Hiyaa (Part 9)
އޭގެ އަނެއްދުވަހުގެ ހެނދުނު 7 ޖެހި ވަގުތު ޒިހާންވީ މަގުމަތީގައެވެ. ފަތިސް ނަމާދަށްފަހު ޑިއުޓީއަށް ދިޔުމުގެ ގަޑިއިރުތަކެއް ހުރުމުން އޭނަ ނިކުތީ ދުވެލުމަށެވެ. ހުޅުމާލޭ ހޮސްޕިޓަލް ރޯޑްގެ އެއްފަރާތުން ދުވެފައި ދިޔައިރު މަގުމައްޗަށް ވެރިވެފައިވީ ހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން ޒިހާނަށް އިވެމުން ދިޔައީ ކަންފަތުގައި ޖަހާފައި ހުރި އިއާރފޯނުން އިވެމުން ދިޔަ ޤުރުއާނުގެ އަޑެވެ.
އާދައިގެ މަތިން ދުވުމުގެ ތެރެއިން ޒިހާންގެ ސަމާލުކަން ހުއްޓިފައިވީ އިވެމުން ދިޔަ އެ އާޔަތްތަކަށެވެ. ޢަރަބި މުޅިންހެން ނޭނގުނެއްކަމަކު އެ އާޔަތްތަކުގެ މާނަ އޭނައަށް އެނގިފައިވީ ބަލާފައިވި ދަރުސްތަކެއްގެ ސަބަބުންނެވެ.
ދީނާއި ގުޅޭ އެއްވެސް ކޯހެއްވެސް ނަހަދާ ތާނގައި އޭނަ ކަހަލަ ޒުވާނަކަށް ދީނުގެ ޢިލްމު ލިބި ދީންވެރިވެގެން އުޅޭތީ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ. ގާތްތިމާގެ މީހުންނާއި އެކުވެރިންނާއި އެކުގައި މަސައްކަތް ކުރާ މީހުންވެސް އެކަމާމެދު ޙައިރާންވެގެން އުޅެއެވެ. އޭނަ ދީންވެރިވީ އޭނަގެ މަންމަ ދީންވެރިވީތީވެ ކަމަށް މީހުން ބުނެ އުޅެއެވެ.
އެހެނަސް ކުޑައިރުއްސުރެ މަންމަގެ ބަސްއެހިއެއްކަމަކު ދީނާއިމެދު ފުރާވަރުގައި ޒިހާން ގެންގުޅުނު ނަޒަރިއްޔާތު އެނގޭނީ ހަމަ އޭނައަށެވެ. އެ ނަޒަރިއްޔާތާއެކީ ޒިހާނަށް މިހާ ހިސާބަށް އާދެވުނުނަމަ ދީނާއި ދެކޮޅަށް އަޑުއުފުލާ މީހުންގެ އެންމެ ކުރީ ސަފުގައި އޭނަ ވީހެވެ. އެކަން ބަދަލުވެގެން ދިޔައީ އޭނަގެ އަމިއްލަ ބޭބެއެއް ނެތް ދުނިޔޭގައި ދިމާވި ‘ބޭބެ’ ގެ ސަބަބުންނެވެ. ޔަޒްދާންގެ ސަބަބުންނެވެ.
ދީނާއި މެދު އިތުރަށް އުނގެނުމަށް އޭނައަށް ބާރު އެޅި އެކަކީ ޔަޒްދާންއެވެ. ޤުރުއާން ކިޔެވެން ފެށީ ޔަޒްދާން ދިން އެތައް ނަޞޭޙަތެއްގެ ސަބަބުންނެވެ. އީމާންތެރިކަން ވަރުގަދަވެގެން ދިޔައީ ޔަޒްދާންއާ އެކީގައި މިސްކިތަށް ނަމާދަށް ދާއިރު ދަރުސްތަކަށް މަޑުކުރި ކުރުމުން ދީނާއި މެދު އުނގެނިގެން ދިޔަ ގޮތުންނެވެ.
ޒިހާންގެ ޚިޔާލުތަކަށް ހުއްޓުމެއް އައީ އޭނައަށް އަޑުއިވެމުން ދިޔަ ސޫރަތަށް ނިމުމެއް އައުމުންނެވެ. ސޫރަތް ނިމިގެން ދިޔަދިޔަހެން ޒިހާން އޭނަގެ ދުވުން ލަސް ކުރަމުން ފޯނު ނަގައި ޤުރުއާން އެޕްލިކޭޝަން ޕޯޒް ކޮށްލިއެވެ. ހަމަ އެ ހިނދު ކުރިމައްޗަށް ނަޒަރު ހުއްޓާލި ވަގުތު އޭނައަށް ކައިރި ވެވެމުން ދިޔައީ ހުޅުމާލޭ ސެންޓްރަލް ޕާކްއާއިކަން އެނގުންވުމުން އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. އެއަށްފަހު ޕާކްގެ ތެރެއަށް ދާން މިޞްރާބު ޖެހިއެވެ.
އިސާހިތަކު ރޭގެ ޚިޔާލުތަކުން ޒިހާންގެ ސިކުނޑި ފުރިގެން ދިޔައެވެ. ޕާކްގެ ތެރެއިން އޭނަ އެންމެ ފުރަތަމަ ފެނިގެން ދިޔަ ވަގުތު ޔުނާގެ މޫނުމައްޗަށް ވެރިވި ކުލަވަރެވެ. އޭނައާއި އިނުމަށް އެދުނު ވަގުތު އެ ލޮލުން ފެނިގެން ދިޔަ އަސަރެވެ. އޭނަގެ ވާހަކަ ކުރިއަށް ދިޔަވަރަކަށް އެ މޫނުމަތިން އޭނައަށް ފާހަގަވި ޙަމްދަރުދީއެވެ.
ޔުނާގެ އެ ސޫރަ މަތިން ހަނދާން ކުރަމުން ޒިހާން އެތާ ގަހެއްގެ ކައިރީގައި ހުރި ބެންޗެއްގައި އިށީނީ ފުން ނޭވައެއް ދޫކޮށްލަމުންނެވެ. އެ ހިނދު އޭނައަށް އަމިއްލަ ނަފްސަށް މަލާމާތް ކުރެވުނެވެ. ރޭ ޔުނާ ކައިރިން އެ އެދުން އޭނައަށް އެދެވުނު ގޮތުންނެވެ. އޭނަގެ އެކުވެރިއަކަށް މި ވާހަކަ އިވިއްޖެނަމަ މި ވާހަކަ ބޮޑު ސަމާސާއަކަށް ވާނެކަން އޭނައަށް ޔަޤީނެވެ. މި ޒަމާނުގައި ރައްޓެހިވުމުގެ ކުރިން ކައިވެންޏަށް އެދޭނީ ވެސް ކާކު ހެއްޔެވެ؟ އޭނަގެ އެކުވެރިން ފަދައިން ޔުނާވެސް އެހެން ހިތަށް އަރާނެތާއެވެ. ޔުނާގެ ނަޒަރުގައި އޭނައަކީ ޒަމާނަށް ނުފެތޭ ‘މުސްކުޅި’ ވިސްނުމުގެ މީހަކަށް ވެދާނެތާއެވެ.
ހިތަށް ވެރިވި އެ ޚިޔާލުން އޭނަ މާޔޫސްވިއެއްކަމަކު ޒިހާން ރޭ އެ އެޅުނު ފިޔަވަޅާއިމެދު ހިތާމައެއް ނުކުރެއެވެ. އޭނަ އެ ފިޔަވަޅު އެޅީ އެންމެ ރަނގަޅު ގޮތުގައި ޔުނާއާއި ގުޅޭށެވެ. ދުނިއުމުރަށް ވެސް ޔުނާއާއި އެކީގައި ވާން ބޭނުންވާކަން ޔުނާއަށް ޔަޤީންކޮށްދޭށެވެ. އޭނަގެ އެ ލޯބި ޤަބޫލުކުރުމާއި ނުކުރުން އޮތީ ޔުނާގެ އަތްމަތީގައެވެ. އޭނަ އެތައް އަހަރެއް ވަންދެން ޔުނާދެކެ ލޯބިވީ ވާހަކަ ނުބުނަން ހުއްޓާވެސް ބުނެވުނީ ޔުނާ އޭނަ ޤަބޫލުކުރާނެ ކަމުގެ އުއްމީދުގައި ކަންނޭނގެއެވެ.
އެހެނަސް ޔުނާ އޭނައަށް ވާ ޙަމްދަރުދީގެ ސަބަބުން އޭނައާއި ގުޅޭކަށް ޒިހާން ބޭނުމެއް ނުވިއެވެ. އަދި އަމުދުން އޭނަ ޔުނާއާއި ގުޅުމަކީ ޔުނާގެ ދޮންބެގެ އުއްމީދެއް ކަމުގައި ބުނަން ވެސް ބޭނުމެއްނުވީ، ޔުނާ އަމިއްލަ އެދުމާއި ދެކޮޅަށް އޭނައާއި އިންނަން އެއްބަސްވެދާނެ ތީވެއެވެ. އޭނަ ބޭނުމީ ޔުނާގެ ވެސް ރުހުމުގައި ޔުނާއާއި ގުޅޭށެވެ. ޒިހާން މިހާރު އެދިފައިވާ އެދުމަށް ވެސް ޔުނާ އެއްބަސްވެއްޖެނަމަ އޭނަ ޔުނާ އޭނަގެ ޢާއިލާ ކައިރިއަށް ގެންދާނެއެވެ. އަދި ޢާއިލާގެ ހާޒިރީގައި ދެމީހުން ވާހަކަ ދައްކައި ޔުނާއަށް ޒިހާން ކަމުނުދަނީސް އޭނަ ޔުނާއާއި ގުޅެން ބާރެއް ނާޅާނެއެވެ.
ޒިހާނަށް މިފަހަރު އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ، އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ. ފޯނު ބަލައިލި އިރު ދޮންތަގެ މެސެޖެއް ފެނުމުން އޭނަ މެސެޖު ހުޅުވައި ބަލައިލިއެވެ.
“ޗެކް ވައިބާރ….” ދޮންތަގެ އެ މެސެޖު ފެނުމުން ޒިހާންގެ ދެބުމަ ކައިރިވިއެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ރޭ ކަންތައް ވީ ގޮތް ދޮންތައަށް ކިޔައިދީފައިވުމުން ކެތްތެރިކަން ކުޑަވެގެން ޔުނާގެ ޖަވާބެއް ލިބުނުތޯ އަހައި ދޮންތަ ސުވާލު ކުރާނެ ކަމަށެވެ. އެހެނަސް އޭގެ ބަދަލުގައި ލިބުނު މި މެސެޖުން އޭނަ ޙައިރާންވާ ގޮތްވިއެވެ. ދޮންތަ މިފަދަ މެސެޖެއް ކުރާނީ އޭނަ އޮންލައިން ވަންދެން ވެސް މަޑުނުކުރެވޭ ޒާތުގެ މެސެޖެއް ވައިބާރގައި އޮންނާތީކަން ދަނެގެން އޭނަ ވަގުތުން ޑޭޓާ އޮންކޮށްލިއެވެ. ހަމަ އެއާއެކު ވައިބާރއަށް ވަދެ ދޮންތަ ފޮނުވާފައި ހުރި ލިންކެއްގައި އޮތް ޞުރުޚީ ފެނުމުން އޭނަ ހުއްޓުން އަރާ ގޮތްވިއެވެ.
**
އޮފީހަށް ދިޔުމަށްޓަކައި ޔުނާ އާދައިގެ މަތިން ކާރަށް އެރިއެއްކަމަކު އެހެން ދުވަސް ދުވަހާއި ޚިލާފަށް ކާރު ސްޓާޓް ކުރެވުމުގެ ކުރިން އޭނައަށް ޙަރަކާތްތައް މަޑުކޮށްލެވުނެވެ. އެއަށްފަހު އަމިއްލަ ހިތުތެރޭގައިވި އިޙްސާސްތަކާއިމެދު ހާސްވަނަ ފަހަރަށް ވިސްނާލެވުނެވެ. އެހެނެއްކަމަކު ހާސްވަނަ ފަހަރަށް ވެސް އޭނައަށް ޒިހާނާއިމެދު އިޙްސާސް ކުރެވޭ ގޮތް ޔަޤީން ނުވުމުން ޔުނާއަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ.
ރޭ އިސްތިޚާރާ ނަމާދު ކުރީއްސުރެ އޭނަގެ ޙާލަކީ މިއީއެވެ. އިސްތިޚާރާ ނަމާދުގެ ޖަވާބު އަންނާނެ ގޮތް ދެނެގަންނަން އޭނަ ކެތްމަދުވެފައިވިއެވެ. އެހެންކަމުން އެ ނަމާދުގެ ޖަވާބު އަންނާނެ ގޮތްތައް ހޯދަން އޭނަ މަސައްކަތް ވެސް ކޮށްފައިވެއެވެ. ދޮންބެ ކޮޓަރީގެ ވަތްގަނޑުތައް ހާވަމުން ދަނިކޮށް އެ ނަމާދާއި ގުޅޭ ފޮތެއް އޭނައަށް ފެނުނެވެ. އެ ފޮތުގައި ވާގޮތުން އެ ނަމާދުގެ ޖަވާބު ހުވަފެނަކުން ވެސް ފެނިދާނެއެވެ. އަދި އެ ނިންމި ނިންމުން ފަސޭހަވެ އެ ނިންމުމާމެދު ހިތްހަމަޖެހުމަކީ ވެސް އެ ނަމާދުގެ ޖަވާބެވެ. މީހަކާއި އިނުމަށް އިސްތިޚާރާ ކޮށްފިނަމަ އެމީހަކާމެދު ހިތްހަމަޖެހި އެމީހަކާއެކީ އުފަލުގައި މުޅި ދިރިއުޅުން ހޭދަކުރެވިދާނެކަމުގެ ޔަޤީންކަން ލިބުން ވެސް ހިމެނުނެވެ.
އޭނައަށް މުޅިންހެން ބީރައްޓެހި މީހަކާއިމެދު މިފަދަ ގޮތަކަށް އިޙްސާސްތައް ބަދަލުވެގެން ދާނެ ގޮތެއް ޔުނާއަށް އެއްގޮތަކަށް ވެސް ދޭހައެއް ނުކުރެވުނެވެ. އަދި އަމުދުން ރޭ އޭނައަށް އެއްވެސް ހުވަފެނެއް ފެނުނީއެއް ވެސް ނޫނެވެ. ދެން އޭނަ އެ ނަމާދުގެ ޖަވާބު ހޯދާނީ ކިހިނެއް ހެއްޔެވެ؟
ހައިޖާނެއް އުފެދިގެން ދިޔަ ސިކުނޑިން ހުރިހާ ޚިޔާލުތައް ފޮޅުވާލުމަށް ބޯހޫރުވާލަމުން ޔުނާ އެންމެ ފަހުން ކާރު ސްޓާޓް ކޮށްލިއެވެ. އެކަމާމެދު އިތުރަށް ނުވިސްނުމަށްޓަކައި ލަވައެއް ޖަހާލަން ހިތަށްއެރިއެއްކަމަކު އާދައިގެ މަތިން ދޮންބެ މަތިން ހަނދާންވެފައި އެހެން ހަދާކަށް ނުކެރުނެވެ. އެހެންކަމުން އޭނަ މަގަށް ސަމާލުކަން ދެމުން އޭނަގެ ސިކުނޑި ހަމައަކަށް އެޅުވޭތޯ ބެލިއެވެ.
ޔުނާގެ ކާރު އޭނަ އުޅޭ ޢިމާރާތުން ދުރަށް ދިޔަތަން ބަލަން އެ މަގުގެ އަނެއް ފަރާތުގައި މޫނު މާސްކަކުން ފޮރުވައިގެން ހުރި ޒުވާނަކު ހުއްޓެވެ. ޔުނާގެ ކާރު ދިޔަތަން ބަލަބަލާ ހުރެފައި އެ ޒުވާނާ ޢިމާރާތުގެ ތެރެއަށް ދާން ހިނގައިގަތެވެ.
**
ޕެރެމައުންޓް ހޮޓެލް 2 ގެ ޢިމާރާތުގެ ކައިރީގައި ކާރު ޕާކްކުރުމަށްފަހު ޔުނާ ހޮޓެލަށް ވަދެގެން ދިޔައީ އާދައިގެ މަތިން ގަޑި ޖެހުމުގެ ކުރިންނެވެ. އެހެނަސް ހޮޓެލަށް ވަދެގެން ދިޔަ ވަގުތު އެކި މުވައްޒަފުން އޭނައަށް ބަލަމުން ދިޔައީ އައިބު ގޮތަކަށެވެ. ރިސެޕްޝަންގައި އިން އަންހެން ކުއްޖާއާއި ހިނިތުންވެލުމުން އެކުއްޖާވެސް ގަދަކަމުން ހިނިތުންވުމެއް ދައްކާލި ގޮތުން ގޯހެއް އުޅޭ ކަމުގެ އިޙްސާސް އޭނައަށް ކުރެވުނެވެ.
ކޮންމެ ގޮތެއްވިޔަސް ޔުނާ އެއްވެސް މީހަކާއި ސުވާލެއް ކުރުމެއް ނެތި އޮފީސް ހުންނަ ފަންގިފިލާއަށް ގޮސް އޭނަގެ ކެބިންއަށް ވަނެވެ. އަދި މޭޒު ދޮށުގައި އިށީންނަމުން އޭނަގެ ކޮމްޕިއުޓަރު ހުޅުވާލިއެވެ. އެއާއެކު ކުރީއްސުރެ ހުޅުވާފައި ހުރި ޖީމެއިލަށް އާދަޔާ ޚިލާފަށް ނޮޓިފިކޭޝަނެއް އައިސްފައި ހުރިތަން އޭނައަށް ފެނުނެވެ. އެންމެ މަތިން އޭނައާއި ވަރަށް ވާހަކަ ވެސް ނުދައްކާ އެކުވެރިއަކު ‘އޯ އެމް ޖީ ވަޓްސް ދިސް، ޔުނާ؟!’ އޭ ކިޔައި ފޮނުވާފައި ހުރި މެއިލް ހުޅުވާލެވުނެވެ. އެއާއެކު އޭނައަށް ފެނިގެން ދިޔައީ ސައިޓެއްގައި ޖަހާފައިވި ޚަބަރަކަށް ދެވޭ ލިންކެކެވެ. ޔުނާއަށް ތެޅިތެޅި އޮތް ހިތަކާއެކީ އެ ލިންކަށް ފިތާލެވުނީ ‘ޕެރެމައުންޓް ހޮޓެލްގެ އާ ސީއީއޯ’ މި ބަސްތަކާއެކީ ‘ކުރީގެ ލޯބިވެރިޔާ’ އޮތް ތަން ވެސް ފެނުމުންނެވެ. މުޅި ޞުރުޚީ އެއްކޮށް ކިޔާ ނުލެވުނީ ހާސްވެގެން ދިޔަ ސިކުނޑިއެއްގެ ސަބަބުންނެވެ. އެހެނަސް ލިންކް ހުޅުވިގެން ދިޔަ ޓެބް ހުޅުވާލުމާއެކު ޞުރުޚީއާއެކީ ފޮޓޯއެއްވެސް ފެނިގެން ދިޔުމުން ޔުނާގެ ނޭވާ ކަރުގައި ތާށިވެގެން ދިޔައެވެ.
‘ޕެރެމައުންޓް ހޮޓެލްގެ އާ ސީއީއޯ، ކުރީގެ ލޯބިވެރިޔާއާއެކީ މަސްތުވާތަކެތި ބޭނުންކުރިކަން ހާމަވާ ފޮޓޯތަކެއް ލީކްވެއްޖެ.’
އެ ޞުރުޚީގެ ދަށުން އެންމެ ފުރަތަމަ ވެސް ފެނިގެން ދިޔައީ ޔުނާއާއި ޖިނާހު ކްލަބެއްގެ ތެރޭގައި ހުރި ބާރއެއްގެ ދޮށުގައި ކައިރި ކައިރީގައި އިށީނދެގެން ތިބި މަންޒަރެވެ. ފޮޓޯ ނެގިފައިވީ ޔުނާ ބުރުގާ އެޅުމުގެ ކުރިން ކަމަށްވުމުން އޭގައި އޭނަ އަތްކުރު ހެދުމެއް ލައިގެން ހުރިއިރު ކޮނޑާއި ހަމައަށް އޮތް އިސްތަށިގަނޑު މިނިވަންކަމާއެކީ ދޫކޮށްލެވިފައިވިއެވެ.
ފޮޓޯ ފެނުމާއެކު ޖިނާހުގެ ފަރާތުން އޭނައަށް ތަޖުރިބާ ކުރެވުނު ހިތިކަން ހަނދާންވުމުން އޭނައަށް ތިރިއަށް ސްކްރޯލް ކޮށްލަމުން އާރޓިކަލް ކިޔެން ފެށުނެވެ. އޭގައި ތަކުރާރުކޮށް އެ ޞުރުޚީ ލިޔެވިފައި ވެއެވެ. އަދި ޔުނާ އޭނަގެ ކުރީގެ ލޯބިވެރިޔާ އަޙުމަދު ޖިނާހު ލަބީބާއެކީ ފެނިފައިވަނީ އެ ތަންތާނގައި މަސްތުވާތަކެތި ވެސް ބޭނުންކުރެވޭ ކްލަބްތަކެއްގައި ކަމަށް ލިޔެވިފައިވިއެވެ. އަދި މި ފޮޓޯތަކުގައި ޔުނާ ނުހަނު ކުރު ހެދުންތަކާއެކީ މަޖިލިސް މެމްބަރު ލަބީބުގެ ދަރިކަލުން ޖިނާހާއި ގައިގޯޅިވާ މަންޒަރު ފެނިފައިވާ ކަމަށްވެސް އަލި އެޅުވިފައިވިއެވެ. މިކަން ފާހަގަކޮށް އިއްޔެ އެ ހޮޓެލުން މުވައްޒަފަކު ކަނޑާލެވުނީ އެ މުވައްޒަފަށް އަންހެން މުވައްޒަފުންނާއި ދުރުމިނެއް ނުބެހެއްޓޭތީވެކަން ވެސް ލިޔެވިފައިވިއެވެ.
އާރޓިކަލް ކިޔައި ނިމުނުއިރު ޔުނާއަށް ހުރެވުނީ އިޙްސާސް ކުރަންވީ ގޮތެއްވެސް ނޭނގިފައެވެ. އެ ފޮޓޯތަކަކީ ޙަޤީޤީ ފޮޓޯތަކަކަށް ވިޔަސް އޭނަ ދުވަހަކުވެސް މަސްތުވާތަކެތި ބޭނުންކޮށްފައެއް ނުވެއެވެ. އޭނަ އެ ކްލަބްތަކަށް ގޮސްފައިވަނީ ވެސް ޖިނާހުގެ އެތައް އެދުމަކަށްފަހު ހިތާއި ދެކޮޅަށެވެ. ކްލަބްގައި ޖިނާހު އެކި ބުއިންތައް ބޯއިރު ވެސް އޭނައަށް އެއްގޮތަކަށް ވެސް އެކަން ކުރާކަށް ނުކެރެއެވެ. އެ ބުއިންތަކުގެ ނުބައިކަން ދޮންބެ އޭނައަށް ކިޔައިދީފައިވި ގޮތުންނެވެ. ޖިނާހުވެސް މުޅިން މަސްތުނުވަނީސް ކްލަބްގައި މާ ގިނައިރެއް ނުވެ ނިކުމެވޭތޯ އޭނަ އަބަދުވެސް ޔަޤީންކޮށްފައިވެއެވެ.
އެހެނަސް އެ ފޮޓޯތަކުގެ ބޭނުން ހިފައިގެން މީހުން ލިޔެފައި މިވަނީ ގޯސް ޚަބަރެކެވެ. އެ ޚަބަރުގެ ތިރީގައި ހުރި ނަފްރަތުން ފުރިފައިވި ކޮމެންޓްތައް ކިޔުމަށްފަހު އެހެން ނޫސްތަކަށް ދިޔައީ އެ ނޫސްތަކުގައި އެ ޚަބަރު ނުހުންނާނެ ކަމަށް އުއްމީދު ކުރަމުންނެވެ. ނަމަވެސް ހުރިހާ މަޝްހޫރު ނޫސްތަކެއްގައި އެ ޚަބަރު ހުރުމުން ޔުނާއަށް ވަގުތުން އޭނަގެ މޭޒުމަތީގައި ހުރި ފޯނުން ނަންބަރަކަށް ގުޅާލެވެން އުޅުނީ އެއްވެސް މުވައްޒަފަކު އޭނައަށް ވީހާވެސް އަވަހަށް ނޭންގީ ކީއްވެކަމާމެދު ސުވާލު އުފެދިފައި ހުރެއެވެ. ފެންނަ ފެނުމަށް އެ ޚަބަރު ޖެހިފައިވީ މީގެ ގަޑިއިރެއް ކުރިންނެވެ. އެކަހަލަ ކަމެއް ވާއިރަށް ޙަޤީޤަތުގައި އޭނައަށް ވީހާވެސް އަވަހަކަށް އެނގެން ވާނެއެވެ. ހޮޓެލްގެ ނަމާއި އަބުރު ދެމެހެއްޓުމަށް އެ ޚަބަރާއި ދެކޮޅަށް ފިޔަވަޅެއް އެޅުމަށެވެ.
ޔުނާއަށް ވަކި މީހަކަށް ގުޅާ ނުލެވެނީސް ކުއްލިއަކަށް ކެބިންގެ ދޮރު ހުޅުވުނު އަޑަށް އޭނައަށް އެ ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ކަންބޮޑުވުމަކާއެކީ ކެބިންއަށް ވަދެގެން އައި މަރީ އޭނައަށް ފެނުނެވެ.
“އޯ ނޯ މޭމް! ވަރަށް އެހެން ކަހަލަ އާރޓިކަލްއެއް ނޫސްތަކުގަ ފެތުރިއްޖެ!” މަރީ ހާސްކަން ވެރިވެފައިވި މޫނަކާއެކީ ބުންޏެވެ.
“އަ….އާނ މަރީ. ދެންމެ މޭމްއަށް ވެސް މިފެނުނީ. މިއީ ދޮގު ޚަބަރެއް. ދެރައީ ތަންކޮޅެއް ލަހުން މޭމްއަށް މީތި ފެނުނުކަން. މިއީ މޭމްއަށް ގުޅައިގެން ވެސް އަންގަން ޖެހޭ ކަހަލަ ކަމެއްދޯ؟” ޔުނާ ހިސާބެއްގެ ހަރުކަށިކަމާއި ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. އެއާއެކު މަރީ އިސްޖަހާލަމުން ‘އާދެ’ އޭ ބުނެލިއެވެ. އެއާއެކު ޔުނާ މަރީ ގާތު އިރުކޮޅަކަށް ދާށޭ ބުނެލަމުން އޭނަގެ އަމިއްލަ ފޯނު ނެގިއެވެ. އަދި މަރީ ކެބިންއިން ނިކުތް ވަގުތު އޭނަ ސޭވްކޮށްފައި ހުރި ނަންބަރުތަކުގެ ތެރެއިން މާނިއު ނަމަކަށް ކިޔާ ދެކެ ފަރިތަ މީހަކަށް ގުޅާލިއެވެ. މާނިއުއަކީ މަޝްހޫރު ނޫސްތަކުގެ ތެރެއިން ނޫހެއް ހިންގާ މީހަކަށް ވުމުންނެވެ.
“ހެލޯ މާނިއު……ކޮންކަހަލަ އާރޓިކަލްއެއްތަ ނޫހުގަ ޖަހާފަ އެހެރީ މިއަދު؟ އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް!” ޔުނާ ކިތަންމެ ބޭނުމެއް ނުވިޔަސް ވާހަކަ ދެކެވުނީ ނުރުހުންތެރިކަމާއި އެކީގައެވެ.
“ހެލޯ ޔުނާ……ވަރަށް ސޮރީ އެކަމަކު އެއީ ވަރަށް ރިލައެބަލް ސޯސްއަކުން އައި ޚަބަރެއް. މަޖިލިސް މެމްބަރެއްގެ ދަރިކަލުން ވެސް ހިމެނޭ ޚަބަރެއްވީމަ އަހަރުމެން ވެސް ޖެހީ…..” މާނިއު ބުނެލި ވާހަކައިން ޔުނާގެ ދަތްކުނޑި ވިކުނެވެ.
“ދެން އެހެންވެއްޖެއްޔާ މީހުންގެ އަބުރު ގެއްލޭ ގޮތަށް ޙަޤީޤަތެއް ނެތް ވާހަކަތައް ވެސް ފަތުރާނީތަ؟ އެންޑް މޭއި އައި އާސްކް ޔޫ ތި ރިލައަބްލް ސޯސްއަކީ ކޮބާ؟” ޔުނާ ދެލޯ ހަނިކޮށްލަމުން އަހާލިއެވެ.
“ޔަޤީނެއް ނޫން. އެމްސްޓާޑަމްގެ ނަންބަރަކުން އައި ކޯލަކުން ލިބުނު ޚަބަރެއް އެއީ. އެ ފޮޓޯތައް ވެސް ފޮނުވީ އެ ނަންބަރުން…..” މާނިއު ބުނެލި ވާހަކައިން ޔުނާގެ މެއަށް ފިނިވެގެން ދިޔައެވެ.
ޔުނާގެ ހަނދާނަށް އައީ މީގެ ދުވަސްތަކެއް ކުރިން އޭނައަށް ލިބުނު ކޯލެވެ. އަދި އެ ފޮޓޯތައް ފޮނުވީ އެ ނަންބަރުންނޭ ބުނުމުން ހަނދާންވެގެން ދިޔައީ ޖިނާހެވެ. އެ ފޮޓޯތައް ޖިނާހު ނޫން މީހެއްގެ އަތުގައި ނުހުންނާނެކަން ޔުނާއަށް ޔަޤީންކުރެވުނެވެ. ޔުނާގެ އެދުމުގެ މަތިން ކްލަބްގައި ނެގޭ ފޮޓޯތައް އޭނަ ސޯޝަލް މީޑިއާއަށް ވެސް ނުލާނެއެވެ.
ވީއިރު މިއީ ޖިނާހު އޭނައާއި ދެކޮޅަށް ކުރި ކަމަކަށް ވެދާނެ ހެއްޔެވެ؟ އެހެނަސް އެރޭ އޭނައަށް ގުޅި މީހާގެ އަޑު ޖިނާހާއި ވައްތަރެއް ނޫނެވެ. ޖިނާހުގެ އަޑު އޭނައަށް ނޯޅޭނެއެވެ. ވީއިރު އެ ފޮޓޯތައް ބޭނުންކޮށްގެން އޭނައާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅީ ކާކު ހެއްޔެވެ؟ ޖިނާހު އޭނަގެ ފޮޓޯތައް އެމީހަކަށް ދީގެން އެމީހަކަށް މަދަދުވެރިވެފައިވާނީ ކަމަށް ވެދާނެ ހެއްޔެވެ؟ މި ޚަބަރުތަކުގައި ޖިނާހަށްވުރެ ބޮޑަށް އަމާޒުފަތްގަނޑަކަށް ހެދިފައިވަނީ އޭނަގެ އަބުރެވެ. ޖިނާހު ބޭނުންވަނީ އޭނަގެ އަބުރު ވެއްޔާއި މޮޑެލަންތޯ ހިތަށްއެރިއެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ޔުނާގެ ހިތަށް އިތުރަށް އުދަގޫވުން ނޫންކަމެއް ނުވިއެވެ. ޖިނާހު އޭނައަށް މިހާ ގޯސްވެދާނެތޯ ހިތާހިތުން ސުވާލު ކޮށްލެވުނު ވަގުތު މާނިއުގެ އަޑު އިވުނެވެ.
“ލުކް، ޔުނާ…..ޔުނާގެ ދޮންބެ މި ނޫސް ފަށަން ވެސް އަހަރުމެންނަށް ވަރަށް އެހީވެދީފަ ވަނީ. އެހެންވީމަ ތިއީ ޔުނާއަށްވީމަ ސިއްރެއް ބުނެފާނަން. ޙަޤީޤަތުގަ އެ އާރޓިކަލް ޖަހާފަ ހުރީ ލިބުނު ގިނަ ޢަދަދެއްގެ ފައިސާއަށް……މަޢާފަށް ވެސް އެދެން މިހެން ހެދުނީތީ. އެކަމަކު މިހާރު ކޮންމެވެސް ކިޔުންތެރިއަކު އެދުމަކާއެކީ އެއަށްވުރެ ގިނަ ޢަދަދެއްގެ ފައިސާ ދިނީމަ އޭތި ނަގާލަންވެގެން އަހަރުމެން މިއުޅެނީވެސް. ހީވަނީ އެ ކިޔުންތެރިޔާ އެހެން ނޫސްތަކަށް ވެސް ގުޅާނެހެން….” މާނިއު މި ފަހަރު ބުނެލި ވާހަކައިން ޔުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.
“ކޮން ކިޔުންތެރިއެއް؟” ޔުނާއަށް ޙައިރާންކަމާއެކީ އަހާލެވުނެވެ. އެ ސުވާލު ކޮށްލިއިރު ވެސް އޭގެ ޖަވާބަކަށް އިވޭނެ ނަމެއް އޭނަގެ ހިތުގައި އޮތެވެ.
“ކޮންމެވެސް….ޒިހާންއެކޯ. ހީވަނީ އެއީ ޔުނާގެ ދޮންބެއާ ވަރަށް ގާތްކޮށް ސިފައިންގޭގަ އުޅުނު މީހެއްހެން.” މާނިއު ކިޔައިދިނެވެ. އެ ބަސްތައް އިވުނު ވަގުތު ޒިހާންގެ ސޫރަ ލޮލަށް ސިފަވެގެން ދިޔަދިޔަހެން ޔުނާއަށް ލޯ މަރާލެވުނީ ބޭއިޚްތިޔާރުގައެވެ. ހަމަ އެއާއެކު ޒިހާންގެ ހިތްހެޔޮ ހިނިތުންވުން ނުހަނު ސާފުކޮށް އޭނައަށް ސިފަވެގެން ދިޔައެވެ. އޭނަ އެހީއަށް ބޭނުންވާ ކޮންމެ ފަހަރަކު ޒިހާން އެބަ އާދޭތާއޭ ޔުނާގެ ހިތް ބުންޏެވެ. ހަމަ އެއާއެކު އޭނަގެ ހިތް ތެޅިލި ތެޅިލުމާއެކީ ލޯ ހުޅުވާލެވުނީ މިއީ އިސްތިޚާރާ ނަމާދުގެ ޖަވާބުތޯ ހިތަށްއެރުމުންނެވެ. އެ ހިނދު ޒިހާން މިހާތަނަށް އައިއިރު އޭނައަށްޓަކައި ކޮށްދިންހާ ކަންތައް އެއްފަހަރާ ހަނދާންވާން ފެށި ގޮތުން ޒިހާނާއިމެދު އޮތް އޭނަގެ ނަޒަރިއްޔާތު ބަދަލުވާން ފެށިއެވެ.
އެހެނަސް ޔުނާއަށް ދެންވެސް ޔަޤީންކުރާކަށް ނޭނގުނެވެ. ޒިހާނަށްޓަކައި އޭނަގެ ހިތުގައި އިޙްސާސްތަކެއް މި އުފެދެނީ ހަމައެކަނި ޒިހާންގެ ފަރާތުން ލިބޭ އެހީތަކަށްޓަކައިތޯ ހިތަށްއެރިއެވެ. އެކަމާމެދު އިތުރަށް ވިސްނެން އުޅެނިކޮށް އޭނަގެ މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގުމާއެކު އިވިގެން ދިޔައީ އެ ޚަބަރުތަކުގެ ސަބަބުން ފެތުރުނު ނޭދެވޭ ޕަބްލިސިޓީއާއިމެދު ހަދަންވީ ގޮތެއް ނިންމުމަށް މީޓިންގްއެއް ބާއްވަން ޖެހޭ ކަމަށެވެ. ޔުނާ ވަގުތުން އެ ވާހަކައާއި އެއްބަސްވެއް ބައްދަލުވުމެއް ބާއްވަން ތާވަލު ކުރިއެވެ.
މަތީ މުވައްޒަފުންނާއި ކުންފުނީގެ ޝެއާރ ހޯލްޑަރުންނާއެކީ ބޭއްވި ބައްދަލުވުމުގައި އެންމެ ވާހަކަ ގިނަ ކަމަށް ޔުނާއަށް ފާހަގަ ކުރެވިގެން ދިޔައީ މަރީއެވެ. ޔުނާ ދުވަސްކޮޅަކަށް ވިޔަސް މަޤާމުން ދުރުކުރާ ވާހަކައަށް މަރީ ވަރަށް ބޮޑަށް ތާޢީދު ކުރިއެވެ. ހޮޓެލަށް ލިބިދާނެ ‘ނެގެޓިވް ޕަބްލިސިޓީ’ އިން ހޮޓެލް ސަލާމަތް ކުރުމަށެވެ. ބައްދަލުވުން ނިމުނުއިރު ގިނަ މީހުން އެ ޚިޔާލަށް ތާޢީދު ކުރުމުން ޔުނާ ވަކި އެއާއި ދެކޮޅެއް ނެހެދިއެވެ. އެ ބައްދަލުވުން ނިމުނީ 3 މަސް ވަންދެން ޔުނާ މަޤާމުން ދުރުކޮށް އޭނަގެ ބަދަލުގައި ހޮޓެލްގެ މެނޭޖަރު ޔޫސުފް ސީއީއޯއެއްގެ މަޤާމުގައި ބަހައްޓަން ނިންމަމުންނެވެ. ޔަޒްދާންއާއި އެންމެ ގާތުން މަސައްކަތް ކުރި އެކަކީ ޔޫސުފް ކަމަށްވުމުންނެވެ. ޔުނާ އެ ބައްދަލުވުން ނިންމާލީ އެ ނިންމުމާމެދު ވަކި މާ ބޮޑަށް ވިސްނުމެއްނެތިއެވެ. މިއީ ބަޔަކު މީހުން އޭނަ ނިކަމެތިކުރުމަށް ރޭވި ރޭވުމެއްކަން ދެނެގަތުމުގައި އޭނަ ނާކާމިޔާބުވިއެވެ.
**
އޮފީހުގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ޔުނާ އެރޭ ގެއަށް ދިޔުމަށްޓަކައި ކާރަށް އެރީ 9:30 ވާން ގާތްވެފައި ވަނިކޮށެވެ. ކާރު ސްޓާޓްކޮށްލަމުން ދުއްވަން ފެށި ވަގުތު އޭނަގެ ސިކުނޑި ވަރުބަލިވެފައިވިއެވެ. އެއްދުވަހުގެ ތެރޭގައި ހަފްތާތަކެއްގެ މަސައްކަތްތަކާއި ބުރަތައް އުފުލާލެވުނު ކަހަލަ އިޙްސާސެއް ކުރެވެމުން ދިޔައެވެ. އެ ހުރިހާ އިޙްސާސުގެ ތެރެއިން އެންމެ ވަރުގަދަވީ އޭނައަށް ދޮންބެ މާޔޫސްކޮށްލެވުނު އިޙްސާސެވެ. އެ ފޮޓޯތައް ބަޔަކު މީހުންގެ އަތަށް މިއަދު އެ އެރީ ދޮންބެ ނަޞޭޙަތް ދިން ފަދައިން އޭނަ ނުއުޅުމުގެ ސަބަބުންނެވެ. ދޮންބެ ބުނި ފަދައިން ވަކި ޖިނާހާއެކީ އަތު ގުޅާލައިގެން އެ ޤައުމުގައި އުޅުނު އުޅުމުން އޭނައަށް ކުރެވުނީ މާ ރަނގަޅުކަމެއް ނޫންތާއޭ ހިތަށްއެރިއެވެ. އެއީ އޭނަގެ ނަޒަރުން ވަކި ގޯހަކަށް ނުވިޔަސް އެ މަންޒަރުތަކުގެ ބޭނުން ހިފައިގެން ހާދަ ގިނަ ބަޔަކު މިއަދު އޭނަގެ އަބުރާއިމެދު ސުވާލު އުފައްދައިފިއެވެ.
ހިތަށް ވެރިވި އެ ޚިޔާލުތަކާއެކީ ޔުނާގެ ހަނދާނަށް ޒިހާން ވެސް ވެރިވިއެވެ. ޒިހާން ރޭ އޭނަގާތު ދެއްކި ވާހަކަތަކުން ޒިހާނަށް ވެސް އޭނަ ކަމުދެއެވެ. އެހެނަސް ޖިނާހު ހެދިހެން އޭނައާއެކީ ކައިވެނިން ބޭރުގައި ރައްޓެހިވެގެން އުޅެން ބޭނުންވާ ވާހަކައެއް ޒިހާން ނުބުނެއެވެ. އޭގެ ބަދަލުގައި ވަގުތުން އެދުނީ ކައިވެނި ކުރުމަށެވެ. ޒިހާން އެހެން ބުނި ވަގުތު ޔުނާއަށް އޭގެ އައިބުކަން ފާހަގަވިއެވެ. އެހެނަސް އެވަގުތުކޮޅުގައި އެކަމާމެދު ވިސްނާލެވުމުން ޒިހާންގެ ޤަދަރުވެރިކަން އިތުރަށް ޔުނާގެ ހިތަށް ގެނެވުނެވެ. ޖިނާހު ފަދައިން އޭނަގެ އަބުރާއިމެދު ސުވާލު އުފެދޭ ފަދަ ގުޅުމެއްގައި ޒިހާން އޭނަ ގެންގުޅެން ޤަޞްދެއް ނުކުރޭތާއޭ ހިތަށްއެރިއެވެ. ހަމަ އެވަގުތު ޒިހާންގެ އެދުމަށް އާނބަސް ދޭން ޔުނާގެ ހިތް އިތުރަށް އެދުނު ގޮތުން ޔުނާ އަޖާއިބުވާހާވިއެވެ. މިއީ ވެސް އިސްތިޚާރާ ނަމާދުގެ ޖަވާބުތޯ ހިތަށްއަރަމުން ދިޔައެވެ. އެހެނަސް އޭނައަށް ދެންވެސް ޝައްކު ކުރެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ އެ ޝައްކުތައް ފިލައިދާން ނުހަނު ގާތްވެފައިވިކަމެވެ.
**
މިނެޓްތަކެއްގެ ތެރޭގައި ޔުނާއަށް އޭނަ އުޅޭ ޢިމާރާތާއި ހަމައަށް ދެވުނެވެ. ޢިމާރާތަށް ވަދެގެން ގޮސް ލިފްޓަށް އަރައިގެން އޭނަ އުޅޭ ފަންގިފިލާއަށް ދިޔައެވެ. އެއަށްފަހު އޭނަގެ އެޕާޓްމެންޓްގެ ދޮރު ކައިރިއަށް ގޮސް އެތާ ނަންބަރު ޖަހަން ފެށިއެވެ. ނަންބަރު ޖަހާލުމާއެކު ދޮރު ހުޅުވާލަމުން ޔުނާ އެތެރެއަށް ވަން ވަގުތު ޙައިރާންވެގެން ދިޔައީ އެޕާޓްމެންޓްގެ ބޮކިތައް ދިއްލާލެވިފައިވުމުންނެވެ. މިއަދު ހެނދުނު ހަމަ ޔަޤީނުންވެސް އޭނަ އެޕާޓްމެންޓުން ނިކުތްއިރު ބޮކިތައް ނިއްވާލާފައެވެ.
ވިސްނުމެއްގައި ހުރެ ވަށައި ހޯދަމުން ދަނިކޮށް ޓައިލްސް މަތީގައި ހުރި ދިޔާ އެއްޗެއްގެ ސަބަބުން ޔުނާ ކައްސާލަން އުޅުނުހެން އޭނައަށް ހީވިއެވެ. ހުދުކުލައިގެ ޓައިލްސްއަށް އޭނަ ރަނގަޅު ނަޒަރެއް ދިނީ އެއީ ކޯޗެއްތޯ ބެލުމަށެވެ. ބޮކީގެ އަލި އެޅިފައިވުމުން ދުރުދުރަށް އެ ކުލައެއްނެތް ދިޔާ އެތި ފެތުރިފައިވި މަންޒަރު ފެނުނެވެ. އެއީ ކޯޗެއްތޯ ހިތަށްއެރިއެވެ. އޭނައަކީ ކާގޭގައި ނޫނީ ފެންވެސް ނުބޯ މީހެކެވެ. އަދި އަމުދުން މިހާ ގިނައިން ދިޔާ އެއްޗެއް ބިންމަތީގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟
“ސޭއި ގުޑްބާއި ޓު ޔުއާރ ސްވީޓް އެޕާޓްމެންޓް…..” ބީރައްޓެހި އަޑެއް އެހެން ބުނެލި އަޑަށް ޔުނާއަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އެތާ މޫނު ނިވާކޮށްގެން ހުރި ބިޔަ ހަށިގަނޑެއްގެ ވެރިއަކުން ލައިޓަރެއް ކަނޑާލަމުން ބިންމައްޗަށް ވައްޓާލީއެވެ. އިސާހިތަކު ލައިޓަރުގެ ހުޅުކޮޅު ބިންމަތީގައި ހުރި ދިޔައާއި އެއްވުމުން އަލިފާން ފެތުރެން ފެށިއެވެ.
ނުނިމޭ