Hiyaa (Part 8)
އެދުވަހުގެ މަސައްކަތްތައް ޔުނާއަށް ނިންމެން ފެށީ އެހެން ދުވަސްދުވަހަށްވުރެ އަވަހަށެވެ. އެކަމާމެދު ޚުދު އޭނަ ވެސް ޙައިރާންވިއެވެ. އެހެނަސް އެއީ ކީއްވެކަން އޭނައަށް އޮޅިފައެއް ނުވެއެވެ.
އޭގެ ފަހަތުގައިވަނީ އެދުވަހު ހެނދުނު ހެނދުނާ ފެނުނު މެސެޖާއެކީ ހިތަށް ވެރިވި އިޙްސާސްތަކެވެ. އޭގެ ސަބަބުން އޭނައަށް ވެސް އުފާވެރިކަމެއް ލިބިދާނެކަމުގެ ޢިޝާރާތެއް އޭނަގެ ސިކުނޑިއަށް ލިބިފައިވީއެވެ. އަވަހަށް މަސައްކަތްތައް ނިންމެމުން ދިޔައީ، އެތައް ދުވަހެއް ފަހުން މީހަކު އޭނައަށްޓަކައި ކޮށްދޭން އުޅޭ ޚާއްޞަކަމެއް ދެކިލަން ބޭނުންވެފައިވީތީވެއެވެ. އެހެން އެއްވެސް އިތުރު ސަބަބަކާއި ލައިގެނެއްނޫނެވެ. ޔުނާއަށް މި ނިންމުން ނިންމުނީ ނުހަނު ޔަޤީންކަމާއެކީ ގައެވެ. އޭނަ ކިޔަވާ ދާއިރާގެ ޒާތުން އޭނަގެ އިޙްސާސްތަކުގެ އަސްލު ދެނެގަތުމަކީ ނުހަނު ފަސޭހަކަމަކަށް ވާތީވެއެވެ.
އެދުވަހުގެ ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށް ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ޔުނާ ގެއަށް ދިޔައެވެ. އެ ހުރިހާ މަސައްކަތްތަކުގެ ތެރެއިން މުއިޒް ވެސް އޭނަގެ މަޤާމުން ވަކިކޮށްލެވުނެވެ. ހަމަ އެދުވަހުން އެދުވަހަށް މުއިޒް އޮފީހުން ނެރެލެވުމުން ޔުނާއަށް ހަމަޖެހުމެއް ލިބިފައިވިއެވެ. ވަޒީފާއިން ވަކިކުރި ކަމުގެ ސަބަބަކަށް ޔުނާ ލިޔުމަކުން އެންގީ، ޕެރެމައުންޓް ހޮޓެލްގެ މަސައްކަތުގެ މާޙައުލުގައި ދަމަހައްޓަންޖެހޭ އުޅުމާއި ސުލޫކާއި އެއްގޮތަށް ނުއުޅެވުމެވެ. މުއިޒް އޮފީހުން ނިކުތް ވަގުތު ވަރު ދެއްކި ވާހަކަ އެހެން މުވައްޒަފެއްގެ ފަރާތުން ޔުނާއަށް އިވުނެވެ. އެހެނަސް ބަދަލުގައި ވަކި އޭނައާއި ކުރިމަތިލާން ޔުނާ ޤަޞްދެއް ނުކުރިއެވެ.
ގެއަށް ގޮސްފައިވެސް ޔުނާއަށް ވިސްނެމުން ދިޔައީ ޒިހާނާއި މެދުގައެވެ. ޒިހާން ކޮށްދިން ކަންތައްތަކާމެދު ހަނދާންވެފައި ހިނިތުންވެސް ވެވެމުން ދިޔައެވެ. އޭނަގެ މަޤާމުގައި އެހެން އަންހެން ކުއްޖެއް ހުރިނަމަ މިއުޅެނީ ލޯބިވެވިގެންކަމަށް ނިންމީހެވެ. އެހެނަސް ޔުނާ އެ އިޙްސާސްތަކާއެކީ ބެހިގެނެއް ނުދާނެއެވެ. އޭނަ ގުޅުމަކަށް ދަންޏާ ދާނީ އެކަމަށް ތައްޔާރުވެގެންނެވެ. އޭނަގެ ހިތާމަތައް އުފުލުމަށް އެހެން މީހަކަށް ބަރޯސާވާން ޔުނާ ބޭނުމެއްނުވެއެވެ. އެހެން ހެދުމުން އެމީހަކަށް ވެސް އިތުރު އަނިޔާއެއް ނޫނީ ނުދެވޭނެކަން ޔަޤީންވާތީވެއެވެ.
އެރޭ ޒިހާނާއި ބައްދަލުކުރަން ދިޔުމަށްޓަކައި އޭނަ އަތުގައި އޮތް އެންމެ ރީތި ހެދުން ނަގާފައިވެސް ފަހުން އާދައިގެ ހެދުމަކަށް ބަދަލުކޮށްލީވެސް އެހެންވެއެވެ. އޮޅުމަކުން ވިޔަސް ޒިހާނަށް ނުބައި ޢިޝާރާތެއްދޭން އޭނަ ބޭނުމެއް ނުވިއެވެ. ޒިހާން ބުނަން އުޅޭ އެއްޗެއް ބުނެ ނިމުމުން ސީދާސީދަލަށް އޭނަގެ އިޙްސާސްތައް ކިޔައިދޭނެއެވެ. ޙަޤީޤަތަކަށް ނުވާނެ ފަދަ އުއްމީދުތަކެއްގައި ޒިހާން ހިފަހައްޓައިގެން ނުހުންނާނެ ފަދައަކުންނެވެ.
**
ހުޅުމާލޭ ސެންޓްރަލް ޕާކްގެ ކައިރިއަށް ޔުނާގެ ކާރު ގޮސް މަޑުކޮށްލި ވަގުތު 8 ޖަހަން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. ކާރުން ފޭބުމާއެކުހެން އޭނައަށް ވަށައި ހޯދެމުން ދިޔައީ ޒިހާން ނޫނީ ޒިހާންގެ ސައިކަލުވެސް ފެނޭތޯއެވެ. އެ ވަގުތު އެތާނގައި ޕާކް ކުރެވިފައިވި ވެހިކަލްތަކުގެ ތެރެއިން އެ ސައިކަލާއި އެއްގޮތް ސައިކަލެއް ނުފެނުމުން ޔުނާ ވަށައި ހޯދަމުން ޕާކްގެ ތެރެއަށް ވަނެވެ.
ޔުނާ ކިތަންމެ ބޭނުމެއް ނުވިޔަސް އޭނައަށް ޚާއްޞަ ކަމަކަށް އުއްމީދު ކުރެވެމުން ދިޔައެވެ. ޕާކުގެ ވަކި ހިސާބެއްގައި ރީތި ކުރެވިފައިވި ތަނަކަށް ވިޔަސް، ކުއްލިއަކަށް އޭނަގެ އެކުވެރިންތަކެއް ‘ސަޕްރައިޒް’ ކިޔައި އޭނަގެ ކުރިމައްޗަށް އައުން ވިޔަސް އެހެންނޫނީ ޒިހާން ކޮންމެވެސް އަގުބޮޑު ހަދިޔާއަކާއެކީ އޭނައާއި ދިމާލަށް އަންނަ މަންޒަރެވެ. އެއީ ހައްތަހާވެސް ޖިނާހު އޭނައަށް ދައްކާފައިވާ ކަންތަކެވެ. އޭގެއިން ކޮންމެ ކަމެއް ޖިނާހު އޭނައަށްޓަކައި ކޮށްދިން އިރު ޖިނާހު އޭނައާއެކީ މުޅި ޢުމުރަށް ވާނެކަމަށް ޔުނާ ހާދަ ހީކުރިއެވެ. އެހެނަސް އެ ހުރިހާ ކަމަކީ ހަމަ އޭނައަށް ދައްކާލި ދަޅައެއްކަން އެނގުންވަނީ މިއަދެވެ.
ވަކި ޚާއްޞަ ރީތި ކުރުމެއް ނެތަސް ޕާކް ތެރޭގައި އޮތް ފެންގަނޑުގެ ކައިރިން ހިނގާފައި ދިޔައިރު ޔުނާއަށް އެ މާޙައުލު ހިތްގައިމު ވިއެވެ. ފެންއަރުވާ ވަޑާމުގެ ކައިރިން ހުރި އަލިތަކުން އެތަނަށް ފަނޑު އަލިކަމެއް ވެރިވެފައިވިއެވެ. އަދި ރުނބާއިން އޮއްސެމުން ދިޔަ ފެން، އެތާ އޮތް ފެންގަނޑާއި އެއްވަމުން ދިޔަ އަޑުން އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ބޭރުގައި ހުރެފައި ޗުއްޓީއަކަށް އައި ފަހަރަކު ހަމަ ރޭގަނޑުގެ ވަގުތެއްގައި މި ޕާކަށް އައިސް ދޮންބެ ގާތު މި ވާހަކަތައް ބުނެވުނު ހަނދާނެއް އާވުމުން ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. ޒިހާން އޭނަ މި ތަނަށް ގެނައީވެސް އޭނައަށް މިތަން ކަމުދާކަން އެނގިގެންތޯ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ހަމަ އެއާއެކު ޒިހާނަށް އޭނައާއި ބެހޭގޮތުން އެހާވަރަށް އެނގެނީ ކިހިނެއްކަމާމެދު ވިސްނެން ފެށިއެވެ.
ޔުނާ ހިނގަމުން ގޮސް އެތާހުރި ކުޑަ ވަކަރު ބްރިޖްގެ މަތިން އަރައިގެން ފެންގަނޑުގެ އަނެއްފަރާތަށް ދާން މިޞްރާބު ޖެހީވެސް އެ ވިސްނުމުގައި ހުރެއެވެ. އޭނައަށް ބްރިޖްގެ މެދާއި ހަމައަށް ދެވުނުތަނާހެން މީހަކު ގޮވާލި އަޑު އިވުނެވެ.
“އަނހަ! ޔުނާ ދަރިފުޅު ތިއައީދޯ؟” ޔުނާ ބްރިޖް މަތިން ލަސްލަހުން ހިނގަމުން އެ ދިމާލަށް ބަލައިލިއިރު އެތާހުރި މެދު ޢުމުރުގެ ފިރިހެނަކު ފެނިފައި ޔުނާއަށް ހިނިތުންވެލެވުނެވެ.
“ސަޢީދުބެ!” ޔުނާއަށް އެ ނަމުން ގޮވަމުން އޭނަގެ ބޮޑުބޭބެއާއި ދިމާލަށް ހިނގައިގަނެވުނެވެ.
ސަޢީދަކީ ޔުނާގެ މަންމަ އަފީފާގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. ޔުނާ ހަނދާން ހުންނަން ފެށީއްސުރެވެސް ސަޢީދުބެ އުޅެނީ ކުޅުދުއްފުށީގައެވެ. އެއީ މަންމައާއި ސަޢީދުބެގެ ވެސް އުފަން ރަށެވެ. މަންމަ ނިޔާވި ފަހުން ވެސް ސަޢީދުބެ އެ ބޭބެއަށް ވީ ވަރަކުން ޔުނާއަށް އެހީވެދޭން މަސައްކަތް ކުރިއެވެ. ޔުނާގެ ހުރިހާ ބޮޑުބޭބެއިންނާއި ބޮޑުދައިތަމެންގެ ތެރެއިން އެމީހުންނާ އަޅާލި ހަމައެކަނި މީހަކީ ސަޢީދުބެއެވެ. އެހެނަސް އެ ބޭބެގެ ވެސް ބޮޑު ޢާއިލާއެއް އޮވެފައި އަތްމަތި ދަތިވުމުން މާބޮޑު ކަމެއް ކޮށްނުދެވުނެވެ. އެކަން އެގޮތަށް އޮތަސް ސަޢީދުބެގެ ހިތްހެޔޮ ކަމަށްޓަކައި ޔުނާގެ ހިތުގައި އެ ބޭބެއަށްޓަކައި ކުލުނެއްވެއެވެ.
“ބޭބޭ…..ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ! ކޮން އިރަކު މާލެ އައީ؟ ނުވެސް ބުނަމެއްނު މި ފަހަރު އައިސް؟” ޔުނާ އެ ބޭބެގެ ކައިރިއަށް ގޮސް ޝަކުވާއާއި އުފާވެރިކަން އެކުލެވޭ ގޮތަކަށް ވާހަކަ ދެއްކިއެވެ.
“ހެހެ…..މުހިއްމު ކަމެއް އޮތީމަ އައީ. ޔުނާގެ ޙައްޤުގަ ހަމަ މިއަދު ކަމުން ކަން ހުއްޓައި މިކޮޅަށް މިއައީ.” ސަޢީދުބެ ހެވިފައިހުރެ ބުންޏެވެ.
“އަޅޭ! ބޭބެ ހަމަ ޔުނާގެ ޙާލު ބަލަންތަ އެހާ ދުރުން ތިއައީ؟ ގުޅާލިނަމަ ރަނގަޅުވީހޭ!” ޔުނާ ކަންބޮޑުވުމަކާއެކީ ބުންޏެވެ.
“ގުޅައިގެން ނުވާވަރު ކަމެއްވީމައެއްނު މިއައީ؟ އަސްލުވެސް ހާދަ ރަނގަޅު ކުއްޖެކޭ ޔުނާ ތި ޚިޔާރުކުރީ…..ބޭބެއަށް ޓިކެޓް ގަނެދީގެން މިކޮޅަށް ގެނައީ ހަމަ މި ބައްދަލުވުމަށްޓަކައި…..” ސަޢީދުބެ ބުނެލި ވާހަކައިން ޔުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ކާކު؟” ޖަވާބު ޔަޤީނާއި ގާތްވިއެއްކަމަކު ޔުނާއަށް އަހާލެވުނެވެ.
“އައްދެ! ތިހާ ގާތް ގުޅުމެއް ބާއްވަން އުޅޭ ކުއްޖާ ނުވެސް އެނގެނީތަ؟” ސަޢީދުބެ ހިސާބެއްގެ ޙައިރާންކަމާއެކީ ސުވާލުކުރިއެވެ.
“އަދި ޔުނާއަށް ނޭނގިދާނެ ބޭބޭ…..” ޔުނާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ވާތް ފަރާތުން އައި އަޑާއެކީ އެ ދެމީހުންނަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. އެ ހިނދު އެތާ ހުއްޓި ހުރީ ޒިހާން ނޫން ދެވަނަ މީހެއްނޫނެވެ.
އާދައިގެ ފެހި ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސުގައި ހުރިއިރު ވެސް ޒިހާން އޭނައަށް އެހާ ރީތިވީ ކީއްވެކަން ދޭހަކުރަން ޔުނާއަށް ދަތިވިއެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލެވި ދެ އަތް ޖިންސުގެ ޖީބަށް ޖަހާލެވިފައިވީއިރު އަޅައިގަންނަ ގޮތެއް ހުއްޓެވެ.
“ޔުނާއާ އަދި ކިރިޔާ އަހަރެން ބައްދަލު މިވަނީ ބޭބޭ….” ޒިހާން އެމީހުންނާއި ދިމާލަށް އަންނަމުން ބުނެލިއެވެ. ޒިހާން ގާތްވަމުން ދިޔަދިޔަހެން ޔުނާގެ ހިތުގެ ތެޅުމަށް ލޮޅުމެއްއައެވެ. ހިތް ވަށާލެވިގެން ދިޔައީ ދުވަހަކުވެސް ތަޖުރިބާ ނުކުރެވޭ ފަދަ އިޙްސާސްތަކުންނެވެ. ޒިހާނާއި އޭނަ ބައްދަލު މިވަނީ ފުރަތަމަ ފަހަރަށް ވިޔަސް ޒިހާނަކީ އޭނަގެ ޙަޔާތުގެ ބޮޑު ބައި އަދާ ކުރާނެ މީހެއްކަމަށް އޭނަގެ ހިތް ބުނި ގޮތުން ޔުނާ އަޖާއިބުވާހާވިއެވެ.
“އެހެންތަ؟ އެހެންވެއްޖެއްޔާ ބޭބެ މިތާ ހުންނާނެ ކަމެއް ނެތްތާ! ދެކުދިން ވާހަކަ ދައްކައިގެން ފުރަތަމަ އެކަކު އަނެކަކު ދަސްކޮށްލަންވީއެއްނު؟” ސަޢީދުބެ ބުންޏެވެ.
“ނޫނޭ ބޭބޭ…..ބޭބެގެ ހާޒިރީގަ ވެސް އެކަން ކުރެވިދާނެ. އަސްލު ބޭބެ މިތަނަށް ގެނައީ ބޭބެގެ ހާޒިރީގަ ޔުނާގާތު މުހިއްމު ވާހަކައެއް ދައްކަން. އެއްވެސް އޮޅުވާލުމެއްނެތި ވަރަށް ސީދާސީދަލަށް އަހަރެން ބޭނުންވާ ގޮތް ޔުނާއަށް ވެސް އަދި ޔުނާގެ ޢާއިލާގެ ގޮތުގަ ހުރި ބޭބެއަށް ވެސް އަންގައިދޭން ބޭނުން….” ޒިހާން އެ މީހުންގެ ކައިރިއަށް ގޮސް ހުއްޓި ސާބިތު އަޑަކުން ބުނެލި ގޮތުން ޔުނާގެ މެއަށް ފިނިވެގެން ދިޔައެވެ.
ދުވަހަކުވެސް ފިރިހެނަކު އެހާ ސާބިތުކަމާއެކީ މިފަދަ ކަމަކާއި ކުރިމަތިލީ ތަނެއް އޭނައަށް ފެނިފައެއް ނުވެއެވެ. އޭނަ ހެދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ފިރިހެނުންނަކީ އެމީހުންގެ އިޙްސާސްތަކާއި ކުރިމަތިލައި ބޮޑެތި ނިންމުންތައް ނިންމަން ޖެހިލުންވާ ބައެކެވެ. އޭނައާއި ރައްޓެހިވާން ބޭނުންވެގެން އަންނަ މީހުން ފައްސާލަން ޔުނާ އެންމެ ގިނައިން ބޭނުންކުރާ އުކުޅަކީ، ‘ތި ވާހަކަ ދޮންބެ ގާތު ބުނާށޭ’ ބުނެލުމެވެ. އޭނަ ޖިނާހާއި ރައްޓެހިވާން ބޭނުންނުވި ނަމަ އޭނަ ޖިނާހަށްވެސް އެހެން ހެދީހެވެ. ހެދިނަމަ ޖިނާހުވެސް އޭނައާއި އެތައް މޭލު ދުރަށް ދިޔައީސްކަން ޔުނާއަށް ޔަޤީނާއި ގާތްކުރެވުނެވެ.
އެހެނަސް މިރޭ އޭނަގެ ކުރިމަތިން ފެންނަމުން މިދަނީ ކޮން ޒާތެއްގެ ޒުވާނެއް ހެއްޔެވެ؟ ދޮންބެ ނެތް ދުނިޔޭގައިވެސް އޭނަގެ ޙަޔާތުގައި ހުރި ވަލީވެރިޔަކު ހުރި ތަނަކުން ހޯދައިގެން އައިސް އެހެރީ އޭނަގެ އިޙްސާސްތައް ފާޅުކުރަން އައިހެވެ. އަދި އަމުދުން މި ބައްދަލުވުންވެގެން ދާނީ ހަމައެކަނި ލޯބި ހުށަހަޅާ ބައްދަލުވުމަކަށް ނޫންހެން އޭނައަށް ހީވާން ފެށި ވަގުތު ޒިހާންގެ އަޑު އިވުނެވެ.
“ވިލް ޔޫ މެރީ މީ، ޔުނާ؟” އިވިގެން ދިޔަ އެ ބަސްތަކާއެކީ ޔުނާއަށް އޭނައަށް ހުރެވުނު ތަނުގެ މަތިން ވެސް ހަނދާން ނެތޭ ގޮތްވިއެވެ. ކުރިމަތީގައި ހުރި ޒިހާން ފިޔަވައި އެހެން ހުރިހާ މަންޒަރެއް ގެއްލިގެން ދިޔަހެން ހިނދުކޮޅަކަށް ހީވިއެވެ.
ޔުނާގެ ހަނދާނަށް އަންނަން ފެށީ އޭނަ މި ބަސްތައް ޖިނާހުގެ ދުލުން އަޑުއަހަން ބޭޤަރާރުވެފައިވި ދުވަސްތަކެވެ. ޖިނާހު ލައްވައި އެ ބަސްތައް ބުނުވަން އޭނަ އެތައް ޢިޝާރާތެއް ދެއްކިއެވެ. އެހެނަސް އެންމެ ފަހުން ކައިވެނީގެ ޚިޔާލު ފާޅުކުރަން ޖެހުނީ އޭނަ އަމިއްލައަށެވެ. ޖަޒުބާތުތަކެއްގެ އޮޔާއި އެކީ ބެހިގެން ދާން އުޅުނު ވަގުތު ޒިހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“އެނގޭ ވަރަށް ޝޮކިންގް ވާހަކައެއްކަން މި ބުނެވުނީ….ހިތަށް އެބަ އަރާދޯ މި ބީރައްޓެހިޔާ ކީއްވެގެންހޭ ތިމަންނައާ އިންނަން ބޭނުންވާނީ؟ ހެހެ…..ޔުނާއަށް އަހަރެން ބީރައްޓެހި ވިޔަސް އަހަންނަށް ޔުނާ ބީރައްޓެހިއެއްނޫން. އަހަންނަށް މުޅި ޢުމުރު ދުވަހު ޔުނާ އެނގެއޭ ބުންޏަސް ދޮގަކަށް ނުވާނެ…” ޒިހާން ހިނިތުންވުމެއްގައި ހުއްޓަސް އޭނައާއި ޔުނާއާއިމެދު އޮތް ދުރުކަމަށްޓަކައި އެ ލޮލުގައިވި ރިހުން ޔުނާއަށް ވެސް ދޭހަ ކުރެވުނެވެ.
“ކް…ކިހިނެއް؟ އެނގެނީ؟” ޔުނާއަށް އެ ބަސްތައް ބުނެލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ޒިހާން އަނެއްކާވެސް ލުއި ގޮތަކަށް ހީލިއެވެ.
“ފުރުޞަތު ލިބުނިއްޔާ އިން ޝާ ﷲ އެއްދުވަހު ކިޔައިދޭނަން ޔުނާއަށް. ބުނެލަން ބޭނުންވަނީ އަހަރެން ވަރަށް ގިނަ އަހަރުތަކެއް ވޭތުކޮށްފީމޭ މި ދުވަހުގެ އިންތިޒާރުގަ. ދުރުދުރުން ވެސް ވެވުނު އެ ލޯބީގެ ފުންކަން ޔުނާއަށް އިޙްސާސް ކޮށްދޭން ބޭނުން…” ޒިހާން ނުފިލާ ހިނިތުންވުމެއްގައި ހުރެ އެހެން ބުނެލިއިރު އެ ލޮލުން ކަރުނައިގެ އަސަރެއް ފެނިގެން ދިޔަ ގޮތުން ޔުނާގެ ހިތަށް އަސަރު ކުރިއެވެ. އެ ދުލުން އެ ބުނެލީ ދޮގެއް ނޫންކަން އެ ލޯ ހެކިދިނެވެ. އަދި އަމުދުން ޒިހާން މި ވޭތުވެދިޔަ މަދު ދުވަސްކޮޅުގައި އެ ކޮށްދިން ކަންތަކުން ޒިހާންގެ އެ ބަސްތައް އޭނައަށް ދޭހަކުރެވުނެވެ. ޒިހާނަށް އޭނައަށް ކަމުދާ ކަންތައް އެހާވަރަށް އެނގިފައިވާނީ ދުރުދުރުން ވިޔަސް ދިގު މުއްދަތަކަށް އޭނަ އެނގިފައިވާތީވެއެވެ.
“އެނގޭ ޔުނާގެ ޙަޔާތްވަނީ ވަރަށް ދަތި ފައްތަރެއްގަކަން. އެނގޭ ޔުނާއަށް މި ސުވާލުގެ ޖަވާބުދޭން މިވަގުތު ދަތިވާނެކަން ވެސް. އެނގޭ އަހަންނަށް މިރޭ ކިތަންމެ ބޮޑު ރެއަކަށް ވިޔަސް ޔުނާއަށް ޚާއްޞަ ނުވެދާނެކަން. އަހަރެން ވަކި ޚާއްޞަކަމެއް ނުކުރި ސަބަބަކީ ވެސް އެއީ. ހަމައެކަނި އެކަމެއް ކުރީތީ ޔުނާ އަހަންނަށް އާނބަސް ދޭން އަހަރެން ބޭނުމެއްނޫން. އަހަރެންގެ މި އެދުމާއިމެދު ގޮތެއް ނިންމާނީ ހަމަ ޔުނާ. އަހަރެން ޔުނާއަށް ގޮތެއް ނިންމަން ވަގުތު ދޭނަން އިން ޝާ ﷲ! މި ބައްދަލުވުމުގެ ހަމައެކަނި ބޭނުމަކީ ޔުނާ ޙަޔާތުގަ ބައިވެރިއެއް ބޭނުމިއްޔާ އަހަރެން ޔުނާއަށްޓަކައި ހުންނާނެކަން އެންގުން. އަދި އެއްވެސް ސަބަބަކާހުރެ ޔުނާ އެ އެދުން ފުރިހަމަ ކޮށްނުދިނަސް އަހަރެން ޔުނާ ރައްކާތެރިކޮށްދޭނެކަން ޔަޤީންކޮށްދިނުން.” ޒިހާން އެއްކަހަލަ ސާބިތުކަމެއްގައި އެ ވާހަކަ ދެއްކިޔަސް އެ ލޯ މަތިން ނިމުމެއް ނުވާ ގޮތެއްގައި ރިހުމެއް ހުއްޓެވެ.
އެކަން ފާހަގަވީ ހިނދު ޔުނާގެ މޭގައި ރިއްސިއެވެ. އޭނަ ދޭން އުޅޭ ޖަވާބު ލިބުމުގެ ކުރިން ވެސް ޒިހާނަށް އެ ޖަވާބު އެނގޭ ފަދައެވެ. އެ މޫނުމަތިން ފެނުނު ހިތާމަވެރިކަމުން ހިނދުކޮޅަކަށް ނަމަވެސް ޒިހާންގެ އެދުން ފުރިހަމަ ކޮށްދޭން ޔުނާގެ ހިތަށްއެރިއެވެ. އެހެނަސް ޙަޤީޤަތް އޮޅުވާލަން ބޭނުމެއްނުވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ. ވަކިން ޚާއްޞަކޮށް ޒިހާން ކަހަލަ މަޑު ހިތެއްގެ ވެރިއަކަށް އަނިޔާއެއް ދޭން ބޭނުމެއް ނުވުމުންނެވެ.
“ޒިހާން އަހަރެން…..ހިތަށް އެބައަރާ ޒިހާންގެ ތި ލޯބީގެ ބަދަލުދޭނެހާ ހިތްވަރެއް އަހަރެންގެ ކިބައިގަ ހުރި ނަމައޭ. އެކަމަކު އަހަންނަށް ހިއެއްނުވޭ އަހަންނަށް ދެން ތި ކަހަލަ ގޮތަކަށް ލޯތްބެއް ވެވިދާނެހެން. އެހެންވީމަ އެންމެ ރަނގަޅުވާނީ ޒިހާން ވެސް އަހަރެން މަތިން ހަނދާން ނައްތާލުމޭ އަހަރެން ބުނާނީ. އެއީ ކިތަންމެ ދަތި ކަމަކަށް ވިޔަސް ޒިހާންގެ ހިތަށް އެންމެ ފަސޭހަވާނީ އެގޮތަށް ކަންތައް ކުރީމަ…” ޒިހާނަށް އިންތިހާ ދަރަޖައަށް ޙަމްދަރުދީ ވާ ޙާލުގައި ޔުނާ ބުނެލިއެވެ.
“ހަނދާން ނައްތާލެވޭނެނަމަ މި ހުރިހާ އަހަރު ޔުނާ އަހަންނާ ދުރުގަ ހުރިއިރު ހަނދާން ނައްތާލެވުނީސް. ހެހެ…..މި ވާހަކަ ޔުނާ ގާތު ބުނަން ނިންމީ ވަރަށް ހިތްވަރުކޮށްފަ. ނޫނެކޭ ބުންޏަސް އެ ވޭނާއި ކުރިމަތިލާން ތައްޔާރުވެގެން….އަހަރެން އަދިވެސް ޔުނާގާތު ބުނެލާނީ އަހަރެން ޔުނާއަށް ވަގުތު ދޭނަމޭ. އަދި އިސްތިޚާރާ ނަމާދުކޮށްފަ މިކަމާމެދު ވިސްނާލައްޗޭ…” ޒިހާން އެދުނެވެ.
ޒިހާންގެ ފަހު ބަސްތަކާއެކީ ޔުނާގެ ހަނދާނަށް އަނެއްކާވެސް އައީ ދޮންބެއެވެ. އިސްތިޚާރާ ނަމާދަކީ ދޮންބެވެސް ކޮންމެ ބޮޑު ނިންމުމެއްގެ ކުރިން ކުރާ ނަމާދެކެވެ. ސިފައިންގެއަށް ވަނުމުން ފެށިގެން ހޮޓެލް ހުޅުވުމާއި ހޮޓެލްގައި ހިންގާ ކޮންމެ ޕްރޮޖެކްޓެއް ފެށުމުގެ ކުރިން ވެސް ދޮންބެ އެ ނަމާދު ކޮށްފައިވެއެވެ. އިސްތިޚާރާ ނަމާދު ކުރުމުން އޭގެއިން ކޮންމެ ނިންމުމެއް ނިންމާއިރު ސާބިތުކަމެއް ލިބޭ ވާހަކަ ދޮންބެ ބުނެފައިވެއެވެ. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެ ރަނގަޅުގޮތް މެދުވެރި ކުރައްވާނެކަމުގެ ޔަޤީންކަން ލިބޭ ވާހަކަ ވެސްމެއެވެ.
ދޮންބެ އޭނައަށް ކިތަންމެ ވަރަކަށް ނަޞޭޙަތް ދީފައި ވިޔަސް އޭނަ މިހާތަނަށް އައިއިރު އެއްވެސް ނިންމުމަކަށްޓަކައި އިސްތިޚާރާ ނަމާދު ކޮށްފައެއްނުވެއެވެ. ދޮންބެ ކިޔައިދޭ އެ ވާހަކަތަކުން އެ ނަމާދު ކުރުމުން އޭނަ ބޭނުންނުވާ ގޮތަށް ކަންތައް ވެދާނެހެން ހީވާ ވަރުންނެވެ. އެ ނަމާދު ކުރުމަށްފަހު ކަމަކުން ދުރުވެވިއްޖެނަމަ އެކަން އެގޮތަށްވާނީ އެންމެ ރަނގަޅަކަށްކަން ޔުނާއަށް ރޭކާނުލައެވެ. އެންމެ ފުރަތަމަ އެކަން ދޭހަ ނުކުރެވުނަސް އެކަން އެހެން މެދުވެރިވީ ކީއްވެކަން ފަހުން އެނގުންވެ އެއަށްވުރެ ރަނގަޅު ގޮތެއް މެދުވެރިވާނެކަން ވެސްމެއެވެ.
ކޮންމެއަކަސް އެރޭ ގެއަށް ދިޔުމަށްފަހު ޔުނާއަށް ވަރަށް ބޮޑަށް ޒިހާންގެ އެ އެދުމާއިމެދު ފިކުރު ކުރެވުނެވެ. ޒިހާން އެރޭ އޭނައަށް އިއްވި ބަސްތަކަކީ އިޚްލާޞްތެރި ހިތަކުން ބުނެލި ބަސްތަކެއްކަން އޭނައަށް ޔަޤީނާއި ގާތް ކުރެވުނެވެ. އަދި އަމުދުން އެރޭ ފަހުން ވެސް ޒިހާން އޭނައާއި ސަޢީދުބެ ރެސްޓޯރެންޓަކަށް ގެންގޮސް ކާންދިން ގޮތުންނާއި ސަޢީދުބެ ރަށަށް ފޮނުވާނެ ވާހަކަ ދެއްކި ގޮތުން ޒިހާންގެ ހިތް ހެޔޮކަން ވެސް ޔުނާއަށް ފެނުނެވެ. އެހެނަސް ޒިހާނަށް އާނބަސް ދީގެން އޭނައަށް ޒިހާނާއެކީ ހަރުދަނާ ދިރިއުޅުމެއް ބިނާ ކުރެވިދާނެ ކަމާމެދު ޝައްކު ކުރެވުނެވެ. އަދިވެސް ޖިނާހުގެ ހަނދާންތައް އޭނަގެ ހިތުން މުޅިން ނުފޮހެވޭތީވެއެވެ. އަދިވެސް ޖިނާހު އަނބުރާ އައިސްދާނެ ކަމަށްވެސް އެކި ފަހަރުމަތިން އުއްމީދު ކުރެވޭތީވެއެވެ.
ފިކުރު ބޮޑުވުމުގެ ސަބަބުން ޔުނާއަށް އެރޭ އެއްވެސް ވަރަކަށް ނުނިދި ފަތިސްވާން ވެސް ކައިރިވިއެވެ. ކިޔަވާ މޭޒުދޮށުގައި އިށީނުމުން ކިޔެވުމަށް ވެސް ސަމާލުކަމެއް ދެވުނީއެއް ނޫނެވެ. އެހެންކަމުން ޔުނާ އެންމެ ފަހުން އެ ނަމާދު ކުރަން ނިންމިއެވެ. ހަމައެކަނި އަޖުމަ ބަލާލުމަށެވެ. އެ ފަތިހުގެ ފަތިސް ނަމާދާއި ގާތްވަމުން ދިޔަ ވަގުތު ޔުނާ ފުރަތަމަ ފަހަރަށް ޙަޔާތުގައި އިސްތިޚާރާ ނަމާދެއް ކުރިއެވެ. ނަމާދު ކުރުމަށްފަހު ޔުނާ އޭނަގެ ދޮންބެ ބުނެގެން ފޯނަށް ޑައުންލޯޑް ކޮށްފައި ހުރި ޒިކުރުތަކުގެ އެޕެއް ހުޅުވާލިއެވެ. އެއަށްފަހު އިސްތިޚާރާ ނަމާދުގެ ދުޢާ ހޯދައި އެ ދުޢާ ކިޔާލިއެވެ. ޔުނާއަކީ ޢާއްމުކޮށް ދުޢާއެއް ކިޔުމަށްފަހު އޭގެ މާނަ ބަލާ މީހެއްނޫނެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. އެރޭ އެ ދުޢާ ކިޔުމަށްފަހު ތިރިއަށް ސްކްރޯލް ކޮށްލަމުން މާނަވެސް ބަލައިލެވުނެވެ. އެ މާނަ ކިޔަމުން ދިޔަދިޔަހެން އޭގައިވީ އެވަގުތު އޭނައަށް ކުރެވެމުން ދިޔަ އިޙްސާސްތަކެއްހެން އޭނައަށް ހީވިއެވެ. އެ ދުޢާގައިވީ ހަމަ އޭނަ މަތީ ފަރާތަކަށް އެހީއަށް އެދޭނެނަމަ އެދެން ބޭނުންވެގެން ހުރި ކަންތަކެވެ. އެކަމާމެދު ޙައިރާންކަމެއްގެ ތެރޭގައި ވަނިކޮށް މާނައިގެ ތިރީގައި ލިޔެވިފައިވި ލިޔުންކޮޅެއް ފެނުނެވެ.
“އިސްތިޚާރާ ނަމާދު ކުރުމަށްފަހު ނިންމާ ނިންމުމަކާމެދު މީހަކު ހިތާމައެއް ނުކުރާނެއެވެ.”
އެ ބަސްކޮޅު ކިޔާލެވުމާއެކު ޔުނާގެ ހިތަށް އާދަޔާ ޚިލާފު ސާބިތުކަމެއް ލިބުނެވެ. އޭނަގެ ހުރިހާ ކަންބޮޑުވުންތައް އެ ޙަވާލުކުރަން ޖެހޭ ފަރާތާއި ޙަވާލުކުރެވުމުން މެއަށް ލުއިވެގެން ދިޔަ ކަހަލަ އިޙްސާސެއް ކުރެވުނެވެ. ހަމަ އެއާއެކު މި ނަމާދުގެ ‘ޖަވާބު’ އޭނައަށް ލިބިގެން ދާނެ ގޮތް ދެކެން ވެސް އޭނަ ކެތްމަދުވިއެވެ.
ނުނިމޭ