Hiyaa (Part 45)
“އަވަސްކޮށްލާ ކަނބުލޮ! ފެންވަރައި ކުޑަކޮށް ރީތިވެލަބަލަ. ބޭބެ އައުމުގެ ކުރިން ދެމައިން މިތަނުން ދާންޖެހޭނެ….” ޖަލީލާ އެހެން ބުނެލީ އެމީހުންގެ ކުޑަ ކޮޓަރީގައި ހުރި ބާ އަލަމާރީގެ ތެރެއިން ހެދުންތައް ނަގައި ބިންމަތީގައި ބޭއްވިފައި އޮތް ފޮށްޓަށް އަޅަމުންނެވެ. ޖަލީލާގެ ވާހަކަ އަޑުއަހަން އިނީ އެނދުމަތީގައި އިށީނދެގެން އިން ލޫލޫއެވެ. މަންމަ ބުނި ބަސްތައް އިވުނެއްކަމަކު ލޫލޫ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިންގޮތަށް އިނީ މަންމަގެ އަޑުވެސް ނުއިވޭ ފަދައަކުންނެވެ.
“ލޫލޫ އަވަސްކުރޭ!” ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ލޫލޫ ހިރިވެސް ނުލާ އިންގޮތުން ޖަލީލާއަށް އިހުނަށްވުރެ ހަރު އަޑަކުން ބުނެލެވުނެވެ. އަލަމާރީގައި އަޅުވާފައި ހުރި ހުރިހާ ހެދުންތައް ހުސްވި ހިނދު ތިންވަނަ ފަހަރަށް ވެސް އޭނަގެ ދަރިފުޅަށް ބަލައިލިއިރު އޭރުވެސް އިށީނދެގެން އިންގޮތް ފެނުމުން ޖަލީލާ ނުރުހުންވާ ގޮތްވިއެވެ.
“ލޫލޫ! ނުއިވެނީތަ މި ދައްކާ ވާހަކަ؟” ޖަލީލާއަށް އެހެން އަހާލެވުނީ ރުޅިވެރި އަޑަކުންނެވެ. ޖަލީލާ އަވަސް ފިޔަވަޅުތަކެއްގައި ލޫލޫއާއި ދިމާލަށް ދާން ފެށި ހިނދު ލޫލޫގެ އަޑު އިވުނެވެ.
“ކީއްވެ މަންމާ؟ ކީއްކުރަން ލޫލޫމެން ފިލައިގެން ދާންވީ؟ ލޫލޫ ބޭނުންވަނީ ބޭބެ އަންނަންދެން މަޑުކުރަން. ބޭބެ އައިއްސަ ހުރިހާ ކަމެއް ރަނގަޅު ކޮށްދޭނެ!” ލޫލޫ މަންމައަށް ބަލައިލަމުން އެހެން ބުނެލީ ކަރުނަތައް ޖަމާވެފައިވި ދެލޮލާއި އެކީގައެވެ. ލޫލޫގެ އެ ވާހަކަ އަޑުއިވުމާއެކު ޖަލީލާ ކުރު ނޭވައެއް ދޫކުރަމުން ވާހަކަ ދެއްކިއެވެ.
“ލޫލޫ ކައިރި މަންމަ ކުރިންވެސް މި ވާހަކަ ދައްކައިފިން. ބޭބެއަށް މި ހުރިހާ ކަމެއް އެނގިއްޖެއްޔާ ބޭބެގެ މުސްތަޤްބަލުވެސް ދިޔައީ. ބޭބެ މިހާރު ކިޔަވަމުން އެދަނީ ވެސް ބައްޕަ ނަގާފަ އޮތް ބޮޑު ލޯނެއްގެ ދަށުން. ބޭބެ އަހަރުމެންނަށް އެހީވާން އުޅެފިއްޔާ ބޭބެގެ ކިޔެވުން ވެސް ހުއްޓޭނެ. އެއަށްވުރެ މާ ރަނގަޅެއްނޫންތަ އަހަރުމެން ދިޔައިއްޔާ؟ ފަހުން ދުވަހަކުން ބޭބެ ކާމިޔާބު މީހަކަށްވެގެން އަހަރުމެންނާ ދިމާވިއްޔާ ކިހާ އުފާވާނެ؟” ޖަލީލާ ވާހަކަ ދައްކަމުން ލަސް ފިޔަވަޅުތަކެއްގައި ގޮސް ލޫލޫ ކައިރިއަށް ތިރިވެ އިސްތަށިގަނޑުގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. އެހިނދު ކަރުނަތައް އޮހެމުން ދިޔަ ލޮލާއިއެކީ ލޫލޫ މަންމައަށް ބަލައިލިއެވެ.
“ބޭބެ ކަންބޮޑުވާނެ ލޫލޫމެން ދިޔައިމަ. ބޭބެ ބުނީ ތިމަންނަ ބައްޕަ ކައިރި އުޅެނީ ވަކި ބައްޕަދެކެ ބޮޑަށް ލޯބިވާތީވެއެއް ނޫނޭ. ބޭބެ ބައްޕަ ކައިރި މަޑުކުރީ ބައްޕަގެ އެހީ ލޫލޫމެންނަށް ލިބޭނެ ގޮތަށް…..މިހާތަނަށް އައިއިރު ބައްޕަ އެއްޗެއް ނުދިނަސް ބޭބެ ކިހާ ރީތި އެއްޗެހި ގެނެސްދޭ ލޫލޫއަށް ދޭންވެސް؟ ދެން ކީއްވެ ވަކި އެ އަންހެން މީހާ ބުނާ ބަހެއް އަހަރުމެން އަހަންވީ؟”
“ދަރިފުޅާ! މިހާރު ޙާލަތު ބަދަލުވެއްޖެއޭ. މަންމައަކަށް ނޭނގެ ދަރިފުޅަށް މި ވާހަކަ ކިޔައިދޭނެ ގޮތެއް. މިއަދު ހެނދުނު މިގެއަށް އައި އަންހެން މީހާއަކީ ބައްޕަގެ މިހާރުގެ އަންހެނުން. ބައްޕަގެ އަންހެނުން ބޭނުމެއްނުވޭ ބޭބެ ބައްޕަގެ ލާރިން އަހަރުމެންނަށް ޚަރަދުކުރާކަށް. އޭނަ ބުނާ ގޮތަށް އަހަރުމެން ނަހަދައިފިއްޔާ ބައްޕައަށް ނާންގާ ބޭބެއަށް ވެސް ގޮތެއް ހަދާލަން އޭނަ ފަހެއް ނުޖެހޭނެއޭ ދަރިފުޅާ…..މިއަދު ވެސް އޭނަ މިގެއަށް އައިސް ހެދިގޮތް ފެނުނެއްނު؟” ޖަލީލާއަށް ވެސް އެހާ ހިސާބަށް ވާހަކަ ދެކެވުނު އިރު ރޮވިގެން ދިޔަދިޔަހެން ލޫލޫއަށް ވެސް ރޮވުނެވެ.
އެދުވަހު ހެނދުނު ލޫލޫއަށް ހޭލެވިގެން ދިޔައީ ގޭގެ ތެރެއަށް ބަޔަކު މީހުން ވަދެ އެއްޗެހި އުކާ އަޑާއި މަންމަގެ ރުއިމުގެ އަޑު އެއްވެގެން ކަންފަތުގައި ޖެހުމުންނެވެ. ލޫލޫ ވާނުވާއެއް ނޭނގި އެނދުން ފައިބައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލަން އުޅުނު ވަގުތު ކުއްލިއަކަށް އަނެއްފަރާތުން އެ ދޮރު ހުޅުވިގެން ގޮސް ލޫލޫގެ ގައިގައި ޖެހި ލޫލޫ ބިންމައްޗަށް ވެއްޓުނެވެ. ބިންމަތީގައި ޖެހުނު ވަގުތު ގައިގެ އެކި ތަންތަނަށް ތަދުވެގެން ދިޔުމުން ލޫލޫއަށް ލުއި އާހެއްގެ އަޑު ލައްވާލެވުނެވެ. ހަމަ އެވަގުތު ފޭރޭ މީހުންހެން ހީވާ ބަޔަކު ކޮޓަރިއަށް ވަދެގެން އައިސް ރީތިވާ މޭޒުމަތީގައި ހުރި އެއްޗެހި ބިންމައްޗަށް ވައްޓައި އަލަމާރީގެ ވަތްގަނޑުތައް ހުޅުވައި އޭގައި އޮތް މަންމަގެ އަތްދަބަސް ނަގައި ލާރި ނެގި މަންޒަރު ލޫލޫއަށް ފެނުނެވެ. އެއްޗެކޭ ބުނަން ނޭނގި ބިންމަތީގައި އޮތްވާ މަންމަ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކި އަޑު ލޫލޫއަށް އިވުނެވެ.
“އަޒީޒާ ކިހިނެއްވެގެންތަ ތިއުޅެނީ؟! އަޒީޒާ ލަބީބްއާ އިނދެގެން އުޅުމަކުން މަގޭގެ މައްސަލައެއް ނެތް. މިއީ އަހަރެންގެ އެކުވެރިއެއްގެ ގެއެއް! ދެން ކީއްކުރަން މިގެއަށް އައިސް އަހަންނާ އަހަރެންގެ ދަރިފުޅަށް ތި އަނިޔާ ކުރަނީ؟” އިވެމުން ދިޔައީ މަންމަގެ އަޑު ކަމަށްވިޔަސް މަންމަގެ ކުރިން ލޫލޫއަށް ފެނިގެން ދިޔައީ އެ ދޮރުމައްޗަށް އެރި މެދު ޢުމުރުގެ އަންހެނެކެވެ. މޮޅު ފޮތީގެ ދިގު ހެދުމަކާއެކީ ބުރުގާ އަޅައިގެން ހުރި އެ އަންހެން މީހާ ފެނިފައި އަތްމަތި ތަނަވަސް މީހެއްކަން ލޫލޫއަށް އެނގުނެވެ. ހަމަ އެއާއެކު ދެންމެ މަންމަ ބުނެލި ވާހަކައިން އެ އަންހެން މީހާއާއި ލޫލޫގެ ބައްޕައާއި ގުޅުމެއް އޮތްކަން އެނގުމުން މޭ ނުބައި ކުރިއެވެ.
“އެނގެއޭ ޖަލީލާގެ މައްސަލައެއް ނެތްކަން. އެކަމަކު ތީނަގެ ފިރިހެން ދަރިފުޅު އެބައުޅޭ މިކަން މައްސަލައަކަށް ވެގެން. ނޫންކަމަށް ހަދައިގެން މަގޭ ކުރިމަތީގަ މަށަށް މަލާމާތް ކުރަނީ. މަށަށް އެނގެއޭ އޭނަ ކަލޭމެންނަށް ލާރި ދޭ މިންވަރުވެސް. އެ ޖިނާހުގެ އަތުގަ ވެސް ހުރިއްޔާ ހުންނާނީ ލަބީބްގެ މުދާ. ލަބީބްގެ ފައިސާއިން އެންމެ ލާރި ފޮއްޗެއް ވެސް ކަލޭމެންނަށް ލިބެން އަހަރެން ނުރުހޭ! އެނގިއްޖެ؟” އަޒީޒާ އޭނަގެ ފަހަތުން ކޮޓަރިއަށް ވަން ޖަލީލާގާތު އެހެން ބުނެލީ ޖަލީލާއަށް ލޯ އަޅައި ދަތްކުނޑި ވިކަމުންނެވެ. އެ މޫނު އެއްފަރާތަކުން ފެނުނު ކަމުގައި ވިޔަސް އޭރުވެސް އޮތްގޮތަށް އޮތް ލޫލޫގެ ހިތް ބިރުގަތެވެ.
“މަށަށް ވަރިހަމަ އެންމެ ލާރި ފޮއްޗެއް ނުލިބުނަސް! މަ އަމިއްލައަށް މަސައްކަތް ކޮށްގެން މަގޭ ކައިރީގަ މި ހުރި ދަރިފުޅުގެ ހުރިހާ ބޭނުމެއް ފުރިހަމަކޮށްދޭނަން. އަޑު އިވިއްޖެ؟” ޖަލީލާ ރުޅިވެރިކަމާއެކީ ކަރުނަތައް އޮހެމުން ދާ ޙާލު ބުންޏެވެ.
“ހުމް…..އަޑުއިވިއްޖެ. ދެން ކަލޭގެ ހުރި ދެން ހުރި ދަރިފުޅާއިމެދު ވެސް ތިހާވަރަށް އަޅާލާ ކަމަށް ވަންޏާ މިރޭ އަހަރެން އަންގާ ބޯޓަކަށް އަރައިގެން މި ރަށުން ފައިބައިގެން އަހަރުމެންނަށް ނުފެންނަ ހިސާބަކަށްދޭ! ދާ ތަނެއް އެ ޖިނާހަށް އަންގަން ޚިޔާލުވެސް ނުކުރާތި. މަ ބޭނުމީ މަށަށް މަލާމާތްކުރުމުގެ ބަދަލުގަ އޭނަ ކަލޭމެން ނުފެނިގެން ގަނަތެޅޭތަން ދެކެން!” އަޒީޒާ އެންގިއެވެ. އެ ބަސްތަކުގެ މާނަ ރަނގަޅަށް ނޭނގުނެއްކަމަކު އެ ވާހަކަ އިވިފައި މަންމަ ރޫރޫއަޅައިގެން ދިޔަ ގޮތް ފެނި ލޫލޫގެ ވެސް ހިތް ގެނބުނެވެ. މަންމަ ބުނާނެ ވަކި އެއްޗެއް ނޭނގިފައި ވަނިކޮށް އަޒީޒާ އިތުރަށް ވާހަކަ ދެއްކިއެވެ.
“އޭނައަށް ކަމެއް ނުކޮށް އަހަރެން މި ހުންނަނީ ހައްތަހާވެސް އޭނަގެ ފަރާތުން ލަބީބްގެ ސިޔާސީ ހަޔާތަށް ފައިދާއެއް ކޮށްފާނެއޭ ހިތާ. އެކަމަކު ހަނދާން ބަހައްޓާތި ކަލޭމެންނާ މިއަދު އޭނަ ދިމާވެއްޖެއްޔާ މަގޭ ކެތްތެރިކަން ކޮޅުންލާނެ!”
އެރޭ މަންމައާއެކީ ބަނދަރަށް ގޮސްފައިހުރި ވަގުތުވެސް ލޫލޫގެ ކަންފަތުގައި އެ ބަސްތައް ގުގުމަމުން ދިޔައެވެ. މަންމައާއި އެކީގައި ގޮސް އެމީހުން އަރަންޖެހޭ ބޯޓަށް އަރައި އިށީން ވަގުތުވެސް ލޫލޫއަށް ވިސްނެމުން ދިޔައީ އަޒީޒާގެ ވާހަކަތަކާއި މެދުގައެވެ. ވިސްނިވިސްނިހެން ލޫލޫގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ބޭބެގާތު އެހުރިހާ ވާހަކައެއް ކިޔައިދީފިނަމަ ބޭބެ އެ އަޒީޒާއަށް ރަނގަޅު ޖަވާބެއް ދޭނެކަމަށް ހިތް ބުނަމުން ދިޔައެވެ.
ލޫލޫ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް މަންމަ ކެއްސަން ފެށި އަޑަށް ލޫލޫއަށް ކައިރީގައި އިން މަންމައާއި ދިމާލަށް ބަލައިލެވުނެވެ. އެދުވަހު ހެނދުނު ހިނގި ޙާދިސާއަށްފަހު މަންމަ ރަނގަޅެއް ނޫންކަން ލޫލޫއަށް އެނގެއެވެ. އެވަގުތުވެސް އަތް ހިއްލައި އަތުގެ ނުފުށް މަންމަގެ ބޮލުގައި ޖެއްސި ވަގުތު ވަރަށް ގަދައަށް ހުން އައިސްފައިވިކަން އެނގުމުން ލޫލޫއަށް ވާހަކަ ދެކެވުނެވެ.
“މަންމާ……މަންމަ ހާދަ ބަލިއޭ. ހިނގާބަލަ ބޯޓުން ފައިބައިގެން ޑޮކްޓަރަކަށް ދައްކަން.” ލޫލޫއަށް ކަންބޮޑުވުމަކާއެކީ އެހެން ބުނެލެވުނީ މަންމަގެ ދުޅަވެފައިވި ދެލޯ މެރެން ވެސް ގާތްވަމުން ދިޔަ މަންޒަރު ބަލަން އިނދެއެވެ.
“އެއީ މައްސަލައެއް ނޫނޭ ދަރިފުޅު! ރަށަށް ގޮއްސަ އެކޮޅުން ބޭސް ގުޅައެއް ގަނެގެން ކައިލީމަ ރަނގަޅުވާނެ….” ޖަލީލާ ތުރުތުރު އަޅާ އަޑަކުން ހިތްވަރުކުރަން މަސައްކަތް ކުރަމުން ބުނެލިއެވެ. ހަމަ އެވަގުތު ބިޔަ ހަށިގަނޑުތަކެއްގެ ވެރި 5 ފިރިހެނުން އެ ބޯޓަށް އަރައިގެން އަންނަން ފެށުމުން ލޫލޫއަށް އެމީހުންނާއި ދިމާލަށް ބެލުނެވެ. އެއީ ރަނގަޅު ބައެއް ނޫންހެން ހީވީ އެމީހުން ލައިގެން ތިބި ބޮޑެތި ޖެކެޓްތަކާއެކީ ބައެއް މީހުން މޫނުވެސް ނިވާކޮށްގެން ތިބުމުންނެވެ. އެމީހުންނާއިމެދު ވިސްނަން އުޅުނުތަނާހެން ލޫލޫގެ ވިސްނުން އެހެން ދިމާލަކަށް ދިޔައީ އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ލިއަމްބެ ބޯޓަށް އަރަމުން ދިޔަ މަންޒަރު ފެނުމުންނެވެ. ލިއަމްބެއަކީ ލޫލޫގެ ބޭބެގެ ގާތް އެކުވެރިއެކެވެ. ބޭބެ ފޮނުވާ ބައެއް ހަދިޔާތައް ވެސް ލިއަމްބެގެ އަތަށް ދީފައި ބައެއް ފަހަރު ފޮނުވާފައިވާތީ ލިއަމްބެއާއި ލޫލޫއާއި ދެމެދު އޮންނަނީ ގާތް ގުޅުމެކެވެ. އިސާހިތަކު ލޫލޫއަށް ‘ލިއަމްބެ’ އޭ ކިޔައި ގޮވާލެވުނީ އެއީ އޭނަގެ ބޭބެ ނެތް ތަނުގައި ބޭބެކަމަށް ދެކިގެންނެވެ. އެ ބޭބެގެ ފަރާތުން އެހީއެއް ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެނަސް ކީއްވެކަމެއް ނޭނގެއެވެ. ލޫލޫ ގޮވައިލި އަޑަށް އެތާ ކައިރީގައި ތިބި މީހުންވެސް ބަލައިލިއެއްކަމަކު ލިއަމްބެއަށް ލޫލޫގެ އަޑު އިވުނު ކަމަކަށް ނުވިއެވެ. ލިއަމްބެ އޭނައަށް ބަލާވެސް ނުލާ ބޯޓުގެ އެތެރެ ފަރާތަށް ވަދެގެން ދިޔައީއެވެ. ހަމަ އެވަގުތު ބޯޓު ދުއްވާލުމަށް އިންޖީނު ޖައްސާލެވުނު އަޑު އިވުމުން ލޫލޫއަށް އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ.
ބޯޓު ދުއްވަން ފެށުމުން ލޫލޫގެ ބޯއަނބުރާ ގޮތްވިއެއްކަމަކު އެއަށްވުރެ ބޮޑަށް ކަންބޮޑުވަމުން ދިޔައީ ކައިރީގައި އިން މަންމައާއި މެދުގައެވެ. އެހީއެއް ހޯދާނެ ގޮތެއް ނޭނގި ގޮތް ހުސްވުމުގެ އިޙްސާސާއެކީ ލޫލޫއަށް ދޭތެރެދޭތެރެއިން ރޮވެމުން ވެސް ދިޔައެވެ. މިފަދަ ޙާލެއްގައި ވަނިކޮށް ކުއްލިއަކަށް އެއްފަރާތަކުން އޭނައަށް ގޮވައިލެވުނު އަޑުއިވުނެވެ.
“އަނހަ! މިއީ ލޫލޫތަ؟” ލޫލޫ ބަލައިލިއިރު އެއީ ކުރިން އޭނަ ނުފެނުނު ލިއަމްބެއެވެ.
“ލިއަމްބެ….އާނ މިއީ ލޫލޫ! ލިއަމްބެ އާދެބަލަ ނިކަން އަވަހަށް. މަންމަ މިއޮތް ހުންއައިސްގެން ވެއްޓެނީ. ބޭބެއަށް ގުޅާފަ ބުނެބަލަ ލޫލޫމެން ބަލައި އައިސްދޭށޭ. މިއަދު ގެއަށް އައި ކޮންމެވެސް އަންހެނަކު ބުނެގެން މަންމަ ބޭބެއަށް ނުވެސް އަންގާ ފުރައިގެންދާން މިއުޅެނީ….” ލޫލޫ ރޮވިފައި އިނދެ ލިއަމްއަށް ކިޔައިދިންދިން ހެން ލިއަމް ލޫލޫގެ ކައިރިއަށް އައިސް ލޫލޫގެ ކައިރިއަށް ތިރިވިއެވެ.
“އާނ ބޭބެ ބުންޏޭ ލޫލޫއާއި މަންމަ މި ބޯޓުގަ ތިބޭނެ ވާހަކަ….” ލިއަމް ލޫލޫގެ ކަރުނަތައް ފޮހެމުން އެހެން ބުނެލީ ނުހަނު ހެޔޮ އެދޭ ރާގަކަށެވެ.
“އަސްލުވެސްތަ؟ ބޭބެއަށް އެނގޭތަ ލޫލޫމެން މި ބޯޓުގަ ތިބިކަން؟” ލޫލޫ އެހިއެވެ. އެއާއެކު ލިއަމް ބޯޖަހާލިއެވެ.
“ބޭބެއަށް އެނގޭ ރަށަށް ދާންކަން ތިއުޅެނީ. އެހެންވެ ލިއަމްބެ ފޮނުވީ ލޫލޫމެން ބަލާ އަންނަން. މިހާރު މި ބޯޓާއި ކައިރިކުރަން އުޅޭނެ ލޫލޫމެންގެ ބައްޕަގެ ބޯޓެއް. ފުރަތަމަ ލިއަމްބެ މަންމަ ގެންގޮސްދޭނަން އިނގޭ އެ ބޯޓަށް. ބޭބެ ބުނެފަ އޮތްގޮތަށް ލިއަމްބެ ހަދައިދޭނަން އިނގޭ. ލޫލޫ މަޑުކޮށްލައްޗޭ!” ލިއަމް އެހެން ބުނެލީ ލޫލޫގެ ކަރުނަތައް ވެސް ފޮހެމުންނެވެ. ލޫލޫ މައުސޫމްކަމާއެކީ ބޯޖަހައިލީ މި ވާހަކަ ދެކެވެނީ ހަތުރަކަށް ބަދަލުވެފައިވި އެކުވެރިއަކާއިކަން ނޭނގިއެވެ.
ލޫލޫ ބަލަބަލާ އިންދާ ލިއަމް ‘ދައްތަ އަންނާށޭ’ ބުނެ އުދަގުލާއެކީ ޖަލީލާ ތެދުކުރުވިއެވެ. އެހިނދު ޖަލީލާގެ ލޯ ކިރިޔަ ކިރިޔާ ހުޅުވިފައިވިކަމެވެ. ލޫލޫ ބަލަބަލާ ހުއްޓާ ލިއަމްބެ މަންމަ ގެންދަން ފެށީ ބޯޓުގެ ހިޔާކޮށްފައިނުވާ ދިމާލަށެވެ. މަންމަ އެހާ ބަލިއިރު ވެސް އެހާ ދުރަށް ގެންދަމުން ދިޔައީތީ ލޫލޫ ޙައިރާންވިއެއްކަމަކު އެތާ ހުރި ބަލި ދަންނަ މީހަކަށް ދައްކަން އުޅެނީ ކަމަށް ލޫލޫއަށް ހީކުރެވުނެވެ. އެހެނަސް ލޫލޫ ބަލަބަލާ ހުއްޓާ ލިއަމްބެ ގޮސް މަންމައާއެކީ މަޑުކޮށްލީ ބޯޓުގެ އެންމެ ކޮޅުގައެވެ. އެއަށްފަހު މަންމަގެ އަތުން ދޫކޮށްލުމުން މަންމަ ލަސްލަހުން ގޮސް ކަނޑަށް ވެއްޓި ފެން ބުރުއްސައިގެން ދިޔަ މަންޒަރު ފެނުމުން ލޫލޫއަށް ‘މަންމާ’އޭ ކިޔައި އަޑުގެ ކޮޅަށް ގޮވައިލެވުނެވެ.
**
އޭނަގެ އަމިއްލަ އަޑު ކަންފަތުގައި ގުގުމާލިހެން ހީވި ލޫލޫ ސިހިގެން ދިޔައީ އެވަގުތުކޮޅުގައި ހާސްވަނަ ފަހަރަށް ހުރެވުނުހެން ހީވި ވަގުތެވެ. އެހިނދު ލޫލޫއަށް އިނދެވުނީ އޭނަގެ ކޮޓަރީގެ އެނދު ކައިރީގައި ބިންމަތީގައި އިށީނދެގެންނެވެ. އެހެން އިންއިރު ދޮރުގައި ޓަކި ދެވެމުން ދިޔަ އަޑު އިވުނެއްކަމަކު ހިރިލަން ވެސް ނޭނގިފައި އިނދެވުނެވެ. ބޭރުން އިވެމުން ދިޔަ ތިއްތިބެގެ އަޑުން އެދުވަހުގެ އަނދިރި ހަނދާންތައް ކުރިއަށް ދިޔައެއްކަމަކު އެ ހަނދާންތަކުން ވެސް ހިތަށް އިޙްސާސް ކުރެވެމުން ދިޔައީ އެ ތިއްތިބެގެ ހިތްހެޔޮކަމެވެ. ތިއްތިބެ މިވަގުތު އޭނައަށް ގޮވަނީ ކީއްވެކަން އެނގުނެއްކަމަކު އެވަގުތު އެ ވާހަކަ ދައްކާ ހިތެއްނުވިއެވެ. އެވަގުތު އެހެން ނޫނަސް އެއްވެސް ވާހަކައެއް ދައްކަން ބޭނުމެއް ނުވީއެވެ.
ލޫލޫގެ ކޮޓަރީގެ ބޭރުގައި 5 މިނެޓަށްވުރެ ގިނައިރު ވަންދެން ހުރެވުނު ޒިހާން އެންމެ ފަހުން ފުން ނޭވައެއް ދޫކޮށްލިއެވެ. އެވަގުތު އޭނަގެ ފުރަގަހަށް ވާގޮތަށް ބިންމަތީގައި މޮޕް އަޅަމުން ދިޔަ ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލެވުނެވެ. ލޫލޫއަށް އެހެން ދިމާވުމާއެކު ޒިހާން ކުއްލި ގޮތަކަށް ޓީވީއަށް ބަލައި ޓީވީ ނިވާލާފައިވިއެވެ. ލޫލޫ އިސާހިތަކު ކަރުނުން ފުރިގެންވި ދެލޮލާއެކީ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލީއެވެ. ދޮރު ތަޅުލުމާއެކު ޒިހާން ގޮސް އެ ދޮރުގައި ޓަކިދީ ލޫލޫގެ ޚަބަރެއް ވޭތޯ ބަލަން ފެށިއެވެ. ޒައިނާއާއި މަންމަވެސް ސުވާލުކުރުމުން ޒިހާން ވަކި އެއްޗެކޭ ބުނާ ކަހަލަ ޚިޔާލެއް ނުކުރިއެވެ.
“ޒިހާން…..އަހަންނަށް ހީވަނީ އިރުކޮޅެއްފަހުން ވާހަކަ ދެއްކުންހެން ރަނގަޅުވާނީ.” ޒިހާން ނާއުއްމީދީ ގޮތަކަށް ދޮރު ކައިރީގައި ހުންނަން ފެށުމުން ޔުނާއަށް ބުނެލެވުނެވެ. ޒިހާން ބޯޖަހާލަމުން ޔުނާއަށް ބަލައިލިއެވެ.
މޮޕް އަޅައި ނިންމުމަށްފަހު ޔުނާ ޒިހާނާއި އެކީ ގޮސް އެމީހުންގެ ކޮޓަރިއަށް ވަނެވެ. ޒިހާންގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމާއެކު ޒިހާން އޭނައަށް ފަސްދީގެން ހުރެފައި ކުއްލި ގޮތަކަށް އޭނައަށް ބަލައިލިއެވެ.
“ޔުނޫ…..އަހަރެން މި ކުރާ ސުވާލަށް ޖަވާބެއް ދެވިދާނެތަ؟” ޒިހާން އެހިއެވެ. ޔުނާ ޙައިރާންކަމެއްގައި ހުރެ ހޫންލައްވާލިއެވެ.
“ޖިނާހުގެ ކޮއްކޮއެއް ހުންނަ ވާހަކަ އޭނަ ދުވަހަކުވެސް ބުނިތަ؟” ޒިހާން ސުވާލުކުރިއެވެ. ޒިހާންގެ ދުލުން ޖިނާހުގެ ނަން އިވިގެން ދިޔުމުން ޔުނާ ހުއްޓުން އެރިއެވެ. އެހެނަސް ވަގުތުން ޖަވާބު ދެވުނެވެ.
“އެހެން….ދުވަހަކުވެސް ނުބުނޭ. ޖިނާހުގެ ޢާއިލާއާއި ބެހޭގޮތުން އެނގެނީ ވަރަށް ސިޔާސީ މަންމައާއި ބައްޕައެއް އުޅޭކަން.” ޔުނާ ކިޔައިދިނެވެ.
“އެހެންވީމަ އޭނަ އެކަން އެކަކަށްވެސް ނާންގަނީތާ…..” ޒިހާން ވިސްނުމެއްގައި ހުރެ އަމިއްލަ އަމިއްލައަށް ބުނެލިއެވެ. ޔުނާ ވާނުވާއެއް ނޭނގުނެއްކަމަކު ސުވާލެއް ނުކުރިއެވެ. ޒިހާން ޙިއްސާކުރަން ބޭނުންނުވާ ވާހަކައެއް ދެނެގަންނަން ބޭނުމެއް ނުވުމުންނެވެ. އެހެނަސް ޔުނާ އެއްޗެކޭ ނުބުނެ ހުއްޓާ ޒިހާން ޔުނާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“އަހަންނަށް ހީވަނީ އަހަންނަށް އެނގޭހެން ޖިނާހުގެ ރުޅިވެރިކަން ފިނިވާނެ ގޮތެއް…..އަދި ޔަޒްދާންބެގެ މަރުގެ ފަހަތުގައި ވާނީ ކާކުކަން ވެސް އަހަންނަށް މިހާރު އެނގޭހެން ހީވަނީ….” ޒިހާން ބުނި ވާހަކައާއެކު ޔުނާގެ ދެލޯ ބޮޑުވިއެވެ.
“ކާކު؟!” ޔުނާއަށް ވައިއަޑުން އަހައިލެވުނެވެ.
ނުނިމޭ