Vaudhu (Part 36)
“މަލާކް ވިލް ބީ ރިއަލީ ގުޑް އަސްލު ތިކަމަށް….އެކަމަކު މަލާކް ކިޔެވުމާއިގެން ތިކަމާ އުޅުމުން ސްޓްރެސްވިއްޔާ ކަމަކު ނުދާނެ….މަލާކްގެ ކޮންޑިޝަންގެ ސަބަބުން މާ ބޮޑަށް ސްޓްރެސްވިއްޔާ ގޮތެއް ދިމާވެދާނެ.” އަޔާޒް އެ ކަންބޮޑުވުން ފާޅުކުރިއެވެ.
“އެހެންތަ؟ އެހެންވެއްޖެއްޔާ އަހަރެން މަޒީދަށް ތިވާހަކަ އަންގާލާނަން. އަދި ނުބުނަންދޯ؟ މަޒީދާއި އަހަރެން ފްރެންޑޭ މިހާރު. އަހަރުމެންނަށްޓަކައި ގެދޮރުގެ މައްސަލައިގަ ހެކިބަސްވެސް ދޭން ރެޑީއަށް އެ ބޭބެ ހުރީ. މަސްޢޫދުބެއާއެކީ ހުރި ދެވަނަ ހެކިވެރިއަކީ އެއީ. ބޭބެ ކިޔަން އުޅެއުޅެ ކިޔުނައެއް ނުދިން. ހެހެ….މަލާކް މާރކެޓިންގް ޓީމަށް ލާ ވާހަކަ އިވުނީމަ ވަރަށް އުފާވާނެ. މަލާކް ސްޓްރެސްވާން ނުޖެހޭ ވާހަކަ އިވުނިއްޔާ ކޮންމެހެންވެސް މަލާކްގެ ވޯކްލޯޑް ކުޑަވާނެ ގޮތެއް ހަދައިދޭނެ….މަލާކްގެ އަސްލު ބައްޕައަކީ އެއީވިއްޔާ…” ނިޝާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލި ވާހަކައިން އަޔާޒްގެ ދެބުމަ ކައިރިވިއެވެ.
“އަސްލު…..ބައްޕައޭ؟” އަޔާޒަށް އަހާލެވުނެވެ. އެއާއެކު ނިޝާން ބޯޖަހާލިއެވެ.
“ހުމް…..އަސްލު ބުނަންވެސް ނުޖެހޭ ވާހަކައެއް މިބުނެވުނީ. މަލާކަށް އަދި ނާންގައްޗޭ މި ވާހަކަ. ނޭނގޭ ކީއްވެކަމެއް އެ ބޭބެ މިހެން ބުނީ….ބުނީ އެއްވެސް މީހަކަށް ނާންގާށޯ ތިމަންނައަކީ މަލާކްގެ ބައްޕަކަމެއް. މިހެން ބުނީމަ ހީވެދާނެ އެ ބައްޕަ މަލާކްދެކެ ލޯބިނުވަނީހެން. އެކަމަކު މަލާކްއާ ބެހޭގޮތުން ވާހަކަ ދައްކާއިރު ހިއެއްނުވޭ އެހެންނެއް. ވަރަށް އުފަލުން ހުންނާނީ އަޔާޒް މަލާކް ގެންގުޅެނީ ވަރަށް ލޯބިންނޭ ބުނީމަ. ތަކުރާރުކޮށް ބުނާނެ އަޔާޒަށް ވެސް ނަޞޭޙަތްތެރި ވައްޗޭ މަލާކް ވީހާވެސް ރަނގަޅަށް ބަލަން.” ނިޝާން ހިނިތުންވުމަކާއެކީ ކިޔައިދިނެވެ.
“އެހެންތަ؟ އެހެންވިއްޔާ މަލާކަށް އެނގޭބާ މަސްޢޫދުބެއަކީ މަލާކްގެ އަސްލު ބައްޕައެއް ނޫންކަން؟ ދުވަހަކުވެސް ތިކަހަލަ ވާހަކައެއް އިވިފައެއްނެތް…” އަޔާޒް ވިސްނުމެއްގައި ހުރެ ބުނެލިއެވެ. ދޮންބެ ފަރާތުން އިވުނު ވާހަކަތަކުން އޭނަގެ ކައިވެނީގެ ކުރިން ވެސް ދޮންބެ އޭނައަށް ކިޔައިދިން ވާހަކައެއް ހަނދާނަށްއައެވެ. ބައްޕަގެ ފިހާރަތަކުގެ ތެރެއިން ފިހާރައަކީ އޭނަ އިންނަން އުޅޭ ކުއްޖާގެ އަސްލު ބައްޕަގެ ފިހާރައެއް ކަމަށް ބުނި ހަނދާނެވެ. އެހެނަސް އެދުވަސްވަރު އޭނަ އައިސްފައިވި ރުޅީގެ ސަބަބުން އެކަމާމެދު ވިސްނާނުލެވި ހުރީއެވެ. އަދަށްދާންދެން ވެސް އޭނައަށް ހީކުރެވިފައިވީ މަސްޢޫދުބެއަކީ މަލާކްގެ ޙަޤީޤީ ބައްޕަ ކަމަށެވެ. އެއީ އަދި އަމުދުން އޭނައަށް ފެނިފައިވި މަންޒަރުތަކުން މަލާކާއި މަސްޢޫދުބެއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކަން އެނގުންވެފައި މަސްޢޫދުބެއާއި ބެހޭ ނޭދެވޭ ވާހަކައެއް މަލާކްގެ ފަރާތުން އިވިފައިވެސް ނުވުމުންނެވެ.
“ދޮންބެއަކަށް ނޭނގޭ މަލާކަށް އެނގޭކަމެއް ނޭނގޭކަމެއް. އެކަމަކު ރަނގަޅުވާނީ މިވަގުތަށް އެ ވާހަކަ ނުދެއްކުން. މަސްލަހަތަށްޓަކައި މިވަގުތަށް މަލާކަށް ވެސް ސިއްރުކޮށްދިނުން ދޮންބެ އެދެން…” ނިޝާން ބުންޏެވެ. ދެންވެސް ވިސްނުމެއްގައި ހުރި އަޔާޒްގެ ސިކުނޑިއަށް ވެރިވަމުން ދިޔަ އެތައް ސުވާލެއްވިއެވެ. މަލާކްގެ އަސްލު ބައްޕަގެ ވާހަކަ އޭނައަށް ކުރިން ނީވުނީ ކީއްވެކަމާއި މެދުގައެވެ. މަސްޢޫދުބެ ވެސް އެ ވާހަކަ ފޮރުވީ ކީއްވެކަމާއި މެދުގައެވެ. މަލާކަށް އެނގިއްޖެނަމަ މަލާކަށް ވެދާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ގޮތެއްވިޔަސް އަޔާޒް އިތުރު ސުވާލެއް ނުކޮށް ދޮންބެ ބުނި ވާހަކައާއި އެއްބަސްވިއެވެ. ކޮންމެ ގޮތެއްވިޔަސް މަލާކަށް ހަމަޖެހުން ލިބޭނެ ފަދައަކުން އޭނައަށް ޙަޤީޤަތް އެނގިގެންދާނެކަމަށް އުއްމީދު ކުރަމުންނެވެ. ދެންމެ އިވުނު ވާހަކަތަކުން މަލާކްގެ ބައްޕައަކީ މަލާކާއިމެދު އަޅާލާނެ މީހަކުހެން ހީވުމުންނެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އޭނަ ކަމަކަށް ބޭނުންވި ވަރުން ވާހަކަ ދެކެވުނެވެ.
“މް….މަލާކްގެ ބައްޕަގެ ނަންބަރު ދެވިދާނެތަ؟” އަޔާޒް އެ ސުވާލުކޮށްލިއިރު އޭނަ ހިސާބަކަށް ފިނިވެގެން ދިޔަ ގޮތުން އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އޭނައަކީ ލޯބިވާ ކުއްޖަކާއި އިންނަން ބޭނުންވެގެން އެކުއްޖާގެ ބައްޕައާއި ވާހަކަ ދައްކަން އުޅޭ ފުރާވަރުގެ ފިރިހެން ކުއްޖެއް ނޫންކަމަށް އަމިއްލަ ނަފްސަށް ހަނދާންކޮށްދެވުނެވެ.
“އާނ ދީފާނަން. އެހާވަރަށް އަޔާޒްގެ ވާހަކަ ދެއްކިއިރުވެސް ނުއެއް ބުނޭ އަޔާޒްގެ ނަންބަރު ދޭށޭ. އެކަމަކު އަޔާޒް ގުޅީމަ އުފާވާނެހެން ހީވަނީ. މި ޓެކްސްޓްކުރަނީ އިނގޭ ނަންބަރު.” ނިޝާން އެހެން ބުނެ އޭނަގެ ފޯނު ނަގައި އެތެރެއަށް ހިނގައިގަންނަމުން ބުންޏެވެ. އަޔާޒް އެ ވާހަކައަށް ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ.
އަޔާޒް ގޮސް ކޮޓަރިއަށް ވަން ވަގުތު ދޮންބެގެ މެސެޖު އޭނައަށް ލިބުނެވެ. އެ ދިގު ނަންބަރުގެ ކުރީގައިވި ނަންބަރުތައް ފެނުމާއެކު އެއީ މެލޭޝިޔާގެ ނަންބަރެއްކަން އޭނައަށް އެނގުނެވެ. ކިޔެވުމުގެ ތެރޭގައި އޭނައަށް އެކި ޤައުމުތަކުގެ އެކުވެރިން ލިބިފައިވާތީވެއެވެ. ކޮޓަރިއަށް ވަދެގެން ގޮސް އޭނަ ނިދާ ކޮޓަރިއަށް ވެސް ވަދެ އެނދުގައި އިށީން ވަގުތު ވެސް އަޔާޒަށް އެ ނަންބަރަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަވީރު ގަޑިން 5 ޖަހާފައިވި މަންޒަރު ފެނިފައި މެލޭޝިޔާއަށް މިވަގުތުވާނީ ކިހާއިރެއްތޯ އޭނަ ގޫގުލްއިން ސާޗްކޮށްލިއެވެ. އެއާއެކު މިވަގުތު އެކޮޅަށްވެފައި ހުންނާނީ އޭނަ ގުޅާލުން މުނާސަބު ގަޑިއެއްކަން އެނގުންވުމުން އަޔާޒަށް އެ ނަންބަރަށް ފިތާލެވުނެވެ. އެހިނދު އޭނަ ޙައިރާންވެސްވިއެވެ. އޭނަ މާ ބޮޑަށް މަލާކްގެ ބައްޕައާއި ވާހަކަ ދައްކަން ބޭނުންވަނީ ކީއްވެތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އެއާއެކު އޭގެ ޖަވާބުވެސް ލިބުނެވެ. އެ ބައްޕަ މަލާކާއި ދުރުގައި އުޅެނީ ކީއްވެތޯ އޭނަ ބަލާލަން ބޭނުންވަނީއެވެ. މަލާކަށް އެހާ ގިނަ ކަންތައް ސިއްރުކުރެވިފައިވީ ކީއްވެތޯ އަހާލަން ބޭނުންވަނީއެވެ. މިއީ އޭނައަށް މަލާކާއިމެދު އަޅާލެވޭތީ ކުރެވޭ ކަމެއްކަން އެނގުންވިޔަސް އެކަމާއި މެދު ވިސްނާނުލާ އަޔާޒް އެ ނަންބަރަށް ގުޅާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. 4 ވަރަކަށް ރިންގަށްފަހު އެކޮޅުން އަޑުއައެވެ.
“އައްސަލާމްޢަލައިކުމް!” އެކޮޅުން މަޒީދު ބުނި އަޑުއިވިފައި އަނެއްކާވެސް މިއީ މަލާކްގެ ބައްޕަކަން އެނގުންވެ އަޔާޒް ފިނިވާން އުޅުނެއްކަމަކު އޭނަ ހަމައަކަށް އެޅުނެވެ.
“ވަޢަލައިކުމުއްސަލާމް…..މަޒީދުބެ ދެއްތޮ؟” އަޔާޒް އަހާލިއެވެ.
“ލައްބަ….ތިއީ ކޮންކުއްޖެއް؟” މަޒީދު އެހިއެވެ.
“އަޅުގަނޑު މީ……އަޔާޒް. މަލާކްގެ ފިރިހެނުން.” އަޔާޒް ބުނެލިއެވެ. އޭނަ އެހެން ބުނިތަނާހެން އެދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. ސިކުންތުކޮޅެއް ވަންދެން އަނެއްފަރާތުން އެއްވެސް އަޑެއް އަޔާޒަށް ނުއިވުނެވެ. އޭނަ ‘ހެލޯ’ އޭ ބުނަން އުޅުނު ވަގުތު އެކޮޅުން ވާހަކަ ދެއްކި އަޑު އިވުނެވެ.
“އަޔާޒަށް އެނގެނީތަ މިއީ ކާކުކަން؟ މަލާކަށް އެނގޭތަ މި ބައްޕަ ތިކޮޅަށް ގުޅާކަން؟” މަޒީދު އެ ސުވާލުތައް ހިސާބެއްގެ ހާސްކަމާއެކީ ކޮށްލި ގޮތުން އަޔާޒް ޙައިރާންވާ ގޮތްވިއެވެ.
“ނޫން…..މަލާކަށް ނޭނގޭ. ދޮންބެ ހަމަ ދެންމެއަކު އަހަރެން ކައިރި ބުނީ ތިއީއޭ މަލާކްގެ ބައްޕަ. ދޮންބެ ބުނި މަލާކް ކައިރި އަދި ނުބުނާށޭ….އެއީ ކީއްވެތޯ މަލާކް ކައިރި ނުބުނަންވީ؟” އަޔާޒް އޭނަ ކުރަން ބޭނުންވި ސުވާލުކުރިއެވެ. އެއާއެކު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަމެއް ވެރިވެގެން ދިޔައެވެ. އެ ހިމޭންކަން މިފަހަރު ނެތިގެން ދިޔައީ މަޒީދު ހިތާމަވެރި ގޮތަކަށް ހީލި އަޑަށެވެ.
“މަލާކްގެ ބައްޕަގެ ސަބަބުން މަލާކަށް އިތުރު ސަޒާއެއް ލިބެން ބޭނުންނުވާތީ ނުބުނަނީ….ބުނެވުނަސް ހިއެއްނުވޭ މަލާކާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް މި ބައްޕައަށް ލިބޭނެހެންނެއް. މި ބައްޕަގެ ސަބަބުން މަލާކްވަނީ އެތައް ވޭނެއް ތަޙައްމަލުކޮށްފަ. ވޭތުވި މަސްތަކުގެ ތެރޭގަ އެ ދަރިފުޅަށްޓަކައި ކުރި ކަންތަކަށްފަހު ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ ވަރަށް ކުޑަވެސް ބަދަލެއްނާދޭ…” މަޒީދު އެހާ ހިސާބަށް ވާހަކަ ދެއްކިއިރު އޭނަގެ އަޑުވެސް ކުރެހިގެން ދިޔަ އަޑު އަޔާޒަށް އިވުނެވެ.
“ކް….ކޮންކަމެއްތޯ ކޮށްދެއްވީ މަލާކަށްޓަކައި؟” އަޔާޒް ކުރަން ބޭނުންވި އެތައް ސުވާލެއްވިއެއްކަމަކު އެންމެ ޖަވާބު އެނގެން ބޭނުންވި ސުވާލުކޮށްލެވުނެވެ. ބޭރު ޤައުމަކުން މަލާކަށް ހަދިޔާއެއްހާ މިންވަރުވެސް އަންނަތަން އޭނައަށް ފެނިފައި ނުވުމުންނެވެ.
“ފަހަރެއްގަ މި ވާހަކަ ޤަބޫލުކުރަން ދަތިވެދާނެ އެކަމަކު…..އަޔާޒްއާ މަލާކްގެ ކައިވެންޏަކީ މި ބައްޕަ ހަމަޖެއްސި ކައިވެންޏެއް.” މަޒީދު ބުނެލި ވާހަކައިން އަޔާޒްގެ ދެލޯ ބޮޑުވެ އޭނަގެ އަނގަވެސް ކުޑަކޮށް ހުޅުވިގެން ދިޔައެވެ.
“ވަޓް؟!” އަޔާޒަށް ހިސާބެއްގެ ހަރު އަޑަކުން އެ ސުވާލުކޮށްލެވުނީ އަޖާއިބުވީ ވަރުންނެވެ.
“އާނ…..ޙައިރާންވެއްޖެދޯ؟ އަދި ފަހުން ދުވަހަކުން ކިޔައިދޭނަން އެއީ ކިހިނެއްވީ ކަމެއްކަން އިން ޝާ ﷲ……އެހެންނޫނަސް އެންމެ ކުރީއްސުރެވެސް އަޔާޒްގެ ބައްޕަގެ އެދުމަކަށް ވެފަވީ މި ބޭބެއަށް އަންހެން ކުއްޖަކު ލިބުނިއްޔާ ދެމީހުންގެ ކުދިން ދެވަން. ދެމީހުންގެ އެކުވެރިކަން ދަމަހައްޓަން. އަދި އަޔާޒްގެ ބައްޕަގެ ވިޔަފާރީގެ ތެރޭގަ މި ބޭބެގެ ވެސް ޙިއްސާއެއް އޮތީމަ…..ދެން އަޔާޒް ބުނެބަލަ ބޭބެ ކައިރި…..އަޔާޒް ތިއުޅެނީ މަލާކްއާއެކީ އުފަލުގަތަ؟” މަޒީދު ސުވާލުކުރިއެވެ. ޙައިރާންކުރުވަނިވި އެތައް ވާހަކައަކަށްފަހު އިވުނު ސުވާލުން އަޔާޒް ހުއްޓުން އަރާ ގޮތްވިއެވެ. އެ ސުވާލާއެކީ އޭނަގެ ލޮލަށް މަލާކްގެ ހިނިތުންވުން ސިފަވެގެން ދިޔުމާއެކު ހިތަށްވެރިވެގެން ދިޔައީ އާދަޔާ ޚިލާފު އުފަލުން އޭނައަށް ވެސް ހިނިތުންވެލެވުނެވެ. އެހެނަސް އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނީ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތަކާމެދު ޔަޤީންކުރަން ދަތިވުމުންނެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެކޮޅުން ދެންވެސް ވާހަކަ ދެއްކި އަޑުއިވުނެވެ.
“އަޔާޒްއާ މަލާކްގެ ކައިވެނި ހަމަޖެހިގެން ދިޔަ ދުވަސްވަރު ތިކުދިންނަށް ނޭނގުނަސް ބޭބެ ދިޔައީ ތިކުދިންގެ ކަންތައް ބަލަމުން. ބޭބެއަށް އެނގޭ އަޔާޒް އުޅުނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ކަންވެސް. އެކަމަކު ވަރަށް ފަހަކަށް އެކުއްޖާއާއި ވަކިވީ ވާހަކަ ވެސް އަޑުއެހިން……އެނގޭ ވަރަށް ދަތިކަމެއްކަން ނުކުޅެދޭ ކުއްޖަކާ އިނދެގެން އުޅުމަކީ. އެކަމަކު ޙަޤީޤަތުގަ އަޔާޒްއާ މަލާކް ގުޅުވަން ބޭބެ ރޭވީ އަޔާޒަކީ ޑޮކްޓަރަކަށްވެފަ މަލާކަށް ފަރުވާ ކުރާނެ ކަމުގެ އުއްމީދުގަ. އަދި އެކަމުގެ ތެރެއިން ތި ދެކުދިން ގުޅިގެންދާނެ ކަމަށްވެސް އުއްމީދުކުރެވުނު….އަދިވެސް އެ އުއްމީދުގަ މިހިރީ ޙަޤީޤަތުގަ. އެކަމަކު މަލާކަށް ފަރުވާ ކުރުމަށްފަހުވެސް އަޔާޒްއަށް މަލާކް ކަމުނުދަންޏާ އަދި މަލާކަށްވެސް އަޔާޒް ކަމުނުދަންޏާ ބޭބެ ކައިރި ބުނެލައްޗޭ. އޭރުން ތިކުދިން ވަރިވާން ބޭބެ ތިކުދިންނަށް އެހީވެދޭނަން. އަދި މަލާކްވެސް އެހެން ޤައުމަކަށް ގެންގޮސް އެހެން ރަނގަޅު ކުއްޖަކާ ގުޅުވޭތް…..” މަޒީދު އެހާ ހިސާބަށް ވާހަކަ ދެއްކިތަނާހެން އަޔާޒަށް ވާހަކަ ދެކެވުނެވެ.
“ނޫން ނޫން…..އެހެން….ހަދާކަށް ނުޖެހޭނެ.” އަޔާޒަށް ޖެހިލުންވުމަކާއެކީ އެހެން ބުނެ ދެލޯ މަރައި ތަގުޅި ކޮށްލެވުނެވެ. އެހިނދު އޭނަގެ ހިތުގެ ތެޅުން އަވަސްވެފައިވިއެވެ.
“އަސްލުވެސްތަ؟ އެހެންވީމަ އަޔާޒް ލޯބިވަނީތަ މަލާކްދެކެ؟” މަޒީދު އެ ސުވާލުކޮށްލީ އުފާވެރިކަން ވެރިވެގެން ދިޔަ އަޑަކާއި އެކީގައެވެ. އެއާއެކު އަޔާޒަށް އުދަގުލެއްވެގެން އުޅޭ ފަދައަކުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެންމެން އޭނަ ލައްވާ އެ ވާހަކަ ބުނުވަން އުޅެނީ ކީއްވެތޯ ހިތަށްއެރި ހިނދު ވާހަކަ ދެކެވުނެވެ.
“ބޭބޭ…..ކުޑަކަމެއް ދިމާވެއްޖެ އިނގޭ؟ ދާންވެއްޖެ ހަމަ މިވަގުތު. ފަހުން ގުޅާލާނަން އިން ޝާ ﷲ!” އަޔާޒް އަވަސްއަވަހަށް ބުނެލިއެވެ.
“އެހެންތަ؟ އާނ އޯކޭ….މަލޫ ރަނގަޅަށް ބަލައްޗޭ އަޔާޒް….އަޔާޒް މަލޫދެކެ ލޯބިވަންޏާ މި ބޭބެއަށް ކިޔަންވާނީ ބައްޕަ އިނގޭ؟ ހެހެ….ބޭއްވީ…” މަޒީދު އެހެން ބުނެލުމާއެކު އެ ފޯނު ކެނޑިގެން ދިޔައެވެ. އަޔާޒް ފޯނު ކަންފަތުން ނަގާލަމުން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލިއެވެ. އެ ދިގު ނަންބަރު އިރުކޮޅެއް ވަންދެން ސްކްރީނަށް އަރާފައި އޮތް ވަގުތު ކޮންޓެކްޓް އެޑް ކުރުމުގެ އޮޕްޝަން ފެނިފައި އަޔާޒް އެ ނިޝާނަށް ފިތާލިއެވެ. އެއަށްފަހު އެ ނަންބަރު ސޭވް ކުރެވޭ ނަމަކަށް ‘ބައްޕަ’ ލިޔެ ސޭވްކުރިއެވެ. އެ ނަންބަރު އެގޮތަށް ސޭވްވެފައި އޮތް މަންޒަރު ފެނިފައި އަޔާޒަށް އަމިއްލަ ނަފްސާއި ހީލަމުން ފޯނު ތިރީ ތުންފަތުގައި ޖައްސައި ޚިޔާލުތަކެއްގެ ތެރެއަށް ގެއްލުނެވެ. މަލާކްގެ އެކިއެކި ހަނދާންތައް އާކުރަމުން ދަނިކޮށް އޭނަގެ ފޯނަށް މެސެޖެއް އައި އަޑަށް އަޔާޒަށް ފޯނު ބަލާލެވުނެވެ. އެއީ ‘ބައްޕަ’ ގެ ފަރާތުން އައިސްފައިވި މެސެޖަކަށްވުމުން އަޔާޒް ވަގުތުން އޭތި ހުޅުވައި ބަލާލިއެވެ.
“ނިޝާން ބުނިދޯ މަލާކް މާރކެޓިންގް ޓީމަށް ލާ ވާހަކަ؟ ކަންބޮޑުނުވައްޗޭ! މަލާކްގެ ވޯކްލޯޑް އެހާ ބޮޑުނުވާނެ ގޮތަށް މިކޮޅުން ވެސް މޮޅު ކުއްޖަކު އެބަ ފޮނުވަން މަލާކްގެ މަސައްކަތް ޝެއާރކުރަން. 2 ހަފްތާއެއްވަރު ނަގާނެ އެކުއްޖާ ރާއްޖެއާއި ހަމައަށް ފޯރަން. އިންޑިޔާގަ ހުރި ފިހާރައެއްގެ ކަންތައް ބަލަންވެގެންނާ އެކީގަ އެކުއްޖާ ދާތީ. މަލާކްގެ ވޯކިންގް ހަވާރސްއަށް އަޔާޒް ހިތްހަމަޖެހޭ ވަރު ފޮނުވައި ދިނިއްޔާ އޮފީހުގެ ތެރެއިން ވެސް އެކަން އެގޮތަށް ހަމަޖައްސަދޭނަން.” ބައްޕަ ފޮނުވާފައި އޮތް މެސެޖުގައި އޮތީ އެހެންނެވެ. އަޔާޒް ހިނިތުންވުމަކާއެކީ ‘އޯކޭ’ އޭ ބުނެ އެ މެސެޖަށް ރިޕްލައިއެއް ފޮނުވިއެވެ.
**
އެރޭގެ އެވަގުތު ކުއަލާ ލަމްޕޫރް އިންޓަނޭޝަނަލް އެއާރޕޯޓުގެ ޑިޕާރޗާރގައި ބުރުގާ އަޅައިގެން އިން މެލޭޝިޔާގެ އަންހެން ކުއްޖެއް އިނެވެ. ޑިޕާރޗާރގައި އިންއިރު އެ އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފައިލަށެވެ. ފައިލުގެ ގަނޑުތަކުގައިވީ ފިހާރައެއްގެ ހިސާބުތަކެވެ. އޭގެއިން ކޮންމެ ގަނޑެއްގެ ކަނުގައި ‘ކުއީންސް ޝޮޕް، މާލޭ، މޯލްޑިވްސް’ އޮތްގޮތުން އެއީ މާލޭގެ ފިހާރައެއްގެ ހިސާބުތަކެއްކަން އެނގެއެވެ.
އެ ޒުވާން ކުއްޖާ އެ އިން ގޮތަށް އިންދާ އުސްކަށީގެ ކަޅުކުލައިގެ ފައިވާނެއްގައި އަންހެން ގަމީހަކާއި ޖިންސެއް ލައިގެން ހުރި އަންހެން ކުއްޖަކު އައިސް އޭނަގެ ކައިރީގައި އިށީނެވެ. އެހެން ހުސް ގޮނޑިތައް ވެސް ހުއްޓާ ދިމާ އޭނައާއި ޖެހިގެން ހުރި ގޮނޑީގައި އިށީނުމުން އެކުއްޖާއަށް އެމީހަކާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އެކުއްޖާގެ ލޯ ބޮޑުވީ ހިނދު ސީދާވެލިއެވެ.
“މައުވާ މޭމް!” އެކުއްޖާ އެހެން ބުނެލުމާއެކު އޭނަ ކައިރީގައި އިން މައުވާގެ ތުންފަތްމައްޗަށް ވެރިވީ އެއްމިޔަކަނުގެ ކިބުރުވެރި ހިނިތުންވުމެކެވެ.
“ހާއި ސޯފިޔާ…..ކޮންމެވެސް ތަނަކަށް ދާންދޯ ތިއުޅެނީ؟ މޭމް ކައިރި ނުވެސް ބުނަމެއްނު؟” މައުވާ އިނގިރޭސި ބަހުން ވާހަކަ ދެއްކިއެވެ.
“ލައްބަ….ބޮސް ބުނެގެން ފުރަތަމަ އިންޑިޔާއަށް ގޮއްސަ މޯލްޑިވްސްއަށް ދާން މިއުޅެނީ. ބުނުއްވީ މޯލްޑިވްސްގަ ފުދޭވަރަކަށް ދުވަސްވަންދެން ހުންނަން ޖެހޭނެޔޯ. ހީކުރީ މޭމްއަށް އެނގޭނެކަމަށް. ބޮސް ބުނެފަކަމަށް އޮންނާނީ. އެހެންވެ އަވަސްއަރުވައިގެން ފުރަން ތައްޔާރުވީއިރު ލީވްގެ ވާހަކަ މޭމް ކައިރި ނުބުނެވި އޮތީ.” ސޯފިޔާ އެ ވާހަކަތައް ކިޔައިދިންއިރު އޭނަގެ ނިތުން ދާހިއްލައި އެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ.
“ހެހެހެ…..ދޮގު ހަދާނެކަމެއްނެތޭ ސޯފިޔާ! ބޮސް ބުނީދޯ މޭމް ކައިރި ނުބުނާށޭ؟ އެއީ އާކަމެއް ނޫނޭ. ބައްޕައާ ދަރިފުޅާއި ދެމެދު ވެސް ބައެއްފަހަރު ސިއްރުތައް ހުރެދާނެ. ސޯފިޔާ މޭމްގެ ބައްޕައަށް ކަމެއް ސިއްރުކޮށްދޭން އެހީވި ގޮތަށް މޭމްއަށް ވެސް އެހީއެއްވެދީ….މިހާރު މޭމްއަށް ހުރިހާ ކަމެއް އެނގޭވިއްޔާ….ސޯފިޔާ މިކޮޅުގަ މަޑުކޮށްލާ. ސޯފިޔާގެ ބަދަލުގަ މޭމް ދާނީ މޯލްޑިވްސްއަށް. މި ވާހަކަ ބޮސްއަށް ސިއްރުކޮށްދީ!” މައުވާ ނުހަނު ސީރިއަސް ނަޒަރެއްގައި ހުރެ ބުނެލި ވާހަކައިން ސޯފިޔާ އިތުރަށް ނުތަނަވަސްވުން ނޫންކަމެއް ނުވިއެވެ.
“އެކަމަކު ބޮސް….” ސޯފިޔާގެ ވާހަކަ މެދުކެނޑުނެވެ.
“ބޮސްއަށް ޝައްކުނުވާނެހެން ބޮސް ކައިރީގަ ބުނޭ ތިމަންނައާ ކޮންޓެކްޓް ކުރާނީ ވައިބާރ ނޫނީ ވަޓްސް އެޕް އިންނޭ. އާ ސިމެއް ނުގަންނާނަމޭ. އޭރުން ނަންބަރު ބަދަލުނުވިޔަސް ނޭނގޭނެ. ގުޅާފަ ކަމެއް ސާފުކުރަން އުޅުނިއްޔާ އެނގޭނެހެން މޭމް އިންޑިޔާއަށް ގޮއްސަވެސް ފިހާރައިގެ ފަހުގެ ހިސާބުތަކުގެ ފޮޓޯތައް ސޯފިޔާއަށް ފޮނުވާނަން. އޭރުން އޭގެ ތަފްޞީލީ އެނަލިސިސްއަށް ބޮސްއަށް ކިޔައިދޭތި. ސާފުވެއްޖެ؟” މައުވާ ބުނެލިއެވެ. އޭގެ ބަދަލުގައި ސޯފިޔާ ދެންވެސް ދެކޮޅު ހަދަން އުޅުމުން މައުވާ ކުއްލި ގޮތަކަށް ސޯފިޔާގެ އަތުގައި އޮތް ބޯޑިންގް ޕާސް ޖަހައިގަތެވެ. އެއަށްފަހު ސޯފިޔާއަށް ވާގޮތެއްވެސް ބެލުމެއްނެތި އޭތި ވީދައި ކުދިކުދިކޮށް ބިމަށް ވައްޓާލިއެވެ.
“ސާފުވެއްޖެ؟” މައުވާ ސޯފިޔާއަށް ބަލައި އެއްބުމަ އަރުވާލަމުން ފަހު އެއްޗެއްގެ ގޮތުން އަހާލިއެވެ.
**
މައުވާގެ ވަކިތައް ހިއްޕިފައިވީ ހަމައެކަނި އަޔާޒާއި މަލާކްގެ ޙަޔާތުގައެއް ނޫނެވެ. އޭނަގެ އަމިއްލަ ބޭނުމަށްޓަކައި އޭނަ ޚިޔާރުކުރި އަނުމްގެ ޙަޔާތްވެސް ބަރުބާދުކުރެވޭތޯ އޭނަ ލަމްޔާ މެދުވެރިވެގެން އެތައް މަސައްކަތެއްކުރަމުން ދިޔައެވެ. އެ މަސައްކަތްތައް ފޭލްކުރެވެމުން ދިޔަހެން ހީވި ފާއިޤަށް އެމީހުން ކުރިއަރައިގެން ގޮސްފައިވި މިންވަރު އެނގުންވީ އެރޭގެ ވަގުތެއްގައި އޭނަ ކޮޓަރިން ނިކުތް ވަގުތު ސިޓިންގް ރޫމުން އެތައް ބަޔަކު އެއްފަހަރާ ހޭ އަޑު އިވުމުންނެވެ. އެ އަޑުތަކުގެ ތެރެއިން ލަމްޔާގެ އަޑާއި ނިމާލްގެ އަޑު ފާއިޤަށް ފާހަގަވެގެން ދިޔައެވެ. ހުނުމުގެ ތެރެއިން ދެއްކި ވާހަކަތަކުގެ ތެރެއިން އޭނަގެ ނަން އިވުނުހެން ހީވުމުން ފާއިޤް ކުރިއަށް ފިޔަވަޅުތަކެއް އަޅައި ފާރު ކައިރީގައި ނިވާވެގެން އެ ވާހަކަތައް އަޑުއަހަން ހުއްޓިލިއެވެ.
“ފާއިޤް ހުންނާނީ ރަނގަޅަށްވެސް މޮޔަ ހެއްދިފަ. އޭނަ ހިތުން އެދުވަހު އެ ޑުޕްލިކޭޓް ޕެންޑްރައިވް ދައްކާފަ މީތި މިއުޅެނީ އަނުމްގެ ދަބަހަށް އަޅަންށޭ ބުނީމަ ހީރޯވެގެން މަ ވައްޓާލާފަ އޭތި ޖަހައިގަތް. އަނުމްގެ އެކުވެރިން ލައްވާ އަނުމްގެ ދަބަހަށް އޭތި އެޅުވިއިރުވެސް އޭނައަކަށް ނޭނގުނު.” ނިމާލް ހީހީފައި ކިޔައިދިން ވާހަކައިން ފާއިޤްގެ ދެލޯ ބޮޑުވިއެވެ. އެ ޕެންޑްރައިވްގައި ހުރީ ކޯޗެއްކަން އޭނައަށް އެނގޭތީވެއެވެ. އަދި އެމީހުން އަނުމް ބައްދަން މިއުޅެނީ ކޮންކަހަލަ މަޅިއެއްގައިކަން ވެސް ރަނގަޅަށް އެނގޭތީވެއެވެ.
“ހެހެހެ…..އަސްލުވެސް! ނަސީބެއް ނިމާލް މި ފާއިޤްގެ ޙަޤީޤަތް ކިޔައިދިންކަން. އޭނަގެ މޮޔަކަމުން އޭނަ ނިމާލް އަނުމް ހިފަހައްޓަން އުޅުނީމަ މަޑުކުރުވާނީ. އޭނަ ހީކުރީތަ ނިމާލްއަށް އަހަރެން ކައިރި ނުބުނެވޭނެއޭ. ހޫނ…..ފޮނި މީހާގަނޑެއް. ދެން އެއްވެސް ކަމެއް ޙަވާލުނުކުރާނަމޭ އޭނައާ!” ލަމްޔާ ބުނެލި އަޑު އިވުނެވެ.
“އޭނަ ނެތަސް އަހަރުމެންނަށް މިކަން މާ މޮޅަށްވާނެ. މިއަދުވެސް އެ އަނުމްގެ ލެޕްޓޮޕް ހުންނާނީ އެފަދަ ވައިރަސްތަކުން ފުރުވާފަ. އިންޓަރނެޓް ބްރައުޒާރއެއް އޭނައަށް ނުހުޅުވޭނެ އެކަހަލަ އެއްޗެއް ނުފެނި.” ނިމާލް ބުނެލި ވާހަކައިން ފާއިޤްގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ. އެމީހުން ހީގަތް އަޑަށް ފާއިޤް އައި ރުޅީގައި މުޅި މީހާ ރޫރޫއެޅިއެވެ. އޭނަ އެ ހުރިގޮތަށް ގޮސް އަނބުރާ އޭނަގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަންގޮތަށް ގޮސް ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގީ ހިތުން އަނުމްއަށް ގުޅާލުމަށެވެ. އެހެނަސް އަނުމްގެ ނަންބަރެއް އޭނައަށް ނޭނގޭކަން އެނގުންވުމުން ދެދަތްޕިލަ ޖައްސާލަމުން އާހެއްގެ އަޑު ލައްވާލެވުނެވެ. އަދި އަމުދުން އަނުމްގެ އަތުގައި ފޯނެއް އޮތްކަމެއް ވެސް އޭނައަށް އެނގެނީއެއްނޫނެވެ. ހިތަށްވެރިވި އެ ޚިޔާލާއެކީ ފާއިޤް އޭނަގެ ފޯނު އަނބުރާ މޭޒުމަތީގައި ބޭއްވިއެވެ. އޭނަ އެވަގުތުވެސް އަނުމްގެ ގެއަށް ގޮސް އަނުމް އެމީހުންގެ ރޭވުންތަކުން ދުރުކުރަން ބޭނުންވިއެވެ. އެހެނަސް އޭނަ އެގޮތަށް ހަދައިފިނަމަ ގޭތެރޭގައި ތިބި މީހުންނަށް ޝައްކެއްވެދާނެތީ ޖެހިލުންވިއެވެ. އެހެންކަމުން ހިތާހިތުން ހެޔޮކޮށް ވިސްނުން ނޫންކަމެއް އޭނައަށް ނުކުރެވުނެވެ. ކިތަންމެ ގިނަ ނޭދެވޭ އެއްޗެހި ފެނުނަސް އަނުމް އޭގެ އަވައިގައި ނުޖެހޭނެ ގޮތެއްވުމަށް އޭނައަށް އުއްމީދު ކުރެވުނެވެ.
އެހެނަސް ފާއިޤަށް ނޭނގުނު ކަމަކީ އަނުމްއަށް އޭރުވެސް ކަތި ފިޔަވަޅެއް އެޅިފައިވިކަމެވެ. އަދި އެ އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން އޭނަ ދެވިހިފުމެއްގައި ޤައިދުވެފައިވިކަމެވެ. އެކަން ފެށިގެން ދިޔައީ އެދުވަހު ކިޔަން ފެށި އެ ވާހަކައިންނެވެ. ވާހަކަ ކިޔަން ފެށީ ހަމައެކަނި ‘ބްރޭކް’ އަކަށް ކަމަށްވިޔަސް ގަޑިއިރެއްހާ ގިނައިރު ވަންދެން އޭނައަށް އެދުވަހު އެ ވާހަކަ ކިޔަން އިދެވުނެވެ. އޭނަ މަސައްކަތް ކުރުމަށްޓަކައި މެދުކަނޑާލުމުން ވެސް ސިކުނޑިއަށް އުދަގުލެއްވިހެން ހީވިއެވެ. އަދި އަމުދުން ނުބައިކަމެއް ކުރެވުނު ކަމުގެ އިޙްސާސްވެސް ހިތުގައިވިއެވެ. ދެން އެ ވާހަކަ ނުކިޔާނެކަމަށް ހިތުގެ ކަނަކުން ގޮވިއެއްކަމަކު މަސައްކަތްތައް ނިމުމާއެކު އަނުމްއަށް އެ ފޮތް ނެގުނެވެ. އޭނައަކީ އެހާ ގިނައިން ފޮތް ކިޔާ މީހަކަށް ނުވިޔަސް ދެދުވަސް ތެރޭގައި އެފޮތް ކިޔައި ނިމުނެވެ. އެ ދެދުވަސް ތެރޭގައި އޭނަ ވަކި ނޭދެވޭ މަންޒަރެއް ނުބެލިޔަސް އެފަދަ މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔައެވެ. ދެން އެފަދަ ވާހަކައެއް ނުކިޔާނެ ކަމަށް އަމިއްލަ ނަފްސުގާތު ބުނެވުނީ އެއީ ނުބައިކަމެއްކަމަށްބުނެ އޭނަގެ ހިތް ގޮވަމުން ދިޔަ މިންވަރުންނެވެ. އެހެނަސް އޭގެ އަނެއްދުވަހު އަލީނާ ފެނިފައި އެ ފޮތް ކިޔައި ނިމުނު ވާހަކަ ބުނެލެވުނެވެ. އަލީނާ އޭތި ވަރަށް ސަޅިދޯއޭ ބުނެ ވާހަކައިން ވީ ގޮތުގެ ވާހަކަ ކިޔައިދޭން ފެށުމުން އެއީ ހަމަ ވާހަކައެއް ނޫންތޯ ހިތަށްއެރިއެވެ. އޭނަވެސް ބޮޑުވަމުން ދަންޏާ އޭނަ ވެސް ކިޔަންވާނީ އެކަހަލަ ވާހަކަތަކެއް ނޫންތޯ ބުނެ ޝައިޠާނާ ވަސްވާސްދިނެވެ. އެއާއެކު އަލީނާ ކައިރިން ތަކުރާރުކޮށް ވާހަކަ ފޮތްތައް ހޯދައި ކިޔުމުގެ މަރުޙަލާއަކަށް އަނުމް ދިޔައެވެ. ފަހަކަށް އައިސް އެ ފޮތްތަކުން އަނުމްއަށް ކިޔެނީ ހަމައެކަނި އެ މަންޒަރުތަކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެކަން އެނގުންވެ ކުރީކޮޅު އެއީ ނުބައި ކަމެއްހެން ހީވިޔަސް އޭނަ ވަކި އެއްޗެއް ނުބަލައެއް ނޫންތޯ ތަކުރާރުކޮށް އޭނަގެ ހިތް ބުނި ބުނުމާއެކީ އަނުމް ހަމަޖެހުން ހޯދައިގެން ހުއްޓެވެ.
އެހެނަސް ފާއިތުވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ކަންތައްވެގެން ދިޔަ ގޮތުން އެ ހަމަޖެހުން ނެތިދިޔައީ އޭނަގެ ލެޕްޓޮޕުން ފެންނަން ފެށި މަންޒަރުތަކުންނެވެ. އެ މަންޒަރުތައް ފެނުނު ފުރަތަމަ ދުވަސްކޮޅު މަލާކް އެއެއްޗެއްސަށް ބެލުމެއްނެތި އެ ޓެބްތައް ކްލޯޒް ކުރަމުން ދިޔައެވެ. އެހެނަސް ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އެ ފޮޓޯތަކަށް އިހުނަށްވުރެ ގިނައިރު ވަންދެން ބެލެން ފެށިއެވެ. އެ ދުވަސްކޮޅު އޭނަ އާދަޔާއި ޚިލާފަށް އަޅުކަންތަކާއި ވެސް ދުރުވަމުން ދިޔައެވެ. ނަމާދުތައް ވެސް ކުރެވެމުން ދިޔައީ ފަރުވާ ކުޑަކޮށެވެ. ބޮޑުމަންމަ ނަޞޭޙަތެއް އަޑުއަހަން އަންނާށޭ ބުނުމުން ވެސް ކޮންމެވެސް އެއްބަހަނާއެއް ދައްކާފައި ކޮޓަރިއަށް ވަދެވެމުން ދިޔައެވެ. ޤުރުއާން އެންމެ ފަހަކަށް ކިޔެވި އަދި އަޑުއެހި ދުވަހެއްވެސް އޭނަގެ ހަނދާނުގައި ނުހުންނަ ހިސާބަށް ދިޔައެވެ. ރަނގަޅު އެއްޗެހި އިވެމުން ދިޔަލެއް މަދުވެ ނުބައި މަންޒަރުތައް ފެންނަމުން ދިޔަލެއް ގިނަވަމުން ގޮސް އޭނަގެ ހިތް އެންމެފަހުން އެކަމަށް ލެނބިގެން ދިޔައެވެ. އެފަދަ ލިންކަކަށް އެއްދުވަހު ފިތާލެވުނީ އެހެންވެގެން ދިޔުމުގެ ސަބަބުންނެވެ. އެފަދަ ވީޑިޔޯއެއް އަމިއްލަ އިޚްތިޔާރުގައި ބަލާ ނިމުނު ފުރަތަމަ ދުވަހު އަނުމްއަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އޭނައަށް މި ކުރެވުނީ ކޮންކަމެއްތޯ ހިތަށްއެރިއެވެ. ދެން ދުވަހަކުވެސް އެފަދަ އެއްޗެއް ނުބެލުމަށް ޢަޒުމް ކަނޑައެޅުނެވެ. ހަފްތާއެއްހާ ދުވަސް ވަންދެން އެ ޢަޒުމުގައި އަނުމްއަށް ހުރެވުނެވެ. އެހެނަސް އަނެއްކާވެސް އެދުވަހު ހިތަށްކުރެވުނު ނޭދެވޭ އިޙްސާސްތަކުގެ މަތިން ހަނދާންނެތި އެކަހަލަ ވީޑިޔޯއެއް ބަލާލެވުނީ މަސައްކަތްތައް ބުރަވެގެން ދިޔަ ވަގުތެއްގައެވެ. އަނެއްކާވެސް އެކަމަށް އެނބުރި ނުދާން އަނުމް ޢަޒުމް ކަނޑައެޅިއެއްކަމަކު ދުވަސްކޮޅެއް ފަހުން ދެންވެސް އަނުމްއަށް ބެލެން ފެށިއެވެ. ބަލަމުން ދިޔަވަރަކަށް އިހުނަށްވުރެ ގިނަ ވަގުތުވެސް އެކަމަށް ދެވެމުން ދިޔަކަން އަނުމްއަށް ފާހަގަކުރެވުނެވެ. އަދި އޭނަ ބަލާ އެއްޗެހި އިހުނަށްވުރެ ގޯސް ޒާތެއްގެ އެއްޗަކަށް ބަދަލުކުރަން އޭނަގެ ސިކުނޑި އެދެމުން ދިޔަހެންވެސް ހީވިއެވެ. މިހުރިހާ ކަމަކާމެދު ހިތާމަ ކުރެވޭ ވަރުން އަނުމް އެފަދައިން ބަލިކަށިވާ ވަގުތުތަކުގައި ރޮވެން ވެސް ރޮވެއެވެ. ކިތަންމެ ވަރުގަދަ ޢަޒުމެއް ކަނޑައެޅިޔަސް އެ ޢަޒުމުގައި ނުހިފެހެއްޓޭނެހެން ހީވާ ހީވުމާއެކީ އަމިއްލަ ނަފްސަށް ކުރާ ނަފްރަތު އިތުރުވެ ނާއުއްމީދީ އިޙްސާސްތަކުން އޭނަގެ ހިތް ވަށާލެވިގެންދެއެވެ. ކުރީކޮޅު އޭނަ އެފަދަ ވަގުތުތަކުގައި އޭނަ ﷲ ގެ އެހީއަށް އެދި ދުޢާކުރިއެއްކަމަކު އޭނަގެ އުޅުމަށް ބަދަލެއް އަންނަތަން ނުފެނުމުން އޭނަ ﷲ ގެ ރަޙްމަތުން ވެސް އުއްމީދު ކަނޑާލިއެވެ. ﷲ އާއިމެދު އޭނައަށް އެހާ ބޮޑަށް އުނގެނިފައި ނުވުމާއެކު އެކަލާނގެ އޭނަގެ ފާފަތައް ފުއްސަވައި ދެއްވާނެކަމާމެދު ޝައްކު އުފެދުނެވެ. އޭނަގެ މަންމަ ދުނިޔޭގައި ހުރިއިރުވެސް ދިން ނަޞޭޙަތްތަކުގެ ތެރެއިން އެފަދަ ވާހަކައެއް އިވިފައި ނުވުމުންނެވެ. ނަތީޖާއެއްގެ ގޮތުން ބޭރުފުށުން އެހެން މީހަކަށް ތަފާތެއް ނުފެނުނެއްކަމަކު އަނުމް އޭނައަކީ ނުބައި މީހެއްކަމަށް ނިންމައި އަނދިރި ކަނޑެއްގެ ތެރޭގައި ޣަރަޤުވާން ފެށިއެވެ. ކޮޓަރިން ބޭރުވާ ކޮންމެ ވަގުތަކު އެހެން މީހުންނަށް ހިނިތުންވުންތައް ދެއްކިއެއްކަމަކު އޭނައަކީ ޤަދަރެއްނެތް މީހެއްކަމުގެ އިޙްސާސުން އޭނައަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވެމުން ދިޔައެވެ. އޭނަ ދެން ދުވަހަކުވެސް މި އަނދިރިގަނޑުން ސަލާމަތް ނުވާނެކަމަށް ނިންމި އަނުމްއަށް ނޭނގުނުކަމަކީ އޭރުވެސް ﷲ ގެ ރަޙްމަތް އޭނައާއި ދާދި ގާތުގައިވި ކަމެވެ. އެ ނުބައިކަމުގެ ތެރެއަށް ވަދެވޭއިރު ހިތަށްވެރިވާ ނޭދެވޭ އިޙްސާސަކީ އެކަލާނގެ ޙަޟްރަތުން އެ އަނދިރި ކަނޑުގައި ﷲ ލެއްވި އައްޔެއްކަމެވެ. އެ އަލީގެ ބޭނުން ހިފައި އޭނަ އަދިވެސް ކުޑަ ހިތްވަރެއް ކޮށްފިނަމަ އޭނަގެ ނޭވާ ހުސްވުމުގެ ކުރިން އޭނައަށް ސަލާމަތުގެ އައްސޭރިއަކަށް ދެވޭނެ ކަމެވެ.
އަނުމްގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ފެންނަމުން ދިޔަ މަލާކް އެކި ގޮތްގޮތުން އަނުމްއާއި ސުވާލުކޮށް އަނުމްއަށްވެގެން އުޅޭ ގޮތެއް ސާފުކުރެވޭތޯ ބެލިއެވެ. އެހެނަސް އަނުމް އެއްވެސްކަމެއް ނުވާކަމަށް ހިނިތުންވުންތަކާއެކީ ތަކުރާރުކޮށް ބުނަމުން ދިޔަގޮތުން މަލާކްވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަނުމް ކަމެއް ފޮރުވަނީއޭ ހިތައި މަލާކް ބޮޑުމަންމައާއި ހައިފާ ކައިރިން ވެސް އަނުމްއާއި ބެހޭގޮތުން ސުވާލުކުރިއެވެ. އެހެނަސް ހައިފާވެސް ވަކި އެކަހަލަ ސިއްރެއް ނެތް ވާހަކަ ބުނުމުން އެއީ އޭނައަށް ހީވާ ހީވުމެއްކަމަށް މަލާކަށް ހީކުރެވެން ފެށިއެވެ. ހައިފާއަށް ޢާއްމުގޮތެއްގައި އަނުމްގެ ފޯނުގައި ހުންނަ މެސެޖުތައް ވެސް ފެންނާތީ އެއްވެސް މީހެއްގެ އުދަގުލެއްވެސް އަނުމްއަށް ނުފޯރާކަމަށް ނިންމަން މަލާކަށް މަޖުބޫރުވިއެވެ.
އެހެންކަމުން މަލާކް އަނުމްއަށް އެހާ ބޮޑު ސަމާލުކަމެއް ނުދޭން ނިންމިއެވެ. އަޔާޒްމެންގެ ޢާއިލާއަށް ނިސްބަތްވާ ފިހާރަތަކުގެ މާރކެޓިންގް ޓީމާއި ގުޅުނު ފަހުން އަނުމްއަށް ސަމާލުކަންދޭން އޭނައަށް ވަގުތެއްވެސް ނުވަނީއެވެ. އަދި އަމުދުން އަޔާޒްގެ ފަރާތުން އޭނައަށް ފެންނަމުން ދިޔަ ބަދަލުވެފައިވި ޙަރަކާތްތަކެއްގެ ސަބަބުން އަޔާޒަށް ދެވެމުން ދިޔަ ސަމާލުކަން މާ ބޮޑުވިއެވެ. ފަހަކަށް އައިސް އޭނަ ރަނގަޅަށް ކާތޯވެސް އަޔާޒް ބަލަނީ މާ ބޮޑަށެވެ. ނާސްތާކުރާ ގަޑީގައި ވެސް އޭނަ އަވަސްކޮށްލަން ހަމައެކަނި ބިސްކޯދެއް ކާތަން ފެނުނަސް މައްސަލަ ޖައްސާނެއެވެ. އެއަށްފަހު އަމިއްލަ ނާސްތާއިން އޭނައާއި ޙިއްސާވެސް ކުރާނެއެވެ. އެހެންނޫނީ އޭނަގެ ތަށި ގެނެސް އެއްޗެހި އަޅައިގެން ވެސް އޭނައަށް ކާންދެވޭތޯ ބަލާނެއެވެ. އަޔާޒް އެފަދަ ކަންތައް ކުރާއިރު ބޮޑުމަންމަމެން ދޭ ނަޒަރުތަކުން މަލާކަށް ހުރެވެނީ ލަދުން ހަލާކުވާވަރު ވެފައެވެ. އަޔާޒަށްވެގެން މިއުޅެނީ ކިހިނެއްތޯ ހިތަށްއަރަމުން ދިޔައެވެ. ފަހަކަށް އައިސް އަޔާޒް އޭނައަށް ގޭގައި ލާނެ އާ ކުރުތާތަކާއި ޝޯލްތައްވެސް ގަނެދޭ މިންވަރު އިތުރުވިއެވެ. އަދި އަމުދުން އޭނަ ދިގުހެދުން ލާން ބޭނުންވާ ވާހަކަ ބުނުމުން ހުރިހާ ފޮއްޗެއް ގަނެ އެންމެ ދެ ދުވަހުގެ ތެރޭގައި އެފަދަ ހެދުންތަކުން އޭނަގެ އަލަމާރި ފުރުވާލީ އަޔާޒްގެ ޚަރަދުގައެވެ. އެކަން އެގޮތަށް ނުކުރަން އަޔާޒްގާތު މަލާކް އާދޭސްކުރިއެއްކަމަކު އަޔާޒަށް އެ އާދޭސްތައް ނުވެސް އިވޭ ފަދައެވެ. މި ހުރިހާ ކަމެއްގެ މައްޗަށް މަލާކް ބޭނުން އިތުރު އެއްޗެއް އޮތިއްޔާ ގަންނަން ވެސް އަޔާޒް އޭނައަށް ލާރިދިނެވެ. އެގޮތަށް ކަންތައް ކޮށްދިނުމުން އަޔާޒް އޭނައާމެދު ދެކެނީ ކިހިނެއްތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. އަޔާޒް ހަމަ އޭނައަށް އަންބެއްގެ މަޤާމު ދިނީތޯ ހިތަށްއެރިއެއްކަމަކު އެކަން ޤަބޫލުކުރަން މަލާކަށް ވަރަށް ދަތިވިއެވެ.
ކޮންމެ ގޮތެއްވިޔަސް އަޔާޒް އޭނައަށް ކަންތައް ކޮށްދޭ މަންޒަރު ފެނިފައި މަލާކް ވެސް އަޔާޒަށް ކަންތައް ކޮށްދޭން ބޭނުންވިއެވެ. މިގޮތުން އެއްދުވަހު އަޔާޒް ގެއަށް އައިއިރު އޭނައަށް ވަރަށް ކަމުދާ މަޑު ނޫކުލައިގެ ގަމީހުގެ މައްޗަށް ގަލަން ދެލި ވެއްޓުނު ވާހަކަ ބުނެ ބޮޑުމަންމަ ކައިރި ޝަކުވާކުރި އަޑު މަލާކަށް އިވުނެވެ. އަޔާޒް ކޮޓަރިއަށް ވަދެގެން އައިއިރު މަލާކް ހުއްޓެވެ. ބޮޑުމަންމަ ތީތި ދެން ނުފިލާނެއޭ ބުނި އަޑަށް އަޔާޒް ހުރީ މޫޑު ޚަރާބުވެފައެވެ. މަންޒަރު ބަލަބަލާ ހުރެފައި އަޔާޒް ގަމީސް ބަދަލުކޮށްފައި ކޮންމެވެސް ތަނަކަށް ދިޔުމުން މަލާކް އަޔާޒްގެ ކޮޓަރިއަށް ގޮސް އެ ގަމީސް ނެގިއެވެ. އޭގެ އަނެއްދުވަހު އަޔާޒަށް އެ ގަމީސް ފެނުނީ އަލަމާރީގެ ތެރޭގައި ނުހަނު އޮމާންކޮށް އިސްތިރި ކުރެވި އެޅުވިފައިވި ތަނެވެ. ގަމީހުން އެ ލައް ފިލާފައިވި މަންޒަރު ފެނިފައި ވީ އުފަލުގައި އަޔާޒް އެ ގަމީހާއެކީ ސިޓިންގް ރޫމަށް ނިކުތެވެ.
“ބޮޑުމަންމާ! ކީއްވެ ކުރީގަ ބުނީ އޭތި ނުފިލާނެއޭ؟” އަޔާޒް ގޮސް ހެވިފައިހުރެ އެ ސުވާލުކޮށްލީ ރޭގަނޑުގެ ޚަބަރު ބަލަންއިން ބޮޑުމަންމަ ކުރެންނެވެ.
“ކޯޗެއް؟” ވަސީމާ ވާނުވާއެއްގައި އިނދެ އަހާލިއެވެ. އެހިނދު މަލާކްވެސް ނޫންކަމަށް ހަދައިގެން ޓީވީއަށް ނަޒަރު ހުއްޓައިގެން އިނެވެ.
“ގަމީހުގަ ހުރި ދެލި ވާހަކަ….ބޮޑުމަންމައެއްނޫންތަ ދެލި ފިލުވާލީ؟” އަޔާޒަށް އަހާލެވުނެވެ. އެއާއެކު ބޮޑުމަންމަ ބޯހޫރުވާލުމުން އަޔާޒަށް ޙައިރާންކަމެއް ލިބުނެވެ. އެ ހިނދު އާފަލެއް ކަމުން އެތަނަށް އައި ހައިފާ ވާހަކަ ދެއްކިއެވެ.
“ދެލި ފިލުވީ ކާކުކަމެއް ނޭނގެ ޔަޒްބެ….އެކަމަކު ކޮންމެވެސް ކުއްޖަކު އަހަރެން ކައިރި ބުނި ތި ގަމީސް ޔަޒްބެގެ އަލަމާރީގަ އަޅުވަދޭށޭ.” ހައިފާ ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު އަޔާޒް ކޮން ކުއްޖެއްތޯ އަހަން އުޅުނު ވަގުތު މަލާކް އޭނަގެ ލޮލުގައި އެޅިއެވެ. މަލާކް އޭނައަށް ބަލާފައި ނޫންކަމަށް ހަދަމުން ދުރު ބެލިއިރު އެ މޫނު ރަތްވެގެން ދިޔަގޮތުން ކަންވީ ގޮތް އެނގިގެން ދިޔަދިޔަހެން އަޔާޒަށް ހީލެވުނެވެ. އެއާއެކު މަލާކް ގަތް ލަދާއެކީ އެތަނުން ދާން ގޮނޑި ދުއްވާލިއެވެ.
އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި ދެނީ އެހާ މީރު ވަހެއް ނޫންކަމަށް ދޮންބެގާތު ބުނި ދުވަހުގެ އަނެއްދުވަހު ރީތިވާ މޭޒުމަތިން އެހެން އާ ސެންޓު ފުޅިއެއް ފެނުނެވެ. އެއީ އޭނަ ދުވަހަކުވެސް ބޭނުން ނުކުރާ ސެންޓަކަށްވިޔަސް އޭގައި އޭނައަށް ދުވީ މީރުވަހެވެ. އެއީ ޙަޤީޤަތުގައި ވެސް މީރުވަސް ދުވާތީކަމެއް ނޫނީ އެއީ ކާކު ގަނެދިން އެއްޗެއްކަން އެނގޭތީވެކަމެއް ޔަޤީންކުރަން އަޔާޒަށް ދަތިވިއެވެ.
ކޮންމެ ގޮތެއްވިޔަސް އަޔާޒަށް އެވަގުތު އެއްކަމެއް ޔަޤީންކުރެވުނެވެ. އޭނައާއި މަލާކާއި ދެމެދު އޮތީ އާދައިގެ އެކުވެރިކަމުގެ ގުޅުމެއް ނޫންކަމެވެ. އޭނަގެ ހިތުގައި އުފެދުނުފަދަ އިޙްސާސެއް މަލާކްގެ ހިތުގައިވެސް އުފެދިފައިވިކަމެވެ. އަދި މަލާކްވެސް އޭނައާއި ވަކިވާން ބޭނުންނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެ ޔަޤީންކަމާއެކީ އަޔާޒް އޭނަގެ ހިތުގެ ޙާލަތު މަލާކަށް ކިޔައިދޭން ހިތާހިތުން ނިންމިއެވެ. އެ ޚިޔާލުންވެސް އޭނަގެ ހިތަށް ވެރިވި އުފާވެރިކަމާއެކީ އެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ.
ނުނިމޭ