Hiyaa (Part 34)
ޔުނާގެ ފަރާތުން އައި ފަހު މެސެޖު ފެނިފައި ޒިހާނަށް ވެސް ހިނިތުންވެލެވުނީ ޔުނާއާއި ދާދި އެއްގޮތަކަށެވެ. އެ ‘ހިތަކީ’ ޔުނާގެ ފަރާތުން އޭނައަށް ލިބުނު އެފަދަ ފުރަތަމަ މެސެޖެވެ. ޙަޤީޤަތުގައި އޭނަ ލޯބިވާކަމަށް ބުނެ މެސެޖެއް ފޮނުވީ ވަކި ޖަވާބަކަށް އުއްމީދު ކުރުމެއްނެތިއެވެ. އޭނަ ޔުނާ ގާތު ވަޢުދުވީ ފަދައިން ޔުނާއަށް ވަގުތު ދޭން ނިންމައިގެން ހުރީތީވެއެވެ. މިއަދު ޔުނާގެ ފަރާތުން މިއަދު ޖަވާބު އެ އައި ގޮތުންނާއި ރޭ ޔުނާ އޭނަގެ ގައިގައި ބައްދާލައިގެން ވާހަކަ ދެއްކި ގޮތުން އޭނަ އިންތިޒާރު މާ ދިގެއް ނުވާނެހެން ޒިހާނަށް ހީވާން ފެށިއެވެ.
އެ ހީވި ހީވުމާއެކީ އޭނަ އެވަގުތު އެތަނެއްގެ ކައިރީގައި ހުރި މާ ފިހާރައަކަށް ވަންނަން ޒިހާން ދިމާކުރިއެވެ. ހަމަ އެވަގުތު އޭނަގެ ފަހަތުން އައި މީހަކު އައި އޭނަގެ ކޮނޑުގައި އަތް އަޅާލުމުން ޒިހާނަށް ފިޔަވަޅުތައް މަޑު ޖައްސާލަމުން ފަހަތް ބަލައިލެވުނެވެ.
ޒިހާންގެ ފަހަތުގައި ހުއްޓިހުރީ އޮރެންޖް ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި ޒިހާނާއި ދާދި އެއް އިސްކޮޅެއްގެ ޒުވާނެކެވެ. ކަނދުރައާއި ހަމައަށް އޮތް އިސްތަށިގަނޑުގައި ގަދަ މުށިކުލައެއް ޖެއްސިފައިވީއިރު އަޅި ކުލައިގެ ލެންސެއް ލެއްވިފައިވި އެ ޒުވާނާގެ ސޫރައަކީ ޒިހާނަށް ބީރައްޓެހި ސޫރައެކެވެ. ޒުވާނާ އޭނައާއި ހިނިތުންވެލުމުން ޙައިރާންކަން އެކުލެވިފައިވި ގޮތަކަށް ހިނިތުންވެލެވުނީ އެހެންވެއެވެ.
“ހަމަ ޒިހާންއޭދޯ މިއީ؟ ފަހަތުން ފެނިފަ ހީވެގެން ކޮނޑުގަ މި އަތް އެޅީ. ކޮން ދުވަހަކު މިކޮޅަށް އައީ؟” ޒުވާނާ ހަމަ އެ ހިނިތުންވުމުގައި ހުރެ ސުވާލުކުރިއެވެ.
“ތިއީ އަހަރެން ދަންނަ މީހެއްތަ؟” ޒިހާން އޭނަގެ ހިނިތުންވުން ދަމަހައްޓަން މަސައްކަތް ކުރަމުން އެހިއެވެ.
“އުނހު…..ޒިހާނަށް ނޭނގި ހިނގައިދާނެ. އެކަމަކު އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ޒިހާން…” ޒުވާނާ އެ ފަހު ޖުމްލަ ބުނެލިއިރު އޭނަގެ ކަތުރުކަށިގަނޑަށް ބާރުވެ އެ ލޯމަތިން ނުރުހުންތެރިކަން ފާޅުވިކަން ޒިހާނަށް ރަނގަޅަށް ފާހަގަވިއެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ޒުވާނާ އަނެއްކާވެސް ހިނިތުންވުން ފުރިހަމަ ކުރިއެވެ.
“ހިނގާދޯ މިތާ ކައިރީގަ ހުރި ކެފޭއަކަށް ޖައްސާލަން؟ އޭރުން ދެމީހުންނަށް ކުޑަކޮށް ތަޢާރަފުވެ ވާހަކަ ދެއްކިދާނެއެއްނު؟” ޒުވާނާ މަގުގެ އަނެއް ފަރާތަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. ޒިހާން ހިނިތުންވުމަކާއެކީ ބޯޖަހާލަމުން އެއްބަސްވީ އެ ޒުވާނާ ދެނެގަންނަން ބޭނުންވި މިންވަރުންނެވެ. އަދި އެ ޒުވާނާގެ މަޤްޞަދުވެސް އޭނައަށް ފަހުމްވުން މުހިއްމުކަމަށް އޭނަ ދެކުނީތީވެއެވެ.
ކެފޭގެ ތެރެއަށް ވަދެގެން ގޮސް ޒިހާން އެ ޒުވާނާއާއި އެކީގައި މޭޒެއްގެ ދޮށުގައި އިށީނެވެ. ޒުވާނާ އޭނަ ބޭނުންވާ އެއްޗެއްސަށް އޯޑަރު ދެމުން ޒިހާން ގާތު އެއްޗެއް ބޭނުންތޯ އަހައިލީ ތިމަންނަ ލާރި ދޭނަމޭ ބުނަމުންނެވެ. އެހެނަސް ޒިހާން ރަނގަޅަށް ސައިބޮއިގެން ހުރީތީ އެވަގުތު އެއްޗެއް ބޭނުމެއް ނުވުމުން އެކަމަށް އިންކާރު ކުރިއެވެ. ވެއިޓަރު އޯޑަރު ނެގުމަށްފަހު ދިޔުމާއިއެކުހެން އެ ޒުވާނާ ވާހަކަ ދެއްކިއެވެ.
“ސޯ…..ޒިހާން ތީ ސިފައިންގެ މީހެއްދޯ؟ ކިހިނެއް ކަންތައް ކުރިއަށް ދަނީ؟” ޒުވާނާ އެހިއެވެ.
“ކިހިނެއް އަހަންނާ ބެހޭގޮތުން ތިހާވަރަށް އެނގެނީ؟” ޒިހާނަށް ތަކުރާރުކޮށް އެއްޒާތެއްގެ ސުވާލެއް ކުރެވުނެވެ.
“ކިހިނެއް ނޭނގި ދާނީ؟ މީގެ 3 އަހަރު ކުރިން މާލޭ ކަނޑުން ދަތުރުކުރަމުން ދިޔަ ބޯޓެއްގެ ތެރެއިން އެންމެ އިސްކޮށް އުޅުނީ ކޯރޕްރަލް ޒިހާންއާ ސާރޖެންޓް ޔަޒްދާން ވިއްޔާ….އެ އޮޕަރޭޝަންގެ ތެރެއިން ކަނޑަށް ވައްޓާލެވުނު 49 އަހަރުގެ އަންހެނަކާ 11 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ދިޔައީދޯ؟ އެންމެން އެ ވާހަކަ ހަނދާން ނައްތާލިއިރު ވެސް އަހަންނަށް ހަނދާން ނައްތާ ނުލެވުނު ވާހަކައެއް އެއީ….” ޒުވާނާ އެހެން ބުނެލިއިރު އެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ. އެ އިވިގެން ދިޔަ ވާހަކައިންނާއި ޒުވާނާއަށް ވީގޮތުން ޒިހާންގެ ނިތުން ރޫތައް ފިލައިގެން ދިޔައެވެ.
**
ޔުނާގެ ކުރިމަތީގައި އިން ޙަމީދު އޭނަ ހިފި ތަށި ނަގައި އެ ތަށިން ކޯވަރެއް ދަމަމުން އަނެއްކާވެސް ސޯފާއަށް ލެނގިލިއެވެ.
“އާގަމަވެއްޖެދޯ މިއީ ތިކުއްޖާގެ ބަފައިބެކަން އެނގުނީމަ؟ ހެހެ….އަހަރެން ޙައިރާނެއް ނުވޭ އިނގޭ…އެހެންތާ ވާނީވެސް ޤަބޫލުކުރަން ދަތި ސިފަތައް ގިނަ މީހަކާ ދިމާވީމަ….ޒިހާން ކޮބައިތަ؟” ޙަމީދު ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ.
ޙަމީދުގެ އެ ފަހު ސުވާލުން ޔުނާގެ ބުމަގޮށްޖެހުނެވެ. ޔުނާގެ ހަނދާނަށް އައީ ޒިހާންގެ ނޭވާ ކުރުވެގެން ދިޔަ ދުވަސްތަކެވެ. ޒިހާންގެ އެ ޙާލަތުގެ ފަހަތުގައި ވަނީ ޒިހާންގެ ބައްޕަކަމަށް ޒައިނާ ބުނެލި ދުވަހެވެ. ވީއިރު….
“ޒިހާނަށް ޖެއްސި ޙާލަތެއް ޖެއްސުމަށްފަހު ތި ސުވާލުކުރަން ކެރެނީ ކިހިނެއް؟” ޔުނާ ހިތުތެރޭގައި އުތުރި އަރަމުން ދިޔަ ނަފްރަތާއި އެކީ ސުވާލުކުރިއެވެ. ހަމަ އެހިނދު ޙަމީދު އަނެއްކާވެސް ދެން ހުރި ހަށިފާރަވެރިޔާއަށް ޢިޝާރާތް ކުރިއެވެ. އެއާއިއެކު އެމީހާ ސޯފާގެ ވަށައިގެން ހިނގާފައި ގޮސް މޭޒުމަތީގައި އޮތް ޔުނާގެ ފޯނު ނެގިއެވެ. ޔުނާއަށް ތެޅިގަނެވެން އުޅެނިކޮށް ޙަމީދު ވާހަކަ ދެއްކިއެވެ.
“މި ދެކެވެން އުޅެނީ ރެކޯޑުވާންޖެހޭ ވާހަކައެއް ނޫން ކަންނޭނގެދޯ؟ އޭތި ނަގާލެވުނީމަ އަހަރެން ވެސް ޖަވާބު ދޭނަން. އަހަރެން ވެސް ވަކި ޤަޞްދުގައެއް ނޫނޭ ޒިހާނަށް އަނިޔާކުރީ. ޒިހާން އަހަންނަށް މަޖުބޫރު ކުރުވީ އަނިޔާ ކުރަން. މަގޭ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއި މަގޭ މިޒާޖު ތަފާތުވީމަ މަވެސް ހާދަ ހިތާމައެއް ކުރަމޭ. މަ ބޭނުންވަނީ ލާރި…..ލާރިއާއެކީ މި ދިރިއުޅުމުގެ މަޖާ ނަގަން މަ ބޭނުންވަނީ. އެކަމަކު ޒިހާންގެ މަންމައާހެދި ޒިހާން މަ ކުރާ ކަންތަކާއި ދެކޮޅު ހެދީ. ކުޑައިރު ފުލުހުންނަށް ގުޅާފަ އަމިއްލަ ބައްޕަ ރިޕޯޓު ކުރީއޭ! ދެން މަ ކިހާ ރުޅިއެއް އަންނާނޭ؟ އަދި އެހާ ހިސާބުން ހުއްޓާލީއެއް ވެސް ނޫނޭ. އަމިއްލަ ފައިމައްޗަށް ތެދުވެ ސިފައިންގެއަށް ވަދެގެން ބޮޑު އޮޕަރޭޝަނެއް ހިންގީ އަމިއްލަ ބައްޕަ ހައްޔަރުކުރަން!!!” ޙަމީދު ހިސާބެއްގެ ރުޅިވެރިކަމާއެކީ ކިޔައިދިން ވާހަކައިން ޔުނާގެ ގައިން ހީބިހި ނެގިއެވެ.
**
“ތީނަ ދަންނަ ދެމައިންތަ އެއީ؟” ޒިހާނަށް އަހައިލެވުނެވެ. އެއާއިއެކު ޒުވާނާ އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.
“ފަހަރެއްގަ އެނގިވެސްދާނެދޯ؟ އަހަރެން މިއީ މާލޭ މީހެއްވިއްޔާ! ކުޑަކޮށް އިމޯޝަނަލްވޭ އެކަހަލަ ވާހަކަތައް އިވުނީމަ. ހެހެ….ދެން އެ ވާހަކަ ބާއްވާފަ މި ވާހަކަ ބުނެބަލަ! ކޮބާ ޒިހާންގެ ވައިފް ޔުނާ؟ ޔުނާ އެއީ އަހަންނާ އެކީގަ ކިޔެވި ކުއްޖެކޭ….ސޯ ހޮޓް ޝީ އިޒް ދޯ؟” އެ ޒުވާނާ ހެވިފައިހުރެ މިފަހަރު ވާހަކަ އަނބުރާލި ގޮތުން އިސާހިތަކު ޒިހާން ދެންމެ ދެކެވުނު ވާހަކައިގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. ޔުނާއާއި ބެހޭގޮތުން އެހެން ފިރިހެނެއްގެ ދުލުން އިވުނު ޖުމްލައިން އޭނަގެ ކަތުރުކަށިގަނޑަށް ބާރުވެ މޭޒުމަތީގައި ބޭއްވިފައި އޮތް އަތް ގޮށްމުއްކެވުނެވެ.
**
“ދެން ޔުނާ ވެސް ބުނެބަލަ ނަފްސާނީ ގޮތުން އަހަންނަށް ކިހާ އަސަރެއް ކުރާނެ އެގޮތަށް ކަންތައްވީމަ؟ ނަފްސާނީ ގޮތުން ނޭދެވޭ އަސަރު ކުރީމަ މީހާއަށް ގޯސް ކަންތައް ކުރެވޭނެކަން ޔުނާއަށް ވެސް އެނގެއެއްނު؟” ޙަމީދު ނުހަނު ދެރަވާ ކަމަށް ހެދެމުން ވާހަކަ ދެއްކިއެވެ.
“ތި ސުވާލު މީގެ މަސްތަކެއް ކުރިން އަޅުގަނޑާއި ކުރެވުނު ނަމަ އަޅުގަނޑު ތި ވާހަކައާއި އެއްބަސްވީމުސް. ޒިހާނާއި ބައްދަލުވިފަހުން އަޅުގަނޑުގެ މުޅި ނަޒަރިއްޔާތު ބަދަލުވެގެން ގޮއްސި. ދިމާވާ ކަންތައްތަކެއްގެ ސަބަބުން ގޯސް ކަންތަކެއް ކުރެވެންޏާ އެންމެ ގޯސް މީހަކަށް ވާންޖެހެނީ ޒިހާން. އެމީހެއްގެ ނޭދެވޭ އިޙްސާސްތަކެއްގެ ސަބަބުން މުޅި ދުނިޔެއަށް ރުޅިވާން ވަކި ނުޖެހޭނެކަން ޒިހާން އެހެރީ ސާބިތުކޮށްދީފަ. ޒިހާންގެ ހިތުގަ ހުރި އީމާންތެރިކަމެއްގެ ސަބަބުން އެހެން އެވީ…ހުރިހާ ޙާލަތެއްގައި ވެސް ﷲ އަށް ޝުކުރުވެރިވާ އަޅަކު ހަމަ ގައިމުވެސް ދިމާވާ ކަންތަކެއްގެ ސަބަބުން އެހެން މީހުންނަށް އަނިޔާއެއް ނުކުރާނެ…” ޔުނާއަށް ބުނެވުނެވެ. އޭނައަށް ވާހަކަ ދެކެވެމުން ދިޔަ ގޮތާއިމެދު ޚުދު އޭނައަށް ވެސް އިނދެވުނީ ޙައިރާންވެފައެވެ. އެހެނަސް އޭނައަށް ދެކެވެމުން އެ ދަނީ ޒިހާން އޭނަ ގާތު ދެއްކި ވާހަކަތަކެއްކަން އެނގުންވީ ހިނދު އޭނައަށް ޒިހާނާއިމެދު ވިސްނޭ މިންވަރު އެނގުންވިއެވެ.
“އީމާންތެރިކަމޭ؟ ޔުނާ ވެސް އެ ވާހަކަތަކުގެ އަވައިގަ ޖެހުނީތަ؟ ގައިމު ނުލާހިކު މިނިވަން ޚިޔާލެއް ގެންގުޅުނު ކުއްޖެއް ތިއީ މިކޮޅުގަ ޖިނާހާއި އެކީ އުޅުނުއިރު….” ޙަމީދު ބުންޏެވެ.
“ޖިނާހޭ؟!” ޔުނާއަށް ޙައިރާންކަމާއެކީ އެ ނަން ކިޔާލެވުނެވެ.
**
“އައްދެ! ރުޅި އައީތަ؟ އަސްލު ރުޅި އަންނަންވީ އަހަރެންދޯ؟ އަހަންނާ ރަނގަޅަށް ވަކި ނުވެ ހުއްޓާ ޒިހާން ވިއްޔާ ޔުނާއާ އިނީ. ރަނގަޅަށްވިއްޔާ އަދިވެސް ޔުނާ އަހަރެން މަތިން ހަނދާނެއް ނުނެތޭނެ. އަހަންނަށް ކިޔަނީ ޖިނާހު ވިއްޔާ!” ޖިނާހު އެއްބުމަ އަރުވާލަމުން އޭނަގެ ނަން ހާމަކުރިއެވެ. އެއާއިއެކު ޒިހާންގެ ރުޅިވެރިކަމުގެ އަލިފާން އިތުރަށް ހޫނުވުން ނޫންކަމެއް ނުވިއެވެ.
“ޚަބަރުދާރު ޔުނާގެ ނަން ވެސް ތި ދުލުން ކިޔުނިއްޔާ! ލަދެއް ނުގަނޭތަ ޔުނާއަށް އެހާ ދެރަ ދީފަހުރެ ޔުނާގެ ވާހަކަ ދައްކަން؟!” ޒިހާނަށް ދަތްކުނޑިވިކަމުން ވާހަކަ ދެކެވުނެވެ.
“ޓު ބީ ފްރޭންކް ލަދެއް ނުގަނޭ. ކީއްވެ މަ ލަދުގަންނަންވީ؟ އެއީ މަށާއެކީ 4 އަހަރު ވަންދެން އުޅުނު ލޯބިވެރިޔާއޭ! އަސްލު ޔުނާ އަދިވެސް ލޯބިވާނީ އަހަރެން ދެކެ. ގަދަކަމުން ޔުނާ ޒިހާނާއި އިނީ. ހަމައެކަނި ދޮންބެގެ އެދުން ފުރިހަމަ ކުރުމަށް. މަށަށް ޔަޤީން ޔުނާ އަދި އަދާއި ހަމައަށް ވެސް ހިތުން ރުހުމުން ޒިހާނާއި ކައިރިވެފަ ވެސް ނުވާނެކަން. ޒިހާން ގަދަކަމުން އެކަން ކުރިއްޔާ ވެފަ ހުންނާނީ. އެއީ އެކަހަލަ ބޯ ހަރު އަންހެނެއް. ކިހާ ދުވަހެއް ވަންދެންބާ އެހެން އުޅެމުން މި ކައިވެނި ދެމި އޮންނާނީ؟” ޖިނާހު މަލާމާތުގެ ޒާތަށް ސުވާލުކުރިއެވެ. އެ ހިނދު އައިސްފައިވި ރުޅީގައި ޒިހާންގެ މުޅި ހަށިގަނޑުގައި ތުރުތުރެއް އެކުލެވިގެން ދިޔައެވެ.
**
“އާނ ޖިނާހު! ދެން ކާކު؟ ޔުނާގެ ފުރަތަމަ ލޯބިވެރިޔާ! އަސްލު ތެދުތެދަށް ބުނަންޏާ މަގޭ ދަރިއަށްވުރެ ޔުނާއާއި ޖިނާހު މާ ބޮޑަށް ގުޅޭ! ޒިހާން ކަހަލަ ދީނަކާއިގެން އުޅޭ ފިނޑި މީހެއްނޫން ޖިނާހަކީ. ޖިނާހު ކިހާ ލޯބިން ޔުނާ ގެންގުޅުނީ މިކޮޅުގަ. ޒިހާނަށް އެންމެ ކުޑަމިނުން ރައްޓެހިވާކަށް ވެސް ނުކެރުނު. މަންމަމެން ކައިރި ވާހަކަ ދައްކައިގެން ސީދާ ޔުނާއާއި އިންނަން ނިންމީ ވެސް އަމިއްލައަށް އިސްނަގަން ނުކެރޭތީ! ރަނގަޅަށް ވިއްޔާ ކައިވެނީގެ ގުޅުން ހިންގަން ވެސް ޖެހިލުންވެފަ ޒިހާން ހުންނާނީ….އެހެން ނޫނަސް ކިހާ ދުވަހެއް ވަންދެން ޖިނާހުދެކެ ލޯބިވާއިރު ޔުނާއަށް ޒިހާނާއެކީ އުޅެވޭނީ؟” ޙަމީދު ބުންޏެވެ. ޙަމީދު ދައްކަމުން ދިޔަ ވާހަކަތައް އަޑު އަހަމުން ދިޔަ ޔުނާ އެތައް ފަހަރެއްގެ މަތިން އެ ވާހަކަ މެދުކަނޑާލަން ހިތަށްއެރިއެވެ. އެގޮތަށް ނެހެދުނު ކޮންމެ ފަހަރެއްގެ މަތިން އޭނަގެ ހިތުތެރޭގައި އުފެދެމުން ދިޔަ ރުޅިވެރިކަން ދެގުނަ ވަމުން ދިޔައެވެ. އެންމެ ފަހުން ޙަމީދު ކޮށްލި ފަހު ސުވާލާއެކީ ޔުނާ ހުއްޓުން އަރާ ގޮތްވީ ކަމެއް އެނގުންވުމުންނެވެ. ‘ޖިނާހުދެކެ ލޯބިވާއިރު’ އޭ ބުނެލި ހިނދު އެއީ ތެދެއްތޯ އޭނަގެ ސިކުނޑި ސުވާލުކުރިއެވެ. ހަމަ އެހިނދު ޖިނާހުގެ ނަމުން ވެސް އޭނަގެ ހިތަށް އަސަރެއް ނުކުރުމުން ޔުނާއަށް ނޭނގުމެއްގެ ތެރެއިން ހީލެވުނެވެ. އެއާއިއެކު ޔުނާގެ ކުރިމަތީގައި އިން ޙަމީދުގެ ދެ ބުމަ ކައިރިވިއެވެ.
“އަޅުގަނޑު ލޯބިވަނީ ކާކު ދެކެކަން އެންމެ ބޮޑަށް އެނގޭނީ އަޅުގަނޑަށް ކަންނޭނގެ ދޯ ބޭބެ……ޒިހާނާއި ބެހޭގޮތުން ބޭބެ ދެއްކި ވާހަކަތައް ވެސް އަހަންނަށް ޤަބޫލުކުރެވޭ ގޮތެއް ނުވޭ. ޒިހާނަކީ ފިނޑިއެއްނޫން. ފިނޑި މީހަކީ ޖިނާހު. ކައިވެންޏެއްގެ ގުޅުމަކަށްދާން އިސްނަގަން ނުކެރުނީ ޖިނާހަށް. އަމިއްލަ ލޯބިވެރިޔާދެކެ ލޯބިވާކަން އަންގައިދޭން ނުޖެހޭހެން ހީވީ އަމިއްލަ އެދުންބޮޑުވެ ކިބުރުވެރިވީ ޖިނާހަށް. ޒިހާން އަޅުގަނޑާއި ރައްޓެހިނުވީ ޒިހާންގެ އަބުރުވެރިކަމުގެ ސަބަބުން. އަދި އަޅުގަނޑުގެ އިޙްސާސްތަކާއިމެދު ވެސް ވިސްނާލީތީއޭ އަޅުގަނޑު ބުނާނީ. ޖިނާހާއި ވަކިވުމަށްފަހު އަޅުގަނޑު އެއްގޮތަކަށް ވެސް ބޭނުމެއްނުވި ޔަޤީންކަމެއް ނެތް ގުޅުމަކަށް ދާކަށް. ހިތަށް ހަމަޖެހުމެއް ލިބޭފަދަ ސާބިތުކަމެއް އޮތް ގުޅުމެއް އަހަންނަށް ހޯދައިދިނީ ޒިހާން. ޒިހާން އަހަންނާއި ދުރުގައި ހުރިއްޔާ ހުންނާނީ އަހަރެންގެ އިޙްސާސްތަކަށް ރިޢާޔަތް ކުރުމަށް. ޚުދު އަޅުގަނޑަކީ ވެސް އެހެން މީހުންގެ އިޙްސާސްތަކަށް ރިޢާޔަތްކޮށް އަޅުގަނޑު ލޯބިވާ މީހުންދެކެ ލޯބިވާކަން އަންގައިދޭ ހިތްވާ މީހެއް….ވީއިރު އަޅުގަނޑު ބޮޑަށް ގުޅެނީ ކާކާތޯ؟” ޔުނާ ޙަމީދަށް ގޮންޖަހާލުމުގެ ގޮތުން އަހައިލިއެވެ. ޔުނާ ދެއްކި ވާހަކަތަކުން ޙަމީދުގެ އަނގަ ސަކަރާތްވިއެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޙަމީދު އިންދާ ޔުނާ ސޯފާއިން ތެދުވެލިއެވެ.
“މިއަދު އިންޓަވިއު ކުރެވޭނެހެން އަޅުގަނޑަށް ހިއެއްނުވޭ. އެހެންވީމަ އަޅުގަނޑު ދެން ގޮސްލީ.” ޔުނާ އެހެން ބުނެލީ އޭނަގެ ފޯނު ނެގި ހަށިފާރަވެރިޔާ ކައިރިއަށް ދަމުންނެވެ. ޔުނާ އަތް ދިއްކޮށްލުމުން އެ މީހާ ޙަމީދަށް ބަލައިލިއެވެ. ޙަމީދު ބޮލުގެ ޢިޝާރާތުން އިޒުނަ ދިނުމުން އެމީހާ ޔުނާގެ ފޯނު ޔުނާގެ އަތަށް ލައިދިނެވެ. ފޯނު އަތް ދަބަހުގެ ތެރެއަށް ލަމުން ދާން ހިނގައިގަތް ޔުނާ އަދިވެސް އެއްފަހަރު މަޑުކޮށްލަމުން ޙަމީދަށް ފަސްއެނބުރި ބަލައިލިއެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ މިއަދު ދެކެވުނު ވާހަކަތަކަށްޓަކައި. މިއަދު އަޅުގަނޑަށް ޔަޤީންވެއްޖެ އަޅުގަނޑު ލޯބިވާންވީ މީހުންނާއި ލޯބި ނުވާންވީ މީހުން….” ޔުނާ ބުނެލިއެވެ. އެއާއިއެކު ޙަމީދުގެ ބުމަގޮށްޖެހުނެވެ. ޔުނާ އެއަށް ފަރުވާލެއް ނުދީ އެތަނުން ނިކުމެގެންދާން ފެށިއެވެ.
ޔުނާ އަވަސް ފިޔަވަޅުތަކެއްގައި އެ ގެއިން ނިކުމެގެން ދިޔަތަނާހެން ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ދުވެފައި ދިޔައެއްކަމަކު އެވަގުތު ބަނަވެފައިވި އުޑުން ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކާރާއި ހަމައަށް ދެވުނުއިރު ޔުނާ މުޅިން ތެމިފައިވިއެވެ. ކާރަށް އަރައި ޔުނާ ކާރު ސްޓާޓް ކޮށްލަމުން ދުއްވާލީ އޭނަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނަމުންނެވެ. އެ ވިސްނިވިސްނުމުގައި ޒިހާން މަތިން ހަނދާންވުމުން ވެސް ޔުނާއަށް ހިނިތުންވެލެވުނެވެ.
**
“ޔުނާ އަހަންނާއި ދުރުގަ ހުރިއްޔާ ހުންނާނީ ތީނަ ޔުނާއަށް ހެދިގޮތުން. ލޯބިވާން ޔުނާ ޖެހިލުންވަނީ ތިކަހަލަ މީހުންގެ ސަބަބުން. މީހުންނަށް އިތުބާރުކުރަން ވެސް ޔުނާ ޖެހިލުންވަނީ ތީނަ ކަންތައް ކުރިގޮތުން. އަދި ޔުނާ ލައްވާ ކީއްކުރުވަން ކަލޭ އުޅުނީ. ޔުނާގާތު ބުރުގާ ނަގާލާށޭ ބުނެގެން ކޮންކަމެއް ސާބިތުކޮށްދޭން އުޅުނީ؟ އެ ބަލިކަށި އަންހެން ކުއްޖާގެ މައްޗަށް ތިމާގެ ބާރު އޮތްކަންތަ؟ ނޫނީ އެ އަންހެން ކުއްޖާ ރީތީ ހަމަ ތިމާ ބުނާ ގޮތަށް ހުރީމަކަން އަންގައިދޭންތަ؟! ތިކަހަލަ ފިނޑިއަކާ އަހަރެން ދިމާވީ މިއަދު ފުރަތަމަ ފަހަރަށް!” ޒިހާން ރުޅިވެރިކަމާއެކީ ބުނެލިއެވެ.
“އާނ އާނ….މަށާއި ދިމާލަށް އެއްޗެހި ކިޔާފަ ހިތް ފުރާލާ. ޙަޤީޤަތް ބަދަލެއް ނުވާނެ ތިއަކުން. ޙަޤީޤަތަކީ ކަލޭ މިއަދު ޔުނާއާއި އިނދެގެން އުޅުނަސް ޔުނާ އަހަންނާއި ވަރަށް ގާތުން އުޅެފައިވާކަން. އަހަރެން މިއީ ކަލޭހެން އަންހެނުންނާއި ދުރުދުރުން އުޅޭ މީހެއްނޫން. ޔުނާ ހޮޓްއޭ އަހަރެން ބުނީ ސަބަބަ….” ޖިނާހުގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ޒިހާން ޖިނާހުގެ ގިރުވޯނުގައި ހިފައި ތެދުކުރުވަމުން އަމިއްލައަށް ވެސް ތެދުވެލިއެވެ. އެއަށްފަހު ދެވަނަ ވިސްނުމެއްނެތި ގޮށްމުއްކަވައި ޖިނާހުގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލިއެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ޖިނާހު ވެއްޓިގެން ގޮސް ބިންމަތީގައި ޖެހުނެވެ.
“ބުނިންދޯ ޔުނާގެ ނަންވެސް ތި ދުލުން ނުކިޔާށޭ! ޔުނާއާއި ބެހޭގޮތުން ތިކަހަލަ ކިތަންމެ އެއްޗެއް ކިޔުނަސް އަހަރެން ޤަބޫލެއް ނުކުރާނަން! ކަލޭ ޔުނާއާއެކީ 4 އަހަރު އުޅެފަ ހުރިއްޔާ 7 އަހަރު ވަންދެން އަހަންނަށް ޔުނާ ފެނިފަ ހުރީ. ޔުނާއަކީ އެފަދަ ހުތުރުކަމެއް ކުރާވަރަށްވުރެ އަޚްލާޤް ރަނގަޅު ކުއްޖެކަން އަހަންނަށް އެނގޭ!” ޒިހާން ސާބިތުކަމާއެކީ ބުނެލިއެވެ. އެހިނދު ބިންމަތީގައި އޮތް ޖިނާހު ތުންފަތް ކައިރިން ވެއްޓެން ފެށި ލޭ ފޮހެން ފެށިއިރު އިތުރަށް ރުޅި އައީ ޒިހާން އެ ބުނީ ތެދެއްކަން އެނގޭތީވެއެވެ. 4 އަހަރުވީއިރު ވެސް ޔުނާ އަތުގައި ހިފާލުން ނޫން ގޮތަކަށް އޭނައާއި ކައިރިވެފައެއް ނުވެއެވެ. އޭނަ އެކަމަށްޓަކައި އެތައް މަސައްކަތެއް ކުރުމުން ވެސްމެއެވެ.
ޒިހާން އިތުރު އެއްޗެކޭ ނުބުނެ ޖިނާހަށް ފަސްދީފައި ދާން ހިނގައިގަތީ ކެފޭ ތެރޭގައި ތިބި މީހުން އޭނައަށް ދެމުން ދިޔަ ނަޒަރުތަކާއިމެދު ވެސް އަޅާލުމެއް ނެތިއެވެ.
ކިތަންމެ މޫޑު ގޯސްވެފައިވިޔަސް ޒިހާން ކެފޭއިން ނިކުމެގެން ދިޔައީ އޭނަ އޭރު ވަންނަން އުޅުނު މާ ފިހާރައަށެވެ. ޔުނާ ގާތު އެ ވާހަކަ ބުނެވިފައިވުމުން ޔުނާ އެއަށް އުއްމީދުކޮށްގެން ހުންނާނެކަން ދަނެގެންނެވެ. އެ ފިހާރައިން މާތަކެއް ގަނުމަށްފަހު އެކި މާތަކުގެ ވަސްހުރި އުއްބައްތިތައް ވެސް ޒިހާން ގަތީ އެއީ ވެސް ޔުނާއަށް ކަމުދާ އެއްޗެއްކަން އެނގޭތީވެއެވެ.
ފައިމަގުގައި ގެއަށް ދިޔަ މަގުމަތީގައި އެ ހިސާބަށް ތުނިކޮށް ވާރޭ ވެހުމުން ޒިހާން ކޮންމެވެސް ވަރަކަށް ތެމުނެވެ. އެހެނަސް ޒިހާން އޭނަ ގަނެގެން ދިޔަ އެއްޗެއްސާއެކީ އެޕާޓްމެންޓަށް ވަދެ ހެދުން ބަދަލުކޮށްލިއެވެ. ގަނެގެން އައި ފިނިފެންމާ ބޮނޑިތައް ކޮޓަރީގެ އަރިމަތީ މޭޒުމަތީގައި ހުރި ވާސްގައި ޖަހާލުމަށްފަހު ޒިހާން އުއްބައްތިތައް ވެސް ރޯކުރަން އުޅުނެވެ. ޔުނާ ގެއަށް އައިސް އަރާމުކުރަން ވާއިރަށް ކޮޓަރީގައި އެ ވަސް ހުންނާނެ ހެންނެވެ. އެހެނަސް ޔުނާ ގެއަށް އަންނާނީ އަދި ފަހުންހެން ހީވީތީ ޔަޤީންކޮށްލަން ޒިހާން ޔުނާއަށް ގުޅިއެވެ. 5 މިނެޓް ތެރޭގައި ޔުނާ އެޕާޓްމެންޓަށް ފޯރާނެ ވާހަކަ އިވިފައި ޒިހާނަށް ޙައިރާންކަމެއް ލިބުނެވެ. ޔުނާއަށް އާދެވޭނީ ލަހުންކަމަށް އެދުވަހު ހެނދުނު ދިޔުމުގެ ކުރިން ބުނެފައިވީތީވެއެވެ. އެހެނަސް ޒިހާން އިތުރު ސުވާލެއް ކުރުމެއް ނެތި ފޯނު ބާއްވަމުން އުއްބައްތިތައް ރޯކުރަން ފެށިއެވެ.
އުޑުމަތި ބަނަވެ އަނެއްކާވެސް ވިއްސާރަވެގެން ދިޔުމުން ކޮޓަރި ތެރެއަށް ވެސް އަނދިރިކަން ވެރިވެފައިވިއެވެ. ދޮރުފޮތިތައް ކަހާލެވިފައިވިޔަސް ފުދޭ ވަރަކަށް އަނދިރިވުމުން ޒިހާން އެންމެ ފަހުން ދޮރުފޮތިތައް ދަމާލަމުން އިތުރު އުއްބައްތިތައް ރޯކުރަން ނިންމިއެވެ. ޔުނާ އަންނަންވާއިރަށް ކޮޓަރި އެގޮތަށް ހުރުމުން ‘ސަޕްރައިޒް’އަކަށް ފުދޭނެކަމަށް ޒިހާނަށް ނިންމުނެވެ.
މުޅިންހެން އަނދިރިކަން ވެރިވެފައިވި ކޮޓަރީގައި ޒިހާން ފަހު އުއްބައްތި އަލިކޮށްލަމުން ފާރު ކައިރީގައި ހުރި ކަބަޑެއްގެ މަތީގައި ބެހެއްޓި ވަގުތު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޒިހާން ބަލައިލިއިރު ތެމިފައިހުރި ޔުނާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަނީއެވެ.
“ހޭއި! ވާރޭގަ ޖެހުނީތަ؟ ކާރުގަ ނޫންތަ ތި އައީ؟” ޒިހާން ޔުނާގެ ކައިރިއަށް ދަމުން ސުވާލުކުރިއެވެ. ޒިހާން ގޮސް ޔުނާގެ ކުރިމަތީގައި މަޑުކޮށްލަމުން ޔުނާގެ މޫނުގައި އެއްއަތުން ހިފާލިއެވެ. ޔުނާ ޒިހާނަށް ބެލިއެއްކަމަކު ޒިހާން ކޮށްލި ސުވާލަށް ޖަވާބެއް ނުދިނެވެ.
“މުޅިން ސަކަރާތެއްނު؟ ޔުނާއަށް ސަރޕްރައިޒެއް ދޭންވެގެން އުޅުނީ ޔުނާ އެންމެ ލައިކްވާ ކަހަލަ ކޭންޑްލް ގެނެސްގެން….ހެހެ….އެކަމަކު މިހާރު ޔުނާގެ ވެސް މޫޑެއް ނުހުންނާނެދޯ މިހެންވީމަ؟ ތުވާއްޔެއް އެބަ ގެންނަން އިނގޭ؟ އަވަހަށް ހެދުން ބަދަލުކޮށްލާ…” ޒިހާން އެހެން ބުނެ ދާން އުޅުނެވެ. އެހެނަސް ދެވުމުގެ ކުރިން ޔުނާ ޒިހާންގެ އަތުގައި ހިފާލިއެވެ. އެއާއިއެކު ޒިހާން ފިޔަވަޅުތައް މަޑުޖައްސާލަމުން ޔުނާއަށް ބަލައިލިއެވެ. އެއަށްފަހު ޔުނާގެ ނަމުން ގޮވާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި ޔުނާ ޒިހާންގެ ގާތަށް ޖެހިލަމުން ޒިހާންގެ ކޯތާފަތުގައި ބޮސްދިނެވެ. އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނެތް ޒިހާންގެ ހިތަށް ޙައިރާންކަމެއް ލިބުނުއިރު އުފަލެއް ވެސް ލިބުނެވެ. އެ އިޙްސާސްތައް ދެގުނަވެގެން ދިޔަ އެއަށްފަހު ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު ހިނިތުންވުމެއް ޔުނާގެ ތުންފަތްމަތިން ދުވެލި ގޮތުންނެވެ. ޒިހާނަށް އިތުރަށް ވިސްނާލެވުމުން ކުރިން ޔުނާ ޒިހާންގެ އަނެއް ކޯތާފަތުގައި ބޮސްދިނެވެ. ޒިހާން ހީކުރީ އެފަހަރު ވެސް ޔުނާ އޭނައާއި ދުރުވާނެ ކަމަށެވެ. އެހެނަސް ދެން ޔުނާ އޭނައާއި ދުރުވާކަށް ނުއުޅުނެވެ. ޔުނާ އޭނައާއި އިތުރަށް ކައިރިވެގެން ދިޔަދިޔަހެން ޒިހާން އެހެން ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތޭ ގޮތްވިއެވެ. ލަސްލަހުން އޭނަގެ ބާރުގަދަ ދެއަތުން ޔުނާގެ ހަށިގަނޑުގައި ވަށާލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.
ނުނިމޭ