Vaudhu (Part 12)
“ދަރިފުޅު ތިބުނިހެން މީހަކަށް އިތުބާރުކުރަން ޖެހޭނެ އެމީހަކު ރަނގަޅަށް ދެނެގަންނަން. އެހެންވީމަ މަންމަމެން މިއުޅެނީ އަންނަ ހޮނިހިރު ދުވަހު މަލާކް ގޮވައިގެން އެ ޑރ އަޔާޒް ކައިރިއަށް. އެ ޢާއިލާއިން ބޭނުންވަނީ އަޔާޒްއާއި މަލާކް ކައިވެނިކުރަން.” ސާރިޔާ ބުނެލިއެވެ. އޭނަ އެ ބަސްތައް ބުނެލުމާއެކު މަލާކްގެ ދެލޯ ބޮޑުވެ އޭނަގެ އަތަށާއި ފަޔަށް ބާރުވެގެން ދިޔައީ އޭނަގެ އިޚްތިޔާރަކާއި ނުލައެވެ. ސާރިޔާ މަލާކަށް ވީގޮތް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލިއެވެ.
“އެނގޭ މަލާކް ވަރަށް ޖެހިލުންވާކަމެއްކަން މިއީ….އެކަމަކު ޢާއިލާއަކުން މިކަމަށް އެދުނީމަ ފުރުޞަތެއް ދޭންވާނެދޯ؟ އަޔާޒްގެ ބައްޕަގެ އެދުމެއް ތި ދެކުދިންގެ ކައިވެނި…..” ސާރިޔާގެ ވާހަކަ މެދުކެނޑުނެވެ.
“އޭނައަށް އެނގޭތަ މަލާކަށް ނުހިނގޭކަން؟ އެކަން އެނގިފަވެސް އޭނަ އެއްބަސްވޭތަ؟” މަލާކަށް ޤަބޫލުކުރަން ދަތިވެފައި އިނދެ ސުވާލުކޮށްލެވުނެވެ.
“އޭނައަށް އެނގޭނެދޯ މަލާކަށް ނުހިނގޭކަން؟ އެއްބަސްވީ ކަމެއް ނުވާކަމެއް އަދި ނޭނގޭ. އެކަމަކު އެ ޢާއިލާއިން ބުނީ މަލާކް ގެނެސްދޭށޭ އެކޮޅަށް އަޔާޒް އާއި ބައްދަލުކުރުވަން.” ސާރިޔާ ބުނެލިއެވެ. މަލާކް އިރުކޮޅެއް ވަންދެން ވިސްނުމެއްގައި އިނދެފައި ވާހަކަ ދެއްކިއެވެ.
“އެކަމަކު އަހަންނަށް ޔަޤީން އެއީ ޒުވާނަކަށް ވިއްޔާ އޭނަގެ ފުރަތަމަ ކައިވެނި ނުހިނގޭ ކުއްޖަކާ ކުރަން ބޭނުންވާނެހެން. ބޭނުމެއްނޫން ކޮންމެހެން ގަދަކަމުން މީހަކާ ގުޅޭކަށް މަންމާ.” މަލާކް އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.
“ގަދަކަމުން ކުރުވަން ނުއުޅެމޭ މަންމަމެން ވެސް ދަރިފުޅު….އެކުއްޖާއާއި ދަރިފުޅު އިނދެފިއްޔާ ދަރިފުޅަށް ވަރަށް އުޖާލާ މުސްތަޤްބަލެއް ލިބޭނީ. އެކަމަކު ވެސް ދެކުދިންކުރެ ކުއްޖަކަށް ކަމުނުދިޔައިއްޔާ މަންމަމެން ވެސް މި ކައިވެންޏާއި އެއްބަހެއް ނުވާނަން. އެކަމަކު އެމީހުން އެދުނީމަ ބައްދަލުކޮށްލުން ރަނގަޅުދޯ؟ މިހާރު އަޔާޒްއަށް ވެސް މިކަން ނޭނގި ހުންނާނެހެން ހިއެއްނުވޭ. އޭނަ ދެކޮޅު ހެދިނަމަ އެކޮޅުން އެ ވާހަކަ އަންގާނެދޯ؟ ދެކޮޅު ނަހަދާތީތާ ބައްދަލުކުރަން އަންނާށޭ ބުނާނީ؟” ސާރިޔާ އުއްމީދީ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހެނަސް މަލާކްގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ހިތްހަމަނުޖެހިގެން އުޅޭފަދަ އަސަރެކެވެ.
އޭނަ މީހަކާއި އިނދެގެން އުޅޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ މުޅި ހަފްތާތެރޭގައި މަލާކަށް ވިސްނެމުން ދިޔައީ އެ ސުވާލާއި މެދުގައެވެ. އޭނަ އުޅެންވާނީ އަބަދުހެން އެމީހަކާއި އެކީގައި ހެއްޔެވެ؟ އޭނަ އެމީހަކާއި ދައްކާނީ ވެސް ކޮން ވާހަކައެއް ހެއްޔެވެ؟ ވާހަކަ ދައްކަމުން ގޮސް ދެތިން ދުވަހުން ވާހަކަ ހުސްވެދާނެ ނޫން ހެއްޔެވެ؟ އެމީހެއްގެ ކުރިމަތީގައި އޭނައަށް ބުރުގާ ނަގަން ކެރޭނެ ކަމާއިމެދު ވެސް މަލާކަށް ޝައްކެވެ. ބުރުގާ އެޅިފަހުން އޭނައަށް ގޭގައި ވެސް ގިނަ ވަގުތު ހުރެވެނީ ބުރުގާ އަޅައިގެންނެވެ. އެއްގޮތަކަށް އާދަވުމުން އެހެން ގޮތަކަށް ބަދަލުކޮށްލުމަކީ އޭނައަށް ނާދިރުކަމެއްހެން ހީވާ މިންވަރުންނެވެ. އޭނަގެ ބައްޕަވެސް އޭނަގެ އެ އާދައަށް އިޙްތިރާމްކޮށް އޭނަގެ ކޮޓަރިއަށް ވެސް ވަދެ އުޅޭނީ ދޮރުގައި ޓަކި ޖެހުމަށްފަހުއެވެ. އޭނަ އެކަންތައްތަކަށް ޖެހިލުންވާ މިންވަރު ބައްޕައަށް އެނގޭތީވެއެވެ. ކަން މިހެން އޮތްއިރު އޭނަ އެހެން މީހަކާއެކީ ކޮޓަރިއެއް ޙިއްސާކުރުމުގެ ޚިޔާލުންވެސް ދޭތެރެދޭތެރެއިން މަލާކްގެ ގައިގައި ތުރުތުރެއް އަޅަމުން ދިޔައެވެ. މީގެ ސަބަބުން އެކަން އެގޮތަށް ކުރެވިދާނެކަމަށް ޤަބޫލުކުރަން ވެސް އޭނައަށް ދައްޗެވެ. އޭގެ އިތުރަށް އޭނައާއި އޭނަގެ ފިރިމީހާއާއި ދެމެދު އޮންނަ ގުޅުމާއިމެދު ވިސްނަން ވެސް މަލާކްގެ ސިކުނޑި ނުކުޅެދުނެވެ. އެކަމާމެދު ނުތަނަވަސްވީ މިންވަރުންނެވެ.
ކޮންމެއަކަސް ދުވަސްތައް ފާއިތުވަމުން ގޮސް މަލާކް މާލެއަށް ފުރަންޖެހޭ ދުވަސް ޖެހުނެވެ. ރަށުން ފުރަން އޮތީ މެންދުރު ކަމަށްވުމުން އެދުވަހު ހެނދުނުއްސުރެ މަސްޢޫދާއި ސާރިޔާގެ އިތުރުން މަލާކް ވެސް ހެދުންތައް ފޮށްޓައް އެޅުމުގައި ހޭލަމޭލައަށް އުޅެއެވެ. އެ މަސައްކަތުގެ ތެރެއިން މަންމައާއި ބައްޕަގެ ދެމެދުގައި ސީރިއަސް ނަޒަރުތަކެއް ބަދަލުވަމުން ދިޔަކަން މަލާކަށް ފާހަގަވިއެވެ. މަންމަ ބައްޕަ ކައިރި ކޮންމެވެސް ކަމެއް ކުރަން އެދުމުން ބައްޕަ އެކަން ލަސްކުރަމުން ދިޔަ ކަހަލަ އިޙްސާސެއް މަލާކަށް ކުރެވުނެވެ. އެންމެ ފަހުން ބައްޕަ ބޮޑު ސިޓީ އުރައަކާއެކީ މަލާކްގެ ކޮޓަރިއަށް ވަދެގެން އައީ އެދުވަހު މެންދުރު ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވަނިކޮށެވެ. ކޮޓަރިއަށް ވަދެގެން އައިސް ބައްޕަ އޭނަގެ އަތަށް އެ ސިޓީ އުރަ ދިއްކޮށްލިއެވެ. އެ ހިނދު އެ މޫނުމަތިން ހިތާމަވެރިކަމެއް ފެނުނީ ކީއްވެކަމެއް މަލާކަށް ދޭހައެއް ނުކުރެވުނެވެ.
“މި…މިއީ ކަނބުލޮގެ އާ އައިޑީ ކާޑެއް ހަދަންވެގެން ބައްޕަ ފުރި ފޯމެއް. ކަނބުލޮ ލައްވާ ސޮއި ކުރުވަންވެގެން މީތި މި ގެނައީ…” މަލާކް އެ ސިޓީ އުރައިގައި ހިފި ވަގުތު މަސްޢޫދަށް އެހެން ބުނެލެވުނީ އޭތި ދޭން ބޭނުންނުވެގެން އުޅޭ ފަދަ އަސަރެއް އެ މޫނުމަތިން ފާޅުވާ ޙާލުގައެވެ. އެހެނަސް މަސްޢޫދު އޭތި ދީފައި މަލާކް ބޯޖަހާލި މަންޒަރު ބެލުމަށްފަހު އިތުރަށް މަޑު ކުރުމެއްނެތި ކޮޓަރިން ނިކުމެގެން ދިޔައެވެ. މަލާކް ބައްޕަގެ އެ ޙަރަކާތާއިމެދު ހިސާބަކަށް ޙައިރާންވެ ހުރެ ސިޓީއުރަ ހުޅުވައި އޭގެ އެތެރޭގައި ހުރި ފޯމެއް ނެގިއެވެ. އޭނަ ނެގިއިރު ދެ ފޯމެއް އޮތްކަން އޭނައަށް އެނގުންވިއެވެ. މިހާރު އައިޑީ ކާޑެއް ހެދުމަށްޓަކައި ދެ ފޯމް ފުރަން ޖެހެނީތާއޭ ހިތައި މަލާކް އެއެއްޗެހި ނަގައި ބެލިއެވެ. އޭނައަށް އެންމެ ފުރަތަމަ ފެނިގެން ދިޔައީ ހަމަ އައިޑީ ކާޑު ހަދާ ފޯމެވެ. އެހެނަސް ދެން އޮތް ގަނޑަށް ބަލަން އުޅެފައިވެސް މަލާކަށް އެ ފޯމަށް ބަލާލެވުނީ ކަމެއް ފާހަގަވުމުންނެވެ. ފޯމުގައި އޭނަގެ ނަން ލިޔާ ތަނުގައި އެންމެ ފުރަތަމަ ލިޔެވިފައިވީ ‘މަރިޔަމް މަލާކް މަސްޢޫދު’ އެވެ. އެހެނަސް ފަހުން އޭނަގެ ނަމުން އެ ފަހު ނަން ކަނޑާލެވިފައިވިއެވެ. އޭނަ އެއަށް ބަލަން ހުރެފައި އެ ގަނޑު ހިއްލާލަމުން ދެން އޮތް ފޯމަށް ބަލާލިއެވެ. އެއީ ނަން ބަދަލުކުރުމަށް ނެގިފައިވި ފޯމެކެވެ. އޭގައި ކުރީގެ ނަމަކަށް ‘މަރިޔަމް މަލާކް މަސްޢޫދު’ ލިޔެވިފައިވީއިރު އާ ނަމަކަށް ލިޔެވިފައިވީ ‘މަރިޔަމް މަލާކް’ އެވެ.
މަލާކަށް ސިކުންތުކޮޅެއް ވަންދެން އެ ދެ ފޯމަށް ބަލަބަލައި ސިކުންތުކޮޅަކަށް އިނދެވުނެވެ. އެ ހިނދު އޭނަގެ އަނގައިން ކުރު އާހެއްގެ އަޑު ނިކުތީ މަންމައާއި ބައްޕަ އުޅެނީ ހަމަ މި ޙަޤީޤަތް އޭނައަށް ކިޔައިދޭންތޯ ހިތަށްއެރުމުންނެވެ.
މަލާކްގެ ހަނދާނަށް އެވަގުތު ވެރިވެގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރިން އޭނަ ގައިގެ ވަރުދެރަވެގެން ދިޔަ ރެއެއްގައި ވެސް އޭނައަށް އަމިއްލަ ނަފްސަށް ހިތްވަރު ލައިދެވުނު ގޮތެވެ. އޭނަގެ ކިބައިގައި އެފަދަ ޝަޚްޞިއްޔަތެއް ވަނީ އޭނަގެ މަންމަގެ ސަބަބުންކަމަށް އޭނައަށް ނިންމުނު ނިންމުމެވެ. ހަމަ އެއާއެކު މަންމަ ނެތް ދުނިޔެއެއްގައި އޭނައަށް ވެދާނެ ގޮތަކާއިމެދު އޭނައަށް ވިސްނުނު ރެއެވެ.
އޭގެ އަނެއްދުވަހުގެ ފަތިހު ބައްޕަ އޭނައަށް ފަތިސް ނަމާދަށް ގޮވުމުން ވެސް ނިދި ހުރިވަރުން އޭނައަށް ތެދުވެވުނީ އިރުއަރަން ގާތްވެފައި ވަނިކޮށެވެ. ތެދުވެ އަވަސްއަވަހަށް ނަމާދުކޮށްލައިގެން އޭނަ މަންމަ ދެކެން ބޭނުންވީ އެވަގުތު މާ ގަދައަށް މަންމަ ކެއްސާ އަޑު އިވެމުން ދިޔައީތީވެއެވެ. މަލާކް އޭނަގެ ގޮނޑީގައި ކޮޓަރިން ނިކުމެ މަންމަމެންގެ ކޮޓަރިއާއި ދިމާލަށް ދިޔައީ ކަންބޮޑުވުމަކާއި އެކީގައެވެ. އޭނަ އެ ދޮރު ކައިރިއަށް ގޮސް ހުޅުވަން އުޅުނު ވަގުތު މަންމަގެ ރުއިމުގެ އަޑު އިވުމުން އޭނަ ޖެހިލުންވިއެވެ. އެ ހިނދު މަންމަ ރޯންވީ ސަބަބެއް ނޭނގިފައި މަލާކަށް އިނދެވުނެވެ. އޭނަ ދޮރު ހުޅުވަން ޚިޔާލުކޮށްލި ވަގުތު މަންމަ ވާހަކަ ދެއްކި އަޑުއިވުނެވެ.
“އަހަރެން ނެތް ދުނިޔެއެއްގަ މަލާކް ރަނގަޅަށް ބަލައްޗޭ މަސްޢޫދު. މި ހުރިހާ ދުވަހުވެސް ބެލިގޮތަށް. މަލާކަކީ މަސްޢޫދުގެ ދަރިއަކަށް ނުވިޔަސް….” މަންމަ ބުނެލި އެ ބަސްތަކާއެކީ މަލާކް ގަނޑުވެގެން ދިޔައެވެ. އޭނަގެ ކަންފަތަށް އިތުބާރު ކުރަން ވެސް ނޭނގިފައި މަލާކަށް އިނދެވުނެވެ. އެ ހިނދު މި ހުރިހާ ދުވަހު އޭނަ ‘ބައްޕަ’ގެ ނަމުން މުޚާތަބު ކުރި ފަރާތް އޭނަގެ ލޯ ކުރިމަތިން ސިފަވިއެވެ. އެއީ އޭނަގެ ބައްޕައަށް ނުވާނީ ކިހިނެއްތޯ ހިތަށްއެރި ވަގުތު އެ ބައްޕަގެ ރުޅިވެރި އަޑު އެ ކޮޓަރި ތެރެއިން އިވުނެވެ.
“އަނެއްކާވެސް ތި ވާހަކަ ސާރިޔާ! ބަލަ މަލާކްގެ ބައްޕައަކީ އަހަންނޭ! އެ މަންޖެއަކީ ޙަރާމް ދަރިއެކޭ ކިޔާފަ ދޮގު ބުހުތާން ޚަބަރު ފެތުރި މީހާއެއް ނޫން!! މި ހުރިހާ އަހަރު ވޭތުވީއިރު އޭނަ އެއްފަހަރު ވެސް މަލާކް ކޮބައިތޯ ވެސް ބަލާލިތަ؟ މަލާކް ހުރިތަނެއް ހޯދަން ވެސް މަސައްކަތް ކުރިތަ؟ ނޫން! އެ މަންޖެއަކީ ހަމަ…އަހަރެންގެ ދަރިއެއް. އެ މަންޖެގެ ހުރިހާކަމެއް ބަލައި އެ މަންޖެ ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނީ އަހަރެން. އޭނަހެން އަހަންނަކީ މަހުޖަނަކަށް ނުވިޔަސް އަހަންނަށް ވެވުނުހާ މިންވަރަކުން މަލާކަށް ދުނިޔެ ހޯދައިދިނިން…” އެ ބަސްތައް ބައްޕަ ރޫރޫއަޅަމުން ދިޔަ އަޑަކުން ބުނެލި ހިނދު މަލާކްގެ ހިތަށްވެސް ލޮޅުމެއްއައެވެ. ބައްޕަގެ ވާހަކައިގެ ކުރީ ކޮޅުގައި އެ ދެއްކީ ހަމަ އޭނަގެ އަސްލު ބައްޕަ ވާހަކަތޯ އޭނަގެ ހިތް ސުވާލުކުރިއެވެ. އެ ބައްޕަ އެފަދަ ވާހަކައެއް ބުނެފައިވަނީ އޭނަގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އެ ބައްޕަ އޭނަ ބަލައި ނައި ކީއްވެތޯ ބުނެ ހިތް ޝަކުވާކުރިއެވެ. އޭނަ ޚިޔާލުތަކެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު އަނެއްކާވެސް އެތެރެއިން އަޑުއިވުނެވެ.
“ދުނިޔޭގެ އެންމެން ކޮންމެ އެއްޗެކޭ ބުންޏަސް އަހަންނަށް މަލާކްވާނީ އަހަރެންގެ ދަރިފުޅަށް. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު. އަހަރެންގެ ޢާއިލާ. އަހަރެން ހަށީގަ ނޭވާ ހުރިހާ ދުވަހަކު ކިތަންމެ ދަތިތަކެއް ތަޙައްމަލުކޮށްގެން ވެސް މަލާކް ބަލާނަން. އަމިއްލަ ޖާނު ވިއްކައިގެން ވެސް ލާރި ހޯދައިގެން މަލާކަށް ފަރުވާ ހޯދަދޭނަން. އަހަންނަށް ލިބިފަ ހުރި ހުރިހާ އެއްޗެއް މަލާކަށް ދޭން ނިންމައިގެން މިހިރީވެސް…..މި ހުރިހާ ކަންތަކަށްފަހު ވެސް އަހަރެން މަލާކް ބަލާނެކަމާމެދު ސާރިޔާއަށް ޝައްކުކުރެވެންޏާ ދަރިއެއްދެކެ ލޯބިވާން އަހަންނަށް ނޭނގެނީ ކަމަށްވެސް ވެދާނެ….” ބައްޕަ ތުރުތުރު އަޅާ އަޑަކުން އެ ވާހަކަ ދެއްކުމުން މަލާކްގެ ލޮލުން ވެސް ކަރުނަ ހިލުނެވެ. އޭނަ ކޮޓަރި ތެރެއަށްވަދެ ނޫނެކޭ ބުނަން ބޭނުންވިއެވެ. އޭނަ މި ހުރިހާ ދުވަހު ބަލައި ބޮޑުކުރި ބައްޕައަށް އޭނަދެކެ ލޯބިވާން އެނގެއެވެ. އޭނަގެ ނުހިނގޭ ޙަޔާތުގެ ބޮޑުބައެއް ހޭދަކޮށްފައިވަނީ އެ ބައްޕަގެ އަތުގެ އެހީގައެވެ. އެ ބައްޕަގެ ކައިރީގައި ހުންނައިރު އޭނައަށް ރައްކާތެރިކަމެއް އިޙްސާސް ކުރެވެއެވެ. ދެންމެ އިވުނުހެން އެ ބައްޕައަކީ މަހުޖަނަކަށް ނުވިޔަސް އެ ބައްޕަވަނީ ކުޑައިރުއްސުރެ އޭނަގެ ކުދިބޮޑު ހުރިހާ އެދުންތަކެއް ފުރިހަމަ ކޮށްދީފައެވެ. އެ ބައްޕަ އޭނައަށް ކޮށްދިންހާ ކަންތައް ހަނދާންވެފައި މަލާކްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ބައްޕަ ދެންމެ ބުނިހެން އެހެން ބަޔަކު ކޮންމެ އެއްޗެކޭ ބުންޏަސް އެއީވެސް އޭނަގެ ބައްޕައެކެވެ. އެކަން މަލާކްގެ ހިތުން ފޮހެލެވޭނެކަމަށް ޤަބޫލުކުރަން އޭނައަށް ދަތިވިއެވެ. އޭގެ އަނެއްދުވަހު ޙަޤީޤަތް އެނގިހުރެ ވެސް ހިނިތުންވުމަކާއެކީ އާދައިގެ ގޮތަކަށް އެ ބައްޕައާއި ކުރިމަތިލެވުނީ އެހެންވެއެވެ.
މަލާކް އޭނަގެ އަތުގައި އޮތް ދެ ފޯމަށް ބަލަން އިނދެ ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު އޭނަ ކުރިމައްޗަށް ބަލާލި ވަގުތު ބައްޕަ ކޮޓަރީގެ ދޮރުމަތިން ހުރަސްކޮށް ދިޔަ މަންޒަރު އޭނައަށް ފެނުނެވެ. އިސާހިތަކު މަލާކަށް ކުއްލި ގޮތަކަށް ‘ބައްޕާ’އޭ ކިޔައި ގޮވާލެވުނެވެ. އެ ހިނދު ބޭރުން ހިނގާފައި ދިޔަ މަސްޢޫދުގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި ފަސްއެނބުރި ބަލާލި ވަގުތު އޭނައަށް އެމީހުންގެ ކޮޓަރީގެ ދޮރު ކައިރި ހުރި ސާރިޔާ ފެނުނެވެ. ސާރިޔާ އެއްފަހަރު މަސްޢޫދަށް އަނެއްފަހަރު މަލާކްގެ ކޮޓަރިއަށް ބަލާލަމުން އަނެއްކާވެސް މަސްޢޫދަށް ބަލާލިއެވެ. މަސްޢޫދު ޙަޤީޤަތާއި ކުރިމަތިލާން ނިންމަމުން އިސްޖަހައިގެން ހުރެ ގޮސް މަލާކްގެ ކޮޓަރިއަށްވަނެވެ.
“ކިހިނެއްވީ ކަނބުލޮ؟ ސޮއި ކޮށްފިންތަ؟” މަސްޢޫދު މަލާކްގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ.
“ނޫނޭ ބައްޕާ….އަދި ނުކުރަން. މިތާ ދެ ފޯމެއް އޮންނާތީ އޮޅުން އަރައިގެން. ކީއްވެ މަލާކްގެ ނަމުން ބައްޕަގެ ނަން ކަނޑާލަނީ….ބައްޕާ؟” އެ ސުވާލުކޮށްލުމުން ބައްޕަގެ މޫނު މިލައިގެން ގޮސް އިސްޖެހުނު ގޮތުން މަލާކްގެ މޭގައި ވެސް ރިހުމެއް ހިނގާލިއެވެ. މަލާކް ބަލަބަލާ ހުއްޓާ ބައްޕަ އިސްއުފުލާލަމުން އައިސް މަލާކްގެ ކުރިމަތީގައި ކަކޫމައްޗަށް ތިރިވިއެވެ.
“ދަރިފުޅު…..ދަރިފުޅަށް އެނގެންޖެހޭ ޙަޤީޤަތެއް އެބައޮތް. ބައްޕައަކީ….ދަރިފުޅުގެ އަސްލު ބަޕް….” މަސްޢޫދު އެހެން ބުނަން އުޅުނުތަނާހެން މަލާކް ވާހަކަ ދެއްކިއެވެ.
“ބައްޕަ ތިއީ މަލާކްގެ އެންމެ އަސްލު ބައްޕަ…..ބައްޕަވަނީ އެތައް ބުރަތަކާއެކީ އަހަރެން ބަލައި ބޮޑު ކުރުމުގަ ރެއާއި ދުވާލު މަސައްކަތް ކޮށްގެން އަހަންނަށްޓަކައި ޚަރަދުކޮށްފަ. ބައްޕަ ބުނަން ތިއުޅެނީ އަހަރެން ދޫކޮށްފަ ދިޔަ ބައްޕައެއްގެ ވާހަކަ ވިއްޔާ އަހަރެން އެ ވާހަކަ އިތުރަށް އަޑުއަހާކަށް ބޭނުމެއްނޫން. ލޯބި ނުދިން މީހެއްގެ ފަހަތުން ދުވާކަށް ބޭނުމެއްނޫން. އެކަމަކު މަންމައާއި ބައްޕައަށްޓަކައި ދުޢާކުރާއިރު އެ ބައްޕައާއެކީ ތި ބައްޕައަށްޓަކައި ވެސް ދުޢާ ކުރާނަން އިން ޝާ ﷲ!” މަލާކް ސާބިތުކަމާއެކީ ބުނެލިއެވެ. އެހިނދު މަސްޢޫދާއިއެކީ ބޭރުގައި ހުރި ސާރިޔާއަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބެވުނެވެ.
“ދަރިފުޅު….” މަސްޢޫދު އެތައް ސުވާލެއް ކުރަން ބޭނުންވިއެއްކަމަކު އަސަރުން ފުރިފައިވި ހިތެއްގެ ސަބަބުން އޭނައަށް ކުރިއަށް ނުގެންދެވުނެވެ.
“ދެރަނުވޭ ބައްޕާ. މަލާކްގެ ދެ ބައްޕައިންގެ ތެރެއިން މަލާކް އެންމެ ބޮޑަށް ލޯބިވަނީ މަލާކްގެ ކުރިމަތީގަ މިވަގުތު ހުރި ބައްޕަދެކެ. މީހުން ބުނާ އެއްޗަކާހެދި މަލާކް ދޫނުކުރައްޗޭ ބައްޕާ. މަލާކް ދުވަހަކުވެސް ބައްޕައާމެދު އެހެން ނަޒަރަކުން ނުދެކޭނަން.” މަލާކް ބުނެލިއެވެ. އެ ހިނދު މަސްޢޫދުގެ ލޯ ކަރުނުން ފުރި ބަންޑުންވެ އޭނައަށް ގިސްލެވެން ފެށިއެވެ. މި ހުރިހާ ދުވަހު އޭނައާއި ވަކިވެދާނެހެން ހީވި ދަރިފުޅު އޭނަ ކައިރި ދުވަހަކުވެސް ވަކިނުވާށޭ ބުނެލި ބުނުމާއި ހެދިއެވެ. މަލާކް ބުނެލި ބަސްތައް އިވިފައި ބޭރުގައި ހުރި ސާރިޔާގެ ލޮލުން ވެސް އުފާވެރިކަމުގެ ކަރުނަތައް ނިރާލިއެވެ. އޭނަ ދުނިޔެ ދޫކޮށްދިޔަޔަސް މަސްޢޫދު އުއްމީދު ކޮށްގެން ހުރި ގޮތަކަށް މަސްޢޫދު އެކަނިވެރި ނުވާނެކަން ޔަޤީންވުމުންނެވެ.
ޙަޤީޤަތް ފާޅުވެ އެނގިގެން ދިޔުމުން ދަތުރު މަތީގައި މަލާކްގެ ކުޑަކުޑަ ޢާއިލާގެ އެންމެން މޫނުމަތިން ވެސް ވެރިވަމުން ދިޔައީ އުފާވެރި ހިނިތުންވުންތަކެވެ. އެހެނަސް ދަތުރުކުރެވެމުން ދިޔަ ވަރަކަށް މާލެއާއި ކައިރިވަމުން ދިޔަކަން އެނގުންވުމުން މަލާކްގެ ހިތަށް އެއްކަލަ ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ފްލައިޓް ތެރޭގައި ހޭދަވި ފުރަތަމަ ބައިގަޑިއިރު ތެރޭގައި ވެސް އެކަމާމެދު ވިސްނެމުން ދިޔަ ވަރުން ދެތިން ފަހަރު މަތިން އޭނަގެ ގައިން ކުއްލި ތުރުތުރެއް އެޅިއެވެ. މަންމަ އެކަމާމެދު ސުވާލުކުރުމުން ކަމެއްނުވެއޭ ބުންޏެއްކަމަކު މަންމަ އޭނައަށް ދީގެން ހުރި ހިނިތުންވުމުގެ ޒާތުން ލަދުން ހަލާކުވާވަރުވިއެވެ. މިއީ އެއްގޮތަކަށް ވެސް އޭނަ ފިރިހެނަކާމެދު ‘ހުވަފެނީ’ ގޮތަކަށް ޚިޔާލުކުރާތީ ވާގޮތެއް ނޫންކަން މަންމައަށް ވިސްނައިދޭނެ ގޮތެއް މަލާކަށް ނުވިސްނުނެވެ. އެމީހެއްގެ ކުރިމައްޗަށް ގޮސް މިހެން ނުވިއްޔާ ރަނގަޅެވެ. އެމީހަކު އޭގެ މާނަ ނަގާނެ ގޮތެއް އެނގެނީއެއް ވެސް ނޫނެވެ. އަދި އަމުދުން މަންމައަށް ވެސް އޭނަ ދެކޭ ގޮތުގެ ނުބައި މާނައެއް ނެގުނުއިރު އެ މީހަކަށް އަމުދުން އޭނައަށް މިހެން ވަނީ ކީއްވެކަމެއް ދޭހަ ނުކުރެވޭނެތާއޭ ހިތަށްއެރިއެވެ.
**
އެދުވަހުގެ މެންދުރު 2:30 ވާން ގާތްވެފައި ވަނިކޮށް އަޔާޒް އޮތީ ކަންނެތް ކަމާއެކީ ސިޓިންގް ރޫމުގެ ސޯފާގައި އޮށޯވެގެން ޓީވީ ބަލަން އޮތީ ފޫހިވެފައެވެ. އޭނަ މިއަދު ފޫހިވާންވީ ސަބަބުތައް ގިނަވެފައިވަނިކޮށް އިތުރަށް ފޫހިވެގެން ދިޔައީ ދޮންބެ މެންދުރުގެ ކެއުމުގެ ތެރެއިން ދޮންބެ ދެއްކި ވާހަކައަކުންނެވެ.
“ތި އިންޓާންޝިޕަށް ކޮންމެހެން ރަޝިޔާއަށް ދާން ނުޖެހޭނެހެން އަހަންނަށް ހީވަނީ. މެރީކުރީމަ އަންހެން ކުއްޖާއާ އެކީގަ ހުންނަން ބޭނުންވާނީ. މިކޮޅުގެ ހޮސްޕިޓަލަކަށް މިހާރުއްސުރެ އެޕްލައި ކުރަން އުޅޭ!” ދޮންބެ އެހެން ބުނެލީ ހިތުން ސަމާސާއެއް ކޮށްލުމަށެވެ. ދޮންބެ އެހެން ބުނުމާއެކު ބޮޑުމަންމަ އޭނައަށް ޚިޔާލު ދިނީ ރަޝިޔާއަށް ދާން ބޭނުންނަމަ އަންހެނުންނާއެކީ ދިޔުމަށެވެ.
އެމީހުން ހީހީފައި އެ ވާހަކަތައް ދެއްކި ހަނދާންވެފައިވެސް އަޔާޒްގެ ދަތްކުނޑި ވިކެމުން ދިޔައެވެ. އޭނަ ރާވައިގެން ހުރީ އޭނަގެ އިންޓާންޝިޕަށް އަނބުރާ ރަޝިޔާއަށް ގޮސް މައުވާއާއި އިންނާށެވެ. އެހެނަސް އޭނަ ރޭވި ގޮތަށް އެއްވެސް ކަމެއް ނުވާހެން ހާސްވަނަ ފަހަރަށް ހީވުމުން އަޔާޒް ވީ ނުރުހުމުގައި ތެދުވެ ސޯފާގައި އިށީނެވެ. ހަމަ އެވަގުތު އެއްފަރާތުން އޭނައަށް އަނުމްގެ އަޑު އިވުނެވެ.
“ތިއްތި ކޯޗެއް ތި ބަލަނީ؟ ޑޭ އިން އަ ލައިފް އޮފް ސާރޖަންތަ؟ ވަރަށް އިންޓްރެސްޓިންގް އެއްޗެއް ދޯ މީ؟” އަނުމް އިހުނަށްވުރެ އެކުވެރި ރާގަކަށް ވާހަކަ ދައްކަމުން ގޮސް ވަކިން ހުރި ސޯފާގައި އިށީނެވެ. ވޭތުވެ ދިޔަ ހަފްތާ ތެރޭގައި އަނުމް ގިނަގިނައިން ހިނިތުންވާން ފަށާފައިވެއެވެ. އެހެނަސް ދެންވެސް ހިތާމަވެރިކަމެއް އެ ލޯ މަތިން ފެންނަމުން ދިޔައެވެ. ކުރިމަތިވެފައިވި ބޮޑު ޠޫފާނަކުން ސަލާމަތްވެގެން އަރައިގަންނަން މަސައްކަތް ކުރާ ފަދަ އަސަރެއް އެ މޫނުމަތިން ފާޅުވެއެވެ. ވަކިން ޚާއްޞަކޮށް މަލާކްގެ ވާހަކަ ދެކެވެން ފެށޭ ކޮންމެ ފަހަރަކު އަނުމްގެ އުފާވެރިކަން ދެގުނަ ވާކަން އެންމެންނަށް ފާހަގަވެފައިވެއެވެ. މަލާކަކީ އަނުމްގެ އެކުވެރިއެއްކަން އެނގުނު ފަހުން އަޔާޒްގެ ދޮންބެއަށާއި ބޮޑުމަންމައަށް ލިބިފައިވަނީ އިތުރު ހިތްވަރެކެވެ.
“އާނދޯ؟ އިންޓްރެސްޓިންގް….ދުވަސްކޮޅަކުން ތިއްތިވެސް އެކަހަލަ ތަނެއްގަ ވޯކް ކުރާނީ.” އަޔާޒް ބުނެލިއެވެ. އަނުމް އޭނައަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އިން ޝާ ﷲ….އޭ ތިއްތި މަލާކް ދޮންތި އަންނަނީ މިއަދު ހަވީރު 4:30 އިން ދޯ؟ ކޮއްކޮ ވަރަށް އެކްސައިޓެޑް ދޮންތަ އަންނާނެ އިރަކަށް. ތިއްތި ހަމަ މަލާކް ދޮންތިއާއި މެރީކުރާނީތަ؟ މެރީ ކުރީމަ މަލާކް ދޮންތި ހުންނާނީ މިގޭގަތަ؟” އަނުމް އުޖާލާވި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އަޔާޒް ލުއި ގޮތަކަށް ހީލިއެވެ.
“ކޮއްކޮ އުފާވާނެދޯ ތިއްތި އެ ދޮންތިއާ މެރީ ކުރިއްޔާ؟ އެކަމަކު އަސްލު…..އަނުމް ވީމަ ތިއްތި އޮނެސްޓްކޮށް ބުނެފާނަން. ތިއްތި އެހާ ލައިކް ނުވޭ އެ ދޮންތި ދެކެ.” އަޔާޒް ތެދުތެދަށް އެ ވާހަކަ ކިޔައިދިނީ އަނުމްއާއި އިތުރަށް ގުޅުން ބަދަހިކުރުމުގެ ނިޔަތުގައެވެ.
“އެއީ ކީއްވެތަ ތިއްތި؟! މަލާކް ދޮންތި އިޒް ސޯ ލަވެބްލް! ރަށުގެ ހުރިހާ ކުދިންނާ ދޮންތި އެކުވެރިވާނެ. ރަށުގަ ނުހުރޭ ދޮންތި ދެކެ ލޯބިނުވާ ކުއްޖެއް. އަދި އެހާ ސްމާޓްވެފަ އެހާ އިންޓެލިޖެންޓްވާނެ. ގޮނޑިއެއްގަ ހުއްޓަސް މަލާކް ދޮންތި އަހަރުމެންނަށްވުރެ މާ މޮޅު. ދޮންތި ހުންނާނީ ފޮތެއް ނުލިބިގެން ހަމަ ކިޔާލަން. ވަރަށް ގިނަ ޓޮޕިކްތައް ޑީޓެއިލްކޮށް އެނގޭނެ ދޮންތިއަށް. ވަކިން ޚާއްޞަކޮށް ބިޒްނަސް އެއްޗެހި. ކޮއްކޮއަށް ހީވަނީ ދޮންތިއަށް ރިސޯސްތައް ލިބިފަ ހުރިނަމަ މިހާރު ވަރަށް ސަކްސެސްފުލް ބިޒްނަސްވުމެންއަކަށްވެފަ ހެން ހުންނާނީ….” އަނުމް އޭނަ ޚިޔާލު ފާޅުކުރިއެވެ. އަޔާޒަށް އެ ވާހަކަތައް އަޑުއަހަން އިނދެވުނީ ޤަބޫލުކުރަން ވެސް ދަތިވެފައެވެ. ކުޑަ ރަށެއްގައި އުޅެ ބޮޑުވި ކުއްޖަކު ‘ސްމާޓް’ ވެފައި ‘އިންޓެލިޖެންޓް’ ވެދާނެކަމަށް ޤަބޫލުކުރަން އޭނަގެ ހަރު ބޯ ދެންވެސް ދެކޮޅު ހެދިއެވެ. އޭނަ ދެންވެސް ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އަޔާޒް ވިސްނުމެއްގެ ތެރޭގައި އިންދާ މިފަހަރު އިވިގެން ދިޔައީ ދޮންބެގެ އަޑެވެ.
“ހަމަ ތެދު ވާހަކަތައް އަނުމް އެ ބުނީ. ދޮންބެ ހޯދި ހޯދުންތަކުން ވެސް މަލާކްއާއި ބެހޭގޮތުން އިވުނީ އެކަހަލަ ވާހަކަތައް. އަޔާޒަށް މިއީ ޙަޤީޤަތެއްކަން އެނގެން ދެން މާ ގިނަ ވަގުތެއް ނެތް…..ދޮންބެ ބޮޑުމަންމަ ގޮވައިގެން އެއާރޕޯޓަށް ދާއިރު އަޔާޒްވެސް އަޔާޒްގެ ކާރުގަ ދާތި. މަލާކްއާ އޭނަގެ މަންމައާއި ބައްޕަ އަރުވާނީ އަޔާޒްގެ ކާރަށް…” ދޮންބެ އެހެން ބުނެލިތަނާހެން ވީ ނުރުހުމުގައި އަޔާޒަށް ދޮންބެއާއި ދިމާލަށް ބަލާލެވުނެވެ. އަޔާޒް އެ ރުޅީގައި އެއްޗެކޭ ބުނަން އުޅެފައިވެސް ފުން ނޭވާތަކެއްލިއެވެ.
“މިއީ އެންމެ ދިގު ދުވަހެއް…މި ދުވަސް ވަރަށް އަވަހަށް ނިމިދާނެ.” އަޔާޒް ބޯޖަހަމުން އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ނޫނީ މިއީ އާ ބާބެއްގެ ފެށުމަކަށް ވެސް ވެދާނެ.” ނިޝާން ނުހުރެވިގެން ބުނެލިއެވެ. އެއާއެކު އަޔާޒް ގަދަވެގެން ދިޔަ ރުޅިއާއެކީ ކޮޅަށް ތެދުވެގެން އެތަނުން ދާން ހިނގައިގަތެވެ. ނިޝާން ހީލުމަކާއެކީ އަނުމްއަށް ބަލާލަމުން އެއްލޯ މަރާލިއެވެ.
**
މަލާކްމެން ތިބި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސަން ކައިރިވީ 4:26 ވީ ވަގުތެވެ. ފްލައިޓް ތިރި ކުރަމުން ދިޔަ ވަގުތު އާދައިގެ މަތިން މަލާކަށް ހުރެވުނީ ދެލޯ މަރައި ތަގުޅިކޮށް ދެފަރާތުގައި ހުރި ދެއަތް ގަނޑުގައި ބާރަށް ހިފަހައްޓައިގެންނެވެ. ކުއްލިއަކަށް އިވިގެންދާނެ އަޑާއެކީ ވެދާނެ ގޮތެއް އޭނައަށް ސިފަވަމުން ދިޔަ ގޮތް ގިނަކަމުންނާއި ސާފުކަމުން ހިތް ބިރުގަތް މިންވަރުންނެވެ. އޭނަ ހިފަހައްޓައިގެން ހުރިލެއް ބާރުވުމުން ބައްޕަގެ އެހީގައި ފްލައިޓުން ފައިބައި ގޮނޑީގައި އިށީނދެވުނު ވަގުތުވެސް އޭނަގެ އަތުގައި ތުރުތުރެއް އެކުލެވިގެންވިއެވެ. އެއްތަނަކުން ފެނުނު އެތައް ފްލައިޓްތަކާއި ބައެއް ފްލައިޓްތަކުގެ އަޑުތައް އެއްފަހަރާ އިވެމުން ދިޔަ ގޮތުން މަލާކަށް ވަށައި ހޯދެމުން ދިޔައެވެ. މަންމަ ހިނގާށޭ ބުނެލުމުން ވެސް މަލާކަށް ގޮނޑި ދުއްވެމުން ދިޔައީ ދުރު ހޯދަމުންނެވެ. އެހެނަސް އޭނަވެސް މަންމަމެން ފަހަތުން ގޮސް ޑޮމެސްޓިކް އެރައިވަލްއަށް ވަނެވެ. އެތާނގައި ވެސް މީހުން ގިނަކަމުން އޭނައަށް ޙައިރާންކަމާއެކީ ބަލަހައްޓައިގެން އިނދެވުނީ ޓައިލްސް މަތިން ލަސް ދުއްވުމެއްގައި ދުއްވަމުންނެވެ. އޭނަގެ ގޮނޑީގެ ފުރޮޅިއަށް ފުދޭވަރަކަށް ދުވަސްވެފައިވުމުން އޮމާން ތަންތާނގައި ދުއްވާއިރު ކޮންޓްރޯލް ހުންނަނީ ވަރަށް ދަށްކޮށެވެ. އެހާ މަޑުން ދުއްވަމުން ދިޔައިރުވެސް ގޮނޑި ދުވަމުން ދިޔައީ މަލާކް ޤަޞްދުކުރާވަރަށްވުރެ ބާރަށެވެ.
މަލާކް ވަށައި ހޯދަމުން ދަނިކޮށް ދެކުއްޖެއްގެ ހުނުމުގެ އަޑު އިވުނެވެ. މަލާކް ބަލާލިއިރު އެއީ ބޭރު ދެކުދިންނެވެ. ދެކުދިން އެއްކުއްޖަކު އަނެއްކުއްޖަކަށް ފަހާ ކުޅިވަރެއް ކުޅެނީއެވެ. އެތައް ބަޔަކު ހިނގަމުން ދިޔަ އެ މާޙައުލުގައި އެކުދިން އެ ކުޅިވަރު ކުޅެމުން ދިޔައީ މަލާކަށް އިނދެވުނީ ނުތަނަވަސްވެފައެވެ. އޭގެއިން ކުއްޖަކު ވެއްޓި ގޮތެއް ވެދާނެތީވެއެވެ. މަލާކް އެހެން ދިމާލަކަށް ނަޒަރު ހިންގާލަން އުޅުނު ވަގުތު އޭނަގެ ހިތް ހުއްޓުމަކަށް އައީ އެއްކުއްޖަކު އަނެއްކުއްޖާ އަތުގައި ނުޖެހުމަށްޓަކައި އޭނައާއި ދިމާލަށް ނުހަނު ބާރަށް ދުވެފައި އަންނަތަން ފެނުމުންނެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން އޭނަގެ ގައިގައި ނުޖެހި އެކުއްޖަކު އޭނަގެ ފަހަތަށް ދިޔައެވެ. އެހެނަސް އެކުއްޖާ ފިލައިގެން އޮތްވާ އަނެއްކުއްޖާ ވެސް ގޮނޑީގެ ފަހަތުން އަންނަން ފެށުމުން ކުއްލިއަކަށް މަލާކްގެ ގޮނޑި ކައިރީގައި ހުރި ކުއްޖާ ދުއްވައިގަތީ އެ ގޮނޑި ކޮއްޕާލަމުންނެވެ. އެއާއެކު އޭނަގެ މޭގަނޑު އަތަށް އައިހެން މަލާކަށް ހީވިއެވެ. ކުރިމަތިން ނުހަނު އަވަސްއަވަހަށް މަންޒަރު ބަދަލުވަމުން ދިޔަ ގޮތުން މަލާކަށް ހަޅޭއްވެސް ލަވަން ނޭނގިފައި އިނދެވުނެވެ. ތިރިއަށް ބަލާލި ހިނދު ބިމުގައި ފައި ޖައްސާނީއޭ ހިތަށް އެރިއެއްކަމަކު ފައި ނުފޯރާނެކަން ޔަޤީންވިއެވެ. ފުރޮޅިތައް އެނބުރެމުން ދިޔަލެއް އަވަސްކަމުން ފުރޮޅީގައި ވެސް އަތްލާކަށް ނުކެރުނެވެ. އަނެއްކާވެސް ކުރިމައްޗަށް ބަލާލި ވަގުތު ޓާރމިނަލް ފެށޭ ހިސާބުން ފާރާއި ދިމާލަށް އޭނައަށް ދެވޭ މަންޒަރު ފެނިފައި މަލާކަށް ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އެހެނަސް އޭނަ އެ ފާރުގައި ނުޖެހެނީ ކޮންމެވެސް މީހަކު އެ ގޮނޑި ކުރިމައްޗަށް އަރައި ގޮނޑީގެ އަތްގަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ.
ނުނިމޭ