Hiyaa (Part 37)
“ބައްޕާ….މަންމައާއި ކޮއްކޮ ދިޔަތަނެއް ބައްޕައަށް އެނގޭތަ؟ މަންމަމެން އުޅޭ ޢިމާރާތަށް ދިޔައިރު އެ ދެމީހުންވެސް ނެތް އެތާކު….” ލަބީބްގެ ތަނަވަސް ކޮޓަރިއަށް ވަދެގެން ދިޔަ ޖިނާހު ކަންބޮޑުވުމަކާއެކީ ވާހަކަ ދެއްކިއެވެ.
“ނެތްތަ؟” ރީތިވާ މޭޒު ކުރިމަތީގައި ހުރެ ގަމީހުގެ މަތިން ކޯޓު ލަމުން ދިޔަ ލަބީބް ވަކި ފަރުވާލެއްނެތި ބުނެލިއެވެ.
“އާނއެކޭ ބައްޕާ….އެ އެޕާޓްމެންޓުގެ ތިރީ ބައިގަ އުޅޭ މީހުން ކައިރިން ސުވާލުކުރީމަ އެމީހުން ބުނީ މަންމަ ލޫލޫ ގޮވައިގެން ދިޔައީ ބަނދަރަށޭ. އެކަމަކު ބަނދަރަށް ދިޔައިރު އެތަނުން ވެސް ފެންނާކަށް ނެތް…” ޖިނާހުގެ އަޑުގައިވި ކަންބޮޑުވުމަށް އޭރުވެސް ބަދަލެއް ނާދެއެވެ.
ލަބީބް ޖިނާހު ބުނި ވާހަކައަށް އެއްޗެކޭ ބުނަން އުޅުނު ތަނާހެން ކޮޓަރީގެ ދޮރުމައްޗަށް އެރީ ނަލަ ހެދިލައިގެން ބުރުގާއާއި އެކީ ދިވެހި ދިގު ހެދުމެއް ލައިގެން ހުރި މެދު ޢުމުރުގެ އަންހެނެކެވެ.
“ލަބީބް އަދިވެސް ތައްޔާރު ނުވަނީތަ؟ ޖަލްސާއަށް ދާން އެއޮތްގެން ގަޑި ޖެހެނީ…” އަންހެން މީހާ ހިނިތުންވުމަކާއެކީ ލަބީބްއާއި ވާހަކަ ދެއްކީ އެއަށްވުރެ ކައިރީގައި ހުރި ޖިނާހަށް ސަމާލުކަމެއް ދިނުމެއް ނެތިއެވެ.
“ނޫނޭ ހަމަ މި ނިމުނީ ތައްޔާރުވެ. މި އަންނަނީ އިނގޭ؟” ލަބީބް ވެސް އަ އަންހެން މީހާއަށް ބަލައިލަމުން އެހެން ބުނެލީ ހިނިތުންވުމަކާއި އެކީގައެވެ. ޖިނާހު ދެންމެ ބުނެލި ވާހަކައާއިމެދު އޭނަގެ ކުޑަވެސް ފިކުރެއް ނެތް ފަދައެވެ.
“ބައްޕާ!” އެކަން ފާހަގަވި ޖިނާހަށް އެ ނަމުން ގޮވައިލެވުނީ ރުޅިވެރިކަމާއިއެކީގައެވެ. އެއާއިއެކު ފަނޑުވެގެން ދިޔަ ހިނިތުންވުމަކާއެކީ ޖިނާހަށް ބަލައިލި ލަބީބަށް ޖިނާހުގެ ގޮށްޖެހިފައިވި ބުމައާއި މުއްކެވިފައިވި އަތް ފާހަގަވިއެވެ. އެ މަންޒަރު ފެނި ލަބީބް ދޮރުމަތީގައި ހުރި އޭނަގެ އަންހެނުންނަށް ބޮލުން ޢިޝާރާތް ކުރީ އެތަނުން ދިޔުމަށެވެ. އެ އަންހެން މީހާ އެ ޢިޝާރާތް ދޭހަކުރަމުން އެތަނުން ދިޔައެވެ. އެއާއިއެކު ލަބީބް ޖިނާހާއި ކުރިމަތިލިއެވެ.
“ކީކޭ ޖިނާހު؟!” ލަބީބް ޖިނާހަކީ އުދަގުލެއްހެން ހީވާ ފަދައަކުން ސުވާލުކުރިއެވެ.
“ކީކޭ ހެއްޔޭ؟! އަހަރެން މި ދައްކަނީ ހަމައެކަނި އަހަރެންގެ މަންމަގެ ވާހަކައެއް ނޫން. މި ދައްކަނީ ބައްޕަގެ އަލަތު އަނބިމީހާގެ ވެސް ވާހަކަ. ބައްޕަގެ އަލަތު ކައިވެނިން ލިބުނު ހަގު ދަރިފުޅުގެ ވެސް ވާހަކަ. ވައި ބާރު މޫސުން ގޯސް ރޭގަނޑެއްގަ އެދެމީހުން ގެއްލިގެން އުޅޭއިރު ކުޑަވެސް ފިކުރެއް ނުކުރަނީތަ؟!” ޖިނާހު ހަރުވަމުން ދިޔަ އަޑަކުން ސުވާލުކުރިއެވެ.
“ސީދާސީދަލަށް ބުނަންޏާ އާނ! އަހަރެން ފިކުރެއް ނުކުރަން. އެއީ އަހަރެންގެ ޙަޔާތުން ނިމިފައި އޮތް ބާބެއް….ދެން ދިޔައީ. މާޒީގައި އުޅުނު ބައެއްގެ ވާހަކަ ދައްކަން އަހަންނަށް ވަގުތެއް ނެތް!” ލަބީބް ވެސް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އެހެން ބުނެލަމުން ދާން އުޅުނެވެ. ލަބީބް ހިނގައިގަތް ހިނދު އައިސްފައިވި ރުޅީގައި ޖިނާހުގެ ދަތްކުނޑި ވިކުނެވެ. ލަބީބް އޭނަ ފަހަނަޅައި ދާން އުޅުނު ވަގުތު ޖިނާހު ވާހަކަ ދެއްކިއެވެ.
“ކިތަންމެ ދުވަހެއް ވިޔަސް އަހަރެން އެ ޢަޒީޒާ ޤަބޫލެއް ނުކުރާނަން އަމިއްލަ މަންމަގެ ގޮތުގަ. އަހަންނަށް ވަރަށް ރަނގަޅަށް އެނގޭ ބައްޕަ މަންމައަށް ބޭވަފާތެރިވީކަން. މަންމަ ވަރިކޮށްލީ ވަކި މަންމަގެ ކުށަކުންނެއް ނޫންކަން. މަންމައަށް ޚަރަދުކުރަން ޖެހޭ ވަރަށް ނުވެސް ކުރާކަން…..އަހަރެން މި ގޭގަ އުޅޭ ހަމައެކަނި ސަބަބަކީ މަންމަ އެކަމަށް އެދުން. މަންމައާއިމެދު އަޅާނުލަންޏާ އަހަރެން މި ހުރިހާ ވާހަކައެއް މީސް މީޑިޔާއަށް ފަތުރާނެ ވާހަކަ ކުރިންވެސް އަންގާފަ އޮންނާނީ. މި ނޫން އެހެނިހެން ނުރައްކާތެރި ސިއްރުތައް ވެސް އަހަންނަށް އެނގޭކަން ބައްޕައަށް މާ ރަނގަޅަށް އެނގޭނެ. އެ ވާހަކަތައް ރައްޔިތުންނަށް އެނގިއްޖެއްޔާ ތި ސިޔާސީ ޙަޔާތަށް ވާނީ ކިހިނެއްބާ؟” ޖިނާހު އިންޒާރެއް ދޭ ފަދައަކުން ބުނެލި ވާހަކައިން ލަބީބްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ހިނދު އިވުނު ވާހަކައިން ލަބީބްގެ ކަތުރުކަށިގަނޑަށް ބާރުވިއެވެ. އެހެނަސް އޭނަ ދެން ވާހަކަ ދެއްކީ މަޑުމައިތިރި އަޑަކުންނެވެ.
“އެ ދެމީހުން އެރީ ނިޔާމަ ބޯޓަށް. އުތުރުގެ ރަށަކަށް ފުރަންވެގެންނޯ އަހަރެން އަޑުއެހީ. ފުރަނީ ކީއްވެގެންތޯ މަގޭ ކައިރިން އަހަން ނަހަދާތި! މަށަކަށް ނޭނގެ.” ލަބީބް ޖިނާހަށް ބެލުމެއްނެތި އެހެން ބުނެލަމުން ޖިނާހަށް އިތުރު އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ ކޮޓަރިން ނިކުމެގެން ދިޔައެވެ.
ލަބީބަށް ބަލަން ހުރެހުރެފައި ޖިނާހަށް އެ ބޯޓުގެ ނަން އަމިއްލަ އަމިއްލައަށް ތަކުރާރުކުރަމުން ކުއްލި ގޮތަކަށް އޭނަގެ ފޯނު ނަގައި ދަތުރު ކުރާ ބޯޓުތަކުގެ މަޢުލޫމާތު އެނގޭ އޭނަގެ އެކުވެރިއަކަށް ގުޅައިލިއެވެ. އެ އެކުވެރިޔާ ބުނި ގޮތުގައި އެ ބޯޓު ވަނީ މީގެ ގަޑިއިރެއްހާއިރު ކުރިން ކުޅުދުއްފުށްޓަށް ދިޔުމުގެ ދަތުރު ފަށާފައެވެ. އެ އެކުވެރިޔާއާއި މާ ގިނަ ވާހަކަތަކެއް ދެއްކުމެއްނެތި ޖިނާހު ވަގުތުން އެ އެކުވެރިޔާ ކައިރިން ނިޔާމަ ބޯޓުގައި އުޅޭ ފަޅުވެރިއެއްގެ ނަންބަރު ހޯދުމަށްފަހު އެ ފަޅުވެރިޔާއަށް ގުޅައިލިއެވެ. އެކޮޅުން ފަޅުވެރިޔާ ފޯނު ނެގުމާއެކު ޖިނާހަށް ވާހަކަ ދެކެވުނެވެ.
“ހެލޯ….ތި ބޯޓުގަ ޖަލީލާ ނަމަކަށް ކިޔާ އަންހެނަކާއި އޭނަގެ އަންހެން ދަރިފުޅު ހުރިތޯ ބެލިދާނެތަ؟” ޖިނާހު އަވަސްއަވަހަށް ސުވާލު ކުރިއެވެ.
“ކޮޔާ މި ގަޑީގަ އެއްވެސް ކަމެއް ކުރެވޭކަށް ނެތް! ސިފައިންގެ މީހުން ވަނީ މި ބޯޓު ވަށާލާފަ. ކޮންމެވެސް ބަޣާވާތެއް ކުރަން އުޅޭ މީހަކު މި ބޯޓުގަ ހުރިކަމަށް ވަނީ. ފުލުހުންވެސް ބޯޓަށް އަރައިގެން އެބަ އުޅޭ މަސްތުވާތަކެތީގެ މައްސަލައެއްގަ. ބޯޓު އަނބުރާލާފަ މާލެއަށް އަންނަން މިހާރު މިއުޅެނީ….” އެ ފަޅުވެރިޔާ ދެއްކި ވާހަކައިން ޖިނާހުގެ ހިތުގައި އިތުރު ނުތަނަވަސްކަމެއް އުފެދިގެން ދިޔައެވެ. ތެޅިތެޅި އޮތް ހިތަކާއެކީ އޭނަ ފޯނު ކަނޑާލުމަށްފަހު މަޑުވެސް ކުރުމެއްނެތި ގެއިން ނިކުންނަން ދިޔައީ ބަނދަރަށް ދިޔުމަށެވެ.
ޖިނާހު ބަނދަރަށް ދިޔަތާ މާ ގިނައިރެއްނުވެ އެ ބޯޓު ބަނދަރާއި ކައިރި ކުރިއެވެ. އެ ބޮޑު ބޯޓު ބަނދަރާއި ކައިރި ކުރެވުނު ވަގުތު އެތަނަށް ފުލުހުންގެ ވެހިކަލްތައް ވެސް އައެވެ. އެ ބޯޓުން އެންމެ ފުރަތަމަ ފޭބީ ފުލުހުންނާއި އެކީ އެމީހުން ހައްޔަރުކުރި ބައެއް މުޖުރިމުންނެވެ. ޖިނާހު އެވަގުތު ހުރީ އޭނަގެ މަންމައާއި ކޮއްކޮ ދެކެން ކެތްމަދުވެފައި ކަމަށްވުމުން އެވަގުތު އެމީހުންގެ މޫނުތަކަށް ސަމާލުކަމެއް ނުދެވުނެވެ. ބޯޓުން ފުލުހުން ހުސްވުމުން ދެން ބޯޓުގައި ތިބި މީހުންވެސް ފައިބަން ފެށިއެވެ. ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރޭގައި ތިބި މީހުން ބޯޓުން ފައިބަމުން ދިޔައިރު ޖިނާހަށް ބޯ ދިއްކޮށްފައި ހޯދެމުން ދިޔައީ އޭނަގެ ޙަޔާތުގައި ތިބި އެންމެ މުހިއްމު ދެމީހުންނެވެ. އެހެނަސް ހުރިހާ އެންމެން ފައިބައި ނިމުނުއިރު ވެސް އެ ދެމީހުން ފެންނަ ގޮތް ނުވުމުން ޖިނާހަށް ވާހަކަ ދެކެވުނެވެ.
“ކް…ކޮބައިތަ މް…ޖަލީލާ؟ ޖަލީލާ ކިޔާ އަންހެނަކު ބޯޓުން ދުށިންތަ؟ މެދު ޢުމުރުގެ އަންހެނަކާއި ކުޑަ އަންހެން ކުއްޖެއް ދުށިންތަ؟” ޖިނާހު އޭނަ ފަހަނަޅައި ދަމުން ދިޔަ އެކި މީހުން ކުރިމައްޗަށް އަރަމުން އެކި ސުވާލުތައް ކުރީ ރޫރޫއަޅަން ފެށި އަޑަކުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނަގެ މަންމައާއި ކޮއްކޮވީ އެހެން ތަނެއްގައޭ ހިތް ބުންޏެވެ. އެހެނަސް ހަމަ އެހިނދު އޭނަ ކުރި ސުވާލު އިވިފައި މީހަކު ވާހަކަ ދެއްކިއެވެ.
“އޭ ތިއީ އޭރު ކަނޑަށް ވެއްޓުނު އަންހެން މީހާއާއި އަންހެން ކުއްޖާގެ ވާހަކަތަ ތި ދައްކަނީ؟” އެ ސުވާލުކޮށްލީ ޖިނާހު އޭރު ވާހަކަ ދައްކަން ހުރި މީހާ ނޫން ދުރުން ގޮވާލި ފިރިހެނެކެވެ. އެ ވާހަކަ އިވިފައި ފައި ދަށުން ބިންގަނޑު ދެމިގެން ދިޔަހެން ޖިނާހަށް ހީވިއެވެ. ވަގުތުން އެމީހާގެ ގާތަށް ދެވުނެވެ.
“ކް….ކަނޑަށް ވެއްޓުނީއޭ؟” ޖިނާހު ކަރުނަތައް ޖަމާވާން ފެށި ދެލޮލާއެކީ ސުވާލުކުރިއެވެ. އެހިނދު އޭނަގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވަމުން ދިޔައެވެ.
“އާނ އަހަރެން ދުށިން އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ކަނޑަށް ވެއްޓުނު މަންޒަރު. ސިފައިން އެމީހުން ސަލާމަތް ކުރި ކަންނޭނގެ….” އެމީހާ ބުނެލިއެވެ. ޖިނާހު އެ ވާހަކައަށް އެއްޗެކޭ ބުނަން އުޅެނިކޮށް އެއްފަރާތުން އެހެން މީހެއްގެ އަޑު އިވުނެވެ.
“ކޮން ބައެއް؟” އެ ސުވާލުކޮށްލީ އެހެން ހިނގާފައި ދިޔަ ޔަޒްދާން ނޫން ދެވަނަ މީހެއް ނޫނެވެ. ޔަޒްދާން ފެނުމާއެކުހެން އެއީ ކާކުކަން ޖިނާހަށް އެނގުނެވެ. އޭރު ޔުނާއާއި ރައްޓެހިވެގެން އުޅޭތާ އެއްއަހަރު ވެފައިވުމުން ޔުނާ އޭނައަށް ޔަޒްދާންގެ ފޮޓޯތައް ދައްކާފައި ވުމުންނެވެ. އެހެނަސް އެވަގުތު ޖިނާހަށް އެކަން މުހިއްމެއް ނުވިއެވެ. ޖިނާހު ދިގު ފިޔަވަޅުތަކެއްގައި ޔަޒްދާންގެ ކައިރިއަށް ގޮސް އޭނަ ތަކުރާރުކޮށް ކުރަމުން ދިޔަ ސުވާލުކުރިއެވެ. ޖިނާހު ހީކުރީ އޭނަ ސުވާލުކުރުމާއެކު ޔަޒްދާންގެ ފަރާތުން ސާބިތު ޖަވާބެއް ލިބޭނެ ކަމަށެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޖިނާހު ކުރި ސުވާލުން ޔަޒްދާންގެ ދެބުމަ ކައިރިވިއެވެ. އެއްޗެކޭ ނުބުނެ ޖިނާހަށް ބަލަން ހުރީ އެއަށް ޖަވާބު ދޭން ދަތިވެގެން އުޅޭ ފަދައަކުންނެވެ.
“ކިހިނެއްތަވީ؟! އެ ދެމީހުން ސަލާމަތް ކުރެވިފަދޯ ވާނީ؟” ޖިނާހު އުއްމީދީ ގޮތަކަށް ބުނެލިއެވެ. އެ ސުވާލުވެސް އަޑުއެހުމަށްފަހު ޔަޒްދާން ހިނދުކޮޅަކަށް ހިމޭންކަން ޚިޔާރުކުރިއެވެ. އެއަށްފަހު ވާހަކަ ދެއްކީ ޚިޔާލެއް ލިބުނު ފަދައަކުންނެވެ.
“ތި ބޭފުޅާ އަޅުގަނޑަށް ގުޅާލަދެއްވައްޗޭ. އަޅުގަނޑުގެ ނަންބަރަކީ……..އަޅުގަނޑު ވީހާވެސް ވަރަކުން އެދެމީހުންގެ މަޢުލޫމާތު ތި ބޭފުޅާއަށް ފޯރުކޮށްދެވޭތޯ ބަލާނަން އިން ޝާ ﷲ!” ޔަޒްދާން ޙަމްދަރުދީގެ ނަޒަރެއް ޖިނާހަށް ދެމުން ބުނެލިއެވެ. ހަމަ އެވަގުތު އެހެން ސިފައިންގެ ބަޔަކު އެހެން ހިނގާފައި ދަމުން ޔަޒްދާނަށް ގޮވާލުމުން އޭނަ ދާން ޖެހުނެވެ. ޖިނާހު ގޮވާލުމުން ވެސް ޔަޒްދާން ބަލައިލުމެއްނެތި ގޮސް ސިފައިންގެ ވެހިކަލަކަށް އެރިއެވެ.
ޖިނާހު އެ ރެއިން ފަށައިގެން ވެސް ޔަޒްދާންގެ ނަންބަރު ހަނދާންކޮށް އޭނައަށް ގުޅަން ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ޔަޒްދާން އެންމެ ފަހަރަކުވެސް ފޯނަށް ޖަވާބެއް ނުދިނެވެ. އެކަމާހުރެ ޔަޒްދާނަށް ނުރުހުންވާ ގޮތްވިއެވެ. މަންމައާއި ކޮއްކޮ ގެއްލުނީ ޔަޒްދާން އިހުމާލުންހެން ހީވާން ފެށިއެވެ. އެކަން އިތުރަށް ޔަޤީންވާން ފެށީ އެ ޙާދިސާ ހިނގިތާ ތިންވަނައަށް ވީ ދުވަހު އެ ދެމީހުން ބޯޓުން ވެއްޓުނީ ސިފައިންގެ މީހެއްގެ އަތުން ކަމަށް ތުންތުންމަތިން އޭނައަށް އިވެން ފެށުމުންނެވެ. އަދި އަމުދުން ޒިހާން ނަމަކަށް ކިޔާ ސިފައިންގެ މީހަކާއެކީ އެދެމީހުން ތިބި ކަމަށް ވެސް މީހުން ބުނި އަޑުތައް ޖިނާހުގެ ކަންފަތާއި ހަމައަށް ފޯރިއެވެ. އެހެނަސް ޚަބަރުތަކުގައި ކަނޑަށް ވެއްޓުނު އަންހެން މީހާއާއި އަންހެން ކުއްޖާގެ ވާހަކަ ލިޔެވިގެން ދިޔައީ އެއީ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ޙާދިސާއެއްގެ ގޮތުގައެވެ. އެ ޙާދިސާގައި އެ ދެމީހުންވެސް ސަލާމަތް ނުވާ ވާހަކަ ލިޔެވިގެން ދިޔައެވެ. އެއީ ޖިނާހަށް ޤަބޫލުކުރަން ދަތިވި ވާހަކައަކަށްވިއެވެ. އެ ޙާދިސާ ހިނގިއިރު ބޯޓުގެ ވަށައިގެން ސިފައިންގެ މީހުން ތިބި ވާހަކަ އިވިފައިވުމުންނެވެ.
އެ ޙާދިސާގެ ފަހަތުގައިވި ދެ ބައެއްގެ ނަމަކަށް ޖިނާހަށް އިވުނީ ޔަޒްދާނާއި ޒިހާންގެ ނަން ކަމަށްވުމުން ޖިނާހު ވަގުތުން އެ ދެމީހުންގެ ކިބައިން ބަދަލު ހިފަން އުޅުނެވެ. މަންމައާއި ކޮއްކޮ އޭނަގެ ޙަޔާތުން ވަކިވެ ދިޔުމުގެ ހިތާމައާއި އެކީގައި ވެސްމެއެވެ. އެހެނަސް އޭނަ ހުއްޓުވީ އޭނަގެ ބައްޕައެވެ. ކަތި ފިޔަވަޅުތައް އަޅައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ލަބީބް ބުންޏެވެ. އެއަށްފަހު އޭރު ޖިނާހު ކިޔަވާ ޤައުމަށް ނޫން އެހެން ޤައުމަކަށް ދިޔުމަށް ނަޞޭޙަތްތެރިވިއެވެ. ސިކުނޑި ހަމައަކަށް އެޅުމުން އަނބުރާ ކިޔަވަން ދާން ލަބީބް ލަފާ ދިނެވެ.
ބަދަލު ހިފުމުގެ ރޫހު ހިތުގައި ކިތަންމެ ގަދައަށް ވިއެއްކަމަކު ޖިނާހު އެވަގުތު ބައްޕަގެ އެ ނަޞޭޙަތުގައި ހިފީ ޚުދު އޭނަގެ މަންމަވެސް ބޭނުންވާނީ އެފަދަ ގޮތެއްކަމަށް ހިތް ބުނީތީވެއެވެ. އެހެންކަމުން އޭނަ 6 މަސް ވަންދެން އެމްސްޓާޑަމްއާއި ވެސް ދުރު ޤައުމެއްގައި އުޅުނެވެ. އެހެނަސް އެހެން އުޅުނު އުޅުމުގައި އޭނަގެ ހިތުގައިވި ޒަޚަމްތައް ގޯސްވުން ނޫންކަމެއް ނުވިއެވެ. ޔަޒްދާނާއި ޒިހާނަށްޓަކައި ހިތުގައި އޮތް ރުޅިވެރިކަން ދުވަހުން ދުވަހަށް އިތުރުވުން ނޫންކަމެއް ނުވިއެވެ. ޔަޒްދާނަށް އައި ރުޅިއާއެކީ ޔުނާއަށްޓަކައި ވެސް ހިތުގައި ނުރުހުންތެރިކަން އުފެދެން ފެށިއެވެ. އެމްސްޓާޑަމްއަށް އެނބުރި ދިޔުމަށްފަހު ޔުނާއާއިމެދު ފަރުވާކުޑަކޮށް ކަންތައް ކުރެވެން ފެށި އެއްސަބަބަކީ ވެސް އެއީއެވެ.
**
ރޭގަނޑުގެ ވަގުތެއްގައި އެމްސްޓާޑަމްގެ ފިހާރައެއް ފާރަށް ލެނގިލައިގެން ހުރި ޖިނާހަށް އޭނަގެ ޚިޔާލުތަކުން ނިކުމެވުނީ ނުހަނު ގާތުން ޔުނާގެ އުފާވެރި ހުނުމުގެ އަޑު އިވިގެން ދިޔުމުންނެވެ. ޖިނާހު ކިތަންމެ ބޭނުމެއް ނުވިޔަސް އެ އަޑު އިވިފައި އޭނަގެ ހިތުގެ ކަނެއްގައިވި އިޙްސާސްތައް ހޭލިއެވެ. އެދިމާލަށް ބަލައިލެވުނު ވަގުތު ޔުނާ ޒިހާނާއި އަތު ގުޅާލައިގެން ހިނގާފައި ދިޔަ މަންޒަރު ފެނިފައި އެ ހިތުގައިވި ރުޅިވެރިކަމާއެކީ ޙަސަދަވެރިކަމެއްވެސް އުފެދުނީ އެ އިޙްސާސްތަކުގެ ސަބަބުންނެވެ. ހަމީދުގެ ބާރާއި ފައިސާ ބޭނުންކޮށްގެން އެމީހުން އުޅޭ ތަން ހޯދައި އެމީހުން ޢިމާރާތުން ނިކުތީއްސުރެ ފާރަލަމުން ދެވެމުން ދިޔައީވެސް އެހެންވެއެވެ.
ޔުނާއާއި ޒިހާން ހިނގަމުން ގޮސް މަގުގެ އަނެއްފަރާތުން ފެންނަމުން ދިޔަ ފެންގަނޑުގައި އޮތް ކެނަލް ފެނިފައި އެދިމާލަށް ދާން ފެށުމުން ޖިނާހު އޭނަގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. މާޒީގައި އޭނައަށް ލިބުނު ގެއްލުމަށްޓަކައި އެދެމީހުންނަށް އައި ރުޅިއާއިއެކީ ޒިހާނާއި ޔުނާގެ އަތް ގުޅުވާލެވިފައިވި ގޮތުން ވެސް އެއްވެފައިވި ޖަޒުބާތުތައް އޭނަގެ ހިތަށްވެރިވިއެވެ. އެ ހުރިހާ ނޭދެވޭ ޖަޒުބާތުތައް ހިތުގައި އެއްވެގެން ދިޔުމުން އޭނަގެ ސިކުނޑީގައި ނުލަފާ ރޭވުމެއް ރޭވިގެން ދިޔައެވެ.
**
އަންނަން އުޅޭ ތޫފާނަކާއިމެދު ރޭކާވެސް ލުމެއްނެތި ޒިހާނާއި ޔުނާ އެ ހިތްގައިމު ރޭގައި ކެނަލްއަށް ގޮސް އެރީ އުފާވެރި ހިނިތުންވުންތަކާއި އެކީގައެވެ. ބަންދުކުރެވިފައިވި އެ ކެނަލްގެ ވަށައިގެން ކުޑަދޮރުތައް ހުރިއިރު އެތެރޭގައި ރީނދޫކުލައިގެ ފަނޑު އައްޔެއް ދިއްލިފައިވި ގޮތުން ހިތްގައިމު ގޮތެއް ހުއްޓެވެ. ކެނަލްގެ ތެރެއިން ދެމީހުން އެކީގައި ހިނގާފައި ދަނިކޮށް ޒިހާން ވާހަކަ ދެއްކިއެވެ.
“އޮހް! އަހަންނަށް ހީވަނީ މަދުންހެން އަހަންނަށް ލާރި ދެވުނީ އިނގޭ….އަންނާނަން ޔަޤީންކޮށްލާފަ. ސޭވް މީ އަ ސީޓް!” ޒިހާން އެހެން ބުނެލުމުން ޔުނާ ފަހަތް ބަލައިލަމުން ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އެއާއެކު ޒިހާން އަނެއްފަރާތަށް ހިނގައިގަތް ވަގުތު ޔުނާގެ އަތް ދަބަހުގެ ތެރޭގައި އޮތް ފޯނަށް މެސެޖެއް އައެވެ. ޔުނާ ހުސް ސީޓަކާއި ވެސް ދިމާވީ އެވަގުތު ކަމަށްވުމުން ޔުނާ އެ ސީޓުގައި އިށީންނަމުން ދަބަހުގެ ތެރެއިން ފޯނު ނަގައި ހުޅުވާލިއެވެ. އެހިނދު ސްކްރީނުން ފެނުނު ނަމުން ޔުނާގެ މޭނުބައި ކުރިއެވެ. އޭނަގެ ފޯނުގައި އަދިވެސް ޖިނާހުގެ ނަންބަރު ސޭވްކުރެވިފައި އޮތް ކަމަށްޓަކައި އަމިއްލަ ނަފްސަށް ނުރުހުންވިއެވެ.
އެ ނަން ފެނުމުގެ ޝޮކުގައި ސިކުންތުކޮޅެއް ވަންދެން އިނުމަށްފަހު ޔުނާ މެސެޖު ހުޅުވާލިއެވެ.
“އެމްސްޓާޑަމްގަތަ؟ ލެޓްސް މީޓް!” މެސެޖުގައި އޮތީ އެހެންނެވެ.
ނުނިމޭ