Hiyaa (Part 52)
“ކޮންކޮން ހުނަރުތަކެއްތަ ދަސްކޮށްދީފަ ހުންނަނީ ބޭރުގެ ޓްރެއިނިންގްތަކުން ޒިހާން؟ ދޮންބެ ކުރިން ކިޔައިދީފަ ހުރި އެކަމަކު އަޑުއެހިއިރު ޝައުޤުވެރިކަމެއް ނެތީމަ ހަނދާނެއްނެތް….” ޔުނާ އެ ވާހަކަ ދެއްކީ އޭގެ އަނެއްދުވަހުގެ ހެނދުނު ޒިހާނާއެކީ ސައިބޯން ހޮޓެލް ރޫމުގައި ހުރި މޭޒުދޮށުގައި އިނދެއެވެ.
“ހެހެ….ވަރަށް ގިނަ ސްކިލްސްތައް ދަސްކޮށްދޭ އިންޓެންސް ޓްރެއިނިންގްއެއް އެއީ. ވަރަށް ގިނަ ޒާތްޒާތުގެ ފަޔާރއާމްސްތައް ބޭނުންކުރަން ދަސްކުރުމާއި، ޑައިވް ކުރުމާ، ޕެރެޝޫޓް ކުރުމާއި، ކަނޑުމަތިން އަދި ވައިގެ ތެރެއިން ވެސް ލިބިދާނެ ޙަމަލާއަކަށް ކައުންޓާރ އެޓޭކްކުރަން ދަސްކުރުން ހިމެނޭ. ސިމްޕްލްކޮށް ބުނަންޏާ ޤައުމަށް އައިސްދާނެ ކޮންމެ ޒާތެއްގެ ދުޝްމިނަކާއި ކުރިމަތިލާން ދަސްކޮށްދޭ ޓްރެއިނިންގްއެއް އެއީ. އެކަންތައް އެ ލެވެލްއަށް ދަސްކޮށްގެން ހުރި މީހަކަށް އެހެންނޫނީ ލަޝްކަރަކަށް ނޫނީ ސްޕެޝަލް ފޯސެސްއަށް ގޮންނުޖެހޭނެ އިން ޝާ ﷲ!” ޒިހާން ކިޔައިދިނެވެ.
**
އައްޑޫ ކަނޑުމަތިން އުދުހެމުން ދިޔަ ކުޑަ ފްލައިޓްގެ ދޮރު ހުޅުވިގެން ދިޔުމާއެކު އެ ދޮރު މައްޗަށް އެރީ ވައިގެ ތެރެއަށް ފީނައިގަންނަން ތައްޔާރަށް ހުރި ޒުވާނެކެވެ. ލައިގެން ހުރި ކަމާއި ގުޅޭ ޖެކެޓުންނާއި އަޅައިގެން ހުރި ހެލްމެޓުން އެއީ ކާކުކަން ނަގައިގަންނަން އުދަގުލެވެ.
ޒުވާނާ ދޮރުމައްޗަށް އެރިތާ 10 ވަރަކަށް ސިކުންތުފަހުން ދެއަތް ދެފަރާތުން ހިއްލައިލަމުން ޖެހިލުންވުމެއްނެތި ވައިގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. އެއާއެކު ބާރު މިނެއްގައި ޒުވާނާ ފްލައިޓާއި ދުރަށް ތިރިއަށް ދާން ފެށިއެވެ. ކިތަންމެ ބާރު މިނެއްގައި ދިޔަ ނަމަވެސް އޭނަ ފުންމާލީ ނުހަނު މަތިން ކަމަށްވުމުން ވައިގެ ތެރޭގައި ފުދޭވަރަކަށް ގިނައިރު ވަންދެން ޒުވާނާ އޮތެވެ. އައްޑޫ ކަނޑާއެކީ އައްޑޫގެ ރަށްތައް ފެންނަމުން ދިޔަގޮތް ކައިރިވަމުން ދިޔަދިޔަހެން ޒުވާނާ ކޮނޑުގައި އޮތް ދަބަހުގައި ހުރި ތަންކޮޅަކަށް ދަމައިލިއެވެ. އެއާއެކު ކުއްލިއަކަށް ދަބަހުގެ ތެރެއިން ހުޅުވިގެން ދިޔަ ޕެރެޝޫޓާއި އެކީ ޒުވާނާގެ ވެއްޓެމުން ދިޔަ ބާރުމިން މަޑުވެގެން ދިޔައެވެ.
ލަސްލަހުން ތިރިވަމުން ގޮސް ޒުވާނާ އޮމާންކަމާއެކީ ފައިޖައްސައި ކުޑަކޮށް ދުވެލީ ގަމުގެ އެއާރޕޯޓާއި ތަންކޮޅެއް ދުރު ހިސާބެއްގައެވެ. އޭނައަށްޓަކައި އެކަން އިންތިޒާމްކުރި ބޭރުގެ ދެ ބަޔަކާއި ދިވެއްސަކު އޭނަގެ އިންތިޒާރުގައި ތިބީ އެހާ ހިސާބުގައެވެ. އެމީހުން ވެސް އެ ޒުވާނާއަށް ބަލަން ތިބީ އަޖާއިބުވެ އަންތަރީސްވެފައިވާ ޙާލުގައެވެ. ޢާއްމު ގޮތެއްގައި އެތަނަށް އަލަށް އަންނަ މީހުންނަކީ އެސިސްޓެންޓަކާއި ނުލާ ކާމިޔާބުކަމާއެކީ ޑައިވް ކުރެވޭ ބަޔަކަށް ނުވާތީވެއެވެ. ޑައިވް ކުރަން ފަރިތަ ގިނަ މީހުންވެސް އާ މާޙައުލެއްގައި ފުރަތަމަ އެކަން ކުރަންވުމުން އެހީއަކަށް އެދޭތީވެއެވެ. އެހެނަސް އެ ޒުވާނާ ވަނީ އެންމެ ފުރަތަމަ ވެސް އެ އެހީއަށް އިންކާރުކޮށްފައެވެ. އަދި އަމުދުން އެ އެހީއާއި ނުލާ ކާމިޔާބު ކަމާއެކީ އެ ޑައިވް ފުރިހަމަ ކޮށްފައެވެ.
ޑައިވް އިންތިޒާމްކުރި މީހުން ބަލަބަލާ ތިއްބާ ޒުވާނާ އަޅުވައިގެން ހުރި ޕެރެޝޫޓް ބިންމައްޗަށް ދެމުނެވެ. އޭގެ ދެވަނަ ސިކުންތުގައި ޒުވާނާ އޭނަ އަޅުވައިގެން ހުރި ދަބަސް ބިންމައްޗަށް ދޫކޮށްލަމުން ބޮލުގައި އެޅިފައިވި ހެލްމެޓް ނަގައި އެ ތިން މީހުންނާއި ދިމާލަށް އެނބުރިލިއެވެ. އެ ހިނދު ޒުވާނާގެ ދިގު ބައްޓަމަށް ހުރި މޫނާއި، ކަނދުރާއާއި ހަމައަށް އޮތް ރާޅު ބާނި އިސްތަށިގަނޑު ފެނިގެން ދިޔައެވެ. ހަމުގެ ކުލަ އާދަޔާ ޚިލާފު ގޮތަކަށް އަލިވެފައި ލޯ ހަނި ގޮތަކަށް ހުރި ގޮތުން ބޭރު މީހަކާއިވެސް އެ ޒުވާނާ ވައްތަރުވިއެވެ. އެހެނަސް އެތާ ތިބި ތިން މީހުން ކައިރިއަށް އައިސް އެ ޒުވާނާ ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ.
“ވަރަށް ބޮޑަށް ޝުކުރިއްޔާ މި ތަޖުރިބާއަށްޓަކައި…..ވަރަށް ފުރިހަމައަށް ހުރިހާ ކަމެއް ހަމަޖައްސަވައި ދެއްވީތީ ޓިޕްއެއް ދޭން ބޭނުން.” ޒުވާނާ އެހެން ބުނެލުމާއެކު އޭނަގެ ކުރިމަތީގައި ހުރި ފިރިހެން މީހާ އުފަލާއެކީ ހީލިއެވެ.
“ވީ އާރ ގްލޭޑް ޔޫ ލައިކްޑް އިޓް މިސްޓަރ ޒުބީން. ޗޭންޖްކުރަން ވަޑައިގަންނަވާ އެތެރެއަށް. އަވަސް މުސްތަޤްބަލެއްގަ އަނެއްކާވެސް ތި ބޭފުޅާ ފެންނާނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން.” އެ ފިރިހެން މީހާ ހިނިތުންވުމަކާއެކީ ބުނި ވަގުތަކީ މަތިން ހެލިކޮޕްޓަރެއް އުދުހެމުން ދިޔަ އަޑު އިވުނު ވަގުތެވެ. އެއާއެކު އެތާ ތިބި ތިން މީހުންނާއެކީ ޒުބީން ވެސް މައްޗަށް ނަޒަރު ހިންގައިލިއެވެ. އެ ހިނދު ސިފައިންގެ ހެލިކޮޕްޓަރު މައްޗަށް އަރަމުން އެ ރަށާއި ދުރަށް އުދުހިފައި ދަނީއެވެ.
“ހިއެއްނުވޭ އަވަސް މުސްތަޤްބަލެއްގަ އާދެވޭނެ ހެންނެއް. މި އުޅެނީ އެހެން ތަނަކަށް ފުރަން.” ޒުބީން އެ ބަސްތައް ބުނެލީ ހެލިކޮޕްޓަރުން ނަޒަރު ވަކި ކުރުމެއްނެތިއެވެ.
**
ހުކުރު ދުވަހާއި ހޮނިހިރު ދުވަހުވެސް ޒިހާން ގިނައިރު ވަންދެން ޑިއުޓީގައި ހުންނަން ޖެހުނެވެ. ޙަމަލާ ދޭން އުޅޭ މީހުންގެ ޙަރަކާތްތަކަށް ބަދަލުތަކެއް އަންނަމުން ދިޔަހެން ހީވީތީ އެމީހުންގެ ރޭވުންތަކަށް ވެސް ބަދަލު ގެންނަން ޖެހުނެވެ. އަދި ޙާލަތްތައް ބަދަލުވެދާނެ ގޮތަކާއިމެދު ވިސްނުމަށްފަހު އޭގެއިން ކޮންމެ ޙާލަތަކަށް ވަކި ރޭވުމެއް ރާވަން ޖެހުނެވެ.
މި ހުރިހާ ކަމެއްގެ ސަބަބުން ޒިހާނަށް ޔުނާއާއެކީ ހޭދަކުރެވޭ ވަގުތުތައް މަދުވިއެވެ. އެހެނަސް ޔުނާ އެކަމާއިމެދު ޝަކުވާއެއް ނުކުރެއެވެ. ޒިހާން މަސައްކަތް ބުރަވަނީ ކީއްވެކަމާއިމެދު ސުވާލުކުރުމުން ޒިހާން އެއީ ސިއްރެއްކަމަށް ބުނުމުން ވެސް ޔުނާ އިތުރު ސުވާލުތަކެއް ނުކުރެއެވެ. އެއިން ވެސް ޒިހާންގެ ހިތުގައި ޔުނާއަށްޓަކައިވި ލޯތްބާއި ޤަދަރު އިތުރުވުން ނޫންކަމެއް ނުވިއެވެ.
ޚުދު ޔުނާގެ ހިތުގައި ޒިހާނަށްޓަކައިވާ އިޙްތިރާމް ވެސް ދެގުނަވަމުން ދިޔައެވެ. ޔުނާގެ ދޮންބެ އަދާކުރަމުން ދިޔަފަދަ ޒިންމާދާރު މަސްއޫލިއްޔަތެއް ޒިހާން އުފުލަމުން ދިޔައީތީވެއެވެ. ހަމަ މިއާއެކު ޒިހާންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ވެސް ދުޢާ ކުރެވެމުން ދިޔައެވެ. ޒިހާނާއިމެދު ފިކުރުކުރެވެމުން ދިޔައެއްކަމަކު ޔުނާ އެކަން ނުދައްކައިވޭތޯ މަސައްކަތް ކުރެއެވެ. އަދި ބަދަލުގައި ޒިހާނާއެކީ ހޭދަކުރެވޭ މަދު ވަގުތުކޮޅުތައް އުފާވެރިކަމާއެކީ ހޭދަކުރެވޭތޯ ބަލައެވެ. ލޯބިވާ މީހަކު އެންމެ ފަހު ފަހަރަށް ފެންނާނީ ކޮން ފަހަރަކުކަން ނޭނގިދާނެކަން މިހާރު ޔުނާއަށް އެނގޭތީވެއެވެ.
ޒިހާނާއިމެދު ކުރެވެމުން ދިޔަ ފިކުރުތައް މަދު ކުރުމަށްޓަކައި ޔުނާ ހޮޓެލްގެ މަސައްކަތްތަކަށާއި އޭނަގެ ކިޔެވުމަށް ބޮޑު ސަމާލުކަމެއް ދިނެވެ. ހޮނިހިރު ދުވަހުގެ ރޭ ޔުނާ ހޮޓެލުން ބޭރަށް ދިޔައީ ސްކޫލެއްގައި އުޅޭ ކައުންސެލަރަކާއި ބައްދަލުކޮށްލުމަށެވެ. މާލޭގެ މާޙައުލުގައި އުޅޭ ކުދިންގެ ނަފްސާނީ ޙާލަތު ހުންނަ ގޮތާއި މެދު ކުޑަ ދިރާސާއެއް ކުރުމަށެވެ. ޔުނާ އެ ބައްދަލުވުމުން ނިމިގެން އެގެއިން ނިކުތް ވަގުތު ޒިހާން އޭނައަށް ގުޅިއެވެ. ޒިހާން ގުޅީ އެރޭ އޮތް ކައިވެނި ޕާޓީގެ މަތިން ޔުނާއަށް ހަނދާން ކޮށްދިނުމަށެވެ.
“ދެންމެ އިނގޭ މެސެޖުވެސް މި ފެނުނީ. ނިމިއްޖެތަ އިންޓަވިއު މިހާރު؟ ތި ތަނަކަށް ގޮއްސަ ދެން އެހެން ތަނަކަށް ދާންވީމަ ޔުނޫ ބަލިވެސް ވާނެދޯ؟” ޒިހާން އެހެން ބުނެލީ ސައިކަލު މަތީގައި އިނދެ ބްލޫޓޫތުން ވާހަކަ ދައްކަމުންނެވެ.
“ނޫނޭ މިހާރު ހަމަ މި ނިމުނީ. އެހާ ބައްޔެއް ނޫން މިރޭ. ތައްޔާރުވެސް ވެގެން މިހިރީ. ޒިހާން މަގުމަތީގަދޯ ތިހިރީ؟” ޔުނާ ފޯނުން ވާހަކަ ދައްކަމުން ކާރަށް އަރައި ދޮރު ލެއްޕިއެވެ.
“ހުމް….ހޮޓެލާއި ކައިރިވަނީ މިހާރު…” ޒިހާން އެހެން ބުނެލީ ހޮޓެލް ހުންނަ ގޯޅިން އަޅަމުންނެވެ.
“ގްރޭޓް! އަހަރެން ވެސް މިދަނީ ހޮޓެލަށް. ގޮއްސަ ދެމީހުން އެކީ ކާރުގަ ދަމާ….” ޔުނާ ޚިޔާލުދިނެވެ. ޒިހާން އެ ވާހަކައާއި އެއްބަސްވުމުން ދެމީހުން އެކީގައި ފޯނު ކަނޑާލިއެވެ. އެއާއިއެކު ޔުނާ ވެސް ކާރު ސްޓާޓްކޮށްލަމުން ކާރު ދުއްވާލިއެވެ.
ކާރުގައި ޔުނާއަށް ހޮޓެލާއި ހަމައަށް އާދެވޭ ގޮތްވީ އޭގެ 10 ވަރަކަށް މިނެޓް ފަހުންނެވެ. ކާރު ޕާކްކުރުމަށްފަހު ޔުނާ ކާރުން ފައިބައިގެން ހޮޓެލަށް ވަންވަގުތު އޭނަގެ ކާރުގެ ފަހަތުގައި އެހެން ކާރެއް މަޑުކުރިއެވެ. އެކަން ފާހަގަ ނުކުރެވުނު ޔުނާ ގޮސް ހޮޓެލަށް ވަން ވަގުތު ހޮޓެލްގެ ޓީވީއިން ހުޅުވާލެވިފައިވީ ސަރުކާރުގެ ޗެނަލެވެ. އެވަގުތު އެ ޗެނަލުން ފޮނުވަމުން ދިޔައީ މަޖިލިސް އިންތިޚާބުގައި އެކި ދާއިރާތަކަށް ހޮވުނު މީހުންގެ ނަންތައް ކިޔަމުން ދިޔަ ޕްރޮގްރާމެކެވެ.
“413 ވޮޓާއެކު މި ދާއިރާއިން ހޮވިފައި މިވަނީ އިބްރާހިމް ޖިނާހު ލަބީބް…” އިވުނު ނަމަކުން ހިނގާފައި ދިޔަ ޔުނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. އޭގެ ދެވަނަ ސިކުންތުގައި ފާރުގައި ހަރުކޮށްފައި ހުރި ޓީވީއަށް ނަޒަރެއް ދެވުނީ އިޚްތިޔާރަކާއި ނުލައެވެ. އެ ހިނދު ޓީވީއިން ޖިނާހާއި ބެހޭ ވާހަކަތައް ކިޔައިދެމުން ދިޔައިރު ޓީވީ ސްކްރީނުން ދެއްކެމުން ދިޔައީ ޖިނާހުގެ އެކިއެކި ކެމްޕެއިން ޙަރަކާތްތަކެވެ. އެ ހިނދު ޔުނާއަށް އަސަރެއް ނެތް ގޮތަކަށް ހީލެވުނީ ކަމެއް އެނގުންވުމުންނެވެ. އެ ނަމަކުން ވެސް އޭނަ އެތައް ދުވަހެއް ވަންދެން ބަލިކަށިވި ނަމުގެ ވެރިޔާގެ ސޫރަ ފެނުމުން ވެސް މިއަދު އޭނަގެ ހިތަށް އަސަރެއް ނުކުރާ ކަމެވެ. އޭނަގެ ހިތް ދުވަހަކުވެސް އެ ހައިޖާނުން ސަލާމަތް ނުވާނެކަމަށް ޔުނާ ހާދަ ހީކުރިއެވެ. އެހެނަސް ޒިހާން ބުނަނީ ތެދެއްތާއެވެ. ހިތްތައް ބަދަލުކުރައްވާ ރަސްކަލާނގެ އެ ހިތްތައް ބަދަލުކުރެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ. އެ ހިތްތަކަށް އެންމެ ރަނގަޅުވާނެ ގޮތް މެދުވެރި ކުރައްވައި ރަނގަޅު ގޮތާއިމެދު އެ ހިތްތަކުގައި ހަމަޖެހުން ލެއްވުމަށް ވެސް އެކަލާނގެ ކުޅަދުންވަންތަވެ ވޮޑިގެންވެއެވެ.
އެކަން އެނގުންވި ހިނދު ޔުނާއަށް އަނެއްކާވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނީ ޓީވީއަށް ނަޒަރު ހުއްޓައިގެން ހުރެއެވެ. އެއަށްފަހު ޓީވީއިން ނަޒަރު ވަކި ކޮށްލަމުން ޔުނާ ލިފްޓާއި ދިމާލަށް ހިނގައިގަތް ވަގުތު އޭނައަށް ބަލަން ހުރި މީހަކަށް ނެގުނީ ޔުނާގެ އެ ހިނިތުންވުމުގެ ނުބައި މާނައެކެވެ.
ޔުނާ ގޮސް ލިފްޓްގެ ދޮރު ހުޅުވައިލި ވަގުތު ލިފްޓް ހުރީ ހުހަށެވެ. ލިފްޓަށް އަރައި ދާންވީ ފަންގިފިލައިގެ ނަންބަރަށް ފިތާލުމާއެކު އެ ދޮރު ލެއްޕެން ފެށިއެވެ. ދޮރު ދެފަރާތުން ގޮސް ޖެހެން އުޅުނު ވަގުތު ކޮންމެވެސް މީހަކު އެ ހަނި ދާއިރާއިން އިނގިލިތައް ގެނެސް ދޮރުގެ އެއްފަރާތުގައި ހިފައިލިއެވެ. އެއާއެކު އަނެއްކާވެސް ދޮރު ހުޅުވެން ފެށުމުން ޔުނާއަށް ކުރިމައްޗަށް ނަޒަރު ހުއްޓައިލެވުނެވެ. އެ ހިނދު އެ ދޮރުމަތިން ޔުނާއަށް ފެނިގެން ދިޔައީ ޖިނާހު ނޫން ދެވަނަ މީހެއް ނޫނެވެ.
ޖިނާހު އެއްމިޔަކަނުގެ ހިނިތުންވުމަކާއެކީ ލިފްޓަށް އަރަން ފެށުމުން ޔުނާގެ ހިތް ތެޅެން ފެށީ ގަތް ބިރެއްގެ ބޮޑުކަމުންނެވެ. އެންމެ ފަހުން ޖިނާހު އޭނައާއި ބައްދަލުކުރި ދުވަހު ކަންތައް ކުރަން އުޅުނު ގޮތް ހަނދާންވުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް ޔުނާ ވަގުތުން އެ ލިފްޓުން ފައިބަން ހިތަށްއެރިއެވެ. އެހެނަސް ޔުނާ ޙަރަކާތެއް ގެންނަން ނުކުޅެދިފައި ވަނިކޮށް ލިފްޓުގެ ދޮރު އެއްކޮށް ލެއްޕިގެން ދިޔައެވެ.
“ހައި….” ޖިނާހު އެންމެ މަތީ ފަންގިފިލައިގެ ނަންބަރަށް ފިތާލަމުން އެހެން ބުނެލީ ޔުނާއަށް ބަލައިލަމުންނެވެ.
ޖިނާހު ބުނި އެއްޗެއްގެ ޖަވާބުގައި ޔުނާ އެއްވެސް އެއްޗެކޭ ބުނަން ގަސްދެއް ނުކުރިއެވެ. ޖިނާހު އެއްޗެކޭ ބުނި ކަމަށްޓަކައި ވެސް ޔުނާ އައީ ރުޅިއެވެ. އެ ހިމޭންކަމުގެ ތެރެއިން އަނެއްކާވެސް ވާހަކަ ދެއްކީ ޖިނާހެވެ.
“މިއީދޯ ޔުނޫ އިންތިޒާރު ކުރަމުން އައި ދުވަސް؟ އަހަރެން ކާމިޔާބު މީހަކަށް ވެގެން އަހަރެން ޔުނޫއާއި އިންނަން ތައްޔާރު ވާނެ ދުވަސް. ހެހެ……” ޖިނާހު ބޭނުންކުރީ އޭނަ ޔުނާގެ ލޯބިވެރިޔާގެ ގޮތުގައި އުޅުނުއިރު ގެންގުޅުނު ރާގެވެ. އެއިން ވެސް ޔުނާ އިތުރަށް ނުރުހުންވުން ނޫންކަމެއް ނުވިއެވެ. އެއްޗެކޭ ބުނަން ބޭނުމެއް ނުވީ އެ ނުރުހުންތެރިކަމުގެ ސަބަބުންނެވެ.
“އަދިވެސް ލަހެއްނުވޭދޯ އަނެއްހެން. އަހަރެން މިހިރީ ހުހަށް. ޔުނާ މިހާރު ތި އިނދެގެން ހުރި މީހާ ކައިރިން ވަރިއަށް އެދިފަ ވަކިވެގެން އައިއްސިޔާ މަ އަދިވެސް މިހިރީ ޔުނޫއާ އިންނަން ތައްޔާރަށް…..ހިއެއްނުވޭ ޔުނޫ ތިއުޅެނީ އޭނައާއެކީ އުފަލުގަ ހެންނެއް. އޭނައަކީ ޔުނޫއަށް ވަގުތު ދެވޭ މީހެއްވެސް…..” ޖިނާހުގެ ވާހަކަ މެދުކެނޑުނެވެ.
“ޚަބަރުދާރު! ޚަބަރުދާރު ޒިހާނާއި މެދު އެއްވެސް ނޭދެވޭ ވާހަކައެއް ތި ދުލުން ދެއްކިއްޔާ. އަހަރެންގެ ޒަވާޖީ ޙަޔާތުގަ އަހަރެން މިއުޅެނީ ކިހާ އުފަލުގަކަން އެހެން މީހަކަށް ސާބިތުކޮށްދޭން އަހަރެން ނުޖެހޭނެ. ދުވަހެއްގެ ކޮޅުން ވެސް އަހަރެން އަހަރެންގެ ފިރިމީހާއާއި ވަކިވާން ޚިޔާލެއް ނުކުރާނަން އިން ޝާ ﷲ! އަޑުއިވިއްޖެ؟” ޔުނާ ރުޅިވެރިކަމާއެކީ އެހެން ބުނެލި ވަގުތަކީ ލިފްޓު މަޑުކޮށްލި ވަގުތެވެ. އޭގެ ދެވަނަ ސިކުންތުގައި ލިފްޓުގެ ދޮރު ހުޅުވެން ފެށިއެވެ. އެ ހިނދު އެ ދޮރު މަތީގައި ހުރީ ޒިހާން ނޫން ދެވަނަ މީހެއް ނޫނެވެ. ޔުނާއާއި ޖިނާހު އެކަކު އަނެކަކަށް ބަލަން ތިބެފައި ކުރިމައްޗަށް ނަޒަރު ހުއްޓައިލި ވަގުތު ދެމީހުންވެސް ހުއްޓުން އަރާ ގޮތްވިއެވެ. އިސާހިތަކު ޖިނާހު އެ ވަގުތުގެ ބޭނުން ހިފިއެވެ.
“އޫޕްސް……ޒިހާނަށް އަބަދުހެން ޒިހާންގެ އަންހެނުން މި ފެންނަނީ އެއް ފިރިހެނަކާއެކީ ދޯ؟ ކިހިނެއްބާ މި ވަނީ؟” ޖިނާހު ރާގަކަށް ވާހަކަ ދައްކަމުން ލިފްޓުން ފޭބުމާއެކު ޔުނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ޒިހާންގެ ކައިރީގައި މަޑުކޮށްލިއެވެ.
“އަހަރެންގެ ވެސް ހިތަށްއަރާ ކިހިނެއްހޭ ދެން ހަދަންވީ؟ އަހަރެންގެ އަންހެނުންނާއި އަޅައިގެން އުޅޭ ފިރިހެނަކު ހުންނާތީ ފުލުހުންނަށް ރިޕޯޓްކުރަންވީތަ؟” ޒިހާންވެސް ރުޅިވެރިކަމާއެކީ އެ ރާގަށް ބުނެލުމުން ޖިނާހުގެ ދަތްކުނޑި ވިކުނެވެ. އެއާއެކު ޒިހާން އޭނައަށް ވަކި އިތުރު ސަމާލުކަމެއްނެތި ޔުނާގެ އަތުގައި ހިފައިގެން ޖިނާހަށް ފަސްދީފައި ދާން އުޅުނެވެ.
“ކަލޭ ތިހިރީ އަދި އަހަންނަށް ރިޕޯޓްކުރެވިދާނެ މާ ބޮޑު ކަމެއްކޮށްފަ. މައުސޫމް އަންހެނަކާއި އޭނަގެ ދަރިފުޅު މަރާލުމުގަ ބަޔަކު މީހުންނަށް އެހީވެފަ…..ކަލެއަށް މިކަމުން ރެކިދާނެކަމަށް ހީނުކުރާތި!” ޖިނާހު ހަރު އަޑުން ބުންޏެވެ. އެއާއެކު ޒިހާނާއެކީ ޔުނާގެ ފިޔަވަޅުތައް ވެސް މަޑުޖެހުނެވެ. އެވަގުތަކީ ޖިނާހު މޫނު އަނބުރައިލަމުން އަނެއްކާވެސް ލިފްޓަށް އަރަން ބަޓަނަކަށް ފިތާލި ވަގުތެވެ. ހަމަ އެހިނދު ޒިހާން ބުނެލި ވާހަކައިން ޖިނާހު ހުއްޓުން އަރާ ގޮތްވިއެވެ.
“އަހަންނަށް ހީވަނީ ލޫލޫ މިކޮޅަށް ނުގެނެވުނީ ހަމަ ރަނގަޅަށްހެން. ލޫލޫގެ ބޭބެ އުޅޭގޮތް ފެނިފަ ލޫލޫވެސް ދެރަވުން ނޫންކަމެއް ނުވާނެވިއްޔާ…” ޒިހާން ޖިނާހަށް އިވޭވަރަށް ބުނެލި ވާހަކައިން ޖިނާހަށް އެމީހުންނާއި ދިމާލަށް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ.
ނުނިމޭ