Hiyaa (Part 40)
ޕްރެޒެންޓޭޝަން ދޭން ޖެހުނު ކްލާހުގައި ޕްރޮފެސަރު ފަހުގެ އެންގުންތައް އަންގާ ނިމުނުތަނާހެން ޔުނާ އެރޭ ކްލާހުން ނިކުންނަން ދިޔައީ ދިގު ފިޔަވަޅުތަކެއްގައެވެ. ޔުނިވާރސިޓީގެ މައިދޮރާއި ހަމަވަމުން ދިޔަދިޔަހެން އޭނަގެ ފިޔަވަޅުތައް ދުވުމަކަށްވެސް ބަދަލުވަމުން ދިޔައެވެ. ޔުނިވާރސިޓީއިން ނިކުތުމުގެ ކުރިން އެތާހުރި ކުޑަޖަހާ އެތިން އޭނައަށް އެރޭ ފިހާރައިން ލިބުނު ރަތްކުލައިގެ ކުޑަ ނަގައިގެން ބޭރަށް ދިޔައެވެ.
އެވަގުތަކީ ވެސް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތަކަށްވުމުން ޔުނިވާރސިޓީގެ ބޭރުގައި ހުރެ ޓެކްސީއެއް ހޯދަން އަތް ދިއްކުރަމުން ދިޔައީ އެ ކުޑައިން ހިޔާވެގެން ހުރެއެވެ. ނަސީބު ރަނގަޅުކަމުން އޭނަ އެތާ މަޑުކުރިތާ މާ ގިނައިރެއްނުވެ ޓެކްސީއެއް މަޑުކުރިއެވެ. ހިތާހިތުން ޝުކުރުކުރަމުން ޔުނާ ކާރަށް އެރީ އަތުގައި އޮތް ކުޑަ ލައްޕާލަމުން އެއާއި އެކީގައެވެ.
ޑްރައިވަރު ގާތުގައި އޭނަ ދާން އުޅޭ ހޮސްޕިޓަލުގެ ނަން ބުނުމަށްފަހު ޔުނާ ފުން ނޭވައެއް ދޫކޮށްލަމުން ސީޓަށް ލެނގިލީ ވަރުބަލިކަމާއި އެކީގައެވެ. ގަޑިން ރޭގަނޑު 10 ޖަހާފައި ވިޔަސް އޭނަ އެވަގުތު ވެސް ދުއްވަމުން އެދަނީ އޭނަގެ ‘ކިޔެވުމާއި’ ގުޅޭ ތަނަކަށެވެ. ކިޔަވަން ފެށިތާ އެއީ އެންމެ ދެވަނަ އަހަރަށް ވިޔަސް ޔުނާ ވަނީ އޭނަގެ ދާއިރާއިން ޢަމަލީކޮށް މަސައްކަތް ކުރެވިދާނެފަދަ މަގެއް ހޯދާފައެވެ. މިގޮތުން ތަޖުރިބާހުރި ކައުންސެލަރަކު މަސައްކަތް ކުރާ މަންޒަރު ބަލައި ކަންތައް ދަސްކުރުމުގެ ފުރުޞަތު އޭނައަށް ލިބުނީ އެ އަހަރުގެ ކުރީ ކޮޅުގައެވެ. ޔުނާ އެ ހުނަރު ނަގައިގަތް ގޮތް އަވަސްވުމުން ދޭތެރެދޭތެރެއިން ބައެއް ބަލިމީހުންނާއި ކުޑަކުޑަކޮށް ވާހަކަ ދައްކަން ޔުނާއަށް ވެސް ފުރުސަތު ލިބެއެވެ. ޢާއްމު ގޮތެއްގައި އެ ފުރުސަތު ލިބެނީ އެ ބަލިމީހާ ރަނގަޅުވާން ގާތްވެފައި ވަނިކޮށެވެ. އެހެނަސް މިރޭ އޭނައާއި ދިމާވާން މިއުޅޭ ޙާލަތް ތަފާތެވެ.
“މި ހޮސްޕިޓަލުގެ ތެރެއިން މީގެ އިރުކޮޅެއްކުރިން ދިވެއްސަކަށް އެންޒައިޓީ އެޓޭކެއް ޖެހިގެން އެޑްމިޓްކޮށްފަ އެބައޮތް. ޔުނާއަށް ވެވެންޏާ އޭނައާއި ދިވެހިން ވާހަކަ ދެއްކިދާނެތަ؟” ޑޮކްޓަރ ލެސްލީ އޭނައަށް އެ މެސެޖު ފޮނުވީ ކުލާހުގައި އިންދައެވެ. މެސެޖާއިމެދު ވިސްނުމަށްފަހު ޔުނާ އެއްބަސްވިއެވެ. އެއާއިއެކު ޑޮކްޓަރ ލެސްލީ އެދުނީ އާދެވުނުހާ އަވަހަކަށް އައުމަށެވެ.
ދިމާވެދާނެ ޙާލަތްތަކާއިމެދު ވިސްނިވިސްނިހެން ޔުނާގެ އަތްފައި ފިނިވެގެން ދިޔައެވެ. ސީޓަށް ލެނގިލައިގެން ދެލޯ މަރައިގެން އޮތް ޔުނާގެ ފިކުރު ބޮޑުވާން ފެށިއެވެ. އެ ބަލިމީހާއަށް އެންމެ އެކަށީގެންވާ އެހީ އޭނައަށް ނުދެވިދާނެތީވެއެވެ. އެހެންނޫނީ އޭނައަށް ބުނެވޭ އެއްޗަކުން އެމީހަކު އޭނައަށް އަތް އިސްކޮށްފާނެތީވެއެވެ. އެ ބިރު އިތުރަށް ބޮޑުވީ ޑޮކްޓަރ ލެސްލީގެ މެސެޖުން އެއީ ފިރިހެނެއްކަން އެނގިފައިވާތީވެއެވެ.
ބިރުގަނެ ނުތަނަވަސްވެގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެކަން ދަނެގެން ޔުނާ ފުން ނޭވައެއް އެތެރެއަށް ލަމުން ދެލޯ ހުޅުވާލިއެވެ. އެ ހިނދު އެއްލި ކަޅިއަކުން އޭނަގެ ކައިރިން ސީޓަށް ލައްކޮށްލެވިފައިވި ކުޑަ އޭނަގެ ލޮލުގައި އެޅިއެވެ. އޭގެ ހިފާތަނުގައި އެލުވިފައިވި ގަނޑުކޮޅު އޭރުވެސްވިއެވެ. ގަނޑުކޮޅު ސީޓްމަތީގައި ވީއިރު އޭގައި ލިޔެވިފައިވި ބަސްތައް ޔުނާއަށް ފަނޑު އަލީގެ ތެރެއިން ފެންނަމުން ދިޔައެވެ. ‘ފޯ އަ ބިއުޓިފުލް އެންޑް ކޮންފިޑެންޓް ލޭޑީ’ އެ ބަސްތައް ފެނިފައި އެ ވަގުތުވެސް ޔުނާއަށް ހިނިތުންވެލެވުނެވެ. އެވަގުތުވެސް އެ ބަސްތަކުން ހިތްވަރެއް ލިބިގެން ދިޔަހެން ހީވިއެވެ. ހަމަ އެއާއިއެކު އެ ކުޑަ އޭނައަށް ހޯދައިދިނުމުގައި އެހީވެދިން ޒުވާނާގެ މަތިން ވެސް ހަނދާންވެގެން ދިޔައެވެ. އެ އަޑުގެ ރީތިކަން ހިތަށް ގެނެވި އަދި އެއްފަހަރު އެ އަޑުއަހާލަން އިޚްތިޔާރެއްނެތި ހިތް އެދުނެވެ. އެހެނަސް ހަމަ އެވަގުތު ޓެކްސީ އޭނަ ގެންދަން އުޅޭ މަންޒިލާއި ކައިރިވަމުން ދިޔަދިޔަހެން ޔުނާ އޭނަގެ ޚިޔާލުތައް ހަމައަކަށް އެޅުވިއެވެ.
ހޮސްޕިޓަލަށް ވަދެގެން ގޮސް ޑޮކްޓާރ ލެސްލީއާއި ދިމާވުމާއެކު ޑޮކްޓަރު އެ ބަލިމީހާގެ ތަފްޞީލު ޔުނާއަށް ދޭންފެށިއެވެ.
“ރިސެޕްޝަން ކައިރީގަ ހުއްޓާ އެންޒައިޓީ އެޓޭކެއް އައީ އެ މީހާއަށް. ރިސެޕްޝަންގަ ހުރި ކުއްޖާ ބުނީ އެތަނަށް އައި ކޮންމެވެސް މީހަކު އެމީހާއާ ވާހަކަ ދައްކަން އުޅުނީމަޔޯ ޙާލަތު ގޯސްވީ. ޕޭޝަންޓް އުޅުނީ އެ ވާހަކަ ދެއްކި މީހާއަށް ލިވާރ ޑޮނޭޓް ކުރާށޯ. ޕޭޝަންޓް ހަމަ އެ ގަޑީގަ ފުރަމުން ދިޔަ ފޯމްގަ އޮތީ އެދެމީހުންގެ ގުޅުމަކީ ބައްޕައާއި ދަރިފުޅުކަމަށް. ހީވަނީ އެބިއުޒްގެ ކޭސްއެއްހެން. ވަރަށް ބޮޑަށް ސަކަރާތްވެގެން މިހާރު ސައިކައެޓްރިސްޓް ބޭސްދީގެން ހަމައަކަށް އެޅިފަ ހުރީ މި ވަގުތު. އެކަމަކު އަދިވެސް ވާހަކައެއް ނުދައްކާ. އެކޮޅުން ފެމިލީ މީހުން ގުޅީމަވެސް އެއްވެސް އެއްޗެކޭ ނުއެއް ބުނޭ. ރޯންވެސް އުޅޭހެން ހީވޭ ބައެއް ފަހަރު. އެކަމަކު ނުރޯން ގަދަ ހަދައިގެން ހުންނަނީ. ޔުނާ ސަމާލުކަން ދޭންވީ އޭނައާއި ގުޅުން ބަދަހިކުރަން ފުރަތަމަ. އަހަންނަށް އަސްލު މި ކޭސް ޙައްލުކުރެވުނީސް އެކަމަކު ހިތަށްއެރީ ދިވެއްސެއްވީމަ ޔުނާއަށް ފުރުސަތު ދޭނީއޭ…” ޑޮކްޓަރ ލެސްލީ ޔުނާއާއެކީ ހިނގާފައި ދަމުން ވާހަކަ ދެއްކިއެވެ. ހިނގަމުން ގޮސް ހަމަ އެވަގުތު ޕްރައިވޭޓް ވޯޑް ނަންބަރު 103 އާއި ހަމަވުމުން ޑޮކްޓަރ ލެސްލީ ޔުނާއާއިއެކީ މަޑުކޮށްލިއެވެ. އެއަށްފަހު ޔުނާއަށް ހިނިތުންވުމެއް ހަދިޔާ ކުރަމުން ‘ގުޑް ލަކް’ އޭ ބުނެ އެތަނުން ދާން ހިނގައިގަތެވެ.
ޑޮކްޓަރ ލެސްލީ ދިޔަ ދިމާލަށް ބަލަން ހުރެފައި ޔުނާ ވޯޑުގެ ދޮރަށް ބަލައިލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ހުރިހާ ހިތްވަރެއް އެއްކުރަމުން އެ ދޮރު ހުޅުވައި ވޯޑުގެ ތެރެއަށް ވަނެވެ. ފުރަތަމަ ސިކުންތުގައި ޔުނާ ހުއްޓުން އެރީ އެ ކޮޓަރިއަށް އަނދިރިކަން ވެރިވެފައިވުމުންނެވެ. ލައްޕާލެވިފައިވި ކުޑަދޮރުތަކުން އަންނަމުން ދިޔަ އަލި ފިޔަވައި އެތާނގައި އެއްވެސް އައްޔެއް ނެތެވެ. ޖައްސާލެވިފައިވި އޭސީގެ އަޑު ފިޔަވައި އެހެން އަޑެއްވެސް ނުއިވެއެވެ. އެނދަށް ނަޒަރެއް ދިންއިރު އެނދަށް އެޅިފައިވި އަލީގެ ތެރެއިން އެތަނުން މީހަކު ނުފެނުމުން ބިރުވެރި ޚިޔާލުތައް ޔުނާގެ ހިތަށް ވެރިވިއެވެ. އެ ބަލިމީހާ ނަފްސާނީ ޙާލަތުގެ ގޮތުން މީހެއްކައިރި ނުބުނެ ފިލީތޯ ހިތަށްއެރިއެވެ.
ހިތަށް ވެރިވި އެ ޚިޔާލުތަކާއެކީ ވޯޑުން ނިކުންނަން އުޅުނު ވަގުތު އެއްލި ކަޅިއަކުން ފެނުނު މަންޒަރުން ޔުނާއަށް މަޑުކޮށްލެވުނެވެ. އެނދުގެ އަނެއްފަރާތުގައި އެނދަށް ލެނގިލައިގެން ބިންމަތީގައި ޒުވާނަކު އިށީނދެ އިންކަން ޔުނާއަށް އެނގުނެވެ. އެނދުގެ އަނެއްފަރާތުގައި ޒުވާނާ އިނީތީ ޔުނާއަށް ފެންނަމުން ދިޔައީ ޒުވާނާގެ ފުޅާ ބާމައްޗާއި ކުރުކޮށް ކޮށާލެވިފައިވި ކަޅުކުލަގަދަ އިސްތަށިގަނޑު އެކަންޏެވެ.
ޔުނާ އެންމެ ފުރަތަމަ ކަމަކަށް ވޯޑުގެ ދޮރު އޭނަ ލައްޕައިލީ އެ އަޑަށް އެ ޒުވާނާ ބަލައިލާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް އެ ޒުވާނާއަށް އެ އަޑު ނުވެސް އިވުނު ފަދައެވެ. އޭނަ ހިރިވެސް ނުލައި އިންގޮތަށް އިނީއެވެ. ޔުނާ ދެން ޚިޔާލުކުރީ ޒުވާނާގެ ކުރިމައްޗަށް ދިޔުމަށެވެ. ނަމަވެސް އެ ބާމަތިން ވެސް ޒުވާނާގެ އަތުގައި ހުންނާނެ ބާރު އެނގުންވުމުން ޔުނާ ޖެހިލުންވިއެވެ. އެހެންކަމުން އިރުކޮޅެއްގެ ވިސްނުމަށްފަހު ޔުނާ ބޮކިވެސް ދިއްލާލުމެއް ވޯޑަށް ވަދެގެން ދިޔައީ، ދިއްލާލައިފިނަމަ ބަލިމީހާ ވާ ނުރުހުމުގައި އޭނައާއި ގުޅުން ބަދަހިކުރަން ބޭނުންނުވެދާނެ ކަމަށް ނިންމުނީތީވެއެވެ.
ޔުނާ ލަސް ހިނގުމެއްގައި ގޮސް އެނދުގެ ކައިރީގައި ހުރި ގޮނޑި ކުޑަކޮށް ފަހަތަށް ޖައްސާލަމުން އޭގައި އިށީނެވެ. ހަމަ އެ ވަގުތު އެއްލި ކަޅިއަކުން އެތާހުރި ސޯފާގެ މަތީގައި އޮތް ދިގު މުށިކުލައިގެ ޖެކެޓެއް ޔުނާއަށް ފެނުނެވެ. ޖެކެޓު ފެނުމާއެކު ޔުނާގެ ހަނދާނަށް އައީ އޭނައަށް އެރޭ ކުޑަ ހޯދައިދިން ޒުވާނާއެވެ. ނޭނގޭ ސަބަބަކާހުރެ އެ ޖެކެޓަކީ ހަމަ އެ ޒުވާނާ ލައިގެން ހުރި ޖެކެޓް ކަމަށް އޭނައަށް ހިތާހިތުން ޔަޤީންކުރެވުނެވެ. އެފަދަ އެތައް ޖެކެޓެއް ހުންނާނެކަމަށް ސިކުނޑި ބުންޏަސްމެއެވެ.
ވިސްނުމެއް އިނުމަށްފަހު ޔުނާ އޭނައަށް ފުރަގަހުން ފެންނަމުން ދިޔަ ޒުވާނާއަށް ނަޒަރު ހުއްޓާލިއެވެ. އަދި އޭނަ މަސައްކަތް ފަށަން ހިތްވަރު އެއްކުރަން ފެށިއެވެ.
ޔުނާ ދައްކަން އުޅޭ ވާހަކަ އަޑުއަހަން އެނދުގެ އަނެއްފަރާތުގައި އިށީނދެގެން އިނީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ. މި ހުރިހާ ވަގުތު އޭނަގެ ސިކުނޑިވީ ހައިޖާނެއްގެ ތެރޭގައެވެ. އެތައް އަހަރެއް ފަހުން ވެސް އޭނަ ބައްޕަ ކިޔާ އިންސާނާގެ ސޫރަ ފެނިފައި އޭނައަށް ވާންފެށި ގޮތުން ހިތް ބިރުގަތެވެ. އަތް ތުރުތުރު އަޅަން ފެށުމުން އަތަށް ބާރުލާން މަސައްކަތް ކުރިއެއްކަމަކު އެކަން ކާމިޔާބެއް ނުވިއެވެ. ހިތާމަވެރިކަމުގެ އިޙްސާސް ކުރެވުމުގެ ކުރިން ވެސް މޭގައި ރިހުމެއް އުފެދި ނޭވާ ކުރުވާން ފެށި ގޮތުން ޒިހާންގެ ބިރުވެރިކަން ދެގުނަވިއެވެ. މީގެ އިތުރުން ބޯ އަނބުރަން ފެށިހެން ހީވުމުން ޒިހާނަށް ހުރެވުނު ތަނުގެ މަތިން ވެސް ހަނދާންނެތޭ ގޮތްވިއެވެ. މޭގައި އަތް އަޅާލެވުނުތާ މާ ގިނައިރެއްނުވެ ކަކޫމައްޗަށް ތިރިވެވުނު ވަގުތު ހޮޑުލެވެން ފެށިކަން އެނގުނެވެ. އެއަށްފަހު ދެން ކަންތައް ވާންފެށި ގޮތް ޒިހާނަށް ސާފެއް ނުވިއެވެ. އޭނަ އެނދަކަށް އެރުވި އެއްތަނުން އަނެއްތަނަށް ގެންދެވެމުން ދިޔަކަން އެނގުނެވެ. އޭނަގެ ވަށައިގެން ޑޮކްޓަރުން އުޅެމުން ދިޔައެއްކަމަކު ވާނުވާ ދޭހަކުރަން ޒިހާނަށް ދަތިވިއެވެ. އެނގުނުހާ ވެސް ކަމަކީ މޭގައި ތޫނު ތަދެއް ހިފާފައިވިކަމެވެ. އަދި އޭނައަށް ނޭވާ ލާން އުދަގޫވަމުން ދިޔަކަމެވެ. އަނގަމަތީގައި އޮކްސިޖަން މާސްކް އަޅާލެވުނު ވަގުތު ދެލޯ މަރައިލެވުމުން އޭނަ މަރުވީ ކަމަށް ނިންމުނެވެ.
އެހެނަސް އޭގެ އިރުކޮޅެއް ފަހުން ޒިހާނަށް ހޭލެވުނެވެ. ހޭލެވުނުއިރު އޮވެވުނީ ޕްރައިވޭޓް ރޫމެއްގެ އެނދުގައެވެ. އެވަގުތު އޭނަގެ މޭގައިވި ރިހުން ފިލައި ނޭވާލެވޭ ގޮތްވެސް ރަނގަޅުވެފައިވިއެވެ. އޭނަގެ އަތާއި ގުޅިފައިވި މެޝިންތަކަށް ނަޒަރު ދެމުން ދަނިކޮށް އެ ކޮޓަރިއަށް ޑޮކްޓަރަކު ވަދެގެން އައީ އޭނަގެ ފޯނާއި އެކީގައެވެ. ޒިހާން ހޭ ނާރަނީސް އޭނަގެ ޢާއިލާ މީހުން ގުޅާފައިވި ވާހަކަ އެ އަންހެން ޑޮކްޓަރު ބުންޏެވެ. އަދި ހަމަ ދެންމެއަކު މި ވަނީ ވީޑިޔޯ ކޯލެއް ކޮށްފައި ކަމަށްބުނެ ޒިހާންގެ އަތަށް ފޯނު ލައިދިނެވެ. ފޯނުގެ ސްކްރީނުން ފެނިގެން ދިޔައީ ރޮވިފައި އިން އޭނަގެ މަންމައެވެ. މަންމަ ކިތަންމެ ހިތްވަރު ކުރަން މަސައްކަތް ކުރިއެއްކަމަކު ދަރިފުޅު ކިހިނެއްތޯ މަންމައަށް އަހައިލެވުނީ ރޮވިފައިވާ އަޑަކުންނެވެ. ހަމަ އެވަގުތު އޭނަގެ ދޮންތަވެސް ސްކްރީނަށް އެރިއެވެ. އަދި މިހާރު ރަނގަޅުތޯ އެހީ ހާސްވެފައި ކަހަލަ ގޮތަކަށެވެ. މަންމަ ދެންވެސް ރޮވިފައި އިނދެ ދަރިފުޅު އަވަހަށް ރަށަށް އަންނާށޭ ބުންޏެވެ. ‘އޭނަ’ ހުރި ތަނެއްގައި ދަރިފުޅަށް ސަލާމަތުން ނުހުރެވޭނެ ކަމަށް ބުންޏެވެ. ހަމަ އެވަގުތު ދޮންތަ އެ ނުލަފާ މީހާއަށް ޒިހާންގެ މޭގަނޑުން ބައެއް ދޭންވީ ކީއްވެތޯ ބުނެ ނުރުހުންތެރިކަމާއެކީ ސުވާލުކުރިއެވެ. އެދެމީހުންނަށް އޭނައާއި ދިމާވީ ކާކުކަން އެނގުނީ ހޮސްޕިޓަލުން ލިބުނު މަޢުލޫމާތުންކަން ޒިހާނަށް އެނގުނީ އެހާ ހިސާބުންނެވެ.
މަންމައާއި ދޮންތަ ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދެއް ދޭން ޒިހާނަށް ނޭނގުނެވެ. އަދި އަމުދުން އެމީހުންނާއި ކުރިމަތިލާން އޭނައަށް އެވަގުތު ހިތްވަރެއްވެސް ނުކުރެވުނީއެވެ. އޭނައަށް އަނިޔާކުރި މީހަކަށް އެހީއެއް ވެވެން މިއުޅެނީ ކީއްވެކަން ޚުދު ޒިހާނަށް ވެސް ދޭހައެއް ނުކުރެވުނެވެ. އެނގުނުހާ ވެސް ކަމަކީ ޢަބްދު ﷲ ހަމީދު ނަމަކަށް ކިޔާ އެމްސްޓާޑަމްގައި އުޅޭ މަހުޖަނަކަށް ލިވާރ ޑޯނާރއެއް ބޭނުންވާ ވާހަކަ އިވުމުން އޭނަ އެހީވާން ބޭނުންވިކަމެވެ. އެކަމަށްޓަކައި އޭނަ ވަކި އޭނަގެ ބައްޕައަށް ފެންނާކަށް ވެސް ބޭނުމެއްނުވިއެވެ. އެހެނަސް ކަންދިމާކުރި ގޮތުން އެރޭ އެހެންވީއެވެ.
ހިތުގެ އަޑީގައިވި ހިތާމަވެރިކަމުގެ ސަބަބުން ޒިހާނަށް އެ ފޯނު ކޯލުގައި އެންމެ ބަހެއްވެސް ބުނެނުލެވުނެވެ. އޭނަ އެއްޗެކޭ ބުނަން ޙަރަކާތެއް ކޮށްލިޔަސް ރޮވިދާނެހެން ހީވަމުން ދިޔައީތީވެއެވެ. މަންމައާއި ދޮންތަގެ ކުރިމަތީގައި ރޯން ޒިހާން އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އެއިން އެމީހުން ދެރަވާ މިންވަރު އޭނައަށް އެނގޭތީވެއެވެ. އަދި އޭނައަށް ރޮވިއްޖެނަމަ އެމީހުންގެ ހިތްވަރަށް އޭނަ ނުވާނެކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
އެވަގުތުވެސް ނޭނގޭ ހިތާމަވެރިކަމެއްގެ ތެރެއިން ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެ ރޮވެން ކައިރިވަމުން ދިޔައެވެ. އެހެނަސް ޒިހާން ގަދަކަމުން އެސްފިޔަ ޖަހަމުން ނުރޯން މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭގެ ސަބަބުން އޭނަގެ މޭގައި ލުއި ރިހުމެއް އުފެދިފައިވިއެވެ. މިފަދަ ޙާލެއްގައި ވަނިކޮށް ޒިހާނަށް ފަހަތުން ޖާދުވީ އަޑެއް އިވުނެވެ.
“ހައި….” އިވުނު އެ އަޑާއިއެކީ ޒިހާންގެ ހުރިހާ ޙިއްސަކަށް އެނގިގެން ދިޔަހެން އޭނައަށް ހީވިއެވެ. އިސާހިތަކު އެއީ އޭނަ ދަންނަ އަޑެއްކަމަށް އޭނަގެ ސިކުނޑި ބުންޏެވެ. ފަހަތް ބަލަން ހިތަށްއެރިއެއްކަމަކު ހަށިގަނޑުގައި ކުޑަވެސް ހަކަތައެއް ނެތް ކަމުގެ އިޙްސާސް ކުރެވެމުން ދިޔައީތީ އެކަން ކުރަން ނުކުޅެދުނެވެ. ހަމަ އެއާއިއެކު މާޒީގެ އެކި ޞަފްޙާތައް ހުއްޓުމެއްނެތި އޭނަގެ ލޯކުރިމަތިން ސިފަވަމުން ދިޔަގޮތުން ހިތަށްވެރިވި ރަނގަޅު އިޙްސާސްތައް ދިގު ދެމިގެން ދިޔައީ ސިކުންތުކޮޅަކަށެވެ.
ޔުނާ އެއްޗެކޭ ބުނުމުން ވެސް ޒުވާނާ ފަހަތް ބަލައި ނުލުމުން ޑޮކްޓަރ ލެސްލީ ކިޔައިދިން ޙާލަތު ޔުނާއަށް ފަހުމްވެގެން ދިޔައެވެ. އެ ޒުވާނާ އެފަދަ ޙާލަކަށް ދިޔުމަށް މެދުވެރިވެފައިވާނީ ކޮންފަދަ ކަންތައްތަކެއްތޯ ހިތަށްއެރިއެވެ. އިސާހިތަކު އެ ޒުވާނާއަށް ޙަމްދަރުދީ ވެވުނެވެ. އަމިއްލަ ބައްޕަގެ ފަރާތުން އެ ޒުވާނާއަށް އަނިޔާތަކެއް ލިބިފައިވާނެކަމަށް ލަފާކުރެވުމުންނެވެ. އެފަދަ ބައްޕައަކަށް އެހާވަރު ބޮޑު އެހީއެއްވެދޭން އެއުޅެނީ ކީއްވެތޯ ވެސް ޔުނާއަށް އަމިއްލަ ނަފްސާއި ސުވާލުކުރެވުނެވެ. އެކަން ވެސް އެ ކޮށްދެނީ އެ ބައްޕަ ބިރުދައްކާތީވެތޯ ހިތާހިތުން އަހައިލެވުނެވެ.
މިހުރިހާ ކަމަކާއިމެދު ވިސްނުމަށްފަހު ޔުނާ ވާހަކަ ދެއްކިއެވެ.
“ނިދި ނާދޭތަ؟ ދަންވާން ކައިރިވަނީދޯ މިހާރު؟” ޔުނާ އެކުވެރިޔަކާއި ވާހަކަ ދައްކާ ފަދައަކުން ސުވާލުކުރިއެވެ. ހަމަޖެހުން ނެތިފައިވި ޒިހާނަށް އެ ވަގުތު އެކުއްޖަކު ވާހަކަ ދެއްކީ ދިވެހިންކަން ވެސް ފާހަގައެއް ނުވިއެވެ. ވިސްނުނުހާވެސް ކަމަކީ މިރޭ ފަދައިން އޭނައަށް މާޒީގައި ލިބުނު އަނިޔާތަކުގެ ސަބަބުން ނުނިދުނު ރޭތަކެވެ.
“އަހަންނަށް ވެސް އެއްދުވަސްވަރެއްގަ ތިހެންވި. އަހަރުމެން ލޯބިވާ މީހަކު އަހަރުމެންނާ ދޭތެރޭ ދެރަކޮށް ކަންތައް ކުރީމަ ސިކުނޑީގެ ހަމަޖެހުން ނެތިދަނީ. އޭގެ ސަބަބުން ނުނިދެނީ. އެކަމަކު ބައެއްފަހަރު ހިތަށްއަރާ އަހަރުމެންނާމެދު އަޅާނުލާ ބަޔަކަށް އަހަރުމެންގެ މައްޗަށް އެހާ ބޮޑު ބާރެއްދޭން ޙައްޤުވޭބާވައޭ…” ޔުނާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ވާހަކަ ބުނެލީ އެ ބަލިމީހާގެ ބައްޕައާއިމެދު ވިސްނިވިސްނިހެން ޚުދު އޭނަގެ ބައްޕަވެސް އޭނަ ދޫކޮށް ދިޔަ ދުވަސްތައް ހަނދާންކުރަމުންނެވެ.
މިފަހަރު އިވުނު ވާހަކަތަކުން ނޭނގުމެއްގެ ތެރެއިން ޒިހާންގެ ސިކުނޑި އެ ވާހަކައަށް ފުރިހަމަ ސަމާލުކަން ދިނެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނައާއި އަޅާނުލާ މީހަކަށް އެފަދަ ބާރެއް ދެވިގެން ނުވާނެ ކަމަށް ހިތް ބުންޏެވެ.
“އަހަރެން ވަރަށް ކުޑައިރު އަހަރެންގެ ބައްޕަ އަހަރުމެންގެ ޢާއިލާ ދޫކޮށްލާފަ އެހެން ޢާއިލާއެއް ފެށީ. ބައްޕަ އެގޮތަށް ކަންތައް ކުރީތީ ވަރަށް ދެރަވި. ބައްޕަ ދިޔަ ފުރަތަމަ ދުވަސްކޮޅު ވަރަށް އުއްމީދު ކުރެވުނު ބައްޕަ އަނބުރާ އަންނާނެ ގޮތަށްވުމަށް. ހެހެ….ވަރަށް ގިނަ ކާޑުތަކެއް ވެސް ހެދިން ބައްޕައަށް ފޮނުވޭތޯ ބަލަން. އަހަރުމެންނަށް ނޭނގި ވެސް އަހަރުމެންގެ ހިތުގެ އަޑީގަ ޢާއިލާ މީހުންނަށްޓަކައި ލޯތްބެއްވޭ. ވަކިން ޚާއްޞަކޮށް އެމީހުން ކުރިން އަހަރުމެންނާއިމެދު ރަނގަޅަށް ކަންތައް ކޮށްފަ ހުރިއްޔާ ހީވާނީ އަހަރުމެން ކުރި ކަމެއްގެ ސަބަބުންހެން އެމީހުން ބަދަލުވީ. ދެން އަހަރުމެން ދައްކާލާ ކުޑަ ޢިޝާރާތަކުން ވެސް އެމީހުން އަނެއްކާ ބަދަލުވެދާނެހެން އަހަރުމެންނަށް އުއްމީދު ކުރެވެނީ. އެކަމަކު މީހަކަށް އަންނަ ބަދަލަކީ އެމީހަކު އަމިއްލައަށް ނިންމާ ނިންމުމެއް. އެ ނިންމުން ބަދަލުކުރެވޭނީ ހަމައެކަނި އެމީހަކަށް.” ޔުނާ ކިޔައިދިނެވެ. މިފަހަރުވެސް އިވުނު ވާހަކަތަކުން ޒިހާންގެ ވިސްނުމަށް ލޮޅުމެއް އައެވެ. ބައްޕައަށްޓަކައި އޭނައަށް މިހާ ބޮޑުކަމެއް ކޮށްދެވެނީ އެ ކިޔައިދިން ސަބަބާއިހެދިތޯ ހިތަށްއެރިއެވެ. ބައްޕަގެ ފަރާތުން ކިތަންމެ އަނިޔާއެއް ލިބިފައިވިޔަސް އެ ބައްޕަ އޭނައާއިމެދު ރަނގަޅަށް ކަންތައް ކޮށްދީފައިވާ އުފާވެރި ދުވަސްތައް އަދަށްދާންދެން ވެސް ޒިހާންގެ ހަނދާނުގައި ހުރެއެވެ. އޭނަގެ ވިސްނުން މި ބައްޓަންވެފައި އޮތްގޮތް ބަދަލުކުރުމަށް އޭނަ ބައްޕައަށް އެހީނުވާންވީތޯ ހިތަށްއެރިއެވެ.
“ތިމާއަށް ހާޓްކުރި މީހަކަށް އެހީވާން ނިންމާފަ އޮތިއްޔާ އެ ނިންމުން ބަދަލުކުރާށޭ އަހަރެން ނުބުނާނަން. އެފަދަ ނިންމުމެއް ނިންމޭނީވެސް ހިތްވަރުގަދަ މީހަކަށް. ޔޫ އާރ ވަން ސްޓްރޯންގް ޕާރސަން. އެކަމަކު އެ ހާޓްކުރާ މީހާއާއި ދުރުގައި ހުރުން ވީހާވެސް ރަނގަޅީ. އަދި އެމީހަކު ކުރާ ގޯސް ކަންތައް ހުއްޓުވައިގެން އެމީހަކުދެކެ ލޯބިވާކަން އަންގަންވީ. އަހަރެންގެ ދޮންބެ ތަންކޮޅެއް ކުރިން ބުނި ވާހަކައެއް އަހަންނަށް ކުރީކޮޅު ޤަބޫލެއް ނުކުރެވުނު. އެކަމަކު އެއާއިމެދު ވިސްނީމަ އެއީ ކިހާ ބޮޑު ތެދެއްކަން އަހަންނަށް ވިސްނުނު. އަނިޔާކުރާ މީހަކު ސަލާމަތް ކުރަނީ އޭނަގެ އެ ޢަމަލު ހުއްޓުވައިގެން ކަމަށް. އެހެންވީމަ ތިމާއަށް އަނިޔާކުރާ މީހާގެ ޢަމަލު މީހުންނަށް ފޮރުވައިގެން ޙަޤީޤަތުގައި އެމީހަކަށް އެދެވެނީ އަނިޔާއެއް. ކިތަންމެ ލޯބިވާ މީހަކު ވިޔަސް އޭނަ ކުރާ ނުބައި ކަންތަކުން އޭނަ ދުރުކުރުވަންވާނެ. އެ މީހަކު ފުލުހުންނާއި ސިފައިންނާއި ޙަވާލުކޮށްގެން ވިޔަސް. ޔޫ އާރ ޑުއިންގް ވަޓްސް ބެސްޓް ފޯ ދެމް ބާއި ޑުއިންގް ދެޓް!” ޔުނާ އެ ޒުވާނާގެ ޙާލަތާއިމެދު ވިސްނަމުން ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވުނު ޒިހާންގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. ޚުދު އޭނަ އަމިއްލައަށް ބައްޕަގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކުރި ދުވަހު އަމިއްލަ ނަފްސު ކުށްވެރިކުރެވުނު މިންވަރު ހަނދާންވުމުންނެވެ. ވަރަށް ފަހުން ވެސް އެ ބައްޕަ ހިންގަން އުޅޭ ޖަރީމާއަކާއި ގުޅިގެން ސިފައިންގެ މީހުން އޭނައާއި މަންމަމެން ކައިރިން ބައްޕަގެ މަޢުލޫމާތު ލިބޭތޯ ބަލާފައިވެއެވެ. އެހެނަސް އެމީހުންނަށް ވެސް ހަމީދު އުޅޭ ތަނެއް ޔަޤީންނުވާތީ ސިފައިންނަށް އެކަށީގެންވާ އެހީއެއް ނުދެވެއެވެ. މިއަދު އޭނައަށް ބައްޕަ އުޅޭތަނެއް އެނގެއެވެ. ވީއިރު އޭނައަށް ސިފައިންގެ އެ އޮޕަރޭޝަނަށް އެހީއެއް ވެވިދާނެބާއޭ ހިތަށްއެރިއެވެ. އެ ޚިޔާލުންވެސް ހިތް ބިރުވެރިކަމުން ވަށާލެވިގެން ދިޔަ ހިނދު ޔުނާ ވާހަކަ ދެއްކިއެވެ.
“އެއީ ފަސޭހަ ކަމަކަށް ނުވެދާނެ. އަހަރުމެންނަށް އަނިޔާކުރާ މީހުންނާއި ދެކޮޅަށް ފިޔަވަޅެއް އެޅުން. ބިރުގަންނާނެ. ނުތަނަވަސްވާނެ. އަހަރުމެންގެ ސިކުނޑި ހަނދާންކޮށްދޭނެ އެމީހުން އަހަރުމެންގެ މައްޗަށް އަތް އިސްކުރި ދުވަސްތައް. އެ ޚިޔާލުތަކުން ދުރުނުވެވޭނެހެން ހީވާ ޙާލަތްތަކުގަ ހަދާނީ މިހެން. އަތް މުއްކަވާލާފަ 20 ސިކުންތުވަންދެން ހިތަށް ގެންނާނީ އަމިއްލަ ނަފްސާއިމެދު ރަނގަޅު ވާހަކަތައް. އައި އޭމް ސްޓްރޯންގް، އައި އޭމް ފިއާރލެސް، އައި އޭމް ބްރޭވް. އަދި އަހަރެންގެ ދޮންބެ ނަޞޭޙަތް ދޭފަދައިން ހިތަށް ގެނެވިދާނެ ﷲ ރައްކާތެރިކޮށްދެއްވާނެއޭ ވެސް. އިފް ޔޫ ލައިކް ދެޓް!” ޔުނާ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަ ދައްކަން ބޭނުންވިހާ ވާހަކަތަކަކީ އެއީއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ޒުވާނާ ފަސްއެނބުރި ބަލައިލާނެ ކަމަށް ޔުނާއަށް އުއްމީދުކުރެވުނެވެ. އެހެނަސް އެޒުވާނާ އިންގޮތަށް އިން ގޮތުން ނާކާމިޔާބީގެ އިޙްސާސެއް ޔުނާއަށް ކުރެވުނެވެ.
ޔުނާއަށް ނޭނގުނު ކަމަކީ އެހާ ވަގުތުވީއިރު ކުޑަވެސް ޙަރަކާތެއް ގެންނަން ނުކުޅެދިފައިވި ޒިހާން ލަސްލަހުން އަތްމުއްކަވާލި ކަމެވެ. އަދި ޔުނާ އެ ބުނި ބަސްތައް ހިތަށް ގެންނަން ފެށުމުން އޭނައަށް ހިތްވަރެއް ލިބެން ފެށިކަމެވެ.
**
ރީތިވާ މޭޒުކުރިމަތީގައި ހުއްޓިހުރި ޒިހާން އޭނަގެ ނޭވާ ކުރުވާން ފެށި ވަގުތު ކަނާތު އަތް މުއްކަވާލީ މީގެ 3 އަހަރު ކުރީގެ ހަނދާނެއް އާކުރަމުންނެވެ. އޭނައަށް އެ ނަޞޭޙަތްދިނީ ކޮން ކުއްޖެއްކަމެއް އަދަށް ދާންދެން ވެސް އޭނައަށް ނޭނގެއެވެ. އެނގުނުހާ ވެސް ކަމަކީ އެކުއްޖަކު ކިޔައިދިން އެ ކަންތައް ކުރުމުން އޭނަގެ ޚިޔާލުތައް ހަމައަކަށް އަޅުވަން އޭނައަށް ފަސޭހަވެފައިވިކަމެވެ.
ރޭގަނޑު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ޒިހާން ތައްޔާރުވަމުން ދިޔައީ ޔުނާ ދާ ތަނަކަށް ދިޔުމަށެވެ. މިހާއިރު ވީއިރުވެސް އޭނައަށް ޔުނާ ގާތު އެ ވާހަކަ ބުނެވިފައެއް ނެތެވެ. އެއްވެސް ނުބައެއް ވާންއުޅޭ ކަމުގެ ކުޑަވެސް ޝައްކެއް ޔުނާއަށް ކުރެވެން ބޭނުމެއް ނުވީތީވެއެވެ. އަދި އަމުދުން އޭނަ ޔުނާއަށް އިތުބާރު ނުކުރާކަމުގެ އިޙްސާސެއް ވެސް ޔުނާއަށް ކުރެވޭކަށް ހިތް ނޭދުނެވެ.
ކޮންމެ ގޮތެއްވިޔަސް ޒިހާން ތައްޔާރުވެގެން ކޮޓަރިން ނިކުތް ވަގުތު ކާރެއް ކުއްޔަށް ހިފަން ކޯލެއްގައި ހުރި ޔުނާއާއި ކުރިމަތިލާން ޒިހާން ޖެހުނެވެ. އެކޮޅުން ކާރު ހަމަޖެހުމާއެކު ޔުނާ އޯކޭ ދެމުން ފޯނު ކަނޑާލިތަނާހެން ޒިހާން ފެނުނެވެ.
“ހާދަ ތައްޔާރުވެގެން ތިހިރީ؟” ޔުނާ ސުވާލުގެ ރާގަކަށް އެހެން ބުނެލީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމަކާއި އެކީގައެވެ. އޭނަ އެދުވަހުގެ އިންޓަވިއުތަކަށް މެންދުރު ދިޔަގޮތަށް އަނބުރާ އާދެވުނީ ދާދި ދެންމެއަކުއެވެ. އެހާ އަވަހަށް ޒިހާނާއި ވަކިވެ އެހެން ތަނަކަށް ދާންޖެހުމުން ވެސް ހިތް ދެރަވެފައިވިއެވެ. އަދި އަމުދުން އޭނަ ބައްދަލުކުރަން އުޅޭ މީހެއްގެ ޒާތުންނެވެ.
“ހުމް…..ޔުނޫއާއެކީ ދާންވެގެން ކަމަށް އަހަރެން މިހިރީ…” ޒިހާން ފުރިހަމަ ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު ޔުނާގެ ހިތް މޭތެރޭގައި ގެނބުނު ހިނދު ހިނިތުންވުން ފޭދުނެވެ.
“ޒިހާން…..އަހަންނަށް އެކަންޏޭ އިންވިޓޭޝަން ލިބުނީ. އެހެންވީމަ….” ޔުނާ ހިނިތުންވާން މަސައްކަތް ކުރަމުން ބުނަން ފެށި ވާހަކަ މެދުކެނޑުނެވެ.
“މައްސަލައެއްނޫނޭ. އަހަރެން އިނދެފާނަން ކާރުގަ….ޔުނާގެ ފްރެންޑްގެ ގެއަށް ނުވަދެ…” ޒިހާން ނުފިލާ ހިނިތުންވުމަކާއެކީ ބުނެލި ވާހަކައިން ޔުނާގެ ފިކުރު ބޮޑުވިއެވެ. ޖިނާހު އެ ބުނާ ތަނަކަށް ޒިހާން ގެންގޮސްފިނަމަ ވެދާނެ ގޮތް ޚިޔާލަށް ވެސް ގެންނަން ބޭނުމެއް ނުވުމުން ޔުނާ ވާހަކަ ދެއްކިއެވެ.
“ޒިހާން….އަސްލު އަހަރެން އެކަނި ދާން ބޭނުންވަނީ މި ފްރެންޑްގެ ގެއަށް.” ޔުނާ ބުންޏެވެ.
“އެއީ ކީއްވެ؟” ޒިހާން މާޔޫސީ ގޮތަކަށް އަހައިލި ގޮތުން ޔުނާ ދެރަވެސްވިއެވެ.
“އިޓްސް ހަމަ….އެކަނި ދާން ބޭނުންވަނީ.” ޔުނާ އިސްޖަހައިލަމުން ބުނެލިއެވެ. ޔުނާއަށް ވަމުން ދިޔަގޮތް ފެނިފައި ޔުނާގެ މި ބައްދަލުވުމަކީ ވެސް އޭނަ ބަލަން ބޭނުންވާ ރޭވުމުގެ ބައެއްކަން ޒިހާނަށް ޔަޤީނާއި ގާތް ކުރެވުނެވެ.
“ކާކާއި ބައްދަލުކުރަން ތި ދަނީ ޔުނާ؟” ޒިހާނަށް އެ ސުވާލުކޮށްލެވުނީ ސީރިއަސްކަމާއި އެކީގައެވެ. ވާން މިއުޅޭ ގޮތް ސާފުކުރަން ބޭނުންވި މިންވަރުންނެވެ. އެހެނަސް ޔުނާއަށް ޒިހާންގެ އެ ރާގުގެ މާނަ ނެގުނީ ނުބައިކޮށެވެ.
“ޕްލީޒް ޒިހާން….އަހަންނަށް އިތުބާރު ކުރައްޗޭ. އަހަރެން ޒިހާން ދެރަވާފަދަ އެއްވެސް ކަމެއް ނުކުރާނަން. ތެދުތެދަށް ބުނަންޏާ އަހަންނަށް ތެދުވެރި ލޯތްބެއް އިޙްސާސް ކުރެވުނީ ޒިހާންގެ ފަރާތުން. ވީމަ އަހަރެން މި ގުޅުމަށް ބޭވަފާތެރިއެއް ނުވާނަން. އަހަރެން އާދެވޭތޯ ބަލާނަން ގަޑިއިރެއްވުމުގެ ވެސް ކުރިން. ޕްރޯމިސް!” ޔުނާ ޒިހާނަށް ބަލަން ހުރެ އެ ވާހަކަ ބުނެލިއިރު ދެލޯ ފެންކަޅިވިއެވެ. އެ މަންޒަރު ފެނިފައި ޒިހާންގެ ހިތް ދެރަވިއެވެ. އަދި އަމުދުން އޭނަ ޔުނާއަށް ޝައްކުކުރަނީހެން ޔުނާއަށް ހީވީތީ އިތުރަށް ދެރަވިއެވެ. އިސާހިތަކު ޒިހާން ޔުނާގެ މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
“އަބަދުވެސް އިތުބާރު ކުރާނަމޭ ޔުނާއަށް. ކުރިން ވެސް ބުނިހެން އަހަރެން ޔުނާއަށް އިތުބާރުކުރަން. އިތުބާރު ނުކުރެވެނީ އެހެން މީހުންނަށް. ޔުނާ ބޭނުންވަނީ އެކަނި ދާންކަމަށްވަންޏާ ހަމަ ދާންވީ އިނގޭ؟ އަހަރެން ޔުނާއަށް މަނަލެއް ނުކުރާނަން.” ޒިހާން އޭނަގެ ބޮޑުވާ އިނގިލިން ޔުނާގެ ކޯތާފަތުގައި ފިރުމަމުން ބުނެލިއެވެ. އެއަށްފަހު ޔުނާގެ ނިތުގައި ބޮސްދިނެވެ. ބަދަލުގައި ޔުނާ ޒިހާންގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ‘ބައި’ އޭ ބުނެލަމުން ދާން ހިނގައިގަތެވެ.
ޔުނާ އޭނައަށްޓަކައި ޢިމާރާތުގެ ކުރިމަތީގައި މަޑުކޮށްފައި އޮތް ކާރަށް އަރައި ދޮރު ލައްޕާލުމާއެކުހެން އެ ކާރު ދުއްވަން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ ހަމަ އެ ޢިމާރާތުގެ ކުރިމަތީގައި ޓެކްސީއެއް މަޑުކުރިއެވެ. ޓެކްސީ މަޑުކުރިތާ ސިކުންތުކޮޅެއް ފަހުން ޒިހާން ޢިމާރާތުން ނިކުމެ ޓެކްސީއަށް އަރަން ދިޔައީ ފޯނުން ވާހަކަ ދައްކަމުންނެވެ.
“އާނ ޝިއުސް. މިވަގުތު މިދަނީ އެތަނަށް ދާން.” ޒިހާން ޓެކްސީއަށް އަރައި ދޮރު ލައްޕާލަމުން ބުނެލިއެވެ. އެއަށްފަހު ޓެކްސީ ޑްރައިވަރު ގާތު ދެންމެ އެ ދިޔަ ކާރުގެ ފަހަތުން ދިޔުމަށް އެންގިއެވެ.
ނުނިމޭ