Hiyaa (Part 15)
އަނދިރިކަން ވެރިވެފައި އޮތް ފިލްމް ތިއޭޓަރެއްގެ ތެރެއިން ފެންނަމުން ދިޔައީ ބޮޑު ސްކްރީނުން އަންނަމުން ދިޔަ އަލި އެކަންޏެވެ. އަންގާރަ ދުވަހެއްގެ ރޭގަނޑު ވަގުތު ތިއޭޓަރުގެ ތެރޭގައިވީ މަދު ބައެކެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން އިށީނދެގެން ތިބި ޔުނާއާއި ޖިނާހުވެސް ހިމެނުނެވެ.
ބޮޑު ސްކްރީނުން ފެންނަމުން ދިޔައީ ދެ ލޯބިވެރިން ކަރުނައިން ފުރިގެންވި ލޯތަކާއެކީ އެމީހުންގެ ޖަޒުބާތުތައް ފާޅުކުރަމުން ދިޔަ މަންޒަރެވެ. އެ މަންޒަރު ބަލަން ތިބި ޔުނާއާއި ޖިނާހުގެ އަތް ނުހަނު ލޯތްބާއެކީ ގުޅުވާލެވިފައިވިއެވެ. ފިލްމުގައި ދެ ލޯބިވެރިން ދައްކަމުން ދިޔަ ވާހަކައިގެ ތެރެއިން ފިރިހެން ބަޠަލާ އެއްފައި މައްޗަށް ތިރިވެ އަންހެން ބަޠަލާގެ އަތުގައި ހިފާލަމުން ލޯބިވާ ތިމަންނައާއި އިންނާނަންތޯ ސުވާލުކުރިއެވެ. ޖަވާބުގައި އަންހެން ބަޠަލާ ތެމިގެންދިޔަ ކޯތާފަތާއެކީ ބޯޖަހައި އާނއެކޭ ބުނި މަންޒަރު ބަލަން އިން ޔުނާގެ ލޯ ވެސް ކަރުނައިން ވިދަމުން ދިޔައެވެ.
އެއްލި ކަޅިއަކުން ޔުނާއަށް ބަލާލެވުނު ޖިނާހުގެ ތުންފަތްމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ފޯނު ނަގައި ޔުނާއަށް ދިއްކޮށްލަމުން ފޮޓޯއެއް ނަގާލިއެވެ. ފްލޭޝް ކަނޑައިގެން ދިޔަ އަޑާއެކީ ޔުނާއަށް ޖިނާހާއި ދިމާލަށް ބަލައިލެވުނެވެ. އެއާއެކު ޔުނާއަށް ވީގޮތް ނަގައިގަނެވުމުން އޭނަ ޖިނާހުގެ ކޮނޑުގައި ޖަހާލުމުން ދެމެދުގައި ލުއި ހީލުމެއް ބަދަލުވިއެވެ.
“ހާދަ އިމޯޝަނަލްއޭ ދޯ ބޭބް ވެސް. ހެހެ….” ޔުނާގެ އުނަގަނޑުގައި އެއްއަތް ވަށާލައިގެން ސިނަމާއިން ނިކުމެގެން ދިޔަ މަގުމަތީގައި ޖިނާހު ބުންޏެވެ.
“ދޯ؟ ފަހަކަށް އައިސް މެރިއޭޖްގެ ވާހަކަ އިވުނީމަ ހަމަ އެހެންވަނީއޭ. ވެދާނެދޯ ދެމީހުން ވެސް ގްރެޖުއޭޓްވާން މިހާ ކައިރިވަމުން ދާތީ ކަމަށްވެސް؟ ޓޭކް ދަ ހިންޓް!” ޔުނާ އެ ފަހު ބަސްތައް ބުނެލަމުން އެއްލޯ މަރާލިއެވެ. އެއާއެކު ޖިނާހު އިތުރަށް ހީލަމުން އޭނަގެ ހުހަށް އޮތް އަތުން ޔުނާގެ ފަން އިސްތަށިގަނޑުން މޫނަށް އެޅިފައި އޮތް ބައެއް ނަގައި ކަންފަތުގައި އަޅުވާލަދިނެވެ.
“ތި ބުނާހެން ގްރެޖުއޭޓް ވެސް ވަނީދޯ؟ ބަޓް ބޭބް އަހަންނަށް ހީވަނީ އަދިވެސް ކުޑަކޮށް ފަސްކޮށްލީމަހެން ރަނގަޅުވާނީ. ބައްޕަގެ ބިޒްނަސްއިން އަހަންނަށް ލިބުނަސް އަދި ބޭނުން އަހަރެންގެ ކެރިއާރ ސެޓްލްކޮށްލަން…..ހިނގާދޯ ގެއަށް ދިޔުމުގެ ކުރިން މިތާ ކައިރީގަ ހުރި ކެފޭއަކަށްދާން؟” ޖިނާހު ވާހަކަ ދައްކަމުން ގޮސް ސުވާލެއް ސިނަމާއިން ނިކުމެވުނު ވަގުތެވެ. ކުއްލި ގޮތަކަށް ޖިނާހު މަޢުޟޫ ބަދަލުކޮށްލި ގޮތުން ޔުނާގެ ހިނިތުންވުން ފޭދިގެން ދިޔައެވެ. ޖިނާހު ކޮށްލި ސުވާލަށް އޭނައަށް ބޯޖަހާލެވުނީ ވެސް ސިކުންތުކޮޅެއް ފަހުން ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުންނެވެ.
އެހެން ނުވާންވީ ސަބަބެއްނެތެވެ. އެކި ފަހަރުމަތިން ޖިނާހު ދައްކާ ވާހަކަތައް ބަދަލުވާ ގޮތުން ގިނަ ފަހަރު ޔުނާއަށް ހުރެވެނީ އިޙްސާސް ކުރަންވީ ގޮތެއް ނޭނގިފައެވެ. ބައެއްފަހަރު ޖިނާހު ވެސް އޭނަ ފަދައިން ކައިވެންޏަކަށް ބޭނުންވާހެން ހީވެއެވެ. މި ދިޔަ އަހަރު ފަހު ކޮޅު ވާހަކަ ދައްކަމުން ދިޔަ ގޮތުން އެ އަހަރުގެ ޗުއްޓީ ތެރޭގައި ޖިނާހު އެ ނިންމުން ނިންމަފާނެހެން ވެސް ޔުނާއަށް ހީވިއެވެ. އެހެނަސް ޖިނާހު އަނެއްކާވެސް އެ ވާހަކަ އޮޅުވާލީއެވެ. ދެމީހުން ދަސްވެނިވަނީ އެއް އަހަރެއްގައި ކަމަށްވުމުން ދަސްވެނިވުމަށްފަހު ކައިވެނިކުރުން ރަނގަޅުވާނެ ނޫންތޯ ވެސް ބުނީ ޖިނާހެވެ. އޭނަ ކިޔެވީވެސް އަދި ކުރިއަރައި ދާން ބޭނުންވަނީ ވެސް ސިޔާސީ ދާއިރާއިން ކަމަށްވެފައި އެ ދާއިރާއިން އޭނަ ބޭނުންވާ ފަދަ ކާމިޔާބީއެއް ހޯދަން ދުވަސް ނަގާނެ ވާހަކަ ބުނަމުންނެވެ. އެ ކާމިޔާބީއާއި ހަމައަށް ދާއިރު ޔުނާއާއި އެކީގައިވާން އެދޭ ވާހަކަ ނުހަނު ޖަޒުބާތާއެކީ ބުނަމުންނެވެ. އެހެނަސް އަނެއްކާވެސް މިރޭ ޖިނާހުގެ ވާހަކަތައް އިވެމުން މިދަނީ އެހެން ރާގަކަށެވެ.
ޖިނާހުގެ މި ސިފަ ޔުނާއަށް ފާހަގަވިތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ. އެއީ ހަރުދަނާ ޝަޚްޞިއްޔަތެއްގައި ހުންނާނެ ސިފައެއް ނޫންކަން ޔުނާއަށް މާ ރަނގަޅަށް ވެސް އެނގެއެވެ. ބައެއްފަހަރު ޖިނާހު އޭނައާއެކީ ހުންނަން ބޭނުންނުވަނީއޭ ވެސް ޔުނާގެ ހިތް ބުނެއެވެ. އެހެނަސް އޭނަ ކޮންމެ ފަހަރަކު އެފަދަ ޚިޔާލުތަކުން ޔުނާ ދުރުވަނީ އޭނައަށް ދެން ޖިނާހުފަދަ ޒުވާނަކު ނުލިބިދާނެހެން ހީވާތީވެއެވެ. އެފަދަ ޒުވާނަކު ލިބުނަސް ޖިނާހާއި އޭނައާ ދެމެދު އޮތްފަދަ ގާތް ގުޅުމެއް ނުއުފެދިދާނެހެން ހީވާތީވެއެވެ. ޖިނާހާއި އޭނަ ގުޅޭހެން އެހެން މީހަކާއި އޭނަ ނުގުޅިދާނެހެން ހީވާތީވެއެވެ.
މި ހުރިހާ ހީވުމަކާހެދި ޔުނާ ދުވަހަކުވެސް ޖިނާހުގެ ފަރާތުން ފެންނަ އޭނަ ނޭދޭ ސިފަތަކަށް އަލި އަޅުވައެއް ނަހަދައެވެ. ނުރުހުންވާކަމެއް ދިމާވިޔަސް އެކަން ޒުވާބަކަށް ނަހަދަނީ މި ގުޅުން ކުރިއަށް ގެންދަން އޭނަ ބޭނުންވާ މިންވަރުންނެވެ. ޔުނާއަކީ އަމިއްލަ ޒާތުގައި ވެސް ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރާ މީހަކަށްވާތީ އޭނަ ލޯބިވާން ވެސް ބޭނުންވީ އެންމެ ފުރިހަމައަށެވެ. ޖިނާހުގެ ނޭދެވޭ ސިފަތަކަށް އެހާ ފަސޭހައިން އަނދިރި ލޮލެއް ދެވެނީ އެހެންވެއެވެ.
ދެމީހުން ލަސް ހިނގުމެއްގައި އެމްސްޓާރޑަމްގެ ކެފޭއަކާއި ދިމާލަށް ދިޔައިރު އެ މަގުމައްޗަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ރޭގަނޑުގެ 9 ޖެހި ވަގުތުވެސް މަގުމަތިން ދުއްވާ އެއްޗެއް ނުފެނުމުގެ އިތުރުން މުޅި އެ މަގުން ވެސް އެންމެ ބޮތްކެއް ދިއްލާލެވިފައިވި މަންޒަރު ފެނިފައި ޔުނާގެ ހިތުގައި ހިސާބެއްގެ ޙައިރާންކަމަކާއެކީ ބިރުވެރިކަމެއް ވެސް އުފެދުނެވެ.
ޔުނާ ޖިނާހާއެކީ ގޮސް ކެފޭއަށް ވަން ވަގުތު ކެފޭގެ ތެރެއިން ވެސް ފެންނަން ހުރީ ކައުންޓަރުގައި ހުރި އެންމެ އަންހެން ކުއްޖެކެވެ. ޖިނާހު އެތާހުރި މޭޒެއްގެ ދޮށުގައި ފޯނާއި ކުޅެމުން އިށީނދެ ޔުނާ ގާތު ކައުންޓަރަށް ގޮސް ދެމީހުންނަށް ދެ އެމެރިކާނޯ ގެނެސްދޭންވީ ގެނެސްދޭންވީ ނޫންތޯ ބުނެލިއެވެ. ޖިނާހުގެ އެ ފަރުވާކުޑަ ކަމާމެދު ހިތުގައި ޝަކުވާ އުފެދުނެއްކަމަކު ޔުނާ ކައުންޓަރާއި ދިމާލަށް ހިނގައިގަތީ އޭނަ އެތަނަށް ދާންޖެހޭތީ ވެސް ޙައިރާންވެފައި ހުރެއެވެ. އެ ކެފޭއަކީ ވެއިޓަރުންވެސް އުޅޭ ކެފޭއެއްކަން އެނގޭތީވެއާއި އެކީގައެވެ.
ކޮންމެ ގޮތެއްވިޔަސް ޔުނާއަށް ކައުންޓަރުގައި ހުރި ކުއްޖާއާއި ވާހަކަ ދެކެވުނީ ވަކި އެކަމާމެދު ވެސް ސުވާލުކުރުމެއްނެތިއެވެ. އެ ކުއްޖާ ކޮފީ ތައްޔާރުކުރަން ވަކި މާ ގިނަ ވަގުތެއް ނުނަގާ ކައުންޓަރު މަތީގައި ދެ ކޮފީ ތަށި ބެހެއްޓުމުން ޔުނާ އެ ދެ ތަށި ނަގައި ފަސްއެނބުރިލިއެވެ. އެ ވަގުތު މުޅި ކެފޭގެ ތެރެ އެއްކޮށް އަނދިރިގަނޑެއްގެ ގޮތުގައި ފެނިގެން ދިޔަ ގޮތުން ޔުނާގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ތުރުތުރު އަޅަން ފެށި ދެއަތުން ދެ ކޮފީ ތަށި ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
ގެންފައިވި ބިރުވެރިކަމުގެ ތެރެއިން ޔުނާއަށް ކެފޭގެ ކުޑަދޮރުން ފެންނަމުން ދިޔަ އައްޔާއި ދިމާލަށް ހިނގައިގަނެވުނީ ރޫރޫ އަޅަމުން ދިޔަ އަޑުން ޖިނާހުގެ ނަމުން ގޮވަމުންނެވެ. އެހެނަސް ބަދަލުގައި ޖިނާހުގެ އަޑެއް އޭނައަށް އިވޭގޮތެއް ނުވިއެވެ. ޔުނާ ރޮވެން ކައިރިވެފައި ހުރެ ކުރިއަށް ދާން ފެށިތާ މާ ގިނައިރެއްނުވެ މޭޒެއްގައި ފައި ޖެހި އަރި އަޅާލަން އުޅުނެވެ. ހަމަ އެވަގުތު އޭނަ ވެއްޓުމުގެ ކުރިން އަނދިރީގެ ތެރެއިން މީހަކު އޭނަގެ ކޮނޑުގައި ހިފާލިއެވެ. އެފަދަ ކަމެއްވުމުން އޭނަ އިތުރަށް ބިރުގަންނަން ޖެހުނަސް ކީއްވެކަމެއް ނޭނގެއެވެ. އެ ހިފާލުމުން އޭނައަށް އިޙްސާސް ކުރެވުނު އޯގާތެރިކަމާއެކީ އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އިތުރު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ އެ މީހެއްގެ ސާބިތުކަން އެކުލެވިގެންވި އަޑު އިވިގެން ދިޔުމުންނެވެ.
“އަހަންނާއެކީ ހިނގާ ޔުނާ….” އެމީހަކު އެހެން ބުނެ ޔުނާގެ އަތުގައި ހިފާލިއެވެ. އެއީ ޔުނާ ދަންނަ އަޑެއްކަން އޭނައަށް ޔަޤީންވިއެއްކަމަކު އެއީ ކާކުކަން ޔަޤީންކުރަން ޔުނާ އެވަގުތު ނުކުޅެދުނެވެ. އެމީހަކު ޔުނާގެ އަތުގައި ހިފައިގެން ކުރިއަށް ހިނގައިގަތް ގޮތުން އެމީހަކީ އޭނައަށް ހެޔޮ އެދޭ މީހެއްކަން ޔުނާއަށް ހިތުގެ އަޑިން ޤަބޫލުކުރެވުނެވެ. ވަކި ދެވަނަ ވިސްނުމެއްވެސް ނެތި އެމީހަކު ގެންދަމުން ދިޔަ ދިމާލަށް ދެވުނީ އެމީހަކަށް ކުރެވުނު އިތުބާރެއްގެ ބޮޑު ކަމުންނެވެ.
އިރުކޮޅެއްގެ ތެރޭގައި ޔުނާއަށް ހުރެވުނީ ކެފޭއިން ނިކުމެ ކެފޭގެ ކައިރީގައި ހުރި ޕޭވްމެންޓް މަތީގައެވެ. އެވަގުތު އޭނައަށް އަނެއްކާވެސް އެކަނި ހުރެވުނު ފަދަ އިޙްސާސެއް އޭނައަށް ކުރެވުނެވެ. އެކަމާމެދު ވިސްނެން އުޅެނިކޮށް ޔުނާ ހުއްޓުން އެރީ މަގުގެ އަނެއްފަރާތުން ފެނުނު މަންޒަރަކުންނެވެ. ދުރުން ފެންނަމުން ދިޔަ އެ މަންޒަރަކީ ފިރިހެނަކާއި އަންހެނަކު ނުހަނު ކައިރީގައި ތިބި މަންޒަރުކަން ޔުނާއަށް ނަގައިގަނެވުނެވެ. މެއަށް ނުބައި ގޮތެއްވެގެން ދިޔައީ އެ ފިރިހެން ޒުވާނާ ހުރީ އެރޭ ޖިނާހު ލައިގެން ހުރި ކަހަލަ ދަނބު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްހެން ހީވުމުންނެވެ.
ކަރުނަތައް ހިލެން ފެށި ލޮލާއެކީ ޔުނާއަށް ކުރިއަށް ހިނގައިގަނެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެއީ ޖިނާހެއް ނޫންކަމަށް ހިތުގެ ކަނަކުން ގޮވަމުން ދިޔައެއްކަމަކު، އެ މަންޒަރާއި ގާތްވަމުން ދިޔަދިޔަހެން އެ ނުދަންނަ އަންހެން ކުއްޖާއާއި ގައިގޯޅިވަމުން ދިޔައީ އޭނަގެ ދުވަސްވީ ލޯބިވެރިޔާކަން އޭނައަށް އެނގުންވިއެވެ. އިސާހިތަކު އޭނަގެ ހަށިގަނޑުން ހުރިހާ ހަކަތައެއް ގެއްލިގެން ދިޔަހެން ޔުނާއަށް ހީވިއެވެ. އެ ހިނދު އޭނައަށް މަޑުކޮށްލެވުނީ މަގުގެ މެދުގައެވެ. ދުރުން ނުހަނު ބާރު ސްޕީޑެއްގައި ސީދާ އޭނައާއި ދިމާލަށް ބޮޑު ބަހެއް އަންނަމުން ދިޔަކަން ޔުނާއަށް އެނގުނެއްކަމަކު އޭނައަށް އެ ހުރި ގޮތަށް ހުރެވުނެވެ.
ބަހުގެ އަޑު ގާތްވަމުން ދިޔަދިޔަހެން ބަހުގެ އަލިވެސް އޭނަގެ ގަޔަށް އެޅުނު ވަގުތު ފަހަތުން އަނެއްކާވެސް އޭނަ ނުދަންނަ މީހާ އޭނައަށް ގޮވާލިކަން ޔުނާއަށް އެނގުނެވެ. ބަސް އެ އައި ބާރު މިނުގައި އައިސް އޭނަގެ ގައިގައި ޖެހެން އުޅުނު ވަގުތު އެއްކަލަ ދެއަތް އޭނަގެ ކޮނޑުގައި ހިފައި ދަމާލި ހިނދު ހަރުއަޑުން އޭނަގެ ނަމުން ގޮވާލި އަޑުވެސް އިވުނެވެ.
ކުއްލިއަކަށް ލޯ ހުޅުވާލެވުނު ޔުނާއަށް ހޭލެވުނީ ލުއްކެއްޖަހާފައެވެ. އެހިނދު އޭނަ މާނޭވާ ލެވި ދާހިއްލާފައިވިއެވެ. ކޮޓަރީގައި ދިއްލާލެވިފައިވި އޮރެންޖު ކުލައިގެ ބޮކީގެ ފަނޑު އަލީގެ ތެރެއިން ގަޑިއަށް ނަޒަރެއް ދިންއިރު ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ގަޑިން ފަތިހު 3:45 ވެފައިވި މަންޒަރު ފެނިފައި ޔުނާ އޭނަގެ ނޭވާ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އެހިނދު ކިތަންމެ ބޭނުމެއް ނުވިޔަސް ދެންމެ ފެނުނު ހުވަފެނުގެ މަންޒަރުތައް ނުހަނު ސާފުކޮށް އޭނަގެ ލޯ މަތިން ސިފަވަމުން ދިޔައެވެ.
އެ ހުރިހާ މަންޒަރަކީ މުޅިން ޙަޤީޤަތަކަށް ނުވިޔަސް ހުވަފެނުގެ ކުރީކޮޅުގައި ފެނުނު މަންޒަރަކީ ނުހަނު ޙަޤީޤަތާއި އެއްގޮތް މަންޒަރެކެވެ. އެމްސްޓާޑަމްގައި އުޅުނުއިރު އޭނަ ޖިނާހާއެކީ ސިނަމާތަކަށާއި ކެފޭތަކަށް ގޮސްފައިވާނެއެވެ. ކައިވެނިގެ ވާހަކައެއް ދެމެދުގައި ދެކެވެންޏާ ދެކެވޭނީ ހަމަ އެފަދައަކުންނެވެ. އެ ވާހަކައަށް ކުރިއެރުމެއް ލިބޭ ގޮތެއް ދުވަހަކުވެސް ނުވެއެވެ.
އެހެނަސް ހުވަފެނުގައި ދެން ފެނިގެން ދިޔައީ ކޮންކަހަލަ މަންޒަރުތަކެއް ހެއްޔެވެ؟ ކެފޭގެ ތެރެއިން އޭނަގެ އަތުގައި ހިފާލީ ކާކު ހެއްޔެވެ؟ އެއީ އޭނަ ދަންނަ މީހެއްކަމަށް ތަކުރާރުކޮށް ޔުނާގެ ސިކުނޑި ބުންޏެއްކަމަކު އެއީ ކާކުކަން ދެނެގަންނަން އޭނަ އެވަގުތުވެސް ނުކުޅެދުނެވެ.
ކެފޭއިން ނިކުތުމަށްފަހު އޭނައަށް އެ ފެނުނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ އޭގެ ފަހަތުގައި މާނައެއް އޮވެދާނެ ހެއްޔެވެ؟ އޭނައަށް ނުހަނު ކުރީއްސުރެ ހީވި ފަދައިން ޖިނާހު ވަކި އޭނަ ބޭނުމެއްނުވަނީ ހެއްޔެވެ؟ ކައިވެނި ނުކުރަން ބަހަނާތަކެއް ދެއްކީ އެހެންވެ ހެއްޔެވެ؟ ޖިނާހު އޭނައާއެކީ އުޅެމުން ވެސް ބޭވަފާތެރިވެފައިވަނީ ކަމަށް ވެދާނެ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެ ފަހު ސުވާލާއެކީ ޔުނާގެ ލޯ ކަރުނުން ފުސްވިއެވެ. އޭނަ އެހާ ގިނަ ދުވަސް ވަންދެން އެހާ ބުރަ މަސައްކަތާއެކީ ދަމަހައްޓަން އުޅުނު ގުޅުމަށް ދެން ހުރި ފަރާތުން ޤަދަރެއް ނުކުރާކަމުގެ ޚިޔާލުން ވެސް އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. އިސާހިތަކު އަމިއްލަ ނަފްސާއިމެދު ވެސް ހިތުގައި ޝައްކުތަކެއް އުފެދުނެވެ. އޭނަގެ ލޯބިވެރިޔާ މިއަދު ވެސް ވަނީ އޭނަ ދޫކޮށްފައި މާ ގިނަ ދުވަހެއް ނުވެ އެހެން މީހަކާއި ރައްޓެހިވެފައެވެ. އެއީ އޭނަގެ ހުރި އުނިކަމެއްގެ ސަބަބުންތޯ ހާސްވަނަ ފަހަރު ޔުނާއަށް އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. ޖިނާހަށް އޭނަ އެހާ ކަމުނުދިޔުމުގެ ޚިޔާލުން އޭނަ އަމިއްލަ ނަފްސަށް ކުރާ އިތުބާރަށް އަސަރުކުރިއެވެ. ދިރިއުޅުމުގައި އޭނައަށް ކިތަންމެ ގިނަ ކާމިޔާބީއެއް ލިބިފައިވިޔަސް އެވަގުތު ޔުނާގެ ވެރިވި އިޙްސާސްތަކާއެކީ ބަލިކަށިކަމެއް މުޅި މީހާގެ މައްޗަށް ސަވާރުވިއެވެ. އެ ހިނދު ޔުނާއަށް ގިސްލެވެން ފެށިއެވެ. އެއާއެކު މޭގައި އުފެދިފައިވި ރިހުން ވެސް ތޫނުވެ ނޭވާ ކުރުވާން ފެށިއެވެ.
އިސާހިތަކު އޭނަގެ ޙާލަތު ގޯސްވާން އުޅުނުހެން ހީވުމުން ޔުނާ އޭނަގެ ނަޒަރު އެކި ދިމަދިމާލަށް ބަދަލުކުރަމުން އޭނަގެ އަތް ޙަރަކާތްކޮށް އެކި ތަންތަނުގެ އިޙްސާސް ކުރަން ފެށީ އޭނަގެ ސިކުނޑީގައިވި ޚިޔާލުތަކުން ދުރުވުމަށެވެ. ކިރިޔާވެސް ހަމައަކަށް އެޅޭ ގޮތްވުމުން ޔުނާ އެނދުން ފޭބުމަށްފަހު ކޮޓަރިން ނިކުންނަންދާން މިޞްރާބުޖެހިއެވެ.
ކޮޓަރިން ނިކުތް ވަގުތު ސިޓިންގް ރޫމުގައި ދިއްލާލެވިފައިވި ފަނޑު ބޮކީގެ އަލި ބެލްކަންޏަށް ދެވޭ ސަރައްކާލިއަށް ވެސް ވަކިވަރަކަށް އެޅިފައިވިއެވެ. ޔުނާ ފުން ނޭވާތަކެއް ލާން މަސައްކަތް ކުރަމުން ބެލްކަންޏަށް ދާން މިޞްރާބުޖެހީ ހާމަ ތަނަކަށް ގޮސްފިނަމަ ޙާލަތު އިތުރަށް ރަނގަޅުވާނެ ކަމަށް ނިންމަމުންނެވެ. އެހެނަސް ބެލްކަންޏަށް ދެވޭ ދޮރާއި އެންމެ ކައިރީގައި ހުންނަ ކޮޓަރިއާއި ހަމަ ވީވީހެން ޔުނާގެ ފިޔަވަޅުތައް މަޑުޖެހުނީ ނުހަނު ރީތި ކިޔެވުމެއްގެ އަޑު އިވިގެން ދިޔުމުންނެވެ. އެ އަޑު އިވުނުތާ މާ ގިނައިރެއްނުވެ އެއީ ކާކުގެ ކޮޓަރިއެއްކަން ޔުނާއަށް ނަގައިގަނެވުނެވެ.
ހަމަ އެއާއެކު ޔުނާ ޙައިރާންވާ ގޮތްވެސްވިއެވެ. ޒިހާން މިވަގުތު އެ ކުރަނީ ކޮން ނަމާދެއްތޯ ހިތަށްއެރިއެވެ. ހަމަ ގައިމުވެސް އަދި ފަތިސް ނަމާދަށް ބަންގި ނުގޮވާނެއެވެ. ދޮންބެ ދަންވަރު ކުރާ ނަމާދު ޒިހާންވެސް ކުރަނީތޯ ހިތާހިތުން ކިޔާލެވުނެވެ. ޒިހާނާއި ދޮންބެއަކީ އެއް ޒާތެއްގެ ދެމީހުންތާއޭ ހިތަށްއެރިއެވެ. މިއީ ސިފައިންގެ މީހުންގެ ‘ޑިސިޕްލިން’ ތާއޭ ހިތް ބުންޏެވެ.
ކުރިއަށްދާން ހިތަށްއެރިއެއްކަމަކު ކީއްވެކަމެއް ނޭނގެއެވެ. އެ ކިޔެވުމުގެ ހިތްގައިމުކަން ޔުނާއަށް ފާހަގަވެ ޔުނާއަށް އެ ކޮޓަރީގެ ދޮރު ކައިރިން ފާރަށް ލެނގިލެވުނެވެ. ކިޔެވުން ދިގުދެމިގެން ދާނެހެން ހީވުމުން ލަސްލަހުން ހުރި ދިމާލަށް ތިރިވެ ބިންމަތީގައި އިށީނދެވުނެވެ.
ކިޔެވުން އަޑު އަހަމުން ދިޔަ ވަރަކަށް ނޭނގޭ ސަބަބަކާހުރެ އޭނަގެ ތެޅިތެޅި އޮތް ހިތަށް ހަމަޖެހުމެއް ލިބެން ފެށިހެން ޔުނާއަށް ހީވިއެވެ. އެ ކިޔެވުން ފުރަތަމަ ފެށިއިރު އެއީ ވަކި އޭނައަށް އެނގޭ ސޫރަތެއްކަމަށް ޔުނާ ހިއެއް ނުކުރެއެވެ. އެހެނަސް ވަކި ހިސާބަކުން އިވެން ފެށި އާޔަތްތަކަކީ ދޮންބެ އެތައް ދުވަހެއްގެ މަތިން އޭނައަށް މާނައާއެކީ ކިޔައިދީފައިވާ އާޔަތްތަކެއްކަން ޔުނާއަށް އެނގުނެވެ.
“ﷲ ގެ ހަނދުމައިން ދުރުވާ މީހަކަށް އޮންނާނީ ހިތާމަވެރި ދިރިއުޅުމެއް. އެމީހަކު ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނީ ލޯ އަނދިރި މީހެއްގެ ގޮތުގަ. އެދުވަހަކުން އޭނަ ﷲ ގެ ޙަޟްރަތުގައި ދަންނަވާނެ މި ދުނިޔޭގަ ފެންނަ މީހެއްގެ ގޮތުގަ ތިމަންނަ ވަނިކޮށް ކީއްވެގެން ހެއްޔޭ ތިމަންނަ އަނދިރި މީހެއްގެ ގޮތުގަ އަލުން ދިރުއްވުނީ. އެދުވަހު އޭނައަށް ބުނެވޭނީ މި ދުނިޔޭގަ އޭނަ ﷲ ގެ އާޔަތްތައް އޭނައާއި ހަމައަށް އައުމުން އޭގެ މަތިން ހަނދާން ނައްތާލި ފަދައިން އޭނަ ވެސް މިއަދު ހަނދާން ނައްތާލެވޭނެއޭ……..އެދުވަހަކީ ޔުނާއަށް ވެސް އަދި ދޮންބެއަށް ވެސް ކުރިމަތިވާން އޮތް ދުވަހެއް ޔުނާ. މި ދުނިޔޭގަ ﷲ ގެ އާޔަތްތަކާއި ދުރުން އުޅެންޏާ ވެސް ޙަޤީޤަތުގައި އުޅެވޭނީ އަނދިރި މީހެއްގެ ގޮތުގަ. ކަންތަކުގެ ޙަޤީޤަތް އޭގެ ޒާތުގަ ފެންނަން އަހަރުމެން ނުކުޅެދޭނެ އެ އާޔަތްތަކާއި ނުލާ. އެ ހިދާޔަތާއި ނުލާ ޚުދު އަހަރުމެންނަށް ވެސް ގެއްލުން ލިބޭ ފަދަ ފާފަތައް އަހަރުމެންނަށް ވެސް ކުރެވެނީ. އޭގެ ނަތީޖާއެއްގެ ގޮތުން އަހަރުމެންނަށް ލިބެނީ ހިތާމަވެރި ދިރިއުޅުމެއް….އެހެންވީމަ އެ އާޔަތްތަކާ ދުރު ނުވައްޗޭ ޔުނާ. އެ އާޔަތްތައް އުނގެނި އެ އާޔަތްތަކާއި މެދު ވިސްނަން މަސައްކަތްކުރޭ. ކޮއްކޮއަށް ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ އޭރުން…”
ޒިހާންގެ އެ ކިޔެވުން އަޑުއަހަމުން ދިޔަ ވަރަކަށް ދޮންބެ އެތައް ދުވަހެއްގެ މަތިން އެކި ޢިބާރާތްތަކުން ތަކުރާރުކޮށް ދިން އެ ނަޞޭޙަތް ޔުނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އެ ނަޞޭޙަތްދޭ ކޮންމެ ފަހަރަކު ޔުނާއަށް ނުހަނު ސީރިއަސްކަމާއެކީ އެކަމާމެދު ވިސްނެއެވެ. ‘އާޔަތްތައް ހަނދާން ނައްތާލީއޭ’ ބުނުމުން ޔުނާއަށް ކުރިން އަބަދުވެސް ހީވަމުން ދިޔައީ އެއީ ޤުރުއާން ހިތުދަސްކޮށް ހަނދާން ނައްތާލާ ވާހަކަ ކަމަށެވެ. އެހެނަސް ޤުރުއާނާއި ގުޅޭ އެއްވެސް ނަޞޭޙަތެއްގެ އަޑު އިވުމުން އަޑު ނީވޭ ކަމަށް ހެދުމަކީ ވެސް ހަނދާން ނައްތާލުން ކަމަށް ދޮންބެ ކިޔައިދީފައިވެއެވެ. އަދި އެ ނަޞޭޙަތާއި އެއްގޮތަށް ޢަމަލުކުރުމަކީ މުހިއްމު ކަމެއް ކަމަށް ނުދެކުމަކީ ވެސް އާޔަތްތައް ހަނދާން ނައްތާލުންކަމަށް ދޮންބެ ބުންޏެވެ.
ސިކުނޑިއަށް ވެރިވި އެ ޚިޔާލުތަކާއެކީ އޭނަގެ ދިރިއުޅުން މިހާ ހިތާމަވެރީ އޭނަ އެ އާޔަތްތަކާއި ދުރުގައިވާތީތޯ ޔުނާއަށް ފުރަތަމަ ފަހަރަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. ދީނާއިމެދު އޭނަގެ ހިތުގައި ވަރަށް ބައިވަރު ޝައްކުތަކެއް ހުއްޓަސް އެއީ މުހިއްމު ސުވާލެއްކަމަށް ޔުނާގެ ހިތް ބުންޏެވެ.
ޚިޔާލުތަކެއްގެ ތެރެއަށް ގެއްލިފައިވަނިކޮށް އޭނައާއި ދާދި ކައިރިން ދޮރު ހުޅުވާލެވުނު އަޑަށް ޔުނާއަށް އެ ދިމާލަށް ބަލައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިހާން ފެނިގެން ދިޔުމުން އިސާހިތަކު ޔުނާއަށް ކޮޅަށް ތެދުވެލެވުނެވެ. ޔުނާ ފެނިފައި ޒިހާނަށް ލުއި ގޮތަކަށް ހީލެވުނެވެ.
“ކީއްކުރަނީ މިތާ؟” ޒިހާން ސުވާލުކުރިއެވެ.
“އަމް….ނިދި ނައިސްގެން ކުޑަކޮށް ބޭރަށް ނިކުމެލީ….ބެލްކަންޏަށް ދާން އަސްލު ނިކުތީ. އެކަމަކު ޒިހާން ކިޔަވާ އަޑު އިވިފަ މިތާ މަޑު ކޮށްލެވުނީ.” ޔުނާއަށް ތެދުތެދަށް ކިޔައިދެވުނެވެ.
“އޯ…ކޭ..” ޒިހާން ފަރުވާތެރިކަމާއެކީ ޔުނާއަށް ބަލަން ހުރެ ބުނެލިއެވެ. ޔުނާގެ ލޯ ދުޅަވެފައިވިކަން ފާހަގަވެފައި އެއްޗެކޭ ބުނަން އުޅުނު ވަގުތު ޔުނާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އިޓްސް ނޮޓް ވަޓް ޔޫ ތިންކް! ހަމަ ދެން މިތާ މަޑު ކޮށްލެވުނީ….ކޮން ނަމާދެއް ތިކުރީ މިގަޑީގަ؟ ދޮންބެ ދަންވަރު ކުރާ ނަމާދުތަ؟ އެއީ ހުރިހާ ސިފައިންގެ މީހުން ކުރާ ނަމާދަކީތަ؟” ޔުނާއަށް ކުއްލިއަކަށް އަނގަގަދަ ކޮށްލެވުނެވެ. ޒިހާންގެ ރައްދު އައިގޮތުން އޭނަ ހަމަ އެދިގެން ޒިހާންގެ ކައިރިއަށް އައީހެން ޒިހާނަށް ހީވިހެން އޭނައަށް ހީވުމުންނެވެ. ޔުނާއަށް ނޭނގުނު ކަމަކީ އޭނަގެ އެ ނުތަނަވަސްކަން ޒިހާނަށް ސިއްރު ނުވި ކަމެވެ. ޒިހާނަށް ދެވަނަ ފަހަރަށް އިހުނަށްވުރެ ބޮޑަށް ހީލެވުނީ އެހެންވެއެވެ. އެހެނަސް އޭނަ އިތުރަށް ޔުނާ ލަދުގަންނަވާލާކަށް ޤަޞްދެއް ނުކުރިއެވެ.
“އެއީ ދަމުނަމާދޭ ޔުނާ. ވަކި ސިފައިންގެ މުއައްސަސާއިން މަޖުބޫރު ކޮށްގެން ކުރާ ނަމާދެއް ނޫން އެއީ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތަށް އުޅެން ކުރާ ނަމާދެއް އެއީ. ޕްލަސް މި ވަގުތަކީ ދުޢާ އިޖާބަވުން ވަރަށް ގާތް ވަގުތެއް. އެހެންވީމަ މި ގަޑީގަ ހޭލާ ހުރެވުނީމަ ޔުނާ ވެސް އެންމެ ބޭނުންވާ ކަންތަކަށް ދުޢާ ކުރައްޗޭ. ކިތަންމެ ބޮޑު ހިތާމައެއް ކުރިމަތިވެފައިވިޔަސް ﷲ އިސާހިތަކު އެ ހިތާމައަކުން ޔުނާ ދުރުކުރުމަށް ކުޅަދުންވަންތަވެ ވޮޑިގެންވޭ….” ޒިހާން އެ ފަހު ބަސްތައް ބުނެލީ ޔުނާގެ މޫނުމަތި މިލާފައިވި މިންވަރު ފާހަގަވެ ހިތަށް އުދަގޫވަމުން ދިޔަ ޙާލުގައެވެ. އޭނަ ވާހަކަ ދެއްކިއިރު އެ މޫނުމަތިން ޔުނާއަށްޓަކައިވި ކަންބޮޑުވުން ސާފުކޮށް ފާޅުވަމުން ދިޔައެވެ. ޒިހާންގެ ބަސްތަކުން ޔުނާގެ ހިތުގެ އެންމެ އަޑިއަށް އަސަރުކުރީ އެހެންވެ ކަންނޭނގެއެވެ. ޒިހާންގެ ފުން މިން ނޭނގޭ ލޮލަށް ގެއްލިފައި ސިކުންތުކޮޅެއް ވަންދެން ޔުނާއަށް ހުރެވުނެވެ. އޭނައަށް ހަމަހޭވެރިކަމެއް ލިބުނީ ޒިހާން އިތުރަށް ވާހަކަ ދެއްކުމުންނެވެ.
“ހިނގާދޯ ހާރުކާން؟ ޔުނާ މާދަން ރޯދަ ހިފަން ބޭނުންދޯ؟” ޒިހާން އެހެން ބުނެލީ ކޮޓަރީގެ ދޮރު ލައްޕާލަމުންނެވެ. ޔުނާ އެ ވާހަކައަށް ބޯޖަހާލަމުން ޒިހާންގެ ފަހަތުން ބަދިގެއަށް ދާން ހިނގައިގަތެވެ.
**
އޭގެ އަނެއްދުވަހު ވެސް ޒިހާން ޑިއުޓީއަށް ދާން އޮތީ ކުރީ ދުވަހާއި އެއްގޮތަށް ކަމަށްވުމުން ޒިހާން ތައްޔާރުވެގެން އެޕާޓްމެންޓުން ނިކުތީ އިއްޔެއާއި ދާދި އެއްގަޑިއެއްގައެވެ. ސައިކަލުގެ ތަޅުދަނޑިއާއެކީ އޭނަ ލިފްޓަށް އަރަން ދިޔައީ ޑިއުޓީގެ ގަޑި ޖެހެން 20 މިނެޓަށް ވެފައިވީއިރެވެ. އޭނައަށް މި ނިކުމެވެނީ އަވަހަށްހެން ހީވިޔަސް ޒިހާން ދެން އަނބުރާ ދާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
ލިފްޓުން ގްރައުންޑް ފްލޯއަށް ދަމުން ދިޔަ ވަގުތުކޮޅުގެ ތެރޭގައި ވެސް ޔުނާގެ ޚިޔާލުތައް ޒިހާންގެ ސިކުނޑި ހިސާރުކުރިއެވެ. ރޭ ޔުނާގެ މޫނުމަތިން ބޮޑުކަމެއް ވެގެން އުޅޭ ފަދަ އަސަރެއް ވެރިވެފައިވީ ކީއްވެތޯ ހާސްވަނަ ފަހަރު އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ. އޭނައަށް ނޭނގުނަސް ޔުނާ އެއުޅެނީ ހާދަ ޙާލެއްގައޭ ހިތަށްއެރިއެވެ. އަދި އަމުދުން ޔުނާއަށް އަނިޔާ ކުރަން އުޅޭ މީހުން ފަހަތަށް ނުޖެހޭކަން ވެސް އޭނައަށް މިހާތަނަށް އައިއިރު ޔަޤީންވެފައިވެއެވެ.
ޔުނާގެ އެޕާޓްމެންޓުގައި ހިނގި އަލިފާނުގެ ޙާދިސާ އޭނަ ފުލުހުންނަށް ރިޕޯޓުކުރުމުން ވެސް އެ ތަޙުޤީޤަށް މާ ބޮޑު ކުރިއެރުމެއް ނުލިބޭހެން ޒިހާނަށް ހީވަމުން ދަނީ އޭނަ ގުޅާ ކޮންމެ ފަހަރަކު އެކޮޅުން ލިބޭ ފަރުވާ ކުޑަ ޖަވާބުތަކުންނެވެ. ޔުނާއާއި ދެކޮޅަށް ކަންތައް ހިންގާ މީހަކީ ފައިސާ ހުރި މީހެއްކަން ޒިހާނަށް ޔަޤީންވެއެވެ. އެފަދަ ކަމެއް ކޮށްފާނެ ބައެއްގެ ނަންތައް ޔަޒްދާންގެ ފަރާތުން އޭނައަށް އިވިފައިވެއެވެ. އެހެނަސް އޭނަ އެ އަނިޔާތައް ކުރުމުގެ އެންމެ ކުރީ ސަފުގައި ހުރީ ކާކުކަން ކަށަވަރުކުރަން ޒިހާން ބޭނުންވެއެވެ.
އަމިއްލަ ޚިޔާލުތަކެއްގައި ޒިހާން ވަނިކޮށް ލިފްޓު ހުޅުވިގެން ދިޔައެވެ. ޒިހާން ލިފްޓުން ނިކުތް ވަގުތަކީ އެ ޢިމާރާތުގެ ވެރި ޙަކީމް ބޭބެ އެ ވަގުތު ޢިމާރާތަށް ވަން މީހަކާއި ވާހަކަ ދައްކަމުން ދިޔަ ވަގުތެވެ. ބިޔަކޮށް ހުރި އެ ފިރިހެން މީހާ ސާފު ދިވެހި ބަހުން ވާހަކަ ދެއްކި ގޮތުން އެއީ ދިވެއްސެއްކަން ޒިހާނަށް ނަގައިގަނެވުނެވެ.
“އަނހަ ތިއީދޯ އަޙުމަދަކީ؟ ބޭބެ އަޙުމަދަށް ކަނޑައެޅި މުސާރައާއި އެއްޗެހި އެންމެ ރަނގަޅުތަ؟” ޙަކީމް ބޭބެ ހިނިތުންވުމަކާއެކީ އެ މީހާއާއި ވާހަކަ ދެއްކި ގޮތުން އެއީ މި ޢިމާރާތް ބަލަހައްޓަން އަލަށް ގެނައި މީހެއްހެން ޒިހާނަށް ހީވިއެވެ. އޭނަ ހިނގައިގަންނަން އުޅުނު ވަގުތު ފިޔަވަޅުތައް މަޑުކޮށްލެވުނީ އަޙުމަދު ވާހަކަ ދެއްކުމުންނެވެ.
“މީގެ ފަހަކުން މި ޢިމާރާތަށް އަލަށް އައިތަ އަންހެން ކުއްޖެއް؟ ލޫޅާފަތިކޮށް ދޮންކޮށް ހުންނަ ޒުވާން ކުއްޖެއް. އެއްކަލަ އެނދި ޢިމާރާތުގަ އުޅެފަ އައި ކުއްޖާ އައީ މިތަނަށްތަ؟” އެމީހާ ކޮށްލި ސުވާލުން ޒިހާނަށް އެދިމާލަށް ބަލާލެވުނު ހިނދު އޭނަގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ.
“އަންހެން…..އާނ މި ޢިމާރާތަށް އެކުއްޖާ އައީ. އަހަރުމެންގެ ޒިހާނާއެކީ އެކުއްޖާ އުޅޭނީ. އަނހަ މިހިރީއޭދޯ ޒިހާން؟” ޙަކީމް ބޭބެ ދެއްކި ވާހަކައިގެ ތެރެއިން ޒިހާނަށް ބަލާލަމުން ހިނިތުންވެލިއެވެ. އެއާއެކު އެއްކަލަ ޒުވާނާ ވެސް އޭނައަށް ބަލާލަމުން ހިނިތުންވުމެއް ދައްކާލިއެވެ.
“އަހާލެވިދާނެތަ ކީއްވެތޯ އެ ކުއްޖާއާއިމެދު ސުވާލުކުރެވެނީ؟” ޒިހާން ކިތަންމެ ބޭނުމެއްނުވިޔަސް އޭނަގެ އަޑުގައި ނުރުހުންތެރިކަމެއް އެކުލެވިގެން ދިޔައެވެ.
“އެއީ ހަމަ އަހާލީ….މަޝްހޫރު ކުއްޖެއްދޯ އެއީ؟ ހެހެ…..” އެ ޒުވާނާ ހީލީ ގަދަކަމުން ކަން ޒިހާނަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ. ދެލޯ ހަނިކޮށްލައިގެން އޭނައަށް ނަޒަރެއް ދީގެން ހުރުމަށްފަހު ޒިހާން ޢިމާރާތުން ނިކުންނަން ހިނގައިގަތެވެ. އެވަގުތު ޙަކީމް ބޭބެ އެ ޒުވާނާއާއި ޢިމާރާތް ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކުރި ހިނދު އަނެއްކާވެސް ޢިމާރާތުގެ ދޮރުމަތީގައި ޒިހާނަށް މަޑު ކޮށްލެވުނެވެ. ޔުނާ ހުރީ އޭނަގެ އެޕާޓްމެންޓުގެ ރައްކާތެރިކަމުގައޭ ހިތް ބުންޏަސް އޭނަގެ ފަހަތުގައި ހުރި ޒުވާނާއާއި މެދު ޒިހާންގެ ހިތުގައި ޝައްކު އުފެދުނެވެ. އެއީ ވެސް ޔުނާއަށް އަނިޔާއެއްދޭން އައިސްފައި ހުރި މީހަކަށް ވެދާނެކަމަށް ހިތް ބުނި ހިނދު ޒިހާނަށް ގޮށްމުއްކަވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޒިހާނަށް ފަސްއެނބުރިލަމުން އަނބުރާ ލިފްޓާއި ދިމާލަށް ދެވުނީ އިޚްތިޔާރަކާއި ނުލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
**
ޔުނާ ހެނދުނު ތެދުވެގެން ތާޒާ ވެލައިގެން ސިޓިންގް ރޫމަށް ނިކުތީ ޒައިނާގެ ކުރުތާއަކާއި ހަރުވާޅަކާއެކީ އާދައިގެ ބުރުގާއެއް އަޅައިގެންނެވެ. ކޮޓަރިން އޭނަ ނިކުތީ އަރިމަތީ މޭޒުމަތިން ފެނުނު އިނގިރޭސި ފޮތެއް ހިފައިގެންނެވެ. ފޮތް ހިފައިގެން ގޮސް އޭނަ ސޯފާގައި އިށީންނަން އުޅުނު ވަގުތު އެޕާޓްމެންޓުގެ ދޮރުގައި ޓަކި ދެވުނު އަޑު ޔުނާއަށް އިވުނެވެ. ޓަކި ދެވުނު ގޮތުން އެއީ ޒިހާންކަން އެނގުނެއްކަމަކު އެ ޓަކި ތަކުރާރު ވަމުން ދިޔަ ގޮތުން ބޮޑުކަމެއް ދިމާވީހެން ޔުނާއަށް ހީވަމުން ދިޔައެވެ.
ހިތަށް ވެރިވި ނުތަނަވަސްކަމާއެކީ ޔުނާ އޭނަގެ އަތުގައި އޮތް ފޮތް ސޯފާއަށް ދޫކޮށްލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އޭނައަށް ދޮރު ހުޅުވާލެވުމާއެކު ޒިހާން ދިގު ފިޔަވަޅުތަކެއްގައި އެޕާޓްމެންޓް ތެރެއަށް ވަދެގެން ދިޔައެވެ. ޔުނާ ބަލަބަލާ ހުއްޓާ ޒިހާން ކޮޓަރިއަށް ވަދެފައި އަނބުރާ އަންނަން ފެށީ ކާރުގެ ތަޅުދަނޑިއާއި އެކީގައެވެ. ޒިހާން ޔުނާއާއި ހަމައަށް އައިސް އޭނަގެ އަތުގައި ހިފައި ބާރުކޮށްލި ގޮތުން ޔުނާގެ މެއަށް ގޮތެއްވިއެވެ.
“އަހަންނާއެކީ ހިނގާ ޔުނާ….” ޒިހާން އެ ބަސްތައް ބުނެލި ގޮތުން ޔުނާ ހުއްޓުން އަރާ ގޮތްވިއެވެ. އޭނައަށް މިފަދަ ވަގުތުކޮޅެއްގައި މިހުރެވެނީ ދެވަނަ ފަހަރަށްކަން ޔުނާއަށް އެނގުންވީ ހަމަ އެވަގުތު ރޭ ފެނުނު ހުވަފެނުގެ މަތިން ހަނދާންވުމުންނެވެ. އޭނައަށް ހުވަފެނުގައިވެސް ކުރެވުނީ ޒިހާންގެ އަތުގެ އިޙްސާސްކަން ޔުނާއަށް އެވަގުތު ޔަޤީންވިއެވެ.
ނުނިމޭ