Hiyaa (Part 26)
ރޭގަނޑުގެ ކެއުމަށް ކައިރީގައި ހުރި ރެސްޓޯރެންޓަކަށް އޯޑަރު ދިނުމަށްފަހު ޒިހާން އޭރު ބުނި ފަދައިން އޭނަ ޔުނާ ގޮވައިގެން ގެސްޓް ހައުސްގެ އެކި ތަންތަން ދައްކާލަން ދިޔައެވެ. ގޭގެ މަތީ ބައިގައި މުޅިންހެން ކަރަންޓު ލެވިފައިވުމުން އެ އުއްބައްތިއާއި ނުލައި މަތީ ބައިގައި ހުރި ބޮޑު ކޮޓަރި ރަނގަޅަށް ބަލައިލެވުނެވެ. ކޮޓަރީގެ ފާރުގައި ހުދުކުލަ ލެވިފައިވީއިރު ބެޑްރޫމް ސެޓްގެ އެކި ބައިތައް ހުރީ ފިހާރައިން ގެނައި ގޮތަށް ފޮށި ފޮށީގައެވެ. ޒިހާން އެ ބެޑްރޫމް ސެޓް ޔުނާއަށް ދައްކައި އެނދާއި އަލަމާރި ބަހައްޓާނެ އެންމެ ރަނގަޅު ދިމާލަކާއިމެދު ސުވާލުކުރިއެވެ. އަދި ބެޑްރޫމް ސެޓްގެ ކުލައަށް ބަލައި ކޮޓަރީގެ ފާރުގައި ލާން އެންމެ ގުޅޭނެ ކުލައަކާއި މެދު ޔުނާއާއި މަޝްވަރާ ކުރިއެވެ. އެކަންތައް އެންމެ ރަނގަޅަށް އެނގޭނީ ޒިހާނަށް ނޫންތޯ ޔުނާ ބުންޏެވެ. އެހެނަސް ޒިހާން އެ ސުވާލުތައް ކުރިއަށް ގެންދިޔައީ، އެހެން މީހުންގެ ނަޒަރިއްޔާތު ދެނެގަންނާނެ ގޮތްތައް ޔުނާއަށް އެނގޭނެ ނޫންތޯ ބުނަމުންނެވެ.
ޒިހާންގެ އެ ސިފަވެސް ޔުނާއަށް ކަމުދިޔައެވެ. ތިމާއަށް ތިމާ ފެނިފައި ނެތުމުގެ ސިފައެވެ. ދެކެވުނު ވާހަކަތަކުގެ ތެރެއިން ޒިހާން ހުރީ އާރކިޓެކްޗާރގެ ދާއިރާއިން ކޮންމެވެސް ވަރަކަށް މަތީ ތަޢުލީމު ޙާޞިލުކޮށްފައިކަން ވެސް ޔުނާއަށް އެނގުނެވެ.
“އެއީ ސިފައިންގެއަށް ވަނުމުގެ ކުރިން އެއްއަހަރުގެ ކޯހަކަށް ދިޔައީ. އަންކަލްއެއްގެ އެދުމުގެ މަތިން ކިޔެވީ. އެމްސްޓާޑަމްއަށޭ ދިޔައީ ވެސް. އެޕްލައި ކުރި ހުރިހާ ތަނެއްގެ ތެރެއިން އެތަނުން ޗާންސް ލިބުނީމަ ވަރަށް އުފަލުން ހުރީ ޔުނާއާއި ދިމާވާނެކަމުގެ އުއްމީދުގަ. ހެހެ…..އެކަމަކު ޔުނާ ކިޔެވި ޔުނިވާރސިޓީއަށް ނޫން ދިޔައީ. ޔުނާ ނުފެނި ކިޔެވުން ނިމިގެން އަނބުރާ އައީ….” ޒިހާން ބެޑް ރޫމް ސެޓް ހުރި ފޮށިތަކުގެ ތެރެއިން ކުޑަ އަރިމަތީ މޭޒުގެ ފިލަތައް ނަގަމުން ކިޔައިދިނެވެ.
“އޮހް! ކުރިން ނުދެނަހުރިން ޒިހާން އެމްސްޓާޑަމްއަށް ދިޔަކަމެއް. އެހެންވީމަ އެތާ އުޅޭނެދޯ ޒިހާންގެ އެކުވެރިން؟” ޔުނާ ވިސްނުމެއްގައި ހުރެ ސުވާލުކުރިއެވެ. އޭރު ގުޅީ ޒިހާންގެ އެކުވެރިއަކަށް ވެދާނެތޯ ހިތަށްއެރި ހިނދު އެ ހިތް ނުތަނަވަސްކަމާއެކީ ތެޅިލިއެވެ.
“އޭރު އުޅޭ….އެކަމަކު މިހާރު އެ އެކުވެރިންނާއި ޓަޗް ގެއްލިއްޖެ. ހެހެ….” ޒިހާން އެ އަރިމަތީ މޭޒުގެ ބައިތައް ރާވަން މަސައްކަތް ކުރަމުން ބުނެލިއެވެ.
“އޮހް…” ޔުނާއަށް ބުނެލެވުނީ ވިސްނުމެއްގެ ތެރެއަށް ގެއްލެމުންނެވެ. ސިކުނޑިއަށް ވެރިވެގެން ދިޔަ ސުވާލުތަކާއިއެކީ ޔުނާ އެ ނަންބަރުގެ ވާހަކަ ޒިހާންގާތު ބުނަން ބޭނުންވިއެވެ. އެހެނަސް ހަމަ އެވަގުތު ޒިހާން މަޢުޟޫ ބަދަލުކޮށްލުމުން ޔުނާއަށް ފުރުޞަތެއް ނުލިބުނެވެ. ޒިހާން ހިނިތުންވުމަކާއި އެކީ ހުރެ އޭނައާއި ވާހަކަ ދައްކަން ފެށުމުން ޔުނާ އެ ދޭތެރެއަށް އެ ސީރިއަސް ވާހަކަ ގެންނަ ހިތެއްނުވިއެވެ.
އިސާހިތަކު ޔުނާއަށް ވެސް ހިނިތުންވުންތަކާއިއެކީ ޒިހާނާއި ވާހަކަ ދެކެވެން ފެށީ އޭނައަށް ވެސް ބާރުނުފޯރުވުނު އިޙްސާސްތަކެއްގެ ސަބަބުންނެވެ. އާރކިޓެކްޗާރ ގެ ދާއިރާއިން ކިޔަވައިގެން ހުއްޓަސް، ޒިހާން އޭނައާއި ސުވާލުކުރަމުން ދިޔަގޮތުން ޒިހާނަށް އެ ދާއިރާއާއި ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގޭހެން ހީވެދާނެއެވެ.
ޒިހާން އޭނަގެ ނަޒަރިއްޔާތަށް ޤަދަރުކުރާކަން އެނގުންވުމުން ޔުނާއަށް ވެސް ޒިހާނަށް ޤަދަރު ކުރެވުނެވެ. އަދި އޭގެ ސަބަބުން އެ ދެމެދުގައި ދެކެވެމުން ދިޔަ ވާހަކައިގައި އޮމާންކަމާއިއެކީ އެއްވާހަކައިން އަނެއް ވާހަކައަށް ބަދަލުވަމުން ދިޔަ ގޮތުން ޔުނާއަށް ޒިހާނާއި ގާތްކަމެއް އިޙްސާސް ކުރެވުނެވެ. އެ އިޙްސާސް ދެގުނަ ވެގެން ދިޔައީ މިއީ ވަރުގަދަ ގުޅުމެއްގެ އެއްސިފަކަން ހަނދާންވެގެން ދިޔުމުންނެވެ. ހަމަ އެހިނދު ޔުނާ ޒިހާނާއި ގުޅުން ބަދަހިކުރަން ބޭނުންވިއެވެ. އެހެނަސް ދެންވެސް އޭނަގެ އަމިއްލަ ހިތަށާއި އިޙްސާސްތަކަށް ވަގުތުދޭން ބޭނުންވިއެވެ.
އެރޭގެ ކެއުމަށް އިންސާފުކުރަން ޔުނާއާއި ޒިހާން ކާމޭޒުދޮށުގައި އިށީނީ އެކުއެކީގައެވެ. ކާގެއަށް ވެރިވެފައިވީ އައިސްއަލަމާރީގެ މަތީގައާއި ކާމޭޒުގެ މެދުގައި ބެހެއްޓިފައި ހުރި އުއްބައްތީގެ ފަނޑު އައްޔެވެ.
ވަށްކޮށްހުރި ކުޑަ ކާމޭޒުގައި ދެމީހުން އިށީނދެގެން ތިބީ އެކަކު އަނެކަކުގެ ކުރިމައްޗަށް ވާގޮތަށެވެ. ގެސްޓް ހައުސްގެ ކައިރީގައި ހުރި ރެސްޓޯރެންޓަކުން ގެނައި ޕެކޭޖްތައް ހުޅުވައިލަމުން ދެމީހުން ހިމޭންކަމާއިއެކީ ކާން ފެށިއެވެ. އެ ހިމޭންކަމުގެ ތެރެއިން ޒިހާން ޔުނާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމުން ޔުނާވެސް ބަދަލުގައި ހިނިތުންވެލިއެވެ.
އާދައިގެ މަތިން ޔުނާގެ ހިނިތުންވުން ފެނިފައި ޒިހާނަށް އުފަލެއް ލިބުނެވެ. އަދި އަމުދުން އުއްބައްތީގެ ފަނޑު އަލީގެ ތެރެއިން ޔުނާގެ ރީތި ސޫރަ ފެންނަމުން ދިޔަ ގޮތުން އޭނަ އާޝޯޚުވާ ގޮތްވިއެވެ. އެހިނދު ވެސް ޔުނާ އޭނަގެ ޙަޔާތުގައިވި ކަމަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނެވެ.
“މީރުތަ؟” ޔުނާ ޕާސްތާކޮޅެއް އަނގައަށް ލުމުން ޒިހާން ސުވާލުކުރިއެވެ.
“ހުމް…..އެކްސެޕްޝަނަލްއެއް ނޫން އެކަމަކު އޯކޭ…ޔޫ ނޯ އެމްސްޓާޑަމްގަ އަހަރެން އުޅުނުއިރު ކޮންމެވެސް ކުޑަ ރެސްޓޯރެންޓަކުން އަހަރެން ކެއި ޕާސްތާ އެއީ އަހަރެންގެ ފޭވް! ފަހުން އެތަނުން ހޯދާ ޕާސްތާގެ ރަހަ ބަދަލުވީމަ ވަރަށް ދެރަވި. އެ އޮރިޖިނަލް ޕާސްތާ މަތިން ހަނދާންވޭ އަދިވެސް ބައެއް ފަހަރު….” ޔުނާ މާޔޫސީ އަސަރެއް މޫނަށް ގެންނަމުން ބުނެލިއެވެ.
“ހެހެ….އެމްސްޓާޑަމް މަތިން ހަނދާންހުރޭދޯ އަދިވެސް؟ އެހާ ގިނަ ދުވަސްވަންދެން ހުރެފަ އައިމަ؟” ޒިހާން އެހިއެވެ. ކިތަންމެ ބޭނުމެއް ނުވިޔަސް ޒިހާން އެ ސުވާލުކޮށްލިއިރު ޔުނާ ގެންގުޅުނު ލޯބިވެރިޔާގެ މަތިން ވެސް ހަނދާންވިއެވެ. އެ ސުވާލުތަކުން ޔުނާ އެ ލޯބިވެރިޔާ މަތިން ހަނދާން ހުރިތޯ ބެލުން އޭނަގެ އެއް މަޤްޞަދަކަށްވިއެވެ.
ޒިހާން އުއްމީދު ކުރި ފަދައިން އެ ވާހަކައިން ޔުނާގެ ޙަރަކާތްތައް ކުޑަކޮށް ލަސްވެ ހިމޭންކަމެއް ވެރިވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ޔުނާ އިސްއުފުލައި ޒިހާނަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“ނޮޓް ސޯ މަޗް….އެހާ ރަނގަޅު ހަނދާންތަކެއް ނޫން އެތަނާއި ގުޅިފަވަނީ…” ޔުނާއަށް އެއްދިމާލަށް ނަޒަރު ހުއްޓައިގެން އިނދެ އޮމާންކަމާއި އެކީ ބުނެލެވުނު ގޮތުން ޚުދު ޔުނާ ވެސް ޙައިރާންވިއެވެ. ޖިނާހުގެ ޚިޔާލުތައް ސިކުނޑިއަށް ވެރިވި ވަގުތު މޭގައި ރިހުމެއް ނުއުފެދުނު ގޮތުން ވެސްމެއެވެ. އޭނަގެ ޙާލަތު ރަނގަޅުވަނީތޯ ހިތަށްއެރި ހިނދު އިސްއުފުލައި ޒިހާނަށް ބަލައިލެވުނެވެ. ލަސްލަހުން ޒިހާންގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔަ ގޮތުން ނޭނގޭ ސަބަބަކާއިހުރެ ޔުނާ ވެސް އުފާވިއެވެ. އެހެނަސް ހިނިތުންވާން ނޭނގިފައި އިނދެވުނެވެ.
“ސޭމް….އަހަރެންގެ ވެސް އެތަނާއި ގުޅިފައި ހުރި ހަނދާންތަކަކީ….އެހާ ރަނގަޅު ހަނދާންތަކެއް ނޫން.” ޒިހާން ބުނެލިއެވެ. ޔުނާގެ ފަރާތުން އިވުނު ޖަވާބުން އޭނަ އުފާވިއެއްކަމަކު އޭނަ އަމިއްލައަށް ބުނެލި އެ ބަސްތަކުން ޒިހާންގެ ހިނިތުންވުން ފިލައިދިޔައެވެ. ކުއްލިއަކަށް އާވާން ފެށި ހަނދާންތަކާއި އެކީ ނޭވާ ކުރުވެ އޭނަގެ އަރުތެރެ ބެދެން ފެށިހެން ހީވިއެވެ. އެކަން ޙައްލުކުރުމަށްޓަކައި ޒިހާން ވަގުތުން މޭޒުމަތީގައި ބެހެއްޓިފައި ހުރި ފެންފުޅި ނަގައި އޭނަގެ ތަށްޓައް ފެންއަޅަން ފެށިއެވެ.
“ކިހިނެއްވީ؟ ކަމެއް ދިމާވެގެންތަ ކިޔެވުން ކުރިއަށް ނުގެންދެވުނީ؟ ކީއްވެ އާރކިޓެކްޗާރ ކިޔަވާފަ ސިފައިންގެއަށް ވަންނަން ޚިޔާލުކުރީ؟” ޔުނާ އެއީ މާ ބޮޑުކަމަކަށް ހެދުމެއްނެތި ސުވާލުކުރީ އޭގެ ޖަވާބު އެނގެން ބޭނުންވި މިންވަރުންނެވެ. ކޮންމެހެން ވެސް ޒިހާންގެ ހިތްދަތި މާޒީގެ ތަފްޞީލުތައް ދެނެގަންނަން އޭނަ ބޭނުންވިއެވެ.
އެހެނަސް އެ ސުވާލުކުރިތާ ސިކުންތުކޮޅެއްގެ ތެރޭ އެ ކުރެވުނު ކަމާއިމެދު ޔުނާއަށް ހިތާމަކުރެވުނެވެ. ޒިހާން އެ ސުވާލު އަޑުއަހަމުން މޭޒުމަތީގައި ހުރި ތަށި ނެގި ވަގުތު އެ އަތުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ. އޭގެ ސަބަބުން ތަށީގައި ހުރި ފެނުން ބައެއް ވެސް ބިންމައްޗަށް ވެއްޓުނެވެ. ނަސީބު ރަނގަޅުކަމުން ތަށި އަތުން ދޫނުވަނީސް ޒިހާން ގެނައި ޙަރަކާތަކުން ފެން ބުއިމެއްނެތި ތަށި މޭޒުމަތީގައި ބަހައްޓާލެވުނެވެ. ތަށިން ދޫކޮށްލި ވަގުތު ވެސް އެ އަތުގައިވި ތުރުތުރު ޔުނާއަށް ފާހަގަވިއެވެ.
“އާރ ޔޫ އޯކޭ، ޒިހާން؟” ޖަވާބު އެނގިހުރެވެސް ކަންބޮޑުވުމަކާއި އެކީ ޔުނާއަށް އަހައިލެވުނެވެ.
“އް….އޯކޭ އިނގޭ…ކުޑަކޮށް ބަންދު ބޮޑުވީމަ ނޭވާ ކުރުވަނީ…..ބޭރަށް ގޮސްލާފަ އަން…ނާނަން.” ޒިހާން ހިނިތުންވާން މަސައްކަތް ކުރަމުން ޒިހާން ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި ގޮނޑިން ތެދުވެގެން ދާން ހިނގައިގަތެވެ. ޒިހާން ލޯމަތިން ގެއްލުނު ވަގުތު ޔުނާއަށް ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެލަމުން ޒިހާންގެ ފަހަތުން ދެވުނެވެ.
“ޒިހާން ވެއިޓް!” އަނދިރި ސަރައްކާލިގެ ތެރެއިން ކުޑަކޮށް ދުވެލަމުން ޔުނާ ގޮވައިލީ ސިޓިންގް ރޫމުގެ ފަނޑު އަލީގެ ތެރެއިން ފެނުނު ޒިހާން ހުއްޓުވުމަށެވެ. ޔުނާގެ އަޑު އިވުމާއިއެކު ޒިހާން ފިޔަވަޅުތައް މަޑުޖައްސާލަމުން ބަލައިލިއެވެ.
“އަހަރެން ވެސް ދާނަން ޒިހާންއާއިއެކީ…” ޔުނާ ގޮސް ޒިހާންގެ ކުރިމަތީގައި ހުއްޓިލަމުން ބުނެލިއެވެ. ޒިހާން އެ ވާހަކައެއް ޙިއްސާކުރަން ބޭނުމެއް ނުވާނަމަ އޭނަ މި ޙާލަތުގައި ޒިހާނާއިއެކީ ހުރުން މުހިއްމު ކަމަށް އޭނަގެ ޒަމީރު ބުންޏެވެ. ޒިހާން އެކަނި ހިނގާފައި ދަނިކޮށް ގޮތެއް ވެދާނެކަމުގެ ޚިޔާލުން ޔުނާގެ ސިކުނޑީގެ ހަމަޖެހުން ގެއްލިފައިވިއެވެ.
“ނޫނޭ….ޔުނާ ދޭ ކާން. އަހަރެން….އެބަ އަންނަން އިރުކޮޅަކުން….” ޒިހާން ބުންޏެވެ.
“އަހަރެންވެސް އަދި މިގަޑީގަ ކާ ހިތެއްނެތޭ. ހިނގާދޯ ކުޑަކޮށް ވޯކެއް ޖައްސާލަން؟ އޭރުން ރަނގަޅުވެދާނެދޯ؟” ޔުނާއަށް ބުނެލެވުނެވެ. އޭނައަށް ބުނެވުނީ ޚުދު ޒިހާން ވެސް ކައިވެނީގެ ފުރަތަމަ ރޭ އޭނަގާތު ބުނެލި ބަސްތައްކަން ޔުނާއަށް އެނގުންވީ ސިކުންތުކޮޅެއް ފަހުންނެވެ.
ޒިހާން އޭނައަށް ބަލަން ހުރެފައި ލުއި ގޮތަކަށް ހީލިއެވެ. އެއަށްފަހު އެންމެ ރަނގަޅޭ ބުނެލުމުން ޔުނާއަށް ވެސް ހިނިތުންވެލެވުނެވެ.
ދެމީހުން އެކުއެކީގައި މަގުގެ އެއްފަރާތުން ހިނގާފައި ދިޔައިރު އެއްވެސް ވާހަކައެއް އެދެމެދުގައި ނުދެކެވެއެވެ. ޒިހާން ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު ނޭވާ ކުރުވެފައިވުމުގެ ސަބަބުން އެކަންވީ ކުރުން ދަތި ކަމަކަށެވެ. އެކަން ރަނގަޅަށް ދޭހަކުރެވުނު ޔުނާ ވަކި ސުވާލުތަކެއް ކުރުމެއްނެތި ހިނގަމުން ދިޔައީ ޒިހާން ހަމައަކަށް އެޅެން ފުރުޞަތު ދިނުމަށެވެ.
ވާހަކަ ނުދެއްކުމުން ޔުނާ ހިތްހަމަނުޖެހިދާނެތީ ޒިހާން ދޭތެރެ ދޭތެރެއިން ޔުނާއަށް ބަލަމުން ދިޔައެވެ. ޔުނާއާއި ކައިވެނި ކުރިއިރު ވެސް މިދުވަސް އަންނާނެކަން ޒިހާން ދެނެހުއްޓެވެ. އެކަމާއިމެދު ހިތާމަވެސް ކުރެވުނެވެ. އޭނައަށް ވާގޮތް ފެނިފައި މަންމައަށާއި ދޮންތައަށް ކުރާ އަސަރު ފެނުމުންނެވެ. ޢާއްމު ގޮތެއްގައި އޭނައަށް ގޮތެއްވުމުން މާ ބޮޑުކަމެއް ނުވާކަމަށް ބުނެ ހިނގައިގަތުމުން މަންމައާއި ދޮންތަ އިތުރު ސުވާލުތަކެއް ކުރަން ފަށާނެއެވެ. މަންމަ ވެސް ޖަޒުބާތުގައި ޖެހިގެން އެ މާޒީގެ މަތިން ހަނދާން ނައްތާލާކަށް ނުވޭތޯ ބުނެ ރޯންފަށާނެއެވެ. މި ހުރިހާ ކަންތަކެއްގެ ސަބަބުން މިހާތަނަށް އައިއިރު ޒިހާނަށް މަޖުބޫރުވެފައިވީ އެ ޙާލަތްތައް އެކަނިވެރިކަމުގައި ކަނޑައްތުކުރުމަށެވެ. އަހަރުގެ ގިނަ ދުވަހު އޭނަ ރަށުގައި ނުހުންނަ އެއް ސަބަބަކީ ވެސް އެއީއެވެ.
އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. މިރޭ އޭނަގެ ކައިރިން ހިނގަމުން ދިޔަ ޔުނާ އޭނައާއި ހިނިތުންވަމުން ދިޔަ ގޮތުން އޭނަގެ އެ އެކަނިވެރިކަމަށް ނިމުމެއް އައިއްސިހެން ޒިހާނަށް ހީވިއެވެ. ޔުނާ އޭނައާއިމެދު މިފަދައިން ކަންތައް ކުރަނީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނައަށް މި ވާ ކަންތައްތަކަކީ ޔުނާ ކިޔެވި ދާއިރާއާއި ގުޅޭ ކަންތަކަށްވުމުން ޔުނާ އޭނައަށް ފަރުވާ ދޭން އުޅެނީތޯ ހިތް ސުވާލުކުރިއެވެ. އެހެން ނޫނީ ޔުނާގެ ހިތުގައި އޭނައަށްޓަކައި އިޙްސާސްތަކެއް އުފެދެނީތޯ އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ.
އެ ހިނގާލުން ނިންމުމަށްފަހު ގެސްޓް ހައުސްއަށް އަނބުރާ އައިއިރު ޒިހާންގެ ޙާލަތު ފުދޭވަރަކަށް ރަނގަޅުވެފައިވިއެވެ. އެހެނަސް އެރޭ ނިދަން އޮށޯތުމުން ވެސް ލޯ ކުރިމަތިން ސިފަވާން ފެށި މަންޒަރުތަކުން ޒިހާނަށް އެނދުން ތެދުވެވުނެވެ. އެނދުން ތެދުވެގެން ކޮޓަރިން ނިކުމެގެން ދެވުނީ ކައިރީގައި އޮތް ޔުނާ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ.
ސިޓިންގް ރޫމަށް ގޮސް ސޯފާގައި އިށީންތާ މާ ގިނައިރެއް ނުވެ ޒިހާންގެ ކޮންޓްރޯލުން ބޭރުގައި އޭނަގެ ލޮލުން ކަރުނަ ހިލުނެވެ. އެ ކަރުނަތައް ހިންދަން ގަދައަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު މީހަކު ކައިރީގައި އިށީންކަން ޒިހާނަށް އެނގުންވިއެވެ. ހަމަ އެހިނދު ކަނާތް ފަރާތަށް ބަލައިލުމުން ޔުނާ އިން މަންޒަރު ފެނިފައި ކުޑަކޮށް ސިހުންވެސް ވާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ހިނިތުންވެލީ މަންޒަރު ފެނުމުން ޒިހާންގެ އަވަސްވެފައިވާ ހިތްވެސް ހަމަޖެހެން ފެށިހެން އޭނައަށް ހީވިއެވެ.
އެރޭވެގެން ދިޔައީ އާ ފެށުމެއްގެ ސިލްސިލާއަކަށެވެ. އޭގެ އަނެއްދުވަހު ހެނދުނު ގެއަށް ދިޔުމަށްފަހު ވެސް ޒިހާންގެ ޙާލަތު ދޭތެރެދޭތެރެއިން ގޯސްވަމުން ދިޔައެވެ. އެތައް ދުވަހެއް ވަންދެން ރަނގަޅަށް ހުރުމަށްފަހު އެ ހަނދާންތައް ސިކުނޑިއަށް އާވަމުން ދިޔަ ގޮތުންނެވެ. އެހެނަސް އޭގެއިން ކޮންމެ ފަހަރަކު ޒިހާނަށް ޔުނާ އޭނަގެ ކައިރިން ފެންނަމުން ދިޔައެވެ. ބަސްމޮށުންތެރިކަމުގެ ބޭނުމެއްވެސް ނެތި ޔުނާ އޭނައަށް ހިތްވަރު ދެމުން ދިޔަ ފަދައެވެ.
އެހެނަސް ދެންވެސް ޒިހާންގެ ހިތުގައި ސުވާލެއްވިއެވެ. ޔުނާ އޭނައަށް ޙަމްދަރުދީ ވަނީތޯ ނުވަތަ ލޯބި ވަނީތޯއެވެ.
ނުނިމޭ