Hadhiya (Part 22)
ފަޔާޒް މާލެއަށް އަނބުރާ އައިސް ‘ހަސަން’ އާ ބެހޭގޮތުން ކިޔައިދިން ވާހަކަތަކެއްގެ ސަބަބުންނެވެ. އޭނައަށް އެންމެ ފަހުން އޭނަގެ ދަރިފުޅު ފެންނަން އުޅެނީތޯ ހިތަށްއެރި ވަގުތު މިރްޒާނަށް ނޭނގި އޭނަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
**
ހެނދުނުގެ އެ ވަގުތުގައި މާޝާވީ މަންހާމެން ފުވައްމުލަކަށް އައިސް އުޅޭ ގޭގައެވެ. އެއީ މަންހާގެ ދައްތައެއް ފިރިމީހާއާއި ދެކުދިންނާއެކީ އުޅެމުންދާ ގެއެވެ. މަންހާ މާޝާއާއި ބައްދަލުވި އައި ފުރަތަމަ ދުވަހަށްފަހު މާޝާ ގިނަގިނައިން އެގެއަށް ގޮސް ހަދައެވެ. އެ ގެ ހުންނަނީ މާޝާމެންގެ ގެއާއި މާ ދުރުގައި ކަމަށްނުވުމުން އެކަނި ދާންވެސް ލަތީފާއި ހާފިޒާވަނީ މާޝާއަށް ހުއްދަ ދީފައެވެ. މަންހާ ކަހަލަ ރަނގަޅު ކުއްޖަކާއި ތަކުރާރުކޮށް ބައްލުވުމުން މާޝާގެ އުޅުމަށްވެސް ހެޔޮ ބަދަލެއް އައިސްފާނެކަމަށް އެ ދެމީހުންނަށް ހީވުމުންނެވެ. އެ ހީ މުޅިއަކުން ގޯސް ހީއަކަށް ނުވިއެވެ. މަންހާއާއި އިތުރަށް އެކުވެރިވާން ވެސް މާޝާ ބޭނުންވި އެއްސަބަބަކަށްވީ، މަންހާއަކީ ދީންވެރިވެފައި ވެސް އޭނަ ޤަދަރުވެރި މީހެއްގެ ގޮތުގައި ބަލައިގަތް ފުރަތަމަ ޝަޚްޞިއްޔަތަށްވުމެވެ. މަންހާގެ އެ ސިފައިން މާޝާ މިހާތަނަށް އައިއިރު ދީންވެރި މީހުންނާއިމެދު ދެކެމުން އައި ގޮތަށް ބަދަލެއް އައިއްސިއެވެ. ނޭނގޭ ސަބަބަކާހުރެ މަންހާ އޭނައަށް ބޮޑުދައިތަ ކިޔާ ކުޑަކުދިންނަށް ދީނާއި ބެހޭގޮތުން އުނގަންނައިދޭ ގޮތާއިމެދު ވެސް މާޝާގެ ހިތުގައި ލޯތްބެއް އުފެދުނެވެ.
“ދެން ކިހިނެއްތަވީ ދޮންތީ؟” އެދުވަހުވެސް އޭގެ ތެރެއިން 6 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ ކޮޓަރީގެ މެޓެއްގެ މަތީގައި ބާލީހެއް ހިފަހައްޓައިގެން އިނދެ އޭނަގެ ކުރިމަތީގައި އެނދަށް ލެނގިލައިގެން އިން މަންހާ ކައިރިން އެހެން އެހީ ނުހަނު ޝައުޤުވެރިކަމާއި އެކީގައެވެ.
“ދެންވީ ގޮތަކީ……މޫސާ ޢަލައިހިއްސަލާމް އެ ސްނޭކްގަ ހިފެހެއްޓީމަ އަނެއްކާވެސް އޭތި ޢަޞާއަކަށް ބަދަލުވީ.” މަންހާ އެހެން ބުނެލި ރާގުން އޭނަ ހުރީ އެ ވާހަކައިގެ ތެރޭގައިހެން ހީވެއެވެ. އޭނަ އެހެން ބުނެލި ގޮތުން އެ ފިރިހެން ކުއްޖާގެ މޫނުމައްޗަށް ވެރިވީ ކުލަވަރު ފެނިފައި އޭނަގެ ކައިރީގައި އިން މާޝާއަށް ހިނިތުންވެލެވުނެވެ. މަންހާ އެހެން ބުނެލިތަނާހެން ވިސްނުމެއްގައި އިނދެފައި އެކުއްޖާ ވައި އަޑުން ‘ވާވް’ އޭ ބުނެލި އަޑުއިވުނެވެ. ހަމަ އެ ހިނދު އެކުއްޖާގެ މަންމަ ބޭރުން އެކުއްޖާއަށް ގޮވާލި އަޑުއިވުނެވެ.
“އޯ ނޯ ދޮންތީ އަވަހަށް ސްޓޯރީ ކިޔައިދީ ނިންމަބަލަ. ކޮއްކޮ ދާނީ ތީތި އަޑުއަހާފަ.” އެ ކުއްޖާ ކޮޓަރީގެ ދޮރަށް ބަލާފައި މަންހާއަށް ބަލާލަމުން ބުނެލިއެވެ.
“ނޫން ކޮއްކޯ! މަންމި ގޮވީމަ ދާންވާނެ. ދޮންތި ފަހުން ކިޔައިދޭނަން ދެން އޮތްބައި. އަވަހަށް ހިފައިގެންދޭ.” މަންހާ އެހެން ބުނެލީ އޭނަގެ އަތުގައި އޮތް ވާހަކަ ފޮތް ލައްޕައި އެކުއްޖާގެ އަތަށް ލައިދެމުންނެވެ. އެ ކުއްޖާ ހިސާބަކަށް ފޫހިވެ އިނދެ އޯކޭ ބުނެލަމުން ފޮތާއެކީ ކޮޓަރިން ނިކުމެގެން ދިޔައެވެ.
“މަޖާ ބައެއްދޯ ކުދިންނަކީ؟ ހެހެ…..” ދޮރު ލައްޕާލި މަންޒަރު ބަލަން އިނދެ މަންހާ ހީލަމުން ބުނެލިއެވެ. އެމީހުން ތިބީ ކޮޓަރީގައި ކަމަށްވުމުން މަންހާވެސް އިނީ މާޝާ ފަދައިން އާދައިގެ ބުރުގާއެއް އަޅައި ބުރުގާގެ ކަނުގައި ގޮށެއްޖަހައިގެންނެވެ. ދެމީހުން އެހެން ތިބިއިރު އެދެމެދުގައި ޢުމުރުގެ މާ ބޮޑު ފަރަގެއް ހުންނާނެހެނެއް ހިއެއްނުވާނެއެވެ. އެދެމީހުންގެ ދެމެދުގައި އުފެދިފައި އޮތް އެކުވެރިކަމުގެ ޒާތުންވެސް އެ ތަފާތު އޮތްހެން ދެމީހުންނަށް ވެސް އިޙްސާސެއް ނުކުރެވެއެވެ.
“މަޖާވެސް ވާނެތާ ތިހާ އިންޓްރެސްޓިންގްކޮށް ކިޔައިދެންޏާ! ސީރިއަސްލީ އަހަރެން ހިއެއްނުކުރަމޭ ތި ސްޓޯރީސްތައް އެހާ ރީތިވެދާނެއެކޭ. ދޭއި އާރ ސޯ އޯސަމް!” މާޝާ އޭނަގެ ޝުޢޫރުތައް ފާޅުކުރިއެވެ.
“އައި ނޯ ރައިޓް! އެއީ ހަމަ ﷲ ގެ ބަސްފުޅުގެ ފުރިހަމަކަން. އެންމެ ރީތި އަދި އެންމެ މާނަހުރި ވާހަކަތައް ކިޔައިދެއްވާފައިވަނީ އެކަލާނގެ. ސުބްޙާނަ ﷲ!” މަންހާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އެ ވާހަކަ އިވިފައި މާޝާއަށް ހިނިތުންވާން ނޭނގިފައި މަންހާއަށް ބަލަން އިނދެވުނެވެ. ދީނާއިމެދު ހިތުތެރޭގައިވި ޝައްކުތަކާއި ހިސާބެއްގެ ނަފްރަތަކާއި އެކީވެސް މަންހާގެ ބަސްތައް އޭނަގެ ހިތް ޤަބޫލުކުރަން ބޭނުންވަނީ ކީއްވެކަމެއް މާޝާއަކަށް ޔަޤީނެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެވަގުތު މަންހާއާއި ކުރަން އައި ސުވާލެއްގެ މަތިން ހަނދާންވުމުން މާޝާއަށް ވާހަކަ ދެކެވުނެވެ.
“މަންހާއަށް އެއްޗެއް ދައްކަންވެފަ އެބައޮތޭ. ވެއިޓް!” މާޝާ އެހެން ބުނެ އޭނަ އެދުވަހު ގެނައި ފޮތިން ހެދިފައި އޮތް ކުޑަ އަތްދަބަސް ތެރެއިން އެއްކަލަ ދަޢުވަތު ކާޑު އެޅިފައިވި ފޮށި ނެގިއެވެ.
“މިއީ އެއްރެއަކު އެއާރޕޯޓް ތެރެއިން ކުއްޖަކު އަހަންނަށް ދިން ދަރުސް ދަޢުވަތެއް. މަންހާއަށް އެނގޭތަ މީގަ އޮތް ސުވާލުގެ ޖަވާބު؟” މާޝާ އެ ފޮށީގެ ތެރެއިން ދަޢުވަތު ކާޑު ނަގައި ދިއްކޮށްލަމުން އެހިއެވެ. މަންހާ ދަޢުވަތު ކާޑަށް ބަލާލަމުން އޭތި ކިޔަން ފެށިއެވެ. އާޔަތާއި އޭގެ މާނައާއި ކުރެވިފައި އޮތް ސުވާލަށްފަހު މަންހާ ދަރުސްދޭ މީހާއާއި ތަން ލިޔެވިފައި އޮތް ކަނަށް ނަޒަރު ހުއްޓާލި ހިނދު އޭނަގެ ދެބުމަ ކައިރިވި މަންޒަރު މާޝާއަށް ފެނުނެވެ.
“ޝެއިޚް ހާޝިމް…” މަންހާ އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް އެހެން ބުނެ އިސްއުފުލާލީ ވިސްނުމެއްގެ ތެރެއަށް ގެއްލެމުން ކަހަލަ ގޮތަކަށެވެ.
“ކިހިނެއްވީ؟ މަންހާ ދަންނަ މީހަކީތަ؟” މާޝާއަށް އަހާލެވުނެވެ.
“އައި ތިންކް ސޯ…ހީވަނީ މިއީ ހަމަ އެ ޝެއިޚްހެން. ވަރަށް ވަރަށް ކުރިން މަންމަ ކޮންމެވެސް ސިޙުރެއް ޖެހިގެން އުޅުނު ކުއްޖަކަށް ރުޤްޔާ ކިޔަވަން ފެށި. ހަނދާންވާ ގޮތުގަ އެއީ ހަމަ މިނަން ކިޔާ ޝެއިޚެއްގެ ދަރިފުޅު. މަންމަ ރުޤްޔާ ކިޔަވައިދިން މީހުންގެ ތެރެއިން އެކުއްޖާ އެހާ ބޮޑަށް ހަނދާން ހުންނަނީ އެއީ މަންމަ ބުނާ ގޮތުގަ މަންމައާއި ދިމާވި އެންމެ ބިރުވެރި އެއް ޙާލަތު. މަންމަ ޢާއްމުގޮތެއްގަ އެގޮތަށް ރުޤްޔާގެ ފަރުވާ ހޯދާ ކުދިންގެ ވާހަކަ ކިޔައެއްނުދޭނެ. އެކަމަކު އެކުއްޖާއަށްޓަކައި ކިޔެވިއިރު ކޮންމެ ދުވަހަކު ގެއަށް އައިސް މަންމަ ކިޔައިދޭނެ ވީ ގޮތް. ރުޤްޔާ ކިޔެވިއިރު އެކުއްޖާއަށް ވަމުންދިޔަ ގޮތް ކިޔައިދޭއިރު އަހަރެން ވެސް ބިރުން ތުރުތުރުއަޅާ.” މަންހާ ކިޔައިދިނެވެ.
“ދެން އެކުއްޖާ ރަނގަޅުވިތަ؟” މާޝާއަށް އަހާލެވުނެވެ.
“އޭރު އަހަރެން ވަރަށް ކުޑަވާނެ. އޭރު ނުކެރޭނެ މަންމަ ކައިރިން މާ ގިނަ ސުވާލުތައް ކުރާކަން އެކަންތަކާ ބެހޭގޮތުން. އެހެންވެ އަހަންނަކަށް ނޭނގޭ އެއީ ކޮންކަހަލަ ސިޙުރެއްކަން އެކުއްޖާއަށް ޖެހިފަ ހުރީ. ނޭނގެ ރަނގަޅުވީ ކަމެއްވެސް. އަހަންނަށް އެނގުނުހާ ކަމަކީ އެކުއްޖާ އުޅުނީ އަބަދުވެސް ކޮންމެވެސް ކަމަކާ ބިރުންކަން…” މަންހާ އޭނައަށް އެނގުނު ވަރަކުން ތަފްޞީލު ކޮށްދިނުމުން މާޝާ ވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ދެންވެސް ވާހަކަ ދެއްކީ މަންހާއެވެ.
“އެނީވޭސް….މި ދަޢުވަތު ފެނިފަ އަހަރެން ވެސް މި ދަރުސްތަކަށް ދާ ހިތްވެއްޖެ. އަހަންނަށް ވެސް އަސްލު ނޭނގޭ މި ސުވާލުގެ ޖަވާބު. އެހެންވީމަ ދެމީހުން ދާނީދޯ އެކީގަ؟” މަންހާ މޫޑު ބަދަލުކޮށްލަމުން ހިނިތުންވުމަކާއެކީ ދޯދިނެވެ. އެ ޚިޔާލު ކަމުދިޔަ މިންވަރު މާޝާއަށް އުޖާލާވި ހިނިތުންވުމަކާއެކީ ބޯޖަހާލެވުނެވެ.
މަންހާއާއި ވާހަކަ ދައްކަން އިނުމަށްފަހު މާޝާ ގެއަށްދާން ނިކުތީ ގަޑިން 8:15 ވެފައިވިކަން އެނގުންވުމުންނެވެ. އޭނަ ބޭނުންވީ ދޮންބެ އަންނަންވާއިރަށް ގޭގައި ހުންނާށެވެ. ރޭ ދޮންބެ ގުޅާފައި މިއަދު އަންނާނެ ވާހަކަ ބުނީއްސުރެ މާޝާގެ ހިތަށް އުފާވެރިކަމެއް ވެރިވެފައިވެއެވެ. އެއީ ދޮންބެއާއި އަނެއްކާވެސް ބައްދަލުވާން އުޅޭކަމުގެ އިތުރުން ދޮންބެ މިރަށަށް އަންނަން އުޅެނީ ކީއްވެކަން ވެސް ދޮންބެ ކިޔައިދީފައިވާތީވެއެވެ. ލެޕްޓޮޕް ވައިބާރއިން ކުރި ވީޑިއޯ ކޯލްގައި ދޮންބެ އަންނަނީ އައްޒާމްގެ އިންޓަވިއުއަކަށޭ ބުނިއިރު އެތާނގައި މަންމައާއި ބައްޕަ ނެތުމީ އޭނަގެ ނަސީބޭ މާޝާގެ ހިތަށްއެރިއެވެ. އެހެނީ އެ ވާހަކަ އިވިފައި މާޝާއަށް ހެވުމުން ދޮންބެވެސް އެކަމާމެދު ސުވާލުކުރިއެވެ. ދޮންބެ ކައިރި ކަމެއްނުވެއޭ ބުނެ ފުއްދާލެވުނަސް މަންމަމެންނަށް ފެނުނު ނަމަ އެވަރުން ޖަވާބު ނުފުދުނީސްކަން މާޝާއަށް ޔަޤީނެވެ. އެފަދަ ޙާލަތެއް ދިމާވެއްޖެނަމަ އޭނަ މި އިޙްސާސްތައް މަންމަމެންނަށް ކިޔައިދޭނީވެސް ކިހިނެއްތޯ މާޝާގެ ހިތަށް އަރަމުން ދިޔައެވެ.
މަގުން ހިނގާފައި ދިޔައިރު ސިކުނޑިއަށް ވެރިވަމުން ދިޔަ ޚިޔާލުތަކުން މާޝާއަށް އަމިއްލަ ނަފްސާއި ހިނިތުންވެވެމުން ދިޔައެވެ. ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކުން އޭނައަށް މަގުވެސް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަގުގެ އެއްފަރާތުން ހިނގަމުން ދިޔައިރު ޔަޤީންވީހާ ވެސް ކަމަކީ އޭނަގެ ފަހަތުން މީހަކު ހެނދުނުގެ ލުއި ދުވުމެއްގައި އަންނަމުން ދިޔަކަމެވެ. އެއީ އެ އަވަށުގައި އުޅޭ ކަސްރަތުކުރަން ލޯބިކުރާ ފިރިހެނުންކުރެ މީހެކޭ ހިތައި މާޝާ ވަކި ފަހަތް ބަލަން ޚިޔާލެއް ނުކުރިއެވެ. ފަހަތް ބެލުމެއްނެތި މަގަށްވެސް ސަމާލުކަމެއް ނުދީ ހިނގަމުން ދަނިކޮށް މާޝާގެ ފިޔަވަޅު ބިންމަތީގައި އޮތް ކާށްޓެއްގައި އެޅުނެވެ. އެއާއެކު އޭނަ އަރިއަޅާލަން ދިޔަ ވަގުތު އޭނައަށް ހަޅޭއްވެސް ނުލެވެނީސް މީހަކު އައިސް އޭނަގެ އަތުގެ ފަލަމަސްގަނޑުގައި ހިފެހެއްޓިއެވެ. އެހިނދު ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ އޭނައާއި ކުރިމައްޗަށްވާ ގޮތަށް އޭރު ހުރި ޒުވާނާއަށް ބަލާލެވުނެވެ. އެ ހިނދު އެ ސޫރަ ފެނުނު ފުރަތަމަ ދުވަސްފަދައިން އޭނަގެ ނޭވާ ކަރުގައި ތާށިވިއެވެ. އައްޒާމްގެ ފިރިހެންވަންތަ މޫނު ނުހަނު ގާތުން ފެނިފައި އެހެން ދިމާލަކަށް ނަޒަރު ހިންގަން ނޭނގިފައި މާޝާއަށް ހުރެވުނެވެ. އައްޒާމް ވެސް ހިނދުކޮޅެއް ވަންދެން ހުރިގޮތަށް ހުއްޓެވެ. އެހެނަސް މާ ގިނައިރެއްނުވެ އައްޒާމް މާޝާގެ އަތުން ދޫކޮށްލިއެވެ. އެ ހިނދު މާޝާއަށް އެ އަތާއި ދިމާލަށް ބަލާލަމުން އައްޒާމަށް ބަލާލެވުނެވެ. އެ ހިނދު އައްޒާމް ވާހަކަ ދެއްކިއެވެ.
“މަގުން ހިނގަން ނޭނގޭ ކުދިން އެކަނި ގެއިން ބޭރަށް ނިކުތުމަކީ ރައްކާތެރިކަމެއްނޫން.” އައްޒާމް ނުހަނު ސީރިއަސް ރާގަކަށް އެހެން ބުނެ ނިމުނު ވަގުތު އޭނަގެ ލޮލުން ލާނެތް ވިދުވަރެއް މާޝާއަށް ފާހަގަވިއެވެ. އެއާއެކު މާޝާގެ މޫނުމައްޗަށް ވެސް ވެރިވި ހިނިތުންވުމާއެކީ އޭނަ ދެލޯ ހަނިކޮށްލިއެވެ.
“ސްކިއުޒް މީ؟” މާޝާވެސް ލާނެތް ރާގަކަށް އެހެން އަހާލުމުން އައްޒާމް ކޮނޑު އަރުވާލަމުން ކުރިއަށް ހިނގައިގަތެވެ. މާޝާވެސް އޭނައާއި އެކީގައި ހިނގަންފެށީ ވަކި ޖެހިލުންވުމެއްނެތިއެވެ. ބެކް ސްޓޭޖުގައި ވެވުނު ބައްދަލުވުމުގެ ސަބަބުން އެ ދެމެދުގައި ލެވިފައިވި ބޯ ފާރެއް ނެތި ގޮސްފައިވިކަމުގެ އިޙްސާސެއް ދެ ޒުވާނުންނަށް ވެސް ކުރެވުނެވެ.
“އަހަންނަށް އެކަނި ނުނިކުމެވެންޏާ ތިބޭފުޅާއަށް ވެސް ނިކުމެވިގެން ނުވާނެ.” މާޝާ ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“އަޅުގަނޑު މީ އެކްސެޕްޝަނަލް ކޭސްއެއް ދެއްތޯ؟ އަޅުގަނޑު ނިކުތަސް މި ޒާތުގެ މައްސަލަތައް ނުޖެހޭނެ.” އައްޒާމް އެ ސަމާސާ ކުރިއަށް ގެންދިޔައެވެ.
“އޫ….ހަނދާން ނެތުނީއޭ ކިހާ އެކްސެޕްޝަނަލްކަން! ފުރާވަރުގެ ކުދިންގެ ތެރެއިން ކޮމިއުނިޓީއަށް ސާރވްކުރާ ކުއްޖެކޯ. އަހަރުމެން ކަހަލަ މީހުން މީ ތާކުންތާކުޖެހޭ މީހުންނެއްނޫން.” މާޝާ ބުނެލިއެވެ. އެ ހިނދު އައްޒާމް ހިސާބެއްގެ ޙައިރާންކަމަކާއެކީ މާޝާއަށް ބަލާލިއެވެ.
“ކިހިނެއް އެނގުނީ؟” އައްޒާމަށް އަހާލެވުނެވެ.
“ދެން އެނގޭނެތާ އެހާ މަޝްހޫރު އައިޓީ އައްޒާމް ޓީވީއަށް އަރަން އުޅެންޏާ.” މާޝާ އައްޒާމަށް ބަލައި ދެބުމަ އަރުވާލަމުން ބުނެލިއެވެ. މާޝާ އޭނައަށް ކިޔާލި ނަމުން އެހެން މީހެއްގެ މަތިން ހަނދާންވުމުން އައްޒާމަށް ހީލެވުނެވެ.
“މާޝާގެ ދޮންބެ ދޯ އެއީ؟” އައްޒާމް ހެވިފައިހުރެ އެހިއެވެ. މާޝާ ތުންފިއްތައި ބޯޖަހާލަމުން ހޫންލައްވާލިއެވެ.
“އެކްޗުއަލީ ނޮޓް ޝުއާރ. އަހަރެންގެ ދޮންބެނަމަ ދޮންބެގެ ޝޯގަ އަހަރެން ވެސް ހިމެނީސް…އައުޗް!” މާޝާ ދެރަވާކަމަށް ހެދި މޭމަތީގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. އެ ހިނދު އައްޒާމަށް އަނެއްކާވެސް ހީލެވުނު ވަގުތަކީ މާޝާމެންގެ ގޭގެ މައިދޮރާއި ދެމީހުންނަށް ހަމަކޮށްލެވުނު ވަގުތެވެ. އެއާއެކު މާޝާ އައްޒާމަށް ބަލައި ދަނީއޭ ބުނެލަމުން ގެއަށް ވަންނަން އުޅުނެވެ. އެހެނަސް މާޝާ އައްޒާމަށް ފަސްދިން ތަނާހެން އައްޒާމް ‘މާޝާ’ އޭ ކިޔައި ގޮވާލި އަޑަށް މާޝާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކީ މާޝާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އޭނައަށް ބަލަންހުރި އައްޒާމް އިސްޖަހާލުމުން މާޝާ ޙައިރާންވާ ގޮތްވިއެވެ.
“ކުރީ ރޭ ކަންތައްވީ ގޮތަށްޓަކައި ވަރަށް ބޮޑަށް މަޢާފަށް އެދެން. ކަމެއް ދިމާވީމަ އެރޭ ފަހުން ވާހަކަ ނުދެކެވުނީ.” އައްޒާމް މާޝާއަށް ބަލަމުން ނުބަލަމުން ބުނެލިއެވެ. އޭނަ ހުރީ ޙަޤީޤަތުގައި ވެސް އެރޭ މާޝާއާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތާއިމެދު ދެރަވެފައެވެ. އެއަށްވުރެ ބޮޑަށް ދެރަވީ އޭނައަށް އެ ހެދުނު ގޮތުން އޭނައާއި މާޝާއާއި ދެމެދު އިތުރު ގުޅުމެއް އޮވެދާނެ ކަމާއިމެދު ވެސް ޝައްކުކުރެވުމުންނެވެ. އެހެނަސް މިއަދު ވެސް މާޝާ ފެނުމާއެކު ނޭނގޭ ސަބަބަކާހުރެ އޭނައަށް ވާހަކަ ދެކެވުނީ އެ ގިލަންވެރިކަމުގެ މަތިން ހަނދާން ނައްތާލަމުންނެވެ. މާޝާގެ ސޫރައަކީ އޭނަގެ ހުރިހާ ނޭދެވޭ އިޙްސާސްތަކަށް ހުރި ފަރުވާއެއް ފަދައެވެ. އޭނަ ދެންމެ ބުނެލި ވާހަކައަށް މާޝާ ދައްކާލި ލުއި ހިނިތުންވުމުން ވެސް އައްޒާމްގެ ހިތް ވިރިގެންދާން ފެށިއެވެ.
“އިޓްސް އޯކޭ އައްޒާމް. އެހެންނޫނަސް އައި ޑޯންޓް ހޯލްޑް އިޓް އެގެއިންސްޓް ޔޫ. އެނގޭ އައްޒާމް ވަރަށް ބޮޑު ކަމެއް ދިމާވެގެން ނޫނީ އަހަރެން އެކަނި ނުކުރާނެކަން.” މާޝާއަށް އެ ފަހު ބަސްތައް ބުނެލެވުނީ އިޚްތިޔާރުން ބޭރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ހަމަ އެއާއެކު އޭނައަށް ކުއްލިއަކަށް ބަލާލި އައްޒާމާއި އެއްވަރަށް މާޝާ ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް މިވަނީ ކިހިނެއްތޯ މާޝާގެ ހިތަށްއެރިއެވެ. ކުރިން އެފަދަ ބަސްތައް ބޭނުންކުރި ކޮންމެ ފަހަރެއްގެ މަތިން އޭނަ ބޭނުން ކޮށްފައިވަނީ ނުހަނު ވިސްނުންތެރިކަމާއެކީ ސިކުނޑީގައި އެ ބަސްތައް ރާވައި އެއިން އޭނަގެ ކުރިމަތީގައި ހުރި ފިރިހެން ކުއްޖާއަށް ކުރާނެ އަސަރު ޔަޤީންކޮށްފައެވެ. އެހެނަސް މިއަދު ނުބުނަން ހުއްޓާ ވެސް އެފަދަ ބަސްތައް އޭނައަށް ބުނެވެން ފަށައިފިކަން އެނގުންވުމުން މާޝާ ހިސާބަކަށް ބިރުވެސް ގަންނަ ގޮތްވިއެވެ. އޭނަގެ ހިތުގެ ސަމުގާ އެހެން މީހަކާއި މުޅިން ޙަވާލުކުރެވެމުންދާ ކަމުގެ އިޙްސާސެއް ކުރެވުމުން މީގެ އާޚިރު ނަތީޖާ ނިކުންނާނެ ގޮތާއިމެދު ޔަޤީން ނުވުމުންނެވެ. އައްޒާމްގެ މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔަ ހިތުތެރޭގައި ވެސް ހިނގަމުން ދިޔައީ އެ ޒާތުގެ ޖަޒުބާތުތަކެވެ. އެ ވަގުތުކޮޅަށް ނިމުމެއް އައީ މާޝާގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. މާޝާ ޖީބުން ފޯނު ނަގައި ބަލާލިއިރު ގުޅަނީ މަންމައެވެ. ފޯނަށް ޖަވާބު ދެމުން އޭނަ އައްޒާމަށް ބަލާލިއެވެ. ތިރި ބަލައި މަންމަ ގާތު މި އަންނަނީއޭ ބުނެފައި އަނެއްކާވެސް އައްޒާމަށް ބަލާލި ވަގުތު އައްޒާމް ފުން ނޭވައެއް ދޫކޮށްލަމުން އޭނައަށް ފަސްދީފައި ދާން ހިނގައިގަތެވެ. އައްޒާމް ލޯމައްޗަށް ގެއްލުމުން މާޝާ ވެސް އިސްޖަހާލަމުން ގެއަށް ވަންނަން ދިޔައެވެ.
**
މިރްޒާންމެން ތިބި ފްލައިޓް ފުވައްމުލަކު އެއާރޕޯޓުގައި ޖެއްސީ ހެނދުނު 8:30 ވާން ގާތްވެފައި ވަނިކޮށެވެ. އިންޓަވިއުއަށްޓަކައި އައްޒާމްގެ ގެއަށް އަންނާނެ ކަމަށް ބުނެވިފައިވީ 10 ޖަހާއިރު ކަމަށްވުމުން މިރްޒާން ނިންމީ އެންމެ ފުރަތަމަ މަންމަމެންނާއި ބައްދަލުކޮށްލަން ގެއަށްދާށެވެ. އޭނަ ވަކިން ކާރެއްގައި ގެއަށްދާން މިޞްރާބު ބަދަލުކުރިއިރު އާތިފާއެކީ ދެން ތިބި މީހުން ރަށުތެރެ ބަލާލަން ނިންމިއެވެ. މިނެޓްތަކެއް ވަންދެން ކުރަންޖެހޭ އެ ދަތުރު މަތީގައި އޭނަ މަންމައަށް ގުޅައި އޭނަ ވީ ހިސާބު އެންގިއެވެ. ނަތީޖާއެއްގެ ގޮތުން މިރްޒާން ގެއާއި ހަމަވީއިރު ހިނިތުންވުންތަކާއެކީ ތިބި މަންމައާއި ބައްޕަގެ އިތުރުން މާޝާވެސް ތިބީ ދޮރުމަތީގައެވެ. މުޅި ޢާއިލާ އެކީގައި ގެއަށްވަނީ އެކަމާމެދު ކުރަމުން ދިޔަ ސަމާސާތަކާއި އެކީގައެވެ. ގެއަށްވަދެ އެންމެ އެކީގައި ސިޓިންގް ރޫމުގައި އިށީން ވަގުތު އެތާހުރި މޭޒުމަތީގައި މިރްޒާނަށް ދޭން ހެދިފައިހުރި ކޮފީ ތަށްޓަކާއި ހެދިކާވިއެވެ. އެންމެން އެކީގައި ކަމުން ވާހަކަ ދައްކަމުން ދިޔައިރު މަންމަމެންގެ މެދުގައި ނަޒަރުތައް ބަދަލުވަމުން ދިޔަކަން މިރްޒާނަށް ފާހަގަވިއެވެ. މަންމައާއި ބައްޕަވެސް މާޝާއަށް ބަލައި ބޯޖަހަމުން ދިޔަ ގޮތުން މާޝާ ލައްވާ އެއްޗެކޭ ބުނުވަން އުޅޭހެން މިރްޒާނަށް ހީވިއެވެ. އެކަމާމެދު ވިސްނެން ފެށި ވަގުތު މަންމަ ވާހަކަ ދެއްކިއެވެ.
“މިރްޒާން ދަރިފުޅަށް އެނގޭތަ ކުރީ ދުވަހު މިގެއަށް އައި ކޮންމެވެސް ކުއްޖެއްގެ ވާހަކަ ބުނަން ބޭނުންވެފަ މާޝާ އެ އިންނަނީ.” ހާފިޒާ ހެވިފައި އިނދެ ނޫންކަމަށް ހަދަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ކޮން ކުއްޖެއް؟” މިރްޒާން ބުމަގޮށްޖެހިފައިހުރެ މާޝާއަށް ބަލާލީ އެ ވާނީ މާޝާގެ ‘ރައްޓެހި’ ކޮންމެވެސް ފިރިހެން ކުއްޖެއްގެ ވާހަކަހެން ހީވުމުންނެވެ.
“އޯ ގޯޑް ދޮންބޭ! އަހަންނަށް ލުކް އޮފް ޑެތްއެއް ނުދިނަސް ބުނެފާނަމޭ. ހެހެ…..އެއީ ވަރަށް ސްވީޓް އަންހެން ކުއްޖެއް. މަންހާ ކިޔަނީ. އަހަންނާ ވަރަށް ކްލޯޒް ފްރެންޑެއް އެއީ.” މާޝާ ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.
“ދެން؟” މިރްޒާނަށް އެހެން އަހާލެވުނީ އެވާހަކަ އޭނައަށް މުހިއްމުވާންވީ ސަބަބެއް ނޭނގުމުންނެވެ. އޭނަ އެހެން ބުނެލުމުން މަންމައާއި ބައްޕަގެ މޫނުތަކުން ހިސާބެއްގެ ނުތަނަވަސްކަމެއް މިރްޒާނަށް ފެނުނެވެ. އެ ނުތަނަވަސްކަމުގައި ހިނިތުންވާން މަސައްކަތް ކުރަމުން ހާފިޒާއަށް ވާހަކަ ދެކެވުނެވެ.
“ފް….ފަންސަވީސް އަހަރުގެ ކުއްޖެއް އެއީ. ވަރަށް ރަނގަޅު އަދި ދީންވެރި.” ހާފިޒާއަށް އެ ބަސްތައް ބުނެވުނު ދެވަނަ ސިކުންތުގައި އޭނައާއެކީ ލަތީފްގެ މޫނުމައްޗަށް ވެސް ވެރިވީ އެ ބަސްތަކާއިމެދު ހިތާމަ ކުރެވުނު އަސަރެކެވެ. އެކަން ރަނގަޅަށް އެނގިގެން ދިޔަ މިރްޒާނަށް މި ވާ އެއްޗެއް ސާފުކޮށް ނަގައިގަނެވުނެވެ. އޭނަގެ މޫނުމަތިން އެކަން ފާޅުވުމުން ހާފިޒާ އިސްޖަހައި ބޯހޫރުވާލަމުން ތެދުވެ، އެތަނުން ދާން ހިނގައިގަތެވެ. ހާފިޒާ ދިޔަ ދިމާލަށް ބަލަން އިނދެ ލަތީފް ވެސް ހާފިޒާއަށް ގޮވަމުން ދިޔައެވެ. އެމީހުން ދިޔަތަން ބަލަން އިނދެ މިރްޒާނަށް އިސްޖަހާލެވުނެވެ. އެއަށްފަހު އޭނަ މާޝާއަށް ބަލާލިއެވެ.
“ޔޫ ފިގާރޑް އައުޓް ދޯ؟” މާޝާ އަހާލިއެވެ. މިރްޒާން ހިނދުކޮޅަކަށް ހުރެފައި ބޯޖަހާލިއެވެ.
“ހެހެ…..މަންމަމެން އުޅުނީ ސީކްރެޓް ގޮތަކަށް ދޮންބެ މަންހާ ލައިކްވާނެ ގޮތަށް ހަދަން. އަހަންނާ މަންހާ ފްރެންޑް ކުރުވީ މަންހާގެ ރަނގަޅު ވާހަކަތައް ދޮންބެއަށް އިވޭނެ ގޮތަށް ހަދަން. ބަޓް އައި ގެސް….ދަ ޕްލޭން ހޭޒް ފްލޮޕްޑް. އެކަމަކު މަންމަމެން ތިބީ ވަރަށް ހޯޕްކޮށްގެން. އަދި އެއީ އަސްލުވެސް ވަރަށް ސްވީޓް ކުއްޖެއް. އަހަރެން ވެސް ކުރީކޮޅު ލައިކެއްނުވޭ މޫނުބުރުގާ އަޅައިގެން ހުންނާތީ. ބަޓް ޝީ އިޒް ވެރީ ކައިންޑް. އެހެން ދީންވެރި މީހުން ގޮތަކަށްނޫން. ޕްލަސް ވަރަށް ރީއްޗަށް ޤުރުއާނުގެ ވާހަކަތައް ވެސް ކިޔައިދޭ.” މާޝާ ވާހަކަ ދެއްކިއެވެ. އެހެނަސް އެއިން މިރްޒާން ޝައުޤުވެރިވީހެނެއް ހިއެއްނުވެއެވެ.
“ތިއީ ތެދަކަށްވެދާނެ މާޝް….އެކަމަކު ކިހާ އަންފެއާރ ވާނެ އެކަހަލަ ކުއްޖަކަށް ދޭންވާ ލޯބި ދޮންބެއަށް ނުދެވުނިއްޔާ؟ ދޮންބެ އަދިވެސް ލޯބިވަނީ އަމްނާ ދައްތިދެކެ. އަދިވެސް ވަރަށް ބޮޑަށް ލޯބިވޭ. ވަރަށް ހަނދާންވޭ…” މިރްޒާން އެއްދިމާލަކަށް ބަލަން އިނދެ އެ ފަހު ބަސްތައް ވޭނީ އަޑަކުން ބުނެލިއިރު އާދައިގެ މަތިން އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޯ ރަތްވެ ލޮލަށް ކަރުނަތައް ޖަމާވާން ތައްޔާރުވިއެވެ. މަންޒަރު ބަލަން އިން މާޝާއަށް ދެބުމަ ކައިރި ކޮށްގެން ވިސްނުމެއްގައި އިނދެވުނެވެ. އޭނަގެ ހަނދާނަށް އައީ މަންހާ ދެއްކި ވާހަކަތަކެވެ. ދޮންބެގެ ޢާއިލާ މަރުވީއެއް ނޫންކަމެވެ. ދޮންބެއާއި އެމީހުންނާއި އަނިޔާވެރި ގޮތަކަށް ވަކިކޮށްލެވުނީ ކަމަށެވެ. ހަމަ އެހިނދު މާޝާއަށް ވާހަކަ ދެކެވުނެވެ.
“ދޮންބޭ….ކިހިނެއްތަ ދޮންބެއާއި އަމްނާ ދައްތި ވަކިވީ؟” މާޝާއަށް މަންމަމެންގެ ބަސްތައް ހަނދާން ނައްތާލަމުން އެހެން އަހާލެވުނީ އެނގެން ބޭނުންވެފައިވި މިންވަރުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް އެކަމާމެދު ހިތާމަކުރެވުނީ އެއިން ދޮންބެއަށް އިތުރު ދެރައެއް ލިބިދާނެތީވެއެވެ. އެހެނަސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ދޮންބެ އެ ސުވާލަށް ޖަވާބު ދިނެވެ.
“އަމްނާ ދައްތި ދޮންބެއަށް ބިރުގަތީ.” މިރްޒާން އިންގޮތަށް އިނދެ ބުނެލިއެވެ. އެއާއެކު އަންތަރީސްވެގެން ދިޔަ މާޝާ ސިކުނޑިއަށް ވެރިވެގެން ދިޔަ އެތައް ސުވާލަކާއެކީ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. އޭނަ އިންގޮތަށް އިންދާ ދޮންބެ ސޯފާއިން ތެދުވެލީ މަންޒަރު އޭނައަށް ފެނުނެވެ. މާޝާ އެތާނގައި ބަހައްޓާފައި މިރްޒާން ދިޔައީ މަންމަމެން ހިތްހަމަޖައްސާލުމަށްޓަކައި މަންމަމެންގެ ކޮޓަރިއަށެވެ. އޭނަ ދިޔައިރު އެ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވިފައިވުމުން މިރްޒާން އެ ދޮރު ކޮއްޕައި ހުޅުވާލިއެވެ. އެ ހިނދު އެނދުގައި އިށީނދެގެން ރޮވިފައި އިން މަންމަގެ ކައިރީގައި ބައްޕަ ވެސް އިންތަން މިރްޒާނަށް ފެނުނެވެ. ދެމީހުންގެ ނަޒަރު އޭނައަށް އަމާޒުވީ ތަނާހެން ހާފިޒާ ތެދުވެލަމުން ވާހަކަ ދެއްކިއެވެ.
“މް..މިރްޒާން! މިފަހަރު އިންކާރު ނުކުރައްޗޭ ދަރިފުޅު. އާދޭހެއް މިކުރަނީ! ކިހާ ދުވަހެއް ވަންދެންތަ ދަރިފުޅު ތިހެން އުޅޭނީ؟ އެއްފަހަރު އަމިއްލަ ނަފްސާމެދު ވިސްނާލަބަލަ މިރްޒާން. އަމިއްލަ ނަފްސާމެދު ނުވިސްނެންޏާ މި މަންމައާމެދު ވިސްނާލަބަލަ. މަންމައަކަށް ކެތެއްނުކުރެވެއޭ ދަރިފުޅު ތިހެން އުޅޭތަން ދެކޭކަށް!” ހާފިޒާ ފުރަތަމަ ފަހަރަށް ރޮވިފައިވާ އަޑަކުން ފެންކަޅިވެފައިވާ ދެލޮލާއެކީ އެ ވާހަކަ ދެއްކުމުން މިރްޒާންގެ ހިތަށް ވެސް އަސަރުކުރިއެވެ. މަންމަ އުފާކޮށްދޭން މި ފިޔަވަޅު އަޅަން އޭނަ ބޭނުންވިއެވެ. އެހެނަސް އޭނަގެ ހިތުގެ ޙާލަތު މަންމައަށް ވިސްނޭނެނަމައޭ ވެސް ހިތަށްއެރިއެވެ. މަންމަ ދެންވެސް ވާހަކަ ދައްކަން އުޅުނު ވަގުތު ބައްޕަ ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.
“އޭނަ ބަހައްޓާ ހާފިޒާ. އޭނައަކަށް އަހަރުމެންގެ އިޙްސާސްތަކާމެދު ނުވިސްނޭ. ނާހިދުމެން ކައިރި ބުނާނީ މި ގުޅުން ކުރިއަށް ނުގެންދެވުނު ވާހަކަ.” ލަތީފް ހިސާބަކަށް ނުރުހުންވެފައިހުރެ އެ ވާހަކަ ބުނުމުން ހާފިޒާއަށް އިތުރަށް ރޮވެން ފެށިއެވެ. މަންމަ ރޮނީ ހަމައެކަނި އޭނައާހެދިކަން އެނގުންވި ވަގުތު މިރްޒާންގެ ހިތަށް ނުބައި ގޮތެއްވިއެވެ. އެކަން އެގޮތަށްވާން ބޭނުން ނުވީވަރުން މިރްޒާނަށް ވާހަކަ ދެކެވުނެވެ.
“ނޫން ބައްޕާ. އަދި އެ ވާހަކަ ނާންގާ…..އަހަރެން ވިސްނާނަން.” ވިސްނޭނެކަމުގެ ޔަޤީންކަމެއް ނެތެއްކަމަކު މިރްޒާން ބަލިވެފައިވާ ހިތަކާއެކީ ބުނެލިއެވެ. އޭނަ އެހެން ބުނުމުން މަންމަ އިސްއުފުލާލަމުން ލަސްލަހުން ހިނިތުންވެލީ މަންޒަރު ފެނިފައި މިރްޒާންގެ ހިތުގެ މުރާދު ޙާޞިލުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މަންމަ އައިސް އޭނަގެ ގައިގައި ބައްދާލުމުން މިރްޒާން ވެސް ލޯތްބާއެކީ މަންމަގެ ގައިގައި ހިފަހައްޓަމުން މަންމައާއި ބައްޕައަށްޓަކައި ހިތާހިތުން ދުޢާކުރިއެވެ.
ގޭގައި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު މިރްޒާން ގެއިން ނިކުތީ އާތިފް ގުޅުމުންނެވެ. އޭގެ ފަހުން އިރުކޮޅެއްގެ ތެރޭގައި މިރްޒާންމެންނަށް ތިބެވުނީ އައްޒާމް އުޅޭ ގެސްޓް ހައުސްގައެވެ. އެގޭގެ ބެލް އަޅުވާލުމުން ދޮރު ހުޅުވާލީ ވެސް އައްޒާމެވެ. އައްޒާމް އުޅެނީ އެކަނިތޯ އެހުމުން އޭނަ އެރަށަށް އައީ ކާފައާއި އެކީގައި ކަމާއި، ކާފަ އެވަގުތުވީ ތިމާގެ ގެއަކަށް ޒިޔާރަތްކުރަން ގޮސްފައިކަން މިރްޒާންމެނަށް އެނގުނެވެ. ވާހަކައިގައި ތިބެ އައްޒާމާއި އިންޓަވިއު ކުރުމަށްޓަކައި ގޭގެ ސިޓިންގް ރޫމު އެމީހުން ބޭނުންވާފަދަ ގޮތަކަށް ބަދަލުކުރުމުގައި އައްޒާމްވެސް އެހީތެރިވިއެވެ. އެއިން ވެސް މިރްޒާނާއި އެތާތިބި އެހެން މީހުންގެ ހިތްތަކުގައި އައްޒާމަށްޓަކައިވި ޤަދަރު އިތުރުވިއެވެ. އެންމެ ފަހުން މިރްޒާނާއި އައްޒާމް އެކަކު އަނެކަކާއި ކުރިމައްޗަށްވާ ގޮތަށް ތިބި ދެ ސޯފާގައި ތިބެ އިންޓަވިއުގެ ސުވާލާއި ޖަވާބު ރެކޯޑް ކުރުވިއެވެ. އެއަށްފަހު އައްޒާމް އެކިއެކި މަސައްކަތުގައި ހުއްޓާވެސް ވީޑިއޯ ކްލިޕްތައް ނެގިގެން ދިޔައެވެ. ހުނުމުގެ އަޑުން ފުރިފައިވި ސަމާސާވެރި މާޙައުލެއްގައި އެ ހުރިހާ ކަމެއްކޮށް ނިމުނީ ދެ ގަޑިއިރެއްހާ އިރު ތެރޭގައެވެ. ހުރިހާ ކަމެއް ނިމުމުން މިރްޒާންމެން އެމީހުންގެ އެއްޗެހިތައް ޕެކްކޮށް އެގޭގެ ބޭރުގައި ޕާކްކުރެވިފައި އޮތް ވޭނަށް އަރުވަމުން ދިޔައެވެ. އެންމެން އެކީގައި ނިކުތްއިރު އެންމެ ފަހަކަށް ނިކުންނަން ހުރީ މިރްޒާނެވެ. އަނެއްކާވެސް ފުރަންވާއިރަށް އޭނަ ދާނީ ގެއަށް ކަމަށްވުމުން އާތިފްމެން ކައިރި ދިޔުމަށް އޭނަ އެންގިއެވެ. އާތިފްމެންގެ ވޭން ދުއްވާލި އަޑު އިވުނު ވަގުތު މިރްޒާން ވެސް ފަހު ފަހަރަށް އައްޒާމާއި ހިނިތުންވެލަމުން ސަލާމް ކޮށްލީ އަދިވެސް އެއްފަހަރު ބައްދަލުވާނެކަމަށް އުއްމީދުކުރާ ކަމަށް ބުނަމުންނެވެ. ސަލާމްކޮށްލުމަށްފަހު މިރްޒާން އައްޒާމަށް ފަސްދީފައި ދާންއުޅުނު ވަގުތަކީ، ގޭގެ ހުޅުވިފައިވި ދޮރުން ހާޝިމް ގެއަށް ވަން ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި ހާޝިމާއި މިރްޒާންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔުމުން ދެމީހުން ވެސް ހުއްޓުންއެރިއެވެ. އެތައް އަހަރެއްފަހުން މިރްޒާނަށް ހާޝިމް ފެނުމާއެކު އޭނަގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވިއެވެ. އެންމެ ފުރަތަމަ ވެސް ހާޝިމަށް އައިސްފައިވި ބަދަލުތައް ފާހަގަކުރެވުނެވެ. މޫނުމަތިން އިހުނަށްވުރެ ގިނަ ރޫތައް ފެނަންމުން ދިޔަ ގޮތާއި ތުނި އިސްތަށިގަނޑާއި ތުނބުޅި މުޅިން ހުދުވެފައިވި ގޮތެވެ. އެ މޫނުމަތި މިއަށްވުރެ ތާޒާކަން މަތީ ހުއްޓާ އޭނައަށް އެންމެ ފުރަތަމަ ފެނުނު ދުވަސް އެހިނދު މިރްޒާންގެ ހަނދާނަށްއައެވެ. އެއީ އޭނަ އަލަތު ކައިވެންޏެއް ކުރަން އަންހެން ކުއްޖާއާއި ބައްދަލުކުރަން ދިޔަ ދުވަހެވެ. އެދުވަހާއި އެދުވަސްޖެހިގެން އައި ދުވަސްތަކުގެ އުފާވެރިކަމުގެ ހަނދާން އާވެގެން ދިޔުމުން ހިނދުކޮޅަކަށް ނަމަވެސް މިރްޒާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެހެނަސް މާ ގިނައިރެއްނުވެ ހިތްދަތި ހަނދާންތަކެއްގެ ސަބަބުން އޭނަގެ ހިތުގައިވި ޒަޚަމްތަކުން ދިލަނަގަން ފެށިއެވެ. ހަމަ އެ ހިނދު އޭނައަށް ބަލަހައްޓައިގެން ހުރި ހާޝިމްވެސް ވީ އެފަދަ ޙާލެއްގައެވެ. އެހެނަސް ތަނަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ވައި އަޑުން ‘މިރްޒާން’ އޭ ކިޔައި ގޮވާލި ހާޝިމެވެ. އެއާއެކު އަނެއްކާވެސް ހިތަށްވެރިވި ޖަޒުބާތުތަކުގެ އޮއިވަރާއެކީ މިރްޒާނަށް އިސްޖަހާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި މިރްޒާން އެގެއިން ދާން ހިނގައިގަތީ އޭނަގެ އެ ޖަޒުބާތުތައް ފޮރުވުމުގެ ބޭނުމުގައެވެ. އެހިނދު އެތާހުރި އައްޒާމް ވެސް ވާނުވާއެއް ނޭނގި ބަލަހައްޓައިގެން ހުއްޓެވެ. މިރްޒާން ހާޝިމާއި ހަމަވީ ވަގުތު ހާޝިމް ވާހަކަ ދެއްކިއެވެ.
“ދަރިފުޅު މަޑުކޮށްނުލާނަންތަ ބައްޕައާއި ވާހަކަ ދައްކަން؟” ހާޝިމް އަހާލިއެވެ. ހާޝިމް ވާހަކަ ދެއްކި ގޮތުން އޭނައަށް އޭނަގެ އެންމެ އުފާވެރި ދުވަސްތަކަށް އަނބުރާ ދެވުނު ކަހަލަ އިޙްސާސެއް މިރްޒާނަށް ކުރެވުނެވެ. ހާޝިމް އޭނަގެ ބައްޕައަށްވާނީ އޭނައާއި ކާކާއި ދެމެދު ގުޅުމެއް އޮންނާތީވެކަން އެނގުންވީ ވަގުތު މިރްޒާނަށް ހާޝިމާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު އޭނައަށް ބޯޖަހާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. އެއާއެކު ހާޝިމް ހިނިތުންވުމަކާއެކީ މިރްޒާން ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. ހާޝިމް ނުހަނު އުފާވެފައި އިނދެ މިރްޒާން ކިހިނެއްތޯ އަހައި ވާހަކަ ފެށިއެވެ. އަދި އައްޒާމްވެސް ގެނެސް އައްޒާމާއި މިރްޒާން އެކަކު އަނެކަކަށް ތަޢާރަފުކޮށްދިނެވެ.
“އައްޒާމް، މިއީ އައްޒާމްގެ ބޮޑުދައިތައެއްގެ ފިރިމީހާ. މިރްޒާން، މިއީ އަމްނާގެ ތުއްތަގެ ދަރިފުޅު.” ހާޝިމް ހިނިތުންވުމަކާއެކީ އެ ވާހަކަތައް ކިޔައިދިންއިރު އޭނަގެ ލޯމަތިން ހިތާމަވެރިކަން ވެސް ފާޅުވަމުން ދިޔައެވެ.
“މާ ޝާ ﷲ! އެހެންވީމަ ވީ އާރ ރިލޭޓިވްސް އައްޒާމް! ވަރަށް ފަޚުރުވެރިވޭ އައްޒާމް ކަހަލަ މޮޅުކުއްޖެއްގެ ތިމާގެ މީހަކަށްވީމަ.” މިރްޒާން ނުހަނު ޖޯޝާއެކީ ބުނެލިއެވެ. އައްޒާމް އެހެން ސޯފާއެއްގައި ދެންވެސް ޙައިރާންކަމެއްގެ ތެރޭގައި އިނދެ ހިނިތުންވެލިއެވެ.
“ހެހެ….މުޙްސިން ވެސް ހުރިނަމަ މިއަދު މިކަހަލަ މޮޅު ކުއްޖަކަށްވެފަ ހުންނާނީ….ދޯ؟” ހާޝިމް އެ ވާހަކަ ފެށީ ހެވިފައިހުރެ ކަމަށްވިޔަސް ފަހު ކޮޅުން އެ ހިނިތުންވުން ފިލައިދިޔައެވެ. މިރްޒާނަށް ވެސްވީ އެކަހަލަ ގޮތެކެވެ. އޭނައަށް ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ. މިރްޒާނަށް ބަލަން އިނދެފައި ހާޝިމް ދެންވެސް ވާހަކަ ދެއްކިއެވެ.
“ދަރިފުޅު މިހާރު މީހަކާ އިނދެގެން ދޯ އުޅޭނީ؟ ކިތައް ކުދިން ލިބިއްޖެ؟” ހާޝިމް ގަދަކަމުން ހިނިތުންވެލަމުން އޭނައަށް ނުހަނު ބޮޑަށް ހީވެފައި އޮތްގޮތެއްގެ މައްޗަށް އެ ސުވާލުތައް ކޮށްލީ މިރްޒާން އުފާކޮށްލުމުގެ ނިޔަތުގައެވެ. އެހެނަސް މިރްޒާން ލަސްލަހުން އިސްއުފުލާލި ވަގުތު އޭނަ ފެންކަޅިވެފައިވުމުން ހާޝިމްގެ ހިނިތުންވުން ފިލައިދިޔައެވެ.
“އަމިއްލަ ލޯބިވާ ޢާއިލާއެއް އޮތްވާ އެހެން ޢާއިލާއެއް ފަށަން ބޭނުންވާނީ ކާކުތަ ބައްޕާ؟” މިރްޒާނަށް އެހެން އަހާލެވުނީ ތުރުތުރު އަޅަމުން ދިޔަ އަޑަކުންނެވެ. މިރްޒާން ހާޝިމަށް ބަލާލި ވަގުތު އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ހާޝިމަށް ޤަބޫލުކުރަން ވެސް ދަތިވެފައި މިރްޒާނަށް ބަލަން އިނދެވުނެވެ. އޭނަ އެއްޗެކޭ ބުނަން ނޭނގިފައި އިންދާ މިރްޒާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އަދި އެއީވެސް އަހަރެން ފަރުވާ ކުޑަވުމުގެ ސަބަބުން އެ ޢާއިލާ އަހަންނަށް ގެއްލިފައިވާއިރު.” މިރްޒާން އެހެން ބުނެލީ ހާޝިމް އެދުވަހު އޮފީހަށް ގޮސް ދެއްކި ވާހަކަތަކެއްގެ މަތިން ހަނދާންކޮށްލަމުންނެވެ. އެކަން އެނގުންވުމުން ހާޝިމަށް ވާހަކަ ދެކެވުނެވެ.
“ތިހެން ނުބުނޭ ދަރިފުޅާ. އެއީ ދަރިފުޅުގެ ސަބަބުންވީ ކަމެއްނޫން. ދަރިފުޅު ދަރިފުޅަށްވީ މިންވަރަކުން ދަރިފުޅުގެ ޢާއިލާ ރައްކާތެރިކުރަން މަސައްކަތްކުރި. އެހާ ހިތްދަތިވީއިރު ވެސް އެތައް ދުވަހެއް ވަންދެން އެމީހުން ނުވެސް ފެނި ދަރިފުޅު އުޅުނީ. ވި ހުރިހާ ކަމަކަށްޓަކައި ބައްޕަ ވަރަށް ބޮޑަށް މަޢާފަށް އެދެން. އާތިފް ބުނިހެން މިރްޒާން މިރްޒާންގެ ދަރިފުޅާއި ދުރުކުރުވީމަ އަހަރުމެންނަށް އަހަރުމެންގެ ދަރިފުޅު ގެއްލުނީ. މުޙްސިން ބަލާލަން ރާވައިގެން މިރްޒާނަށް ފުރުޞަތެއް ހޯދައިދެވުނުނަމަ އެދުވަހު އެގޮތަށް ކަންތައް ނުވީސް.” ހާޝިމް އެ ވާހަކަ ދެއްކުމުން މިރްޒާންގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެ މަންޒަރުތައް ބަލަން އައްޒާމަށް އިނދެވުނީ އަޖާއިބުވެފައެވެ. އެ ދައްކަނީ ކޮން މުޙްސިނެއްގެ ވާހަކަކަން އެއްގޮތަކަށް ވެސް ނޭނގުމުންނެވެ.
އެއަށްފަހު ވެސް މިރްޒާނާއި ހާޝިމާއިމެދު އެތައް ވާހަކައެއް ދެކެވުނެވެ. ހާޝިމް ވެސް މިރްޒާން އެހެން ކައިވެންޏެއްކުރަން ހިތްވަރު ދިނެވެ. އެހެނަސް މިރްޒާން އެކަމަށް އިންކާރުކުރީ އޭނައަށް ޢާއިލާއެއް ފެށުނަސް އަމްނާއަށް ނުފެށޭނެ ނޫންތޯ ބުނަމުންނެވެ. އޭރުން އަމްނާއަށް ކިހާބޮޑު އެކަނިވެރިކަމެއް އިޙްސާސް ކުރެވޭނެތޯ ބުނަމުންނެވެ. މިރްޒާން ދެއްކި ވާހަކަތަކުން އަދަށްދާން ދެންވެސް އޭނަގެ ހިތުގައި އަމްނާއަށްޓަކައިވި ލޯބި ހާޝިމަށް އެނގުންވިއެވެ. މިރްޒާން ހިތްހަމަޖައްސާލުމަށްޓަކައި އައްޒާމާއިވެސް ލައިގެން އޭނަގެ ވަޒީފާގެ ވާހަކައިން މަޢުޟޫ ބަދަލުކޮށްލީ، އެކަމުގެ ސަބަބުން މިރްޒާނަށްޓަކައި އުފެދުނު ކުލުނެއްގެ ސަބަބުންނެވެ. އޭނައަށް މިރްޒާނަށް އަލްވަދާޢު ކިޔާލެވުނީ ވެސް މިރްޒާންގެ އުއްމީދުތައް ފުރިހަމަވާނެހެން މިރްޒާނަށްޓަކައި ދުޢާކުރަމުންނެވެ. އެ ވަގުތު ދެމީހުންނަށް ވެސް ނޭނގުނުކަމަކީ އެ އުއްމީދުތައް ފުރިހަމަވާން ކިހާ ގާތްވެފައިވިކަމެވެ.
އެދުވަހުގެ މެންދުރު 2 ޖެހި ވަގުތު މިރްޒާނާއި އާތިފާއެކީ އޮފީހުގެ އެހެން މީހުން އަނެއްކާވެސް ތިބީ ފްލައިޓެއްގެ ތެރޭގައެވެ. މިފަހަރު އެ ފްލައިޓްގެ މިޞްރާބު ހުރީ މިރްޒާން އެތަނަކަށް ދިޔުމަށް ކެތްމަދުވެފައިވި މަންޒިލަށް ކަމަށްވުމުން މިރްޒާނަށް ހުރެވުނީ އާދަޔާ ޚިލާފު ރަނގަޅު މޫޑެއްގައެވެ. އާތިފާއި އެކިއެކި ސަމާސާތައް ކުރެވެމުން ދިޔައީވެސް މާ ގިނައިންނެވެ. ދަތުރު ފެށުނުތާ މާ ގިނައިރެއްނުވެ އޭނައަށް ސުވާލުތައް ވެސް ކުރެވެން ފެށިއެވެ.
“ހަސަން އުޅެނީ އައްޑޫގެ ކޮން ރަށެއްގަތަ އާތިފް؟” މިރްޒާނަށް އަހާލެވުނެވެ.
“ނޭނގެ….އަސްލު ވަރަށް ނޭނގެއޭ އިނގޭ އެކުއްޖާއާއި ބެހޭގޮތުން. މީގެ ހަފްތާތަކެއް ކުރިން ކަޒިން ބުނީ ހަސަންގެ ކުރީގެ ނަންބަރަށް ނުވެސް ގުޅެއޯ. ދެން ކަޒިންއަށް ވެސް ހަސަންގެ އާ ނަންބަރެއް މި ލިބުނީ އައްޑޫގަ ހުންނަ ކަޒިންގެ ފްރެންޑެއްގެ އަތުން. ފްރެންޑް ބުންޏޯ ހަސަން އުޅެނީ ފޭދޫގައޯ. އެކަމަކު ނޭނގެއޯ ކޮން ގެއެއްގަކަން އުޅުނީ. ދެން މި ޝޯއަށްޓަކައި އަހަރުމެން ޗޫޒްކުރި ކުދިންނަށް ގުޅަމުން ގޮސް ހަސަންއަށް ގުޅުނީމަ އަހަރެން އެހިން ކޮން ރަށެއްހޭ. ބުނީމަ ބުނީ ބުނެވޭކަށް ނެތޭ. ދެން އަހަރެން ބުނިން ފޮޓޯއެއް ފޮނުވަދޭށޭ. ބުނީމަ ވެސް އިންކާރުކުރީ. ދެން އަހަރެން ޝޯގެ ވާހަކަ ކިޔައިދީފަ ބުނިން މި ޝޯގަ ބައިވެރިވެވިދާނެހޭ. ވަރަށް ގިނައިރު ވަންދެން އެއްޗެކޭ ނުބުނެ ހުރެފަ އާނއެކޭ ބުނީ.” އާތިފް ކިޔައިދިން އިރު މިރްޒާނަށް ވިސްނެމުން ދިޔައެވެ.
“ދެން އައްޑޫއަށް ގޮސް އަހަރުމެން ކިހިނެއް ތިކުއްޖާ ހޯދާނީ؟” މިރްޒާން އަހާލިއެވެ.
“އަހަރެން ތި ސުވާލުކުރީމަ އެހީ ކޮން ދުވަހަކުހޭ މިކޮޅަށް އަންނަނީ. ދުވަހާއި ގަޑިވެސް އަހާފަ ބުނީ ތިމަންނަ ހުންނާނަމޭ އެގަޑީގަ ގަމުގަ ހުންނަ ފިހާރައެއްގަ. ފިހާރައިގެ ނަން މެސެޖަކުން ފޮނުވާފަ އެބައޮތް. ސޯ ހަމަ މި ދާގޮތަށް އެ ފިހާރައިން ދިމާކުރަން ޖެހޭނީ. ޒާތެއްގެ ކުއްޖެއް ހުވާ!” އާތިފް ބުނެލިއެވެ. ނޭނގޭ ސަބަބަކާހުރެ އާތިފް ދައްކަމުން ދިޔަ ވާހަކަތަކުން މިރްޒާންގެ ހިތުގައި އޮތް އުއްމީދުގެ ހުޅުކޮޅު ވަރުގަދަވުން ނޫންކަމެއް ނުވިއެވެ. އެކުއްޖާގެ މާ ގިނަ ސިއްރުތަކެއް ވާނީ ސަބަބަކާ ލައިގެންނޫންތޯ ހިތަށްއެރިއެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކީ މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
ގަން އިންޓަނޭޝަނަލް އެއާރޕޯޓުގެ މިރްޒާންމެންގެ ފްލައިޓް ޖެއްސީ ގަޑިން 3:10 ވީ ވަގުތެވެ. ފްލައިޓުން ފޭބުމަށްފަހު އެމީހުން އެ ކުރު ދަތުރަށްޓަކައި ގެނައި ބެކްޕެކްތައް ހިފައިގެން ދެ ކާރުގައި އެމީހުން ދަތުރު ފެށިއެވެ. އާތިފާއި މިރްޒާންގެ އިތުރުން އެހެން ދެ މުވައްޒަފުންގެ ކާރު އެއްކަލަ ފިހާރައަށް މިޞްރާބު ޖެހިއިރު ދެން ތިބި މީހުން އެމީހުން ދާންވީ ގެސްޓް ހައުސްއަށް ދިޔައެވެ. ކާރު ތެރޭގައި އިންއިރު ވެސް ކެތްތެރިކަން ކޮޅުން ލަމުން ދިޔަ މިރްޒާނަށް ކުޑަ ދޮރުން ބޭރު ބަލަމުން އާތިފް އެ ބުނި ފިހާރަ ފެނޭތޯ ބަލަމުން ދިޔައެވެ. އެންމެ ފަހުން މިރްޒާން އެހެން އިންދާ ކުއްލިއަކަށް ފިހާރައެއްގެ ނަންބޯޑުން އެ ނަން ފެނިފައި މިރްޒާނަށް ކުއްލި ގޮތަކަށް މަޑުކުރާށޭ ބުނެލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ތަނާހެން މިރްޒާން ކާރުގެ ދޮރު ހުޅުވައި ފޭބިއެވެ. އަދި އަވަސްވެފައިވި ހިތަކާއެކީ ދިގު ފިޔަވަޅުތަކެއްގައި ފިހާރައިގެ ދޮރާއި ދިމާލަށް ދިޔައެވެ. އޭނަ ގޮސް އެ ކުޑަ ފިހާރައިގެ ދޮރުގައި އަތް އަޅާލަން އުޅުނު ވަގުތު އެ ދޮރު ހުޅުވިގެން ދިޔައެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައިން މިރްޒާންގެ ނޭވާ ހުއްޓިގެން ދިޔައެވެ.
ނުނިމޭ