Hiyaa (Part 6)
“ބޭނުންވަނީ؟ ބޭނުންވަނީ ބަދަލު……ކަލޭގެ ދޮންބެ އަހަރުމެންގެ ޢާއިލާއަށް ޖެއްސި ޙާލުގެ ބަދަލު…” އެމީހާ އެ ފަހު ބަސްތައް ބުނެލި ހިނދު އަޑަށް ވެރިވި ސީރިއަސްކަމާއެކީ ޔުނާގެ ހުރިހާ ސަމާލުކަމެއް އެ ވާހަކައަށް ހުއްޓުނެވެ.
“ދޮންބެ ކީއްކުރީ؟” ޔުނާއަށް އަހާލެވުނެވެ.
“އެކަން ކަލޭ އަމިއްލައަށް ހޯދައި ބެލީމަ ވިސްނައިގަނެވޭނެ….އެހާ ހިސާބަށް ދެވެންދެން ވެސް ކަލެއަށް ސަލާމަތުން ހުރެވޭނެ ކަމާމެދު ޔަޤީންކަމެއް ނެތް. އެކަމަކު އޭގެ ކުރިން ކަލޭ މަގުމަތިވާން ތައްޔާރުވޭ. މިހާރު ތިއުޅޭ ޝާހީ އެޕާޓްމެންޓުގައި ދިރިއުޅެން ކަލެއަށް ދަތިކޮށް ކަލޭގެ ދޮންބެގެ ނަން ވެއްޔާއި ނުމޮޑެވެނީސް މަ ހަމަ ނޭވައެއް ނުލާނަން!”
އެމީހަކު އެހެން ބުނިތަނާހެން ޔުނާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ފޯނު ކެނޑިގެން ދިޔައެވެ. އެއާއެކު ޔުނާއަށް ފޯނު ކަންފަތާއި ދުރުކޮށްލަމުން ފޯނުގެ ސްކްރީނަށް ބަލައިލެވުނެވެ. އަދި އެ ދިގު ނަންބަރަށް ނަޒަރެއް ދީގެން ހުރެފައި ކީޕެޑް ހުޅުވާލަމުން އެމްސްޓާޑަމްގައި އުޅޭ އޭނަގެ އެކުވެރިއަކަށް ގުޅަން ފެށީ އެ ވަގުތާއި މެދު ވެސް ހަނދާން ނައްތާލަމުންނެވެ. ފޯނު ކަންފަތުގައި ޖައްސާލި ހިނދު އެކަން އެނގުންވިއެއްކަމަކު ހިތް ނުތަނަވަސްވެފައިވި މިންވަރުން ފޯނު ކަނޑާލަން އޭނަ ޚިޔާލެއް ނުކުރިއެވެ.
5 ރިންގަށްފަހު އެކޮޅުން އޭނަގެ އެކުވެރިޔާގެ އަޑު އިވުނުތަނާހެން ޔުނާއަށް ވާހަކަ ދެކެވުނެވެ.
“ހެލޯ އެލީ! ވަރަށް ބޮޑަށް މަޢާފަށް އެދެން މި ގަޑީގަ ގުޅާލަން ޖެހުނީތީ. ވަރަށް އާރޖެންޓްކޮށް އެމްސްޓާޑަމްގެ ނަންބަރެއްގެ ކޯލާރ އައިޑީ ހޯދޭތޯ ބަލައިލަންވެގެން މި ގުޅާލީ….” ޔުނާ ބުންޏެވެ.
ޔުނާގެ އެކުވެރިޔާ ވަގުތުން އެކަން ކޮށްދޭން އެއްބަސްވެ ފޯނު ކަނޑާލީ އޭނަގެ އަތުން އެ ނަންބަރު ހޯދުމަށްފަހުގައެވެ. އިރުކޮޅެއްފަހުން އެ އެކުވެރިޔާ ގުޅަން ފެށުމުން ޔުނާ ވަގުތުން ފޯނު ނަގައި އެ ނަންބަރުގެ ވެރިޔާއާއިމެދު ސުވާލުކުރިއެވެ. އެހެނަސް އޭގެ ވެރިފަރާތުގެ ނަން ވަނީ ސިއްރުވެފައިކަން އެނގުނު ހިނދު ޔުނާގެ ނޭވާ ކުރުވާ ގޮތްވިއެވެ. ހިތުގެ ތެޅުން އަވަސްވެގެން ދިޔަދިޔަހެން އަތުގައި އޮތް ފޯނު ކަންފަތުން ނަގާލަމުން ރީތިވާ މޭޒުމައްޗަށް ދޫކޮށްލެވުނެވެ. ނިތުން ދާތިކިތައް ހިއްލަން ފެށީ އެ ގުޅި މީހަކާއިމެދު ވިސްނެން ފެށުމުންނެވެ.
އެއީ ކާކުބާއޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ދޮންބެ އެމީހަކަށް ދީފައިވާނީ ކޮން ގެއްލުމެއް ހެއްޔެވެ؟ ދޮންބެއަކީ ނުދަންނަ މީހުންނަށް ވެސް ހެވެއް ނޫނީ ކޮށްނުދޭ މީހެކެވެ. ވީއިރު އެމީހަކު އެ ދައްކަނީ ދޮންބެގެ ފަރާތުން ލިބުނު ކޮން އަނިޔާއެއްގެ ވާހަކަ ހެއްޔެވެ؟ އެމީހާގެ ނަފްރަތު އޭނައާއި ހަމައަށް އަންނާނެހާ ވަރުގެ ބޮޑު ކަމަކަށް ދޮންބެ ކޮށްފައިވާނީ ކޮންކަމެއް ހެއްޔެވެ؟ ދޮންބެގެ މަރުގެ ފަހަތުގައި އެމީހާގެ އަތެއް ވެދާނެ ހެއްޔެވެ؟
ޔުނާގެ ހިތަށް ވެރިވި އެ ސުވާލާއެކީ އޭނަގެ މެއަށް ފިނިވެގެން ދިޔައެވެ. އެ ހިނދު ހިތުގައި އެމީހާއާއިމެދު ރުޅިވެރިކަމެއް ވެސް އުފެދިގެން ދިޔައެވެ. ދޮންބެ ހަމަހިލާ އެމީހަކަށް ދެރައެއް ދީފައި ނުވާނެކަން ޔުނާއަށް ޔަޤީންކުރެވުނެވެ. އެމީހާ އެ ހެދީ ދޮގުތަކެވެ. އެހެންނޫނީ އެމީހަކަށް ދޮންބެ ނުބައި ނަޒަރިއްޔާތަކުން ފެނިފައި ވަނީއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެމީހެއްގެ ރޭވުންތައް ހުއްޓުވާނެއެވެ. ދޮންބެގެ އަބުރާއި ޤަދަރަށް އެމީހާގެ ހިޔަނި އެޅުނައެއް ނުދޭނެއެވެ. އަދި އެމީހެއްގެ ކިބައިން އަމިއްލަ ނަފްސު ސަލާމަތް ކުރަން ފިޔަވަޅުތަކެއް އަޅާނެއެވެ. ދޮންބެ ދުނިޔޭގައި ހުރިނަމަ ދޮންބެ ކަންތައް ކުރީހީ އެހެންކަން ދަނެގެންނެވެ.
ސިކުނޑީގައި ރޭވިގެން ދިޔަ އެ ޚިޔާލުތަކާއެކީ ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަ ފާޚާނާއާއި ދިމާލަށް މިޞްރާބު ޖެހީ އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށްޓަކައި މޫނު ދޮވެ ކުޑަކޮށް ތާޒާވެލުމަށެވެ.
**
އޭގެ އަނެއްދުވަހު ޔުނާއަށް ހޭލެވުނީ ކުޑަދޮރުން ފުރޭނިގެން އައި އިރުގެ ދޯދިތަކުން ލޮލަށް އުދަގޫވުމުންނެވެ. ދެލޯ މަރައި ތަގުޅި ކޮށްލެވުނުތާ ސިކުންތުކޮޅެއްފަހުން ލޯ ހަނިގޮތަކަށް ހުޅުވާލެވުނެވެ. އެ ވަގުތު ކުރިމަތިން ފެންނަމުން ދިޔަ ފާރުގައި ހުރި ގަޑިން 7:20 ވެފައިވި މަންޒަރު ފެނިފައި ލުއްކެއްޖަހައި ތެދުވެވުނެވެ. އޭނައަށް އޮވެވުނީ އެނދުގައިކަން ވެސް ނަގައިގަނެވުނީ އެވަގުތެވެ. އެނދުގެ މަޑުކަން އިޙްސާސްވެ އަނެއްކާވެސް އޮށޯންނަން ހިތަށްއެރިއެއްކަމަކު އެނދުން ފައިބަން މަޖުބޫރުވީ އެދުވަހު އޭނަ އޮފީހަށް ދާންޖެހޭކަން ހަނދާނުގައި ހުރުމުންނެވެ.
20 ވަރަކަށް މިނެޓް ތެރޭގައި ތައްޔާރުވެގެން ފަތިސް ނަމާދު އަވަސްއަވަހަށް ކުރުމަށްފަހު ޔުނާ ބަދިގެއަށް ގޮސް ކޮފީ ތަށްޓެއް ހަދާލަމުން ދެ ޕާން ފޮތި ޓޯސްޓުކޮށްލީ އޭނައަށް އެ ހުސްކުރެވޭނެ ކަމުގެ ޔަޤީންކަމެއް ނެތިއެވެ. އަދި އަމުދުން ރޭ އޭނައަށް ގުޅި މީހާއާއިމެދު ވިސްނެމުން ދިޔަ ގޮތުން އޭނަގެ މޭބޮޑުވެފައިވި ކަހަލަ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. އޭނަ އެ ވަގުތުން ވަގުތަށް ވެސް އޭނަ އުޅޭ ޢިމާރާތުގެ ރިސެޕްޝަނަށް ގުޅައި އޭނަގެ އެޕާޓްމެންޓްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަން އެންގިއެވެ. ރިސެޕްޝަނުން އޭނަ ގާތު އެކަން ކުރެވޭނެ ވާހަކަ އެންގުމުން ޔުނާ ފުލުހުންނަށް ވެސް ގުޅައި އޭނައަށް ލިބުނު ކޯލުގެ ވާހަކަ ރިޕޯޓްކުރިއެވެ. އެހާ ހިސާބުން އޭނަގެ ހިތަށް ހަމަޖެހުނެއްކަމަކު އޭނަގެ އަރުތެރެއިން އެތެރެއަށް ދާގޮތްވީ ޕާން ފޮއްޗެއްގެ އެއްބައާއި ކޮފީ ތަށީގެ ދެބައިކުޅަ އެއްބައެވެ.
ރޭ ޔުނާ ގަރާޖަށް ލީ ކާރު ޢިމާރާތާއި ހަމައަށް ގެނެސްދިނުމަށްވެސް އިރުކޮޅެއްކުރިން އެންގިފައިވުމުން އޭނަ ޢިމާރާތުން ނިކުތްއިރު ޕާކިންގް ޞަރަޙައްދުގައި ކާރު އޮތެވެ. ކާރު އޮފުއަރަމުން ދިޔަ ގޮތުން ޔުނާއަށް ހިނިތުންވެލެވުނެވެ. އެ މަންޒަރު ފެނިފައި ދޮންބެ ފާޅުކުރާ އުފަލުގެ މަތިން ހަނދާންވުމުންނެވެ. އާދައިގެ މަތިން އެދުވަހުވެސް ކާރަށް އަރައި އޭނަ ދުއްވާލީ ދޮންބެގެ އެތައް ހަނދާންތައް އާކުރަމުންނެވެ.
10 ވަރަކަށް މިނެޓްގެ ތެރޭ ހުޅުމާލޭގެ މަގުތަކުންނާއި ސިނަމާލޭ ބްރިޖްގެ މަތިން އޮމާންކޮށް ދުއްވާފައި ގޮސް މާލެއަށް އެރުނުތާ މާ ގިނައިރެއްނުވެ ކާރޫބާރޫ ބޮޑު މަގެއްގައި ޔުނާ މަޑުކޮށްލަން ޖެހުނެވެ. ޢިމާރާތެއްގެ ކުރިމަތީގައި މަޑުކޮށްފައި އޮތް ޓެކްސީއެއް ކުރިއަށް ނުގޮސްގެން ހުރިހާ ކާރުތައް އެކުއެކީގައިހެން ބަރުގޮނު އަޅުވަނީއެވެ. ޔުނާވެސް ގަޑިޖެހެން ގާތްވެފައިވުމުން ހިތުގައި އުފެދުނު ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބަރުގޮނު އަޅުވާލެވުނެވެ.
ހަމަ އެހިނދު ޔުނާގެ ކާރާއި ދާދި ގާތުން ސައިކަލެއް އައިސް މަޑުކޮށްލި މަންޒަރު އޭނައަށް ލޮލުގެ ކޮޅުން ފެނިފައި އެދިމާލަށް ބަލައިލެވުނެވެ. އެއާއެކު އޭނަގެ ނޭވާ ކަރުގައި ތާށިވީ ފެނުނު ސޫރައަކުންނެވެ. ކަޅުކުލައިގެ ސައިކަލެއްގައި ސިފައިންގެ ޔުނިފޯމް ލައިގެން އެހެރީ އޭނައަށް ރޭ ފެނުނު ޒުވާނާ ނޫން ދެވަނަ މީހެއްނޫނެވެ.
ޒުވާނާ ފެނުމާއެކު ރޭގެ ހަނދާންތައް ޔުނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. އެ ޒުވާނާގެ ފަރާތުން އޭނައަށް ފެނުނު އަޚްލާޤެވެ. އޭނަގެ ކިބައިން ފެނުނު ރީތި ސިފަތަކެވެ. ޔުނާގެ ނަޒަރުން އޭނަ އެހެން ފިރިހެނުންނާއި ތަފާތު ކުރުވި ޤަދަރުވެރި ޝަޚްޞިއްޔަތެވެ. އަދި އަމުދުން ރޭ އެންމެ ފަހު ކަމެއްގެ ގޮތުން އެ ޒުވާނާގެ އަތުގައި އޮތް ހަދިޔާ އޭނައަށް ލިބިގެން ދިޔަ ގޮތެވެ. އެ ޗޮކްލެޓް ލިބުނުތަނާހެން ޔުނާވަނީ ރޭ އެ ވަގުތުން ވަގުތަށް ވެސް އޭތި ހުސްކޮށްފައެވެ. އެކަމާމެދު އޭނަ އަޖާއިބުވެ އަންތަރީސްވިއެވެ. އެ ޗޮކްލެޓް ކެވުނު ގޮތުން އޭނަ ހަނދާންވީ އެދުވަހުގެ މެންދުރު ކެއުން ވެސް އޭނައަށް ހުސްކޮށްލެވުނު ގޮތެވެ.
އެ ދެ ކަންތައް ވެސް އޭނައަށް ކޮށްދިނީ ހަމަ މި ޒުވާނާއަށް ވެދާނެ ހެއްޔެވެ؟ މި ޒުވާނާއަކީ ސިފައިންގެ މީހަކަށް ވާނަމަ ދޮންބެއަށް މި ޒުވާނާ އެނގިފައިވެދާނެ ހެއްޔެވެ؟ އޭނަ ކަނޑު އަޑިން ސަލާމަތް ކުރި ސިފައިންގެ މީހަކީ ވެސް މި ޒުވާނާއަށް ވެދާނެ ހެއްޔެވެ؟ މި ޒުވާނާ އޭނައަށް އެހީވަނީ ދޮންބެއާއި އޮތް ގުޅުމެއްގެ ސަބަބުން ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކުން ޔުނާގެ ގާތަށް ހިނިއައެވެ. އެ ހުރިހާ ޚިޔާލުތަކަކީ ޙަޤީޤަތަކަށް ވެއްޖެނަމަ އޭނަގެ ޙަޔާތް އަސްލެއްނެތް ފިލްމަކަށްވުން ނުހަނު ގާތްކަމަށް ހިތް ބުނުމުންނެވެ. އޭނައަށްޓަކައި ކަންތައް ކޮށްދިނުމުގައި ވަކި މި ޒުވާނާ ދެމިހުންނަންވީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. އެ ޒުވާނާ އޭނައަށް ރޭގެ ހަދިޔާ ފޮނުވާފައިވާނަމަ އަނެއް ދެ ކަންތައް ދޮންބެގެ އެހެން ދެ އެކުވެރިން އޭނައަށްޓަކައި ކޮށްދީފައިވުން ވެސް ގާތެވެ. އޭނަގެ ޙައްޤުގައި ދެމިހުންނަން އެ ޒުވާނާގެ ވެސް ޙަޔާތެއް ނެތީ ނޫންވިއްޔާއެވެ. ރަނގަޅަށް ވިއްޔާ އެ ޒުވާނާގެ ވެސް ލޯބިވެރިޔަކު ނޫނީ އަންބަކު ހުންނާނެއެވެ.
ކޮންމެ ގޮތެއްވިޔަސް ޔުނާ އެ ޒުވާނާއަށް ޝުކުރު އަދާކޮށްލަން ބޭނުންވުމުން ކާރުގެ ކުޑަދޮރު ތިރިކުރަން ފެށިއެވެ. އެ އަޑު ނުހަނު ގާތުން އިވުނު އެ ޒުވާނާ އޭނައާއި ދިމާލަށް ބަލައިލި ހިނދު ޔުނާގެ ހިތުގެ ތެޅުމަށް ވެސް ގޮތެއްވިއެވެ. އެހެނަސް އެއީ ނުވާކަމަކަށް ހަދަމުން ޔުނާ ހިނިތުންވުމެއް ދައްކާލިއެވެ.
“ޝުކުރިއްޔާ ވަރަށް ބޮޑަށް….” ޔުނާގެ ދުލުން އެ ބަސްތައް ނިކުމެގެން އައީ އޭނަ ހިތްހަމަޖެހޭ ގޮތަކަށް ނޫނެވެ. އޭނައަކީ އަބަދުވެސް ވަރަށް ރާވައިގެން ޚިޔާލުތަކުގެ ތެރޭ ބަސްތައް އަތުރައިގެން ވާހަކަ ދައްކާ މީހެކެވެ. މި ވަގުތުކޮޅުގައި މި ވީ ގޮތެއް ނޭނގުނެވެ. ޝުކުރު އަދާ ކޮށްލިއިރު ކުޑަމިނުން އެ ޝުކުރުގެ ފަހަތުގައިވި ސަބަބެއް ވެސް ކިޔައެއްނުދެވެއެވެ. އެހެން ޔުނާގެ ހިތް ބުނިތަނާހެން އެ ޒުވާނާގެ އަޑު އިވުނެވެ.
“ކޮންކަމަކަށްތޯ؟” އެ ޒުވާނާ އޭނަގެ ފިރިހެންވަންތަ އަޑުން ހަމަ ޙަޤީޤަތުގައި ވެސް ނޭނގިގެން އުޅޭ ފަދައަކުން ސުވާލުކުރިއެވެ.
އެއާއެކު ގަތް ލަދާއެކީ ޔުނާގެ ކޯތާފަތް ރަތްވެގެން ދިޔައެވެ. ދުވަހަކުވެސް މިހާ ރީތި ޒުވާނެއްގެ ކުރިމަތީގައި އޭނަ މިފަދައިން ލަދުގަންނާނެ ފަދަ ޙާލަތެއް މެދުވެރިވެފައެއްނެތެވެ. ހަމަ އެއާއެކު ރޭ އޭނައަށް ލިބުނު ޗޮކްލެޓަކީ ވަކި މި ޒުވާނާ ފޮނުވި ޗޮކްލެޓަކަށް ނުވެވެސް ހިނގައިދާނެއޭ ހިތަށްއެރިއެވެ. އެހެންވެފައިވާނަމަ އޭނައަށް މި ދެއްކުނީ ބޭކާރު ވާހަކައެއްތާއޭ ހިތަށްއެރިއެވެ. އެހާ ޤަދަރުވެރި ޒުވާނަކު އޭނަ އެފަދައިން ވާހަކައެއް ފެށުމުން ހިތަށްއަރާނީވެސް ކީކޭ ހެއްޔެވެ؟ ލަދުކުޑަ ގޮތެއް ފޮތެއް ނެތް އަންހެނަކު ހެނދުނު ހެނދުނާ އޭނައަށް އުދަގޫ ކުރަނީއޭ ހިތާހިތުން ކިޔާނެތާއެވެ.
އެހެނަސް ޔުނާގެ މޮޅު ސިކުނޑި ވަގުތުން އެ ޙާލަތު އެނބުރިދާނެ އެހެން ގޮތަކާމެދު ވިސްނާލަމުން ސިކުންތުކޮޅެއްގެ ތެރޭގައި ވާހަކަ ދެއްކިއެވެ.
“ތިބޭފުޅާ ކޮންމެ ދުވަހަކު ކޮށްދެއްވާ ހުރިހާ ކަންތަކަށްޓަކައި….. ޒިހާން” އެ ފަހު ދެ ބަސް ބުނެލީ ޒުވާނާގެ ޔުނިފޯމުގައި މޭމައްޗާއި ދިމާލަށް ހަރުކުރެވިފައިވި ނަމަށް ބަލައިލަމުންނެވެ. އޭނަ އެހެން ބުނުމުގެ މަޤްޞަދަށްވީ އޭނަގެ ޝުކުރު ސިފައިންގެ ޚިދުމަތަށް އަނބުރައިލުމެވެ. ލިބުނު އެ ޚިޔާލަށްޓަކައި ހިތާހިތުން އަމިއްލަ ނަފްސަށް ތަޢުރީފުވެސް ކުރެވުނެވެ.
އެއާއެކު އޭނަގެ ކުރިމަތީގައި ހުރި ޒިހާން ހިސާބަކަށް ހުއްޓުންއެރި މަންޒަރު ފެނުމުން ޔުނާއަށް ކާމިޔާބީގެ އިޙްސާސެއް ކުރެވުނެވެ. ޒިހާން އެހެން ހުރެފައި އެއްފަހަރު އޭނަގެ މޭމައްޗަށް އަނެއްފަހަރު ޔުނާއަށް ބަލައިލި ގޮތް ޔުނާއަށް މައުސޫމްވިއެވެ. ޔުނާ ހީކުރީ ދެން އެ މޫނުމައްޗަށް ވެރިވާނީ ނުރުހުމުގެ ނަޒަރެއް ކަމަށެވެ. އޭނަ ބޭކާރު ގޮތުގައި ވާހަކައެއް ދައްކާލި ކަމަށްޓަކައެވެ.
އެހެނަސް ޔުނާ ޙައިރާންވެގެން ދިޔައީ ޒިހާން ލުއި ގޮތަކަށް ހީލި މަންޒަރު ފެނުމުންނެވެ. ޔުނާއަށް އޭނަގެ ނަން އެނގުނުގޮތް އެނގުންވުމުން އޭނައަށް މަޖާ ކަމަކަށްވި ފަދައެވެ. ޙައިރާންކަމެއްގެ ތެރޭގައި ޒިހާނަށް ގެއްލިފައި ޔުނާ އިންދާ އެ މަގު ހުސްވިއެވެ. އަދި އޭނަ ބަލަބަލާ އިންދާ ޒިހާން ނުފިލާ ހިނިތުންވުމެއްގައި އިނދެ ސައިކަލު ދުއްވާލިއެވެ. ޒިހާންގެ ސައިކަލު އޭނަ ފަހަނަޅައި ކާރުގެ ކުރިމަތިން ފެންނަން ފެށުމުން ވެސް ޔުނާއަށް ޚިޔާލެއްގެ ތެރޭގައި އިނދެވުނެވެ. އޭނައަށް ހަމަހޭވެރިކަމެއްވީ އޭނަގެ ފަހަތުން އެހެން ކާރެއް ބަރުގޮނު އަޅާލި އަޑަށެވެ. އެއާއެކު ޔުނާ އެ ވަގުތުކޮޅަށް އަނބުރާ އަންނަމުން ކުޑަދޮރު ލައްޕައި ކާރު ދުއްވާލިއެވެ.
**
އޭގެ މިނެޓްތަކެއްގެ ތެރޭގައި ޔުނާ ހިނގަމުން ދިޔައީ ހޮޓެލްގެ ރިސެޕްޝަންގެ ތެރެއިން ފެންނަމުން ދިޔަ ލިފްޓާއި ދިމާލަށެވެ. ހޮޓެލްގެ ސީއީއޯއަށް ޚާއްޞަ ކުރެވިފައިވާ އޮފީހާއި އިދާރީ ކަންތައްތައް ހިންގާ އޮފީސްތައް ހުންނަނީ ހޮޓެލްގެ އެންމެ މަތީ ފަންގިފިލާގެ ބައެއްގައި ކަމަށްވުމުންނެވެ. ޔުނާ ގޮސް ލިފްޓަށްވަދެ އެ ފަންގިފިލާގެ ނަންބަރަށް ފިތާލުމުން ލިފްޓުގެ ދޮރު ލެއްޕެން އުޅުނުތަނާހެން ކޮންމެވެސް މީހަކު އެ ދޮރުގައި ހިފަހައްޓާލިއެވެ. އެއާއެކު އެ ދޮރު ހުޅުވިގެން ދިޔުމުން ޔުނާއަށް އެއީ ކާކުތޯ ބަލައިލެވުނެވެ.
“އޯ ޔުނާ…..ހާއި ޑާރލިންގް! ރިމެމްބާރ މީ؟” ލިފްޓަށް ވަދެގެން އައީ ނޫކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ބެގީ ކޮށްގެން ހުރި ޒުވާނެކެވެ. ފަންކޮށް އޮތް އިސްތަށިގަނޑުގައި މަޑު މުށިކުލައެއް ޖެއްސިފައިވީއިރު އިސްތަށިގަނޑު އެއްފަރާތަކަށް ކަހާލެވިފައިވިއެވެ. ޒުވާނާ ގޮސް އެ ބޮޑު ލިފްޓް ތެރޭގައި ތަން އޮތްވާ ވެސް މަޑުކޮށްލީ ޔުނާއާއި ދާދި ގާތުގައެވެ. އެކަން ފާހަގަވުމުން ވީ ނުރުހުމުގައި ޔުނާ ވަގުތުން އެއްފަރާތަކަށް ފިޔަވަޅެއް އަޅައި ދުރުވެލިއެވެ.
“ޕެންޑެމިކްއެއް ނޫނަސް އިޖުތިމާޢީ ދުރުމިން ދެމެހެއްޓުން އެއީ ވަކި ގޯސް ގޮތެއް ނޫންދޯ މުއިޒް؟ ވަކިން ޚާއްޞަކޮށް މުއިޒްއަށް ހިލޭ އަންހެނުންނާ. ވަޓް ޑޫ ޔޫ ތިންކް؟” ޔުނާ އަސްލެއްނެތް ހިނިތުންވުމެއް ދައްކާލަމުން ރުޅިވެރިކަމުން އަނދަމުން ދިޔަ ހިތަކާއެކީ ރާގަކަށް ސުވާލުކުރިއެވެ. އެއާއެކު މުއިޒް ހިނިގަނޑެއް ޖަހާލިއެވެ.
“އެކަމަކު ތިހާ ރީތި އަންހެން ކުދިން އުޅޭއިރު ކިހިނެއް ދުރުގަ ހުންނަން ކެތްވާނީވެސް؟” މުއިޒް އެހެން ބުނެލީ ލިފްޓުގެ ފާރަށް ލެނގިލައިގެން ހުރެ ލަދުކުޑަ ގޮތަކަށެވެ. އެއާއެކު ޔުނާގެ ގޮށްމުއްކެވުނު އިރު އޭނަ އައި ރުޅީގައި ތުރުތުރުވެސް އެޅިއެވެ.
މުއިޒްއަކީ ވޭތުވެދިޔަ އަހަރުގައި ހޮޓެލްގެ އެކައުންޓޭންޓަކަށް ދޮންބެ ނެގި މީހެކެވެ. މުއިޒް އޭނައަށް ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް އޭނައާއި ގާތްވާން މަސައްކަތްކޮށްފައިވެއެވެ. ދޮންބެ ދުނިޔޭގައި ހުރިއިރު އެކަން ހިފެހެއްޓިފައިވިއެވެ. މުއިޒްއަށް ވީ ފޫހީގައި އޭނަ ކަނޑާލަން ދޮންބެ ގާތު އެދެން އުޅެފައިވެސް ޔުނާ އެހެން ނެހެދީ އޭރު އޭނަ މާ ގިނައިން ހޮޓެލަށް ގޮސްވެސް ނަހަދާތީވެއެވެ.
އެހެނަސް މިއަދު މިވަނީ ޙާލަތު ބަދަލުވެފައެވެ. ދޮންބެ ދުނިޔޭގައި ހުރިނަމަ ވެސް ދޮންބެ ބޭނުންވީހީ މުއިޒް ކަހަލަ މީހުން އޭނައާއި ވީހާވެސް ދުރުކުރަންކަން ޔުނާއަށް ޔަޤީންވިއެވެ. އެހެންކަމުން ޔުނާ މުއިޒްއަށް އިތުރު ސަމާލުކަމެއް ނުދީ އެ ލިފްޓުން ނިކުތީ ހަމަ އެދުވަހުން ދުވަހަށް މުއިޒްއާމެދު ގޮތެއް ނިންމަން ކަނޑައަޅަމުންނެވެ.
ޔުނާ އޭނައަށް ޚާއްޞަކުރެވިފައިވި އޮފީހަށްވަދެ ކުރަން ފެށި އެންމެ ފުރަތަމަ ކަމަކީ އެއީއެވެ. ނަމަވެސް އޭގެ އެންމެ ފުރަތަމަ މަރުޙަލާ ނިންމާލެވުނުތަނާހެން އޭނަ އެހެން މަސައްކަތަކަށް ބަލައިލަން ޖެހުނެވެ. ހޮޓެލްގެ ޚިދުމަތްތައް އިތުރަށް ކުރިއެރުވުމަށް ރޭވިފައި ހުރި ރޭވުންތަކަށް ނަޒަރެއްދީ އެކަންތައްތަކަށް އޭނަގެ ޚިޔާލު ފާޅުކުރަން ބައްދަލުވުމެއް ބާއްވަން ޖެހުނެވެ. މި ނޫނަސް އެހެނިހެން އެކިއެކި މަސައްކަތްތަކެއްގެ ސިލްސިލާއެއްގައި ޖެހުމުން ޔުނާ އެކަމުގެ މަތިން މުޅިންހެން ހަނދާން ނެތޭ ގޮތްވިއެވެ.
ޔުނާއަށް ހުސް ވަގުތެއް ލިބިގެން ދިޔައީ އެރޭ 8 ޖަހައި ބޮޑުވި ފަހުންނެވެ. ދުވަހުގެ މަސައްކަތް ބުރަވުމުގެ ސަބަބުން އޭނަ ކާން ހަނދާނެއް ނެތް ތާނގައި ބައެއް ނަމާދުތައް ކުރަން ވެސް ހަނދާނެއް ނެތެވެ. އޮފީހުގެ މޭޒު ދޮށުގައި އިނދެ ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލި ވަގުތު މި ގޮނޑީގައި ދޮންބެ އިންނަމަ އެހެން ނެހެދީހޭ ހިތަށްއެރިއެވެ. ދޮންބެ ކިތަންމެ ބުރަވިޔަސް ނަމާދަށް ބަހައްޓާ ސަމާލުކަމުން ޔުނާ އަޖާއިބުވެއެވެ. ބުރަ ދިރިއުޅުމުއް ފަސޭހަ ދިރިއުޅުމަކަށް ބަދަލު ކުރުވަނީ ނަމާދުންނޭ ދޮންބެ ބުނާ ގޮތުން އޭނަ ޙައިރާންވެއެވެ. މަސައްކަތުގެ ތެރެއިން އިތުރުކަމެއް ކުރަން ވުމުން އިތުރަށް ބުރަވުން ނޫންކަމެއް ވާނެ ހެއްޔެވެ؟ އެއީ ޔުނާއަށް އަބަދުވެސް އެއާއިމެދު ވިސްނޭ ސުވާލެކެވެ. އެހެނަސް އެ ނަމާދުގެ ސަބަބުން ދޮންބެއަށް ބުރަވި ނަމަ ދޮންބެ މި ހުރިހާ މަސައްކަތްތައް އޭނައަށްވުރެ ވެސް ރަނގަޅަށް ނިންމަމުން ދިޔައީ ކިހިނެއްތޯ ވެސް ހިތަށްއަރައެވެ.
ވިސްނުމެއްގައި އިނދެފައި ޔުނާ ގޮނޑިން ތެދުވެގެން ގޮސް އޭނަގެ އޮފީހުން ވެސް ނިކުތެވެ. އެއަށްފަހު އޭނަ މިޞްރާބުޖެހީ ހޮޓެލްގެ އެ ފަންގިފިލާގައި ހެދިފައި ހުންނަ ހާމަ ރެސްޓޯރެންޓާއި ދިމާލަށެވެ. އެތަނަށް ނިކުމެވުމާއެކު ފިނި ވައިރޯޅިއެއް އައިސް އޭނަގެ މޫނުގައި ބީހިލިއެވެ. އެވަގުތުވެސް މަދުމަދުން މީހުން އެ ރެސްޓޯރެންޓުގައި ތިއްބެވެ. ޔުނާ އެމީހުންނަށް ވަކި ސަމާލުކަމެއް ދިނުމެއްނެތި ގޮސް އެތާ މެދަށްވާ ގޮތަށް ހުރި ހުސް މޭޒެއްގެ ދޮށުގައި އިށީނީ އޭނަގެ ސިކުނޑިއަށް ލުއެއް ލިބޭތޯއެވެ.
ޔުނާ އެތާ އިށީންތާ މާ ގިނައިރެއްނުވެ އެހެން މީހަކު އައިސް އޭނަގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ގޮނޑީގައި އިށީންކަން އެނގުނެވެ. އިސްއުފުލައި ބަލައިލިއިރު ފެނުނު ސޫރައަކުން އޭނަގެ ތަބީޢަތް ވަގުތުން ގޯސްވިއެވެ. އެއީ މުއިޒް ނޫން ދެވަނަ މީހެއް ނޫނެވެ.
“ހައި ލޯބި! އަދިވެސް ވޯކްކުރަނީތަ؟” މުއިޒް ޔުނާއަށް އުދަގޫވާފަދަ ނަޒަރެއް ދީގެން އިނދެ ސުވާލުކުރިއެވެ. އިތުރަށް އެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ބޭނުމެއް ނެތްކަން ދަނެގެން ޔުނާ އެއްޗެކޭ ނުބުނެ އެތަނުން ދާން ތެދުވަން އުޅުނެވެ.
“އެކަނި ގެއަށް ދާން ކެރޭނެތަ މިރޭ؟ ރޭގަ ކޯލެއް ލިބުނެއްނު؟” ޔުނާއަށް ނުތެދުވެވެނީސް މުއިޒް ބުނެލި ވާހަކައިން ޔުނާ ހުއްޓުންއެރިއެވެ.
“މުއިޒްއަށް ކިހިނެއް އެނގެނީ؟” ޔުނާ ބުމަގޮށްޖެހިފައި އިނދެ އެހިއެވެ.
“އެނގޭ ގޮތަކަށް ހަމަ އެނގެނީ. ބުނެވޭނީ ޔުނާއަށް ދެން އެންމެ ސޭފްވާނީ އެ އެޕާޓްމެންޓަށް ނުދިޔުމޭ. އޭގެ ބަދަލުގަ އަހަންނާ އެކީ އަހަރެން އުޅޭ އެޕާޓްމެންޓަށް ހިނގާ….އަހަރެން….ވަރަށް ލޯބިން ޔުނާ ގެންގުޅޭނަން….” މުއިޒް އެހެން ބުނެލީ މޭޒުމަތީގައި ބޭއްވިފައި އޮތް ޔުނާގެ އަތް މަތީގައި އަތް ބާއްވައި ބޮޑުވާ އިނގިލިން އެ އަތުގެ ނުފުށުގައި ފިރުމަމުންނެވެ. އެއާއެކު ޔުނާގެ ސިކުނޑި ދިން ރަތް ސިގްނަލާއެކީ އަތް ފޮޅުވާލަމުން ކޮޅަށް ތެދުވެވުނެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި އެތަނުން ދާން ހިނގައިގަތެވެ.
މުއިޒް ވެސް ޔުނާގެ ފަހަތުން ރެސްޓޯރެންޓުން ނިކުތެވެ. އެކަން ފާހަގަވުމުން ޔުނާ ހަރުކަށިކަމާއެކީ ފަސްއެނބުރި އޭނަގެ ފަހަތުން ނައުމަށް އެންގިއެވެ. އެހެން ބުނުމުން ވެސް މުއިޒްގެ ފިޔަވަޅުތައް މަޑުނުވުމުން އޭނަ ނުހުއްޓައިފިނަމަ ވަޒީފާއިން ކަނޑާލެވޭނެ ވާހަކަ ވެސް އެންގިއެވެ. އެހެނަސް މުއިޒް އެކަމަށްވެސް ޖެހިލުން ނުވުމުން ޔުނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މުއިޒްގެ ހަމައެކަނި މަޤްޞަދަކީ ކޮބައިކަން ޔަޤީންވުމުން ޔުނާ އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލަމުން ތިރިއަށް ދާން މިޞްރާބުޖެހީ ވެސް ސިޑިންނެވެ. ސަލާމަތަށް އެދެން ސެކިއުރިޓީއަކަށް ގުޅަން ހިތަށްއެރިއެއްކަމަކު އާދައިގެ މަތިން އޭނަ ފޯނުގެ މަތިން ހަނދާން ނެތުނުކަން ޔުނާއަށް އެނގުންވިއެވެ. ހޮޓެލްގެ ރިސެޕްޝަނާއި ކައިރިން މުއިޒް ފަޟީޙަތް ކޮށްލަން ހިތަށްއެރިއެއްކަމަކު އެތާ މީހުން ތިބުމުން ޔުނާ އެ ޚިޔާލު ބަދަލުކުރިއެވެ. އޭނަ ހޮޓެލުން ބޭރަށް ގޮސް ކާރަށް އަރައި ދުއްވާލުމުން މުއިޒްގެ ކިބައިން އޭނަ ސަލާމަތްވާނެ ކަމަށް ޔުނާ ހީކުރިއެވެ.
އެހެނަސް އޭނަ ކާރަށް އަރައި ދޮރު ލައްޕާލި ވަގުތު އޭނަގެ ކާރުގެ ފަހަތުގައި އޮތް ފެހި ކުލައިގެ ކާރަށް މުއިޒް ވެސް އެރި މަންޒަރު ފެނުނެވެ. ޔުނާ ކާރު ސްޓާޓްކޮށް ދުއްވާލި ތަނާހެން އެ ކާރު އޭނަގެ ފަހަތުން އަންނަން ފެށުމުން ޔުނާގެ ހިތުގެ ތެޅުން އަވަސްވިއެވެ.
މާލޭ ޞަރަޙައްދުގެ ތެރެއިން ޔުނާ އެކި ގޮތްގޮތުން މުއިޒްގެ ކާރު އޭނަގެ ފަހަތުން ނެއްޓޭތޯ އެތައް މަސައްކަތެއް ކުރިއެވެ. އެހެނަސް ސިނަމާލޭ ބްރިޖާއި ހަމައަށް ދެވުނުއިރު ވެސް ހަމަ އެ ކާރު އޭނަގެ ފަހަތުގައިވިއެވެ. ބްރިޖަށް އެރުމާއެކު ގިޔަރު ބަދަލުކޮށް އެކްސެލެރޭޓަރަށް އޮބާލަމުން ޔުނާއަށް ސްޕީޑް ބާރު ކޮށްލެވުނީ ވެފައިވި ނުތަނަވަސްކަމެއްގެ ބޮޑުކަމުންނެވެ. ސްޕީޑް ބާރުކޮށްލުމުން އޭނަގެ ކާރާއި މުއިޒްގެ ކާރާއި ދެމެދު ފުދޭވަރެއްގެ ޖާގައެއް ހެދުމުން ޔުނާގެ ހިތްހަމަޖެހުނެވެ. އެހެނަސް އެ ކާރުގެ ސްޕީޑް ވެސް އަވަސްވިހެން ހީވި ހީވުމާއެކު ޔުނާވެސް އިހުނަށްވުރެ ބާރަށް ދުއްވަން ފެށިއެވެ.
ހަމަ އެވަގުތު ކާރުގެ ފަހަތް ފެންނަމުން ދިޔަ ބިއްލޫރިގަނޑުން ނުހަނު ބާރަށް ދުއްވާފައި އައި ކަޅުކުލައިގެ ސައިކަލެއްވެސް ޔުނާއަށް ފާހަގަވިއެވެ. އެ ސައިކަލުގައި ހުރީ އާދައިގެ ގަމީހަކާއި ޖިންސެއްގައި ހުރި ޒުވާނެކެވެ. އޭނަގެ ސޫރަ ނުފެނުނެއްކަމަކު އެއީ ކާކުކަން އޭނައަށް ޔަޤީންކުރެވުނީ ކީއްވެކަމެއް ޔުނާއަކަށް ނޭނގުނެވެ.
ޔުނާ ބަލަބަލާ ހުއްޓާ އެ ސައިކަލު މުއިޒްގެ ކާރާއި އެއްވަރު ކުރިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން އެ ސައިކަލު މުއިޒްގެ ކާރަށްވުރެ ކުރިއަށް އަރައި ކުއްލިއަކަށް އެ ކާރު ކުރިމައްޗަށް ހުރަސްކޮށްލި ވަގުތު ޔުނާއަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ބުރަކި ޖައްސާލެވުނެވެ.
ނުނިމޭ