Hiyaa (Part 50)
އެއްދުވަހު ޔަޒްދާން ޑިއުޓީ ނިންމާފައި ހޮޓެލަށް އަނބުރާ އައީ ވިއްސާރަ ރެއެއްގައެވެ. ޕެރެމައުންޓް ހޮޓެލް 1 ގެ އެންމެ މަތީ ފަންގިފިލާގައިވާ ކޮޓަރި ޚާއްޞަ ކުރެވިފައިވަނީ އޭނައަށް ކަމަށްވުމުން ޔަޒްދާން ދިޔައީ އެ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކުރުމުގެ ކުރިން ޔަޒްދާން ރޭގަނޑުގެ ކެއުމަކަށް އޯޑަރު ދިނެވެ. އަދި ފެންވަރައި ހެދުން ބަދަލުކުރުމަށްފަހު، ކޮޓަރީގައި ހުރި ކިޔަވާ މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވާލަމުން، ވައިބާރއިން ޔުނާއަށް ގުޅާލީ ސްޕީކަރަށް ލަމުންނެވެ. ސްޕީކަރުން ރިންގުގެ އަޑު އިވެމުން ދިޔަ ވަގުތު ޔަޒްދާން އޯޑަރު ކުރި ޕެކޭޖް އައުމުން ޔަޒްދާން އޭތި ހޯދައި ޝުކުރު އަދާކުރަމުން ދޮރު ލައްޕައިލިއެވެ. ހަމަ އެވަގުތަކީ ލެޕްޓޮޕުން ޔުނާގެ އަޑު އިވުނު ވަގުތެވެ.
“ހެލޯ…..ގޮނޑިއެއްތަ މިރޭ އަހަންނަށް މި ގުޅާލީ؟” ޔުނާ ދިގުކޮށް ގޮވާލަމުން ކޮށްލި އަޑު އިވިފައި ޔަޒްދާނަށް ހީލެވުނެވެ. ޔަޒްދާން ގޮސް އޭނަގެ އަތުގައި ހުރި ޕެކޭޖް މޭޒުމަތީގައި ބަހައްޓަމުން އެ ގޮނޑީގައި އިށީނެވެ. އެއާއެކު ސްކްރީނުން ފެނިގެން ދިޔައީ ކާމޭޒުދޮށުގައި އިށީނދެގެން އިން ޔުނާއެވެ.
“ނޫނޭ….މިހިރީ ޔުނޫގެ ލޯބިވާ ދޮންބެ…” ޔަޒްދާން އެހެން ބުނެލީ ޕެކޭޖް ހުޅުވައި ކާން ފަށަމުންނެވެ.
“އޯޑަރުކޮށްގެން ދޯ ތިކަނީ؟ ސީރިއަސްލީ ދޮންބޭ! ތިގޮތަށް ކައި އުޅޭތާ ހަފްތާއެކޭ މިވަނީ!”
“ކީއްކުރާނީ؟ މިހާރު ޑިއުޓީގަ ބިޒީވީމަ ހަމަ ކަންނެތްވަނީއޭ ކައްކަން. އެ ނޫންނަމަ އާ އުނދުން ވެސް ގުޅާފައޭ ހުރީ. ހަހަ…”
“ހޮޓެލް ރޫމެއް ގެއަކަށް ހަދައިގެން އުޅޭ މަހުޖަނުގެ އެވޯޑް ދޮންބެއަށް ދޭންވީ….ނޭނގެ މިހެން ބުނުމުގެ ބޭނުމެއް އޮތްކަމެއް އެކަމަކު ޕްލީޒް ދޮންބޭ….ހިނގާބަލަ ގެއެއް ގަންނަން. އަހަންނަށް ވެސް މިހާރު އާރން އެބަކުރެވޭ ކޮންމެވެސް ވަރަކަށް. ދެމީހުން ވެގެން ހަމަ ވާނެއޭ! ވަކި އަހަރެން އަންނަންދެން އިންތިޒާރު ނުކުރިޔަސް ދޮންބެ އުޅެން ދޮންބެއަށް ގަނެވިދާނެއެއްނު؟ އަހަރެން ޖޮއިން ކޮށްލާނަމޭ ފަހުން….”
ޔުނާ އެ ފަހު ވާހަކަތައް ބުނެލީ އޭނަގެ ސަމާސާ ރާގު ދޫކޮށްލަމުން އަތުގައި އޮތް އޫވެސް ތަށްޓަށް ދޫކޮށްލަމުންނެވެ. އެއާއިއެކު ޔަޒްދާން ވެސް ހިނދުކޮޅަކަށް ހިމޭންވިއެވެ. އިރުކޮޅެއްގެ ހިމޭންކަމަށްފަހު ޔަޒްދާން ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
“ޔުނޫ….އަސްލު ދޮންބެ މިތަނުން ދާން ބޭނުންނުވާ އެއްސަބަބަކީ…. އަހަރުމެން މަންމައާއެކީ އުޅެމުން އައި ފަންގިފިލާއަކީ މިއީ ކަމަށްވާތީ…..މަންމަ ނިޔާވި ފަހުން މިތަން އެތައް ގޮތަކަށް ބަދަލުކުރެވިފަ ހުއްޓަސް އަދިވެސް މަންމަގެ ހަނދާންތައް މިތާ ހުރިހެން ދޮންބެއަށް ހީވޭ. މަންމައާ އެކީގަ ބެލްކަނިން ނިކުންނައިރު ފެންނަ މަންޒަރާ، މި ރޫމުގަ މިހާރު ވެސް އުނދުން ހުރި ތަނުގަ ހުރެގެން މަންމަ ކައްކާ ގޮތާއި، ސްކޫލުން ގެއަށް އައިމަ މަންމަ ހިނިތުންވުމަކާއެކީ ދޮރު ހުޅުވައިދޭ ގޮތާ….އަދި މި ނޫންވެސް ބައިވަރު ހަނދާންތަކެއް އާވޭ މިތާނގަ އުޅުނީމަ….އަދި އެހެންނޫނަސް ލާރިއާހެދި އަނދިރިވާކަށް ވެސް ދޮންބެ ބޭނުމެއް ނޫން. ހަނދާން ނައްތާލާކަށް ބޭނުމެއްނޫން ދޮންބެ ކުރިން އުޅުނު ޙާލު. ހަމައެކަނި ﷲ ގެ އިރާދަފުޅުން އަހަރުމެންނަށް މިފަދަ ހިޔާވައްސެއް ލިބިފަވަނީ. ދުނިޔޭގެ ކިތައް ކުދިން ބިކަވެ ދަނީ އެކުދިންގެ މައިންބަފައިން ނިޔާވީމަ ވަންނާނެ ތަނެއް ނެތިގެން. އެކަމަކު ﷲ އަހަރުމެން ނިކަމެތި ނުކުރައްވާ. ބައެއް ފަހަރު ހިތަށްއަރާ އަހަރުމެންނަށް މި ނިޢުމަތް ޙައްޤުވޭބާއޭ ވެސް…އަލްޙަމްދުލި ﷲ!” ޔަޒްދާން ހިނިތުންވުމަކާއެކީ ބުންޏެވެ. އެ ހިނދު ޔުނާ އިނީ ދެއަތް އުރައި ދެބުމަ ކައިރިކޮށްގެން އޭނައަށް ބަލާށެވެ.
“ރަނގަޅު ވާހަކައެއް ދޮންބޭ. ﷲ އަހަރުމެން ނިކަމެތި ނުކުރައްވާ. އެކަމަކު ﷲ ދެއްވި ނިޢުމަތްތަކުގެ ބޭނުންވެސް އެންމެ ފުރިހަމަ ގޮތުގަ އަހަރުމެން ހިފަންޖެހޭނެދޯ ދޮންބޭ؟ ޓު ބީ އޮނެސްޓް ތިތާނގަ އުޅުނީމަ އަހަރެން ހަނދާންވަނީ ހަނދާން ނުކުރަންޖެހޭ މީހެއް….” ޔުނާ އެ ފަހު ޖުމްލަ ބުނެލިއިރު މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އެ އަޑު ކުރެހުނެވެ.
“ޔުނޫ….” ޔަޒްދާނަށް ގޮވާލެވުނެވެ.
“ކީއްވެ ހަނދާންނުވާންވީ؟ ހަނދާންވޭ އޭނަ މަންމަ ރޮއްވާލި ގޮތް. އެ ކައިވެންޏެއް ކުރުމުގެ އަހަރުތަކެއް ކުރިން ވެސް އޭނަ ބޭރަށް ގޮސް އުޅުނު ދުވަސްތައް. އޭރު ދޭހަ ނުކުރެވުނަސް މިހާރު ދޭހަ ކުރެވޭ މަންމަ ރުއި ސަބަބުތައް. ދުވަހަކުވެސް މަޢާފެއް ނުކުރެވޭނެ އޭނަ އަހަރުމެންނާ ދޭތެރޭ ކަންތައް ކުރި ގޮތަށްޓަކައި…” ޔުނާ ތުރުތުރު އަޅާ އަޑަކުން ވާހަކަ ދެއްކުމުން ޔަޒްދާން ވެސް ދެރަވާ ގޮތްވިއެވެ. ޔުނާގެ ލޮލުން ކަރުނަތައް ފައިބައި ކަރުނަ ފޮހެން ފެށި މަންޒަރު ފެނިފައި ޔަޒްދާން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“ހޭއި ހޭއި…..ނުރޮއްޗޭ…މާޒީގަ ވީހާ ކަންތައް މާޒީގަ ބަހައްޓަމާދޯ؟ ބަހައްޓާފަ އަހަރުމެންގެ ކުރިމަގު ކޮށޭތޯ މަސައްކަތް ކުރަންވީ. ޔުނޫ އަބަދުވެސް ބުނާހެން. އަސްލު ހިއެއްނުކުރަން ޔުނޫ ތިހާ ދެރަވާކަމެއް މިތަނާހެދި. ދޮންބެ ބަލާނަން އިނގޭ ހުޅުމާލެއިން އެޕާޓްމެންޓެއް ލިބޭތޯ. އެކަމަކު އަދި ދުވަސްކޮޅެއްފަހުން. މިހާރު ހޮޓެލަށް ކުޑަކޮށް ލޮސްވަމުން ދާތީ ޓައިޓްކޮށް މިއުޅެނީ. ލޮސް ރިކަވާރ ވާއިރަށް ޔުނޫވެސް ހުޅުމާލޭގެ ރީތި އެޕާޓްމެންޓެއް ސެލެކްޓްކުރަން ދޮންބެއަށް އެހީވައްޗޭ….އެންމެ ރަނގަޅެއްނު؟” ޔަޒްދާން ހިނިތުންވުމަކާއެކީ ބުންޏެވެ. އެއާއެކު ޔުނާ ދެންވެސް ކަރުނަތައް ފޮހެމުން ބޯޖަހައި އެންމެ ރަނގަޅޭ ބުނެލިއެވެ. ޔަޒްދާން އަވަސްއަވަހަށް ދެން ހިނިތުންވެލަން އެދުނެވެ. ޔުނާ ދޮންބެގެ އެދުން ފުރިހަމަ ކޮށްދިނުމަށްފަހު ދެން ތިމަންނަ މިދަނީ އެސައިންމެންޓެއް ހަދަން ކަމަށް ބުނެ ކޯލް ކުރުކޮށްލިއެވެ.
ޔުނާގެ ކޯލް ކެނޑިގެން ދިޔުމުން ޔަޒްދާން ވިސްނުމެއްގެ ތެރެއަށް ގެއްލެމުން އޭނަ އިށީނދެގެން އިން ގޮނޑިއަށް ލެނގިލިއެވެ. އޭނަ ޔުނާގެ އެދުން ފުރިހަމަ ކޮށްދޭން ކިތަންމެ ބޭނުންވިޔަސް އެތަން ދޫކޮށްލަން ބޭނުންނުވާ އެހެން ސަބަބެއް ވެސްވެއެވެ. އެ ސަބަބު ދެންމެ ޔުނާއަށް ކިޔައިނުދެވުނު ކަމުގައި ވިޔަސްމެއެވެ.
ޚިޔާލުތަކެއްގެ ފުން ކަނޑެއްގައި އިނުމަށްފަހު ޔަޒްދާނަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިނދު އިވެމުން ދިޔައީ ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ހިމޭން އަޑެކެވެ. އެ ހިމޭންކަމުގެ ތެރެއިން ޔަޒްދާން ސިހިގެން ދިޔައީ ކުއްލިއަކަށް މީހަކު ކޮޓަރީގެ ދޮރުގައި ބާރަށް ތަޅައިގަތް އަޑަށެވެ. އޭގެ ދެވަނަ ސިކުންތުގައި ހަރު އަޑަކުން ފިރިހެނަކު އޭނައާއި ހުތުރު ބަހުން މުޚާތަބު ކުރި އަޑު އިވުނެވެ. އެއީ ކާކުތޯ ބެލުމަށް ޔަޒްދާން ތެދުވުނު ވަގުތު، އެ ކޮޓަރީގެ ކުރިމަތީގައި ހުންނަ އޮފީހުގައި އުޅޭ މުވައްޒަފުން ވެސް ނިކުމެ އެމީހުންގެ އަޑާއި އެ ބީރައްޓެހިޔާގެ އަޑު އެއްވެގެން ދިޔައެވެ.
ސިކުންތުކޮޅެއްގެ ތެރޭގައި ޔަޒްދާން ގޮސް ދޮރު ހުޅުވާލި ވަގުތު ފެނިގެން ދިޔައީ އޭނައާއި އެއް އިސްކޮޅެއް ހުރި ޒުވާނެއްގެ ގައިގައި އޭނަގެ ދެ މުވައްޒަފަކު ހިފަހައްޓައިގެން ތިބި މަންޒަރެވެ. ޔަޒްދާން ފެނުމާއެކު އެ ޒުވާނާ ޔަޒްދާނާއި ދިމާލަށް ޖެހިގަންނަން އުޅުނެވެ. ޔަޒްދާން އެ ޒުވާނާގެ އެ ޙަމަލާއިން ސަލާމަތްވީ އޭނަގެ ދެ މުވައްޒަފުން އެ ޒުވާނާގެ ގައިގައި ބާރަށް ހިފަހައްޓާލީތީވެއެވެ.
“ކަލޭ ލަދެއް ނުގަނޭތަ އެހެން މީހެއްގެ ޙައްޤަކަށް އަރައިގެން އުޅޭއިރު؟!” ޒުވާނާ އެ މުވައްޒަފުންގެ އަތުން މިންޖުވާން މަސައްކަތް ކުރަމުން ހަރު އަޑުން އެހެން ބުނެ އަނެއްކާވެސް ހުތުރު ބަހެއް ކިޔާލިއެވެ. ޒުވާނާ ކޮށްލި ސުވާލުން ޔަޒްދާން ހުއްޓުން އަރައިގެން ދިޔައެވެ. ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ޔަޒްދާނަށް ވާހަކަ ދެކެވުނެވެ.
“ދޫކޮށްލާ….” ޔަޒްދާނަށް ބުނެލެވުނެވެ. ޔަޒްދާން އެ ބުނި އެއްޗެއް ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި އޭނަގެ ކުރިމަތީގައި ތިބި ތިން މީހުން ހިމޭންވިއެވެ. އޭނައާއި ދާދި އެއްޒާތެއްގެ މޫނެއް ލިބިފައިވި އެ ޒުވާނާއަށް ޔަޒްދާންގެ ސަމާލުކަން ދެވުނީ އެ ވަގުތެވެ. މުޅި މީހާ ތެމިފައިވި ގޮތުން އެ ޒުވާނާ އައީ ބޭރުން ވެހެމުން ދިޔަ ވާރޭގެ ތެރެއިންކަން އެނގެއެވެ.
ހިނދުކޮޅެއް ވަންދެން އެ ޒުވާނާއަށް ބަލަން ހުރުމަށްފަހު ޔަޒްދާނަށް އޭނަގެ މުވައްޒަފުންނާއި ދިމާލަށް ބަލައިލެވުނެވެ. އޭނަގެ ދެ މުވައްޒަފުން ދެންވެސް އޭނަ ބުނި އެއްޗެއް ޔަޤީންކުރުމުގެ ގޮތުން އޭނައަށް ބަލަން ތިބުމުން ޔަޒްދާން ބޯޖަހާލީ އެމީހުންނަށް އެ ޔަޤީންކަން ދިނުމަށެވެ. އެއާއިއެކު ލަސްލަހުން އެ ޒުވާނާ ދޫކޮށްލެވުނެވެ.
“ވަދޭ….” ޔަޒްދާން އެ ޒުވާނާއަށް ބަލަންހުރެ އެދުނެވެ. އެއާއިއެކު ޔަޒްދާންގެ ދެ މުވައްޒަފުން އެތަނުން ދިޔައެވެ. އަދި އެ ޒުވާނާ ދެންވެސް ބުމަގޮށްޖެހި ދަތްކުނޑި ވިކެމުންދާ ޙާލު ޔަޒްދާން ތަންދެއްކުމުން އެތެރެއަށް ވަނެވެ. ޔަޒްދާން ދޮރު ލައްޕާލަމުން އެ ޒުވާނާއާއި ދިމާލަށް އެނބުރިލީތަނާހެން ޔަޒްދާންގެ މޫނުމައްޗަށް އެތިފަހަރެއް ވިއްލާލެވުނެވެ. ޔަޒްދާން ހުރީ އެފަދަ ކަމެއް އުއްމީދު ކޮށްގެން ކަމަށްވުމުން ޔަޒްދާން ނުވެއްޓި ސަލާމަތްވިއެވެ. އެ ޒުވާނާ ދެންވެސް މޫނުގެ އަނެއްފަރާތުން އެތިފަހަރެއް ވިއްލުމުން ޔަޒްދާން އެ ޙަމަލާއިން ރެކެން މަސައްކަތް ވެސް ނުކޮށް އެ ޙަމަލާ ލިބިގަތެވެ. އެ ޒުވާނާ ދެންވެސް ޔަޒްދާންގެ ގަޔަށް އެތިފަހަރެއް ވިއްލާލުމުން ޔަޒްދާން ބިންމައްޗަށް ވެއްޓުނެވެ.
“މިއީތަ މިހާރު މިއުޅޭ ސިފައިންގެ ފެންވަރަކީ؟ ޙަމަލާއެއް ލިބުނީމަ އަމިއްލަ ނަފްސު ދިފާޢުކުރަން ވެސް ނޭނގޭ މީހުން ތިކަހަލަ ޒިންމާދާރު މަޤާމްތަކުގަ އުޅެނީ….” ޒުވާނާ ހަރުއަޑުން ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
“ނޫނޭ…..އަމިއްލަ ނަފްސު ދިފާޢުކުރަން ނޭނގެނީއެއް ނޫން. ދެންމެ އިވުނު ވާހަކަ އިވިފަ ހީވީ ތީނަ ހަމައަކަށް އެޅޭނީ އަހަންނަށް މިހެން ހެދީމަހެން…” ޔަޒްދާން ހިމޭންކަމާއެކީ އެ ވާހަކަ ދައްކަމުން ދެފައި މައްޗަށް ތެދުވެލިއެވެ. އަދި އޭނަގެ ނޭފަތުން ފައިބަން ފެށި ލޭފޮދު ފޮހެލަމުން އެ ޒުވާނާއަށް ބަލައިލިއެވެ.
“މިހާ ވަރުން މަ ހަމައަކަށް އެޅިދާނެހެން ހީވަންޏާ ތިއީ ކުށްހީއެއް. ކަލޭ ހަމަ އެނގިހުރެ މަށާއި މަގޭ ޢާއިލާއަށް އެހާ ބޮޑު އަނިޔާއެއް ދިނީ….” ޒުވާނާ ބުންޏެވެ.
“ނޭނގި ނަމަވެސް ތި އަނިޔާ ދެވިފަ ހުންނާތީ އަހަންނަށް ހަމަޖެހުމެއް ނުލިބޭ މިހުރިހާ ދުވަހު. ވަރަށް މަސައްކަތް ކުރިން މި ހުރިހާ ދުވަހު ވެސް ތި އަޚާ ފެނޭތޯ. އެކަމަކު ފެންނަ ގޮތެއްނުވި. ބޮޑު ލާރި ލިބުނަސް އެ ލާރި ބޭނުންކުރަން ޖެހިލުންވެ މި ކުޑަ ގޮޅީގަ އުޅެމުންދާ އެއް ސަބަބަކީ ވެސް އެއީ. އަހަރެންގެ އެދުމަކީ ވީހާވެސް އަވަހަކަށް ތި އަޚާއަށް ޙައްޤުވާ މުދާ އަހަރެންގެ ފަރާތުން ލިބުން. ބޭނުމިއްޔާ އެއަށްވުރެ އިތުރަށް ވެސް ދޭން އަހަރެން މިހިރީ ތައްޔާރަށް…..” ޔަޒްދާން މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ. އެ ވާހަކަ ނިމުނުތަނާހެން އެ ޒުވާނާ ޔަޒްދާންގެ ގިރުވޯނުގައި ހިފަހައްޓާލަމުން ޔަޒްދާން ފާރަށް ލައްކޮށްލިއެވެ.
“ކަލޭ ހީކުރީ މަ މި އައީ ކަލޭގެ ފަރާތުން ޙަމްދަރުދީ ހޯދަން ކަމަށްތަ؟ ނޫން! މަ މިއައީ ބަދަލު ހިފަން! ކަލެއާއި ކަލޭގެ ބައްޕައާހެދި އަހަރެންގެ ޢާއިލާ މަގުމަތިވެ މަންމައާއި ކޮއްކޮ މި ދުނިޔެ ދޫކޮށްދިޔައީ. ކަލެއާއި ކަލޭގެ ކޮއްކޮގެ ނަން މި ދުނިޔެއިން ފޮހެ ނުލެވެނީސް މަ ނުހުއްޓާނަން!! ހަނދާން ބަހައްޓާތި މި އިންޒާރު…..” ޒުވާނާ ޝަހާދަތް އިނގިލި ޔަޒްދާނަށް ދިއްކޮށް އެހެން ބުނުމަށްފަހު އޭނަގެ ގިރުވޯނުން ދޫކޮށްލިއެވެ. އެއަށްފަހު ޔަޒްދާނަށް ފަސްދީފައި ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ ކޮޓަރިން ނިކުމެ ބާރު އަޑަކާއެކީ ދޮރު ލައްޕައިލިއެވެ.
**
ޒިހާން ޑިއުޓީއަށް ދިޔަފަހުން ޔުނާ އެދުވަހު އޮފީހުގެ މަސައްކަތް ކުރަން އިށީނީ ކޮޓަރީގައި ހުރި ކިޔަވާ މޭޒުދޮށުގައެވެ. މިއީ އޭނަ މާލެއަށް އައި ފަހުން އެ މޭޒުދޮށުގައި އިށީން ފުރަތަމަ ފަހަރެވެ. ލެޕްޓޮޕް ހުޅުވާލުމަށްފަހު މަރީ ގެނެސްދިން ފައިލްއެއް ވެސް ހުޅުވާލަމުން ޔުނާ މަސައްކަތް ފެށިއެވެ. މަސައްކަތް ފެށިތާ މާ ގިނައިރެއް ނުވެ ފައިލްގައި ގަލަމުން އެއްޗެއް ނޯޓްކުރަން ބޭނުންވުމުން މޭޒުމަތީގައި ގަލަމެއް އޮތްތޯ ބަލައިލެވުނެވެ. އެހިނދު މޭޒުމަތިން ގަލަމެއް ނުފެނުމުން އޭނަގެ ގަލަންތައް ހުރީ އަރިމަތީ މޭޒުމަތީގައި ބޭއްވިފައި އޮތް އަތްދަބަހުގެ ތެރޭގައިކަން އެނގުންވިއެވެ. އެދިމާލަށް ބަލައިލެވުނެއްކަމަކު ހަށިގަނޑުގައި ހުރި ވަރުބަލިކަމެއްގެ ސަބަބުން ތެދުވަން ކަންނެތްވިއެވެ. އެހެންކަމުން ކިޔަވާ މޭޒުގެ ވަތްގަނޑު ހުޅުވާލެވުނީ އެތާނގައި ވަކި އެއްޗެއް ހުންނާނެ ކަމުގެ އުއްމީދުގައެއް ނޫނެވެ. އެހެނަސް ވަތްގަނޑު ހުޅުވާލުމުން އޭގައި އެއްޗެހި ހުރިތަން ފެނިފައި ޔުނާ ހުއްޓުން އެރިއެވެ.
ވަތްގަނޑުތެރޭގައި ރީއްޗަށް ރޭވިފައި ހުރި ގަލަންތަކާއި ފަންސުރާއި ކަލްކިއުލޭޓަރާއި ޕޯސްޓް އިޓް ނޯޓްތައް ފެނިފައި ޔުނާގެ ލޮލަށް ސިފަވެގެން ދިޔައީ ދޮންބެއެވެ. މި ކޮޓަރި ހެދިފައިވަނީ ކުއްޔަށް ދޭން ކަމަށް ނުވުމުން އަދިވެސް އެ އެއްޗެހި ނެގިފައި ނުވަނީކަން ޔުނާއަށް އެނގުންވިއެވެ. ޔޫސުފް ދޮންބެގެ އޮފީހަށް އަތްގަދަ ކުރަން މަސައްކަތް ކުރިއިރު ވެސް މި ކޮޓަރި މަތިން ހަނދާނެއް ނެތީތާއޭ ހިތަށްއެރިއެވެ. އޭނަ ނެތްއިރު ހޮޓެލުން ހިންގި މުޢާމަލާތްތަކާއި މެދު މަރީއާއި ސުވާލުކުރުމުން ގިނަ ކަންތައް ބަލަމުން ދިޔައީ މަރީ އެކަނިމާއެކަނިކަން ޔުނާއަށް އެނގުނެވެ. ޔުނާ އޭނަގެ އެޕާޓްމެންޓް އެނދި ރޭ ވަންނާނެ ތަނެއް ނެތިގެން ގުޅުމުން ވެސް ކޮޓަރިއެއް ނެތްކަމަށް ޔުނާ ގާތު ބުނެވުނީ މި ކޮޓަރި ހުއްޓާކަން ވެސް ޔުނާއަށް އެނގުނީ މަރީ އޭނައަށް ކިޔައިދިން ވާހަކަތަކުންނެވެ.
ވަތްގަނޑުގެ ތެރެއިން ޔުނާ އެންމެ ބޮޑަށް އަޅައިގަތީ އޭގެ މެދަށް ވާގޮތަށް ބޭއްވިފައި އޮތް ދަގަނޑު ފޮށިއެވެ. ފޮށީގެ ބޭރުގައި ލިޔެވިފައިވީ ‘ފޯ ޔުނޫ’ އެވެ. ޔުނާއަށް ވަގުތުން އެ ފޮށި ނަގައި ހުޅުވައިލެވުނެވެ. ފޮށީގައި އޮތީ ރިހިކުލައިގެ ކުޑަ ޕެން ޑްރައިވެކެވެ. ޔުނާ ޕެން ޑްރައިވް ނަގައި ލެޕްޓޮޕާއި ގުޅާލިއެވެ. އޭގެ ފޯލްޑާއިން ފެނިގެން ދިޔައީ ވީޑިޔޯ ފައިލްތަކެވެ. ޔުނާ އެންމެ މަތީގައި ހުރި ފައިލް ހުޅުވާލިއެވެ. ވީޑިޔޯއިން އިވެން ފެށި ވާހަކަތަކުން ޔުނާގެ ދެބުމަ ކައިރިވެގެން ދިޔައެވެ.
ނުނިމޭ