Hiyaa (Part 33)
ޖީޕީއެސްއަށް ބަލަމުން ކާރު ދުއްވަމުން ދިޔަ ޔުނާއަށް 10 ވަރަކަށް މިނެޓް ތެރޭގައި އޭނަގެ މަންޒިލާއި ހަމައަށް ދެވުނެވެ. އެ މަންޒިލްވެގެން ދިޔައީ ޔުނާ ހީކުރި ގޮތާއި ޚިލާފަށް ބޮޑު ގަނޑުވަރެއްހެން ހީވާފަދަ ގެއަކަށެވެ. އުސްކޮށް ނެގިފައިވި ޑިޒައިން ކުރެވިފައިވާ މުށިކުލައިގެ ފާރުގެ މެދުގައި ހުރި ބޮޑު ގޭޓުގެ ދެ ކޮޅުގައި ދޮރުވާނުންނަށް އެ ޤައުމުގެ ދެމީހުން ތިބި މަންޒަރު ފެނި ޔުނާ އިތުރަށް އަޖާއިބުވާ ގޮތްވިއެވެ. ގޭޓު ކައިރީގައި ކާރު ގޮސް މަޑުކޮށްލި ވަގުތު މިއީ ހަމަ ޔަޤީނުން ވެސް ނުފޫޒުހުރި ދިވެއްސެއްގެ ގެއެކޭ ހިތަށްއެރިއެވެ. އެފަދަ ނުފޫޒުގެ ވެރި ސިޔާސީ މީހުންގެ ނަންތައް ސިކުނޑިއަށް ވެރިވާން ފެށި ވަގުތު އޭގެ ދޮރުވާނެއް އައިސް ކާރު ކައިރީގައި މަޑުކޮށްލުމުން ޔުނާ ކުޑަދޮރު ތިރިކޮށްލިއެވެ.
“އަޅުގަނޑު މިއީ ޔުނިވާރސިޓީ އޮފް އެމްސްޓާރޑަމްގައި ކިޔަވަމުންދާ ދަރިވަރަކީމު. ދިރާސާއަކަށް އިންޓަވިއުއެއް ކޮށްލަންވެގެން މިއައީ. މިގޭގެ ވެރިމީހާގެ އިޒުނަ ހޯދާފަ ވާނީ…” ޔުނާ އިނގިރޭސި ބަހުން ވާހަކަ ދައްކަމުން ގޮސް އޭނަގެ އަތް ދަބަހުގެ ތެރެއިން ސްޓޫޑެންޓް އައިޑީ ކާޑު ނަގައި ދައްކާލަމުން ކިޔައިދިނެވެ. އެމީހާ އެ ކާޑު ހޯދައި ޔުނާ އެ ބުނެލި ވާހަކަ ކުރު ގޮތަކަށް ދެން ހުރި ދޮރުވާނަށް ވެސް ކިޔައިދިނެވެ. އެއާއިއެކު އެމީހާވެސް ޔުނާ ވަނަދޭން ވާނެ ކަމަށް ބުނެލުމުން ޔުނާއަށް އޭނަގެ ކާޑު އަނބުރާ ދެވުނެވެ. އެއަށްފަހު ޔުނާ ދިޔަ ދިޔުމަށްޓަކައި ލަސްލަހުން އެ ގޭޓު ދެ ފަރާތަށް ހުޅުވައިލެވުނެވެ.
ގޭޓު ހުޅުވިގެން ދިޔުމާއެކު ޔުނާ ސްޓާޓް ކުރެވިފައިވި ކާރު އަނބުރަމުން އެ ގޭޓުން ވަދެގެން ދިޔައެވެ. ގޭޓުން ވަދެގެން ދިޔަދިޔަހެން ގޭގެ ހާމަ ފެންޑާގެ މެދުގައި ހުރި ފެން އަރުވާ ވަޑާންވެސް ފެނިފައި މިއީ މަހުޖަނެއްކަން ޔުނާއަށް ޔަޤީންވިއެވެ. ފެންޑާގައި ޕާކްކުރެވިފައިވި ޒަމާނީ ތިން ކާރުގެ ކައިރީގައި އޭނަގެ ކާރު ޕާކްކުރި ހިނދު ޔުނާގެ ނަޒަރު ހުއްޓިފައިވީ ގޭގެ މައިދޮރަށެވެ. ގޭގެ ފާރުތައް ވެސް ފަރުމާ ކުރެވިފައިވީ ގޭގެ ވަށައިގެން ހެދިފައިވި އުސް ފާރާއި ދާދި އެއްގޮތަކަށެވެ. މިގޭގެ ވެރިމީހާ މިފަދަ މުއްސަނދިކަމެއް ހޯދީ ކިހިނެއްކަން އެނގެން ނުހަނު ބޭނުންވެފައި އިނދެ ޔުނާ ސީޓް ބެލްޓް ނައްޓާލި ވަގުތު ފޯނު ރިންގުވާން ފެށިއެވެ. އަތް ދަބަހުގެ ކުޑަ ޖީބުގައި އޮތް ފޯނު ނަގައި ސްކްރީނަށް ބަލައިލުމާއެކުހެން ޔުނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އެއީ އަދި ސޭވް ނުކުރެވި އޮތް ނަންބަރަކަށް ވިޔަސް ހިނިތުންވެލެވުނީ އެއީ ޒިހާންގެ ނަންބަރުކަން އެނގޭތީވެއެވެ.
ސްކްރީނަށް ބަލަން ސިކުންތުކޮޅެއް ވަންދެން އިނދެފައި ޔުނާ ކޯލް ރިސީވް ކުރަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ! ކިހިނެއްވީ ގުޅީ؟ މިހާ އަވަހަށް މިސްވީތަ؟” ޔުނާއަށް ހެވިފައި އިނދެ ވާހަކަ ދެކެވުނެވެ. އޭނަ ހިތުން އެހެން ބުނެލީ އެކުވެރިއަކު ކުރާ ފަދަ ސަމާސާއެއްގެ ގޮތުގައެވެ. އެހެނަސް އޭނަގެ އެ ބަސްތައް ލޯބިވާ އަންބަކު ބުނެލާނެ ބަސްތަކާއިވެސް ގާތްކަން އެނގުންވީ ހިނދު މެއަށް ގޮތެއްވިއެވެ.
“ނޯ އެންޑް ޔެސް! ހެހެ…..އެއްޗެއް އަހާލަންވެގެން މި ގުޅާލީ. އަންހެން ކުއްޖަކު އަބަދުވެސް އުފާވާނެތަ މަލެއް ދިނިއްޔާ؟” ޒިހާން ސުވާލުކުރިއެވެ. އޭގެ ސިކުންތުކޮޅެއްފަހުން ޒިހާން އެ ބުނި އެއްޗެއް ވިސްނުމުން ޔުނާއަށް ހީލެވުނެވެ.
“އަހަރެންގެ އޮފީސް މޭޒުމަތީގަ މާ ބޮނޑިއެއް ބޭއްވި ކުއްޖާތަ ތި ސުވާލުކުރަނީ؟” ޔުނާވެސް ހިނިތުންވުމެއްގައި އިނދެ ކޮށްލީ ސުވާލެކެވެ.
“އާނއެކޭ…..އެދުވަހު އޭތި ލިބުނީމަ ޔުނާއަށް ވީގޮތް ނުއެއް ފެނުނު. އެހެންވީމަ ޔަޤީން ނުވާތީ މި އަހަނީ….” ޒިހާން ބުނެލި ވާހަކައިން ޔުނާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.
“އަޅެ އަދި އެއްފަހަރު ދޭންވީއެއްނު ވާގޮތް ބަލައިލަން؟ އަހަންނަށް ވެސް ނޭނގޭ އަހަރެންގެ ރިއޭކްޝަން އަންނާނެ ގޮތެއް.” ޔުނާ ބުންޏެވެ.
“ކާކު ބުނީ ޔުނާއަށް ދޭންވެގެންނޭ މި އަހަނީ؟ ވެދާނެއެއްނު އަހަރެން ދޮންތައަށް ނޫނީ މަންމައަށް ނޫނީ ލޫލޫއަށްދޭން ގަންނަނީ ކަމަށްވެސް؟ މަންމަ ނުލާހިކު މާ ގަސް ހައްދަން ބޭނުންވާނެ….” ޒިހާން ކުއްލިއަކަށް ވާހަކައިގެ ރާގު ބަދަލުކޮށްލި ގޮތުން އޭނަ އޮޅުވަނީކަން ޔުނާއަށް އެނގުނެއްކަމަކު ޔުނާވެސް އެ ސަމާސާގައި ބައިވެރިވިއެވެ.
“އާނ އާނ……މަންމައަށްދޭން މިއަދު ގަންނަންޏާ ތި މާތައް ފުރާ ދުވަހާއި ހަމައަށް ތާޒާކޮށް ބެހެއްޓޭތޯ އަހަރެން ބަލާނަން. ދެން ބޭއްވީ! މިދަނީ އިންޓަވިއުކުރަން. ބާއި!” ޔުނާ އެހެން ބުނެލަމުން ފޯނު ކަނޑާލީ ނޭނގި ނަމަވެސް ހިސާބެއްގެ ނުރުހުންތެރިކަމަކާއި އެކީގައެވެ. ބޭއްވި ވަގުތު ޒިހާން އެއްޗެކޭ ބުނަން އުޅުނުކަން އެނގުނެއްކަމަކު ފޯނު ދަބަހަށް އަޅާލަން އުޅުނީ ވެސް އެހެންވެއެވެ. އެހެނަސް ދަބަހަށް އެޅުމުގެ ކުރިން ފޯނަށް މެސެޖެއް އައުމުން ޔުނާއަށް އެ ބަލައިލެވުނެވެ. އެއީ ޒިހާންގެ ނަންބަރުން އައި މެސެޖެކެވެ. އެ މެސެޖުގައި ލިޔެވިފައިވީ ‘ލަވް ޔޫ’ އެވެ. އެ ބަސްތަކުގައި ފަހަތުގައި ހިތަކާއިއެކީ ބޮސްދޭ އިމޯޓިކޯންއެއް އިތުރު ކުރެވިފައިވިއެވެ.
މެސެޖު ފެނުމާއެކު އަނެއްކާވެސް ޔުނާއަށް ހިނިތުންވެލެވުނެވެ. އަދި ވަގުތުން އެ މެސެޖަށް ދޭނެ ޖަވާބަކާއިމެދު ވިސްނާލުމަށްފަހު ހަމައެކަނި ހިތެއް ފޮނުވާލިއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް ޒިހާން އޭނަ ދެކެ ވާ ލޯތްބާއިމެދު ޒިހާން އޭނައަށް ޝައްކުވިޔަ ނުދޭތާއޭ ޔުނާގެ ހިތަށްއެރިއެވެ. ދުޅަހެޔޮ ގުޅުމެއްގެ އެއް ސިއްރަކީ އެއީއެވެ. ޔުނާ ކުރިން އުޅުނު ލޯބީގެ ގުޅުމުގައި ލޯބި ދެއްކުމަށްޓަކައި ހުރިހާ މަސައްކަތެއް ކުރީ އޭނައެވެ. މަދު ފަހަރަކު ނޫނީ އޭނައަށް އެ ލޯބީގެ ބަދަލެއް ނުލިބެއެވެ. އެފަދަ ގުޅުމެއްގައި އުޅެފައި ޒިހާންގެ މި ލޯބި އިޙްސާސްވުމުން ޔުނާގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ލިބުނެވެ.
ދެމީހުންގެ ގުޅުން ކުރިއަށް ދާ ގޮތާއިމެދު ހިތްހަމަޖެހިފައި ހުރެ ޔުނާ ޒިހާންގެ ނަންބަރު ސޭވް ކުރަން ފެށިއެވެ. ނަމަކަށް ޒިހާންގެ ނަން ޖަހަން އުޅެފައިވެސް ފޮހެލަމުން ޔުނާ ލިޔެލީ ‘ހަޒްބެންޑް’ އެވެ. ނަންބަރު ސޭވް ކުރެވުނު ގޮތް ސްކްރީނުން ފެނިފައި ފަހު ފަހަރަށް ހިނިތުންވެލަމުން ޔުނާ އޭނަގެ ފޯނު ދަބަހަށް އެޅިއެވެ. އަދި އޭނަ އެ މަންޒިލަށް އައި މަޤްޞަދު ފުރިހަމަ ކުރުމަށްޓަކައި ކާރުން ފޭބިއެވެ.
**
ޔުނާގެ ފަރާތުން އައި ފަހު މެސެޖު ފެނިފައި ޒިހާނަށް ވެސް ހިނިތުންވެލެވުނީ ޔުނާއާއި ދާދި އެއްގޮތަކަށެވެ. އެ ‘ހިތަކީ’ ޔުނާގެ ފަރާތުން އޭނައަށް ލިބުނު އެފަދަ ފުރަތަމަ މެސެޖެވެ. ޙަޤީޤަތުގައި އޭނަ ލޯބިވާކަމަށް ބުނެ މެސެޖެއް ފޮނުވީ ވަކި ޖަވާބަކަށް އުއްމީދު ކުރުމެއްނެތިއެވެ. އޭނަ ޔުނާ ގާތު ވަޢުދުވީ ފަދައިން ޔުނާއަށް ވަގުތު ދޭން ނިންމައިގެން ހުރީތީވެއެވެ. މިއަދު ޔުނާގެ ފަރާތުން މިއަދު ޖަވާބު އެ އައި ގޮތުންނާއި ރޭ ޔުނާ އޭނަގެ ގައިގައި ބައްދާލައިގެން ވާހަކަ ދެއްކި ގޮތުން އޭނަ އިންތިޒާރު މާ ދިގެއް ނުވާނެހެން ޒިހާނަށް ހީވާން ފެށިއެވެ.
އެ ހީވި ހީވުމާއެކީ އޭނަ އެވަގުތު އެތަނެއްގެ ކައިރީގައި ހުރި މާ ފިހާރައަކަށް ވަންނަން ޒިހާން ދިމާކުރިއެވެ. ހަމަ އެވަގުތު އޭނަގެ ފަހަތުން އައި މީހަކު އައި އޭނަގެ ކޮނޑުގައި އަތް އަޅާލުމުން ޒިހާނަށް ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަހަތް ބަލައިލެވުނެވެ.
**
ޔުނާ އެ ގޭގެ ތެރެއަށް ވަދެގެން ދިޔަދިޔަހެން އެ ގޭގެ ތަނަވަސްކަން އިތުރަށް ފާހަގަވެގެން ދިޔައެވެ. ދެ ބުރިއަށް ނަގާފައިވި އެގޭގެ ތިރީ ބައިވެސް ހެދިފައިވީ ޔުނާ އުއްމީދު ކުރި ވަރަށްވުރެ އުސްކޮށެވެ. ތަނަވަސް ސިޓިންގް ރޫމުގައި މާބްލް ޖެހިފައިވީއިރު ކުރިމަތިން ފެންނަމުން ދިޔަ ސިޑި ބަރިވެސް އޮމާންކުރެވިފައިވީ މާބްލް އިންނެވެ.
ޔުނާ ލަސް ހިނގުމެއްގައި ވަށައި ނަޒަރު ހިންގަމުން ދަނިކޮށް އެގޭގައި މަސައްކަތް ކުރާ އަންހެން ކުއްޖަކު އައިސް އޭނަ ގާތު ސިޑިން މައްޗަށް އަރައިގެން ދިޔުމަށް އަދަބުވެރިކަމާއެކީ ބުންޏެވެ. ޔުނާ ވެސް ބަދަލުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ސިޑިން އަރަން ފެށީ މިއީ ދިވެއްސެއްގެ ގެއެއްކަމާއިމެދު ޤަބޫލުކުރަން ވެސް ދަތިވެފައި ހުރެއެވެ.
ސިޑީގެ އެންމެ ފަހު ހަރުފަތާއި ހަމަވީ ވަގުތު އެހެން މަސައްކަތު އަންހެން ކުއްޖަކާއި ދިމާވިއެވެ. އެ އަންހެން ކުއްޖާ މިފަހަރު ޔުނާއަށް ދައްކާލީ ޔުނާގެ ކުރިމައްޗަށް ވާ ގޮތަށް ހުޅުވިފައި ހުރި ދޮރެކެވެ. އެތެރެއިން ފެންނަމުން ދިޔަ ސޯފާތަކުން އެއީ ދެވަނަ ސިޓިންގް ރޫމެއްހެން ޔުނާއަށް ހީވިއެވެ. ޔުނާ ވިސްނުމެއްގައި ހުއްޓާ މިވަގުތު ‘ސާރ’ ހުރީ އިންތިޒާރުގައި ކަމަށް އެ އަންހެން ކުއްޖާ ބުނެލިއެވެ. ހަމަހޭވެރިކަމެއް ލިބުނު ޔުނާ އެ އަންހެން ކުއްޖާއަށް ބަލައިލަމުން ބޯޖަހާލިއެވެ. އެއަށްފަހު ފުން ނޭވައެއް އެތެރެއަށް ލަމުން އެ ދޮރާއި ދިމާލަށް ހިނގައިގަތީ ހިސާބަކަށް ފިނިވެފައި ހުރެއެވެ. އޭނަ މި ބައްދަލުކުރަން އުޅޭ މީހެއްގެ ހައިސިއްޔަތާއިމެދު ވިސްނަމުންނެވެ.
ޔުނާ ހީކުރި ފަދައިން އެ ދޮރުން އެތެރެއަށް ވަނުމާއި އެކީހެން ވެސް ފެނިގެން ދިޔައީ ސިޓިންގް ރޫމެއްގެ ޒާތަށް ހުރި ތަނަކަށެވެ. ތިރީ ބަޔާއި އެތަނާއި ހުރި ތަފާތަކީ ބިންމަތީގައި އޮމާން ކުރެވިފައިވާ ފިލާ އެޅިފައިވުމެވެ. އަދި އެ ތަނަވަސް ކޮޓަރީގެ ވަށައިގެން ސާފު ބިއްލޫރި ކުޑަދޮރުތައް ހުރި ގޮތުން ބޭރުން ފަރުބަދަތައް ފެންނަމުން ދިޔަ ގޮތެވެ.
ތަނުގެ ބޮޑުކަމާއި ފެންނަމުން ދިޔަ މަންޒަރުތަކުގެ ސަބަބުން އެތާނގައި ބަޔަކު ތިބިކަން ވެސް ޔުނާއަށް ފާހަގައެއް ނުވިއެވެ. އެހެނަސް ވަކި ހިސާބަކަށް ދެވުމުން އެތާ ބެހެއްޓިފައިހުރި ދިގު ސޯފާއެއްގައި އިށީނދެގެން އިން ފިރިހެނަކު ފެނިފައި ޔުނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ފިރިހެން މީހާގެ ފަހަތުގައި ހުއްޓިގެން ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ދެ ފިރިހެނުން ތިއްބެވެ. އެމީހުން ތިބި ގޮތުން އެއީ ހަށިފާރަވެރިންކަން ޔުނާއަށް ނަގައިގަނެވުނެވެ.
ޔުނާ އެ ހުރި ގޮތަށް ހުއްޓާ އަތުގައި ހުރި ތަށްޓަކުން އެއްޗެއް ބޮމުން ދިޔަ އެ ފިރިހެން މީހާއަށް އެއްލި ކަޅިއަކުން ޔުނާ ފެނުނެވެ. އޭގެ ދެވަނަ ސިކުންތުގައި އެމީހާ ވާހަކަ ދެއްކިއެވެ.
“އަނހަ މަންޖެ! ކީއްވެ ދުރުގަ މަޑުކޮށްގެން ތި ހުންނަނީ؟ އަވަހަށް އާދެ މިކޮޅަށް….” އެމީހާ ދިވެހި ބަހުން ވާހަކަ ދެއްކިއެވެ. އެއާއިއެކު ޔުނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ޖެހިލުންވުމަކާއެކީ ކުރިއަށް ހިނގަން ފެށިއެވެ. އެމީހާއާއި ގާތްވަމުން ދިޔަދިޔަހެން އެ ސޫރަ ޔުނާއަށް ސާފުވަމުން ދިޔައެވެ. އެއީ ބިޔަ ހަށިގަނޑެއްގެ ވެރިއަކެވެ. ބޮލުގައި އޮތް ފަން އިސްތަށިގަނޑުގައި އެއްވެސް ނުރައެއް ނެތް ގޮތުން އެ އިސްތަށިގަނޑުވަނީ ކަޅުކުރެވިފައިކަން ޔުނާއަށް ޔަޤީންވިއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ފަޓުލޫނެއްގައި ހުރި އެމީހާ އިނީ އެއްފައިގެ ފަލަމަސްގަނޑުގެ މައްޗަށް އަނެއްފައި އަރުވައިގެންނެވެ. ކުރިމައްޗަށް ގޮސް ހުއްޓިލެވުނު ވަގުތު ވެސް އެއީ ކާކުކަން ދެނެގަތުމުގައި ޔުނާ ނާކާމިޔާބުވިއެވެ. އޭނަ ހީކުރީ އޭނައަށް ފެނިގެން ދާނީ ޓީވީއިން ފެންނަ ސިޔާސީ މީހުންގެ ތެރެއިން މީހަކު ކަމަށެވެ.
އެއީ ކާކުކަން ނޭނގުނަސް ކީއްވެކަމެއް ނޭނގެއެވެ. އެ ސޫރަ ފެނިފައި އެއީ ޔުނާ ދަންނަ ކޮންމެވެސް މީހަކާއި ވައްތަރު މީހެއްކަން އޭނައަށް އެނގުންވިއެވެ. އެ ގަދަ ބުމައާއި ހަތަރެސްކަން ބައްޓަމަށް ހުރި މޫނު ޔުނާއަށް ކޮންމެވެސް އެހެން މީހެއްގެ މަތިން ހަނދާން ކޮށްދިނެވެ. އެހެނަސް ވައްތަރުވަނީ ކާކާއިކަން ދެނެގަތުމަށް އެ ވަގުތު ނުކުޅެދުނެވެ.
“މަންޖެ ތިއައީ ބޭބެ އިންޓަވިއުކުރަންދޯ؟ އަވަހަށް އިށީނދެލާ! ވަރަށް އުފާވޭ ތި ކަހަލަ މޮޅެތި ދިވެހި ކުދިން މި ޤައުމުން ފެނުނީމަ….” އެމީހާ ހިނިތުންވުމާކާއެކީ އޭނަގެ ކުރިމަތީގައި ވަކިން ހުރި ސޯފާއަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. ޔުނާ ޖެހިލުންވުމަކާއެކީ ދެންވެސް ވަށައިގެން ނަޒަރެއް ދެމުން ސޯފާގައި އިށީނެވެ. އެ ދިން ނަޒަރުގައި އެއްފަރާތުން ފެނުނު ފާރުގައި ހަރުކުރެވިފައިވި ފިލާތަކުގައި ހައްތަހާވެސް އެކި ޒާތުގެ ފުޅިތައް ހުރި ގޮތުން ޔުނާ އާގަމަވިއެވެ. އެހެނަސް ޔުނާ އަވަސްއަވަހަށް ނަޒަރު ބަދަލުކޮށްލަމުން އޭނަގެ އަތްދަބަސް ހުޅުވާލީ އޭގެ ތެރެއިން ފޯނު ނެގުމަށެވެ. ޔުނާ ނުތަނަވަސްވެފައިވި މިންވަރު ޔުނާއަށް އެނގުންވީ ދަބަސް ތެރެއިން ފޯނު ނެގިއިރު އެ އަތުގައި ތުރުތުރެއް އެކުލެވިފައި ވުމުންނެވެ. އޭނަގެ ހިތް އަވަސްވެފައިވި މިންވަރު ވެސް ފާހަގަވީ އެވަގުތެވެ. އެހެނަސް ޔުނާ ފަހަތަށް ޖެހުމެއް ނެތި އެމީހާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“އަޅުގަނޑު އިންޓަވިއު ފަށަން ފޯނުން ރެކޯޑިންގްއެއް ޖައްސާނަން. މި ރެކޯޑިންގް އެހެން މީހަކަށް ނުއިއްވޭނެކަމުގަ ޔަޤީންކަން އަރުވަން.” ޔުނާ އެހެން ބުނެލަމުން އޭނަގެ ފޯނުން ވޮއިސް ރެކޯޑާރ ހުޅުވުމަށްފަހު ރެކޯޑަށް ޖައްސަމުން ފޯނު ކުރިމަތީގައި ހުރި އޮމާން ކަޅު މޭޒުމަތީގައި ބޭއްވިއެވެ. އެމީހާ އޭނަގެ އަތުގައި ހުރި ތަށި ހުސްކުރުމަށްފަހު އެ ތަށިވެސް މޭޒުމަތީގައި ބެހެއްޓީ އެވަގުތެވެ. ޔުނާއަށް އެ ބުއިމުގެ ވަސް ރަނގަޅަށް ލިބުނު ވަގުތަކީ އެއީއެވެ. އިސާހިތަކު ތެދުވެގެން ދާން ހިތަށްއެރިއެއްކަމަކު ކުރަން އައިކަން ވެސް ފުރިހަމަ ކުރަން ބޭނުންވިއެވެ. އެމީހާ ފަށާށޭ ބުނަމުން ފަހަތުގައި ހުރި ހަށިފާރަވެރިއަކަށް ކޮށްލި ޢިޝާރާތަކާއެކީ އެ ހަށިފާރަވެރިޔާ އައިސް މޭޒުމަތީގައި ހުރި ހުސް ތަށި ނަގައިގެން އެއްފަރާތަކަށް ދިޔައެވެ.
“ފް….ފުރަތަމަ އަޅުގަނޑުގެ ތަޢާރަފެއް އަޅުގަނޑު ދޭނަން. އަޅުގަނޑުގެ ނަމަކީ ޢައިޝަތު ޔުނާ ޚަލީލް. އަޅު….” ޔުނާގެ ވާހަކަ މެދުކެނޑުނެވެ.
“މަށަށް ނޭނގޭ ކަމަށްތަ ތި ނަން ކިޔައިދެނީ؟” އެ މީހާ ސޯފާގައި ދެ އަތް އަޅުވައިގެން ހެވިފައި އިނދެ ސުވާލުކުރިއެވެ. އެ ސުވާލާއެކީ ޔުނާގެ ދެ ބުމަ ކައިރިވިއެވެ. ޔުނާއަށް ވީ ގޮތް ފެނިފައި އެ މީހާ މަލާމާތުގެ ޒާތަށް ހީލިއެވެ. އެ ވަގުތު ތަށި ހިފައިގެން ދިޔަ ހަށިފާރަވެރިޔާ އަނެއްކާވެސް އައިސް ފުރިފައި ހުރި ތަށްޓެއް މޭޒުމަތީގައި ބެހެއްޓިއެވެ.
“މަންޖެ ތި ހީކުރާ ވަރަށްވުރެ އަހަރުމެން ދެމީހުން ގާތޭ. މަގޭ ނަން ބުނީމަ ފަހަރެއްގަ މަންޖެއަށް ވެސް އެނގިދާނެ. ނަމަކީ ޢަބްދު ﷲ ޙަމީދު…” އެމީހާ ފައި ތިރިކޮށްލަމުން ޔުނާއާއިވީ ފަރާތަށް ކުޑަކޮށް ލެނބެމުން ޔުނާއާއި ހަތަރުކަޅި ހަމަކުރަމުން ބުނެލިއެވެ.
އެ ނަން އިވުމާއި އެކުހެން ޔުނާ ގަނޑުވެގެން ދިޔައީ އެމީހާ ވައްތަރީ ކާކާއިކަން ޔަޤީންވެގެން ދިޔުމުންނެވެ. ޔުނާގެ ހަނދާނަށް އަންނަން ފެށީ ޒިހާނާއި އޭނަގެ ކައިވެނި ކުރެވުނު ދުވަހެވެ. ޒިހާންގެ ފުރިހަމަ ނަން ޔުނާއަށް އިވުނު ފުރަތަމަ އަދި ފަހު ދުވަހަކީ ވެސް އެއީއެވެ. އެދުވަހުއްސުރެ ޒިހާންގެ ބައްޕަގެ ނަން ޔުނާގެ ސިކުނޑީގައިވިއެވެ. ޒައިނާ މާޒީގެ ވާހަކަތައް ކިޔައިދޭ އިރު ވެސް ޔުނާއަށް ޚިޔާލުކުރެވެމުން ދިޔައީ އެ ނަމުގެ ވެރިޔާއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ވަނިކޮށް އެމީހާ ދެވަނަ ފަހަރަށް ވެސް ހީލަމުން އޭނަގެ ކުރިމަތީގައި ހުރި ތަށި ނަގަން އެ ތަށީގައި ހިފާލިއެވެ. ޙަމީދުގެ ކަށި އިނގިލީގައި އެޅުވިފައިވި އަނގޮޓި ޔުނާއަށް ފާހަގަވީ އެ ވަގުތެވެ. ބޮލުގެ ނާށިގަނޑެއްގެ ބައްޓަމެއް ހުރި ރިހިކުލައިގެ އެ އަނގޮޓި ފެނިފައި ޔުނާގެ މެއަށް ފިނިވިއެވެ.
ނުނިމޭ