Hiyaa (Part 20)
ޖެހިގެން އައި ހުކުރު ދުވަހުގެ ހަވީރު ވަގުތެވެ. ޢަޞްރު ނަމާދަށްފަހު ޔުނާ ޒައިނާއާއެކީ ދިޔައީ ކައިވެންޏަށްޓަކައި ރީތި ހެދުންތައް ފެހުމަށް ފޮތި ގަތުމުގެ އިތުރުން އެހެނިހެން ބާޒާރުތައް ވެސް ކޮށްލުމަށެވެ.
ޒިހާން ކައިވެންޏަށް އެއްބަސްވި ވާހަކަ އިވުމާއެކުހެން ޒައިނާ ދައްކަން ފެށީ ކައިވެނި ޕާޓީއަށް ވެވޭނެ ތައްޔާރީތަކުގެ ވާހަކަތަކެވެ. އެ ވާހަކަތައް ފެށުމާއެކުހެން ޒިހާން އެދެނީ ވީހާވެސް ސީދާސާދާ ގޮތަކަށް އެކަން ކުރަން ކަމަށް އޭނަ ބުންޏެވެ. ޚުދު ޔުނާ ވެސް އެންމެ ކުރީއްސުރެވެސް ބޭނުންވެފައިވީ އެކަހަލަ ގޮތެކެވެ. ވަކިން ޚާއްޞަކޮށް ދޮންބެ އޭނަގެ ކައިވެނި ޕާޓީ ބާއްވަން ހޯދާފައި ހުރި އެފަދަ ޚިޔާލުތައް ފެނިފައި އިހުނަށްވުރެ ބޮޑަށް އެގޮތް ޚިޔާރުކުރަން ބޭނުންވިއެވެ.
ގެ ކައިރީގައި ހުރި ފިހާރަތަކަށް ފައިމަގުގައި ގޮސްގެން ވެސް ޒައިނާ ހިތްހަމަޖެހޭ ކަހަލަ ފޮއްޗެއް ލިބޭ ގޮތެއްނުވިއެވެ. އެހެންކަމުން އަނބުރައި ގެއަށް ގޮސް ޒައިނާ ޒިހާން ގާތު ކާރުގައި އެމީހުން ބާޒާރަށް ގެންދަން އެންގިއެވެ. ޒައިނާގެ އެ ވާހަކަ އިވިފައި މަންހަލް ވަގުތުން ކާރު ދުއްވަން ދާން ތެޅިގެންފިއެވެ. ލޫލޫވެސް ދާހިތުން ހުއްޓެއްކަމަކު ޕިކްނިކަށް ދިޔަ ދުވަހުއްސުރެ ބަލިވެ އުޅޭތީ މަންމަގެ ނަޞޭޙަތާއި އެއްގޮތަށް ގޭގައި މަޑުކޮށްލަން ނިންމިއެވެ.
މިނެޓްތަކެއް ވަންދެން ކާރު ދުއްވުމަށްފަހު ޒިހާންގެ ކާރު ފިހާރައެއްގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. އެކި ބާވަތްތަކުގެ ރީތިވާ ސާމާނާއި ހެދުންތައް ހުރި ފިހާރައިގެ ތެރެއިން ޔުނާ ހިނގަމުން ދިޔައީ ޒައިނާ ކައިރީގައި ހުރެގެން ކަމަށްވިޔަސް، ޔުނާގެ ނަޒަރު އަމާޒުވަމުން ދިޔައީ މަންހަލާއި އެކީ އުޅެމުން ދިޔަ ޒިހާނަށެވެ. މަންހަލަށް ހެޔޮވަރު ޓީޝާޓުތައް މަންހަލްގެ ގައިގައި ޖައްސަމުން އެކުއްޖާއަށް އެއްޗެއް ކަމުނުދިޔުމުން، އެކުއްޖާ މޫނަށް ޖައްސަމުން ދިޔަ ވައްތަރުތައް ޒިހާން ނަކަލު ކުރަމުން ދިޔަ ގޮތުން ޔުނާއަށް ހިނިތުންވެވެމުން ދިޔައެވެ.
އެންމެ ފަހުން ޔުނާއަށް ޒައިނާ ދައްކަމުން ދިޔަ ވާހަކައަކަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ގޮތްވީ ފިހާރައިގައި ޒިހާން ނުފެންނަ ހިސާބަކަށް ދެވުމުންނެވެ. ޒައިނާ އޭރު އޭނައާއި ދައްކަމުން ދިޔައީ ކައިވެނީގެ ޙަފްލާގައި އޭނަ އަޅާނެ ޝޯލްގެ ވާހަކައެވެ.
“މި ފިހާރައިގަ އިނގޭ އަނެއްހެން އެންމެ ރީތި ޝޯލްތައް ހުންނާނީ….އެހެންވީމަ ހިނގާދޯ މިތަނުން ޗޫޒްކޮށްލަމާ….” ޒައިނާ އެތާނގައި ހުރި އެކި ޝޯލްތައް ބަލަމުން ވާހަކަ ދެއްކިއެވެ. އެ ވަގުތު ޒިހާން މަންހަލާއި އެކީ ފިހާރައިގެ އެހާ ހިސާބަށް ދިޔައީއެވެ. މަންހަލް ޔޯޔޯއެއް ކަހަލަ ބޯޅައެއް ކުޅެމުން އައިއިރު ޒިހާން އައީ ފޯނުން ވާހަކަ ދައްކަމުންނެވެ.
ޒިހާން އެކޮޅަށް އޯކޭ ދެމުން ފޯނު ކަނޑާލަން އުޅުނު ވަގުތު އޭނައާއި ޔުނާގެ ހަތަރުކަޅި ބައްދަލުވިއެވެ. އެހިނދު ކުޑަކޮށް ހުއްޓުން އެރި ޒިހާނަށް އޭނަގެ ފޯނު ކަންފަތާއި ދުރުކޮށްލެވުނީ ވެސް ލަސްލަހުންނެވެ. ޒިހާންގެ ހުރިހާ ސަމާލުކަމެއް އޭނައަށް އަމާޒުވެގެން ދިޔަ ގޮތުން ގަތް ލަދާއި އެކީ ޔުނާއަށް އިސްޖަހައިލަމުން ކުރިމަތީގައި ހުރި ޝޯލްތަކަށް ނަޒަރެއް ދެވުނެވެ. ޔުނާއަށް ވީ ގޮތް ފެނިފައި ޒިހާން ވެސް ހިނިތުންވުމަކާއެކީ އިސްޖަހައިލަމުން ކުރިއަށް ހިނގައިގަތެވެ. އެހެނަސް މާ ދުރަށް ނުގޮސް ޔުނާމެންގެ ފަހަތުގައި ހުރި ގަމީސް ހަރުގަނޑުގައި ހުރި ގަމީސްތަކަށް ބަލަން ފެށިއެވެ. ޒައިނާ ދެވަނަ ފަހަރަށް ވާހަކަ ދެއްކީ އެ ވަގުތެވެ.
“ޔުނާ ބަލާބަލަ މި ދޭއްޗަށް. ކޯޗެއް ރީތީ؟” ޒައިނާ އެތާ އެޅުވިފައި ހުރި ޝޯލްތަކުގެ ތެރެއިން ގަދަ ފެހި ކުލައިގެ ޝޯލްއަކާއި ގަދަ ނޫކުލައާއި ދަނބުކުލައެއްގެ ޑިޒައިނެއް ހުރި ޝޯލްއެއް ދައްކަމުން އަހައިލިއެވެ.
“ދޭތިވެސް ރީތި….” ޔުނާ މާ ބޮޑު ވިސްނުމެއްނެތި ބުނެލިއެވެ. އޭނައަށް ޙަޤީޤަތުގައި ބޮޑަށް ރީތީ ދަނބުކުލައިގެ އެތިއެވެ. އެ ވާހަކަ ނުބުނެވެނީސް ޒައިނާ ވާހަކަ ދެއްކިއެވެ.
“އެހެންވީމަ ހިނގާދޯ ފެހި ކުލައިގެ އެތި ނަގަން ޔުނާ އަޅަން. އޭރު ބުނީމެއްނު އަހަންނާއި ލޫލޫ ގަންނަން އުޅެނީ ގްރީން ކުލައެއްގެ ފޮއްޗެކޭ އަހަރުމެން ޕާޓީ ހެދުން ފައްސަން؟ ތީމްއަކަށް ވާނެ ދޯ ޔުނާވެސް ފެހި ކުލައިގެ ޝޯލްއެއް އެޅީމަ؟” ޒައިނާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެ ހިނދު ޔުނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލަން ޖެހުނެވެ. ޒައިނާ ފެހި ކުލައިގެ ޝޯލްއާއިމެދު އުފާ ފާޅުކުރުމުން ދެން ކުލަ ބަދަލުކުރަން ބޭނުންވާ ވާހަކަ ބުނާކަށް ނުކެރުނެވެ. ޔުނާ އެއީ ވަކި މާ ބޮޑު މައްސަލައެއް ކަމަށް ނުބެލިއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ މަންޒަރު ބަލަން ހުރި އެހެން މީހަކަށް އެއީ މައްސަލައަކަށް ވިކަމެވެ.
“ޔުނާއަށް ރީތި އެއްޗެއްދޯ ޔުނާ އަޅަން ވާނީ؟” ފަހަތުން ޒިހާން އެހެން ބުނެލި އަޑަށް ޔުނާއާއި ޒައިނާއަށް އެކުއެކީގައި އެ ދިމާލަށް ބަލައިލެވުނެވެ. ޒައިނާ ވަކި ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ޒިހާން ވާހަކަ ދެއްކިއެވެ.
“ޔުނާއަށް ރީތިވާނީ ދަނބުކުލައިގެ އެތިހެން ހީވަނީ. އެއީ ޔުނާއަށް އެންމެ ރީތި ކުލަ، ދޯ ޔުނާ؟” ޒިހާން ޖެހިލުންވުމަކާއެކީ ޒައިނާއަށާއި ޔުނާއަށް ބަލަމުން ނަޒަރު އެކި ދިމަދިމާލަށް ބަދަލުކުރަމުން ބުނެލިއެވެ. ޒިހާން އެހެން ބުނުމާއިއެކު ޙައިރާންކަން އެކުލެވިގެންވި ހިނިތުންވުމެއް ޔުނާގެ މޫނުމައްޗަށް ވެރިވިއެވެ.
“އޯ ވާވް! އަޅެ އެއީ ތެދެއްތަ؟ ސޯ ސްވީޓް! ޔުނާގެ ވާންއުޅޭ ފިރިމީހާއަށް އެބަ އިނގޭ ޔުނާއަށް ރީތިވާނެ ކުލަވެސް. ޔޫ އާރ ވަން ލަކީ ގާރލް ޔުނާ! ދެން މި ސޮރު މިއުޅެނީ ކެތް ނުވެގެން ނޫންކަމަށް ހަދާފަ ހަމަ ޔުނާގެ ފަހަތުގަ އަޅުވައިގެން ދޯ؟ ދެ ދުވަސް ވަންދެން އަދި ކެތްކޮށްލާ! މާ ގިނަ ވަގުތެއް ނޫން އެއީ. 48 ގަޑިއިރު!!!” ޒައިނާ ދިމާކުރިއެވެ. އެހިނދު ނުހޭން ހުރި ޔުނާއަށް ވެސް މަޑުމަޑުން ހެވޭ ގޮތްވިއެވެ.
“އާނ ދެން އަހަރެން ދަނީ އިނގޭ. މިތާ ކައިރީގަ ހުރި ކޮންސްޓްރަކްޝަން ސައިޓެއް ކުޑަކޮށް ބަލާލަން އެބަޖެހޭ…ނިމުނީމަ ގުޅާލައްޗޭ!” ޒިހާން އެހެން ކިޔައިފައި ހިނގައިގަތެވެ.
“އަނހަ ބަލާބަލަ އޮޅުވާލާ ގޮތް….އާނ ދޭ. އަހަރެން ޔުނާއާއެކީ ދާނީ މިތާ ކައިރީގަ ހުރި އެހެން ފިހާރަތައް ބަލާފަ ދާނީ އެއްކަލަ ގޯޅީގަ ހުންނަ ރެސްޓޯރެންޓަށް ސައިބޯން. މަންހަލް ވެސް ދާނަންދޯ؟” ޒައިނާ އެހެން ބުނުމުން މަންހަލް ވެސް ފުންމައިގެންފައި ލައްބައޭ ބުނީ ތިމަންނަ ބޯނީ އައިސްކްރީމްކަމަށް ބުނަމުންނެވެ.
ޒިހާން ދިޔަތާ އިރުކޮޅެއްވީއިރު ވެސް ޔުނާއަށް ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައީ ޒިހާންގެ އެކި ހަނދާންތަކެއްގެ ސަބަބުންނެވެ. އެކަމާއިމެދު ޚުދު އޭނަވެސް ޙައިރާންވިއެވެ. އަލަށް ލޯތްބެއް ވެގެން އުޅޭހެން އޭނަގެ ސިކުނޑި މަސައްކަތް ކުރަނީ ކީއްވެތޯ ޔުނާއަށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. މިއީ އޭނަގެ ހިތަށް ނުހަނު ކެކުޅުން ދިން ލޯތްބަކުން އަރައިގަތުމަށްޓަކައި އޭނަގެ ޒަމީރު ނެގި މިޞްރާބެއްތޯ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް ޔުނާއަށް މި އިޙްސާސް ކަމުދާ ކަމަށް ހިތާހިތުން އެއްބަސްވެވުނެވެ. އޭނައަށް ރަނގަޅީ ވެސް އޭނަގެ މާޒީގެ ހުރިހާ ހަނދާނެއް އެކީ އެކައްޗަކަށް އެއްފަހަރާ ފޮހެވިގެން ދިޔައިއްޔާއެވެ.
ޔުނާގެ ސިކުނޑިއަށް އެ ޚިޔާލު ވެރިވި ވަގުތަކީ އޭނަ ޒައިނާއާއި ވާހަކަ ދައްކަމުން އުޖާލާވި ހިނިތުންވުމަކާއި އެކީ ފިހާރައިން ނިކުންނަން ދިމާކުރި ވަގުތެވެ. ޔުނާ ޒައިނާއަށް ބަލަން ހުރެފައި ކުރިމައްޗަށް ނަޒަރު ހުއްޓައިލި ވަގުތަކީ ފިހާރައަށް ވަންނަން އައި ޒުވާނާ އެ ބިއްލޫރި ދޮރުގެ އަނެއްފަރާތުން ފެނުނު ވަގުތެވެ.
އިސާހިތަކު ޔުނާގެ މެއަށް ފިނިވެގެން ދިޔަ ވަގުތު ދެލޯ ބޮޑުވެ ފިޔަވަޅުތައް މަޑުޖައްސައިލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާގެ ހިތް މޭފަޅާލާފައި ނިކުމެދާނެހާ ބާރަށް ތެޅެން ފެށިއެވެ. ފިހާރައިގެ ދޮރު ހުޅުވި އެ ޒުވާނާގެ ސަބަބުން ޒައިނާވެސް އޭނަގެ ޙަރަކާތްތައް މަޑުކޮށްލީ، ޒުވާނާއަށް ތަން ދިނުމަށެވެ. ޔުނާއަށް އައި ބަދަލުތައް ޒައިނާއަށް ފާހަގަ ނުކުރެވުނީ އެހެންވެއެވެ.
ޔުނާ ގަނޑުވެފައި ބަލަން ހުއްޓާ އެ ޒުވާނާ ދޮރު ހުޅުވާލަމުން ފިހާރައަށް ވަދެ އޭނައަށް ނަޒަރު ހުއްޓައިލިއެވެ. ދިގު މޫނެއްގެ ވެރި އެ ޒުވާނާގެ ނޫ ލެންސެއް ލެއްވިފައިވި ލޯ ޔުނާގެ ލޮލާއި ބައްދަލުވީ ވަގުތު ޔުނާގެ ނޭވާވެސް ހުއްޓުމަކަށް އައެވެ.
“ޖިނާހު…” ޔުނާއަށް އެ ނަން ކިޔައިލެވުނީ ހިތުންނެވެ. އޭނަގެ ކުރިމަތީގައި ހުއްޓިހުރީ ޖިނާހުކަން ޔަޤީންކުރަން ޔުނާއަށް ސިކުންތުކޮޅެއް ނެގިއެވެ. އެ ސިކުންތުކޮޅަށްފަހު ޖިނާހު، ވަކި އަސަރެއް ނެތް މޫނަކާއި އެކީ ޔުނާއަށް ފަސްދީފައި ދާން ހިނގައިގަތެވެ.
ޖިނާހު ފެނިގެން ދިޔައީ ކުޑަ ހިނދުކޮޅަކަށް ވިޔަސް، އެއީ ދިގުދެމިގެން ދިޔަ ވަގުތުކޮޅެއްހެން ޔުނާއަށް ހީވިއެވެ. ޒައިނާ ގޮވައިލުމުން ހުވަފެނެއްގެ ތެރެއިން ނިކުމެވޭ ފަދައަކުން ޒައިނާއަށް ބަލައިލެވުނީ އެހެންވެއެވެ. ޒައިނާ ހިނިތުންވުމަކާއި އެކީ ހިނގާށޭ ބުނުމުން ޔުނާއަށް ހިނިތުންވާން އުޅެފައި ވެސް ހިނިތުންވެއެއް ނުލެވުނެވެ.
އެ ވަގުތުކޮޅުން ފެށިގެން ޔުނާ އިސާހިތަކު އޭނަގެ އިހުގެ ނަފްސަށް ރުޖޫޢަވި ފަދައެވެ. ޒިހާންގެ ސަބަބުން ލިބުނު އުފާވެރިކަމުގެ އިޙްސާސްތަކުގެ މައްޗަށް އޭނަގެ މާޒީގެ އަނދިރިގަނޑު ސަވާރުވެގެން ދިޔައެވެ. ޔުނާގެ ޙާލަތު އިތުރަށް ގޯސްވާން ފެށީ އޭނަ އެ ފަހުން ވަތް ފިހާރައިގެ ތެރެއިން ވެސް ޖިނާހު ފެނިގެން ދިޔުމުންނެވެ. ކުރީކޮޅު އެއީ އޭނައަށް ހީވި ހީވުމެއްކަމަށް ޔުނާއަށް ނިންމުނެވެ. އެހެނަސް އެ ފިހާރައިން ނިކުމެ ދެން ވަތް ހުރިހާ ފިހާރައަކުން ވެސް ހަމަ އެ ސޫރަ ފެންނަން ފެށުމުން ޔުނާގެ ހިތް ނުތަނަވަސްވިއެވެ. ފިހާރައިގެ ތެރެއިން ވެސް ޖިނާހު ބައެއް ފަހަރު އޭނަގެ ފަހަތުން އަންނަހެން ހީވުމާއެކު ބިރުވެސް ގަންނަހާވިއެވެ.
އެ ނުތަނަވަސްކަމާއި ބިރުވެރިކަމުން ޔުނާއަށް ކިރިޔާ ވެސް ސަލާމަތް ވެވޭ ގޮތްވީ ޒައިނާއާއި މަންހަލް އާއި އެކީ ރެސްޓޯރެންޓެއްގެ މާޙައުލަކަށް ދެވުމުންނެވެ. ގިނަ މީހުން މަޑުކޮށްގެން ތިބޭ ތަނެއްގައި އެކަކަށް ވެސް އޭނައަށް ގޯހެއް ނެހެދޭނެކަމަށް ބުނެ ޔުނާ އަމިއްލަ ހިތަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ކުޑަ ހިނދުކޮޅަކަށް އެކަން ޤަބޫލުވެސް ކުރެވުނެވެ. ޒައިނާގެ ދެމެއިންނާއި އެކީ ރެސްޓޯރެންޓްގެ މޭޒެއްގެ ދޮށުގައި އިށީންއިރު ވެސް ޔުނާއަށް ވަށައި ހޯދެމުން ދިޔައެވެ. އެހެނަސް ޒައިނާއާއި ވާހަކަ ދައްކަމުން ގޮސް މެނޫ ބަލަން ފެށުމުން އެކަމާއިމެދު ހިސާބަކަށް ހަނދާން ނެތޭ ގޮތްވިއެވެ.
އޯޑަރު ދިނުމަށްފަހު ވެއިޓަރު ދިޔުމުން މަންހަލް އޭނަގެ އަތުގައި އޮތް ބޯޅައަށް އަނެއްކާވެސް ގެއްލުމުން އެދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. އެ ހިމޭންކަމުގެ ތެރެއިން ޒައިނާ ވާހަކަ ދެއްކިއެވެ.
“އަސްލު….ވަރަށް އުފާވޭ ޔުނާ ކަހަލަ ކުއްޖަކު އަހަރުމެންގެ ޒިހާނަށް ލިބުނީމަ…ޔުނާއަށް ފަހަރެއްގަ ހީވެދާނެ ޒިހާން ޔުނާއާއި ދިމާވެފަ ހުރި ފިރިހެނުންނާއި ވަރަށް ތަފާތުހެން….މިސާލަކަށް ޔުނާއާއި ރައްޓެހިނުވެ އިންނަން އެ އެދުނީދޯ؟ ކިހާ ދުވަހެއް އޭނަ ޔުނާއާ ހެދި އުޅޭތާ…އަހަރެން އެކަމާމެދު ބޯގޮވާވަރުން އެތައް ފަހަރަކު ބުނިން ސްކޫލްގަ އުޅުނުއިރު ވެސް ޔުނާއާއި ރައްޓެހިވާށޭ. ބުނެބުނެ އެއްބަހެއް ނުވި. އެއީ ދެން މަންމަވެސް އެގޮތަށް ނަޞޭޙަތްދީފަ އޮންނާތީ ކަންނޭނގެ. އެކަމަކު ބޮޑަށް އެއީ ބައްޕަ ކަންތައް ކުރި ގޮތުންނޭ އަހަރެން ބުނާނީ. ބައްޕަވެސް ކައިވެނިން ބޭރުގަ އެހެން އަންހެނުންނާއި ރައްޓެހިވީ. ބައްޕަ ދިޔަ ދުވަހުއްސުރެ ޒިހާން ތަކުރާރުކޮށް ބުނާނެ ތިމަންނަ ބައްޕަ ގޮތަށް ނުވާނަމޭ….” ޒައިނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއަހަން އިން ޔުނާގެ ހިތަށް އެއްފަހަރާ އެތައް ޖަޒުބާތެއް ވެރިވެގެން ދިޔައެވެ. އެންމެ ބޮޑަށް ހިތަށް އަސަރުކުރީ ޒިހާންގެ މާޒީގައި ވެސް ހިތިކަމެއް ވާކަން އެނގުންވުމުންނެވެ.
“ހަޤީޤަތުގަ ވަރަށް ދަތި ދުވަސްތަކާއި ކުރިމަތިލާފަ ޒިހާން މިހާރު އެ ހުރި ހިސާބަށް ގޮއްސަ އެހެރީ. ޒިހާން މިހާރު އަހަރުމެންގެ މުޅި ޢާއިލާ ބަލަނީ. އަހަރެން ވެސް ވަރިވި ފަހުން މަންހަލްގެ ވަރަށް ގިނަ ޚަރަދުތައް ކުރޭ ޒިހާން…އެއްވެސް ޝަކުވާއަކާ ނުލާ. އެއީ ވެސް ޒިހާން ތަފާތުކުރުވާ ކަމެއް. އަދި އެނގޭތަ؟ ޔުނާ ބުނީމެއްނު ޒިހާން ކައިވެނީގެ ވާހަކަ މަންމަ ކައިރީގަ ނުބުނަނީ ލަދުންނޭ؟ އަސްލު އެއީ ލަދުންނެއް ނޫނޭ ދޮންތަ ބުނާނީ. ޒިހާނަކީ ބޭނުންވާ ވާހަކައެއް ބުނަން ފަސްޖެހޭނެ މީހެއް ނޫން. ޒިހާން އަސްލު އެ ވާހަކަ އެންމެންނަށް ނާންގާ ހުރީ ޔުނާއަށް ވިސްނަން ފުރުޞަތެއް ދޭން. ޔުނާ މި ކައިވެނި ކުރަން ނިންމީ އަމިއްލައަށް ބޭނުންވެގެންތޯ ޔަޤީންކުރަން ވެގެން. ޔުނާ މިރަށަށް އައުމުގެ ކުރީއްސުރެ ވެސް ޒިހާން އަހަރުމެން ކައިރިވެސް ބުނަމުން ދިޔައީ ޔުނާގެ އިޙްސާސްތަކާ ނުކުޅުމަށް ބުނެ…..އެއީ ޒިހާނަކީ، ޔުނާ. ޒިހާން ލޯބިވަންޏާ ލޯބިވާނީ އެންމެ ފުރިހަމަ ގޮތުގަ.” ޒައިނާ ކިޔައިދިނެވެ.
“އެނގޭ…” ޔުނާ އެހެން ބުނެލީ ހިތުގެ އަޑިން އެ ވާހަކަތައް ޤަބޫލުކުރާ ޙާލުގައެވެ. ޒިހާން އެމީހުންގެ ވާހަކަ މަންމަމެން ކައިރީގައި ނުބުނެ ހުރީ ލަދުން ކަމަށް ޔުނާ ބުނެލީ އޭނަގެ ޙާލަތު ޒިހާންގެ މަންމައަށް ނޭންގުމަށެވެ. އޭނައާއި ޒިހާން ގުޅިގެން އުޅެނީ ލޯބިންކަމަށް ދެއްކުމަށެވެ. އެހެނަސް ޒިހާން އޭނަގެ އިޙްސާސްތަކާއިމެދު ވިސްނާވަރު ޒިހާންގެ ޢާއިލާއަށް ވެސް ނޯޅުނުތާއެވެ.
އޭގެ އިރުކޮޅެއްފަހުން ޔުނާމެން އޯޑަރު ދިން އެއްޗެހި އައެވެ. ޒައިނާއާއެކީ ޔުނާ ކާންފެށިތާ މާ ގިނައިރެއްނުވެ މަންހަލްއަށް ގެނެވުނު ޙަރަކާތަކުން ޒައިނާ މަންހަލްގެ އަނގައަށް ލައްވަން އުޅުނު އައިސްކްރީމް ފޮދު މަންހަލްގެ ސޯޓަށް ވެއްޓުނެވެ. އެއާއިއެކު ޒައިނާ ކުދި ކިޔަމުން ޔުނާ ގާތު އޭނަ އެބަ އަންނަން ކަމަށް ބުންޏެވެ. ޔުނާ ޒައިނާއަށް ބޯޖަހައިލުމުން ޒައިނާ މަންހަލާއި އެކީ ދާން ތެދުވިއެވެ.
ޒައިނާ އިން ގޮނޑިން ތެދުވެގެން ދިޔަ ވަގުތު ފެނުނު މަންޒަރުން ޔުނާއަށް އޭނަގެ ކޮފީ ތަށި ނަގަން އުޅެފައިވެސް މަޑުކޮށްލެވުނެވެ. އެމީހުން ތިބި މޭޒާއި އެންމެ ކައިރީގައި ހުރި މޭޒުގައި އިށީނދެގެން އެ އިނީ ޖިނާހު ނޫން ދެވަނަ މީހެއް ނޫނެވެ.
ޖިނާހުގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުރުހުންތެރިކަން ކަމެއް ނޫނީ ހިތާމަވެރިކަން ކަމެއް ދެނެގަންނަން ޔުނާ ނުކުޅެދުނެވެ. އެނގުނުހާ ވެސް ކަމަކީ ޖިނާހު ފެނިފައި އަނެއްކާވެސް އޭނަގެ ހިތް ނުތަނަވަސްވެގެން ދިޔަ ކަމެވެ. އެ ނުތަނަވަސްކަން ދެގުނަ ވެގެން ދިޔައީ ޖިނާހު ކުއްލި ގޮތަކަށް ގޮނޑިން ތެދުވެގެން އޭނައާއި ދިމާލަށް އަންނަން ފެށުމުންނެވެ. ޔުނާއަށް ޙަރަކާތެއް ނުކުރެވި އެއްޗެކޭ ވެސް ނުބުނެވެނީސް ޖިނާހު އައިސް އޭނަގެ އަތުގައި ބާރަށް ހިފައި ދަމާލަމުން ކޮޅަށް ތެދުކުރުވިއެވެ. އަދި ޔުނާއަށް ލައްވާލެނު އާހެއްގެ އަޑަށް ފަރުވާލެއް ނެތި އަތުގައި ހިފައި ދަމަމުން ރެސްޓޯރެންޓުން ނިކުންނަން ދިމާކުރިއެވެ.
ޖިނާހު ޔުނާގެ އަތަށް ދަމަމުން ގޮސް ރެސްޓޯރެންޓާއި ހިސާބަކަށް ދުރުގައިވި ހަނި ގޯޅިއެއްގެ ތެރެއަށް ދިޔައެވެ. އަތް މިނިވަން ކުރަން މަސައްކަތް ކުރަމުން ދިޔަ ޔުނާއަށް އެކަން ކާމިޔާބު ކުރެވުނީ، ޖިނާހު ކުއްލި ގޮތަކަށް އެ އަތުން ދޫކޮށް އޭނައާއި ކުރިމަތިލުމުންނެވެ.
“އޭނައާ އިންނަންތަ ތިއުޅެނީ ޔުނާ؟!” ޖިނާހު ހިސާބެއްގެ ރުޅިވެރި އަޑަކުން ބުމަގޮށްޖެހިފައި ހުރެ ސުވާލުކުރިއެވެ.
“އަހަރެން މީހަކާއި އިންނަން އުޅުނަސް އެއީ މިހާރު ޖިނާހުއަކާ ބެހެވޭނެ ކަމެއް ނޫން ކަންނޭނގެ…” ޔުނާއަށް އެ ވާހަކަ ދެކެވުނީ ރޫރޫއަޅާ އަޑަކުންނެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ.
“ޔުނާ ހަމަ އަސްލުވެސް ބޭނުންތަ އޭނައާ އިންނަން؟ އާރ ޔޫ އިވެން ޝުއާރ އެބައުޓް އިޓް؟” ޖިނާހު އެހިއެވެ.
“ސައިކޮލޮޖީ ސްޓޫޑެންޓެއްގެ ޖަޒުބާތުތަކާ ކުޅެން މަސައްކަތް ކުރުމަކީ ބޭކާރުކަމެއް ކަން ޖިނާހަށް ވެސް އެނގޭނެއެއްނު؟ އަހަރެންގެ ނިންމުމަކަށް ބަދަލެއް ނާންނާނެ….” ޔުނާ އޭނަގެ އަޑަށް ސާބިތުކަން ވެރިކުރުވަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“ޖަޒުބާތުތަކާ ކުޅުން މައި ފުޓް! ޙަޤީޤަތާއި އެއްގޮތަށް އަހަރެން މި ވާހަކަ ދައްކަނީ. އެއީ ޔުނާއަށް ކަމުދާނެ ކަހަލަ މީހެއްނޫން! މިވެނި ކަމެއް ޙަރާމޭ އެވެނި ކަމެއް ޙަރާމޭ ކިޔާ ޒާތުގެ މީހެއް އެއީ. ޔުނާ އަމިއްލައަށް ނޫންތަ އަހަރެން ކައިރީގަ ބުނީ އެހާ ވަރަށް ދީނޭ ކިޔައިގެން އުޅޭ ފިރިހެނުންނަށް ޔުނާ ނަފްރަތު ކުރާ ވާހަކަ؟ އޭނަ ވަކި ތަފާތު ވާނެހެން ޔުނާއަށް ހީވޭތަ؟ ކައިވެނީގެ ފުރަތަމަ ރެއިން ވެސް އޭނަ އަންގާނެ ކައިވެނީގަ އޭނަގެ އޮންނާނެ ބާރާއި މަޤާމު. މުޅި ޢުމުރު ދުވަހު ޔުނާ އުޅެން ޖެހޭނީ އޭނައަށް އަޅުވެތިވެގެން!” ޖިނާހު އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ.
ޔުނާއަށް މިފަހަރު ޖަވާބެއް ދެވޭ ގޮތެއްނުވިއެވެ. އިސާހިތަކު ލޮލަށް ކަރުނަތައް ޖަމާވީ ހިތުގައި އުފެދިގެން ދިޔަ ހައިޖާނެއްގެ ސަބަބުންނެވެ. ޒިހާން ދިފާޢުކުރަން ބޭނުންވިޔަސް ޔުނާއަށް އެކަން ކުރެވޭ ގޮތެއްނުވިއެވެ. ސަބަބަކަށްވީ އޭނައަށް ޖިނާހު އެނގިފައިވާހާ ގިނަ ދުވަހަށް ޒިހާން އެނގިފައި ނުވުމެވެ. ނަތީޖާއެއްގެ ގޮތުން ޒިހާންގެ ފަރާތުން ފެނިފައިވާ ރީތި ސިފަތައް ހަނދާންވުމުން ވެސް ޖިނާހު އެ ބުނި ބަސްތަކަށް ހިތް ލެނބޭ ގޮތްވިއެވެ. ކައިވެންޏަށްފަހު ހަމަ ޙަޤީޤަތުގައި ވެސް ޒިހާންގެ އެ ސިފަ އޭނައަށް ފެނިގެންދާނެތޯ ޔުނާއަށް ހިތާހިތުން ސުވާލު ކުރެވުނެވެ.
“ބިލީވް މީ ޔުނާ…..ޔޫ ޑޯންޓް ވޯންޓު ޑޫ ދިސް. އޭނައަކީ ޔުނާ ލައިކް ވާ ކަހަލަ ގަޓު ހުރި މީހެއްވެސް ނޫން. ފިނޑިކަމުން އަންހެނަކާ ވާހަކަ ނުދައްކާ އެ ހުންނަނީ. ކުއްލިއަކަށް ކައިވެނި ކުރަން އެ އެދުނީ ވެސް އެހެންވެ. ޔުނާއެއްނު ބުނީ ޔުނާއަށް ކަމުދަނީ ލޯބިވަންޏާ އެ ވާހަކަ ބުނާ މީހެކޭ؟ ހަމައެކަނި ދޮންބެ ބުނީތީ ކައިވެންޏެއްގަ ޔުނާ ބަނދެވިގެން ދާކަށް ނުޖެހޭ. މިއީ ޔުނާގެ ޙަޔާތް…..” ޖިނާހުގެ އެ ފަހު ބަސްތަކާއެކީ ޔުނާއަށް ކަރުނައިން ފުރިގެންވި ލޮލާއި އެކީ ޖިނާހަށް ޝައްކުގެ ނަޒަރެއް ދެވުނެވެ.
“ޖިނާހަށް ކިހިނެއް އެނގެނީ ދޮންބެ ކަން މި ކައިވެނި ހަމަޖެއްސީ؟” ޔުނާ ސުވާލުކުރިއެވެ. އެއާއެކު ކުއްލި ގޮތަކަށް ޖިނާހުގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔަތަން ޔުނާއަށް ފާހަގަވިއެވެ.
“އެއީ…ޔަޒްދާން އަހަރެންގެ އެކުވެރިއެއްގެ ކައިރީގަ ވެސް އެ ވާހަކަ ދައްކާފަ ހުރީތީ އެނގެނީ…..ބަޓް ދަ ޕޮއިންޓް އިޒް، ޔުނާ ބޭނުމެއް ނުވެއޭ ތި ކައިވެނި ކުރަން….” ޖިނާހު ތަކުރާރުކޮށް ބުނެލިއެވެ.
“ޖިނާހު ކޮންމެ އެއްޗެކޭ ބުންޏަސް އަހަރެން ނިންމުން ބަދަލުކުރާކަށް ނެތިން. އަހަރެންގެ ޙަޔާތް ބަރުބާދުވެގެން ދިޔަޔަސް ދޮންބެގެ ފަހު އެދުން ފުރިހަމަ ކޮށްދޭން ބޭނުން. އެޓްލީސްޓް ޒިހާން އަހަރެންގެ ގޮތުގަ އަހަރެން ޤަބޫލު ކުރޭ. ކައިވެނީގެ ކުރިން ބުރުގާ ނަގާލާށޭ ނުއެއް ބުނޭ މިސާލަކަށް….އެހެންވީމަ އެންމެ ރަނގަޅުވާނީ ޖިނާހު މި ޙަޤީޤަތް ޤަބޫލުކުރިއްޔާ….” ޔުނާއަށް ކަރުނައިން ފުރިގެންވި ލޮލާއި އެކީވެސް އެ ވާހަކަ ބުނެވުނީ ސާބިތުކަމާއި އެކީގައެވެ. އެ ސާބިތުކަމާއެކީ އޭނަ ޖިނާހަށް ފަސްދީފައި ހިނގައިގަތެވެ. މާ ދުރަށް ނުދެވެނީސް އޭނައަށް އަނެއްކާވެސް ޖިނާހުގެ އަޑު އިވުނެވެ.
“އަހަރެންވެސް ޔުނާގެ ގޮތުގަ ޔުނާދެކެ ލޯބިވަން. ބުރުގާ ނަގާލާށޭ ބުނީ އެގޮތަކީ ޔުނާއަށް ވެސް އެންމެ ކަމުދާ ގޮތް ނޫންހެން ހީވާތީ. އެފަދަ އަންޑަސްޓޭންޑިންގްއެއް ބާއްވަން މަސައްކަތް ކުރި ކަމަށްޓަކައި މަޢާފަށް އެދެން…” ޖިނާހު އޭނަގެ އަޑަށް މާޔޫސްކަން ވެރިކުރުވަމުން ބުނެލި ވާހަކައިން ޔުނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ބަސްތަކަކީ ޖިނާހު އޭނައަށްޓަކައި ޖެއްސި މަޅިއެއްކަން ޔުނާއަށް މާ ރަނގަޅަށް ވެސް ދޭހަކުރެވުނެވެ. އެހެނަސް ޖިނާހަށްޓަކައި އެ ހިތުގައި ވި ޖަޒުބާތުތަކުގެ ސަބަބުން އެ ބަސްތަކުގެ އޮޔާއިއެކީ އޭނަގެ ހިތް ގެއްލިދާން އުޅުނުހެން ޔުނާއަށް ހީވިއެވެ. ޔުނާ ގޮށްމުއްކަވާލަމުން ކުރިއަށް ހިނގަން ފެށީ އެ އޮއިގެ މިޞްރާބާއި ދެކޮޅަށެވެ. ކަރުނަތަކުން ފުރި ބަންޑުން ވާން ފެށީ ލޮލާއެކީ ކުރިއަށް ހިނގަމުން ދިޔައީ އޭނަ ކޮންމެ ފަދަ ޙާލަތަކާއި ކުރިމަތި ވިޔަސް ޒިހާނާއި އިނދެގެން ދޮންބެގެ ވަޞިއްޔަތް ފުރިހަމަ ކުރާނެކަމަށް ހިތާހިތުން ކިޔަމުންނެވެ. ހަމަ އެވަގުތު ކައިވެންޏަށް ފަހު އޭނައަށް ޒިހާންގެ ފަރާތުން ކުރިމަތިވެދާނެ ދަތިތައް ވެސް ޚިޔާލު ކުރެވެމުން ދިޔައެވެ.
ޔުނާއަށް ނޭނގުނު ކަމަކީ ކައިވެންޏަށްފަހު ޒިހާން ކަންތައް ކުރާނީ އޭނަ ހީވެސް ނުކުރާ ފަދައަކުންކަމެވެ.
ނުނިމޭ