Vaudhu (Part 37)
އަޔާޒް ހީކުރީ މަލާކް އެގަތް ލަދާއެކީ އޭނައަށްޓަކައި ދެން ކަމެއް ކޮށްދޭން ނުވެސް ކެރޭނެކަމަށެވެ. އެހެނަސް އެ ފަހުން ވެސް މަލާކް އެކި ގޮތްގޮތުން އޭނައަށް ‘އެހީ’ވަމުން ދިޔައެވެ. އޭނަގެ އަތުކުރީ ގަޑި މަސައްކަތްކުރުން ހުއްޓުނު ދުވަހުގެ އަނެއްދުވަހު އޭނައަށް އަރިމަތީ މޭޒުމަތިން އާ ގަޑިއެއް ފެނިގެން ދިޔައެވެ. އޭނަ ގެންގުޅުނު ކޮންމެވެސް ފޮތެއް ނުފެނިގެން އުޅުނު ދުވަހަކު އެކި ތަންތަން ހޯދަމުން ގޮސް އޭތި ހޯދާލެވުނީ ހަމަ މަލާކަށެވެ. އޭނަ އެންމެ ފަހުން ގަތް ސެންޓުގައި ދެނީ އެހާ މީރު ވަހެއް ނޫންކަމަށް ދޮންބެގާތު ބުނި ދުވަހުގެ އަނެއްދުވަހު ރީތިވާ މޭޒުމަތިން އެހެން އާ ސެންޓު ފުޅިއެއް ފެނުނެވެ. އެއީ އޭނަ ދުވަހަކުވެސް ބޭނުން ނުކުރާ ސެންޓަކަށްވިޔަސް އޭގައި އޭނައަށް ދުވީ މީރުވަހެވެ. އެއީ ޙަޤީޤަތުގައި ވެސް މީރުވަސް ދުވާތީކަމެއް ނޫނީ އެއީ ކާކު ގަނެދިން އެއްޗެއްކަން އެނގޭތީވެކަމެއް ޔަޤީންކުރަން އަޔާޒަށް ދަތިވިއެވެ.
ކޮންމެ ގޮތެއްވިޔަސް އަޔާޒަށް އެވަގުތު އެއްކަމެއް ޔަޤީންކުރެވުނެވެ. އޭނައާއި މަލާކާއި ދެމެދު އޮތީ އާދައިގެ އެކުވެރިކަމުގެ ގުޅުމެއް ނޫންކަމެވެ. އޭނަގެ ހިތުގައި އުފެދުނުފަދަ އިޙްސާސެއް މަލާކްގެ ހިތުގައިވެސް އުފެދިފައިވިކަމެވެ. އަދި މަލާކްވެސް އޭނައާއި ވަކިވާން ބޭނުންނުވާނެކަން އޭނައަށް ޔަޤީންކުރެވުނެވެ. އެ ޔަޤީންކަމާއެކީ އަޔާޒް އޭނަގެ ހިތުގެ ޙާލަތު މަލާކަށް ކިޔައިދޭން ހިތާހިތުން ނިންމިއެވެ. އެ ޚިޔާލުންވެސް އޭނަގެ ހިތަށް ވެރިވި އުފާވެރިކަމާއެކީ އެ މޫނުމައްޗަށް ވެރިވީ އުޖާލާވި ހިނިތުންވުމެކެވެ.
އަޔާޒް ވިސްނުމެއްގައި ވަނިކޮށް ބޭރުން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަޑު އައި ދިމާލަށް އޭނައަށް ބަލާލެވުނެވެ. އެއަށްފަހު މަލާކްގެ ގޮނޑީގެ ފުރޮޅުގެ އަޑުވެސް އިވި ދޮރު ލެއްޕިގެން ދިޔަ އަޑަށް މަލާކް ކޮޓަރިއަށް ވަނީކަން އެނގުންވިއެވެ. އެއާއެކު އަޔާޒަށް އެއްފަހަރު އޭނަގެ އަތުގައި ހުރި ސެންޓު ފުޅިއަށް އަނެއްފަހަރު ކުރިމަތީގައި ހުރި ފާރާއި ދިމާލަށް ބަލާލަމުން ހިނިތުންވެލެވުނީ ޚިޔާލެއް ލިބިގެން ދިޔުމުންނެވެ.
ކޮޓަރިއަށް ވަދެގެން އައި މަލާކަށް އޭނައާއި އަޔާޒްގެ ދެމެދުގައި ހުރި ފާރަށް ބަލާލެވުނީ ހިސާބަކަށް ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ނުތަނަވަސްވަމުން ދިޔައީ އޭނަ އަޔާޒަށް އެންމެ ފަހަކަށް ދިން ހަދިޔާގެ ޒާތުންނެވެ. ހައިފާއާއެކީ ގޮސް އެ ސެންޓުފުޅި ގަތްއިރު ހައިފާ ދެއްކި ވާހަކަތަކުން އަޔާޒް އޭގެ މާނަ ނަގާނީ ކިހިނެއްތޯ ހިތަށްއެރިއެވެ. އަދި އަމުދުން އެ ސެންޓުގައި އަޔާޒަށް މީރުވަސް ދުވާނެތޯ ހިތަށްއަރަމުން ދިޔައެވެ.
މަލާކް ގޮނޑި ދުއްވަމުން ގޮސް ކިޔަވާ މޭޒުދޮށުގައި މަޑުކޮށްލީ އެ ވިސްނުމުގައި އިނދެއެވެ. އޭނަ މަޑުކޮށްލިތާ މާ ގިނައިރެއްނުވެ ފަހަތުން އަޔާޒްގެ ކޮޓަރީގެ ތަޅު އެނބުރެން ފެށި އަޑަށް އޭނަގެ އަތް ފައި ފިނިވެ ދެލޯ ބޮޑުވިއެވެ. އަޔާޒަށް މިހާރު އެ ސެންޓުފުޅި ފެނިފައިވާނެކަން ޔަޤީންކުރެވުމުން ހިތުގެ ތެޅުން އަވަސްވިއެވެ. ސެންޓުފުޅި ހިފައިގެން ކޮޓަރީގެ ދޮރު ހުޅުވައި އަނެއްކޮޓަރީގައި ފިޔަވަޅެއް އަޅާލި އަޔާޒްގެ ވިންދުވެސް އަވަސްވެފައިވިއެވެ. އޭނަ ޚިޔާލުކޮށްގެން އައީ މިއީ މަލާކް ދިން އެއްޗެއްތޯ އަހައި މަލާކް ވެސް އޭނައަށްޓަކައި ކަންތައް ކޮށްދޭކަން މަލާކަށް ޔަޤީންކުރުވާށެވެ. އެއަށްފަހު އޭނަ މަލާކްދެކެ ލޯބިވާ ވާހަކަ ބުނާށެވެ. ދާދި ދެންމެއަކު އެކަން ކުރެވޭ މަންޒަރު ނުހަނު ފަސޭހައިން ސިފަކުރެވުނެއްކަމަކު މަލާކް ލޯ ކުރިމަތިން ފެނުމުން އޭނަގެ ޚިޔާލުތަކުގައި ވެސް އެ ބަސްތައް ބުނެވޭ ގޮތް ކުރަކިވިއެވެ. އޭނަ ލޯބިވާ ވާހަކަ ބުނުމުން މަލާކަށްވާނީ ކިހިނެއްކަން ޔަޤީން ނުކުރެވުމުން އެ ވާހަކަ ބުނުމުގެ ޚިޔާލު ބަދަލުވާން ވެސް ފެށިއެވެ. ކޮންމެއަކަސް އޭނަ ހިތްވަރުކުރަމުން އެތެރެއަށް ނޭވައެއްލީ ކުޑަމިނުން ސެންޓުފުޅިއަށްޓަކައި ޝުކުރު އަދާކުރަން ނިންމަމުންނެވެ.
“މަލާކް!” އޭނައަށް ގޮވާލެވުނެވެ. އެހިނދު ފަހަތުގައި އަޔާޒް ހުރިކަން އެނގިހުރެ ވެސް ނުތަނަވަސްވެފައިވި މަލާކް އޭނަ ގޮވާލި އަޑަށް ސިއްސައިގެން ދިޔައެވެ. މަލާކަށް ވީ ގޮތް ފެނިފައި އަޔާޒަށް ލުއިގޮތަކަށް ހީލެވުނު ހިނދު މަލާކް ފަސްއެނބުރި ބަލާލީއެވެ. މަލާކް ބަލާލުމާއެކު އަޔާޒަށް އޭނަގެ ހިނިތުންވުން ފިލުވާލެވުނެވެ. މަލާކް ސިއްސައިގެން ދިޔުމުން ވެސް އޭނައަށް ހެވުމުން މަލާކް ނުރުހުންވެދާނެތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނުކަމަކީ މަލާކް ހުރީ އެއަށްވުރެ ބޮޑަށް އޭނަ އެ ސެންޓުފުޅިއާއިމެދު ދެކޭ ގޮތާއިމެދު ނުތަނަވަސްވެފައިކަމެވެ.
“ސް….ސޮރީ.” އަޔާޒަށް ބުނެލެވުނެވެ.
“އިޓްސް އޯކޭ.” މަލާކް އަވަސްއަވަހަށް އެހެން ބުނެލި ހިނދު އަޔާޒް ސޮރީއޭ ބުނަންވީ ސަބަބެއްވެސް ނުވިސްނުނެވެ. އަޔާޒްގެ ސަބަބުން އޭނަ ސިއްސައިގެން ދިޔައިއްޔާ އަޔާޒް ސޮރީއޭ ބުނާކަން އެނގުންވީ އޭގެ ސިކުންތުކޮޅެއް ފަހުންނެވެ.
“އަމް….ސެންޓުފުޅިއަށްޓަކައި ތެންކިއު…އައި މީން…ޖަޒާކަ ﷲ ޚައިރަން ދޯ ކިޔާނީ؟ ވަރަށް މީރު ވަހެއް ދުވަނީ. ހެހެ….މަލާކްދޯ ގަތީ މީތި؟” އަޔާޒް އެ ވާހަކަ ދެއްކިއިރު އޭނަގެ އަޑުގައިވި ނުތަނަވަސްކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.
“އާނ މަލާކް…ގަތީ…….ތި…ތިއީ އެކަމަކު އަނެއްހެން ދިން ހަދިޔާއެއްނޫން. އެއްވެސް އެހެން ކަހަލަ މާނައެއް ނުނަގައްޗޭ…” އެ ‘ނުބައި މާނަ’އަކާ މެދު ނުތަނަވަސްވެފައިވި މިންވަރުން މަލާކަށް އަޔާޒަށް ބަލާލުމެއްވެސް ނެތި ބުނެލެވުނެވެ.
“ކޮން ކަހަލަ މާނައެއް؟” އަޔާޒަށް އެހެން އަހާލެވުނީ އޭނައަށް އެފަދަ ގޮތަކަށް ވިސްނިފައިވެސް ނުވުމުންނެވެ. އެހެނަސް މަލާކް އެހެން ކަހަލަ މާނައެއް ނަގައިފިކަން އެނގުންވުމުން އޭނަގެ ތުންފަތްމައްޗަށް ވެރިވީ އެއްމިޔަކަނުގެ ހިނިތުންވުމެކެވެ. އަޔާޒްގެ އެ ސުވާލާއެކީ ޙާލަތު އިތުރަށް ގޯސް ކުރެވުނީ އޭނައަށްކަން އެނގުންވުމުން މަލާކަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. މަލާކަށް އެފަދަ ގޮތެއް ވާނެކަން އެނގުންވި އަޔާޒްގެ ހިނިތުންވުން ފުންވި ވަގުތު ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. އެއަށްފަހު އޭނަ މަލާކާއި ދިމާލަށް ފިޔަވަޅުތައް އަޅަން ފެށީ އޭނަ ބުނަން ބޭނުންވެގެން ހުރި ވާހަކަ ބުނުމަށެވެ. އެ ވާހަކަ ބުނުމުގެ ޚިޔާލާއެކީ މަލާކާއި ގާތްވަމުން ދިޔަދިޔަހެން އޭނަ ފިނިވެސް ވަމުން ދިޔައެވެ. އެހެނަސް މަލާކާއި އެއްފިޔަވަޅެއްހާ ދުރުމިނުގައި އޭނަ ވާހަކަ ދެއްކިއެވެ.
“މަލާކް….” އަޔާޒަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އޭނަ ބުނަން ޚިޔާލުކުރި އެއްވެސް ބަސްތަކަކާމެދު އެހާ ބޮޑަށް ހިތްހަމަނުޖެހުމުންނެވެ. އެ ބަސްތައް ޚާއްޞަ ކުރަން ބޭނުންވި މިންވަރުންނެވެ. އޭނަ މިހެން ހުރެފައި ހަމަ ބުނެލުމުން މަލާކަށް ޖަވާބެއްދޭން ވެސް އުދަގޫވާނެ ނޫންތޯ ހިތަށްއެރިއެވެ. އަދި އަމުދުން މަލާކް އެ ބަސްތައް ހަނދާނެއް ނުހުންނާނެ ނޫންތޯ ވެސް ހިތަށްއެރިއެވެ.
“ކީކޭތަ އަޔާޒް؟” އޭނަ ހޫންލައްވާލުމުން ވެސް އަޔާޒް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މަލާކަށް އަހާލެވުނެވެ. އެއާއެކު އަޔާޒް ހަމަހޭވެރިކަމެއް ލިބިގެން ދިޔަ ފަދައަކުން މަލާކަށް ބަލާލަމުން ހިނިތުންވުމަކާއެކީ ކަމެއްނުވެއޭ ބުނެލިއެވެ. އެއަށްފަހު މަލާކަށް ފަސްދިނީ މަލާކްގާތު ލޯބިވާ ވާހަކަ ބުނާނެ ޚާއްޞަ ގޮތަކާއިމެދު ވިސްނަމުންނެވެ. އެހެނަސް އޭނައަށް މާ ދުރަށް ނުދެވެނީސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. އެއާއެކު ދެމީހުންނަށް ވެސް އެކުއެކީގައި އެ ދޮރަށް ބަލާލެވުނެވެ.
“އަނުމް ކަންނޭނގެދޯ؟” ޓަކީގެ އަޑު އައި ގޮތުން މަލާކަށް އަހާލެވުނެވެ. އެއާއެކު އަޔާޒް ހޫންލައްވާލަމުން ދޮރު ހުޅުވަން ދިޔައެވެ. ވޭތުވެދިޔަ ހަފްތާއިން ފެށިގެން ސްކޫލްގައި ގިނަ އިމްތިޙާންތައް ނެގެމުން ދާތީ އަނުމް ވަރަށް ގިނައިން އަޔާޒް ކައިރިން އެހީ ހޯދަން އައިސްފައިވެއެވެ. އެހެންކަމުން އަނުމް އެ ކޮޓަރިއަށް އައުމަކީ އެދެމީހުންނަށް ވެސް އާކަމެއް ނޫނެވެ. އަދި އެދެމީހުން ވެސް އެއީ ބުރައެއް ކަމުގައި ނުދެކުނީ ދެމީހުން ވެސް އަނުމްދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަޔާޒް ކައިރިއަށް އަންނަން ފެށިފަހުން އަނުމްއަށް އަންނަ ބަދަލުތަކާއިމެދު ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވި އުފާ ފާޅުކުރެވެއެވެ.
“ހާއި….ކޮބާ ކޮން ޑައުޓެއް އޮތީ މިހާރު؟” ދޮރުމަތިން އަނުމް ފެނުމާއެކު އަޔާޒް ހިނިތުންވުމަކާއެކީ އަހާލިއެވެ.
“ޑައުޓެއްނޫން ތިއްތި….ކޮއްކޮގެ ބަޔޮލޮޖީ ބޮޑު ފޮތް އޮތީ މި ކޮޓަރީގަހެން ހީވާތީ މިއައީ. މާދަމާ ބަޔޯއިން ކްލާސް ޓެސްޓެއް އޮތީމަ…ސޮރީ ޓު ޑިސްޓާބް އިނގޭ ތިއްތި…” އަނުމް ބުނެލިއެވެ.
“ކޮން ޑިސްޓާބެކޭ ކިޔާކަށް؟ ވަދެގެން އައިއްސަ ނަގާ އޭތި!” އަޔާޒް ސަމާސާވެރި ސީރިއަސްކަމަކާއެކީ ބުނެލި ގޮތުން އަނުމްއާއެކީ މަލާކަށް ވެސް ހެވުނެވެ.
“އަހަރުމެންނަށް އެނގޭނީއެއްނޫންވިއްޔާ ތި ބަޔޯއަކާ ފިޒިކްސްއިން ވާނުވާއެއް. އެ ނޫންނަމަ މަލާކް ދޮންތި މާ ރަނގަޅަށް ބުނެދިނީމުސް.” އަޔާޒްގެ ފަހަތުން އަނުމް ވަދެގެން އަންނަން ފެށުމުން މަލާކްވެސް ފޮނިވާކަމަށް ހެދެމުން ބުނެލިއެވެ. އޭގެ ރައްދަކަށް އަޔާޒް އިތުރު ސަމާސާއެއް ކުރުމުން އަނުމް އިތުރަށް ހެވުނެވެ. އާދައިގެ މަތިން އޭނަގެ ބޭބެއާއި އޭނައާއި ދާދި ގާތްކޮށް އުޅުނު ދައްތައުޅޭ މާޙައުލަށް ވަދެވުމުން އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައެވެ. އެދެމީހުންގެ ހިތްހެޔޮކަން އިޙްސާސް ކުރެވުމުން އޭނަ އުޅެމުންދާ ދަތި ޙާލަތާއިމެދު ހިނދުކޮޅަކަށް ނަމަވެސް ހަނދާން ނެތޭ ގޮތްވެސްވިއެވެ.
ޙަޤީޤަތުގައި އޭނައަށް އޭނަގެ ތިއްތިގެ އެހީ ލިބެން ފެށީ އޭނަ އެދިގެނެއްވެސް ނޫނެވެ. އެއީ އޭނަގެ އެ ބޭބެ އިސްނަގައިގެން ކުރަން ފެށި ކަމެކެވެ. އެއްދުވަހު އޭނަ އެއްޗެއް ނޭނގިގެން ހައިފާ ކައިރިން އަހަން ފެށުމުން އޭނައަށް އެހީވާން ފެށި ގޮތަށް އެ ބޭބެ ނުވެސް ހުއްޓިއެވެ. ގިނަގިނައިން ޓެސްޓެއް އޮތްތޯ އަހައި ޓެސްޓެއް އޮތިއްޔާ ޤަވާޢިދުން އޭނަ ސިޓިންގް ރޫމަށް ގެނެސް އެހީވެދޭނެއެވެ. އެއްދުވަހު އެ ކޮޓަރިއަށް ވަންނަން ޖެހުނީ ތިއްތި ވަރަށް ބުރަކޮށް ދިރާސާއެއް ލިޔަމުން ދިޔަ ރެއެއްގައި އޭނަ ވޯކްޝީޓެއް ހަދަން ޖެހުމުންނެވެ. ވޯކްޝީޓް ހަދަން އެ ކޮޓަރިއަށް އައުމަށް ތިއްތި އެދުނީއެވެ. ސުވާލުތައް ހަދަމުން ޝައްކެއް އޮތިއްޔާ އަހާލުމަށެވެ. އަނުމް އޭނައަށް ދިމާވި ކަންތަކަށްފަހު އެއްވެސް ފިރިހެނަކާއެކީ އެއްކޮޓަރިއެއްގައި ހުންނަން ޖެހިލުންވިޔަސް އެރޭ އެ ކޮޓަރިއަށް ދިޔައީ މަލާކް ދައްތި ވެސް ހުންނާނެތާއޭ ހިތާހިތުން ކިޔަމުންނެވެ. އެހެނަސް އެރޭ އޭނަ ދިޔުމުން އޭނަގެ ބޭބެ އޭނައަށް ފަސޭހަކޮށްދިނުމުގެ ގޮތުން ވަކިން މޭޒެއް ކޮޓަރީގައި ބަހައްޓައިދީ ގޮނޑިއެއް ގެނެސްދިން ގޮތުން އެ ބޭބެއަށްޓަކައި ލޯތްބެއް އުފެދުނެވެ. އޭނަ ކުރީކޮޅު ސުވާލުތައް ކުރަން ފެށީ ޖެހިލުންވުންތަކާއެކީ ކަމަށްވިޔަސް ފަހުންފަހުން އައިސް އެ ބޭބެއާއި އެކުވެރި ވެވުނެވެ. އޭނަ ހަދާ މަސައްކަތެއް ބަލަން އޭނަ އެ ކޮޓަރީގައި އިންނަ މޭޒު ކައިރިއަށް އަޔަސް އެ ބޭބެ އޭނަ އުއްމީދު ކުރާ ގޮތާއި ޚިލާފަށް އޭނައާއި މާ ކައިރިވާން ނުއުޅުމުން އެ ބޭބެއަށްޓަކައި ހިތުގައި ޤަދަރެއް އުފެދުނެވެ. އަދި އަމުދުން އެ ކޮޓަރީގައި ފާރުގައި އެކި ދުވަސްމަތިން އެކި އާޔަތްތަކާއި އޭގެ މާނަތައް ހުންނަ ގޮތުން އެ ބޭބެއާމެދު ތަފާތު ގޮތަކަށް ވިސްނެއެވެ. މަންމަ ކިތަންމެ ބުނެފައިވިޔަސް އޭނަގެ މި ބޭބެއަކީ ގޯސް ބޭބެއަކަށް ނުވާނެ ކަމަށް ހިތް ބުނެއެވެ.
“ޓާރމް ޓެސްޓްތައް އޮތީ ކޮން ދުވަހަކުތަ އަނުމް؟ ވަރަށް އަވަހަށް އޮންނާނެދޯ؟ މިއީ ނޮވެމްބާރއެއްނު؟” އަޔާޒް އަނުމްއާއެކީ އޭނަގެ ކޮޓަރިއަށް ވަންނަމުން ސުވާލުކުރިއެވެ.
“އާނ ނެކްސްޓް ވީކްގަ އަސްލު ފެށޭނެ. އެކަމަކު ކޮއްކޮ ޖޮއިން ކުރީ ތަންކޮޅެއް ލަހުންވީމަ ކޮއްކޮއަށް ނޯންނާނެ ޓާރމް ޓެސްޓް. ކޮއްކޮ އައިފަހުން ނެގި ޓޮޕިކްތަކުން ކްލާސް ޓެސްޓްތައް މި ހަދަނީ…” އަނުމް ވަކި ހިސާބަކުން މަޑުކޮށްލަމުން ބުނެލިއެވެ.
“އާހް….އެހެންވީމަ ނަސީބެއްނުދޯ ކޮއްކޮ އައިފަހުން ބްރެއިންއާ ބެހޭގޮތުން ކިޔެވިކަން. ހެހެ…..ކޮއްކޮދޯ މިހާރު އެންމެ މޮޅީ އެ ޓޮޕިކްތަކަށް؟ މިތާނގަ ނެތްދޯ ފޮތް؟ އާނ ރޭގަ ކޮންމެވެސް އެއްޗެއް ބަލަން ތިއްތިގެ މޭޒަށް އޭތި ގެނައިމޭ. މަޑުކޮށްލައްޗޭ!” އަޔާޒް އަނުމްގެ މޭޒުމަތިން އެފޮތް ނުފެނުމުން އޭނަގެ ކިޔަވާ މޭޒުދޮށަށް ގޮސް މޭޒުމަތީގައި ހުރި ފޮތްތަކުގެ ތެރެއިން އަނުމްގެ ފޮތް ހޯދަން ފެށިއެވެ. އެވަގުތު ކޮންމެ ދުވަހެކޭ އެއްފަދައިން އެދުވަހުވެސް އެ މޭޒާއި ދިމާލަށް ތަތްކުރެވިފައިވި އާޔަތާއި މާނަ އަނުމްގެ ލޮލުގައި އެޅިއެވެ. އާޔަތަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނަސް އިނގިރޭސި ބަހުން ތިރީގައި ލިޔެވިފައިވި މާނަ އަނުމްއަށް ކިޔާލެވުނެވެ. އޭގައިވަނީ އެމީހުންނަކީ ފާޙިޝް ޢަމަލެއް ކުރެވުމުން އަދި އެހެންނޫނަސް ނުބައި ކަމެއް ކުރެވިއްޖެނަމަ ﷲ ހަނދުމަކުރާ މީހުންކަމެވެ. އަދި ﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށްއެދި ދުޢާކުރާ މީހުންކަމެވެ. އަދި ﷲ ފިޔަވައި ފާފަ ފުއްސެވޭނީ ކޮން ފަރާތަކަށްތޯ ސުވާލުކުރެވިފައިވިއެވެ. އެއަށްފަހު އެމީހުންނަކީ އެމީހުން ދެނެތިބޭ ޙާލު ދެން އެ ފާފައަށް އަރައިނުގަންނަ މީހުންކަމަށް ލިޔެވިފައިވިއެވެ.
“އަނ…..މިއޮތީ އަނުމްގެ ފޮތް.” އަޔާޒް މޭޒުމަތިން ފޮތެއް ނަގައިގެން އައިސް އަނުމްއަށް ދިއްކޮށްލި ވަގުތުވެސް އަނުމްއަށް އެ އާޔަތަށް ނަޒަރު ހުއްޓައިގެން ހުރެވުނެވެ.
“އެއީ ކޮންބައެއްގެ ވާހަކަތަ އެ އާޔަތުގަ އެ ވަނީ ތިއްތި؟” އަނުމްއަށް ފޮތް ހޯދަމުން އަހާލެވުނެވެ. އާޔަތުގެ މާނައަށް ބަލަމުން ދިޔަ ވަރަކަށް އޭނައަށް ވިސްނެމުން ދިޔައީ އޭނައަށް ތަކުރާރުކޮށް ކުރެވޭ ފާޙިޝް ޢަމަލާއި މެދުގައެވެ. އެ އާޔަތުގައި އެވަނީ އޭނަ ފަދައިން ފާފަކުރާ މީހުންގެ ވާހަކަހެން ހީވިއެވެ. އެހެނަސް….
“އެއީ؟ އެއީ މުޙްސިނުންގެ ސިފަތަކުގެ ވާހަކަ. މި ދުވަސްކޮޅު މަލާކް ދޮންތިއާ ތިއްތި ސްޓަޑީ ކުރަނީ އާލު ޢިމްރާން ސޫރަތުގެ މި އާޔަތްތައް….ހެހެ…މުޙްސިނުންނަކީ ވަރަށް ހައި ލެވެލްއެއްގެ ބިލީވާރސް އިނގޭ….އެމީހުންނަކީ ﷲ ވޮޑިގެންވާކަން އަބަދުވެސް ހަނދުމައިގައި ބަހައްޓައިގެން ކޮންމެ ކަމެއްވެސް ކުރާ މީހުން. އަދި އޭގެ ސަބަބުން އެމީހުން ކުރާ ކޮންމެ ކަމެއް އެމީހުން ކުރާނީ އެންމެ ފުރިހަމައަށް. އެކަމަކު މި އާޔަތުން އެނގެނީ މުޙްސިނަކަށް ވެސް ފާފައެއް ކުރެވިދާނެކަން. އެކަމަކު ތަފާތަކީ އެ ފާފަ ކުރެވޭއިރަށް ﷲ މަތިން އެމީހުން ހަނދާންކުރޭ. ހަނދާންކޮށްފަ ފާފަ ފުއްސެވުމަށް އެދި ދުޢާކުރޭ. ޝައިޠާނާ އަހަރުމެން ލައްވާ ފާފަތައް ކުރުވާފަ ބުނާނެ އަހަރުމެންގެ އެއްވެސް އަގެއްނެތޭ. ދެން އެ ފާފައަށްފަހު ﷲ އަށް އަޅުކަންކޮށް ދުޢާކުރަން ތިއުޅެނީ ކީއްވެހޭ. އެކަމަކު މުޙްސިނުންނަށް އެނގޭނެ ﷲ ފިޔަވައި އަހަރުމެން އެނބުރިދާނެ ފަރާތެއް ނެތްކަން. އަހަރުމެންގެ ފާފަތައް ފުއްސެވޭނީ ހަމައެކަނި އެކަލާނގެއަށްކަން. އެމީހުން ދެން އެއަށްފަހު އެނގިތިބެ އެ އެއްފާފައަށް އަރައެއް ނުގަންނާނެ…” އަޔާޒް ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ އަނުމްގެ ލޮލުން ކަރުނަ ހިލުނެވެ. ވަކިން ޚާއްޞަކޮށް އޭނައަށް ފާފަކުރެވުނަސް އޭނަ އެނބުރި ދާން އޮތީ ކޮން ފަރާތަކަށްތޯ ހިތަށްއެރުމުންނެވެ. ކަން މިހެން އޮތްވާ ވެސް އޭނައަށް ވޭތުވެދިޔަ ދުވަސްތަކުގައި ބައެއް ނަމާދުތައް އެޅެމުން ވެސް ދިޔަ ގޮތުންނެވެ. ހަމަ އެހިނދުން އެހިނދަށް ވެސް އޭނަގެ ޙަޔާތް ބަދަލުކުރަން ޢަޒުމެއް ކަނޑައެޅުނެއްކަމަކު އޭނައަށް ވާހަކަ ދެކެވުނެވެ.
“އެކަމަކު ތިއްތި…..ހަމަ ހިތަށްއެރި އެއްޗެއް….ބައެއް ފާފަތަކަކީ އެޑިކްޓިވް ކަންތައްދޯ؟ ބްރެއިންއާ ބެހޭގޮތުން ކިޔައިދިންއިރު ތިއްތި ވެސް ކިޔައިދިނީމެއްނު؟ މިސާލަކަށް ޑްރަގްސް ޔޫޒްކުރާ މީހަކަށް ހަމަ ރިޕީޓްކޮށް އެކަމަށް އަނބުރާ ދެވެއެއްނު؟” އަނުމް އޭނަގެ އަސްލު މަޢުޟޫއަށް ވާހަކަ ދެއްކުމެއްނެތި ސުވާލުކުރިއެވެ. އޭނަގެ ބޭބެއަށް އޭނައަށް އެ ފާފަ ކުރެވޭކަން ޝައްކު ކުރެވިދާނެތީ ވަރަށް ބޮޑަށް ޖެހިލުންވިއެވެ. އެހެނަސް ސުވާލުކުރީ އޭނަ މިކަމަށް އެހީ ބޭނުންވާކަން ވެސް ދަނެގެންނެވެ.
“ތިބުނީ ހަމަ ތެދެއް….ރިޕީޓްކޮށް އަނބުރާ ދެވޭނެ. އެކަމަކު މުޙްސިނުންނަކީ ޤަޞްދުގަ އެނގިތިބެ އެކަމަށް އަނބުރާ ނުދާ މީހުން. ވަރަށް ބޮޑަށް ބަލިކަށިވާ ވަގުތެއްގަ އެމީހުންގެ އިޚްތިޔާރަކާނުލާ ފާފައަކަށް އަރައިގަނެވޭނެ ވަގުތުތައް އަންނާނެ. އެކަމަކު ކޮއްކޮއަށް އެނގޭތަ؟ އަހަރުމެންގެ މި ބްރެއިންއަށް ފީޑްކުރާ އެއްޗަކުން އަހަރުމެންގެ ބިހޭވިއާރއަށް ބަދަލުތައް އަންނާނީ. މިސާލަކަށް އަބަދު ގޯސް ކަންތައް ކުރާތަން ފެންނަ ފިލްމު ބަލަންޏާ ބްރެއިން ވަޔާރވެފަ ހުންނާނީ އެހެން. އެއިން އަހަރުމެންގެ އުޅުމަށް ވެސް ބަދަލުތައް އަންނާނެ. އެކަމަކު ގިނަގިނައިން ﷲ ހަނދުމަކޮށް އެކަލާނގެ ދީން އުނގެނެން މަސައްކަތް ކުރިއްޔާ އަތުން ފައިން ރަނގަޅު ކަންތައް ކުރެވޭނެ އޮޓޯއިން ވެސް އިން ޝާ ﷲ!” އަޔާޒް ހިނިތުންވުމަކާއެކީ ކިޔައިދިނީ ޚުދު އޭނަގެ ތަޖުރިބާއެވެ. ދީން އުނގެނެން ފެށިފަހުން ޚުދު އޭނަގެ އުޅުމުން އޭނައަށް ފާހަގަކުރެވުނު ބަދަލުތަކެވެ. އަނުމް ވިސްނުމެއްގައި އެއްދިމާލަކަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އަޔާޒް މަޑުކޮށްލާށޭ ބުނެ އަރިމަތީ މޭޒު ކައިރިއަށް ގޮސް ވަތްގަނޑަކުން ކުރީގެ މޮނީޓަރު ފޮތެއް ނެގިއެވެ. އަދި އެ ފޮތް ގެންގޮސް އަނުމް އަތަށް ދިއްކޮށްލިއެވެ.
“މީތި ކިޔާލައްޗޭ…މިއީ ތިއްތިއާއި ކޮއްކޮގެ ވެސް ބައްޕަ އެކި ދަރުސްތަކަށް ގޮސް ނަގާފަ ހުރި ނުކުތާތައް. ހީވެދާނެ މިއީ މުސްކުޅި މީހަކު ލިޔެފަ ހުރި މި ޒަމާނާ ނުގުޅޭ އަދި ތިމަންނައާ ވާހަކަތަކޭ. އެނގޭ މިހާރު އެ ފެތުރެމުންދާ ޑޮކިއުމެންޓްރީއަކާހެދި އަނުމްގެ އެކުވެރިންގެ ފަރާތުން ދީނާއި ބެހޭގޮތުން އިވިފައި ހުންނާނީ ކޮންކަހަލަ ވާހަކަތަކެއްކަން….އެކަމަކު އެކަހަލަ ޚިޔާލުތައް ސިއްރުގައި ނަމަވެސް ގެންގުޅުނު މީހެއްގެ ގޮތުގަ ތިއްތި ބުނާނީ މި ދީނާއިމެދު ނޭދެވޭ ވާހަކަ ދައްކާ މީހުންނަށް ހަމަ ނުވިސްނެނީއޭ ރަނގަޅަށް. ކޮއްކޮ މި ފޮތް ކިޔާލުން ތިއްތި އެދެން. އިންފެކްޓް، މިއަދުން ފަށައިގެން ވެސް ހުސް ވަގުތު ވާ ވަރަކުން ކިޔަންވީ.” އަޔާޒް ބުންޏެވެ. އެއާއެކު އަނުމް އެފޮތަށް ބަލަން ހުރެފައި އޭތި ހޯދިއެވެ. އެއަށްފަހު އޭނަގެ ބޭބެއަށް ބޯޖަހާލީ ޖަވާބު ދިނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ ދާން އުޅުނު ވަގުތު އަނެއްކާވެސް ފާރުގައި ތަތްކުރެވިފައިވި އާޔަތް އޭނަގެ ލޮލުގައި އެޅިއެވެ. އެއީ އާލު ޢިމްރާން ސޫރަތުގެ އާޔަތެއްކަން އެނގުންވި ވަގުތު ހިތަށް އިތުރު ޙައިރާންކަމެއް ލިބުނެވެ. އޭނަ ހިތުން ދަސްކުރުމަށްޓަކައި އެ ސޫރަތް އެހާވަރަށް އަޑު އެހިއިރު ވެސް އެ ސޫރަތުގެ އާޔަތްތަކުގައި އެހާ ފުން މާނަތަކެއް ވާނެކަމަށް އޭނަ ހިއެއްނުކުރެއެވެ.
އަނުމް އޭގެ އަނެއްދުވަހަށް ދަސްކުރަން އޮތް އިމްތިޙާނެއް އޮތެއްކަމަކު އޭނައަށް ކޮޓަރިއަށް ގޮސް ވަގުތުން ހުޅުވާލެވުނީ އޭނަގެ ބޭބެ ދިން އެ ފޮތެވެ. އެނދުގައި އިށީނދެ އެ ފޮތް ހުޅުވާލުމާއެކު ފެނިގެން ދިޔަ ސުވާލަކީ ‘އީމާންވާންވީ ކީއްވެތޯ’ ލިޔެވިފައި އޮތް ޞުރުޚީއެކެވެ. އެ ޞުރުޚީއިން ވެސް އަނުމްއަށް ލިބިގެން ދިޔައީ ޒާތެއްގެ ސިހުމެކެވެ. އެހެނީ ކުޑައިރުއްސުރެ ވެސް މަންމަ ދީނުގެ އެކިއެކި ވާހަކަތައް އޭނައަށް ކިޔައިދިންއިރު އެ ދީނަށް އުޅެންވީ ކީއްވެކަން މަންމަ ކިޔައިދީފައި ނުވެއެވެ. އެހެންނޫނީ އޭނައަށް އަޑުއިވިފައި ނުވަނީއެވެ. ކުޑައިރުއްސުރެ ވެސް އޭނައަށް ލިބުނު އެކުވެރިންނަކީ އެއްވެސް ކަމެއް އުނގެނުމަށްވުރެ ބޮޑަށް ކުޅިވަރަށް ގެއްލިފައި ތިބޭ ކުދިންނަށް ވާތީވެއެވެ. ނަތީޖާއެއްގެ ގޮތުން މަންމަ ރަށުގެ ކުދިން އެއްކޮށްގެން ނަޞޭޙަތެއް ދޭ ވަގުތުވެސް އޭނަ ކޮންމެވެސް ބަހަނާއެއް ދައްކައި އެތަނުން ދަނީ އެ އެކުވެރިން ކައިރިއަށެވެ. މަންމަ އެހާ ދީންވެރިވީއިރުވެސް އޭނައަށް ދީނާއިމެދު މާ ބޮޑަށް ނޭނގި ހުރީ އެހެންވެއެވެ. ކިރިޔަ ކިރިޔާވެސް އެނގިފައި ހުރީ ﷲ ލޯބިވެވޮޑިގެންވާ ބައެއް ސިފަތަކާއި ބެހޭގޮތުންނެވެ. ތައުބާވުމާއި ބެހޭގޮތުން މަންމަ ފަރާތުން އިވިފައި ވިޔަސް އޭނައަކީ އޭރު ކޮންމެ ގޮތެއްވިޔަސް ނަމާދުކުރާ މީހަކަށް ވުމުން އެއީ އޭނަ އަޑުއަހަންޖެހޭ ވާހަކައެއް ނޫންހެން ހީވިއެވެ. ތައުބާވުމުގެ މުހިއްމުކަމާއި ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމަކީ ކިހާ ބޮޑުކަމެއްކަން އޭނައަށް ނޭނގި ހުރީ އެހެންވެއެވެ. އަދި އަމުދުން އޭނަ މާލެއަށް އައުމަށްފަހު ލިބިފައިވާ އެކުވެރިންނަކީ ދެންމެ ތިއްތި ބުނިހެން ދީނާއި ދެކޮޅަށް ވާހަކަ ދައްކައި ދީނަށް މަލާމާތްކުރާ ކުދިންނެވެ. މި ދުވަސްވަރު ދީނާއިމެދު ދެކެވެމުންދާ ވާހަކަތަކުން އަދި އެކުދިންނަށް ލިބިފައިވަނީ އާ ހިތްވަރެކެވެ. އަނުމް އެމީހުންގެ ވާހަކަތަކަށް އެއްވެސް އެއްޗެކޭ ނުބުންޏެއްކަމަކު އޭނައަށް ވެސް ހިތާހިތުން އެ ވާހަކަތައް ޤަބޫލުކުރެވެއެވެ. އޭގެ ފަހަތުގައިވާ މައިގަނޑު ސަބަބަކީ މި ދީނަށް އުޅެންވީ ސަބަބެއް އެއްވެސް މީހަކު އޭނައަށް ކިޔައިދީފައި ނުވުމުންނެވެ. އެ ސަބަބު ނެތްކަމަށް އޭނަ ނިންމަން އުޅުނު ދުވަސްވަރެއްގައި އެ ފޮތުން އެ ސުވާލު ފެނުމުން އޭނަ ޙައިރާންވީއެވެ. އެ ލިބުނު ޙައިރާންކަމުގައި އޭނައަށް ވަގުތުން އެ ޞުރުޚީގެ ދަށުން ލިޔެވިފައިވި ވާހަކަތައް ކިޔެން ފެށިއެވެ. އޭނަ ހިތުން އެ ވާހަކަތައް ކިޔަން ފެށީ އެއީ ބޯދާ ވާހަކަތަކެއްކަން އޭނައަށް ޔަޤީންވާނެކަމަށް ނިންމަމުންނެވެ. އެހެނަސް ފޮތް ކިޔަމުން ދިޔަ ވަރަކަށް އަނުމްއަށް ހީވީ އޭނަގެ ލޮލުގައި އެޅިފައިވި ފަރުދާއެއް ނެގި ރަނގަޅަށް ފެންނަން ފެށީ ހެންނެވެ. އޭނަގެ ވަށައިގެންވި ހުރިހާ އެއްޗެއް ހެއްދެވި ފަރާތެއް ވާނެކަން ޔަޤީންވީ ހިނދު ހިތް ރޫރޫއެޅިއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ތެދުވެރިކަން ޔަޤީންކުރެވުނު ވަގުތު ހިތަށް މަޑުމޮޅިކަމެއް ލިބުނެވެ. ޤުރުއާނަކީ ހަމައެކަނި ﷲ ގެ ބަސްފުޅުކަން އެނގުންވީ ވަގުތު އެ ހިތަށް ސާބިތުކަމެއް ލިބުނެވެ.
އެ އިން ގޮތަށް އިނދެ އެންމެ އަކުރެއްވެސް ދޫނުކޮށް އަނުމްއަށް އެ ފޮތް ކިޔައި ނިންމާލެވުނެވެ. އޭނައަށް ހުރެވުނީ ވަކި ހިސާބަކުން އޭނަގެ ނޭވާވެސް ހިފަހައްޓައިގެންކަން އެނގުންވީ އެ ފޮތް ލައްޕާލި ވަގުތެވެ. އެހިނދު އެތައް ހާސް ޖަޒުބާތެއް އޭނަގެ ހިތަށް އަރާ ފައިބަމުން ދިޔައެވެ. މިހުރިހާ ދުވަހު އޭނައަށް މި ވާހަކަތައް ނޭނގި ހުރި ކަމުގެ ޝަކުވާއެވެ. އޭނަގެ ވަށައިގެންވި ގިނަ މީހުންނަށް މި ވާހަކަތައް ނޭނގޭކަން އެނގުންވުމުން ހިތަށް ވެރިވި ދަތިކަމެވެ. އަދި ކޮންމެ ގޮތެއްވިޔަސް އެންމެ ފަހުން އޭނައަށް ޙަޤީޤަތް ފެނުނުކަމުގެ ހިތްހަމަޖެހުމެވެ. ހަމަ އެހިނދު ފޮތުގެ ފަހު ގަނޑުގައި ލިޔެވިފައިވި ބަސްތައް އޭނަގެ ސިކުނޑީގައި ގުގުމާލިއެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ އަޅަކަށް ހިދާޔަތް ދައްކަވާ ވާހަކައެވެ. ދުނިޔޭގައި ލެއްވި ހުރިހާ މީހުންގެ ތެރެއިން އޭނަ ފަދަ ފާފަވެރިއަކަށް ހިދާޔަތް ދައްކަވަން ﷲ އިރާދަކުރެއްވީތޯ ހިތަށްއެރި ވަގުތު ލޯ ކަރުނުން ފުސްވިއެވެ. ﷲ އޭނަ އެވަގުތު ބައްލަވާވޮޑިގެންވާކަން ޔަޤީންވި ވަގުތު އަނުމްއަށް ދެއަތް އުފުލާލެވުނެވެ. އަދި ސިކުންތުކޮޅެއް ވަންދެން އެ އިންގޮތަށް އިނދެ ކަރުނަ އެޅުނީ ﷲ އޭނައަށް މިދެއްވި ނިޢުމަތް ހިތަށް ގެނެވުމުންނެވެ. އެ ސިކުންތުކޮޅަށްފަހު އޭނަ ދުޢާކުރިއެވެ. އޭނަގެ ހުރިހާ ފާފަތައް ފުއްސަވައި ދެއްވުމަށް އެދިއެވެ. އަދި އެ ފާފަތަކުން ދުރުވާން އޭނަ ކޮންމެ ގޮތެއްވިޔަސް މަސައްކަތްކުރާނެ ކަމަށް ބުނަމުންނެވެ. އަދި އެކަމުގައި އޭނައަށް އެހީތެރިވެދެއްވުމަށް އެދެމުންނެވެ.
އޭނަ އެހެން އިންދާ މަޣްރިބް ނަމާދަށް ގޮވި ބަންގިއާއެކީ އޭނަ އެނދުން ތެދުވެގެން ގޮސް ވަރުގަދަ ޢަޒުމަކާއެކީ ކުރި އެ ނަމާދުވެގެން ދިޔައީ އޭނަ ޙަޔާތުގައި ވެސް ކުރި އެންމެ މާނަހުރި ނަމާދޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެ ނަމާދުން އޭނަގެ ހިތަށް ދުވަހަކުވެސް ނުލިބޭފަދަ ސާބިތުކަމެއް ލިބިގެން ދިޔައެވެ. އެވަގުތުން ފަށައިގެން އޭނަގެ ހުރިހާ ޢަމަލެއް ﷲ ރުހިވޮޑިގެންވާ ގޮތަށް ނޫނީ ނުބެހެއްޓުމަށް ތަކުރާރުކޮށް ބުނަމުން ދިޔަ ހިތެއްގެ ސަބަބުންނެވެ.
އެ ވަރުގަދަ ޢަޒުމުގެ ސަބަބުން 4 ވަރަކަށް ދުވަސް ވަންދެން އަނުމްއަށް އޭނަގެ އެ ފާފައާއި ދުރުވެވުނެވެ. އޭނަ ހީކުރީ އެހާ ހިސާބުން އޭނަ އެކަމުން ސަލާމަތްވީ ކަމަށެވެ. އެހެނަސް 5 ވަނައަށް ވީ ދުވަހު އަނެއްކާވެސް އަނބުރާ ދެވުނީ ލެޕްޓޮޕުން ފެންނަމުން ދިޔަ ފޮޓޯތަކުންނެވެ. އޭނަ ދެން ދުވަހަކުވެސް އެ ފާފައަށް އަނބުރާ ނުދާނެކަމަށް ހީވެފައި ވަނިކޮށް އަދި އެހާ ‘ބޮޑު’ ތައުބާއެއް އޭނަ ވެފައި ވަނިކޮށް އަނެއްކާވެސް އެ އެއްފާފައަށް އަރައިގަނެވުމުން އޭނައަށް ދުވަހަކުވެސް ނުރޯވަރަށް ރޮވުނެވެ. އޭނަ ދުވަހަކުވެސް ރަނގަޅުނުވާނެކަމަށް ޤަބޫލުކުރެވި އަނެއްކާވެސް އަޅުކަންތަކުން ދުރުވެވެން އުޅުނެވެ. އެހެނަސް ހަމަ އެހިނދު އޭނަ އެއާއި ބެހޭގޮތުން ދަސްކުރަމުން ދިޔަ އާޔަތެއް އޭނަގެ ހަނދާނަށްއައެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަން ދޭހަވާ އާޔަތެވެ. އެއާއެކު އޭނަ އެ ފާފަ ކުރެވުނުތާ މާ ގިނައިރެއްނުވެ ވުޟޫކޮށް ދެ ރަކުޢަތުގެ ނަމާދެއް ކުރިއެވެ. ފާފައެއް ކުރެވުމުން 2 ރަކުޢަތުގެ ނަމާދެއް ކުރަން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާކަން އޭނައަށް ވަރަށް ފަހުން އެނގިފައިވާތީވެއެވެ. އެ ނަމާދަށްފަހު އޭނަ ވަގުތުން ދެންވެސް އޭނައަށް އެ ފާފައިން ދުރުވާން ކުރެވެން އޮތް ހުރިހާ ކަމެއް ކުރިއެވެ. މިގޮތުން އެދުވަސްފަހުން އޭނަގެ އަމިއްލަ ލެޕްޓޮޕް ބޭނުން ނުކުރަން ނިންމިއެވެ. މަލާކް ދޮންތިގެ ލެޕްޓޮޕް ބޭނުން ކުރަން ފެށީ އޭނަގެ ލެޕްޓޮޕް ތަންކޮޅެއް އުދަގޫކަމަށް ބުނަމުންނެވެ. އަނެއްކާވެސް ސާބިތުކަމާއެކީ ހަފްތާއެއް ވޭތުވުމަށްފަހު ބަލިކަށިވެގެން ދިޔުމުން އަނުމް ދެންވެސް އިޚްލާޞްތެރި ތައުބާއަކުން ތައުބާވިއެވެ. އަދި ދެންވެސް އެ ފާފައިން ދުރުވުމަށް އެޅިދާނެ ފިޔަވަޅަކަށް އޭނަގެ ފޯނުވެސް ކޮޓަރިން ބޭރުގައި ބާއްވަން ފެށިއެވެ. ދުވަސްކޮޅެއް ފަހުން އަނުމް އޭނަ އޭރު ގެންގުޅުނު އެކުވެރިން ދޫކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލައިބްރަރީގެ ތެރެއިން އެއްދުވަހު ދިމާވި ވަރަށް ރަނގަޅު ކުދިބަޔަކާއި އޭނަ އެކުވެރިވިއެވެ. އަދި އެ އެކުވެރިންނާއެކީ ދީނާއިމެދު އިތުރަށް އުނގެނެން ފެށިއެވެ. މިހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ދުވަސްތައް ފާއިތުވާ ވަރަކަށް އަނުމްއަށް ގިނަ ދުވަސްތައް ވަންދެން އެ ފާފައަށް އަރައިނުގަނެވި ހުރެވެން ފެށިއެވެ. އިހުނަށްވުރެ ގިނަ ދުވަސްފަހުން އެ ފާފައަށް އަނބުރާ ދެވުނަސް އަނުމް އުއްމީދު ކަނޑާލުމެއްނެތި އެކަމުން ދުރުވާން މަސައްކަތް ކުރަމުން ދިޔައީ ﷲ އޭނަ މިކަމުން ސަލާމަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަމާއި އެކީގައެވެ. އެކަލާނގެއަކީ އެކަލާނގެ އަޅަކު އިޚްލާޞްތެރިކަމާއެކީ ހިދާޔަތަށް އެދުމުން އިންކާރު ކުރައްވާ ފަރާތެއްނޫންކަން އަނުމްއަށް އެނގޭތީވެއެވެ.
ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދިޔަދިޔަހެން އަނުމް ސްކޫލަށް ދާންޖެހޭ އެންމެ ފަހު ހަފްތާ ޖެހުނެވެ. އެ ފަހު ހަފްތާ ތެރޭގައި އަނުމް އުފާވެރިކޮށް ފެންނަމުން ދިޔަ މަންޒަރު ފެނިފައި ފާއިޤް ހިތްހަމަޖެހުނެއްކަމަކު އޭނަ ދެންވެސް އަނުމްގެ ލެޕްޓޮޕުން އެއްކަލަ ވައިރަސް ނެރެފިތޯ ބަލަން ބޭނުންވިއެވެ. ނެރެފައިނުވާނަމަ އޭނަ ނިންމައިގެން ހުރީ އެ ލެޕްޓޮޕް އޭނަ އަމިއްލައަށް ފޯމެޓް ކުރާށެވެ. އެކަން ކުރުމަށްޓަކައި އޭނަ އަނުމްގެ އެކުވެރިންގެ ތެރެއިން އެކުވެރިއެއް ކައިރި ދެތިން ދުވަހަށްވިޔަސް އަނުމްގެ ލެޕްޓޮޕް ދުވަސްކޮޅަކަށް ނަގައިދޭން އެދުނެވެ. އެކުވެރިއަކު އޭނައަށް އެހީއަށް އެދުމުން އަނުމް އެ ލެޕްޓޮޕް ދިނީ ނުހަނު އުފަލާއި އެކީގައެވެ. އެހެނަސް އެ ލެޕްޓޮޕުން އިންޓަނެޓް ބްރައުޒާއެއް ނުހުޅުވަން އަނުމް އެ އެކުވެރިޔާ ގާތު އެދުނެވެ. އެކުވެރިޔާ ގޮސް ފާއިޤްއަށް އެ ލެޕްޓޮޕް ދެމުން އެ ވާހަކަ ބުނިގޮތުން އެ ވައިރަސް އަދިވެސް ހުރިކަން ފާއިޤްއަށް އެނގުންވިއެވެ. އެހެންކަމުން އޭނަ ނިމާލަށާއި ލަމްޔާއަށް ވެސް ނޭނގޭނެ ފަދައަކުން ލެޕްޓޮޕް ގެއަށް ގެންގޮސް ފޯމެޓް ކުރުމުގެ ކުރިން އޭގައި ހުރި ހުރިހާ އެއްޗެއް ހާޑް ޑްރައިވަކަށް އަޅަން ފެށިއެވެ. ހާޑް ޑްރައިވަށް ހުރިހާ އެއްޗެހި އެޅެމުން ދިޔަ ވަގުތު އަނުމް ބެކްގްރައުންޑަށް ލާފައި ހުރި އެއްޗެއް ފެނިފައި ފާއިޤްއަށް ހިނިތުންވުމެއްގައި އިނދެވުނެވެ. ނޫކުލައިގެ ބެކްގްރައުންޑެއްގައި ހުދުކުލައިން ‘ޕްރޭ އޮން ޓައިމް!’ އޭ ބޮޑު އަކުރުން ލިޔެވިފައިވިއެވެ. އެ ބެކްގްރައުންޑް ފެނިފައި މިއީ ޒާތެއްގެ ކުއްޖެކޭ ފާއިޤްގެ ހިތަށްއެރިއެވެ. އެ ބަސްތައް އޭނަ މާ ބޮޑު ކަމަކަށް ނެހެދިއެއްކަމަކު ކީއްވެކަމެއް ނޭނގެއެވެ. އެ ބަސްތައް ފެނުނު ފަހުން އޭނަ ވަގުތުން ވަގުތަށް ނަމާދުކުރަން އޭނަގެ ހިތް އެދުނެވެ. ފާއިޤްއަކީ ތުއްތަގެ އެދުމަށް އަދި ތުއްތަގެ ހަނދާންތަކަށްޓަކައި ބައެއް ނަމާދުތައް ވައްޓަމުން ނަމާދު ކުރަމުން އައި ޒުވާނެކެވެ. އަނުމް ފަދައިން އޭނަގެ ހިތުގައި ވެސް ދީނާއިމެދު ޝައްކުތަކެއްވީއެވެ. އެހެނަސް އަނުމްފަދަ އޭނައާއި އެއް ޢުމުރުގެ ކުއްޖަކު ދީނާއިމެދު އެގޮތަށް ދެކޭކަން އެނގުންވުމުން މި ދީނުގައި ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް ވާނެހެން އޭނައަށް ހީވާން ފެށީއެވެ. އަނުމް މަތިން ހަނދާންވާ ކޮންމެ ފަހަރަކު އޭނަ ނަމާދު މަތިން ވެސް ހަނދާންވާ ގޮތްވެއެވެ. އަދި ދެން އޮތީ ކޮން ނަމާދަކާއިމެދުތޯ ވިސްނައި އެ ނަމާދު ވަގުތުގެ ކުރިން ކުރެވެން އޮތްހާ މަސައްކަތެއް ނިންމަން އަވަސްވެވެއެވެ. އެކަމާމެދު ޚުދު އޭނަވެސް އަޖާއިބުވާހާވިއެވެ. އެންމެ ބޮޑަށް ޙައިރާންވީ މި ތަޖުރިބާގެ ސަބަބުން އޭނައަށް އަނުމްއާއިމެދު ކިހާ ގިނައިން ވިސްނޭކަން ވެސް އެނގުންވުމުންނެވެ. އެކަން އެނގުންވީ ދުވަހު އޭނަގެ ހިތަށް ވެރިވީ އާދަޔާ ޚިލާފު ޖަޒުބާތުތަކެވެ.
ފާއިޤްގެ ހިތުގައި އާދަޔާ ޚިލާފު ޖަޒުބާތުތަކެއް އުފެދެން ފެށިއިރު އަޔާޒް ދެންވެސް އޭނަގެ އިޙްސާސްތައް ފާޅުކުރާނެ ގޮތަކާއިމެދު ވިސްނަމުން ދިޔައެވެ. މަލާކަށް އެންމެ ކަމުދާނެ ގޮތް އޭނަ އަމިއްލައަށް ނަގައި ނުގަނެވޭނެކަން އެނގުންވި ދުވަހު އޭނަ ސިޓިންގް ރޫމުގެ ސޯފާގައި ފޮތެއް ކިޔަން ބޮޑުމަންމަ އިންދާ އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ. ބޮޑުމަންމާއޭ ކިޔައި ގޮވާލުމުން އެންމެ ފުރަތަމަ ބޮޑުމަންމަ ހަމައެކަނި ހޫންލައްވާލަމުން އޭނައަށް ބަލާވެސް ނުލިއެވެ. އެހެންކަމުން ހިސާބަކަށް ޖެހިލުންވެހުރެ ވެސް އޭނަ ސީދާ މަޢުޟޫއަށް ދާން ނިންމިއެވެ.
“ބޮޑުމަންމާ….އަހަރެން މިހެން ބުނި ވާހަކަ މާ ގިނަ މީހުން ކައިރި ނުދައްކައްޗޭ އެކަމަކު….ކިހިނެއްތަ އަންހެން ކުއްޖަކަށް އެންމެ ކަމުދާ ގޮތަށް އެކުއްޖާ ކައިރި ލޯބިވާ ވާހަކަ ބުނެވޭނީ؟” އަޔާޒް އޭނަގެ ވަށައިގެން ވެސް އެހެން މީހަކު ހުރިތޯ ބަލަމުން ނުހަނު މަޑު އަޑަކުން ސުވާލުކުރިއެވެ. އޭނަ ބުނެލި ފަހު ބަސްތަކާއެކީ ބޮޑުމަންމަ ފޮތް ތިރިކޮށްލަމުން ކުއްލި ގޮތަކަށް އޭނައަށް ބަލާލީ ހިސާބަކަށް ލޯ ބޮޑުވެފައި ހުރެއެވެ.
“ކޮން ކުއްޖެއްތަ އަނެއްކާ؟” ބޮޑުމަންމަ އެހެން ބުނެލިއިރު ބޮޑުމަންމަގެ ހިނިތުންވުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.
“އެއީ….އަސްލު އަހަންނަކަށް ނޫން އަހަރެންގެ ފްރެންޑަކު…” އޭނައަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން ބޮޑުމަންމަ ހެވިފައިހުރެ ހަރުއަޑުން ދިގުކޮށް މަލާކަށް ގޮވާލުމުން އަޔާޒަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. އޭނަ ބޮޑުމަންމަ ގާތު ‘ޝްޝްޝް’ އަޑު ލައްވަމުން ހާސްވެފައި އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއިރު ހުޅުވިފައިވި އެ ދޮރު މައްޗަށް މަލާކް އެރީއެވެ. މަލާކް ކިހިނެއްވީތޯ އަހާލުމުން އަޔާޒް އެންމެ ކުރިން ތެދުވެ ހިނިތުންވާން މަސައްކަތް ކުރަމުން ކަމެއްނުވެއޭ ބުނެލިއެވެ. އެއަށްފަހު އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ބޮޑުމަންމަ ލާނެތް ހިނިތުންވުމެއްގައި އިނެއްކަމަކު މަލާކްގާތު އެއްޗެކޭ ބުނަން ނުއުޅުނެވެ.
އެދުވަސްފަހުން އަޔާޒް އޭނަގެ ގޭގައި ދެން ތިބި މީހުން ކައިރިންނާއި އޭނަގެ އެކުވެރިން ކައިރިން ވެސް މި ސުވާލުކުރީ މިއީ އޭނަ ދިރާސާއަކަށް ބޭނުންވާ މަޢުލޫމާތެއް ކަމަށް ބުނަމުންނެވެ. އޭނައަށް އެހެންނޫނަސް މި ކުރެވެނީ ހަމަ ދިރާސާއެއް ނޫންތޯ ހިތަށްއެރިއެވެ. މިހާރު ވެސް ނެޓުން މަޢުލޫމާތު ހޯދިފައިވާ މިންވަރުން އޭނައަށް މި މަޢުޟޫއަށް ނުހަނު ތަފްޞީލީ ދިރާސާއެއް ލިޔެވިދާނެކަން ޔަޤީނެވެ. އޭގައި ދެން ބާކީ އެއްޗަކަށް ބޭނުންވާނީ ޢާއްމު މީހުންގެ ތެރެއިން އެކިއެކި މީހުންގެ ބަސްތަކެވެ. އެ ބަސްތައް އޭނައަށް ނުހަނު ފުރިހަމައަށް ލިބުނެވެ.
“ފްލާވާރ ބޮކޭއެއްދީބަލަ ރެޑް ކުލައިގެ. އޭރުން ވަރަށް ލައިކްވާނެ.”
“ސޭއި އިޓް ވިތް ޗޮކްލެޓް!”
“ކޭންޑްލް ލައިޓް ޑިނާރއަކަށް ގެންދޭ.”
“ސަޕްރައިޒް ގިފްޓެއްދީ.”
“ދެމީހުން ވަރަށް ބިޒީކޮށް އެކީގަ އުޅޭ ވަގުތެއްގަ ނޫންކަމަށް ހަދާފަ ބުނެލާ.”
“ޕިއްޒާ ލައިކްވާ ކުއްޖެއްވިއްޔާ ޕިއްޒާ ޑޭޓަކަށް ގެންދޭ!”
އޭގެއިން ކޮންމެ ޖަވާބެއް އިވެމުން ދިޔަ ވަގުތު އަޔާޒަށް އަނގަ ނުބައިވެފައި ހުރެ ހިތާހިތުން ބޯހޫރުވެމުން ދިޔައެވެ. އެ ޖަވާބުތައް ރަނގަޅުނޫންހެން އޭނައަށް ހީވަނީއެއްނޫނެވެ. އޭނަ ނުތަނަވަސްވަނީއެއް ވެސް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭގެއިން އެއްވެސް ކަމެއް މަލާކްހާ ފުރިހަމަ ކުއްޖެއް ކައިރީގައި ލޯބިވާ ވާހަކަ ބުނަން ފުރިހަމަ ނޫނީހެން އޭނައަށް ހީވަނީއެވެ. އެންމެ ފަހުން އެއީ ވެސް އޭނަގެ ހިތުގައި މަލާކަށް ދެވިފައިވި ޤަދަރުގެ ބޮޑުކަމުންކަން އޭނައަށް އިޙްސާސް ކުރެވުނެވެ. ކުރިން އޭނައާއި ރައްޓެހިވީ އެއްވެސް ކުއްޖެއް ކައިރީގައި ލޯބިވާ ވާހަކަ ބުނަން އޭނަ މިފަދަ ގޮތަކަށް އުޅެފައެއް ނުވެއެވެ. މަލާކް އޭނައަށް ހަމަ ޚާއްޞައީތާއޭ ހިތަށްއެރިއެވެ. އެންމެފަހުން އޭނައަށް އިވުނު ކަންތަކުގެ ތެރެއިން މަލާކަށް އެންމެ ކަމުދާނެހެން އޭނައަށް ހީވާގޮތް ޚިޔާރުކޮށް އޭނަ އެފަދަ ގޮތަކަށް ލޯބިވާ ވާހަކަ ބުނަން ނިންމިއެވެ. އަދި ދެންވެސް އޭނައަށް އިވުނުހާ ކަންތައް މަލާކަށްޓަކައި ކޮށްދެމުން ލޯބިވާ ވާހަކަ ބުނަމުންދާން ނިންމިއެވެ.
އެ ނިންމުން ނިންމި ދުވަހުގެ ފަހު ދުވަހު އަޔާޒް ހޮސްޕިޓަލުގައި ހުރެފައި ގެއަށް އައީ ރަތްކުލައިގެ ފިނިފެންމާ ބޮނޑިއެއް ބޭރު ނުފެންނަ ކޮތަޅެއްގައި ހިފައިގެންނެވެ. އޭނަ ގެއަށް ވަދެގެން އައި ވަގުތު ބޮޑުމަންމައާއި ހައިފާ އެ ކޮތަޅަށް ލޯ ދިއްކުރިއެއްކަމަކު އޭނަ އޭތި އެމީހުންނަށް ނުދައްކައި ގޮސް ކޮޓަރިއަށް ވަނެވެ. އާދައިގެ މަތިން އޭނަ ގެއަށް އައިއިރު ކިޔަވާ މޭޒުދޮށުގައި އިން މަލާކާއި ހަތަރުކަޅި ހަމަވުމުން ހިނިތުންވުންތައް ބަދަލުކުރެވުނެވެ. އެހެނަސް އެހެން ދުވަސްދުވަހާއި ޚިލާފަށް އަޔާޒް އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެތެރޭގެ ކޮޓަރިއަށްވަނެވެ. އެއަށްފަހު ތާޒާކޮށް ފެންވަރާލައިގެން އޭނަގެ އަތުގައި އޮތް އެންމެ އާ ޖިންސާއި ގަމީހަށް ހެދުން ބަދަލުކުރިއެވެ. އެއަށްފަހު އޭނަގެ އިސްތަށިގަނޑު ރީތިކޮށް އޭނަ ހުރިގޮތް ބަލަން އެތައް މިނިޓެއް ހޭދަކުރީ އޭނަ ބޭރު ތަނަކަށް ދާންއުޅޭ ފަދައަކުންނެވެ. އެންމެފަހުން އޭނަ ތައްޔާރުކަން ޔަޤީންވުމުން އަޔާޒް މޭޒުމަތީގައި އޭނަ ބާއްވާފައި އޮތް މާ ބޮނޑި ނެގިއެވެ.
“އައި ލަވް ޔޫ، މަލާކް.” އެދުވަހު 12 ވަނަ ފަހަރަށް އަމިއްލަ އަމިއްލައަށް އަޔާޒް އެ ބަސްތައް ބުނެލިއެވެ. އެއަށްފަހު އަމިއްލަ ނަފްސާއި ހިނިތުންވެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތީ އޭނަ ކަންތައް ކުރަން ނިންމާފައިވާ ގޮތް ޚިޔާލުކުރަމުންނެވެ. ފުރަތަމަ ކަމަކަށް މާ ބޮނޑި ބޭރު ކޮޓަރީގައި މަލާކަށް ނުފެންނަ ހިސާބެއްގައި ބާއްވާފައި މަލާކް ބެލްކަންޏަށް ގެންދާނީއެވެ. ގެންދިޔުމަށްފަހު މާ ބޮނޑި ގެނެސް ކަކޫ މައްޗަށް ތިރިވެ އޭނަވާ ލޯބި ބަޔާންކޮށްދޭނީއެވެ. އެ ޚިޔާލާއިމެދު ހިތްހަމަޖެހިފައިހުރެ އަޔާޒް ގޮސް ކޮޓަރީގެ ތަޅު މަޑުމަޑުން އަނބުރަމުން ދޮރު ހުޅުވާލީވެސް ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. އެހެނަސް ހަމަ އެވަގުތު މަލާކްގެ މޭޒުމަތީގައި ސްޕީކަރަށް ލެވިފައި އޮތް ފޯނަށް ބަލަން އިނދެ މަލާކް ބުނެލި ވާހަކައިން އަޔާޒް ހުއްޓުން އަރައި އޭނަގެ ހިނިތުންވުން ފިލައިދިޔައެވެ.
ނުނިމޭ