Vaudhu (Part 3)
“އަހަރުމެން ބުނާ އެއްޗަކާ ދެކޮޅު ހަދަން ތީ އަދި ކާކުތަ؟ އެނ؟” ފަރުޒާނާ އެހެން ބުނެލީ އޭނަ ކާން އުޅުނު ޕާންފޮތި ތަށީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މަލާކަށް އެ ދައްތައާއި ދިމާލަށް ބަލާލެވުނީ ބިރުގެންފައިވި ހިތަކާއި އެކީގައެވެ. ވަރަށް ބޮޑުކަމެއް ގޯސްކޮށް ވާންއުޅޭ ކަމުގެ އިންޒާރެއް އޭނަގެ ސިކުނޑި ދިނެވެ.
މަލާކް ބަލަބަލާ ހުއްޓާ ރުޅިވެރި މޫނަކާއެކީ ފަރުޒާނާ އޭނަގެ ކައިރިއަށް އައިސް ބުރުގާގެ މަތިން އޭނަގެ އިސްތަށިގަނޑުގައި ހިފެހެއްޓިއެވެ. ވީ ތަދާއެކީ މަލާކްގެ އަނގައިން ވޭނީ އާހެއްގެ އަޑު ނިކުތް ހިނދު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފަރުޒާނާ ކުއްލި ގޮތަކަށް އެ އިސްތަށިގަނޑު ދޫކޮށްލުމުން މަލާކްގެ ކަރުނަތައް ގިނަވުން ނޫންކަމެއް ނުވިއެވެ.
“އަމިއްލަ ފެންވަރު އޮޅިގެން ނޫޅޭތި….އެއްފަހަރު ނުދާށޭ ބުނީމަ ނުދާނީ!” ފަރުޒާނާ މަލާކަށް ލޯ އަޅަމުން އަންގާލިއެވެ. އެ ބަސްތަކުން މަލާކް ވަކި ފަހަތަކަށް ނުޖެހުނެވެ. މިއަދު ޑޮކްޓަރަށް ދައްކަން ދިޔުމަކީ އޭނަގެ ޙައްޤެއްކަން ޔަޤީންވީތީވެއެވެ. އޭނަގެ މި ފަރުވާއަކީ ބައްޕަ ދާ އޮހޮރުވައިގެން ހޯދި ލާރިން އޭނަ ލިބިގަންނަ އެއްޗެއްކަން އެނގުންވުމުން ވީ ނުރުހުމުގައި ވާހަކަ ދެކެވުނެވެ.
“އެކަމަކު މަލާކް ނުދާންވީ އެއްވެސް ސަބަބެއްނެތް! ބޮޑުބޭބެގެ ލާރިންނެއްނޫން މި ފަރުވާ ހޯދަނީ. ބައްޕަގެ ލާރިން. އެ ވާހަކަ ބުނެފައެއްނު ބޮޑުބޭބެ މަލާކް ރެސްޓޯރެންޓްތަކަށާއި އެއްޗެހި ނުގެންދިޔަޔަސް ހޮސްޕިޓަލަށް ގެންދަނީ؟!” މަލާކް އެ ފަހު ޖުމްލައިން އިންޑިޔާއަށް އައި ދުވަހު ބޮޑުބޭބެ ބުނި ވާހަކައެއްގެ މަތިން ހަނދާންކޮށްދިނެވެ. ޑޮކްޓަރަށް ދައްކަން އޭނަ ނުގެންދަން އުޅުމުން މަލާކް ޙަޤީޤަތުގައި ވެސް އަޖާއިބުވިއެވެ. މީގެ ކުރިން ވެސް އެހެނިހެން ޓެސްޓްތައް ހައްދާފައިވެސް ޑޮކްޓަރަށް ދައްކަން އެއްވެސް ޝަކުވާއެއްނެތި އެމީހުން އޭނަ ގެންދިޔައެވެ. މިއަދު ވެގެން މިއުޅެނީ ކިހިނެއްތޯ މަލާކްގެ ހިތަށްއެރިއެވެ.
“ތިކަން ހަނދާން އެބަހުރި. އެހެންނޫނަސް ތި ބައްޕައަކު ދިން ލާރި ހުސްވެގެން އަހަރެން އަމިއްލަ އަތުން ދިޔައީ ކިހާ ލާރިއެއްކަން އެބަ އިނގޭތަ؟” ފާރޫޤު ދެލޯ ހަނިކޮށްފައި ސުވާލުކުރިއެވެ.
“ދޮގު! ބައްޕަ ފަހުން ވެސް އެތައް ލާރިއެއް ތި މީހުންނަށް ފޮނުވި. ލާރި މަދުވަންޏާ މަދުވަނީ ކީއްވެކަން އެނގޭނީ އެ ލާރި ހޯދާ މީހަކަށް!” މަލާކް އެހެން ބުނިތަނާހެން ބޮޑުބޭބެގެ ހޫނު އެތިފަހަރެއް އޭނަގެ މޫނުމައްޗަށް އެރިއެވެ.
“މާ ބޮޑަށް ބަލިވެ އުޅެނީތޯ އެކުއްޖާ؟” ފާރޫޤުގެ ފަރާތުން ޖަވާބެއްނުލިބި އިރުކޮޅެއްވުމުން އަޔާޒަށް އަހާލެވުނެވެ. ފާރޫޤު އޭނަ ގެއިން ނިކުތް ހިނދު މަލާކް ރުއި ރުއިމުގެ މަތިން ހަނދާންވުމުން އޭނަ ކަރުކެހިލިއެވެ. އެހެނަސް އޭނަ އޭނަގެ ޢާއިލާއާއެކީ ރާވައިގެން އައި ނުބައި ރޭވުން މަތިން ހަނދާންވުމުން ވާހަކަ ދެއްކިއެވެ.
“ހެހެ…..ބަލީއެއްނޫން. ބަލިނަމަ މިތަނަށް ގެނައީމުސް. މިއީ އަހަރުމެން ދަންނަ ހޮސްޕިޓަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ހޮސްޕިޓަލް ވިއްޔާ….ފުރޮޅުލީ ގޮނޑިއެއްގަ ގެއިން ބޭރަށް ގެންދިޔުމަކީ ފަސޭހަ ކަމަކަށް ނުވާތީ ނުގެނައީ.” ފާރޫޤު އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“އެކަމަކު މިކަހަލަ މުހިއްމު ސްކޭންއެއް ހަދާފަ ދައްކަން އަންނައިރު ބަލިމީހާ ގެންނަންވާނެ ނޫންތޯ؟ އެކުއްޖާއަށް ދެވޭނެ ފަރުވާ ވެސް ބުނެދޭން އެނގޭނީ ބޮޑަށް މައްސަލަ ހުރީ ފައިގެ ކޮން މަސްތަކެއްގައިކަން އެނގިގެން. އަދި އަތުގަ ވެސް ބާރު ހުރި ނެތް މިންވަރެއް އެނގިގެން. ބޭސްދޭން ޖެހޭތޯ އަދި ނުޖެހޭތޯވެސް އެނގޭނީ އެކަންތައް ބެލިގެން.” އަޔާޒަށް އެ ވާހަކަ ބުނެލެވުނީ ހިސާބެއްގެ ނުރުހުންތެރިކަމާއި އެކީގައެވެ. އޭނަގެ ކުރިމަތީގައި ހުރި މީހާގެ ފަރުވާ ކުޑަ ކަމުގެ ސަބަބުން އޭނަ އެ ބަލި ކުއްޖާއާއި ބައްދަލުނުވުމުންނެވެ. އަދި މި މީހަކީ އެ ކުއްޖާއަށް އެހާ ހެޔޮ އެދޭ މީހެއްހެން ހީނުވުމުންނެވެ.
“އަމް….އަދި އަޅުގަނޑު ގެންނާނީ އެކުއްޖާ އެހެން ދުވަހަކުން…ޑް..ޑޮކްޓަރު ދެންނެވީމެއްނޫންތޯ ސިކުނޑިއަށް ގެއްލުމެއް ލިބިފައޭ ހުރީ؟ ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުރި ކުއްޖެއްގެ ވިސްނުން ރަނގަޅެއް ނުވާނެ ދެއްތޯ؟” ފާރޫޤު އެހެން އަހާލީ އެކަމަށް އުއްމީދު ކުރާ ފަދައަކުންނެވެ.
“އަޅުގަނޑު ނުބުނަން ތިހެންނެއް. ސިކުނޑިއަށް ގެއްލުމެއް ލިބިފަ ހުއްޓަސް ވިސްނުން ރަނގަޅު ވެދާނެ. އެކުއްޖާގެ ވިސްނުން ރަނގަޅިއްޔާ އެންމެ ބޮޑަށް އެނގޭނީ ވެސް ޢާއިލާ މީހުންނަށް ދެއްތޯ؟” އަޔާޒް ބުނެލިއެވެ. ފާރޫޤު އެއަށްވެސް ނުތަނަވަސް ހީލުމަކުން ހީލި ގޮތުން އަޔާޒް އޭނައަށް އިތުރަށް ޝައްކުކުރެވެން ފެށިއެވެ. ހަމަ އެ ވަގުތު ނިމާލް ވާހަކަ ދެއްކިއެވެ.
“ދެން ސިކުނޑިއަށް ލިބިފަ ހުރި އެ ގެއްލުން ބޮޑުވެގެން ގޮސް ފަހުން އެކުއްޖާ މޮޔަވެދާނެތޯ؟” ނިމާލް އެހެން އެހުމުން ފާރޫޤު ނުރުހުންތެރިކަމާއެކީ ވައިއަޑުން އޭނައަށް ގޮވާލި ވަގުތު އަޔާޒްގެ ބުމަގޮށްޖެހުނެވެ. މި މީހުންނަކީ އެ ބަލި ކުއްޖާއަށް ހެޔޮއެދޭ ބައެއްނޫންކަން އޭނައަށް ޔަޤީންވިއެވެ. ހަމަ އެއާއެކު އެމީހުންނަށް ވީހާވެސް ތަފްޞީލުކޮށް ބުނެދޭން ވެސް ބޭނުންވިއެވެ. އެ ކުއްޖާގެ ޙާލަތަކީ އެމީހުންގެ ރޭވުން ކާމިޔާބު ކުރުވާނެ ފަދަ ޙާލަތެއްނޫންކަން އޭނައަށް އެނގޭތީވެއެވެ.
“ނަސީބު ރަނގަޅުކަމުން އެހެންނެއްނުވާނެ. މި ބަލީގެ ޒާތުން ސިކުނޑިއަށް ލިބިފަ ހުރި ގެއްލުން ބޮޑެއްނުވާނެ. އިންފެކްޓް ފަރުވާ ދެވެން ފަށައިފިއްޔާ ސިކުނޑީގެ ޙާލަތުވެސް ރަނގަޅުވެގެން ދިޔުން އެކަށީގެންވަނީ.” އަޔާޒް އެ ފަހު ބައި އިތުރުކޮށްލަމުން ހިނިތުންވެލީ އޭނަގެ ކުރިމަތީގައި ތިބި ނުބައި ދެމީހުން އިތުރަށް ދެރަކޮށްލުމުގެ ނިޔަތުގައެވެ. އެކަން ކާމިޔާބުވެސްވިއެވެ. އޭނަގެ އެ ބަސްތައް އިވިފައި އެ ދެމީހުންގެ މޫނުމަތި ވެސް ބަނަވެގެން ދިޔައެވެ.
“ހެހެހެ…..ޑޮކްޓަރ އަޔާޒް، އަޅުގަނޑުމެންނާއެކީ ކުޑަކޮށް ބޭރަށް ދުރުވެލަންވީތޯ؟ ޑޮކްޓަރ މާ ބުރަކޮށް ނޫޅުއްވަންޏާ…” ފާރޫޤު ހުރިހާ ދަތްތައް ދައްކައިގެން ހުރެ އެދުނެވެ.
“ޝުއާރ….ޑޮކްޓަރ ފާރނޭންޑް، އެކްސްކިއުޒް އަސް.” އަޔާޒް އެމީހުންނަށް އަސްލެއްނެތް ހިނިތުންވުމެއް ދައްކަމުން ޑޮކްޓަރ ފާރނޭންޑްގެ އިޒުނަ ހޯދިއެވެ. އެއަށްފަހު ފާރޫޤުމެންގެ ފަހަތުން އެ ކޮޓަރިން ނިކުމެ ބޭރުގައި މަޑުކޮށްގެން އިން ބަލިމީހާ ކައިރި އެތެރެއަށް ވަނުމަށް އެދުނެވެ. އެ ބަލިމީހާ އެތެރެއަށް ވަނުމުން އަޔާޒް ފާރޫޤުމެންނާއި ކުރިމަތިލަމުން ހިނިތުންވުމެއް ދައްކާލިއެވެ.
“ކިހާވަރެއް ބޭނުންވަނީ؟” ފާރޫޤު ދެފަރާތަށް ބެލުމަށްފަހު ސީރިއަސް މޫނަކާއެކީ ސުވާލުކުރިއެވެ.
“ކޮން ކަމަކަށް؟” އަޔާޒްގެ ނިތަށް ރޫގިނަވިއެވެ. ފާރޫޤު ފުން ނޭވައެއް ދޫކޮށްލިއެވެ.
“އަހަރުމެން ކޮންމެވެސް ގޮތެއް ހަދާފަ އެބަޖެހޭ އެކުއްޖާއަކީ މޮޔަ ކުއްޖެއްގެ ގޮތުގަ ދައްކަން. މި އެމްއާރްއައި ސްކޭންއަކީ އޭގެ އެއްހެކި. ދެން ދެންމެ ޑޮކްޓަރު ބުނީމެއްނު ސިކުނޑީގަ ގެއްލުމެއް އެބަހުއްޓޭ؟ އެމްއާރްއައި ރިޕޯޓްއިން ކުޑަ ތަންކޮޅެއް ބަދަލުކޮށްލާފަ އެކުއްޖާއަކީ މޮޔަ ކުއްޖެއްކަން ސާބިތުކޮށްދޭންވީ.” ފާރޫޤު ބުނެލިއެވެ. އެ ވާހަކަ އިވިފައި އަޔާޒް ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައި ހުރެ އޭނައަށް އަސަރެއްނެތް ގޮތަކަށް ހީލެވުނެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު އަޅުގަނޑު ޑޮކްޓަރަކަށްވީ ބަލިމީހުންނަށް އެހީވާން. އެމީހުން ގައިގަ ނެތް ބައްޔެއް އެމީހުންގެ ބޮލުގަ އަޅުވާކަށްނޫން.” އަޔާޒްގެ ވާހަކަ ނިމުނުއިރު އޭނަގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. އެހެނަސް ފާރޫޤު ފަހަތަކަށް ނުޖެހުނެވެ.
“ކޯޗެއް ބޭނުންވަނީ؟ ޑޮކްޓަރުކަން ކިޔަވަން ފުދޭވަރެއްގެ ލޯނެއް ކަންނޭނގެ ނަގާފަ އޮންނާނީ. އޭތި ދައްކަން އެހީވެދީފާނަން އަހަރުމެންނަށް މިކަން ކޮށްދީފިއްޔާ.” ފާރޫޤު އެހެން ބުނެލީ ޖެހިލުމެއްނެތިއެވެ. އޭނަ މިފަހަރު އެ ދެއްކި ވާހަކައިން އައި ރުޅީގައި އަޔާޒްގެ ގޮށްމުއްކެވުނެވެ.
“އުޑާއި ބިން މިލްކުކޮށްދިނަސް އަހަރެން ތިކަން ކޮށްނުދޭނަން!” އަޔާޒް އެ ބަސްތައް އިއްވާލިއިރު އޭނަގެ ދަތްކުނޑި ވިކުނެވެ. އެ ހިނދު ފާރޫޤުގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވީއިރު އޭނަގެ ދެލޯ ބޮޑުވިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް އަޔާޒް އިތުރަށް ވާހަކަ ދެއްކިއެވެ.
“އަދި އަހަރެން ޔަޤީންކުރާނަން އެކުއްޖާއަށް އެފަދަ އަނިޔާއެއް ކަލޭމެންނަށް ނުދެވޭނެކަމަށް. އެ އެމްއާރްއައި ރިޕޯޓް މި ހޮސްޕިޓަލަކުން ބަދަލެއް ނުކުރެވޭނެ. އެހެން ތަނަކުން ކުރުވިކަން އަހަންނަށް އެނގޭ ދުވަހަކުން އަހަރެން ކަލޭމެންނާއި ދެކޮޅަށް މައްސަލަ ހުށަނާޅައިފިނަމަ އަހަންނަށް އަޔާޒްއޭ ނުކިޔާނެ!” އަޔާޒް އެމީހުންނަށް ލޯ އަޅަމުން އަންގާލީ އިންތިހާއަށް އައިސްފައިވި ރުޅިއެއްގެ ސަބަބުންނެވެ. އޭނަގެ އެ ބަސްތަކުގެ ސަބަބުން ފާރޫޤު އޭނައަށް ބަލަހައްޓައިގެން ހުރީ ނުރުހުންތެރިކަމާއި އެކީގައެވެ. ހަމަ އެވަގުތު އަޔާޒްގެ ފަހަތުން އޭނައަށް ނަރުހެއްގެ އަޑުއިވުނެވެ.
“ޑޮކްޓާރ އަޔާޒް. 9:30 ވެ ބޮޑުވެއްޖެ. ޑޮކްޓާރ ގެ ފްލައިޓް ޗެކް-އިން 10:00 އިން ފެށޭނެ.” ނަރުސްކުއްޖާ އަޔާޒަށް ހަނދާންކޮށްދިނެވެ. އަޔާޒް އެކުއްޖާއަށް ބަލާލަމުން ޝުކުރު އަދާ ކުރިއެވެ. އެއަށްފަހު ފާރޫޤަށް ރުޅިވެރި ނަޒަރެއް ދީފައި އެތާ ބެންޗުގައި އޮތް އޭނަގެ ދަބަސް ނަގައި އެއްކޮނޑުގައި އަޅުވާލަމުން ދާން ހިނގައިގަތެވެ. އެހެނަސް ވަކި ހިސާބަކުން ފިޔަވަޅުތައް މަޑުޖައްސައި ފަސްއެނބުރި ފާރޫޤުމެންނާއި ދިމާލަށް ބަލާލިއެވެ.
“އަދި އެއްވާހަކަ….އަހަރެން ޑޮކްޓަރުކަން ކިޔެވީ ލޯނެއް ނަގައިގެނެއްނޫން. އަހަރެންގެ ބައްޕަ އަހަންނަށްޓަކައި ރައްކާކޮށްފަ ހުރި ލާރިންނާއި އަހަރެންގެ އެއްބަނޑު އެއްބަފާ ދޮންބެގެ އެހީގަ އަހަރެން ކިޔެވީ. މީގެ އިތުރުން ކުލިން ލާރި ލިބޭ ފެންވަރުހުރި 4 ޢިމާރާތާއި މާލޭގެ ބޮޑު 3 ފިހާރަ ވެސް އަހަރެންގެ ޢާއިލާއަށް ނިސްބަތްވޭ. ވަޒީފާ ލިބުނީމަ އަހަންނަށް ލިބޭ މުސާރަވެސް ފުދޭވަރަކަށް ބޮޑުވާނެ. ހިތަށްއަރަނީ މި ކަންތައް އެނގިހުރެ އަހަންނަށް ކަމުދާ ކަހަލަ ރިޝްވަތެއް ދެވިދާނެބާއޭ.” އަޔާޒް ނޫންކަމަށް ހަދާފައި އެ ފަހު ޖުމްލަ ބުނެލީ ފާރޫޤު އިތުރަށް ރުޅިއަރުވަން ބޭނުންވި މިންވަރެވެ. ފާރޫޤު އަލިފާންކަނި ބުރާހެން ހީވާ ދެލޮލުން އޭނައަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނިފައި އޭނައަށް ޒާތެއްގެ ހަމަޖެހުމެއް ލިބުނެވެ. އެއާއެކު އޭނަ ފާރޫޤަށް އަނެއްކާވެސް ހިނިތުންވުމެއް ދައްކާލަމުން އެމީހުންނަށް ފަސްދީފައި ގޮސް އެތާހުރި ލިފްޓަކަށް އެރީ ތިރިއަށް ދިޔުމަށެވެ.
“ދެން ކިހިނެއް ހަދާނީ ބައްޕާ؟” 18 އަހަރުގައި ވެސް ދަހިވެތިކަމުން ފޯވެފައިހުރި ނިމާލް އެހިއެވެ. ފާރޫޤު ދެންވެސް އަޔާޒް ދިޔަ ދިމާލަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ.
“މަ ހީކުރިވަރަށްވުރެ ބޯ ހަރު މީހަކަށް އެ ގޮލާ އެވީ….އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް މަ ހާހެއްނުވޭ. ފުރައިގެންދާ މީހަކަށް ކިހިނެއް އެނގޭނީ އަހަރުމެން ކޮންމެ ކަމެއް ކުރިޔަސް؟ އެހެން ތަނަކުން ރިޕޯޓް ހައްދާނީ.” ފާރޫޤު ބުނެލިއެވެ.
“ދެން އެހެން ތަނަކުން އަނެއްކާ ސްކޭން ހައްދާފަ..” ނިމާލްގެ ވާހަކަ މެދުކެނޑުނެވެ.
“ތިހުރިހާ ގަނޑެއް ނުގަނެވޭނެ. ސްކޭން ނެހެއްދިޔަސް ރިޕޯޓެއް ލިޔުއްވިދާނެ. ރަށަށް ސްކޭނެއް ނުގެންދިޔަޔަސް މީހަކަށް ނޭނގޭނެ ވާނުވާއެއް. އެ ރަށުގެ މީހަކު ހެއްދި ފުރަތަމަ އެމްއާރްއައި ސްކޭން ކަންނޭނގެ މީ. ރިޕޯޓް ގެންދިޔަޔަސް އޭގަ އޮތް އެއްޗެއް ދޭހަކުރަން މަސްޢޫދުމެންނަށް އެނގޭނީއެއްނޫން. އެކަމަކު އެއްޗެއް އޮތީމަތާ އެމީހުންނަށް ތަސައްލީއެއް ލިބޭނީ.” ފާރޫޤު ބުންޏެވެ.
“ހެހެ….ހަމަ ރަނގަޅަށް ތިބުނީ ބައްޕާ. ޔޫ އާރ ޖީނިއަސް!” ނިމާލް ހެވިފައިހުރެ ބުންޏެވެ. ފާރޫޤަށް އެ ބުނި އެއްޗެއްގެ މާނަ ނޭނގުނެއްކަމަކު އެއީ ތަޢުރީފެއްކަން ދަނެގެން ހިނިތުންވެލިއެވެ.
**
އެދުވަހު 11:30 ވާން ގާތްވެފައި ވަނިކޮށް މަލާކް އިނީ އޭނަގެ ކޮޓަރި ތެރޭގައި ތަޅުލެވިފައެވެ. ފުރޮޅިލީ ގޮނޑީގައި ދޮރަށް ފަސްދީގެން އޭނަ އިނީ މީގެ ގަޑިއިރުތަކެއް ކުރިން ފަރުޒާނާ އޭނަ ކޮޓަރި ތެރެއަށް ކޮއްޕާލި ގޮތަށެވެ. އެވަގުތު އޭނަގެ ހިތުތެރޭގައިވީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެހެނަސް އޭނަގެ ދެލޯ ރަތްވެ ދުޅަވެފައިވި ގޮތުން އޭނަ ފުދޭވަރަކަށް ރޮއިފައިވިކަން އެނގެއެވެ. އޭނަ ކިތަންމެ ނަފްރަތު ކުރާ މީހަކު ވިޔަސް އޭނައާއި ދިމާލަށް ހަރުއަޑުން ވާހަކަ ދައްކައިފިނަމަ އޭނައަށް ރޮވިދެއެވެ. ރޮވެން ފަށައިފިނަމަ ހުއްޓުމަކީ އޭނައަށް ދަތިކަމެކެވެ. އޭނަ ކިތަންމެ މަސައްކަތް ކުރިޔަސް އަދި މީހަކު ކިތަންމެ ވިސްނައިދިނަސް ގިނައިރުތަކެއް ވަންދެން އޭނައަށް ގިސްލަގިސްލާފައި ރޮވެއެވެ. އެކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވެއެވެ. އަމިއްލަ އަތާއި ފަޔަށް ބާރު ނުހިންގޭހެން އޭނަގެ ޖަޒުބާތުތަކަށް ވެސް އޭނައަށް ބާރު ނުފޯރުވެނީތޯ އޭނަގެ ހިތަށްއަރައެވެ. މަލާކް ހުރީ ރޭ އޭނަ އެ ހެދި ޓެސްޓްގެ ނަތީޖާ އެނގެން ކެތްމަދުވެފައެވެ. އޭނަގެ ޙާލަތް ރަނގަޅުކުރެވޭނެ ގޮތެއް އެނގެން ބޭނުންވެފައެވެ. އޭނަގެ އެ އިންތިޒާރު ނިމުމަކަށް އައީ ބޭރުން ބޮޑުބޭބެއާއި ނިމާލްގެ އަޑު އިވިގެން ދިޔުމުންނެވެ. ބޮޑުބޭބެ މަލާކް ގެންނާށޭ ބުނިތާ ސިކުންތުކޮޅެއް ފަހުން ފަރުޒާނާ އައިސް އެ ކޮޓަރީގެ ދޮރު ހުޅުވާލީ ކެތްމަދުވެގެން ދިޔަ މަލާކް އެ ދޮރާއި ދިމާލަށް އެނބުރިލީ ވަގުތެވެ.
“ޓެސްޓްގެ ނަތީޖާ ލިބިއްޖެތަ ބޭބޭ؟ ޑޮކްޓަރު ބުނުއްވީ ކީކޭ؟” މަލާކް އަވަސްއަވަހަށް ކޮޓަރިން ނިކުމެ ސުވާލު ކުރަން ފެށީ އުޖާލާވާން ފެށި މޫނަކާއި އެކީގައެވެ. މަލާކް ގޮސް ބޮޑުބޭބެ ކުރިމަތީގައި މަޑުކޮށްލީތަނާ ބޮޑުބޭބެ ފުން ނޭވައެއް ދޫކޮށްލި ގޮތުން މަލާކްގެ ހިތަށް ލޮޅުމެއްއައެވެ. އެކޮޅުން ލިބުނީ ކޮން ޒާތެއްގެ ޚަބަރެއްތޯ ހިތަށްއެރިއެވެ. އެ ސުވާލާއެކީ އޭނަގެ ހިތަށް ބިރުވެރިކަމެއް ވެސް ވެރިވިއެވެ.
“މަލާކް….ބޭބެއަށް ނޭނގޭ މި ވާހަކަ ކިޔައިދޭނީ ކިހިނެއްކަމެއްވެސް. އެކަމަކު މަލާކަށް ނޭންގުމަށްވުރެ އެންގުން ރަނގަޅުވާނީ.” ބޮޑުބޭބެ މާޔޫސީ ގޮތަކަށް އެހެން ބުނެ ގޮސް ނިމާލާއެކީ ސޯފާގައި އިށީނުމުން މަލާކަށް ކުރިއަށް ޖެހިލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ އެހިނދު ވާހަކަ ކިޔައިދިނުން ބޮޑުބޭބެ ލަސްކުރާތީ އޭނަގެ ސިކުނޑި ހާސްވާ ގޮތްވެސްވިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅެނިކޮށް ބޮޑުބޭބެ ވާހަކަ ދެއްކިއެވެ.
“މަލާކަށް ޖެހިގެން ތިއުޅެނީ ވަރަށް ނުރައްކާތެރި ބައްޔެއް. އުފަންވީ ދުވަހުއްސުރެ ސިކުނޑިއަށް ގެއްލުމެއް ލިބި ސިކުނޑީގެ ޙާލަތު ގޯސްވަމުންދަނީ. މިހުރިހާ ދުވަހު މަލާކްގެ ވިސްނުން ރަނގަޅަށް ހުރި ވާހަކަ ބުނީމަ ޑޮކްޓަރު ޙައިރާންވެސްވި. ބުނީ ދެން މާ ގިނަ ދުވަހެއްނުވެ ސިކުނޑިއަށް ލިބިފަ ހުރި އަނިޔާގެ ސަބަބުން މަލާކްގެ ހަނދާނަށާއި ވިސްނުމަށްވެސް އަސަރުކުރަން ފަށާނެއޭ.” ބޮޑުބޭބެ ދެރަ މޫނަކާއެކީ މަޑުމައިތިރި އަޑަކުން ދެއްކި ވާހަކައިން މަލާކަށް ހީވީ މުޅި ދުނިޔެ އޭނަ ވަށައިގެން އެނބުރެން ފެށި ހެންނެވެ. އޭނަގެ ނޭވާވެސް އޭނަގެ ކަރުގައި ތާށިވިއެވެ. ދެންމެ ހަމަ އެ އިވުނީ ތެދެއްތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަގެ ސިކުނޑި ސަކަރާތް ވަނީ ހެއްޔެވެ؟ އޭނައަށް ދެން ރަނގަޅަށް ނުވިސްނޭނީ ހެއްޔެވެ؟
“މާނައަކީ…..ދެން މަލާކް މޮޔަވާނީއޭތަ ފާރޫޤު؟ ގުރާދޫގަ ތިބޭ މީހުންހެން؟” ފަރުޒާނާ އޭނަގެ ނުލަފާ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން ޙަމްދަރުދީ ވާ ފަދައަކުން ބުނެލިއެވެ. އެހިނދު މަލާކަށް އިނދެވުނީ އިސްޖަހައިގެން ދެފަރާތަށް ކަޅި ހިންގަހިންގައެވެ.
“އެހެންވެސްވުން އެކަށީގެންވޭ. ސިކުނޑިއަށް ޖެހިފަ ހުރި މައްސަލައިގެ ސަބަބުން ވަރަށް ރުޅިގަދަވުން ގާތްކަމަށް ވެސް ޑޮކްޓަރު ބުނުއްވި. ވިސްނުން ކޮށިވީމަ ޢާއިލާ މީހުންވެސް އެހާ ގާތްނުވުމަށް ނަޞޭޙަތްތެރިވީ.” ފާރޫޤު އެ ދޮގު ހަދާލީ ނުހަނު ހަމަޖެހިގެން އިނދެއެވެ. އެ ހިނދު ފުން ނޭވާތަކެއް ލާން ފެށި މަލާކް ވައި އަޑުން ނޫނެކޭ ކިޔަން ފެށުމުން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.
“ޓެސްޓްގެ ނަތީޖާ ލިޔެފަ ހުރި ގަނޑު ކޮބާ؟ މަލާކް ބޭނުން އޭތި ބަލާލަން.” މަލާކަށް އެހެން ބުނެލެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް އެއްޗެހި ގޮވުނެވެ. އެ އައި ރުޅިއަށްޓަކައި ވެސް އަމިއްލަ ނަފްސަށް ޙަމްދަރުދީވިއެވެ. އޭނަގެ ނަފްސު ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ އަތްދަށުން މުޅިން ދަނީތޯ ހިތަށްއެރި ވަގުތު ލޮލަށް ކަރުނަތައް ޖަމާވިއެވެ. މަލާކް އެދުނު އެދުމަށް ނިމާލް އޭނަގެ އަތުގައި އޮތް ސިޓީއުރަ އައިސް އޭނަގެ އަތަށް ދިން މަންޒަރުވެސް އޭނައަށް ފެނުނީ ލޮލަށް ޖަމާވެފައި ކަރުނަތަކެއްގެ ތެރެއިންނެވެ. މަލާކް އޭތި ނިމާލްގެ އަތުން ޖަހައިގަތް ވަގުތު އޭނަގެ އަތުގައި ތުރުތުރެއްވިއެވެ. ކިތަންމެ މަސައްކަތް ކުރިއެއްކަމަކު ސިޓީއުރައިގެ ތެރޭގަ އޮތް ގަނޑު ނެގި ވަގުތުވެސް އެ ތުރުތުރަކަށް ބަދަލެއް ނާދެއެވެ. ސިޓީ އުރައިގެ ތެރޭގަ އޮތް ގަނޑު އަތުގައި ޖެހުމާއެކު އުރަ ދޫކޮށްލުމުން އޭތި ބިމަށް ވެއްޓުނެވެ. އެހެނަސް އެއަކަށް ފަރުވާލެއްނެތި މަލާކް ކަރުނަތައް ފޮހެމުން އޭގައި ލިޔެވިފައިވި އެއްޗެއް ކިޔަން ފެށިއެވެ. އޭނައަށް ނޭނގޭ ބޮޑެތި ބަސްތައް ފެންނަން ފެށުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
“ނި….ނިމާލްގެ ކޮމްޕިއުޓަރު ކަހަލަ އެތި ފޯނާއި ގުޅައިގެން އިންޓަނެޓް ހޯދޭނެތަ؟ އަހަރެން ބޭނުން މި ބަސްތަކުގެ މާނަ ހޯދަން…” މަލާކަށް އެ ވާހަކަ ބުނެލެވުނީ މުޅިން ރޮވިފައި ހުރެއެވެ. އަދި ރޯން ނުވާކަމަށް އެތައް ފަހަރަކު އަމިއްލަ ނަފްސުގާތު ބުންޏެއްކަމަކު އޭނަގެ ކަރުނަތަކަށް ހުއްޓުމެއްނާދެއެވެ. ނިމާލް އިންޓަނެޓް ނުލިބޭނެ ކަމަށްބުނެ މަލާކް ހައްދަން ބޭނުންވީ މަލާކް އިތުރަށް ދެރަ ކުރުމަށެވެ. އެހެނަސް ފާރޫޤު ނޫނެކޭ ބުނެ ނިމާލަށް ލޮލުން ޢިޝާރާތް ކުރީ މަލާކަށް ޝައްކެއްވެދާނެތީވެއެވެ. އެހެންކަމުން ނިމާލް އޭނަގެ ލެޕްޓޮޕް މަލާކަށް ގެނެސްދިނެވެ. އެއާއެކު މަލާކް އޭނަގެ ކަރުނަތައް ފޮހެމުން ‘މެޑިކެއާރ’ ހޮސްޕިޓަލްގެ އެ ރިޕޯޓުގައި ހުރި ބަސްތައް ވަކިވަކިން ހޯދަން ފެށިއެވެ. ކޮންމެ ބަހެއް ހޯދުމުން ވެސް މުޅިން އާ ބަސްތައް ފެންނަން ފެށުމުން އިތުރަށް ދެރަވިއެއްކަމަކު މަލާކް ހުއްޓުމެއްނެތި ހޯދީ މީ ބޮޑުބޭބެމެންގެ ރޭވުމަކަށް ވެދާނެކަމަށް ހިތުގެ ކަނަކުން ގޮވުމުންނެވެ. އެހެނަސް އޭނަ ހޯދި ހޯދުންތައް އޭނަގެ މޫނުމަތީގައި އެތިފަހަރެއް ވީއްލި ފަދައެވެ. އޭނަ ކިޔަމުން ދިޔަ ކޮންމެ ޖުމްލައެއް ބޮޑުބޭބެގެ ބަސްތަކުގެ ތެދުވެރިކަން ސަބިތުކޮށްދިނެވެ. މަލާކަށް އެންމެ ފަހުން އޭނަގެ އަނގައިން ނިކުތް ލުއި އާހުގެ އަޑާއެކީ ސްކްރީނަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަގެ ޙަޔާތަކީ ހަމަ މިއީތޯ ހިތަށްއެރިއެވެ. އޭނަ ދުނިޔެ ދޫކޮށްދާނީ ދުނިޔޭގަ އުޅެވޭ ނޫޅެވޭ ގޮތް ނޭނގޭ ޙާލުގައި ހެއްޔެވެ؟ އޭނައަކީ ހަމަ މިހާ ބަދުނަސީބު މީހެއް ހެއްޔެވެ؟ ކުއްލިއަކަށް މި ހުރިހާ ދުވަހު މަންމަ އޭނައަށް ދިންހާ ހިތްވަރުގެ ބަސްތަކަށް ޝައްކުކުރެވެން ފެށިއެވެ. މަންމަ މަތިން ހަނދާންވުމުން މަންމަ އޭނައާއިމެދު ކުރިހާ އުއްމީދެއްގެ މަތިން ވެސް ހަނދާންވިއެވެ. އެހެނަސް މިއަދު އޭނަވަނީ އެ އުއްމީދުތައް ފުރިހަމަކުރަން ނުކުޅެދިފައިކަން އެނގުންވުމުން މަލާކަށް ދެލޯ މަރައި ތަގުޅިކޮށް ރަނގަޅަށް ރޮވެން ފެށިއެވެ.
“އޭ އޭ މަގޭ ލެޕްޓޮޕް ދީބަލަ ދެން. ކަރުނަތައް ކީބޯޑުގަ ޖެހިގެން ހަލާކުވެއްޖެއްޔާޔޯ.” ނިމާލް ކޮޓަރީގަ ހުރެފައި ނިކުމެގެން އައިއިރު މަލާކް ރޯން އިން މަންޒަރު ފެނިފައި އޭނަ ގޮސް ލެޕްޓޮޕް މަލާކްގެ އުނގުމަތިން ނެގިއެވެ. އެ ހިނދު ލެޕްޓޮޕްގެ ކައިރީގައި ބޭއްވިފައި އޮތް ރިޕޯޓް ވެސް ބިންމަތީގައި ގޮސް ޖެހުނެވެ.
“ކައިރި ނުވައްޗޭ ދަރިފުޅު އޭނައާ. ނޭނގޭ ކޮށްފާނެ ކަމެއްވެސް. މިހާރުވެސް އަމިއްލައަށް ނޭނގި އަމިއްލަ އަތް އެކި ތަންތަނަށް ގެންދޭ ވިއްޔާ. ދުވަސްކޮޅަކުން އަހަރުމެންނަށް އަނިޔާ ނުކުރާނެކަމެއްވެސް އެނގެނީއެއްނޫން. ދުރުގަ އުޅޭ!” ފަރުޒާނާ ހަރުކަށި ގޮތަކަށް ބުނެލިއެވެ. އެއާއެކު ނިމާލް އޯކޭ މަންމާއޭ ބުނެ ކޮޓަރިއަށް ދާން އަމާޒުކުރިއެވެ. ފަރުޒާނާގެ އެ ބަސްތަކުން ވެސް މަލާކްގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކުރިއެވެ. އޭނައަކީ އެހެން މީހުންނަށް ހުރި ނުރައްކަލަކަށްވާނީ ހެއްޔެވެ؟ އެ ސުވާލާއެކީ އަނެއްކާވެސް މަލާކަށް ރޮވެން އުޅުނެއްކަމަކު އޭނަ ނޭވާ އެތެރެއަށް ދަމައި ކަރުނަތައް ފޮހެ ހަމަޖެހެން މަސައްކަތް ކުރަމުން އޭނަގެ ގޮނޑިވެސް އޭނަގެ ކޮޓަރިއާއި ދިމާލަށް އަމާޒުކޮށްލީ ދެން އިތުރަށް އޭނަ ރޯ މަންޒަރު އެހެން މީހަކަށް ނުދެއްކުމަށެވެ. އޭނަ އެ ދިޔަ ގޮތަށް ގޮސް ކޮޓަރިއަށްވަދެ ދޮރު ލައްޕާލީ އޭނަގެ ޖަޒުބާތުތަކާއެކީ އެކަނިވުމަށެވެ.
ކޮޓަރިއަށް ވަނުމަށްފަހު މަލާކް ހުރީ ނުރޯން ގަދަ ޢަޒުމެއް ކަނޑައަޅައިގެންނެވެ. އެހެންކަމުން އޭނަ ފުން ނޭވާތަކެއް ލަމުން ގޮނޑި މަޑު ނުކޮށް ކޮޓަރީގެ ދެފަރާތަށް ދެފަރާތަށް ދުއްވަމުން ދިޔައީ އޭނަގެ އިޙްސާސްތަކަށް ވުރެ ބޮޑަށް އެ ޙަރަކާތްތަކަށް ސަމާލުކަން ދިނުމަށެވެ. އެކަން ކާމިޔާބުވީ ވަކި މިންވަރަކަށެވެ. 5 ވަނަ ފަހަރު އޭނަ ގޮނޑި އަނބުރައި ދުއްވަން ފެށި ވަގުތު އޭނަގެ ދެއަތުގެ ކޮނޑާއި ދިމާލުން ރިއްސަން ފެށުމުން އޭނައަށް މަޑުކޮށްލެވުނެވެ. މަޑުކޮށްލުމާއެކު އަނެއްކާވެސް ދެންމެ އިވުނު ބަސްތައް އޭނަގެ ކަންފަތަށް އިވި އޭނަ ހޯދި ހޯދުންތައް އޭނަގެ ލޯ ކުރިމަތިން ސިފަވާން ފެށިހެން ހީވުމުން ކޮންޓްރޯލެއްނެތި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އޭނަގެ އިޚްތިޔާރުން ބޭރުގައި ދެލޯ މަރައި ތަގުޅިވެ ގިސްލެވެން ފެށިއެވެ. އެކަމަށްޓަކައި އައި ރުޅީގައި މަލާކަށް ގޮށްމުއްކަވައި ގޮނޑީގައި އަތްގަނޑުގައި ދެތިން ފަހަރު ޖަހާލެވުނެވެ. އެހެނަސް އެ ޙަރަކާތުން ވެސް އޭނަ އިތުރަށް އަމިއްލަ ނަފްސަށް ޙަމްދަރުދީވެ އިތުރަށް ރޮވުން ނޫންކަމެއް ނުވިއެވެ. އޭނަގެ އަމިއްލަ ނަފްސާއި ދެކޮޅަށް އޭނައަށް އެހީވެދޭނެ އެއްވެސް މީހަކު ނެތްތޯ ހިތަށްއެރި ވަގުތަކީ މަލާކް އޭނައާއި އޭނަގެ މަންމައާއި ދެމެދު ދެއްކި ވާހަކައެއްގެ މަތިން ހަނދާންވި ދުވަހެވެ.
“މަލާކް ރޯން ބޭނުމެއްނޫން މަންމާ. އެކަމަކު ހަމަ ރޮވެނީ. މަލާކް ދެރައެއްނުވޭ. އެކަމަކު ދެންމެ އެމީހުން މިގޭ ކައިރިން ދިޔައިރު މަލާކް ރޯތަން އެމީހުންނަށް ފެނުނީ. މަލާކް ކިހިނެއް ހުއްޓާނީ؟” އޭނަގެ ފުރާވަރުގެ ދުވަސްވަރު ކޮންމެވެސް ކުއްޖަކު ކުރަން ފެށި މަލާމާތަކާހެދި އެދުވަހުގެ ރޭ ވީއިރުވެސް އޭނައަށް ރޮވެމުން ދިޔައީތީ މަލާކަށް ނުރުހުންތެރިކަމާއެކީ އަހާލެވުނެވެ. މަންމަ ދަރު އުނދުނުގެ ކައިރީގައި އިށީނދެ އިނދެފައި އޭނަ އިން ގޮނޑި ކައިރިއަށްއައެވެ. އަދި ލޯތްބާއެކީ އޭނަގެ ދެކޮނޑުގައި ހިފަހައްޓާލަމުން ވާހަކަ ދެއްކިއެވެ.
“މަލާކް…އަބަދުވެސް މިކަން ހަނދާނުގަ ބަހައްޓާތި. މަލާކަކީ ހިތްވަރުގަދަ ކުއްޖެއް. އެކަމަކު ކޮންމެ ހިތްވަރުގަދަ މީހަކުވެސް ބަލިވާ ވަގުތުތައް އަންނާނެ. އެ ވަގުތުތަކުގައި އަމިއްލަ ހިތުގެ މައްޗަށް ބާރު ނުހިންގޭ ވަގުތުތައް ވެސް އަންނާނެ. އެފަދަ ވަގުތުތަކުގައި އެހީއަށް އެދި ދަންނަވަން ޖެހޭނީ އެ ހިތް ހެއްދެވި ފަރާތުގެ ޙަޟްރަތުން. އެކަލާނގެ އިރާދަކުރައްވައިފިނަމަ ކިތަންމެ ކުޑަ ހިނދުކޮޅެއްގެ ތެރޭގަ ވެސް ހުރިހާ ހިތާމައެއް ހިތުން ފޮހެވިގެންދާނެ. ދެއަތް ނަގައި ދުޢާކުރޭ ދަރިފުޅު. ދުލުން ނުބުނެވޭނަމަ ހިތުން ވެސް އެކަލާނގެ ޙަޟްރަތުގައި ދަންނަވާ. އަހަރުމެންގެ ހިތްތަކުގައިވާ ކަންތައް ދެނެވޮޑިގެންވާ ހަމައެކަނި ފަރާތަކީ އެއީ.” މަންމަގެ އެ ބަސްތައް ކޮޓަރިތެރޭގައި ފުރޮޅިލީ ގޮނޑިއެއްގައި އިން މަލާކްގެ ކަންފަތުގައި ގުގުމާލިއެވެ. އެއާއެކު އޭނައަށް އޭނަގެ ދެއަތާއި ދިމާލަށް ބަލާލެވުނެވެ. މަންމަގެ ބަސްއަހަން ހިތަށްއެރި ވަގުތު އޭނައަށް އޭނަގެ ދެއަތް އުފުލެން ފެށިއެވެ. އެހިނދު ވެސް އެ ދެއަތުގައި ތުރުތުރެއް އެކުލެވިގެން ވިއެއްކަމަކު އެކަމާމެދު ނުވިސްނަން އޭނަގެ ހިތަށްއެރިއެވެ. އޭނައަށް ފެންނަން ނެތް ފަރާތަކަށް އެދުމެއް އެދުންވީ ކުޑައިރުއްސުރެ ވެސް އޭނައަށް ޤަބޫލުކުރަން ދަތިވެފައިވި ވާހަކައަކަށެވެ. އެހެނަސް މިއަދު އޭނަ މިވަނީ ގޮތް ހުސްވެފައެވެ. އެފަދަ ފަރާތެއް ވާނަމަ އެ ފަރާތެއްގެ އެހީ ހޯދަން އޭނަ ބޭނުންވިއެވެ. ހަމަ އެހިނދު އޭނަގެ ހިތަށް ﷲ ގެ ނަންފުޅު ވެރިވީ ވަގުތު ހިތުތެރޭގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް ހިނގާލިއެވެ. ފުރަތަމަ ފަހަރަށް އޭނަ ދަސްކޮށްފައިވި ޒިކުރުތަކުގެ ބަދަލުގައި އެކަލާނގެ ޙަޟްރަތުން އަމިއްލައަށް ބޭނުންވާ އެއްޗަކަށް އެދެން ޚިޔާލުކުރުމުން ވެސް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެއީ ކީއްވެކަމެއް މަލާކަށް ދޭހައެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ ހަމަ އެ ހިނދު ވެސް އޭނައަށް ދެއަތް އުފުލައިގެން އިނދެ ހިތާހިތުން ދުޢާކުރެވެން ފެށިކަމެވެ. ﷲ ވޮޑިގެންވާނަމަ އޭނަގެ މި ޙާލަތް ބަދަލުކޮށްދެއްވުން އެދިއެވެ. އޭނައަކީ މޮޔައެއްކަމުގައި ނެހެއްދެވުމަށް އެދިއެވެ. އޭނައަކީ އޭނަގެ މަންމަގެ އުއްމީދުތައް ފުރިހަމަ ކުރެވޭފަދަ ކާމިޔާބު ޒުވާނެއްކަމުގައި ލެއްވުމަށް އެދިއެވެ.
މަލާކަށް ނޭނގުނު ކަމަކީ އޭނަ އެ ދުޢާ ކުރި ހިނދުވެސް އޭނަގެ ތަޤްދީރުގައި އެ ހުރިހާ ދުޢާއެއް އިޖާބަވެފައިވިކަމެވެ. އޭނައަށްޓަކައި އެންމެ ރަޙްމާންވަންތަ ރަސްކަލާނގެ ޙަޟްރަތުގައިވާ ލޯބިފުޅު އެނގުންވިނަމަ އޭނަގެ ހިތަށް މާ ބޮޑަށް އަސަރުކުރީސްކަމެވެ. އަދި އޭނައަށްޓަކައި އެކަލާނގެ ރާއްވަވާފައިވި ރޭވުންތައް ފެންނާނެނަމަ އެކަލާނގެއަށްޓަކައި ލޯބިން ހިތް ކުދިކުދިވެގެންދާނެކަމެވެ.
ނުނިމޭ