Hiyaa (Part 5)
ސައިކަލުގެ ފަހަތަށް އަރުވައިގެން އޭނަ ގެންދިޔަ ކުއްޖާ އެ ކުއްޖާގެ މަންޒިލާއި ހަމައަށް ގެންދިޔުމަށްފަހު ޒިހާން މިޞްރާބުޖެހީ އޭނަ ހިތް އެދިއެދި ހުރި މަގާއި ދިމާލަށެވެ. އެ މަގަށް އެރުނުތަނާހެން ދުރު ހިސާބުން ވެސް ‘ގްރޭންޑް ޕާރލް’ ގެ ޢިމާރާތް ފެނިގެން ދިޔުމުން އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.
ދުއްވަމުން ގޮސް އެ ޢިމާރާތާއި ގާތްވަމުން ދިޔަ ދިޔަހެން ޕޭވްމެންޓް މަތިން ލަސް ހިނގުމެއްގައި ހިނގަމުން ދިޔަ އަންހެން ކުއްޖާ ފާހަގަވުމުން އޭނަގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. ގަދަ މުށިކުލައިގެ ދިގު ހެދުމަކާއި ކަޅުކުލައިގެ ޝޯލްއެއް އަޅައިގެން ހުރި އެ ކުއްޖާއަކީ ކާކުކަން އެ ކުއްޖާއަށްވުރެ ކުރިއަށް ދުއްވާލި ހިނދުވެސް ޒިހާނަށް ޔަޤީނާއި ގާތްކުރެވުނެވެ. އެހިނދު އުފާވެރިކަމާއެކީ ނުތަނަވަސްކަމުގެ ރާޅުބާންޏެއް އޭނަގެ ހިތުތެރޭގައި ނެގިއެވެ. އެ ނުތަނަވަސްކަމުގެ ސަބަބުން ކަންނޭނގެއެވެ. ޢިމާރާތުގެ ކައިރީގައި ހުރި ޕާކްކުރާ ޞަރަޙައްދާއި ހަމައަށް ދެއްވުމާއެކު ސައިކަލު މަޑުކޮށްލެވުނީ ވެސް ކުއްލި ގޮތަކަށެވެ. އެކަން އޭނަގެ ފަހަތުގައި ހުރި ކުއްޖާއަށް ފާހަގަ ނުވާނެ ގޮތެއް ހެއްދެވުމަށް އެދި ހިތާހިތުން ދުޢާކުރެވުނެވެ. އެއަށްފަހު ސައިކަލުން ފޭބީ ސައިކަލުގެ އެއްފަރާތުގައި އެޅުވިފައިވި ކުޑަ ކޮތަޅާއިވެސް އެކީގައެވެ.
ސައިކަލުން ފޭބުމާއެކީ ވެސް އެ އަންހެން ކުއްޖާއަށް ބަލާލަން ހިތް އެދުނެވެ. އެހެނަސް ޒިހާން އޭނަގެ ބަސްނާހާ ހިތް ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި ޢިމާރާތަށް ނަޒަރު ހުއްޓާލިއެވެ. އޭނަގެ އެއްފަރާތުން އަންނަމުން ދިޔަ ކުއްޖާ ޢިމާރާތަށް ގޮސް ވަނުމުން އޭނަ ކުރަން އައި ކަންތައް ކުރަން ނިންމަމުންނެވެ.
އެހެނަސް އޭނަގެ ހިތަށް ޙައިރާންކަމެއް ލިބިގެން ދިޔައީ އެ އަންހެން ކުއްޖާގެ ފިޔަވަޅުތަކުގެ އަޑު ހުއްޓިގެން ދިޔުމުންނެވެ. ލޮލުގެ ކޮޅުން ފެންނަމުން ދިޔަ މަންޒަރު އެ ކުއްޖާ އޭނައަށް ބަލަން ހުރެ ހުރިތާ މަޑުކޮށްލީކަން ޒިހާނަށް ޔަޤީންވިއެވެ. އެއާއެކު އޭނައަށް އެދިމާލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު އޭނައާއި ފަސް ފިޔަވަޅެއްހާ ދުރުގައި ހުއްޓިހުރި ޔުނާ ފެނި ޒިހާންގެ ހިތުގެ ތެޅުން އަވަސްވިއެވެ.
ޔުނާގެ މޫނުމަތިން ޒިހާނަށް ފެނިގެން ދިޔައީ އެންމެ ފުރަތަމަ ފަހަރަށް އެ ސޫރަ ފެނުނު ދުވަހުވެސް އޭނައަށް ފާހަގަވި ރީތިކަމާއި މައުސޫމްކަމެވެ. އެ ވަށްކޮށްހުރި އަލި މޫނާއި ރީތި ބައްޓަމުގެ ބުމައާއި ދިގު އެސްފިޔައަށް ކުޑަ ވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ފެނުނުހާ ވެސް ބަދަލަކީ އޭނަ ފަދައިން ޔުނާވެސް އިސްކޮޅުން ދިގުވެފައިވުމެވެ. މީގެ އިތުރުން ޒިހާނަށް ފާހަގަވެގެން ދިޔައީ ޔުނާގެ ލޯމަތިން ފެންނަމުން ދިޔަ ވަރުބަލިކަމެވެ. އެންމެ ފުރަތަމަ އެ ހިނިތުންވުން ފެނުނު ދުވަހު އެ ލޯމަތިން ފެނުނު ޖޯޝާއި ރޫޙު ގެއްލިފައިވިއެވެ. ގަދަ ޠޫފާނެއްގެ ތެރޭގައި އުޅެއުޅެފައި ސަލާމަތްވި މީހެއް ފަދައިންނެވެ.
އެކަން ފާހަގަވުމުން ހިސާބަކަށް ދެރަވިއެއްކަމަކު ޔުނާގެ ސަމާލުކަން އެވަގުތު އޭނައަށް ހުއްޓިފައިވުމުން ދުވަހަކުވެސް އޭނަގެ ހިތުގައި ނުއުފެދޭ ކަހަލަ އުއްމީދު އުފެދުނެވެ. ފުރާވަރުއްސުރެ މިއަދާއި ހަމައަށް ދުވަހަކުވެސް އޭނައަށް ޔުނާގެ ސަމާލުކަން ލިބިފައެއް ނުވެއެވެ. ސްކޫލްގެ ސަރައްކާލިގެ ތެރެއިން ޔުނާ ފެނިއްޖެނަމަ އޭނަ ޔުނާއަށް ބަލާފައި ހިނިތުންވެސް ވާނެއެވެ. އެހެނަސް ޔުނާ އޭނަގެ އެކުވެރިންނާއެކީ ހީ ސަމާސާކުރަމުން ދާއިރު ޔުނާއަށް އެއްލި ކަޅިއަކުން އޭނަ ފެނުނަސް އޭނަ ފާހަގަނުވާ ފަދައެވެ. ވާނީވެސް އެހެންތާއެވެ. ޔުނާއާއި ޔުނާގެ މަޝްހޫރު އެކުވެރިންނާއި އަޅާ ބަލާއިރު އޭނައަކީ އޭރު އެއްވެސް މީހެއްނޫނެވެ. އޭނަ ފަދައިން ޔުނާވެސް އެއްދުވަހު އޭނައަށް ބަލައި ހިނިތުންވެލާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް ސްކޫލް ދައުރު ނިމުނީ ޒިހާންގެ އެ އުއްމީދު އުއްމީދެއްގެ ގޮތުގައި އޮއްވައެވެ.
ކަން މިހެންވެފައިވަނިކޮށް ޙަޔާތުގައި ވެސް ފުރަތަމަ ފަހަރަށް އޭނަ ލޯބިވި އަންހެން ކުއްޖާ އޭނައަށް ބަލަހައްޓައިގެން ހުރުމުން ޒިހާންގެ ހިތް އުފަލުން ނަށައިގަތެވެ. ހަދަންވީ ގޮތެއް ޔަޤީންނުވެފައިވާ ޙާލު އޭނައަށް ހިނިތުންވެލެވުނީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. އޭގެ ބަދަލުގައި އޭނައަށް ބަލަހައްޓައިގެން ހުރި ޔުނާ ވެސް ހިނިތުންވެލީ މަންޒަރު ފެނުމުން އޭނައަށް ފެންނަމުން ދަނީ ހުވަފެނެއްހެން ޒިހާނަށް ހީވިއެވެ. އޭނަ ވަގުތުން ޔުނާގެ ލޯބި ނަމުން ގޮވައި ޔުނާގެ ގާތަށް ދާން ބޭނުންވިއެވެ. އޭނަ ގެނައި ހަދިޔާ ޔުނާއަށް ދީ އޭނައަށް އަބަދުވެސް ޔުނާއަށް ކަމުދާ އެއްޗެއްސާއި ކަމުނުދާ އެއްޗެހި އެނގޭކަން އަންގަން ބޭނުންވިއެވެ. އޭނައަކީ ޔުނާއާއެކީ ކިޔެވި ޒުވާނެއްކަމަށް ބުނެ ޔުނާއާއި އެކުވެރިކަން ބަދަހި ކުރުމަށް ފިޔަވަޅެއް އަޅަން ހިތް އެދުނެވެ.
ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ބެލުން ތިރިކޮށްލަމުން އަނެއްކާވެސް ކުރިމައްޗަށް ނަޒަރު ހުއްޓާލެވުނީ އޭނަގެ ޚިޔާލުތައް ދަނީ ރަނގަޅު މިޞްރާބަކަށް ނޫންކަން ފަހުމްވުމުންނެވެ. އޭނައަކީ އެއްދުވަހެއްގައި ވެސް ޔުނާއާއެކީ އެފަދަ ގުޅުމެއް ބޭއްވުމުގެ ހުވަފެންތައް ދެކުނު މީހެއްނޫނެވެ. ކައިވެނިން ބޭރުގައި ކުޅޭކުޅޭ ގުޅުމެއް ޔުނާއާއެކީ ބާއްވަން އޭނަ ބޭނުމެއް ނޫނެވެ. ޔުނާ އޭނަގެ ޙަޔާތުގައި އަބަދުގެ އަބަދަށްވާން ބޭނުންވާ ކަމާމެދު އޭނަގެ ހިތުގައި ޝައްކެއްނެތެވެ. ވީއިރު ޔުނާއަށް އެކަން ޝައްކުވާނެ ފަދަ ގުޅުމެއްގައި ޔުނާއާއެކީ އުޅެން އޭނަގެ ޒަމީރު އެއްބަހެއްނުވިއެވެ. އަދި އަމުދުން އެއީ އެންމެ ރަނގަޅު ގޮތް ނޫންކަން އޭނައަށް އެނގި، ޔުނާގެ ދޮންބެވެސް އެކަމަށް ނުރުހުންވާނެކަން ދަނެގެން ޒިހާން އަނެއްކާވެސް ޔުނާ އެތަނުން ދަންދެން މަޑުކޮށްގެން ހުންނަން ނިންމިއެވެ.
ޒިހާންގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ހަމަ އެވަގުތު އެތާ ގޭޓު ކައިރީގައި އިށީނދެގެން އިން ސެކިއުރިޓީ ބޭބެ ވާހަކަ ދެއްކި އަޑު އިވުނެވެ.
“އަނހަ ޔުނާ! ކޮންތަނަކަށް ގޮއްސަ ތިއައީ؟ ކޮބާ މަންޖެގެ ކާރު؟” ޒިހާން އެދިމާލަށް ބަލާލިއިރު އެއީ ކުރީ ރޭ ފެނުނު ބޭބެ ނޫން އެހެން ބޭބެއެކެވެ.
“ކާރު ގަރާޖަށް ލާފަ ކުޑަކޮށް ފިހާރައަކަށް ވަދެލާފަ މިއައީ…” ޔުނާ އެހެން ބުނެލީ ޒިހާނަށް ލުއި ނަޒަރެއް ދެމުން އޭނަ ހުރަސްކޮށްފައި ދަމުންނެވެ.
“އެހެންދޯ އެވީ؟ ދޮންބެ ހަދާހެން ޔުނާވެސް ވާނެތާ އެ ކާރު އޮފުއަރުވާފަ ބާއްވަންދޯ؟ ހެހެ….” އެ ބޭބެ ހެވިލާފައި ބުނެލީ ޔުނާ ދެކެ ފަރިތަ ފަދައަކުންނެވެ. ހަމަ އެހިނދު ޔުނާ އެ ބޭބެ ކައިރިއަށް ގޮސް މަޑުކޮށްލަމުން އޭނަގެ އަތުގައި އޮތް ކޮތަޅުން ޕެކްކޮށްފައި އޮތް ކޭކެއް ނެގިއެވެ.
“ބޭބެ މިހެން އިންނައިރު ކާލައްޗޭ. ވަރަށް މީރު ކޭކެއް މީ…” ޔުނާ އޭތި އެ ބޭބެގެ އަތަށް ލައިދިންއިރު ޔުނާގެ މޫނު އޭނައަށް ނުފެނުނެއްކަމަކު އެ ހިނިތުންވުން ޒިހާނަށް ސިފަކުރެވުނެވެ. ހަމަ އެއާއެކު އޭނައަށް ވެސް ހިނިތުންވެލެވުނީ ޔުނާގެ ހިތްހެޔޮކަން ހިތަށް ގެނެވުމުންނެވެ. އަލަށް ގަނެގެން އަންނަ އެއްޗެހިން ބައެއް އެއްޗެހި ވަށައިގެން ތިބި މީހުންނަށް ދިނުމަކީ ޔަޒްދާންގެ ވެސް އާދައެކެވެ. ދޮންބެގެ އެ ސިފަ ޔުނާއަށް ވެސް ލިބިފައިވުމުން ޔުނާއަށްޓަކައި އޭނަގެ ހިތުގައިވި އިޙްސާސްތައް އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
ޒިހާން ބަލަބަލާ ހުއްޓާ އެ ބޭބެ ޔުނާއަށްޓަކައި ހެޔޮ ދުޢާ ކޮށްދިނުމުން ޔުނާ ލުއި ގޮތަކަށް ހީލިއެވެ. އަދި އެ ބޭބެއަށް ފަސްދީފައި ޢިމާރާތުގެ ގޭޓުން ވަދެގެން ދިޔައެވެ. ޔުނާ ވަދެގެން ދިޔަތާ އިރުކޮޅެއްފަހުން ޒިހާންވެސް އެ ޢިމާރާތަށް ވަދެގެން ދިޔައެވެ. އެއަށްފަހު އެންމެ ތިރީ ފަންގިފިލާއިން ފެނުނު ރިސެޕްޝަން ކައިރިއަށް ގޮސް އޭނަ ގެނައި ހަދިޔާ ޙަވާލުކޮށްލީ ޔުނާއަށް އޭތި ޙަވާލުކޮށްދިނުމަށް އެދެމުންނެވެ.
**
އެޕާޓްމެންޓަށް ވަދެގެން ގޮސް އާދައިގެ މަތިން ޔުނާ ފަސޭހަ ކުރުތާއަކަށާއި ހަރުވާޅަކަށް ހެދުން ބަދަލުކުރިއެވެ. އެއަށްފަހު ކާގެއަށް ގޮސް އޭނަ ގެނައި ގިނަ އެއްޗެހި އައިސްއަލަމާރިއަށް ލުމަށްފަހު ޗޮކްލެޓް ކޭކުކޮޅު ތަށްޓަކަށް ލައިގެން އުލަކާއެކީ ކާމޭޒު ދޮށުގައި އިށީނެވެ. އާދައިގެ މަތިން ރޭގަނޑު އޭނަ ކާ ހިތެއްނެތެވެ. އެ ކޭކު ކޮޅު ނެގުނީ ކިރިޔާވެސް ކާން ޚިޔާލުކުރެވުނީ އޭތި ކަމަށްވުމުންނެވެ. ކޭކު ކަމުން ދިޔަ ވަގުތު އޭނައަށް އެރޭ ފެނުނު ޒުވާނާއާއި މެދު ވިސްނުނެވެ. އެ ތޫނު ނަޒަރު ހަނދާންވުމުން ވެސް ޔުނާގެ މެއަށް ފިނިވަމުން ދިޔައެވެ. އެ ގަދަ ބުމައާއި ފުން މިން ނޭނގޭ ކަޅުކުލަގަދަ ލޮލާއެކީ ކުރުކޮށް ކޮށާލެވިފައިވި އިސްތަށިގަނޑާއި ވަކި ވަރަކަށް ދިގުކުރެވިފައިވި ތުނބުޅި އެ ފިރިހެންވަންތަކަން އިތުރުކުރުވިއެވެ.
އެރޭ އެތާ އެހެން ފިރިހެނަކު ހުރިނަމަ ޔުނާއަށް ނޭދެވޭ އިޙްސާސްތަކެއް ކުރެވުނީހެވެ. ފޮށޭ މީހުން ގިނަވެފައިވުމުން މަގުމަތިން ފެންނަ މީހަކު އޭނައަށް ބަލާލިޔަސް އޭނަ ނުރުހެއެވެ. އެހެނަސް މިރޭ މި ފެނުނު ޒުވާނާ އޭނައަށް ބަލާލީ އޭނަ އެތާ މަޑުކޮށްލިކަން ފާހަގަވުމުންކަން ޔުނާއަށް އެނގުނެވެ. އެހެނީ އެ ޒުވާނާ އޭނައަށް ބަލާލީ އޭނަ މަޑުކޮށްލިތާ ވެސް ސިކުންތުކޮޅެއް ފަހުންނެވެ. އެއަށްފަހު ޖެހިލުންވުމަކާއެކީ އެ ދައްކާލި ހިނިތުންވުމުން ޔުނާއަށް ތަފާތު އިޙްސާސްތަކެއް ކުރެވުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެއީ އޭނަ ދަންނަ މީހަކީތޯ ވެސް ހިތަށްއެރިއެވެ. އެހާ ރީތި ސޫރައެއްގެ ވެރިއަކު ޢާއްމުގޮތެއްގައި އަންހެން ކުއްޖަކަށް ހިނިތުންވުމެއް ދައްކާލުމުގައި ހުންނާނީ ފަޚުރުވެރިކަމާއި ބޮޑާކަމެވެ. ތިމަންނައަށް ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ލެންބިދާނެކަމުގެ ކިބުރުވެރިކަމެވެ. އެހެނަސް އެ ޒުވާނާގެ ފަރާތުން އެ ސިފަ ޔުނާއަށް ފާހަގައެއް ނުވިއެވެ. އެކަމާމެދު އަޖާއިބުވެފައި ވަނިކޮށް އިތުރަށް އަންތަރީސްވެގެން ދިޔައީ އެ ޒުވާނާ ނުހަނު ޤަދަރުވެރިކަމާއެކީ ބެލުން ތިރިކޮށްލަމުން ކުރިމަތީގައި ހުރި ޢިމާރާތަށް ނަޒަރު ހުއްޓާލި ގޮތުންނެވެ. ޔުނާ ހީކުރީ ޢާއްމުގޮތެއްގައި ފެންނަ ޒުވާން ފިރިހެނުން ފަދައިން އެ ޒުވާނާވެސް އޭނައާއި ވާހަކަ ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ. އެ ޢިމާރާތުގައި އުޅޭނީ މުއްސަނދި މީހުންކަން ދަނެގެން އެ މުއްސަނދިކަމުގެ ބޭނުން ހިފުމަށް އޭނައާއި ގުޅުން ބަދަހި ކުރަން އުޅޭނެ ކަމަށެވެ. އަމިއްލަ ލޯބިވެރިންނާއި އަނބިން ތިބޭއިރު ވެސް އޭނައާއި އެފަދައިން ގުޅުން ބަދަހިކުރަން ބައެއް މީހުން އުޅެފައިވެސް ވޭވިއްޔާއެވެ. އެހެނަސް އެ ޒުވާނާގެ ނަޒަރު ރައްކާކުރެވިފައިވަނީ ހަމައެކަނި އޭނަ ލޯބިވާ އަންހެން ކުއްޖާއަށްޓަކައިތާއޭ ޔުނާގެ ހިތަށްއެރީ އެ ޒުވާނާ ޢިމާރާތަށް ނަޒަރު ހުއްޓައިގެން ހުރި ގޮތުންނެވެ.
ހަމަ އެވަގުތު ސެކިއުރިޓީ ބޭބެ ވާހަކަ ދެއްކި އަޑަށް ޔުނާ އޭނަގެ ނަޒަރު ބަދަލުކޮށްލަން ޖެހުނީ ގަދަކަމުންނެވެ. އެ ޒުވާނާގެ ކުރިކަނޑާފައި ދިޔައިރު އެޒުވާނާއަށް ބަލާލެވެން އުޅުނީ އެކަމަށް ހިތް އެދުނު ވަރުންނެވެ. އެހެނަސް ރަނގަޅު ނަޒަރެއް ދޭން ޖެހިލުންވީ އެއީ އެ ޒުވާނާވެސް ވަކި ރުހޭނެ ގޮތެއް ނޫންހެން ހީވުމުންނެވެ. ހަމައެއާއެކު އޭނަ އެ ޒުވާނާއާއި މެދު އިތުރަށް ޝައުޤުވެރިވިއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ޒުވާނާ ޚުދު އޭނައަށް ވެސް ގެނައި ބަދަލުންނެވެ. އެހެންޏާ އޭނައަކީ ފިރިހެނަކަށް ބަލާލަން ޖެހިލުންވާނެ މީހެއްނޫނެވެ.
“ހައި ސްޓޭންޑާޑް އޮފް ޑީސެންސީ….” ޔުނާއަށް އެހެން ބުނެލަމުން ލުއި ގޮތަކަށް ހީލެވުނެވެ. ‘ޕްރިންސް ޗާރމިންގް’ އެއް ޙަޤީޤީ ދިރިއުޅުމުގައި ވާނަމަ އެ ޒުވާނާގެ ކިބައިގައި އެ ޝަޚްޞިއްޔަތުގެ އެއްސިފަ އެބަހުއްޓޭ ޔުނާގެ ހިތަށްއެރިއެވެ. ޔުނާ އެކަމާމެދު ވިސްނަން އިންދާ އެޕާޓްމެންޓްގެ މައިދޮރާއި ދިމާލުން ބެލް އަޅުވާލި އަޑު އިވުނެވެ. ދޮރު ކައިރިއަށް ގޮސް ދޮރު ހުޅުވުމުގެ ކުރިން ފާރުގައި ހަރުކުރެވިފައިހުރި ސްކްރީނަށް ބަލާލީ ބޭރުގައި ހުރީ ކާކުތޯ ބެލުމަށެވެ. ޢިމާރާތުގައި އުޅޭ މަސައްކަތު ދައްތައަކު ބޭރުން ފެނިފައި ޔުނާ ވަކި ބުރުގާ އަޅަން ޚިޔާލުނުކޮށް ދޮރު ހުޅުވާލިއެވެ.
“ކިހިނެއްތަވީ ދައްތާ؟” ޔުނާއަށް އެހެން އަހާލެވުނީ ޢާއްމުގޮތެއްގައި އެޕާޓްމެންޓް ސާފުކުރަން އެވަގުތު ނާންނާނެތީވެއެވެ.
“މީ ރިސެޕްޝަނުން ދިން އެއްޗެއް ޙަވާލުކޮށްލަން މިއައީ. ކޮންމެވެސް މީހަކު އެކޮއަށް ދޭށޭ ކިޔާފަ ބާއްވާފަ ދިޔަ އެއްޗެކޯ.” އެހެން ބުނެލަމުން ދައްތަ އޭނައަށް ދިއްކޮށްލީ ހުދުކުލައާއި ރަތްކުލައިގެ ޑިޒައިނެއްހުރި އޮމާން ކަރުދާސް ކޮތަޅެކެވެ. އެ ކޮތަޅު ފެނުމާއެކު ޔުނާ ހުއްޓުން އެރީ އެއީ އެ ޒުވާނާގެ އަތުގައި އޮތް ކޮތަޅުކަން ޔަޤީންވުމުންނެވެ. ޔުނާ ވަގުތުން އެ ކޮތަޅު ހޯދައި ދައްތައަށް ޝުކުރު އަދާކޮށްލަމުން ދޮރު ލައްޕާލީ ހިތް އަވަސްވެފައި ހުރެއެވެ. އެއަށްފަހު އެ ކޮތަޅު ތެރެ ބަލައި އޭގެ ތެރޭގައި އޮތް ޗޮކްލެޓް ނެގީ ލަސްވެގެން ދިޔަ ޙަރަކާތްތަކާއި އެކީގައެވެ. އެ ޒުވާނާ މި ޗޮކްލެޓް ގަތީ އޭނައަށްޓަކައޭ ތަކުރާރުކޮށް އޭނަގެ ސިކުނޑި ބުނަން ފެށީ އޭނައަށް އެކަން ޤަބޫލުކުރަން ދަތިވުމުންނެވެ. އަދި އެކަން އޭނައަށް ފަހުމްވެގެން ދިޔަ ހިނދު އެ ޒުވާނާއަށް ކޮންމެވެސް އެއްގޮތަކަށް އޭނަ އެނގޭނެކަން ވެސް ޔަޤީންކުރެވުނެވެ.
**
އެރޭ 10 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން އާދައިގެ މަތިން ނިދަން ތައްޔާރުވެ އޭނަގެ އެނދުގައި އިނީ ފޯނުން ބަލައިގެން ނިދުމުގެ ކުރިން ކިޔާ ޒިކުރުތައް ކިޔާށެވެ. ޑިއުޓީ ނޯންނަ ރޭރޭ އޭނަ ވީހާވެސް ވަރަކުން އަވަހަށް ނިދޭތޯ ބަލައެވެ. އެއީ ސުންނަތަކަށްވެފައި އޭނައަކީ އަބަދުވެސް ފަތިހާ ހޭލާ ގޮތަށް ދުވަހުގެ މަސައްކަތުގައި އުޅެން ލޯބިކުރާ މީހަކަށް ވާތީވެއެވެ.
ޒިކުރު ކިޔަން އިންދާ އެއަށް ހުއްޓުމެއް އައީ އޭނަގެ ފޯނަށް ވައިބާރއިން ވީޑިޔޯ ކޯލެއް އަންނަން ފެށުމުންނެވެ. ގުޅާ މީހެއްގެ ނަމަކަށް ‘ދޮންތަ’ އޮތްތަން ފެނިފައި އޭނަ ހިނިތުންވުމަކާއެކީ އެ ފޯނު ނެގިއެވެ.
“އައްސަލާމުޢަލައިކުމް!” ޒިހާން ދިގުކޮށް ރާގަކަށް ގޮވާލިއިރު ފޯނުގެ ސްކްރީނުން އިސްތަށިގަނޑު ދޫކޮށް އައްސައިގެން ހުރި އޭނަގެ ދޮންތަ ޒައިނާ ސްކްރީނުން ފެންނަމުން ދިޔައެވެ.
“ވަޢަލައިކުމުއްސަލާމް ވަ ރަޙްމަތު ﷲ! ކޮބާ އަހަރުމެންގެ ޅަ ކުއްޖާ ކިރު ތަށި ބޮއިގެން ނިދާފަ އޮތް ގަޑިއެއްގަތަ މި ގުޅާލެވުނީ؟” ޒައިނާ އަވަސްއަވަހަށް އެސްފިޔަ ޖަހަމުން ކުޑަ ކުއްޖަކާ ވާހަކަ ދައްކާ ފަދައަކުން ސުވާލުކުރިއެވެ. އެއާއެކު ޒިހާނަށް ކަޅި މައްޗަށް ހިންގާލެވުނެވެ.
“ކީއްވެބާ ދޮންތައަށް މި ގަޑީގަ ގުޅާލެވުނީ؟ އެނދު ކައިރީގަ ކުރަތްޕެއް އޮންނާތީ ނުނިދިގެންތަ؟” ޒިހާން އެހެން ބުނެލިތަނާހެން އެނދުގައި އިން ޒައިނާ ދެފައި ވަށްކޮށްލަމުން ހަޅޭކެއްލައްވާލި ގޮތުން ޒިހާނަށް ހީލެވުނެވެ.
“ތިހާވަރު މީހުން ސަމާސާވެސް ކޮށްއުޅެނީ…” ހެވިފައި އިނދެ ޒިހާން ބުނެލިއެވެ.
“ހޫނ ދެން ހެވޭ! ކޮންދުވަހަކު ރަށަށް އަންނަނީ؟” ޒައިނާ އެހިއެވެ.
“އަދި ދެ ތިން ހަފްތާ ފަހުން ޓާރމް ނިމެނީ.” ޒިހާން ބުންޏެވެ.
“އާޗާ! ރަށަށް އަންނަންވާއިރަށް ނިކަން ވިސްނައިގެން ހުންނާތި. މަންމަ ވަރަށް އެބަކިޔާ ޒިހާންގެ ކައިވެނީގެ ވާހަކަ. މަ ކައިރީގަ ވެސް ވަރަށް އެބަ ބުނޭ ޒިހާން ކައިރި ކިޔާބަލާށޭ މި ވާހަކަ. މިހާރު ވަޒީފާއިން ވެސް ލާރި އެބަ ލިބެއޭ، ވިޔަފާރިން ވެސް އެބަ ލިބެއޭ. ޒިހާންގެ ކޮޓަރިވެސް ނިމިފައޭ ހުރީ. ދެން ކޮން އިރަކުހޭ އޭނަ އެކަން ކުރަން އުޅެނީ. މުސްކުޅިވީ ދުވަހަކުން ހެއްޔޯ ކުދިން ހޯދަން އުޅެނީ….” ޒައިނާ މިފަހަރުވެސް ދެއްކި ވާހަކައިން ޒިހާނަށް ހީލެވުނެވެ.
“ދޮގު! ތި ފަހު ދެ ވާހަކައަކީ ދޮންތަ އަމިއްލައަށް ހަދާލި ވާހަކަތައް. މަންމަ އަހަރެން ލައްވާ ގަދަ ބާރުން ކަމެއް ކުރުވަން ނުއުޅޭނެ. މަންމަ އަހަންނަށް އިތުބާރުކުރާކަމާމެދު އަހަރެން ޝައްކެއް ނުކުރާނަން.” ޒިހާން ޔަޤީންކަމާއެކީ ބުނެލިއެވެ. އެއާއެކު ޒައިނާ ތުން އަނބުރާލިއެވެ.
“ހޫމް އޮފްކޯސް! މަންމަގެ ދޮންފުތު! ދެން އެކަމަކުވެސް ބުނެބަލަ! ކޮންދުވަހަކު އަހަރުމެންނަށް އަނެއްކާ އެކަހަލަ ޕާޓީއެއް ބޭއްވުމުގެ ފުރުޞަތެއް ލިބޭނީ؟ މަށާ ލޫލޫއާ ދެމީހުން މިހާރުވެސް ވެޑިންގްގެ ތީމްވެސް ކަނޑައަޅައި އަހަރުމެން ހެދުން ފަހަން ފޮތި ގަންނާނެ ފިހާރަވެސް ނިންމައިފިން…..އެ ފޮތި ހުސްނުވަނީސް އަވަހަށް ކުއްޖަކު ހޯދަބަލަ…….އަނެއްކާ އަދިވެސް އެކުއްޖާއާ ހެދިތަ ތިއުޅެނީ؟” ދޮންތަ ދެއްކި ހުރިހާ ވާހަކައަކަށް ހިނިތުންވުމެއްގައި އިނދެފައި އިވުނު ފަހު ސުވާލުން އޭނަގެ ހިނިތުންވުން ފަނޑުވިއެވެ.
“ޑޯންޓް ޓެލް މީ ޒިހާން……ކިހާ ދުވަހެއް ވަންދެންތަ އެކުއްޖާ މަތިން ހަނދާންކުރާނީ؟ އެކުއްޖާ މިހާރު އުޅެނީ އެހެން މީހަކާއި ރައްޓެހިވެގެންނެއްނޫންތަ؟” ޒައިނާ ކަންބޮޑުވުމަކާއެކީ ސުވާލުކުރިއެވެ.
“އެކުއްޖާ މިހާރު އެ ނުބައި މީހާއާ ވަކިވެއްޖެ ދޮންތާ! ނުލަފާ މީހަކާ އޭނަ ރައްޓެހިވީ. އިންނަން ބޭނުމިއްޔާ ބުރުގާ ނަގާލަން ޝަރުޠުކުރި މީހެއް އެއީ. ޔުނާ އޭނަގެ ބަސް އަޑުނާހާ އޭނަ ދޫކޮށް އައިސްފަ އެހެރީ…..” ޒިހާން ޔުނާގެ ލޯބިވެރިޔާއަށްޓަކައި އޭނަގެ ހިތުގައި އޮތް ނަފްރަތާއެކީ ކިޔައިދިނެވެ.
“އަސްލުވެސްތަ؟” ދޮންތަ އެހިއެވެ.
“އާނ ދޮންތާ…..އެނގޭ އަހަންނަށް ދޮންތައަށް އޭރު ވަޢުދު ވެވުނުކަން އެކުއްޖާ ހަނދާން ނައްތާލަން. އެކަމަކު އެ ޚަބަރު އިވިފަ އަހަރެންގެ ހިތް އިތުރަށް ޔުނާއަށް ލެނބުނު. ހަމައެކަނި ބޭބެގެ ޙައްޤުގައި ވިޔަސް ހާދަ ބޮޑު ޤުރުބާނީއެކޭ އެ ވީ ރަނގަޅު ގޮތުގަ ހިފަހައްޓަން. ރަނގަޅު ގޮތުގަ ހިފަހައްޓަން މަސައްކަތް ކުރާ މީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ހިދާޔަތް އިތުރުކޮށްދެއްވާނެ. އެ ހިދާޔަތާއި ހަމައަށް ދާން އަހަރެން ޔުނާއަށް އެހީވެދޭން ބޭނުން ދޮންތާ. އެއީ ގޯސް ކުއްޖެއްނޫން. އަދި ދީން ފަހުމް ނުވާނެހާ ހިތް ނުބައި ކުއްޖެއްވެސް ނޫން. ޔުނާ ނޫން ކުއްޖަކު ޙަޔާތަށް ގެންނަތަން އަހަންނަށް ސިފަ ނުކުރެވޭ ދޮންތާ….އަދި އެހެންނޫނަސް ޔުނާގެ ދޮންބެގެ ފަހު އެދުމަކަށް ވެސްވެފައިވީ އަހަރެން ޔުނާއާއި އެކީގަވުން. އަހަރެން ބޭނުން އެ ވަޞިއްޔަތް ފުރިހަމަކޮށް ޔުނާ ރައްކާތެރިކަމާއެކީ ގެންގުޅެން ދޮންތާ….” ޒިހާން ބުނެލިއެވެ. ޒައިނާ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
“ކީކޭ ދޮންތަ ބުނާނީ ވެސް؟ ތިހިރީ ރަނގަޅަށް ވެސް ލޯބިވެވިފަ. ހެހެ….ޒިހާނަށް އެކުއްޖާ ތިހާ ކަމުދަންޏާ ދޮންތަ ނެތިން ޒިހާންއާ ދެކޮޅު ހަދާކަށް. ދޮންތަ ދުޢާކޮށްދޭނަން ޒިހާންގެ ތި އުއްމީދު ފުރިހަމަ ކުރެއްވުމަށް އެދި.” ޒައިނާ ހިތްހެޔޮ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު ޒިހާން ލުއި ހީލުމަކާއެކީ ‘ލަވް ޔޫ ދޮންތާ’ އޭ ބުނެލިއެވެ.
**
އެރޭ 4 ޖަހައި ބޮޑުވި ވަގުތު ޔުނާއަށް ނިދިފައި އޮތީ އޭނަގެ ކޮޓަރީގައި ހުރި ސްޕޮންޖް ސޯފާގެ އަތްގަނޑުގައި ބޯއަޅައިގެންނެވެ. އޭނަގެ ދެފައި ސޯފައިން ބޭލިފައިވި ގޮތުންނާއި ސޯފާމަތީގައި ފޮތްތައް ހުރި ގޮތުން އޭނައަށް ނިދުނީ ސޯފާގައި ކިޔެވުމުގެ މަސައްކަތް ކުރަން އިންދާކަން އެނގެއެވެ.
ނިދަން އޮތްވާ ކުއްލިއަކަށް ރިންގުވާން ފެށި ފޯނުގެ އަޑާއެކީ ޔުނާގެ ލޯ ހުޅުވުނެވެ. ހިސާބަކަށް ނިދިބަރުވެފައިވި ލޮލާއެކީ ޔުނާއަށް ތެދުވެލަމުން ރީތިވާ މޭޒާއި ދިމާލަށް ދިޔައީ ފޯނު އޮތީ އެތާ ކަމަށްވުމުންނެވެ. އެ މޭޒު ކައިރިއަށް ގޮސް ފޯނުގެ ސްކްރީނަށް ބަލާލިއިރު ދިގު ނަންބަރެއް ފެނިފައި ޔުނާއަށް ފޯނު ނަގައި އެ ނަންބަރަށް ރަނގަޅު ނަޒަރެއް ދެވުނެވެ. ހަމައެއާއެކު އެއީ އެމްސްޓާޑަމްގެ ނަންބަރެއްކަން އޭނައަށް ނަގައިގަނެވުނެވެ. އިސާހިތަކު ސިކުނޑި ތެރޭގައި އެވަގުތު އެމްސްޓާޑަމްއަށް ވާނެ ވަގުތު ހަދާލުމުން މި ވާނީ އެމްސްޓާޑަމްއަށް ވެސް ފުދޭވަރަކަށް ދަން ވަގުތަކަށްކަން އެނގުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ.
ދެ ޚިޔާލެއްގެ މަތީގައި ހުރެފައި ޔުނާ އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ…..ހޫ އިޒް ދިސް؟” ޔުނާއަށް އަހާލެވުނެވެ. އެއާއެކު އެފަރާތުން އިވިގެން ދިޔައީ ފިރިހެނެއްގެ ހީލުމުގެ އަޑެވެ.
“އަޅެ ހާދަ ލޯބި އަޑެކޭ. ތި އަޑުން އަހަންނާ ދިވެހިން ވާހަކަ ދެއްކިޔަސް އެންމެ ރަނގަޅު، އިނގޭ ޔުނޫ؟” އެކޮޅުން އިވުނު ފިރިހެން މީހާގެ އަޑުން ޔުނާގެ ބުމަގޮށްޖެހުނެވެ. އެއީ ކާކުކަން ނޭނގުނެއްކަމަކު އޭނަ ވާހަކަ ދެއްކި ޒާތުން ރުޅިއައެވެ. އަދި އަމުދުން ހަމައެކަނި ދޮންބެ އޭނައަށް ދޭތެރެއިން ގޮވާ ނަމުން އެމީހަކު ގޮވާލުމުން ހިތުގައިވި ނުރުހުންތެރިކަން އިތުރުވިއެވެ.
“ތިއީ ކާކު؟” ޔުނާއަށް އަހާލެވުނީ އެއީ ކާކުކަން އެނގެން ބޭނުންވި މިންވަރުންނެވެ. ދޮންބެ އޭނައާއި މުޚާތަބު ކުރާ ނަމެއް އެނގޭނީ އޭނަ ނޫނީ ދޮންބެ ވަރަށް ރަނގަޅަށް އެނގޭ މީހަކަށެވެ.
“އަހަރެން؟ އެ ވާހަކަ އިރުކޮޅަކަށް ބާއްވަމާދޯ؟ ހެހެ…..އަޑުއެހިން ޔުނާ އެއްރެއަކު ޔޮޓަކުން މޫދަށް ވެއްޓުނު ވާހަކަ. ވަރަށް އުދަގޫވިތަ ކަނޑު އަޑީގަ ނޭވާ ނުލެވިގެން އުޅުނުއިރު؟” އެމީހާ އެ ސުވާލުތައް ކޮށްލިއިރު މަލާމާތުގެ ރާގެއްވިއެވެ. އެ ވާހަކަތައް އިވި ޔުނާގެ ގޮށްމުއްކެވުނު ހިނދު ހިތުގައި ޙައިރާންކަމެއްވެސްވިއެވެ. އޭނައާއި މިވަގުތު މި ވާހަކަ ދައްކަނީ އެކަން ރޭވި މީހާތޯ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަ އެހިނދު އެމީހަކު ޗޮއްކަނޑަން ފެށި އަޑު އިވުނެވެ.
“ކީއްކުރާނީދޯ؟ އެއީ ހަމަ ޔުނާގެ ތަޤްދީރު. ނަސީބު ރަނގަޅުކަމުން އެފަހަރު ސަލާމަތް ކުރާނެ މީހަކުވީ. އެކަމަކު ކޮންމެ ކޮންމެ ފަހަރަކު އެހާ ނަސީބު ރަނގަޅުނުވެސް ވާނެތާ ދޯ؟” އެމީހާ ހަމަ އެއްރާގެއްގައި ދޯދިނެވެ.
“ތިއުޅެނީ ފައިސާގެ ދަހިވެތިކަމުގަ ވިއްޔާ އަހަރެން ފައިސާ ދީފާނަން ބޭނުން ޢަދަދަކަށް. ކިހާ ވަރަކަށް ބޭނުންވަނީ؟ އެހެންނޫނީ ކޮންކަމެއްތަ ބޭނުންވަނީ؟” ޔުނާ ސާބިތުކަމާއެކީ އެހިއެވެ.
“ބޭނުންވަނީ؟ ބޭނުންވަނީ ބަދަލު……ކަލޭގެ ދޮންބެ އަހަރުމެންގެ ޢާއިލާއަށް ޖެއްސި ޙާލުގެ ބަދަލު…” އެމީހާ އެ ފަހު ބަސްތައް ބުނެލި ހިނދު އަޑަށް ވެރިވި ސީރިއަސްކަމާއެކީ ޔުނާގެ ހުރިހާ ސަމާލުކަމެއް އެ ވާހަކައަށް ހުއްޓުނެވެ.
ނުނިމޭ