Hiyaa (Part 51)
ވަތްގަނޑުގެ ތެރެއިން ޔުނާ އެންމެ ބޮޑަށް އަޅައިގަތީ އޭގެ މެދަށް ވާގޮތަށް ބޭއްވިފައި އޮތް ދަގަނޑު ފޮށިއެވެ. ފޮށީގެ ބޭރުގައި ލިޔެވިފައިވީ ‘ފޯ ޔުނޫ’ އެވެ. ޔުނާއަށް ވަގުތުން އެ ފޮށި ނަގައި ހުޅުވައިލެވުނެވެ. ފޮށީގައި އޮތީ ރިހިކުލައިގެ ކުޑަ ޕެން ޑްރައިވެކެވެ. ޔުނާ ޕެން ޑްރައިވް ނަގައި ލެޕްޓޮޕާއި ގުޅާލިއެވެ. އޭގެ ފޯލްޑާއިން ފެނިގެން ދިޔައީ ވީޑިޔޯ ފައިލްތަކެވެ. ޔުނާ އެންމެ މަތީގައި ހުރި ފައިލް ހުޅުވާލިއެވެ.
ވީޑިޔޯއިން ފެނިގެން ދިޔައީ އޭރު ޔުނާގެ ދޮންބެ ނޫން އެހެން މީހެއް ނޫނެވެ. ޔުނާގެ ދެބުމަ ކައިރިވެގެން ދިޔައީ ދޮންބެ ވާހަކައެއް ބުނުމުގެ ކުރިން އަޢޫޒު ކިޔާލީތީވެއެވެ. އަޢޫޒަށް ފަހު ދޮންބެ ވާހަކައެއް ބުނާ ފަދައަކުން ކިޔަން ފެށީ އާޔަތެކެވެ.
“إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا….ހަމަކަށަވަރުން ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަނީ އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާ ކުރުމަށޭ….ޔުނޫއަށް އެނގޭތަ؟ ދޮންބެއަށް މި އާޔަތް އިވުނު ފުރަތަމަ ފަހަރު ހިތަކަށް ނާރާ މިއީ ކިހާ ބޮޑު ނަޞޭޙަތެއްކަމެއް މާތް ﷲ އަހަރުމެންނަށް ދެއްވާފަވަނީ. އެ ފުރަތަމަ ފަހަރުވެސް މި ނަޞޭޙަތުގެ އަގު ވަޒަން ކުރެވުނު ނަމަ މިއަދު މި ޙާލަތް ދޮންބެއަށް ނުޖެހުނީސް. މަރުގެ އިންޒާރުތަކެއްގެ ބިރުވެރިކަމުގަ އުޅެން ނުޖެހުނީސް…” ދޮންބެ އިސްޖެހިފައި ކަހަލަ ގޮތަކަށް އިނދެ ބުނެލި ވާހަކައިން ޔުނާގެ މެއަށް ފިނިވީ ހިނދު ލޯ ބޮޑުވެގެން ދިޔައެވެ.
“ދޮންބެ މަސައްކަތް ކުރާނަން ދޮންބެއަށް ވީ މިންވަރަކުން އަމިއްލަ ނަފްސު ދިފާޢުކުރަން. އެކަމަކު ހަމަ ނޭނގި ހުއްޓާ ގޮތެއްވެދާނެތީ ދޮންބެ ޔުނޫ ގާތު ބުނަން ބޭނުންވާހާ ވާހަކައެއް މިތާނގަ ބުނެލަން ބޭނުންވަނީ. ދޮންބެއަށް ގޮތެއްވިޔަސް ޔުނޫ ދިރިއުޅުމުން އުއްމީދު ކަނޑާނުލައްޗޭ…އޭގެ ބަދަލުގަ އަމިއްލަ ނަފްސުގެ ހިމާޔަތަށް މަސައްކަތް ކުރައްޗޭ….ޔުނޫ ބުނިހެން ދޮންބެ މި ޚިޔާލު ކުރަނީ ވީހާވެސް އަވަހަކަށް ޔުނޫއަށް ހުޅުމާލެއިން އެޕާޓްމެންޓެއް ގަނެދޭން. މިކޮޅަށް އަންނަ މަދު ދުވަސްކޮޅުގަ ވެސް ޔުނޫ މި ޢިމާރާތުގަ ހުންނަން ދޮންބެ ހިތްހަމައެއް ނުޖެހޭ. ޔުނޫ ދެން އަންނަންވާއިރަށް އެޕާޓްމެންޓެއް ގަނެފަ ދޮންބެ ބަހައްޓަން ކަމަށް މި ނިންމަނީ. ދެން ވީޑިޔޯއެއްގަ އެޑްރެސްވެސް ހިމަނާލާނަން އިނގޭ….ޔުނޫ މިކޮޅަށް އަންނަންވާއިރަށް ވެސް…. ދޮންބެ ނެތިއްޔާ ޔުނޫއަށް އެނގޭނެހެން. އަބަދުވެސް ވަރަށް ލޯބިވޭ އިނގޭ ޔުނޫދެކެ….” ޔަޒްދާން އެހެން ބުނެ ކުރިމަތީގައި ހުރި ކެމެރާއަށް އަތްދިއްކުރުމާއެކު އެ ކުރު ވީޑިޔޯ ނިމުމަކަށް އައެވެ.
ވީޑިޔޯ ނިމުމާއެކުހެން ޔުނާއަށް ވަގުތުން ފޯލްޑާގައި ދެވަނައަށް ހުރި ފައިލް ހުޅުވައިލެވުނެވެ. އެ ފައިލްއިން ވެސް ފެނިގެން ދިޔައީ ދޮންބެ އެ ގޮނޑީގައި އިނދެގެން ވާހަކަ ދައްކާ މަންޒަރެވެ. އެހެނަސް އެހެން ހެދުމެއް ލައިގެން ހުރި ގޮތުންނާއި އެ ވީޑިޔޯގައި ދޮންބެ ދައްކަން ފެށީ އެމީހުންނަށް ވާރުތައިން ލިބުނު މުދަލުގައިވާ އެހެން މީހެއްގެ ޙައްޤުގެ ވާހަކައެވެ. އެ ޙައްޤު އަދާކުރަން ދޮންބެ ތަކުރާރުކޮށް މަސައްކަތް ކުރުމުން ވެސް ކާމިޔާބު ނުވި ވާހަކައެވެ. އެ ޙައްޤު ލިބިގަތުމަށްވުރެ އެމީހެއްގެ ރުޅިވެރިކަން ގަދަ ކަމަށް ދޮންބެ ބުނެލީ މާޔޫސްވެފައިވާ ފަދައަކުންނެވެ. އެއަށްފަހު ފުރަތަމަ ވީޑިޔޯ ފަދައިން އެ ވީޑިޔޯގައިވެސް ދޮންބެ ވަނީ އެ ދެއްކި ވާހަކައާއި ގުޅުވައިގެން އާޔަތެއް ޙިއްސާކޮށް ނަޞޭޙަތްތެރިވެ ޔުނާދެކެ ލޯބިވާ ވާހަކަ ބުނެފައެވެ.
ޔުނާއަށް އަވަސްއަވަހަށް ވީޑިޔޯތައް ބެލެމުން ދިޔައީ ދޮންބެ އެ ދައްކަނީ ކާކުގެ ޙައްޤެއްގެ ވާހަކަކަން ދެނެގަނެވޭތޯ ބެލުމަށެވެ. ދޮންބެ އެއް ވީޑިޔޯއެއްގައި އެއީ ކާކުކަން ބުނެދޭން އުޅެފައިވެސް ނުބުނީ ޔުނާގާތު ބުނަން ޖެހިލުންވެގެން އުޅޭ ފަދައަކުންނެވެ. ކެތްމަދުވެފައިވާ ހިތަކާއެކީ ވީޑިޔޯތައް އެއްކޮށް ބެލުމެއްވެސް ނެތި މަތިމަތިން ޔުނާ ވީޑޔޯ ބަލަން ފެށިތާ މާ ގިނައިރެއްނުވެ ދޮންބެ އެ ވާހަކަ ދެއްކުން މުޅިން ހުއްޓައިފިކަން އެނގުނެވެ. ބާކީ ހުރި ވީޑިޔޯތަކުގައި މުޅިން ވެސް ހުރީ ދޮންބެ ޔުނާއާއެކީ ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށް ސަމާސާ ވާހަކަތައް ދައްކައި، ނަޞޭޙަތްތައް ދީ ޔުނާއަށް ޝުކުރުވެރިވާ ކަންތައް ކިޔައިދީފައެވެ. އެންމެ ފަހު ވީޑިޔޯ ނިމުނުއިރު ވެސް ޔުނާ އެނގެން ބޭނުންވި ކަންތައް ނޭނގުމުން ޔުނާއަށް ގޮނޑިއަށް ލެނގިލަމުން ކުރު ނޭވައެއް ދޫކޮށްލެވުނެވެ. އެ ހިނދު އޭނަގެ އެސްފިޔަތައް ތެމި އޭނަގެ އަރުތެރެ ބެދިފައިވިކަން ޔުނާއަށް އެނގުންވިއެވެ. ވީޑިޔޯ ހުއްޓިފައިވި ހިސާބުން ދޮންބެ ހިނިތުންވެގެން ހުރި މަންޒަރު ފެނިފައި ޔުނާގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ ލޯ ފުސްވެގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި މޭގައި އުފެދިގެން ދިޔަ ރިހުމާއެކީ ޔުނާގެ ގިސްލުމުގެ އަޑު މުޅި ކޮޓަރީގައި ގުގުމަން ފެށިއެވެ.
**
އެދުވަހުގެ ޑިއުޓީގެ ތެރެއިން ޒިހާން ޝިއުސްއާއި ދިމާވެގެން ދިޔައީ ބަންޑާރަކޮށީގެ ތެރެއިންނެވެ. ޝިއުސް ޒިހާނާއި ދިމާވުމާއެކު ހިނިތުންވުމަކާއެކީ ބައްދާލަމުން ޙާލު އަހުވާލު އެހިއެވެ.
“އިހަކަށް ދުވަހު ދޯ އައީ؟ މިތާ އުޅޭ އާ ކުދިން ކިޔާތީ އިވުނޭ ވަރަށް ނައިސް ޓީމް ލީޑާއެކޭ ތިމަންނަމެންނަށް ލިބިގެން އުޅެނީ. އިވުނު އިރަށް ހިތަށްއެރީ އެއީ ޒިހާނޭ……” ޝިއުސް ހިނިތުންވުމަކާއެކީ ބުނި ވާހަކައިން ޒިހާނަށް ހީލެވުނެވެ.
“އަހަރެން އެކަންޏެއް ނޫންކަންނޭނގެދޯ ނައިސް މީހަކަށް ހުންނަނީ…..އެނީވޭސް، މިއަދު ސްޕެޝަލް ފޯސެސްގެ މީޓިންގްއެއް އޮތީ ކީއްވެބާ؟ އެއްކަލަ މީހުންނަކީ ކޮބައިކަން އެނގިއްޖެތަ؟” ޒިހާން ސީރިއަސްކަން ވެރިވެގެން ދިޔަ މޫނަކާއެކީ ސުވާލުކުރިއެވެ.
“ހުމް….ޒިހާނަށް އެމްސްޓާޑަމްގަ ދިމާވި ޙާދިސާގެ އަލީގަ އެއީ ކޮން ބައެއްކަން ޔަޤީނާއި ގާތްކުރެވުނު. އެމީހުންނަކީ އަހަރުމެންނަށް ޝައްކުކުރެވުނު މީހުން ހަމަ. ޢަބްދު ﷲ ޙަމީދާއި ޒިހާންގެ ވައިފް ހިންގާ ހޮޓެލުގެ މެނޭޖަރު އަޙުމަދު ޔޫސުފް. ހަތިޔާރުތައް އެތެރެ ކުރާ ކަމަށް ބެލެވޭ ދެމީހުންނަކީ އެއީ. މީގެ އިތުރުން ވެސް އެހެން މީހަކު އެމީހުންނާއި ބައިވެގެން އުޅޭހެން ހީވޭ. އެކަމަކު އޭނަގެ ޙަރަކާތްތައް ހުރި ގޮތުން އޭނަގެ މަޤްޞަދު ތަފާތުހެން ހީވަނީ. މިއަދު މީޓިންގް ބާއްވަން މިއުޅެނީ އެ ތިންވަނަ މީހާވެސް ރާއްޖެ އައިސްގެން އުޅޭކަމަށް ޝައްކުކުރެވޭތީއޭ ބުނާ އަޑު އެހިން……” ޝިއުސް ވެސް ސީރިއަސްކަމާއެކީ ވާހަކަ ދެއްކިއެވެ.
އެ އިވުނު ވާހަކަތަކުން ޒިހާން ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޒިހާންގެ ހަނދާނަށް އައީ އިހަކަށް ދުވަހު އޭނައަށް ލިބުނު ފޯނު ކޯލެވެ. އެމީހަކު މަސައްކަތް ކުރަމުން ދަނީ އޭނަގެ ބައްޕައާއި އަތު ގުޅާލައިގެން ކަމަށް ބުނެލި ބުނެލުމެވެ. ޒިހާން އޭނަގެ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް ޝިއުސް ވާހަކަ ދެއްކިއެވެ. މީޓިންގްއަށްދާ ގަޑި ޖެހެނީ ކަމަށް ބުނެ ހިނގާށޭ ބުނެލިއެވެ. އެއާއިއެކު ޒިހާން ޝިއުސްއާއެކީ ޢާއްމުކޮށް ބައްދަލުވުންތައް ބޭއްވޭ މާލަމަށް ދާން ހިނގައިގަތީ އެދެމީހުންނަކީ ވެސް މިފަދަ ޙާލަތްތަކުން ޤައުމު ދިފާޢުކުރާ ސްޕެޝަލް ފޯސެސްއަށް ނިސްބަތްވާ ދެމީހުން ކަމަށް ވާތީވެއެވެ.
**
އެދުވަހުގެ ދިގު ބައްދަލުވުމަށްފަހު ރާވަންޖެހުނު ރޭވުންތަކުގެ މަސައްކަތް ބުރަވުމުން ޒިހާނަށް އެރޭ ގެއަށް ދިޔުމަށްޓަކައި ބަންޑާރަކޮށިން ނިކުމެވުނީ ވެސް 8 ޖަހައި ބޮޑުވި ފަހުންނެވެ. ގެއަށް ދިޔަ މަގުމަތީގައިވެސް ޒިހާންގެ ސިކުނޑިއަށް ހާސްކަމެއް ވެރިވެފައިވީ ކުރީ ފަހަރެކޭ ވެސް އެއްފަދައިން މި ފަހަރު ވެސް އޭނަ ހަނގުރާމަ އާއި ކުރިމަތިލާން ޖެހިފައިވަނީ އޭނަގެ ބައްޕައާއިކަން އެނގުންވުމުންނެވެ. އެހެނަސް މިފަހަރު އެ ބައްޕައާއި ދިމާވާނެ ކަމާއިމެދު ޒިހާނަށް ޝައްކުކުރެވުނެވެ. މިފަހަރު ޙަމަލާ އަންނަން އުޅެނީ މާލެއާއެކީ ކޮންމެވެސް އެހެން ރަށަކަށް ކަމަށްވެސް ބެލެވޭތީވެއެވެ. އެހެން ޤައުމެއްގެ ބަޔަކާއި ގުޅިގެން ޙަމަލާދޭން އުޅޭ އެ ބައެއްގެ މަޤްޞަދަކީ ރާއްޖެއަށް އަތްގަދަ ކުރުން ކަމަށް ވެސް ބެލެވެއެވެ.
މި ހުރިހާ ކަމަކާހެދި ހޮޓެލާއި ހަމައަށް އާދެވުނުއިރު ވެސް ޒިހާނަށް ހުއްޓުމެއްނެތި އެ ކަންތައްތަކާއިމެދު ވިސްނެމުން ދިޔައެވެ. ހޮޓެލްގެ އެންމެ މަތީ ފަންގިފިލާއަށް ގޮސް ކޮޓަރިއާއި ހަމައަށް ދިޔައިރު ވެސް އެ ޚިޔާލުތަކަށް ނިމުމެއް ނައެވެ. އެހެނަސް ޒިހާން ލޯ މަރައިލަމުން ފުން ނޭވައެއް ދޫކޮށްލީ އޭނަގެ ސިކުނޑި ހަމައަކަށް އެޅުވުމަށެވެ. އެއަށްފަހު ލޯ ހުޅުވައިލަމުން ހިނިތުންވެލީ އެ ހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލައި ޔުނާއަށް ހުރިހާ ސަމާލުކަމެއް ދިނުމަށެވެ. މިއަދު އޭނައަށް އިވުނު އެއްވެސް ވާހަކައެއްގެ ހިލަމެއް ވެސް ޔުނާއަށް ދޭން ބޭނުމެއް ނުވުމުންނެވެ.
މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައިގެން ހުރެ ޒިހާން އެ ރޫމްގެ ބެލް އަޅުވާލީ އޭނަގެ އަތުގައި ކާޑު ނެތުމުންނެވެ. ބެލް އަޅުވާލިތާ މާ ގިނައިރެއްނުވެ ދޮރު ކުޑަކޮށް ހުޅުވިގެން ދިޔައެވެ. ހަނި ދާއިރާގެ ތެރެއިން ޒިހާނަށް ފެނިގެން ދިޔައީ އަތްދިގު ނޫކުލައިގެ ކުރުތާއަކާއި ހުދުކުލައިގެ ހަރުވާޅަކާއެކީ ހުރި ޔުނާއެވެ. ޔުނާ އެހާ ހަނިކޮށް ދޮރު ހުޅުވައިގެން ހުރީ ބުރުގާ ނާޅާ ހުންނާތީވެކަން އެނގި ޒިހާނަށް ވާހަކަ ދެކެވުނެވެ.
“ކޮބައިހޭ ކޮބައިހޭ މަގޭ ލޯބި ޔުނޫ…..” ޒިހާން ރާގަކަށް ކިޔަމުން ލަސްލަހުން ދޮރު ހުޅުވަމުން ދިޔަހެން ޔުނާވެސް ދޮރާއި އެކީގައި ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރު ރަނގަޅަށް ހުޅުވާލެވުމުން ޒިހާން ކޮޓަރިއަށް ވަދެ ކުއްލިއަކަށް ދޮރު ލައްޕާލަމުން މިހިރީ ނޫންހޭ ބުނެ ޔުނާ ނަގައި އުރާލި ގޮތުން ޔުނާއަށް ވެސް ހީލެވުނެވެ. ޔުނާގެ ހީލުމުގެ އަޑު ކަންފަތުގައި ޖެހުމާއެކުހެން ޒިހާން އޭނަގެ ހުރިހާ ހާސްކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. ހިނދުކޮޅެއް ވަންދެން ޔުނާ އުފުއްލައިގެން ހުރުމަށްފަހު ޒިހާން ޔުނާ ތިރީގައި ބެހެއްޓިއެވެ.
“ސޮރީ އިނގޭ ލޯބި…..މިއަދު ހަމަ ބިޒީވީ ވަރުން ލަސްވީ. ލަސްވީމަ ލޯބިއަށް ޓްރީޓެއްވެސް ދޭހިތުން މިހިރީ. ހިނގާދޯ ބޭބީއާއެކީ ޑޭޓަކަށް ދާން؟ ޗޭންޖްކޮށްގެން އައިއްސަ ހުރީމަ ބޭބީއަށްވެސް ލަސް ނުވާނެތާ….” ޒިހާން ލޯތްބާއެކީ ޔުނާގެ މޫނުގައި އެއްއަތުން ހިފަހައްޓައިގެން ހުރެ އެއްލޯ މަރައިލަމުން ބުންޏެވެ. ޒިހާން އައީ އެކޮޅުގައި ހުރެ ޔުނިފޯމް އާދައިގެ ހެދުމަކަށް ބަދަލުކޮށްގެނެވެ. އެ ވާހަކަ ބުނުމަށްފަހު ޒިހާން އިތުރަށް ވެސް ވާހަކަ ދައްކަން އުޅުނެއްކަމަކު ޔުނާގެ ދުޅަވެފައިވާ ދެލޯ ފެނިފައި އޭނަ ހުއްޓުން އަރާ ގޮތްވިއެވެ. ހަމަ އެހިނދު ގޮށެއްޖެހިފައިވާ ޔުނާގެ އިސްތަށިގަނޑު ހޭވިފައިވިކަން ވެސް ފާހަގަވިއެވެ.
“އާނދޯ؟ ހިނގާ….ދުވަސްވެއްޖެދޯ ޑޭޓަކަށް ނުދެވޭތާ. ތައްޔާރުވެގެން އަންނާނަން އިނގޭ….” ޔުނާ ވާހަކަ ދެއްކިއިރު އެ ތުންފަތްމަތިން ފަނޑު ހިނިތުންވުމެއް ފެނުނު ގޮތުންނާއި އަޑުގައި ތުރުތުރެއް އެކުލެވިގެން ދިޔަ ގޮތުން ޒިހާންގެ ހިތަށް އުދަގޫވާ ގޮތްވިއެވެ. ޔުނާ އޭނައަށް ފަސްދީފައި ދާން އުޅުމުން ޒިހާން ޔުނާގެ ދެކޮނޑުގައި ހިފައި މަޑުކުރުވިއެވެ.
“ކިހިނެއްވީ ޔުނޫ؟ ރޮއިފަތަ ތިހިރީ؟” ޒިހާން ޔުނާގެ އެއްލޮލުގެ ކައިރިން ބޮޑުވާ އިނގިލި ހިންގަމުން އެހިއެވެ. އެއާއެކު ޔުނާ އިސްއުފުލާލި ހިނދު އެލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ޒިހާނަށް ކަންބޮޑުވުމަކާއެކީ ތަކުރާރުކޮށް ކިހިނެއްވީތޯ އެހުމުން ޔުނާ ޖަވާބު ދިނެވެ.
“ދޮންބެ…..” ޔުނާއަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އެއާއިއެކު ޒިހާންގެ ދެބުމަ ކައިރިވިއެވެ.
އޭގެ އިރުކޮޅެއްފަހުން ޒިހާން އިނީ ޔުނާއާއެކީ އެނދުމަތީގައި އިށީނދެގެން ޔުނާގެ އުނގުގައި ބެހެއްޓިފައި ހުރި ލެޕްޓޮޕަށް ބަލަހައްޓައިގެންނެވެ. ޔަޒްދާން ދެމުން ދިޔަ ނަޞޭޙަތްތައް ދެވަނަ ފަހަރަށް އަޑު އިވެމުން ދިޔަދިޔަހެން ޔުނާ ވަރެއްނެތް ފަދައަކުން ޒިހާންގެ ކޮނޑުގައި ބޯއަޅާލިއެވެ. ވީޑިޔޯތައް ބެލުމުގެ ކުރިން ޔުނާ ވަނީ ދޮންބެއަށް މަރުގެ އިންޒާރުތައް ލިބުނު ވާހަކަ ޒިހާނަށް ކިޔައިދީފައެވެ. އެހެނަސް އެއްވެސް ވީޑިޔޯއެއްގައި އެ އިންޒާރުތައް ދިނީ ކާކުކަން ދޮންބެ ކިޔައިދީފައި ނުވާކަމަށް ޔުނާ ބުނެފައިވަނީ ރޮވިފައި ހުރެއެވެ. އެމީހަކީ ކާކުކަން އެނގެން ބޭނުންވި މިންވަރުންނާއި އޭނަގެ ހިތަށް އަސަރުކުރާ ވަރުން އޭނައަށް އެ ވީޑިޔޯތައް މުޅިން ނުބެލޭ ވާހަކަ ވެސް ޔުނާ ބުންޏެވެ.
ދެމީހުން އެ ވަގުތު އެކީގައި ތިބެ އެ ވީޑިޔޯތައް ބަލަން ފެށީ ޒިހާން ދިން ޚިޔާލެއްގެ މަތިންނެވެ. ޔުނާ އެ ވީޑިޔޯތައް ބަލަން ނުކުޅެދެނީ ޔުނާއަށް އަދިވެސް ދޮންބެގެ މަރަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވޭތީވެކަން ޒިހާނަށް އެނގޭތީވެއެވެ. ޒިހާން ބޭނުންވީ ޔުނާގެ ދޮންބެ ޔުނާދެކެ ކިހާ ލޯބިވާކަން ޔުނާއަށް އިޙްސާސްކޮށްދޭށެވެ.
އެކަން ކާމިޔާބުވާ ގޮތްވެސް ވިއެވެ. ވީޑިޔޯތަކުގެ އެއްވެސް ބައެއް ވައްޓާނުލާ ބަލަމުން ދިޔަދިޔަހެން ދޮންބެ އޭނަދެކެ ލޯބިވާ މިންވަރު ޔުނާގެ ހިތަށް ނަގައިގަނެވުނެވެ. ޔުނާގެ މުސްތަޤްބަލާއިމެދު ދޮންބެ ވިސްނި މިންވަރުވެސްމެއެވެ. ކޮންމެވެސް އެއް ވީޑިޔޯއެއްގައި ދުރުދުރުން ޒިހާންގެ ވާހަކަ ވެސް ދެކެވެން ފެށިހެން ހީވުމުން ދެމީހުންނަށް ވެސް އެއަށް ސަމާލުކަން ދެވުނެވެ.
“މިރޭ މިއުޅެނީ ސްޕެޝަލް ފޯސެސްގެ ޓްރެއިނިންގްއަށް ލަންކާއަށް ފުރަން. އެނގޭ ޔުނޫގާތު ފޯނުން މި ވާހަކަ ބުނެވިފައިވާކަން އެކަމަކު މި ވީޑިޔޯގަ މި ހިމަނާލަނީ ދޮންބެއަށް ނުބުނެވުނު ވާހަކަތައް. މިފަހަރު މި ޓްރެއިނިންގްއަށް ދޮންބެމެންނާއެކީ އެބަ އާދޭ ވަރަށް ޚާއްސަ ކުއްޖެއް. ޔުނޫ ދެކެ ވަރަށް ލޯބިވާ އަދި ޔުނޫއާއި އިންނަން ވެސް ބޭނުންވާ ކުއްޖެއް. އެކުއްޖާއާއި ޔުނޫ ބައްދަލުކުރުވަން ދޮންބެ ވަރަށް ބޭނުން. އެކަމަކު އެނގޭ ކައިވެނީގެ ވާހަކަ ދެއްކިޔަސް ޔުނޫ ފޫހިވާނީކަން. އެނީވޭސް، ޔުނޫއާ ހެދި ވަރަށް ކިޔުނީމޭ އެކުއްޖާ ކައިރި މިހާ ބުރަ ކަމެއްގެ ތެރެއަށް ނުވަންނާށޭ. މީގެ ތެރެއަށް ވަނީމަ ޒާތީ ދުޝްމިނުން ވެސް ގިނަވުން ނޫންކަމެއް ނުވާނެއޭ. ޔުނޫއާ އިން ދުވަހަކުން ޔުނޫވެސް ކިހާ ކަންބޮޑުވާނެހެއްޔޭ. އެކަމަކު އެއީވާ ހިތްވަރު ގަދަ ފަހުލަވާނެއް. މަށަށް ޔަޤީން މި ޓްރެއިނިންގްއަށް ދާ އެންމެންނަށް ވުރެ ކުރިން އޭނަ ދަސްކުރަންޖެހޭ ހުރިހާ ހުނަރެއް ދަސްކުރާނެކަން. މި ސަބަބާހެދި ވެސް އޭނައާ ޔުނޫ ވަރަށް ގުޅޭ…..” ޔަޒްދާން ހިނިތުންވުމަކާއެކީ އެހެން ބުނި ވަގުތު ޔުނާއަށް ވީޑިޔޯ މަޑުކޮށްލެވުނެވެ.
“ޒިހާން ހުންނަނީ ސްޕެޝަލް ފޯސެސްގަތަ؟” ޔުނާ ޒިހާނާއި ދުރުވެލަމުން އެހެން އަހާލީ ޙައިރާންކަމާއި ކަންބޮޑުވުން އެކުލެވޭފަދަ ގޮތަކަށެވެ.
“ހުމް….އިމްޕްރެސިވްދޯ؟” ޒިހާން ހިނިތުންވުމަކާއެކީ ބުނެލިއެވެ.
“އިމްޕްރެސިވްއެއް ނޫން! ޑޭންޖަރަސް…..ކޮންމެވެސް އެހެން ވީޑިޔޯއަކުން ދޮންބެ ބުނި ތިމަންނަ ހިންގި އޮޕަރޭޝަނެއްގެ ސަބަބުން ތިމަންނައަށް އެމީހަކު ދެމުން ދިޔަ އިންޒާރުތައް ގިނަވިއޭ….ޒިހާނަށް އެކަހަލަ ގޮތެއް ދިމާވެއްޖެއްޔާޔޯ؟ ދޮންބެ ގޮތަށް….ޒިހާން ވެސް…” ޔުނާ އެވަގުތު ޖަޒުބާތުގައި ޖެހިފައިވުމުން ވިސްނުނީ އެންމެ ނުބައި ކޮށެވެ. އިސާހިތަކު ޔުނާގެ ލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. އެއާއެކު ޒިހާން ޔުނާ ގެނެސް އޭނަގެ އަތުތެރޭގައި ފޮރުވާލިއެވެ.
“އެއްވެސް ކަމެއް ނުވާނެ ޔުނޫ، އިން ޝާ ﷲ! އައި ޕްރޯމިސް ޔޫ….” ޒިހާން ގިސްލެވެމުން ދިޔަ ޔުނާގެ ބޮލުގައި ފިރުމަމުން އެހެން ބުނެލީ އެ ވަޢުދު ފުއްދަން ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. އޭނަ ކުރިމަތިލާން އުޅޭ ދުޝްމިނަކީ ކިތަންމެ ހަތިޔާރުތައް ހުރި ބާރުގަދަ ލަޝްކަރަކަށް ވިޔަސް ޙައްޤަށް ނަޞްރު ލިބުމަށް އެދި ހިތާހިތުން ދުޢާކުރާ ޙާލުގައެވެ.
ނުނިމޭ