Hiyaa (Part 7)
ރޭގަނޑު 8:10 ހިނގި ވަގުތު ޒިހާން މާލޭގެ މަގުތަކުން ސައިކަލު ދުއްވަމުން ދިޔައީ ދޮންތަގެ އެދުމަށް ރަނގަޅު ލެޕްޓޮޕެއް ފެނޭތޯ ބެލުމަށެވެ. ދުވަހުގެ ޑިއުޓީ ނިންމުމަށްފަހު އޭނަ ވަރުބަލިވެ ދެލޯ ވެސް ނިދިބަރުވެފައި ވިއެވެ. އެހެނަސް ޙަވާލުކުރެވޭ ކަމެއް ވީހާވެސް އަވަހަކަށް އެކަމެއް ކޮށްދިނުމަކީ އޭނަގެ އާދައެކެވެ. އެރޭ އޭނަ ގެއިން ނިކުތީ ހުރިހާ ފިހާރައެއް ނޫނަސް އޭނަ އުޅޭ ޢިމާރާތާއި ކައިރި ހިސާބުތަކުގައި ހުރި އިލެކްޓްރޯނިކްސް ފިހާރަތައް ބަލާލުމަށެވެ.
ދެ ފިހާރައެއް ބަލާލުމަށްފަހު ޒިހާން ސައިކަލު ދުއްވަމުން ދަނިކޮށް އާދައިގެ މަތިން ޕެރެމައުންޓް ހޮޓެލްގެ ޢިމާރާތަކާއި ގާތްވަމުން ދިޔަ ދިޔަހެން އޭނަގެ ސައިކަލުގެ ދުވެލި ލަސްކޮށްލެވުނެވެ. ޕެރެމައުންޓް ހޮޓެލް 2 ގެ އެ ޢިމާރާތަކީ ހޮޓެލްތަކުގެ އިދާރީ ބައިވެސް ހުންނަ ޢިމާރާތްކަން ހަނދާންވުމުން ހިތުގައި އުފާވެރިކަމެއް ވެސް އުފެދުނެވެ. އެ ޢިމާރާތުގައި މިވަގުތު ހުރެދާނެ މީހަކާމެދު ހަނދާންވުމުންނެވެ.
އެ އިޙްސާސާއެކީ އޭނައަށް ހިނިތުންވެލެވުނީ ހޮޓެލްގެ ކުރިމައްޗަށް އޭނައަށް ދެވެން އުޅުނު ވަގުތު ޔުނާ އަވަސް ހިނގުމެއްގައި އެ ހޮޓެލުން ނިކުންނަމުން އައި މަންޒަރު ފެނުމުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޭދި ދެ ބުމަ ކައިރިވެގެން ދިޔައީ ޔުނާގެ ފަހަތުން އެ ހޮޓެލުން ނިކުތް ޒުވާނަކު ފެނުމުންނެވެ. އެއީ ކާކުކަން ޔަޤީންވި ވަގުތު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވެ ދަތްކުނޑި ވިކުނެވެ.
“މުއިޒް!” އެ ނުރުހުމުގައި ވައި އަޑުން ޒިހާނަށް ބުނެލެވުނެވެ. އެ ވަގުތު ޔުނާ އޭނަގެ ކާރަށް އެރިއިރު މުއިޒް ވެސް ފަހަތުގައި އޮތް އޭނަގެ ކާރަށް އަރައި ދޮރު ލައްޕާލި މަންޒަރު ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާގެ ކާރު ދުއްވާލުމުން މުއިޒްގެ ކާރު އޭގެ ފަހަތުން ދިޔަތަން ފެނުނެވެ. އެއާއެކު ހިތުތެރޭގައި ރޯވި ރުޅިވެރިކަމުގެ އަލިފާނާއެކީ އެ ފެހި ކުލައިގެ ކާރުގެ ފަހަތުން ސައިކަލު ދުއްވާލީ އޭނަ ވެފައިހުރި ވަރުބަލިކަމުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ.
މާލޭގެ މަގުތަކުން ދުއްވާފައި ދިޔައިރު ޒިހާން އުއްމީދު ކުރި ފަދައިން ޔުނާ އެކިއެކި އުދަގޫ ގޯޅިތަކުން އަޅަމުން މުއިޒްގެ ފަރާތުން ސަލާމަތްވޭތޯ މަސައްކަތް ކުރިއެވެ. އޭގެ ތެރެއިން ކޮންމެ ފަހަރަކު މުއިޒް ކިތަންމެ ދަތި ދޭތެރެތަކުން ވެސް ގޮސް ޔުނާގެ ކާރާއި ހަމަކުރަމުން ދިޔަ ގޮތުން ޒިހާން ޤަޞްދުގައި ގޮސް އެ ކާރުގައި ސައިކަލު ޖައްސާލަން ހިތަށް އެރީ ވެސް މަދު ފަހަރަކުއެއްނޫނެވެ.
މިފަދަ ގޮތަކަށް ދުއްވަމުން ގޮސް އޭނަގެ ކުރިއަށް ދުއްވަމުން ދިޔަ ދެ ކާރުވެސް ސިނަމާލޭ ބްރިޖަށް އެރި ތަން ފެނުމުން ޒިހާން ވެސް ބްރިޖަށް އެރީ ހެލްމެޓާއި މެދު ވެސް ހަނދާން ނެތިފައި ހުރެއެވެ. ބްރިޖަށް އެރުމަށްފަހު ދެ ކާރުގެ ސްޕީޑް ވެސް މަތިވުމުން ޒިހާން ވެސް ނުހަނު ބާރަށް ދުއްވާލިއެވެ. ބްރިޖަށް އެރިތާ މާ ގިނައިރެއްނުވެ ޔުނާގެ ކާރު އިހުނަށްވުރެ ސްޕީޑް މަތިކޮށް މުއިޒްގެ ކާރާއި ދުރަށް ދިޔަ ގޮތުން ޒިހާންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ހީކުރީ މުއިޒް ދެން ވަކި ޔުނާގެ ކާރާއި ހަމަކުރަން މަސައްކަތް ނުކުރާނެ ކަމަށެވެ. ހަމަ ނުކުރިޔަސް ނުހަނު ފަސޭހަކަމާއެކީ ޔުނާގެ ފަހަތުން އެ ދާ މަންޒިލަކަށް ދެވިދާނެތީވެއެވެ. އެހާ ހިސާބުން ޒިހާން ވެސް ނިންމީ އެތަނަކަށް މުއިޒް ފޭބުމުން އޭނައާއި ކުރިމަތިލާށެވެ.
އެހެނަސް ކަންތައްވާން ފެށީ ޒިހާން ހީކުރި ކަހަލަ ގޮތަކަށް ނޫނެވެ. މުއިޒް އިހުނަށްވުރެ ވެސް އޭނަގެ ކާރުގެ ސްޕީޑް މަތިކޮށްލަމުން ޔުނާގެ ކާރާއި ދިމާލަށް ދާން ފެށި ގޮތުން ހިތުގައި އުފެދިގެން ދިޔަ ބިރުވެރިކަމާއެކީ ޒިހާނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ވަކިން ޚާއްޞަކޮށް އެ މަންޒަރުން ޔަޒްދާންގެ އެކްސިޑެންޓް ހިނގައިދިޔަ ގޮތުގެ ހަނދާން އާވެގެން ދިޔުމުންނެވެ. އެ އެކްސިޑެންޓް ވެސް ހިނގައިދިޔައީ އޭނަ ހަމަ މިފަދައިން ސައިކަލު ދުއްވާފައި ދަނިކޮށް އޭނަގެ ލޯ ކުރިމަތިންނެވެ.
އެރޭ އެ އެކްސިޑެންޓަށްފަހު ޔަޒްދާން އޮތް ފަދަ ޙާލެއްގައި ޔުނާ އޮތް މަންޒަރު ލޮލަށް ސިފަވުމުން ވެސް ޒިހާންގެ މޭ ރޫރޫއެޅިއެވެ. އޭނަގެ ސިކުނޑި ނޫނެކޭ ބުނެ ހަޅޭއްލެވި ހިނދު އޭނައަށް ސައިކަލުގެ ސްޕީޑް ދެގުނަ ކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ސައިކަލު މުއިޒްގެ ކާރާއި ކައިރިކޮށްލަމުން ޒޫމް އަޑު ލައްވާލީ އޭނަގެ ރުޅިވެރިކަން ދެއްކުމުގެ އިތުރުން މުއިޒްގެ ސަމާލުކަން އެހެން ދިމާލަކަށް ގެންދިޔުމުގެ ވެސް މަޤްޞަދުގައެވެ.
އެކަން ކާމިޔާބުވެސްވިއެވެ. އޭނަ އެހެން ހެދި ތަނާހެން މުއިޒްގެ ކާރުގެ ސްޕީޑް ކުޑަކޮށް ދަށްވެގެން ދިޔައެވެ. ހަމައެއާއެކު ޒިހާން އޭނަގެ ސައިކަލުގެ ސްޕީޑް ކުރިއަށްވުރެ އިތުރު ކޮށްލަމުން ޔުނާގެ ކާރާއި ދިމާލަށް މިޞްރާބުޖެހިއެވެ. އެއަށްފަހު އެ ދެކާރުގެ ދެމެދަށް ވަންނަން ނިންމީ، އޭރުވެސް ފުދޭވަރެއްގެ ބާރުމިނެއްގައި އަންނަމުން ދިޔަ މުއިޒްގެ ކާރު އޭނައާއި ހަމައަށް ނާންނަނީސް ބުރަކި ޖައްސައި ހުއްޓާލެވޭނެކަމަށް އަންދާޒާ ކުރަމުންނެވެ.
އެ އަންދާޒާގެ މާ ބޮޑު ޔަޤީންކަމެއް ނެތްއިރު ވެސް ޒިހާން ކުއްލި ގޮތަކަށް އެ ދެ ކާރުގެ ދެމެދުން ސައިކަލު އަނބުރައިލީ އަމިއްލަ ސަލާމަތަށްވުރެ ވެސް ބޮޑަށް ޔުނާގެ ރައްކާތެރިކަން އޭނައަށް މުހިއްމުވި ވަގުތުކޮޅެއްގައެވެ. ހަމައެއާއެކު އޭނަގެ ކަނާތް ފަރާތުން ފެނުނު މުއިޒްގެ ކާރު ކުއްލިއަކަށް ބުރަކި ޖައްސާލި ވަގުތަކީ އޭނަގެ ވާތްފަރާތުން ކުރިއަށް ދަމުން ދިޔަ ޔުނާގެ ކާރުވެސް ބުރަކި ޖައްސާލި ވަގުތެވެ.
ބުރަކި ޖައްސާލެވުމަށް ފަހު ވެސް ދެ ކާރު ދުއްވަމުން ދިޔަ ބާރު ސްޕީޑްގެ ސަބަބުން އެ ދޭތިވެސް އިރުކޮޅެއް ވަންދެން ކުރިއަށް ދިޔައެވެ. ޔުނާގެ ކާރު ޒިހާނާއި ދުރަށް ދަމުން ދިޔައިރު މުއިޒްގެ ކާރު ސީދާ އޭނަގެ މަޑުކުރެވިފައިވި ސައިކަލާއި ދިމާލަށް އަންނަމުން ދިޔައެވެ. ޒިހާންގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. މުއިޒްގެ ކާރު އޭނައާއި ފޫޓެއްހާ ދުރުގައި ވަނިކޮށް ހުއްޓުމަކަށްއައެވެ. ހަމަ އެހިނދު ޔުނާގެ ކާރުވެސް މަޑުކޮށްލިހެން ހީވި ވަގުތު އޭނައަށް އެދިމާލަށް ބަލާލެވުނެވެ. ސިކުންތުކޮޅެއްވަންދެން އެ ދިމާލަށް ބަލަން އިނދެފައި ޒިހާން އަނެއްކާވެސް މުއިޒްގެ ކާރަށް ނަޒަރެއް ދިނެވެ.
އޭނައާއި ދާދި ގާތުގައި ހުއްޓިފައި އޮތް ކާރަށް ބަލަން އިނދެ ޒިހާނަށް އަވަސްވެފައިވި ހިތަކާއެކީ ކުރު ނޭވައެއް ދޫކޮށްލެވުނީ ހިތާހިތުން ޙަމްދުކުރަމުންދާ ޙާލުގައެވެ. ޒިހާން ބަލަބަލާ ހުއްޓާ ކާރު ތެރޭގައި ރުޅިން ރަތްވެފައި އިން މުއިޒް ކާރުން ފޭބުމަށްފަހު ބާރަކަށް ދޮރު ލައްޕާލިއެވެ.
“ތިއީ ހޭ ބުއްދި ފިލައިގެން އުޅޭ މީހެއްތަ؟ އެނ؟!” މުއިޒް ޒިހާންގެ ގާތަށް ހިނގަމުން ދިޔަގޮތުން ދެންމެދެންމެ ޒިހާންގެ ގަޔަށް އަތްލާފާނެހެން ހީވަމުން ދިޔައެވެ.
“ތި ސުވާލު އަޅުގަނޑަށްވެސް ކުރެވިދާނެ ތި ބޭފުޅާއާ. ތިހާ ބާރު ސްޕީޑެއްގަ ސީދާ އެހެން ކާރަކާއި ދިމާލަށް ދަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން އެކަށީގެންވޭ…” ޒިހާން ސައިކަލުގައި އިން ގޮތަށް އިނދެ ހަރުނުވިޔަސް ސާބިތު އަޑަކުން ބުނެލިއެވެ.
“ކަލެއަށް ނުބެހެވޭނެ މި މަގުން ދުއްވާ ކޮންމެކޮންމެ މީހަކު ކުރާ ކަމަކާ. އަދި މަގޭ ކާރުގެ ކުރިމައްޗަށް އަރާ މަގޭ ކާރު ހުއްޓުވަން ތިއީ ކާކު؟ ކަލެއަށް ނޭނގެނީ އަދި މަ މިއީ ކާކުކަން! މަށަށް މި ވާހަކަ މަތީ ފަރާތްތަކަށް އެންގޭނެ ނުހަނު ފަސޭހައިން. އެންގީމަ ކަލޭގެ ވަޒީފާއާ އުޅޭ ތަނާ ކަލޭ އެއްކުރިހާ ލާރިއެއް އެކުއެކީވެސް ނެތި ހިނގައިދާނެ. އެހެންވީމަ ދެންވެސް މަގޭ ހިޔަނި އެޅޭ ހިސާބަށް ވެސް ނާންނާތި.” މުއިޒް ޒިހާންގެ ގާތަށް ގޮސް ޖެހިގަންނަންމުން ޒިހާންގެ ކޮނޑުގެ ކައިރިން ގަމީހުގައި ހިފެހެއްޓިއެވެ.
މުއިޒްގެ އެ ޙަރަކާތުން ވީ ނުރުހުމާއެކީ ޒިހާނަށް އެ އަތާއި ދިމާލަށް ބަލާލެވުނެވެ. މުއިޒް އެހެން ހެދި ހެދުމުގައި އޭނައަކީ ކާކުކަން މުއިޒްއަށް ވެސް ނޭނގެއޭ ހިތާހިތުން ކިޔާލެވުނެވެ. އޭނަ ބޭނުންނަމަ އިސާހިތަކު އެ އިންގޮތަށް އިނދެ މުއިޒްގެ އެ އަތުން ދުވަސްކޮޅެއް ވަންދެން މަސައްކަތް ނުކުރެވޭ ވަރު ކޮށްލެވުނީހެވެ. އެހެނަސް އެ ރުޅިވެރިކަމުގެ މައްޗަށް ކެތްތެރިކަން އިސްކުރަމުން ޒިހާން ދެންވެސް މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން އެކަމަކު އަޅުގަނޑުގެ ލޯ ކުރިމަތިން އެއްވެސް މީހަކު އަނެއް މީހަކަށް އަނިޔާއެއް ދޭ މަންޒަރު އެހެންނޫނީ އަނިޔާއެއް ކުރަން އުޅޭ މަންޒަރު ފެނުނިއްޔާ އަޅުގަނޑު އެކަމެއް ހުއްޓުވާނަން އިން ޝާ ﷲ! ތި ބޭފުޅާ ތި ދެންނެވި މަތީ ފަރާތްތަކަށް ވުރެވެސް މަތީ ފަރާތެއްވޭ. ރިޒުޤު ދެއްވަނީ އެ ފަރާތުން. ތިބޭފުޅާ އަޅުގަނޑާއި ދެކޮޅަށް ކޮންމެ ފިޔަވަޅެއް ނެންގެވިޔަސް އަޅުގަނޑަށް ލިބެން ހުރި ރިޒުޤެއް އަޅުގަނޑަށް ލިބޭނެ. އަދި އަމުދުން ﷲ އަށްޓަކައި ހެޔޮ ކަމެއް ކުރުމަށްފަހު ލިބޭ ގެއްލުމަކުން އަރައިގަންނަން އެހީވެދެއްވާނީ ހަމައެކަނި އެކަލާނގެ. އެހެންވީމަ އަޅުގަނޑު ތިބޭފުޅާ ތި ދެއްވި އިންޒާރަކަށް ބިރެއްނުގަނޭ….” ޒިހާން ނުހަނު ހަމަޖެހިފައިވާ ރާގަކަށް ވާހަކަ ދެއްކިއެވެ.
އެ ވާހަކަތައް އަޑުއަހަން ހުރި މުއިޒްގެ އަނގަ ނުބައިވިއެވެ. އިސާހިތަކު އޭނަ ނުބައި ބަހެއް ކިޔާލަމުން ލުއްކަކާއެކީ ޒިހާންގެ ގަމީހުން ދޫކޮށްލަމުން އޭނައަށް ފަސްދިނެވެ. މުއިޒް ރުޅިވެރިކަމާއެކީ ހިނގާފައި ގޮސް އޭނަގެ ކާރަށް އަރައި ދޮރު ލައްޕާލި ވަގުތު ޒިހާން އޭނަގެ ގަމީހުގައި މުއިޒް ހިފިތަން އެއްއަތުން ފޮޅާލަނީއެވެ.
މުއިޒް މިފަހަރު ކާރަށް އަރައި ކާރު އަނބުރާލަމުން މިޞްރާބު ޖެހީ އޭނަ އައި ކޮޅަށެވެ. އެކަމާމެދު ލިބުނު އިތުރު ހިތްހަމަޖެހުމާއެކީ ޒިހާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަގެ ފައި ބިމުގައި ޖައްސަމުން ސައިކަލު ޔުނާގެ ކާރު އޮތް ދިމާލަށް އަނބުރަން ފެށީ ވަކި ވިސްނުމެއްނެތިއެވެ. ސައިކަލު މުޅިން އެއްކޮށް އަނބުރާ ނުލެވެނީސް އިސްއުފުލާލި ވަގުތު ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ތަންކޮޅެއް ދުރުގައި އޮތް ނޫކުލައިގެ ކާރު ކައިރީގައި ހުއްޓިލައިގެން ހުރި ޔުނާ ފެނުމުންނެވެ.
ޔުނާގެ މޫނުމަތިން ފެންނަމުން ދިޔައީ ޙައިރާންކަން ކަމުގައި ވިޔަސް އެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. އެ ލޮލުން ޔުނާ އެތައް ވާހަކައެއް އެއްފަހަރާ ޒިހާން ގާތު ދައްކާލި ފަދައެވެ. ޒިހާން ދެންމެ ކޮށްދިން ކަންތަކަށްޓަކައި ޝުކުރު އަދާކުރިޔަސް އޭނައަށްޓަކައި އެފަދަ ބޮޑު ފިޔަވަޅެއް އެޅީތީ ޔުނާގެ ހިތަށް އަސަރުކޮށްފައިވާކަން އެނގެއެވެ. އެ ލޯ މަތިން ފެންނަމުން ދިޔަ އަސަރުން ޒިހާން ކުރީ ރެއެކޭ އެއްފަދައިން ޔުނާގެ ގާތަށް ގޮސް އޭނަގެ އަތުތެރޭގައި ޔުނާ ފޮރުވާލަން ހިތަށްއެރިއެވެ.
އެހެނަސް ހަމަ އެރެއެކޭ އެއްފަދައިން ޒިހާން އެފަދަ ފިޔަވަޅެއް ނޭޅިއެވެ. އޭގެ ބަދަލުގައި ހިތާހިތުން ޔުނާއަށްޓަކައި ދުޢާކުރީ ނުހަނު އަވަސް މުސްތަޤްބަލެއްގައި އޭނަ އެދޭ ގޮތް ޔުނާއަށް އަންގަން ނިންމަމުންނެވެ. މިރޭ ކަންތައް މިވީ ގޮތުން ޔުނާ އެކަނި ދޫކޮށްލަން ޒިހާން އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ. ޔަޒްދާން ބުނި ފަދައިން ޔުނާ ރައްކާތެރި ކުރުމަށްޓަކައި އޭނަ ޔުނާއާއި އެކީގައި ހުރުން މުހިއްމުކަން އޭނައަށް އެނގުންވާން ފެށިއެވެ.
އެހެންކަމުން ޒިހާން އެރޭ ސައިކަލު ދުއްވާލީ ހަމަ އޭގެ އަނެއްދުވަހު އޭނަގެ އިޙްސާސްތައް ޔުނާއަށް ފާޅުކުރަން ނިންމަމުންނެވެ. އަދި އެކަން ކުރެވިދާނެ އެންމެ ފުރިހަމަ ގޮތަކާއިމެދު ވެސް ވިސްނަމުންނެވެ.
**
ޔުނާ ވަރުބަލި ގޮތަކަށް ހިނގާފައި ގޮސް އޭނަގެ އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާލަމުން ބޮކިތައް ދިއްލާލިއެވެ. އެއަށްފަހު އެޕާޓްމެންޓުގެ ވަށައި ނަޒަރުތައް ދެމުން ސިޓިންގް ރޫމާއި ދިމާލަށް ދިޔައީ އޭނައަށް އައި އިންޒާރުގެ ބަސްތަކުގެ މަތިން ހަނދާންކުރަމުންނެވެ. އެހެނަސް އޭރު އޭނަވީ އެކަމާމެދު ވިސްނައި ކަންބޮޑުވާ ވަރަށްވުރެ ހަކަތަ ހުސްވެފައެވެ. އޭނަ ގޮސް ސިޓިންގް ރޫމުގެ ސޯފާއަށް ވެއްޓިގަތް ގޮތުން ވެސް އޭނަ ވަރުބަލިވެފައިވި މިންވަރު ބަލާ މީހަކަށް ނަގައިގަނެވޭނެއެވެ.
ސޯފާއަށް ލެނގިލަމުން ދެލޯ މަރާލުމާއެކު ދާދި ދެންމެއަކު އޭނައާއި ދިމާވި ޙާދިސާގެ މަތިން ހަނދާން އާވާން ފެށިއެވެ. މުއިޒް އޭނައާއި ގާތްވާން މަސައްކަތް ކުރި ގޮތް ޚިޔާލަށް އައުމުން ވެސް ވީ ނުރުހުމުގައި ދެބުމަ ކައިރިވިއެވެ. މިހާތަނަށް އައިއިރު އެއްވެސް ފިރިހެނަކު ޔުނާގެ ނުރުހުމުގައި އޭނައާއި ގާތްވާން މަސައްކަތް ކޮށްފައެއް ނުވެއެވެ. މިރޭ މުއިޒްގެ ކިބައިން އޭނަ ސަލާމަތްވާނެ ގޮތެއް ނެތްހެން ހާދަ ހީވިއެވެ. އެހެނަސް އެ ހީވި ހީވުން ވިއްސިވިހާލި ވެގެން ދިޔައީ ވެސް އޭނައަށް ކުރިން ނުކުރެވޭ ފަދަ އިޙްސާސެއް ކުރުވަމުންނެވެ. އޭނަ ނުވެސް ދަންނަ މީހަކު އޭނައަށްޓަކައި އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށްލިކަން އެނގުންވުމުންނެވެ.
އެ މަންޒަރު ލޮލަށް ސިފަވުމުން ވެސް ޔުނާގެ ގައިން ހީބިހި ނެގިއެވެ. އެ ސައިކަލު ދެ ކާރުގެ ދެމެދުން އަނބުރާލި މަންޒަރު ފެނުމާއެކު ޔުނާއަށް ބޭއިޚްތިޔާރުގައި ބުރަކި ޖައްސާލެވުނީ ހިތުން އެ ސައިކަލުގެ ވެރިޔާ ސަލާމަތް ކުރުމަށެވެ. އެ ޒުވާނާ ސަލާމަތްވުމަށްޓަކައި ބުރަކި ޖައްސަން ޖެހެނީ މުއިޒްކަން އެނގުންވީ ވެސް ސިކުންތުކޮޅެއް ފަހުންނެވެ. ޔުނާއަށް ލޯ ހުޅުވާލެވުނީ އޭނަގެ ކާރު ހުއްޓުމަކަށް އައި ވަގުތެވެ. ހަމަ އެއާއެކު ވަގުތުން ކާރުގެ ފަހަތް ފެންނަ ބިއްލޫރިގަނޑަށް ނަޒަރެއް ދެވުނެވެ. އެ ހިނދު އެ ޒުވާނާގެ ސައިކަލުގައި ޖެހުމުގެ ކުރިން މުއިޒްގެ ކާރު ހުއްޓިފައިވި މަންޒަރު ފެނުމުން ޔުނާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ހަމަ އެވަގުތު އެ ޒުވާނާ މޫނު އަނބުރައި އޭނަގެ ކާރު އޮތް ދިމާލަށް ބަލާލި ގޮތުން ޔުނާ ސިހުންވާ ގޮތްވިއެވެ. އެ ޒުވާނާ ބަލާލީ ސީދާ އޭނައަށްހެން ހީވުމުންނެވެ. އެ ސޫރަ ފެނުމާއެކު އެއީ ކާކުކަން ޔުނާއަށް ނަގައިގަނެވުނެވެ.
“ޒިހާން….” ކާރުގައި އިނދެ އެ ނަން ވައި އަޑުން ކިޔާލެވުނީ އެދުވަހުގެ ހެނދުނުގެ ހަނދާނެއް އާކުރަމުންނެވެ. ނޭނގއެއާއެކު އަނެއްކާވެސް އޭނަގެ ޚިޔާލުތައް ބަދަލުވާން ފެށިއެވެ. މިހާތަނަށް އައިއިރު އޭނައަށް ކޮށްދިންހާ ކަމެއް ކޮށްދިނީ ޒިހާންހެން ހީވާން ފެށިއެވެ. އެހެނަސް އެއީ ކީއްވެ ހެއްޔެވެ؟ ޒިހާން އޭނައަށްޓަކައި އެ ހުރިހާ ކަމެއް ކޮށްދޭންވީ ސަބަބަކީ ކޮބައިހެއްޔެވެ؟ އަދި އަމުދުން އެރޭ އޭނައަށްޓަކައި އެހާ ނުރައްކާތެރި ފިޔަވަޅެއް އެޅީ ކީއްވެ ހެއްޔެވެ؟
ޔުނާއަށް ކާރުން ފޭބުނީ ހިތަށްވެރިވި އެ ސުވާލުތަކުގެ ސަބަބުންނެވެ. އޭނަ ނިންމައިގެން ހުރީ ޒިހާންގެ ގާތަށް ގޮސް އެ ސުވާލުތައް ކުރުމަށެވެ. އެހެނަސް އޭނައަށް އިތުރު ފިޔަވަޅުތަކެއް ނޭޅެނީސް މުއިޒް ކާރުން ފައިބައިގެން އައިސް ޒިހާނާއި ވާހަކަ ދައްކަން ފެށިއެވެ. މުއިޒް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެއްގައި ވާހަކަ ދެއްކުމުން ޔުނާ ހީކުރީ ޒިހާން ވެސް އޭނަގެ އަޑު ހަރު ކުރާނެ ކަމަށެވެ.
އެހެނަސް ޒިހާން އޭގެ ބަދަލުގައި މަޑުމައިތިރިކަން ޚިޔާރުކުރި ގޮތުން ޔުނާއަށް ހުއްޓުން އަރާފައި ހުރެވުނެވެ. މުއިޒް އޭނަގެ ގަޔަށް އަތްލުމުން ވެސް އިނގިއްޔެއްހާ ވަރުވެސް ހިއްލާ ނުލުމުން ޔުނާއަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރެވުނެވެ. އަދި އަމުދުން ޒިހާން މުއިޒަށް ރައްދުދިން ގޮތުން ޔުނާގެ ހަނދާނަށް އަންނަން ފެށީ ދޮންބެއެވެ. ލޮލުން ކަރުނަތައް ހިލެންފެށީ އެހެންވެއެވެ. ވަކިން ޚާއްޞަކޮށް އެ ވާހަކަތަކުގެ ތެރެއިން ބުނެލި އެއްޖުމްލައިންނެވެ.
“އަދި އަމުދުން ﷲ އަށްޓަކައި ހެޔޮ ކަމެއް ކުރުމަށްފަހު ލިބޭ ގެއްލުމަކުން އަރައިގަންނަން އެހީވެދެއްވާނީ ހަމައެކަނި އެކަލާނގެ.” ޒިހާންގެ އަޑުން ކަންފަތުގައި އެ ބަސްތައް ގުގުމާލިހެން ހީވި ވަގުތު ޔުނާއަށް ސޯފާގައި އިނދެ ލޯ ހުޅުވާލެވުނެވެ. ޒިހާން ބުނެލި އެ ވާހަކައަކީ ދޮންބެ ވެސް ވަރަށް ގިނައިން އޭނަ ގާތު ބުނެފައިވާ ވާހަކައެކެވެ. ރަނގަޅުކަމެއް ކުރަން އެހެން ނޫނީ ފާފައެއް ދޫކޮށްލުމުން ލިބޭ ގެއްލުމަކުން ވިޔަސް އަދި ހިތާމައަކުން ވިޔަސް މިންޖުކޮށްދެއްވާނީ ހަމައެކަނި ﷲ ކަމެވެ.
އަދި އަދަށް ދާންދެންވެސް ޔުނާއަށް އެ ބަސްތައް ދޭހައެއް ނުކުރެވެއެވެ. ވަކި ރަނގަޅު ކަމެއް ކުރުމުން ނޫނީ ދޮންބެ ބުނި ގޯސް ކަމަކުން ދުރުވުމުން އޭނައަށް ގެއްލުމެއް ލިބިފައި ނެތީތީވެއެވެ. އޭނަ އެންމެ ފަހުން އެފަދަ ފިޔަވަޅެއް އެޅި ފަހަރަކީ ފުރަތަމަ ފަހަރަށް އެފަދައިން އޭނައަށް ‘ގެއްލުމެއް’ ލިބުނު ފަހަރެވެ. ބުރުގާ އެޅުމުގައި ދެމިހުންނަން އޭނަ ނިންމި ނިންމުމުން އޭނަގެ ލޯބިވެރިޔާ އޭނައަށް ގެއްލުނެވެ. އެ ގެއްލުމުން އޭނަގެ ހިތަށް ލިބުނު ކެކުޅުމުން އަރައިގަތުމަށް އޭނައަށް އަދި އެއްވެސް އެހީއެއް ލިބިފައެއް ނުވެއެވެ.
ޔުނާއަށް އެރޭ ނިދުނީ އެ ވިސްނުމުގައި އޭނަ ސޯފާގައި އިންދައެވެ. ޔުނާ އިންތިޒާރު ކުރަމުން ދިޔަ ‘އެހީ’ އޭނައަށް ލިބެން ކިހާ ގާތްވެފައިވިކަން އޭނައަށް ރޭކާނުލައެވެ.
**
އޭގެ އަނެއްދުވަހުގެ ހެނދުނު 8 ޖެހި ވަގުތު ޔުނާވީ އޮފީހުގައެވެ. އާދައިގެ މަތިން އޮފީސް ހުންނަ ފަންގިފިލާއަށް ދިޔުމަށް ލިފްޓަށް އަރައި އެދުވަހު އޭނަ ކުރަންޖެހޭ ކަންތައް ސިކުނޑީގައި ރާވަމުން ދިޔައެވެ. އެކަންތައްތަކުގެ ތެރެއިން އެންމެ މުހިއްމު ކަމަކަށް މުއިޒް ވަޒީފާއިން ކަނޑައި ގެއަށް ފޮނުވާލުން ހިމެނުނެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ލިފްޓުގެ ދޮރު ހުޅުވިގެން ދިޔުމުން ޔުނާ އަވަސް ހިނގުމެއްގައި ލިފްޓުން ނިކުތީ އޭނަގެ މަސައްކަތްތަކަށް ވީހާވެސް އަވަހަކަށް އެނބުރި ދިޔުމަށެވެ. އަދި ރޭ އޮފީހުގައި ބާއްވާފައި ދެވުނު ފޯނަށް މުހިއްމު ކޯލެއް އައިސްފައިވީތޯ ވެސް ބެލުމަށެވެ.
އެހެނަސް ޔުނާގެ އެ އަވަސް ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، އޭނަ ގޮސް އޭނައަށް ޚާއްޞަ ކުރެވިފައިވާ ކެބިންގެ ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުންނެވެ. އޭނަގެ އޮފީސް މޭޒުގެ މެދަށްވާ ގޮތަށް ބޭއްވިފައިވީ ދަނބު ކުލައިގެ ޓިއުލިޕް މާ ބޮނޑިއެކެވެ. އެއީ ވަރަށް ކުރީއްސުރެ ވެސް އޭނައަށް އެންމެ ރީތި މަލެވެ. އަދި ދަނބު ކުލައަކީ އޭނައަށް އެންމެ ރީތި ކުލައެވެ.
މިފަހަރު މިއީ ކާކު ހޯދައިދިން އެއްޗެއްތޯ ހިތަށް އެރުމުގެ ކުރިން ވެސް އޭނަގެ ހަނދާނަށް އައީ ޒިހާންގެ ނަމެވެ. އިސާހިތަކު އެއީ ޒިހާންކަން ޔަޤީންކޮށް ޒިހާންގެ އަސްލު ދެނެގަންނަން ބޭނުންވީ ވަރުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ މާ ބޮނޑި އަތަށް ނެގުނެވެ. އެހިނދު އޭގެ ތިރީގައިވި ރިބަނުގައި އެޅުވިފައިވި ހުދުކުލައިގެ ކާޑުގައި އޮތް މެސެޖެއް ފެނުނެވެ.
“ލެޓްސް މީޓް ޓުނައިޓް އެޓް 8. އެޓް ހުޅުމާލޭ ސެންޓްރަލް ޕާކް. – ރޭންޑަމް ސްޓްރޭންޖާރ، ޒިހާން.”
އެ މެސެޖު ކިޔާލި ފުރަތަމަ ސިކުންތުކޮޅުގައި ޔުނާއަށް ދެލޯ ހަނިކޮށްލައިގެން ހުރެވުނެއްކަމަކު އެ ފަހު ބަސްތަކަކާއެކީ އޭނައަށް ހީލެވުނެވެ. އެންމެ ފަހުން އެ ލިޔެވިފައިވީ ޚުދު އޭނަ މިފަދަ މެސެޖެއްގައި ލިޔުނު ބަސްތަކެއްކަން ހަނދާންވުމުން އެދުވަހު ހޮސްޕިޓަލަށް އެ ކާއެއްޗެހި ގެނައީ ވެސް ޒިހާންކަން އޭނައަށް ޔަޤީންވިއެވެ.
ހަމަ އެއާއެކު އޭނަ ޒިހާނަށް ޝައުޤުވެރިވިއެވެ. ޒިހާން ވެސް އޭނައަށް ޝައުޤުވެރިވެފައިވިކަން ޒިހާންގެ ޙަރަކާތްތަކުން އެބަ އިނގެއެވެ. އޭނަ މި ދަޢުވަތު ޤަބޫލުކޮށްފިނަމަ ޒިހާން އޭނައަށް ލޯބި ހުށަހަޅާނީތޯ ހިތަށް އެރުމުން އެ ވާހަކައާއި ހިތާހިތުން އެއްބަސްވެވުނެވެ. ހަމަ އެއާއެކު ފުން ނޭވައެއް ދޫކޮށްލެވުނީ ޒިހާނަށްވީ ޙަމްދަރުދީއާއި އެކީގައެވެ. އޭނަ ހުރީ އެފަދަ ގުޅުމެއްގައި އުޅެން ތައްޔާރު ޙާލަތެއްގައެއް ނޫނެވެ. ކުރީގެ ލޯބިވެރިޔާގެ ހަނދާންތަކުން އަދިވެސް ދުރު ނުވެވިގެން އުޅޭ ޙާލުގައި އޭނައަށް އެހެން ގުޅުމެއްގައި އެހެން މީހަކަށް އުފަލެއް ހޯދައިދެވޭނީ ކިހިނެއް ހެއްޔެވެ؟ އޭނަ ވަނީ ލޯތްބާއިމެދު ފޫހިވެ އެފަދަ އިޙްސާސަކާއެކީ އުޅެވޭ ވަރަށްވުރެ ނަފްސާނީ ގޮތުން ވަރުބަލި ވެފައެވެ. ވީއިރު އޭނަ ޒިހާންގެ މި އެދުމަށް އިޖާބަ ދޭނީ ކިހިނެއް ހެއްޔެވެ؟
ޔުނާއަށް ނޭނގުނު ކަމަކީ ޒިހާން އޭނަގެ އެ އިޙްސާސްތަކާއިމެދު ވެސް ވިސްނާފައިވިކަމެވެ. އަދި އެރޭ ކަންތައް ވާން އުޅެނީ އޭނަ ހީވެސް ނުކުރާ ފަދައިންކަމެވެ.
ނުނިމޭ