Hiyaa (Part 44)
ޒިހާން ހޮސްޕިޓަލުން ދޫކުރެވުނުތާ 9 ވަރަކަށް ދުވަސްފަހުން ޔުނާ އެމްސްޓާޑަމްގައި ކުރަން ޖެހުނު ހުރިހާ އިންޓަވިއުތަކަށް ނިމުމެއް އައެވެ. ދެ ތިން ދުވަސްފަހުން ޒިހާން ނެގި ޗުއްޓީވެސް ނިމޭނެތީ އޭގެ އަނެއްދުވަހު މާލެއަށް ފުރަން އެމީހުން ޓިކެޓް ނަގާފައިވިއެވެ. ފުރަން އޮތް ދުވަހުގެ ކުރީ ދުވަހުގެ ހަވީރު ޔުނާއާއި ޒިހާން އެމީހުން އުޅޭ ޢިމާރާތުން ނިކުތީ ޢާއިލާ މީހުންނަށްޓަކައި ހަދިޔާ ގަނެލުމަށެވެ.
އާދައިގެ މަތިން އެއްފިހާރައިން އަނެއް ފިހާރައަށް ވަންނަމުން ޔުނާއާއި ޒިހާން ދިޔައީ އެކިއެކި ވާހަކަތައް ދައްކަމުން ހީ ސަމާސާ ކުރަމުންނެވެ. އެހެނަސް ކުރިއާއި ޚިލާފަށް އެދެމީހުން އިހުނަށްވުރެ ގާތްކަމަށް ދައްކަމުން ދިޔައެވެ. އެމީހުން ކުރިން އެކީގައި ގޮސްފައިވި ފިހާރަތަކުގެ ކައުންޓަރުތަކުގެ ތިބި މީހުންނަށް ވެސް އެކަން ފާހަގަވިއެވެ. އެއްފިހާރައަކުން ޒިހާން ޔުނާއަށް އަނގޮޓިއެއް ގަނެދީ ލާރި ދެއްކުމާއެކުހެން ޒިހާން ޔުނާގެ ކަށި އިނގިލީގައި އޭތި އަޅުވައިދިނެވެ. އެ މަންޒަރު ފެނިފައި އެ ކައުންޓަރުގައި ހުރި މެދު ޢުމުރުގެ ފިރިހެނަކު އެ ދެމީހުން ‘އެންމެ ފަހުން’ ކައިވެނި ކުރަނީތޯ އެހުމުން ޒިހާނަށާއި ޔުނާއަށް އެކުއެކީގައި ހީލެވުނެވެ.
އެކި ފިހާރަތަކަށް ވަންނަމުން ގޮސް ހެދުން ފިހާރައެއްގައި ދެމީހުން ތިއްބާ ޔުނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު ގުޅަނީ ޒައިނާކަން އެނގުމުން ޔުނާ ޒިހާނަށް އެ ވާހަކަ އެންގިއެވެ.
“ހޫނ…..އަމިއްލަ ކޮއްކޮއަށް ނުގުޅާ ފަހަރިއަށް އެބަގުޅައޭދޯ؟ ވަރެއް ދައްކާލާނަމޭ ރަށަށް ގޮއްސަ!” ޒިހާން ނުރުހުންވާ ކަމަށް ހެދެމުން ވާހަކަ ދެއްކި ގޮތުން ޔުނާއަށް ހެވުނެވެ. ޔުނާ ފޯނު ނަގައި ކަންފަތުގައި ޖައްސާލި ވަގުތު ޒިހާން އަނެއްފަރާތުގައި ހުރި ހަރުގަނޑަކާއި ދިމާލަށް ދިޔައެވެ.
“ހެލޯ…” ޔުނާ ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ.
“އައްސަލާމްޢަލައިކުމް! ކޮބާ ކިހިނެއްތަ ހުރިހާ ކަމެއް؟ ފަހަކަށް އައިސް މި ޒިހާނަކަށް ގުޅާއިރަށް ހައިޕްވެފަ ހުރެގެން ޔުނާގެ ވާހަކައެއް ނޫނީ ދެއްކޭ ގޮތެއް ނުވޭ. އެހެންވެ ޔުނާއަށް މި ގުޅީ…..” ޒައިނާ ވާހަކަ ދެއްކިއެވެ.
“ހެހެ….ހުރިހާ ކަމެއް ރަނގަޅުކަމުންތާ ހައިޕްވެގެން ވާހަކަ ދެއްކޭނީ…” ޔުނާ ބުންޏެވެ. އިހަކަށް ދުވަހު ދިމާވި ޙާދިސާގެ ވާހަކަ ޢާއިލާއަށް ނާންގަން ޔުނާއާއި ޒިހާން ވެސް ނިންމީ މަސްލަޙަތަށްޓަކައެވެ. ވަކިން ޚާއްސަކޮށް އެ ވާހަކަ އިވިއްޖެނަމަ މަންމަގެ ޙާލަތު ގޯސްވެދާނެކަމަށް ޒިހާން ބުންޏެވެ. ޒިހާން ހޭނެތިފައި ހޮސްޕިޓަލުގައި އޮތް ދެދުވަހު ފޯނު ނުގެމުގެ ސަބަބަކަށް އެދެމީހުން ވެސް ޢާއިލާއަށް އެންގީ ޒިހާން ވަރަށް ބޮޑަށް ބަލިވެގެން ހޮސްޕިޓަލުގައި ބާއްވައިގެން އުޅުނު ވާހަކައެވެ.
“އާނދޯ؟ ކޮންތާކުތަ މިހާރު ތިތިބީ؟ ޕެކިންގްގެ ކަންތައް ނިމިއްޖެ؟” ޒައިނާ ސުވާލުކުރިއެވެ.
“ނޫނޭ….މިވަގުތު މިއުޅެނީ އެންމެ ފަހުގެ ޝޮޕިންގްތައް ކުރުމުގަ. ޒަ….ދޮންތަ ބޭނުންވާ އެއްޗެއް ހުރިއްޔާ އަންގާލައްޗޭ!” ޔުނާ ޒައިނާއާއި މުޚާތަބު ކުރާގޮތް ބަދަލުކޮށްލީ ހިސާބަކަށް ލަދުގެންފައި ހުރެއެވެ. އޭނަގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ ޒައިނާ އެކަން ފާހަގަ ކުރުމުގެ ބަދަލުގައި އެހެން ވާހަކައެއް ދެއްކިއެވެ.
“އޭ ޝޮޕިންގްގަ އުޅެންޏާ ތި ޒިހާން އަމިއްލަ އަލަމާރިއަށް ލާން ހެދުން ގަނޭތޯ ޔަޤީން ކުރައްޗޭ. އެހެން އެންމެނަށް އެއްޗެހި ގަނެދީ ނިންމާއިރުވެސް ކޮންމެހެން ބޭނުންވާ އެއްޗެއް ނޫނީ އަމިއްލައަށް ނުގަންނާނެ. ބުނާނީ ތިމަންނަ މިއީ އެހެން ނޫނަސް ގިނައިރު ޔުނިފޯމުގަ ހުންނަ މީހެކޭ. 2 އަހަރު ވެދާނެ ކަންނޭނގެ އޭނަ އާ ގަމީހެއް ނުގަންނަތާ. ގެންގުޅޭނީ ދެ ތިން ރީތި ގަމީހެއް….” ޒައިނާ ބުންޏެވެ. އެއާއިއެކު ޔުނާއަށް އެ ވާހަކައާއި މެދު ވިސްނާލުމުން އެއީ ކިހާ ބޮޑު ޙަޤީޤަތެއްކަން ވިސްނުނެވެ. މީގެ ކުރިން ވެސް ޒިހާނާއެކީ ފިހާރައަށް ދިޔަ ފަހަރު ޒިހާން އާ ގަމީސްތަކެއް ލީ އޭނަގެ އެދުމުގެ މަތިންނެވެ. އެހެނަސް ޒިހާން އެ ގަމީސްތައް ވެސް ގަންނަން ޚިޔާލެއް ނުކުރިއެވެ. އެރޭ ޔުނާއަށް ހީކުރެވުނީ އޭނަ ޚިޔާރުކުރި ގަމީސްތައް ޒިހާނަށް ކަމުނުދިޔައީ ކަމަށެވެ. އެހެނަސް ޒިހާނާއެކީ ފިހާރަތަކަށް ދިޔަ އެއްވެސް ފަހަރަކު ޒައިނާ ބުނިހެން ޒިހާން އަމިއްލައަށް ބޭނުންވާ އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ދީފައި ނުވާކަން އެނގުންވިއެވެ. އެވަގުތު ވެސް ޒިހާނާއި ދިމާލަށް ބެލި ވަގުތު، އަންހެނުންގެ ހެދުންތައް ހުރި ހަރުގަނޑަކުން ދަނބުކުލައިގެ އަތްދިގު ޓީޝާޓެއް ހިފައިގެން ޔުނާއާއި ދިމާލަށް އަންނަމުން ދިޔަތަން ޔުނާއަށް ފެނުނެވެ.
“ބާއްވަނީ އިނގޭ ދޮންތާ. އެބަގުޅަން އަދި ފަހުން…” ވިސްނުމެއްގައި ހުރެ ޔުނާ އެހެން ބުނެލަމުން ފޯނު ކަނޑާލި ވަގުތު ޒިހާން އައިސް އޭނަގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ކީކޭ ދޮންތަ ކިޔަނީ؟ މީތި ގުޅޭދޯ ޔުނޫއާ….” ޒިހާން ފުރަތަމަ ސުވާލުކުރުމަށްފަހު ދެވަނަ ސުވާލުކޮށްލީ ޔުނާގެ ގައިގައި އެ ޓީޝާޓު ޖައްސަމުންނެވެ. ޔުނާއަށް އެއްފަހަރު އެ ޓީޝާޓަށް އަނެއްފަހަރު ޒިހާނަށް ބަލައިލެވުނެވެ.
“ސުވާލެއް ކޮށްލަންތަ ޒިހާން؟” ޔުނާ އަހާލިއެވެ.
“ހުމް؟”
“ޒިހާން ލޯބިވާ މީހުން ކިޔާލަދީބަލަ….” ޔުނާ ބުންޏެވެ. އެއާއެކު ޒިހާން ހިނދުކޮޅަކަށް ހުއްޓުން އެރިއެއްކަމަކު އޭގެ ދެވަނަ ސިކުންތުގައި ހީލިއެވެ.
“ހާދަ އެހެން ކަހަލަ ސުވާލެކޭ….އަނެއްކާ ޓްރެޕެއްތަ މީ؟ ހެހެ…..ލޯބިވަނީ، ޔުނޫދެކެ، މަންމަދެކެ، ދޮންތަދެކެ…..” ޒިހާން އެހެން ބުނެލީ ޔުނާގެ ނަން ކިޔުނު އިރު ޔުނާގެ އެއް ކޯތާފަތުގައި ހިފާލަމުން ހިނިތުންވުމަކާއި އެކީގައެވެ.
“ހުމް…ދެން؟” ޔުނާ ސީރިއަސްކަމާއެކީ ސުވާލުކުރިއެވެ.
“ދެން….މަންހަލްއާ ލޫލޫދެކެ ވެސް ލޯބިވޭ…..” ޒިހާން ވާނުވާ ނޭނގިފައި ހުރެ ބުންޏެވެ.
“ދެން؟” ޔުނާ ދެއަތް އުރާލަމުން އަނެއްކާވެސް އެހިއެވެ. އެއާއެކު ޒިހާންގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔުނާ އޭނަ ލައްވާ ބުނުވަން އުޅެނީ އޭނަ އެމީހެއްގެ ނަން ކިޔަން ވެސް އޭނައަށް ދަތި އިންސާނާގެ ނަންތޯ ހިތަށްއެރިއެވެ. ޒިހާންގެ އެ އިޙްސާސް އެ މޫނުމަތިން ނަގައިގަނެވުނު ޔުނާއަށް ވަގުތުން ވާހަކަ ދެކެވުނެވެ.
“ޒިހާން ލޯބިނުވޭތަ ޒިހާންދެކެ؟” ޔުނާ ސުވާލުކުރިއެވެ.
“ވަޓް؟!” ލިބުނު ޙައިރާންކަމާއެކީ ޒިހާނަށް އަހައިލެވުނެވެ. އެއާއެކު ޔުނާ އިތުރު އެއްޗެކޭ ނުބުނެ ޒިހާންގެ އަތުގައި ހިފައިގެން ފިރިހެނުންގެ ހެދުންތައް ތިބި ބަޔަށް ދިޔައެވެ.
އެ ބަޔަށް ވަދެވުމާއެކުހެން ޔުނާ އެކިއެކި ގަމީސްތައް ނަގައި ޒިހާންގެ ގައިގައި ޖައްސަމުން އެތާނގައި ހުރި އަންހެން ކުއްޖާ ގާތު އޭނައަށް ކަމުދިޔަ ކޮންމެ ގަމީހެއް ނަގައި ޕެކް ކުރުމަށް އަންގަން ފެށިއެވެ. އޭނަ ކޮންމެ އެއްޗެއް ޕެކްކުރަން އެންގި ކޮންމެ ފަހަރަކުހެން ޒިހާން ޔުނާއަށް ގޮވައިލައެވެ. އެހެންނޫނީ ނޫނެކޭ ބުނަމުން ދިޔައެވެ. އެހެނަސް ޔުނާގެ ޙަރަކާތްތައް އަވަސްވުމުން އޭނަގެ އެ މަސައްކަތްތައް ބޭކާރުވިއެވެ. ޒިހާން ބަލަބަލާ ހުއްޓާ ޔުނާ ޒިހާނަށް ދޭން ބޫޓުތަކާއި ޖިންސްވެސް ގަތެވެ. ޔުނާގެ މަޤްޞަދަކަށް ވެފައިވީ ޒިހާން އަމިއްލަ ނަފްސަށްޓަކައި ހޭދަކުރަން ޖެހިލުންވާ ސަބަބު ހޯދުމެވެ. އެ ސުވާލު ސީދާސީދަލަށް ކޮށްގެން ޖަވާބު ނުލިބޭނެހެން ހީވީތީވެއެވެ.
ޒިހާންގެ އެއްވެސް ބަހެއް އަޑުއެހުމެއްނެތި ޔުނާ އެ ހުރިހާ އެއްޗެއް ގަތެވެ. އެއަށްފަހު އެންމެ ފަހުން ނެގި އެއްޗެހި ޒިހާނަށް ދީފައި ހެދުން ބަދަލު ކުރުމަށް ޔުނާ ބުންޏެވެ. ޔުނާ ހެވިފައިހުރެ އެ ޓީޝާޓް ލުމުން ޒިހާން ހުންނާނެ ގޮތް ސިފަކޮށްދިނީވެސް ކަންފަތް ދޮށުގައި ބުނެލި ސިއްރު ބަހަކުންނެވެ. އެއާއެކު ޒިހާން ބުނާނެ ވަކި އެއްޗެއް ނޭނގި ހުރ ރަތްވެފައިވާ މޫނަކާއެކީ ޗޭންޖިންގް ރޫމަށް ވަން ވަގުތު ޔުނާއަށް ހެވުނެވެ.
ޗޭންޖިންގް ރޫމުން ޒިހާން ނިކުންނަންދެން ޔުނާ އިނީ އެ ރޫމުގެ ބޭރުގައި އިށީންނަން ހަދާފައިވި ތަނުގެ ތެރޭގައެވެ. އެތާހުރި ސޯފާގައި އިނދެގެން ޔުނާ މޭޒުމަތީގައި އޮތް މަޖައްލާ ކިޔަމުން ދަނިކޮށް ޗޭންޖިންގް ރޫމުގެ ދޮރު ހުޅުވުނު އަޑު އިވުނެވެ. ޔުނާ އިސްއުފުލައިލުމާއެކުހެން އެތަނުން ނިކުތް ޒިހާން ފެނިގެން ދިޔައެވެ. ގަދަ މުށިކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖިންސެއްގެ އިތުރުން ހުދުކުލައިގެ ބޫޓެއްގައި ޒިހާން ފެންނަމުން ދިޔައީ ޔުނާ ހީކުރި ވަރަށްވުރެ ވެސް ރީތިކޮށެވެ. ޔުނާ ނޭވާ ހިފަހައްޓައިގެން ޒިހާނަށް ބަލަބަލާ އިންދާ، ޒިހާން ލުއި ހިނިތުންވުމެއް ޔުނާއަށް ދީފައި އެތާ ދޮރު ކައިރީގައި އޭނަގެ އިސްކޮޅަށް ހުރި ލޯގަނޑު ކުރިމަތީގައި ހުއްޓިލިއެވެ. ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު ޔުނާވެސް ހިނިތުންވުމަކާއެކީ ތެދުވެލިއެވެ.
“ކޮބާ ރީތިދޯ ހަމަ؟ އައި ގެސް ޒިހާން މި ހުރިހާ ދުވަހު އާ ޓީޝާޓްތައް ނުލާ ހުރީ ހަމަ ރަނގަޅަކަށްހެން. މަގުން ހިނގާފަ ދާއިރު އެހެން އަންހެން ކުދިން ލޯ ދިއްކޮށްފަ ބަލާނެކަން ޔަޤީން. އޭރުން އަހަރެން ރުޅި އައިސްގެން ގޮއްސަ މޮޔަވެދާނެ. ހެހެ….” ޔުނާ ގޮސް ޒިހާންގެ ގައިގައި ފަހަތުން ބައްދާލަމުން ލޯ މަރާލިއެވެ. ޔުނާ ހީކުރީ އޭނަ ބުނި އެއްޗެއްގެ ބަދަލުގައި ޒިހާން ވެސް އެ ސަމާސާ ކުރިއަށް ގެންދާނެ ކަމަށެވެ. އެހެނަސް ޒިހާންގެ ފަރާތުން ޔުނާއަށް އެވަގުތު ލިބިގެން ދިޔައީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ކުޑަ މިނުން ޒިހާންގެ ހުނުމުގެ އަޑު ވެސް ނުއިވުމުން ޔުނާގެ ހިނިތުންވުން ވެސް ފިލައިދިޔައެވެ. ޔުނާ ޒިހާންގެ ނަމުން ގޮވަމުން ޒިހާންގެ އަތުގެ ފަލަ މަސްގަނޑުގައި ހިފައި އޭނައާއި ކުރިމަތި ކުރުވިއެވެ. އެ ހިނދު ހިތާމަވެރިކަން ވެރިވެފައިވި މޫނު ޔުނާއަށް ފެނިގެން ދިޔައެވެ. އެހެނަސް ޒިހާން އިސާހިތަކު ލުއި ގޮތަކަށް ހީލީ އެކަން ފޮރުވަންކަން ޔުނާއަށް އެނގުންވިއެވެ. ހީލި ވަގުތުވެސް އެ ހިނިތުންވުން ޒިހާންގެ ލޮލާއި ހަމައަށް ނުފޯރިއެވެ. އަދި މާ ގިނައިރެއްނުވެ އެ ހިނިތުންވުން ފަނޑުވެ ޒިހާންގެ އިސްޖެހިގެން ދިޔައެވެ.
“ކިހިނެއްތަވީ ޒިހާން؟” ޔުނާ ދެރަވެގެން ދިޔަ ހިތަކާއެކީ ޒިހާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އެހިއެވެ.
“ކަމެއްނުވޭ…..ޔުނޫއަށް ރީތިދޯ އަހަރެން މީތި ލީމަ؟ ދެން ހިނގާ…” ޒިހާން އޭނަގެ ލޮލުގައިވި ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން ޒިހާން އެހެން ބުނެ ދާން އުޅުނެވެ. އެހެނަސް ޔުނާ ޒިހާންގެ ނަމުން ގޮވަމުން ޒިހާންގެ މޭމަތީގައި އަތްއަޅައި މަޑު ކުރުވިއެވެ.
“ކަމެއްވާއިރު ކަމެއް ނުވެއޭ ނުބުނައްޗޭ. އެފަދަ ގޮތަކަށް އަމިއްލަ ނަފްސަށް ވެސް އޮޅުވާލުމަކީ ނުރައްކާތެރި ކަމެއް. އެގޮތަށް ހަދައިގެން ހިތުގައި ހުރި ޒަޚަމްތައް އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެ…..އާދެބަލަ!” ޔުނާ އެހެން ބުނެލަމުން ޒިހާންގެ އަތުގައި ހިފައިގެން ގޮސް އެތާހުރި ސޯފާގައި ބޭންދިއެވެ. އަދި ޒިހާންގެ ކުރިމައްޗަށް ތިރިވެ ކަކޫމަތީގައި އިށީނެވެ.
“ކިޔައިދީ ޒިހާން….ކޮން ކަމެއް ހަނދާންވެފަ ތި ދެރަވަނީ؟” ޔުނާ ސުވާލުކުރިއެވެ. ޔުނާގެ އެ ސުވާލު އަޑު އިވިފައި ވެސް އިސްޖެހިފައި އިން ޒިހާންގެ މޫނުމައްޗަށް މުޅިންހެން ހިތާމަވެރިކަން ވެރިވެގެން ދިޔައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހަމައަކަށް އެޅެމުން ޒިހާން ވާހަކަ ދެއްކިއެވެ.
“އަހަރެން ވަރަށް ކުޑައިރު…..އެއީ އެންމެ ފުރަތަމަ ގޭގެތެރެ ހަލަބޮލި ވާންފެށި ދުވަސްވަރު. އަހަންނަށް ނޭނގެ އަސްލު ކީއްވެކަމެއް ގޭގެ ހަމަޖެހުން ނެތިގެން އުޅެނީ. އެ އަހަރުގެ ޢީދު ދުވަހު…..އަހަރެންގެ ހުރިހާ އެކުވެރިން ޢީދު ނަމާދަށް ދިޔައީ އާ ހެދުންތައް ލައިގެން. އެކަމަކު އަހަރެން ލާންޖެހުނީ އޭގެ ކުރީ އަހަރު ޢީދު ދުވަހުވެސް ލީ ގަމީހާއި ޖިންސު. އެކަމާއިމެދު މަންމަ ކައިރި ވަރަށް ޝަކުވާކުރިން. މަންމަ ބުނި ލާރި ނެތިގެންނޭ އާ ހެދުމެއް ނުގަނެވެނީ. އަހަރެން މަންމައަށް ރުޅި އިސްކޮށްފަ ބުނިން މަންމަ އަހަރެންދެކެ ލޯބިވަންޏާ އަހަންނަށް ދޭން އާ ހެދުމެއް ގަނެދޭނެއޭ. އެދުވަހު ހަވީރު އަހަރެންގެ ކޮޓަރީގެ އެނދުމަތީގަ އޮތް އަހަރެން އެންމެ ބޭނުންވި ކުލައިގެ ޖިންސާއި ގަމީސް. ވަރަށް އުފަލުން އޭތި ލައިގެން ލޯގަނޑު ކުރިމަތީގަ ހުއްޓުނުތަނާ ދޮންތަ ހަޅޭއްލަވަމުން އައި އަޑު އިވުނީ. އަހަންނަށް ކޮޓަރިން ނިކުމެވުނު ތަނާހެން ދޮންތަ ބުނީ މަންމަގެ ފަޔަށް ހޫނު ތެޔޮ އެއްޗެއް ވެއްޓިގެން ވަރަށް ބޮޑަށް އަނދައިގެން އުޅޭ ވާހަކަ. ގޮއްސަ ބެލިއިރު މަންމަ ހުރީ އަވަށްޓެރިއެއްގެ ގޭގަ. އަހަންނަށް ދޭން އެ ގަމިސް ގަންނަން އެދުވަހު ވިއްކަން އިތުރު ހެދިކާ ހަދަންވެގެން އެގެއަށް ގޮސް……” ޒިހާނަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައިސް ރޫރޫ އަޅަމުން ދިޔަ އަޑު ހުއްޓުމަކަށް އައެވެ. ޒިހާންގެ ދެލޯ މެރިގެން ދިޔަ ހިނދު އިތުރު ކަރުނަތަކެއް ފައިބައިގެން އައި މަންޒަރު ފެނިފައި ޔުނާވެސް އިހުނަށްވުރެ ބޮޑަށް ދެރަވާ ގޮތްވިއެވެ. ޒިހާން އަމިއްލަ ނަފްސަށްޓަކައި އާ އެއްޗެއް ގަންނަން ޖެހިލުންވާ ސަބަބު އެވަގުތު ރަނގަޅަށް ދޭހަ ކުރެވިގެން ދިޔައެވެ. ޔުނާ ބުނާނެ ވާހަކައަކާއިމެދު ވިސްނަމުން ދަނިކޮށް ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.
“އެހެންވެ ބޭނުމެއް ނުވަނީ އާ އެއްޗެއް ގަންނަން. ގަންނަ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުށްވެރި ކުރެވޭ. އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއްކަމަށް އިޙްސާސް ކުރެވޭ….އަހަރެން ބޭނުމެއްނޫން އެކަހަލަ ގޯސް މީހަކަށް ވާކަށް.” ކަރުނަތައް ހުއްޓުމެއްނެތި އޮހެމުންދާ ޙާލު ޒިހާން ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އެއާއެކު ޔުނާ ޒިހާންގެ ކަރުނަތައް ފޮހެދެމުން ވާހަކަ ދެއްކިއެވެ.
“ޒިހާން ތިއީ ގޯސް މީހެއް ނޫނޭ. ކުޑައިރު ނުވިސްނޭތީ ޒިހާނަށް ކަންތައް ކުރެވުނު ގޮތް އެއީ……އެ ޙާލަތް ރަނގަޅަށް ދޭހަކުރެވުނުނަމަ ޒިހާން އެހެން ނެހެދީސްކަން އަހަންނަށް ޔަޤީން…..މިއަދު ޒިހާން ތި ވަނީ އެ މާޒީގެ އަނދިރި ސަފްޙާތަކުން ސަލާމަތްވެފަ. އެދުވަހު މަންމައަށް ލިބުނު ހިތާމައާއި ވޭނުގެ ބަދަލު ދެވިދާނެ ގޮތެއް ކިޔައިދެންތަ؟” ޔުނާ ސުވާލުކުރިއެވެ.
“އަހަރެން ހޯދާ ލާރިން މަންމައަށް ވީހާވެސް ގިނަ އެއްޗެހި ގަނެދީގެން؟” ޒިހާން އިސްއުފުލައިލަމުން ސުވާލުގެ ރާގަކަށް ބުނެލިއެވެ.
“ހުމް….އަދި އޭގެ އިތުރަށް ޒިހާން ވެސް ޒިހާންގެ އަމިއްލަ ކަންތައް ވީހާވެސް ރަނގަޅަށް ބަލަހައްޓައިގެން. ޒިހާން އާ ހެދުންތައް ލައިގެން ހުރި މަންޒަރު ފެނުމަކީ ޒިހާންގެ މަންމައަށް ވެސް ލިބޭނެ އުފަލެއް. އޭރުން މަންމައަށް ވެސް އެނގޭނީ ޒިހާން އެ މާޒީގެ މަތިން ހަނދާން ނައްތާލިކަން. ޒިހާނަށް ނޭނގުނަސް ޒިހާން ދެރަވަންޏާ ޒިހާންގެ މަންމަވެސް ދެރަވާނެ. އަދި ޒިހާން އުފަލުގަ އުޅޭތަން ފެނުނިއްޔާ މަންމަވެސް އުފާވާނެ. ޤަބޫލެއް ނުކުރެވޭތަ؟” ޔުނާ އެހިއެވެ. އެ ހިނދު ޒިހާން ވިސްނުމެއްގެ ތެރެއަށް ގެއްލިގެން ދިޔަދިޔަހެން އޭނަގެ ކަރުނަތަކަށް ހުއްޓުމެއް އައެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ޒިހާން ބޯޖަހައިލިއެވެ.
“ޤަބޫލުކުރެވޭ….” މަޑުމައިތިރި އަޑަކުން ޒިހާން ބުންޏެވެ. އެއާއެކު ޔުނާއަށް ހިނިތުންވެލެވުނެވެ.
“އެހެންވީމަ ދެން އާ ހެދުމެއް ގަންނަ ދުވަހަކު ދެރަ ނުވައްޗޭ. މާޒީގެ ބަދަލުގަ ޚިޔާލަށް ގެންނަންވީ ތި އާ ހެދުން ލައިގެން ޒިހާން ހުންނަތަން ފެނިފަ މަންމަ އުފާވާނެ މިންވަރު.” ޔުނާ ބުނެލިއެވެ. ޒިހާންވެސް އެވާހަކަ އިވިފައި ލުއި ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. ޒިހާން ހަމައަކަށް އެޅުނުކަން ޔަޤީންވުމުން ޔުނާ ދެން ހިނގާށޭ ބުނެލަމުން ތެދުވެލިއެވެ. ޒިހާން ވެސް ތެދުވެލަމުން ޔުނާގެ ފަހަތުން ދާން ފެށިއެވެ.
“ކިހާ ވަރެއްތަ ޕޭއި ކުރަންވީ މި ތެރަޕީ ސެޝަންތަކަށް؟” ޒިހާން ނޫންކަމަށް ހަދާފައި ސުވާލުކުރިއެވެ.
“ލާރިން ޕޭއި ކުރާނެ ކަމެއް ނެތް. ކޮންމެ ސެޝަނެއްގެ ބަދަލުގައި އަހަންނާއެކީ ދުވަހެއް ހޭދަކުރަންވީ.” ޔުނާ އެހެން ބުނެލަމުން ފަސްއެނބުރި ޒިހާނަށް ބަލައިލަމުން އެއްލޯ މަރާލިއެވެ.
“ތިއީ މައްސަލައެއްވެސް ނޫނެއްނު؟” ޒިހާން ގޮސް ޔުނާގެ ކޮނޑުން އެއްއަތް ވައްޓާލަމުން އެހެން ބުނެލުމާއެކު ދެމީހުންނަށް އެކުއެކީގައި ހީލެވުނެވެ.
ޒިހާނާއި ޔުނާ އެމްސްޓާޑަމްއިން މާލެއަށް ފުރައިގެން ދިޔައީ އޭގެ އަނެއްދުވަހުގެ ހެނދުނު ވަގުތެވެ. ގަޑިއިރުތަކެއްގެ ދަތުރަކަށް ފަހު މާލެއަށް ދެވުނީ ރޭގަނޑު ކަމަށް ވިޔަސް އެދެމީހުން ވަކި މަޑުކުރުމެއްނެތި އެއާރޕޯޓުގައި ތިބެފައި ފުވައްމުލަކަށް ފުރާ ފްލައިޓަށް އެރިއެވެ. 2 ދުވަސްފަހުން ޒިހާންގެ ޗުއްޓީ ހަމަވާތީ އޭގެ ކުރިން ގޭގައި މަޑުކޮށްލަން ބޭނުންވުމުން ފުރުން ލަސް ނުކުރީއެވެ. ފުވައްމުލަކަށް ދެވުނުއިރު އެރޭ ގަޑިން 9 ޖަހައި ބޮޑުވަނީއެވެ. އެއާރޕޯޓަށް އެމީހުން ބަލައި ގޭގެ އެންމެން ވެސް އައެވެ. ޝަކީލާ ޒިހާން އާ ހެދުމެއްގައި ހުރިތަން ފެނިފައި ‘ދަރިފުޅު ހާދަ ރީތި ހެދުމެކޭ’ ހިނިތުންވުމަކާއެކީ ބުނެލުމުން ޒިހާންގެ ލޮލުން ކަރުނަ ހިލުނެވެ. އޭނަގެ ހަނދާނުގައި ޒަމާންތަކެއް ވަންދެން އެ ހިތި ހަނދާން ހުއްޓެއްކަމަކު މަންމަ ހަނދާނެއް ނެތްކަން ޒިހާނަށް އެނގުންވީ މަންމަ އެ ހިނިތުންވުމާއެކީ އޭނަގެ ގައިގައި ބައްދާލި ވަގުތެވެ. ޔުނާ ބުނިހެން މަންމަ އުފާވާނީ އޭނަ އުފަލުގައި އުޅޭތަން ފެނުމުން ކަން ވެސް އެނގުންވީ އެވަގުތެވެ. ޒައިނާ އެންމެންނަށް އިވޭވަރަށް ޔުނާ މިހާރު ޒިހާނަށް ހެދުން ގަންނަން ދަސްކޮށްދީފިއޭ ބުނުމުން އެންމެންގެ ހުނުމުގެ އަޑު އެތަނުގައި ގުގުމާލިއެވެ.
ޒިހާން ކިތަންމެ ވަރުބަލިވެފައިވިއެއްކަމަކު އެންމެން ގޮވައިގެން ކާރު ދުއްވާފައި ގެއަށް އައީ އޭނައެވެ. ގެއަށް އައުމާއެކު ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން މަންމަ ބުނުމުން އެންމެން އެކީގައި ކާމޭޒުދޮށުގައި އިށީނެވެ. ޑީކޯޑަރެއް ހިފައިގެން އައި ބަޔަކު އައީ އެމީހުން ކާން ތިއްބައެވެ. ޒައިނާ އެމީހުން ވައްދާފައި ޓީވީ ހުރިތަން ދައްކާލަދިނެވެ. އަދި ޒިހާންމެން ދިޔަ ދުވަހުއްސުރެ ޑީކޯޑަރު ހަލާކުވެގެން ހާލެއްގައި އުޅޭތާ ދުވަސްވެއްޖެކަމަށް ޒައިނާ ބުންޏެވެ. އެންމެ ފަހުން އެކި މީހުންނަށް ދައްކާވެސް އެ ޑީކޯޑަރު ރަނގަޅުނުވުމުން މިހާރު އެއީ އާ ޑީކޯޑަރެއް ކަމަށް ޒައިނާ ބުންޏެވެ.
އެންމެން އެކީގައި ކައި ނިމުނުތަނާހެން ޑީކޯޑަރު ގުޅައި ޓީވީވެސް ހުޅުވާލެވުނެވެ. އެއާއެކު މަންހަލް ކާޓޫން ބަލަން ޖޯޝާއެކީ ސިޓިންގް ރޫމަށް ދިޔައިރު ލޫލޫވެސް ދިޔައެވެ. ފަހަތުން ޒިހާން ގޮސް މަންހަލްއަށް ވުރެ ކުރިން ރިމޯޓު ނަގައި ސޯފާގައި އިށީނުމުން މަންހަލްގެ ތުން ދިގުވިއެވެ. ޔުނާ ގޮސް ޒިހާންގެ ކައިރީގައި އިށީނީ އެންމެން އެކީގައި ހުރި ޗެނަލްތައް ބަލަމާދޯއޭ ބުނަމުންނެވެ. ޓީވީއިން އެވަގުތު ހުޅުވާލެވިފައިވި އަމިއްލަ ދިވެހި ޗެނަލްއިން ފެންނަމުން ދިޔައީ ކޮންމެވެސް ފަންނާނަކާއި އިންޓަވިއު ކުރެވޭ ތަނެވެ. ޒިހާން ޗެނަލް ބަދަލުކުރަން ފެށި ވަގުތު ބަދިގެ ތެރެއިން ޒައިނާ މަންހަލްއަށް ގޮވައި ފެންބޯން އައުމަށް އެންގިއެވެ. މަންހަލް ފަހުންނޭ ކިޔައި ގޮވާލީ ޓީވީއިން ނަޒަރު ވަކި ކުރުމެއްނެތިއެވެ. ޒައިނާ ބަދިގެތެރެއިން ކުދި ކިޔާލި އަޑު އިވުނެވެ. އެ އަޑު އިވިފައި ލޫލޫ ލުއި ގޮތަކަށް ހީލުމަށްފަހު ކާގެއަށް ދިޔައީ މަންހަލްގެ ފެންތަށި ނެގުމަށެވެ. އެވަގުތު ޒިހާނަށް ޓީވީއިން ޖައްސާލެވުނީ ސަރުކާރުގެ ޗެނަލެވެ. އެ ޗެނަލްއިން އެވަގުތު ފޮނުވަމުން ދިޔައީ މަޖިލިސް ބަހުސްއެވެ.
“މިކަން ވެސް ފެށިއްޖެދޯ އަހަރުމެންނަށް ނޭނގި ހުއްޓާ؟” ޒިހާން އޭރު ވާހަކަ ދައްކަން ހުރި މެދު ޢުމުރުގެ ކެންޑިޑޭޓަށް ބަލަން ހުރެއެވެ. ޔުނާ ވެސް ހޫންލައްވާލަމުން އޭތި އަޑުއަހަން ފެށީ ވާހަކަ ދައްކާ މީހާގެ ފެންވަރު ދެނެގަނެވޭތޯއެވެ. އެހެނަސް ހަމަ އެވަގުތު އެމީހާގެ ވަގުތު ހަމަވިއެވެ. ނޭނގޭ ސަބަބަކާހުރެ ފަޅި ސިކުންތަކަށް އެތާތިބި ހުރިހާ ކެންޑިޑޭޓުން މުޅި ސްކްރީނުން ފެނިގެން ދިޔަ ހިނދު ޔުނާގެ މެއަށް ނުބައި ގޮތެއްވިއެވެ. ޕްރޮގްރާމް ހުށަހަޅަން ހުރި މީހަކު މި ބަހުސް ކުރެވެނީ މާލޭގެ ކޮންމެވެސް ދާއިރާއަކަށް ނިސްބަތްވާ މެންބަރުންގެ މެދުގައި ކަމަށް ބުނުމުން އެ އިޙްސާސް ދެގުނަ ވިއެވެ. އެމީހަކު ޕާޓީއެއްގެ ނަން ކިޔައި ދެން ވާހަކަ ދައްކާނެ ކެންޑިޑޭޓްގެ ނަން ކިޔަން ފެށީ ހަމަ އެވަގުތެވެ.
“ކެންޑިޑޭޓް ނަންބަރު 4، އިބްރާހިމް ޖިނާހު ލަބީބް….” އެ ނަން އިވިގެން ދިޔުމާއެކު މުޅި ޓީވީއިން ފެނިގެން ދިޔަ ސޫރައާއެކީ ޔުނާގެ ނޭވާ ހުއްޓި ދެބުމަ ކައިރިވިއެވެ. ހަމަ އެހިނދު ސިހިގެން ދިޔައީ ފަހަތުން ބިއްލޫރި ތަށްޓެއް ތެޅިގެން ދިޔަ އަޑަށެވެ. އެ އަޑަށް ފަހަތަށް ބަލައިލެވުނީ ޔުނާއާއި ޒިހާނަށް އެކުއެކީގައެވެ. އެހިނދު އެތާ ހުއްޓުން އަރާފައި ލޫލޫ ހުރި މަންޒަރު ދެމީހުންނަށް ފެނުނެވެ.
ނުނިމޭ