތަ މަންމަ ބުނީ؟ އެކޮޅަށް އަންނާށޭތަ؟” ހާޝިމް އޭނަ ކައިރީގައި މަޑުކޮށްލި އައްޒާމް ކައިރިން އެހިއެވެ.
“ވަރަށް ގިނަ ދުވަސްވެއްޖެ ނޫންހޭ އައްޒާމް މަންމަމެންނާ ދުރުގަ އުޅޭތާ. މަންމަމެން މަތިން ހަނދާނެއް ނުވޭހޭ. މަ ނުވޭ ހަނދާނެއް އެކަހަލަ މީހުން މަތިން! އެ އަންހެނާއަށް އެ ވާހަކަތައް ވެސް ބުނެވުނީ މަލާމާތުގެ ރާގަކަށް…” އައްޒާމް ރުޅިވެރިކަމާއެކީ އެ ބަސްތައް ބުނެލިތަނާހެން ހާޝިމަށް އައްޒާމްގެ ނަމުން ގޮވާލެވުނެވެ.
“އައްޒާމް! ކާފައަށް އެނގޭ އައްޒާމް ތިހިރީ ވަރަށް ރުޅި އައިސްފަކަން. އެކަމަކު މަންމައާއި ބެހޭގޮތުން ތިގޮތަށް ވާހަކަ ދައްކައިގެން ނުވާނެ ދަރިފުޅު.” އައްޒާމްގެ އިޙްސާސްތައް އެނގިހުރެ ހާޝިމް ލޯތްބާއެކީ ނަޞޭޙަތްތެރިވިއެވެ. އެހެނަސް މިފަހަރު އެއިން ވެސް އައްޒާމަށް ކުރި އަސަރެއްނެތެވެ. އޭނަ މޫނު އަނބުރާލަމުން ދިގު ފިޔަވަޅުތަކެއްގައި ގެއަށް ވަދެގެން ދިޔައީއެވެ. އައްޒާމް ލޯމައްޗަށް ގެއްލުނު ވަގުތު ހާޝިމަށް ހުރިތާހުރެ ފުން ނޭވައެއް ދޫކޮށްލެވުނެވެ. ހަމަ އެހިނދު އެތައް އަހަރެއް ފަހުން އަނެއްކާވެސް އާޝިޔާގެ ޚަބަރެއް ލިބުމުން އޭނައަށް ހުރެވުނީ ޙައިރާންކަމެއްގެ ތެރޭގައެވެ.
އާޝިޔާއަކީ ހާޝިމްގެ ދޮށީ އަންހެން ދަރިފުޅެވެ. އާޝިޔާގެ ނަންގަނެވޭ ކޮންމެ ފަހަރަކު އެއީ އަމްނާގެ އިދިކޮޅޭ ހާޝިމްގެ ހިތަށްއަރައެވެ. އެހެނީ އާޝިޔާއަކީ ކުޑައިރުއްސުރެ ވެސް އެހާ ރަނގަޅު އަޚްލާޤެއްހުރި ކުއްޖެއްނޫނެވެ. ކުޑައިރު ވެސް އާޝިޔާ ދޮގު ހަދައި، މަންމައާއި ބައްޕަގެ ހުއްދައާއި ނުލާ ބައެއް ކަންތައް ކުރާކަން ހާޝިމަށް ފާހަގަވިއެވެ. ފާހަގަވުމުން އޭނަ އެތައް ފަހަރެއްގެ މަތިން އާޝިޔާއަށް ނަޞޭޙަތްތެރިވިއެވެ. ނަޞޭޙަތްތެރިވާ ކޮންމެ ފަހަރަކު އާޝިޔާ ދުވަސްކޮޅަކަށް ރަނގަޅުވެއެވެ. އެހެނަސް މާ ގިނަ ދުވަހެއްނުވެ ހަމަ އެ ނުބައި އާދަތަކަށް އޭނަގެ ދަރިފުޅު ދާ މަންޒަރު ހާޝިމަށް ފެނުނެވެ. އެކަމާމެދު ހިތްދަތިވިއެއްކަމަކު އޭނަ އުއްމީދު ކަނޑާލުމެއްނެތި އާޝިޔާއަށް ހެޔޮ ބަސް އިއްވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް އެ ހުރިހާ މަސައްކަތެއް ދިޔައީ ފަންފުލުންނެވެ. ފުރާވަރަށް އެޅުނު ފަހުން އާޝިޔާ އޭނައާއި ދިމާލަށް އަޑުވެސް އުފުލަން ފެށީއެވެ. އޭނަގެ ކުރިމަތީގައި އާޝިޔާ ގެންގުޅޭ ލޯބިވެރިންގެ ވާހަކަތައް ވެސް ދައްކަން ފެށީއެވެ. ނަތީޖާއެއްގެ ގޮތުން ހާޝިމަށް ރުޅި އިސްކުރުން ނޫންކަމެއް ނުކުރެވެއެވެ. އާޝިޔާ އެކުރާ ގޯސް ކަންތައްތަކަށް ހިތުގައި އޮންނަ ނަފްރަތާއެކީ އޭނަގެ ދަރިފުޅު ނުސީދާ މަގަކުން ހިނގާކަމުގެ ހިތާމަވެސް ހިތުތެރޭގައި އެއްވެގެން ދިޔުމުންނެވެ. އެންމެ ފަހުން އާޝިޔާ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުނު ފަހުން ދީނާއި ދެކޮޅަށް ވެސް ފާޅުގައި ވާހަކަ ދައްކަން ފެށުމުން ހާޝިމްގެ ހެއަށްވެސް ގޮތެއްވިއެވެ. އޭނަގެ ދަރިއަކު ދީނުގެ ޢަދުއްވަކަށް ވެދާނެކަމަށް އޭނަގެ އެންމެ ނުބައި ހީތަކުން ވެސް ހީކޮށްފައިނުވުމުންނެވެ. ހާޝިމް ބަލިވެގެން ދިޔަ ހިތަކާއި އެކީގަވެސް އޭނަގެ ދަރިފުޅަށް ތަކުރާރުކޮށް ހެޔޮގޮތް ބުނެދޭވޭތޯ މަސައްކަތް ކުރިއެވެ. އެއްފަހަރު ލޯބިން ބުނެދިނިއްޔާ އަނެއްފަހަރު ހަރުކަށިކޮށެވެ. އެއްފަހަރު އުއްމީދުން ފުރިފައިވި ހިތަކާއެކީ ކަމަށްވާނަމަ އަނެއްފަހަރު ކަރުނުން ފުރެމުން ދިޔަ ދެލޮލާއި އެކީގައެވެ. އެހެނަސް އޭގެއިން އެއްވެސް ކަމަކުން ކުރި އެއްވެސް އަސަރެއްނެތެވެ. އެ ހުރިހާ ނަޞޭޙަތްތަކެއްގެ ބަދަލުގައި އާޝިޔާ އޭނައާއި ދެކޮޅަށް އާޝިޔާ ފަދައިން ދީނާއި ދުރުވެފައިވާ އެހެން ޒުވާނަކާއި އިނީއެވެ. ކައިވެންޏަށްފަހު އާޝިޔާ އޭނަގެ އުޅުން ފިރިމީހާގެ ގެއަށް ބަދަލުކުރިއެވެ. ޒަމީނަކީ ޢާއިލާގެ އެހެން މީހަކު ނެތަސް އަމިއްލަ ކުންފުންޏެއް ހުޅުވައިގެން ތަނަވަސް ދިރިއުޅުމެއް އުޅޭ ޒުވާނަކަށްވުމުން އެ ދެމަފިރިން އުޅެން ފެށީ ލައްޒަތުން ފުރިގެންވި މިނިވަން ދިރިއުޅުމެކެވެ. އާޝިޔާ ގެއިން ދިޔުމުން ހާޝިމް ހުރީ އާޝިޔާގެ ވާހަކައެއް ވެސް ދައްކަން ބޭނުމެއް ނުވެފައެވެ. އެހެނަސް އޭނަގެ ލޯބިވާ ދަރިފުޅު އަމްނާ ގެއްލުނުތާ މާ ގިނަދުވަހެއްނުވެ ޙަމީދާވެސް ދުނިޔެ ދޫކޮށްދިޔުމުން ހާޝިމް ވީ އެކަނިވެރިކަމުގައި އާޝިޔާމެން ކައިރިއަށް ޒިޔާރަތް ކުރަން ފެށިއެވެ. އާޝިޔާމެން އުޅެނީ ކިތަންމެ މުއްސަނދި ދިރިއުޅުމަކަށް ވިޔަސް އެ ދިރިއުޅުން އެހާ ބާއްޖަވެރިއެއް ނޫންކަން ހާޝިމަށް އެނގުންވީ އެހާ ހިސާބުންނެވެ.
“ޕިސް! ކިތައް ފަހަރުތަ ބުނާނީ އާޝިޔާ ކައިރީގަ މި ކުޅޭ އެއްޗެހި މަ މަސައްކަތް ކުރާ މޭޒު ދަށުގަ ހުރެގެން ނުވާނެއޭ؟!” އެއްދުވަހު ޒަމީން އާޝިޔާއާއި އައްޒާމް ވެސް ކިޔަވާ ކޮޓަރީގައި ތިއްބާ ހަޅޭއްލެވި އަޑު ބޭރުގައި ހުރި ހާޝިމަށް އިވުނެވެ.
“ހުނ! ވަރަށް ފަސޭހަދޯ ތިހެން ބުނެލާއިރު؟ މަށަށް ވަގުތެއް ނުވާކަން ޒަމީންއަށް ނޭނގެނީތަ؟ މަ މިހާރު ވެސް މިދަނީ ނުލާހިކު މުހިއްމު މީޓިންގްއަކަށް. ތި ކިޔާ އެއްޗެއް މި މުޞީބާތާއި ދިމާލަށް ކިޔާ! މީ ހެދުނު ބޮޑު ގޯހެއް. މިހާރު ހިތަށް އެބައަރާ ވަގުތު ޖެހުމުގެ ކުރިން ބަނޑު ދޮވެވުނަމައޭ!” އާޝިޔާ ރުޅިވެރިކަމާއެކީ އެ ބަހުރުވައިން ވާހަކަ ދެއްކީ 5 އަހަރުގެ އައްޒާމާއި ދިމާލަށެވެ. އެކޮޓަރީގެ ހުޅުވާލެވިފައިވި ދޮރު މައްޗަށް ހާޝިމް އެރި ވަގުތު ވާނުވާއެއް ނޭނގި ހުއްޓުން އަރާފައި މަންމައަށް ބަލަން ހުރި އައްޒާމް ހާޝިމަށް ފެނުނެވެ. އާޝިޔާ އައްޒާމަށް ފަސްދީފައި ކޮޓަރިން ނިކުމެގެން ދިޔުމުން ވެސް އައްޒާމް ހުރި ގޮތަށް ހުއްޓާ އެ މައުސޫމް ދެލޯ ކަރުނުން ވިދަން ފެށި މަންޒަރު ވެސް ހާޝިމް ދުށްޓެވެ. ހާޝިމްގެ ހިތަށްކުރި އަސަރާއެކީ އޭނަ އެތެރެއަށް ވަންނަން އުޅުނު ވަގުތު ޒަމީން ހަރުއަޑުން ދެންވެސް ނަގާބަލާށޭ ބުނެލި އަޑަށް އައްޒާމް ސިހިގެން ދިޔައެވެ. އެއަށްފަހު ބައްޕައަށް ބަލަން ހުރެފައި އެ ހަރުކަށި ބަސްވެސް އައްޒާމް ކިޔަމަންތެރިކަމާއެކީ އަޑުއެހިއެވެ. އައްޒާމް ކުޅޭ އެއްޗެހި ނަގަމުން ދިޔަ ވަގުތު ޒަމީންވެސް ކޮންމެވެސް ކަމަކު ކޮޓަރިން ނިކުމެގެން ދިޔައެވެ. އާޝިޔާ ފަދައިން ޒަމީން ވެސް ނިކުމެގެން ދިޔައީ ހާޝިމަށް ފަރުވާލެއްނެތިއެވެ. އައްޒާމް އެކަނިވުމުން ހާޝިމް އައްޒާމްގެ ކައިރިއަށް ދިޔައެވެ. ހާޝިމް ގޮސް ކުޅޭ އެއްޗެހި ނަގަން ރޮވިފައިހުރި އައްޒާމްގެ ބޮލުގައި ފިރުމާލުމާއެކު ތެމިފައިވި ކޯތާފަތާއެކީ އައްޒާމް އޭނައަށް ބެލިއެވެ. ހާޝިމް ހިނިތުންވެލުމުން އައްޒާމް ރޮއިގަންނަމުން އޭނަގެ ގައިގައި އޮޅުލައިގަތެވެ. އެ ކުޑަ ދަރިފުޅު ލޯބިން މަޙްރޫމްވެފައިވި މިންވަރު ހާޝިމަށް އެނގުންވީ އެދުވަހުއެވެ. އައްޒާމާއި ގާތް ގުޅުމެއް ބާއްވަން ހާޝިމް ޢަޒުމް ކަނޑައެޅީ ވެސް އެދުވަހަށް ފަހުއެވެ. އެ ގުޅުމުގެ ސަބަބުން އައްޒާމްގެ އިޙްސާސްތައް އިހުނަށްވުރެ ރަނގަޅަށް ހާޝިމަށް އެނގުންވިއެވެ. އައްޒާމަށް ހީވެފައި އޮތީ މަންމައާއި ބައްޕަ އަބަދު ރުޅިއައިސްގެން އޭނަގެ ވާހަކަ ދައްކަނީ އޭނައަށް ކޮންމެވެސް ގޯހެއް ހެދޭތީވެއެވެ. އެ ވާހަކަ އައްޒާމް ހާޝިމާއި ޙިއްސާކުރުމުން ހާޝިމްވެސް އިތުރަށް ބަސްއެހުމަށް އައްޒާމަށް ހިތްވަރު ދިނެވެ. އޭގެ ސަބަބުން އައްޒާމް އިހުނަށްވުރެ ބޮޑަށް މަންމައާއި ބައްޕަ އުފާވާނެ ގޮތަށް ކަންތައް ކުރެވޭތޯ ބެލި މިންވަރު ހާޝިމަށް ފެނިފައިވެއެވެ. ނިދާ އެނދު ރީތިކޮށް، ކުޅޭ އެއްޗެހި ވެސް ތަރުތީބުން ބަހައްޓާފައި އެ މަންޒަރު ބެލުމަށް އޭނަ ބައްޕައަށް ނޫނީ މަންމައަށް ގޮވާލާނެއެވެ. ގޭގެ ނޯކަރު ބައްޕަ އޮފީހަށް ދާންވާއިރަށް ބޫޓު ޕޮލިޝްކޮށްފައި ނުބަހައްޓާތީ އެކަމާ ޝަކުވާ ކުރި އަޑަށް އެ ބޫޓުވެސް އެނގުނު ގޮތަކަށް ޕޮލިޝްކޮށްފައި ގޭގެ ދޮރުމަތީގައި ބަހައްޓަން ފެށިއެވެ. މަންމަގެ ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހި ރީތި ރޮނގަކަށް ރާވަން ފެށީ މަންމަ އެކަމާމެދު އުފާވާނެހެން އައްޒާމަށް ހީވީތީވެއެވެ. އެހެނަސް އޭގެއިން ގިނަ ކަންތައް އޭނަގެ މަންމައާއި ބައްޕައަށް ފާހަގައެއްވެސް ނުވެއެވެ. އޭނަ ކުރި ކަމެއް ދައްކާލުމަށްޓަކައި އެދެމީހުންނަށް ގޮވާއިރު ދެމީހުންވެސް ތިބެނީ ފޯނެއްގައެވެ. އޭނަ މާ ގިނައިން ގޮވަން ފަށައިފިނަމަ އެމީހުން ރުޅި އިސްކުރެއެވެ. އަދި އޭނަ ކުރި ކަމެއް އެމީހުންނަށް ފާހަގަވާއިރުވެސް އެމީހުންނަށް ފާހަގަވާކަމަށްވަނީ އެކުރި ކަމެއްގައި ހުރި އުނިކަމެކެވެ. މިއީ ހައްތަހާވެސް އޭނަގެ ގޯސްކަމުން ވާ ކަންތައްތަކެއްކަމަށް އައްޒާމް ހީކުރަމުން ދިޔަ ގޮތުން ހާޝިމްގެ ހިތް އައްޒާމަށްޓަކައި ޙަމްދަރުދީއިން ފުރިގެންދިޔައެވެ. އޭނަ އައްޒާމަށްޓަކައި ކިތަންމެ ވަރަކަށް އަޑު އުފުލިއެއްކަމަކު އައްޒާމްގެ ވޭންތަކަށް ކުޑަވެސް ޙައްލެއް ގެނައުމުގައި ހާޝިމް ނާކާމިޔާބުވިއެވެ. އެއްދުވަހު ހާޝިމް އެގެއަށް ވަދެގެން ދިޔައިރު އައްޒާމް ދުވަހަކުވެސް ނުރޯހާ ބާރަށް ރޮއި ހަޅޭއްލަވާ އަޑަށް ހާޝިމް ދިގު ފިޔަވަޅުތަކެއްގައި އާޝިޔާމެންގެ ކޮޓަރިއާއި ދިމާލަށް ދިޔައެވެ.
“ނޫން މަންމާ ޒާމް ގޮވައިގެން ހިނގާ! ޒާމް ބަސްއަހާނަމޭ މަންމަމެން ކައިރީގަ ހުންނައިރު. މަންމައަށް އުދަގޫނުކުރާނަން. ޕްލީޒް މަންމާ ޒާމް އެކަނި ހުންނަން ބިރުގަނޭ! ޑޭޑްވެސް ފުރައިގެން ގޮސްފި!” އައްޒާމް ރޮވިފައިވާ އަޑަކުން އެ ވާހަކަ ދެއްކީ ހެދުން ފޮށްޓަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ގެއިން ނިކުންނަން ދިޔަ އާޝިޔާގެ ފަހަތުން ދަމުންނެވެ. އައްޒާމް ދުވެފައި ގޮސް އާޝިޔާއާއި އެއްހަމަ ކުރެވުމުން އާޝިޔާގެ ގައިގައި އޮޅުލައިގަންނަމުން ރަނގަޅަށް ރޯންފެށިއެވެ. އާޝިޔާ އައި ރުޅީގައި އައްޒާމްގެ ކޮނޑުގައި އަތް އަޅައިކޮއްޕާލަމުން މޭމައްޗަށް ވެސް އެފަދަ އެތިފަހަރެއް ވީއްލާފައި ނުބައި ބަހެއް ކިޔާލިއެވެ. ހާޝިމް އާޝިޔާއޭ ކިޔައި ހަރުއަޑުން ގޮވާލިއެވެ.
“ބައްޕަ ކޮންމެހެން މި ދޭތެރެއަށް ވަންނާނެ ކަމެއްނެތް! މިއީ އަހަރުމެންގެ ކާމިޔާބީއަށްހުރި ބޮޑު ހުރަހެއް. މީނަ ކޮންމެވެސް ކުޑަކުދިންގެ ހިޔާއަކަށްލާފަ ބައިންދާ. އެހެންނޫނީ ކޮންމެވެސް ރަށަކަށް ގެންގޮސް ގެއްލުވާލިޔަސް ހެޔޮ. އަހަރުމެންނަށް މީނަ ބަލަން މުޅި ޢުމުރު ހޭދައެއް ނުކުރެވޭނެ!” އާޝިޔާ އެހެން ބުނެ ފަސްއެނބުރި ބަލާލުމެއްވެސް ނެތި ދިޔައީއެވެ.
އެދުވަހުގެ ހަނދާންތައް އާވެގެން ދިޔުމުން ބަގީޗާ ތެރޭގައި ހުރި ހާޝިމަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެދުވަސްފަހުން 12 އަހަރު ވަންދެން އައްޒާމަށް ވެސް އަދި އޭނައަށް ވެސް ގުޅުމެއްނެތި އައްޒާމް ބުނިހެން ވަކި މިހާރު ގުޅަނީ ކީއްވެތޯ ހާޝިމްގެ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް މި ޙާލަތުވެސް އެންމެ ރަނގަޅު ގޮތުގައި ކަނޑައްތުކުރަން އައްޒާމަށް ހިތްވަރު ދޭން ނިންމަމުން ހާޝިމް ގެއަށް ވަންނަން ދިޔައެވެ.
އެދުވަހުގެ މެންދުރަށް ނުހަނު ގަދައަށް ލަތީފްމެންގެ ގޭގައި ކެއްކެމުން ދިޔައީ އަންނަން އުޅޭ މެހުމާނުންނަށްޓަކައެވެ. ލަތީފް ކެއްކުމަށްޓަކައި ބޭނުންވާނެ އެއްޗެހި ގަނެގެން ގެނެސްދެމުން ދިޔައިރު މާޝާ ވެސް ކެއްކުމުގައި މަންމައަށް އެހީވަމުން ދިޔައެވެ. މަންމަމެން އޭނަގެ ކަންފަތް އެ މެހުމާނުންގެ ވާހަކައިން ފުރަމުން ދިޔުމުގެ ސަބަބުން އޭނަ ހިސާބަކަށް އައްޒާމްމަތިން ހަނދާންނެތޭ ގޮތްވެފައިވިއެވެ. މިހާ ހިސާބަށް އައިއިރު އެ އަންހެން ކުއްޖާއަކީ މޫނު ބުރުގާވެސް އަޅައިގެން ހުންނަ ކުއްޖެއްކަން މާޝާއަށްވަނީ އެނގިފައެވެ. ހަމަ އެއާއެކު އޭނަ އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ. އޭނަ ބޭނުންވީ މިއަދުގެ މި ބައްދަލުވުން ނުހުއްޓުވޭނެނަމަ ވީހާވެސް އަވަހަށް މިކަންވެ، ނިމިދާށެވެ. އޭނަ ދޮންބެގާތު އެ އަންހެން ކުއްޖެއްގެ ނޭދެވޭ ވާހަކަތައް ދައްކައި ކައިވެނި ހުއްޓުވާނެ ގޮތްތައް އޭރުވެސް މާޝާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެހެނަސް މާޝާއަށް ނޭނގުނުކަމަކީ ކަންވެގެން ދާނީ އޭނަ ހީވެސް ނުކުރާ ފަދައަކުން ކަމެވެ.
މެންދުރު 1:30 ވާން ގާތްވެފައި ވަނިކޮށް ލަތީފްގެ ދެމަފިރިންނާއި މާޝާ ތިބީ މެހުމާނުންނާއި ބައްދަލުކުރުމަށްޓަކައި ތައްޔާރުވެ ސިޓިންގް ރޫމުގެ ސޯފާތަކުގައި އިށީނދެލައިގެންނެވެ. އެމީހުން އަންނަން ބުނެފައި އޮތީ 1:00 ކުން ކަމަށްވުމުން މާޝާ ވެސް އޭރު އިނީ ފޫހިވެގެން އިނގިރޭސި ލޯބީގެ ވާހަކައެއް ކިޔާށެވެ. ލަތީފް މާ ލަސްވެއްޖެދޯއޭ ބުނެލި ވަގުތަކީ ބޭރުން ފިރިހެނަކު އައްސަލާމްޢަލައިކުމް ކިޔާލަމުން ދޮރުގައި ޓަކިދިން ވަގުތެވެ. އެއާއެކު ލަތީފް ވަގުތުން ތެދުވެ ދޮރާއި ދިމާލަށް ދަމުން ވައި އަޑުން މާޝާގާތު އެ ފޮތް ކޮޓަރިއަށްލުމަށް އެންގިއެވެ. އެއާއެކު މާޝާއަށް ކަޅި މައްޗަށް ހިންގާލެވުނެވެ. އެމީހުންގެ ކުރިމަތީގައި މިކަހަލަ ފޮތެއް ހިފައިގެން ހުރުމުން އެމީހުން އޭނަ ފާފަވެރިކުރުވާނެތާއޭ ހިތަށްއެރިއެވެ. ވީ ބޮޑު ފޫއްސާއެކީ މާޝާ ތެދުވެގެން އޭނަގެ ކޮޓަރިއަށް ގޮސް ދޮރު ލައްޕާލީ ދެން ނުނިކުންނަން ނިންމަމުންނެވެ. އޭނަ އޭނަގެ ފޮތާއެކީ އެނދަށްއެރި ވަގުތު ގެއަށްވަން ކޮންމެވެސް ފިރިހެނަކާއި އަންހެނެއްގެ އަޑު އިވުނެވެ. ހީވާގޮތުން އެއީ އެ އަންހެން ކުއްޖާގެ މަންމައާއި ބައްޕައެވެ. ‘މަންހާ’ ކިހިނެއްތޯ މަންމަ އަހާލި އަޑަށް ޒުވާން އަންހެން ކުއްޖެއްގެ ރަނގަޅޭ އަޑުވެސް އިވުނެވެ. އެ ހިނދު ބައްޕަ އެންމެން އިށީންނަންވީ ނޫންތޯ ބުނެލި އަޑަށް ހުރިހާ އެންމެންގެ ފިޔަވަޅުތަކުގެ އަޑު މާޝާއަށް އިވުނެވެ. އޭގެ މާ ގިނައިރެއްނުވެ ބައްޕަ އޭނައަށް ގޮވަން ފެށި އަޑަށް މާޝާއަށް އޭނަގެ ފޮތް ދެއަތުން ހިއްލައި މޫނުގައި އަޅާލެވުނެވެ. ބައްޕަ ދެވަނަ ފަހަރަށް ވެސް ގޮވާލުމުން މާޝާ ފުސްމޫނު ހަދައިގެން ތުންދިގުވެފައި ހުރެ އެނދުން ފޭބިއެވެ. އަދި އަތުގައި އޮތް ފޮތް ރީތިވާ މޭޒުމަތީގައި ބާއްވަމުން ކޮޓަރިން ނިކުންނަން ދިޔައީ ވީ ނުރުހުމުގައި އަވަސް ފިޔަވަޅުތަކެއްގައެވެ. އެހެނަސް ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގް ރޫމާއި ހަމަވެގެން ދިޔަދިޔަހެން އޭނަގެ ފިޔަވަޅުތައް ލަސްވިއެވެ. ސިޓިންގް ރޫމުގެ ސޯފާގައި ތިބި އާ މީހުންތައް ފެނިގެން ދިޔުމުންނެވެ. ދިގު ތުނބުޅިއެއްލާފައި ތަންކޮޅެއް ހިމަކޮށް އިން ފިރިހެނަކު ބައްޕަގެ ކައިރީގައި އިން އިރު މަންމަ އިން ދިގު ސޯފާގައި މޫނު ބުރުގާ އަޅައިގެން ދެ އަންހެނުން ތިއްބެވެ. އޭގެ ތެރެއިން މަންމައާއި ގާތުގައި ހުރި އަންހެން މީހާ މަންމައާއި އެއްޒާތަކަށް ހުރެފައި އަ އެމީހާގެ ކައިރީގައި ހުރި އަންހެން ކުއްޖާ ހިމަތޮޅި ގޮތަކަށް ހުރުމުން އެއީ މަންމައާއި ދަރިފުޅުކަން މާޝާއަށް ނަގައިގަނެވުނެވެ. މާޝާއަށް ފެނުނު އެމީހުން ތިބީ ކޮންމެވެސް އެކަކު ބުނި އެއްޗަކަށް ލުއި ގޮތަކަށް ހޭށެވެ. މިމީހުންނަކީ ހޭވެސް ހަދާ ބައެއްތޯ އެވަގުތު މާޝާގެ ހިތަށްއެރިއެވެ. ހަމަ އެހިނދު ބައްޕަ އޭނައާއި ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ! މިހިރީ މަންހާ. މަންހާ ގޮވައިގެން މާޝްގެ ކޮޓަރިއަށް ގޮސް ދެކުދިން ކުޑަކޮށް ވާހަކަ ދައްކާލަންވީއެއްނު؟” ބައްޕަ އެހެން ބުނެލުމުން މާޝާއަށް ބައްޕައަށް ބަލާފައި އެކުއްޖާއަށް ނަޒަރެއް ދެވުނެވެ. އެ ހިނދު އެކުއްޖާގެ ލޯވެސްވަނީ އޭނައަށް އަމާޒުވެފައެވެ. މާޝާ އެއްޗެކޭ ނުބުނެ ހުއްޓާ މަންމަ ވާހަކަ ދެއްކިއެވެ.
“އަވަހަށްދޭ މަންހާ! މާޝް ދާނެ ގޮވައިގެން.” ހާފިޒާ އެއްފަހަރު މަންހާއަށް އަނެއްފަހަރު މާޝާއަށް ބަލާލަމުން ބުނެލިއެވެ. މަންހާގެ މަންމަވެސް ދާށޭ ބުނެލުމުން މަންހާ ތެދުވެލީތަން މާޝާއަށް ފެނުނެވެ. މަންހާ އޭނަގެ ކައިރިއަށް އަންނަން ފެށުމުން ބައްޕަ އަވަހަށްދާށޭ ބުނެލުމުން މާޝާ ކުޑަ ގޮތަކަށް މަންހާއަށް ބޮލުން ޢިޝާރާތްކޮށް އޭނަގެ ކޮޓަރިއާއި ދިމާލަށް މިޞްރާބުޖެހިއެވެ. އެ އެނބުރިލީ ވަގުތު އެކުއްޖާގެ ލޯމަތިން އޭނައާއި ހިނިތުންވެލީހެން މާޝާއަށް ހީވިއެވެ. އެހެނަސް އޭނަ އެކަމާމެދު މާ ބޮޑު ފަރުވާލެއްނެތި ކުރިއަށް ދިޔައެވެ. އޭރު އޭނަގެ ސިކުނޑި ތެރޭގައި އެތައް ނޭދެވޭ ވާހަކައެއް އެނބުރެމުން ދިޔައެވެ. އެ އަންހެން ކުއްޖާ އޭނައާއި ދައްކާނީ ކޮން ޒާތެއްގެ ވާހަކައެއްތޯ ހިތަށްއެރިއެވެ. މިހާ ތަފާތު ދެމީހުންގެ ދެމެދުގައި ދައްކަން ވާހަކައެއް އޮވެވެސް ދާނެ ހެއްޔެވެ؟ ދެއްކިއްޔާ ހަމަ ޔަޤީނުންވެސް ދައްކާނީ އެ އަންހެން ކުއްޖާއެވެ. އޭނަ ހެދުން އަޅާ ގޮތާއި ބެހޭގޮތުން ފާޑުކިޔައި އެކަމުގެ ސަބަބުން އޭނައަށް ލިބޭނެ ޢަޒާބުގެ ވާހަކަ ދައްކާނެކަން ޔަޤީނެވެ. އޭނަގެ އިއާރފޯން ފެނިފައި ލަވަ އަޑުއަހާކަން ޔަޤީންކޮށް އެކަމަށްޓަކައި އޭނަ ނަރަކައަށް ދާނެ ވާހަކަ ރުޅިވެރިކަމާއެކީ ބުނާނެކަމާމެދު ޝައްކެއްވެސް ނެތެވެ. އެ އަންހެން ކުއްޖާއާއި އޭނައާއި ދެމެދު ހިނގާނެ ހޫނު ބަހުގެ ޙަމަލާ މާޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައިރު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ. އޭނަ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލީ އޭނަގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުންނެވެ. އެއަށްފަހު އޭނަ ފަސްއެނބުރި އެކުއްޖާއަށް ބަލާލުމެއްވެސް ނެތި ގޮސް އޭނަގެ އެނދުގައި އިށީނދެ އޭނަގެ ފޯނާއި ކުޅެން ފެށީ އެކުއްޖާއަށް ނުވެސް ބަލަން ހޯދި ޢުޒުރެއްގެ ގޮތުގައެވެ. ހަމަ އެ ހިނދު ދޮރު ލައްޕާލި އަޑަށްފަހު އެކުއްޖާ ވާހަކަ ދެއްކި އަޑު އިވުނެވެ.
“ހާދަ ހޫނޭ ދޯ މިއަދު؟” މަންހާ އެހެން ބުނެލި އަޑަށް މާޝާ އިސްއުފުލައި ބަލާލިއިރު މަންހާ އޭނަގެ މޫނު ފޮތިކޮޅު ނަގާލަނީއެވެ. އެ ހިނދު ފެނިގެން ދިޔަ އަލި މޫނަށް ވެރިވެފައިވި އުޖާލާވި ހިނިތުންވުމުން މާޝާއަށް އެހެން ދިމާލަކަށް ނަޒަރު ހިންގަންވެސް ނޭނގިފައި އިނދެވުނެވެ. އޭނަ އެއްފަހަރާ އެތައް ކަމަކާމެދު ޙައިރާންވިއެވެ. މަންހާ ދެންމެ ނުހަނު އާދައިގެ ވާހަކައެއް ދެއްކި ގޮތުންނެވެ. މޫނު ބުރުގާ އަޅާ ކުއްޖަކަށްވިޔަސް މަންހާއަށް ލިބިފައިވި ވަށްމޫނުގެ ރީތިކަމުންނެވެ. އެ މޫނުމައްޗަށް ވެރިވެފައިވި ހިނިތުންވުމުގައި ހުރި ދިރުމުންނެވެ. މާޝާ ބަލަބަލާ ހުއްޓާ މަންހާ ޙައިރާންކަން ވެރިވެގެން ދިޔަ މޫނަކާއެކީ މޫނުގެ އެކި ތަންތާނގައި އަތްލާން ފެށިއެވެ.
“މޫނުގަ އެއްޗެއް ހުރީތަ ތިހާވަރަށް ތި ބަލަނީ؟” މަންހާ އަހާލިއެވެ. އެ ވާހަކައިގައި ހުރި ސަމާސާވެރި ގޮތުން މާޝާއަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެއަށްފަހު އޭނަ ބޯހޫރުވާލަމުން ނޫނެކޭ ބުނެވެ. އޭރު މަންހާ ކޮޓަރީގެ ތެރެއަށްވަދެ ރީތިވާ މޭޒުދޮށާއި ހަމަވީއެވެ. އެ މޭޒުމަތީގައި އޮތް ވާހަކަ ފޮތް ފެނިފައި މަންހާ އެއަށް ބަލާލިއެވެ.
“ޑެނިއަލް ސްޓީލް…..މިއީ ހާދަ ކުރީގެ ވާހަކައެކޭދޯ؟ އަހަރެން ކުޑައިރު ކިޔުނު ވާހަކަތައް މިއީ. ލޮލް!” މަންހާ އެ ވާހަކަ ފޮތް ބަލަމުން ޖޯޝެއް އެކުލެވިފައިވި ރާގަކަށް ވާހަކަ ދެއްކުމުން މާޝާ އިތުރަށް އަޖާއިބުވުން ނޫންކަމެއް ނުވިއެވެ.
“ހައު އޯލްޑް އާރ ޔޫ؟” މާޝާއަށް އެހެން އަހާލެވުނީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިނގިރޭސި ބަހުން ވާހަކަ ދެކެވުނީ މަންހާ ވާހަކަ ދައްކަމުން ދިޔަ ގޮތުން އޭނައާއި ނުހަނު ގާތް ޢުމުރެއްގެ ކުއްޖެއްހެން ހީވުމުންނެވެ.
“25!” މަންހާ ހިނިތުންވުމަކާއެކީ ހުރިތާ ހުރެ އިނގިރޭސި ބަހުން ޖަވާބުދިނެވެ. އެ ޖަވާބު އިވުމުން މަންހާ މިގެއަށް އައީ ކީއްކުރަންކަން ހަނދާންވެ އޭނަ ދޮންބެގެ ޢުމުރު މަތިން ވެސް ހަނދާންވިއެވެ.
“ދޮންބެއަށް 38! އެކަން އެނގިހުރެތަ ދޮންބެއާ މެރީކުރަން ތިއައީ؟” މާޝާއަށް އެ ބަސްތައް ބުނެލެވުނީ ކޮންޓްރޯލެއްނެތިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް އެއިން މަންހާގެ މޫޑަށް ބަދަލެއްނައެވެ.
“ނޭނގިހުރެ ނާންނާނެތާދޯ؟” މަންހާ ދޯދިނެވެ. އެއާއެކު އަންތަރީސްވެފައި މާޝާއަށް ބަލަން އިނދެވުނެވެ. ޢުމުރުން 13 އަހަރުގެ ތަފާތެއް އޮތް މީހަކާއި އިންނަން އެއްބަސްވާނީ ކާކުތޯ މާޝާގެ ހިތަށްއެރިއެވެ. މަންހާ ހަމަ އެކަމާމެދު އަޅާނުލަނީތޯ ހިތަށްއެރި ވަގުތު އޭނަ ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ލަސްލަހުން އަތުގައި އޮތް ފޮތް މޭޒުމަތީގައި ބޭއްވި މަންޒަރު މާޝާއަށް ފެނުނެވެ. އެއަށްފަހު އޭނަ މާޝާއަށް ބަލާލިއެވެ.
“އެއްޗެއް އަހާލަންތަ މާޝާ ކައިރިން؟” މަންހާ އަހާލިއެވެ. މާޝާ ވާނުވާއެއް ނޭނގި އިނދެ ބޯޖަހާލިއެވެ. އެއާއެކު މަންހާ އެނދު ކައިރިއަށް އައިސް މާޝާގެ ކައިރީގައި އިށީނެވެ.
“ދޮންބެ ވަރަށް ލޯބިވޭދޯ ދޮންބެގެ ވައިފްދެކެ؟” މަންހާ ކުއްލިއަކަށް ކޮށްލި ސުވާލުން މާޝާ ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. ދޮންބެއާއި އިންނަން އުޅޭ ކުއްޖާގެ ގޮތުގައިހުރެ މަންހާ ކޮށްލި ސުވާލުންނެވެ. އެހެނަސް މި ޙާލަތައް އެއީ ޙަޤީޤަތުގައި ވެސް ކިހާ މުހިއްމު ސުވާލެއްކަން އެނގުންވުމުން މާޝާ ވާހަކަ ދެއްކިއެވެ.
“އާނ….ވަރަށް ލޯބިވޭ. ދޮންބެ މިކޮޅަށް އައިސް ހުންނައިރު އަހަންނަށް ވަރަށް ގިނައިން އެމީހުންގެ ވާހަކަތައް ކިޔައިވެސްދޭނެ. ބުނާނެ އަމްނާ ދައްތި ވަރަށް ރަނގަޅުވާނެއޭ. އަމްނާ ދައްތި ހުންނަނަމަ މާޝްއަށް ޤުރުއާން ވެސް ކިޔަވަދިނީހޭ. މުޙްސިންއަކީ ވެސް ވަރަށް ލޯބި ކުއްޖެކޭ. މުޙްސިން ހީލާއިރު އޭނަގެ ބޮޑުބޮޑު ދެކޯ ރަތްވެގެން ދާނެއޭ. ދޮންބެ މި ވާހަކަތައް ދައްކަން ކޮންމެ ފަހަރަކު ފަށާނީ ވަރަށް ހެވިފަހުރެ. އެކަމަކު ވަކި ހިސާބަކުން ދޮންބެ ގިސްލަގިސްލާފައި ރޯންފަށާނެ. ނޭނގެ ދޮންބެގެ ވައިފްއާ ދަރިފުޅަށްވީ ގޮތެއް. މަންމައާއި ބައްޕަ ބުނާނީ އެކަމާމެދު އެއްވެސް މީހަކާ ސުވާލެއް ނުކުރާށޭ. އެދެމީހުން ގެއްލުނީއޭ. ބައެއްފަހަރު ހިތަށްއަރާ އެމީހުން މަރުވް…..” މާޝާގެ ވާހަކަ މެދުކެނޑުނެވެ.
“އެމީހުން މަރެއްނުވޭ މާޝް. އެމީހުން މާޝާގެ ދޮންބެއާއި އަނިޔާވެރި ގޮތަކަށް ވަކިކޮށްލެވުނީ…..ވަކި ސަބަބަކާހެދި ކަންނޭނގެ މާޝާއަށް މި ވާހަކަތައް ކިޔައިނުދެވި ހުންނާނީ. އެހެންވީމަ އަހަރެން ވެސް ނެތިން ކިޔައިދޭކަށް. އެކަމަކު މާޝާއާއި ސިއްރެއް ޙިއްސާކޮށްލާނަން. މާޝާގެ ދޮންބެއާއި ގަދަކަމުން މެރީ ކުރަން އަހަރެން ވެސް ބޭނުމެއްނޫން. އަސްލުވެސް ހާދަ ހަނދާންވާނެއޭ އެހާ ކުއްލި ގޮތަކަށް ދެމީހުން ވެސް ވަކިވެގެން ދިޔައިމަ….އަހަރެން މިގެއަށް އަންނަން ނިންމީ އެންމެ ސަބަބަކަށްޓަކައި. އެއީ މިރްޒާންގެ ޢާއިލާ އަނބުރާ ގެނެސްދިނުމަށް އަހަންނަށް ކުރެވެން އޮތްހާ ކަމެއް ކުރަން އިން ޝާ ﷲ!” މަންހާ ބުނެލި ވާހަކައިން އެތައް ކަމެއް އެނގެން ބޭނުންވެފައި މަންހާއަށް ބަލަން މާޝާއަށް އިނދެވުނެވެ. އެހެނަސް އިތުރު އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް ބޭރުން މަންމަ ކާން އައުމަށް އެދި ގޮވާލި އަޑު އިވުނެވެ.
**
އޭގެ ދެދުވަސްފަހުން ހެނދުނުގެ ވަގުތެއްގައި މިރްޒާނާއި އާތިފްގެ އިތުރުން އެމީހުންނާއެކީ ޝޯއަށްޓަކައި މަސައްކަތް ކުރާނެ އެހެނިހެން މުވައްޒަފުން ތިބީ ފުވައްމުލަކަށް ފުރާ ފްލައިޓް މަތީގައެވެ. ފްލައިޓް ތެރޭގައި ޝޯ ކުރިއަށް ގެންދާނެ އެންމެ ފުރިހަމަ ގޮތްތަކާއިމެދު މިރްޒާނާއި އާތިފް ޖެހިޖެހިގެން ތިބެ ވާހަކަ ދައްކަމުން ގެންދިޔައެވެ. މިގޮތުން އިންޓަވިއު ކުރާއިރު ބެކްގްރައުންޑުން އެކުއްޖަކު ކުރާ މަސައްކަތާއި ގުޅުންހުރި ތަކެތި ބެހެއްޓުމަށް އެމީހުން އެންމެ ފަހުގެ ނިންމުމަކަށް ނިންމިއެވެ. ވާހަކަ ހުއްޓިގެން ދިޔުމުން މިރްޒާނަށް އޭނަގެ ކައިރީގައި ހުރި ކުޑަދޮރުން ތިރި ބަލާލެވުނެވެ. ނޫކަނޑުގެ ތެރެއިން ފެންނަމުން ދިޔަ ކުދިކުދި ރަށްތަކެއް ފެނިގެން ދިޔުމުން މިރްޒާނަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.
“ކޮން އިރަކުތަ އަހަރުމެން އައްޑޫއަށް ދާންއޮތީ އާތިފް؟” މިރްޒާނަށް ކެތްމަދުވެފައިވި ރާގަކަށް އަހާލެވުނެވެ.
“އައްޒާމްގެ އިންޓަވިއު ނިންމާލާފަ ހަމަ ގަޑިއިރުތަކެއްފަހުން ފުރުން އޮތީ. ހަވީރު އެހާ ހިސާބަށް ދެވޭނީ.” އާތިފް އަންދާޒާކޮށްލަމުން ބުނެލިއެވެ. އެ ހިނދު މިރްޒާން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ އަވަސްވެފައިވި ހިތް ހަމައަކަށް އެޅުވޭތޯއެވެ. އެހެނަސް މި ވޭތުވި ދެދުވަސްތެރޭގައި ވެސް އޭނަގެ ހިތްވީ އެފަދަ ޙާލެއްގައެވެ. ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
ނުނިމޭ