Hiyaa (Part 48)
ޒިހާނަށް ހޮޓެލާއި ހަމައަށް ދެވުނީ އެދުވަހު ހަވީރު 4:30 ވާން ގާތްވެފައި ވަނިކޮށެވެ. ހޮޓެލަށް ވަދެގެން ގޮސް ޒިހާން ލިފްޓުން ދިޔައީ ހޮޓެލްގެ އެންމެ މަތީ ފަންގިފިލާއަށެވެ. ޔުނާއާއި އޭނަ ހިފައިގެން އުޅޭ ކޮޓަރި ހުރީ އެ ފަންގިފިލާގައި ކަމަށްވުމުންނެވެ.
ޒިހާން އެމީހުންގެ ކޮޓަރީގެ ކައިރިއަށް ގޮސް އަތުގައި އޮތް ކާޑުން ދޮރު ހުޅުވައި ކޮޓަރިއަށް ވަނުމާއެކު ލޯތްބާއެކީ ސަލާން ގޮވައި ޔުނާއަށް ގޮވާލިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ކޮޓަރީގައި ޔުނާ ނެތްކަން އެނގުމުން ޒިހާނަށް ހާސްކަމެއް ލިބުނެވެ. އިސާހިތަކު ފޯނު ނަގައި ޔުނާގެ ނަންބަރަށް ގުޅާލަމުން ކަންފަތުގައި ޖައްސާލެވުނެވެ. މާ ގިނަ ރިންގެއް ނުއިވި އެކޮޅުން ޔުނާ ޖަވާބު ދިން އަޑު އިވުނެވެ.
“ކޮންތާކު ޔުނޫ ތިހިރީ؟” ޒިހާނަށް ދެންވެސް އަހައިލެވުނީ ކަންބޮޑުވުމަކާއި އެކީގައެވެ.
“މި އިނީ މި ހޮޓެލްގެ އެންމެ ރޮމޭންޓިކް ތަނުގައޭ. އަހަރެންގެ ޑޭޓް ނައިސްގެން. އަޅެ ގެސްކޮށްލާފަ އާދެބަލަ….” އެކޮޅުން ޔުނާގެ ސަމާސާވެރި ރާގު އިވިގެން ދިޔުމާއެކު ޒިހާނަށް ހިނިތުންވެލެވުނެވެ.
“ކޮން ތަނެއްބާ؟ ވިސްނާލާފަ އެބަ އަންނަން.” ޒިހާން ބުންޏެވެ. އެހެން ބުނި ވަގުތު ވެސް ޔުނާ ހުންނާނީ ކޮން ތަނެއްގައި ކަން އޭނައަށް އެނގުންވިއެވެ. ޔުނާއާއި އިނުމުގެ ކުރިންވެސް ޔުނާ ހޮޓެލްގެ އެ ބައިގައި ހުރި މަންޒަރު ޒިހާނަށް ފެނިފައި ވާތީވެއެވެ.
ފޯނު ކޮޓަރީގެ ރީތިވާ މޭޒުމަތީގައި ބޭއްވުމަށްފަހު ޒިހާން ކޮޓަރިން ނިކުންނަން ދިޔައީ ވެސް ހިނިތުންވުމަކާއި އެކީގައެވެ. ޒިހާން ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު އޭނަގެ ފޯނަށް މެސެޖެއް އައެވެ. މެސެޖް އައިސްފައިވީ އެމްސްޓާޑަމްގެ ނަންބަރަކުންނެވެ.
**
ލަސް ހިނގުމެއްގައި ޒިހާން ދިޔައީ ހޮޓެލްގެ އެ ފަންގިފިލާގައިވާ ހާމަ ރެސްޓޯރެންޓާއި ދިމާލަށެވެ. ހޮޓެލްގެ ތެރެއިން ރެސްޓޯރެންޓަށް ނިކުމެވޭ ދޮރު ހުޅުވިފައިވުމުން އެތަނާއި ކައިރިވަމުން ދިޔަދިޔަހެން ވެސް ފިނިފިނި ވައިރޯޅިއެއް އައިސް ޒިހާންގެ މޫނުގައި ބީހި އިސްތަށިގަނޑާއި ކުޅެލިއެވެ. ޖީބަށް އަތްޖަހައިގެން ހުރެ އެ ދޮރު މައްޗަށް އެރި ވަގުތު ހުސްވެސް ފެނިގެން ދިޔައީ ހުސް މޭޒުތަކެވެ. އެހެނަސް ރަނގަޅަށް ބަލައިލިއިރު އެތާ ވަށައިގެން ހުރި ރެއިލިންގްގެ ކަނެއްގައި ހުރި މޭޒުގައި ޔުނާ އިނެވެ. ޔުނާ އޭނައަށް ފަސްދީގެން އިނެއްކަމަކު އެ މޭޒުގައި ފައިލްތަކެއް ހުރި ގޮތުންނާއި ޔުނާ އެއްޗެއް ލިޔަމުން ދިޔަހެން ހީވި ގޮތުން ޔުނާ މަސައްކަތް ކުރަނީކަން އެނގުނެވެ.
ޔުނާ އިނީ ހަމަ ޙަޤީޤަތުގައި ވެސް ބުރަ މަސައްކަތެއްގައެވެ. އޭނަ ދިޔަފަހުން މަތީ މަޤާމުގައި ހުރި ފަރާތް ހޮޓެލްގެ ކަންތައް ބަލަންޖެހޭ ވަރަށް ބަލާފައި ނުވާކަން އެނގުނީ މިއަދެވެ. އަތުގައި އޮތް އައި ޕެޑުން ހިސާބުތަކުގެ ޢަދަދުތަކަށް ބަލަން ގެއްލިފައި އިންދާ ޔުނާގެ ލޯމަތީގައި އެއްއަތް އެޅިގެން ދިޔައެވެ. އެ އަތުގެ ފުރަތަމަ ބީހުމާއެކު ވެސް އެއީ ކާކުކަން ޔުނާއަށް އެނގި ހިނިތުންވެލެވުނު ވަގުތު އައި ޕެޑް މޭޒުމަތީގައި ބޭއްވުނެވެ.
“ކާކުތޯ؟” ޔުނާ ރާގަކަށް އަހައިލިއެވެ.
“ކާކުހެން ހީވަނީ؟” ޒިހާން އެ ސަމާސާގައި ބައިވެރިވިއެވެ.
“ހުމް…ލެޓްސް ސީ، ސަޅި ބިޓެއްހެން ހީވަނީ.” ޔުނާ ބުންޏެވެ. އެއާއެކު ޒިހާނަށް ހެވިގެން ދިޔަދިޔަހެން ޔުނާއަށް ވެސް ހެވުނެވެ. އެއަށްފަހު ޒިހާން ޔުނާގެ ލޯމަތިން އަތް ނަގާލުމުން ޔުނާ ފަސްއެނބުރި ޒިހާނަށް ބަލައިލިއެވެ.
“ސީ؟ އައި ވޯޒް ރައިޓް!” ޔުނާ އުޖާލާވި ހިނިތުންވުމަކާއެކީ ބުންޏެވެ. ޒިހާންގެ ސޫރަ ފެނުމުން ވެސް އޭނައަށް އުފަލެއް ލިބޭ ފަދައެވެ.
“ހޫނ….ދެން ހެވޭ! ތިއީ ޑޭޓަކަށް އިންތިޒާރު ކޮށްގެން އިނީ؟ ހާދަ ހުހޭދޯ މިތަން؟” ޒިހާން ގޮސް ޔުނާގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.
“އާނއެކޭ! އަހަރުމެން ދިޔަފަހުން މި ރެސްޓޯރެންޓަށް އަންނަ ކަސްޓަމާރސްގެ ޢަދަދު ވެސް ވަރަށް ބޮޑަށް ދަށްވެއްޖެ. ނޭނގެ މީތި ފިކްސް ކުރެވޭނެ ކަމެއް ވެސް….” ޔުނާ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުންޏެވެ.
“ކުރެވޭނެއޭ ޔުނޫ އިން ޝާ ﷲ! ތިއީ ޔުނޫއެއްނު؟ ޔަޒްދާންބެއާ އެއްވަރަށް މި ބައިގަ އަހަރުމެން އެކްސްޕީރިއެންސް ނުހުރެދާނެދޯ؟ މިކަންކަން އިތުރަށް އެނގޭ މީހުންގެ ޚިޔާލުތައް ހޯދައިގެން ވިޔަސް ރަނގަޅު ކުރެވޭނެ އިން ޝާ ﷲ! އަހަރެންވެސް ހެލްޕްވާނަން ވީ ވަރަކުން. ކިހިނެއްވެގެން މިއުޅެނީ އަސްލު؟” ޒިހާން އެހެން ބުނެ އެތާ އޮތް ފައިލެއް ނަގައި ހުޅުވަމުން ބުންޏެވެ.
“އަސްލު މާރކެޓިންގްގެ ބައި މި ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގަ ވަރަށް ބޮޑަށް ދަށްވީމަ މިހެން މިވީ…..އޮހް އެންޑް ބައި ދަ ވޭ! މިއަދު އެއްކަލަ ބޭންކް ސްޓޭޓްމެންޓްތަކުގެ ކަންތަކާ އުޅުނީމޭ….” ޔުނާ ކުއްލިއަކަށް ބުންޏެވެ. އެއާއެކު ޒިހާން ވަގުތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޔުނާ ކަންތައް ވީ ގޮތް ކިޔައިދިނެވެ. މަރީއާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކުން ފެށިގެން ގޮސް ބޭންކުގައި ކަންތައް ވީ ގޮތާއި ހަމައަށެވެ.
“ދެން ފަހުން ޔޫސުފް އެ ބޭންކް ސްޓޭޓްމެންޓްތައް ފޮނުވިއޭ 2 ގެ ކުރިން އޮފީހަށް. އެކަމަކު އަމިއްލައަކަށް ނާދޭ. ވަރަށް ބޮޑަށް ބަލިވެ އުޅޭކަމަށް ބުނެ އާރލީ ލީވްއެއް ނެގީ. ހަމަ އަސްލުވެސް އެ ސްޓޭޓްމެންޓްތަކުގަ މައްސަލައެއް އެބައުޅޭ….” ޔުނާ ވިސްނުމެއްގައި އިނދެ ބުންޏެވެ.
“ހުމް….ހަމަ ރަނގަޅަށް ޔުނާ ހެދީ. ޔުނާ ސީއީއޯގެ މަޤާމުގަ ހުރުން ވަރަށް މުހިއްމު. ދެން އޭނަ އައިމަ ސުވާލުކުރޭ. އެހެންނޫނީ މިއަދުވެސް ގުޅާލަންވީއެއްނު؟” ޒިހާން ޙަޤީޤަތާއި ހަމައަށްދާން ކެތްމަދުވެފައިވުމުން ބުނެލެވުނެވެ.
“އެކަހަލަ ވާހަކަތައް ދައްކަން ރަނގަޅު ވާނީ ފޭސް ޓު ފޭސް ކޮށް ދޯ؟ އެހެން ނޫނަސް މިއަދު އަހަރެން އެކަން ކުރާހިތެއް ނުވޭ. އައިމް ނޮޓް ފީލިންގް ވެލް ޓުޑޭ އަސްލު. ބޮލުގަ ރިއްސަނީ. ދޭތެރެދޭތެރެއިން ބޯ އަނބުރާހެން ވެސް ހީވޭ.” ޔުނާ ބުންޏެވެ.
“އެއްކަލަ ކުއްޖާ މީލްސް ސްކިޕްކުރީދޯ ހަމަ؟” ޒިހާން އެހިއެވެ.
“ނޯ ވޭ! ޒިހާންއާ ޕްރޯމިސްކޮށްފަ އޮތްވާ ކިހިނެއް އަހަރެން ސްކިޕްކުރާނީ؟ އެހެން ދުވަހަށްވުރެ ރަނގަޅަށް ކެއިން.” ޔުނާ ބުނެލިއެވެ.
“އެހެންތަ؟ ޑޮކްއަށް ދައްކަން ދާންވީ ދޯ އެހެންވީމަ؟” ޒިހާން ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ބުންޏެވެ.
“އުނހު ދެން މިރޭ ރެސްޓްކޮށްލާފަ ރަނގަޅު ނުވިއްޔާ ދާނީ. ވެދާނެ ސްޓްރެސްވީމަ ކަމަށްވެސް….ވަރަށް ވަރުބަލިވެއްޖެ.” ޔުނާ އެހެން ބުނެ ގޮނޑިއަށް ލެނގިލަމުން ފުން ނޭވައެއް ދޫކޮށްލިއިރު އެ ލޯމަތިން ވެސް ވަރުބަލިކަން ފެނުނެވެ.
“މަސައްކަތް ހުއްޓަންވީ ވަގުތު ނޭނގޭ ކުދިންނަށް ވާނީ ތިހެން.” ޒިހާން އެހެން ބުނެލީ ގޮނޑިން ތެދުވަމުން ޔުނާގެ ކައިރިއަށް ދަމުންނެވެ. ޔުނާގެ ކައިރިއަށް ގޮސް އިތުރު އެއްޗެކޭ ވެސް ނުބުނެ ޔުނާ އަތްދަނޑިމައްޗަށް އުފުއްލައިލިއެވެ. އެހިނދު ޔުނާއަށް ލުއި ހަޅޭކެއް ލައްވާލެވުނެވެ. ތިބެވުނު ތަން ހަނދާންވުމުން ޔުނާ ލަދުވެސް ގަންނަ ގޮތްވިއެވެ.
“ޒިހާން…..މީހުންނަށް ފެންނާނެއޭ!” ޔުނާއަށް ދެލޯ ބޮޑުކޮށްގެން އޮވެ ބުނެލެވުނެވެ.
“އަސްލުވެސް؟ މަށަކަށް ނުފެނޭ މީހެއް.” ޒިހާން އެއްބުމަ އަރުވާލަމުން ބުންޏެވެ.
“ޑިއުޓީއިން އައި ގޮތަށް ފެންވެސް ނުވަރާތަ ތިއައީ؟” ޔުނާއަށް ކަމެއް ފާހަގަވުމުން އަހާލެވުނެވެ.
“ހުމް….ކުދިންކުދިން މިސްވާވަރުން ހަމަ ނުހުރެވިގެން.” ޒިހާން އެހެން ބުނެ ޔުނާ އިތުރަށް ގާތްކޮށްލީ ސަމާސާ ކުރުމަށެވެ. ދުވި ވަހާއެކީ ޔުނާ އޯކަތް ދަމާކަމަށް ހެދުނެވެ. އެ ޙަރަކާތުން ހަމަ އަސްލުވެސް އިތުރަށް އޭނަ އޯކަތް ދެމިގޮތުން އޭނަ ރަނގަޅެއް ނޫންކަން އެވަގުތު ޔުނާއަށް އެނގުނެވެ.
އޭގެ ގަޑިއިރެއްހާއިރު ފަހުން ޒިހާން އިނީ ޔުނާގެ ބޯ މޮޑެދޭށެވެ. ޒިހާން ކޮޓަރީގައި ހުރި ސޯފާގައި އިންއިރު ޔުނާ އިނީ ސޯފާގެ ކުރިމަތީގައި އެޅިފައި އޮތް މަޑު ކާރޕެޓް މަތީގައެވެ. ޒިހާންގެ އިނގިލިތަކުގެ އިޙްސާސުން ވަމުން ދިޔަ އަރާމުން ޔުނާއަށް އިނދެވުނީ ދެލޯ މަރައިގެންނެވެ. އެހެން ތިބިއިރު ވެސް އެދެމެދުގައި އެކިއެކި ވާހަކަތައް ދެކެވި ސަމާސާތަކެއް ކުރެވުނެވެ. ރެސްޓޯރެންޓުގައި ތިބެފައި ކޮޓަރިއަށް ވަނީއްސުރެ ޒިހާންގެ ސަމާލުކަން މުޅިންވެސްވީ ޔުނާއަށް ކަމަށްވުމުން އޭރުވެސް އޭނަގެ ފޯނު އޮތް ގޮތަށް އޮތެވެ. އެދުވަހު ހަވީރު ލިބުނު ދަޢުވަތުގެ މަތިން ޒިހާން ހަނދާންވީ އެއިން ވާހަކައެއްގެ މެދުތެރެއިންނެވެ.
“އޭ އަދި ހަނދާން ނެތިފައޭ މި އިނީ. މިއަދު އަހަރުމެންނަށް ލިބިއްޖެ ވެޑިންގްއަކަށް ދަޢުވަތެއް. އަހަރެން ޓީމުގަ އުޅޭ 23 އަހަރުގެ ސޮރެއް.” ޒިހާން ދެންވެސް ޔުނާގެ ބޮލުގައި އިނގިލިތަކުން ފިރުމަމުން ވާހަކަ ދެއްކިއެވެ.
“އަސްލުވެސްތަ؟” ޔުނާ ބުންޏެވެ.
“ހުމް….އޭނަގެ ހުރިހާ ފްރެންޑުން އޭނައާ ދިމާކުރަމުން ދިޔައީ. މޫނު ރަތްކަމުން ހީވަނީ އެހެން ކަމެއްހެން. ދަޢުވަތު ދިންއިރު ވެސް އޭނަ ހެވިފައި ހުރިވަރުން ހުރިހާ ދަތެއް ފެނޭ.” ޒިހާން ކިޔައިދިނެވެ.
“އޯންވް! ސޯ ކިއުޓް މާ ޝާ ﷲ! އަހަރުމެންނަށް އެގޮތަށް ނުވޭދޯ؟ މުޅިން ސަކަރާތްކޮށް ދިޔައީ. އަދި އެއްފަހަރު އަހަރުމެން އެބައި ޖައްސަން އަހަންނަށް ފެންނަނީ…” ޔުނާ ބުންޏެވެ.
“ހެހެ…..އަސްލުވެސް….އަދި އެނގޭތަ؟ އެ ވެޑިންގް އޮތީ ވެސް ޔަޒްދާންބެއާއި އަހަރެން ވަރަށް ގިނައިން ގޮސް އުޅޭ ރެސްޓޯރެންޓެއްގަ…” ޒިހާން ބުންޏެވެ. އެއަށްފަހު އެ ރެސްޓޯރެންޓުގެ ނަން ވެސް ބުންޏެވެ. ޔުނާއަށް ވެސް އެ ރެސްޓޯރެންޓް އެނގެއެވެ. އޭނައަށް ވެސް ނޭނގޭ ސަބަބަކާހުރެ ދޮންބެ އެ ރެސްޓޯރެންޓަށް ދާން ވަރަށް ގިނައިން ޚިޔާރު ކުރި ވާހަކަ ޔުނާ ބުންޏެވެ. އެ ވާހަކަތަކުގެ ތެރެއިން ދޮންބެ މަތިން ހަނދާންވެގެން ދިޔުމުން ޔުނާ މާޔޫސްވިއެވެ. ޔުނާ ދެރަވިކަން އެނގުންވުމުން ޒިހާންގެ ހިތް ވެސް ދެރަވާ ގޮތްވިއެވެ. ހިނދުކޮޅަކަށް ނަމަވެސް މިއަދު އޭނައަށް ފެނުނު ކާރާއި ބެހޭގޮތުން ޔުނާއާއި ވާހަކަ ދައްކާލަން ބޭނުންވިއެވެ. ޚުދު އޭނަވެސް އެކަމާއިމެދު ފިކުރުކޮށް ވަރުބަލިވެފައިވުމުންނެވެ. އެހެނަސް އެ ވަގުތު ޔުނާގެ ޙާލަތަށް ވިސްނާފައި ޒިހާން އެ ވާހަކަ ފަސްކުރިއެވެ. އަދި ބަދަލުގައި ޔުނާ އެނދާއި ހަމައަށް ގެންދިޔައީ ވެސް އޭނަގެ އަތްދަނޑިމައްޗަށް އުފުއްލައިގެންނެވެ.
ޔުނާ އެނދުގައި ބޭއްވުނުތާ މާ ގިނައިރެއްނުވެ ނިދުނެވެ. ޒިހާން ވެސް އިތުރަށް ހޭލާ ހުންނަން ބޭނުން ނުވުމުން ނިދަން ނިންމިއެވެ. ނިދަން ތައްޔާރުވެ ހެދުން ބަދަލު ކޮށްލައިގެން ޒިހާން ރީތިވާ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގީ އޭތި އަރިމަތީ މޭޒުމަތީގައި ބޭއްވުމަށެވެ. އެހެނަސް ފޯނު ނެގި ވަގުތު ސްކްރީން ދިއްލިގެން ދިޔުމުން ދިގު ނަންބަރަކުން އައިސްފައިވި މެސެޖެއް ފެނިފައި ޒިހާންގެ ދެ ބުމަ ކައިރިވިއެވެ. ފޯނު ހުޅުވައި ބަލައިލިއިރު އެ މެސެޖުގައި އޮތީ ‘ހެލޯ’ އެވެ. ނަންބަރުގެ ކުރީގައި ހުރި ތިން ނަންބަރުން އެއީ އެމްސްޓާޑަމްގެ ނަންބަރެއްކަން ޒިހާނަށް ނަގައިގަނެވުނެވެ. އެހެނަސް އެމްސްޓާޑަމްއިން އޭނައަށް މެސެޖު ކުރަންޖެހޭނެ މީހަކު ނުވިސްނުމުން އެއީ ނުބައި ނަންބަރެއްކަމަށް ޒިހާނަށް ހިނދުކޮޅަކަށް ނިންމުނެވެ. އެހެންވުމާއެކު ވަރުބަލިވެސް ވެފައިވުމުން ޒިހާން އެ މެސެޖަށް ވަކި ޖަވާބެއް ނުދީ ގޮސް ފޯނު އަރިމަތީ މޭޒުމަތީގައި ބޭއްވުމަށްފަހު އެނދުގައި އޮށޯތެވެ.
އޭގެ ފަހުން ޒިހާނަށް ނިދުނުތާ މާ ގިނައިރެއް ނުވެ ޒިހާނަށް ހޭލެވިގެން ދިޔައީ އޭނަގެ ފޯނު ވައިބްރޭޓްވާ އަޑަށެވެ. އެ އަޑު ނުކެނޑުމުން ޒިހާން އުދަގުލާއެކީ ލޯ ހުޅުވައި އަރިމަތީ މޭޒަށް އަތް ދިއްކޮށް ފޯނު ނެގިއެވެ. ފޯނުގެ ސްކްރީނުން އެ ދިގު ނަންބަރު ފެނިފައި އަނެއްކާވެސް ޒިހާންގެ ދެބުމަ ކައިރިވިއެވެ.
ސިކުންތުކޮޅެއް ވަންދެން ސްކްރީނަށް ބަލަން އިނދެފައި ޒިހާން ފޯނު ނަގަން ނިންމިއެވެ. އެހެނަސް ޔުނާއަށް އުދަގޫކުރަން ބޭނުމެއް ނުވުމުން އޭގެ ކުރިން އެނދުން ފޭބުމަށްފަހު ހިނގާފައި ގޮސް ބެލްކަންޏަށް ނިކުތެވެ. އެއަށްފަހު ފޯނު ނަގައި ކަންފަތުގައި ޖެއްސިއެވެ.
“ހެލޯ؟” ޒިހާން އިނގިރޭސިން ޖަވާބު ދިނީ އެކޮޅުގައި ހުންނާނީ އިނގިރޭސިއެއް ކަމަށް ނިންމަމުންނެވެ.
“ހައި…..ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ ޒިހާނަށް ގުޅޭތޯ….ގުޅި ދުވަހު ޒިހާންގެ ފޯނު ތަޅައިގެން ދިޔަ ވާހަކަ އަހަންނަށް އިވުނީ މާ ފަހުން…” އެކޮޅުން އިވުނީ ބަރު އަޑެކެވެ. އިވުނު ވާހަކަތައް ދޭހަކުރެވުނު ވަގުތު އެމީހާއަށް އޭނަގެ މަޢުލޫމާތު އެނގޭކަން ޒިހާނަށް އެނގުންވިއެވެ.
“ތިއީ ކާކު؟” ޒިހާނަށް އަހައިލެވުނެވެ.
“ވެލް…..އަހަރެން މިއީ ޒިހާނާއި ބެހޭ މީހެއްވެސް ނޫން އެކަމަކު……މިއަދު ޒިހާނަށް އަހަރެންގެ ކާރު ފެނިފަ ގޮތެއްވި ދޯ؟” އެމީހާ ކޮށްލި ސުވާލު ސިކުނޑިއަށް ނެގިގެން ދިޔަ ވަގުތު ޒިހާންގެ މެއަށް ފިނިވެގެން ދިޔައެވެ.
ނުނިމޭ