Hiyaa (Part 4)
“ވެލް ތެންކިއު…..ނޮން-އެގްޒިސްޓެންޓް ފިރިމީހާ!” ޔުނާ އަމިއްލަ އަމިއްލައަށް އެހެން ބުނެލަމުން ބަތް ސުވާއެއްލިއެވެ. އެހިނދު އެ ރޫމުގެ ކުޑަކޮށް ހުޅުވިފައިވި ދޮރު ކައިރި ފާރަށް ލެނގިލައިގެން ހުރި ޒިހާނަށް އެ ބަސްތައް އިވިފައި ލުއިގޮތަކަށް ހީލެވުނެވެ. ފުރަތަމަ ފަހަރަށް ޔުނާގެ ފަރާތުން އޭނަ ކުރިކަމަށް ރައްދެއް ލިބުމުން ހިތް އުފަލުން ފުރިގެން ދިޔައެވެ. އަދި އަމުދުން ޔުނާ އޭނައާއި މުޚާތަބު ކުރި ނަމެއްގެ ސަބަބުން އިރުކޮޅެއް ވަންދެން އުޖާލާވި ހިނިތުންވުމެއްގައި ޒިހާނަށް ހުރެވުނެވެ.
“ޔޫ އާރ މޯސްޓް ވެލްކަމް!” ޒިހާން ވެސް އަމިއްލަ އަމިއްލައަށް ޖަވާބުދިނެވެ. އެއާއެކު އަނެއްކާވެސް ހީލެވުނީ އޭނަ ޔުނާއާއި ސީދާ ވާހަކަ ދައްކާނެ ދުވަހަކުން ވާނީ ކިހިނެއްތޯ ހިތް ސުވާލުކުރުމުންނެވެ. އެދުވަސް އޭނައާއި ނުހަނު ކައިރިހެން ހީވި ހީވުމާއެކު އެތައް އަހަރެއް ވަންދެން އެކަމަށްޓަކައި ބޭޤަރާރުވެފައިވި އޭނަގެ ހިތަށް ރާހަތެއް ލިބުނު ކަހަލަ އިޙްސާސެއް އޭނައަށް ކުރެވުނެވެ.
**
ޔުނާ ހޮސްޕިޓަލުން ދޫކޮށްލެވުނީ އެދުވަހުގެ ހަވީރެވެ. ޓެކްސީއެއްގައި އެޕާޓްމެންޓް ހުންނަ ޢިމާރާތަށް ދެވުނުއިރު އެހެން ދުވަސްދުވަހާއި ޚިލާފަށް އޭނަގެ ހަށިގަނޑުގައި ހަކަތަ ހުއްޓެވެ. މެންދުރު ރަނގަޅު ކެއުމަކުން އޭނަ ކެއީ އެތައް ދުވަހެއްފަހުން އެދުވަހު ވިއްޔާއެވެ. އެކަމާމެދު ހިސާބަކަށް ހަމަޖެހިގެން ހުރެ ޔުނާ ފެންވަރާލަން ދިޔައެވެ. އެހެނަސް އެ ހަމަޖެހުން މާ ގިނައިރެއް ވަންދެން އޭނަގެ ދެމިގެނެއްނުދެއެވެ. އޭނަގެ ޚިޔާލުތަކާއެކީ އޭނަ އެކަނިވެގެން ދިޔުމާއެކު ރޭގެ ހަނދާންތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔައެވެ. ރޭ އޭނަ ކަނޑުގެ އަޑިއަށް ގެނބިގެން ދިޔަ ހަނދާނެވެ. ގެނބިގެން ދިޔުމުގެ ކުރިން އެކަން ކުރި މީހެއްގެ އަތުތެރޭގައި އޭނަވީ ވަގުތުކޮޅެވެ. އެ ހިނދުކޮޅު ހަނދާން ވަމުން ދިޔަދިޔަހެން ވެސް ޔުނާގެ ގައިން ހީބިހި ނަގަމުން ދިޔައެވެ. މީހަކު ދުވަހަކުވެސް ޤަޞްދުގައި އޭނައަށް އެހާބޮޑު އަނިޔާއެއް ދީފާނެކަމަށް އޭނައަށް ހީވެފައި ނެތުމުންނެވެ. އަދި އަމުދުން އެއީ އޭނަ ނުހަނު ދަންނަ އަތެއްހެން ހީވެސްވަމުން ދިޔަ ގޮތުންނެވެ. ހޮސްޕިޓަލުގައި އޮތްއިރު މި ކަންތަކާއިމެދު ވިސްނެމުން ދިޔަ ވަރުން ޔުނާ ވަނީ މަރީއަށް ގުޅައި އެރޭ ކަންވީ ގޮތް ސާފުވޭތޯ ބަލާފައެވެ.
“މޭމް…..އެތާ މީހެއްނެތޭ ރޭގަ. މޭމް ނިދިޖެހިގެން ވެއްޓުނީކަމަށް އެކަން ތަޙުޤީޤު ކުރި ފުލުހުންވެސް ބުނީ. މާ ބޮޑަށް ވިއްސާރަވީމަ މޭމްއަށް ހީވި ގޮތް ކަންނޭނގެދޯ އެއީ؟”
މަރީގެ އެ ބަސްތަކުން ޔުނާ ހުއްޓުން އެރިއެވެ. އޭނަ ހިތުން އޭނަ ގުޅީ އެކަން ތަޙުޤީޤުކުރަން ބުނުމަށެވެ. އެހެނަސް އޭނަ ބުނުމުގެ ކުރިން އެކަން ތަޙުޤީޤުވެ ނަތީޖާވެސް ލިބިފައިވުމުން ޙައިރާންވިއެވެ. އަދި އަމުދުން އެ ނަތީޖާއިން އިވުނު ވާހަކައިން އަޖާއިބުވާހާވިއެވެ. އޭނަ ނިދިޖެހެން އުޅުނު ވަގުތު އޭނަ ރަނގަޅަށް ހަނދާން އެބަ ހުއްޓެވެ. އެ ހިނދު މީހަކު އޭނަ ގައިގައި ހިފެހެއްޓި ހަނދާންވެސްމެއެވެ. އޭނަ އެ ވާހަކަ ތަކުރާރުކޮށް ބުނުމުން ވެސް މަރީ ނެގީ ތަޙުޤީޤުގެ ނަތީޖާގެ ކޮޅެވެ. ހަމަ އެއާއެކު ޔުނާގެ ބޮލުގައި ރިހުމެއްވެސް އުފެދުނެވެ. ޙަޤީޤަތެއް ނެތް ކަންތައް އެހާ ޙަޤީޤަތާއި އެއްގޮތަށް ޚިޔާލުކުރެވޭ ވަރަށް ވެސް އޭނަގެ ޙާލަތު ގޯސްވަނީތޯ އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. އޭގެ ފަހަތުގައި ވަނީ އޭނައަށް އެރޭ ޖިނާހާއި ބެހޭގޮތުން އިވުނު ވާހަކަތޯ ވެސް ހިތަށްއެރިއެވެ. ޖިނާހާއި ހަމައަށް އޭނައަށް ޚިޔާލުތައް ދާއިރަށް އޭނަގެ ހިތް މޭގެތެރެއަށް ގެނބި މޭގައި ރިހުމެއް އުފެދެއެވެ. ފެންވަރައިގެން ރީތިވަމުން ދިޔަ ވަގުތުވެސް ޖިނާހު އޭނަ މަތިން ހަނދާން ނައްތާލައި އެހެން އަންހެން ކުއްޖަކާ އެކީ އުޅޭތަން ސިފަވުމުން ވެސް އޭނަގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.
އެހެނަސް އޭނަ އެދުވަހު ރޯކަށް ބޭނުމެއްނުވިއެވެ. ނޭނގޭ ސަބަބަކާހުރެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގުމުގެ ރޫޙެއް އެދުވަހު އޭނަގެ ހިތުގައިވިއެވެ. އެހެންކަމުން ރީތިވެ ނިމުމުން ޢަޞްރު ނަމާދަށްފަހު އެދުވަހު ނުކުރެވި ހުރި ނަމާދުތައް ޤަޟާކޮށްލީ ދޮންބެ ދިން އެތައް ނަޞޭޙަތެއްގެ މަތިން ހަނދާންކުރަމުންނެވެ. އަދި އެއަށްފަހު އެޕާޓްމެންޓުގައި ކަސްރަތަށް ޚާއްޞަކުރެވިފައިވާ ކޮޓަރިއަށް ގޮސް ސްޓޭޝަނަރީ ބައިސްކަލު ދުއްވަން ފެށީ ޙަރަކާތްތެރިވުމުން އޭނަގެ ސިކުނޑިއަށް ލުއެއް ލިބޭނެކަން ދަނެގެންނެވެ. 20 ވަރަކަށް މިނެޓް ވަންދެން ދުއްވަން އިނުމަށްފަހު ބައިސްކަލުން ފޭބިއިރު އޭނަ ހުރީ މާ ނޭވާ ލެވި އަނެއްކާވެސް ފެންވަރާ ވަރުވެފައެވެ. އެހެނަސް އޭނަގެ ސިކުނޑި ހޭލި އެވަގުތުކޮޅުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި ޔުނާ ދިޔައީ އޭނަގެ ކިޔަވާ ކޮޓަރިއަށެވެ.
ކިޔަވާ މޭޒުދޮށުގައި އިށީނދެ ހަމަޖެހިލި ވަގުތުވެސް އޭނަގެ ހިތަށް އުދަގޫވާފަދަ ޚިޔާލުތައް ސިކުނޑިއަށް ވެރިވަމުން ދިޔައެއްކަމަކު އޭނަ ލެޕްޓޮޕް ހުޅުވާލަމުން އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ ކިޔެވުމަށް ދެވޭތޯ ބެލިއެވެ. ޔުނިވާރސިޓީގެ މޮޑިއުލްތަކާއި އެސައިންމެންޓްތައް އަޕްލޯޑް ކުރެވިފައިވާ ސައިޓަށް ގޮސް ސްކްރޯލް ކުރަމުން ދަނިކޮށް އޭނަގެ ފަހު ދިރާސީ ކަރުދާހުގެ ވާހަކަ ފެނުމުން ޔުނާ އެއަށް ޝައުޤުވެރިވިއެވެ. އަދި އޭތި ހަދަންޖެހޭ ދުވަސް ކައިރި ނުވިޔަސް ޔުނާ އޭނަގެ ފަހު ދިރާސީ ކަރުދާސް ލިޔާނެ މަޢުޟޫއެއް ކަނޑައަޅާލަން ބޭނުންވިއެވެ. ދިރާސާއަށް އޭނަގެ ހުންނަ ޝައުޤުވެރިކަމުގެ ސަބަބުން އޭނަ ވާނީ އޭނަ ކިޔަވާ ދާއިރާއިން އޭނަގެ ސަމާލުކަން އެންމެ ބޮޑަށް ހޯދި މަޢުޟޫތަކާއި އެކި އެކި ސުވާލުތައް ނޯޓުކުރުމަށް ވަކި ފޮތެއް ޚާއްޞަކޮށްފައެވެ. ކިޔަވާ މޭޒުގެ އެއްފަރާތުގައި ހުންނަ ވަތްގަނޑު ދަމާލަމުން ޔުނާ އެ ފެހިކުލައިގެ ލިޔާ ފޮތް ނެގިއެވެ. އަދި އޭތި ހުޅުވައި އެކިއެކި ގަނޑުތައް ހިއްލަން ފެށިއެވެ. ގަނޑުތައް ހިއްލަމުން ދަނިކޮށް އޭނަ ހުއްޓުން އެރީ ފޮތުގެ މެދުތެރެއިން ވަކިން އޮތް ގަނޑެއް ފެނުމުންނެވެ. ސިކުންތުކޮޅެއް ވަންދެން އެއަށް ބަލައިގެން އިނުމަށްފަހު އެއީ ކޯޗެއްކަން އެނގުންވުމުން ޔުނާއަށް ހީލެވުނެވެ. ވަކިން ޚާއްޞަކޮށް އޭގައި އޮތް ޞުރުޚީ ފެނުމުންނެވެ.
“އިޒް ޕްރިންސް ޗާރމިންގް ފޯ ރިއަލް؟” އެ ޞުރުޚީ ކިޔާލެވުމާއެކު ދެވަނަ ފަހަރަށް ވެސް އޭނައަށް ހީލެވުނެވެ. މިއީ އޭނަ ފުރާވަރުގައި ލިޔުނު ލިޔުންކޮޅެއްކަން ހަނދާންވުމުންނެވެ. އެއީ އޭނަ ޝައުޤުވެރިވި މަޢުޟޫއަކަށް ވުމުންނެވެ. ފިލްމުތަކުން ފެންނަ ‘ޕްރިންސް ޗާރމިންގް’ ގެ ޝަޚްޞިއްޔަތަކީ ޙަޤީޤީ ދިރިއުޅުމުގައި ފެނިދާނެ ޝަޚްޞިއްޔަތެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރެވޭ ބަހުސެވެ. އެ ގަނޑުގައި އޭނަ ވަނީ އެފަދަ ޝަޚްޞިއްޔަތެއްގެ ކިބައިގައި ހުންނާނެ ސިފަތައް ލިސްޓު ކޮށްފައެވެ. ފުރާވަރުގައި އޭނަ އެ ލިސްޓް ހެދީ ހަމައެކަނި ބަލާފައިވި ފިލްމުތަކަށް ބުރަވެއެވެ. ސްކޫލް ދައުރު ނިމުމުން އޭނަ ވަކި ހިސާބަކުން އެ މަޢުޟޫ މަތިން އެކުއެކީ ހަނދާން ނެތޭ ގޮތްވެސްވިއެވެ. އެހެނަސް ޔުނިވާރސިޓީގައި އޭނަ ކިޔަވާ ދާއިރާގެ ޒާތުން އެކިއެކި ޝަޚްޞިއްޔަތުތަކުގެ އަސްލުތަކާއިމެދު ކިޔަވަން ފެށުމުން އަނެއްކާވެސް އެ ޒާތުގެ ލިސްޓެއް ހަދާލެވުނީ އެއްދުވަހު ފޫހިވެފައި ހުރި ވަގުތެއްގައެވެ. އޭނަ އެންމެ ލަދުގަތީ އޭނަ އެންމެ ފަހު ރާއްޖެ އަނބުރާ އައި ފަހަރު ދޮންބެ އޭނަ ގާތު ހުސް ލިޔާ ފޮތެއް ދޭށޭ ބުނުމުން އެ ލިޔުންކޮޅު ހުރި ފޮތް ދޮންބެއަށް ދެވުމުންނެވެ. ފޮތް ހުޅުވައި ކިޔަވާ ކޮޓަރިން ނިކުންނަން ދަމުން ދޮންބެ އެ ޞުރުޚީ ކިޔާލި އަޑަށް ޔުނާއަށް ތެޅިގަންނަމުން އެ ފޮތް ޖަހައިގަނެ ވަގުތުން އެ ގަނޑު ފޮތާއި ވަކި ކޮށްލަމުން ދޮންބެގެ އަތަށް ފޮތް ލައިދިނެވެ.
“ކީއްވެ މާ ވަރަކަށް އޭތި ތި ފޮރުވަނީ؟” ދޮންބެ ޒާތަކަށް ހެވިފައިހުރެ އެދުވަހު ސުވާލުކުރިއެވެ.
“އެއީ….އެއީ ހަމަ މާ މޮޔަ ލިޔުންކޮޅަކަށްވީމަ.” ޔުނާ އޭތި މެއާއި ލައި ބުނެލިއެވެ.
“ކީއްވެ މޮޔަ ލިޔުމަކަށްވީ؟” ޔަޒްދާން ހަޝަމް ބަދެލަމުން އެހިއެވެ. ޔުނާ ދެލޯ މަރައި ތަގުޅިކޮށްލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޕްރިންސް ޗާރމިންގް ސިންޑްރޮމް ދޮންބޭ! އަހަންނަށް ހީވަނީ އަހަރެން ހުންނަނީހެން އެ ސިންޑްރޮމް ކޮންމެވެސް ވަރަކަށް. ހުރިހާ ގޮތަކުން ފުރިހަމަ ފިރިހެނެއް ނޫނީ ލައިކްނުވާ ކަހަލަ ނަފްސާނީ ކަމެއް އެއީ. އެކަމަކު ދިރިއުޅުން އެހާ ފުރިހަމައެއް ނުވާނެ ދޯ ދޮންބެ. އެހާ ޕާރފެކްޓް މީހުން ރިއަލް ލައިފްގަ ނުއުޅޭ. އެހެންވީމަ ކުޑަކޮށް ކޮމްޕްރޮމައިޒް ކޮށްގެން ޙަޔާތަށް ކުއްޖަކު ގެންނަން ދޯ ވާނީ؟” ޔުނާ އެހެން ބުނެލީ އެ ގަނޑު ހިފައިގެން ކިޔަވާ މޭޒުދޮށުގައި ހުރި ޑަސްބިނަށް ލާން ދަމުންނެވެ. އޭނަ ބުނެލި ފަހު ޖުމްލައާއެކީ އޭނަގެ ހަނދާނަށް އައީ ޖިނާހެވެ. ޖިނާހާއި އޭނަ ރައްޓެހިވީ ޖިނާހަކީ ވަރަށް ގިނަ ގޮތްގޮތުން އޭނައަށް ކަމުދާ ޒުވާނަކަށްވީތީވެއެވެ. ރީތިވެފައި މުއްސަނދި ޢާއިލާއަކަށް ނިސްބަތްވެފައި އޭނަ ފަދައިން މޮޅަށް ކިޔަވާ ޒުވާނަކަށް ވުމުންނެވެ. ޖިނާހުގެ ކިބައިގައި މަދުން ނަމަވެސް ދޮގުހެދުމާއި، ހުތުރު ބަސް ބޭނުންކުރުމާއި، އޭނައަށްވުރެ ދަށް މީހުންނަށް މަލާމާތް ކުރުމާއި މީހުންނަށް އޮޅުވާލުމުގެ ބައި ހުއްޓަސް އެކަންތައް ނުފެންނަ ކަމަށް ހެދީ އޭނަ ދެންމެ ބުނި ފަދައިން ދިރިއުޅުން ފުރިހަމަ ނުވާނެކަމަށް އަމިއްލަ ނަފްސުގާތު ބުނަމުންނެވެ. އެފަދަ ޚިޔާލެއްގައި އެވަގުތުވެސް ވަނިކޮށް ދޮންބެ ބުނެލި ވާހަކައިން އޭނަ ހުއްޓުން އެރިއެވެ.
“ތެދެއް….ކުޑަކޮށް ކޮމްޕްރޮމައިޒް ކުރަންވާނީ. އެކަމަކު ދޮންބެ ތިކަހަލަ ޕްރިންސް ޗާރމިންގްއެއް ޔުނާއަށް ގެނެސްދީފާނަމޭ ބުނެފިއްޔާޔޯ؟” ޔަޒްދާން އެހެން އަހާލީ ދެލޯ ހަނިކޮށްލަމުން ލުއި ހިނިތުންވުމަކާއި އެކީގައެވެ.
“ޔޫ ކާންޓް ބީ ސީރިއަސް ދޮންބޭ!” ޒާތަކަށް ހީލަމުން ޔުނާ ބުނެލިއެވެ.
“އައިމް ސީރިއަސް! ހަމަ ތިކަހަލަ އޯގާތެރި، ތެދުވެރި، އަމާނާތްތެރި، ލޯބިވާ ކުއްޖާ ނޫން އެހެން ކުދިންނަށް ސަމާލުކަން ނުދޭ، ޑީސެންސީގެ ހައި ސްޓޭންޑާޑްއެއް ގެންގުޅޭ، ކޮންސިޑަރޭޓް، އިމޯޝަނަލީ އިންޓެލިޖެންޓް، ހިތްހެޔޮ، ބީރައްޓެހިންނަށް ވެސް ކަންތައް ކޮށްދޭ، އަމިއްލަ މައިންބަފައިންނަށް އިޙްތިރާމް ކުރާ، އަދި ލޯބިވާ އަންހެން ކުއްޖާގެ ޢާއިލާ ކައިރިއަށް ކައިވެންޏަށް އެދޭނެހާ ގަޓުހުރި ޕްރިންސް ޗާރމިންގްއެއް ދޮންބެ ހޯދައިދީފާނަން.” ޔަޒްދާން ބުނެލިއެވެ. ދޮންބެ އެހެން ބުނެލިއިރު އެމޫނުމަތީގައިވި ޔަޤީންކަމުން ޔުނާއަށް އިރުކޮޅެއް ވަންދެން ވިސްނުމެއްގައި ހުރެވުނެވެ. އެއީ ކާކުތޯ ހިތަށްއެރިއެވެ. އިސާހިތަކު ޔުނާގެ ހަނދާނަށް އަންނަން ފެށީ ގެ ކައިރީގައި ހުންނަ މިސްކިތުން ނިކުންނައިރު ޢާއްމު ގޮތެއްގައި ދޮންބެ ކައިރިން ފެންނަ ދީންވެރި ފިރިހެނުންނެވެ. އޭގެއިން މީހަކު ފެނުނަސް ޔުނާގެ މޫޑު ޚަރާބުވެގެންދެއެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ހިނިތުންވާން ނޭނގޭ ބައެއްކަމަށް ޔުނާއަށް ވިސްނިފައިވެއެވެ. ވަކިން ޚާއްޞަކޮށް އެމީހުންނާއި މެދު ޖިނާހު އޭނަގެ ކަންފަތް ފުރުވާފައި ހުރި ގޮތުން ޔުނާއަށް އެމީހުންނާއިމެދު ހެޔޮކޮށް ވިސްނޭ ގޮތެއްނުވެއެވެ. ދޮންބެ އެ ދައްކަނީ ނިރުބަވެރި ނަޒަރިއްޔާތެއް ގެންގުޅޭ ‘ޕްރިންސް ޗާމިންގް’ އެއްގެ ވާހަކަ ކަމަށްވާނަމަ އޭނަ އެއްގޮތަކަށް ވެސް އެމީހަކު ބޭނުމެއްނޫނެވެ.
އެދުވަހު ދޮންބެގާތު ‘ނޯ ތޭންކްސް’ އޭ އޭނައަށް ބުނެލެވުނީ އޭނަ އުޅެނީ ވަރަށް އުފަލުގައި ކަމަށް ބުނަމުންނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެއީ އޭނައަށް ކަމުނުދާނެ މީހެއްކަމަށްވާނަމަ ދޮންބެ އޭނަ ގާތު އެ ވާހަކަ ނުބުނީސް ކަމަށް އޭނަގެ ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔައެވެ. އޭނަ އެ ގޮވުމަށް ބީރު ކަންފަތެއް ދިނީ އޭނަ އުޅެނީ ޖިނާހާއެކީ ވަރަށް އުފަލުގައި ކަމަށް އަމިއްލަ ނަފްސު ގާތު ބުނަމުންނެވެ. މިއަދު މި ވަނީ އޭނަ އަމިއްލަ ނަފްސަށް ވިސްނައިދިންހާ ވާހަކަތައް ވިއްސިވިހާލި ވެފައެވެ. ބުރުގާއާއިމެދު އޭނައާއި ޖިނާހު ދެކެމުން އައީ އެއްގޮތަކަށް ވިޔަސް ޖިނާހު އޭނަގެ އިޙްސާސްތަކާއިމެދު ވިސްނާލިނަމަ ގަދަކަމުން އޭނަ ލައްވާ ކަމެއްކުރުވަން ނުއުޅުނީހޭ ފުރަތަމަ ފަހަރަށް ޔުނާގެ ހިތަށްއެރިއެވެ. ހަމަ އެ ހިނދު ޔުނާއަށް އަނެއްކާވެސް އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ ގަނޑަށް ނަޒަރެއް ދެވުނެވެ. އެދުވަހު ދޮންބެ އޭނަގާތު އެ ގަނޑު އުކާނުލާ ބޭއްވުމަށް އެންގީ ޙަޔާތުގެ ބައިވެރިއަކާއިމެދު އޭނަ ގެންގުޅޭ ‘ސްޓޭންޑާޑް’ ތައް ދަށްނުކުރުމަށް ބުނަމުންނެވެ. ޔުނާގެ އެ ލިސްޓުގައި ސިފަކުރެވިފައިވި ޝަޚްޞިއްޔަތެއްގެ ވެރިއަކު ނޫނީ ޙަޔާތަށް ނުގެންނަން ބުނަމުންނެވެ.
ހަމައެއާއެކު އެދުވަހު އަނެއްކާވެސް ދޮންބެ އެދުވަހު ސިފަކޮށްފައިވާނީ ކާކުތޯ ޔުނާގެ ހިތަށްއެރިއެވެ. ސިކުނޑިއަށް ކިތަންމެ ބާރުލިއެއްކަމަކު ދޮންބެއާއެކީ އުޅޭ އޭނައާއި އެއްޢުމުރެއްގެ ޒުވާނަކު އޭނަގެ ހަނދާނަކަށް ނައެވެ. މިއަދު ހޮސްޕިޓަލުގައި އޭނަ އޮތްވާ އޭނައަށް ކާ އެއްޗެހި ފޮނުވީ އެ ޒުވާނާއަށް ވެދާނެ ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ ޔުނާގެ މެއަށް ފިނިވިއެވެ. އޭނައަށްޓަކައި ކާއެއްޗެހި ގެންނާނީ ހަމަ ގައިމުވެސް ދޮންބެ ދަންނަ މީހެއްކަމަށް އޭނައަށް ނިންމިފައިވިއެވެ. އެއީ ދޮންބެ އެދުވަހު އޭނައަށް ސިފަކޮށްދިން ޒުވާނާއަށް ވެދާނެބާއޭ ތަކުރާރުކޮށް ހިތް ސުވާލުކުރަން ފެށިއެވެ. ހަމަ އެއާއެކު ޔުނާ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ.
**
އިރުއޮއްސެމުން ދިޔަ ވަގުތު ޒިހާންގެ މިޞްރާބުހުރީ އޭނަ އުޅޭ ޢިމާރާތާއި ކައިރި ހިސާބެއްގައި ހުރި މިސްކިތާއި ދިމާލަށެވެ. މާލޭގެ ހަލަބޮލި މަގުން ލަސް ހިނގުމެއްގައި އޭނަ ހިނގާފައި ދިޔައިރު އޭނައަށް ވިސްނެމުން ދިޔައީ ޔުނާއާއި މެދުގައެވެ. ރޭ އޭނަ ފުލުހުންނަށް ޔޮޓުގައި ދިމާވި ޙާދިސާ ރިޕޯޓު ކުރުމުން އޭގެ ނަތީޖާ ނިކުތް ގޮތާއިމެދު އޭނަ ހިތްހަމައެއްނުޖެހެއެވެ.
“މާއިޒް ޓްރަސްޓް މީ! އަހަރެން ދުށީމޭ އެ ޑެކްގެ މަތިން މީހަކު ހިނގާފަ ގޮސް އެ އަންހެން ކުއްޖާ ނެގިތަން. މާއިޒް ނުދެކެންތަ؟” އެދުވަހު މެންދުރު އޭނައަށް އެ ތަޙުޤީޤުގެ ވާހަކަ އިވުމުން ހިތުގައި އުފެދުނު ޝަކުވާއާއިއެކީ މާއިޒްއަށް ގުޅާލެވުނެވެ.
“ބްރޯ އަހަންނަށް އެދިމާލަށް ބެލުނީ ވެސް އެ އަންހެން ކުއްޖާ ވެއްޓުނު ހިސާބުން. ޕްލަސް އެ ޑެކް ފެންނަމުން ދިޔައީ ވެސް އަނދިރިކޮށްދޯ؟ ވީ ކާންޓް ބީ ޝުއާރ.” މާއިޒް ބުންޏެވެ.
ޒިހާން އެއަށްފަހު ވެސް މާއިޒްއާއި އެތައް ވާހަކައެއް ދައްކައި އަލުންވެސް އެ މައްސަލަ އިތުރަށް ބަލައިދޭން ފުލުހުންނަށް އެދެން އުޅުނެވެ. އެހެނަސް އޭނައަށް ފެނުނު މަންޒަރުގެ ހެކިވެރިއަކަށް ހުރީ ހަމައެކަނި އޭނައަށްވުމުން އެކަން ކުރިއަށް ނުދިޔައެވެ. އެމީހަކު ޔުނާ ނެގިކަން ޔުނާއަށް އެނގިފައިވާނެތޯ ޒިހާނަށް އަމިއްލަ ޒަމީރާއި ސުވާލުކުރެވެމުން ދިޔައެވެ. ޔުނާއާއި އެ ސުވާލުކޮށް އެރޭ އެ ޔޮޓަށް ދިޔަ އެންމެންގެ ލިސްޓެއް އޭނައަށް ދިނުމަށް އެދެން ވެސް ޒިހާންގެ ހިތް އެތައް ފަހަރަކު ބުންޏެވެ. އޭނަ ކޮންމެ ގޮތެއްވިޔަސް އެ މަޢުލޫމާތު ހޯދައި އެ މުޖުރިމާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރާނެއެވެ. ޔުނާ އަމިއްލައަށް ވެސް އެ ފިޔަވަޅު އަޅާނެކަމަށް ޒިހާނަށް އުއްމީދުކުރެވުނެވެ. ޔުނާގެ ޞިއްޙަތު ރަނގަޅުވީ އިރަކުންނެވެ.
ޔުނާގެ ޞިއްޙަތާއި މެދު ވިސްނާލެވުމާއެކު އޭނައަށް އާދައިގެ މަތިން ހިތާހިތުން ޔުނާއަށްޓަކައި ދުޢާކުރެވުނެވެ. މިހާރު ޔުނާ ރަނގަޅުވާނެތޯ ހިތަށްއަރަމުން ދިޔައެވެ. ޔުނާ އޭނަ ގެންދިޔަ އެއްޗެހި ކައި ހުސްކުރުމުން އޭނަ އުފާވިއެވެ. އޭތި ގެނައީ ކާކުކަން ޝައްކުނުވާނެ ފަދަ ގޮތަކަށް ޒިހާން ތަށި އަނބުރާ ހޯދަން ދިޔައީ ޔުނާ ކައި ނިމިގެން ނިދިފައި އޮތް ގަޑިއެއްގައެވެ. ނަރުސްކުއްޖާ އެ ތަށިބަރި ސާފުކޮށްފައި އޭނައާއި ޙަވާލުކޮށްދިނީ ޔުނާ އެކަމަށް އެދުނު ވަރުންކަމަށް އެކުއްޖާ ބުންޏެވެ. ޒިހާން ގެއަށް އައިސް ތަށިބަރި ހުޅުވާފައި ބަލާލިއިރު އޭގެ ތެރޭގައި ގަނޑުކޮޅެއް އޮތެވެ. ގަނޑުކޮޅު ހުޅުވައި ބަލާލިއިރު އޮތީ ‘ތެންކިއު، ރޭންޑަމް ސްޓްރޭންޖާރ’ އެވެ. އެ ބަސްތައް ކިޔާފައި އޭނައަކީ ޔުނާގެ ‘ފިރިމީހާ’ ނޫންތޯ އަމިއްލަ އަމިއްލައަށް ސުވާލުކޮށްލެވުނެވެ. އެއާއެކު އެކަނި ހުރެވެސް ހީލެވުނެވެ.
ކޮންމެ ގޮތެއްވިޔަސް އެވަގުތު ޔުނާއާއި މެދު ހަނދާންވަމުން ދިޔަގޮތުން އެރޭ ހުޅުމާލެއަށް ބުރެއް އަޅާލަން ޒިހާން ނިންމިއެވެ. ޔުނާ އުޅޭ ޢިމާރާތް ބަލަހައްޓަން ހުންނަ ސެކިއުރިޓީ ބޭބެ ކައިރިން އަހައިގެން ވިޔަސް ޔުނާގެ ޙާލު ބަލާލުމަށެވެ. ޒިހާން ބަންގީގެ އަޑު އިވިފައި ފިޔަވަޅުތައް އަވަސްކޮށްލީ އޭނަ އެ ނިންމި ނިންމުމާމެދު ހިތްހަމަޖެހިފައި ހުރެއެވެ.
**
ޔުނާ އެރޭގެ ޢިޝާ ނަމާދަށްފަހު އޭނަގެ ކާރަށް އަރައި ސްޓާޓްކޮށްލީ ކާރު ސާފުކުރުވުމަށްޓަކައި ޢިމާރާތާއި މާ ދުރު ނޫން ހިސާބެއްގައި ހުންނަ ގަރާޖަކަށް ކާރު ލުމަށެވެ. މިރޭ އޭނަ އެކަން ކުރަން ނިންމީ ހަމައެކަނި ކާރު ސާފުކުރަން ޖެހޭތީވެއެއް ނޫނެވެ. ކާރު ގަރާޖަށް ލާފައި ކުރު ހިނގާލުމަކަށް ދިޔުމުގެ ވެސް މަޤްޞަދުގައެވެ. ދޮންބެ ނިޔާވި ފަހުން އޭނަ އަދި ދުވަހަކުވެސް އެގޮތަށް ބޭރަށް ގޮސްފައެއް ނުވެއެވެ. ބޭރަށް ދިޔައިއްޔާ އޭނަ ދަނީ ހޮޓެލްގެ ބްރާންޗްތަކަށެވެ. އިތުރު ތަނަކަށް އޭނަ ނުދެއެވެ. އެހެނަސް މިއަދަކީ އޭނައަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބިގެން އުޅޭ ދުވަހެއްކަމުން ހިނގާލުމަކަށް ގޮސްލުމުން ސިކުނޑި ތާޒާވާނެކަމަށް ހިތް ބުނަމުން ދިޔައެވެ.
ކާރު ގަރާޖަށް ލުމަށްފަހު ހިނގަމުން ދަނިކޮށް ޔުނާގެ ފިޔަވަޅުތައް ލަސްވެގެން ދިޔައީ ދޮންބެ ދުނިޔޭގައި ހުރިއިރު ދޮންބެ އޭނައާއެކީ ވަރަށް ގިނައިން ގޮސް އުޅޭ ފިހާރައެއް ފެނުމުންނެވެ. އެ ފިހާރައިން ޢާއްމުގޮތެއްގައި ދޮންބެ އޭނައަށް ގަނެދޭނީ އޭނައަށް އެންމެ ކަމުދާ ބްރޭންޑްގެ ޑާރކް ޗޮކްލެޓެވެ. އެ ހަނދާންތައް އާކޮށްލަން ހިތް އެދުނު ވަރުން ޔުނާއަށް ފިޔަވަޅުތައް މަޑު ޖައްސާލަމުން އެ ފިހާރައާއި ދިމާލަށް މިޞްރާބު ޖެހިއެވެ. އޭނަ އެ ފިހާރައާއި ގާތްވަމުން ދިޔަދިޔަހެން އެ މަގުން ދުއްވާފައި އައި ސައިކަލެއްވެސް އޭނައާއި ދާދި ކުރިމައްޗަށް ވާގޮތަށް ފިހާރައިގެ ކައިރީގައި ޕާކްކުރެވިގެން ދިޔައެވެ. ޔުނާއަށްވުރެ ކުރިން އެ ސައިކަލުން ފޭބި ޒުވާނާ ފިހާރައަށް ވަން މަންޒަރު އޭނައަށް ފެނުނެވެ. ޒުވާނާ ލައިގެން ހުރި ނޫކުލައިގެ އަތްދިގު ގަމީހާއި ފަޓުލޫނުގެ އިތުރުން އޭނަގެ ބިޔަ ހަށިގަނޑު ޔުނާއަށް ފާހަގަކުރެވުނެއްކަމަކު އޭނަ ވަކި މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނަގެ އެކުވެރިންނާއެކީ ހުރިނަމަ އޭނަވެސް އެމީހަކާއި އަޅައިގަނެގެން އުޅުނީހެވެ. ހަމައެކަނި އެކުވެރިންނާއި ބައިވުމަށެވެ. ޔުނާ ދެކޭގޮތުގައި އެފަދަ ރީތިކަމެއް ކޮންމެ ފިރިހެނެއްގެ ކިބައިން ވެސް ފެނިދާނެއެވެ. ކޮންމެ ކޮންމެ މީހެއްގެ ކިބައިން ނުފެންނާނީ ދޮންބެ އޭނަ ގާތު ހިފަހައްޓަން އެންގި ‘ސްޓޭންޑާޑް’ ތަކެވެ. އެ ވާހަކަތައް ހަނދާންކުރަމުން ހިތަށް ލިބުނު އިތުރު ސާބިތުކަމާއެކީ ޔުނާ ފިހާރައަށްވަނެވެ.
ފިހާރައިގެ ތެރެއިން ހިނގަމުން ގޮސް ދޮންބެގެ އެކި ހަނދާންތައް އާ ކުރަމުން ޔުނާ އެންމެފަހުން ދިމާކުރީ ޗޮކްލެޓް ހުންނަ ހަރުގަނޑާއި ދިމާލަށެވެ. އޭނަ ހަރުގަނޑާއި ހަމައަށް ދިޔަ ވަގުތު ކުއްލިއަކަށް ފުރިފައި ހުރި ފުޅިއަކުން އެއްޗެހިތަކެއް ބިމަށް ވެއްޓުނު އަޑަށް ދިގު ފިޔަވަޅުތަކާއެކީ ޔުނާ އެ ހަރުގަނޑު ފެންނަ ހިސާބަށް ދިޔައެވެ. އޭނަ ބަލާލިއިރު އެ ހަރުގަނޑުގެ ތަންކޮޅެއް އެކޮޅުގައި ހުރި ކުޑަ އަންހެން ކުއްޖެއްގެ އަތުން ޗޮކްލެޓް ފުޅިއެއް ބިމަށް ވެއްޓުނީއެވެ. ޕެކްކުރެވިފައިވި ކުދިކުދި ޗޮކްލެޓްތައް އެ ދެ ހަރު ދޭތެރޭ ބިންމަތީގައި އެތުރިފައިވި ގޮތުން އެ އަންހެން ކުއްޖާ ހުރީ ނުތަނަވަސްވެ އަނގަމަތީގައި ދެއަތް އަޅައިގެންނެވެ.
“އޮހޯ ކޮއްކޯ ކިހިނެއްތަވީ؟” ޔުނާ އެދިމާލަށް ދާންއުޅުނު ވަގުތު އެ ދެ ހަރު ދޭތެރޭ އޭނައާއި ކައިރި ހިސާބެއްގައި ހުރި ޒުވާނާ އެދިމާލަށް ބަލާލަމުން ބުނެލިއެވެ. ޔުނާ ބަލަބަލާ ހުއްޓާ އެ ޒުވާނާ އެ ކުއްޖާގެ ކައިރިއަށް ގޮސް އެ ކުއްޖާގެ ކުރިމަތީގައި ކުޑަ ކަކޫ މައްޗަށް ތިރިވުމުން ޔުނާއަށް ބަލަހައްޓައިގެން ހުރެވުނެވެ.
“މިސްޓޭކަކުން ވެއްޓުނީދޯ؟ އެއީ މައްސަލައެއްނޫން. ކޮންމެ މީހެއްގެ އަތުން ވެސް ވެއްޓިދާނެ. ހިނގާދޯ ހުރިހާ ޗޮކްލެޓެއް ނަގާލަން ބޭބެއާއެކީ؟” ޒުވާނާ އެހެން ބުނެލިއިރު އޭނަގެ މޫނު ނުފެނުނަސް އޭނަ ހުންނާނީ ހިނިތުންވުމެއްގައިކަން ޔުނާއަށް ޔަޤީންކުރެވުނެވެ. އޭނަ އެހެން ބުނުމާއެކީ އެ އަންހެން ކުއްޖާވެސް ތިރިވެލަމުން އޭނައާއެކީ ޗޮކްލެޓްތައް ނަގަން ފެށިއެވެ. މިނެޓެއްހާއިރު ތެރޭ ހުރިހާ ޗޮކްލެޓެއް އެއްކޮށް ނަގާ ނިމުމުން ކޮއްކޮ ހާދަ މޮޅޭ ބުނެ އެ ޒުވާނާ އެކުއްޖާއަށް ތަޢުރީފުކުރިއެވެ. އެއަށްފަހު އެ ކުއްޖާ ލައްވާ އެ ފުޅި އުފުލުއްވައި އެ ކުއްޖާ ކުޑަކޮށް އުފުއްލާލަމުން އެ ފުޅި ހުރިތާ ބެހެއްޓުމަށް އެހީވިއެވެ. އެ މަންޒަރު ފެނިފައި ޔުނާ ހިނިތުންވުމެއްގައި ހުއްޓާ އެ ކުއްޖާ ނުހަނު އުފާވެފައި އޭނަ ހުރި ދިމާލަށް އައިއިރު އެ ޒުވާނާ އެ ހުރި ދިމާލުން ހުރި ހަރުގަނޑުގައި ހުރި ފޮށްޓަކުން ޗޮކްލެޓެއް ނަގައިގެން ހަރުގަނޑުގެ އެފަރާތުން އަނބުރާލަމުން ދިޔައެވެ. އެ ޒުވާނާގެ ފަރާތުން އެ ފެނުނު ސިފައާމެދު ވިސްނަމުން ޔުނާ އޭނަ ގަންނަން އައި އެއްޗެއް ފެނޭތޯ ބެލިއެވެ. އޭނައަށް ކަމުދާ ޒާތުގެ ޗޮކްލެޓް ހުރި ފޮށި ފެނުނީ އެ ހަރުގަނޑުގެ އެންމެ ކޮޅުންނެވެ. އެ ފޮށިގަނޑުގައި އެންމެ އެއްޗެއް ވެސް ނެތްތަން ފެނިފައި ޔުނާއަށް ސިފަވީ އެ ޒުވާނާ ނެގި ޗޮކްލެޓެވެ. އެއީ އޭގައި އޮތް އެންމެ ފަހު އެތިކަން ޔަޤީނާއި ގާތްކުރެވުމުން ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަގެ މޫޑު ރަނގަޅު ކުރުމަށްޓަކައި ހަމަ އެ ހަރުގަނޑުން އެހެން އެއްޗެހި ނަގައި އޭނަގެ އަތުގައި އެޅުވިފައިވި ވަށިގަނޑަށް އެޅިއެވެ.
ޔުނާއަށް ދެން އެ ޒުވާނާ ފެނިގެން ދިޔައީ ކައުންޓަރު ގެ ކައިރިންނެވެ. އެތަނުން ވެސް އެ ޒުވާނާ ފެނިގެން ދިޔައީ ފަހަތުން ކަމަށްވިޔަސް ފިހާރަ ބަލަން ހުރި މުސްކުޅި ބޭބެއާއި އޭނަ މުޚާތަބު ކުރަމުން ދިޔަ އެކުވެރި ރާގު ޔުނާއަށް ފާހަގަވިއެވެ. ޗޮކްލެޓް ޕެކްކޮށްދޭން އެދުމުން އެރޭ ޕެކް ނުކުރެވޭނެ ކަމަށް ބުނުމުން އެއްވެސް މައްސަލައެއްނެތޭ ބުނެލީ އެ ބޭބެއަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. އަދި ރީތި ކަރުދާސް ކޮތަޅެއްގައި އޭތި ހޯދީ އެއީ މީހަކަށް ދޭން ގަތް ހަދިޔާއެއްހެން ހީވާ ފަދަ ގޮތަކަށެވެ. އޭތި ލިބޭނީ އެ ޒުވާނާގެ ލޯބިވެރިޔާއަށްކަން ޔުނާއަށް ޔަޤީނާއި ގާތްކުރެވުނެވެ. އިސާހިތަކު އެ ވާނީ ހާދަ ނަސީބުގަދަ އަންހެން ކުއްޖަކަށޭ ޔުނާގެ ހިތަށްއެރިއެވެ.
ޔުނާ ކައުންޓަރާއި ހަމައަށް ދިޔައީ އެ ޒުވާނާ ދިޔަ ފަހުންނެވެ. އޭނަ ހީކުރީ ދެން އޭނައަށް އެޒުވާނާ ގެއްލުނީ ކަމަށެވެ. އެހެނަސް އޭނަ ގަތް އެއްޗެހި ހުރި ކުޑަ ކޮތަޅާއެކީ ޔުނާ ފިހާރައިން ނިކުތްއިރު މިފަހަރު އެ ޒުވާނާ ފެނިގެން ދިޔައީ ފުރާވަރުގެ ފިރިހެން ކުއްޖަކާއި ވާހަކަ ދައްކަން ހުއްޓައެވެ. އެ ކުއްޖާ ބޮޑު ދަބަހެއް އަޅައިގެން ހުރި ގޮތުންނާއި ކޮންމެވެސް އެޑްރެހަކަށް ދާންވީ ގޮތް ނޭނގިގެން އުޅުނު ގޮތުން އެއީ އަލަށް ހުޅުމާލެއަށް އައިސްގެން އުޅޭ ކުއްޖެއްހެން ހީވިއެވެ. ޒުވާނާ އެޑްރެސް ހުންނަތަން ކިޔައިދީދީ ނޭނގުމުން އެންމެ ފަހުން އެކުއްޖާ އޭނަގެ ސައިކަލު ފަހަތަށް އަރުވައިގެން ގެންގޮސްދޭނެ ވާހަކަ ބުނެލީ އޭނަވެސް ދަނީ އެ ދިމާލަށް ކަމަށް ބުނަމުންނެވެ. އެކުއްޖާ ނުހަނު އުފަލާއެކީ ސައިކަލަށް އެރީ ބޮޑު ނިޢުމަތެއް ލިބުނު ފަދައަކުންނެވެ. ސައިކަލު ދުއްވާލި މަންޒަރަށް ބަލަން ވެސް ޔުނާއަށް ހުރެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. މިއީ އޭނައަށް ފެންނަމުން ދިޔަ ހުވަފެނެއްތޯވެސް ހިތާހިތުން ސުވާލުކޮށްލެވުނެވެ. ދޮންބެ ފިޔަވައި އެހާ ރަނގަޅު މީހަކު އޭނައަށް ފެނުނުހެނެއް އޭނައަށް ހިއެއްނުވެއެވެ.
އޭނަ ގެއާއި ދިމާލަށް ދާން ހިނގައިގަތީ ވެސް އެ ޒުވާނާއާއި މެދު ވިސްނަމުންނެވެ. އަދިވެސް އެއްފަހަރު އެ ޒުވާނާ ދެކިލަން ބޭނުންވިއެއްކަމަކު އެއީ ނާދިރުކަމެއްކަމަށް ޔުނާ އަމިއްލަ ނަފްސުގާތު ބުނެލިއެވެ. އެހެނަސް ކަންތައްވެގެން ދިޔައީ ޔުނާ ހީވެސް ނުކުރާ ފަދަ ގޮތަކަށެވެ. އޭނަ ހިނގަމުން ގޮސް އޭނަގެ ޢިމާރާތާއި ގާތްވަމުން ދިޔަދިޔަހެން ހަމަ އެ ސައިކަލުގެ އަޑު އިވިގެން ދިޔައެވެ. މިފަހަރު ޔުނާ ބަލަބަލާ ހުއްޓާ އޭނައާއި ދާދި ކުރިމައްޗަށް ވާގޮތަށް އޭނަގެ ޢިމާރާތުގެ ކައިރީގައި އެ ސައިކަލު ޕާކް ކުރެވިގެން ދިޔައެވެ. ސައިކަލުން ޒުވާނާ ފޭބި ވަގުތު ޔުނާއަށް ފިޔަވަޅުތައް މަޑުޖައްސާލެވުނެވެ. ސައިކަލުން ފޭބުމަށްފަހު ޒުވާނާ ޢިމާރާތަށް ނަޒަރެއް ދިން ހިނދު އެ ސޫރައިގެ އެއްފަޅި ޔުނާއަށް ފެނުނެވެ. އެ ސޫރައަށް ރަނގަޅު ނަޒަރެއް ދޭން ނިންމި ވަގުތު އޭގެ ދެވަނަ ސިކުންތުގައި ޒުވާނާ އެހެން ހުރެހުރެފައި އޭނައާއި ދިމާލަށް ބަލާލި ހިނދު ޔުނާ ހުއްޓުން އެރިއެވެ.
ނުނިމޭ