Hiyaa (Part 47)
ޒިހާން ޑިއުޓީއަށް ދިޔަތާ ގަޑިއިރެއްހާއިރު ފަހުން ޔުނާވެސް ރީތި ވެލައިގެން ހޮޓެލުން ނިކުމެގެން ގޮސް އޭނަގެ ކާރަށް އެރިއެވެ. ކާރު ސްޓާޓްކޮށް ކާރު ދުއްވާލި ވަގުތު ވެސް އެ މޫނުމައްޗަށް ސީރިއަސްކަން ވެރިވެފައިވީ، ދެންމެ ހޮޓެލްގެ އޮފީސް ތެރެއިން އޭނައާއި މަރީއާއި ދެމެދު ދެކެވުނު ވާހަކަތައް ހަނދާންވަމުން ދިޔަ ގޮތުންނެވެ.
“މަރީ…..ކޮބާ ޔޫސުފް؟” ޓަކި ދީފައި އޮފީހަށް ވަންއިރު ޔޫސުފް ފެންނަން ނެތުމުން ޔުނާއަށް ސުވާލުކުރެވުނެވެ. އޭނަގެ ސުވާލު އިވިފައިވެސް މަރީ ހިފަހައްޓައިގެން ހުރި ފައިލްތައް ބިންމައްޗަށް ވެއްޓުނެވެ.
“ން…ނޭނގެ އަ…ޅުގަނޑަކަށް.” މަރީ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ. އެއަށްފަހު ބިންމައްޗަށް ވެއްޓުނު ފައިލްތައް ނަގަން އަވަސްވިއެވެ. އޭގެ ތެރެއިން ބައެއް ފައިލްތަކުން ގަނޑުތައް ބޭރުވެސް ވެފައިވުމުން އެކަން އުދަގޫކަމަކަށް ވިއެވެ. އެހެންކަމުން ޔުނާ ވަކި ބަލަން ނުހުރެ އެ ހިސާބަށް ގޮސް ކުރުފައި މައްޗަށް ތިރިވެ އެ ގަނޑުތައް ނަގަން ފެށިއެވެ. ގަނޑުތަކުގެ ތެރެއިން ބޭންކް ސްޓޭޓްމެންޓްތައް ފެނުމުން ޔުނާއަށް ކުއްލިއަކަށް ފައިލްތަކާއި ދިމާލަށް ބަލައިލީ އޭނަ ބަލަން ބޭނުންވި ފައިލް އެތާ އޮތްކަން ޔަޤީންވުމުންނެވެ. އެއްފަރާތަކަށް ނަޒަރު ހިންގާލި ތަނާހެން ‘ބޭންކް ސްޓޭޓްމެންޓްސް’ އޭ ލިޔެފައި އޮތް ބޮކްސް ފައިލް ފެނިފައި ޔުނާ އޭތި ނަގަން އުޅުނެވެ. ޔުނާ އެ ފައިލްގައި ހިފާލި ތަނާހެން މަރީ ދެލޯ ބޮޑުކޮށްފައި ޔުނާގެ އަތުގައި ހިފިއެވެ. އެއާއެކު ޔުނާއަށް މަރީއާއި ދިމާލަށް ބަލައިލެވުނެވެ.
“ކިހިނެއްވީ؟” ޔުނާއަށް ޝައްކުގެ ނަޒަރަކުން މަރީއަށް ބަލަން އިނދެ އަހައިލެވުނެވެ. އެއާއެކު މަރީ ނުތަނަވަސް ހީލުމަކާއެކީ ޔުނާގެ އަތުން ދޫކުރިއެވެ. ޔުނާ ދެންވެސް މަރީއަށް ބަލަމުން އެ ފައިލްއާއި އޭނަގެ އަތުގައި ހުރި ގަނޑުތަކާއެކީ ހިންދެމިލިއެވެ. އެއަށްފަހު އެތާހުރި މޭޒު ކައިރިއަށް ގޮސް ފައިލް މޭޒުމަތީގައި ބޭއްވުމަށްފަހު އޭނަގެ އަތުގައި ހުރި ގަނޑުތަކަށް ބަލައިލިއެވެ. އެ ވާނީ މި އަހަރުގެ ކަރުދާސްތަކަށްކަމަށް ޔުނާއަށް ހީކުރެވުނީ އެ ގަނޑުތައް ފައިލަށް ލައްވާފައިވެސް ނެތުމުންނެވެ. އެހެނަސް އެއީ މި ދިޔަ އަހަރުގެ ކަރުދާސްތައް ކަން އެނގުމުން ޔުނާގެ ދެބުމަ ކައިރިވިއެވެ. އިސާހިތަކު ފައިލް ހުޅުވާލަމުން ޔުނާ ގަނޑުތައް ހިއްލަން ފެށިއެވެ. ހިއްލަމުން ދިޔަ ވަރަކަށް ފެންނަމުން ދިޔައީ ވޭތުވެ ދިޔަ އަހަރުތަކުގެ ކަރުދާސްތަކެވެ. މިއަހަރުގެ ކަރުދާސްތައް ނުފެންނާނެހެން ހީވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.
“ކޮބައިތަ މި އަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް މަރީ؟” ޔުނާއަށް ސީރިއަސްކަމާއެކީ އަހައިލެވުނެވެ.
“އެ….އެއީ…ޔު….ޔޫސުފް ސާރ…އަށް އެނގިލަ..ވާނީ…” މަރީ ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
“ކީއްވެ ހަމައެކަނި ޔޫސުފް ސާރއަށް އެނގެންވީ. ހުރިހާ ބޭންކް ސްޓޭޓްމެންޓެއް ޤަވާޢިދުން މިފައިލަށް ލެވެން ވާނެއެއްނު؟” ޔުނާ ސުވާލުކުރިއެވެ.
“އެއީ….އެއީ…..” އިސްޖެހިފައި ހުރި މަރީއަށް ޖަވާބެއް ދެވޭ ގޮތެއްނުވިއެވެ. މަރީއަށް ބަލަން ހުރި ޔުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. މަރީގެ މި ނުތަނަވަސްކަމަކީ އާދައިގެ ނުތަނަވަސްކަމެއް ނޫންކަން އެވަގުތު ޔުނާއަށް އެނގުންވިއެވެ. މަރީއަށް މި ބަދަލު މި އައީ ދޮންބެގެ މަރަށްފަހުން ކަން ވެސް އެ ވަގުތު އެނގުންވިއެވެ. އޭގެ ސަބަބު ދެނެގަތުމަށްޓަކައި ޔުނާ ލަސް ހިނގުމެއްގައި ގޮސް މަރީގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އެއަށްފަހު ލަސްލަހުން މަރީގެ ކޮނޑުގައި ހިފަހައްޓައިލިއެވެ.
“މަރީ….މަރީ ތިއީ ވަރަށް ކުރީއްސުރެ ދޮންބެއަށް މަސައްކަތް ކޮށްދޭ ވަފާތެރި މުވައްޒަފެއް. ހަނދާންވާ ގޮތުގަ ދޮންބެ މަރީއަށް މި ވަޒީފާ ދިނީވެސް މަރީ ނުހަނު ފައިސާއަށް ބޭނުންވެގެން ދަތިވެގެން އުޅުނު ދުވަސްވަރެއްގަ. މަރީގެ އެހާވަރަކަށް ތަޖުރިބާ ނެތަސް ދޮންބެ މަރީއަށް މި ވަޒީފާ ދިނީ ވަރަށް އިތުބާރުކޮށްފަ. މިއަދު ދޮންބެގެ މަޤާމުގަ މިހިރީ އަހަރެން. ދޮންބެ ހެޔޮކޮށް ކަންތައް ކޮށްދިން އެންމެންނަށް ހެޔޮކޮށް ކަންތައް ކޮށްދިނުމަކީ އަހަރެންގެ ވެސް ޢަޒުމެއް. ވީއިރު މަރީ އަހަންނަށް އެއްވެސް ކަމެއް އޮޅުވާނުލާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން…..” ޔުނާ މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ. އެއަށްފަހު މަރީގެ ކޮނޑުން ދޫކޮށްލި ހިނދު މަރީގެ ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ޔުނާ މަރީއަށް ބަލަން ހުރެފައި ވަކި މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. މަރީގެ ފަރާތުން އެ ވަގުތު އިތުރު މަޢުލޫމާތެއް ލިބިދާނެހެން ހީނުވުމުންނެވެ. އެހެނަސް އޮފީހުން ނިކުމެގެން ގޮސް ލިފްޓާއި ހަމަވަމުން ދިޔަ ވަގުތު ޔުނާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލައިލިއިރު މަރީގެ ނަން ފެނިފައި ޔުނާއަށް ވަގުތުން ކޯލް ރިސީވްކޮށް ފޯނު ކަންފަތުގައި ޖައްސާލެވުނެވެ.
“މި އަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް ޔޫސުފް ސާރ ޝްރެޑްކޮށްފި. ޔުނާ މޭމްއަށް ދައްކަން ބޭނުންނުވީތީ…..” ފުރަތަމަ ފަހަރަށް މަރީގެ އަޑު އޮމާންކޮށް ނިކުމެގެން އައެވެ. އެހެނަސް އެ އަޑުގައި ލުއި ތުރުތުރެއް އެކުލެވިފައިވި ގޮތުން މަރީވަނީ ރޮވެން ކައިރިވެފައިކަން ޔުނާއަށް އެނގުނެވެ.
“އެއީ ކީއްވެ ޔޫސުފް ސާރ އެހެން ހެދީ؟” ޔުނާ އެހިއެވެ.
“އަޅުގަނޑަށް….އަޅުގަނޑު ގާތު ކިޔައިނުދޭން ބުނެފަ އޮތީ. ކިޔައިދީފިއްޔާ އަޅުގަނޑަށް ހަދާފާނެ ގޮތެއް ނޭނގޭތީ. އެކަމަކު ޔުނާ މޭމް އެ ރޭވުންތަކުން ސަލާމަތް ވައްޗޭ….އެމީހުން ބޭނުންވަނީ ޔަޒްދާން ސާރއަށް ހެދިގޮތަށް ޔުނާ މޭމްއަށް ވެސް ހަދަން. އެހެން ވިޔަ ނުދެއްޗޭ މޭމް….އަޅުގަނޑު ލަދުގަނޭ މި ހުރިހާ ދުވަހު އެމީހުންގެ ރޭވުމުގަ ބައިވެރި ވެވުނީތީ. އެކަމަކު އެއީ އެމީހުން ދެއްކި ބިރެއްގެ ސަބަބުން. އެކަމަކު ޔަޒްދާން ސާރ އަޅުގަނޑަށްޓަކައި ކޮށްދެއްވާފަ ހުރި ކަންތައް މޭމް ހަނދާންކޮށްދިނީމަ އަޅުގަނޑުގެ ހިތަށް ކެތްނުކުރެވޭ…..” މަރީއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުއިރު ރޮވިއްޖެއެވެ. ޔުނާ އެ ވާހަކަ އަޑުއަހަން ހުރެ އެއްޗެކޭ ބުނަން އުޅުނު ވަގުތު އެކޮޅުން ފޯނު ކަނޑާލެވުނެވެ. ޔުނާއަށް ފަސްއެނބުރި އެ އޮފީހުގެ ދޮރާއި ދިމާލަށް ބެލުނެވެ. ހިނދުކޮޅަކަށް ނަމަވެސް އެދިމާލަށް ދާން ބޭނުންވިއެވެ. އެހެނަސް މަރީއަށް ހަމައަކަށް އެޅެން ވަގުތު ދޭން ބޭނުންވުމުން ޔުނާ ޚިޔާލު ބަދަލުކުރިއެވެ.
ކާރު ދުއްވަމުން ދިޔަ ވަގުތު މަރީ ބުނެލި ފަހު ބަސްތަކާއިމެދު ޔުނާއަށް ވިސްނެމުން ދިޔައެވެ. މަރީ އެބުނާ ‘އެމީހުންނަކީ’ ކޮބައިތޯ ހިތަށްއަރަމުން ދިޔައެވެ. މި ހުރިހާ ދުވަހު ޔުނާއަށް ޝައްކު ކުރެވެމުން ދިޔައީ ޔޫސުފްއަށެވެ. ޒިހާންގެ ރޭވުމުގައި ވެސް ޒިހާން އޭނަ ގާތު ކުރިމަތިލާން އެންގީ ޔޫސުފްއާއި ކަމަށްވުމުންނެވެ.
“ހޮޓެލްގެ އެންމެ ފަހުގެ ބޭންކް ސްޓޭޓްމެންޓްތައް ހޯދާ. ހޯދާފަ އޭގަ ހުރި ކޮންމެ ޓްރާންސެކްޝަނަކާއި މެދު ޔޫސުފްއާއި ސުވާލުކުރޭ. ހީވަނީ މިކަން ކޮށްގެން ކޮންމެވެސް ވަރަކަށް ޙަޤީޤަތް ހާމަވާނެހެން….”
އެރޭ ޒިހާން އޭނައަށް ކިޔައިދިން ވާހަކަތަކުގެ ތެރެއިން އެއް ވާހަކައަކީ އެއީއެވެ. އެ ވާހަކައިން ވެސް ދޮންބެގެ މަރުގެ ފަހަތުގައި ވަނީ ޔޫސުފް އެކަނި ކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް މަރީ ދެއްކި ވާހަކަތަކުން އެއީ އެކަކަށްވުރެ ގިނަ މީހުންކަމަށް ނިންމަން މަޖުބޫރުވިއެވެ.
ވިސްނުމެއްގައި އިނދެ ކާރު ދުއްވަމުން ގޮސް ޔުނާ ކާރު ޕާކްކޮށްލީ ބޭންކުގެ ޢިމާރާތުގެ ކައިރިއަށެވެ. ކާރުން ފައިބައިގެން ގޮސް ބޭންކަށް ވަދެ ނަންބަރެއް ނަގައިގެން ޔުނާ ގޮނޑީގައި އިށީނެވެ. އޭނަގެ ނަންބަރު ޖެހުމުން ޔުނާ ކައުންޓަރު ކައިރިއަށް ދިޔުމަށް ތެދުވެލީ ތަނާހެން ފަހަތުން އޭނައަށް ގޮވާލެވުނެވެ އަޑު އިވުނެވެ.
“ޔުނާ މޭމް!” އެ އަޑަށް ޔުނާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އެ ހިނދު އޭނައާއި ދިމާލަށް އަންނަމުން ދިޔައީ ޔޫސުފް ނޫން ދެވަނަ މީހެއް ނޫނެވެ. ޔުނާ ބަލަބަލާ ހުއްޓާ ޔޫސުފް އައިސް އޭނަގެ ކުރިމަތީގައި ހުއްޓިލިއެވެ.
“ހާދަ ދުވަހެއް ފަހުންނޭ މިފެނުނީ މޭމް…..ރޭގަ ދެއްތޯ މާލެ ތި ދުރުވީ؟” ޔޫސުފް ހިނިތުންވުމަކާއެކީ ވާހަކަ ދެއްކިއެވެ. ޔޫސުފް އޭނައާއި މުޚާތަބުކުރި ގޮތް މާތްވުމުން ޔުނާއަށް ދެލޯ ހަނިކޮށްލެވުނެވެ. އެންމެފަހުން ޔޫސުފް އޭނައާއި ވާހަކަ ދެއްކި އިރު ބޭނުން ކުރީ މިފަދަ ބަހުރުވައެއްކަމަށް ނުވާތީވެއެވެ. އެކަމުން ވެސް ޔޫސުފް އެއުޅެނީ އޭނަ ހައްދަން ކަން ޔުނާއަށް މާ ރަނގަޅަށް ވެސް ނަގައިގަނެވުނެވެ.
“އާދެ….ރޭގަ. އަސްލު މިތަނަށް މި އައީ ކަމަކު. މި އަހަރުގެ ބޭންކް ސްޓޭޓްމެންޓްތައް އޮފީހުގަ އޮތް ފައިލުން ނުފެންނާތީ ހޯދަންވެގެން މިއައީ…” ޔުނާ އެހެން ބުނެފައި ދާން އުޅުނެވެ. އެހެނަސް އޭގެ ކުރިން ޔޫސުފް ޔުނާ އަތުން ހިފަހައްޓައިގެން ހުރި ނަންބަރު ކުއްލިއަކަށް ޖަހައިގަތެވެ.
“އާދެ މޭމް ކީއްކުރަންތޯ މިކަހަލަ ކުދިކުދި ކަންތައް ކުރައްވަނީ؟ އަޅުގަނޑު ގޮއްސަ ހޯދާނަން. އަޅުގަނޑުމެން މި ރާވަނީ ޝެއާރހޯލްޑާރސްގެ މީޓިންގްއެއް ވެސް ބާއްވަން ވަރަށް އަވަހަށް. މޭމްއަށް ސީއީއޯގެ މަޤާމް އަނބުރާ ދޭން….” ޔޫސުފް އާދަޔާ ޚިލާފު ގޮތަކަށް ހިނިތުންވެހުރެ ވާހަކަ ދެއްކި ގޮތުން ޔުނާއަށް ޝައްކުގެ ނަޒަރަކުން ބަލަން ހުރެވުނެވެ. ޔުނާ އެއްފަހަރު ޔޫސުފްގެ އަތުގައި އޮތް ނަންބަރަށް އަނެއްފަހަރު ޔޫސުފްއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“އެންމެ ރަނގަޅު….މި ހަފްތާ ތެރޭގަ ތި މީޓިންގް ޝެޑިއުލްކޮށްލާ. ބޭންކް ސްޓޭޓްމެންޓްތައް މިއަދު 2 ގެ ކުރިން އަޅުގަނޑާއި ހަމައަށް ގެނެސްދެއްވުން އެދެން.” ޔުނާ ސާބިތު އަޑަކާއެކީ އެދުނެވެ. އެއަށްފަހު ވަކި މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ. އެހިނދު ޔުނާއަށް ބަލަން ހުރި ޔޫސުފްގެ ދަތްކުނޑި ވިކުނެވެ.
**
ޒިހާން އޭނަގެ އާ ޓީމާއި ޙަވާލުވީ އެދުވަހު ސިފައިންގެ ބަންޑާރަކޮށީގެ ތެރެއިންނެވެ. 12 މެންބަރުންގެ އެ ޓީމްގެ އެންމެންނާއި ތަޢާރަފުވެ ޒިހާން އެ އެންމެންގެ ހާޒިރީ ބެލިއެވެ. އެއަށްފަހު އެދުވަހުގެ ތަމްރީންތަކަށްޓަކައި އޭނައަށްވުރެ ހަގު އެ ‘ކުދިންކޮޅު’ ގޮވައިގެން ޖެޓީއަށް ދިޔައީ ސިފައިންގެ ވެހިކަލްތަކުގައެވެ. ޑިއުޓީ ތެރޭގައި ޒިހާން އޭނަގެ ޓީމް މެންބަރުންނާއިމެދު ގެންގުޅެނީ ޤަވާޢިދުގެ މަތިން ހަރުކަށި ގޮތެއްކަމަށް ވިޔަސް ޒިހާންގެ ހިތުގައި އެ މެންބަރުންނަށްޓަކައި ލޯތްބެއް ވެއެވެ. އޭނަ ޙަވާލުވާ ޓީމެއްގައި އުޅޭ ކުދިން އޭނަ ދޭ ތަމްރީންތަކުގެ ދަށުން ކުރިއަރައި ދާ މަންޒަރު ފެނުމަކީ ޒިހާނަށް ލިބޭ އުފަލެކެވެ. އެފަދަ އުފަލެއް ލިބޭ ކޮންމެ ފަހަރަކު ޔަޒްދާންގެ މަތިން ވެސް ހަނދާން އާވެގެން ދެއެވެ. ޒިހާނަކީ އެއްޒަމާނެއްގައި ޔަޒްދާންގެ ބެލުމުގެ ދަށުގައި އޮތް ޓީމެއްގެ މެންބަރަކަށްވީތީވެއެވެ.
ޑިއުޓީ ތެރެއިން ޔަޒްދާން މަތިން ހަނދާންވަމުން ދިޔަދިޔަހެން އެދުވަހު މަގުމަތިން ފެނުނު ކާރާއިމެދު ވެސް ޒިހާނަށް ވިސްނެމުން ދިޔައެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ އެ ކާރު ގޮސް ޔަޒްދާން ދުއްވަމުން ދިޔަ ވެހިކަލްގައި ޖައްސާލީ ޒިހާންގެ ލޯ ކުރިމަތިންނެވެ. ޒިހާން އެ މަންޒަރުގެ ވާހަކަ ފުލުހުންނަށް ރިޕޯޓުކުރިއެވެ. އެ ކާރުގެ ނަންބަރު ޕްލޭޓުން ފެނުނު ނަންބަރު ވެސް ކިޔައިދިނެވެ. ހޯދި ހޯދުންތަކުން އެއީ މަޝްހޫރު އަދި ނުފޫޒުގަދަ މަޖިލިސް މެންބަރު ލަބީބްގެ ނަމުގެ ދަށުގައި އޮތް ކާރެއްކަން އެނގުނެވެ. އެހެނަސް ލަބީބްގާތު އެ ސުވާލުކުރުމުން ލަބީބް އެ އެކްސިޑެންޓްގެ ޒިންމާއެއް ނުނެގިއެވެ. ލަބީބް ބުނިގޮތުގައި އެ ކާރުވަނީ އޭނަގެ މުވައްޒަފެއްގެ އިޙުމާލުން ކޮންމެވެސް މީހަކު ވަގަށް ނަގާފައެވެ. ހޯދި އިތުރު ހޯދުންތަކުން އެއީ ޙަޤީޤަތެއްކަން ވެސް އެނގުނެވެ. އަދި އެކްސިޑެންޓް ހިނގި ވަގުތު ލަބީބް ހުރީ އެހެން ތަނެއްގައިކަން ވެސް ސާބިތުވިއެވެ. އެހެނަސް ކާރު ވަގަށް ނެގީ ކާކުކަމެއް ސާބިތުވާ ގޮތެއްނުވިއެވެ. ވަގަށް ނެގިއިރު އެމީހަކު މޫނު ފޮރުވައިގެން ހުރީތީވެއެވެ.
އެކްސިޑެންޓަށްފަހު އެ ކާރު މަޑުކުރުމެއްވެސް ނެތި އެތަނުން ދުއްވާލީއެވެ. ތަޙުޤީޤުތަކުން އެ ކާރު އޮތް ގަރާޖު ހޯދުނެވެ. އެހެނަސް އެ ގަރާޖުގެ ވެރިމީހާއަށް ވެސް އެ ކާރުގެ ވެރި ފަރާތުގެ މޫނު ފެނިފައެއް ނުވެއެވެ. އެމީހާ ބުނި ގޮތުގައި ލާރި ދީފައި ކާރުގެ ވެރިފަރާތް އެ ކާރު އެތާނގައި ބާއްވަން އެދުނީ ދެން ދުވަހަކުވެސް އެމީހާ އެތަނަށް ނާންނާނެހެން ހީވާ ފަދައަކުންނެވެ. ކާރުގެ އެއްވެސް ތަނަކުން އެމީހެއްގެ އިނގިލީގެ ނިޝާނެއްހާ މިންވަރުވެސް ލިބޭ ގޮތެއްނުވިއެވެ. އަދި އަމުދުން ގަރާޖުގެ ވެރިމީހާ ބުނި ފަދައިން މަސްތަކެއްވީއިރު ވެސް އެ ކާރު އެތާ އޮންނަން ފެށުމުން އެމީހާ އޭތި ހުޅުމާލޭގެ އިންޑަސްޓްރިއަލް ޞަރަޙައްދުގައި ބާއްވަން ފޮނުވާލިއެވެ. އެހާ ހިސާބުން އެ ކާރު ދުއްވި މީހަކު ބޭރު ޤައުމަކަށް ގޮސް ފިލީކަމަށް ޒިހާނަށް ވެސް ނިންމިފައިވިއެވެ.
އެ ކާރު މަގުމަތިން މިފެނިގެން ދިޔައީ ޔަޒްދާންގެ އެކްސިޑެންޓްގެ ފަހުން ފުރަތަމަ ފަހަރަށެވެ. މިއަދު އެ ހުރިހާ ކަމަކާއިމެދު ވިސްނާލުމުން އެއީ ޖިނާހަށް ވެދާނެތޯ ޒިހާންގެ ހިތް ސުވާލުކުރިއެވެ. ޖިނާހަކީ ލަބީބްގެ ދަރިފުޅަށްވީމައެވެ. އެހެނަސް އެއީ ޤަބޫލުކުރެވޭ ފަދަ ޚިޔާލަކަށް ނުވިއެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ ޖިނާހުވީ އެމްސްޓާޑަމްގައި ކަން ޒިހާނަށް މާ ރަނގަޅަށް އެނގޭތީވެއެވެ.
ޑިއުޓީ ތެރެއިން ވެސް ޒިހާނަށް ދޭތެރެދޭތެރެއިން އެކަމާއިމެދު ވިސްނެމުން ދިޔައީތީ އެދުވަހު ހަވީރު ޑިއުޓީ ނިމުނުއިރު އާދަޔާ ޚިލާފަށް ޒިހާން ވަރުބަލިވެފައިވިއެވެ. ޑިއުޓީ ނިންމުމަށްފަހު ބަންޑާރަކޮށިން ނިކުމެގެން އައިސް ޒިހާން ސައިކަލަށް އެރި ވަގުތު އޭނަގެ ޓީމްގެ ބައެއް ކުދިން ވެސް އެ ޢިމާރާތުން ނިކުމެގެން އައީ އޭގެ ތެރެއިން އެއްކުއްޖަކާއި ދިމާކުރަމުންނެވެ.
“އައްދޭ…..ދެން ކަލޭގެ ދިރިއުޅުން ވެސް ތި އަންނަނީ ނިމުމަކަށް އިނގޭ…..އޭ އޭ….ސާރ އަށް އިންވައިޓް ނުކުރަންތަ؟” އޭނަގެ ޓީމްގައި އުޅޭ 4 ވަރަކަށް ކުދިންގެ ތެރެއިން އެއްކުއްޖަކު ހަރު އަޑުން ވާހަކަ ދައްކަމުން ގޮސް އެއްލި ކަޅިއަކުން އޭނަ ފެނިފައި އަޑު މަޑުކޮށްފައި ވާހަކަ ދެއްކިއެވެ. އެހެން ބުނުމުން އެ ދިމާކުރެވެމުން ދިޔަ ޒުވާނާ ޒިހާނަށް ޖެހިލުންވުމަކާއެކީ ބަލައިލިއެވެ.
“ކޮންކަހަލަ އިންވިޓޭޝަނެއްތަ ފާރިސް؟ ސައި ފޮދެއްތަ އަނެއްކާ؟” ފާރިސް ޖެހިލުންވެފައި ހުރިތާ ހުންނަން ފެށުމުން ޒިހާން ލުއި ހިނިތުންވުމަކާއެކީ ސުވާލުކުރިއެވެ. އެއާއެކު ފާރިސް ހިނިތުންވުމަކާއެކީ އޭނަގެ އަތުގައި އޮތް ކާޑު ހިފައިގެން ޒިހާންގެ ކައިރިއަށް ދިޔައެވެ.
“އަޅުގަނޑުގެ ކައިވެނި ޕާޓީ، ސާރ! މި އަންނަ ވީކެންޑްގަ އޮތީ.” ފާރިސް ޒިހާންގެ އަތަށް ކާޑު ދެމުން ދެންވެސް ހިސާބެއްގެ ޖެހިލުންވުމަކާއެކީ ބުންޏެވެ. ޒިހާން ކާޑަށް ބަލަން ހުރެ ފާރިސްއަށް ބަލައިލަމުން އަލަށް ކައިވެންޏެއް ކުރާ މީހެއްގާތު ބުނާ ޢަރަބި ބަސްކޮޅު ބުނެލިއެވެ. އެއަށްފަހު މިއީ ފާރިސްއަށްޓަކައި ކުރި ދުޢާއެއް ކަމަށް ބުންޏެވެ.
“ހެހެ….ތެންކިއު ސާރ. ސާރގެ ފެމިލީ ގޮވައިގެން އަޔަސް އެންމެ ރަނގަޅު.” ފާރިސް ފުރިހަމަ ހިނިތުންވުމަކާއެކީ ބުންޏެވެ. ޒިހާންވެސް ބަދަލުގައި ހިނިތުންވުމަކާއެކީ ބޯޖަހާލިއެވެ. އެއާއެކު ފާރިސް އޭނައަށް ފަސްދީފައި ދެންތިބި މީހުންނާއެކީ ދާން ހިނގައިގަތެވެ. ޒިހާން ދެންވެސް ސައިކަލު މަތީގައި އިނދެ އަތުގައި އޮތް ކާޑަށް ބަލައިލިއެވެ. ޕާޓީ އޮތީ އޭނައާއި ޔަޒްދާން ނުހަނު ގިނައިން ދާ ރެސްޓޯރެންޓެއްގައި ކަން އެނގުމުން ޒިހާންގެ މޫނުމައްޗަށް ވެރިވީ ހިތާމަވެރި ހިނިތުންވުމެކެވެ. ޔަޒްދާންގެ އެކްސިޑެންޓް ހިނގި ރޭ ވެސް ދެމީހުން ތިބީ ޑިއުޓީ ނިންމާފައި އެތަނަށް ދާން ނިންމައިގެނެވެ. އެރޭ އެގޮތަށް ނުވުމުން އެ ހިތާމައިގައި ޒިހާން އެކަނިވެސް އެ ރެސްޓޯރެންޓަށް ގޮސް ނުއުޅެއެވެ.
އަމިއްލަ ޚިޔާލުތަކުގައި އިނދެފައި ޒިހާން އެ ކުޑަ ކާޑު ޖީބަށް ލަމުން ސައިކަލު ދުއްވާލީ، އެ ކުޑަކުޑަ ދަޢުވަތުން އޭނައަށް ކުރިމަތިވާން އުޅޭ ޒަލްޒަލާއާއިމެދު ރޭކާވެސް ނުލާ ޙާލުގައެވެ.
ނުނިމޭ